بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

މިއަދު މަނަދުއަށް އައިސް، މަނަދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް މި ލިބުނު ފުރުޞަތަކީ ވަރަށް އުފާވެރި ފުރުޞަތެއް. މި މުނާސަބަތުގައި މަނަދޫގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަދި މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިންނާއި، އަތޮޅުވެރިންގެ އެހީތެރިންނާއި، އަތޮޅުއޮފީހުގެ މުވައްޒަފުންނާއި އަދި މި ރަށުގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުންނާއި، އާންމުކޮށް ދަންނަވަންޏާ، މިރަށުގެ ރައްޔިތުންގެ ހުރިހާ ފަރާތްތަކަކުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑު މިއަދު މަނަދުއަށް މިއައީ، ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، ސަރުކާރުން މަނަދޫގައި ޢިމާރާތްކޮށްދިން އަތޮޅުގޭގެ އާ ޢިމާރާތް ހުޅުވައިދިނުމަށްޓަކައި. ޝައްކެއްނެތް، މި އަތޮޅުގެއަކީ މިހާރުގެ ތަރައްޤީ ދައްކައިދޭ މިސާލެއް. ރާއްޖެތެރެއަށްވެސް އަންނަމުންމިދާ ދިރުމާއި ކުރިއެރުން ކިތަންމެ ރަނގަޅަކަށްވެސް ހާމަކޮށްދޭ ކަމެއް. މި އަތޮޅުގޭގެ ޢިމާރާތުގެ ފެންވަރަށް ބަލައިލިނަމަވެސް އަޅުގަނޑުހިތުން، އެކަން ވަރަށް ރަނގަޅަށް ފެނިގެންދާނެ.

މަނަދުއަކީ، މީގެކުރިންވެސް އަޅުގަނޑު އެތައްފަހަރެއްގެ މަތިން ޒިޔާރަތްކުރި ރަށެއް. ތިޔައިގެ ތެރެއިން ގިނަ ބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، އެންމެ ފުރަތަމަ އަޅުގަނޑު މަނަދުއަށް ޒިޔާރަތްކުރީ، އަޅުގަނޑު ރައީސްކަމާ ޙަވާލުވިތާ އެންމެ ތިންމަސްދުވަހުގެ ތެރޭގައި. އާދެ، 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު. އޭރު އަޅުގަނޑު ރާއްޖޭގެ އުތުރަށް ކުރަންފެށި ދަތުރެއްގައި، އެއް މަންޒިލެއްގެ ގޮތުގައި މަނަދޫގައި އަޅުގަނޑު މަޑުކުރީ. އޭގެ އަނެއްދުވަހަކީ އާދެ، އެއީ 1 މާޗް 1979. އެދުވަސް ދިމާވީ އަޅުގަނޑުގެ ޙަޔާތުގައިވެސް ވަރަށް ޚާއްޞަ ދުވަހަކާ. އެހެން މިދެންނެވީ، އަދި މިހާތަނަކަށް އެދުވަސް ފިޔަވައި އެހެން އެއްވެސް ދުވަހެއްގައި، އެއް ދުވަހަކު ދެމަދަރުސާއެއް ހުޅުވައިދިނުމުގެ އުފަލެއް އަޅުގަނޑަކަށް ލިބިފައެއްނުވޭ. އެދުވަހު ހެނދުނު 7 ޖެހިއިރު މަނަދޫގައި އަޅުގަނޑަށް، އެ މަދަރުސާއެއް ހުޅުވައިދިނުމުގެ އުފާ ލިބުނު މަދަރުސާއަކީ، ވަރަށް ކުޑަކުޑަކޮށް އޭރު، ފަނުން ހަދާފައި ހުރި ތަނެއް. އެއީ، އޭރު އަޅުގަނޑުމެންގެ ޙާލަތު އޮތްގޮތް. އެދުވަހު މެންދުރުފަހުގެ ވަގުތެއްގައި، ހދ. އަތޮޅުގެ، އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވައިދިނުގެ އުފާވެސް އަޅުގަނޑަށް ލިބުނު. އެހެންވީމާ، އެދުވަސް ހިމެނިގެންދިޔައީ، އަޅުގަނޑުގެ ޙަޔާތުގައިވެސް އަދި އަޅުގަނޑުގެ ރައީސްކަމުގައިވެސް، އަޅުގަނޑު ދެކޭގޮތުގައި ވަރަށް ތާރީޚީ ދުވަހެއްގެ ގޮތުގައި. ކޮންމެއަކަސް، އެ ދަތުރަށްފަހު، އެހެން ބައެއް މުނާސަބަތުތަކުގައިވެސް އަޅުގަނޑަށް ވަނީ މަނަދުއަށް ޒިޔާރަތްކުރުމުގެ އުފާ ލިބިފައި. އާދެ، މީގެކުރިން ހަތަރު ފަހަރެއްގެމަތިން އަޅުގަނޑު މިރަށަށް އަތުވެއްޖައިން. އެންމެފަހުން އައީ، 1990 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި. ހަނދުމަފުޅު ހުންނާނެ ފަދައިން، އެދުވަސްވަރު މިހިސާބުގަނޑަށް ކުރި ގަދަ ވިއްސާރައެއްގައި މަނަދުއަށްވެސް، އަދި މަނަދޫ ފިޔަވައި އުތުރުގެ އެހެން ބައެއް ރަށްރަށަށް ލިބިފައިވާ ގެއްލުންތައްވެސް ބަލައިލުމަށްޓަކައި އަޅުގަނޑު އެދަތުރުކުރީ.

އާދެ، މަނަދުއަކީ މިއަތޮޅުގެ ވެރިކަންކުރާ ރަށް. ގިނަ އަދަދަކަށް މީހުންވެސް ދިރިއުޅޭ ރަށެއް. އެހެންކަމުން، މިރަށަކީ ސަރުކާރުން ވަރަށް ޚާއްޞަގޮތަކަށް ދެކެމުން އަންނަ ރަށެއް. އޭގެ ނަތީޖާއެއްގެ ގޮތުން، މިރަށުގައި ސަރުކާރުން ކޮށްދީފައިވާ ކަންތައްތައް ވަރަށްގިނަ. އާދެ، މިތާނގައި އެބަހުރި ސަރުކާރުގެ ޚަރަދުގައި ޢިމާރާތްކޮށްދީފައިވާ މިސްކިތެއް. ކުރިންވެސް ދެންނެވި ފަދައިން، ވަރަށް ކުޑަކުޑަކޮށް ފެށުނު، އަތޮޅު މަދަރުސާ އޭގެފަހުން މިހިރީ ޖަޕާން ސަރުކާރުގެ އެހީގައި ވަރަށް ރަނގަޅު ފެންވަރުގެ ޢިމާރާތަކަށް ވެފައި. އަޅުގަނޑުމެން މިޖަލްސާ ކުރަމުންދާ ޢިމާރާތަކީ މިދެންނެވި މަދަރުސާ. އަތޮޅުއޮފީސްވެސް ސަރުކާރުން ވަނީ މިރަށުގައި ޢިމާރާތްކޮށްދީފައި. ހެލްތު ސެންޓަރެއް ވަނީ ހަދައިދީފައި. ރަށުއޮފީސްވެސް ވަނީ ޢިމާރާތްކޮށްދީފައި. އަދި މިނޫންވެސް ކަންތައްތައް ސަރުކާރުން މަނަދުއަށް ކޮށްދެމުން އެބަގެންދޭ. ބޭނުމަކީ މަނަދޫގެ ރައްޔިތުންނަށާއި، ނ. އަތޮޅުގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން އިތުރު ކުރިއެރުން ހޯދައިދިނުން.

އާދެ، މިމަސައްކަތަކީ 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން، އާދެ އަޅުގަނޑު މިހުރި މަޤާމާ އެންމެ ފުރަތަމަ ޙަވާލުވި ދުވަހުން ފެށިގެން ކުރަމުން އަންނަ މަސައްކަތެއް. އެއީ، ރާއްޖެތެރެ އިޞްލާޙުކޮށް ތަރައްޤީކުރުމުގެ މަސައްކަތް. އެ މަސައްކަތް، އިރާދަކުރެއްވީތީ މާތްﷲގެ ވާގިފުޅާއެކު ހިނގަމުންދާތާ މިހާރު 16 އަހަރުދުވަސްވެއްޖެ. ކުރިއަށް އޮތްތާނގައިވެސް އެމަޝްރޫޢުގެ މަސައްކަތްތައް ހިންގަމުންގެންދާ ގޮތަށް އޮތީ ޤަޞްދުކުރެވިފައި. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، ރާއްޖެތެރެއަށް މި އަންނަމުންދާ ކުރިއެރުމަކީ، ރާއްޖެތެރޭގެ ރައްޔިތުންގެ ވަރަށްބޮޑު ޙިއްޞާއެއް އެކަމުގައި ހިމެނިފައިވާ ކުރިއެރުމެއް. މިސާލެއްގެ ގޮތުން ދަންނަވަންޏާ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި އާ އަތޮޅުގެ ޢިމާރާތްކުރުމުގައިވެސް މިރަށުގެ ރައްޔިތުންގެ މަސައްކަތް ވަރަށްބޮޑަށް ހިމެނިގެން ގޮސްފައިވޭ. ރައްޔިތުންނަށް، އެ މަސައްކަތުން ލިބުނު އާމްދަނީއިން މިރަށުގެ ކަރަންޓުގެ ކަންތައްތައް އާދެ، ސަޕްލައި ވަޅުލުމާއި، އެބާވަތުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވާފައިވާކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ، އެއީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް ރަނގަޅު ކަމެއް. އާދެ، ރައްޔިތުން މަސައްކަތް ކުރައްވައިގެން، ރައްޔިތުންނަށް ލިބޭ އާމްދަނީއިން އިތުރު އެހެން ޚިދުމަތްތައް، އިތުރު ފަސޭހަތައް ރައްޔިތުންނަށް ވާޞިލްކޮށްދެވޭގޮތަށް މަސައްކަތް ރާއްވަވައިގެން ގެންދެވުން. އެހެންވީމާ، އެކަމަށްޓަކައި މިރަށުގެ ރައްޔިތުންނަށް ވަރަށް އުފަލާއެކު އަޅުގަނޑު މަރުޙަބާ ކިޔަން.

އާދެ، ރާއްޖެތެރޭގެ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުކުރެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާއިރު، ކުރިންވެސް މިދެންނެވި ފަދައިން، ރައްޔިތުންގެ ފަރާތުން އެކަމަށް ލިބޭ ޙިއްޞާއަކީ، ނުވަތަ އެއްބާރުލެއްވުމަކީ، ވަރަށް މުހިންމު ކަމެއް. ރައްޔިތުންގެ އެއްބާރުލެއްވުމާނުލައި، އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެ. މިރަށުގައި މި ކުރެވުނު ކަންތައްތައްވެސް އަދި ރާއްޖެތެރޭގެ އެހެން ރަށްރަށުގައި ކުރެވޭ ކަންތައްތައްވެސް ކާމިޔާބުވެގެން އެދަނީ އެ ރަށްރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން ސަރުކާރުގެ މަސައްކަތްތަކަށް ލިބޭ އިޚްލާޞްތެރި އެއްބާރުލެއްވުމެއްގެ ސަބަބުން. އެހެންވީމާ، އެނުކުތާއަކީ އަޅުގަނޑު ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރާ ނުކުތާއެއް. ވީމާ، ކުރިއަށް އޮތްތާނގައިވެސް މިރަށުގައި ކުރެވޭ މަސައްކަތްތަކުގައި އަދި މިއަތޮޅުގެ އެހެން ރަށްރަށުގައި ކުރެވޭ މަސައްކަތްތަކުގައިވެސް އަދި ޢާންމުކޮށް ދަންނަވަންޏާ، ރާއްޖެތެރޭގެ ކޮންމެ ތަނެއްގައި ކުރެވޭ މަސައްކަތެއްގައިވެސް، ވެރިންނާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބުމަކީ ވަރަށް ބޭނުންކަމެއް ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ. މިހާރުވެސް ސަރުކާރުން ހިންގާ ކަންތައްތަކުގައި، ވެރިންނާއި ރައްޔިތުންގެ އެއްބާރުލެއްވުން ވަރަށް ފުރިހަމަ ދަރަޖައަކަށް ލިބެމުންދޭ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ އެގޮތުގެމަތިން ނުވަތަ އެއަށްވުރެވެސް ބޮޑަށް މުސްތަޤްބަލުގައި އެކަން ހަމަޖެހިގެންދާ ކަމަށްވަންޏާ، އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ފެނިގެންދާނެއޭ.

އާދެ، އަޅުގަނޑު މިއަދު މިރަށަށް އައުމުގެ މުނާސަބަތުގައި، މިއަތޮޅުގެ އެހެން ރަށްރަށުގެ ވެރިންނާއި މެޖިސްޓްރޭޓުންވެސް މިތަނަށް ވަޑައިގެން އެބަ ތިއްބެވި. އެހެންވީމާ، އެ ހުރިހާ ބޭފުޅުންނާ ބައްދަލުކޮށްލުމަށް މި ލިބުނު ފުރުޞަތަކީވެސް އަޅުގަނޑަށް ލިބުނު، ވަރަށްބޮޑު އުފަލެއްކަމުގައި ދަންނަވަން. އަދި، އެބޭފުޅުން މެދުވެރިކޮށް، މި އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް އަޅުގަނޑުގެ ހެޔޮއެދުންތައް ފޮނުވުމަށް މި ފުރުޞަތުގެ ބޭނުންކުރަން.

މަނަދުއާ ދޭތެރޭގައި ވިސްނައިލާއިރު، އަޅުގަނޑުމެންނަށް އެންމެ ފުރަތަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ، މަނަދުއަކީ ވަރަށް ބިންބޮޑު ރަށެއްކަން. އެހެންވީމާ، މިރަށުގެ ރައްޔިތުންނަށް ކުރެއްވޭނެ މަސައްކަތްތަކެއް ހުންނާނެ. ބިމަކީ ވަރަށްބޮޑު ރައުސްމާލެއް. އޭގެ ބޭނުން ހެޔޮގޮތުގައި ކުރެވިއްޖިއްޔާ، ވަރަށްގިނަ ބޭނުންތައް ފުއްދޭނެ. އެހެންވީމާ، އެ މަސައްކަތަށް މިރަށުގެ ރައްޔިތުން މިހާރުވެސް ދެއްވާ އަހަންމިއްޔަތު އަޅުގަނޑަށް އެނގިފައި އޮތުމާއެކީގައި، މުސްތަޤްބަލުގައި އަދި އެއަށްވުރެވެސް ބޮޑު އަހަންމިއްޔަތެއް ދެއްވަން އަޅުގަނޑު އެދޭ ވާހަކަ ދަންނަވާލަން. އަޅުގަނޑު މިރަށަށް އައިސް، ފާލަންދޮށުން ބައްދަލުކޮށްލި ބައެއް ރައްޔިތުންނާ ވާހަކަދެއްކި ދެއްކުމުގައި، މިރަށުގެ ބައެއް އަންހެނުންގެ ފަރާތުން އަޅުގަނޑަށް އެނގުނީ، މިރަށުގައި ދަނޑުވެރިކަން ކުރާކަން. އެހެންވީމާ، އެއީ ވަރަށް ރަނގަޅު ކަމެއްކަމުގައި އަޅުގަނޑު ދަންނަވަން. އަޅުގަނޑުމެންގެ ބިންބޮޑު ރަށްރަށުގައި، އެ ބިމުގެ ބޭނުން އެދެވޭގޮތެއްގައި ކުރުމަކީ، އަޅުގަނޑުމެންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ބޭނުންތެރި ކަމެއް. އެކި ރަށްރަށް ހުންނާނީ އެކިގޮތަށް. ބައެއް ރަށްރަށުގައި ކުރެވޭ މަސައްކަތްތައް، އަނެއްބައި ރަށްރަށުގައި ކުރެވޭކަށެއް ނުހުރޭ. އެހެންވީމާ، ކޮންމެ ރަށެއްގެ ރައްޔިތުންވެސް ބަލަންވާނީ، އެ ރަށެއްގައި އެ ކުރެވެންހުރި މަސައްކަތްތަކަކީ ކޮބައިތޯ ބަލާފައި، އެ މަސައްކަތްތަކެއް ވީހާބޮޑު ފައިދާއެއް ލިބޭގޮތަކަށް ކުރުމަށް. އެހެންވީމާ، އަޅުގަނޑު މިނުކުތާއަށް އިޝާރާތްކޮށްލާހިތްވީ.

އާދެ، އަޅުގަނޑުމެން މިހާރު ތަރައްޤީގެ މަގުގައި ކުރިއަށްދާއިރު، ވިސްނަން ބޭނުންވާ، ވަރަށްގިނަ ކަންތައްތަކެއް ހުންނާނެ. އަބަދުވެސް އެ ކަންކަމާ ދޭތެރޭގައި ވިސްނާފައި، އަޅުގަނޑުމެން ކުރިއަށް ރާވައިގެން އެކިއެކި މަޝްރޫޢުތަކާއި މަސައްކަތްތައް އިންތިޒާމުކޮށްގެން ހިންގައިފި ކަމަށްވަންޏާ އަޅުގަނޑުމެން ބޭނުންވާގޮތަށް، ތަރައްޤީގެ މަގުގައި ކުރިއަށްދެވޭނެ. މިގޮތުން ވިސްނާއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި މިއަދު ހިނގާ ކަންތައްތަކަށް ބަލައިލާއިރު، ވަރަށްބޮޑު އިސްކަމެއްދޭންޖެހޭ ދެކަމެއްގެ ވާހަކަ އަޅުގަނޑު މިއަދު ދަންނަވައިލާހިތްވޭ. އާދެ، އެއްކަމަކީ ޢާއިލާގެ ހަމަޖެހުމުގެ ވާހަކަ. އަޅުގަނޑުމެންގެ ޢާއިލާތައް ހަމަޖެހި، އެ ޢާއިލާތަކުގެ މެންބަރުންގެ މެދުގައި އޮންނަންޖެހޭ ލޯތްބާއި އެކުވެރިކަމުގެ ގުޅުން އެގޮތަށް އޮވެގެންނޫނީ، އަޅުގަނޑުމެންނަކަށެއް ކުރިއަކަށް ނުދެވޭނެ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އިސްލާމްދީނުގައި ޢާއިލާއަށް ދެއްވާފައިވަނީ، ވަރަށް މަތިވެރި މަޤާމެއް. ޢާއިލާ ފެށިގެން އަންނަނީ، އަންހެނަކާއި ފިރިހެނަކާ އެދެމީހުންގެ ދެމެދުގައި އުފެދޭ ގުޅުމަކުން. އާދެ، ކައިވެނީގެ މަތިވެރި ގުޅުމުން. އެއީ، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން އުފެދޭ ގުޅުމެއް. އިސްލާމްދީނުގައި އެކަމަށް ދެއްވާފައިވާ އަހަންމިއްޔަތު ވަރަށްވެސް ބޮޑު.

އެހެންވީމާ، އެ ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެއް. މީހުންނާ އިންނައިރުވެސް އަޅުގަނޑުމެން އެކަން ކުރަންޖެހޭނީ، ވަރަށް ރަނގަޅަށް ވިސްނާފައި. އަދި، މީހުންނާ އިނދެގެން އުޅޭއިރުވެސް ދެމަފިރިންކުރެ ކޮންމެ މީހަކުވެސް އަނެކެއްގެ ޙައްޤުތަކަށް ރައްކާތެރިވެ، އަނެކަކަށް އިޙްސާންތެރިވެ، އަނެކަކަށް އެހީތެރިވުމުގެ ކަންތައްތައް އެދެވޭގޮތެއްގައި ކުރަމުން ދާންޖެހޭނެ. ދިރިއުޅުމުގައި ދިމާވާ މައްސަލަތަކެއްވެސް ހުންނާނެ. ދެމަފިރިންގެ ދޭތެރޭގައިވެސް މައްސަލަޖެހޭނެ. އެއީ ޠަބީޢީކަމެއް. އެހެންނަމަވެސް، އެ ޖެހޭ މައްސަލައެއްވެސް ދީނުގައި އަންގަވާފައިވާ ފަދަ އުޞޫލަކުން ޙައްލުކުރެވޭތޯ އަޅުގަނޑުމެން ބަލައިފިނަމަ، ކައިވެނި ސަލާމަތްކުރެވޭނެ. އަދި ކައިވެނީގެ ގުޅުމަކީ އަބަދު ދެމިހުންނަ، ވަރަށްބަދަހި ގުޅުމެއްކަމުގައި އަޅުގަނޑުމެންނަށް ހެދޭނެ. ވަރިކުރުމަކީވެސް ދީނުގައި ޝަރްޢު ކުރައްވާފައިވާ ކަމެއް. އެހެންނަމަވެސް، ވަރިކުރުމަކީ ވަކި އުޞޫލަކުން ކުރަންޖެހޭ ކަމެއް. ކުރަން މަޖުބޫރުވެއްޖެ ހިނދެއްގައި، ވަކި އުޞޫލަކުން ކުރަން އޮންނަ ކަމެއް. ޝައްކެއްނެތް، އިސްލާމްދީނަކީ، މާތްﷲ މިދުނިޔެއަށް ފޮނުއްވި، އެންމެ މާތް، އެންމެ މަތިވެރި ދީން ކަމުގައިވާއިރު، އެ ދީނުގެ ހުރިހާ ކަމެއްވެސް ހަމަޖެހިފައި އޮންނާނީ، ވަރަށް މަތިވެރި އުޞޫލެއްގެމަތިން. އަޅުގަނޑުމެންގެ ދިރިއުޅުމުގައި މިކުރާ އާދައިގެ ކަންތައްތައްވެސް، މިދެންނެވީ، ކޮންމެ ކަމެއް ކުރަން ބޭނުންވިޔަސް، އެކަމެއްވެސް އަޅުގަނޑުމެން މިކުރަނީ ވަކި ހަމަތަކެއްގެ މަތިން. އަޅުގަނޑުމެން، ގެދޮރުއަޅާއިރުވެސް، އެކަން ކުރަމުން މިގެންދަނީ ވަކިގޮތަކަށް ބަލައިގެން، ވަކި އުޞޫލަކުން. ސަރުކާރުން ކުރާ ކަންތައްތައްވެސް، ގޯތިގެދޮރު ދިނުންވެސް ނުވަތަ އޮޑިދޯނިފަހަރު ރަޖިސްޓަރީ ކުރުންވެސް ނުވަތަ އެނޫން ކޮންމެ ކަމެއްވެސް ސަރުކާރުންވެސް ކުރަމުންގެންދަނީ ވަކި އުޞޫލެއްގެމަތިން، ވަކި ހަމަތަކެއްގެމަތިން. ޝައްކެއްނެތް، އެކަން އެހެން އޮންނައިރު، ދީނުގައި ކޮންމެ ކަމެއްވެސް އޮންނާނީ އެއަށްވުރެ މާ މަތިވެރި އުޞޫލަކުން ހަމަޖެހިފައި. އުޞޫލެއް ނެތް ގޮތަކަށް، ގަވާއިދެއް ނެތްގޮތަކަށް ދީނުގައި އެއްވެސް ކަމެއް ނޯންނާނެ. އެހެންވީމާ، ކައިވެނި ކުރާއިރު ބަލަންޖެހޭ ކަންތައްތަކެއް ހުންނަ ފަދައިން، އެ ކައިވެނި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއްވެސް އެބަހުރި. ހަމައެހެންމެ، ވަރިކުރާ ހިސާބަށް ހިނގައްޖެނަމަ، އެކަން ކުރަންވީ އުޞޫލެއްވެސް ދީނުގައި އެބައޮތް.

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ހީވެފައި އޮންނަނީ، ކައިވެނި ކުރުމާއި ވަރިކުރުން މިއީ ﷲ އިންސާނުންނަށް ދެއްވާފައިވާ ޙައްޤެކޭ. އެފަދަ މީހުންނަށް ހީވެފައި އޮންނަނީ، ވަކި އެއްވެސް ގޮތެއް ބަލައިލުމެއްނެތި، ބޭނުންވެއްޖެ ހިނދެއްގައި މީހަކާ އިނދެފައި، ބޭނުންވެއްޖެ ހިނދެއްގައި އޭނާ ވަރިކޮށްލުމަކީ، ދީނުގައި ހުއްދަކުރައްވާފައި އޮންނަ ކަމެއްކަމަށް. އެކަމަކު، އެއަކީ ޙަޤީޤަތެއް ނޫން. ދީނުގައި އޮންނަނިއްޔަކީ އެހެނެއްނޫން. ކޮންމެ ކަމަކަށްވެސް ވަކި އުޞޫލެއް އޮވޭ. ކައިވެނި ކުރާއިރު އަޅުގަނޑުމެން އުޞޫލުތަކަކަށް ބަލަންޖެހޭ ފަދައިން، ވަރިކުރަން ޖެހިއްޖެނަމަ، އެކަންވެސް ކުރަން އޮންނަ އުޞޫލެއް އޮވޭ. ވަރިކުރުމަކީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެއް ނޫން. ދެމަފިރިންގެ ދެމެދުގައި މައްސަލަޖެހޭ ކޮންމެފަހަރަކު ވަރިކުރުމަކީ ދީނުގައި އޮތްގޮތެއް ނޫން. އެހެން އޮތް ކަމަށް އަޅުގަނޑުމެންނަށް ހީވަންޏާ، އެއީ ވަރަށްބޮޑު ކުށްހީއެއް. މާތްﷲ އަންގަވާފައިވަނީ، "ތިޔަބައިމީހުންގެ ތެރެއިން، ކަންތައްތައް ނުދަންނަ މީހުން، ދަންނަމީހުން ކުރެން އަހައިގެން އޮޅުންފިލުވާށޭ." އަޅުގަނޑުމެން އަމިއްލައަށް، ދީނުގެ ޙުކުމަކާ ބެހޭގޮތުން ނޭނގޭކަމެއް ދިމާވެއްޖެނަމަ، ދަންނަ މީހެއްގެ ގާތަށްގޮސް، އެމީހެއްގެ ގާތުން އެކަން އޮޅުންފިލުވާށޭ ﷲ އަންގަވަނީ. އެހެންވީމާ، ކައިވެނިކުރާގޮތާއި އަދި ކައިވެނީގައި ދެމަފިރިންގެ ދެމެދުގައި އޮނަންޖެހޭ ލޯބީގެ ގުޅުން، އިޙްސާންތެރިކަމުގެ ގުޅުން، އެކަކު އަނެކަކަށް އެހީތެރިވެ، އެކަކު އަނެކެއްގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގުޅުން، މިކަންކަން އަޅުގަނޑުމެން ކުރަމުންގެންދާ ކަމަށްވަންޏާ، މި ގުޅުމަށް ރިޢާޔަތްކޮށްގެން، ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ޢާއިލާތައް ރޫޅިގެންދާކަށް ނުޖެހޭނެ. މިވާހަކަ ދަންނަވަން މިޖެހެނީ، ޢާންމުކޮށް ރާއްޖޭގައި ޢާއިލާތައް ރޫޅެމުންދާލެއް އަވަސްކަމުން. އަދި ގިނަކަމުން.

އަޅުގަނޑު ދާދިފަހުން، މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވައިދެމުން ދެއްކި ވާހަކަ ތިޔަބޭފުޅުން އައްސަވާނެކަންނޭނގެ. އޭގެތެރޭގައި އަޅުގަނޑު ދެންނެވިން، ރާއްޖޭގައި މިދިޔަ އަހަރު ކުރެވުނު ކޮންމެ ސަތޭކަ ކައިވެންޏަކަށް ފަންސާސްނުވަ ވަރި ކުރެވިފައިވެއޭ. ކިހާބޮޑު ނިސްބަތެއްތޯ އެއީ. ދުނިޔޭގެ ނިސްބަތުގައި އެއީ ރެކޯޑެކޭވެސް ބުނެވިދާނެ. އެކަމަކު، އަޅުގަނޑުމެން ރެކޯޑް ޤާއިމުކުރަން ބޭނުންވަނީ ރަނގަޅު ކަންތައްތަކުގައި. ގޯސް ކަންތައްތަކުގައެއް ނޫން. މިސާލަކަށް، ރާއްޖޭގެ ލިޔަންކިޔަން ދަތުމުގެ ނިސްބަތަކީ ނުވަދިހައަށެއް ޕޮއިންޓް މިތަކެކޭ ބުނީމާ، އެއީ އަޅުގަނޑުމެންނަށް ވަރަށްބޮޑު ރީތިނަމެއް ލިބޭ ކަމެއް. އެއީ ރަނގަޅު ކަމެއް. ރާއްޖޭގެ ކުޑަކުދިން ބަލިބަލިން ދިފާޢުވުމުގެ ޕްރޮގްރާމްގެ ދަށުން، ވެކްސިނޭޝަން ދެވިފައިވާ ކުދިންގެ އަދަދު ސަތޭކައަކުން ނުވަދިހަ މިތަކަކަށް އަރައިފިއޭ ބުނެފީވިއްޔާ، އެއީ ވަރަށް ރަނގަޅު ކަމެއް. އަޅުގަނޑުމެން ހިތްހަމަޖެހޭ، އަދި ވަރަށް އުފާކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ރެކޯޑްތައް ހުންނަންވީ ގޮތަކީ އެއީ. ނުބައި ކަންތައްތަކުގައި ނުވަތަ ނޭދެވޭ ކަންތައްތަކުގައި ރެކޯޑް ޤާއިމުކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް ނޫން. އެއީ، އަޅުގަނޑުމެން ލަދުގަންނަންޖެހޭނެ ކަމެއް. އެހެންވީމާ، އަޅުގަނޑު މިހެން މިދަންނަވަނީ.

ޢާއިލާ ހަމަޖެހިގެން ނޫނިއްޔަކާ އަޅުގަނޑުމެންނަކަށް ހަމަޖެހޭ ދިރިއުޅުމެއް ނުފެންނާނެ. އެމީހެއްގެ ޢާއިލާގެ ތެރޭގައި ހަމަޖެހުން އޮވެގެންނޫނީ، އެއްވެސްކަހަލަ ހަމަޖެހުމެއް މީހެއްގެ ހިތަކަށްވެސް ނުލިބޭނެ. އަނބިމީހާއާ ދޭތެރޭގައި، ކުދިންނާ ދޭތެރޭގައި އޮންނަ ގުޅުން އެއީ އިސްލާމްދީނުގައި އަންގަވާފައިވާ ފަދަ ރަޙްމަތްތެރިކަމާއި، އޯގާވެރިކަމާއި، އިޙްސާންތެރިކަމާއި، ލޯބީގެ ރަނގަޅު ގުޅުމަކަށް ނުވަންޏާ، އެއްވެސް އިންސާނަކަށް ލިބޭނެ އެއްވެސް އަރާމެއް، އެއްވެސް އުފަލެއް ނޯންނާނެ. އެގޮތަށް ކަންތައްތައް ކުރެވޭނީ ޢާއިލާ ހަމަޖެހިގެން. އެހެންވީމާ، މިނުކުތާއަށް މިރަށުގެ ރައްޔިތުންވެސް ވަރަށްބޮޑު ސަމާލުކަމެއް ދެއްވުމަށް އަޅުގަނޑު އެދެން. މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ތެރޭގައި ޢާއިލާ ރޫޅެމުންމިދާ ދިޔުމަށް ހުއްޓުމެއް އެރުވުމަށްޓަކައި، ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގައި، ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމަށް އަޅުގަނޑު އެދެން. މިކަމާ ބެހޭގޮތުން މިއަހަރުގެ ފަހުކޮޅުގައި ޤައުމީ ޖަލްސާއެއް ބާއްވާގޮތަށް ހަމަޖެހިފައިވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެޖަލްސާއަށް ވަރަށް ރަނގަޅަށް ތައްޔާރުވެވިގެން، އަޅުގަނޑުމެންގެ ޢާއިލާތަކަށް މި ދިމާވާ މައްސަލަތައް މި ދިމާވަނީ ކީއްވެގެންތޯ، އެންމެންވެސް ރަނގަޅަށް ވިސްނާތިބެގެން މަޝްވަރާކޮށްގެން ދިރާސާކޮށްފައި، އޭގެ ޙައްލަކީ ކޮބައިތޯ ބަލައި، އެގޮތުގެމަތިން ޢަމަލުކުރަމުން ހިނގައްޖެނަމަ، އަޅުގަނޑުހިތުން މުސްތަޤްބަލުގައި، މިހާރު އަޅުގަނޑުމެން މިއުޅޭ ނުތަނަވަސް ދިރިއުޅުމަށްވުރެ މާ ހިތްފަސޭހަ، ރަނގަޅު ދިރިއުޅުމަކާ ހަމައަށް އަޅުގަނޑުމެންނަށް ވާޞިލްވެވޭނެ.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، ދީނީގޮތުން އަޅުގަނޑުމެންގެ މެދުގައި އުފެދިގެން އުޅޭ، ބައެއް ޚިލާފުތަކުގެ ވާހަކަ. އެ ވާހަކަތައް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަދި މިހާރު އޮންނާނީ އައްސަވާފައި. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އެއަކީ ދީނުގައި ކަންތައް އޮތްގޮތެއް ނޫނޭ. އިސްލާމްދީނަކީ އެއްބައިވަންތަކަމުގެ ދީން. އެއްބަނޑުއެއްބަފާ ކަމުގެ ދީން. މިއީ، ޝައްކެއްއޮތްކަމެއް ނޫން. ކީރިތި ޤުރްއާނުންވެސް، މާތް ރަސޫލާގެ ސުންނަތުންވެސް، ވަރަށް ގިނަ ހެކިތަކުން ސާބިތުވާން އޮތް ކަމެއް، އާދެ، އިސްލާމީ އުންމަތަކީ، އެއް އުންމަތެއްކަން، ހުރިހާ މުސްލިމުންނަކީ އެއްބަނޑުއެއްބަފާ ބައެއްކަން. އަޅުގަނޑަކަށް ކޮންމެހެން މިމުނާސަބަތުގައި ތިޔަބޭފުޅުންގެ އަރިހުގައި އެ އާޔަތްތަކެއް ދަންނަވާކަށް ނުޖެހޭނެ. ޙަދީޘްތަކެއް ދަންނަވާކަށް ނުޖެހޭނެ. އެއަށްވުރެ އަޅުގަނޑުމެންނަށް އެކަންކަން އެނގިފައިވާލެއް މާބޮޑު. އެކަން އެހެން އޮތްއިރު، ކީއްވެގެންތޯއޭ އަޅުގަނޑުމެންގެ މެދުގައި ދީނީ ކަންކަމުގައި ޚިލާފު އުފެދެންވީ. މީހުން ބައިބައިވާންވީ. އެހެން އެކަންވާންވީ އެއްވެސް ސަބަބެއް ނެތް. އެހެން އެވަނީވެސް ދީނުގެ ކަންތައްތައް ނުދަންނަ ބަޔަކު، އެމީހުންނަށް އެކަންކަން އެނގޭކަމަށް ހަދައިގެން، މީހުންގެ ތެރޭގައި ވާހަކަ ދައްކަމުން ގެންދާތީ. އެކަމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭނެ. ދީނުގެ ކަންތައްތަކަކީ، މީހަކު ހިތުހުރިހާ ގޮތަކަށް ފަތުވާ ދެވޭނެ ކަންތައްތަކެއް ނޫން. މީހަކު ހިތަށްއެރިހާ ގޮތަކަށް، ދީނުގައި ޙުކުމް އޮތީ މިވެނިހެންނޭ، އެހެން ބުނަމުން ގެންދެވޭނެ ކަންކަމެއްނޫން.

ކުރިންވެސް ދެންނެވި ފަދައިން، ﷲ އަންގަވާފައިވަނީ، ކަމެއްގެ ޙުކުމް ނޭނގެންޏާ، އެނގޭ މީހުންގެގާތަށް ދާށޭ! އެނގޭ މީހުންނޭ ތިޔަބައިމީހުންނަށް އޮޅުންފިލުވައިދޭންޖެހޭނީ. ޢިލްމުވެރިން ވިދާޅުވާގޮތުގައި، އިޖްތިހާދުގެ މަގުން ދީނުގެ ޙުކުމެއް ބަޔާންކުރެވޭނީ، ވަރަށްގިނަ ޝަރުޠުތަކެއް އެމީހެއްގެ ކިބައިގައި ހުރި މީހަކަށް. އެންމެ ފުރަތަމަ އަރަބި ބަސް ވަރަށް ރަނގަޅަށް ދަތުން. އަރަބި ބަސް، އަރަބި ބަހުގެ ގަވާއިދާއި ނަޙޫޞަރްފާއި، އޭގެ ބަލާޣަތާއި އެހެންގޮސް، އަރަބިބަހާބެހޭ ހުރިހާ ޢިލްމެއް ވަރަށް ރަނގަޅަށް އެނގިފައިވާ މީހަކަށް ފުރަތަމަ ވާންޖެހޭނެ. އޭގެފަހުގައި، ކީރިތި ޤުރްއާން ރަނގަޅަށް ދަންނަމީހަކަށް ވާންޖެހޭނެ. ޤުރްއާނުގެ ތަފްސީރު އެނގޭ މީހަކަށް ވާންޖެހޭނެ. ކީރިތި ރަސޫލާގެ ޙަދީޘްފުޅުތައް ދަންނަ މީހަކަށް ވާންޖެހޭނެ. އެ ޙަދީޘްފުޅުތަކުގެ މާނަ އެނގެންޖެހޭނެ. ޤުރްއާނާ ބެހޭގޮތުންވެސް، އެކިއެކި އާޔަތް ބާވައިލައްވާފައިވަނީ ކޮންކޮން ސަބަބަކާހުރެކަން އެނގެންޖެހޭނެ. މިވެނި އާޔަތެއް ބާވައިލައްވާފައި އޮތީ، ކީއްވެގެން، ކޮން މުނާސަބަތެއްގައިކަން އެނގެންޖެހޭނެ. ކީރިތި ރަސޫލާގެ ޙަދީޘްފުޅުތައް ނުވަތަ އެކަލޭގެފާނު ޢަމަލުކުރެއްވި ކަންތައްތައް، އެއީ ކޮން މުނާސަބަތުތަކެއްގައި، ކީއްވެގެން ވިދާޅުވެފައިވާ ބަސްފުޅުތަކެއްކަމާއި، ކީއްވެގެން ޢަމަލުކުރައްވާފައިވާ ގޮތްތަކެއްކަންވެސް އެނގެންޖެހޭނެ. އަދި އޭގެއިތުރުން، ދަންނަބޭކަލުން އިޖްމާޢުވެވަޑައިގެންފައިވާ ކަންތައްތައްވެސް ރަނގަޅަށް އެނގެންޖެހޭނެ. ޤިޔާސްގެ ޝަރުޠުތަކާއި، ޤިޔާސްކުރެވޭގޮތް އެނގެންޖެހޭނެ. ބުއްދީގެ ހަމަތަކުގެ މަތީން، ދީނުގެ ޙުކުމްތައް ނެރެގަތުމަށްޓަކައި، ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ހުރިހާ ކަމެއް ދަންނަންޖެހޭނެ. އަދި ޤުރްއާނުގެތެރޭގައި ބައެއް އާޔަތްތައް ނަސްޚުކުރައްވާފައިވާތީ، އެ ނަސްޚުކުރައްވާފައިވާ އާޔަތްތަކާއި، އަދި ނަސްޚުކުރެއްވުމަށްޓަކައި ބާވައިލައްވާފައިވާ އާޔަތްތައް އެނގެންޖެހޭނެ. އާދެ، ނާސިޚު، މަންސޫޚު މި ދެބައިވެސް އެނގެންޖެހޭނެ. އަދި ޙަދީޘް ރިވާކުރުމުގައި ދިމާވެފައި ހުންނަ ގޮތްގޮތުން، ޙަދީޘްގެ ތަފާތު ފެންވަރުތަކެއްވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެ ހުރިހާ ފެންވަރުތައްވެސް އެނގެންޖެހޭނެ. ޞައްޙަ ޙަދީޘާއި، އެނޫން ޙަދީޘާއި، ޟަޢީފް ޙަދީޘާ މިއީ ކީއްވެގެން، ކިހިނެއް އައިސްފައި ހުރި ޙަދީޘްތަކެއްތޯވެސް ބަލަންޖެހޭނެ. މިގޮތުން، ވަރަށްގިނަ މަޢުލޫމާތުތަކެއް އެނގިހުރި، ވަރަށް މަތިވެރި ދަރަޖައަކަށް ތަޢުލީމު، އާދެ، ދީނީ ތަޢުލީމު ޙާޞިލްކޮށްފައިވާ މީހަކަށްނޫނީ، ދީނުގައި މިވެނިކަމެއް އޮތީ މިވެނިގޮތަކަށޭ އެހެން ބުނެފައި ފަތުވާއެއް ނުދެވޭނެ. އެއީ މަނާކަމެއް. ވަރަށްބޮޑު ފާފައެއް. އެކަން އެހެންއޮތްއިރު އަޅުގަނޑުމެންގެ ތެރޭގައި ފަތުވާދެމުން މިހިނގަނީ މިދެންނެވި ފަދަ އެއްވެސް މަޢުލޫމާތެއް ނެތް ބައެއް. އެހެންވީމާ، ވާގޮތަކީ، މީހުންގެތެރޭގައި ވަސްވާސް އުފެދެނީ. ޝައްކު އުފެދެނީ. އަޅުގަނޑުމެންގެ ޢާންމު ތަޢުލީމީ ޙާލަތު ހުރިގޮތުން، އަޅުގަނޑުމެންނަށް، މީހަކު އައިސް ދައްކާ ކޮންމެ ވާހަކައެއްވެސް ޤަބޫލުކުރެވެނީ. އެއީ އެކަން އޮންނަންވީ ގޮތެއްނޫން. ޚާއްޞަކޮށް، ދީނީ ކަންތައްތަކުގައި، އެކަން އޮންނަންވީ ގޮތެއްނޫން. ދީނީ ކަންތައްތަކުގައި، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނީ، ސާބިތުމަގުން އައިސްފައި ހުރި ޙުކުމްތައް، ޤުރްއާނުން ނުވަތަ ރަސޫލާގެ ސުންނަތުން ނުވަތަ ޝަރްޢުގެ އެހެން ދަލީލަކުން، ޞައްޙަ ދަލީލަކުން ސާބިތުވާންހުރި ކަންތައްތައް. އަދި، އަޅުގަނޑުމެން އިތުބާރުކުރާ ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްފޮތުގައި ހުންނަ ވާހަކަތައް.

އެހެންވީމާ، މިނުކުތާއަށް އަޅުގަނޑުމެން ވަރަށްބޮޑަށް ސަމާލުވާންޖެހިއްޖެ. އާދެ، މިއަތޮޅުގެވެސް ކޮންމެވެސް އެއްރަށެއްގައި އެކަހަލަ ކަންތައްތަކެއްވަނީ ހިނގާގޮސްފައި. އެހެންނަމަވެސް، އިރާދަކުރެއްވީތީ އެކަން ހަމަޖެހި، އެރަށުގެ ތެރޭގައިވެސް މިހާރު ހަމަޖެހުން ވަރަށްބޮޑު. އެހެންވީމާ، އެއީ އަޅުގަނޑުމެން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމެއް. އަޅުގަނޑުމެން ބޭނުމެއްނުވޭ، އަޅުގަނޑުމެންގެ ރައްޔިތުންގެ މެދުގައި އެއްވެސްކަހަލަ ހަމަނުޖެހުމެއް އުފެދޭކަށެއް. އެއްވެސްކަހަލަ ބައިބައިވުމެއް އުފެދޭކަށެއް.

އެހެންވީމާ، އަޅުގަނޑު މިދެންނެވި ނުކުތާތަކުގެ މައްޗަށް މިރަށުގެ ރައްޔިތުންވެސް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން، ހުރިހާ ކަމެއްގައިވެސް ދީނުގައި އަންގަވާފައިވާ ގޮތް ރަނގަޅަށް ބައްލަވައިގެން، އެކަން އެގޮތަށް ގެންދެވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް. އަދި ކުރިން ދެންނެވިފަދައިން، އަޅުގަނޑުމެންގެ ޢާއިލީ ކަންތައްތަކަށްވެސް އިތުރު ސަމާލުކަމެއްދީގެން، ޢާއިލާ އިތުރަށް ބަދަހިކޮށް، ޢާއިލާގެ ތެރޭގައި ހަމަޖެހުން އުފެދޭގޮތަކަށް އަޅުގަނޑުމެން އެންމެންވެސް ކަންތައްތައް ކުރަމުން ގެންދިޔުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މިއަތޮޅުގެ އަތޮޅުވެރިންނާ ބެހޭގޮތުންވެސް އެއްޗެއް ދަންނަވާލަން ބޭނުންވޭ. އަލްފާޟިލް ޙަސަން ކަލޭފާނަކީ ދެފަހަރެއްގެމަތިން، ވަރަށްގިނަ ދުވަސްތަކެއް ވަންދެން މިއަތޮޅުގެ އަތޮޅުވެރިކަން ކުރައްވާފައިވާ ބޭފުޅެއް. ވަރަށް ތަޖުރިބާހުރި، ވަރަށް ހަރުދަނާ، ޤާބިލް ބޭފުޅެއް. އޭނާ އަތޮޅުވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހުގައި، މިއަތޮޅުގެ ހުރިހާ ކަމެއްވެސް ވަރަށް ރީތިކޮށް ހަމަޖެހިގެން، ވަރަށް އޮމާންކޮށް ހިނގަމުން އެބަދޭ. އެހެންވީމާ، އޭނާ އެ ކުރައްވާ ޚިދުމަތްވެސް އަޅުގަނޑު ފާހަގަކޮށް، އޭނާއަށްވެސް މި މުނާސަބަތުގައި މަރުޙަބާ ދަންނަވަން.

އާދެ، އަޅުގަނޑު މިއަދު ބައެއް އެހެން ރަށްރަށަށްވެސް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާތީ، އަޅުގަނޑުގެ ވާހަކަކޮޅު މިހިސާބުން ނިންމާލަނީ. އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ހިދާޔަތުގެމަގުން ކުރިއަށްދިޔުމުގެ ތައުފީޤު ދެއްވުން. އެކަލާނގެ އަންގަވާފައިވާ ކަންތައްތައް ދެނެގަނެ، އަދި އެކަލާނގެ އަންގަވާފައިވާ ގޮތުގެމަތިން ހުރިހާ ކަމެއްވެސް ގެންދިޔުމުގެ ހިތްވަރާއި، ޢަޒުމް އަޅުގަނޑުމެންނަށް މިންވަރުކުރެއްވުން. ހަމައެފަދައިން، ތަރައްޤީގެ މަގުގައި އަޅުގަނޑުމެން ކުރަމުންގެންދާ މަސައްކަތްތަކުގެ ފައިދާ، މާތްﷲ އަޅުގަނޑުމެންނަށް ދެއްކެވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.