بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އާދެ، މިރޭ އަޅުގަނޑުމެން މިފާހަގަކުރަނީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގެ އަދި ރާއްޖޭގެ ޤައުމީ ޙަޔާތުގެ ވަރަށް އުފާވެރި، ވަރަށް މުހިންމު މުނާސަބަތެއް. އެހެންކަމުން، މިރޭގެ މިއުފާވެރި ޖަލްސާގައި އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމަށް ދެކެނީ، އަމީނިއްޔާ ސްކޫލަށް 50 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތުގައި، އަޅުގަނޑު މިއަދު މިހުރި މަގާމުގެ ގޮތުން، އަޅުގަނޑުގެ ނުހަނު ލޮބުވެތި ދަރިންތަކެއް ކަމުގައިވާ، އަމީނިއްޔާ ސްކޫލުގެ ދަރިވަރުންނަށް އިޚްލާޞްތެރިކަމާއި ލޯތްބާއެކީގައި ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުން.

އާދެ، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ރަމްޒުކޮށްދޭ، އަޅުގަނޑުމެންގެ ޤަދަރުވެރި ޤައުމީ ދިދައިގެ އެއްކުލަ ކަމުގައިވާ، ފެހިކުލައިން ޒީނަތްތެރިވެފައިވާ މި ޖަލްސާގައި އަޅުގަނޑުގެ އަނެއް ވާޖިބަކީ މި އުފާވެރި މުނާސަބަތުގައި އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް މިސިޒް އެމް.ކޭ. ވެލިކަލަޔަށާއި، ސްކޫލުގެ ހިންގުންތެރިންނަށާއި، ސްކޫލުގައި ކިޔަވައިދެއްވާ ޓީޗަރުންނާއި، މުދައްރިސުންނަށާއި އަދި އަމީނިއްޔާގެ ކުރީގެ ދަރިވަރުންނަށާއި، އަމީނިއްޔާގެ ދަރިވަރުންގެ މައިންބަފައިންނާއި، ބެލެނިވެރިންނަށް އަދި އަމީނިއްޔާއަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކަށްވެސް މިއަދުގެ މުނާސަބަތުގައި ތަހުނިޔާއާއި މުބާރަކްބާދީ ރައްދުކުރުން.

އާދެ، ސްކޫލުގެ ކުރީގެ ހިންގުންތެރިންނާއި، ޓީޗަރުންވެސް އަޅުގަނޑުގެ މި މުބާރަކްބާދީގެ ޝުޢޫރުތަކުގައި ހިމަނަން. އޭގެތެރެއިން ބައެއްބޭފުޅުން މިޖަލްސާއަށް ވަޑައިގެން ތިއްބެވިކަމީ ޝައްކެއްނެތްގޮތުގައި، މިޖަލްސާއަށް ލިބޭ އިތުރު ފުރިހަމަކަމެއް. އާދެ، އަމީނިއްޔާ ސްކޫލް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވާފައިވާ އެއްބޭފުޅަކު، އެއް ޢިއްޒަތްތެރިޔަކު މިރޭ އަޅުގަނޑުމެންގެ މިޖަލްސާގައި އެބަ އިންނެވި. އާދެ، އަންނަބީލާ ފާޠިމަތު އިބްރާހީމްދީދީ. އެހެންކަމުން، އެކަމަނާއަށްވެސް މިރޭގެ މުނާސަބަތުގައި ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ، ވަރަށްބޮޑު އުފަލެއް. ހަމަ އެހެންމެ، މިރޭގެ މި އުފާވެރި ޖަލްސާގައި އަމީނިއްޔާގެ ދަރިވަރުންގެ ތެރެއިން އެންމެ ޚިދުމަތްތެރި 50 ދަރިވަރުންކަމުގައި ހޮވިގެން އެބޭފުޅުންނަށް، ޚިދުމަތުގެ ތަރި ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށްވެސް އަމީނިއްޔާގެ ރަންޔޫބީލުގެ މުނާސަބަތުގައާއި، އެބޭފުޅުންނަށް އެ ޙައްޤުވާ އިނާމު ލިބިވަޑައިގަތުމުގެ މުނާސަބަތުގައި އަޅުގަނޑުގެ ހިތުގެ ހެޔޮއެދުންތައް ރައްދުކުރަން. އޭގެ އިތުރުން، ދިގުމުއްދަތެއް ވަންދެން އަމީނިއްޔާގައި ކިޔަވައިދެއްވާފައިވުމުގެ ސަބަބުން ނުވަތަ އަމީނިއްޔާގައި އެހެނިހެން ވަޒީފާތައް އަދާކުރައްވާފައިވުމުގެ ސަބަބުން މިރޭ ހަނދާނީ ލިޔުން ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރި މަރުޙަބާއެއް ދެންނެވުމަކީ، އަޅުގަނޑަށް ދޫކޮށްނުލެވޭވަރުގެ ބޮޑު އުފަލެއް.

ޝައްކެއްނެތް، މިރޭ އަޅުގަނޑުމެން މި ފާހަގަކުރާ މުނާސަބަތަކީ ވަރަށް މުހިންމު މުނާސަބަތެއް. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ކިތަންމެ ބޭފުޅަކު ވިދާޅުވި ފަދައިން، ހަމައެކަނި އަންހެން ކުދިންނަށް ކިޔަވައިދޭ، ރާއްޖޭގައި ހުރި މަދްރަސާއަކީ އަމީނިއްޔާ ސްކޫލް. އަދި އެ ސްކޫލަށް 50 އަހަރު ފުރުމަކީ އަންހެންކުދީންގެ ތަރައްޤީއަށް ރާއްޖޭގައި ކުރެވެމުންދާ ޚިދުމަތްތައް ވަރަށްބޮޑަށް ފާހަގަކޮށްލުން އެކަށީގެންވާ މުނާސަބަތެއް. އާދެ، އަމީނިއްޔާ އަޅުގަނޑުމެންނަށް ސާބިތުކޮށްދީފައިވަނީ، ތަޢުލީމާއި ތަރުބިޔަތަކީ ހަމައެކަނި ފިރިހެނުންގެ ޙައްޤެއް ނޫންކަން. ޤައުމަށް ޚިދުމަތް ކުރުމަކީވެސް ހަމައެކަނި ފިރިހެނުންގެ ވާޖިބެއް ނޫންކަން. އަމީނިއްޔާއިން ތަޢުލީމާއި ތަރުބިޔަތު ލިބިވަޑައިގެން، ޤައުމަށާއި ސަރުކާރަށާއި ރައްޔިތުންނަށް ޚިދުމަތް ކުރައްވަމުން ގެންދަވާ، ވަރަށްގިނަ ބޭފުޅުންތަކެއް އަޅުގަނޑުމެންގެ ކުރިމަތީގައި އެބަ ތިއްބެވި. އެބޭފުޅުންގެ ޚިދުމަތްތައް މިއަދު ދަނީ ދިވެހި ޤައުމަށް ލިބެމުން. އެކަމުން ދޭހަކޮށްދެނީ، ރާއްޖެ ކުރިއަރަމުންދާ މިންވަރު. ރާއްޖޭގައި އަންހެނުންނާއި ފިރިހެނުންނާ، އެ ދެބައިމީހުންވެސް އެމީހުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި ފަސްނުޖެހޭކަން.

އާދެ، މިރޭ އަޅުގަނޑަށް އަމިއްލަގޮތުންވެސް އިޙްސާސްކުރެވޭ، ވަރަށްބޮޑު އުފަލެއް އެބައޮތް. އާދެ، އެއީ މީގެ 23 އަހަރު ކުރިންނަމަވެސް އަމީނިއްޔާ ސްކޫލުގައި ކިޔަވައިދިނުމުގެ އުފާ އަޅުގަނޑަށް ލިބިފައިވާތީ. އަޅުގަނޑުގެ ހިތަށްއަރާ، އަމީނިއްޔާ ސްކޫލުގައި ކިޔަވައިދިނުމުގެ މަސައްކަތުގައި އަޅުގަނޑަށް އެ ހުރިގޮތަށް ހުރެވުނުނަމަ، މިރޭ ކޮންމެވެސްކަހަލަ އިނާމެއް އަޅުގަނޑަށްވެސް ލިބުނީހޭ. އާދެ، އަޅުގަނޑަށް އެފަދަ އިނާމެއް މިރޭ ނުލިބުނުނަމަވެސް، އަޅުގަނޑު ކިޔަވައިދިން ބައެއް ބޭފުޅުންނާއި ނުވަތަ އަޅުގަނޑާއެކުގައި އަމީނިއްޔާ ސްކޫލުގައި ކިޔަވައިދެއްވަން އުޅުއްވި ބައެއް ބޭފުޅުންނަށް، މިރޭ ތަރިއާއި ހަނދާނީ ލިޔުން ލިބެމުންދިޔުމުން އަޅުގަނޑުގެ ހިތަށް ވަރަށް ޚާއްޞަ އުފަލެއް އިޙްސާސް ވެގެންދިޔަ.

އާދެ، ރާއްޖޭގައި މަދްރަސާއަކަށް 50 އަހަރު ފުރުމަކީ ވަރަށްބޮޑު ކަމެއް. އަޅުގަނޑުމެންގެ ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުގައި މާބޮޑަށް ކުރިއަރާފައިވާ ޤައުމެއް ނޫން. ރާއްޖޭގައި ދެވެން ހުންނަ ޚިދުމަތްތަކަކީވެސް މާ ޢުމުރުން ދޮށީ ޚިދުމަތްތަކެއް ނޫން. ދުނިޔޭގެ ބައެއް ތަންތާނގައި އެކިއެކި ތަޢުލީމީ މަރުކަޒުތަކަށާއި ޔުނިވަރސިޓީތަކަށް 1000 އަހަރު ފުރުން ނުވަތަ 500 އަހަރު ފުރުން ނުވަތަ އެފަދަ ދިގު އެހެން މުއްދަތެއް ފުރުން ފާހަގަކުރަމުން ގެންދާތަން އަޅުގަނޑުމެންނަށް ފެނޭ. އަޅުގަނޑުމެންގެ ރާއްޖޭގައި އެވަރު ނުވިކަމުގައިވިޔަސް އަޅުގަނޑުމެންގެ ތަޢުލީމީ މަރުކަޒަކަށް، އަޅުގަނޑުމެންގެ ސްކޫލަކަށް 50 އަހަރު ފުރުމަކީ ވަރަށް ޚާއްޞަ ކަމެއް.

އާދެ، މިގޮތުން ރާއްޖޭގައި މިހާރު ހިނގަމުންދާ މަދްރަސާތަކުގެ ތެރެއިން، މީގެކުރިން 3 ސްކޫލަކަށް 50 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަވެގެން ހިނގައްޖެކަން، މި ފުރުޞަތުގައި އަޅުގަނޑުގެ ހަނދާނަށް ގެންނަން. އާދެ، ރާއްޖޭގައި ހުރި އެންމެ ޚާއްޞަ، ފިރިހެންކުދިންގެ މަދްރަސާ ކަމުގައިވާ، މަޖީދިއްޔާ ސްކޫލަށް 50 އަހަރު ފުރުނީ، މީގެ 17 އަހަރު ކުރިން 1977 ވަނަ އަހަރު. ނައިފަރު މަދްރަސަތުލް އިފްތިތާޙަށް 50 އަހަރު ފުރުނީ މީގެ 12 އަހަރު ކުރިން 1982 ވަނަ އަހަރު. އަދި އައްޑުއަތޮޅު މީދޫ މަދްރަސަތުލް ޤާޟީ މުޙަންމަދު ޝަމްސުއްދީނަށް 50 އަހަރު ފުރުނީ މިދިޔަ އަހަރު. މިގޮތުން އަމީނިއްޔާ ސްކޫލަކީ ރާއްޖޭގައި ހުރި މަދްރަސާތަކުގެ ތެރެއިން 50 އަހަރު ފުރުނު 4 ވަނަ މަދްރަސާ. އާދެ، އަޅުގަނޑު ދެކޭގޮތުގައި މިއީ، ކުޑަކަމެއް ނޫން. ރާއްޖޭގައި ހިނގަމުންދާ 4 ސްކޫލަކަށް 50 އަހަރު ފުރުނުކަން އެއީ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް ކަންތައްތައް ތަރައްޤީވަމުންދާ މިންވަރު ހާމަކޮށްދޭ ދަލީލެއްކަމުގައި އަޅުގަނޑު ދެކެނީ. އަދި މިއަންނަ އަހަރުވެސް ރާއްޖެތެރޭގެ ސްކޫލަކަށް، އާދެ، ހޮޅުދޫ މޭނާސްކޫލަށް 50 އަހަރު ފުރޭކަން ވަރަށް އުފަލާއެކު މިފުރުޞަތުގައި އަޅުގަނޑު ހަނދާންކުރަން.

އަމީނިއްޔާ ސްކޫލް ނުވަތަ މަދްރަސަތުލް އަމީނިއްޔާގެ ވާހަކަ ދައްކާއިރު، އެ ސްކޫލުގެ ނަން ނިސްބަތްވެފައިވާ ޢިއްޒަތްތެރިޔާއަށް އިޝާރަތްނުކޮށް ދޫކޮށްލުމަކީ ކުރެވޭވަރުގެ ކަމެއްނޫން. އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންވެސް، ސުމުއްވުލްއަމީރު އަލްމަރްޙޫމް މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވާހަކަފުޅު ވިދާޅުވެއްޖެ. އެ ކިލެގެފާނަށް ޙައްޤުވެގެންވާ ޝުކުރާއި ތަޢުރީފު އަދާކުރައްވައިފި. އެހެންނަމަވެސް އެ ވާޖިބަކީ އަޅުގަނޑުވެސް އަދާކުރަންޖެހޭނެ ވާޖިބެއްކަމުގައި އަޅުގަނޑު ހެޔޮހިތުން ޤަބޫލުކުރާތީ، ސުމުއްވުލްއަމީރު އަލްމަރްޙޫމް މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ދިވެހިރާއްޖޭގެ ތަޢުލީމަށް، ރާއްޖޭގެ ތަހްޛީބަށް، ރާއްޖޭގެ ތަރައްޤީއަށް ކުރައްވާފައިވާ ގިނަގުނަ ޚިދުމަތްތައް ފާހަގަކޮށް، ހިތުގެ އެންމެ އިޚްލާޞްތެރި ޝުކުރާއި ތަޢުރީފާއެކު، އެ ކިލެގެފާނުގެ ފުރާނަފުޅަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އަޅުގަނޑު ދުޢާކުރަން.

އާދެ، އަމީނިއްޔާ ސްކޫލުގެ އެންމެ ކުރީގެ ނާޡިރާ ނުވަތަ ޕްރިންސިޕަލް އަންނަބީލާ އަލްމަރްޙޫމާ އާމިނަތު ޙުސައިންގެ ނަންފުޅުވެސް މިރޭ ކޮންމެ މީހަކުވެސް ފާހަގަކުރަންޖެހޭނެ. އެކަމަނާއަކީ، ވަރަށް އިޚްލާސްތެރިކަމާއެކީގައި ގިނަދުވަސްތަކެއް ވަންދެން އަމީނިއްޔާ ސްކޫލަށް ޚިދުމަތް ކުރައްވާފައިވާ ޢިއްޒަތްތެރިއެއް. އެހެންކަމުން، އެކަމަނާގެ އެ އަގުހުރި ޚިދުމަތްތައް ހަނދާންކުރަމުން، އެކަމަނާގެ ފުރާނަފުޅަށްވެސް މާތް ﷲގެ ރަޙްމަތްފުޅާއި މަޣްފިރަތު ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އަޅުގަނޑު އިބްތިހާލުވަން.

މިވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި އަމީނިއްޔާ ސްކޫލަށް ވަރަށްބޮޑެތި ބަދަލުތަކެއްވަނީ އައިސްފައި. އަޅުގަނޑު ނުދެންނެވިޔަސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެންމެ ފުރަތަމަ އެ ސްކޫލް ފެށިފައިވަނީ މަދްރަސަތުއްސަނިއްޔާގެ އަންހެންކުދިންގެ ގޮފީގެ ނަމުގައި. ކިޔަވައިދެމުން ގެންދެވީ ރޭގަނޑުގެ ވަގުތުކޮޅެއްގައި. އޭރުތިބީ ވަރަށްމަދު ދަރިވަރުންކޮޅެއް. އެހެންނަމަވެސް، މިވޭތުވެދިޔަ 50 އަހަރުދުވަހުގެ ތެރޭގައި އަމީނިއްޔާ ސްކޫލަށް ތަފާތު ބޮޑެތި ބަދަލުތަކެއް އައުމުގެ ސަބަބުން، މިއަދު އަމީނިއްޔާ ސްކޫލަކީ ރާއްޖޭގައި ހުރި، ވަރަށް ޤަދަރުހުރި މަދްރަސާއެއް. ސްކޫލުގެ ދަރިވަރުންގެ އަދަދު 2700 އަށްވުރެ މައްޗަށް ހިނގައްޖެ. އެ ސްކޫލުގައި ކިޔަވައިދެއްވާ ޓީޗަރުންނާއި މުދައްރިއްސުންގެ އަދަދުވެސް 155 އަށް އަރައިގެން ހިނގައްޖެ. އަދި އެ ސްކޫލަށް ސަރުކާރުން ކުރާ ޚަރަދުގެމައްޗަށް ބަލާލާއިރުވެސް، މިދެންނެވި ބޮޑެތި ބަދަލުތައް ރަމްޒުކޮށްދޭފަދަ ބޮޑެތި ބަދަލުތަކެއް، އެ ޚަރަދަށްވެސް އައިސްގެން ހިނގައްޖެ. އާދެ، އަޅުގަނޑުގެ އަތުގައި، އަމީނިއްޔާ ސްކޫލް ފެށުނީއްސުރެ މިހާތަނަށް އެ ސްކޫލަށް ހިނގާފައިވާ ޚަރަދުގެ ލިސްޓެއް ނެތް. އެހެންނަމަވެސް، 1984 ވަނަ އަހަރު، އާދެ، މީގެ 10 އަހަރު ކުރިން އަމީނިއްޔާ ސްކޫލަށް ހިނގާފައިވަނީ 1.8 މިލިޔަން ރުފިޔާގެ ޚަރަދުކަން އަޅުގަނޑަށް އެނގޭ. މިވޭތުވެދިޔަ އަހަރު، 1993 ވަނަ އަހަރު އަމީނިއްޔާ ސްކޫލަށް ހިނގި ޚަރަދުގެ ޖުމްލައަކީ 15.9 މިލިޔަން ރުފިޔާ. އާދެ، މި ވޭތުވެދިޔަ 10 އަހަރުދުވަހުގެ ތެރޭގައި ސްކޫލުގެ ޚަރަދު 8 ގުނައަށް އިތުރުވެގެން ހިނގައްޖެ. އެއިން ދައްކައިދެނީ ތަޢުލީމަށް ލިބެމުންދާ ކުރިއެރުން. ރާއްޖޭގެ އަންހެންކުދިންގެ ތަޢުލީމަކީ ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއް ދީގެން ކުރިއަށްގެންދާ ކަމެއްކަން.

އާދެ، މިވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި އަމީނިއްޔާ ސްކޫލް ވަރަށްގިނަ ކާމިޔާބީތަކެއް ވަނީ ހޯދާފައި. އޭގެތެރޭގައި، ތަޢުލީމީ މައިދާނުގައި ހޯދާފައިވާ ކާމިޔާބީތަކާއި، ޤައުމީ ފެންވަރުގައި ބޭއްވިފައިވާ އެކިއެކި އަދަބީ މުބާރާތްތަކުގައި ހޯދާފައިވާ ކާމިޔާބީތަކާއި، އަދި އެކިއެކި ކުޅިވަރު މުބާރާތްތަކުގައި އަދި ސްކޫލް ކުދިންގެ ލަވަ މުބާރާތުގައިވެސް ހޯދާފައިވާ ކާމިޔާބީތަކަކީ، މިރޭ އަޅުގަނޑުމެންނަށް ހަނދާންނެތިކޮށްލެވޭނެ ކާމިޔާބީތަކެއް ނޫން. ހަމައެހެންމެ، އަމީނިއްޔާ ސްކޫލުން ތަޢުލީމު ލިބިވަޑައިގެން، ތަރުބިޔަތު ހޯއްދަވައިގެން ޤައުމަށް ޚިދުމަތް ކޮށްދެއްވަމުން ގެންދަވާ ބޭފުޅުންގެމަތިންވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ. އާދެ، މިހާރުވެސް އެއިން އެއްބޭފުޅަކު މިނިސްޓަރެއްގެ ޙައިޘިއްޔަތުން، ވަރަށް އިޚްލާޞްތެރިކަމާއެކީގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާކަން ވަރަށް އުފަލާއެކު އަޅުގަނޑު މިރޭ ފާހަގަކޮށްލަން. އާދެ، އަލްފާޟިލާ ރާޝިދާ ޔޫސުފް. މިވަގުތު އެކަމަނާ ރާއްޖޭގައި ވަޑައިގެން ނެތްކަމުގައިވިޔަސް، އަދި އެކަމަނާ ވަޑައިގެން ނެތުމުގެ އުނިކަން މި ޖަލްސާއިން އަޅުގަނޑުމެންނަށް އިޙްސާސްވަމުންދިޔަޔަސް، އެކަމަނާއަކީ އަމީނިއްޔާ ސްކޫލް އުފެއްދި ދަރިއެއް. އަދި އަމީނިއްޔާ ސްކޫލުން ތަޢުލީމު ލިބިވަޑައިގެން، ވަރަށް އިޚްލާސްތެރިކަމާއެކީގައި ޤައުމަށް ޚިދުމަތްކުރައްވަމުން ގެންދަވާ ހަރުދަނާ ވެރިއެއް. އެކަމަނާގެ އިތުރުން، އަޅުގަނޑުމެންގެ ސަރުކާރުގެ ތަފާތު މިނިސްޓްރީތަކާއި އޮފީސްތަކުގައި އެކިއެކި ފެންވަރުތަކުގައި އިޚްލާޞްތެރިކަމާއެކުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ، އަމީނިއްޔާ ސްކޫލުގެ ކުރީގެ ދަރިވަރުންތަކެއް އެބަ ތިއްބެވި. ހަމައެހެންމެ ރައްޔިތުންގެ މަޖްލިސްގެ މެންބަރުންގެ ގޮތުގަޔާއި، ރައްޔިތުންގެ ޚާއްޞަ މަޖްލިސްގެ މެންބަރުންގެ ގޮތުގައިވެސް އަމީނިއްޔާ ސްކޫލުގެ ކުރީގެ ދަރިވަރުން މިހާރު މަސްއޫލިއްޔަތު އަދާކުރައްވަމުން އެބަ ގެންދަވާ. އަދި ޢާންމު ދިރިއުޅުމުގައި ރާއްޖޭގެ އެކިއެކި ކަންކަން ތަރައްޤީކޮށް ކުރިއަށް ގެންދިޔުމުގައި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އަދާކޮށްދެއްވުމުގައި، އަމީނިއްޔާ ސްކޫލުގެ ކުރީގެ ދަރިވަރުން އެ ޙިއްޞާ ކުރައްވަމުން ގެންދަވާ، ޙިއްޞާ ކުރެއްވުމަކީވެސް މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ ކަމެއް.

މިދެންނެވި ކަންތައްތަކުގެ އިތުރަށް، އަމީނިއްޔާ ސްކޫލުގެ ދަރިވަރުން، ކުރީގެ ދަރިވަރުންވެސް އަދި ކޮންމެ އަންހެނަކުވެސް އަދާކުރަންޖެހޭ، ވަރަށް މުހިންމު ވާޖިބެއްގެ ވާހަކަ، ވަރަށް ކުރުކޮށްނަމަވެސް ދަންނަވާލިޔަދެއްވާ! އާދެ، ކޮންމެ އަންހެނަކީ، ކުދިން ތަރުބިޔަތު ކުރުމުގެ، ވަރަށް މުހިންމު ވާޖިބުތަކެއް އަދާކުރަންޖެހޭ މީހެއް. އެހެންކަމުން، ކުދިން ތަރުބިޔަތު ކުރުމުގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތު އުފުލަންޖެހޭ އަންހެނުންނަކީ، ކިޔަވައިގެން ތިބި، ތަންދޮރު ދަންނަ، ތަޢުލީމު ލިބިފައިވާ ބައެއްކަމުގައިވަނީނަމަ، ޝައްކެއްނެތް، އެކުދިން ތަރުބިޔަތުވަމުންދާނީ އެދެވޭގޮތެއްގައި. ޤައުމަށާއި، މުޖްތަމަޢަށް ފައިދާހުރި ގޮތެއްގައި. މިއާޚިލާފަށް، ކުދިން ތަރުބިޔަތު ކުރުމުގެ މަސްއޫލިއްޔަތު ޙަވާލުވެފައިވާ އަންހެނުންނަކީ، ތަޢުލީމާއި ތަރުބިޔަތުގެ ފުރުޞަތުތަކުން މަޙްރޫމުވެފައިވާ ބަޔަކުކަމުގައި ވެއްޖެނަމަ، ތަރުބިޔަތުވަމުން އަންނަ ކުދިންގައި އެއްވެސްކަހަލަ ހަރުދަނާކަމެއް ނުހުންނާނެ. ހަމައެހެންމެ، ދަރީންގެ ކުރިމަތީގައި މައިންބަފައިންނަށް ލިބޭ ޤަދަރާއި އިޙްތިރާމު އެއީ، އެމީހުންނަކީ ތަޢުލީމު ލިބިފައިވާ ބައެއްނަމަ، ވަރަށް ބޮޑުތަން އިތުރުވެގެންދާނެ އެއްޗެއް. މިކަންތައްތައް މިހެން ހުރުމާއެކުގައި ކޮންމެ އަންހެނަކީވެސް އަދި ކޮންމެ ފިރިހެނަކީވެސް، އެކަށީގެންވާ ތަޢުލީމެއް ލިބިފައިވާ، އަދި އެކަށީގެންވާ ގޮތެއްގައި ތަރުބިޔަތު ކުރެވިފައިވާ މީހަކަށްވުމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް.

ޢިލްމަކީ ހުރިހާ އިންސާނުންގެ ޙައްޤެއް. އެއީ، ވަކި ޖިންސަކަށް، ވަކި ކުލަޔަކަށް، ވަކި ނަސްލަކަށް އޮތްކަމެއްނޫން. اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ " عَلَّمَ ٱلْإِنسَـٰنَ مَا لَمْ يَعْلَمْ " (العلق- ٥) "އެކަލާނގެ އިންސާނާއަށް އޭނާ ނުދަންނަ ކަންތައް އުނގަންނައިދެއްވިއޭ". މި އާޔަތުގައި، ﷲ އުނގަންނަވައިދެއްވީ، ހަމައެކަނި ފިރިހެނުންނަށް ކަމަކަށް އަންގަވާފައެއް ނެތް. ހަމައެކަނި ވަކި ނަސްލެއްގެ ބަޔަކަށް ކަމަކަށް އަންގަވާފައެއް ނެތް. ހަމައެކަނި ވަކި ކުލައެއްގެ ބަޔަކަށް ކަމަކަށް އަންގަވާފައެއް ނެތް. އަންގަވާފައިވަނީ އެންމެހާ އިންސާނުންނަށް ﷲ އުނގަންނަވައިދެއްވިކަމަށް. އެއިން އެނގޭ ކަމަކީ މާތްވެގެންވާ އިސްލާމްދީނުގައި، ޢިލްމު އުނގެނުމުގައި އަދި ތަޢުލީމު ހާސިލުކޮށްދިނުމުގައި އަންހެނުންނާއި ފިރިހެނުންނާ އެއްވެސް ތަފާތެއް ނުކުރާކަން. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އަންހެންކުދިންގެ ތަޢުލީމާއި ފިރިހެންކުދިންގެ ތަޢުލީމާ ދޭތެރޭގައި މިހާރަކު އެއްވެސް ތަފާތެއް ނެތް. ކޮންމެ ކަމެއްވެސް ފެށިގެން އަންނައިރު އެންމެ އެދެވޭގޮތަކަށް ހުރިހާ ކަމެއް ނުހުންނާނެ. އެހެންވީމާ، ރާއްޖޭގައި އަންހެން ކުދިންގެ ތަޢުލީމު ފެށިގެން އައި ދުވަސްވަރު އަންހެން ކުދިންނަށް އެކަންތައް އޮތީ ވަރަށް ދަތިކަމަކަށްވެފައި. އެހެންނަމަވެސް، ރާއްޖޭގެ ހުރިހާ ކަމެއްވެސް ތަރައްޤީވަމުން އަންނަ ފަދައިން، ތަޢުލީމުގެ ކަންތައްތައްވެސް ތަރައްޤީވަމުން އައުމާއެކީގައި، މިއަދު އިރާދަކުރެއްވީތީ ރާއްޖޭގެ އަންހެންކުދިންނާއި ފިރިހެންކުދިންނާ ދޭތެރޭގައި ތަޢުލީމުގެ ފުރުޞަތު ލިބިގަތުމުގައި އެއްވެސް ތަފާތެއް ނެތް. ހަމައެހެންމެ، ތަޢުލީމީ މައިދާނުގައި ތަރައްޤީއާއި ކުރިއެރުން ހޯދުމުގައިވެސް އަންހެންކުދިން ދަނީ ފިރިހެންކުދިންނާ ވާދަކުރަމުން. ވަރަށް އެކަށީގެންވާ ކާމިޔާބީތަކެއް ހާސިލުކުރަމުން. އާދެ، މިހެން ދަންނަވާއިރު ޤައުމީ ފެންވަރެއްގައި ޖީ.ސީ.އީ. އޯ. ލެވެލް އިމްތިޙާނުގެ ނަތީޖާއަށް ބަލަން ފެށުނީއްސުރެ އަމީނިއްޔާގެ، އެކަށީގެންވާ އަދަދެއްގެ ކުދިން، ފުރަތަމަ ދިހަ ކުދިންގެ ތެރޭގައި ހިމެނެމުންދާކަން އަޅުގަނޑު ފާހަގަކޮށްލަން. ހަމައެހެންމެ، މިއަހަރު ބޭއްވުނު ޖީ.ސީ.އީ. އޯ. ލެވެލް އިމްތިޙާނުގައި 1 ވަނައަށް އައިސްފައިވަނީވެސް އަމީނިއްޔާގެ ދަރިވަރެއްކަން ވަރަށް އުފަލާއެކު އަޅުގަނޑު ހަނދާންކުރަން.

ރާއްޖޭގެ އަންހެން ކުދީންގެ ތަޢުލީމު ކުރިނަށް ގޮސްފައިވާވަރާ ދޭތެރޭގައި ވިސްނާއިރު، އަންހެން ކުދިން އަންނަނީ ވަރަށް ހަލުވިކަމާއެކު ފިރިހެންކުދިންނާ އެއްވަރުކުރަމުން. މިސާލެއް ދަންނަވަންޏާ، ޖީ.ސީ.އީ. އޯ. ލެވެލްގެ އިމްތިޙާނުގައި ބައިވެރިވާ އަންހެން ކުދިންގެ އަދަދުވެސް އެއް އަހަރުން އަނެއް އަހަރަށް ދަނީ ގިނަވަމުން. މިއަހަރު ބޭއްވުނު އިމްތިޙާނުގައި މުޅި ޖުމްލަ އަދަދުގެ، ސަތޭކައަކުން ސާޅީސްހަތެއް، އެއީ އަންހެންކުދިން. ފަންސާހާ ހަމަކުރަން ވަރަށް ގާތްވެއްޖެ. އޭ. ލެވެލްގައި ބައިވެރިވި ކުދިންގެ ތެރެއިންވެސް، ސަތޭކައަކުން ސާޅީސް ހަތް ކުދިންނަކީ، އަންހެންކުދިން. މިގޮތަށް، ތަޢުލީމުގެ ފަހު ހަރުފަތްތަކުގައިވެސް އަންހެންކުދިންގެ މަސައްކަތް ކުރިއަށްދިޔުމަކީ ޤައުމަށް ވަރަށް ފައިދާކުރާނެ ކަމެއް. އާދެ، އެހެން މިދެންނެވީ މިހާރު ޔުނިވަރސިޓީގެ އެންމެ ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހުންގެ އަދަދަށް ބަލާއިރު، ރާއްޖޭގައި ތިބީ 314 މީހުންކަމަށް ހިސާބުތަކުން ދައްކާ. އޭގެތެރޭގައި ތިބި އަންހެނުންގެ އަދަދަކީ 62، އާދެ، ސަތޭކައަކުން 19.7 މިއީ، މާ އެކަށީގެންވާ ނިސްބަތެއް ކަމުގައެއް އަޅުގަނޑު ނުދެކެން. މިހާރު މާސްޓަރޒް ޑިގްރީއަށް ކިޔަވަމުންދާ މީހުންގެ ތެރޭގައި ތިބި އަންހެނުންގެ އަދަދަކީ ސަތޭކައަކުން އަށާވީސް. ރާއްޖޭގައި ޕީ.އެޗް.ޑީ. ނަގާފައި ތިބި މީހުންގެ ތެރޭގައި އަދި އަންހެނަކު ނުހިމެނޭ. އެހެންނަމަވެސް، ޕީ.އެޗް.ޑީ. އަށް ކިޔަވަމުންދާ 3 ދިވެހިންގެ ތެރެއިން އެކަކީ އަންހެނަކަށްވާކަމީ، ޝައްކެއްނެތް، އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމެއް. އާދެ، އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ، ރާއްޖޭގެ އަންހެންކުދިން އެއްގޮތަކަށްވެސް ޖީ.ސީ.އީ. އޯ. ލެވެލާ ހަމައިން ނުވަތަ އޭ. ލެވެލާ ހަމައިން އެކުދީންގެ ތަޢުލީމު ނިމުނީކަމަށް ނުބަލާށޭ. އެއަށްވުރެ ކުރިއަށްދިޔުމުގެ ޢަޒުމް ތިޔަކުދިންގެ ހިތްތަކުގައި ކަނޑައަޅާށޭ. ޤައުމަށް ޚިދުމަތް ކުރެވޭނީ ރަނގަޅު ފެންވަރެއްގައި ތަޢުލީމު ލިބިގެންކަން އަބަދުވެސް ތިޔަކުދިން ހަނދާންކުރާށޭ. އެހެންވީމާ، ޔުނިވަރސިޓީއަށް ކިޔަވަންދިޔުމުގައިވެސް އަދި ފުރަތަމަ ޑިގްރީ ހާސިލުކުރުމަށްފަހު މާސްޓަރޒް ނުވަތަ ޕީ.އެޗް.ޑީ. ހާސިލުކުރުމުގައިވެސް ތިޔަކުދިން ހިންމަތާއެކު މަސައްކަތް ކުރާށޭ. އޭރުން، އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި ޢިލްމީ ފެންވަރުތަކުގެ އެންމެ މަތީ ފެންވަރުގައި ރާއްޖޭގެ އަންހެނުންވެސް ހިމެނޭނެ. އެކަމަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިދޭނެ ކަމެއްކަން ކަށަވަރު.

އާދެ، މިރޭގެ ވާހަކަ މާ ދިގުކުރެވޭކަށް ނެތް. އެއީ މިހާރު ވަރަށް ދަންވެސްވެއްޖެ. އަދި އަޅުގަނޑު ވާހަކަ ދައްކައި ނިމުމަށްފަހު، މިރޭގެ ޖަލްސާގެ އެޖެންޑާގައި ބައެއް ނަންބަރުވެސް އަދި އެބަހުރި. އެހެންވީމާ، އަޅުގަނޑު ވާހަކަކޮޅު ނިންމާލަން ޤަޞްދުކުރަނީ. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން އަޅުގަނޑުވެސް ބައެއް ފަރާތްތަކަށް ޝުކުރު ދަންނަވާލަން ބޭނުންވޭ. އާދެ، އަމީނިއްޔާގެ ރަންޔޫބީލުގެ އުފާވެރި މުނާސަބަތުގައި، ސްކޫލަށް ތަފާތު ދައުރުތަކުގައި ޚިދުމަތް ކޮށްދެއްވާފައިވާ ޢިއްޒަތްތެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރޭގައި، އަމީނިއްޔާ އުފެދުނީއްސުރެ މިހާތަނާ ޖެހެންދެން، ރާއްޖޭގެ ވަޒީރުލްމަޢާރިފުގެ މަޤާމުގައި ނުވަތަ އޭގެފަހުން މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަޤާމުގައި ތިއްބެވި ހުރިހާ ބޭފުޅުން، އަޅުގަނޑު މި ޝުކުރުގައި ޝާމިލްކުރަން. ޚާއްޞަކޮށް، އަލްއުސްތާޛު މުޙަންމަދު ޒާހިރު ޙުސައިނާއި، އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި އަދި ޑޮކްޓަރ މުޙަންމަދު ލަޠީފު، އާދެ، މިހާރުގެ އެޑިޔުކޭޝަން މިނިސްޓަރ ހިމެނުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެހުރިހާ ބޭފުޅުންވެސް ވަނީ އަމީނިއްޔާ ސްކޫލަށް ވަރަށްބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައި. ރާއްޖޭގެ ތަޢުލީމަށް އެހާމެ ބޮޑެތި އެހީތަކެއް ވެދެއްވާފައި.

ހަމައެފަދައިން، އަމީނިއްޔާ ސްކޫލުގެ ރަންޔޫބީލުގެ ކަންތައްތައް މިހާ ފުރިހަމަގޮތެއްގައި ގެންދެވުމަށްޓަކައި، މީގެ އެއްއަހަރު ކުރިއްސުރެ ވަރަށްބުރަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާފައިވާ، ސްޓިއަރިންގ ކޮމިޓީގެ ހުރިހާ ބޭފުޅުންނަށްވެސް އަދި އެކޮމިޓީގެ ދަށުން އުފެދިފައިވާ އެހެން ކޮމިޓީތަކުގެ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. ޚާއްޞަކޮށް، ސްޓިއަރިންގ ކޮމިޓީގެ ރައީސެއްގެ ޙައިޘިއްޔަތުން ވަރަށްބުރަ މަސައްކަތްތަކެއް، ވަރަށް ހީވާގިކަމާއި މުރާލިކަމާއެކު ކޮށްދެއްވި އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީގެ ނަންފުޅު ޚާއްޞަގޮތެއްގައި ފާހަގަކޮށްލުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އާދެ، އަޅުގަނޑުގެ ތަޖުރިބާއިން އެނގިފައިވާގޮތުގައި، އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީއަކީ ޙަވާލުވެވަޑައިގެންނެވި ކޮންމެ މަސައްކަތެއް ވަރަށް އިޚްލާޞްތެރިކަމާއެކީގައި، އަމިއްލަފުޅު އަރާމަކަށް، ފައިދާއަކަށް ބެއްލެވުމެއްނެތި، ވަރަށް ބުރަކޮށް ކުރައްވަމުން ގެންދަވާ ބޭފުޅެއް. އެމަނިކުފާނު އަމީނިއްޔާ ސްކޫލުގެ ރަންޔޫބީލުގެ ކަންތައްތައް އިންތިޒާމުކުރައްވައި ރާއްވަވައި ކުރިއަށް ގެންދެވުމުގައިވެސް ސާބިތުކޮށްދެއްވާފައިވަނީ، ކުރިންވެސް މިދެންނެވިފަދަ އިޚްލާޞްތެރިކަމަކާއި ހީވާގީކަމަކާއި މުރާލިކަމެއް. އަޅުގަނޑު ހިތުން އަޅުގަނޑު ނޫނަސް ތިޔަ ހުރިހާ ބޭފުޅުންވެސް މިކަމަށް ހެކިވެވަޑައިގަންނަވާނެ.

އަދި ސްކޫލްގެ ކަންތައްތައް ތަރައްޤީކޮށް ކުރިޔަށް ގެންދެވުމުގައި އަދި ރަންޔޫބީލުގެ ކަންތައްތައްވެސް ރާއްވަވައި ހިންގެވުމުގައި ސްކޫލުގެ ޕްރިންސިޕަލް މިސިޒް އެމް.ކޭ. ވެލިކަލަ އަދާކުރައްވާފައިވާ ބައިވެސް އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލަން. ހަމައެފަދައިން، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބު އަލްފާޟިލް ޢަބްދުލްޙަމީދު ޢަބްދުލްޙަކީމް، އަދި ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލާ ޖަމީލާ ޢަލީ ކުރައްވާފައިވާ ޚިދުމަތްތަކާއި، އަދި ސްޓިއަރިންގ ކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ހުރިހާ ބޭފުޅުން، މި މުނާސަބަތު މިހާ ފުރިހަމަގޮތެއްގައި ގެންނަވައި، އަޅުގަނޑުމެންގެ ހިތްތަކަށް މިއުފާވެރިކަން ގެނެސްދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށްޓަކައި، އެހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުމަކީ އަޅުގަނޑަށް ދޫކޮށްލެވޭވަރަށްވުރެ މާ މުހިންމު ވާޖިބެއް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަމިނިއްޔާ ސްކޫލަށް ހުރިހާވެސް ކުރިއެރުމަކަށް އެދެމުން. އަމީނިއްޔާ ސްކޫލުގެ، ކުރިއަށް އޮތް 50 އަހަރަކީ މި ވޭތުވެދިޔަ 50 އަހަރަށްވުރެ ހުރިހާގޮތަކުންވެސް އުފާވެރި އަދި ކާމިޔާބު 50 އަހަރުކަމުގައި ވާނެކަމުގެ އުންމީދު އަޅުގަނޑުގެ ހިތުގައި ވަރަށްބޮޑު. اللّـه سبحـانـه وتعـالى އަޅުގަނޑުގެ މި އުންމީދު އަދި ތިޔަ ހުރިހާ ބޭފުޅުންގެވެސް މި އުންމީދު ހާސިލުކޮށްދެއްވާށި! އަމީނިއްޔާ ސްކޫލަށް އަދަށްވުރެ ފެހި މާދަމައެއް، އަމީނިއްޔާ ސްކޫލުގެ ދަރިވަރުންނަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު، އެކުދީންގެ ޤައުމީ ޚިދުމަތަށް އިތުރު ތަރައްޤީއާއި ހަލުވިކަން، އަދި ރާއްޖޭގެ ތަޢުލީމަށް ހުރިހާވެސް ކުރިއެރުމަކާއި ތަރައްޤީއެއް، ރާއްޖޭގެ ތަޢުލީމުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަމަށާއި، ޞުލްޙަ މަޞްލަޙަތަށާއި، ރާއްޖޭގެ ކުރިއެރުމަށް އެކަށީގެންވާ އެހީތެރިކަމެއް ލިބެމުންދާނެކަމުގެ ޔަޤީންކަން އަޅުގަނޑުގެ ހިތުގައި އެބައޮތް. މި ޔަޤީންކަންވެސް اللّـه سبحـانـه وتعـالىގެ ވާގިފުޅާއެކުގައި އެ ޔަޤީންކުރާގޮތަށް ހާސިލުވެގެންދިޔުން އެދި އެކަލާނގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.