بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ފުލުހުންނާއި، ފުލުހުންގެ ޢާއިލާތައް، ކޮމިޝަނަރ އޮފް ޕޮލިސް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ، ވަޑައިގެން ތިއްބެވި ބޭރުގެ ސަފީރުންނާއި، ދައުލަތުގެ ވަޒީރުންނާއި، މުއައްސަސާތަކުގެ ވެރިންނާއި، އަދި އެކިއެކި ހާޒިރީން، ދިވެހި ފުލުހުންގެ އެންމެހައި ޢާއިލާތައް، މި ޖަލްސާ، ދުރާއި ގާތުން ބައްލަވާ، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި މި ބޭއްވޭ، މި އުފާވެރި ތާރީޚީ ޖަލްސާގައި، އަޅުގަނޑު އެންމެ ފުރަތަމަ އިސްވެ ދަންނަވަން ބޭނުންވަނީ، މިތަނުގައި އެކިކަހަލަ ކުލަތަކާއި، މެޑެލްތަކާއި، ވަނަތައް ލިބިވަޑައިގެންނެވި އެންމެހައި ފުލުހުންނަށާއި، އަދި އެކިކަހަލަ ސަނަދުތަކާއި، އެކިކަހަލަ އިނާމުތައް ލިބިވަޑައިގެންނެވި އެންމެހައި ފަރާތްތަކަށް، ވަރަށް ބޮޑަށް ތަހުނިޔާއާއި، މުބާރަކްބާދީ. އަދި، ހަމައެއާއެކީގައި، ދިވެހި ފުލުހުންގެ ޚިދުމަތުގައި އުޅުއްވަނިކޮށް، މި ދުނިޔެ ދޫކުރެއްވި އެންމެހައި ފުލުހުންގެ ހަނދާން އާކޮށް، އެ ފަރާތްތަކަށް ތަޢުޒިޔާ ރައްދުކުރަމުން، އެ ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަން.

އާދެ، 93 އަހަރު ދުވަހަކީ ވަރަށް ދިގު މުއްދަތެއް. ފުލުހުންގެ ޚިދުމަތް މިއަދާ ހަމައަށް މި ދިގު މުއްދަތުގެ ތެރޭގައި، ބަދަލުވަމުން، ތަރައްޤީވަމުން، ފުޅާވަމުން އައިސްފައިވާ ގޮތް، މިރޭ މިތަނުގައި އެކިއެކި ގޮތްގޮތުން ވަނީ ބަޔާންކުރެވިފައި. މިތަނުގައި ވާހަކަފުޅު ދެއްކެވި ބޭފުޅުންނާއި، އަދި ވީޑިއޯއާއި، އެކިއެކި ވަސީލަތްތަކުން ވަނީ ވަރަށް ތަފްޞީލީ ގޮތެއްގައި އެކަންކަން ބަޔާންކުރައްވާފައި.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް، މިކަމުގައި ފާހަގަކޮށްލަން ބޭނުންވާ މައިގަނޑު ކަމަކީ، ދިވެހި ފުލުހުންނަކީ، ދިވެހި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، އެންމެ ގާތުން އެ ރައްޔިތުންނާ އެކީގައި މަސައްކަތްކުރާ މުއައްސަސާކަން. އެހެންކަމުން، މި މުއައްސަސާ ހަރުދަނާކުރުމަށް، ދިވެހި ސަރުކާރުތަކުން މިހާތަނަށް ކުރައްވާފައިވާ މަސައްކަތާއި، އަދި މި ދިގު ތާރީޚުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގައި، ޚިދުމަތް ކުރައްވާފައިވާ ހުރިހާ ފަރާތްތަކަށް، އެ ފަރާތްތަކުގެ ޢާއިލާތަކަށް، އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ އެންމެހައި ފުލުހުންނަށް، އެ ފުލުހުންގެ ޢާއިލާތަކަށް، އަދި ލޮބުވެތި ދިވެހި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ވަރަށް ބޮޑަށް މަރުޙަބާއާއި، ޝުކުރު ދަންނަވަން.

އާދެ، މި މުއައްސަސާ ހަރުދަނާ މުއައްސަސާއަކަށް ވެގެންމިދަނީ، ވަރަށް ގިނަ ކަންތައްތަކެއް އޭގައި އެކުލެވިގެންދާތީ. އެންމެ މުހިންމު ކަންކަމުގެ ތެރޭގައި، ކޮންމެ ދުވަހަކުހެން ރައްޔިތުންނާ މިހާގާތުން މަސައްކަތްކުރާ މި މުހިންމު މުއައްސަސާ އެއީ، ވަރަށް އިތުބާރުހުރި ގޮތެއްގައި، ރައްޔިތުންނަށް އެންމެ އެދެވޭގޮތުގައި، އެންމެ ފުރިހަމައަށް، ވަރަށް ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކީގައި ޚިދުމަތްދޭ މުއައްސަސާއަކަށް ވެގެންދިޔުން އެއީ، އެންމެ މުހިންމު ކަމެއް ގޮތުގައި ފާހަގަކުރަން. ކޮންމެ ދުވަހަކު، ޤައުމުގެ އަމަންއަމާންކަން ރައްކާތެރިކުރުމާއި، މުޖުތަމަޢުގައި ތަންފީޒީ އިދާރާއެއް ގޮތުން، ލޯ އެންޑް އޯޑަރ ތަންފީޒުކުރުމުގައި، ދެމެހެއްޓުމުގައި، ޔަޤީންކުރުމުގައި، ފުލުހުންގެ ފަރާތުން ދެއްވާ ޚިދުމަތަކީ، ވަރުގަދަ ޤައުމީ ޚިދުމަތެއް. ވެވަޑައިގަންނަވާ ވަރަށް ބޮޑު ޤުރުބާނީއެއް. މި ޚިދުމަތުގައި ކޮންމެ ދުވަހަކު، ފުލުހުން އެ ދެއްވާ ޚިދުމަތް ދެއްވަމުން ގެންދަވާއިރު، އެ ފުލުހުންގެ ޢާއިލާތަކުންވެސް އެ ކުރައްވަނީ، ވަރަށް ބޮޑު ޤައުމީ ޚިދުމަތެއް، ވަނީ ވަރަށް ބޮޑު ޤުރުބާނީއެއް.

އަޅުގަނޑުގެ ވާޖިބަކީ، އަޅުގަނޑު ގަބޫލުކުރާ ހަމައަކީ، ސިޔާސަތަކީ، މި މުއައްސަސާ އިތުރަށް ވަރުގަދަކުރުމުގައި، މި ސަރުކާރުން އެންމެ އިސްކަމެއްދިނުން. ދިފާޢީ ޚިދުމަތްތައް، ސިފައިންނާއި، ފުލުހުންގެ ޚިދުމަތް ވަރުގަދަކުރުމަށްޓަކައި، އިތުރަށް ހަރުދަނާކުރުމަށްޓަކައި، ކުރަންޖެހޭ ކޮންމެ މަސައްކަތަކީ، ޤައުމީ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު ދެކޭކަން. މި ޤައުމީ މަސައްކަތް ވަރުގަދަކަމާއެކީގައި، ފުރިހަމަކަމާއެކީގައި، އިޚްލާޞްތެރިކަމާއެކީގައި ކުރުމުގައި، މި ސަރުކާރު ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ދިވެހި ފުލުހުންނަށާއި، ފުލުހުންގެ ޢާއިލާތަކަށް އަދި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދެން.

މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި، ފުލުހުންގެ ޚިދުމަތުން ވަނީ، މި ޤައުމުގައި، މި މުޖުތަމަޢުގައި ހުރި، ކިތަންމެ އުނދަގޫ ގިނަ ކަންތައްތަކެއް ޙައްލުކުރުމުގައި، ވަރުގަދަ މަސައްކަތްތަކެއް ކޮށްފައި. ވަރުގަދަ ޤުރުބާނީތަކެއް ވެފައި. އަޅުގަނޑުމެންގެ ޤައުމުގައި، އެތައް އަހަރެއްވަންދެން، ފުޅާވަމުން، މޫލަމުން، ހަރުލަމުން ގޮސްފައިވާ ނުރަނގަޅު އެތައް އާދަތަކެއް، އެ އާދަތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، މުޖުތަމަޢު ރައްކާތެރި މުޖުތަމަޢަކަށް ހެދުމަށްޓަކައި، މި މުއައްސަސާގެ ޚިދުމަތްތެރިން ކުރައްވާފައިވަނީ ބުރަ މަސައްކަތްތަކެއް. މި ސަރުކާރުގެ އިޖުތިމާޢީ ސިޔާސަތުގެ ތެރެއިން، ހަމަޖެހުމާއި، ރައްކާތެރިކަން ޤާއިމުކުރުމުގައި، ރައްޔިތުންނާ އެންމެގާތުން ކޮންމެ ދުވަހަކު މަސައްކަތްކުރާ މި މުއައްސަސާއިން، މިގޮތުން ދަނީ ގިނަ ކަންތައްތަކެއް ކުރަމުން. އެކަމުގެ ކާމިޔާބީ، އަޅުގަނޑު ވަރަށް އުފަލާއެކީގައި ފާހަގަކުރަން.

ޑްރަގުގެ ވަބާއިން މި ޤައުމު ސަލާމަތްކުރުމާއި، ޢާއިލާތައް ސަލާމަތްކުރުމާއި، ޒުވާނުން އެކަމުން ސަލާމަތްކޮށް، ބޭނުންތެރި ބަޔަކަށް ހެދުމުގައި، ގޭންގް ކުށްތަކާއި، ގޭންގް މާރާމާރީތަކުން މި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި، އެކަމުގައި އުޅޭ ފަރާތްތައް، އެ ނުރަނގަޅު ކަންތަކުން ދުރުކުރުމަށް، ބޭނުންތެރި، މުޖުތަމަޢުގައި ބޭނުންހިފޭ ބަޔަކަށް އެ ޒުވާނުން ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގައި، ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ، ދާއިމީގޮތެއްގައި ޙައްލުކުރުމަށް ކުރެވޭ މަސައްކަތުގައި ދެއްވާ އެއްބާރުލެއްވުމާއި، މިހެންގޮސް، ގުނާ އަދަދު ނުކުރެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާ. މިއިން ކޮންމެ ކަމަކީ، މާނަހުރި، ދާއިމީ ބަދަލެއް މި މުޖުތަމަޢަށް އަންނާނެ ކަންތައްތައް. ދާއިމީ ބަދަލެއް އޭގެ ސަބަބުން މި އަންނަނީ، އަޅުގަނޑުމެން، މި ސަރުކާރަށް، ތިޔަ ލޮބުވެތި ފުލުހުން ތިޔަ ދެއްވާ އެއްބާރުލުމާއެކީގައި ތިޔަ ކުރައްވާ މަސައްކަތަކީ، އިޚްލާޞްތެރިކަމާއެކީގައި، ހެޔޮނިޔަތާއެކީގައި، ޤައުމީ ލޯތްބާއެކީގައި ކުރައްވާ މަސައްކަތަކަށްވާތީ. ވަކިފަރާތަކަށް ނުޖެހި، ސިޔާސީ އެއްވެސް ނުފޫޒަކަށް ފުރުޞަތެއް ނުދެއްވައި ކުރައްވާ، މިންނެތް މަސައްކަތަކަށްވާތީ. ތިޔަ މަސައްކަތް ތިޔަ ގޮތުގައި ކުރައްވަމުން ގެންދަވާ ކަމުގައިވާނަމަ، އަޅުގަނޑުމެންގެ މުޖުތަމަޢު ވެގެންދާނީ، އިރާދަކުރެއްވިއްޔާ ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގައި، ވަރަށް އަމާން، ވަރަށް ރައްކާތެރި، ވަރަށް ހަމަޖެހޭ މުޖުތަމަޢަކަށް.

އެގޮތުން، ސަރުކާރުން ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުންދާނަން. އެއީ، އަމިއްލަ، ފަރުދީ ލެވެލްގައި، އިންޑިވިޖުއަލް ހައިސިއްޔަތުން، ފުލުހުންގެ ތަމްރީނުތައް ކަމުގައިވިޔަސް، މުއައްސަސާގައި އިތުރަށް އެކިއެކި ޔުނިޓުތައް، އެކިއެކި ދާއިރާތަކުން، ބަހާތަކުން ތަރައްޤީވުމުގައި، ބޭނުންވާ ކެޕޭސިޓީ އިތުރުކުރުން ކަމުގައިވިޔަސް، ކޮންމެ ކަމެއްގައިވެސް، އަޅުގަނޑުމެން އެކަމުގައި އިސްކަންދީގެން، ފުރުޞަތުތައް ދެމުން ގެންދާނަން. ފުލުހުންގެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައްވެސް މީގެތެރެއިން އަޅުގަނޑު ފާހަގަކުރަން.

މި ޤާނޫނު ބައްޓަންވެފައި މި އޮތްގޮތަށް ބަލާއިރުގައި، މި ދެންނެވި ފެންވަރުގައި، މި ދެންނެވި ގޮތަށް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމަށް ހުރި ހުރަސްތަކެއް އެބަހުރި. އެއީ، ޙަޤީޤަތް. އެހެންވީމާ، އެ ބަދަލުތަކާ ގުޅޭގޮތުން ފުލުހުންގެ މުއައްސަސާއިން މަޝްވަރާކުރައްވައި، ތިޔަބޭފުޅުން ކުރައްވާ ދިރާސާތައް ކުރައްވައި ނިންމަވާ ހެއްދެވީމާ، އެކަމަށް ދޭންޖެހޭ އިޖާބަ ސަރުކާރުން ދޭނަން. ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް، ތިޔަބޭފުޅުންގެ ފަރާތްޕުޅުން ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ ބަދަލެއް ކަމުގައި، ތިޔަބޭފުޅުން ފާހަގަކުރައްވާ ކޮންމެ ބަދަލެއް ގެނެސްދިނުމުގައި، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނަން. އެ ޔަޤީންކަން އަޅުގަނޑު އަރުވަން.

ހަމައެއާއެކީގައި، ފުލުހުންގެ މުއައްސަސާއަށް ކުރިއެރުން ހޯދައިދިނުމުގައި ހުރި، އެހެން ހުރިހާ ހުރަސްތަކެއް ނައްތައިލުމުގައިވެސް، އެ ދޭންޖެހޭ ފުރިހަމަ އަހަންމިއްޔަތުކަން ދޭނަން. ބަޖެޓުގެ ގޮތުން ބަލާކަމުގައިވިޔަސް، މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި، ގިނަ ކަންތައްތަކެއް، ބަޖެޓުގެ ތެރެއިން ފަހިކޮށްދީފައިވާނެ. އަދި، މި އަހަރު ތެރޭގައިވެސް، ގިނަ ކަންތައްތަކެއް މި ދެންނެވި ގޮތުން ވަނީ ހަމަޖެހިގެން ގޮސްފައި. ކުރިއަށް މިއޮތް މުއްދަތުގައިވެސް، މި އަހަރުގެ ބާކީއޮތް ދުވަސްތަކުގައިވެސް، އަދި ކުރިއަށް އޮތް ދެ އަހަރު ތެރޭގައިވެސް، އިރާދަކުރެއްވިއްޔާ ފުލުހުންގެ މުއައްސަސާ ތަރައްޤީކުރުމުގައި، ސަރުކާރުގެ ބަޖެޓުން ދޭންޖެހޭ ސަމާލުކަން، އިސްކަން، އަޅުގަނޑުމެން ހަމަ އެގޮތުގައި ދެމުންދާނަން. އޭގެ ނަތީޖާއަކަށް ވެގެންދާނީ، ތިޔަބޭފުޅުންގެ މި މުއައްސަސާ ވަރުގަދަކުރުމަށްޓަކައި، ކުރަންޖެހޭ ކޮންމެ މަސައްކަތެއްގައިމެ، އިރާދަކުރެއްވިއްޔާ އެ ތަފާތު ފެނިގެންދިޔުން. ޓްރޭނިންގ މަރުކަޒުތައް ވަރުގަދަކުރުމަށްޓަކައި، ނޫނީވިއްޔާ އިތުރަށް ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންކަން ކަމުގައިވިޔަސް. މިސާލަކަށް ދަންނަވަންޏާ، ދ. އަތޮޅު ވާނީގައި، އެތަނަކީ ފަޅުރަށެއް. އަޅުގަނޑު ހަނދާން އެބަހުރި، ފުލުހުންނާ "ވާނީ" ހަވާލުކުރެވިގެންދިޔަ ގޮތް.

މީގެ އަހަރުތަކެއް ކުރިން، އަޅުގަނޑު އޭރުގައި ހައުސިންގ މިނިސްޓަރަކަށް ހުރިއިރުގައި، އެތަނުން، ރައްޔިތުން ކުޑަހުވަދުއަށް ބަދަލުކުރެވިގެންގޮސް، ފަޅުރަށަކަށް ބަދަލުވެގެން ދިޔުމުން، ފުލުހުންނަށް އެ ރަށް ވަގުތީގޮތުން، ދެ އަހަރު ދުވަހުގެ މުއްދަތަކަށް، އަޅުގަނޑު އޭރުގައި ހައުސިންގ މިނިސްޓްރީގައި ހުރިއިރުގައި ހަވާލުކުރީ. ވަގުތީ ދެން ދާއިމީވެގެންދިޔައީ. އެހެންނަމަވެސް، ވަރަށް ރަނގަޅު ނިޔަތެއްގައި، ވަރަށް ރަނގަޅު ބަދަލެއް މިއައީ. މި ސަރުކާރުގެ ސިޔާސަތަކީ، އެތަނަކީ ދާއިމީގޮތެއްގައި، ފުލުހުންގެ ތަމްރީނުތަކަށް ބޭނުންވާ، ސްޓޭޓް އޮފް ދި އާޓް ވަސީލަތްތައް ޤާއިމުވެފައިވާ، ވަރުގަދަ މަރުކަޒަކަށް ހަދައިދިނުން. އެކަން އިރާދަކުރެއްވިއްޔާ ކޮށްދޭނަން. ޢުމްރާނީގޮތުން އެތަނުގައި ގިނަ ކަންތައްތަކެއް އެހުރީ، އެންމެ އަސާސީ ލެވެލަށްވުރެވެސް ދަށުގައި. އެހެންނަމަވެސް، ތިޔަބޭފުޅުން ވަރަށް ހިތްވަރުކުރައްވާ. ފުލުހުންގެ މުއައްސަސާގެ އެންމެ އިސްވެރިން ފެށިގެންގޮސް، އެންމެ އާދައިގެ ލެވެލްގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނާއެކު، އެ ރަށުގައި ތިޔަ ދެއްވާ ތަމްރީނު ޕްރޮގްރާމްތަކާއި، ހިންގަވާ ތަމްރީނު ޕްރޮގްރާމްތަކާ، މިއިން ކޮންމެ ކަމެއް ތިޔަ ކުރައްވަނީ، ދަތި އުނދަގުލުގައި. އެހެންވީމާ، މިއިން ކޮންމެ ކަމަކަށް ބެލިޔަސް، އެ މަރުކަޒު، މި ދެންނެވި ފެންވަރުގެ ރަނގަޅު ތަނަކަށް ހަދަން ކުރަންޖެހޭ ކަމެއްވިއްޔާ ކުރާނަން. އަދި، ޤާއިމުވެފައި ހުރި އައްޑޫގެ ސެންޓަރު، އެ ތަނުގައިވެސް މަރާމާތުކުރުން، ނޫނީ ބެލެހެއްޓުން ރަނގަޅަކަށް ނުބެލެހެއްޓޭ. ތަން ހެދިގެން ދިޔުމަށްފަހު ދެން އެތަނުގައި ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންކަމަކަށް މިދިޔަ ދުވަސްތަކުގައި ނެތް ސަމާލުކަން ދެވިފައެއް.

އެހެންވީމާ، އަޅުގަނޑު ދެންމެ ބަޖެޓުގެ ވާހަކަ ދެއްކިއިރުގައި، ނުސީދާގޮތެއްގައި މި އިޝާރާތް ކުރެވިގެންދިޔަ ކަންކަމުގެ ތެރޭގައި، އެތަނަށް ގެންނަންޖެހޭ ތަރައްޤީ ކަމުގައިވިޔަސް، އެތަނުގެ މަރާމާތަށް ކަމަށްވިޔަސް، އަދި އެހެނިހެން މެއިންޓެނަންސް އިތުރު ކަންކަން ކަމުގައިވިޔަސް، މި ދެންނެވި ގޮތަށް ކަންކަން ހަމަޖެހިގެންދާނެ.

ޢުމްރާނީ ވާހަކަ ދައްކާއިރުގައި، ޢުމްރާނީ ތަރައްޤީގެ ތެރެއިން، އިސްކަންދަރު ކޮށީގެ ދެވަނަ ޢިމާރާތް އެޅުމަށްޓަކައި އޮތް ބިމުގައި، އަޅަންޖެހޭ ޢިމާރާތް އެޅުމަށްޓަކައި، ފަހިކޮށްދޭންޖެހޭނެ ހުރިހާ ކަންކަންވެސް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ. އަދި ހަމަ އެއާއެކީގައި، މުޅި ރާއްޖޭގައި އަޅުގަނޑުމެން މި މަރުކަޒުތައް ހަދަމުންދާއިރުގައި، މި ސަރަޙައްދުގައި، ގްރޭޓަރ މާލެ ސަރަޙައްދުގައި، އަދި އެކަށީގެންވާވަރަކަށް ނެތް ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްދެވިފައެއް. މަރުކަޒުތައް ޤާއިމުކޮށްދެވިފައެއް. އެހެންވީމާ، މި ދެންނެވި ޢިމާރާތުގެ އިތުރުން، ޚާއްޞަކޮށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، ފޭސް ޓޫގައި، އެކަށީގެންވާ ޖާގަ ބޮޑު މަރުކަޒެއް އަޅައިދިނުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ސަރުކާރުން މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، ކުރިއަށްގެންދަން ކަނޑައަޅާފައި އޮންނާނީ.

އަދި އޭގެއިތުރަށް، މައި ހެޑްކުއަރޓަރ މިހާރު އެހެރީ ވަރަށް ކުޑަކުޑަ ތަންކޮޅެއް. އެހެންވީމާ، ޒަމާނަށް ފެތޭ، ޖާގައާއި ވަސީލަތުގެ ގޮތުން ތަނަވަސް، އެންމެ ރަނގަޅު ފެންވަރުގެ ފުލުހުންގެ ހެޑްކުއަރޓަރެއް އިރާދަކުރެއްވިއްޔާ، މާލޭގައި އެޅުމަށްޓަކައި ކޮށްދޭންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކޮށްދޭނަން.

އާދެ، މިހާރު މި ހެދެމުންދާ ޢިމާރާތްތައް ރަށްރަށުގައި ފެށިފައި އެވަނީ. ސޮއިކުރެވިފައި އެވަނީ އެކި މަރުޙަލާތަކުގައި. ސަރުކާރުގެ މި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި އެކިކަހަލަ ދަތިތައް ދިމާވެފައިވޭ. އެހެންނަމަވެސް، އެ ކަންކަން ޙައްލުކުރުމާ އެކީގައި، މިހާރު އެދަނީ ޢަމަލީގޮތުން ނުފެށި، ނޫނީވިއްޔާ ހުއްޓިފައި ހުރި މަޝްރޫޢުތައް ފެށުމުގެ ތެރޭގައި. މަރުޙަލާގެ ތެރޭގައި. ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކުގައި މި ދެންނެވިފަދައިން ހުރި މަޝްރޫޢުތައް ހިނގައިގަންނާނެ. އަދި އެއާއެކީގައި، އިރާދަކުރެއްވިއްޔާ މި ފެށޭ އަހަރު، މި އަންނަ އަހަރަކީ މިހެންހުރި ހުރިހާ މަޝްރޫޢުތަކެއް، އާދެ ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް، ޕޮލިސް ޕޯސްޓް ކަމުގައިވިޔަސް، ޕޮލިސް ސްޓޭޝަން ކަމުގައިވިޔަސް، ސަރަޙައްދީ ލެވެލްގެ މަރުކަޒުތައް ކަމުގައިވިޔަސް، ނިންމުމުގެ ޢަޒުމް ކަނޑައަޅައިގެން، ޓާގެޓް ކަނޑައަޅައިގެން މަސައްކަތް ހިނގާނަމަ އަހަރެއް. މި ދެންނެވި އަޅުގަނޑުމެންގެ ޓާގެޓަކީ، މި އަންނަ އަހަރުގެ ތެރޭގައި ހުރިހާ މަރުކަޒުތަކެއް އިރާދަކުރެއްވިއްޔާ ނިންމުން. އެ ޓާގެޓަށް ވާޞިލްވުމަށް މަސައްކަތް ހިނގަމުންދާނެ. އިރާދަކުރެއްވިއްޔާ، އޭގެ ބޮޑު އިންސައްތައެއް ނިންމޭނެ. މަސައްކަތް ކުރަމުންދާނީ އެއްކޮށްވެސް ނިންމޭތޯ.

އާދެ، ކޮންމެގޮތެއްވިޔަސް މި ދައުރުގެ ތެރޭގައި އަޅުގަނޑުމެން މި ހުރިހާ މަޝްރޫޢުތަކަކާއި އަދި އިތުރަށް އަޅަންހުރި މަރުކަޒުތައް އެޅުމުގެ މަސައްކަތް ކުރާނަން. ސަބަބަކީ، އަޅުގަނޑުމެންނާ ހަވާލުވިއިރުގައި، ދެންމެ މިތަނުގައި ވާހަކަ ދެއްކެވި ކޮމިޝަނަރ އަދި މިނިސްޓަރުވެސް ފާހަގަކުރެއްވިފަދައިން، އަދި ރިޕޯޓުގައިވެސް. ވަރަށްމަދު ރަށްރަށުގައި ހުރީ ފުލުހުންގެ އަމިއްލަ މަރުކަޒުތައް. ފުލުހުންގެ ޚިދުމަތްވެސް ބައެއް ރަށްރަށުގައި ނެތި ދިޔައީ. އެއީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ރަނގަޅުގޮތެއް ނޫން. ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި، ފުލުހުންނަށްވެސް އެއީ އެންމެ ރަނގަޅުގޮތެއް ނޫން. އަދި ރައްޔިތުން، އެ ޚިދުމަތް ލިބޭ ފަރާތަށްވެސް އެންމެ ރަނގަޅުގޮތް ކަމަކަށް ގަބޫލެއްނުކުރަން. އެހެންވީމާ، މި ސަރުކާރުން ނިންމީ މިކަން ކުރަން. އާދެ، އެހެންވީމާ، މި މަސައްކަތް ކުރިއަށް މިގެންދަނީ.

އޭގެ ދެވަނަ ބަޔަކީ މި މަރުކަޒުތަކަށް ބޭނުންވާ މުވައްޒަފުން، ނޫނީ ފުލުހުން އިތުރުކުރުން. އާދެ، ވަޠަނީ ޚިދުމަތުގެ ތެރެއިން، އެ ޚިދުމަތް ނިންމާ ޒުވާންކުދިންގެ ތެރެއިން، ފުލުހުންގެ ޚިދުމަތާ ގުޅެން ބޭނުންވާ ހުރިހާ ކުދިންނަށް އެ ފުރުޞަތު އެބަ ލިބޭ. އެކަމަކު އެއަށްވުރެ މާގިނައިން ފުލުހުން އިތުރުކުރަންޖެހޭ. އެހެންވީމާ، މިއިން ކޮންމެ މަރުކަޒަކަށް މި ބޭނުންވާ އަދަދަށް ފުލުހުންގެ އަދަދު އިތުރުކުރުމަށްޓަކައި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ބަޖެޓުގެ ތެރެއަށް ބަހާލައިގެން، އިރާދަކުރެއްވިއްޔާ، ފުލުހުންގެ އަދަދު އިތުރުކުރުމަށްޓަކައި، އަޅުގަނޑުމެން ހަމަޖައްސައިދޭނަން. އެހެންވީމާ، މި މަރުކަޒުތައް ނިމެންވާއިރުގައި، އެ ތަންތަނުން ތިޔަބޭފުޅުން ރައްޔިތުންނާ ގާތުން، އެންމެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ދިނުމުގައި، ހިއުމަން ރިސޯސް ޤާއިމުކޮށްދިނުމަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮށްދޭނަން.

އާދެ، ދެން މިއާއެކީގައި، އަޅުގަނޑު ކުރިން އިޝާރާތް ކުރިހެން، އެންމެ ރަނގަޅު ފެންވަރުގެ އެކިކަހަލަ ޓްރޭނިންގތައް ދިނުމަށްޓަކައި، ހޯދުމަށްޓަކައި، ކޮށްދޭންޖެހޭ ކަންކަމުގައިވެސް ބަޖެޓުގެ ތަނަވަސްކަން އަޅުގަނޑުމެން ހަމަޖައްސައިދެމުން ދާނަން. އާދެ، ފުލުހުންގެ ޚިދުމަތް ދިނުމުގައި އެކިކަހަލަ މުހިންމު ދާއިރާތަކުން ތިޔަބޭފުޅުން ތިޔަ ދެއްވާ ޚިދުމަތްތަކަށް ހުރި ގޮންޖެހުންތައް އެބަހުރި. އެންމެ ބޮޑަށް ހަމަ މާލޭގައި. މާލެއަކީ އެއީ އެންމެ ގިނަ ރައްޔިތުން އުޅޭ ސިޓީއަށްވާއިރުގައި، ވެރިކަންކުރާ ރަށަށްވާއިރުގައި، އެންމެ ގިނަ މައްސަލަތައް ހުރި ތަން މިއީ. ޓްރެފިކް މައްސަލަ، މިސާލަކަށް ފާހަގަކުރާ ކަމަށްވަންޏާ. ޓްރެފިކް ޕޮލިސިންގއަކީ ފުލުހުންގެ މުއައްސަސާއިން މި މާލެސިޓީގައި އެންމެ ސަމާލުކަމެއްދޭ އެއް ދާއިރާ. އެހެންނަމަވެސް، ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިކަމަށް ރަނގަޅު ޙައްލެއް ގެނެސްދިނުމަށްޓަކައި ޒަމާނަށް ފެތޭ ޙައްލުތަކެއް ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރާނަން. ކޮންމެގޮތެއްވިޔަސް ޖާގަދަތި. މިސާލަކަށް، ޕާކްކޮށްފައި ނުގަވާއިދުން އޮންނަ ވެހިކަލްއެއް ތިޔަބޭފުޅުން ނަންގަވަންޖެހެނީ. އެކަމަކު ނަގައިގެން ގެންގޮސް ބާއްވާނެ ތަނެއް ނެތް. މިއީ ޙަޤީޤަތް. އެހެންވީމާ، މި މައްސަލައަށް ރަނގަޅު ޙައްލެއް އެބަ އަންނަންޖެހޭ. ކޮންމެހެން އެތަނުން އަދި ނަގަންނުޖެހޭ ވެހިކަލް ނުނަގާވެސް، ނުބައި ތަނެއްގައި ބޭއްވީތީ އެޅޭނެ ފިޔަވަޅު ހުންނާނެ. ޒަމާނަށް ފެތޭގޮތަކަށް ޙައްލު ގެނެވޭނެ.

އެހެންވީމާ، މިހެންހުރި މިކަހަލަ އުނދަގޫ ކަންކަމުގައި، ފުލުހުންގެ މުއައްސަސާއިން މިކަމާ ބެހޭ ބޭފުޅުންގެ ފަންނީ ލަފައާއި މަޝްވަރާއާއި، އެކަންކަމާ ގުޅޭގޮތުން ތިޔަބޭފުޅުން ދެއްވާ ޚިޔާލާއި ލަފާގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފުލުހުންގެ ޚިދުމަތުން މިއީ ޓްރެފިކް ޕޮލިސިންގ ކަމުގައިވިޔަސް، އަދި އެހެން ދާއިރާތަކުން ދޭ ޚިދުމަތްތަކުގައި ކަމުގައިވިޔަސް، ދޭންޖެހޭ އެހީތެރިކަން ދެމުންދާނަން. އޭގެ ނަތީޖާއަކަށް ވެގެންދާނީ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން ހިތްހަމަޖެހިވަޑައިގެން، ރައްޔިތުންނަށް އެންމެ ފެންވަރު ރަނގަޅު ގޮތެއްގައި ޚިދުމަތްދިނުމުގެ މަގު ތަނަވަސްވެގެންގޮސް އެކަން ހާސިލުވެގެންދިޔުން. އަދި އޭގެ ނަތީޖާ ރައްޔިތުންނަށް ލިބިގެންދާނީ، އެ ރައްޔިތުން އެންމެ ބޭނުންވާ ފެންވަރުގައި. ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތުގެ ކިބައިން ފެންނަން ބޭނުންވަނީ، ލިބެން ބޭނުންވަނީ އަބަދުމެ ހިތްހަމަޖެހުން. އެއީ، ކަންކަމަށް ވަގުތުން އެޓެންޑްވުން. ޖަވާބުދާރީވުން. ދެފުށްފެނުން. އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކީގައި، ތަފާތުކުރުމެއްނެތި، ޚިދުމަތް ދިނުން. ތިޔަބޭފުޅުންގެ ޢަޒުމަކީވެސް އެއީ. ތިޔަބޭފުޅުންގެ ނިޔަތަކީވެސް އެއީ. އެހެންވީމާ، އެކަން އެގޮތުގައި ކުރުމުގައި، މަގުފަހިކޮށްދޭންޖެހޭ ކަންކަމާއި، ގެނެސްދޭންޖެހޭ ބަދަލުތަކާއި، މި ހުރިހާ ކަމެއްގައި، ސިޔާސަތުތައް އަޅުގަނޑުމެން ބައްޓަންކުރާނީ، އަދި ކުރަމުންދަނީވެސް، އެކަމަށް ފަހިވެގެންދާ ގޮތަށް. އެހެންވީމާ، އެކަން އެގޮތުގައި އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން.

އާދެ، ހަމަ މިގޮތުން ފާހަގަކުރާއިރު، ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށްވެސް އެންމެ މުހިންމު ކަންކަން ސަރުކާރުން ގަބޫލުކުރަން. ސަރުކާރުގެ އެންމެ މުހިންމު އިޖުތިމާޢީ ސިޔާސަތަކީ، ބޯހިޔާވަހިކަމުގެ ސިޔާސަތު. އާދެ، ޤައުމީ ދިފާޢީ ޚިދުމަތުގައި މަސައްކަތްކުރާ، މި ފަޚުރުވެރި ދެ މުއައްސަސާ، ސިފައިންނާއި، ފުލުހުންގެ މުއައްސަސާގައި، ތި ފަރާތްތަކުން ތިޔަ ކުރައްވަނީ، ވަރުގަދަ ޤައުމީ މަސައްކަތްތަކެއް. ކޮންމެ ވަގުތެއްގައިވެސް ޚިދުމަތުގައި އުޅެނިކޮށް ފުރާނަ ގެއްލިގެން ހިނގައިދާނެ ފަދަ ނުރައްކަލަށް ހުށަހެޅިގެން ކުރަމުންދާ ޤައުމީ ޚިދުމަތްތަކެއް.

އެހެންވީމާ، މިކަންކަމަށް ރިޢާޔަތް ކުރެވިގެން، މި އަސާސީ ބޯހިޔާވަހިކަމުގައިވެސް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދޭންޖެހޭ އިސްކަންދިނުމަކީ، ނޫނީވިއްޔާ ސަމާލުކަން ދިނުމަކީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި ހަމަ އިންސާފުވެރިކަން. އެހެންވީމާ، މި ސަރުކާރުގައި މިހާރު މި ފެށިގެންދާ، އަލަށް މި ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގައިވެސް އެ ދޭން ކަނޑައަޅާފައި އޮތް ކޯޓާ، ނޫނީވިއްޔާ، ވަކި އަދަދުގެ އިތުރަށްވެސް، ކުރިއަށްއޮތް ތަނުގައި، އަޅުގަނޑު ކުރިން ސިފައިންގެ ޖަލްސާގައިވެސް ދަންނަވާލި ގޮތަށް، ތިޔަބޭފުޅުންނަށްވެސް ދަންނަވާލަން ބޭނުންވަނީ، ފުލުހުންނަށް ޚާއްޞަކުރެވޭ، ބޯހިޔާވަހިކަމުގައި މިލްކުވާ، ދާއިމީކޮށް ލިބޭ ބޯހިޔާވަހިކަން ކަނޑައެޅުމަކީ ސަރުކާރުގެ ސިޔާސަތުކަން.

އެހެންވީމާ، ކުރިއަށް އޮތް ތަނުގައި ސަރުކާރުން ހައުސިންގ މަޝްރޫޢުތައް ހިންގޭ މިންވަރަކުން، ހިންގުމަށް އަޅުގަނޑުމެންނަށް މަގުފަހިވެގެންދާ މިންވަރަކުން، މާލެ ސަރަޙައްދުގައި، އެކަމަށް އަޅުގަނޑުމެން މަގުފަހިކޮށްދިނުމަށް ނިންމާފައިވާނީ. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، ބޯހިޔާވަހިކަމުގައިވެސް އިތުރު ފަހި ފުރުޞަތުތައް ފުލުހުންނަށް، ފުލުހުންގެ ޢާއިލާތަކަށް ހޯދައިދިނުމަކީ، އަޅުގަނޑުމެންގެ ސިޔާސަތުކަމާއި، އެކަމުން ޢަމަލީގޮތުން ތިޔަބޭފުޅުންނަށް ރަނގަޅު ނަތީޖާތަކެއް އިރާދަކުރެއްވިއްޔާ ގެނެސްދޭނަން. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު ދެން.

އާދެ، އަޅުގަނޑު އެހެންވީމާ، ޖުމްލަކޮށް ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުން ޚިދުމަތް ދިނުމުގައި މި ދެންނެވި މަގުން ކުރިއަށް ވަޑައިގެން ދެއްވުމަށް. ކުރިއަށް ވަޑައިގަންނަވާއިރުގައި، ޒަމާނީ ބަލުތަކާއެކު، ޓެކްނޯލޮޖީއަށް އަންނަ ބަދަލުތަކާއެކު، މި ޑިޖިޓަލައިޒޭޝަންގެ، އަޅުގަނޑުމެންގެ މި ޤައުމީ ސިޔާސަތުގެ ތެރެއިން، މޯލްޑިވްސް 2.0ގެ ތެރެއިން ފުލުހުންގެ މުއައްސަސާގެ ހުރިހާ ކަމެއްވެސް، ޚިދުމަތް ދިނުމުގެ ހުރިހާ ކަމެއް، ރައްޔިތުންނާ މުޢާމަލާތް ކުރުމުގެ، އިންޓްރެކްޓް ކުރުމުގެ ހުރިހާ ކަމެއްގައި، ޑިޖިޓަލް ވަސީލަތްތަކާއި، ޑިޖިޓަލް އެކިކަހަލަ ގޮތްތައް ގެނެސްގެން، ދެފުށް ފެންނަ ގޮތެއްގައި، އެފިޝަންޓްކޮށް، އަވަސްކޮށް، ޖަވާބުދާރީވަނިވި ގޮތެއްގައި، ޚިދުމަތްދެވޭނެ ގޮތަށް ކަންކަން ބައްޓަން ކުރެވިގެންދިޔުމަކީ، ފުލުހުންނާ މެދުގައި އޮންނަ އިތުބާރު އަދި އިތުރަށް އިތުރުވެގެންދާނެ ކަމެއްކަން އަޅުގަނޑު ފާހަގަކުރަން.

އާދެ، އަދިވެސް އެއްފަހަރު، މި އުފާވެރި މުނާސަބަތުގައި، ކުރީގެ އަދި މިހާރުގެ ހުރިހާ ޚިދުމަތްތެރި ފުލުހުންނަށާއި، އަދި ކުރިއާއި މިހާރުގެ އެންމެހައި ޚިދުމަތްތެރި ފުލުހުންގެ ޢާއިލާތަކަށް ޝުކުރާއި މަރުޙަބާ ދަންނަވަން. އަދި މި މުއައްސަސާއަށް އެކިކަހަލަ އެހީތެރިކަން މިހާތަނަށް ދެއްވި ފަރާތްތަކާއި، ދެއްވަމުން ގެންދަވާ ފަރާތްތަކަށް، ޝުކުރު ދަންނަވަން. އަދި ދިވެހި ލޮބުވެތި ރައްޔިތުންނަށް، ފުލުހުންގެ މުއައްސަސާއާ ގުޅިގެން ކުރިއަށްދިޔުމުގައި ތިޔަ ދެއްވާ އެއްބާރުލެއްވުމަށްވެސް ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ، ދިވެހި ފުލުހުންގެ ޚިދުމަތަށް އުފާފާގަތިކަން، ކުރިއެރުން.

އަޅުގަނޑުގެ ދުޢާއަކީ، ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރެވި، އިތުރަށް ރަނގަޅު ކާމިޔާބީތަކަކަށް ގެންދިޔުމުގައި މި ކުރެވޭ މަސައްކަތްތަކުގައި  اللّـه سبحـانـه وتعـالى ބަރަކާތް މިންވަރުކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.