بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، وعلى آلـه وَصَحْبِـهِ أجمعـين.

މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން މާލޭ އެއްގަމުތޮށިލުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ރަސްމީގޮތުން ފަށައިދިނުމަކީ މިއަދު އަޅުގަނޑަށް ލިބުނު ވަރަށް ޚާއްޞަ އުފަލެއް. ތިޔަބޭފުޅުން ދެންމެ ތިޔަ އެއްސެވި ފަދައިން، މި މަޝްރޫޢަކީ ޖަޕާނު ސަރުކާރުގެ އެހީގައި ދިވެހި ސަރުކާރުން ހިންގާ މަޝްރޫޢެއް. މި މަޝްރޫޢަށް ބޭނުންވާ ފައިސާގެ ބޮޑުބައި ހިލޭއެހީގެ ގޮތުގައި ދެއްވަނީ ޖަޕާނު ސަރުކާރުން. ހަމައެއާއެކީގައި، ދިވެހި ސަރުކާރުންވެސް މި މަޝްރޫޢަށް ވަރަށް ބޮޑެތި ޚަރަދުކުރަންޖެހޭ.

އާދެ، މިފަދަ މަޝްރޫޢެއް ހިންގުމުގެ ބޭނުންވެސް ތިޔަބޭފުޅުންނަށް ދެންމެ ވަރަށް ރަނގަޅަށް، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންވެސް ވިދާޅުވެދެއްވައިފި. މާލެއަކީ ރާއްޖޭގެ ވެރިކަންކުރާ ރަށްކަމަށްވެފައި، ރާއްޖޭގައި އޮތް އެންމެ މުހިންމު އިޖްތިމާޢީ އަދި އިޤްތިޞާދީ މަރުކަޒު ކަމަށްވެސް ވެފައި، ސަރުކާރުގެ މުހިންމު ޢިމާރާތްތަކާއި އަދި އަމިއްލަ މީސްމީހުންގެވެސް މުހިންމު ޢިމާރާތްތަކާއި، ތަންތަނާއި ގޯތިގެދޮރު މާލޭގައި ހުރުމާއެކުގައި، އަޅުގަނޑުމެންގެ ރާއްޖެއަށް މިހާރު ކުރިމަތިވަމުން މިއަންނަ ތިމާވެށީގެ މައްސަލަތައް ހުރިގޮތުން، މާލޭގެ ގޮނޑުދޮށްތައް ދިފާޢުކޮށް ޙިމާޔަތްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމަކަށްވާތީ މި މަޝްރޫޢު މިހިންގަނީ.

އާދެ، މިއަދު މިފެށުނީ ވަރަށްބޮޑު މަޝްރޫޢެއްގެ ފުރަތަމަ ފިޔަވަހި. ދެންމެ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސްގެ މިނިސްޓަރުގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، މިމަޝްރޫޢުގައި ހަތަރު ފިޔަވަހި ހިމެނިފައިވޭ. އެ ހަތަރު ފިޔަވަހި ނިމުމުން، އިރާދަކުރެއްވިއްޔާ ވަރަށްބޮޑު ރައްކާތެރިކަމަކާއި ސަލާމަތްކަމެއް މާލެއަށާއި، މާލޭގެ ރައްޔިތުންނަށް ލިބޭނެ.

އާދެ، މިއަދު މިޖަލްސާގައި ވަރަށްބޮޑު ފަޅުކަމެއް އަޅުގަނޑުމެންނަށް ވަނީ އިޙްސާސްކުރަން ޖެހިފައި. އާދެ، އެއީ ސަރުކާރުގެ މިމަސައްކަތް ހިންގަވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާ އާދެ، ޢިއްޒަތްތެރި މިނިސްޓަރ ޢުމަރު ޒާހިރު މިޖަލްސާގައި ވަޑައިގެން ނެތްކަން. އެއީ އެމަނިކުފާނުގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ރާއްޖެއިން ބޭރުގައި މިވަގުތު ހުންނެވީތީ. ކޮންމެއަކަސް، އެ އުނިކަން އަޅުގަނޑުމެންނަށް އިޙްސާސްކުރަންޖެހުނު ކަމުގައިވިޔަސް، މިފަދަ މުނާސަބަތެއްގައި އަލްފާޟިލް ޢުމަރު ޒާހިރަށް ޙައްޤުވެގެންވާ ތަޢުރީފާއި ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން. ތިޔަ އެންމެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ޢުމަރު ޒާހިރަކީ ސަރުކާރަށް ވަރަށް ގިނަ ދުވަސް ވަންދެން ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ވަރަށް މުހިންމު މަޤާމެއްގައި ހުންނަވައިގެން އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. ސަރުކާރުގެ ޚިދުމަތުގައި 40 އަހަރަށްވުރެ ގިނަދުވަސް މިހާރުވެސް ވަނީ ވޭތުކުރައްވާފައި. އަދި މިނިސްޓަރު ކަމުގެ މަޤާމުގައިވެސް މިހާރު 12 އަހަރު ދުވަހު ޚިދުމަތް ކުރައްވައިފި. އޭނާގެ ޚިދުމަތްތަކުގެ ތެރޭގައި، ރަނގަޅު ފެންވަރަކަށް މާލޭގެ މަގުތައް ހެދުމާއި، މާލެއިން ކުނި ނައްތާލުމާއި އަދި މިހާރު މާލޭގެ އެއްގަމުތޮށި އަދި ކަނޑުތޮށި، މިތަންތަންލުމާއި، ބެލެހެއްޓެވުމާއި، ހަމައެހެންމެ، ރާއްޖެތެރޭގެ ރަށްރަށުގެ ފަޅު ފުންކުރުމާއި، މިފަދަ ވަރަށްބޮޑެތި މަސައްކަތްޕުޅުތަކެއް ކޮށްދެއްވަމުން ގެންދަވާ. އެހެންކަމުން، އޭނާ މިޖަލްސާގައި ވަޑައިގެން ނެތްކަމުގެ އުނިކަން އިޙްސާސްކުރަމުން، އަލްފާޟިލް ޢުމަރު ޒާހިރަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، މި މަޝްރޫޢަކީ ޖަޕާނު ސަރުކާރުގެ އެހީގައި ހިންގަމުންގެންދާ މަޝްރޫޢެއް. އެހެންނަމަވެސް، މާލޭގެ އެއްގަމުތޮށިލުމާއި، ކަނޑުތޮށިލުމާއި، އެތަންތަން ބެލެހެއްޓުމަކީ، ސަރުކާރުން ވަރަށް ކުރިއްސުރެ ކުރަމުން އައިސްފައިވާ ކަމެއް. އަދި މިހާރުވެސް ކުރަމުންގެންދާ ކަމެއް. އަދި މުސްތަޤްބަލުގައި ކުރަންޖެހޭނެ ކަމެއްވެސްމެ. އެއީ އަޅުގަނޑުމެންގެ ރާއްޖެ ޠަބީޢީގޮތުން އުފެދިފައިވާ ގޮތުން ކުރަންޖެހޭ މަސައްކަތްތަކެއް. ފަސްގަނޑު ތިރި ޤައުމަކަށްވާތީ އަދި އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ވަރަށް ގަދަވެ، އެ ކަނޑު ގަދަވުމުގެ ސަބަބުން އަޅުގަނޑުމެންގެ ރަށްރަށަށް ރާޅުއަރައި، ވަރަށްބޮޑެތި ގެއްލުންތަކެއް ދޭ ތަނަކަށްވާތީ. އެހެންކަމުން، ވަރަށް ކުރިއްސުރެ ސަރުކާރުން މިމަސައްކަތް މިއަންނަނީ ކުރަމުން. އެހެންނަމަވެސް، މިހާރު ދުނިޔޭގެ ތިމާވެށްޓަށް މިއަންނަމުންދާ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް މިކުރިމަތިވާ ބޮޑެތި މައްސަލަތައް އަޅުގަނޑުމެން އެކަނި ޙައްލުކުރުމަކީ ކުރެވޭވަރުގެ ކަމަކަށްނުވޭ. އެހެންވީމާ، ދިވެހި ސަރުކާރުން އެދުނީ ޖަޕާނު ސަރުކާރުގެ އެހީއަށް. ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން އަދި ޚާއްޞަކޮށް، ކުރިން ދެންނެވި ސަބަބުތަކަށްޓަކައި މާލެއާއި މާލޭގައި ދިރިއުޅޭ މީހުންނާއި، އެމީހުންގެ ގޯތިގެދޮރާއި، ސަރުކާރުގެ ޢިމާރާތްތަކާއި، ބޮޑެތި އިންފްރާސްޓްރަކްޗަރ ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ބައެއްނަމަވެސް، ޖަޕާނު ސަރުކާރުން ކޮށްދެއްވާތޯ އެދުނު އެދުމެއްގެ މަތިން ޖަޕާނު ސަރުކާރުން މިކަން ކޮށްދެއްވަން ނިންމެވީ.

ދިވެހިރާއްޖެއާއި ޖަޕާނާ ދޭތެރޭގައި އޮންނަ ގުޅުމަކީ، ވަރަށް ޚާއްޞަ ގުޅުމެއް. ދެޤައުމުގެ ދޭތެރޭގައި އުފެދިފައިވަނީ ވަރަށް ވަރުގަދަ ރަޙްމަތްތެރި ކަމެއް. ރާއްޖޭގެ އިޖްތިމާޢީ އަދި ތަރައްޤީގެ މަސައްކަތްތަކުގައި ޖަޕާނު ސަރުކާރުން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތަކަކީ ދިވެހި ރައްޔިތުން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރަމުންގެންދާ އަދި މުސްތަޤްބަލުގައިވެސް ފާހަގަކުރާނެ އެހީތަކެއް.

އާދެ، ރާއްޖޭގެ ވަރަށް މުހިންމު، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތައް ހިންގިފައިވަނީ ޖަޕާނު ސަރުކާރުގެ އެހީގައި. އޭގެތެރޭގައި، ރާއްޖޭގެ 15 އަތޮޅެއްގައި 15 ސްކޫލް ޢިމާރާތްކޮށްދެއްވުމާއި އަދި އަޅުގަނޑުމެންގެ ޓެލެކޮމިއުނިކޭޝަން ނިޒާމު ތަރައްޤީކުރުމުގައި ތަފާތު ފިޔަވަހިތަކަކަށް ބެހިގެން ޖަޕާނު ސަރުކާރުގެ އެހީގައި ހިންގިފައިވާ ބޮޑެތި، ޚަރަދުބޮޑު މަސައްކަތްތަކާއި އަދި އަޅުގަނޑުމެން މި ޖަލްސާކުރަމުން މިގެންދާ ސޯޝަލް އެޑިޔުކޭޝަން ސެންޓަރ ޢިމާރާތްކުރުމާއި، މާލޭ ކަލާފާނު ސްކޫލް ޢިމާރާތްކުރުމާއި، މިހެންގޮސް ރާއްޖެއަށް ބޭނުންވާ، ވަރަށް ބޮޑެތި މަޝްރޫޢުތައް މިހާރު ހިންގިފައި މިވަނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި. ހަމައެއާއެކީގައި، މާލޭގެ ދެކުނު ފަރާތުގައި ލެވިފައިވާ ކަނޑުތޮށި މިހާރު ލެވިފައިވާގޮތަށް ލެވިފައި އެވަނީވެސް ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި. ހަމައެހެންމެ، ރާއްޖެއަށް ބޭނުންވާ އެހެން ކަންތައްތަކުގައިވެސް ޖަޕާނު ސަރުކާރުން ވަރަށްބޮޑެތި އެހީތައް ވެދެއްވަމުން ގެންދަވާ. އޭގެއިތުރުން، ޖަޕާނުގެ ވޮލަންޓިއަރުން އަޅުގަނޑުމެންގެ ތެރޭގައި ޚިދުމަތް ކުރައްވަމުން އެބަ ގެންދަވާ، ވަރަށްގިނަ ދާއިރާތަކުގައި. އެހެންކަމުން، މިހުރިހާ އެހީތަކަކީ އެކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޖަޕާނު ސަރުކާރަށް ޙައްޤުވެގެންވާ ޝުކުރު ރައްދުކުރާ އެހީތަކެއް.

އާދެ، މިމަޝްރޫޢުގެ މަސައްކަތް ކުރަމުންގެންދާ ފަރާތަކީވެސް އަޅުގަނޑުމެންނަށް ބީރައްޓެހި ފަރާތެއް ނޫން. އާދެ، ތައިސޭ ކޯޕަރޭޝަނަކީ ރާއްޖޭގައި މިހާރުވެސް ވަރަށްގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ ބައެއް. އެމީހުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ޓެލެކޮމިއުނިކޭޝަންސް ޢިމާރާތްކޮށްދިނުމާއި، މާލޭގެ، ކުރިން ދެންނެވި ކަނޑުތޮށިލުމާއި، ފިޝަރީޒް ޕްރޮމޯޝަން ޕްރޮޖެކްޓްގެވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރުމާއި، މިކަހަލަ ކިތަންމެ ކަމެއްވަނީ ކޮށްދީފައި. އެހެންވީމާ، އެމީހުންގެ މަސައްކަތުގެ ފެންވަރު އަޅުގަނޑުމެންނަށް އެނގިފައި އޮތުމާއެކީގައި، މިއަދު މިފެށުނު މަޝްރޫޢުގެ މަސައްކަތްވެސް ވަރަށް ހަލުވިކޮށް އަދި ވަރަށް ރަނގަޅު ފެންވަރެއްގައި އެމީހުން ކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް ލިބިފައި އެބައޮތް.

އާދެ، ދުނިޔޭގެ ތިމާވެށްޓަށް މިހާރު މިއަންނަމުންދާ ބަދަލުތަކަކީ، އެކަމާ ދޭތެރޭގައި އަޅުގަނޑުމެންފަދަ ޖަޒީރާ ޤައުމުތަކުން ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެއް. ތިމާވެށްޓާ ގުޅިފައިވާ، ވަރަށް ގިނަ މައްސަލަތައް އަޅުގަނޑުމެންނަށް ކުރިމަތިވަމުންދޭ. ފަރުތައް ހަލާކުވެގެންދިޔުން، ގޮނޑުދޮށްތައް ގިރުން، އަދި މޫސުމަށް އަންނަ ބަދަލުތަކާއި، ޖައްވު ހޫނުވަމުންދިޔުމުގެ ސަބަބުން، ސައިންޓިސްޓުން ބުނާގޮތުންވިއްޔާ، ކަނޑުގެ ލޮނުގަނޑު އުސްވަމުންދާ އުސްވުން. މިކަންތައްތަކުގެ ސަބަބުން ރާއްޖެފަދަ ފަސްގަނޑު ތިރި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ މައްސަލަތަކަކީ، އަޅުގަނޑުމެން އަމިއްލައަށް ޙައްލުކުރެވޭވަރަށްވުރެ މާބޮޑެތި މައްސަލަތަކެއް. އެހެންކަމުން، މުޅި ދުނިޔޭގެ ސަމާލުކަމަށް އަޅުގަނޑުމެން ފަދަ ޤައުމުތަކުން މިދަނީ ގޮވާލަމުން. އަދި އަޅުގަނޑުމެން މިގޮވާލާ ގޮވާލުމަށް ދުނިޔެއިން އިޖާބަދެމުންވެސް އެބަގެންދޭ. ދުނިޔޭގެ ފެންވަރުގައި އެކިއެކި ޖަލްސާތައް ބޭއްވި، އެކިއެކި ކޮންވެންޝަންތައް ކުރެވި އަދި އެކިއެކި ޕްރޮޓޮކޯލްތައްވެސް އެއްބަސްވެވި، މިދެންނެވި ކޮންވެންޝަންތަކާއި، ޕްރޮޓޮކޯލްތަކުގައިވާ ގޮތުގެމަތިން، ދުނިޔޭގެ ޤައުމުތަކުން ޢަމަލުކުރަމުން އެބަގެންދޭ.

އެހެންވީމާ، އަޅުގަނޑުމެން، އަޅުގަނޑުމެން އަމިއްލައަށް ކުރަންޖެހޭ ކަންތައްތައްވެސް އެކަންކަމަށް ދޭންޖެހޭ އަހަންމިއްޔަތަށް އިސްކަންދީގެން ކުރަމުން ގެންދިޔުމަކީ ހަމަ ކޮންމެހެން ބޭނުންކަމެއް. އެހެން މިދެންނެވީ، ދުނިޔޭގެ އެހެން ޤައުމުތަކުން އެ ކުރާ މަސައްކަތްތަކުގެ ސަބަބުން، މުޅި ދުނިޔޭގެ ތިމާވެށްޓަށް މުސްތަޤްބަލުގައި އެދެވޭ ބަދަލުތަކެއް އައިކަމުގައިވިޔަސް، އަޅުގަނޑުމެންގެ ރާއްޖެއަށް ދިމާވާ މައްސަލަތަކުގައި އެންމެ ފުރަތަމަ ސަފުގައި މަސައްކަތް ކުރަންޖެހޭނީ އަޅުގަނޑުމެންނަށް. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް މަސައްކަތްކުރިވަރަކުން އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރެވޭނީ. މިއީ އެއްވެސް ޝައްކެއްއޮތްކަމެއް ނޫން.

ތިމާވެށްޓާ ބެހޭގޮތުން މުޅި ދުނިޔެ މިހާރު ވިސްނަމުންގެންދާ އެންމެބޮޑު ކަމަކީ، ދެމެހެއްޓެނިވި ތަރައްޤީއޭ، އެބުނާ ގޮތުގެމަތިން ކަންތައްތައް ތަރައްޤީކުރަމުން ގެންދިޔުން. އާދެ، ދެމެހެއްޓެނިވި ތަރައްޤީއަކީ ޤައުމުތަކުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ސަބަބުން، އެޤައުމުތަކުގެ ތިމާވެށްޓަށް ނުވަތަ އެޤައުމުތަކުގައިވާ ޤުދްރަތީ މުއްސަނދިކަމުގެ ވަސީލަތްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، އެ ތަރައްޤީގެ މަސައްކަތްތައް ކުރަމުން ގެންދިޔުން. މިއީ ޝައްކެއްނެތް ގޮތުގައި، ވަރަށް މުހިންމު ކަމެއް. މިކަމަށް ސަމާލުކަން ނުދީފިނަމަ ވާގޮތަކީ ކޮންމެ ޤައުމަކަށްވެސް ލިބިފައިވާ ޤުދްރަތީ މުއްސަނދިކަމުގެ ވަސީލަތްތައް ނެތިގެންދަނީ. އަންނަން އޮތް ޖީލުތަކަށް ލިބެންޖެހޭ ޙިއްޞާ އެމީހުންނަށް ނުލިބި، އެ ޙިއްޞާއިން އެމީހުން މަޙްރޫމްވެގެންދަނީ. އަދި ނަތީޖާއެއްގެ ގޮތުން، މުޅި ދުނިޔެއަށްވެސް ތަފާތު ބޮޑެތި ބަދަލުތައް އަންނަމުންދަނީ.

އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައި މިކުރާ އިޤްތިޞާދީ ތަރައްޤީގެ މަސައްކަތްތަކުގައިވެސް ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލަށް ވަރަށްބޮޑު އަހަންމިއްޔަތެއް މިއަދުވަނީ ދޭންޖެހިފައި. އަޅުގަނޑުމެން އެ ކުރާ މަސައްކަތަކީ މަސްވެރިކަން ކަމުގައިވިޔަސް ނުވަތަ ޓޫރިޒަމް ކަމުގައިވިޔަސް ނުވަތަ އެނޫން އެހެން މަސައްކަތެއް ކަމުގައިވިޔަސް، ދެމެހެއްޓެނިވި ތަރައްޤީއަށް ވަރަށްބޮޑު ސަމާލުކަމެއް ދީގެންނޫނީ އެކަން މިހާރު ކޮށްގެންވާކަށް ނެތް. އެކަން އެގޮތަށް ކޮށްފިނަމަ، އޭގެ ނުބައި ނަތީޖާތައް ވަރަށް އަވަހަށް އަޅުގަނޑުމެންނަށް ފެންނަން ފަށާނެ. އެހެންވީމާ، މިމުނާސަބަތުގައިވެސް އެއުޞޫލަށް އަޅުގަނޑުމެން އިސްކަންދިނުމުގެ މައްޗަށް ބުރަވާންޖެހޭކަމަށް އަޅުގަނޑު ދަންނަވާލަންޖެހޭ.

އާދެ، ކޮންމެގޮތަކުން ބެލިނަމަވެސް މިއަދު މި ރަސްމީގޮތުން ފެށުނު މަޝްރޫޢަކީ މާލެއަށް ވަރަށް ބޭނުންތެރި، ވަރަށް މުހިންމު މަޝްރޫޢެއް. އެކަމުގައި ޖަޕާނު ސަރުކާރުގެ ހިލޭ އެހީ އަޅުގަނޑުމެންނަށް ދެއްވިކަމަށްޓަކައި ޖަޕާނު ސަރުކާރަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، ޖަޕާނު ސަރުކާރުގެ ތަފާތު އޭޖެންސީތަކުން އަޅުގަނޑުމެންގެ ތަރައްޤީގައި އެ ކުރައްވާ މަސައްކަތްތަކަށްޓަކައި އެފަރާތްތަކަށްވެސް ޝުކުރު ދަންނަވަން. ޚާއްޞަކޮށް "ޖައިކާ". ޖައިކާއަކީ ޖަޕާނުގެ، ބޭރުގެ އެހީ ހަމަޖައްސަވާ އަދި އެ ހަމަޖެހިފައިވާ އުޞޫލުތަކުގެ މަތިން އެކިއެކި ޤައުމުތަކަށް ފޯރުވައިދޭން މަސައްކަތްކުރާ ޖަމާޢަތް. ޖައިކާގެ އެހީ ރާއްޖެއަށް ވަރަށްބޮޑަށް ލިބެމުންދަނީ. ހަމައެހެންމެ، ޖަޕާނުގެ ތަފާތު ކުންފުނިތަކުންވެސް ރާއްޖެއަށް އައިސް އެ ކުރާ މަސައްކަތްތަކުގެ ސަބަބުން، އަޅުގަނޑުމެންގެ ތަރައްޤީއަށް ވަރަށްބޮޑު ކުރިއެރުމެއް ލިބެމުން އެބަދޭ. އެހެންކަމުން، އެ ހުރިހާ ފަރާތްތަކަކަށް ޙައްޤުވެގެންވާ ޝުކުރު ދަންނަވަމުން އަދި މިއަދު މިފެށުނު މަޝްރޫޢުގެ ސަބަބުން މާލެއަށް އިތުރު ސަލާމަތްކަމާއި ރައްކާތެރިކަން ލިބުމަށް އެދި މާތްﷲގެ ޙަޟްރަތަށް ދުޢާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّلام عليكم ورحمـة اللّـه وَبَرَكاتُه.