بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.
އަލިފުށްޓަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ވަރަށް ޚާއްޞަ ރަށެއް. މިރަށަކީ ރާއްޖެއަށް މިއަންނަމުންދާ ކުރިއެރުން ތަމްސީލުކޮށްދޭ ރަށެކޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. މިއަދު މިރަށަށް އައިސް، އަލިފުށީ ވަޑިންގެ އެކުވެރި ޖަމްޢިއްޔާގެ ފަރާތުން ތައްޔާރުކުރައްވާފައިވާ އިންޖީނުގެ ހުޅުވައިދިނުމަކީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. މިކަން އަޅުގަނޑުގެ ކިބައިން ކޮށްދިނުން އެދިވަޑައިގެން، އެޖަމްޢިއްޔާގެ ފަރާތުންވަނީ އަޅުގަނޑާ ހަމައަށް އެކަން ގެންނަވާފައި. އާދެ، ޖަމްޢިއްޔާގެ ފަރާތުން އަލްފާޟިލް އަޙްމަދު ވަޖީހު މާލެ ވަޑައިގެން އަޅުގަނޑާ ބައްދަލުކުރައްވައި މިވާހަކަ ވަނީ ވިދާޅުވެފައި. އަލިފުށީ ވަޑިންގެ އެކުވެރި ޖަމްޢިއްޔާގެ ފަރާތުން މުޅި ޖަމާޢަތަށް ފައިދާހުރި މިފަދަ ބޮޑު މަސައްކަތެއް ކުރެއްވީތީ އަޅުގަނޑު ވަރަށްބޮޑަށް އުފާކުރަން. އަދި އެ ޖަމްޢިއްޔާގެ ވެރިންނަށާއި، ހުރިހާ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަލްފާޟިލް އަޙްމަދު ވަޖީހު ވަޑައިގެން އެވާހަކަ ވިދާޅުވުމުން އަޅުގަނޑު ދެންނެވީ، އިރާދަކުރެއްވިއްޔާ އިންޖީނުގެ ރަސްމީގޮތުން ހުޅުވައިދިނުމަށްޓަކައި އަޅުގަނޑު އަލިފުށްޓަށް ދާނަމޭ. އެހެންނަމަވެސް، އިންޖީނުގޭގެ ކަންތައްތައް ނިމުމުން ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ލިބޭނޭގޮތް ހައްދަވައިދެއްވާށޭ. އެއީ އަޅުގަނޑުގެ މަސައްކަތް ހުންނަގޮތުން ކުއްލިއަކަށް އެފަދަ ދަތުރެއް ކުރުމަކީ ދަތިކަމަކަށް ވެދާނެއޭ. އެހެންވީމާ، އިންޖީނުގޭގެ މަސައްކަތް ނިމި، އެއިން ލިބެންޖެހޭ ޚިދުމަތް ރައްޔިތުންނަށް ނުލިބި ގިނަދުވަސްތަކެއްވާނަމަ، އެއީ އަޅުގަނޑު ހިތްހަމަޖެހޭކަމެއް ނޫނޭ. އެގޮތަށް ދެންނެވުމާ ގުޅިގެން، އަޅުގަނޑުހިތުން މިރަށުގެ ރައްޔިތުންނަށް ވަނީ އެ އިންޖީނުގޭގެ ޚިދުމަތް ލިބެން ފަށާފައި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިދިޔަ ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތަކުގައިވެސް ރަށުގެ ރައްޔިތުންނަށް ކަރަންޓް ލިބުނު. އެހެންކަމުން، އެކަން އެދިޔައީ ވަރަށް ރަނގަޅު އަދި ހިތްހަމަޖެހޭގޮތަކަށް ކަމުގައި އަޅުގަނޑު ދަންނަވަން.
ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ ފަދައިން، ވަރަށްފަހުންވެސް އެއްފަހަރު އަޅުގަނޑު އަލިފުށްޓަށް ޒިޔާރަތްކޮށްފިން. އެއީ 1993 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު. އެފަހަރު އައީ އޭރު އަޅުގަނޑު ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށަށް ކުރި ޒިޔާރަތެއްގައި. މިފަހަރު މިއީ އަޅުގަނޑަށް މިރަށަށް އާދެވުނު ހަތަރުވަނަ ފަހަރު. އާދެ، މިއަދު އަޅުގަނޑު މިރަށަށް މިއައީ، ދެންމެ މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް އިސްމާޢީލް ރަޝީދުގެ ވާހަކަފުޅުގައިވެސް އެ ވިދާޅުވި ފަދައިން، އަޅުގަނޑު އުތުރުގެ ބައެއް އަތޮޅުތަކުގެ ބައެއް ރަށްރަށަށް ކުރާ ޒިޔާރަތެއްގައި.
ކުރިންވެސް ދެންނެވިފަދައިން، އަލިފުށްޓަކީ ވަރަށް ޚާއްޞަ ރަށެއް. މިހެން ދަންނަވަން ޖެހެނީ، ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު އެއް ބިންގާ ކަމުގައިވާ މަސްވެރިކަން ތަރައްޤީކޮށް، ޒަމާނާ އެކަށީގެންވާ ގޮތަށް ގެންނަންޖެހޭ ބަދަލުތައް އެކަމަށް ގެނައުމުގައި، އަލިފުށި ވަރަށްބޮޑު ޙިއްޞާއެއް ކުރަމުން ގެންދާތީ. އާދެ، އަލިފުށީގައި ސަރުކާރުން ބޯޓުޔާޑެއް އުފައްދައި، އެތާނގެ މަސައްކަތް ފެށުނީ މީގެ 12 އަހަރު ކުރިން، 1983 ވަނަ އަހަރު. އަޅުގަނޑުމެން މި ކިޔާ ސެކަންޑް ޖެނެރޭޝަން ދޯނިފަހަރު ނުވަތަ ދެވަނަ ޖީލުގެ މަސްދޯނިފަހަރު ޑިޒައިންކޮށް، އެ މަސްދޯނިފަހަރު ބަނުމުގެ މަސައްކަތް އެ ބޯޓުޔާޑުން ކުރަމުން އެބަގެންދޭ. އެއީ އަޅުގަނޑުމެންގެ މަސްވެރިކަމަށް އައި، ވަރަށްބޮޑު ދިރުމެކޭ އަޅުގަނޑަށް ދަންނަވަން ކެރިދާނެ. މިހާރުވެސް ވަރަށް ގިނަ ރަށްރަށުގެ، ދޯނިފަހަރު ދުއްވާ މީހުން، އަލިފުށީ ބޯޓުޔާޑުން ތައްޔާރުކުރާ ދޯނިފަހަރު ނުލިބިގެން، އެކަމުގެ ޝަކުވާ ކުރަމުންގެންދޭ. އަލިފުށީގައި ބަންނަ މަސްދޯންޏަކީ ވަރަށް ފައިދާހުރި، އެންމެންވެސް އެއިން ދޯންޏެއް ލިބޭތޯ ވަރަށްބޮޑަށް އެދެމުންގެންދާ ދޯންޏެއް. އެހެންވީމާ، އެމަސައްކަތް ކާމިޔާބުކަމާ ދޭތެރޭގައި އެއްވެސް ޝައްކެއްނެތް. އަލިފުށީ ބޯޓުޔާޑުން މި ބަންނަ މަސްދޯނިފަހަރުގެ ސަބަބުން އަޅުގަނޑުމެންގެ މަސްވެރިކަމަށް މިއައި ބަދަލާއި، މިއައި ކުރިއެރުމަކީ އަޅުގަނޑުހިތުން ރާއްޖޭގެ އެންމެންވެސް ދަންނަ ކަމެއް.
އެހެންވީމާ، އަލިފުށްޓަކީ އަދި ޚާއްޞަކޮށް އަލިފުށީގެ ވަޑިންނަކީ، އަޅުގަނޑުމެންގެ މަސްވެރިކަން މިހާރާ ގުޅޭގޮތަކަށް ބަދަލުވަމުންދިޔުމުގައި ވަރަށްބޮޑު ޙިއްޞާއެއް އަދާކޮށްފައިވާ ބައެއް. ވަރަށްބޮޑު ރޯލެއް ކުޅެފައިވާ ބައެއް. އެހެންވީމާ، އެކަންވެސް ފާހަގަކޮށް، އަލިފުށީ ވަޑިންނަށް މި މުނާސަބަތުގައި އަޅުގަނޑު މަރުޙަބާއާއި ތަހުނިޔާ ރައްދުކުރަން. އާދެ، 1983 ވަނަ އަހަރުން ފެށިގެން ތަފާތު މަޝްރޫޢުތަކުގެ ދަށުން އަލިފުށީ ބޯޓުޔާޑުގައި މަސްދޯނިފަހަރު ބަނދެވިފައިވޭ. މިއަދާ ހަމައަށް 217 ދޯނި ބަނދެވިފައިވާކަމުގެ މަޢުލޫމާތު އަޅުގަނޑަށް ވަނީ ލިބިފައި. ޝައްކެއްނެތް، އެއީ، ވަރަށް ބޮޑު އަދަދެއް. އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ވަނީ، ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައި.
މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް ބިންގާ ކަމަށްވާތީ، މަސްވެރިކަން ކުރިއަރުވައި ތަރައްޤީކޮށް، އެއިން ރައްޔިތުންނަށާއި ޤައުމަށް ލިބޭ ފައިދާ އިތުރުކުރުމަކީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެމުންއަންނަ ކަމެއް. މިދެންނެވި ގޮތުން ދެވޭ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން، ތަފާތު ގިނަ މަޝްރޫޢުތަކެއް، މަސްވެރިކަން ތަރައްޤީކުރުމުގެ މަޤްޞަދުގައި ވަނީ ހިންގިފައި. މިގޮތުން، ސަރުކާރުން، ބޭރުގެ އެކިފަރާތްފަރާތުގެ ލޯނުގެ އެހީ ހޯދައިގެން، މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި ވަރަށްގިނަ ޚަރަދުތަކެއް ކުރަމުން އެބަގެންދާކަން، އަޅުގަނޑު ނުދެންނެވިނަމަވެސް، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ ދޯނިފަހަރު ބަނުމަށް މިއައި ބަދަލަކީ، އަޅުގަނޑުމެން ދަމަހައްޓަންޖެހޭ ކަމެއް.
އެހެންވީމާ، އެ ހުނަރު ދަސްކޮށްދިނުމަށް އަލިފުށީގައި މަރުކަޒެއް ޤާއިމުކުރެވިފައިވޭ. އެއީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. އެއީ މިހާރުތިބި ވަޑިންނަކީ، ކިތަންމެ ފައިދާހުރި މަސައްކަތްތަކެއް ކުރަމުންގެންދާ ބަޔަކު ކަމުގައިވިޔަސް، އެމީހުން ދާދުވަހަކުން އަލިފުށީގައި ނުވަތަ އަޅުގަނޑުމެންގެ ރާއްޖޭގައި މިކަން ކުރިއަށްގެންދާނެ ބަޔަކު ނެތިއްޖެނަމަ، އޭގެ ސަބަބުން އަޅުގަނޑުމެންގެ ދޯނިފަހަރު ދުއްވުމަށާއި، މަސްވެރިކަމަށް ވަރަށްބޮޑު ހީނަރުކަމެއް އަންނާނެ. އެހެންވީމާ، އެހެންވިޔަ ނުދިނުމަށްޓަކައި މި މަރުކަޒު ޤާއިމުކުރެވިފައި ވަނީ. އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، އަލިފުށީގައި ހިންގަމުންގެންދާ، ރޫރަލް ޔޫތު ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރަކީ، މިދެންނެވި މަރުކަޒު. އެ މަރުކަޒުގައި ކިޔަވަމުންގެންދާ ކުދިންނަށް، ލަކުޑިން ދޯނިފަހަރު ބަނުމާބެހޭ ހުނަރުތައް ދަސްކޮށްދެނީ. އެއި އަޅުގަނޑުމެންގެ މި ތަރައްޤީ ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ ކަމެއް.
މިރަށަކީ ތަރައްޤީގެ ރޮނގުގައިވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ރަށެއް. ރާއްޖެތެރެ އިޞްލާޙުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ސަރުކާރުންވެސް މިރަށަށް ވަރަށްގިނަ ކަންތައްތައް ކޮށްދީފައި އެބަހުރި. އޭގެތެރޭގައި، ރަށުއޮފީސް ޢިމާރާތްކުރުން، ރަށްވެހިގެ ޢިމާރާތްކުރުން، މަދަރުސާ އަޕްގްރޭޑް ކުރުން ހިމެނޭ. ދެން ކުރިން ދެންނެވި، އާރު.ވައި.ވީ.ޓީ.ސީ.ގެ، ދޯނި ބަނުމާބެހޭ ޓްރޭނިންގ ސެންޓަރ ޤާއިމުކުރުން، އަދި އަލިފުށީ ބޯޓުޔާޑު މިރަށުގައި ޤާއިމުކުރުން، މިކަންތައްތައް ހިމެނޭ. ހަމައެހެންމެ، މިރަށުގައި މިސްކިތެއް ޢިމާރާތްކޮށްދިނުމާއި އަދި ދާދިފަހުން، މިއަތޮޅުގައި އޮއިވާލި ކަނދުފައްޗެއް ހަރުކުރުން އެއީވެސް އަޅުގަނޑުހިތުން މިއަތޮޅުގެ ތަރައްޤީއަށް ސަރުކާރުން އަޅައިދީފައިވާ މުހިންމު ފިޔަވަޅުތަކެއް.
މަސްވެރިކަމަކީ ރާއްޖޭގެ އާބާދީގެ އެންމެ ގިނަ ބަޔަކު ކުރަމުންގެންދާ މަސައްކަތް. އެއީ، ގާތްގަނޑަކަށް ހުރިހާ ރަށެއްގައިވެސް ކުރެވެން އޮންނަ މަސައްކަތެއް. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން ދޭންޖެހޭ ސަމާލުކަމަކީ އަބަދުވެސް ދޭންޖެހޭނެ ސަމާލުކަމެއް. ރާއްޖޭގައި އިޤްތިޞާދީ ގޮތުން ފައިދާހުރި އެހެން މަސައްކަތްތައް ކުރެވެމުންދިޔަކަމުގައިވިޔަސް، މަސްވެރިކަމަށް އެއްވެސްކަހަލަ ނުރަނގަޅު ބަދަލެއް އައުމަކީ، ތަނުގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމެއްނޫން. އަޅުގަނޑު އެހެން މިދެންނެވީ، ބައެއް މީހުންގެ ހިތަށްއަރާފާނެ، ޓޫރިޒަމްގެ މަސައްކަތް މިހާރު ރާއްޖޭގެ އެތަންމިތަނަށް ފެތުރިގެންދާ ދިޔުމުގައި، މަސްވެރިކަމުގެ ޙިއްޞާ ކުޑަވެގެންދިޔުމަކީ އެންމެ ރަނގަޅު ކަމެކޭ. އެކަމަކު އެއީ ހަމަ ވަރަށްބޮޑު ކުށްހީއެކޭ އަޅުގަނޑަށް ދަންނަވަންޖެހޭ. މަސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން އެންމެ ރަނގަޅަށް ކުރަމުން އަންނަ، އެންމެ މުހިންމު އިޤްތިޞާދީ މަސައްކަތް. އެމަސައްކަތް އަޅުގަނޑުމެން ދޫކޮށްލައިގެން ފަރުޖެހޭކަށް ނޯންނާނެ. ޓޫރިޒަމަކީ ވަކިބާވަތެއްގެ މަސައްކަތެއް. އެމަސައްކަތް ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި އަދި ދުނިޔޭގެ މާޙައުލަށް އަންނަ ބަދަލުތަކާ ގުޅިގެން ޓޫރިޒަމަށް އަތުވެދާނެ ބަދަލުތަކަކަށްޓަކައި އަޅުގަނޑުމެން ހުރިހާ ކަމެއް ޓޫރިޒަމަށް ހުއްޓާލައިގެން ތިބޭކަށެއްވެސް ނުވާނެ. ޓޫރިޒަމް ތަރައްޤީކޮށް ކުރިއެރުވުމަކީވެސް ވަރަށް މުހިންމު ކަމެއް. އެމަސައްކަތް ސަރުކާރުންނާއި އަދި އަމިއްލަ ފަރާތްތަކުން ގެންދަނީ ކުރަމުން. އޭގެ ހެޔޮ ނަތީޖާވެސް ފެންނަމުންދޭ. އެހެންނަމަވެސް، އެއާއެކީގައި ނުވަތަ އެއަށްވުރެވެސް ކުރިން އަޅުގަނޑުމެންގެ ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން މިއަންނަ މަސްވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ.
އާދެ، އެގޮތުން ތަފާތު މަޝްރޫޢުތައް ރާވައިގެން، ސަރުކާރުން މިހުރިހާ ހޭދައެއް ކުރަމުން މިގެންދަނީ. މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި މިހާރުވެސް މާންދޫ ޕްރޮޖެކްޓާއި، ކޫއްޑޫ ޕްރޮޖެކްޓް ކުރިއަށް އެބަ ގެންދެވޭ. މާންދޫ ޕްރޮޖެކްޓްގެ ފުރަތަމަ ފޭސް، ފުރަތަމަ މަރްޙަލާ މި އަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ ނިމޭނެ. މިހުރިހާ ކަމެއް ކުރަމުން މިގެންދަނީ، ބޭރު ތަންތާނގެ އެހީއާއި އަދި ލޯނުގެ އެހީވެސް އަޅުގަނޑުމެން ހޯދައިގެން. އެ ލޯނުގެ އެހީއަކީ އަޅުގަނޑުމެންނަށް ވަރަށް ފައިދާކުރާ ކަމެއްކަމުގައިވިޔަސް، ލޯނެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ބޭނުންކުރެވޭ ފައިސާއަކީ އަނބުރާ ދައްކަންޖެހޭނެ ފައިސާއެއް. އެފައިސާ އަނބުރާ ދެއްކޭނީވެސް އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުން އެއްޗެއް ނެރެވިގެން. މަސްދޯނިފަހަރުގައި މަސްވެރިކަން ކޮށްގެން ނުވަތަ މާންދޫއާއި ކޫއްޑޫން އެ ލިބޭ ތަފާތު ފަސޭހަތަކުން އިޤްތިޞާދީ ގޮތުން ފައިދާކުރާނެ ކަންތައްތަކެއް ކުރެވިގެން. އެގޮތުން، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއަކުން މި ލޯނުގެ ފައިސާ އަނބުރާ ދައްކަންޖެހެނީ. އެހެންވީމާ، މަސްވެރިކަމަކީ ފަހަރެއްގައިވެސް އަޅުގަނޑުމެންނަށް ދޫކޮށްލައިގެން ފަރުޖެއްސޭނެ ކަމެއްނޫން. އެކަންޖެހޭނީ އަބަދުވެސް ކުރިއަށްގެންދަން.
އަލިފުށީ ބޯޓުޔާޑުގެ މަސައްކަތުގައި އަލްފާޟިލް އަޙްމަދު ވަޖީހު އަދާކުރައްވާފައިވާ ބަޔަކީވެސް ވަރަށް މުހިންމު ބައެއް. އާދެ، އޭނާއަކީ ކަމުގެ މާހިރެއް. ބޭރުން، ނޭވަލް އާކިޓެކްޗަރގެ ބައި ކިޔަވައިވިދާޅުވެގެން ވަޑައިގެން ހުންނެވި ބޭފުޅެއް. އޭނާ ޑިޒައިން ކުރެއްވި ދޯނި މިވަނީ ވަރަށް ކާމިޔާބު ދޯންޏަކަށް. އަދި އޭރުއްސުރެ ފެށިގެން މިރަށުގައި އޭނާ ހުންނަވައިގެން، އޭނާގެ ޚިދުމަތްތައް ބޯޓުޔާޑާށް ލިބެމުންދާކަމީ ވަރަށް އުފަލާއެކު އަޅުގަނޑު ފާހަގަކޮށް، ވަރަށް ޚާއްޞަ ޝުކުރެއް އެކަމަށްޓަކައި އަލްފާޟިލް އަޙްމަދު ވަޖީހަށް ދަންނަވާ ކަމެއް.
ދުނިޔެ ބަދަލުވަމުންދިޔަދިޔަހެން އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތަކަށްވެސް ބަދަލު އަންނަމުންދާ ފަދައިން، މަސްވެރިކަމަށްވެސް ބަދަލު އަންނަންޖެހޭ. އަދި މިހާރުވެސް ދަނީ ބަދަލު އަންނަމުން. އަޅުގަނޑުމެން މިހާރު މަސްވެރިކަން ކުރަނިއްޔަކީ، ކުރިން މަސްވެރިކަން ކުރިގޮތަކަށެއް ނޫން، ތަފާތު ގޮތްތަކަކަށް މިހާރު ކުރަނީ. އަދި މިހާރުވެސް ދޭތެރެދޭތެރެއިން، އެމަސައްކަތަށް އެކި ބަދަލު އަންނަމުން އެބަދޭ. މިސާލަކަށް، ހުއިފިލަނޑާގެ މަސްވެރިކަމަކީ، ކުރިން މާ ކާމިޔާބުގޮތެއްގައި ރާއްޖޭގެ މީހުން ކުރި ކަމެއް ނޫން. މިހާރު އެމަސައްކަތް އެބަކުރޭ. ފާނައިގެ މަސްވެރިކަންވެސް މިހާރު ތަރައްޤީވަމުންދަނީ. އަދި މިނޫންވެސް، މަސްވެރިކަމާ ގުޅޭ އެހެން މަސައްކަތްތައް ރާއްޖެއަށް އިތުރަށް ތަޢާރުފްވެ، އެމަސައްކަތްތައް ރާއްޖޭގެ ކޮންމެވެސް ބަޔަކު ކުރަމުން އެބަގެންދޭ. މިކަމަކީވެސް ވަރަށް މުހިންމު ކަމެއް. އެއީ މަސްވެރިކަމަކީ ހަމައެކަނި ވަކިގޮތަކަށް ކުރަންއޮތް ކަމެއްނޫން. ކަނޑުގެ ޚަޒާނާއަކީ އެއިން ބޭނުންހިފޭ ކޮންމެގޮތަކަށް ބޭނުންހިފަން އޮތް އެއްޗެއް. ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ މުއްސަނދިކަމެއް. އެހެންވީމާ، އެވަގުތަކަށް އެންމެ އެކަށީގެންވާ ގޮތަކަށް އެކަން ކުރުމުން، އެއީ ޤައުމަށާއި ރައްޔިތުންނަށް ފައިދާކުރާނެ ކަމެއް.
ވޭތުވެދިޔަ އަހަރު މަސްވެރިކަމުން މުޅި ޤައުމަށް ލިބުނު އާމްދަނީ، އޭގެ ކުރީ އަހަރާ އަޅައިބަލާއިރު، ވަރަށް ބޮޑުތަން ވަނީ އިތުރުވެފައި. އަޅުގަނޑުމެންގެ މަސްވެރިކަން ރަނގަޅުވަމުންދާކަން އެއީ ޝައްކެއްނެތް، ވަރަށް އުފާކުރުން ޙައްޤު ކަމެއް. އަޅުގަނޑުމެންނަށް ބޭނުނު މަހުގެ އަދަދުވެސް ގިނަ. އަދި އެކްސްޕޯޓް ކުރެވުނު މަހުގެ އަދަދުވެސް ގިނަ. އެހެންކަމުން، ސަރުކާރަށާއި ރައްޔިތުންނަށް މަސްވެރިކަމުން މިދިޔަ އަހަރު ލިބުނު އާމްދަނީ، ކުރީ އަހަރުތަކަށްވުރެ މާގިނަ. އެހެންނަމަވެސް، ކުރިންވެސް ދެންނެވި ފަދައިން، މިކަމަކީ ވަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން އަޅުގަނޑުމެން ކުރިއަށް ގެންދަންޖެހޭނެ ކަމެއް. ބައެއްފަހަރު ކަންތައްތައް ދިމާވާގޮތުން މަސްވެރިކަމަށް ހީނަރުކަމެއް އަތުވެދާނެ. އެއީވެސް އަޅުގަނޑުމެން ދަންނަންޖެހޭނެ ކަމެއް. މަސްވެރިކަމަކީ އަބަދު އެއްގޮތަކަށް ދެމިއޮންނަ ކަމެއްނޫން. ބައެއްފަހަރު ތަފާތު ގޮތްތައް ދިމާވޭ. އެއްބައިފަހަރު، އެން ނާރައިގެން ނުވަތަ އަޅުގަނޑުމެން މަސްވެރިކަން ކުރަމުން އަންނަ ގޮތަށް ނުކުރެވިގެން، ތަފާތު ކަންތައްތައް ދިމާވެގެން އަޅުގަނޑުމެންނަށް ބޭނޭ މަހުގެ އަދަދުވެސް މަދުވެފައި އެބަހުރި. އަދި ބައެއްފަހަރު ދުނިޔޭގެ މާކެޓްގައި މަހުގެ އަގަށް އަންނަ ބަދަލުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ ކުޑަވެގެން ގޮސްފައިވެސް އެބަހުރި.
މިގޮތުން، ދަންނަވަންޖެހޭ ވާހަކައަކީ، މިދިޔަ އަހަރު ރާއްޖޭގެ މަހަށް، ބޭރުދުނިޔޭގެ ބާޒާރުތަކުން ވަރަށް ރަނގަޅު އަގެއް ލިބެމުންދިޔަ ވާހަކަ. އެހެންނަމަވެސް، ކަންދިމާވިގޮތުން މިއަހަރުތެރޭގައި އެވަރުގެ އަގެއް ނުލިބޭ. މިދިޔަ ޖެނުއަރީ މަހާއި، ފެބްރުއަރީ މަހުގެ ތެރޭގައި، ދުނިޔޭގެ މާކެޓްތަކުގައި މަހުގެ އަގުވަނީ ދަށަށް ގޮސްފައި. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނެ. އެހެންނަމަވެސް، މިއީ ހަމަ މިމަސައްކަތުގެ ތެރޭގައި ދިމާވެދާނެ ގޮތެއް. އެއްބައިފަހަރު މަހުގެ އަގު ދަށަށް ހިނގައިދާނެ. އަނެއްބައިފަހަރު މައްޗަށް ހިނގައިދާނެ. ކޮންމެގޮތަކަށް ދިޔަކަމުގައިވިޔަސް، މިމަސައްކަތަކީ ޠަބީޢީގޮތުންވެސް ރާއްޖެއާ އެންމެ އެކަށީގެންވާ މަސައްކަތޭ އަޅުގަނޑަށް ދެންނެވިދާނެ. އަދި ރާއްޖޭގެ ރައްޔިތުންވެސް އެންމެ ބޮޑަށް އެކަން ކުރަން ޝައުޤުވެރިވާ އަދި އެކަން ކުރަން ދަންނަ މަސައްކަތަކީވެސް މަސްވެރިކަމޭ އަޅުގަނޑަށް ދެންނެވިދާނެ.
އާދެ، ޖަމާޢަތުގެ ފައިދާއަށްޓަކައި އަޅުގަނޑުމެން ގުޅިގެން ކުރާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް. އޭގެ މިސާލެއް، މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. އަލިފުށީ ވަޑިންގެ އެކުވެރި ޖަމްޢިއްޔާގެ ފަރާތުން މިރަށުގައި އިންޖީނުގެއެއް ޢިމާރާތްކުރައްވައި އަދި މިރަށަށް އިންޖީނު ހޯއްދަވައި ދެއްވައި، އެ އިންޖީނުގެ ޚިދުމަތް ރައްޔިތުންނަށް ލިބެމުންދިޔަކަން. އާދެ، ސަރުކާރުގެ އެހީވެސް މީގެތެރޭގައި އެބަވޭ. އެހެންނަމަވެސް، މިކަމަކީ އަލިފުށީގެ ވަޑިން އިސްނަންގަވައިގެން ހިންގެވި ކަމެއް. މިބާވަތުގެ މަސައްކަތްތައް ރާއްޖެތެރޭގައި ހިނގަމުންދިޔުމަކީ، އެކަން ހިނގާ ރަށުގެ ތަރައްޤީއަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް. އެހެންވީމާ، އެކަން އަޅުގަނޑު ފާހަގަކުރަން. އަދިވެސް އެއްފަހަރު އަލިފުށީގެ ވަޑިންގެ އެކުވެރި ޖަމްޢިއްޔާގެ ފަރާތުން މިރަށުގެ ޚިދުމަތަށްޓަކައި، ޢާންމު ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި އެ ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، ޖަމްޢިއްޔާގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.
އިންޖީނުގެއެއް ހުޅުވުމަކީ، އޭގެ ޒާތުގައިވެސް ވަރަށް މުހިންމު ކަމެއް. ކަރަންޓަކީ އޭގެ ބޭނުންކޮށްގެން ތަފާތު މަސައްކަތްތަކެއް ކުރެވިދާނެ އެއްޗެއް. އޭގެ އަލިކަން އަޅުގަނޑުމެންނަށް ލިބުމުން އަޅުގަނޑުމެންގެ ކިޔަވާކުދިންނަށްވެސް، ފިލާވަޅުތައް ދަސްކުރުންފަދަ ކަންތައްތައް ކުރުމާއި، އެ ކުދިން ކުރަންޖެހޭ އެހެން ކަންތައްތައް ކުރުމުގައި، ވަރަށްބޮޑު ފަސޭހަކަމެއް ލިބޭނެ. އަދި އަޅުގަނޑުމެންގެ ގޭތެރޭގެ ފަސޭހަކަމަށްވެސް ވަރަށްބޮޑު ދިރުމެއް އަންނާނެ. އޭގެއިތުރުން އިޤްތިޞާދީ މަސައްކަތްތައް ކުރުމަށްވެސް ކަރަންޓުގެ ޚިދުމަތަކީ ވަރަށްބޭނުން ކަމެއް. އެހެންވީމާ، މިރަށުގައި މި ކަރަންޓުގެ ޚިދުމަތް ފެށުމާ ގުޅިގެން، އޭގެ ބޭނުންކުރައްވައިގެން ތަފާތު ރޮނގުރޮނގުން މަސައްކަތް ކުރައްވައި، މިހާރަށްވުރެވެސް ބޮޑަށް ރަށް ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރެއްވުމަކީ އަޅުގަނޑުގެ އެދުމެއް.
އާދެ، އަތޮޅުވެރިންގެ ވާހަކަފުޅުގައިވެސް ވިދާޅުވި ފަދައިން، މިއަދުގެ ދަތުރުގެ ޕްރޮގްރާމްވެސް އޮތީ ވަރަށް ގިނަ ކަންތައްތައް ކުރަންޖެހޭކަހަލަ ގޮތަކަށް. މިއަދު ހަތަރު ރަށަކަށް އަޅުގަނޑު ދާން ހަމަޖެހިފައި އެބައޮތް. އެހެންވީމާ، މިރަށުގައިވެސް ހޭދަކުރެވޭ ވަގުތު މާގިނަކުރެވޭކަށް ނެތް. އެހެންނަމަވެސް، އަޅުގަނޑު މިހުރި ފިޔަވަޅުން ވަކިވުމުގެ ކުރީގައި، ތިޔަބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަންޖެހޭ. އާދެ، އެއީ އަޅުގަނޑު އަލިފުށްޓަށް އަންނަކަން އެނގިވަޑައިގަތުމާ ގުޅިގެން، އަލިފުށީގެ ވެރިންނާއި ރައްޔިތުން ގުޅިވަޑައިގެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާތީ. އާދެ، އެމަސައްކަތްތަކަކީ އެގޮތުގައި ކުރައްވާކަށް ކޮންމެހެން އަޅުގަނޑު އެދޭ ކަންކަމެއް ނޫން. މީގެކުރިންވެސް އެވާހަކަ ވާނީ ދަންނަވާލެވިފައި. އެހެންނަމަވެސް، ރަށުތެރެ ޒީނަތްތެރިކުރެއްވުމާއި، ގިޑިގެ ބެހެއްޓެވުމާއި، ދިދަފަތި ދެންމެވުމާއި، މަރުޙަބާގެ އެކިއެކި ޢިބާރާތްތަކުގެ ފޮތިތައްވެސް ދަންމަވާފައި ބެހެއްޓެވުމާއި، މިކުރައްވާ ހުރިހާ ކަމަކީ، ތިޔަބޭފުޅުންގެ ހިތްޕުޅުގައި ސަރުކާރާ ދޭތެރޭގައި އޮތް އިޚްލާޞްތެރިކަން ހާމަވެގެންދާ ކަމެއް ކަމަށްވާތީ، އެގޮތުގައި އަޅުގަނޑު އެމަސައްކަތްތައް ޤަބޫލުކުރަން. އެހެންވީމާ، މިއަދު އަލިފުށީގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި، ވަރަށް ހޫނު މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރި ހެޔޮދުޢާއާ އެކީގައި ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަކީ އެކުވެރި، މަސައްކަތްތެރި، އުފެއްދުންތެރި ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ރަށަށާއި ރާއްޖެއަށް އިތުރު ތަރައްޤީއާއި ކުރިއެރުން މިންވަރުކޮށްދެއްވުން. އަދި އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބި، އަމަންއަމާންކަމާއި ހަމަޖެހުމުގައި ތިބެގެން ކުރިއަށްދާ ބަޔަކު ކަމުގައި އެކަލާނގެ ލެއްވުން.
والسّـلام عليـكم ورحـمة اللّـه وبركاته.