بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربِّ العـالمـين، الذى لا يحمد على مكروه سواه، والصلاة والسلام على خير الأنبياء والمرسلين، خير من مات ومن سيموت إلى يوم الدين، وعلى آله وأصحابه أجمعين.
އެކަލާނގެ ފިޔަވައި، ތިމާ ހިތްނޭދޭ ކަމެއް ނުވަތަ ހިތްދަތިވާ ކަމެއް މެދުވެރިވުމުން ޙަމްދުކުރުމެއް ނުވަތަ ޝުކުރުކުރުމެއްނުވާ اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މިދުނިޔެ ދޫކޮށްފައިދިޔަ އިންސާނުންގެ ތެރެއިން އަދި ޤިޔާމަތް ދުވަހާ ޖެހެންދެން މިދުނިޔެ ދޫކޮށްފައި ދާނެ އިންސާނުންގެ ތެރެއިން އެންމެ މާތް އެންމެ މަތިވެރި މަޚްލޫޤު ކަމުގައިވާ، އަޅުގަނޑުމެންގެ ކައުއިތުރު މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް އަދި ބަރަކާތް ލެއްވުން އެދި ދުޢާކުރަން. ހަމައެހެންމެ އެކަލޭގެފާނުގެ އާލު އަޞްޙާބުން މި ދުޢާގައި ޝާމިލްކުރަން.
އާދެ، އިންސާނުން އެމީހުންގެ ހިތްނޭދޭ އެންމެބޮޑު ކަމަކީ ނުވަތަ ހިތްތަކަށް އެންމެ ބޮޑު ހިތާމައެއް ގެނެސްދޭ ކަމަކީ ތިމާ ލޯބިވާ މީހަކު މިދުނިޔެ ދޫކޮށްފައި ދިޔުން. އެހެންނަމަވެސް، މަރަކީ اللّـه سبحـانـه وتعـالى އެންމެހާ އިންސާނުންގެ މައްޗަށް އަދި އެންމެހާ ޙައިވާނުންގެ މައްޗަށް، ދިރިހުރުންހުރި ކޮންމެ އެއްޗެއްގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ޙައްޤެއް. އެކަމުން އެއްކިބާވާނެ އެއްވެސް އިންސާނަކު، އެއްވެސް ޙައިވާނަކު، ދިރުންހުރި އެއްވެސް އެއްޗެއްނުވޭ. އެހެންކަމުން، އެ މަތިވެރި އިލާހީ ނިޔާގައިވާ ގޮތުގެމަތިން، އެމީހެއްގެ އަޖަލު އައިސް ޖެހުމުން، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ އިންސާނަކުވެސް މިދުނިޔެ ދޫކޮށްފައި ﷲ ގެ رحمة އަށް އެނބުރިދަނީ.
އާދެ، މިރޭ ގަލޮޅުގެ އިސްބޭފުޅުން އާދެ، ގަލޮޅު އަވަށުއޮފީހުގެ ވެރިންނާއި، ގަލޮޅުގެ ޢިއްޒަތްތެރި ރައްޔިތުން މި ބާއްވަވާ ޖަލްސާއަކީ، ގަލޮޅުގެ އަދި ކީއްތޯ، މާލޭގެ ވަރަށް ޢިއްޒަތްތެރި ބޭފުޅަކު ކަމުގައިވާ އަލްމަރްޙޫމް ބޮޑުބެ އިބްރާހީމް ކަލޭގެފާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި ބާއްވާ ޖަލްސާއެއް. މި ޖަލްސާއަށް ދަޢުވަތު ދެއްވިކަމަށްޓަކައި ގަލޮޅު އަވަށުއޮފީސް ހިންގަވަން ތިއްބެވި ވެރިންނާއި އަދި ގަލޮޅުގެ އިސްބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، މި ހިތާމަވެރި ޖަލްސާގައި އަޅުގަނޑުގެވެސް އެންމެ ފުރަތަމަ ވާޖިބެއް ކަމުގައި ދެކެނީ އަލްމަރްޙޫމް ބޮޑުބެ އިބްރާހީމް ކަލޭގެފާނުގެ ހުވަފަތް އަނބިކަނބަލުންނަށާއި، އޭނާގެ ޢާއިލާގެ ލޮބުވެތި މެންބަރުންނަށް އިޚްލާޞްތެރިކަމާއެކުގައި ތަޢުޒިޔާ ދެންނެވުން. މި ތަޢުޒިޔާގައި ގަލޮޅު އަވަށުއޮފީހުގެ މުވައްޒަފުންނާއި، ގަލޮޅުގެ އިސްބޭފުޅުންނާއި، ގަލޮޅުގެ އެންމެހާ ރައްޔިތުން އަޅުގަނޑު ޝާމިލްކުރަން. ހަމައެފަދައިން، ގަލޮޅު މަދަރުސާގެ ހިންގުންތެރިންނާއި، މުދައްރިއްސުންނާއި، މުވައްޒަފުންނާއި އަދި ކިޔަވާކުދިންވެސް ހިމަނަން.
ޝައްކެއްނެތް، އަލްމަރްޙޫމް ބޮޑުބެ އިބްރާހީމް ކަލޭގެފާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުން، އަޅުގަނޑުމެންނަށް މި އިޙްސާސް ކުރަންޖެހެނީ ވަރަށްބޮޑު ހިތާމައެއް. އަޅުގަނޑުމެންނަށް އިޙްސާސް ކުރަންޖެހެނީ ވަރަށްބޮޑު އުނިކަމެއް. އާދެ، ތެދުތެދަށް ދަންނަވަނީނަމަ، ގަލޮޅު މަދަރުސާއަށް މީގެކުރިން އަޅުގަނޑު ޒިޔާރަތްކުރި ކޮންމެފަހަރަކުވެސް އަޅުގަނޑާ އެންމެ ފުރަތަމަ ބައްދަލުކުރައްވައި ސަލާންކުރައްވައި، އަޅުގަނޑަށް މަރްޙަބާ ވިދާޅުވި ބޭފުޅަކީ، އަލްމަރްޙޫމް ބޮޑުބެ އިބްރާހީމް ކަލޭގެފާނު. ޝައްކެއްނެތް، އެއިން އަޅުގަނޑުމެންނަށް ދައްކައިދޭ ކަމަކީ، އޭނާއަކީ ފަހަކަށްއައިސް ގަލޮޅުގެ ހުރިހާ ޙަރަކާތްތަކެއްގައި އެންމެ އިސްކޮށް އުޅުއްވި ޢިއްޒަތްތެރިޔާކަން، ޚިދުމަތްތެރިޔާކަން. އާދެ، އޭނާ ދިވެހި ސަރުކާރަށާއި ދިވެހި ޤައުމަށް އަދި މާލެއަށާއި ގަލޮޅަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ވާހަކަ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި އޮނަރަބްލް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީގެ ވާހަކަފުޅުގައި ހާމަކޮށްދެއްވައިފި. އެހެންވީމާ، އެގޮތުން މާދިގު ވާހަކަތަކެއް ނުދެއްކި ކަމުގައިވިޔަސް، އަޅުގަނޑަށްވެސް އިޙްސާސްކުރެވޭ، ބައެއް ޝުޢޫރުތައް މިޖަލްސާގައި ފާޅުކޮށްލުމަކީ އަޅުގަނޑު ކުރުން އެކަށީގެންވާ ކަމެއްކަމުގައި އަޅުގަނޑު ދެކެން.
އާދެ، އަޅުގަނޑު އެންމެ ފުރަތަމަ އަލްމަރްޙޫމް ބޮޑުބެ އިބްރާހީމް ކަލޭގެފާނާ ބައްދަލުވީ މީގެ 22 އަހަރު ކުރިން، 1972 ވަނަ އަހަރުގެ ތެރޭގައި. އޭރު އަޅުގަނޑު ހުރީ ޝިޕިންގ ޑިޕާޓްމަންޓް ހިންގާ މީހެއްގެ ގޮތުގައި. އާދެ، ދެންމެ ޢަބްދުއްސައްތާރު މޫސާދީދީގެ ވާހަކަފުޅުގައި އެވިދާޅުވި ފަދައިން، އޭރު އަޅުގަނޑުމެންގެ ވެރިޔަކަށް ހުންނެވީ ޚުދު އެމަނިކުފާނު. އޭރުގެ މިނިސްޓަރ އޮފް ފިނޭންސް. އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ޝިޕިންގ ޑިޕާޓްމަންޓް ހިނގަމުންދިޔައީވެސް އަދި ޕޯޓް ކޮމިޝަން ހިނގަމުންދިޔައީވެސް.
ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އޭރު ބޯޓުފަހަރަށް މުދާ އަރުވައި ބޭލުމުގެ މަސައްކަތަކީ ވަރަށްދަތިގޮތަކަށް ކުރަންޖެހިފައި އޮތް މަސައްކަތެއް. މިހާރު އަޅުގަނޑުމެންނަށް މިފެންނަ ކަހަލަ ވަސީލަތްތަކެއް އޭރަކު ނެތް. އެހެންކަމުން، ބޯޓުފަހަރުން މުދާ ބޭލުމުގައި ނުވަތަ މުދާ އެރުވުމުގައި އެއްވެސް ބޮޑު މައްސަލައެއް، ދަތިކަމެއް ދިމާވެއްޖެނަމަ އޭރު އަޅުގަނޑުމެންނަށް ޖެހެނީ ޕޯޓް ކޮމިޝަންގެ އެހީ ހޯދަން. އެގޮތުން، އަޅުގަނޑުމެންގެ ގާތަށް ވަޑައިގެން، އެމަސައްކަތެއް ފަރުވާތެރިކަމާއި، ހީވާގިކަމާއި އަދި ވިސްނުންތެރިކަމާއެކުގައި ކޮށްދެއްވާފައިވާ ބޭފުޅަކީ، އަލްމަރްޙޫމް ބޮޑުބެ އިބްރާހީމް ކަލޭގެފާނު. އެހެންކަމުން، އޭރުއްސުރެ އަޅުގަނޑަށް އޭނާ ދަސްވެފައި ވަނީ މަސައްކަތަށް ފަރުވާބަހައްޓަވާ، ޤާބިލްކަމާއެކު މަސައްކަތް ހިންގަވާ އަދި އޭނާގެ ދަށުގައިވާ މީހުން ގޮވައިގެން އުޅުއްވަން ވަރަށް ބޮޑަށް ދެނެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި.
އާދެ، އޭނާގެ ޚިދުމަތް 48 އަހަރުގެ ދިގު މުއްދަތަކަށްވަނީ ދެމިގެންގޮސްފައި. މާލެއަށާއި ރާއްޖެތެރެއަށް އޭނާ ކުރައްވާފައިވާ ޚިދުމަތްތައް ފާހަގަކޮށްލެވޭ. އާދެ، އޭރު މާލޭގެ ކޮންމެ ބޮޑު މަސައްކަތެއް ކުރެވޭއިރު، އެ މަސައްކަތުގައި އެންމެ އިސްވެ އުޅުއްވާ އެއްބޭފުޅަކަށް ވެފައިއޮތީ އަލްމަރްޙޫމް ބޮޑުބެ އިބްރާހީމް ކަލޭގެފާނު. އާދެ، އެ މަސައްކަތަކީ ބިން ހިއްކުން ކަމުގައިވިޔަސް، މާލެއަށް ބިން އިތުރުކުރުން ކަމުގައިވިޔަސް ނުވަތަ މާލޭގެ އެއްގަމު ތޮށިލުން ކަމުގައިވިޔަސް ނުވަތަ މާލޭގެ ބައެއް ޢިމާރާތްތައް ހަދައި، ބައެއް ޢިމާރާތްތައް ތަޅާލައި، ތަން ސާފުކުރުން ކަމުގައިވިޔަސް ނުވަތަ ހުޅުލޭ މަސައްކަތް ކަމުގައިވިޔަސް، އެހުރިހާ ކަމެއްގައިވެސް އެންމެ ބުރަކޮށް، އެންމެ ޙަރަކާތްތެރިގޮތެއްގައި އުޅުއްވި ބޭފުޅަކީ އޭނާކަމާމެދަކު ޝައްކެއްނެތް.
އާދެ، އަޅުގަނޑު މިދަންނަވާ ވާހަކަތަކަކީ، އަޅުގަނޑު ސަރުކާރަށް ޚިދުމަތް ކުރުމުގެ ކުރީގެ ވާހަކަތަކެއް ކަމުގައިވިޔަސް، އެ މަޢުލޫމާތުތައް އަޅުގަނޑަށްވެސް ވަނީ ކޮންމެވެސްވަރަކަށް ލިބިފައި. އަޅުގަނޑު މިމަޤާމާ ޙަވާލުވިފަހުން އަލްމަރްޙޫމް ބޮޑުބެ އިބްރާހީމް ކަލޭގެފާނު ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، ފުރަތަމަ މާލޭގެ ފަޅުން ބިން ހިއްކުމުގެ މަޝްރޫޢު، 1979 ވަނަ އަހަރު ފެށުނުއިރު، އެމަސައްކަތުގެ ތެރޭގައި ވަރަށް ޙަރަކާތްތެރިކޮށް އޭނާ އުޅުއްވުން ހިމެނޭ. އޭގެފަހުން، އޭރުގެ މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒަށް އޭނާ ބަދަލުވި. ފަހުން، އެމިނިސްޓްރީގެ ނަން އެޓޮލްސް އެޑްމިނިސްޓްރޭޝަނަށް ބަދަލުވެގެންދިޔަކަމުގައިވިޔަސް، އެ މިނިސްޓްރީގެ މަސައްކަތްތައް ހިންގުމާބެހޭ ބައެއްގެ، ވަރަށް ޙަރަކާތްތެރި މަޤާމެއްގައި އޭނާ އުޅުއްވަމުން ގެންދަވާފައިވަނީ. އެހެންކަމުން، އޭނާގެ ޚިދުމަތްތައް، ރާއްޖެތެރެއަށް ވަރަށްބޮޑަށް ލިބިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. ރާއްޖެތެރޭގެ ރަށްރަށުގެ ފަޅުގެ މައްސަލަތަކާއި، ތޮށިލުމުގެ މަސައްކަތްތަކާއި، ޢިމާރާތްކުރުމުގެ ކަންތައްތައް، މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒް ނުވަތަ އޭގެފަހުން މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ބެއްލެވުމުގެ ދަށުން ކޮށްދެއްވާފައިވާ ބޭފުޅަކީ އޭނާ. އެހެންކަމުން، އޭނާގެ ޚިދުމަތްތަކަކީ ހަމައެކަނި މާލެއަށް ޚާއްޞަވެފައިވާ ޚިދުމަތްތަކެއް ނޫން. މާލޭގެ އިތުރުން، ރާއްޖެތެރެއަށްވެސް އޭނާގެ ޚިދުމަތް ވަނީ ފޯރާފައި. އަދި މާލޭގެ ވާހަކަ ދައްކާއިރު، ގަލޮޅަށް އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ވާހަކަ ކޮންމެވެސްވަރަކަށް ދައްކަންޖެހޭނެކަމަށް އަޅުގަނޑު ދެކެން. ޝައްކެއްނެތް، ދެންމެ ޢަބްދުއްސައްތާރު މޫސާދީދީ އެ ވިދާޅުވި ފަދައިން، އަލްމަރްޙޫމް ބޮޑުބެ އިބްރާހީމް ކަލޭގެފާނަކީ، ގަލޮޅު އުފެއްދި އެންމެ ޚިދުމަތްތެރި އެއްދަރި. އެންމެ ވަފާތެރި އެއް ޚާދިމު.
ފަހަކަށްއައިސް ގަލޮޅުގެ ކަންތައްތަކާ ޙަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކީ އޭނާ. ގަލޮޅުއޮފީސް އުފެދުމާ ގުޅިގެން، އޮފީހުގެ އެންމެހާ ކަންތައްތައް ކުރައްވަމުން ގެންދެވި ވެރިޔަކީ އޭނާ. އަދި އަވަށުއޮފީހުގެ ވެރިޔާގެ މަޤާމު، މީގެ ތިންއަހަރު ކުރިން ހަމަޖެހުނު ދުވަހުން ފެށިގެން، އޭނާ މިދުނިޔެ ދޫކުރައްވާފައި ވަޑައިގަތުމާ ޖެހެންދެން، އެ މަޤާމުގައި ހުންނެވީވެސް ހަމަ އެ މަރްޙޫމް. ހަމައެހެންމެ، ގަލޮޅު މަދަރުސާގެ ކަންތައްތައް، ޢިމާރާތްކުރުމާއި އަދި ޢިމާރާތްކޮށް ނިމުމަށްފަހުގައި މަދަރުސާގެ ކަންތައްތައް ހިންގުމުގައި، ވަރަށްފަހަކާ ޖެހެންދެން އިސްވެ ހުންނެވީވެސް އޭނާ. ހަމައެހެންމެ، އަވަށުއޮފީސް ހިންގެވުމުގެ އިތުރަށް، އަވަށް ކުރިއަރުވާ ކޮމިޓީގެ ރައީސްގެ ޙައިޘިއްޔަތުން އަވަށުގެ ކަންތައްތައް ބަލަހައްޓަވައި، ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅަކީވެސް ހަމަ އޭނާ. އެހެންކަމުން، މިއަދު އަޅުގަނޑުމެންނަށް އިޙްސާސްކުރަން ޖެހިފައިވާ އުނިކަމަކީ ހަމައެކަނި މާލެއަށް ނުވަތަ ރާއްޖެތެރެއަށް ނުވަތަ ގަލޮޅަށް ލިބިފައިވާ އުނިކަމަކަށްވުރެ މުޅި ޤައުމަށް ލިބިފައިވާ އުނިކަމެކޭ އަޅުގަނޑު ދަންނަވާނީ.
އާދެ، އަލްމަރްޙޫމް އިބްރާހީމް ކަލޭގެފާނުގެ މަސައްކަތް ދެނެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވާގޮތުގައި، އަދި އަޅުގަނޑަށްވެސް ފެނިފައި އޮތްގޮތުގައި، އޭނާއަކީ ވަރަށް ހީވާގި، ވަރަށް މުރާލި މަސައްކަތްތެރިއެއް. ވަރަށް ރަނގަޅަށް މަސައްކަތްތައް ރާވައި ހިންގަވަން ދެނެވަޑައިގަންނަވާ ބޭފުޅެއް. އަދި މީހުން ގެންގުޅުއްވަންވެސް ދެނެވަޑައިގަންނަވާ ބޭފުޅެއް. އެމަސައްކަތެއް އެންމެ ލުއިކޮށް، އެންމެ ރަނގަޅަށް، އެންމެ ފައިދާހުރިގޮތެއްގައި ކުރެވޭނީ ކިހިނެއްކަންވެސް ދެނެވަޑައިގަންނަވާ ބޭފުޅެއް. އަދި އޭނާއަށް ފެނިވަޑައިގަންނަވާ ގޮތް، އޭނާގެ މައްޗަށް ތިއްބެވި ވެރިންނަށް ދެންނެވުމަކީ، އޭނާ އުފަލެއްކަމުގައި ދެކެވަޑައިގަންނަވާ ބޭފުޅެއްވެސްމެ. މިގޮތުން، ވެރިޔަކު ފުރަތަމަ އެ ހުށަހަޅުއްވާ ގޮތަކާ އޭނާގެ ޚިޔާލު ތަފާތުވިޔަސް، އޭނާއަށް ފެނިވަޑައިގަންނަވާ ގޮތް ވަރަށް ޞަރީޙަކޮށް ކިޔައިދެއްވާ. އާދެ، އޭގެފަހުން އެ ވެރިޔަކު އެންގެވި ގޮތަކަށް އޭނާ އެކަންތައްތަކެއް ގެންދަވާނެ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އޭނާއަކީ ހަމައެކަނި މަސައްކަތް ހިންގުމުގެ އިތުރަށް، ކަންތައްތައް ހިންގާނެ ގޮތް ދެނެވަޑައިގަންނަވާ، އެކަމުގެ ތަޖުރިބާއާއި މަޢުލޫމާތު ހުރި ބޭފުޅެކޭ ދަންނަވާލުން.
އާދެ، އެހެންކަމުން، އެކަހަލަ ޚިދުމަތްތެރިން އަޅުގަނޑުމެންނަށް ވަނީ ހުރިހާ ދާއިރާއެއްގައިވެސް ބޭނުންވެފައި. ޝައްކެއްނެތް، ކޮންމެ ޤައުމެއްގައިވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ޚިދުމަތްތެރިންތަކެއް ތިބޭނެ. އެގޮތުން، އަޅުގަނޑުމެންގެ ރާއްޖެ ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރަން ޖެހިފައިވާ ބޭފުޅެއް އަލްމަރްޙޫމް އިބްރާހީމް ކަލޭގެފާނަކީ.
އާދެ، އަޅުގަނޑުގެ ވާހަކަ މާ ދިގުކުރާކަށް ޤަޞްދެއްނުކުރަން. އަޅުގަނޑުމެން މިރޭ މިތަނަށް އެއްވެ މިތިބީ އަލްމަރްޙޫމް އިބްރާހީމް ކަލޭގެފާނު މިދުނިޔެ ދޫކުރައްވައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި. އޭނާގެ ތައުބީނުގައި ބާއްވާ ޖަލްސާއެއް މިއީ. އެހެންކަމުން، އޭނާގެ ޚިދުމަތްތަކުގެ މައްޗަށް އަޅުގަނޑު ފިޔަވައި އެހެން ބޭފުޅުންވެސް އަލިއަޅުއްވައިލެއްވުމަށް ހަމަޖެހިފައިވާތީ، އަޅުގަނޑު ދެން އިތުރު ވާހަކަތަކެއް ނުދެއްކިޔަސް އެންމެ ރަނގަޅުކަމަށް އަޅުގަނޑަށް ފެންނަނީ.
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، އަލްމަރްޙޫމް އިބްރާހީމް ކަލޭގެފާނުގެ ޢާއިލާގެ މެންބަރުންނަށް އަދިވެސް އެއްފަހަރު އިޚްލާޞްތެރިކަމާއެކީގައި ތަޢުޒިޔާ ދަންނަވަން. އަދި އަވަށުގެ އިސްބޭފުޅުންނަށާއި، އަވަށުގެ ރައްޔިތުންނަށާއި އަދި އޭނާގެ ގާތްތިމާގެ ބޭފުޅުންނަށާއި، ރަޙްމަތްތެރިންވެސް މި ތަޢުޒިޔާގައި އަޅުގަނޑު ޝާމިލްކުރަން. ހަމައެފަދައިން، މަރްޙޫމް އިބްރާހީމް ކަލޭގެފާނުގެ އަނބިކަނބަލުންނާއި، އޭނާގެ ޢާއިލާގެ މެންބަރުންނަށް މި ބޮޑު ހިތާމަ އެބޭފުޅުންނަށް ކުރިމަތިވުމާއެކީގައި، އެ ހިތާމައަށް ކެތްކުރެއްވުމުގެ ތައުފީޤު ﷲ ދެއްވުން އެދި ދުޢާކުރަން. އެހުރިހާ ބޭފުޅުންނަށް ކެތްތެރިކަން ދެއްވައި، ޘަވާބު އިތުރުކުރެއްވުމަށް އެކަލާނގެ ޙަޟްރަތުގައި އަޅުގަނޑު އިބްތިހާލުވަން. ހަމައެފަދައިން، އެ މަރްޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، اللّـه سبحـانـه وتعـالىގެ ހުސްވުމެއްނެތް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުޢާކުރަން.
والسّـلام عليـكم ورحـمة اللّـه وبـركاتـه.