بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން:

السّــلام عليــكم ورحـمــة اللّـه وبـركاتـه.

މިއަދަކީ، ދިވެހިރާއްޖެ، މިނިވަންކަމުގެ މަތިވެރި އުފާފާޅުކުރަމުން، ޤައުމީ ރޫޙު އާލާކުރަމުން ގެންދާ ދުވަހެއް. އާދެ، ރާއްޖޭގެ ޤައުމީ މިނިވަންކަމަށް 30 އަހަރު ފުރޭ ތާރީޚީ ދުވަސް.

މި މުހިންމު އަދި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖެ، ފުރިހަމަ މިނިވަންކަން ހާސިލުކޮށް، ސުލްހަމަސަލަސްކަމާއި، އަމަންއަމާންކަންމަތީ ދެމިއޮތުމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި، اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދު ޘަނާއާއި ޝުކުރު ދަންނަވަން. އަދި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމުގެ އުފާ އަޅުގަނޑު ހާސިލުކުރަން. ހަމައެފަދައިން، ރާއްޖޭގެ މިނިވަންކަމާއި، އަމިއްލަ ވެރިކަން ދެމެހެއްޓުމަށްޓަކައި ޖިހާދުކުރެއްވި މާތް ޤައުމީ އަބްޠާލުންގެ މަތިން ހަނދާންކޮށް، އެ ޝަރަފްވެރި އަބްޠާލުންނަށް ރަޙްމަތް ލެއްވުން އެދި ދުޢާކުރަން.

މިއަދު ދިވެހިރާއްޖެއަކީ، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން މިނިވަންކަމުގެ ހިޔާވަހިކަމުގައި ތަރައްޤީއާއި ތަހުޒީބުގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އަޅަމުންދާ ޤައުމެއް. ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޤަދަރު ލިބިފައިވާ ޤައުމެއް.

މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ރާއްޖޭގައި ކުރާ މަސައްކަތްތަކުގެ ދާއިރާތައް ފުޅާވެ، އިޤްތިޞާދީ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. މަސްވެރިކަމުގެ ރޮނގުންނާއި، ޓޫރިޒަމްގެ ރޮނގުންނާއި، ވިޔަފާރީގެ ރޮނގުން ރާއްޖެ ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި. ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ޖުމްލަ، ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން ގޮސްފައިވަނީ، ހިތްހަމަޖެހޭފަދަ މިންވަރަކަށް.

އިޤްތިޞާދީ މައިދާނުގައި ރާއްޖެ ހޯދަމުންދާ ކާމިޔާބީތަކަކީ، އޭގެ ސީދާ ފައިދާ އިޖްތިމާޢީ ދާއިރާއަށް ވަރަށް އެދެވޭގޮތެއްގައި ކުރަމުންދާ ކާމިޔާބީތަކެއް. ނަތީޖާއެއްގެ ގޮތުން، ދިވެހިންގެ އާންމު ދިރިއުޅުމުގެ ފެންވަރު އެއްދުވަހުން އަނެއް ދުވަހަށް ދަނީ މައްޗަށް. ޤައުމުގެ ތަރައްޤީއާ ގުޅިފައިވާ ކޮންމެ ރޮނގެއްގައި ހަރަކާތްތެރިވަމުންދާ، ތަޢުލީމާއި ތަމްރީނު ލިބިފައިވާ ދިވެހި ޒުވާނުން ދަނީ އިތުރުވަމުން.

އަޅުގަނޑުމެންނަށް ހޯދިފައިވާ ކުރިއެރުންތަކުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންނަށް ނުކުރެވިހުރި ކަންތައްތަކުގެ މަތިން ހަނދާންނައްތާލައިގެން ނުވާނެ. އަދި އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ބޮޑެތި ދަތިތަކާއި މައްސަލަތައް ޙައްލުކުރުމަކީ، ރާއްޖޭގެ މިނިވަންކަން ހަރުދަނާކުރުމަށް އެޅޭ، ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި އަޅުގަނޑުމެން ދެކެންވާނެ.

ދިވެހިރާއްޖެއަށް ޤައުމީ މިނިވަންކަން ލިބުނީ، އެހެން ގިނަ ޤައުމުތައް ފަދައިން، ރާއްޖޭގެ މައްޗަށް އިސްތިޢުމާރީ ނުފޫޒު ހިންގަމުން ގެންދިޔަ ބޭރުގެ ބާރުތަކާ ހަނގުރާމަކޮށްގެނެއް ނޫން. އެހެންނަމަވެސް، ރާއްޖެވަނީ މިނިވަންކަމަށްޓަކައި ޤުރްބާނީތަކެއްވެފައި. އެހެންވީމާ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް، ރާއްޖޭގެ މިނިވަންކަމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ރާއްޖެ ދިފާޢުކުރުމުގެ ދުރު ވިސްނުމާއި، ޤާބިލިއްޔަތު އިތުރުކުރުމަކީ، އަބަދުވެސް ކުރަންޖެހޭނެ ކަމެއް. މިހެން މިދެންނެވީ، ދުނިޔޭގެ އޮއިވަރުތައް ބަދަލުވަމުންދާގޮތުން، ކުދި ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަކީ، ވަރަށް ނާޒުކު އެއްޗެއް ކަމަށްވާތީ. ޝައްކެއްނެތް، އަޅުގަނޑުމެންފަދަ ޤައުމަކަށް، ޤައުމުގެ މިނިވަންކަން ދެމެހެއްޓޭނީ، ވަރަށް ހުޝިޔާރުވެ ތިބެގެން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

ޤައުމީ މިނިވަންކަމަކީ، ޤައުމެއްގެ ރައްޔިތުން، އެޤައުމެއްގެ ކަންތައްތައް ހިންގަން އެދޭގޮތަށް ހިންގުމުގެ ބާރު އެމީހުންނަށް ލިބިފައިވުން. ސިޔާސީ، އިޖްތިމާޢީ، އަދި އިޤްތިޞާދީ ރޮނގުންވެސް ކަންތައްތައް ހިންގުމުގައި ބޭރުގެ ފަރާތްތަކެއްގެ ނުފޫޒާއި ފިއްތުންތަކެއްނެތި ޤައުމުގެ ކަންތައްތައް ހިންގުމުގެ މިނިވަންކަން ލިބިފައިވުން.

އަދުގެ ދުނިޔޭގައި، ބޭރުގެ ނުފޫޒުތައް ފޯރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެވެނީ، ރައްޔިތުންގެ ސިކުނޑިތަކަށް. އެމަސައްކަތްތަކުގެ ސަބަބުން، އެކިއެކި ޤައުމުތަކަށް، އެބައިމީހުންގެ އަމިއްލަވަންތަކަމާއި، ޒަމާންވީ ޘަޤާފަތާއި ޤައުމީ ތަރިކަ ގެއްލިގެންގޮސް، ޤައުމީ ހައިސިއްޔަތު އޮޅި، ޤައުމުގެތެރޭގައި ހަމަނުޖެހުންތައް އުފެދިގެންދޭ. އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖްތަމަޢު މިފަދަ ކަންތައްތަކުން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ، އަޅުގަނޑުމެންނާ ހަވާލުވެފައިވާ މިނިވަންކަމުގެ އަމާނާތް ރައްކާތެރިކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް.

އެހެންނަމަވެސް، މިކަމަށް އަޅުގަނޑުމެން މަސައްކަތް ކުރާއިރު، ވިސްނާލަންޖެހޭނެ، ވަރަށް މުހިންމު ނުކުތާއެއް އެބައޮތް. އެއީ، މިޒަމާނުގައި އެއްވެސް ޤައުމަކީ، ދުނިޔޭގެ އެހެން އެންމެންނާ ވަކިން އޮވެވޭނެ ޤައުމެއް ނޫންކަން. އަދި އަޅުގަނޑުމެންނަށް ފައިދާހުރި ގޮތަކީވެސް، އަޅުގަނޑުމެންނަށްވުރެ ކުރިއަރާފައިވާ ޤައުމުތަކުގައި ކަންތައްތައް ކުރަމުންގެންދާ ގޮތްތައް ބަލައިގެން، އެކަންތައްތަކުން ފިލާވަޅުތައް ހޯދުންކަން. އާދެ، އަމިއްލަ މިނިވަންކަން ރައްކާތެރިކުރަން މަސައްކަތްކުރާއިރުވެސް، ބޭރު ޤައުމުތަކުގައި ހުންނަ ރަނގަޅު ކަންކަމަށާއި ޚިޔާލާތަށް މަރްޙަބާކިޔާ ބަޔަކު ކަމުގައި އަޅުގަނޑުމެން ވާންވާނެ.

އަޅުގަނޑުމެންގެ ޢަޤީދާއާއި މުޖްތަމަޢު ޤަބޫލުކުރާ ގޮތްތަކެއްގެ އަލީގައި، އަޅުގަނޑުމެންނަށް އެންމެ ފައިދާކުރަނިވި ކަންތައްތައް ވަކިކޮށް ދެނެގަންނަން އެނގޭ ބަޔަކު ކަމުގައި އަޅުގަނޑުމެން ވާންވާނެ.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

ދިވެހި މިނިވަންކަމުގެ އެންމެ ވަރުގަދަ ބިންގަލަކީ، މާތްވެގެންވާ އިސްލާމްދީން. އަޅުގަނޑުމެންގެ މެދުގައި ފަހަކަށްއައިސް، ދީނީ ހޭލުންތެރިކަން ބޮޑުވެ، ދީނީ ކަންކަމަށް ޙުރްމަތްތެރިކޮށްހިތުން އިތުރުވަމުންދާކަމީ، ރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމުގައި އަޅުގަނޑުމެންގެ ސާބިތުކަން އިތުރުވެގެންދާނޭ ކަމެއް. މިފަދަ މުނާސަބަތުތަކުގައި، އަޅުގަނޑުމެންގެ މަތިވެރި ޢަޒުމެއް ކަމުގައި ވާންޖެހޭނީ، ދީނީ އުޚުއްވަތްތެރިކަން ދަމަހައްޓައި ބަދަހިކުރުން. އެއްވެސް ނަމެއްގައި، ބައިބައިވުންތަކާއި ދެކޮޅުވެރިވުންތައް އުފެއްދުމަށް ކުރެވޭ މަސައްކަތަށް ދިވެހި މުޖްތަމަޢުގައި ޖާގައެއް ނުދިނުން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަމަށް 30 އަހަރު ފުރޭ މިނިވަންދުވަސް މިއަހަރު މި ފާހަގަކުރެވެނީ، ވަރަށް މުހިންމު ޤައުމީ އެހެން ޢީދަކާވެސް ދާދި އެކުއެކީގައި. އާދެ، ދިވެހިރާއްޖޭގެ ޤައުމީދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރަނީ، މީގެ ތިންދުވަސްފަހުން. ޤައުމީދުވަހަކީ، އެ ދުވަހަކާ ގުޅިގެން، ދިވެހިންގެ ހިތްތަކަށް ވަރަށް ޚާއްޞަ ޝުޢޫރުތަކެއް ވެރިވެގެންދާ ދުވަހެއް. އެއީ، ދިވެހިރާއްޖޭގެ މިނިވަންކަން ބޭރުބައެއްގެ އަތްމައްޗަށް ގެއްލިގޮސްފައި ވަނިކޮށް، ދިވެހިރާއްޖެ ދުށް އެންމެ ވަރުގަދަ ބަޠަލު، އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނާއި، އެ މާތް ބަޠަލުގެ އެކުވެރިން ކުރެއްވި އަގުހުރި ޖިހާދުގެ ފަނޑުވުމެއް ނެތް ޒިކުރާ. އެބޭފުޅުން ދިވެހި މިނިވަންކަން ދިވެހިންނަށް ހޯއްދަވައިދެއްވި ކަމުގެ މަތިވެރި ހަނދާންތަކާ ގުޅިފައިވާ ޝުކުރާއި ތަޢުރީފު.

އާދެ، އަޅުގަނޑުމެންނަށް، ދިވެހި މިނިވަންކަމުގެ ދަންމަރު، އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދެވޭނީ، އަޅުގަނޑުމެންގެ މާތް ދީނާއި، ދިވެހިރާއްޖޭގެ ރައްޔިތުންގެ އެއްބައިވަންތަކަމަށް ރައްކާތެރިވެވިގެން. މިގޮތުގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެނަމަ، އަޅުގަނޑުމެންގެ ކުރިމަތީގައިވާނީ، އުފާފާގަތިކަމާއި ޞުލްޙަމަސަލަސްކަމުގެ ދުވަސްތަކެއް، ތަރައްޤީއާއި ކުރިއެރުމުގެ އާ އުސްމިންތަކެއް. މިނިވަންކަމާއި ނަޞްރުގެ ޒަމާންތަކެއް.

މާތްﷲ، ދިވެހިރާއްޖެއަށް އެފަދަ ދުވަސްތަކާއި އަހަރުތައް މިންވަރު ކުރައްވާށި! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ ދަމަހައްޓަވާށި! ދިވެހިންނަކީ، ޤައުމީ މިނިވަންކަމުގެ އަގު ވަޒަންކުރާ، މިނިވަންކަމުގެ ނިޢުމަތަށް ޝުކުރުވެރިވާ ބަޔަކުކަމުގައި ލައްވާށި! އާމީން.

والسّـلام عليـكم ورحـمة اللّـه وبركاته.