بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އާދެ، މި ޕްރެސް ކޮންފަރެންސަށް ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. އަޅުގަނޑު ފުރަތަމަވެސް ފަށާނީ، ސުވާލުތަކުން. އެހެންވީމާ، ގުރުއަތުން ނެގިފައިވާ ތަރުތީބުން ކުރިއަށް ގެންދަވާ.

މަރްޔަމް އިސްޢާދާ އިސްމާޢީލް - ޗެނަލް 13:

السّلام عليكم

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

وَعَلَيْكُمُ السَّلاَمُ.

މަރްޔަމް އިސްޢާދާ އިސްމާޢީލް - ޗެނަލް 13:

އަޅުގަނޑު ސުވާލުތަކަށް ޖެހިލުމުގެ ކުރިން ރައީސް، ހުރިހާ ނޫސްވެރިންގެ ރިކްއެސްޓެއް، ރައީސާ ހަމައަށް ގެނެސްދޭނަން. ވަރަށް ދުވަސްވެއްޖެ. ހަތަރު ވަރަކަށް ހަފުތާވެއްޖެ ރައީސާ އަޅުގަނޑުމެން ބައްދަލުނުކުރާތާ. އެހެންވީމާ، ހުރިހާ ނޫސްވެރިން އެއްބުރު އެޓްލީސްޓް ނިމެންދެން، ރައީސް ކުރިއަށް ގެންގޮސްލައިދެއްވުން، މިއަދު ވަގުތު އޮތް މިންވަރަކުން، އަޅުގަނޑުމެންނަށް ވަގުތު ދެއްވާ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ވަގުތު އޮތް މިންވަރަކުން. އާދެ، ވަރަށް ގިނަ މަސައްކަތް އެބަހުރި މިއަދުވެސް. އަޅުގަނޑު ބަލާނަން ވަގުތު ދެވޭތޯ. އެކަމަކު، އަދި ހީވަނީ، އެއްގަޑިއިރު ތެރޭގައި ނިންމާލަން ޖެހޭނެހެން.

މަރްޔަމް އިސްޢާދާ އިސްމާޢީލް - ޗެނަލް 13:

އާދެ، ރައީސް، ފުރަތަމަ ސުވާލެއްގެ ގޮތުގައި، އަޅުގަނޑުގެ ރަށެއް ނޫން. އެހެންނަމަވެސް، ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ރަށެއް. އެ ރަށަށް ރައީސް 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 29 ވަނަ ދުވަހު ވަޑައިގެންނެވީ، ރ. އަތޮޅު އަލިފުށި. އަލިފުށްޓަށް ވަޑައިގެން، ރައީސް ވިދާޅުވި، އޭރުގެ ސަރުކާރުން ފަށާފައި އޮތް، އެ ރަށުގެ ހޮސްޕިޓަލް މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް. މަޖިލިސް އިންތިޚާބުގައި ކެމްޕެއިނަށް ވަޑައިގެންވެސް، ރައީސް ހަމަ އެފަދައިން އެ ވަޢުދު ތަކުރާރުކުރެއްވި. މި މަޝްރޫޢަކީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ރިޔާސީ އިންތިޚާބުގައި، 17 ގަޑިއިރަށްވެފައި ވަނިކޮށް ފެށި، ނުވަތަ ހަވާލުކުރި މަޝްރޫޢެއް ކަމުގައި ވީނަމަހީވެސް، ދިވެހި ރައްޔިތަކު ބާކީނުކުރާނެ އުސޫލުގެމަތިން، ރައީސް މި ވަޢުދުވެވަޑައިގެންނެވީ. އަޅުގަނޑަކީ ރައީސާއެކީގައި އެ ދަތުރުގައި ދިޔަ ނޫސްވެރިއެއް. އަޅުގަނޑު އެ އަޑު ވަރަށް ކައިރިން، ރައްޔިތުންގެ އަޑުވެސް، ރައީސްގެ އަޑުވެސް އެހިން. އަލިފުށްޓަށް ޞިއްޙީ މަރުކަޒު ހޮސްޕިޓަކަށް ބަދަލުކުރަން ފެށި މަސައްކަތް ހުއްޓުމަކަށް އައިސްފައި މިވަނީ. އަދި، މިއާއެކީގައި، މީގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ ކޮނެފައި އޮތް ތަނުގައި، މަދިރި އާލާވާތީވެ. ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުން އެބައޮތް. އަޅުގަނޑު ރައީސާ ޙިއްޞާކޮށްލާނަން ފަހުން، ނޫނީވިއްޔާ ރައީސަށް ޑީ.އެމް. ކޮށްލާނަން، އެ ކަންބޮޑުވުންތަކާ އެކީގައި، ސޯޝަލް މީޑިއާގައި ހުރި ޕޯސްޓުތައް. އެހެންނޫނީ، ރައީސް ވިދާޅުވެދާނެ، އަޅުގަނޑު ދޮގޭ ހަދަނީ.

ޖިއޮގްރަފިކަލީ ގޮތުން ވަކިން އޮންނަ ރަށެއް އަލިފުށްޓަކީ. އެހެންވީމާ، މިފަދަ ބޮޑު ކަމެއް ޞިއްޙީގޮތުން، ރައްޔިތުންނަށް ހުރި ބޮޑެތި ދަތިތަކެއްގެ ވާހަކަ، އަސާސީ ޙައްޤެއް މިއޮތީ ހުއްޓުމަކަށް އައިސްފައި. އިހުމާލެއް ކަމަށް ގިނަ ރައްޔިތުން އެބަ ބުނޭ. ރައީސް ކީއްވެގެންތޯ މިހާބޮޑު ކަމެއް، މިހާ ގިނަދުވަސްވާއިރު ހުއްޓިފައި އޮތްއިރު، އެޓެންޑްނުވެވި މިއޮތީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ޝުކުރިއްޔާ!

އާދެ، ޞިއްޙީ ދާއިރާއަކީ ހަމަ އެންމެ އިސްކަމެއް ދީގެން، މި ސަރުކާރުން މަސައްކަތްތައް ކުރާ އެއް ދާއިރާ. އަދި މިހާރުވެސް، މި އަހަރުގެ ބަޖެޓުގެ ތެރެއިންވެސް އެންމެ ގިނަ މަޝްރޫޢުތައް، ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ތެރެއިންވެސް، އާ މަޝްރޫޢުތައްވެސް ފެށުމަށް ކަނޑައަޅާފައިވާ، އަދި ޕްރޮގްރާމްތައްވެސް ކަނޑައަޅާފައި އޮތް ދާއިރާއަކީ ހަމަ ޞިއްޙީ ދާއިރާ.

އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، މި ރާއްޖޭގެ ޞިއްޙީ ދާއިރާ ވަރަށް ނިކަމެތި ޙާލަތެއްގައި އޮތީ، އަޅުގަނޑުމެން ސަރުކާރު ފެށިގެން އައިއިރުގައި. އެހެންނަމަވެސް، މިހާރު، ވަށާޖެހޭ ޞިއްޙީ ސިޔާސަތުގެ ތެރެއިން، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. ދެން، ތިޔަ ވިދާޅުވި ފަދައިން، ބައެއް މަޝްރޫޢުތައް ކުރިއަށް ދިޔުމުގައި، އަޅުގަނޑުމެން އެންމެ އެދޭ ސްޕީޑުގައި ބައެއް ކަންކަން ކުރިއަށް ގޮސްފައެއްނުވޭ. އެކަމަކު، އެއީ އެއްގޮތަކަށްވެސް، އަޅުގަނޑުމެން އެ މަސައްކަތެއް ނުކުރުމަކަށް ނޫން. ތިޔަ ފާހަގަކުރެއްވި ރަށުގައި، އަލިފުށީގެ މަޝްރޫޢަކީވެސް ހަމަ ވަރަށް މުހިންމު މަޝްރޫޢެއް. ޙަޤީޤަތުގައި، އަލިފުށްޓަކީ، ސަރަޙައްދީ ތަރައްޤީގެ، އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައި، ސްޓްރެޓެޖިކް ލޮކޭޝަނަކަށް ވާއިރުގައި، އެތަނުގެ ހޮސްޕިޓަލާއި، އަދި އެތަނުގެ އެއަރޕޯޓާއި، މިހެންގޮސް، އަލިފުށްޓަށް ހުންނާނެ ވަރަށް މުހިންމު މައިގަނޑު، ވަޢުދުތަކެއް އަޅުގަނޑު ވެފައި. ސަރުކާރުން އިސްކަންދޭ މަޝްރޫޢުތައް މިއިން ކޮންމެ މަޝްރޫޢަކީވެސް. ދެން އެހެންނަމަވެސް، އެންމެ އެދެވޭ ސްޕީޑުގައި ހުރިހާ މަޝްރޫޢެއް ކުރިއަށް ނުދިޔަނަމަވެސް، މިހާރު މިކަމުގައި މަސައްކަތްކުރާ ކުންފުންޏަކީ އެމް.ޓީ.ސީ.ސީ.، އެމް.ޓީ.ސީ.ސީ.އަށް ބޭނުންވާ މެޓީރިއަލް ގަތުމަށްޓަކައި، މެޓީރިއަލް ހޯދުމަށްޓަކައި ބޭނުންވާ ފައިނޭންޝަލް ސަޕޯޓް ވަނީ ހަމަޖައްސައިދެވިފައި. އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ، އެމް.ޓީ.ސީ.ސީ.ގެ ފަރާތުން އެ ޕްރޮޖެކްޓްގެ މަސައްކަތް، ތަކެތި ހޯދައިގެން އަރުވާފައި، އަވަހަށް ފަށާނެ. ދެން، ސުވާލަކު ނެތް، އެމް.ޓީ.ސީ.ސީ.އާ ހަވާލުވެފައި އޮތީ، އެއަރޕޯޓުވެސް އިނގޭތޯ. އެ ސުވާލު އަންނާނެކަމެއް ނޭނގެ. އެހެންނޫނަސް ދަންނަވާލަން ބޭނުންވީ، އަލިފުށީގެ ވާހަކަ ދައްކަވާތީ.

މި ދެ މަޝްރޫޢު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ދައުރުގެ ތެރޭގައި ނިންމާފައި، ހުޅުވާނަން. މިހާރު އަޅުގަނޑުމެން ވާނީ، ހޮސްޕިޓަލްތައް އަދި ހެލްތު ސެންޓަރުތައް، މިހާރު އެކި މަރުޙަލާތަކުގައި ހުރީ ހުރިހާ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތައް ނިންމުމަށްޓަކައި ތާވަލެއް ހަދާފައި،  އެ ޕްރޮޖެކްޓެއްގެ ސައިޒުގެ ނިސްބަތުން. އޭގެތެރޭގައި، މި އަންނަ އަހަރުގެ އެކި މުއްދަތުތަކަށް ނިންމުމަށްޓަކައި ކަނޑައަޅާފައި ހުންނާނެ. މި އަންނަ އަހަރުގެ މެދުތެރެއަށް، މި އަންނަ އަހަރުގެ ފަހުކޮޅަށް، އަދި ބައެއް ބޮޑެތި މަޝްރޫޢު، 50 އެނދުގެ ހޮސްޕިޓަލް ކަހަލަ މަޝްރޫޢުތައް ހުންނާނީ، 2028ގެ ދެވަނަ ކުއަރޓަރާ ހަމައަށް ދާއިރު ނިންމާގޮތަށް ކަނޑައަޅާފައި. އެހެންވީމާ، އަޅުގަނޑު ވިސްނައިގެން މި ހުންނަނީ، އަދި ކުރިއަށް އޮތް އެހެން ޕްރެސް ކޮންފަރެންސެއްގައި، ދެންމެ މި ދެންނެވި ޝެޑިއުލް، ތިޔަބޭފުޅުންނަށް މިތާ ޕްރެޒެންޓް ކޮށްލެވޭތޯ. އިރާދަކުރެއްވިއްޔާ އެކަމަށް ތައްޔާރުވެގެން އަންނާނީ.

އެހެންވީމާ، ތިޔަ ސުވާލުގެ ސީދާ ޖަވާބަކީ، މި ދެންނެވި ގޮތަށް، އަލިފުށީ ހޮސްޕިޓަލަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިސްކަމެއްދީގެން، އެކަމަށް ވަރަށް ސަމާލުކަންދީގެން ކުރިއަށް ގެންދާނެ ކަމެއް.

މަރްޔަމް އިސްޢާދާ އިސްމާޢީލް - ޗެނަލް 13:

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، އިޓަލީގެ ފަތުރުވެރިން މި މަރުވި ހާދިސާގައި، އެ ފަތުރުވެރިންގެ ހަށިގަނޑުތައް ހޯދަން ޑައިވްކުރީ، އަޅުގަނޑުމެންގެ ދިވެހިންގެ ފަޚުރު، މަހުދީ މި ނިޔާވި ހާދިސާގެ ތަޙުޤީޤު ފަށާފައިވާ ކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވަނީ. އެހެންނަމަވެސް، އަޅުގަނޑުމެން މި ސުވާލުތައް ތަކުރާރުކޮށް ކުރިނަމަވެސް، ކަމާގުޅުންހުރި އިދާރާތަކުން، މީގެ ޖަވާބުތައް ނުލިބޭތީވެ، އަޅުގަނޑު ދެރަވެސްވޭ މިކަހަލަ ސުވާލު ރައީސާ ކުރަންޖެހޭތީވެ. އެކަމަކު، އަޅުގަނޑު ހަމަ މީގެ އަޕްޑޭޓެއް ރައީސަށް ލިބިފައިވޭތޯ އަހާލަން ބޭނުން. އެއީ، އަޅުގަނޑުމެން ނޫސްވެރިން ތަކުރާރުކޮށް އެހިޔަސް، މި ސުވާލުތަކުގެ ޖަވާބު ނުލިބޭތީވެ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ވަރަށް ހިތާމަވެރި ހާދިސާއެއް ހަމަ ޙަޤީޤަތުގައިވެސް. އަދި، ވަރަށް ވަރުގަދަ ޤައުމީ ޚިދުމަތެއް މަހުދީ ކުރެއްވީ. މި ހާދިސާ ހިނގައިގެންދިޔަ ގޮތް ތަޙުޤީޤު ކުރަމުންދާކަން، އަޅުގަނޑުވެސް ދަންނަވާލަން ބޭނުން. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތަކީ އެއީ. އެހެންނަމަވެސް، އެންމެ ލޭޓެސްޓް އަޕްޑޭޓެއް މިތާކު ނެތް، އަޅުގަނޑަކަށް ލިބިފައެއް ޙިއްޞާކޮށްލާކަށް. އެހެންނަމަވެސް، ފުލުހުންނާއި، ސިފައިންގެ ކަމާބެހޭ ބޭފުޅުންގެ ތެރޭގައި އޮންނަ ސެޓަޕްގެ ތެރެއިން، އެކަން ބައްލަވަމުންދާކަން އަޅުގަނޑަށް އެނގިފައިވޭ.

ރިޟްވާން މޫސާ - އަސްލު ޓީ.ވީ:

ރައީސް ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ރަނގަޅު.

ރިޟްވާން މޫސާ - އަސްލު ޓީ.ވީ:

އަޅުގަނޑުގެ މިއަދުގެ ދެ ސުވާލު އެބައޮތް. ދެން، ވަރަށް އުފާވެއްޖެ މިހާ ދުވަސްކޮށްލާފައި، ރައީސާ އަނެއްކާވެސް ބައްދަލުވެލީމާ.

ރައީސް، އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މި ސަރުކާރުން މިހާރު މަސައްކަތް ދާގޮތުން، ސްޕީޑު ބަލާފައި، ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދިދާނެތޯ؟ ވަރަށް ކުރުކޮށް އަޅުގަނޑު ފުރަތަމަ ސުވާލު މި ކޮށްލީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އިރާދަކުރެއްވިއްޔާ ފުއްދޭނެ އިނގޭތޯ. މިހާރު މިސާލަކަށް ދަންނަވަންޏާ، ބޭންކް އޮފް މޯލްޑިވްސްގެ ފައިނޭންސްގެ ތެރެއިން ހިންގަން ހަވާލުކޮށްފައި ހުރި މަޝްރޫޢުތަކަށް ބަލާއިރުގައި، ރާއްޖޭގެ 13 ރަށެއްގައި، ހައުސިންގ ޕްރޮޖެކްޓްތައް ހިންގަންވާނީ އަޅުގަނޑުމެން މިދިޔަ އަހަރު ފަހުކޮޅު ހަވާލުކޮށްފައި. މިހާރު އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިގެން، ޢަމަލީ މަސައްކަތް ފެށުމަށް މިހާރު އެވަނީ ތައްޔާރުވެފައި. ފައިނޭންޝަލް ހުރިހާ އެޑްވާންސް ޕޭމަންޓްވެސް ހަމަޖައްސައިދީ، ހުރިހާ ކަމެއް ނިމިފައި އެހެރީ. އެހެންވީމާ، އެއީ 13 ރަށެއްގެ މަޝްރޫޢުތައް. ދެން އަދި، މާލެ ސަރަޙައްދުގައި، އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެން ބިންގާއެޅުމުގެ ރަސްމިއްޔާތުތަކެއް ބޭއްވިން، ހުޅުމާލެއާއި، ވިލިމާލޭގައި. އެއީ ބީ.އެމް.އެލް.ގެ ހައުސިންގ ފައިނޭންސިންގ ޕްރޮޖެކްތަކެއް. މި ޕްރޮޖެކްޓްތަކުގެވެސް ޢަމަލީ މަސައްކަތަށް ދިޔުމަށްޓަކައި، ކުރަންޖެހޭ ހުރިހާ ކަމެއް ނިމި، އިރާދަކުރެއްވިއްޔާ މި ފެށޭ މަސް ތެރޭގައި، މިއަދު ހެނދުނު އަޅުގަނޑު ތިކަން ބަލާލިއިރު އަޅުގަނޑަށް ލިބިފައި އޮތް މަޢުލޫމާތަކީ، މި އަންނަ މަހުގެ ތެރޭގައި، މީގެތެރެއިން އެއް ޕްރޮޖެކްޓެއް ފިޔަވައި، ނޫނީވިއްޔާ ހުރިހާ ޕްރޮޖެކްޓެއްހެން ހަމަ ޢަމަލީގޮތުން، ފައުންޑޭޝަނަށް އަޅަންޖެހޭ ކޮންކްރީޓް އެޅިގެން، ފިޒިކަލް ވަރކް، މިހާރުވެސް މަސައްކަތް އެބަ ހިނގާ. މަސައްކަތަކީ މި ދެންނެވި ގޮތަށް، ފައުންޑޭޝަން އެޅުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކަކީވެސް މަސައްކަތް. އެހެންނަމަވެސް، ސީދާ ހަމަ އެކްޗުއަލް ފައުންޑޭޝަން ކޮންކްރީޓިންގ ވަރކް، މި އަންނަ ޖުލައި މަސް ތެރޭގައި ފެށިގެންދާނެ ކަމަށް މިހާރު އޮތީ، މިއަދު ހެނދުނު އަޅުގަނޑަށް ލިބިފައި އޮތް މަޢުލޫމާތުގައި. އެހެންވީމާ، މިއީވެސް ވަރަށް ގިނަ މަޝްރޫޢުތައް އިނގޭތޯ. ދެން އޭގެއިތުރަށް، ހުއްޓިފައި ހުރި ވަރަށް ގިނަ މަޝްރޫޢުތައްވެސް އަޅުގަނޑުމެން އަލުން ފަށައިފިން. އަޅުގަނޑުމެންނާ ހަވާލުވީއިރުގައި، އެކި ރަށްރަށުގައި، އެކި ސަބަބުތަކާހެދި ހުއްޓިފައިވެސް ހުރި، މި ހުރިހާ މަޝްރޫޢުތަކެއްވެސް ގާތްގަނޑަކަށް ހަމަ ހުރިހާ ރަށެއްގައި މިހާރު ވަނީ ފެށިގެން ގޮސްފައި. ދެން މީގެއިތުރަށް، އަދި އިތުރު ހައުސިންގ މަޝްރޫޢުތައް އެޅުން ކުރިއަށް ގެންދިޔުމަށްޓަކައި، އިތުރު ފައިނޭންޝަލް މޮޑެލްތައް އަޅުގަނޑުމެން ތަޢާރުފުކޮށްފިން. ޔޫސަރ ފައިނޭންސިންގ މޮޑެލްގެ ތެރެއިން، އަދި އެހެން ގޮތްތައް. މީގެތެރެއިންވެސް ހުޅުވާލި ފުރުޞަތުތަކުގައި، ވަރަށް ގިނަ ޕްރައިވެޓް ކޮންޓްރެކްޓަރުން ކުރިމަތިލައިގެން، މިހާރު ގާތްގަނޑަކަށް، ޢަމަލީގޮތުން އެ މަސައްކަތް ކުރުމަށް ހަދަންޖެހޭ އެގްރީމަންޓް ކަންތައް ނިމުމަކާ ހަމައަށް އެބަދޭ. އެހެންވީމާ، މިއީ ވަރަށް ގިނަ ހައުސިންގ ޕްރޮޖެކްޓްތައް.

ދެން، އޭގެއިތުރަށް، އެކި ޤައުމުތަކާ އެކީގައި އޮންނަ ގުޅުމުގެ ތެރެއިން މިސާލަކަށް، އިންޑިޔާ ސަރުކާރު، އަދި ޗައިނާ ސަރުކާރު އަޅުގަނޑު ފާހަގަކޮށްލަން. މި ދޭދޭ ގުޅުމުގެ ތެރެއިން، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، އިތުރު މަޝްރޫޢުތައް ފެށުމަށްޓަކައި. އެހެންވީމާ، ޢަމަލީގޮތުން ފްލެޓު އެޅުމުގެ، ހައުސިންގ ޔުނިޓު އެޅުމުގެ ވަޢުދުގެ ވަރަށް ބޮޑު ކުރިއެރުންތަކެއް، މި އަހަރުގެ ތެރޭގައި ޢަމަލީގޮތުން ފެނިގެންދާނެ. އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތްކުރަނީ، މި ސަރުކާރުން މީގެކުރިން ނުވެއޮތް ކަމެއް ކުރަން. އެއީ، މީގެކުރިން އެއްވެސް ސަރުކާރަކަށް، ސަރުކާރުގެ ދައުރުގެ ތެރޭގައި، ހައުސިންގ ޕްރޮޖެކްޓްތައް ނިންމައި، އެ ފްލެޓުތަކަށް، ނޫނީވިއްޔާ ހައުސިންގ ޔުނިޓުތަކަށް މީހުން ވެއްދިފައެއް ނެތް، އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި. މި ބަލަނީ، އެކަން ބަދަލުކުރެވޭތޯ. އިރާދަކުރެއްވިއްޔާ، 2028ގެ މެދަކާ ހަމައަށް ދާއިރު، މީގެތެރެއިން ވަރަށް ބޮޑު އިންސައްތައެއްގެ މަސައްކަތް ނިމޭނެ. ބައެއް ރަށްރަށުގައި އެއަށްވުރެ ކުރިންވެސް ނިންމޭނެ. މި އަންނަ އަހަރުގެ ފަހުކޮޅަށް ނިމޭ މަޝްރޫޢުތައްވެސް ހުންނާނެ.

ބޮޑެތި ރަށްރަށަށް ބަލާއިރުގައި، އެންމެ ބޮޑު ހައުސިންގ ވަޢުދެއްވެފައި އޮންނާނީ، ކުޅުދުއްފުށީގައި. ކުޅުދުއްފުށީގައި އެބައޮތް ދެ ވަޢުދެއް. މިހާރު، އަލުން ރީސްޓާޓް ކުރެވިގެން އެދާ 400 ޔުނިޓު، އެޗް.ޑީ.ސީ.އިން މިހާރު ޕްރްއިވެޓް ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން، މި މަސައްކަތް ފެށުމަށް އެގްރީމަންޓްގެ މަރުޙަލާ މި ހަފުތާގައި ނިންމާނެ. ދެން، 2000 ހައުސިންގ ޔުނިޓު، މި ދެ ޕްރޮޖެކްޓަކީ، މި ދައުރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަތޮޅުތެރޭގައި ޑެލިވަރކުރާނެ، އެންމެ ބޮޑު މަޝްރޫޢަށްވާނެ، ބާކީ މިއޮތް ދެ އަހަރާ ބައި ތެރޭގައި. އެހެންވީމާ، ހައުސިންގ ވަޢުދު ފުއްދޭނެ. ދެން، އޭގެ އިތުރަށް، ގޯތި ދިނުމުގެ ވަޢުދަކީވެސް ފުއްދޭނެ ވަޢުދެއް އިރާދަކުރެއްވިއްޔާ. މިސާލަކަށް، ގޯތި ދިނުމަށްޓަކައި އެންމެ ބޮޑު ޖާގަ އެ ހިއްކަނީ ރަސްމާލެއިން ދޮގެއްތޯ. އެހެންވީމާ، ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިންމައި، މިހާރު ގޯއްޗަށް ކުރިމަތިލާން ހުޅުވާލި ފުރުޞަތުގައި، އިވެލުއޭޝަން ނިމިގެން ގޯތި ލިބޭ ހުރިހާ އެންމެންނަށް، އަޅުގަނޑުމެން މި ދައުރު ތެރޭގައި ގޯތި ދީ، އެ މީހުން އެ ތަންތާނގައި އުޅުމަށްޓަކައި، އެތަން ޑިވެލޮޕް ކުރުމުގެ މަސައްކަތާ ހަމައަށްވެސް އަޅުގަނޑުމެން މަރުޙަލާތައް ކުރިއަށް ގެންދާނަން.

އަދި، ހަމަ އޭގެއިތުރަށް، އަޅުގަނޑު ވަޢުދުވިން، އަޅުގަނޑުމެންނާ ހަވާލުވީއިރުގައި ދޭން ނިންމާފައި ހުރި ގޯތިތަކާއި ފްލެޓްތައް ދިނުމަށްވެސް. އެކަންވެސް ގާތްގަނޑަކަށް އެބަ ނިމޭ ދޮގެއްތޯ؟ އެހެންވީމާ، ހައުސިންގ ވަޢުދަކީ އެންމެ ސަމާލުކަންދީގެން، އަޅުގަނޑުމެން ކުރާ ކަންތައް. އޭގެ އެހެން ހުރިހާ ކަމެއް، މިސާލަކަށް، އެފޯޑަބަލް ހައުސިންގ ލޯނު ސްކީމް ދިނުމުގެ ތެރެއިންވެސް، މިދިޔަ އަހަރުވެސް ބޭންކުގެ ތެރެއިންވެސް ވަރަށް ގިނަ ލޯނު ދިނިން. އަނެއްކާ މި އަހަރުވެސް، އެ ފުރުޞަތު ހުޅުވައިލާނަން. އަދި އެބަ މަސައްކަތްކުރަން، ހައުސިންގ ޓްރަސްޓް ފަންޑް ޤާއިމުކޮށްގެން، މިހާރު ހުރި ފަންޑު އިތުރަށް ބޮޑުކޮށްގެން، އިތުރު ފުރުޞަތުތައް ދޭންވެސް. ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ. މިސާލަކަށް، އަޅުގަނޑުމެން މަސައްކަތްކުރަނީ، ފަންޑު އިތުރަށް ބޮޑުކޮށްފައި، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ލިބޭ ޖާގައިންނާ އެކީގައި، މި އަންނަ އަހަރު އިތުރަށް ބޮޑުކުރެވޭނެ. އަދި، މި އަހަރު ތެރޭގައިވެސް، މިހާރު އޮތް ފަންޑުގެ ތެރެއިން އަޅުގަނޑުމެން މަސައްކަތް ކުރާނަން، އިކުއިޓީ ފައިނޭންސިންގ ދޭގޮތަށް އިނގޭތޯ. އިކުއިޓީ ފައިނޭންސިންގ ދިނީމާ، ބޭންކަށް ވަދެވޭނެ، އެ ގޯތީގައި އިމާރާތް އެޅުމަށްޓަކައި. ދެން، މިއީ ވަރަށް ބޮޑަށް، ވަރަށް ގިނަ ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމެއް. ގިނަ ފަރާތްތަކަށް ބޭންކަށް ވަދެވޭވަރަށް ފައިނޭންސް ހަމަޖައްސައިދެވިއްޖެ ކަމަށްވަންޏާ، ދެން ވަރަށް ފަސޭހަވެގެންދާނެ. އެހެންވީމާ، އެކިކަހަލަ ގޮތްތަކުން މަސައްކަތްކުރެވޭ އެބަ. އިރާދަކުރެއްވިއްޔާ، ވަޢުދު ފުއްދޭނެކަމަށް ގަބޫލުކުރެވެނީ.

ރިޟްވާން މޫސާ - އަސްލު ޓީ.ވީ:

ދެވަނަ ސުވާލަކީ، މަނިކުފާނުގެ ވެރިކަމުގައި ވަރަށް ބޮޑަށް ފެނިގެންދިޔަ، ދުންފަތާ ބެހޭ މައްސަލައިގެ ތެރޭގައި، ދުންފަތް ކޮންޓްރޯލް ކުރުމަށް، ކުރަމުންދިޔަ މަސައްކަތުގެ ތެރޭގައި، ވަރަށް ގިނަ ފިޔަވަޅުތަކެއް އެޅިގެންދިޔަ މަންޒަރުތަކެއް. ދެން އަދި، މިއާއެކީގައި، ވަރަށް ގިނަ ފޯރަމްތަކުގައިވެސް، މަނިކުފާނުވެސް ދުންފަތުގެ މި ހުރި ކަންކަމުގެ ވާހަކަ ވަރަށް ގިނައިން ދައްކާފައި، ދެކެވިފައި ހުރީ. މިހާރު ފެނިގެން މިދަނީ، މި މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތްތަން. ދެން، މި މައްސަލަ މިއީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކަމެއް. މަނިކުފާނު މިކަމާ ދޭތެރޭގައި ކޮންގޮތަކަށްތޯ ދެކެވަޑައިގަންނަވަނީ؟ މިއީ، މަނިކުފާނުގެ ތާއީދާއެކީގައި ކުރާކަމެއްތޯ؟ ނުވަތަ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ސަރުކާރުން ދޮގެއްތޯ ހުށަހެޅީ؟ ސަރުކާރުން ހުށަހެޅީ ހަމަ ވަރަށް ތަފްޞީލީ ގޮތެއްގައި، އެކަމާ ބެހޭގޮތުން ކެބިނެޓުގައި ވަރަށް ގިނަ މަޝްވަރާތައްކޮށް، މިކަމާބެހޭ ފަންނީ ދިރާސާތައްވެސް ބަލައި ހަދާފައި. މިއީ ހަމަ މަރުޙަލާތަކެއް ދޮގެއްތޯ ކުރިއަށް މިދަނީ؟ އަޅުގަނޑުމެން ބޭނުންވަނީ، މި މުޖުތަމަޢަކީ، ދުޅަހެޔޮ މުޖުތަމަޢަކަށް ހަދަން، ވަށާޖެހޭ ޞިއްޙީ ސިޔާސަތެއްގެ ތެރެއިން. އެހެންވީމާ، އެގޮތުން ބަލާއިރުގައި، ޞިއްޙަތަށް ގެއްލުންވާ ހުރިހާ ކަމަކުން ދުރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހިނގާކަމެއް މިހާރު.

އަޅުގަނޑުމެން އެއްކަމަކަށް ފުރަތަމަ ޖެނެރޭޝަނަލް ބޭން ތަޢާރުފުކުރީ، ޒުވާން ކުދިން ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ވަނުމުގެ ކުރިން، އެއަށް ހުރަހެއް ކުރިމަތިކުރުމަށްޓަކައި. ދެން، ވަރަށް ބޮޑަށް ރާއްޖޭގައި ފެތުރެމުންދިޔަ ނުރައްކަލެއް، ވޭޕް ބޭނުންކޮށްގެން ދުންފަތުގެ އިސްތިޢުމާލު ކުރުން، އަދި ޑްރަގު. މިހެންގޮސް، މި ހުރިހާ ކަމެއްގެ ތެރެއަށްދިޔަ މަރުޙަލާއެއްދިޔަ ރާއްޖޭގައި. އެހެންވީމާ، އެކަން ހުއްޓުމަކަށް ގެނައުން. އެއީވެސް މީގެތެރެއިން ދޮގެއްތޯ؟ ދެން، އެކަން ކުރުމުގެ ތެރެއިން، އަޅުގަނޑުމެން ވިސްނީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ތެރެއަށް އާދަޔާޚިލާފު ބޮޑު އަދަދަކަށް މީހުން ވަދެގެން ކުއްލިއަކަށް ހިނގައިދާނެ ފަދަ ދޮރެއް ހުޅުވިދާނެ ކަމަށް. އެހެންވީމާ، އެކަން ހުއްޓުވުމަށްޓަކައި، އެވަގުތު އަޅުގަނޑުމެން ގެނައި ބަދަލެއް ގެނެސްފައި، މިހާރު އަޅުގަނޑުމެން މި ގެންނަ ބަދަލަކީ، ފަހަތަށް އަޅާ ފިޔަވަޅެއްނޫން، މިއީ މި ޕްރޮސެސްގެ ތެރެއިން ހިނގާ ކަމެއް. އެއީ ސަބަބަކީ، މިއާއެކީގައި އަޅުގަނޑުމެން ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓުވުމަށްޓަކައި، ހުއްޓުވުމަށް ބާރުއެޅުމަށްޓަކައި، ވަށާޖެހޭ ޕްރޮގްރާމެއް މި ގެންދަނީ. އެއީ، މި ދަންނަވާ ވާހަކައަކީ، މިސާލަކަށް، އެއްކަމަކަށް، މީގެތެރެއިން މަދަނީ ޖަމުޢިއްޔާތައް އަޅުގަނޑުމެން ބާރުވެރިކުރުވަން އެބަ. އެ ފަރާތްތަކަށް އެކިކަހަލަ ފުރުޞަތުތައް އެބަ ދެން، މާލީގޮތުންނާއި، ފަންނީގޮތުން. ރައްޔިތުން ހޭލުންތެރިކުރުވައި، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުކުރުވުމަށްޓަކައި. އެކަން ކާމިޔާބުކުރައްވާ ޖަމުޢިއްޔާތަކަށް، އެކިކަހަލަ މާލީއެހީތެރިކަން، ނޫނީވިއްޔާ އިންސެންޓިވްތައް ދެން، އިނާމު ދެން. އަދި، ޤައުމީ އިނާމު ކެޓަގަރީތަކުގެ ތެރޭގައި އަޅުގަނޑުމެން ހިމަނަން ނިންމާފައިވެސް އެބައޮތް، މިހާރު ދުންފަތުގެ އިސްތިޢުމާލު ކުރުމުން މީހުން ދުރުކުރުމުގައި، އެންމެ ބޮޑެތި ކާމިޔާބީތައް ހޯދާ ފަރާތްތައް ފާހަގަކުރުންވެސް. މިކަމުން ދުރުވުމަށްޓަކައި ބޭނުންކުރާ އާލާތްތައް އެތެރެކުރަން، މިހާރު އޮންނަ ހުރިހާ ޑިއުޓީއެއްވެސް ކަނޑާލަން، މިހާރު މިއޮތީވެސް މަޖިލީހަށް ފޮނުވާފައިއޮތް އިޞްލާޙުގެ ތެރޭގައި ހިމަނާފައި.

އެހެންވީމާ، ވަށާޖެހޭ ޕްރޮގްރާމެއްގެ ތެރެއިން މިކަން މި ކުރަނީ، ހޭލުންތެރިކުރުވުމާއި، މިކަމުގައި މީހުން ދުރުކުރުމުގައި ބައިވެރިވާ ފަރާތްތަކަށް، އެކިކަހަލަ ކަންކަން ފަހިކޮށްދިނުމާ އެކުގައި. މިސާލަކަށް، ދުންފަތުގެ އިސްތިޢުމާލު ކުރުމަށް އާދަވެފައި ތިބި ފަރާތްތައް އެބަ ބޭނުންކުރޭ، ޙަޤީޤަތުގައި މާބޮޑަށް ޞިއްޙަތަށް ގެއްލުންވާ ކަހަލަ އެއްޗެހި. ލަންގްސް ހަލާކުވާ ކަހަލަ އެއްޗެހި. އެއަށް ދިޔުން ހުއްޓުވުމަށްޓަކައިވެސް، އަޅުގަނޑުމެން މި ސްޓެޕް އެބަ ނަގަން. އެހެންވީމާ، މިއީ ހަމަ ފަހަރަކު ނަގާ މަރުޙަލާއެއް. މި މަރުޙަލާއާ އެކީގައި، މުޅި މުޖުތަމަޢު ތެރޭގައި، އަޅުގަނޑުމެން ކުރާ މަސައްކަތުން، ވަށާޖެހޭ ގޮތުން މިކުރެވޭ މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. އެހެންވީމާ، މިދަނީ ހަމަ މި ފެށި ރާސްތާގައި ސީދަލަށް. އެއްގޮތަކަށްވެސް، އަޅުގަނޑުމެން އަނބުރާލީކީ ނޫން. އިރާދަކުރެއްވިއްޔާ، އެންމެންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި، މި މުޖުތަމަޢަކީ، އަޅުގަނޑުމެން އެންމެން މި ބޭނުންވާ ކަހަލަ ދުޅަހެޔޮ، ޞިއްޙަތު ސަލާމަތުން ތިބި، ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވެފައި އޮތް ޤައުމަކަށް، މުޖުތަމަޢަކަށްވާނެ.

މުސްލިމާ ޙަސަން – ދިވެހި ޗެނަލް:

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ސިވިލް ސަރވިސް މުވައްޒަފުން، މުސާރައިގެ އެޓެންޑެންސް އެލަވަންސް ހިމަނާފައިވަނީ، ފަހުން މުސާރައަށް ބަދަލުގެނައިއިރުގައި. ދެން، އެލަވަންސަކީ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށް އެކަނި ލިބޭ އެއްޗަކަށްވާތީވެ، އަހަރީ ޗުއްޓީ ނަގަމުންދާ މުވައްޒަފުންނަށް ލިބޭ މުސާރަ އެބަ ކުޑަވޭ. ދެން، މުޅި އަހަރުގައި މަސައްކަތް ކުރުމުން، ޗުއްޓީ ނެގުން ލާޒިމުވެސް އެބަވޭ. ދެން އަދި މިއާއެކީގައި، ހޮނިހިރު ދުވަހުގެ އޯ.ޓީ. ލިބުމަށްވެސް ބަދަލުތަކެއް އައިސްފައިވާތީ، ވަރަށް ގިނަ މުވައްޒަފުންގެ ޝަކުވާއެއް އެބަ އާދޭ. ދެން، މި ޝަކުވާތައް ލިބިފައިވޭތޯ ރައީސަށް؟ ދެން، ރައީސް މިކަމާ ދޭތެރޭގައި ވިދާޅުވާނީ ކީކޭތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އަޅުގަނޑު ވީ ވަޢުދަކީ، މުސާރަ ބޮޑުކޮށްދިނުން. ދެން، މުސާރަ ބޮޑުނުވާ ފަރާތްތައް ކޮންމެވެސްވަރަކަށް އަދިވެސް، މަދުންނަމަވެސް އެބަތިބި ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބޭ. އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ކުރިއަށްވުރެ، ގެއަށް ގެންދަން ލިބޭ އެއްޗެއް، މުސާރަ ބޮޑުކޮށްދިނުން. ދެން، ބޮޑުކުރުމަށްޓަކައި، ޕޭ ފްރޭމް ވަރކް ހަދައި، ޕޭ ހަރމަނައިޒް ކުރެވިގެން މިދަނީ، އޭގެތެރެއަށް އެކިކަހަލަ އެލަވަންސްތައް، ނޫނީވިއްޔާ އެކިކަހަލަ ބައިތައް ލައިގެން. އެހެންވީމާ، ޕޭ ހަރމަނައިޒޭޝަންގެ ތެރެއިން، ޕޭ ކޮމިޝަނުން ވަރަށް ބޮޑަށް ބަލާނެ، ތިޔަ ވިދާޅުވި ކަންކަމަށް. ދެން، މީގައި ބޭނުންވަނީ، މަސައްކަތްކުރަން އޮންނަ ގަޑީގައި، ވީހާވެސް ބޮޑަކަށް އެ މަސައްކަތަކަށް ފޯކަސްކޮށްގެން، ޕްރޮޑަކްޓިވް މަސައްކަތެއް ކުރަން. ސަމާލުކަންދޭންވީކީ، އެވަގުތުގެ އިތުރަށް، އެވަގުތުގައި މަސައްކަތް ނުކޮށް، ދެން އޯވަރޓައިމްކޮށް، ނޫނީވިއްޔާ ވީކްއެންޑްގައި މަސައްކަތްކުރަން ބެހެއްޓުމެއް ނޫން. އެކަމަކު، ވަރކްލޯޑް އޮންނަ ގޮތުން، މަސައްކަތް ކުރަންޖެހެންޏާ، ހަމަ ނުކުންނަންޖެހޭ. ނުކުތީމާ، އިތުރު އެލަވަންސް އެ އޮންނަ އުސޫލުގެ ތެރެއިން، އޭގެތެރެއިން ލިބޭނެ.

އެހެންވީމާ، ވަކި ޑިސިޕްލިންއެއް ޤާއިމުކުރުމަށްޓަކައި، މަސައްކަތުގެ ޑިސިޕްލިން ރަނގަޅުކޮށް، މަސައްކަތް ކުރުމުން ނުކުންނަ ނަތީޖާ، ޕްރޮޑަކްޓިވިޓީ ރަނގަޅުކުރުމުގެ ނިޔަތުގައި، މުޅި މި އެކްސަސައިޒް މި ހިންގަނީ، ނޫނީވިއްޔާ މިކަން މި ކުރަނީ. އެހެންވީމާ، ގެއަށް ގެންދާ މުސާރަ ބޮޑުކޮށްދިނުމާ އެކީގައި، މަސައްކަތުގެ ޑިސިޕްލިން ރަނގަޅުކުރަން ބޭނުންވަނީ.

މިހެން ދެންނެވިނަމަވެސް، ހުރެދާނެ އަދިވެސް ބައެއް އޮފީސްތަކުގައި، ޙައްލުކުރަންޖެހޭ ބައެއް ކަންތައްތައް. މިދިޔަ ދުވަސްތަކުގައި، އެކި ދިމަދިމާއިން މިގޮތަށް ހުރި ކަންކަން ވާނީ، ވަރަށް ބޮޑުތަކުން ޙައްލުކޮށްދެވިފައި. އަދިވެސް ނެތް ވާހަކައެއްނޫން މި ދަންނަވަނީ. އެންމެ ގިނައިން އަޅުގަނޑުމެންނަށް އައި އެއްދިމާއަކީ، ލީގަލް ދާއިރާގައި. މިހާރު އަޅުގަނޑަކަށް ނުލިބޭ، އެ ދާއިރާގައި އިޝޫއެއް އުޅޭކަމެއް. ނެތް ވާހަކައެއްނޫން އިނގޭތޯ. އެކަމަށް ވަރަށް ބޮޑު ޙައްލެއް ގެނެސްދެވިފައި ވާނެ. ހިއުމަން ރިސޯސަސް، އެޗް.އާރު. ސްޓާފުންގެ ތެރޭގައި، ވަރަށް ބޮޑު އިޝޫއެއް އުޅުނު. ދެން ހަމަ، ޕޭ ހަރމަނައިޒް ކުރުމުގައި ތިޔަ ވިދާޅުވިގޮތަށް، ކުރެވިފައި ހުރި ބައެއް ކަންކަމުގައި ހުރި ގެޕްތަކެއް އެއީ. މިހާރު އެ ކަންބޮޑުވުމެއް ނާދޭ. އެކަމުގައި މައްސަލައެއް ނެތް ވާހަކައެއް ނޫން އިނގޭތޯ. އަޅުގަނޑާ ހަމައަށް ނާންނަ ވާހަކަ މި ދަންނަވަނީ.

އެހެންވީމާ، ވަރަށް ގިނަ ފަރާތްތަކުގެ މައްސަލަތައް ޙައްލުކުރެވިއްޖެ. ދެން، އެންމެފަހުން އަޅުގަނޑު މިކަން ބަލާލިއިރުގައި، މިދިޔަ މަހުގެ ފަހުކޮޅު ބަލާލިއިރުގައި، ވަރަށް ކުރީއްސުރެ މިހާރު އަޅުގަނޑުމެން މި ޕޭ ހަރމަނައިޒް ކުރާއިރު އެބަ ބަލަން، އެ މީހާ ތަޢުލީމީ ގޮތުންވެސް އިތުރަށް ކުރިއަށް ގެންދިޔުމަށް ބާރުއެޅުމަށްޓަކައި. މިކަހަލަ އެއްވެސް ކަހަލަ ފުރުޞަތެއް ނެތި، ވަރަށް ކުރީއްސުރެ، ތަންކޮޅެއް އާދައިގެ މަގާމުތަކުގައި ތިބި ފަރާތްތައް އެބަތިބި، ވަރަށް ބޮޑު އޯވަރޓައިމް މުސާރައެއްދީގެން، ގެއަށް ގެންދާ އަދަދު ބޮޑުކޮށް ދެމުން އައި ފަރާތްތަކެއް އެބަތިބި. މުޅި ރާއްޖޭގެ، މުޅި ސިވިލް ސަރވިސް ތެރެއަށް ބަލާލާއިރުގައި، އޭރުގައި އަޅުގަނޑަށް ލިބުނު އަދަދަކީ، ގާތްގަނޑަކަށް 2000އެއްހާ މީހުން އުޅޭ ކަމަށް އިނގޭތޯ. މިހާރު އެ އަދަދު އަޅުގަނޑަށް ޔަޤީން ކުޑަވެފައިކަން އޮންނާނީ. އެ މީހުންނަކީ ހޭންޑް ޕިކްކޮށް، އެ ފަރާތްތަކަށް އެ އޮފީސްތަކުން އަންނަނީ، ބޮޑު އަދަދެއް އޯވަރޓައިމްކޮށް ދެމުން، އެ މީހުން ގެއަށް ގެންދާނެ އެއްޗެއް، އެ އަދަދު ބޮޑުކުރުމަށްޓަކައި. މި މީހުން މިސާލަކަށް، އެމީހުންނަށް ދޭ އަދަދު އެއަށްވުރެ ބޮޑުކުރާކަމަށްވަންޏާ، ދެން ތިބި އެންމެންނަށް މި ބެލެންސް ދިމައެއްނުވޭ. އެއީ މިސާލަކަށް، ވަކިވަރެއްގެ ތަޢުލީމީ ސެޓިފިކެޓެއް އޮތުން، ވަކި މުއްދަތަކަށް މަސައްކަތްކުރުން، މިހެންގޮސް ބަލާ ކަންތައްތަކަށް ބަލާއިރުގައި. އެހެންވީމާ، މުޅި ޕޭ ހަރމަނައިޒް ކުރުމުގެ އެ އަސާސް ގެއްލޭ އެބަ. އެހެންވީމާ، އެބައުޅޭ ބައެއް އޮފީސްތަކުގައި، ހަމަ ވަކިވަކިން ޙައްލުކުރަންޖެހޭ ފަރާތްތައް. ދެން، އަޅުގަނޑުމެން، ރައީސް އޮފީހުން މިހާރު އޮންނާނެ، ޕޭ ކޮމިޝަނަށް ދަންނަވާފައި، ކޭސް ބައި ކޭސް ބަލާފައި، މިހެންހުރި ފަރާތްތައް، އެ އޮންނަ އުސޫލުގެ ތެރެއިން، ޕެކޭޖެއް ދީފައި ދޫކޮށްލިޔަސް އެންމެ ރަނގަޅުވާނެ ކަމަށް. އެއީ، ކޮންމެގޮތެއްވިޔަސް، އެ ފަރާތްތަކަށް އެކަނި، މުޅި ސިވިލް ސަރވިސް، ނޫނީވިއްޔާ މުޅި ދައުލަތުގެ ހުރިހާ އެންމެންގެ، ޕޭ ހަރމަނައިޒް ކުރުމަށްޓަކައި މިކުރާ ކަންތަކަށް، ހަމަނުޖެހޭކަހަލަ ގޮތެއް ވެދާނެތީ، އެ ފަރާތްތަކަށް ޕެކޭޖް ދީފައި، އުސޫލުގެ ތެރެއިން ދޫކޮށްލުމަކީ، ހަމަ އެންމެ ރަނގަޅުގޮތެއް ކަމަށް. އަޅުގަނޑުމެން ގަބޫލުކުރަނީ، ޕޭ ކޮމިޝަނުން އެކަމާ ގުޅިފައި އޮންނަ، މިކަހަލަ ކަންކަން، މިކަހަލަ މުވައްޒަފުން ތިބި އޮފީސްތަކާ ގުޅިގެން، އެކަން މިހާރު ފަށައިގެން އުޅޭކަމަށް.

އެހެންވީމާ، ސީދާ ސްޕެސިފިކްކޮށް، ވަކިން ތިޔަ ވިދާޅުވިގޮތަށް ހުރި ބައެއް ކަންތައްތައް އާދޭ، ރައީސް އޮފީހަށްވެސް. އައީމާ، އަޅުގަނޑުމެން ކަމާގުޅޭ އެކި ފަރާތްތަކާ އެކީގައި މަސައްކަތް ކުރަމުންދަން. ޖުމްލަކޮށް، ކޮންމެ މަހަކު، އޭގެ ކުރީ މަހަށްވުރެ، މި މައްސަލައިގައި އަންނަ ޝަކުވާތައް އިރާދަކުރެއްވީތީ މަދުވަމުންދަނީ. މާނައަކީ، އެކަން އެބަދެއޭ ޙައްލުވަމުން.

މުސްލިމާ ޙަސަން – ދިވެހި ޗެނަލް:

ދެވަނަ ސުވާލަކީ، އާރު.ޓީ.އެލް. ފެރީގެ ނިޒާމު ދަނީ ވަރަށް ހަރުދަނާކޮށް. އެކަމަކު، ޙައްލުކުރަންޖެހޭ ކަންތައްތައް އަދިވެސް އެބަހުރި ކަމަށް، ރައްޔިތުންގެ ޝަކުވާތައް އެބަ އާދޭ. މިސާލަކަށް، ރީފަންޑް ނުލިބުން ފަދަ ކަންތައްތައްވެސް އެބަހުރި ކަމަށްވޭ. މިކަން ރައީސްގެ ސަމާލުކަމަށް އައިސްފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

މިސާލަކަށް ކީކޭތޯ؟

މުސްލިމާ ޙަސަން – ދިވެހި ޗެނަލް:

ރީފަންޑް ނުލިބުމުގެ ކަންތައްތައްވެސް. އެހެންވީމާ، މިކަމަށް ކޮންކޮން ޙައްލުތަކެއްތޯ ހޯއްދެވޭނީ؟ ޝުކުރިއްޔާ!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ރައީސް އޮފީހަށް އާދޭ، ބައެއް ކަންކަމުގައި އިނގޭތޯ. އާރު.ޓީ.އެލް. ޚިދުމަތަކީ، މުޅި ރާއްޖޭގައި ހުރިހާ އަތޮޅެއްގައި ޤާއިމުކުރަން އަޅުގަނޑުމެން މަސައްކަތްކުރާ ކަމެއް. ދެން، ޑިލޭޒްތަކެއް އައިސްފި، އަޅުގަނޑުމެން ކަނޑައެޅި ޓާގެޓަށް ނިންމުމުގައި. މުޅި ދުނިޔެއަށް ދިމާވި މި ހަނގުރާމައިގެ ޙާލަތުގައި، ރާއްޖެއަށްވެސް ދަތިތަކެއް ދިމާވި. ފައިސާ ޚަރަދުކުރުމުގައި އިސްކަންދޭންޖެހޭ ތަރުތީބު ކަނޑައަޅާއިރުގައި، ބައެއް ކަންކަމުގައި މަޑުޖައްސާލަން ޖެހިގެން، މަޑުޖެހިފައި ހުރި ކަންކަން އެބަހުރި ރާއްޖޭގައިވެސް.

ދެން، އާރު.ޓީ.އެލް. ފެރީގައި ދެންމެ ތިޔަ ވިދާޅުވި ރީފަންޑް އިޝޫ، އަޅުގަނޑާ ހަމައަށް އަދިއެއް ނާދޭ. އެހެންނަމަވެސް، ދެންމެ ތިޔަކަން ފާހަގަކުރެއްވީމާ، އަޅުގަނޑު ބަލާނަން މިހާރު އެކަން އޮތީ ކިހިނެއްތޯ. ޖުމްލަގޮތެއްގައި އަޅުގަނޑުމެން ބަލަނީ، އާރު.ޓީ.އެލް. ޚިދުމަތަކީ، ހިތްފަސޭހަ ޚިދުމަތަކަށް ހަދަން. މީހުން ބޭނުންވާ ފެންވަރުގައި، އަވަހަށް، ރަނގަޅަށް ދެވޭ ޚިދުމަތަކަށް ހެދުމަށްޓަކައި. އިރާދަކުރެއްވިއްޔާ، ތިޔަހެން ހުންނަ ކަންކަމަށް އަޅުގަނޑުމެން އެޑްރެސް ކުރާނަން.

މުޙައްމަދު ނާފިޒު – ފަރުދުން:

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ޕްރައިވެޓް ދަތުރުތައް ކުރާ ބޭފުޅުން، ވަރަށް އަގުބޮޑުކޮށް މި ކުރަނީ. ދެން، އާރު.ޓީ.އެލް. ފެރީވެސް ބަރާބަރަށް ދަތުރުކުރޭ. އެކަމަކު، އެ ވަކި ވަގުތަކަށް މި ކަނޑައެޅެނީ. މިސާލަކަށް، ތިނަދޫ ތަންތަނުގައި، ތިން، ހަތަރު ފްލައިޓް އޮންނައިރުގައި، އެ ބޭފުޅުން އެބަޖެހޭ 800، ނޫނީވިއްޔާ 1000 ރުފިޔާ، ކޮޅަކަށް ޚަރަދުކުރަން. އެހެންވީމާ، ސަރުކާރުގެ ވިސްނުން އެބައޮތްތޯއޭ، މި ރަށްރަށުން އެއަރޕޯޓަށް ދިޔުމަށްޓަކައި، އެމް.ޓީ.ސީ.ސީ.އާ ވާހަކަ ދައްކައިގެން، އެކަހަލަ ކަންތައްތަކަށް ފެރީއެއް ހަމަޖައްސަން؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަދި، ތިޔަ ކަހަލަ މަޝްވަރާއެއް ނެތް ކުރެވިފައެއް އިނގޭތޯ. ދެން، ކޮންމެގޮތެއްވިޔަސް، ތެލުގެ އަގު ވަރަށް ބޮޑުވެގެން މިދިޔައީ ދޮގެއްތޯ؟ އަދިވެސް ހަނގުރާމަ ހުއްޓާލަން އެއްބަސްވުމެއް ހެދިޔަސް، ޢަމަލީގޮތުން އެހެން އެކަން ނުވާކަން، އަޅުގަނޑުމެން އެންމެންނަށްވެސް އެބަ ފާހަގަވޭ ދޮގެއްތޯ. ހަމަލާތައްދޭ ދުވަސްތަކާއި، ނުދޭ ދުވަސްތައް މިދަނީ. ކަނޑުއޮޅި ބަންދުކޮށްފައި އޮވެދާނެ، ހުޅުވައިފާނެ. އެހެންވީމާ މިކަހަލަ ގޮތަކަށްދާއިރު، މުޅި ދުނިޔެ އަދިވެސް މިއޮތީ ހަމަ އެއް ޙާލަތެއްގައި. އަދި، މި ހަނގުރާމަ އެކީގައި ހުއްޓާލައި، ހޮރުމުޒް ކަނޑުއޮޅި ހުޅުވައި، މި ހުރިހާ ކަމެއްވިޔަސް، އެތައް މަހެއް އަދި ނަގާނެ، ނޯމަލް ވާން. އެއީ، ވަރަށް ގިނަ ކަންތައްތަކެއް ބަދަލުވެގެން ގޮސްފައި، މި އުނދަގޫތައް ކުރިމަތިވެގެން މި ދިޔައީ. އެހެންވީމާ، މުޅި ދުނިޔެއަށް މިއޮތީ ދިމާވެފައި، ވަރަށް ބޮޑު ޙާލަތެއް. މިސާލަކަށް، މިހާރު ހަނގުރާމަ ހުއްޓައިލާ، ހުރިހާ ކަމެއް އެކީގައި، ހަނގުރާމަ އެ ހުއްޓާލުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރިޔަސް، އެކީގައި ރަނގަޅުވެގެންދާން، މި އަހަރު ނިމުމާހަމައަށް ދާއިރުގައިވެސް، މުޅިން ހަމަ، ހަނގުރާމައިގެ ކުރިއަށް، މި އަހަރުގެ ފެބުރުވަރީ މަސް އައިއިރުގައި، މުޅި ދުނިޔެ އޮތް ޙާލަތަށް ދާން ވަގުތުނަގާނެ. އެޓްލީސްޓް ހައެއްކަ މަސް. ތަރައްޤީވެފައި ހުރި ޤައުމުތަކުންވެސް މިކަން މިދަނީ ފާހަގަކުރަމުން ދޮގެއްތޯ؟ އެހެންވީމާ، ރާއްޖެއަށްވެސް އެކަން ދިމާވި. އަޅުގަނޑުމެން ބޮޑަށް މި ބެލީ، ވީވަރަކުން އެކަން ރައްޔިތުންނަށް، އޭގެ ބަރޑަން ޕާސްނުކޮށްވޭތޯ ދޮގެއްތޯ؟ އެހެންވީމާ، އެކަމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންތައްތައް މިއޮތީ ފަހިކޮށްފައި. ދެން، އަޅުގަނޑުމެން މިސާލަކަށް، އައިލެންޑް އޭވިއޭޝަނުން ޓިކެޓު ވިއްކާ އަގުތައް ބަދަލުކުރުން، ނޫނީވިއްޔާ އެމް.ޓީ.ސީ.ސީ.އިން އިތުރު ފެރީތައް ބޭއްވުން. މިކަހަލަ ކަންކަމަކީވެސް، ހަމަ ވަރަށް ބޮޑަށް ތެލާ ގުޅިފައި ހުންނާނެ ކަންތައްތައް. އަދި، އެކިކަހަލަ ޚަރަދުތަކާ ސީދާ، މިހާރު ކުރަމުންދާ ޚަރަދުތަކަށް ބަދަލުތަކެއް އަންނާނެ ކަންތައްތައް. އެހެންވީމާ، ތަރުތީބު ކުރެވިގެން، މަޝްވަރާ ކުރެވިގެން، ތިޔަ ކަހަލަ ކަންކަން ކުރެވިގެންދާނީ. އެހެންވީމާ، އަދި ނެތް ތިޔަ ކަމަކަށް ގޮތްތަކެއް ނިންމިފައެއް.

މުޙައްމަދު ނާފިޒު – ފަރުދުން:

އާދެ، އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ސަރުކާރުން މިވަނީ، 1 ބިލިއަން ޑޮލަރުގެ ލޯނު ދައްކާފައި. ދެން، މި ސަރުކާރުގެ ބޮޑު ކާމިޔާބީއެއް ގޮތުގައި، ވަރަށް ގިނަ ބަޔަކު ދެކޭ. ދެން، އާންމުންގެ ތެރެއިން ބައެއް ފަރާތްތަކުން އެބަ ބުނޭ، މިކަމަކީ ރައްޔިތުންނާ ގުޅުންހުރި އެއްވެސް ކަމެއް ނޫނޭ. މިކަމަކުން ކޮބައިހޭ ރައްޔިތުންނަށް ލިބޭ ފައިދާއަކީ؟ މި ދަރަނި އަދާކުރުމުން، އާންމުންނާ ގުޅޭ ހިސާބަކީ ކޮބައިތޯ؟ އަދި، މިއީ ކިހާ މުހިންމު ކަމެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދަރަނި އަދާކުރުމަކީ، ސީދާ ރައްޔިތުންނާ ގުޅިފައިވާ ކަމެއް. އެއީ، އެ ދަރަނި އަދާނުކުރާ ކަމަށްވަންޏާ، އޭގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް އެ ލިބެނީ ވަރަށް ބޮޑު، ނޭދެވޭ ހީނަރުކަމެއް. އެކަން ރަނގަޅުކުރުމަށްޓަކައި ކުރެވޭ މަސައްކަތަކީ، ސީދާ އެކަން ރައްޔިތުންނަށް ޕާސްވެގެންދާ ކަމެއް. އެހެންވީމާ، ފަހަރެއްގައި އިދިކޮޅު ފަރާތްތަކުން ސިޔާސީ ވިސްނުމެއްގައި އެހެން ދައްކަފާނެ. އަޅުގަނޑަށް ކުރީދުވަހު ފެނިގެންދިޔަ، އިދިކޮޅު ލީޑަރަކު ވިދާޅުވެފައިވާ ތަން. ނަގާފައި ހުރި ދަރަނިތައް ވާހަކަ ދެން ދައްކާނެ ކަމެއްނެތޭ. އެ ދަރަނިތައް އެހެރީ ނެގިފައޭ. އެ ނެގީ ކޮން ބައެއްތޯ ދެން ބަލާނެކަމެއް ނެތޭ. ދެން، އަޅުގަނޑަށް ހީވަނީ، އަޅުގަނޑު ކުރިން ދުވަހު ދިން ޕްރެޒެންޓޭޝަންގައި ހުރި ޙަޤީޤަތްތައް، ތަންކޮޅެއް އުނދަގުލީހެން ގަބޫލުކުރަން. އެކަމަކު، ޙަޤީޤަތަކީ އެއީ. ދަރަނި ނެގި ސަރުކާރުތަކާއި، ނެގި އަދަދުތައް، ވަރަށް ތަފްޞީލުކޮށް އަޅުގަނޑު ކިޔައިދިނިން.

ދަރަނި ދެއްކުމަކީ، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށްޓަކައި، ވަރުގަދަކުރުމަށްޓަކައި، ރާއްޖެއަށް އިތުރު އެހީ ހޯދުމަށްޓަކައިވިޔަސް، އަދި ރާއްޖެއަށް އިންވެސްޓްކުރާ ފަރާތްތަކުގެ ކޮންފިޑެންސް، ރާއްޖެއާމެދު އިތުބާރު އިތުރުކުރުމަށްޓަކައިވެސް، ވަރަށް މުހިންމު ކަމެއް. ރާއްޖޭގައި އޭގެ ސަބަބުން ފައިދާވެގެންދާނީކީއެއް ހަމައެކަނި ސަރުކާރަކަށް، ނޫނީ ބޮޑެތި ވިޔަފާރިވެރިންނަކަށެއް ނޫން. މިކަން ފެތުރިގެންދާނެ މިއިން، އިޤްތިޞާދަށް އަންނަ ރަނގަޅާއި، ރިޒަރވް ރަނގަޅުވެގެން ދިޔައީމާ، އެ އަންނަ ފައިދާ، އާންމު ރައްޔިތުންނާ ހަމައަށް. މިއީ، ވަރަށް ބޮޑަށް ގުޅި، ލާމެހިވެފައިވާ ސަރކިއުލަރ އިކޮނޮމީއެއް. އެހެންވީމާ، މީގެތެރެއިން ވަރަށް ބޮޑެތި، ސީދާ މި އިފެކްޓްތައް ކުރާނެ ރައްޔިތުންނަށް، ދަރަނި ދެއްކުމުން.

އެހެންވީމާ، ބޮލަކަށްޖެހޭ އަދަދު ކުޑަކުރުމަކީ، ސަރުކާރެއްގެ އިޤްތިޞާދީ ސިޔާސަތުގެ ތެރެއިން، ދަރަނި ކުޑަކުރުމަށްޓަކައި ކޮންމެހެން އެޗީވް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކޭތީ، ރައްޔިތެއްގެ ބޮލަކަށްޖެހޭ އަދަދު، ދަރަނިޖެހޭ އަދަދު ކުޑަކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަނީ. އެއީ، ކޮންމެހެން ކުރަންޖެހޭ ކަމެއް. އަދި، މީގެތެރެއިން ބައެއް ދަރަނިތައް މި ހުންނަނީ، ރާއްޖޭގައި ހުރި ބޮޑެތި ހަރުމުދަލާވެސް ގުޅުވާފައި. މޯގޭޖްވެސް ކޮށްފައި. އެހެންވީމާ، އެ ކަންކަމުން އެ ތަންތަން ސަލާމަތްކުރުމަކީވެސް، އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރެއިން އަޅުގަނޑުމެން ކުރާކަމެއް.

އެހެންވީމާ، ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމުގެ ތެރެއިންވެސް ކުރަންޖެހޭ ކަމެއް. އެއީ، ރާއްޖޭގެ މިނިވަންކަމަކީ، ހަމައެކަނި ބޭރުން އަންނަ ބަޔަކު އަރައި، ބަޑިޖަހައިގެން އެކަނި ގެއްލިގެންދާނެ އެއްޗެއް ނޫން. އިޤްތިޞާދީ ގޮތުން އޮންނަންޖެހޭ މިނިވަންކަން ގެއްލިގެން ގޮސްފިއްޔާވެސް، އެއީ ހަމަ މިނިވަންކަން، ނޫނީވިއްޔާ އޭގެ ސަބަބުން، މިނިވަންކަމަށް ހީނަރުކަން އަންނަ ކަމެއް. އެހެންވީމާ، ކޮންމެހެން ކުރަންޖެހޭ ކަމެއް އެއީ.

އަރުޝަމް ޢަބްދުއްރަޙީމް – ޖަވިޔަނި:

ޑީ.ބީ.އެމް.ގެ ހިއްސާތަކެއް ޖޭޕީ މޯގަންއަށް ވިއްކާލިކަމަށް އެބަ ވާހަކަދެކެވޭ. އަދި މީގެއިތުރުން، ޔު.އޭ.އީ.ގެ ކުންފުންޏަކަށް ރަސްމާލެއިން ބިމެއް ދޭންއުޅޭ ކަމަށްވެސް އެބަ ވާހަކަދެކެވޭ. މި ބިން ދޭންއުޅެނީ، ސަރުކާރު ހިންގާ ޕަރލް ރެސިޑެންޝަލް ޕްރޮގްރާމްގެ ދަށުން ކަމަށް މަޢުލޫމާތު ލިބޭ. މިއީ، ތެދު ވާހަކަތަކެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ފަހުން ތިޔަ ފާހަގަކުރި ވާހަކަ، އަޅުގަނޑު ހަމަ ޔަޤީނުންވެސް، ޔަޤީންކަމާއެކީގައި ދެންނެވިދާނެ، ޙަޤީޤަތެއް ނޫންކަން އިނގޭތޯ. ރަސްމާލޭގެ އެއްވެސް ތަނެއް، ޕަރލް ރެސިޑެންސް ޕްރޮގްރާމް ހިންގުމަށްޓަކައި، އަޅުގަނޑުމެން ނޫޅެން އެއްވެސް ފަރާތަކަށް ދޭކަށެއް. އެއީ، ހަމަ އެއްގޮތަކަށްވެސް ޙަޤީޤީ ވާހަކައެއް ނޫން. ދެން، ތިޔަކަހަލަ، އެކިކަހަލަ ވާހަކަތައް އަޅުގަނޑަށްވެސް މީޑިއާ ތެރެއިން، ނޫނީވިއްޔާ ބައެއް ފަރާތްތަކުން ދައްކާތީ ފެނޭ. މިހާތަނަށް އެނގިފައި ހުރި ތިޔަކަހަލަ ވާހަކަތަކުގެ ތެރެއިން، ހަމަ ގާތްގަނޑަކަށް ހުރިހާ ވާހަކައެއްގެ އެއްވެސް ތެދެއް ނެތް. ބައެއް ވާހަކަތަކުގައި، ބައެއް ކަންކަމުގައި، މަޢުލޫމާތުގައި ކޮންމެވެސްވަރެއްގެ ތެދުކަން ހުރެދާނެ. އެހެންވީމާ، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ކަންތައްތަކުގައިވެސް، އެއީވެސް ތެދުވާހަކައެއް ނޫން. ޖޭޕީ މޯގަންއާ ގުޅުވައިގެން ތިޔަ ވިދާޅުވި ވާހަކަވެސް، އެއީ ޙަޤީޤަތެއް ނޫން.

އެހެންވީމާ، މި ހުންނަނީ، ވަރަށް ބޮޑަށް ގޮސިޕް ފެތުރިފައި. ދެން އެކަމަކު، ވަރަށް އުފާކުރަން، ނޫސްވެރިން އެކަހަލަ ކަންކަން ސާފުކުރައްވަން ސުވާލުކުރައްވާތީ.

އަރުޝަމް ޢަބްދުއްރަޙީމް – ޖަވިޔަނި:

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، މަނިކުފާނުގެ ހައުސިންގ މިނިސްޓަރު ކަމުގައި، ސިނަމާލެ ބުރިޖް ނިމިގެން ދިޔައީ. އޭރުގައި ނިމެމުން ދިޔައިރު ދެކެވުނު، ޓޯލް ފީއެއް ނަގާނެ ވާހަކަ. ދެން މިހާރު ތިލަމާލެ ބުރިޖް ނިމެމުން މިދަނީ. އެހެންވީމާ، ސިނަމާލެ ބުރިޖް ނިމިގެންދިޔައިރުވެސް އެ ފީ ނުނެގުނު. ބޭނުންކުރަން ފެށިއިރުވެސް ނުނެގުނު. ދެން ތިލަމާލެ ބުރިޖުގައި މި ފީ ނެގުމުގެ އެއްވެސް މަޝްވަރާއެއް ނޫނީ ވިސްނުމެއް ސަރުކާރުގެ އެބަހުރިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ތިޔަ ވިދާޅުވިފަދައިން، ޓޯލް ފީއެއް ނެގުމަށްޓަކައި އޭރު ސިނަމާލެ ބުރިޖު ނިމިގެންދިޔައިރު، ވަރަށް ދިރާސާކުރެވުނު. ވަރަށް ތަފްޞީލުކޮށް މަޝްވަރާތައް ކުރިއަށް ގެންދިޔަކަމެއް. އެހެންނަމަވެސް ފަހުން ނިންމުމަކަށްވީ، އެ ފީ ނުނަގާގޮތަށް. އެންމެފަހު ވަގުތު ނިންމި ނިންމުމަކީ. ދެން އެ ޑިޒިޝަން، އެ ނިންމުން، މިދިޔަ ސަރުކާރުންވެސް ކޮންޓިނިއުކުރީ. އަދި އަޅުގަނޑުމެންވެސް މި ކުރިއަށް މިގެންދަނީ. ދެން އަދި އަޅުގަނޑުމެންނެއް، މިހާރު އެ ހަދަމުންދާ ބުރިޖުގެ ޓޯލް ފީ ނަގާނެތޯ، އެ މަޝްވަރާއެއް ނުކުރަން. އެކަމަކާ ގުޅޭ އެއްވެސް ކަހަލަ ކަންތައްތަކެއް ނުކުރޭ. ދިރާސާއެއްވެސް އަދި ނުއެއްހަދަން.

ލައިޝާ އަޙްމަދު ޒަކީ – ރާއްޖެ ޓީ.ވީ:

އަޅުގަނޑުގެ ސުވާލަކީ، ރައީސް އިންތިޚާބުގެ ތެރޭގައި އެބަވޭ ވިދާޅުވެފައި، ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތައް ނޫން ދެންތިބި މުވައްޒަފުން އެއްވެސް މުވައްޒަފަކު، ވަޒީފާއިން ވަކިނުކުރާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށް. ދެން އަޅުގަނޑު ހިތުން ރައީސް އެންމެ ގިނައިން ދެއްކި ވާހަކަފުޅަކަށް ވާނެ، ރައީސް އެކަން ފާހަގަކުރެއްވި 200 އެތައް ފަހަރަކު، އެ ވާހަކަ ތަކުރާރު ކުރައްވާފައި ވާނެ ކަމަށް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބޭ ހަމަ ސިޔާސީ މަގާމުތަކެއް ނޫން، ކޮންޓްރެކްޓްގެ އެކިއެކި މަގާމުތަކާއި، އެކިއެކި ކުންފުނިތަކާއި އިދާރާތަކަށް ނަގައިފައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް. ދެން ބައެއް ރަށްރަށުން 19 މުވައްޒަފުން، 15 މުވައްޒަފުން، މިއީ ހަމައެކަނި ފެނަކައިގެ ވާހަކައެއް ނޫން. ރިޑަންޑަންސީ ޕޮލިސީގެ ދަށުން ސައިޒް ކުޑަކުރާ ވާހަކައެއް ނޫން. ހަމަ އެކި ކުންފުނިތަކުން އެބަ ވަކިކުރަމުންދޭ. އެހެންވީމާ، އަޅުގަނޑުގެ ސުވާލަކީ، ރައީސް އެހާބޮޑު ޔަޤީންކަމެއް ދެއްވާފައި އޮވެމެ، އެ ކީއްވެގެންތޯއޭ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން މިދަނީ؟

ދެން އަޅުގަނޑު ހަމަ ފާހަގަކޮށްލަން އަޅުގަނޑުމެން މިހާތަނަށް މި އެއްކުރި މަޢުލޫމާތުތަކަށް ބަލައިލާއިރު، އެގޮތަށް ވަކިކޮށްފައި މިހުރީ ސިޔާސީގޮތުން ސަރުކާރު ހިންގާ ޕާޓީއާ އިދިކޮޅު ފިކުރުތައް، ނުވަތަ އެގޮތަށް ފާހަގަކުރެވޭ މަސައްކަތްތަކުގައި އުޅެފައި ހުންނަ ފަރާތްތައް. މިސާލަކަށް، ސިޔާސީ ބޭފުޅަކާ އެކީގައި ފޮޓޯއެއް ނަގައިގެން ނުވަތަ އެފަދަ ސަބަބުތަކަށް. އެހެންވީމާ، އެއީ، އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑުގެ ވަޢުދު އަޅުގަނޑު ފުއްދީމޭ އިނގޭތޯ. އެއީ އަޅުގަނޑުމެންގެ ސަރުކާރު ފެށިގެން ދިޔައިރުގައި، ތިޔަ ވިދާޅުވި ގޮތަށް، ކުންފުނިތަކުގައި ތިބި ޕޮލިޓިކަލް މަގާމުތައް ފިޔަވައި ދެންތިބި މީހުން ތިބި އިނގޭތޯ. އެތައް މަހެއްވަންދެންވެސް ތިބި. އަދި އަހަރު ދުވަހަށްވުރެ ގިނަ ދުވަހު، ދެ އަހަރު ދުވަހާ ހަމައަށްވެސް ތިބި ފަރާތްތައް ތިބޭނެ. އެންމެ ބޮޑު ބަދަލަކަށް އައީ، މި އަހަރު ފެށިގެން ދިޔައިރުގައި، މުޅި ދުނިޔެއަށް މިއައި ކަންތައް. ހަނގުރާމަ އިނގޭތޯ. ހަނގުރާމަ އައިމަ ވާގޮތަކީ، އަޅުގަނޑުމެން އެބަޖެހޭ ޚަރަދުތައް ކުޑަކުރަން، އެއްކަމަކަށް އިނގޭތޯ. އެއީ، އެންމެ މުހިންމު ބަދަލަކަށް އައި ކަމަކީ. އެއްވެސް ފަރާތަކުން ފޯކާސްޓް ކުރި ކަމެއްނޫން، ހީކުރިކަމެއްނޫން، އެއްގޮތަކަށްވެސް އެކަމަކަށް ހިސާބު ޖަހާފައި އޮތް ކަމަކަށްވެސް ނުވާނެކަންނޭނގެ މި އަހަރުގެ ފެބުރުވަރީ މަސް ނިމޭއިރުގައި ހަނގުރާމައެއް ދުނިޔޭގައި ފެށިގެންދާނެ ކަމަކަށް. އަދި އަމުދުން މުޅި ދުނިޔެއަށް އިފެކްޓް ކުރާކަހަލަ ސަރަޙައްދެއްގައި.

އޭގެ ކުރިންވެސް، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރުގެ މިނިސްޓްރީތަކުގެ ޚަރަދު ކުޑަކުރުމަށްޓަކައި، އަޅުގަނޑުމެން އެކިކަހަލަ ކަންތައްތައް ކުރަން ނިންމާފައި ހުރީ. އެނގިވަޑައިގަންނަވާނެ ފަދައިން، ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރަވެސް 10 ޕަސެންޓް ކުޑަކޮށްގެން އުޅޭތާ މިހާރު ދެވަނަ އަހަރު މި ނިމެނީ ދޮގެއްތޯ. ދެން ހަމަ އެކަހަލަ އިތުރުއިތުރު ފިޔަވަޅުތައްވެސް އަޅައި، ޚަރަދު ކުޑަކޮށްފައި، ތިޔަބޭފުޅުންނަށް ފިނޭންސް މިނިސްޓްރީން ޝާއިޢު ކުރަމުންދާ ތަފާސްހިސާބުތަކުން ފެނިވަޑައިގަންނަވާނެ، ހަމަ ވަރަށް ރަނގަޅަށް އަޅައިކިޔާލެވޭނެ، ކޮމްޕެއަރ ކޮށްލެވޭނެ ހަމަ ޚަރަދުތައް ކުޑަކުރަމުންދާކަން. އެހެން އޮއްވައި މި ހަނގުރާމަ މިއައީ. ހަނގުރާމަ އައިމާ އަދި މާބޮޑު ތަނުން މިކަން ކުރަން ޖެހިއްޖެ.

އެހެންވީމާ، ކުންފުނިތައް ރައިޓް ސައިޒް ކުރުމޭ މި ދަންނަވާހެން، އެ ކުންފުންޏަކަށް ބޭނުންވާ އަދަދަށް މީހުން މަދުކުރުމަކީ މަޖުބޫރު ކަމެއް. ހަމަ މާބޮޑަށް މަޖުބޫރު ކަމަކަށްވެއްޖެ މިހާރު. އެހެންވީމާ، އެކަން ކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި ކުރިއަށް އަޅާ ޕޮޒިޓިވް ފިޔަވަޅެއް. އެކަން ކުރުމުގައި، ކުންފުނިތައް އެދަނީ، އެ ކުންފުނިތަކުގެ އެޗް.އާރު. އޮޑިޓް ހަދައި، އެ ކުންފުނިތަކަށް ބޭނުންވާ އަދަދަށް މުވައްޒަފުން މަދުކުރުމަށްޓަކައި އެކިކަހަލަ ޕެކޭޖްތައް ދިނުމާއެކު އުސޫލުތަކުން ކަންކަން ކުރަމުން. އެހެންވީމާ، އަޅުގަނޑު ވީ ވަޢުދަކާ ޚިލާފެއް ނުވަން. ވަޢުދުވީ ގޮތަށް، ސަރުކާރު ބަދަލުވެގެން އައިއިރުގައި، ކުންފުނިތަކުގައި މުވައްޒަފުން ތިބި އަދަދަށް ތިބޭނެ.

ދެން އެދިޔަ އަހަރު ތެރޭގައި، ނޫނީވިއްޔާ ދެން ޖެހިގެން އައި އަހަރުގެ ތެރޭގައި އެކި ކުންފުނިތަކުގައި ޕްރޮބޭޝަން ޕީރިއަޑުގެ ތެރޭގައި ތިބި މުވައްޒަފުން ކަމަށްވަންޏާ، މިސާލަކަށް ހަމަ ކޮންމެ ކުންފުންޏެއްގައިވެސް އޮންނާނެ، ޕީ.ސީ.ބީ. އިން މަޖުބޫރުކުރާ، ޤާނޫނުން މަޖުބޫރުކުރާ ހަމަތަކެއް، ތަބާވާންޖެހޭ. އެ ހަމަތަކަކީ، އެ ކުންފުންޏެއްގެ މަސައްކަތަށް ހުރަސްއަޅަނީ. ނޫނީވިއްޔާ ކުންފުންޏަށް ކުންފުނީގެ މަސައްކަތުގައި ބައިވެރިނުވަނީ. ފަރުވާކުޑަކުރަނީ. މިކަހަލަ ކަންކަމަކީ އަދި އަމުދުން ޕްރޮބޭޝަން ޕީރިއަޑްގައި ތިބި ކަމަށްވަންޏާ، ބަލާފައި އެއަށް ގޮތްތަކެއް ނިންމަންޖެހޭ ކަމެއް. އެހެންވީމާ، މިގޮތުން އޭގެ ޒާތުގައި ކުންފުނިތަކުން ބައެއް މުވައްޒަފުން ދޫނުކޮށްލާ ވާހަކައެއް ނޫން. ދޫކޮށްފައި ހުރެދާނެ، މިދިޔަ ދުވަސްތަކުގައި އިނގޭތޯ.

ކޮންމެ ކުންފުންޏެއްގައިވެސް އޮންނާނެ މި އުސޫލު. އެތަނުގެ މުވައްޒަފުންގެ ތެރޭގައި، މިސާލަކަށް އަޚްލާޤީ ގޮތުން ގޯސްވަނީ، ނޫނީވިއްޔާ މަސައްކަތަށް ފަރުވާކުޑަވަނީ. އެހެންވީމާ، އެ އަޅަންޖެހޭ ފިޔަވަޅުތައް އަޅަނީކީއެއް، އެއްގޮތަކަށްވެސް އެއީކީއެއް އަޅުގަނޑުވީ ވަޢުދާ ޚިލާފުވެގެން ކުރާ ކަމެއްނޫން. އެއީ އެކަން ގޮސްފައިވާ ގޮތަކީ. އެހެންވީމާ، މިހާރު އެ ހިނގާ މަސައްކަތަކީ، އެކްސަސައިޒަކީ މި ދެންނެވި ގޮތަށް ކުންފުނިތަކުގެ ސައިޒް ކުޑަކުރުމަށްޓަކައި ކުރާ މަސައްކަތެއް.

ދެން ސިޔާސީގޮތުން ވަކި ފަރާތަކަށް އަމާޒުކޮށްގެން ކަމެއް ކުރުމަކީ ހަމަ ޔަޤީނުންވެސް އަޅުގަނޑު އަންގާ ކަމެއްނޫން.

ލައިޝާ އަޙްމަދު ޒަކީ – ރާއްޖެ ޓީ.ވީ:

އާދެ، ރައީސްގެ ވަޢުދަކީ ވަކިނުކުރުން ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އެކަމަކު އެޓް އެނީ ކޯސްޓް، ކޮންމެގޮތެއްވިޔަސް ބޭތިއްބުމެއް ނޫން އޭގައިވާ މަފްހޫމެއް ކަމަކަށް، ވާނެކަމަކަށް އަޅުގަނޑަކަށް ހީއެއްނުވޭ ވާނެހެނެއް އިނގޭތޯ.

ލައިޝާ އަޙްމަދު ޒަކީ – ރާއްޖެ ޓީ.ވީ:

އާދެ، އެއީ އަޅުގަނޑުވެސް ފާހަގަކޮށްލީ. ރައީސްގެ ވަޢުދަކީ ވަކި ނުކުރުން ކަމަށްވާއިރު، ވަކިކުރަންޏާ ވަޢުދާ ޚިލާފުވީތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ނޫން. ނޫން. ނޫން. ވަޢުދާ ޚިލާފުވީ ކަމަކަށް ނުވާނެ ނޫންތޯ. އަޅުގަނޑު މި ދެންނެވީ، ވަޢުދާ ޚިލާފުނުވެ ކުރިއަށްދިޔައިމޭ. ދެން އެކަމަކު އެ ކުންފުނިތަކުގައި ޚަރަދު ކުޑަކުރުމަށްޓަކައި މިސާލަކަށް، ތިޔަ ވިދާޅުވިހެން، އަޅުގަނޑު ވަޢުދުވެފައި އޮތީ، ކުންފުނިތަކުގައި މުވައްޒަފުން ބައިތިއްބަން. އެހެންވީމާ، އެ މުވައްޒަފުން ހަމަ ކޮންމެފަދަ ގޮތަކަށްވެސް މިސާލަކަށް އުޅެންވީހެއްޔޭ. ހަމަ ކުންފުންޏަށް ބޮޑު ގެއްލުމެއްވެސް މިސާލަކަށް ދޭންވީ. މިސާލަކަށް، ފޯރ އަރގިއުމަންޓް ސޭކް، ކުންފުނިން ވައްކަންކުރީ މިސާލަކަށް އިނގޭތޯ. ނޫނީވިއްޔާ، ހަމަ ކުންފުނީގެ ހަރުމުދަލަށްވެސް ގެއްލުންދިނީ. ދެން އޭނަ ވަކިކޮށްގެނެއް ނުވެއޭ، މިސާލަކަށް އަޅުގަނޑު ވަޢުދުވެފައި އޮތީމާ. އެހެނެއް އަޅުގަނޑަކަށް ހީއެއްނުވޭ ހަމަބުއްދި ގަބޫލުކުރާ އެކަކުވެސް އެކަން އެގޮތަކަށް ވިސްނާނެ ކަމަކަށެއް.

ލައިޝާ އަޙްމަދު ޒަކީ – ރާއްޖެ ޓީ.ވީ:

އަޅުގަނޑު މިދައްކަނީ ހަމަ އެއްވެސް ސަބަބެއްނެތި ކުއްލިގޮތަކަށް 19 މުވައްޒަފުން، 15 މުވައްޒަފުން ވަކިކުރަމުންދާ ވާހަކަ. ތިޔަ ވިދާޅުވިހެން މައްސަލައެއް ފެންމަތިވެގެނެއް ނޫން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ސަބަބެއް ނެތިއެއްނޫން. އަޅުގަނޑު މި ދެންނެވީ، ސަބަބުތަކާއި، ވިސްނާ ގޮތްތަކާއި، ހަމަތަކާއި، މިހުރިހާ ކަމެއް. އަޅުގަނޑު ހިތުން ތި މައުޟޫޢަށް ހުރިހާ އޭންގަލްއަކުން ވިސްނާފައި އަޅުގަނޑު ދެންމެ މިދިން ޖަވާބު ފުދޭނެހެން.

ލައިޝާ އަޙްމަދު ޒަކީ – ރާއްޖެ ޓީ.ވީ:

އާދެ، ޖަވާބު ނުއެއް ފުދޭ. އެހެންނަމަވެސް، ވިއްސަކަށް ނޫސްވެރިން ތިބުމާ އެކީގައި އަޅުގަނޑު ދެވަނަ ސުވާލަށް ޖެހިލާނަން.

ޑޮލަރުގެ މައްސަލައިގައި ރައީސް އޭރުގައި ވިދާޅުވެފައި އެބަވޭ، ބޭރު ފައިސާގެ ޤާނޫނު ތަންފީޒު ކުރެވެން ފެށުމާއެކީގައި ވަރަށް ބޮޑު ޙައްލެއް އަންނާނެ ކަމަށް. އެހެންނަމަވެސް، ދުވަހެއް ދުވަހަކަށް ޑޮލަރުގެ އަގު މައްޗަށް މިދަނީ. ދެން ބައެއް އާންމު ރައްޔިތުން އެބަ ފާހަގަކުރޭ، ކާބޯތަކެތީގެ އަގުވެސް ވަރަށް ބޮޑަށް މައްޗަށްދާ ކަމަށް. ސަރުކާރުން މި އާންމުކުރާ ރިޕޯޓުތަކުގައިވެސް އެބަހުރޭ، އެ ކަންކަން ފާހަގަކޮށްފައި. އެހެންވީމާ، ރައީސްގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން މިހާރު ރައީސަށް ލިބިވަޑައިގެންފައިވާ މަޢުލޫމާތަށް ބަލާއިރުގައި، ކިހާ ދުވަހެއްގެ ތެރޭގައި ޑޮލަރުގެ މައްސަލަ ޙައްލުކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ތީގައި އަޅުގަނޑުމެން މިދަނީ ދޮގެއްތޯ ކަމާބެހޭ ހުރިހާ އެންމެން ގުޅިގެން މަސައްކަތްތައް ކުރަމުން. މިހާރު ބޭރު ފައިސާ މާރުކުރުމަށްޓަކައި އަޅުގަނޑުމެން ތަޢާރުފްކުރި ޤާނޫނަކީ، އޭގެ ސަބަބުން ވަރަށް ބޮޑު ފައިދާތަކެއް ކުރާ ކަމެއް. ދެން މި ކަމުގައިވެސް އަޅުގަނޑުމެން މިހާރު އެމް.އެމް.އޭ.ގެ ކަމާބެހޭ ފަރާތްތަކާ އެކީގައި، އެ ގެންދާ މަޝްވަރާތަކުގެ ތެރެއިން އެކަމަށްވެސް ޙައްލުތަކެއް އަންނާނެ. ދެން ހަމަ އެއާއެކީގައި، ބޭންކް އޮފް މޯލްޑިވްސްއިންވެސް މިހާރު އެ ގެންދަނީ، އިތުރު ލުއިތައް ދިނުމަށްޓަކައި މަސައްކަތްތައް ކުރަމުން. މިހާރު މި ހަފްތާ ނިމޭހާ ތާނގައި، ނޫނީ މި އަންނަ ހަފްތާގެ ކުރީކޮޅު ބޭންކް އޮފް މޯލްޑިވްސްއިން އިތުރު ކަންކަން ތަޢާރުފް ކުރާނެ. އެހެންވީމާ، ޑޮލަރުގެ އަގު ބޮޑުވެގެންދާ ދިޔުމަށް ޙައްލެއް ގެނައުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް މި ކުރެވިގެން ދަނީ.

ދެން އެސް.ޓީ.އޯ.އިން ކާޑުގެ ބާވަތްތަކުގެ އިތުރަށް، އަސާސީ ބާވަތްތަކުގެ ތެރޭގައި ހިމަނައިގެން ތަރުކާރީއާއި މޭވާގެ 23 ބާވަތެއް މި ގެންނަނީ. ރާއްޖޭގެ އެކި ކަންކޮޅުތަކުން އެސް،ޓީ.އޯ.ގެ އަގުގައި، ލުއި، ހެޔޮއަގުގައި ލިބެމުންދާނެ މެދުނުކެނޑި. އެހެންވީމާ، އެއްވެސްވަރަކަށް ހެޔޮއަގުގައި ތަކެތި ނުލިބިއެއް ނުހުންނާނެ ރާއްޖޭގެ މާކެޓުގައި. ހުރިހާ ސަރަޙައްދެއްގައި ރާއްޖޭގައި މިހާރު އެސް.ޓީ.އޯ.ގެ ފިހާރަތަކުން، ޑިސްޓްރިބިއުޝަން ސެންޓަރުތަކުން 23 ބާވަތެއް އެއީ، އަސާސީ ކާޑުގެ ބާވަތްތަކުގެ އިތުރަށް، މިހާރު އެދަނީ ވިއްކަމުން. ދެން މުޅި ރާއްޖޭގައި ޑޮލަރުގެ އަގު ތިރިކުރުމަށްޓަކައި ކުރެވޭ މަސައްކަތް ހަމަ ކުރިއަށް އެބަދޭ.

މަރްޔަމް މާހީ – މެންދުރު ޓީ.ވީ:

السّلام عليكم

އަޅުގަނޑުގެ ސުވާލަކީ، ކުރިން ކުރި ސުވާލަކަށް ރައީސް ޖަވާބު ދެއްވަމުން ވިދާޅުވި، އެއަރޕޯޓް، ލ. އަތޮޅުގެ ދެވަނަ އެއަރޕޯޓް އަޅާނީ އެކަމަށް އެންމެ ފީސިބަލް، ޖިއޮގްރަފިކަލީ، އިކޮނޮމިކަލީ އަދި ފިއުޗަރގައި އެންމެ ބޮޑަށް ޑިވެލޮޕް ކުރެވޭނެ ފަޅީގައޭ. ދެން އަޅުގަނޑުގެ ސުވާލަކީ އެހެންވީމާ، ސަރުކާރުގެ 30 މިނިޓުން އެއަރޕޯޓާ ހަމައަށް ފޯރުން، މި ސިޔާސަތުގެ ދަށުން، މި ސިޔާސަތާ ޚިލާފަށް ލ. އަތޮޅުގެ ދެވަނަ އެއަރޕޯޓް، އިސްދޫ ދާއިރާގައި އަޅަން ނިންމި ސަބަބަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

މިހާރު ސުވާލުގައި ތިޔައޮތީ ސްޓޭޓްމަންޓެއް މޭކްކޮށްފައި އިނގޭތޯ. ސްޓޭޓްމަންޓް އަޅުގަނޑު ގަބޫލުނުކުރިޔަސް ތިގޮތަށް ތިއޮތީ ވިދާޅުވެފައި، އެ އުސޫލާ ޚިލާފަށޭ. އެހެންވީމާ، ފުރަތަމަ ސުވާލު ކުރެއްވި ފަރާތުން ޖެހޭނެ އުސޫލާ ޚިލާފުވި ގޮތް ބަޔާންކޮށްދޭންވެސް. ކޮންމެގޮތެއްވިޔަސް، ސަރުކާރުން ގެންގުޅޭ އުސޫލާ ޚިލާފަށް، 30 މިނިޓުގެ ޑިސްޓެންސް، ނޫނީވިއްޔާ އެކަމަށް ބަލައިލުމެއް ނެތިއެއްނޫން ނިންމީކީއެއް.

ލ. އަތޮޅުގައި ތިން ސަރަޙައްދަކުން، ތިން ރަށަކުން އެކަމަށް އެދެމުން އައީ. ދެން އެންމެ އިކޮނޮމިކަލީ، ފީޒިބަލް، އެންމެ ޚަރަދު ކުޑަކޮށް މި އެއަރޕޯޓް އެޅޭ، ޖިއޮގްރަފިކަލީ ބަލާއިރުގައިވެސް، މުޅި އަތޮޅަށްވެސް، އަދި މި ސަރަޙައްދަށްވެސް ވިސްނާފައި، އެންމެ ރަނގަޅު ލޮކޭޝަންގައި އަޅަން އަޅުގަނޑުމެން ނިންމީ. އެއީކީއެއް އަނެއް ދެ ރަށުގެ ރައްޔިތުންގެ އެދުމަށް އަޅުގަނޑުމެން އަޑުނޭހީކީ ނޫން. ހަމަ ދެ އަހަރާއި ބައި، ނޫނީވިއްޔާ ދެ އަހަރެއްހާ ދުވަހުގެ ވަރަށް ތަފްސީލުކޮށް އެކިއެކި ގޮތްގޮތުން އަޅުގަނޑުމެން މިކަމަށް ބެލިން. ބަލައިފައި ހަމަ ލޮޖިކަލީވެސް އެންމެ އަދި ފަންނީގޮތުން ބަލާއިރުގައިވެސް އެންމެ ރަނގަޅު ލޮކޭޝަން، އިސްދުއަކީ މި އެއަރޕޯޓް އަޅަން.

މަރްޔަމް މާހީ – މެންދުރު ޓީ.ވީ:

ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، އަޅުގަނޑު އިންޓަރވިޔު ކުރި ވަރަށް ގިނަ ރައްޔިތުންގެ ސުވާލެއް މިއީ. ސަރުކާރުގެ ސިޔާސަތުގެ ދަށުން ދެން މިސާލަކަށް، މާވަށު ދާއިރާގެ ރައްޔިތުންނަށް ތިންވަނަ އެއަރޕޯޓެއް ރައީސް އަޅައިދެއްވަނީތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ނޫން. ނޫން. ލ. އަތޮޅުގައި ދެ އެއަރޕޯޓް އަޅަން، ދެވަނަ އެއަރޕޯޓެއް އަޅަން އަޅުގަނޑު ވަޢުދުވީ. އެހެންވީމާ، ދެ އެއަރޕޯޓް އަޅަން ނިންމާފައި އޮތީ. އެންމެ ފުރަތަމަ އެއަރޕޯޓަކީ ކައްދޫގެ އެއަރޕޯޓް. ކައްދޫ އެއަރޕޯޓް މިހާރު ބޮޑުކުރަން ބިންހިއްކުމަށްޓަކައި އެދަނީ މަސައްކަތް ކުރެވެމުން. ދެން ދެވަނަ އެއަރޕޯޓެއް އިސްދޫގައި މި އެޅެނީ. އިތުރު އެއަރޕޯޓެއް އަޅާގޮތަކަށް ނޫން އޮތީކީ.

މަރްޔަމް މާހީ – މެންދުރު ޓީ.ވީ:

ދެން މިކަމުގައި ރައީސްގެ އެއްވެސް ޕްލޭނެއް އެބައޮތްތޯ، މާވަށު ދާއިރާގެ ރައްޔިތުންނަށް؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދެން ހަމަ ދަންނަވަން ބޭނުންވަނީ، މާވަށުގެ ތަރައްޤީއަށްޓަކައި، އަޅުގަނޑު ވެފައިހުރި ހުރިހާ ވަޢުދެއްހެން، އަޅުގަނޑު ކޮށްދޭނަމޭ ބުނި ހުރިހާ ކަމެއްވިއްޔާ ކޮށްދޭނަމޭ. އިރާދަކުރެއްވިއްޔާ
އެ މަސައްކަތްތައް އެބަ ހިނގައޭ. އަދި މި އަހަރުގެ ތެރޭގައިވެސް، މި އަންނަ އަހަރުގެ ތެރޭގައިވެސް މަސައްކަތްތައް ދާނެ. އެހެންވީމާ، މާވަށަށް، މާވަށު ދާއިރާއަށް އަދި ލ.އަތޮޅުގެ ކޮންމެ ރަށަކަށްވެސް އަޅުގަނޑު ވީ ހުރިހާ ވަޢުދެއް އިރާދަކުރެއްވިއްޔާ ފުއްދާނަން.

މަރްޔަމް ރަޝީދާ – ތީރު މީޑިއާ:

السّلام عليكم

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ޕޭޕަލްގެ ހުރިހާ ފީޗާރސްތަކެއް އަދިވެސް ދިވެހިންނަށް އެންމެ ފުރިހަމައަށް ލިބެން ނެތް ކަމުގެ ޝަކުވާ، ބައެއް ފަރާތްތަކުން އަންނަނީ ކުރަމުން. ޕޭޕަލްގެ އެޕްލިކޭޝަންތައް މި ސަރަޙައްދުގެ ޕްލޭ ސްޓޯރ އެޕްތަކުން ފެންނަން ނެތުމަކީވެސް ވަރަށް ގިނަ ބައެއްގެ ޝަކުވާއެއްވީމާ، ފުރިހަމަގޮތެއްގައި ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމަށްޓަކައި ސަރުކާރުން ކުރަމުންދާ އިތުރު މަސައްކަތްތަކަކީ ކޮބައިތޯ؟ އަދި ކުރިއަށް ރާއްވަވައިފައި ހުރި ޕްލޭންތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ޕޭޕަލްއަކީ އަޅުގަނޑު ހިތުން މި ރާއްޖެއަށް ގެންނަން މީގެ ކުރިން މަސައްކަތްކޮށް، ކާމިޔާބު ނުވެފައި އޮތް އެއްޗެއް. މިހާރު އިރާދަކުރެއްވީތީ އަޅުގަނޑުމެން ސަރުކާރު ފެށިގެން އައިއިރު، ފުރަތަމަ ދުވަހުން ފެށިގެން، ފުރަތަމަ ކޮޅުން ފެށިގެން ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެކަން މިވަނީ ކާމިޔާބުވެފައި އިނގޭތޯ. ވަރަށް ގިނަ ފަރާތްތަކުން މީގައި މިހާރު ބައިވެރިވެފައި ވަނީ. މިހާރު އަޅުގަނޑުމެން މި ޚިދުމަތް ތަޢާރުފްކުރި ދުވަހުން ފެށިގެން، މިއަދާ ހަމައަށް އައިއިރުގައި، ޕޭޕަލްއަށް ލިންކުކޮށްފައިވޭ 3280 ފަރާތުން އިނގޭތޯ. މި ކުޑަކުޑަ ދުވަސްކޮޅުގެ ތެރޭގައި. އޭގެތެރެއިން ވޮލެޓް އެކްޓިވޭޓް ކޮށްފި 2159 ފަރާތުން. އެހެންވީމާ، އެބަދޭ. މީގެ ތެރެއިން ޕްރޮސެސްތަކެއް ދޮގެއްތޯ މި ހުންނަނީ.

ދެން މިހާރު މިއީ ފުރަތަމަ ސްޓެޕް. އަޅުގަނޑުމެން އެ ދުވަހު އެ އިޢުލާނު ކުރިއިރުގައިވެސް، ފެށިއިރުގައިވެސް ދެންނެވިން، މިއީ އަދި ފެށުމެކޭ ދޮގެއްތޯ. އަދި މީގެ ތެރެއިން ހާސިލުކުރެވިދާނެ އަދި އިތުރު ކަންތައްވެސް އެބަހުއްޓޭ. ފުރަތަމަ އަޅުގަނޑުމެން މިހާރު ޕޭޕަލް ރާއްޖެއަށް މި ތަޢާރުފް ކުރީ. ތަޢާރުފް ކޮށްގެން، އޭގެތެރެއިން ޚިދުމަތް ހޯދުން، ނޫނީ ފައިސާ ގެނައުން، ޑޮލަރު ގެނައުމުގެ ފުރުޞަތު މިހާރު ލިބިގެން މިދަނީ. ދެން ހުންނާނީ، ދެންހުރި މިހާރު މިކަން ފުރިހަމަކުރުމަށްފަހު، ދެން ފުޅާކުރެވިދާނެ ކަންތައްތައް. އެހެންވީމާ، މީގައި ކުރީގައި އެއްގޮތަކަށްވެސް ހާސިލުނުވެ އޮތް ކަމެއް ހާސިލުވެގެންދިޔަ ދިޔުން އެއީ، ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމެއް. އެއީ ކޮންމެގޮތެއްވިޔަސް، 2159 ފަރާތުން މިހާރު އެވަނީ ވޮލެޓް އެކްޓިވޭޓް ކޮށްފައި. ދެން އޮންނާނީ މި ކަމުގެ ތެރެއިން މިސާލަކަށް، ކުދިކުދި ވިޔަފާރިތައް ކުރާ ފަރާތްތައް، އެއްޗެހި އުފައްދާ ފަރާތްތައް، އެތަކެތި ވިއްކައި، ނޫނީވިއްޔާ ޚިދުމަތްތައް ވިއްކައި، އޭގެ ފައިސާ ލިބިގަތުން. މިކަން ކުރިއަށް ގެންދިޔުމަށް މިހާރު އެވަނީ އެތައް ފަރާތަކަށް ފުރުޞަތު ލިބިގެން ގޮސްފައި. ޙަޤީޤަތުގައި ރާއްޖޭގައި މައިކްރޯ އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި، ވަރަށް ބޮޑު، ވަރަށް ބޮޑު ކުރިއެރުމެއް ލިބޭ ކަމެއް މިއީ. ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އެއްޗަކީ ޕޭޕަލް ކަމަށްވާއިރުގައި، މިކަން ރާއްޖެއަށް ތަޢާރުފްވެގެން ދިޔުމަކީ. ދެން އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާނީ އިތުރު ކުރިއެރުންތައް ހޯދަމުން މީގެ ތެރެއިން. ޕޭޕަލްއާ ގުޅިގެން، އުރީދޫއާ ގުޅިގެން، އިތުރު ކަންކަން ތަޢާރުފް ކުރުމުގެ މަސައްކަތް ހަމަ ހުއްޓާނުލައި އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

މަރްޔަމް ރަޝީދާ – ތީރު މީޑިއާ:

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ކިޔަވާ ކުދިންނަށް ބީ.އެމް.އެލް.އިން ޑޮލަރު ލިމިޓަށް ކޮންމެވެސްވަރެއްގެ ލުޔެއް މިހާރު ވަނީ ލިބިފައި. އެކަމަކު އާންމު ވިޔަފާރިވެރިންނާއި، ފްރީލާންސަރުންނަށް ބޭރުގެ ފައިސާއިން މުޢާމަލާތް ކުރުމުގައި އަދިވެސް އޮތީ ވަރަށް ބޮޑު ދަތިކަމެއްގައި. އަދި ޕޭޕަލް ފަދަ ޕުލެޓްފޯމްތަކުން ފުލް ފީޗަރސްތައް ރާއްޖެއަށް ނުލިބުމާއި، ބޭރުން ފައިސާ ލިބޭނެ ފަސޭހަ މަގުތައް ބަންދުވެފައި އޮތުމަކީ ޒުވާނުންނަށް ވަރަށް ބޮޑު ކަންބޮޑުވުމެއް. ޑިޖިޓަލް އިޤްތިޞާދަކަށް ރާއްޖެ މިސްރާބުޖަހާ ވާހަކަ ޕޯޑިއަމްތަކުގައި ދެކެވޭއިރުގައި، އާންމު ފަރުދުންނަށް ބޭންކިންގ ކާޑުތަކުންނާއި، ޕޭމަންޓް ގޭޓްވޭތަކުން ކުރިމަތިވެފައި މިވާ ހަރުކަށި އުސޫލަށް ޢަމަލީގޮތުން ލުޔެއް ލިބޭނީ ކޮންއިރަކުންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ހަރުކަށި އުސޫލެއް ނޫން ދޮގެއްތޯ. ރާއްޖޭގެ ތާރީޚުގައި އެންމެ ފުޅާކޮށް ފުރުޞަތު ދެވިފައި އޮތީވެސް މިހާރު. އެންމެ ގިނަ ފަރާތްތަކުން ވިޔަފާރި ކުރަނީވެސް މިހާރު އިނގޭތޯ. އެހެންވީމާ، އަޅުގަނޑުމެން ކުރިއަށް އޮތް ތާނގައި، މިހިރަ އެކިކަހަލަ ޗެލެންޖަސްތައް އޯވަރކަމް ކޮށްގެން، އިތުރު ފުރުޞަތުތައް ދެމުންދާނަން. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި އެ ކަންކަން ތަޢާރުފްވެގެން ދާނެ.

މުޙައްމަދު ރީޙާން – ދިޔަރެސް:

السّلام عليكم

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، 2030 ވަނަ އަހަރުގެ ނިޔަލަށް 10 ރިޒޯޓް ތަރައްޤީކޮށް، އޭގެ ފައިދާ ސީދާ ރައްޔިތުންގެ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްދިނުމަށް ފަށައިފައިވާ ތާރީޚީ މަޝްރޫޢަކީ، މީގެކުރިން ފެނިފައި ނުވާފަދަ މަޝްރޫޢެއް. މި މަޝްރޫޢު ހިންގުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ އެއްވެސް ތަފްޞީލެއް ދެއްވިދާނެތޯ؟ އަދި ކިހާވަރަކަށް މަސައްކަތް ކުރިއަށް ގޮސްފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ތިއީ ވަރަށް އެމްބިޝަސް ޕްރޮޖެކްޓެއް. މިހާރު ފިނޭންސް މިނިސްޓްރީއާއި އަދި ބައެއް އެހެން މިނިސްޓްރީތައް އެކުލެވޭގޮތަށް އަޅުގަނޑުމެން އުފައްދާފައިވާ ކޮމިޓީން އެ މަސައްކަތްތައް ކުރިއަށް އެބަގެންދޭ. މިހާރު ރަށްތައް އައިޑެންޓިފައި ކުރުމުގެ މަސައްކަތް، ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އެދަނީ. ރަށްތަކާއި ފަޅުތަކެއް އައިޑެންޓިފައި މި ކުރަނީ. މިކަމަށް އެންމެ ފީޒިބަލްކޮށް ހުރި ތަންތަން، އެ ތަންތަން ހަދައި ނިންމާ، އައިޑެންޓިފައިކޮށް ނިންމާ، އެ ތަންތަނުގެ ފީޒިބިލިޓީގެ މަސައްކަތްތައް ދެން ކުރިއަށް ގެންދާނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ ހުރިހާ ކަމެއް މިހާރު އެދަނީ އެ މަރުޙަލާގައި ކުރިއަށް. ދެން އެކަން ނިމުނީމާ އަޅުގަނޑުމެން ސަރުކާރުގެ ކަމާބެހޭ އެސް.އޯ.އީ.އެއް ކަނޑައަޅައި، އެ ކުންފުންޏެއް މެދުވެރިކޮށް، މިކަމުގައި ދެންއޮތް މަރުޙަލާތަކަށް ދާނަން. ހަމަ އިޓްސް އޮން ޓްރެކް އިނގޭތޯ.

މުޙައްމަދު ރީޙާން – ދިޔަރެސް:

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ވަރލްޑް ބޭންކް ރިޕޯޓެއްގައި ދާދިފަހުން ބުނެފައި އެބަވޭ، މި އަހަރު އަދިވެސް ރާއްޖެއިން 600 މިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭނެ ކަމަށް. މި އަހަރު ބާކީ ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް ސަރުކާރުގެ ޕްލޭނަކީ ކޮބައިތޯ؟ އަދި އެ ދަރަނި ދެއްކުމަށް، ސަރުކާރުން ތައްޔާރުވަމުންދަނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، މި ސަރުކާރުން މިއަދާ ހަމައަށް އައިއިރުގައި ދަރަނި ދެއްކުމުގައި އެކަން ކާމިޔާބު ނުކުރެވި ގޮސްފައެއް ނެތް ދޮގެއްތޯ. ހަމަ އިރާދަކުރެއްވީތީ، އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ ކަމެއްކޮށްގެން، މިއަދާ ހަމައަށް އައިއިރުގައި ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ދަރަނި، އެންމެ ކުޑަ މުއްދަތެއްގެ ތެރޭގައި، ދެއްކި ބަޔަކީ މި ސަރުކާރު. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދައްކަން ހުރި ދަރަނިތައް ދެއްކުމުގައި ކާމިޔާބީ ހާސިލުކުރާނަން.

ވަފީޤާ ޙާމިދު – ޕީ.އެސް.އެމް:

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މިހާރު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން، ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމަށް މި ހުޅުވާލި ފުރުޞަތު ހަމަވުމަށްފަހު އެޕްލިކޭޝަންތައް ވެރިފައި ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނައިރުގައި، ރައްޔިތުންގެ މިހާރު އެންމެ ބޮޑު އިންތިޒާރެއް އޮންނާނީ ހަމަގައިމުވެސް ދާއިމީ ލިސްޓް އާންމުކުރާނެ އިރަކަށް. ކޮބައިތޯ މި ސަރުކާރުގެ މިހާރުގެ އަމާޒަކީ، ދާއިމީ ލިސްޓް ކިހާތާކު އާންމު ކުރެވޭނެތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އަޅުގަނޑުގެ އެންމެ ބޮޑު ވަޢުދަކީ ތިޔަ ވިދާޅުވިގޮތަށް، ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށްވާތީ، މިކަން އަޅުގަނޑުމެން ކުރިއަށްގެންދަނީ، ވަރަށް ވަރަށް ސަމާލުކަން ދީގެން. ވަރަށް ރަނގަޅަށް އިނގޭތޯ. މިއީ ވަރަށް މުހިންމު ވަރަށް ހައްސާސް ކަމެއް ކޮންމެ ރައްޔިތަކާ ގުޅިފައިވާ. އެތައްހާސް ރައްޔިތުންނެއްގެ ދިރިއުޅުން މިކަމަކަށް ބިނާވެފައި އޮތް ކަމެއް. އެހެންވީމާ، އަޅުގަނޑުމެން ބަލަނީ އެއްވެސްކަހަލަ ނުފޫޒެއް މިކަމުގެ ތެރެއަށް ވަނަނުދީ އިނގޭތޯ. ވަރަށް ސަމާލުކަންދީގެން މިކަން ގެންދަން.

މިހެން މި ދަންނަވާ ސަބަބަކީ، މީގެ ކުރީގައި އަޅުގަނޑުމެންނަށް އެކަހަލަ އެކިކަހަލަ ޝަކުވާތައް އެބަހުރި ލިބިފައި. ކުރީގައި އެކި ފަރާތްތަކުގެ ނުފޫޒުގެ ތެރެއިންގޮސް އެކި ފަރާތްތަކަށް ފުލެޓާއި ގޯއްޗާއި މި ތަންތަން ދީފައި ހުރި ކަމަށް. އެހެންވީމާ، އެކަހަލަ އެއްވެސް ކަހަލަ ޝަކުވާއެއް ނާންނާނެ ގޮތަށް، އެ ޔަޤީންކަން ރައްޔިތުންނަށް ދެމުން އަޅުގަނޑުމެން މިކަން މި ކުރަނީ. އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދޭ އެއްވެސް ބޯހިޔާވަހިކަމަކީ، ވަކި މީހެއްގެ މީހަކަށްވީތީ ލިބޭ އެއްޗަކަށް ނުވާނެ. އެ ޔަޤީންކަން އަޅުގަނޑު ދެން. މި ސަރުކާރުންދޭ ގޯއްޗެއްވިޔަސް، ފުލެޓެއްވިޔަސް ދޭނީ އެމީހާއަށް ޙައްޤުވީމާ. އެ މީހާގެ ޙައްޤު އަދާކުރުމުގެ ގޮތުން އިނގޭތޯ. ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަފްސީލުތައް، ހުށަހަޅާފައިވާ ތަފްސީލުތައް ރަނގަޅަށް ވެރިފައި ކޮށްފައި، ބަލާފައި، މި ޕްރޮގްރާމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޕޮއިންޓުތައް ހަމަވާނަމަ، އެ އޮންނަ ތަރުތީބަކުން އެކަނި އެ ފަރާތަކަށް ފުލެޓް، ނޫނީ ގޯތި ލިބޭނީ. އެ ޔަޤީންކަން އަޅުގަނޑު ދެން. އެހެންވީމާ، އެ ޔަޤީންކަމާ އެކީގައި ކުރަންޖެހޭ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. އެހެންވީމާ، ވަރަށް ރަނގަޅަށް ވަގުތުދީގެން އެކަން އަޅުގަނޑުމެން ކުރިއަށް ގެންދާނީ.

ދެން ކިހާތާކުތޯ ދެވޭނީ. އެކަމަކީ އަދި އަޅުގަނޑު މިވަގުތު މިތާ ހުރެފައި ދެންނެވޭނެ ވާހަކައެއް ނޫން. ހަމަ މި ދެންނެވި ކަމަށް އަޅުގަނޑުމެން މި ފޯކަސް ކުރަނީ. ހަމަ ރެޔާއި ދުވާލު އެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކުރިއަށް އެ ގެންދަނީ.

ދެން ގޯއްޗަށް ބަލާކަމަށްވަންޏާ، މައިގަނޑު ގޮތެއްގައި ގޯތި މިއޮތީ ރަސްމާލެ ހިއްކާ ނިމުނީމާ ދިނުމަށް ކަނޑައަޅާފައި. ދެން ރަސްމާލޭގެ ގާތްގަނޑަކަށް 60 އިންސައްތަ ހިއްކިއްޖެ. އަޅުގަނޑުމެން ކަނޑައެޅި ޑޭޓަކަށް ނުއެއްނިމޭ. ޙަޤީޤަތަކީ އެއީ ދޮގެއްތޯ؟ މީގައި އެންމެ ބޮޑަށް ދިމާވި މައްސަލައަކީ، ހަމަ ތެލުގެ އަގު ބޮޑުވުން. ބޮޑުވީމާ މަޑުޖެހުމެއް އައިސް، މިހާރު އެހެންނަމަވެސް، އަނެއްކާވެސް އެ ރީ-ސްޓާޓްވަނީ. ދެން ކުޑަ މަޑުޖެހުމެއް މިއައީ. ކުރީގައި ތިން ޑުރެޖަރަކުން މަސައްކަތް ކުރަމުން ދިޔައީ. ދެން މަސައްކަތް ކުރާނީ ދޭތި. ދޭތިންވެސް މަސައްކަތް ކުރަނީ ޚަރަދު މެނޭޖްކުރަން ޖެހޭތީވެ.

އެހެންނަމަވެސް، އަޅުގަނޑުމެންގެ އަމާޒަކީ، އިރާދަކުރެއްވިއްޔާ މި އަހަރު ނިމެންވާއިރަށް އެންމެ ލަސްވެގެން ނިންމާލަން އިނގޭތޯ. ހައެއްކަ މަސް ތެރޭގައި ނިންމާލެވިދާނެ ކަމަށް އަދިވެސް މި ބަލަނީ. އެހެންވީމާ، މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ފަހުގެ ތާރީޚެއްގައި ޑޭޓް އިޢުލާނު ކުރާނަން. މި އަހަރުގެ ތެރޭގައި ހުރިހާ އެންމެން، ގޯތި ލިބޭ ހުރިހާ އެންމެންގެ ލިސްޓު ވެރިފައިކޮށް ނިންމައި، އެ ފަރާތްތަކަށް، ހަމަ އެ ފަރާތަށް، ލިބޭކަން އެނގިގެންދާނެ.

ދެން ފުލެޓަށް ބަލާކަމަށްވަންޏާ، ފުލެޓްތައް މިހާރު ބީ.އެމް.އެލް. ހައުސިންގ ފައިނޭންސްގެ ތެރެއިން ހަވާލުކުރެވުނު ފުލެޓުތައް އެޅުމުގެ މަސައްކަތް، ދެންމެ އެހެން ސުވާލެއްގެ ޖަވާބުގައި އަޅުގަނޑު ދަންނަވާލިފަދައިން، ފައުންޑޭޝަންގެ ޢަމަލީ މަސައްކަތާ ހަމައަށް މިހާރު ގޮސްފައި އެވަނީ. ޖުލައި މަސްތެރޭގައި އިރާދަކުރެއްވިއްޔާ، ގިނަ މަޝްރޫޢުތަކުގެ، ގިނަ ޢިމާރާތްތަކުގެ އަސްލު ކޮންކްރީޓް ފައުންޑޭޝަން އެޅުމުގެ މަސައްކަތް ދާނެ ފެށިގެން. ދެން ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ތަންތަން ނިންމުމަށް މިހާރު މި އޮތީ ތާވަލު ކުރެވިފައި. އެހެންވީމާ، 2028ގެ މޭ، ޖޫން، ޖުލައި، ހިސާބުގައި އިރާދަކުރެއްވިއްޔާ، މާލެ ސަރަޙައްދުގައި މިއަޅާ ހުރިހާ ފުލެޓެއް ނިންމޭނެ. އެ ޔަޤީންކަން ހަމަ އަދިވެސް އެބައޮތް. ފުރިހަމަ ޔަޤީންކަން އިރާދަކުރެއްވިއްޔާ އަދިވެސް އެބައޮތް. އަދި އަލަށްވެސް އިތުރު މަޝްރޫޢުތައް ފެށުމަށް މިވަނީ ކަނޑައެޅިފައި. ޕްރައިވެޓް ސެކްޓަރ، އެކިއެކި ކުންފުނިތަކަށް ދޭ ފުރުޞަތުތަކުގެ ތެރެއިން، އިންޔޫޒަރ ފައިނޭންސްގެ ތެރެއިން.

އެހެންވީމާ، މިހާރު މި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން، ފުލެޓަށް ކުރިމަތިލީ މީހުން ގިނައީ ދޮގެއްތޯ. އެހެންވީމާ، ފުލެޓަށް ކުރިމަތިލީ މީހުންނަށް އެ ފުލެޓުތައް ލިބޭކަންވެސް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ޑޭޓް އިޢުލާނު ކުރާނަން. ބަލަންޖެހޭ ހުރިހާ ކަމެއް ބަލައި ނިންމައި، އެ ލިސްޓުވެސް އަޅުގަނޑުމެން ނެރޭނަން. ދެން ލިސްޓު ނެރޭއިރުގައި، އަޅުގަނޑުމެން އޭގައި ތަފްސީލުކޮށް ކަނޑައަޅާނަން މިސާލަކަށް، ކޮން ފަރާތްތަކަކަށް، ތަރުތީބަކާ އެކީގައި އިނގޭތޯ. މިއީ ކޮން ޕްރޮޖެކްޓެއްގެ ތެރެއިން ލިބޭ ފުލެޓްތަކެއްތޯ ލިބޭނީ. އެ ލެވެލްއަށްވެސް އަޅުގަނޑުމެން ބޭނުންވޭ ތަފްސީލުތައް އިޢުލާނު ކުރަން.

އެހެންވީމާ، ވަރަށް އިސްކަމެއްދީގެން، އެންމެ ބޮޑު ސަމާލުކަމެއް މިދެނީ، އެއްވެސް ކަހަލަ ނުފޫޒެއް މީގައި ނެތި، ފުލެޓާއި ގޯއްޗާ ދިނުން އިނގޭތޯ. މިހާރު ޙަޤީޤަތުގައިވެސް، ކުރީގެހެނެއް ނުވާނެ. އެންމެ ގިނައިން އެކަހަލަ ރިކްއެސްޓްތައް އަންނާނީ މަޖިލިސް މެންބަރުންނަށް. މަޖިލިސް އެއްވެސް މެންބަރަކު ވިދާޅެއްނުވާނެ، މިހާރު ތިމަންނަމެން ބޭނުންވީމާ ދެވެއެކޭ ފުލެޓެއް. އެއްވެސް މިނިސްޓަރަކަށްވެސް ވިދާޅެއްނުވެވޭނެ، ރައީސް އޮފީހުގެ ބޭފުޅަކަށްވެސް ވިދާޅެއްނުވެވޭނެ. އެހެނެއް ނޫން ކުރީގައި ކަންތައްތައް ހުރީކީއެއް. މިހާރު އެމް.ޕީޒުން ގާތަށް އެ ދާއިރާގެ ރައްޔިތަކު ގޮސް މި ކަމަކަށް އެދިގެނެއް ވާނެ ފައިދާއެއް ނޯންނާނެ. ހަމައެކަނި އެމް.ޕީ. އެ ތަފްސީލު ހޯދާފައި ޗެކްކޮށްލަފާނެ. އިތުރު ކަމެއް ނުކުރެވޭނެ. އެހެންވީމާ، ވަރަށް ފުލް އިންޓެރގްރިޓީއާ އެކީގައި މިކަން އަޅުގަނޑުމެން މި ކުރަނީ. އެއީ، އަޅުގަނޑު ބޭނުން އެކަމުގައި ހަމަ ފުރިހަމަ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް ދޭން. އެހެންވީމާ، ނަގަންޖެހޭ ވަގުތު ނަގައިގެން ރަނގަޅަށް ބަލައިގެން، މިކަން މި ކުރަނީ އިރާދަކުރެއްވިއްޔާ.

ވަފީޤާ ޙާމިދު – ޕީ.އެސް.އެމް:

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، މިހާރު އަތޮޅު ކައުންސިލްތައް އުވާލުމާ އެކީގައި، އެ ތަންތަނުގައި މަސައްކަތް ކުރި ބައެއް މުވައްޒަފުންގެ ވަޒީފާ ގެއްލުނު ކަމަށް ބައެއް ފަރާތްތަކުން އެބަ ބުނޭ. އެ މުވައްޒަފުންނަށް ދެރަގޮތެއް ވިޔަނުދިނުމަށްޓަކައި ސަރުކާރުން އެޅުއްވި، ނުވަތަ އެޅުއްވުމަށް ނިންމަވާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަތޮޅު ކައުންސިލްތައް އުވިގެން ދިޔައިމާ، ޖުމްލަކޮށް ވަޒީފާއެއް ނުއެއްގެއްލޭ. ދެން އަޅުގަނޑަށް ހީވަނީ ހަމައެކަނި އެސް.ޖީ.ގެ މަގާމުގައި ތިބި ފަރާތްތަކުގެ ވަޒީފާ ގެއްލިފައި އޮވެދާނެކަންނޭނގެ. އެއީ ދެން ސިވިލް ސަރވިސްއިން ގެންގުޅޭ މިންގަނޑެއް. މުއައްސަސާއެއް އުވިގެންދާއިރު، މުއައްސަސާގެ ޕީ.އެސް. ނޫނީ އެސް.ޖީ.އަކަށް، ޒިންމާދާރު ވެރިޔާއަކަށް ހުންނަ ފަރާތުގެ މަގާމު އެއީ އުވޭ މަގާމެއް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮންނަނީ. އަތޮޅު ކައުންސިލްތައް މިހާރު އެވަނީ ބަދަލުވެފައި، އެ ރަށެއްގެ އަތޮޅުގައި، އެކިކަހަލަ ޚިދުމަތްތައް ދޭ އޮފީހަކަށް. އެހެންވީމާ، އެ ޚިދުމަތް ދިނުމަށްޓަކައި އެ އޮފީހުގައި އެ މުވައްޒަފުން، މިހާރުވެސް އެބަތިބި. މުސާރައެއްވެސް ކުޑައެއްނުވޭ. އެހެންވީމާ، އަޅުގަނޑުމެން މި ބަލަނީ އިރާދަކުރެއްވިއްޔާ އެ އޮފީސްތައް ހަމަ އެއްވެސްކަހަލަ ތަފާތެއްނެތި، މި ދެންނެވީ މުވައްޒަފުންގެ އަދަދު މަދުކުރުމެއް ނެތި، އިރާދަކުރެއްވިއްޔާ ހިންގުމަށް.

ދެން އަތޮޅު ކައުންސިލްތައް އުވުނެއްކަމަކު، އެ އަތޮޅުގެ ވެރިކަންކުރާ ރަށްތަކުގައި ހުރި މުދާތަކެއް، އަތޮޅުގެ ރައްޔިތުންގެ އަތަކުންނެއް ނުނެގޭނެ. މިސާލަކަށް، އަތޮޅުގެ. އަތޮޅުގެއަކީވެސް އެ އަތޮޅުގެ މިލްކެއް. އެ ތަންތަނެއްވެސް ނަގައި، އެހެން އެއްވެސް ފަރާތަކަށް ނުއެއްދޭނެ. އެ ތަންތަން ބަލަހައްޓަން އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތް ކުރާނެ. އަތޮޅު ރައްޔިތުންގެ ފައިސާ އެއީ. އަތޮޅުފިހާރަތަކުން ލިބޭ ލާރިއަކީވެސް އެއީ އަތޮޅު ރައްޔިތުންގެ ފައިސާ. އެހެންވީމާ، އަތޮޅު ކައުންސިލެއްގެ ގޮތަށް އޮތް ކައުންސިލް އުވިގެންދިޔައީ ހަމައެކަނި. އެހެންނަމަވެސް، އެ އަތޮޅުއޮފީސް، އެ އަތޮޅުގައި ހުރި އެ އޮފީހުންދޭ ޚިދުމަތްތައް އެދަނީ ލާމަރުކަޒީކޮށް ދެމުން. ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ހަމަ އެ މަފްހޫމްގެ ތެރެއިން އެ ޚިދުމަތްތައް އެބަދެން. އެއަކަށް ތަފާތެއް ނާދޭ.

އާދެ، މިހާރު ގަޑިން 10:59 ވެފައި މިވަނީ. އަޅުގަނޑުގެ މަސައްކަތުގެ ގޮތުން މިއަދު އިތުރު ވަގުތު ދެވޭކަށް ނެތް. އެހެންވީމާ، ބާކީ ތިއްބެވި ބޭފުޅުންނަށް މިއަދު ވަގުތު ނުދެވުނު. ދެން އުންމީދު ކުރަނީ، ކުރިއަށް އޮންނަ ޕްރެސް ކޮންފަރެންސްތަކުގައި، ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަތު ދެވޭނެކަމަށް. ބައެއް ދުވަސް ދުވަހު ޕްރެސް ކޮންފަރެންސް ފަށަމުން އަޅުގަނޑު ބައެއް ކަންކަން ދަންނަވާލަން. ހަމަ އެކަހަލަ އެއްވެސް ކަމެއްވެސް މިއަދު ނުދަންނަވައި، ފުރަތަމަވެސް ސުވާލުތަކުން ފެށީވެސް، ވީހާވެސް ގިނަ ނޫސްވެރިންނަށް ސުވާލުކުރަން ފުރުޞަތު ދިނުމަށްޓަކައި. އެހެންނަމަވެސް، އެންމެންނަށް ފުރުޞަތު ދެވޭގޮތެއްނުވި އިނގޭތޯ. ދެން އިރާދަކުރެއްވިއްޔާ، ދެން އަންނަ ދުވަހަކުން އެ ފުރުޞަތު ދޭނަން.

އަޅުގަނޑު އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ މަސައްކަތުގެ ގޮތުން، ނޫނީވިއްޔާ އެއްވެސްކަހަލަ ކަމެއް ދިމާވެގެން ރާއްޖޭގައި ނުހުރެވިގެން، ނޫނީވިއްޔާ އެ ވަގުތު އެ ދުވަހު، މި ގަޑި ހުސްނުވާކަމަށްވަންޏާ ނޫނީ އަޅުގަނޑު ޕްރެސް ކޮންފަރެންސް ބާއްވަމުންދާނަން. މިދޭތެރެއިން މިދިޔަ ދުވަސްތަކުގައި އެކަހަލަ އެކި ކަންތައްތަކުގެ ސަބަބުން، އިވެންޓެއްވެސް ދިޔަ، އެއް މަންޑޭއެއްގައި. އެއް ހޯމަ ދުވަހެއްގައި. ދެން އެކަހަލަ ކަންތައްތަކާ އެކީގައި، ވަގުތު އަޅުގަނޑަށް ނުލިބިއްޖިއްޔާ ނޫނީވިއްޔާ އަޅުގަނޑު ހަމަ މިކަން ކުރިއަށް ގެންދާނަން.

އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އަނެއްކާވެސް ނޫސްވެރިންނާ ބައްދަލުކުރުމުގެ އުންމީދުގައި ވަކިވެލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.