بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.
މާތްﷲގެ ވާގިފުޅާއެކު މިއަދު މި ޤާއިމްކުރެވޭ ދެ ނިޒާމު ޤާއިމްކުރުމުގައި ސަރުކާރުގެ ވަރަށްގިނަ ފަރާތްތަކެއްގެ އެއްބާރުލެއްވުން ވަނީ ލިބިފައި. އާދެ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް، އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ. އެހެންކަމުން، މި ތިން މިނިސްޓްރީއަށް އަދި ޚާއްޞަކޮށް، އެ މިނިސްޓްރީތައް ހިންގަވަން ތިއްބެވި އެންމެ އިސްވެރިންނަށް، އާދެ، މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަލްފާޟިލް ޢަބްދުﷲ ޔާމީނަށް، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަލްފާޟިލް ޙަސަން ޞާބިރަށް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް ޢަންބަރީ ޢަބްދުއްސައްތާރަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެހެންމެ، އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ޙަރަކާތްތެރިވެވަޑައިގެންނެވި، މި ދެންނެވި މިނިސްޓްރީތަކުގެ އިސްވެރިންނާއި މުވައްޒަފުންވެސް އަޅުގަނޑުގެ މިޝުކުރުގައި ޝާމިލްކުރަން.
އާދެ، މާތްﷲގެ ވާގިފުޅާއެކު މިއަދު ރާއްޖެއަށް މި ތަޢާރުފުކުރެވޭ ދެ ނިޒާމަކީ، އާދެ، އޭގެ ސަބަބުން އަޅުގަނޑުމެންނަށް ބޭނުންވާ، ވަރަށްގިނަ މަޢުލޫމާތުތަކެއް ވަގުތުން ވަގުތަށް އަޅުގަނޑުމެންނަށް ލިބޭނެ ދެ ނިޒާމަކީ، ރާއްޖޭގެ އަމަންއަމާންކަން ދެމެހެއްޓުމާއި، ރާއްޖޭގެ ސަލާމަތަށްޓަކައި އަދި ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ވަރަށް ބޭނުންތެރި ދެ ނިޒާމެއް. އާދެ، އޭގެތެރެއިން އެއް ނިޒާމަކީ، ސެޓެލައިޓް މެދުވެރިކޮށް ބިން ޞޫރަކޮށްދޭ ނިޒާމެއް. ބިމޭ އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެން މި ދިރިއުޅޭ ދުނިޔެއަށް ނިސްބަތްކޮށް، ބިމާއި ކަނޑާ އެކުލެވޭގޮތަށް. އެ ނިޒާމު އަޅުގަނޑުމެންނަށް ގެނެސްދޭ މަޢުލޫމާތަކީ އެކި ހިސާބުގެ ފިނިހޫނުމިން ހުރި މިންވަރު އަންގައިދިނުން. އަދި ޚާއްޞަކޮށް، ކަނޑުގެ ސަރަޙައްދުގެ ފިނިހޫނުމިން އެކި ހިސާބުގައި ހުންނަނީ އެކިވަރަށް. އެ މަޢުލޫމާތު އަޅުގަނޑުމެންނަށް ލިބުމުން، އެކި ބާވަތުގެ މަސް އުޅޭ ތަންތަން ޢިލްމީގޮތުން ފާހަގަކުރެވޭނެ. އެ އެކި ބާވަތުގެ މަސް އުޅޭ ތަންތަނަށް މަސްވެރިން ދާނީ. ޚާއްޞަކޮށް، ގަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދުގައި މަސްވެރިކަން ކުރަން އުޅޭ، ރާއްޖެއިން ބޭރުގެ އުޅަނދުތަކުން، އެމީހުންވެސް އެފަދަ މަޢުލޫމާތު ހޯދައިގެން ދާނީ އެދިމާއަށް، ނުވަތަ އެދިމަދިމާއަށް. އެހެންވީމާ، ގަވާއިދާ ޚިލާފަށް ރާއްޖެއަށް އައިސްގެން އުޅޭ، މަސްވެރިކަމާބެހޭ އުޅަނދުތައް އުޅޭ ސަރަޙައްދުތައް، މިދެންނެވި މަޢުލޫމާތު ލިބިގެން ފާހަގަކުރުމަކީ މާ ދަތިކަމަކަށް ނުވާނެ.
މިއަދު މި ހުޅުވޭ އަނެއް ނިޒާމަކީ، އުޅަނދުތައް ދަތުރުކުރާ މަގު އަންގައިދޭ ނިޒާމެއް. އާދެ، އެއީ، އެއިން ކޮންމެ އުޅަނދެއްގައި، ކޮންމެވެސް ބާވަތެއްގެ އިކްވިޕްމަންޓެއް ހަރުކުރުމުން، އޭގެ ސަބަބުން ސެޓެލައިޓް މެދުވެރިކޮށް، ކޮންމެ އުޅަނދެއްވެސް ދަތުރުކުރާ މަގާއި، އެވަގުތަކު އޮތްތަން އަޅުގަނޑުމެންނަށް އެނގޭނެ. އެ އެނގުމުން، އެ އުޅަނދު ޙަރަކާތްތެރިވާ ގޮތާއި، އެ ގަވާއިދާ އެއްގޮތަށްތޯ، ގަވާއިދާ ޚިލާފަށްތޯ، އެކަންވެސް އަޅުގަނޑުމެންނަށް ބެލޭނެ. އެހެން މިދެންނެވީ ބޭރުގެ، މަސްވެރިކަންކުރާ ފަރާތްތަކަށް، ދިވެހި ސަރުކާރުން ހުއްދަ މިދެނީ، ރާއްޖޭގެ ސަރަޙައްދުގެ 75 މޭލު ބޭރުން މަސްވެރިކަން ކުރަން. އޭގެ އެތެރެއަށް ވަދެގެން މަސްވެރިކަން ކުރާކަމަށްވަންޏާ، އެކަންވެސް އަޅުގަނޑުމެންނަށް އެނގޭނެ. ނުވަތަ އެއްވެސް ހުއްދައެއްނެތި ރާއްޖޭގެ ސަރަޙައްދުގައި އުޅޭ ބޯޓުފަހަރު އުޅޭ ތަންތަންވެސް މިނިޒާމުގެ ވާސިޠާއިން ނުވަތަ އޭގެ އެހީގައި އަޅުގަނޑުމެންނަށް އެނގޭނެ.
އެހެންވީމާ، މި ދެ ނިޒާމު ޤާއިމްކުރުމަކީ، ހުރިހާގޮތަކުން ބަލާއިރުވެސް މިވަގުތު ރާއްޖެއަށް ވަރަށް ބޭނުންވެފައިވާ ކަމެއްކަން ކަށަވަރު. ރާއްޖޭގެ ޞުލްޙަމަސަލަސްކަމާއި އަމަންއަމާންކަމަށް ބަލާއިރުވެސް މިއީ ވަރަށް މުހިންމު ދެ ނިޒާމެއް. އާދެ، އެހެން މިދެންނެވީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ ރާއްޖެއަށް، ބޭރުގެ ފަރާތަކުން އަޅުގަނޑުމެންގެ އަމަންއަމާންކަމަށް ގެއްލުމެއް ލިބޭފަދަ ޢަމަލެއް ކުރާކަމުގައިވަނީނަމަ ކުރާނީ، އެންމެ ފުރަތަމަ ކަނޑުގެ ޛަރީޢާއިން، ކަނޑު ހުރަސްކޮށް އަންނަ އުޅަނދުތަކަކުން އެކަން ކުރާނީ. އެހެންކަމުން، ގަވާއިދާ ޚިލާފަށް އެއްވެސް އުޅަނދެއް އަންނަކަމުގައިވަންޏާ، އެ އަންނަ ދިމާއަކާއި، އެ އުޅަނދެއް ހުރިތަން އެނގޭގޮތްވަންޏާ، އަޅުގަނޑުމެންނަށް މި ނުރައްކަލުން ސަލާމަތްވެވޭނެ މަގު، އިރާދަކުރެއްވިއްޔާ ތަނަވަސްވެގެންދާނެ.
ހަމައެހެންމެ ރާއްޖެއަކީ، ރާއްޖޭގައި އޮންނަ ހިކިފަސްގަނޑަށްވުރެ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޮޑު ތަނެއް. އަދި އަޅުގަނޑުމެންގެ ދިރިއުޅުމާއި އިޤްތިޞާދު ބިނާވެފައިވަނީ، އެއްގޮތަށްވުރެ ގިނަގޮތުން ބަލާއިރު ކަނޑުގެ މައްޗަށް. އަޅުގަނޑުމެންގެ މަސްވެރިކަން، އަޅުގަނޑުމެންގެ ޓޫރިޒަމް. އެހެންވީމާ، މަސްވެރިކަމަށް އެއްވެސް ފަރާތަކުން ގަވާއިދާ ޚިލާފަށް އުނިކަމެއްދޭ ކަމަށްވަންޏާ، އެކަމުގެ މަޢުލޫމާތުވެސް، އިރާދަކުރެއްވިއްޔާ މިއަދު މި ތަޢާރުފުކުރެވޭ ނިޒާމުގެތެރެއިންލާފައި، އަޅުގަނޑުމެންނަށް އެކަން އެނގޭނެ. އެކަން އެނގުމާއެކީގައި، މަސްވެރިކަމުގެ ސަރަޙައްދު ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެންނަށް އެޅޭނެ.
އާދެ، ދެންމެ މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކުރުމަކީ، ވަރަށް މުހިންމު ކަމެއް. އަދި އެ މަސައްކަތް ގެންދަވަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ކުރައްވަމުން. އެ މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން، ޚާއްޞަގޮތެއްގައި ކޯސްޓްގާޑުން ކުރަމުންގެންދާ މަސައްކަތެއް އެއީ. މިހާތަނަށް އެ މަސައްކަތް ކުރަމުން މިގެންދަނީ ކޯސްޓްގާޑުގެ އެކިއެކި އުޅަނދު ބޭނުންކޮށްގެން. އަދި، މަތިންދާބޯޓު ބޭނުންކޮށްގެން. އެހެންނަމަވެސް، މިކަމަކީ ވަރަށްބުރަ އަދި ވަރަށް ޚަރަދުބޮޑު ކަމެއް. އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކުރުމަކީ ވަރަށްބުރަ ކަމެއް. އެއީ، އެއް ސަބަބަށްވުރެ ގިނަ ސަބަބަށްޓަކައި. އެންމެ ފުރަތަމަ ސަބަބަކީ، އަޅުގަނޑުމެންގެ ރާއްޖެ ކިތަންމެ ކުޑަކަމުގައިވިޔަސް، އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދުގެ ބޮޑުކަން. އާދެ، އޭގެ ބޮޑުމިނަކީ، އެއްމިލިއަން އަކަ ކިލޯމީޓަރ. އެވަރުގެ ބޮޑު ސަރަޙައްދެއް ބެލެހެއްޓުމަކީ، އޭގެ ޒާތުގައިވެސް ވަރަށްބުރަ މަސައްކަތަކަށް ވާނެކަން އަޅުގަނޑުހިތުން ހަމަ ކޮންމެ ބޭފުޅަކަށްވެސް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކުރުމަށް ދިމާވާ އަނެއް ދައްޗަކީ، މާތްﷲގެ އިރާދަފުޅުން، މި ސަރަޙައްދަކީ މަސްވެރިކަން ވަރަށް ރަނގަޅު ސަރަޙައްދަކަށްވާކަން. އިންޑިއާ ކަނޑަކީ ނުވަތަ ރާއްޖެއާ ކައިރީގައިވާ އިންޑިއާ ކަނޑުގެ ސަރަޙައްދުތަކަކީ، މަސްވެރިކަން ވަރަށް މުއްސަނދި، މަހުގެ މުއްސަނދިކަން ލިބިފައިވާ، ދުނިޔޭގެ އެހެން ތަންތާނގައި މަސްވެރިކަން ކުރެވެމުންދާ މިންވަރާ ގާތަށްވެސް އަދި މަސްވެރިކަން ކުރެވިފައިނުވާ ސަރަޙައްދެއް.
އެހެންކަމުން، މިދެންނެވި ސަރަޙައްދުތަކަކީ ވަރަށް ގިނަ އަދަދަކަށް މިހާރުވެސް މަސް އުޅެމުންދާ ސަރަޙައްދުތަކެއް. މިއިން ދިމާވާ ދައްޗަކީ، ދުނިޔޭގެ އެހެން ޤައުމުތަކުގެ މަސްބޯޓުފަހަރު އަންނާނީ، ޝައްކެއްނެތްގޮތުގައި، އެންމެ ގިނައިން މަސްއުޅޭ ދިމާއަކަށް. އެހެންވީމާ، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުންނާއި އަދި ތަންކޮޅެއް ދުރުގައިވާ ޤައުމުތަކުގެ ބޯޓުފަހަރުވެސް އަޅުގަނޑުމެންގެ ސަރަޙައްދަށް މި އަންނަނީ. އާދެ، ވޭތުވެދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމެއްގެ 52 ބޯޓު ރާއްޖޭގެ ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެގެން އުޅެނިކޮށް ހިފިފައިވާކަން ތިޔަބޭފުޅުންނަށް އޮންނާނީ އެނގިވަޑައިގެންފައި. އެއިންވެސް އެ ދައްކައިދޭ އެއްޗަކީ، އަޅުގަނޑުމެންނަށް މިކަމުގައި ހުރި ދަތިކަން ބޮޑުކަން.
އާދެ، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކުރުމުގައި އަޅުގަނޑުމެންނަށް ދިމާވާ އަނެއް ބޮޑު ދައްޗަކީ، ކަމުގެ ވަސީލަތްތައް އަޅުގަނޑުމެންގެ ތެރޭގައި ނެތްކަން ނުވަތަ ހުރި ވަސީލަތްތަކުގެ މަދުކަން. އަޅުގަނޑުމެން ބޭނުންވާވަރާ ގާތަށްވެސް އަޅުގަނޑުމެންގެ އަތަކު، އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދު އަދި ސިޔާސީ ސަރަޙައްދުވެސް ރައްކާތެރިކުރާނެ އުޅަނދުތަކެއް ނެތް. ހަމައެހެންމެ، އެ އުޅަނދުތަކުގައި މަސައްކަތް ކުރާނެ މީހުންނެއްވެސް ނެތް. އެފަދަ އުޅަނދު އެކަށީގެންވާ އަދަދަކަށް ހޯދުމަކީ، އަޅުގަނޑުމެންނަށް ކުރެވޭވަރަށްވުރެ މާ ޚަރަދު ބޮޑު ކަމެއް.
އާދެ، ސިފައިންގެ މަދުކަމުގެ ވާހަކައަކީ، ކޮންމެހެން މިއަދު މާ ދިގުކޮށް ނުދެއްކިނަމަވެސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމެއް. ސިފައިންގެ ތެރޭގައިވެސް މިކަމަށް ޚާއްޞަކުރެވިގެން ތިބޭ މީހުންގެ ޢަދަދު މަދުކަމުން، އަޅުގަނޑުމެންގެ އަތުގައި މިހާރު މިހުރި އުޅަނދުތަކުގެ ބޭނުންވެސް އެދެވޭގޮތެއްގައި ނުކުރެވޭ. މިވާހަކަ ވާނީ ކުރިން އެހެން މުނާސަބަތެއްގައި ވަރަށް ތަފްޞީލުކޮށް އަޅުގަނޑު ދަންނަވާފައި. ދެން، އަޅުގަނޑުމެންނަށް ދިމާވާ އަނެއް ބޮޑު ދައްޗަކީ މިކަމުގެ ޚަރަދު ބޮޑުކަން. އަޅުގަނޑުމެންގެ ބަޖެޓް އެއްއަހަރުން އަނެއްއަހަރަށް ޑެފިސިޓް ވަމުންގޮސް، 1993 ގައި ޑެފިސިޓް އަރާފައިވަނީ ވަރަށް މަތީ ޢަދަދަކަށް. ގާތްގަނޑަކަށް 360 މިލިއަން ރުފިޔާ. އެވަރުގެ ބޮޑު ޑެފިސިޓެއް އެއީ، އަޅުގަނޑުމެންގެ އިޤްތިޞާދު ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެންނަށް ހުއްދަކުރެވޭނެ ވަރަކަށް ނުވޭ. އެހެންކަމުން، އެ ޑެފިސިޓް ކުޑަކުރުމަށް ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރެވިގެން، އިރާދަކުރެއްވީތީ މިދިޔަ އަހަރު އާދެ، 1994 ވަނަ އަހަރު އަޅުގަނޑުމެންގެ ޑެފިސިޓްވަނީ، 100 މިލިއަނަށްވުރެވެސް ދަށަށް ގެނެވިފައި. ވަރަށްބޮޑު ކާމިޔާބީއެއް އެ ކުރެވުނީ. އެހެންނަމަވެސް، އެ ކާމިޔާބީ އަޅުގަނޑުމެންނަށް ދެމެހެއްޓެން އޮތީ، އަދިވެސް ކުރިއަށް އޮތް ތާނގައި ޚަރަދު ކުޑަކޮށްގެން. ޚަރަދު ކުޑަކުރަން ބަލާއިރު، މިދެންނެވި ފަދަ މުހިންމު މަސައްކަތްތައް ކުރުމަށް އެއީ، ވަރަށްބޮޑު ހުރަހަކަށްވޭ. މިދެންނެވި ސަބަބުތައް މިހެން ހުރުމާއެކީގައި، އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދު، އަޅުގަނޑުމެން އެންމެން އެދޭ މިންވަރާ ގާތަށްވެސް، އަދި ސަރުކާރުން ބޭނުންވާ މިންވަރާ ގާތަކަށްވެސް ބެލެހެއްޓެމަކުން ނުދޭ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންނަކީ މިނިވަން، މުސްތަޤިއްލު ޤައުމަކަށްވީހިނދު، އަޅުގަނޑުމެންގެ ސިޔާސީ ސަރަޙައްދާއި، އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓެންވާނެއޭ. އެ ބެލެހެއްޓުމުގެ ޤާބިލިއްޔަތު އަޅުގަނޑުމެން ޖެހޭނޭ ހޯދަން. އެހެންވީމާ، އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދަކީ، ކިތަންމެ ބޮޑު ސަރަޙައްދަކަށްވިޔަސް އަދި އެ ސަރަޙައްދު ބެލެހެއްޓުމަށް ކިތަންމެ ބޮޑު ޚަރަދެއް ހިނގިކަމުގައިވިޔަސް އަދި އެ ސަރަޙައްދު ބެލެހެއްޓުމުގެ ވަސީލަތްތައް އަޅުގަނޑުމެންގެ އަތުގައި ކިތަންމެ މަދުނަމަވެސް، އެކަން ކުރަންތިބި މީހުންގެ ޢަދަދު ކިތަންމެ މަދުނަމަވެސް، މިކަންކަމަށް ޙައްލުތަކެއް ހޯދައިގެން، އަޅުގަނޑުމެންނަށް ވެވުނުވަރަކުން އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަކީ، އަޅުގަނޑުމެންނަކީ މުސްތަޤިއްލު މިނިވަން ޤައުމަކަށްވާއިރު އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ވަރަށްބޮޑު ވާޖިބެކޭ.
މިކަން މިހެން އޮތުމާއެކު، މިއަދު އަޅުގަނޑުމެންނަށް މި ތަޢާރުފު ކުރެވޭ ނިޒާމުތަކުގެ ސަބަބުން، އަޅުގަނޑުމެންގެ މަސައްކަތް އެތައްތަނެއް ލުއިވެގެންދާނެ. އަދި ޚަރަދުވެސް ކުޑަވެގެންދާނެ. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ ރާއްޖޭގައި އަމަންއަމާންކަން ދެމެހެއްޓުމަށާއި، ޞުލްޙަމަޞްލަޙަތު ރައްކާތެރިކުރުމަށާއި އަދި ރާއްޖޭގެ ކުރިއެރުމާއި އިޤްތިޞާދު ރައްކާތެރިކުރުމަށާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް، އަޅުގަނޑުމެންނަށް މިއަދު މި ބޭނުންކުރަން ފެށޭ ވަސީލަތްތަކުގެ ސަބަބުން، ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނެ.
އާދެ، އަޅުގަނޑުމެންގެ ދިރިއުޅުން މިދަނީ ބަދަލުވަމުންދާ ދުނިޔެއެއްގައި. އެއްދުވަހުން އަނެއްދުވަހަށް، ކަންތައްތައް ދަނީ ވަރަށް އަވަހަށް ބަދަލުވަމުން. އަޅުގަނޑުމެން އަޖައިބުވުން އެކަށީގެންވާހާ އަވަހަށް. އަޖައިބުވާން ކީއްކުރަންތޯ؟ އަޅުގަނޑުމެންގެ ހިތަށް ގެންނަންވެސް ނޭނގޭހާ އަވަހަށް. ބޭރުގެ ލިޔުންތެރިޔަކު ލިޔުއްވާފައިވާތީ އަޅުގަނޑު ދުށިން. މުޅި ދުނިޔޭގައި ދުވާލަކު އެތައްސަތޭކަ ސައިންޓިފިކް ޕޭޕަރެއް ޕްރެޒެންޓް ކުރެވެއޭ. ދުނިޔޭގެ އެތަންމިތާނގައި، ދުވާލަކު އެތައްސަތޭކަ ޢިލްމީ ހޯދުންތަކުގެ މަޢުލޫމާތު ކަރުދާސްތަކެއް ނެރެވެމުން ގެންދެވެއޭ. އަދި ޓެކްނޮލޮޖީގެ އެކިއެކި ކުންފުނިތަކުން، ކޮންމެ ތިރީސް ސިކުންތަކު، އާ އީޖާދެއް ހޯދައޭ. ނުވަތަ ހޯދިފައިވާ އީޖާދަކަށް އިތުރު ކުރިއެރުމެއް ގެނެސްދެއޭ. ކޮންމެ ތިރީސް ސިކުންތަކުން އާ އީޖާދެއް! ނުވަތަ އާ އީޖާދެއްގެ އިތުރު ކުރިއެރުމެއް. މިއީ، ދުނިޔެއަށް އަންނަ ކުރިއެރުން، ޢިލްމީގޮތުންނާއި، ޓެކްނޮލޮޖީގެ ގޮތުން. އެހެން ލިޔުންތެރިއަކު ލިޔުއްވާފައިވަނިކޮށް އަޅުގަނޑު ދުށިން، ޢިލްމީ ރޮނގުން ދުނިޔެ ކުރިއަށްމިދާ މިންވަރު، އެއާ އެއްވަރަށް ހިފެހެއްޓުމަށްޓަކައި މަސައްކަތް ކުރުމަކީ، ތިރިއަށް ދަތުރުކުރާ އެސްކެލޭޓަރަކުން މައްޗަށް އަރަން މަސައްކަތް ކުރުންފަދަ ކަމެކޭ. މައްޗަށް އަރާއިރު، ވަރަށް ބާރަށް ފުމެ، ނުވަތަ ދުވެގެން މެނުވީ، ހުރިތާކުވެސް ނުހުރެވޭނެ.
އެހެންވީމާ، އަޅުގަނޑުމެން މިހާރު ދުނިޔެ ދެކެމުންމިދާ، ޢިލްމީ އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެއްވަރަށް ހިފެހެއްޓުމަށްޓަކައިވެސް ވަރަށްބުރަ މަސައްކަތްތަކެއް ކުރަންޖެހޭ. ތަންކޮޅެއް ކުރިން އެންމެންވެސް ކިޔަމުންދިޔައީ އަދި ޤަބޫލުކުރެވިފައި އޮތީ، ކޮންމެ މީހަކުވެސް އެމީހެއްގެ ތަޢުލީމުގެ މަރުޙަލާގައި އާދެ، ސްކޫލް ދައުރުގައި އަދި އޭގެފަހުން ޔުނިވަރސިޓީގެ ދައުރުގައި އެ ލިބޭ ތަޢުލީމަކުން، އެމީހާގެ މުޅި ޢުމުރަށް ފުދޭނެކަމަށް. އެހެންނަމަވެސް، މިހާރު ޔުނިވަރސިޓީތަކުން ތަޢުލީމު ޙާޞިލްކޮށްގެން ނުކުންނަ މީހުން، އެމީހުން ނުކުންނަތާ އެއްއަހަރު ދުވަސްފަހުން، އޭނާ އެ ހޯދި ތަޢުލީމަކީ އެއިން ފުއްދާލެވޭވަރުގެ އެއްޗަކަށްނުވޭ. އެމީހަކު އެ ތަޢުލީމު ޙާޞިލްކުރި ރޮނގުގައި، ޢިލްމީގޮތުން ދުނިޔެ ކުރިއަށްދާވަރު ބަލަން އަބަދު ޖެހޭ. ހޯދުންތައް ހޯދޭވަރު ބަލަން. އެއާ އެއްވަރަށް އެމީހެއްގެ މަޢުލޫމާތު މުއްސަނދި ކުރަން. ދުނިޔޭގެ ކަންތައްތައް ވަމުންދަނީ މިހެން. އެހެންވީމާ، އަޅުގަނޑުމެން ޖެހޭނެ މިކަމަށް ތައްޔާރުވާން. މި ހުރިހާ ބަދަލުތަކަކަށް އަޅުގަނޑުމެން ޖެހޭނެ މަރުޙަބާ ކިޔަން. އަދި މަރުޙަބާ ކިޔައިގެން، އެކަންތައްތައް ދަސްކޮށްގެން، އޭގެ ބޭނުންކޮށްގެން އަޅުގަނޑުމެންގެ އަމިއްލަ ސަލާމަތާއި ތަރައްޤީ ހޯދުމަށް އަޅުގަނޑުމެން ޖެހޭނެ މަސައްކަތް ކުރަން.
އެހެންވީމާ، އަޅުގަނޑުވެސް ވަރަށް ފަޚުރުވެރިވަން، މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި މި ބެހެއްޓޭ ދެ ނިޒާމަކީ، ދުނިޔޭގެ އެންމެ ފުރަތަމަ، ދެ ނިޒާމު އެއްފަހަރާ ބެހެއްޓޭ، ދެ ނިޒާމު ކަމަށްވާކަން. އެއީ އާދެ، މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، މީގެތެރެއިން، ބޯޓުފަހަރު ދަތުރުކުރާ މަގު ދެނެގަތުމުގެ ނިޒާމު، ދުނިޔޭގެ ބައެއް ތަންތާނގައި ބެހެއްޓެމުން އެބަދޭ. އަދި އަޅުގަނޑުމެން ދިރިއުޅޭ ބިން ޞޫރަކޮށްދޭ ނިޒާމުވެސް ބައެއް ތަންތާނގައި ބެހެއްޓެމުން އެބަދޭ. އެހެންނަމަވެސް، މި ދެ ނިޒާމު އެކީގައި، އެއްތަނެއްގައި ބެހެއްޓޭ ފުރަތަމަ ޤައުމު، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ދިވެހިރާއްޖެ މިއީ. އެހެންވީމާ، މިރޮނގުންވެސް އަޅުގަނޑުމެންނަށް ލިބޭ، ވަރަށްބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑުގެ ވާހަކަކޮޅު މާ ދިގުކުރާކަށް ނެތިން.
އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް އިތުރު ހުނަރުވެރިކަމާއި ޤާބިލިއްޔަތު ހޯދުމުގެ މަގު ތަނަވަސްކޮށްދެއްވުން. އަޅުގަނޑުމެންގެ ރާއްޖެ ކިތަންމެކުޑަޔަސް އަދި ރާއްޖެ އޮތީ ތަރައްޤީގެ ހަރުފަތުގައި ކިތަންމެ ފަހަތުގައި ކަމަށްވިޔަސް، ރާއްޖޭގެ ރައްޔިތުން ސަލާމަތްކޮށް، ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފަސޭހަތައް ހޯދައިދިނުމުގެ ގޮތުން އަދި، ރާއްޖެ އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ކުރިއަށް ގެންދިޔުމަށްޓަކައި، އަޅުގަނޑުމެންނަށް އިތުރު މަޢުލޫމާތާއި، އިތުރު ތަޖުރިބާއާއި، އިތުރު ހުނަރުވެރިކަން ޙާޞިލްވާނެ މަގުތައް އެކަލާނގެ ތަނަވަސްކޮށްދެއްވުން. އަދި އެ މަގުތަކުގެ ބޭނުންކޮށްގެން އަޅުގަނޑުމެންގެ މިހާރުގެ ޖީލާއި، އަންނަން އޮތް ޖީލުގެ ސަލާމަތާއި ކުރިއެރުމަށްޓަކައި، ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން.
والسّـلام عليـكم ورحـمة اللّـه وبـركاتـه.