بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين ، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އާދެ، އަޅުގަނޑު މާލެއިން އުތުރުގެ ބައެއް އަތޮޅުތަކަށާއި ރަށްރަށަށް މިކުރާ ދަތުރުގައި މިހާރު އައިސް މިހިރީ ތިޔަބޭފުޅުންގެ ލޮބުވެތި ރަށް ކަމުގައިވާ ކަނދޮޅުދޫގައި. އެހެންކަމުން، ކަނދޮޅުދޫގެ ވެރިންނަށާއި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ އިޚްލާޞްތެރި ލޯތްބާއި ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މިއަދު އަޅުގަނޑު ކަނދޮޅުދުއަށް އަންނަގޮތަށް ހަމަޖެހިފައިވުމާއެކު، ކަނދޮޅުދޫގެ ވެރިންނާއި ރައްޔިތުން މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވެވަޑައިގެން ތިއްބެވިކަން، އަޅުގަނޑުމެންނަށް މިފެންނަ މަންޒަރުތަކުން ރަނގަޅަށް ދޭހަވޭ. ރަށުތެރެ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކުރައްވާފައި. މަރްޙަބާގެ ޢިބާރާތްތައްވެސް ވަރަށް ގިނަ ތަންތަނުން ފެންނަން އެބަހުރި. އެހެންކަމުން، ރައްޔިތުން މިބުރަ މަސައްކަތް ކުރައްވާފައި މިވަނީ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ބޮޑުކަމުންކަން އަޅުގަނޑަށް އިޙްސާސްކުރެވޭތީ، އެކަންތައްތަކަށްޓަކައި އުފާކޮށް، ކަނދޮޅުދޫގެ ވެރިންނަށާއި ރައްޔިތުންނަށް އަޅުގަނޑު ދަންނަވަންޖެހޭ ޝުކުރު ވަރަށްވެސް ބޮޑު.

އާދެ، މިރަށަށް އަޅުގަނޑު މިއަދު މިއައީ ކަނދޮޅުދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ އުފާ ޙާޞިލްކުރުމަށްޓަކައި، ރައްޔިތުން ދިރިއުޅުއްވާގޮތާއި، ދިމާވާ ދަތިތަކާއި، މިރަށުގެ ކަންތައްތައް ހުރިނެތްގޮތް ބަލައިލުމަށްޓަކައި. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެފަދައިން، މީގެ ދެއަހަރެއްހާ ދުވަސް ކުރިން އަޅުގަނޑު ކަނދޮޅުދުއަށް ޒިޔާރަތްކުރަން ޤަޞްދުކުރިން. އެހެންނަމަވެސް، އެފަހަރު ދިމާވިގޮތުން ނާދެވުނީ. އެފަހަރު އަޅުގަނޑު ދަތުރުކުރީ ހެލިކޮޕްޓަރުގައި. މިރަށުގެ ބިން ކުޑަކަމާއެކީގައި ހެލިކޮޕްޓަރަށް ޖެއްސޭވަރުގެ ތަނެއް ނުފެނިގެން އެދުވަހު ކަނދޮޅުދުއަށް ޖެއްސޭގޮތްނުވީ. އެކަމާ އަޅުގަނޑު ވަރަށް ހިތާމަކުރަން. އެހެންނަމަވެސް، އެދުވަހުއްސުރެ ފެށިގެން އަޅުގަނޑު ޢަޒުމް ކަނޑައަޅާފައިވަނީ ލިބުނު އެންމެ އަވަސް ފުރްޞަތެއްގައި ކަނދޮޅުދުއަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމަށް. އެގޮތުން މިއަދު އަޅުގަނޑަށް މިލިބުނު އުފާ ވަރަށްވެސް ބޮޑު.

ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެފަދައިން، މީގެކުރިން ދެފަހަރަކު އަޅުގަނޑު ކަނދޮޅުދުއަށް ޒިޔާރަތްކުރިން. އެހެންނަމަވެސް، އެއީ ތަންކޮޅެއް ކުރިން. 1983 ވަނަ އަހަރާއި، 1984 ވަނަ އަހަރު. އޭގެފަހުން މިހާރު ގާތްގަނޑަކަށް 11 އަހަރުވެގެން މިދިޔައީ އަޅުގަނޑުގެ މަސައްކަތްވެސް ހުންނަގޮތުން މިރަށަށް ނާދެވި. އެހެންނަމަވެސް، އަބަދުވެސް ރާއްޖެތެރޭގެ ރަށްރަށަށް ޒިޔާރަތްކޮށް، ރާއްޖެތެރޭގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ ޙާލުއަޙްވާލު ބަލައިހެދުމަކީ އަބަދުވެސް އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބިދޭ ކަމެއް. އެމަސައްކަތް އަޅުގަނޑު ކުރަމުން ގެންދިޔައިން. އެހެންނަމަވެސް، ކޮންމެ ރަށަކަށް ތަކުރާރުކޮށް ވިދިވިދިގެން އަހަރުތަކެއްގައި ގިނަފަހަރު ޒިޔާރަތްކުރެވޭގޮތްނުވާކަން އެއީ، އަޅުގަނޑު ހިތުން އަޅުގަނޑުގެ މަސައްކަތް ހުރިގޮތުން ވާގޮތެއްކަމަށް ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެ ކަމެއް.

އާދެ، މިރަށަކީވެސް ވަރަށް މުހިންމު ރަށެއް. މަސްވެރިކަމުގެ ގޮތުން ބަލާއިރު ކަނދޮޅުދުއަކީ އެފަދަ ދެވަނައެއް ނެތް ރަށެކޭ ބުނުންވެސް އެކަށީގެންވާ ވަރަށް، މަސްވެރިކަމުގެ މަސައްކަތް ކުރައްވާ ރަށެއް. މިރަށުގެ ތަރައްޤީގެ ހުރިހާ ކަމެއް މިހާރުވެސް ކުރެވެމުން މިދަނީ މަސްވެރިކަމުން. ކަނދޮޅުދޫގެ ރައްޔިތުންނަކީ ވަރަށް ހީވާގި އަދި މަސައްކަތްތެރި، އުފެއްދުންތެރި ބައެއް. މުޅި ރާއްޖެއަށް އެކަންވަނީ މަޝްހޫރުވެފައި. އެހެންކަމުން، ރާއްޖޭގެ އިޤްތިޞާދުގައި ކަނދޮޅުދޫގެ ރައްޔިތުން އެކުރައްވާ ޙިއްޞާ އެއީ ވަރަށް މުހިންމު ޙިއްޞާއެއް ކަމަށްވާތީ، އެކަމަށްޓަކައިވެސް އަޅުގަނޑު ކަނދޮޅުދޫގެ ރައްޔިތުންނަށް ހިތުގެ އިޚްލާޞްތެރި މަރްޙަބާއާއި ތަހްނިޔާ ދަންނަވަން.

ރަށްރަށުގެ ތަރައްޤީއަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވެމުންދޭ. އަޅުގަނޑު ރައީސްކަމާ ޙަވާލުވިއިރު ރާއްޖެތެރޭގެ ކަންތައްތައް ހުރިގޮތުން، ރާއްޖެތެރެ އިޞްލާޙުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢެއް، މީގެ 16 އަހަރުދުވަސް ކުރިން ވަނީ ފަށާފައި. އެމަޝްރޫޢުގެ މަސައްކަތް އަދިވެސް ހިނގަމުން އެބަދޭ. އެމަޝްރޫޢުގެ ތެރޭގައި ވަރަށްގިނަ ކަންތައްތައް ރަށްރަށަށް ކޮށްދެވެމުންދޭ. އެކިއެކި ޢިމާރާތްތައް ކުރުން އެއީ، އޭގެ ވަރަށްބޮޑު ބައެއް. ރަށުއޮފީސް، ރަށުކޯޓު، އަތޮޅުއޮފީސް، އަތޮޅުގެ، މިސްކިތް، މަދަރުސާ، ސްކޫލް، މިފަދަ ކިތަންމެ ޢިމާރާތްތަކެއް ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮށްދެމުން އެބަގެންދޭ. އެގޮތުން، މިރަށުގައިވެސް އަތޮޅު މަދަރުސާއެއް މިހިރީ ޢިމާރާތްކުރެވިފައި. އަދި ރަށުއޮފީސްވެސް ވަނީ ޢިމާރާތްކުރެވިފައި. އާދެ، މިތަންތަނަކީ ރައްޔިތުންނަށް ޚިދްމަތްދޭ ތަންތަން ކަމަށްވާތީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދީގެން އެތަންތަން ޢިމާރާތްކުރަމުން މިގެންދަނީ.

މިވަގުތު ކަނދޮޅުދުއަށް ދިމާވެފައިވާ އެންމެބޮޑު ދައްޗަކީ ބިމުގެ ދަތިކަންކަން އަޅުގަނޑަށް އެނގޭ. ރަށަކީ ވަރަށް ކުޑަކުޑަ ރަށެއް. ވަރަށް ގިނަ މީހުން ދިރިއުޅޭ ރަށެއް. މިރަށުގެ ބޮޑުކަތީބުގެ ފަރާތުން އަޅުގަނޑަށް މަޢުލޫމާތު ލިބުނުގޮތުގައި، މިހާރު މިރަށުގައި 3000 މީހުން އެބައުޅޭ. ޝައްކެއްނެތް، އެހާގިނަބަޔަކު ކުޑަކުޑަ ރަށެއްގައި އުޅެންދިމާވުމުން ވަރަށްބޮޑެތި މައްސަލަތަކެއް ނުކުންނަމުންދާނެ. އެހެންވީމާ، މިކަމާދޭތެރޭގައި ސަރުކާރުން ވިސްނާ ވާހަކަ އަޅުގަނޑު ދަންނަވާލަން.

އާދެ، ތިޔަބޭފުޅުންވެސް އައްސަވާފައި އޮންނާނެ ފަދައިން، މިގޮތަށްހުރި ބައެއް ރަށްރަށް ޕްލޭންކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ގެންދަނީ ކުރަމުން. އެގޮތުން، ކަނދޮޅުދޫ ޕްލޭންކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވީތީ މިހާރު ކުރިއަށް އެބަދޭ. އަޅުގަނޑު އުންމީދު ކުރަނީ މުސްތަޤްބަލުގައި ކަނދޮޅުދޫގެ ރައްޔިތުންނަށް ބިމުގެ ދަތިކަމުން ކޮންމެވެސްވަރެއް ލުއިކުރެވޭނެ ގޮތްތަކެއް ސަރުކާރުން ހޯދައިދެވޭނެ ކަމަށް.

އާދެ، މިރަށުގެ އާބާދީއަށް ބަލައިލާއިރު، ރަށުގެ ވަރަށްބޮޑު ބަޔަކީ ޒުވާނުން ކަމަށް ފާހަގަކުރެވޭ. މިރަށުގައި ތިބި 16 އަހަރުން ދަށުގެ ކުދިންގެ ޢަދަދަށް ބަލައިލާއިރު، ގާތްގަނޑަކަށް ސަތޭކައަކުން 54 އެއީ 16 އަހަރުން ދަށުގެ ކުދިން ކަމުގައި ބެލޭ. އެހެންވީމާ، ރަށުގެ އާބާދީގެ ޒުވާންކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭ. ޢާންމުކޮށް ދަންނަވަންޏާ، މުޅިރާއްޖޭގެ އާބާދީގެ ޒުވާންކަމާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވިސްނަންޖެހޭ. ޝައްކެއްނެތްގޮތުގައި، ރާއްޖޭގެ އާބާދީގެ ޒުވާންކަން އެއީ، ރާއްޖެއަށް ލިބިފައިވާ ވަރަށްބޮޑު މުއްސަނދިކަމެއް. އަދި ކަނދޮޅުދޫގެ އާބާދީގެ ޒުވާންކަން އެއީ، ކަނދޮޅުދުއަށްވެސް ލިބިފައިވާ ވަރަށްބޮޑު މުއްސަނދިކަމެއް. އެހެން މިދެންނެވީ، ތަރައްޤީގެ މަސައްކަތްތަކުގައި ޒުވާނުން އަދާކުރަންޖެހޭ ޙިއްޞާގެ މުހިންމުކަމުން. ޒުވާނުންގެ ލޭގެ ހޫނުކަމާއި، އެމީހުންގެ ކެރުމާއި ހިތްވަރާއި، އެމީހުންގެ ޚިޔާލު މިއީ ޝައްކެއްނެތްގޮތުގައި، ޤައުމު ބިނާކުރުމުގައި ވަރަށް މުހިންމު ބައެއް އަދާކުރާނެ ކަންތައްތަކެއް. އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުމުގައި އަބަދުވެސް ބާއްވަންވީ ޒުވާނުންނަށް އެމީހުންގެ ފުރިހަމަ ޤައުމީ ދައުރު އަދާކުރެވޭނެ ގޮތްތަކެއް ފަހިކޮށްދިނުން. އެމީހުންނަކީ ތަޢުލީމު ޙާޞިލްކޮށްގެން ތިބި، ޤައުމަށް ފައިދާކުރާނެ ބައެއްކަމުގައި ހެދުން.

އާދެ، "ރާއްޖޭގެ މުސްތަޤްބަލް އޮތީ މިއަދުގެ ޒުވާނުންގެ އަތްމަތީގައި." މިއީ އަޅުގަނޑުމެން އަބަދުވެސް ބުނަމުންގެންދާ ވާހަކައެއް. އެއީ ހަމަ ޙަޤީޤަތެއް. އެހެންވީމާ، މުސްތަޤްބަލުގައި ރާއްޖޭގެ ކަންތައްތައް ހިންގަން ތިބޭނީ މިއަދުގެ ޒުވާނުން ކަމަށްވާއިރު، މިއަދުގެ ޒުވާނުންނަކީ ހުރިހާގޮތަކުންވެސް ކަމުދާ އަދި ހުރިހާގޮތަކުންވެސް އުފެއްދުންތެރި، ޤައުމަށް ފައިދާކުރާނެ ބައެއްގެ ގޮތުގައި ހެދުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް. އެކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ. އެއްވެސް ޒުވާނަކީ ޤައުމަށް ފައިދާނުކުރާ މީހެއްގެ ގޮތުގައި ވުމަކީ މުޅި ޤައުމަށް ލިބޭ ގެއްލުމެއް.

އާދެ، އަޅުގަނޑު އެކަމާ ދޭތެރޭގައި ވިސްނާލާއިރު، ރާއްޖޭގެ ޒުވާނުންނަށް ސަރުކާރުން ވަރަށް ގިނަ މަގުތައް މިހާރު ފަހިކޮށްދެމުން ގެންދާކަން ފާހަގަކުރެވޭ. އަދި ރާއްޖޭގެ ރައްޔިތުންވެސް، ރާއްޖޭގެ ޒުވާނުންނަށް ވަރަށް ޚާއްޞަގޮތެއް ބަހައްޓަވާ. އެހެންވީމާ، ރާއްޖޭގެ ޒުވާނުންނަށް އަޅުގަނޑު ގޮވާލަނީ، ޒުވާނުންނަށް ލިބިފައިވާ ފުރްޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް. އަދި ހަމަ އެއާއެކީގައި، ރާއްޖޭގެ އެއްވެސް ޒުވާނަކީ މަސައްކަތެއް ނުކޮށް ހުންނަ މީހެއްކަމުގައި ނުވުމަށް އަޅުގަނޑު ރާއްޖޭގެ ޒުވާނުންނަށް އިލްތިމާސް ކުރަން. އާދެ، ކޮންމެ ޒުވާނަކީވެސް ކޮންމެވެސް ކަހަލަ ބޭނުންތެރި މަސައްކަތެއް ކުރާ މީހަކު ކަމުގައި ވެއްޖެނަމަ، ހުރިހާ ޒުވާނުންގެ މަސައްކަތުން ޤައުމަށް ލިބޭނެ ކުރިއެރުމާއި ތަރައްޤީއަކީ، އަޅުގަނޑުމެން މިހެން ތިބެލާފައި ވިސްނާލަން އެނގޭވަރަށްވުރެވެސް މާބޮޑު އެއްޗެއް. އެއާ ޚިލާފަށް، ޒުވާނުންނަކީ މަސައްކަތްނުކޮށް ތިބޭ ބަޔަކު ކަމުގައި ވެއްޖެނަމަ، އެމީހުންގެ ފަރާތުން ޤައުމަށް ލިބޭނީ އެކިއެކި ގެއްލުންތައް.

ރާއްޖޭގައި އެއްވެސް މަސައްކަތެއް ނުކޮށް އުޅޭ ޒުވާނުން ކޮންމެވެސްވަރަކަށް އެބައުޅޭ. އެފަދަ ޒުވާނުން މާލޭގައިވެސް، އަދި ރާއްޖެތެރޭގައިވެސް އެބައުޅޭ. އެގޮތަށް އެއްވެސް މަސައްކަތެއް ނުކޮށް އުޅެމުންދާ މީހުންނަށް ވާގޮތަކީ، މަގުން ކައްސާލައިގެން ދިޔުމަށް އެމީހުންނަށް ފުރްޞަތު ލިބެނީ. ނުސީދާ މަގުމަގުން ދެވެނީ. ގަވާއިދާ ޚިލާފު ކަންތައްތައް ކުރެވެނީ. ބޭއަދަބީ ނުވަތަ ބަދުއަޚްލާޤީ ކަންތައްތައްވެސް ކުރެވެނީ. އަދި އެހެންގޮސް ވަރަށް ނުބައި އާދަތަކެއްގެ ތެރެއަށް ބައެއް ޒުވާނުންނަށް ވަދެވެނީ. މިސާލެއް ދަންނަވަންޏާ، މަސްތުވާތަކެތީގެ ބޭނުންކުރުން. އާދެ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިރަށުގެ ޒުވާނުންގެ ތެރޭގައި އެކަހަލަ އެއްވެސް ކަމެއް ނޫޅޭ. އެއީ ވަރަށް އުފާކުރުން ޙައްޤު ކަމެއް. އަދި ޢާންމުކޮށް ދަންނަވަންޏާ، ރާއްޖެތެރޭގައިވެސް އެކަންތައް ވަރަށްމަދު. އެހެންނަމަވެސް، މާލޭގައި މަސްތުވާތަކެތީގެ ބޭނުންކުރުމުގެ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުންދާކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެއީ ވަރަށް ހިތާމަހުރި ކަމެއް. އަޅުގަނޑުމެންފަދަ އިސްލާމީ މުޖްތަމަޢެއްގައި އެކަހަލަ ކަމެއް އެހެން ހިނގައިގެނެއް ނުވާނެ. އެހެންކަމުން، ސަރުކާރުން އެމައްސަލައަށްވެސް ވަރަށް ބޮޑު އިސްކަމެއްދޭ. އެކަންތައް ޙައްލުކުރާނެ ގޮތްތަކަކާ ދޭތެރޭގައި ވިސްނައި، އެފަދަ ނުރައްކާތެރި އާދަތައް ގެންގުޅޭ މީހުން، އެ އާދަތަކުން ސަލާމަތްކޮށް، އެމީހުންނަކީ ޤައުމަށް ފައިދާހުރި ބަޔަކު ކަމުގައި ހެދޭތޯ ވަރަށްގިނަ މަސައްކަތްތަކެއް ސަރުކާރުން މިހާރުވެސް ކުރަމުން އެބަގެންދޭ. އަދި މުސްތަޤްބަލުގައިވެސް، އިރާދަކުރެއްވިއްޔާ ކުރާނެ.

ޒުވާނުންނަކީ އެމީހުންގެ އަމިއްލަ ނަފްސަށްވެސް އަދި އެމީހުންގެ ޢާއިލާއަށްވެސް، އެމީހުން ދިރިއުޅޭ ރަށަށްވެސް އަދި ޢާންމުކޮށް ދަންނަވަންޏާ، މުޅި ރާއްޖެއަށްވެސް ފައިދާކުރާ ބައެއްގެ ގޮތުގައި ވުމަކީ އެމީހުންގެވެސް ވާޖިބެއް. ކޮންމެ ޒުވާނަކުވެސް ދަންނަންޖެހޭނެ، އޭނާގެ މަސްއޫލިއްޔަތަކީ ކޮބައިކަން، ވާޖިބަކީ ކޮބައިކަން، ކިހިނެއް އުޅެގެންކަން، ކޮން އުޞޫލަކުން ކަންތައްތައް ކޮށްގެންކަން، އޭނާގެ ފަރާތުން އޭނާގެ ޢާއިލާގެ މީހުންނަށްވެސް އަދި ރަށަށްވެސް އަދި ޤައުމަށްވެސް ފައިދާއެއްކުރާނީ.

އެހެންވީމާ، މިވާހަކަ އަޅުގަނޑުމެން ދައްކާއިރު، ޒުވާނުންނަށް ކަންތައްތައް ކުރުމުގެ މަގު ފަހިކޮށްދިނުމާއި، އެމީހުންގެ ފުށުން ޤައުމަށް އެކަށީގެންވާ ބިނާކުރަނިވި ޚިދްމަތްތަކެއް ލިބޭގޮތް ހަދައިދިނުމަކީ، އަޅުގަނޑުމެން ވަރަށް ބޮޑަށް އެކަމަށްޓަކައި ސަމާލުވާންވެއްޖެ ކަމެއް. ހަމައެހެންމެ، ޒުވާނުންނަކީ ބޭކާރު، ވިޔާނުދާ ޢަމަލުތަކުން އެއްކިބާވެގެން ތިބޭ ބަޔަކު ކަމުގައި ހެދުމަށްވެސް އަޅުގަނޑުމެންނަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރަންވާނެ. އަޅުގަނޑުމެންނޭ މިދެންނެވީ، ބޮޑެތި މީހުން. އެއީ ޒުވާނުންގެ މައިންބަފައިން، އެމީހުންގެ ބެލެނިވެރިން، އަދި އެމީހުންގެ ކަންތައްތަކާ ޙަވާލުވެގެން ތިބޭ މީހުން، އާދެ، މުޅި މުޖްތަމަޢު. އެގޮތަށް އަޅުގަނޑުމެން ކަންތައްތައް ކޮށްފިއްޔާ، އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި ރާއްޖެއަށް ވަރަށް ފައިދާހުރި ގޮތްތަކެއް ފެނިގެންދާނެ.

އާދެ، އަޅުގަނޑު މިއަދު މިރަށަށް މިއައީ ކުރިންވެސް ދެންނެވިފަދައިން، ހަމައެކަނި ކަނދޮޅުދޫ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ އުފާ ޙާޞިލްކުރުމަށްޓަކައި. އެހެންކަމުން، އެ އުފާ އަޅުގަނޑަށް ލިބުނުކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އަދި ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ކަނދޮޅުދޫގެ ހުރިހާ ރައްޔިތުންނަށް، އަންހެން، ފިރިހެން، ކުދިބޮޑު އެންމެންނަށް ސަރުކާރުގެ މުވައްޒަފުންނަށާއި، މަދަރުސާ ކުދިންނަށާއި އަދި ރަށުގައި ވަޒީފާ އަދާކުރާ އެހެން ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، އަޅުގަނޑު މިއަތޮޅަށް މިކުރާ ދަތުރުގައި މިއަތޮޅުގެ އަތޮޅުވެރިން ބަހައްޓަވާ ޚާއްޞަގޮތަށްޓަކައި އަދި ކަންތައްތައް އިންތިޒާމު ކުރައްވަމުން ގެންދަވާލެއް ފުރިހަމަކަމަށްޓަކައި ޢިއްޒަތްތެރި އަތޮޅުވެރިން އަލްފާޟިލް އިސްމާޢީލް ރަޝީދަށްވެސް އަޅުގަނޑު މިފުރްޞަތުގައި ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން އަދި އެއް ވާހަކަ ދަންނަވާލަން ބޭނުންވޭ. އެއީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭ ހަމަޖެހުމާ ބެހޭގޮތުން ދަންނަވާ ވާހަކައެއް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ކަނދޮޅުދޫގެ ރައްޔިތުންނަކީ ވަރަށް އެކުވެރި ރަޙްމަތްތެރި ބައެއް. އެމީހުންގެ މެދުގައި އެއްވެސްކަހަލަ ދެކޮޅުވެރިކަމެއް، ފިތުނަވެރިކަމެއް ނެތް. އެއީ އަޅުގަނޑު ވަރަށް އެދޭގޮތެއް. އަޅުގަނޑުމެންނަކީ މުސްލިމުން. މުސްލިމުންނަކީ އެއްބަނޑުއެއްބަފާ ބައެއް. އަޅުގަނޑުމެންގެ މެދުގައި އަބަދުވެސް އޮންނަންޖެހޭނީ އެއްބަނޑުއެއްބަފާ ކަމުގެ ގުޅުން. އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެދިނުމުގެ ގުޅުން. އެއްބަޔަކު އަނެއްބައެއްގެ ޙާލުބަލާ، އެއްވެސް ދަތިކަމެއް އިޙްސާސްކުރެވޭ މީހަކު ހުރިނަމަ، އެމީހެއްގެ ދަތިކަން ފިލުވައިލެވޭތޯ މަސައްކަތްކުރާ، އަދި އެންމެން އެކުލަވައިގެން އުޅޭބަޔަކަށްވެގެން ކަންތައްތައް ކުރިއަށްގެންދިޔުން. އެއީ ޝައްކެއްނެތްގޮތުގައި، އިސްލާމީ މުޖްތަމަޢެއްގައި ކަންތައްތައް އޮންނަންވީ ގޮތަކީ.

އެހެންވީމާ، މިރަށުގެ ރައްޔިތުންނަކީ މިދެންނެވިފަދަ އެކުވެރި ބައެއްކަމަށްވާތީ، އެކަމަށްޓަކައި އުފާ ފާޅުކުރަމުން، ކުރިއަށްއޮތް ތާނގައިވެސް ރައްޔިތުންގެ މެދުގައި ވީހާބޮޑަކަށް އެކުވެރިކަން އާލާކުރެވޭތޯ މިރަށުގެ ރައްޔިތުންވެސް މަސައްކަތް ކުރެއްވުމަށް އަޅުގަނޑު ގޮވާލަން. އަދި ރައްޔިތުންނާއި ވެރިންނާ ގުޅިގެން ކަންތައްތައް ކުރައްވަމުން ގެންދެވުމުގެ މައްޗަށް ސަމާލުކަން ދެއްވުމަށްވެސް އަޅުގަނޑު ގޮވާލަން.

އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން. އަޅުގަނޑުމެންގެ ރާއްޖެއަކީ އެކުވެރި ރައްޔިތަކު ދިރިއުޅޭ، އަމަންއަމާންކަމުން ފުރިފައިވާ، މަޞްލަޙަތު ހަމަޖެހިފައިވާ ޤައުމެއް ކަމުގައި އެކަލާނގެ ލެއްވުން. އަދި އަޅުގަނޑުމެންގެ ތަރައްޤީގެ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލައްވައި، އެމަސައްކަތްތަކުގެ ފައިދާ އަޅުގަނޑުމެންނަށް ޙާޞިލްވާނެ ގޮތެއްގެ މަތިން ކަންތައްތައް މިންވަރުކޮށްދެއްވުން.

والسّـلام عليـكم ورحـمة اللّـه وبركاته.