بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އާދެ، މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް. މިއަދަކީ ހަމައެކަނި ހުޅުދުއްފާރުގެ ތާރީޚުގައި ފާހަގަކުރެވޭނެ ދުވަހެއް ނޫން. މިއަދަކީ ރާއްޖޭގެ ތާރީޚުގައިވެސް ފާހަގަކުރެވޭނެ ދުވަހެއް. އާދެ، އެއީ ކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް ރަށެއް އާބާދުވެ، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ހަމަޖެހުނު ހަމަޖެހުން މިއަދު މިތާނގައި ފާހަގަކުރެވޭތީ.

އާދެ، ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައި، ހުޅުދުއްފާރާ ބެހޭގޮތުން ކަންތައްތައް ހިނގާފައިވާ ގޮތް އަޅުގަނޑުމެންނަށް ވިދާޅުވެދެއްވައިފި. އުނގުލާއި، ގާއުނޑޫދޫގެ ރައްޔިތުންގެ އެދިވަޑައިގަތުމުގެ މަތިން، އެ ދެރަށުގެ ރައްޔިތުން ހުޅުދުއްފާރަށް ބަދަލުކުރުމަށް ސަރުކާރުން ހަމަޖައްސައި، އެކަމާބެހޭ ހުރިހާކަމެއްކޮށް ގާތްގަނޑަކަށް ނިމި، މިއަދު މިރަށަކީ ރާއްޖޭގައި އޮތް، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި މި ހަމަޖެހެނީ. އެހެންކަމުން، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން އަދި އެކަލާނގެ ތައުފީޤާއި ވާގިފުޅާއެކީގައި، މާޅޮސްމަޑުލު އުތުރުބައިގެ ހުޅުދުއްފާރަކީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ރަސްމީގޮތުން އަޅުގަނޑު އިޢުލާނުކުރަން.

ހުޅުދުއްފާރު އާބާދުކޮށް، އެއީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަކީ ވަރަށްގިނަ ގޮތްގޮތުން ބަލާއިރު ވަރަށް މުހިންމު ކަމެއް. މިރަށަށް މިއައި ރައްޔިތުންނަކީ ޒަމާނުއްސުރެ މިއަތޮޅުގެ އެހެން ދެ ރަށެއްގައި ދިރިއުޅެމުން އައި ބައެއް. އެ ދެރަށަކީ އުނގުލާއި، ގާއުނޑޫދޫ. އެހެންނަމަވެސް، އެ ދެރަށަކީ މީހުން ދިރިއުޅެން ވަރަށްދަތި ދެ ރަށް ކަމަށްވާތީ އާދެ، ބިމުގެ ގޮތުންނާއި، ފަޅުގެދަތިކަން ހުރިގޮތުން، އެ ދެރަށުގައި މީހުން އުޅުމަކީ، އެމީހުންނަށް މާ ފަސޭހަ ކަމަކަށްނުވާތީ، އެމީހުން ސަރުކާރުގެ ކިބައިން އެދުނީ، އެހެން ރަށަކަށް ބަދަލުކޮށްދޭން. އުނގުލުގެ މީހުން މިކަން ސަރުކާރަށް ހުށަހަޅާތާ ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ. މިދައުރުގެ މާކުރިންވެސް އެމަސައްކަތް އެމީހުން ކުރަމުން ގެންދިޔަކަމުގެ މަޢުލޫމާތު އަޅުގަނޑަށް ލިބިފައިވޭ. އެހެންނަމަވެސް، އެމީހުންގެ އެ އެދުން ހާސިލުނުވެ މިއަދާހަމައަށް މިއޮތީ، ސަބަބުތަކެއްވެސް ހުރެގެން.

ކޮންމެއަކަސް، މިއަދަކީ އެމީހުންގެ އެ އެދުން ﷲ ފުރިހަމަކޮށްދެއްވި ދުވަސް. އެމީހުންނަށް، ދިރިއުޅެން ފަސޭހަ، ބިންބޮޑު އަދި ފަޅުގެ ފަސޭހަކަން ލިބިފައިވާ ރަށަކަށް ބަދަލުވިކަން އެއީ ޝައްކެއްނެތްގޮތުގައި، އެމީހުންގެ ދިރިއުޅުމަށް އައި ވަރަށްބޮޑު ކުރިއެރުމެއް. ވަރަށްބޮޑު ތަރައްޤީއެއް. އަދި އެމީހުންނަށް، ދިރިއުޅުމުގެ ކަންތައްތައް އިތުރަށް ކުރިއަށް ގެންދިޔުމަށް ލިބުނު، ވަރަށްބޮޑު ބާރެއް. ހަމައެފަދައިން، ގާއުނޑޫދޫގެ ރައްޔިތުންނަށްވެސް މި ފުރުޞަތު މި ލިބުނީ އެމީހުން އެގޮތަށް އެދުނުކަމަށްޓަކައި. މިކަމުގައި ސަރުކާރުން ކޮށްދިން މަސައްކަތަކީ، އެ ދެރަށުގެ ރައްޔިތުން މިރަށަށް ބަދަލުވުމަށް ކުރަންޖެހޭ ކަންތައްތައް. އާދެ، ރަށަކީ، މީހުން ދިރިއުޅެން ކަމުދާ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި ރަށް ޕްލޭން ކުރުމާއި، ރަށުގެ ޗާޓު ކުރެހުމާއި، ރަށުގައި ޢާންމު ޚިދުމަތުގެ ތަންތަން އުފައްދައިދިނުމާއި، މިކަންތައްތައް ސަރުކާރުން ކޮށްދިން. އާދެ، އޭގެތެރޭގައި، މަގުމަގު ހަދައިދިނުމާއި، ފާލަން އެޅުމާއި، މިސްކިތް ޢިމާރާތްކުރުމާއި، ސްކޫލެއް ޢިމާރާތްކުރުމާއި، އިންޖީނު ބަހައްޓައިދިނުމާއި، މިގޮތުން ޢާންމު ރައްޔިތުން ދިރިއުޅުމަށްޓަކައި ބޭނުންވާ ހުރިހާ ފަސޭހަތަކެއް، ހުރިހާ ވަސީލަތްތަކެއް، އިރާދަކުރެއްވީތީ ސަރުކާރުން މިވަނީ ހަމަޖައްސައިދީފައި. މީގެތެރެއިން ބައެއް ކަންތައްތަކަކީ އަދި އިތުރަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ކަމަށްވާތީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި އެމަސައްކަތްވެސް ސަރުކާރުން ކުރަމުން ގެންދާނެ.

އާދެ، މިއަދުގެ މުނާސަބަތުގައި، ހުޅުދުއްފާރުގެ ރައްޔިތުންގެ ގޮތުގައި މި ހަމަޖެހުނު އެންމެންނަށް ސަރުކާރުގެ ނަމުގައާއި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށްހޫނު މަރުޙަބާއެއް ކިޔަން. އާދެ، މިއަތޮޅުގެ ދެ ރަށެއްގައި އުޅެމުންދިޔަ ރައްޔިތުން މިރަށަށް ބަދަލުވުމަކީ، ކުރިންވެސް ދެންނެވި ފަދައިން، ވަރަށް ގިނަ ގޮތްގޮތުން ފާހަގަކޮށްލަންޖެހޭ ކަމެއް.

އާދެ، އޭގެތެރެއިން އެއްކަމަކީ، އާބާދީއަށް މިއަންނަ ބަދަލުތައް. އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީއަކީ އެއްދުވަހުން އަނެއްދުވަހަށް ވަރަށްބޮޑަށް އިތުރުވަމުންދާ އާބާދީއެއް. އެކަން އެހެންވުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިލާން ޖެހިފައިވާ މައްސަލަތައް ވަރަށްގިނަ. އޭގެތެރެއިން އެންމެބޮޑު މައްސަލައަކީ ބިމުގެ ދަތިކަމުގެ މައްސަލަ. މީހުން ދިރިއުޅުމަށްޓަކައި ބިން ބޭނުންވޭ. ގޯތިގެދޮރު އެޅުމަށާއި އަދި ދިރިއުޅުމަށް ކުރަންޖެހޭ އެހެން އިޤްތިޞާދީ މަސައްކަތްތައް ކުރުމަށާއި އަދި ދިރިއުޅުމުގެ ފަސޭހަތައް ޤާއިމުކުރުމަށް ބިން ބޭނުންވޭ. މިފަދަ ބިން ނުހުންނަ ތަންތާނގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަކީ ޙައްލުކުރަންވެސް ދަތި ކަންތައްތަކެއް. ރާއްޖޭގައި އެގޮތްވަނީ ދިމާވެފައި. ޤުދުރަތީގޮތުން އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެއް. އެހެންވީމާ، ބިމުގެ ދަތިކަމަކީ ޤުދުރަތީގޮތުންވެސް އަޅުގަނޑުމެންނަށް އިޙްސާސްކުރަން ޖެހިފައިވާ ދަތިކަމެއް. އެކަން އެހެން އޮއްވައި، އަޅުގަނޑުމެންގެ އާބާދީ މާ ބާރަށް، މާ ހަލުވިކޮށް އިތުރުވަމުން ދާކަމަށްވަންޏާ، މިމައްސަލަ އަޅުގަނޑުމެންނަށް ކުރިމަތިވާލެއް އަދި މާބޮޑުވާނެ. މާލެއަށްވެސް ދިމާވެފައިވާ އެންމެބޮޑު ދައްޗަކީ ބިމުގެ ދަތިކަން. އަދި މާލެ ފިޔަވައި ރާއްޖެތެރޭގައި ހުރި، ވަރަށްގިނަ ރަށްރަށަށްވެސް އެ ދަތިކަން ވަނީ އިޙްސާސްކުރަން ޖެހިފައި. އެހެންކަމުން، އަޅުގަނޑަށް ހީވަނީ އުނގުލުގެ މީހުންނަށާއި، ގާއުނޑޫދޫގެ މީހުންނަށް މި ލިބުނު ފުރުޞަތަކީ ވަރަށް ރަނގަޅު ފުރުޞަތެއްހެން. އަދި ޚާއްޞަކޮށް، މިރަށަށް އެމީހުން އެ ބަދަލުވީ، އޭގެކުރިން މިރަށް ރަނގަޅަށް ރާވައި ޕްލޭންކޮށް ނިމިފައިވަނިކޮށް. އެހެންވީމާ، އެފުރުޞަތުގެ ފައިދާ ހޯއްދަވައިގެން މިރަށުގެ ރައްޔިތުން އިތުރަށް ކުރިއަށް ވަޑައިގަތުމުގެ މަގު މިއޮތީ ތަނަވަސްވެފައި.

ތަރައްޤީގެ ހުރިހާ ކަމަކީވެސް އާބާދީގެ މައްސަލަތަކާ ގުޅިފައިވާ ކަމެއް. އިޤްތިޞާދީ ގޮތުން ކުރިއަށްދިޔުމަށްޓަކައި ބޭނުންވާ ކަންތައްތަކަކީ، އޭގެ ސަބަބުން އެތަނެއްގައި ދިރިއުޅޭ ބަޔަކަށް ފައިދާކުރާނެ ކަންތައްތަކެއް. ރާއްޖޭގެ ނިސްބަތުގައިވިއްޔާ، މަސްވެރިކަމާއި، ޓޫރިޒަމާއި އަދި އެނޫންވެސް ތަފާތު ކަންތައްތައް ކުރަމުން މިގެންދަނީ އެބޭނުމުގައި. އެހެންކަމުން، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ އަޅުގަނޑުމެން ކުރާ މަސައްކަތްތައް ޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ މައްޗަށް. މަސްވެރިކަންވެސް މިދަނީ އެގޮތުގެމަތިން ބަދަލުވަމުން. އަދި ޓޫރިޒަމްގެ މަސައްކަތްވެސް ދަނީ އެގޮތަށް ބަދަލުވަމުން. އަދި އަޅުގަނޑުމެން ކުރާ ދަނޑުވެރިކަމާއި އަދި އެނޫންވެސް ކަންތައްތަކަކީ ޒަމާނާ އެއްގޮތަށް ބަދަލުކޮށްގެން، އެއިން ލިބެން އޮންނަ އެންމެބޮޑު ފައިދާއެއް ހާސިލުކުރެވޭގޮތަށް އަޅުގަނޑުމެން ކުރަންޖެހޭނެ މަސައްކަތްތަކެއް. އާބާދީގެ މައްސަލަތައް ޙައްލުކުރާއިރު ކުޑަކުދިންނަށް ހެޔޮގޮތުގައި ތަޢުލީމު ދިނުމާއި، ތަރުބިޔަތު ދިނުމުގެ މުހިންމުކަންވެސް ވަރަށްބޮޑު. އެއީ އަޅުގަނޑުމެންގެ ކުދިން އިތުރުވަމުންދާ ދިޔުމުގައި، އެމީހުންނަކީ ޤައުމަށް ފައިދާހުރި، ބޭނުންހިފޭ ބަޔެއްކަމުގައި އަޅުގަނޑުމެން ހަދަންޖެހޭނެ. ކޮންމެ މަންމަޔަކުވެސް އަދި ކޮންމެ ބައްޕަޔަކުވެސް އެމީހަކަށް ނުވަތަ އެބަޔަކަށް ލިބޭ ކުދިންނަކީ ފައިދާހުރި ރަނގަޅު ޞާލިޙު ކުދިންތަކެއްގެ ގޮތުގައި ހެދުމުގެ މަސައްކަތަކީ އެމީހުންގެ ބޮލުގައި އެޅިފައިވާ، ވަރަށްބޮޑު މަސްއޫލިއްޔަތެއް. އެހެންވީމާ، އާބާދީ އިތުރުވަމުންދާ ދިޔުމުގައި އަޅުގަނޑުމެން ވިސްނަންޖެހޭނެ، އަޅުގަނޑުމެންގެ ކުދިންނަށް ރަނގަޅު ތަރުބިޔަތެއް ދެވޭތޯ ބެލުމަށް. އެކަށީގެންވާ ތަޢުލީމެއްދީ، އެމީހުންނަކީ ރަނގަޅު ބައެއްކަމަށް ހެދުމަށް.

މިވާހަކަ މިހެން ދަންނަވާއިރު، އާބާދީއާ ގުޅިފައިވާ، ވަރަށް މުހިންމު މަސައްކަތެއް މިއަހަރު ކުރުމަށް ހަމަޖެހިފައިވާ ވާހަކަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އެއީ ރާއްޖޭގެ ބޯހިމެނުމުގެ ވާހަކަ. އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގައި ބޯހިމެނުން ހިނގަނީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު. އެންމެފަހުން ބޯހިމެނުން ބޭއްވިފައިވަނީ، 1990 ވަނަ އަހަރު. މިހާރު މިއޮތީ 1995 ވަނަ އަހަރު އައިސްފައި. އެހެންވީމާ، މިއަހަރުގެތެރޭގައި އަދި މިމަހުގެ ފަހުކޮޅު އެ މުހިންމު މަސައްކަތް ސަރުކާރުން ކުރަން ޤަޞްދުކޮށްފައިވޭ. އެކަން އޮންނާނީ މިރަށުގެ ރައްޔިތުންނަށްވެސް އެނގިވަޑައިގެންފައި. އެކަމަކީ ވަރަށް މުހިންމު ކަމެއް. ބޯހިމެނުމުގެ ހިސާބުތަކުން އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެންގެ މިއަދުގެ ޙާލަތު. އެއިން އެނގެނީ ހަމައެކަނި ރާއްޖޭގައި ދިރިއުޅޭ މީހުންގެ އަދަދެއް ނޫން. އޭގެއިތުރުން، ރާއްޖޭގައި ދިރިއުޅޭ މީހުން ކުރާ މަސައްކަތާއި، އެމީހުންނަށް ދިމާވާ އެކިއެކި ކަންކަމާއި އަދި ދިރިއުޅުން ތަރައްޤީކުރުމަށްޓަކައި ކުރަން ބޭނުންވާ ކަންތައްތައް ރޭވުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއްވެސް ބޯހިމެނުމުގެ ތެރޭގައި ހިމެނިފައިވޭ. އެހެންވީމާ، މި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތަކަށްވާތީ، އަޅުގަނޑު އެދެނީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ބޯހިމެނުމުގެ ކަންތައްތައް ސަރުކާރުގެ ކަމާބެހޭ ފަރާތުން އަންގަވާ ގޮތެއްގެމަތިން ކުރިއަށް ގެންގޮސްދެއްވުން. އޭރުން، ބޯހިމެނުމުން އަޅުގަނޑުމެން ބޭނުންވާ މަޢުލޫމާތުތައް ލިބި، އޭގެ އަލީގައި މުސްތަޤްބަލަށް ރާވާ ޕްރޮގްރާމްތައް އެކަށީގެންވާ ރަނގަޅު ގޮތެއްގައި ރޭވޭނީ.

އާދެ، މިއަދު ހުޅުދުއްފާރު އެއީ، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ހަމަޖެއްސި ހަމަޖެއްސުމަކީ ރާއްޖޭގެ ތިމާވެށްޓާވެސް ގުޅިފައިވާ ކަމެއް. ތިމާވެށްޓަށް މި އަންނަމުންދާ ބަދަލުތަކުގެ ވާހަކަ ތިޔަބޭފުޅުން އައްސަވާނެ. އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށްޓަކީ ވަރަށް ނާޒުކު ތިމާވެށްޓެއް. ވަރަށް ގިނަ ގޮތްގޮތުން އެކިއެކި ނުރައްކާތައް ކުރިމަތިވަމުންދާ ތިމާވެށްޓެއް. ފަޅުގެ ދަތިކަމަކީ އަދި ބިމުގެ ދަތިކަމަކީވެސް ތިމާވެށީގެ ތެރޭގައި ހިމެނޭ ކަންތައްތައް. އަދި މުސްތަޤްބަލަށް ވިސްނާއިރު ރާއްޖެފަދަ، ފަސްގަނޑު ތިރި ޤައުމަކަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ބޮޑެތި ރަށްރަށަށް މީހުން ބަދަލުވުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމުގައި ހުރިހާ ފަރާތަކުންވެސް ލަފާދޭ. އާދެ، ކުދިކުދި ވަކިވަކި ޖަޒީތާތަކެއްގެ ގޮތުގައި ދިރިއުޅުމަށްވުރެ ތަންކޮޅެއް ފަސްގަނޑު ބޮޑު އަދި ދިރިއުޅުން ފަސޭހަ ރަށްރަށަށް ގިނަ މީހުން ބަދަލުވެގެން، އެތަންތާނގައި އިޤްތިޞާދީ މަސައްކަތްތައްވެސް ކުރުން އެކަށީގެންވާ އަދަދަކަށް މީހުން ދިރިއުޅެމުން ގެންދިޔުމަކީ، މުސްތަޤްބަލަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް. އެހެންވީމާ، އެކަންވެސް އަޅުގަނޑުމެން މިއަދު ދަންނަންޖެހޭނެ.

ރާއްޖޭގައި މިހާރުވެސް ވަރަށްގިނަ އަދަދަކަށް، ވަރަށް ކުދިކުދި ރަށްރަށް އެބަހުރި. އަދި އެރަށްރަށުގައި، އެރަށްރަށުގެ މީހުންނަށް ވަރަށްދަތިވާ ކަންތައްތަކެއްވެސް ހުރޭ. އަދި ދިރިއުޅުން ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހުރަސްއަޅާ ކިތަންމެ ކަންތައްތަކެއްވެސް ހުރޭ. އެހެންކަމުން، އަޅުގަނޑުމެން ވިސްނަންޖެހެނީ މުސްތަޤްބަލަށްޓަކައި އެފަދަ ރަށްރަށުގެ މީހުން އެއަށްވުރެ ފަސްގަނޑު ބޮޑު އަދި ފަޅުވެސް ބޮޑު، ލަފާފުރުން ފަސޭހަ އަދި އިޤްތިޞާދީ ގޮތުން ކުރިއަށްދިޔުމަށްޓަކައި އެކިއެކި މަސައްކަތްތައް ކުރެވެން ހުންނަކަހަލަ ރަށްރަށަށް ބަދަލުވުމަށް. އަޅުގަނޑުހިތުން މިއީވެސް ވަރަށް މުހިންމު ކަމެއް. ހަމައެކަނި އާބާދީގެ ނަޒަރަކުން ނޫން، ތިމާވެށީގެ ނަޒަރުން ބެލިނަމަވެސް، އަދި ޤައުމެއްގެ ހައިސިއްޔަތުން ބެލިނަމަވެސް، ޤައުމެއްގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބާރުލުމާއި އަދި ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އަމަންއަމާންކަން ޤާއިމުކުރުމާއި، މި ހުރިހާ ކަމަކަށް ވިސްނާއިރުވެސް، މަދު ރަށްރަށެއްގައި މީހުން ގިނައިން އުޅުމަކީ ބޭނުންތެރިކަމެއް ކަމުގައި ފެނޭ. އެހެންވީމާ، މި ނުކުތާތަކާ ދޭތެރޭގައި ރާއްޖޭގެ ރައްޔިތުން ވިސްނަވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.

އާދެ، މިއަދުގެ މިޖަލްސާއަކީ، މާޅޮސްމަޑުލު އުތުރުބައިގެ ހުޅުދުއްފާރަކީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ހަމަޖެއްސި ހަމަޖެއްސުން އިޢުލާނުކުރުމަށް ބޭއްވޭ ޖަލްސާ. އެހެންކަމުން، މިޖަލްސާގައި މާ އިތުރު ވާހަކަތަކެއް ދައްކާކަށް އަޅުގަނޑު ގަސްތެއްނުކުރަން. މިއަދުގެ ޕްރޮގްރާމް ހަމަޖެހިފައިވާ ގޮތުން، މިއަތޮޅުގެ އެހެން ބައެއް ރަށްރަށަށްވެސް އަޅުގަނޑު ދާން ހަމަޖެހިފައި އޮތުމާއެކީގައި، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަނީ. އެހެންނަމަވެސް، މިދަތުރަކީ މިއަތޮޅުގެ އެންމެ ތިން ރަށަކަށް އަޅުގަނޑަށް ޒިޔާރަތްކުރެވޭ ގޮތަށް ހަމަޖެހިފައިވާ ދަތުރެއް ކަމަށްވާތީ، އެނޫން ރަށްރަށުގެ ވެރިންނާއި މެޖިސްޓްރޭޓުން މިތާ ތިއްބެވީތީ، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މަރުޙަބާ ދަންނަވަން. އަދި އެބޭފުޅުން މެދުވެރިކޮށް އެރަށްރަށުގެ ރައްޔިތުންނަށްވެސް އަޅުގަނޑުގެ ހެޔޮއެދުންތައް ރައްދުކުރުމަށްޓަކައި މި ފުރުޞަތުގެ ބޭނުންކުރަން. އަޅުގަނޑު މިއަތޮޅަށް އައުމާއެކީގައި، މިއަތޮޅުގެ އަތޮޅުވެރިންގެ ފަރާތްޕުޅުންނާއި، ރަށްރަށުގެ ވެރިންނާއި އަދި ޚާއްޞަކޮށް، ހުޅުދުއްފާރުގެ ވެރިންނާއި ރައްޔިތުންގެ ފަރާތްޕުޅުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އެދުމަކީ، މިއަދު އާބާދުވެގެން، ވަކިރަށެއްގެ ގޮތުގައި މި ހަމަޖެހުނު ހުޅުދުއްފާރަށް، اللّـه سبحـانـه وتعـالى އިތުރު ތަރައްޤީއާއި ކުރިއެރުމުގެ މަގު ތަނަވަސްކޮށްދެއްވުން. ހުޅުދުއްފާރުގެ ރައްޔިތުންނަކީ، އެބައިމީހުންގެ މެދުގައި އިސްލާމީ އުޚުއްވަތްތެރިކަމާއި، އެކުވެރިކަމާއި، އެއްބާރުލުމާއި ލޯބި، އަދި ހުރިހާގޮތަކުންވެސް އެއްބައިވަންތަކަން ޤާއިމުވެފައިވާ ބައެއްގެ ގޮތުގައި ﷲ ލެހެއްޓެވުން. އަދި މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި އަޅުގަނޑުމެން އެންމެން ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީޤު ދެއްވައި، އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލެއްވުން.

والسّـلام عليـكم ورحـمة اللّـه وبركاته.