بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى خاتم الأنبياء والمرسلين، وعلى آلـه وصحـبه أجمعـين.

އާދެ، މިރޭ އަޅުގަނޑުގެވެސް އެންމެ އިސް ވާޖިބަކީ އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ޖުމްހޫރިއްޔާއަށް 26 އަހަރު ފުރުމުގެ މުނާސަބަތުގައި އަދި އެއާވިދިގެން މިއައި ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީގައި، ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން. އަޅުގަނޑުގެ މި ތަހުނިޔާއާއި ހެޔޮއެދުންތަކުގައި، މިޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރި ބޭފުޅުންނާއި، އަޅުގަނޑުގެ ލޮބުވެތި އުޚުތުންނާއި އަޚުން ޝާމިލްކުރަން. ހަމައެފަދައިން، މިޖަލްސާގެ އަޑުއައްސަވާ އަދި މިޖަލްސާ ހިނގަމުންދާގޮތް ބައްލަވަމުން ގެންދަވާ، ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ދުވަހުގެ މުނާސަބަތުގައި ހެޔޮއެދުންތައް ފޮނުވަން.

އާދެ، ޖުމްހޫރީ ވެރިކަމާ ބެހޭގޮތުން ވަރަށް އަގުހުރި ވާހަކަކޮޅެއް ދެންމެ އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. ޖުމްހޫރީ ވެރިކަމަކީ ކޮބައިކަމާއި، ޖުމްހޫރީ ވެރިކަން ހިނގަނީ ކިހިނެއްކަމާއި، އަދި އަޅުގަނޑުމެންގެ ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެން ހިނގަމުން އައިސްފައިވާގޮތާއި، އަޅުގަނޑުމެންގެ ސިޔާސީ ނިޒާމާ ބެހޭގޮތުން އަޅުގަނޑުމެންނަށް ވަރަށް ފައިދާހުރި މަޢުލޫމާތުކޮޅެއް އަޅުގަނޑުމެންގެ އެޓަރނީ ޖެނެރަލް ޑޮކްޓަރ މުޙަންމަދު މުނައްވަރު ދެއްވައިފި.

ޝައްކެއްނެތް، ޖުމްހޫރީ ވެރިކަމަކީ އޭގެ ލަފްޒުންވެސް ދޭހަވާގޮތުގައި، ރައްޔިތުންގެ ވެރިކަން. ޢަރަބި ބަހުގައި "ޖުމްހޫރު" އެއީ ރައްޔިތުން. އެހެންކަމުން، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންނަށް ނިސްބަތްވާ، ރައްޔިތުން އިންތިޚާބުކުރާ ބަޔަކު ރައްޔިތުން އެދޭގޮތަށް ހިންގާ ވެރިކަމެއް. މިފަދަ ވެރިކަމެއް ރާއްޖޭގައި ޤާއިމުވެގެން މިފަހަރު ހިނގާތާ 26 އަހަރު ފުރިގެން މިދިޔައީ. އެ 26 އަހަރަކީ އަޅުގަނޑުމެންނަށް ތަފާތު ތަޖުރިބާތަކެއް ގެނެސްދީފައިވާ 26 އަހަރު. އެ ތަޖުރިބާތަކުގެ އަލީގައި އަޅުގަނޑުމެން ކުރިއަށްދާންވީ މިޞްރާބާއި، ކުރިއަށްދާންވީގޮތާއި، އަޅުގަނޑުމެންގެ ހިތުގައި އުފައްދަންވީ ޢަޒުމްތަކާ، މިހުރިހާ ކަމެއް އަޅުގަނޑުމެންނަށްވަނީ ގެނެސްދީފައި. އާދެ، ޖުމްހޫރީ ވެރިކަމާ ބެހޭގޮތުން ވާހަކަ ދައްކާއިރު، ދުނިޔޭގެ އެކި ޤައުމުތަކުގައި ވެރިކަން ހިނގަމުންދަނީ އެކިގޮތަށްކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭ. ޖުމްހޫރީ ވެރިކަމަކީ ޑިމޮކްރަސީ އުޞޫލުން ހިންގާ ޤައުމުތަކުގައި އޮންނަ ތަފާތު ބާވަތްތަކުގެ ވެރިކަންތަކުގެ ތެރެއިން އެއްވައްތަރު، ނުވަތަ އެއްބާވަތް. އެހެން މިދެންނެވީ، ޑިމޮކްރަސީ އުޞޫލުން ހިންގާ ތަންތާނގައި އަދިވެސް ރަސްކަން ހިންގާ ތަންތަން ދުނިޔޭގައި އެބަހުރި. އަދި ޖުމްހޫރީ ވެރިކަން ހިންގާ ތަންތާނގައި ތަފާތު ނިޒާމުތައް ޤާއިމުވެފައިވޭ. އެމެރިކާއަކީ ޖުމްހޫރިއްޔާއެއް. އިންޑިޔާއަކީ ޖުމްހޫރިއްޔާއެއް. ޕާކިސްތާނަކީ ޖުމްހޫރިއްޔާއެއް. ފަރަންސޭސިވިލާތަކީ ޖުމްހޫރިއްޔާއެއް. މިހެންގޮސް ދުނިޔޭގައި ޖުމްހޫރީ ވެރިކަން ހިންގާ ވަރަށްގިނަ ޤައުމުތަކުގެ އަޑު އަޅުގަނޑުމެން އަހަމު. އެތަންތާނގެ ނަން އަޅުގަނޑުމެން ދަންނަމު. އެހެންނަމަވެސް، ދެންމެ ޑޮކްޓަރ މުނައްވަރު އެ ވިދާޅުވިފަދައިން، އޭގެތެރެއިން ދެތަނެއްގައި ހިނގަނިއްޔަކީ އެއްކަހަލަ ވެރިކަމެއް ނޫން. ޙަޤީޤަތުގައި ޑިމޮކްރަސީއަކީ އުޞޫލެއް. އެ އުޞޫލު ޤާއިމުކުރުމަށްޓަކައި ތަފާތު ތަންތާނގައި ތަފާތު ނިޒާމުތައް ގެންގުޅެވިދާނެ. އަޅުގަނޑުމެންގެ ރާއްޖޭގައި މިގެންގުޅެނީ އަޅުގަނޑުމެންނަށް އެންމެ އެކަށީގެންވާ، އަޅުގަނޑުމެންގެ ތާރީޚާއި، އަޅުގަނޑުމެންގެ އާދަކާދަތަކާއި، އަޅުގަނޑުމެން ޤަބޫލުކުރާ އުޞޫލުތަކާއި އަޅުގަނޑުމެންގެ ރައްޔިތުން އެދޭގޮތާ އެންމެ ކައިރިކުރާ ނިޒާމު. އާދެ، ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް އޮންނަންޖެހޭނީ އެފަދަ ނިޒާމެއް. ރާއްޖޭގައި މިހިނގާ ޖުމްހޫރީ ވެރިކަމުގެ ނިޒާމަކީ، ފަހަރެއްގައި ދުނިޔޭގެ އެހެން ތަނެއްގައި ހިނގުން އެކަށީގެންވާ ނިޒާމަކަށްނުވެ ހިނގައިދާނެ. މީހުން އެންމެ ބޭނުންވާގޮތަށް ހިނގާ ނިޒާމެއް ހިނގަމުންދާނީ އެބައެއްގެ ޤައުމުގައި. އެހެންނަމަވެސް، ވަކި އުޞޫލަކަށްޓަކައި ޖުމްހޫރީ ވެރިކަން ނުވަތަ ޑިމޮކްރަސީ ހިންގަމުން މިގެންދަނީ. އާދެ، އޭގެ ބޭނުމަކީ ރައްޔިތުން އެދޭގޮތަށް ކަންތައްތައް ކުރަމުން ގެންދިޔުން. ރައްޔިތުން އެދޭ ބަޔަކު ވެރިކަމުގައި ތިބުން.

އާދެ، އެހެންވީމާ، އެބަ އެނގޭ، ޑިމޮކްރަސީ އުޞޫލު ހިންގާ ކޮންމެ ތަނެއްގައި އަދި ޚާއްޞަކޮށް، ޖުމްހޫރީ ވެރިކަމެއް ހިންގާ ކޮންމެ ތަނެއްގައި އޮންނަންޖެހޭނީ ރައްޔިތުން އިޚްތިޔާރުކުރާ، ރައްޔިތުން ހޮވާ ސަރުކާރެއްކަން. ރާއްޖޭގައިވެސް، އިރާދަކުރެއްވީތީ އެކަން މިއޮތީ އެހެން. ކޮންމެ ފަސްއަހަރަކުން އެއްފަހަރު ރާއްޖޭގެ ރައްޔިތުން އެމީހުން އަމިއްލަ ރުހުމުގައި، އަމިއްލަ އިޚްތިޔާރުގައި، އެމީހުންގެ އެންމެ އިސްވެރިޔަކަށް ހުންނާނެ މީހަކު އެބަހޮވާ. އަދި ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެމީހަކަށް އެހީތެރިވެދޭނެ ވަޒީރުންގެ މަޖިލީހެއް އެމީހަކު އެބަ ޢައްޔަންކުރޭ. ހަމައެފަދައިން، ރާއްޖޭގެ ރައްޔިތުން، އެމީހުންގެ ފަރާތުން ވަކާލާތު ކުރާނެ، އެމީހުންގެ ފަރާތުން ޤާނޫނުތައް ހަދާނެ މަޖިލީހެއް އާދެ، ރައްޔިތުންގެ މަޖިލިސް އެބަ އިންތިޚާބުކުރޭ. އެހެންކަމުން، ރާއްޖޭގައި މިހިނގަނީ މިހުރިހާ ރޮނގަކުން ބަލާއިރުވެސް، ޑިމޮކްރަސީގެ ވެރިކަމެކޭ ދެންނެވުމަކީ، ފަހަރެއްގައިވެސް ޙަޤީޤަތާ ޚިލާފުވުމެއްނޫން.

ކުރިންވެސް ދެންނެވިފަދައިން، ޑިމޮކްރަސީގެ އަޞްލަކީ އަދި ޖުމްހޫރީ ވެރިކަމުގެ އަޞްލަކީވެސް ރައްޔިތުން އިންތިޚާބުކުރާ ވެރިކަމެއް. ރައްޔިތުން ބޭނުންވާގޮތަށް ކަންތައްތައް ގެންދާގޮތަށް ހަމަޖެހިފައިވާ ވެރިކަމެއް އެޤައުމެއްގައި ޤާއިމުވެފައި އޮތުން. މިއުޞޫލުން ރައްޔިތުން އިޚްތިޔާރުކުރާ ސަރުކާރެއް ދެމިއޮންނާނީ ވަކި މުއްދަތަކަށް. އެމުއްދަތު އޮންނަނީ އެޤައުމެއްގެ ޤާނޫނުގައި ކަނޑައެޅިފައި. އަޅުގަނޑުމެންގެ ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ ޤާނޫނީ މުއްދަތަކީ 5 އަހަރު. ދުނިޔޭގެ އެހެން ތަންތާނގައި، މިއާ ތަފާތު ގޮތްގޮތަށް އެބަހުރޭ. ބައެއް ތަންތާނގައި 4 އަހަރު، އަނެއްބައި ތަންތާނގައި 6 އަހަރު ނުވަތަ 7 އަހަރު، އެހެން އެބަހުރޭ. އެއީވެސް ކުރިން ދެންނެވިފަދައިން، އެތަނެއްގެ މާޙައުލާއި، އެތަނެއްގެ ސިޔާސީ ނިޒާމާއި އަދި ރައްޔިތުން އެދޭގޮތާ އެންމެ ކައިރިކުރާ ގޮތަކަށް ހަމަޖެހިފައި އޮންނަ ކަމެއް. އާދެ، 5 އަހަރު ދުވަހުގެ ތެރޭގައި، ސަރުކާރުން ކުރާ ކަންތައްތައް އެއީ ރައްޔިތުން ނުރުހޭ އަދި ރައްޔިތުންގެ ތާއީދު ނުލިބޭ ކަންތައްތަކެއް ކަމުގައިވަނީނަމަ، ދެން އަންނަ 5 އަހަރަކަށް، ކުރިންހުރި ރައީސަކު ނުހޮވޭނެ. އަދި ރައްޔިތުން އެފަދަ މީހަކު ހޮވައިގެންވެސް ނުވާނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޤާނޫނު ބުނާގޮތުން، އެ ވެރިކަމުގައި ހުންނަ މީހަކު އެކަންތައްތައް ކުރަނީ ރައްޔިތުން އެދޭގޮތަށް ކަމުގައިވަނީނަމަ، އެމީހަކު ކުރިއަށް އޮތް އެހެން ދައުރަކަށް ނުވަތަ ދައުރުތަކަކަށް އިންތިޚާބުކުރުމުގެ ޙައްޤަކީ ހަމަ ރައްޔިތުންނަށް ލިބިފައިވާ ޙައްޤެއް. އެގޮތުގެމަތީން މިހާރު ވެރިކަމުގައި މިހުރިމީހާ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން ހަތަރުވަނަ ފަހަރަކަށް މިވަނީ އިންތިޚާބު ކުރައްވާފައި. މިކަމުން އަޅުގަނޑަށް ލިބޭ ހިތްވަރު ވަރަށްވެސް ބޮޑު. އަޅުގަނޑުގެ ހިތުގައި މިކަމަށްޓަކައި ރައްޔިތުންނާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމާއި ލޯތްބަކީ ބަސްތަކަކުން ދަންނަވައިލެވޭވަރުގެ އެއްޗެއް ނޫން.

އާދެ، ވިދިވިދިގެން ހަތަރުފަހަރު އެއް ސަރުކާރެއް ހޮވިގެންދިޔުމަކީ، ރައްޔިތުން އަޅުގަނޑު މިކުރާ މަސައްކަތް ނުވަތަ އަޅުގަނޑު ހޮވާ ސަރުކާރުން އަޅުގަނޑާ އެހީތެރިވެލައްވާ ބޭފުޅުން ރައްޔިތުންގެ ޚިދުމަތުގައި އެކުރައްވާ މަސައްކަތްތައް ރައްޔިތުން ޤަބޫލުކުރައްވައި، ރައްޔިތުން އޭގެ އަގުވަޒަންކުރައްވައި، އެކަމަށް ތާއީދުކުރައްވާ ކަމުގެ ހެތްކެއް. އާދެ، ކޮންމެއަކަސް މިކަން މިހިނގަނީ ދިމިޤްރާޠީ އުޞޫލުން ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް. އަދި އަޅުގަނޑުމެންގެ ޖުމްހޫރީ ނިޒާމު ތަންދޭ ގޮތުގެ މަތިން.

އާދެ، އަޅުގަނޑުމެންގެ ޖުމްހޫރީ ދުވަހުގެ އިޙްތިފާލުގައި، އަޅުގަނޑުމެންގެ ރާއްޖެއަށް ތަފާތު ރޮނގުރޮނގުން ޚިދުމަތްކޮށްދެއްވާ ބޭފުޅުންނަށް އިނާމު ދިނުން މިއީ މިހާރު އާދައަކަށްވެގެން ހިނގަމުން އަންނަ ކަމެއް. މިރޭގެ މިއުފާވެރި އިޙްތިފާލުގައިވެސް، ދިވެހި ޤައުމަށް ތަފާތު ރޮނގުރޮނގުން ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުންކޮޅަކަށް، އެބޭފުޅުންނަށް ޙައްޤުވާ އިނާމު އެރުވުން އިރާދަކުރެއްވިއްޔާ އޮންނާނެ. އާދެ، އެ އިނާމަށް އަޅުގަނޑުމެން މިކިޔާ ނަމަކީ ޢާންމު ޚިދުމަތުގެ އިނާމު. ޢާންމު ޚިދުމަތުގެ އިނާމުގެ ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅަކާއި، އަދި ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަންނަވާ 18 ބޭފުޅަކަށް، މިރޭގެ ޖަލްސާއިން އެބޭފުޅުންނަށް ޙައްޤުވާ އިނާމުތައް ލިބިވަޑައިގަންނަވާ މަންޒަރު ދުށުމަކީ، އަޅުގަނޑަށްވެސް އަދި އަޅުގަނޑުހިތުން ތިޔަބޭފުޅުންނަށްވެސް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފަލަކަށްވާނެ. އެހެންކަމުން، ދިވެހި ޤައުމަށް، ދިވެހި މުޖްތަމަޢަށް، އެކި ރޮނގުރޮނގުން ޚިދުމަތް ކުރެއްވުމުގެ ސަބަބުން އެބޭފުޅުންނަށް ޙައްޤުވާ އިނާމު ލިބިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހްނިޔާ ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

މިދެންނެވި ޢާންމު ޚިދުމަތުގެ އިނާމުގެ އިތުރަށް، ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި ކޯސްތަކުގައި 1 ވަނަ ހޯދާ ކުދިންނަށް، އަދި ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި މައުރަޒުތަކާއި، މުބާރާތްފަދަ ކަންކަމުގައި ރާއްޖެއަށް ރީތިނަން ހޯއްދަވައިދެއްވާ ބޭފުޅުންނަށްވެސް ސަރުކާރުން ޚާއްޞަ އިނާމެއް ދޭގޮތަށްވަނީ ހަމަޖެހިފައި. އެގޮތުން، މިރޭ 10 ބޭފުޅަކަށް އެ އިނާމު ލިބިވަޑައިގަންނަވާކަން ވަރަށް އުފަލާއެކު އަޅުގަނޑު ފާހަގަކުރަން. އަދި އެ އިނާމު ލިބިވަޑައިގަންނަވާ 10 ބޭފުޅުންނަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތަހުނިޔާއާއި މުބާރަކްބާދީ ރައްދުކުރަން.

ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް. ރައްޔިތުންގެ ވެރިކަމަކީ މަސްއޫލިއްޔަތުތަކަކާއި ޙައްޤުތަކެއް އެކުލެވިގެންވާ ވެރިކަމެއް. މިކަމަކީ، ވެރިކަން ހިންގަން ތިބޭ މީހުންނާއި، ރައްޔިތުން ހަނދާންކުރަންޖެހޭނެ ކަމެއް. ކޮންމެ ބަޔަކުވެސް، އެބައެއްގެ ވާޖިބުތައް ފުރިހަމައަށް އަދާކުރަމުން ގެންދަނީކަމުގައިވަނީނަމަ، ޤައުމު ދެކޭނީ އަމާންކަމާއި ޞުލްޙަމަޞްލަޙަތު ހަމަޖެހިފައިވާ ދުވަސްތަކެއް. ތަރައްޤީއާއި ކުރިއެރުމުގެ މަގުތައް ފަހިވެފައިވާ ދުވަސްތަކެއް.

ވޭތުވެދިޔަ އަހަރު ރާއްޖޭގެ ރައީސްކަމާ ހަތަރުވަނަ ފަހަރަކަށް އަޅުގަނޑު ޙަވާލުވުމާ ގުޅިގެން ރައްޔިތުންނާ މުޚާޠަބުކޮށް ދެއްކި ވާހަކައިގައި، މިހިނގާ ދައުރުގައި ވަރަށްބޮޑު ސަމާލުކަމެއް ދޭން އަޅުގަނޑު ޤަޞްދުކުރާ ކަންތައްތަކެއްގެ ވާހަކަ ވާނީ ދަންނަވާލެވިފައި. އޭގެތެރެއިން އެއްކަމަކީ، ރާއްޖޭގެ ސިޔާސީ ނިޒާމު އިތުރަށް ހަރުދަނާކުރުން. އާދެ، އެކަން ހިނގަމުން އެބަދޭ. އެއީ، ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ އެކަމުގެ އެންމެ މުހިންމު ވަސީލަތް ކަމަށްވާހިނދު، ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތްތައް މިއަހަރުވެސް ކުރިއަށް އެބަދޭ. އަދި އިރާދަކުރެއްވިއްޔާ މިއަހަރުގެ ދެންއޮތް ތާނގައިވެސް އެމަސައްކަތް ކުރިއަށްދާނެ. އެހެންނަމަވެސް، ކުރީފަހަރުފަހަރުވެސް އަޅުގަނޑަށް ދަންނަވަން ޖެހިފައިވާ ފަދައިން، އެމަސައްކަތަކީ ވަރަށްބުރަ، ވަރަށް މުހިންމު މަސައްކަތަކަށްވާތީ، އަޅުގަނޑުމެން އެދޭހާ ހަލުވިކޮށް އެކަންތައް ގެންދެވޭގޮތް ނުވަނީ.

އާދެ، ދެން އަޅުގަނޑު ދަންނަވާލި އަނެއް ވާހަކައަކީ، ރާއްޖޭގައި ހިނގަމުންދާ ޑިމޮކްރެޓިކް އުޞޫލު ހަރުދަނާކުރުމުގެ މަސައްކަތް ކުރާނެ ވާހަކަ. މިމަސައްކަތްވެސް ހިނގަމުން އެބަދޭ.

އަޅުގަނޑުގެ ވާހަކައިގައި ބައެއް ކަންތައްތަކަށް އިޝާރާތްކުރަން ޤަޞްދުކުރަން. ހަމައެފަދައިން، މިދައުރުގައި ޝަރްޢީ ނިޒާމު އިތުރަށް ހަރުދަނާކުރުމަކީވެސް ސަރުކާރުން ވަރަށް މުހިންމު އިސްކަމެއްދޭނެ ކަމެއްކަމުގައިވާނީ މީގެ ކުރީ އަހަރު ދަންނަވާލާފައި. އިރާދަކުރެއްވީތީ އެކަންވެސް އެބަ ހިނގާ. އެކަމާބެހޭ ބައެއް ތަފްޞީލުވެސް މިރޭ އަޅުގަނޑު ތިޔަބޭފުޅުންނަށް، އިރާދަކުރެއްވިއްޔާ އަރުވާނަން. ހަމައެހެންމެ، އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން އިތުރު ތަރައްޤީ ހޯދުމަށް މަސައްކަތް ކުރުމަކީވެސް މިދައުރުގައި ވަރަށް މުހިންމު ސަމާލުކަމެއް ސަރުކާރުން ދޭނެ ކަމެއް ކަމުގައި ވާނީ ދަންނަވާލާފައި. އިރާދަކުރެއްވީތީ އެމަސައްކަތްވެސް ކުރިއަށް އެބަދޭ. އަދި އޭގެ ހެޔޮ ނަތީޖާތައް ފެންނަމުންދާ ވާހަކަވެސް އިރާދަކުރެއްވިއްޔާ މިރޭގެ އަޅުގަނޑުގެ ވާހަކައިގައި ކޮންމެވެސްވަރަކަށް ދަންނަވާލާނަން.

އާދެ، އަޅުގަނޑުމެންގެ ސިޔާސީ ނިޒާމު ހަރުދަނާކުރުމާ ބެހޭގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، ވެރިކަން ހިންގުމުގެ ބާރުތައް ބަހާލުން އެއީ ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭނެ ކަމެއް. ވެރިކަމުގެ ބާރުތައް އެކެއްގެ އަތުގައި އޮތުމަށްވުރެ އެބާރުތައް، މަސްއޫލިއްޔަތު އުފުލާ ތަފާތު ފަރާތްތަކަކަށް ބެހިފައި އޮތުމަކީ ޑިމޮކްރަސީ ހިންގާ ތަންތާނގައި ޢަމަލުކުރަމުން އަންނަ އުޞޫލެއް. އަދި އެއީ ޑިމޮކްރަސީ އިތުރަށް ހަރުދަނާކުރުމަށްޓަކައި ބޭނުންވެފައިވާ ކަމެއްވެސްމެ. އެހެންކަމުން، ރާއްޖޭގައިވެސް އެކަން އެގޮތަށް ކުރުމަށް ޤަޞްދުކުރެވި، މިހާރުވަނީ އޭގެތެރެއިން ބައެއް ކަންތައްތައް ކުރެވިފައި.

އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ވަޒީރުންނަށް ކުރިން އޮތް ބާރުތަކާއި އިޚްތިޔާރުތަކުގެ އިތުރުން މިހާރުވަނީ ވަރަށްގިނަ ބާރުތަކާއި އިޚްތިޔާރުތައް އެރުވިފައި. އަދި ކޮންމެ ވަޒީރަކުމެ، އެބޭފުޅަކު އެހިންގަވާ ވުޒާރާގެ ކަންތައްތައް ހިންގެވުމުގައި، އެބޭފުޅެއްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވާގޮތަށް ހަމަޖެހި، ދައުލަތުގެ ސިޔާސަތާއި، ދައުލަތުން ގެންގުޅޭ ޢާންމު އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެކަންތައްތައް ހިންގެވުމުގެ ފުރިހަމަ އިޚްތިޔާރު އެބޭފުޅުންނަށްވަނީ އެރުވިފައި. އަދި ސަރުކާރުގެ ކޮންމެ ތަނެއްވެސްވަނީ މިހާރު ކޮންމެވެސް މިނިސްޓަރަކާ ނުވަތަ ވަޒީރަކާ ޙަވާލުކުރެވިފައި. މީގެކުރިން އޮތްގޮތުގައި ސަރުކާރުގެ ބައެއް އޮފީސްތައް، ވަކި މިނިސްޓްރީއަކަށް ތަބަޢަނުވެ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުން ހިނގަމުންދާ ގޮތަށް އޮތީ ހަމަޖެހިފައި. އެހެންނަމަވެސް، އެ އުޞޫލު މިހާރުވަނީ މުޅިން އުވާލެވިފައި. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން އެތަންތަން ހިނގަމުންދިޔުމުގެ ބަދަލުގައި، ކޮންމެ ތަނެއްވެސް ހިނގަމުންދަނީ އެކަމަކާބެހޭ މަސްއޫލު ވަޒީރެއްގެ ބެއްލެވުމުގެ ދަށުން. މިކަން މިހެން ހަމަޖެހުމާ ގުޅިގެން، ވަޒީރުންގެ މަސްއޫލިއްޔަތާއި އިޚްތިޔާރު އިތުރުވުމުގެ ސަބަބުން އެބޭފުޅުންގެ ޒިންމާވެވަޑައިގަތުންވެސް ވަނީ ހަރުދަނާކުރެވިފައި. އާދެ، ކޮންމެ އިންސާނަކީވެސް އެމީހަކު ކުރާ ކަންތައްތަކާ ބެހޭގޮތުން ޒިންމާވާންޖެހޭނެ މީހެއް. އެކަންކަމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނެ މީހެއް. ކޮންމެ މަސްއޫލިއްޔަތެއްގެ މުޤާބިލުގައި ޒިންމާއެއް އުފުލުން ހިމެނިފައިވޭ. މި އުޞޫލުން ވަޒީރުންނަށް އިތުރު ބާރުތަކާއި އިޚްތިޔާރުތައް ލިބިވަޑައިގަތުމުން، އެބޭފުޅުން ކަންތައްތައް ހިންގަވާގޮތާ ދޭތެރޭގައި ރައްޔިތުންގެ ކުރިމަތީގައި އެބޭފުޅުން ޒިންމާވެވަޑައިގަންނަވާ މިންވަރު މިހާރުވަނީ އިތުރުކުރެވިފައި. މީގެ ހެތްކަކީ ރައްޔިތުންގެ މަޖިލީހުން ވަޒީރުންނާ ސުވާލުކުރުމުގެ ކަންތައްތައް މުޅިން ހަމަޖެހި، އެކަމަށް ޚާއްޞަ ނިޒާމެއް ކަނޑައެޅި، އެނިޒާމުގެ ދަށުން މިހާރު މިނިސްޓަރުންނާ ސުވާލުކުރުމުގެ ކަންތައްތައް ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދަވާ ގެންދެވުން.

ރާއްޖޭގެ ވެރިކަން ނުވަތަ ރާއްޖޭގެ ސިޔާސީ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެޅުނު މުހިންމު އަނެއް ފިޔަވަޅަކީ، އަޅުގަނޑުމެންގެ ރާއްޖެއަކީ މިހާރު ގިނަ ޢަދަދަކަށް ތަޢުލީމު ޙާޞިލްކޮށްފައިވާ ޤާބިލް ޒުވާނުންތަކެއް ދިރިއުޅޭ ޤައުމަކަށްވާތީ، ސަރުކާރުގެ މުހިންމު މަޤާމުތަކަށް، ކަމަށް އެކަށީގެންވާ ޤާބިލް އަދި ޒުވާން ބޭފުޅުން ޢައްޔަންކުރުން. މިގޮތުގެމަތިން މިހާރުގެ ވަޒީރުންގެ މަޖިލިސް ހަމަޖެހިފައިވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ވަޒީރުންގެ މަޖިލީހުގައި މަތީ ފެންވަރަކަށް ތަޢުލީމު ޙާޞިލްކުރައްވައިގެން ތިއްބެވި އަދި ސަރުކާރުގެ ތަޖުރިބާތައް ޙާޞިލްކުރައްވާފައިވާ އަދި ކަމަށް ޤާބިލް ބޭފުޅުންކޮޅެއް މިހާރު ހިމެނިވަޑައިގެންފައި އެބަ ތިއްބެވި. އޭގެތެރެއިން އެއްބޭފުޅަކު މިރޭ ވާހަކަފުޅު އެ ދެއްކެވީ. ޑޮކްޓަރ މުޙަންމަދު މުނައްވަރު. އޭނާގެ އަރިހުން މަޢާފަށް އެދެމުން ދަންނަވާލާހިތްވަނީ، ޑޮކްޓަރ މުޙަންމަދު މުނައްވަރަކީ، މިހާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެންމެ ޒުވާން، އެންމެ ޢުމުރުފުޅުން ހަގު މެންބަރު ކަމަށް. އާދެ، ކޮންމެއަކަސް، އަޅުގަނޑުމެންގެ އެކިއެކި މިނިސްޓްރީތައް ހިންގެވުމާ މިދެންނެވިފަދަ ޒުވާން ޤާބިލް ބޭފުޅުން ޙަވާލުވެވަޑައިގަތުމުން، އަޅުގަނޑަށް ދަންނަވަންޖެހެނީ، އެކަމުގެ ނަތީޖާވެސް ފެންނަމުންދަނީ ވަރަށް ރަނގަޅަށް ކަމަށް. އަޅުގަނޑުހިތުން އެއީ ޢާންމު ރައްޔިތުންވެސް ވަރަށް ރުހޭގޮތަކަށް ހިނގަމުންދާ ކަމެއް.

ރާއްޖޭގެ ސިޔާސީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުގެ އިދާރީ ކަންތައްތައްވެސް އިޞްލާޙުކުރުމުގެ މަސައްކަތްދަނީ ކުރެވެމުން. ސަރުކާރުގެ މުވައްޒަފުންނާބެހޭ ގަވާއިދެއް މިހާރުވަނީ އެކުލަވައިލެވިފައި. އަދި އެ ގަވާއިދުވަނީ ޗާޕުކުރެވި، ހުރިހާ އޮފީސްތަކަށް ފޮނުވިފައި. ކޮންމެ މުވައްޒަފަކަށްވެސް، ސަރުކާރުގެ ވަޒީފާ އަދާކުރުމުގައި އެމީހަކު ކަންތައް ކުރަންވީގޮތް ވަރަށް ތަފްޞީލުކޮށް އެ ގަވާއިދުގައި ކަނޑައެޅިފައިވޭ. ހަމައެފަދައިން، މަސައްކަތުގެ ޒިންމާއާއި މަސްއޫލިއްޔަތު އުފުލުމަށް އިތުރު ތަމްރީނުތައް މުވައްޒަފުންނަށް މިހާރު ދެވެމުންދޭ. އެއީ، އެމް.ސީ.އެމް.އޭ.ގައި ހިންގާ އެކިއެކި ކޯސްތަކުންނާއި، ރާއްޖެއިން ބޭރުގައި، މެނޭޖްމަންޓްގެ ދާއިރާއިން އެކި މީސްމީހުންނަށް ދެވޭ ތަމްރީނުތަކުގެ ޛަރީޢާއިން.

އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށްގިނަ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެއް. މާލެއަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް. ދެންހުރި ޖަޒީރާތަކަކީ އަޅުގަނޑުމެން ބައެއްފަހަރަށް ރާއްޖެތެރެއޭ މިކިޔާ ޖަޒީރާތައް. އެ ޖަޒީރާތައް ހަމަޖެހިފައިވަނީ ވެރިކަމުގެ ގޮތުން ކޮންމެ އަތޮޅެއްވެސް، ސަރުކާރުން ޢައްޔަންކުރާ އަތޮޅުވެރިއެއްގެ ބެއްލެވުމުގެ ދަށުން ހިނގާގޮތަށް. އެހެންކަމުން، އަތޮޅުވެރިންނަކީ ވަރަށް މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރަން ޖެހިވަޑައިގެންފައިވާ ބައެއް. މިކަން މިއީ، ރާއްޖޭގައި ޒަމާނުއްސުރެ ހަމަޖެހިފައި އޮންނަ ގޮތް. އެހެންނަމަވެސް، ކުރިން ހަމަޖެހިފައި އޮންނަގޮތުން، ވަރަށްގިނަ ކަންތައްތަކުގައި ރާއްޖެތެރޭގެ މީހުން މާލެ އަންނަންޖެހި ނުވަތަ މާލެއިން އަންގާ ގޮތަކަށް ކަންތައްތައް ކުރަމުން ގެންދަން މަޖުބޫރުވެފައިވާތީ، އެކަމުން ކުރިމަތިވާ ދަތިތަކެއް ހުރޭ. މިހާރުވެސް އެ ދަތިތައް މުޅިން ފިލުވައިލެވުނިއްޔަކީނޫން. އެހެންނަމަވެސް، ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ މިކަމުގައިވެސް އެކިއެކި އިޚްތިޔާރުތަކާއި ބާރުތައް އަތޮޅުވެރިންނަށް އެރުވުމަށް. އެގޮތުން، ރާއްޖެތެރޭގައި ހިނގާ ކޮންމެ ކަމެއް، ކޮންމެ މަސައްކަތެއް މިހާރު ހިނގަމުންދާންޖެހޭނީ، އެ އަތޮޅެއްގެ އަތޮޅުވެރިންގެ ބެއްލެވުމުގެ ދަށުން. އޭނާ ބެހިވަޑައިގަންނަވާ ގޮތެއްގައި ކަމަށް ސަރުކާރުން މިހާރުވަނީ ހަމަޖައްސާފައި. މިވާހަކަ އަޅުގަނޑުވާނީ މިއަހަރު ބޭއްވުނު އަތޮޅުވެރިންގެ ބައްދަލުވުމުގައި ދައްކާފައި. އަދި، އެއާ ވިދިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުރިހާ މިނިސްޓްރީތަކަށް ވާނީ މިހާރު ދެންނެވުމެއް ފޮނުވިފައި. އެ ދެންނެވުމުގައި ވާނީ ކޮންމެ މިނިސްޓްރީއަކުންވެސް އަދި ސަރުކާރުގެ ކޮންމެ ދާއިރާއަކުންވެސް ރާއްޖެތެރޭގައި ހިންގަވާ ކަންތައްތައް ހިންގަވަންވާނީ، ކޮންމެ އަތޮޅެއްގައިވެސް އެ އަތޮޅެއްގެ އަތޮޅުވެރިންގެ މަޝްވަރާއާއި ލަފާ ހޯއްދަވައިގެން އަދި އެ އަތޮޅުވެރިން ބައިވެރިކުރައްވައިގެން ކަމުގައި. މިހެން ހެދުމުންވެސް ވަރަށްގިނަ ކަންތައްތަކެއް ފަސޭހަވެ، ކަންތައްތައް ހިނގުން ހަލުއިވެ އަދި ރާއްޖެތެރޭގެ ރައްޔިތުންނަށް ފައިދާ ލިބޭނެ ގޮތްތަކެއް ރޭވިގެންދާނެކަމާމެދަކު ޝައްކެއްނެތް.

ރާއްޖޭގައި މިއޮތް ޑިމޮކްރަސީ އިތުރަށް ހަރުދަނާކުރުމަކީ އަޅުގަނޑު ވަރަށް އިސްކަމެއްދޭނެ ކަމެއް ކަމުގައި ކުރީ އަހަރުގެ ތަޤްރީރުގައި ވާނީ ދަންނަވާފައި. އަޅުގަނޑު ދެން ޤަޞްދުކުރަނީ، އެރޮނގުން ކުރެވޭ މަސައްކަތްތަކުގެ ބައެއް ވާހަކަ ދަންނަވާލަން.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، ޖުމްހޫރީ ވެރިކަމެއްގައި ސަރުކާރަކީ ރައްޔިތުން. އެފަދަ ވެރިކަމެއްގައި ކަންތައްތައް ކުރެވެންވާނީ ރައްޔިތުން އެދޭގޮތަށް. އެހެންކަމުން، އެކިއެކި ކަންތައްތައް ނިންމުމުގައި ރައްޔިތުން ބައިވެރިވާ މިންވަރު އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް. މިގޮތުން މިހާރުވެސް ރާއްޖެތެރޭގައި އުފެދިފައިވާ ކޮންމެ އަތޮޅެއްގެ އަތޮޅުކުރިއަރުވާ ކޮމިޓީއާއި، ކޮންމެ ރަށެއްގެ ރަށްކުރިއަރުވާ ކޮމިޓީއާއި މި ކޮމިޓީތަކަށް މެންބަރުން މިއޮންނަނީ އިންތިޚާބުކުރާގޮތަށް. އެކޮމިޓީތަކުގައި ތިބެނީ ރައްޔިތުން ބޭނުންވާ ބަޔަކު. އެހެންނަމަވެސް، މީގެކުރިން މިކަން ހިނގަމުން އައިސްފައިވަނީ މާ ހަރުދަނާ އުޞޫލެއްގެ މަތިން ކަމަށްނުވާތީ، އެ އުޞޫލަށް އިޞްލާޙުތަކެއް ގެނެސް، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ރާއްޖެތެރޭގައި އަތޮޅުކުރިއަރުވާ، އާ ކޮމިޓީތަކަކާއި، ކޮންމެ ރަށެއްގައި ރަށްކުރިއަރުވާ، އާ ކޮމިޓީއެއް އިންތިޚާބު ކުރެވޭނެ. އެ އިންތިޚާބީ އުޞޫލު އޮންނަންޖެހެނީ ކުރިއާ ތަފާތު ގޮތަކަށް. އިންތިޚާބުކުރާ ވަކިދުވަހެއް ކަނޑައެޅި، ކުރިމަތިލާ ވަކިބަޔަކު ކުރިއްސުރެ އެނގި، އެބައެއްގެ ތެރެއިން، އެރަށެއްގެ ރައްޔިތުން ބޭނުންވާ ބަޔަކު އިންތިޚާބުކުރާގޮތަށް އެކަން އޮންނަންޖެހެނީ.

އެހެންވީމާ، މިދެންނެވި އިޞްލާޙުތައް ގެނެސްފައި، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު އެ އިންތިޚާބުތައް ބޭއްވޭނެ. ކުރިން ސަރުކާރުން ޚިޔާލުކޮށްފައި އޮތީ، މިއަހަރު އެ އިންތިޚާބު ބާއްވަން. އެހެންނަމަވެސް، މިއަހަރަކީ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބު އޮންނަ އަހަރު ކަމަށްވާތީ، ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބަށް އެއްވެސްކަހަލަ ހުރަހެއް އެޅެން ބޭނުންނުވާތީ، ކުރިން ދެންނެވި އަތޮޅުކޮމިޓީތަކުގެ އިންތިޚާބާއި، ރަށްކުރިއަރުވާ ކޮމިޓީތަކުގެ އިންތިޚާބު މިއަންނަ އަހަރަށް ލަސްކުރެވިފައި ވަނީ. ހަމައެފަދައިން، މާލޭ މުނިސިޕަލް ކައުންސިލަކީވެސް ވަކި ޢަދަދަކަށް ރައްޔިތުން އިންތިޚާބުކުރާ މަޖިލީހެއްގެ ގޮތުގައި ހަމަޖެއްސުމަށްވަނީ ކަނޑައެޅިފައި. އެކަމާބެހޭ އިންތިޚާބުވެސް އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެތެރޭގައި ބޭއްވޭނެ. ބޭނުމަކީ ރައްޔިތުން އެދޭ ބަޔަކު، އެމީހުންގެ ކަންތައްތަކައިގެން އުޅުމުގެ ފުރުޞަތު އިތުރަށް ހުޅުވައިލުން. މިދެންނެވި ކަންތައްތަކުގެ އިތުރަށް، މިހާރުވެސް ސަރުކާރުގެ މުހިންމު ކަންތައްތައް ހިންގުމުގައި މަޝްވަރާދޭ ނުވަތަ ލަފާދޭ ކޮމިޓީތަކަކާއި، މަޖިލިސްތަކަކާއި، ބޯޑުތަކެއްވަނީ ހަމަޖެހިފައި. މިދެންނެވި މަޖިލިސްތަކާއި، ކޮމިޓީތަކާއި، ބޯޑުތަކުގައި ރައްޔިތުންގެ މީހުން، ރައްޔިތުން ތަމްސީލުކުރާ ނުވަތަ ރައްޔިތުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ގޮތްތަކުގެ ޚިޔާލުދޭނެ ބައެއް މެންބަރުން މިހާރުވަނީ ހަމަޖެހިފައި. މީގެތެރޭގައި، ޓޫރިޒަމް އެޑްވައިޒަރީ ބޯޑު ހިމެނޭ. އަދި ކުޅިވަރާބެހޭ ޤައުމީ މަޖިލީހާއި، އަންހެނުންގެ ޤައުމީ މަޖިލީހާއި، އެކްސްޕޯޓް ޕްރޮމޯޝަން ބޯޑުވެސް ހިމެނޭ. އިރާދަކުރެއްވިއްޔާ ޤަޞްދުކުރެވެނީ ދެންހުރި އެކިއެކި މަޖިލިސްތަކާއި ބޯޑުތަކުގައިވެސް ޢާންމު ރައްޔިތުންގެ ފަރާތުން ބަޔަކު ތިބޭގޮތަށް ހަމަޖައްސަން.

އާދެ، ދެން މިދިޔަ އަހަރުގެ ތަޤްރީރުގައި އެންމެ މުހިންމު ކަމެއް އަޅުގަނޑު ދީފައިވާނީ ރާއްޖޭގައި ހިނގަމުންދާ ޢަދުލު އިންޞާފުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން. އާދެ، ޢަދުލު އިންޞާފަކީ ކޮންމެ ޤައުމެއްގައިވެސް ވަރަށް މުހިންމު ކަމެއް. އެކަން ހިނގަންޖެހޭނީ މީހުން ހިތްހަމަޖެހޭފަދަ ގޮތަކަށް. ރާއްޖޭގައި މިއޮތް ޢަދުލު އިންޞާފުގެ ނިޒާމު ބިނާވެފައިވަނީ މާތްވެގެންވާ އިސްލާމްދީނުގައިވާ އުޞޫލުތަކުގެ މައްޗަށް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ކަންތައްތައް ހިންގޭގޮތަކީ އަބަދު އެންމެ ފުރިހަމަގޮތް ކަމުގައި ދެކިގެނެއް ނުވާނެ. ކޮންމެ ކަމަކަށްވެސް އިޞްލާޙުތަކެއް އަންނަންޖެހޭނެ. އަޅުގަނޑުމެންގެ ތަޢުލީމާއި، ވިސްނުމާއި، ހޭލުންތެރިކަން އިތުރުވަމުންދިޔަދިޔަހެން، އަޅުގަނޑުމެންނަށް ކުރެވޭ ކަންތައްތަކުގައި ހުންނަ ހަމަނުޖެހޭ ކަންތައްތައް އަޅުގަނޑުމެންނަށް ފެންނަމުންދާނެ. އެހެންކަމުން، ތަރައްޤީވުމަކީ ޙަޤީޤަތުގައި އެމީހަކު އެވަގުތަކު އެހުރި ޙާލަތަކަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުވުން. ޢަދުލު އިންޞާފުގެ ދާއިރާގައިވެސް ދެންނެވެން އޮތީ މިހެން. އެދާއިރާވެސް މިހާރު ހިނގަމުންދާ އުޞޫލަށްވުރެ ހަރުދަނާގޮތަކަށް ހިންގޭތޯ އަޅުގަނޑުމެން ބަލަންވެއްޖެ. އޭރުން އެކަމާ ބެހޭގޮތުން ރައްޔިތުންގެ ފަރާތުން އިވެމުންދާ ޝަކުވާތައް މިހާރަށްވުރެ މަދުވާނެ.

އާދެ، މިދެންނެވި މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް ކުރަން މިހާރުވަނީ ހަމަޖެހިފައި. އޭގެތެރެއިން ބައެއް ކަންތައް މިހާރުވަނީ ކުރަން ފެށިފައި. އާދެ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ މުހިންމު އެއް ވަސީލަތަކަށް ވާންޖެހޭނީ ރާއްޖޭގައި ހުރި ޤާނޫނުތައް އިޞްލާޙުވުން. އަދި، ރާއްޖެއަށް ބޭނުންވާ އިތުރު ޤާނޫނުތައް ހެދުން. އެއީ، މިހާރު އަޅުގަނޑުމެން ޢަމަލުކުރަމުން މިގެންދާ ޤާނޫނުތަކަކީ ވަރަށް ކުރިއްސުރެ އެކިދުވަސްވަރު ހެދިފައިވާ ޤާނޫނުތަކަކަށްވާތީ. އޭގައި މިޒަމާނާ ނުގުޅޭ ކަންތައްތަކެއް އެބަހުރި. އަދި ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގެންނަންޖެހޭ އިޞްލާޙުތަކެއްވެސް އެ ޤާނޫނުތަކުގައި އެބަހުރި. އެހެންކަމުން، މިކަންތައްތައް ދެނެގަނެ، އަޅުގަނޑުމެން މިހާރު ޢަމަލުކުރަމުން މިގެންދާ ޤާނޫނުތަކަށް އެދެވޭ އިޞްލާޙުތަކެއް އައުމަކީ، ރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށްލެވޭ ވަރަށް މުހިންމު ވަރަށް ވަރުގަދަ ބާރަކަށްވާނެ. އެކަމަކީ ވަރަށްބޮޑު ކަމެއް. ވަރަށްގިނަ ވަގުތު ބޭނުންވާނެ ކަމެއް. އެކަމަކީ ކަމާބެހޭ ތަޖުރިބާއާއި ތަޢުލީމު ލިބިފައިވާ ބައެއްގެ އެހީއާ ނުލައި ކުރެވޭވަރުގެ ކަމެއް ނޫން.

އެހެންވީމާ، އެކަމަށްޓަކައި މިއަދު ދިވެހި ސަރުކާރުން "ލޯ ކޮމިޝަން" މި ނަމުގައި ކޮމިޝަނެއް އުފައްދައިފި. އެ ކޮމިޝަންގެ ބޭނުމަކީ، ކުރިން މިދެންނެވި ގޮތުގެމަތީން ރާއްޖޭގައި މިހާރު ހިނގަމުންދާ ޤާނޫނުތައް ބަލައި ދިރާސާކޮށް، އެއަށް ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަކޮށް، އެ އިޞްލާޙުކުރުމުގެ މަސައްކަތް ކުރުން. ހަމައެހެންމެ، އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ރާއްޖެ ކުރިއަރަމުންދާ ދިޔުމުގައި، އިތުރަށް ހަދަން ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް ހެދުމުގައި އެ ކޮމިޝަންގެ އެހީއާއި މަޝްވަރާ ސަރުކާރަށް ލިބުން. އާދެ، މިދެންނެވި ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ، އިސްލާމީ ޝަރީޢަތް ކިޔަވައި ވިދާޅުވެގެން ތިއްބެވި ބޭފުޅުންކޮޅަކާއި، ކަމާބެހޭ ޔުނިވަރސިޓީތަކުން ނުވަތަ ކޮލެޖްތަކުން މިޒަމާނުގެ ލޯ ކިޔަވައި ވިދާޅުވެގެން ތިއްބެވި ބޭފުޅުންކޮޅަކާއި އަދި ޢަދުލު އިންޞާފުގެ ދާއިރާގައި ރާއްޖޭގައި އެކަށީގެންވާ ތަޢުލީމަކާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންކޮޅެއް. މިދެންނެވި ތަފާތު ތިން ޙައިޘިއްޔަތުން ހޮވިފައި ތިއްބެވި ބޭފުޅުންކޮޅެއްގެ މައްޗަށް އެކުލެވިގެން މިއަދު މިއުފެދުނު "ލޯ ކޮމިޝަން"ގެ މަސައްކަތް ވަރަށް އަވަހަށް ފެށި، އަޅުގަނޑު މިދެންނެވި މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި އެ ކޮމިޝަންގެ ފަރާތުން މަސައްކަތް ކުރައްވަމުން ގެންދަވާނެ. އެ ކޮމިޝަންގެ ރައީސަކަށް ނުވަތަ ޗެއަރމަނަކަށް ހުންނަވާނީ އެޓަރނީ ޖެނެރަލް.

ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ކަންތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އަޅަން ބޭނުންވާ އަނެއް ފިޔަވަޅަކީ، ޤާޟީންގެ މަސްއޫލިއްޔަތު އިތުރުކުރުމާއި، އެބޭފުޅުންގެ އިޚްތިޔާރު އިތުރުކުރުން. އާދެ، ޤާޟީންގެ މަސްއޫލިއްޔަތު އިތުރުވުމާ ގުޅިގެން، އެބޭފުޅުންނަކީ އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންޞާފުވެރިކަމާއެކީގައި ކަންތައްތަކެއް ނިންމަވާ ބޭފުޅުންތަކަކަށްވާންޖެހޭތީ، ކަމާގުޅޭ ހުވައެއް ކުރެއްވުމަށް މިހާރުވަނީ ހަމަޖެހިފައި. އާދެ، ސަރުކާރުގެ މުހިންމު ކަންތައްތަކާ ޙަވާލުވާ ހުރިހާ އެންމެންވެސް މިތިބެނީ ހުވައެއްކޮށްގެން. ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމާ ޙަވާލުވަނީ، ރައްޔިތުންގެ މަޖިލިސްގައި ކުރާ ހުވައަކަށްފަހުގައި. ވަޒީރުން އެބޭފުޅުންގެ މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި ކުރައްވާ ހުވައެއްގެ ފަހުގައި. ރައްޔިތުންގެ މަޖިލިސްގެ މެންބަރުން އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރައްވަން ފަށްޓަވަނީ، ރައްޔިތުންގެ މަޖްލިސްގެ ރައީސްގެ ކުރިމަތީގައި ކުރައްވާ ހުވައެއްގެ ފަހުން.

ޤާޟީކަމަކީ ނުވަތަ ޢަދުލު އިންޞާފު ޤާއިމުކުރުމަކީ ނުވަތަ މީހުންގެ މެދުގައި ޙައްޤުތައް ފައިޞިލާ ކުރުމަކީ ނުވަތަ ނިޔާކަނޑައެޅުމަކީ، މިދެންނެވި ކަންތައްތަކަށްވުރެ ވަކި ދޫކޮށް އޮންނަންވީ ކަމެއް ނޫން. އެހެންވީމާ، މާލޭގެ ކޯޓުތަކުގެ ޤާޟީން ހުވާކުރައްވައިގެން، އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރައްވާ ގޮތަށް ހަމަޖެހި، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެކަން އެގޮތަށް ހިނގަން ފަށާނެ. މައްސަލަތައް ނިންމެވުމުގައި ޤާޟީންނަށް ދިމާވާ އެންމެބޮޑު އެއް ދައްޗަކީ ޝަރީޢަތަށް ގެންދެވޭ މީހުންގެ ނުކިޔަމަންތެރިކަން ހުންނަގޮތް. އެހެންކަމުން، ޝަރީޢަތުގެ މަޖްލިސްގައި ކޯޓަށް އިހާނަތްތެރިވާ މީހުން ނުވަތަ ޤާޟީގެ އަމުރަށް ނުކިޔަމަންތެރިވާ މީހުންނަށް ވަގުތުން އަދަބު ދެވުމުގެ އިޚްތިޔާރުވެސް ޤާޟީންނަށް އެރުވުމަށްވަނީ ހަމަޖެހިފައި. އެއީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިކަން އޮންނަ އުޞޫލު.

ހަމައެފަދައިން، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ކަންތައްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޝަރީޢަތަށް ހުށަހެޅޭ، ފައިސާގެ ބޮޑެތި މައްސަލަތަކުގައި ފައިޞިލާ ކުރައްވަން އެއް ޤާޟީއަކު އިންނެވުމުގެ ބަދަލުގައި، ދެޤާޟީން ތިއްބަވައިގެން އެކަންތައްތައް ނިންމަވާގޮތަށްވެސް މިހާރުވަނީ ހަމަޖެހިފައި. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މިދޭތެރެއިން މި ފާސްވި ޓޫރިޒަމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން، ކުރިން ސަރުކާރާ އެގްރީމެންޓް ކުރުމަކާނުލައި، ޓޫރިޒަމް ތަރައްޤީކޮށްފައިވާ ރަށްރަށުގެ ވެރިފަރާތާއި ސަރުކާރާ ދޭތެރޭގައި ވަކި މުއްދަތެއްގެ ތެރޭގައި އެގްރީމެންޓެއް ކުރަންޖެހޭ. އެ އެގްރީމެންޓް ކުރުމުގެ ކުރިން، އެރަށަކީ ކާކު ނުވަތަ ކޮންބަޔަކު ފައިސާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ، ކޮންބައެއްގެ ރަށެއްކަން އެނގެން އެބަ ބޭނުންވޭ. މިދެންނެވި ތަންތަނުގެ އިންވެސްޓްމަންޓާ ބެހޭގޮތުންނާއި، އިންވެސްޓްމަންޓްގެ މިލްކިއްޔާތާ ބެހޭގޮތުން ޚިލާފު އުފެދިފައިވާ ތަންތާނގެ މައްސަލަތައް ޝަރީޢަތަށް ހުށަހެޅިގެން ނިމެމުން މިދަނީ ދެޤާޟީން ތިއްބަވައިގެން.

ހަމައެހެންމެ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ކަންތައް އިތުރަށް ހަރުދަނާކޮށް، އިޞްލާޙު ކުރުމަށްޓަކައި ވަކިބާވަތެއްގެ މައްސަލަތަކުގައި ކުރެވޭ ޙުކުމް ތަންފީޛު ކުރުން ވަކިމުއްދަތަކަށް ލަސްކޮށްލުން އެއީ އަޅުގަނޑުމެން މިހާރު ތަޢާރުފް ކުރަންވެފައިވާ އުޞޫލެއް. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ އުޞޫލުވެސް ތަޢާރުފް ކުރެވޭނެ. އާދެ، ދުނިޔޭގެ އެހެން ތަންތާނގައިވެސް ވަކިކަހަލަ ކުށްތަކެއްގައި ޤާޟީއަކު ކަނޑައަޅުއްވާ ޙުކުމް ސަސްޕެންޑް ކުރުމުގެ އުޞޫލެއް އޮވޭ. ބޭނުމަކީ ވަކި މުއްދަތެއްގެ ތެރޭގައި އެމީހަކު އިޞްލާޙުވާން ފުރުޞަތު ދިނުން. އެމުއްދަތުގެ ތެރޭގައި އެމީހަކު އިޞްލާޙުވެއްޖެނަމަ އެޙުކުމް ތަންފީޛެއް ނުކުރެވޭނެ. އެއާ ޚިލާފަށް، އިޞްލާޙުނުވެ އެފަދަ އެހެން ކުށްތައް ކުރަމުންދާ ކަމުގައިވަންޏާ، އެމީހަކަށް އަދަބު ލިބޭނެ. އެހެންވީމާ، ރާއްޖޭގައިވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި އުޞޫލު ހިނގަން ފެށޭނެ. ވަކިކަހަލަ މުއްދަތުތަކެއްގައި، ވަކިކަހަލަ ކުށްތަކެއްގައި ނިޔާކަނޑައެޅޭ ކަނޑައެޅުން، ވަކިމުއްދަތަކަށް ތަންފީޛުނުކޮށް ލަސްކޮށްލުމުގެ އުޞޫލު. ހަމައެފަދައިން، މީހުން އިޢުތިރާފުވެގެން މައްސަލައިގެ ޝަރީޢަތް ނިންމެން އޮންނަ ކަންތައްތަކުގައި، ލަސްނުކޮށް އެ ޝަރީޢަތް ނިންމުމަށް ބާރުއެޅުމުގެ ގޮތުން އެކަންވެސް މިހާރުވަނީ ހަމަޖެހިފައި. އެއީ، ޝަރީޢަތް އަވަސްކުރުމުގައި ވަރަށް ބޭނުންތެރި ކަމެއް. ހަމައެހެންމެ، ޝަރީޢަތް ކުރެވޭ ނިޒާމަށް މިހާރަށް ބޭނުންވެފައިވާ، ބައެއް ބަދަލުގެންނަންވެސް ވަނީ ހަމަޖެހިފައި. އެއީ ޖިނާއީ މައްސަލަތަކާއި، މަދަނީ މައްސަލަތަކުގެ ޝަރީޢަތް ހިންގާ ގަވާއިދުތަކަށް މިހާރަށް ގެންނަން ބޭނުންވެފައިވާ ބައެއް އިޞްލާޙު ގެނައުން. މިސާލަކަށް، ގިނަ ޢަދަދެއްގެ ފައިސާއާއި މުދާ ހިމެނޭ މައްސަލަތަކުގެ ޝަރީޢަތް ދިގުލާތީ، އެފަދަ މައްސަލަތަކުގައި، ކޮންމެ ފަރާތަކުންވެސް ދައްކަން ބޭނުންވާ ވާހަކައެއް ކުރުކޮށް ދެއްކުމަށްފަހުގައި، ދެން އެފަރާތަކުން ހުށަހަޅަން ބޭނުންވާ ހެކިތަކާއި ވާހަކަތައް ލިޔުމުން ހުށަހަޅާގޮތަށް ހަމަޖެހުން އެއީ ބޭނުންތެރި ކަމެއް. އެގޮތަށް އިރާދަކުރެއްވިއްޔާ މިހަމަޖައްސަނީ. އޭރުން ޝަރީޢަތްކުރާ ވަގުތު، ވަރަށްބޮޑުތަން ކުޑަވެގެންދާނެ. ކޮންމެ ފަރާތަކުންވެސް ވަކި މުއްދަތެއްގެ ތެރޭގައި، އެފަރާތުން ދައްކަން ބޭނުންވާ ވާހަކަތަކާއި ޙުއްޖަތްތައް ލިޔެފައި ކޯޓަށް ހުށަހަޅަންވީ. ކޯޓުގެ ޤާޟީ އެދެފަރާތުން ހުށަހަޅާ ހުށަހެޅުންތައް ބައްލަވާފައި އަދި އިތުރަށް އޭނާއަށް ފެނިވަޑައިގެންފި ހިނދެއްގައި، ދެފަރާތުގެ ޚަޞްމުންނަށް އިތުރަށް ވާހަކަ ދައްކާނެ ވަގުތުކޮޅެއް ދެއްވާފައި، އޭގެފަހުން މައްސަލަ ނިންމަވާގޮތަށް. އެހެން ހެދުމުންވެސް ޝަރީޢަތް ނިންމުމަށް ވަރަށްބޮޑު ހަލުއިކަމެއް އަންނާނެ ކަމަށް އަޅުގަނޑު ދެކެން. އަދި މިހާރު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިޔާއިރު އެއީ، ވަރަށްބޮޑު މައްސަލައަކަށް އޮންނަނީ ވެފައި. މީހުން ދައްކާ ހުރިހާ ވާހަކަ ރެކޯޑުކޮށްގެން، ފަހުން އެ ރެކޯޑުން އަޑުއަހައިގެން ލިޔާގޮތަށް މިއޮންނަނީ. ޝަރީޢަތުގެ މަޖިލިސްގައި ދެޚަޞްމުންކުރެ ކޮންމެ މީހަކުވެސް ދައްކާ ހުރިހާ ވާހަކައަކީ ފަހަރެއްގައި އެޝަރީޢަތާ ގުޅޭ ވާހަކަތަކަކަށްނުވެ ހިނގައިދާނެ. ވަރަށްގިނަ ޝަރީޢަތްތަކުގައި އެހެން ދިމާވޭ. އެމީހަކު ހިތަށް އައި ހުރިހާ އެއްޗެއް ކިޔަމުން ގެންދަނީ. އޭގެތެރޭގައި، ޝަރީޢަތާ ގުޅޭ ވާހަކައާއި، ނުގުޅޭ ވާހަކަ ހުރޭ. އެހެންވީމާ، އެހުރިހާ ކަމެއް އިޞްލާޙު ކުރުމަށްޓަކައި ޝަރީޢަތާ ނުގުޅޭ ވާހަކަ މީހަކު ދައްކަން ފަށައިފީވިއްޔާ، އެވާހަކަ ދެއްކުން މަނާކުރައްވައި، އަދި ކުރިން ދެންނެވި އުޞޫލުން ވަގުތު ސަލާމަތްކުރުމަށްޓަކައި ދެފަރާތުންވެސް ހުށަހަޅާ ލިޔުންތަކެއްގެ މައްޗަށް ބައްލަވާފައި، ޤާޟީ މައްސަލަ ނިންމަވާ ގޮތަށް ހަމަޖައްސަން މިހާރުވަނީ ޤަޞްދުކުރެވިފައި.

ރާއްޖޭގެ ޤާނޫނާއި ގަވާއިދު ހަމަޖެހިފައިވާ ގޮތުން، މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓަކުން ނިމޭ މައްސަލައަކާ ދޭތެރޭގައި، ދެޚަޞްމުންކުރެ ޚަޞްމަކު ހިތްހަމަނުޖެހިއްޖިއްޔާ، ވަކި މުއްދަތެއްގެ ތެރޭގައި، އެމައްސަލަ އިސްތިއުނާފު ކުރުމުގެ ޙައްޤު އެމީހަކަށް ލިބިގެންވޭ. އާދެ، އެމައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ލިބިގެންވޭ. ހައިކޯޓުން އެމައްސަލަ ނިންމަވާގޮތާ ދޭތެރޭގައިވެސް ހިތްހަމަނުޖެހިއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމުގެ އިޚްތިޔާރު އެމީހަކަށް ލިބިގެންވޭ. މިހާތަނަށް މިކަން ހަމަޖެހިފައި އޮންނަ އުޞޫލަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންނަ މައްސަލަތަކާ ދޭތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު ވަރަށް ބޮޑަށް ވިސްނައި، އެކަމުގައި ހިމެނިފައިވާ ޝަރުޢީ އަދި ޤާނޫނީ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށްފައި، ރައީސުލްޖުމްހޫރިއްޔާ އެމައްސަލަ ކޮންމެވެސް އެއްގޮތަކަށް ނިންމަނީ. އެހެންނަމަވެސް، މިއުޞޫލަކީ މުސްތަޤްބަލުގައި ދެމެހެއްޓޭނެ އުޞޫލަކަށް ނުވާތީ، މިހާރު ޤަޞްދުކުރެވިފައިވަނީ ހައިކޯޓުން ނިމޭ މައްސަލަތަކާ ބެހޭގޮތުންވެސް މީހުން ހިތްހަމަނުޖެހިގެން ހުށަހެޅޭ މައްސަލަތައް، ކަމާބެހޭ މަޢުލޫމާތާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ކޮމިޓީއަކުން ބައްލަވާފައި، ނިންމަންވީގޮތުގެ ހުށަހެޅުމެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާ ގޮތަށް އޮތުމަށް. އޭރުން އެއީ މިހާރަށްވުރެ ހަމަޖެހޭ، ހަރުދަނާ އުޞޫލަކަށްވާނެކަން ކަށަވަރު. ދުނިޔޭގެ އެހެން ތަންތާނގައިވެސް މިކަހަލަ ކަންތައް އޮންނަނީ މިހެން. ބައެއް ކަންތައްތަކުގައި ފައިޞިލާކުރާ އެންމެފަހު ފަރާތަކީ، ތަނުގެ އެންމެ އިސްވެރިޔާ ކަމުގައިވިޔަސް، އެމީހަކު އަމިއްލައަށް އެކަންތައްތައް ކުރުމުގެ ބަދަލުގައި، އެމީހެއްގެ މަސްއޫލިއްޔަތުތައް ގިނަކަމާއި، ވަގުތު ހުންނަގޮތުން އެހުރިހާ ކަމަކަށް އެކަށީގެންވާ ވަގުތު ނުދެވޭނެތީއާއި، މިފަދަ ދަތިތައް އެގޮތަށް ހުންނާތީ، އެމީހަކަށް އެމައްސަލަތައް ނިންމާނެ ގޮތުގެ ލަފާދޭނެ ޤާނޫނީ، ޝަރުޢީ މަޖިލީހެއް އޮވޭ. އެގޮތުން، އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިވެސް އެފަދަ މަޖިލީހެއް ޤާއިމުކުރަން އަޅުގަނޑު ޤަޞްދުކުރަން. އޭރުން މިދެންނެވި ޝަރީޢަތްތައް އެމަޖިލީހަށް ހުށަހެޅި، އެކަމުގައި ހިމެނިފައިވާ ހުރިހާ ޤާނޫނީ އަދި ޝަރްޢީ ނުކުތާތަކަށް ވިސްނެވުމަށްފަހުގައި، އެކަން ނިންމާނެ ގޮތުގެ ހުށަހެޅުމެއް ރައީސުލްޖުމްހޫރިއްޔާއަށް އެމަޖިލީހުގެ ފަރާތުން ހުށަހަޅުއްވާނެ.

އާދެ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ވާހަކަ ދައްކާއިރު، ޢަދުލު އިންޞާފު ޤާއިމުކުރުމަކީ، ހަމައެކަނި ޝަރީޢަތުން ކުރާ ކަމަކަށް ވެގެނެއް ނުވާނެ. ޝަރީޢަތުން އެކަން ކުރައްވާ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ އެއީ ސަރުކާރުގެ ކޮންމެ އޮފީހަކުންވެސް ކުރައްވަންޖެހޭނެ ކަމެކޭ. ސަރުކާރުގެ ކޮންމެ އޮފީހަކީވެސް ރައްޔިތުންގެ މައްސަލަތަކެއް އެއޮފީހަކަށް ހުށަހެޅޭ އޮފީހެއް. އެހެންވީމާ، ރައްޔިތުންގެ މައްސަލަތައް ހުށަހެޅުމުން، އެމައްސަލަތަކާ ދޭތެރޭގައި ކޮންމެ އޮފީހަކުންވެސް ކަންތައް ނިންމަވަންވާނީ، އެކަމެއް ނިންމެވެން އޮތް އެންމެ އިންޞާފުވެރި ގޮތަށް. ވަކިމީހަކަށް ވަކިގޮތެއް ނަހައްދަވައި، ޤާނޫނާއި ގަވާއިދު ތަންދޭ ގޮތެއްގެ މަތިން.

އެހެންވީމާ، އަޅުގަނޑު މިރޭ މިވާހަކަ ދައްކާއިރު، ސަރުކާރުގެ ހުރިހާ އޮފީސްތަކަކަށް މި އިލްތިމާސް ކުރަނީ، އެ އޮފީސްތަކަށް ހުށަހެޅޭ މައްސަލަތަކުގައިވެސް މިހާރަށްވުރެ ބޮޑަށް ވިސްނަވައިގެން، ވީހާ އިންޞާފުވެރި ގޮތަކަށް، ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަވާނެ ގޮތަކަށް އެކަންތައްތައް ނިންމަވައިދެއްވުމުގެ މައްޗަށް. އަޅުގަނޑުހިތުން ޝަރްޢީ ކޯޓުތަކުން ޢަދުލު އިންޞާފާ އެއްގޮތަށް ކަންތައްތައް ނިންމަވަމުން ގެންދަވާ ވަގުތެއްގައި، ސަރުކާރުގެ އެހެން އޮފީސްތަކުންވެސް އެއޮފީސްތަކަށް ހުށަހެޅޭ މައްސަލަތައް އިންޞާފުވެރި ގޮތަކަށް ނިންމަވަމުން ގެންދަވާ ކަމަށްވަންޏާ، ސަރުކާރާ ދޭތެރޭގައި ރައްޔިތުން ކުރާ ޝަކުވާތައް ވަރަށް ބޮޑަށް މަދުވެގެންދާނެ.

އާދެ، ޑިމޮކްރަސީ ހިނގާ ތަނެއްގައި، ކުރިންވެސް ދެންނެވި ފަދައިން، ރައްޔިތުންގެ ފަރާތުން އެކިއެކި މަސްއޫލިއްޔަތު އަދާކުރަންޖެހޭ ފަރާތްތަކެއް ރައްޔިތުން އިޚްތިޔާރުކުރޭ. ނުވަތަ ހޮވާ. ނުވަތަ އިންތިޚާބުކުރޭ. އެގޮތުން ކޮންމެ ފަސްއަހަރަކުން އެއްފަހަރު ރައީސުލްޖުމްހޫރިއްޔާއެއް ރައްޔިތުން ހޮވަނީ. ހަމައެފަދައިން، ކޮންމެ ފަސްއަހަރަކުން އެއްފަހަރު ރައްޔިތުންގެ މަޖިލިސްގެ މެންބަރުންވެސް ރައްޔިތުން އިންތިޚާބު ކުރަނީ. އާދެ، އަޅުގަނޑުމެން މިހާރު މިކުރިމަތިލަނީ، މިއަހަރުގެ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބަށް. އެ އިންތިޚާބު އޮންނާނީ، އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ކަމުގައި މިހާރުވަނީ ކަމާބެހޭ ފަރާތުން އިޢުލާނުކުރައްވާފައި. އިންތިޚާބަކީ ޑިމޮކްރަސީގެ އެންމެ މުހިންމު ރޫޙު. އިންތިޚާބެއްނެތި ޑިމޮކްރަސީއެއް ޤާއިމެއްނުކުރެވޭނެ. ކުރިންވެސް ދެންނެވި ފަދައިން، އިންތިޚާބު ކުރުމުގެ ބޭނުމަކީ ރައްޔިތުން އެދޭގޮތަށް، ރައްޔިތުން ބޭނުންވާގޮތަށް ކަންތައް ކޮށްދޭނެ ބަޔަކު ރައްޔިތުން އިޚްތިޔާރު ކުރުން. ރައްޔިތުންގެ އެންމެންނަކީ، އެއްތަނަކަށް އެއްވެ، ހުރިހާ ކަމަކާ ބެހޭގޮތުން ވާހަކަ ދައްކާފައި، ކަންތައް ނިންމޭވަރަށްވުރެ މާގިނަ ޢަދަދެއްގެ ބައެއް. އެކިއެކި މަސައްކަތްތަކުގައި އަބަދު މަޝްޣޫލުވެގެން އުޅޭ ބައެއް. އެހެންކަމުން، އެމީހުން ތަމްސީލުކުރާނެ ބަޔަކު އެމީހުން އިޚްތިޔާރު ކުރަނީ. އަދި އެމީހުންގެ ފަރާތުން އެބަޔަކު ބޭނުންވާގޮތަކަށް ކަންތައް ގެންދިޔުމުގެ އިޚްތިޔާރު އެބަޔަކަށް ދެނީ. މިގޮތުން، ރައްޔިތުންގެ މަޖިލިސް ކޮންމެ ފަސްއަހަރަކުން އެއްފަހަރު މިއިންތިޚާބު ކުރެވެނީ. އިރާދަކުރެއްވިއްޔާ މިއަންނަ މަހުގެ ކުރީކޮޅު އާދެ، ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބު ބޭއްވޭނެ. މިއަހަރުގެ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބަށް ހުށަހެޅިފައިވާ 40 ގޮނޑިއަށް ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުންވަނީ ކުރިމަތިލައްވާފައި. އާދެ، 238 ބޭފުޅަކުވަނީ ކުރިމަތިލައްވާފައި. މިއަދުގެ ހިސާބު ދައްކާގޮތުން، 237 ބޭފުޅަކުވަނީ އެމަޖިލިސްގެ، މިދެންނެވި 40 ގޮނޑިއަށް ކުރިމަތިލައްވާފައި.

ޝައްކެއްނެތް، ކެންޑިޑޭޓުންގެ ޢަދަދު އިތުރުވުމަކީ، އެތަނެއްގައި އޮތް ޑިމޮކްރަސީގެ ހަރުދަނާކަން ދައްކައިދޭ ކަމެއް. އެއީ، މިނިވަންކަން އޮތްކަން ހާމަކޮށްދޭ ދަލީލެއް. ޝަރުޠުހަމަވާ ކޮންމެ މީހަކަށްވެސް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެވޭގޮތަށް އޮތުމުން، އެކަމަށް ޝައުޤުވެރިވާ ފަރާތްތައް ގިނަވަނީ. އަދި އެކަމުގެ ޙަރަކާތްތައް އިތުރުވަމުންދަނީ. އެހެންވީމާ، ކެންޑިޑޭޓުން އިތުރުވުމާއި އަދި މިހާރު ކޮންމެ ކެންޑިޑޭޓަކުވެސް އެބޭފުޅަކަށް ތާއީދު ހޯއްދެވުމަށްޓަކައި ކުރައްވާ މަސައްކަތްތައް އިތުރުވެ ތަރައްޤީވަމުންދިޔުމަކީ އަޅުގަނޑު ދެކޭގޮތުގައި، ރާއްޖެ މިކުރިއަރަމުންދާ ދިޔުމުގެ ހެތްކެއް. އަދި ރާއްޖޭގައި ޤާއިމުވެފައި އޮތް ޑިމޮކްރަސީގެ ހަރުދަނާކަންވެސް ދައްކައިދޭ ކަމެއް. ކޮންމެއަކަސް މިއިންތިޚާބުގައި އަޅުގަނޑުމެން އެންމެންވެސް ބަލަންޖެހޭ ކަންތައްތަކެއް އެބަހުރި. އާދެ، ވޯޓުދޭ މީހުންވެސް ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި. ކެންޑިޑޭޓުން ވިސްނަވަންޖެހޭ ކަންތައްތަކެއް އެބަހުރި. އަދި ކެންޑިޑޭޓަކު މަޖިލިސްގެ ގޮނޑިއަކަށް އިންތިޚާބުވެވަޑައިގެންފިނަމަ، އެބޭފުޅެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވިސްނަވަންޖެހޭނެ ކަންތައްތަކެއްވެސް އެބަހުރި.

އާދެ، އެންމެ ފުރަތަމަ، ކޮންމެ ޑިމޮކްރަސީއެއްގައިވެސް އޮންނަ އިންތިޚާބަކީ މިނިވަން އަދި އިންޞާފުވެރި އިންތިޚާބަކަށްވާންޖެހޭ. ދިވެހިރާއްޖޭގައިވެސް މިހާތަނަށް މިބޭއްވުނު ހުރިހާ އިންތިޚާބަކީވެސް ވަރަށް މިނިވަން، ހަމައެފަދައިން، ވަރަށް އިންޞާފުވެރި އިންތިޚާބެކޭ އަޅުގަނޑަށް ދަންނަވަން ކެރޭ. އެހެންކަމުން، އިރާދަކުރެއްވިއްޔާ މިއަހަރު މިބޭއްވޭ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބަކީވެސް ވަރަށް މިނިވަން، ވަރަށް އިންޞާފުވެރި އިންތިޚާބަކަށް ވާނެ. އެކަން އެހެން ހެދުމަށްޓަކައި ސަރުކާރަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުން ގެންދާނެ. ހަމަ އެއާއެކީގައި، އަޅުގަނޑު އެދެނީ، ރައްޔިތުންވެސް އަދި ކެންޑިޑޭޓުންވެސް އެކަން އެގޮތަށް ގެންގޮސްދެއްވުން. އަދި، އަޅުގަނޑުމެންގެ އިންތިޚާބަކީ، ޞުލްޙަވެރިކަމާއި، އަމަންއަމާންކަމާއި، އެކުވެރިކަމާއެކީގައި ނިމިގެންދާ އިންތިޚާބަކަށް ހެއްދެވުން. އެހެން މިދަންނަވަނީ، އިންތިޚާބުގެ ފޯރީގައި ދުނިޔޭގެ ބައެއް ޤައުމުތަކުގައި ނޭދެވޭ ކަންތައްތައް ހިނގަމުންދާތަން އަޅުގަނޑުމެންނަށް ފެންނާތީ. ޚާއްޞަކޮށް، ތިންވަނަ ދުނިޔޭގެ ޤައުމުތަކޭ މިކިޔާ ޤައުމުތަކުގައި، ވަރަށްގިނަފަހަރަށް އިންތިޚާބުތަކުގައި، ވަރަށް ނޭދެވޭ އަނިޔާވެރި ކަންތައްތަކެއް ހިނގާ. ބައެއް ތަންތާނގައި މީހުން މަރާވެސް ހަދާ. ނުވަތަ މާރާމާރީ ހިންގައި، ފިތުނަފަސާދައިގެ ކަންތައްތައް ހިންގާ. އަދި ލޭއޮހޮރުވުންވެސް ހިނގާ. އަދި އެކި ތަންތަން ތަޅާލައި، ގާ އުކައި، ތަނުގެ އަމަންއަމާންކަމާއި، ޞުލްޙަމަޞްލަޙަތަށް ގެއްލުން ލިބޭފަދަ ކަންތައްތައްވެސް ދުނިޔޭގެ ބައެއް ތަންތާނގައި ހިނގާ. އެހެންނަމަވެސް، އެއިން ކަމަކީ މިހާތަނަށްވެސް ރާއްޖޭގައި ހިނގާފައިވާ ކަމެއް ނޫން. މާތްﷲގެ ރަޙްމަތްފުޅު ކިތަންމެހާވެސް ބޮޑު. އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތަކީ އަޅުގަނޑުމެން އަބަދު އެ ނިޢުމަތަށްޓަކައި ޝުކުރުކުރިޔަސް، އޭގެ ޙައްޤު އަދާކުރެވޭނެ ނިޢުމަތެއް ނޫން. މިފަދަ ޞުލްޙަވެރި، އަމަންއަމާންކަމުން ފުރިފައިވާ އަދި އެންމެންގެ އެކުވެރިކަމާއި އެއްބާރުލުން އޮތް ތަނެއްގައި، އިންތިޚާބުގައިވެސް އަދި އެނޫން ކަމެއްގައިވެސް ޤާނޫނާއި ގަވާއިދާ ޚިލާފު ކަމެއް ހިނގައިގެން ނުވާނެ. އަޅުގަނޑުމެންގެ ތެރޭގައި މިއޮންނަ ހަމަހިމޭންކަމާއި، ޞުލްޙަމަޞްލަޙަތާ ދެކޮޅުވާ ނުވަތަ ޚިލާފުވާ އެއްވެސް ކަމެއް ހިނގައިގެނެއް ނުވާނެ. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ އަދި އިލްތިމާސަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އަދި ކެންޑިޑޭޓުންވެސް މިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ކުރިއަށް އޮތް އިންތިޚާބަކީ، ވަރަށް ޞުލްޙަވެރި، ވަރަށް އެކުވެރި، ވަރަށް އޮމާން އިންތިޚާބެއް ކަމުގައި ހައްދަވައިދެއްވުން.

އާދެ، އިންތިޚާބުގައި ވޯޓުދޭ މީހާގެ ވާޖިބުތަކެއް ހުރޭ. އޭނާގެ ޙައްޤުތަކެއްވެސް ހުރޭ. ވޯޓުދޭ މީހާގެ އެންމެ މުހިންމު ޙައްޤަކީ، އޭނާ ބޭނުންވާ މީހަކަށް ވޯޓު ދިނުމުގެ ޙައްޤު. އެހެން ފަރާތެއްގެ ނުފޫޒެއް އޭނާގެ މައްޗަށް ވެރިނުވެ، އޭނާގެ އަމިއްލަ ހިތުން ރުހުމުން އޭނާ އެދޭ މީހަކު ހޮވުމުގެ އިޚްތިޔާރު އެމީހަކަށް ލިބިފައި އޮތުން އެއީ، ވޯޓުދޭ މީހާގެ ޙައްޤު. ވޯޓުދޭ މީހާގެ ވާޖިބަކީ، އެމީހާ އެ އިންތިޚާބުކުރާ މީހަކީ ނުވަތަ އެމީހަކަށް އެވޯޓުދޭ މީހަކީ، އެމީހަކާ އެ ޙަވާލުކުރާ މަސްއޫލިއްޔަތު އުފުލޭވަރުގެ މީހެއްތޯ ބެލުން، ވަޒަންކުރުން، އެއީ ތެދުވެރިއެއްތޯ، އަމާނާތްތެރިއެއްތޯ، އޭނާއާ ރައްޔިތުން އެ ޙަވާލުކުރާ މުހިންމު މަސްއޫލިއްޔަތު އުފުލުމުގެ ޤާބިލިއްޔަތު ލިބިފައިވާ މީހެއްތޯ ބެލުން. އާދެ، މިކަންކަމާ ދޭތެރޭގައި ވިސްނާއިރު، ކެންޑިޑޭޓުގެ މާޒީ އޮތްގޮތް، މިހާރު ކެންޑިޑޭޓަކަށްވެފައި އެވާ މީހަކު، މީގެކުރިން ކަންތައްތައް ކޮށްފައި އޮތީ ކިހިނެއްތޯ، އޭނާއަކީ ރައްޔިތުންދެކެ ލޯބިވާ، ރައްޔިތުންނަށް ހެޔޮއެދޭ މީހެއްތޯ، ނުވަތަ އެމީހަކު ކަންތައް ކުރަމުން ގެންގޮސްފައިވަނީ އަމިއްލަ މަޞްލަޙަތާއި، އަމިއްލަ ފައިދާއަށްތޯ، ނުވަތަ އޭނާ އެހެން މީހުންނާ ދޭތެރޭގައި ކޮށްފައި އޮތް މުޢާމަލާތުތަކުގައި ގެންގުޅެފައިވަނީ ކޮންކަހަލަ އުޞޫލުތަކެއްތޯ، މިކަންކަން ރަނގަޅަށް ބަލައި، ކޮންމެ ރައްޔިތަކުވެސް ވަޒަންކުރަންޖެހޭނެ. އަދި ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުން ރުހޭ ބަޔަކު ހޮވުމުން، މަޖިލިސްގެ މެންބަރުންނަށް ވުމަށްފަހުގައި އެބޭފުޅުން އަދާކުރައްވަންޖެހޭ، ވަރަށް މުހިންމު ވާޖިބެއްވެސް އެބައޮތް. އެއީ، ރައްޔިތުންގެ ޙަޤީޤީ ޝުޢޫރު މަޖިލިސްގައި ފާޅުކުރެއްވުން. ރައްޔިތުން އެދޭގޮތަށް ކަންތައްތައް ކޮށްދެއްވުން. ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނަކީ، އެ މެންބަރަކު ހޮވާ ނުވަތަ އިންތިޚާބުކުރާ ދާއިރާއެއްގެ ފަރާތުން ވަކާލާތު ކުރައްވަން ހޮވާ މެންބަރެއް ކަމުގައި ނުވަތަ ޢައްޔަންކުރާ މެންބަރެއް ކަމުގައި އަޅުގަނޑުމެންގެ ޤާނޫނުގައި ވަރަށް ޞަރީޙަކޮށް ބުނެފައި އޮވޭ. އެހެންވީމާ، އެކިއެކި އަތޮޅުތަކުން ރައްޔިތުންގެ މަޖިލީހަށް އެ ހޮވާ ކޮންމެ މެންބަރަކީ، އެ އަތޮޅުތަކުގެ ރައްޔިތުންގެ ފަރާތުން އެމީހުން ބޭނުންވާގޮތަށް ވަކާލާތު ކުރައްވަންޖެހޭ ބޭފުޅެއް. އެބޭފުޅަކު ވަކާލާތު ކުރައްވާއިރު، ނުވަތަ މައްސަލައެއް ހުށަހަޅުއްވާއިރު، ނުވަތަ މައްސަލައެއްގައި ވަކިގޮތަކަށް ވޯޓުދެއްވާއިރު ވިސްނަވަންވީ، އަތޮޅުގެ ރައްޔިތުން އެދެނީ ކިހިނެއްތޯ، ތިމަންނާއަށް މިވޯޓު ދެވެނީ، ރައްޔިތުން ބޭނުންވާ ގޮތަށްތޯ، ތިމަންނާއަށް މި ވާހަކަ ދެއްކެނީ، ރައްޔިތުން ބޭނުންވާ ގޮތަށްތޯ، ތިމަންނައަށް މި ފާޅުކުރެވެނީ ރައްޔިތުންގެ ބޭނުންތަކާއި އެދުންތައްތޯ، މިއީ، އެ މެންބަރުން ވިސްނަވަންވީ ނުކުތާއަކީ.

މިވާހަކަ އަޅުގަނޑަށް ދަންނަވަންޖެހެނީ، ބައެއްފަހަރު ކަންތައްތައް ހިނގާ ނިމިދާގޮތުން، ރައްޔިތުން އެދޭގޮތާއި، މަޖިލިސްގެ މެންބަރުން ނިންމަވާގޮތާއި ނުވަތަ މަޖިލިސްގެ މެންބަރުންގެ ތެރެއިން ބައެއް ބޭފުޅުން ކަންތައް ކުރައްވާގޮތާ ފުށުއަރާގޮތް ދިމާވެފައި ހުންނާތީ. އެހެންވީމާ، ރައްޔިތުންގެ މަޖިލިސްގެ މެންބަރަކު، އެ ގޮނޑިއަށް އިންތިޚާބުވެވަޑައިގަތުމަށްފަހުގައި، އެ ޙަވާލުވެވަޑައިގަންނަވާ މަސްއޫލިއްޔަތާ އެ ޙަވާލުވެވަޑައިގަންނަވަނީ، ކުރިންވެސް ދެންނެވި ފަދައިން، ވަރަށް މުހިންމު ހުވައެއް ކުރައްވައިގެން. އެހެންވީމާ، އެ ހުވަޔަށް އިޚްލާޞްތެރިވެވަޑައިގަންނަވަން ޖެހޭނެ. އެ މެންބަރަކު ހޮވި ރައްޔިތުންނަށް އިޚްލާޞްތެރިވެވަޑައިގަންނަވަން ޖެހޭނެ. އަދި އެ ރައްޔިތުން ހިމެނޭ ދައުލަތަށް އިޚްލާޞްތެރިވެވަޑައިގަންނަވަން ޖެހޭނެ. މިކަންކަން ކުރެއްވުމަކީ މެންބަރުންގެ ވަރަށްބޮޑު ވާޖިބެއް.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ ރާއްޖެއަށް ﷲ ދެއްވާފައިވާ ނިޢުމަތުގެ ބޮޑުކަމުގެ ކޮޅެއްވެސްނެތް. އެއީ، އަޅުގަނޑުމެންނަކީ އެއްބައެއްވަންތަ އަދި އެއްބައިވަންތަ ބަޔަކަށްވީކަން. އެފަދަ ބައެއްގެ ގޮތުގައި ﷲ އަޅުގަނޑުމެން ލަހައްޓަވާފައިވާކަން. މި ނިޢުމަތަށް ޝުކުރުކުރުމަކީ އަޅުގަނޑުމެންގެ ކޮންމެ މީހެއްގެވެސް ވަރަށްބޮޑު ވާޖިބެއް. ނިޢުމަތަށް ޝުކުރުކުރުމަކީ، އެނިޢުމަތް ދެމެހެއްޓުމަށް ލިބޭ ވަރަށްބޮޑު ބާރަކަށްވޭ. އެ ނިޢުމަތަށް ޝުކުރުކުރުމަކީ، އެކަން ދެމެހެއްޓުމަށް އަޅުގަނޑުމެންވެސް މަސައްކަތް ކުރުން.

ރާއްޖޭގައި މިއޮތް ހަމަހިމޭންކަމާއި، އަމަންއަމާންކަމާއި، ޞުލްޙަމަޞްލަޙަތަކީ، އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެބޮޑު ނިޢުމަތް. ފަހަރެއްގައިވެސް މިކަން އަޅުގަނޑުމެން ހަނދާންނައްތާލައިގެން ނުވާނެ. އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި އެޓަރނީ ޖެނެރަލްގެ ވާހަކަފުޅުގައިވެސް މިނުކުތާއަށް އިޝާރާތް ކުރެއްވި. މިއީ އަޅުގަނޑުމެން އަބަދުވެސް ވަރަށް ޚާއްޞަ ނަޒަރަކުން ބަލަންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ތެރެއިން މީހަކު، ނުވަތަ ބަޔަކު ކުރާ ކަމަކުން އަޅުގަނޑުމެންގެ ރާއްޖޭގައި އުފެދިފައި މިވާ ހަމަޖެހުމާއި އެއްބައިވަންތަ ކަމަށް ކިތަންމެ ކުޑަނަމަވެސް ބުރުލެއް އަރައިފިނަމަ، އެ ވާނީ ވަރަށްބޮޑު ގޯހަކަށް. އެމީހެއްގެ ބޮލުގައި ނުވަތަ އެބައެއްގެ ބޮލުގައި އެކަމުގެ ޒިންމާ އަޅަންޖެހޭނެ. އާދެ، މިވާހަކަ ދަންނަވާއިރު، އަޅުގަނޑުމެންނަކީ، ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވީތީ، އަދި އަޅުގަނޑުމެންނަކީ ތާރީޚީގޮތުންނާއި އަދި ޘަޤާފީގޮތުން އެއްބައެއްވަންތަ ބަޔަކަށްވީތީ، މި އަމާންކަމާއި ޞުލްޙަމަޞްލަޙަތު ދެމެހެއްޓުމަކީ އަޅުގަނޑުމެންނަށް މާ ދަތިކަމަކަށް ވެގެންނެއް ނުވާނެ. ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައި މިދެންނެވިފަދަ ކަންތައްތައް ހަމަޖެހިފައި އޮންނަނިއްޔަކީ އެހެނެއްނޫން. އެތަންތާނގައި ތަފާތު ދީންތަކުގެ އަހުލުވެރިން ދިރިއުޅޭ، ނުވަތަ ތަފާތު ނަސްލުތަކުގެ މީހުން ދިރިއުޅޭ، ތަފާތު ބަސްބަހުން ވާހަކަދައްކާ މީހުން ދިރިއުޅޭ. އެހެންވީމާ، އެމީސްމީހުންގެ މެދުގައި އެކިއެކި ހަމަނުޖެހުންތައް އުފެދި، ފިތުނަ އުފެދި، ލޭއޮހޮރުވުން ހިނގުމަކީ ވަމުންދާ ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖެއަކީ، ކުރިންވެސް މިދެންނެވިފަދަ ނިއުމަތްތަކެއް ﷲ ދެއްވާފައިވާ ޤައުމަކަށްވާތީ، އަޅުގަނޑުމެންގެ ރާއްޖޭގައި އެފަދަ ހަމަނުޖެހުމަކަށް ނުވަތަ ފިތުނައަކަށް އެއްވެސް ތަނެއް އޮވެގެނެއް ނުވާނެ. މީހުންގެ މެދުގައި ޚިލާފު އުފެދޭ ކަންތައްތަކުގެ ތެރޭގައި ފަހަކަށްއައިސް ދީނީ ބައެއް ކަންތައްތައްވެސް ހިމެނޭ. އާދެ، އަޅުގަނޑުމެންގެ ރާއްޖެއަކީ ސަތޭކައަކުން ސަތޭކަ މުސްލިމުން ދިރިއުޅޭ ޤައުމެއް. އިސްލާމްދީނުގައި އޮންނަނީ އެއްބައިވަންތަ ކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައި. އެއްވެސް ކަމެއްގައި އެކަކު އަނެކަކާ ދެކޮޅުވެރިވެ، ހަމަނުޖެހުމެއް އުފެދި، މިގޮތަށް ކަންތައްތައް ދިޔުމަކަށް ދީން ހުއްދައެއް ނުކުރޭ. އަދި އަމުދުން ދީނާބެހޭ ކަންތައްތަކުގައި ހުއްދައެއް ނުކުރޭ.

އެހެންނަމަވެސް، ފަހަކަށްއައިސް އިސްލާމީ ވަރަށްގިނަ ޤައުމުތަކުގައި ބައެއް މީހުން ޢަމަލުކުރާގޮތަކުން އެތަންތާނގައި ފިތުނަ އުފެދެމުން އެބަދޭ. މިސާލަކަށް ދަންނަވަންޏާ، އަލްޖީރިޔާގައި، މިޞްރުގައި އަދި ޕާކިސްތާނުގައި. އަދި މިނޫންވެސް އިސްލާމީ އެހެން ބައެއް ޤައުމުތަކުގައި ހަރުކަށި އިސްލާމީ ޖަމާޢަތްތަކޭ ކިޔާ ބަޔަކު އުފެދިގެން، އެބަޔަކު ޢަމަލުކުރަމުން ގެންދާގޮތުން، ހަނގުރާމަވެރި ޢަމަލުތަކެއް ހިނގަމުން އެބަދޭ. އެއްވެސް ކުށެއްނެތް މަޢުޞޫމް އެތައްބަޔަކު މަރުވަމުން އެބަދޭ. ލޭއޮހޮރުވުމުގެ ޙާދިޘާތަކެއް އެބަހިނގާ. ތަންތަން ހަލާކުކުރުމާއި، ބޮން ގޮއްވުމާއި، މީހުން ވަގަށް ނެގުމާ، މިކަހަލަ ވަރަށްގިނަ ކަންތައްތަކެއް އެބަ ހިނގާ. މިކަންތައްތައް މިކުރަނީ ދީނުގެ ނަމުގައި. މިކަމުގައި އެންމެ ދެރަވާންޖެހޭ ކަމަކީ އެއީ. ދީނަކީ ސަލާމުގެ ދީން، ޞުލްޙަވެރިކަމުގެ ދީން، ހިތްހެޔޮކަމުގެ ދީން. އެހެން އެކަން އޮއްވައި، ދީނުގެ ނަމުގައި ބަޔަކުމީހުން މުޖްތަމަޢުގައި ފިތުނަފަސާދަ އުފައްދައި، ބައިބައިވުން އުފައްދައި، އަދި އެކަމުގެ ސަބަބުން މީސްމީހުންގެ ފުރާނައަށް، ގެދޮރަށް ގެއްލުން ލިބޭގޮތްވުމަކީ ވަރަށްވެސް ހިތާމަހުރި ކަމެއް. އަޅުގަނޑުމެން މިކަންކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަންޖެހޭނެ. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުމާއި، ޞުލްޙަމަޞްލަޙަތު އޮތްނަމަވެސް، އޭގެ މާނައަކީ އަޅުގަނޑުމެން އެ ޞުލްޙަވެރިކަމާއި، އަމަންއަމާންކަން ދެމެހެއްޓުމަށް މަސައްކަތް ނުކުރަނީ ކަމުގައިވަންޏާ، މުސްތަޤްބަލުގައި އެކަން ދެމިއޮންނާނެއެކޭ ނޫން. އަޅުގަނޑުމެންގެ މެދުގައި މިއަދު މިއޮތް އެއްބަނޑުއެއްބަފާކަމާއި، ހަމަޖެހުމާއި، އެކުވެރިކަން ދެމިއޮންނާނީ، އަޅުގަނޑުމެން ކުރާ، ވަރުގަދަ މަސައްކަތްތަކަކުން.

އެހެންވީމާ، އެކަމަކީ ކޮންމެ ބާވަތެއްގެ ކަމެއް ކަމަށްވިޔަސް، އަޅުގަނޑުމެން މިނުކުތާއަށް ސަމާލުކަން ދޭންޖެހޭނެ. ޚާއްޞަކޮށް، ދީނީ ކަންތައްތަކުގައި އަޅުގަނޑުމެންގެ މެދުގައި ބައިބައިވުން އުފެދޭގޮތަށް ކަންތައްކުރުމަކީ އެއްގޮތަކަށްވެސް އެކަން ވެގެންވާނެ ގޮތެއް ނޫން. އެހެންކަމުން، ދިވެހި ސަރުކާރުން މިހާރުވަނީ ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން، މަޖިލިސްގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން އެބިލް ފާސްވެ، ޤާނޫނަކަށްވެ ނިމިފައި. އެ ޤާނޫނުގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަކީ މިވަގުތު ހުރިހާ ދިވެހި ރައްޔިތުންގެ ވާޖިބެއް. ޤާނޫނަށް ޙުރްމަތްތެރިކޮށްހިތުމަކީ ކޮންމެ އިންސާނެއްގެވެސް ވާޖިބެއް. ޤާނޫނަކާ ޚިލާފަށް އެއްވެސް މީހަކަށް ޢަމަލުކުރެވިގެންނެއް ނުވާނެ. ޢަމަލުކޮށްފިނަމަ އެމީހަކަށް އެކަމާބެހޭ އަދަބުވެސް ލިބެންޖެހޭނެ. އާދެ، އަޅުގަނޑުގެ ވާހަކައަކީ ކޮންމެހެން ބަޔަކަށް އަދަބު ދިނުމެއް ނޫން. އެހެންނަމަވެސް، ޤާނޫނުގައި ބުނަނީ ކީކޭތޯ އަޅުގަނޑުމެން ރަނގަޅަށް ބަލައި، ވިސްނައި، އެއާ އެއްގޮތަށް ޢަމަލުކޮށް، ޤާނޫނީ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތުމަކީ، ރާއްޖޭގައި މިހާރު މިއޮތް ދީނީ އެއްބައިވަންތަކަން ހިފެހެއްޓުމަށް ލިބޭ ވަރަށްބޮޑު ބާރަކަށްވާނެ.

އާދެ، އަޅުގަނޑުގެ ވާހަކަ ވަރަށް ދިގުވެސްވެއްޖެ. އެހެންނަމަވެސް، އަދިވެސް ދެތިން ނުކުތާއެއް ދަންނަވާލަންޖެހޭތީ މަޢާފާއެކު ކުރިއަށްގެންދަން. އާދެ، އަޅުގަނޑުމެންގެ ޒުވާނުންނަށް ދޭ އަހަންމިއްޔަތު މިހާރު ވަރަށްބޮޑު. ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި ހިމެނޭ ބޭފުޅުންކޮޅެއް، ސަރުކާރުގެ ވަޒީރުންގެ މަގާމުގައި ނުވަތަ އޮފީސްއޮފީހުގެ ވެރިންގެ މަގާމުގައި މިހާރު ގިނަ ޢަދަދަކަށް އެބަ ތިއްބެވި. އެބޭފުޅުންގެ ޚިދުމަތް ސަރުކާރަށާއި އަދި ރައްޔިތުންނަށް ވަރަށް އެކަށީގެންވާ ގޮތެއްގައި ލިބެމުން އެބަދޭ. މީގެއިތުރުން، ޢާންމުކޮށް ޒުވާނުންނާބެހޭ މައްސަލަތައް ޙައްލުކުރުމާއި، ޒުވާނުންނަށް ކުރިއެރުމުގެ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް މިގެންދަނީ ކުރަމުން. ޒުވާނުންނާބެހޭ މިނިސްޓްރީއެއް ވަނީ އުފެދިފައި. އެމިނިސްޓްރީން ޒުވާނުންނާބެހޭ ކަންތައްތައް އިންތިޒާމު ކުރައްވައި ހިންގަވަމުން އެބަ ގެންދަވާ. އަދި ޒުވާނުންނާބެހޭ ޤައުމީ ޖަލްސާއެއްވެސް ބޭއްވި، އެޖަލްސާގައިވެސް ފާސްކުރުންތަކެއް ވަނީ ފާސްކުރެވިފައި. އަދި އޭގެތެރޭގައި ހުރި ކަންތައްތަކާ ދޭތެރޭގައި ސަރުކާރުގެ އޮފީސްތައް އެކުވެގެން ވިސްނަވައި، މިވަގުތަށް ކުރިއަށް ގެންދެވެންހުރި ކަންތައްތައް ފާހަގަކުރައްވައި، އެކި އޮފީސްއޮފީހަށް މިހާރުވަނީ ފޮނުވިފައި. އެހެންކަމުން، މިކަންތައްތައް ކުރިއަށްދިޔުމަކީ، ޒުވާނުންގެ ކުރިއެރުމަށާއި ތަރައްޤީއަށް އަދި އެމީހުންގެ ޙައްޤުތައް އެމީހުންނަށް ލިބިގަތުމަށާއި އަދި އެމީހުންގެ ފުރިހަމަ ބޭނުން ޤައުމަށް ލިބުމުގައި ވަރަށް މުހިންމު ޙިއްޞާއެއް އަދާކުރާނެ ކަމެއް. އިރާދަކުރެއްވިއްޔާ ޒުވާނުންނާބެހޭ ކަންތައްތައް ކުރިއަށް އޮތް ތާނގައިވެސް ދާނީ ވަރަށް އެކަށީގެންވާ ގޮތެއްގައި ތަރައްޤީވަމުން ކުރިއަށް.

ޒުވާނުންނާ ބެހޭގޮތުން ވާހަކަ ދައްކާއިރު، މިހާރު ރާއްޖޭގައި ފެތުރެމުންދާ ކަމެއްގެ ވާހަކަވެސް ދަންނަވާލަން އެބަޖެހޭ. އެއީ މަސްތުވާތަކެތި ބޭނުންކުރުމުގެ ވާހަކަ. އާދެ، މަސްތުވާތަކެތި ބޭނުންކުރުމަކީ ހަމައެކަނި ޒުވާނުން ކުރާ ކަމެއް ނޫން. އެއަށްވުރެ ހަރުމީހުންވެސް އެކަންކުރޭ. އެހެންނަމަވެސް، މީގެ އެންމެބޮޑު ބިރު މި އޮންނަނީ، ޒުވާނުންނަށް ކުރިމަތިވެފައި. އެހެންވީމާ، މިކަމުން ސަލާމަތްވުމަށްޓަކައި ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ވަރަށްގިނަ މަސައްކަތްތަކެއް މިހާރުވަނީ ކުރަންޖެހިފައި. މައިންބަފައިން، ސްކޫލްތަކުގެ އިދާރާތައް، މުދައްރިސުން އަދި އިޖްތިމާޢީ ކަންތައްތަކާބެހޭ މާހިރުން، ސަރުކާރުގެ ކަމާބެހޭ އިދާރާތައް، މިހުރިހާ ތަނެއް ވަރަށް ބޮޑަށް ގުޅިގެން، މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި ޤައުމު ސަލާމަތް ކުރުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް މިހާރުވަނީ ކުރަންޖެހިފައި. އޭގެތެރެއިން އެއް މަސައްކަތަކީ، މިހާރުއޮތް މަސްތުވާތަކެއްޗާބެހޭ ޤާނޫނު އިޞްލާޙުކުރުން. މިހާރު އޮތް ޤާނޫނަކީ އެކަމަށް އެންމެ އެކަށީގެންވާ ޤާނޫނަކަށް ނުވާތީ، އެމަސައްކަތް މިހާރު އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރައްވަމުން އެބަ ގެންދަވާ. އިރާދަކުރެއްވިއްޔާ، އެޤާނޫނަށް އަންނަ އިޞްލާޙުގެ ސަބަބުންވެސް މިމައްސަލަ ޙައްލަކަށް ގެނައުމުގައި އަޅުގަނޑުމެންނަށް އެހީއަކަށްވާނެ. މީގެއިތުރުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހަމައެކަނި އަދަބު ދިނުމުގެ ބަދަލުގައި، ޤާނޫނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި، އެމީހުން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ އިންތިޒާމުތަކެއްވެސް އަޅުގަނޑުމެން ރާވަންވެއްޖެ. އާދެ، އޭގެތެރެއިން ގިނައީ ޒުވާނުން. ޒުވާނުންނަކީ އެމީހުންގެ މުސްތަޤްބަލް އަދި އެމީހުންގެ ކުރިމަތީގައި އޮތް ބައެއް. ތަޢުލީމާއި ވިސްނުމުގެ މުއްސަނދިކަން ލިބިފައިވާ ބައެއް. އެހެންވީމާ، އެމީހުންގެ ތަޢުލީމާއި، އެމީހުންނަށް ލިބިފައިވާ މުއްސަނދިކަމާއި ޤާބިލިއްޔަތު ނެތިދިޔުމަކީ، މުޅި ޤައުމަށް ލިބޭ ގެއްލުމެއް. އެކަން އަޅުގަނޑުމެން ދެނެގަންނަންވާނެ. އެހެންވީމާ، ޒުވާނުން ޚާއްޞަ ގޮތެއްގައި ރައްކާތެރިކޮށް، އެމީހުންގެ ޚިދުމަތް ފުރިހަމަގޮތުގައި ޤައުމަށް ލިބި، އެމީހުންގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ، މަސްތުވާތަކެތީގެ ބޭނުންކުރާ ޒުވާނުން އިޞްލާޙުވެ، އެމީހުންގެ ފައިދާ ޤައުމަށް ހިފޭގޮތަކަށް ކަންތައްތައް ރާވައިގެން ގެންދެވިއްޖިއްޔާ.

އާދެ، އަޅުގަނޑު މިދަންނަވަނީ ރީހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގަން ފަށަން ޤަޞްދުކުރާ ވާހަކަ. މިހާތަނާ ޖެހެންދެން އެކަން މިއޮތީ ނުކުރެވި. ނުކުރެވިއޮތީވެސް ވަރަށްގިނަ ދަތިތަކެއް ހުރެގެން. އެއީ، މިފަދަ ކަމެއް ހިންގުމަކީ، އެކަމުގެ ތަޖުރިބާއާއި މަޢުލޫމާތު އަޅުގަނޑުމެންނަށް ލިބިފައިވާ ކަމެއްނޫން. ރާއްޖޭގައި އަދި މިކަން ހިންގޭފަދަ ފެންވަރަކަށް، ކަމުގެ ތަޢުލީމާއި ތަޖުރިބާ ޙާޞިލްކުރައްވާފައިވާ ބޭފުޅުންނެއް ނެތް. އެހެންވީމާ، އަޅުގަނޑުމެންނަށް ޖެހެނީ މިކަމުގައި، ކަމާބެހޭ ތަޖުރިބާކާރުންނާއި މާހިރުން ބޭރުން ގެނެސްގެން، މިކަން އިންތިޒާމުކޮށްގެން ހިންގަން. އެކަން އެހެން އޮތްނަމަވެސް، އިރާދަކުރެއްވިއްޔާ ސަރުކާރުން މިފަދަ ޕްރޮގްރާމެއް ހިންގުމަށް ޤަޞްދުކުރާ ވާހަކަ މިފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން.

އާދެ، ކުރީ އަހަރު އަޅުގަނޑު ދެއްކި ވާހަކައިގައި، ސަރުކާރުން އެންމެބޮޑު އިސްކަމެއް ދޭނެ އެއްކަމެއް ކަމުގައި ދަންނަވާފައި ވާނީ، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ ހަލުއިކުރުން. އެގޮތުން މިއަހަރުވެސް ވަރަށްގިނަ މަސައްކަތްތަކެއް މިހާރުވަނީ ކުރެވިފައި. އާދެ، ތިޔަ ހުރިހާ ބޭފުޅުންވެސް އައްސަވާނެ، ބަޖެޓުގެ ޑެފިސިޓް ބޮޑު ވާހަކަ. ޚާއްޞަކޮށް، މިދިޔަ އަހަރު އަޅުގަނޑުމެންނަށް ލިބިފައިވަނީ ރެކޯޑު ޑެފިސިޓެއް. މިދިޔަ އަހަރު ސަރުކާރުގެ ބަޖެޓަކީ 364 މިލިޔަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް. އެއީ ވަރަށްބޮޑު ޑެފިސިޓެއް. އެކަން ހަމައަކަށް އެޅުވުމަށްޓަކައި މިއަހަރު ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އޭގެ ނަތީޖާއެއްގެ ގޮތުން އިރާދަކުރެއްވިއްޔާ، މިއަހަރު ނިމޭއިރު، ކުރީ އަހަރުގެ ޑެފިސިޓަށްވުރެ ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް ވަރަށްބޮޑުތަން ކުޑަވެގެންދާނެ. އަދި އަޅުގަނޑުމެންގެ އުފެއްދުންތެރިކަންވެސް އިރާދަކުރެއްވީތީ މިއަހަރު މިދަނީ ކުރީ އަހަރަށްވުރެ ރަނގަޅަށް. މަސްވެރިކަމުންވެސް އަދި ޓޫރިޒަމުންވެސް ސަރުކާރަށް ލިބޭ އެއްޗެއްސާއި، މުޅި ޤައުމަށް ލިބޭ އެއްޗެހިވެސް މިދިޔަ އަހަރަށްވުރެ މިއަހަރުވަނީ، މާބޮޑުތަން އިތުރުވެފައި. ރާއްޖެ އައި ޓޫރިސްޓުންގެ ޢަދަދު، މިދިޔަ އަހަރަށްވުރެ މިއަހަރުވަނީ، ސަތޭކައަކުން ފަނަރަ އިތުރުވެފައި. އަދި ޓޫރިޒަމުން ލިބުނު އާމްދަނީވެސް މިދިޔަ އަހަރަށްވުރެ ސަތޭކައަކުން އޮނަތިރީސް، މިއަހަރުވަނީ އިތުރުވެފައި. ހަމައެފަދައިން، މަސްވެރިކަމުގެ ރޮނގަށް ވިސްނާއިރުވެސް، ބޭނުނު މަހާއި، މަހުގެ އަގަށް މިއަހަރުވަނީ އެދެވޭ ބަދަލުތަކެއް އައިސްފައި. މިއަހަރުގެ ފުރަތަމަ ހަމަސްދުވަހަށް ބަލާއިރު، ބޭރަށް މަސް ވިއްކައިގެން ލިބުނު އާމްދަނީ މިދިޔަ އަހަރަށްވުރެ ސަތޭކައަކުން ބާވީސްވަނީ އިތުރުވެފައި. އަދި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމާއި، ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވުމުގެ ސަބަބުން އަދި ރާއްޖެއާއި ރާއްޖެއިން ބޭރާ ދެމެދުގައި ކުރާ މުޢާމަލާތުތައް އަޅުގަނޑުމެންނަށް ފަހިވާގޮތަށް ދިޔުމުގެ ސަބަބުން، އަޅުގަނޑުމެންގެ ބެލެންސް އޮފް ޕޭމަންޓްވެސް މިއަހަރު ނިމޭއިރު އިރާދަކުރެއްވިއްޔާ މިދިޔަ އަހަރަށްވުރެ ވަރަށްބޮޑުތަން ރަނގަޅުވާނެ.

އާދެ، މިހުރިހާ ކަމެއް މިގޮތަށް މިދަނީ މާތްﷲގެ ރަޙްމަތުން. އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވާ ހެޔޮ ތައުފީޤުގެ ސަބަބުން. އަދި ޤައުމުގެ ތަރައްޤީގައި އަޅުގަނޑުމެން ދިވެހި ރައްޔިތުން ކުރައްވާ އަގުބޮޑު މަސައްކަތްތަކުގެ ސަބަބުން. ދިވެހި ރައްޔިތުންނަކީ އަބަދުވެސް ވަރަށް ހީވާގި، މުރާލި، މަސައްކަތްކުރަން ކެރޭ ބައެއް. ދުނިޔޭގެ އެހެން ޤައުމުތަކުގެ މީހުންވެސް މިކަން ފާހަގަކުރޭ. އެހެންވީމާ، ދިވެހި ރައްޔިތުން ޚާއްޞަކޮށް، ރައްޔިތުންގެ ތެރެއިން އުފެއްދުންތެރިކަމަށް މަސައްކަތް ކުރައްވާ ފަރާތްތަކުން ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރައްވައިގެން އަދި ސަރުކާރުންވެސް ކަމާބެހޭ ކަންތައްތައް ފަހިކޮށްދީ އަދި ސަރުކާރުންވެސް އެކިއެކި ޕްރޮޖެކްޓްތައް ހިންގައި، އެކަންތައްތައް ކުރުމުގައި ގެންގުޅޭ ސިޔާސަތެއްގެ ސަބަބުން އިރާދަކުރެއްވިއްޔާ މިއަހަރު އަޅުގަނޑުމެންގެ އިޤްތިޞާދު ދައްކަނީ މިދިޔަ އަހަރަށްވުރެ ވަރަށް ބޮޑުތަން ރަނގަޅުކޮށް. އެއީ އަޅުގަނޑުހިތުން އަޅުގަނޑެކޭ އެއްފަދައިން، ތިޔަބޭފުޅުން ވަރަށް ބޮޑަށް އުފާކުރައްވާނެ ކަމެއް.

އާދެ، އަޅުގަނޑުމެން މިހާރު މި ކަޑައްތުކުރަނީ ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތައް. ވަރަށް އަވަހަށް 20 ވަނަ ޤަރުނު ނިމި، 21 ވަނަ ޤަރުނާ މުޅި އިންސާނިއްޔަތު ކުރިމަތިލާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުން ހުންނަންވީ، 21 ވަނަ ޤަރުނުގައި ރާއްޖޭގެ ކަންތައްތައް ހުންނާނެގޮތަކާ ދޭތެރޭގައި. ރާއްޖޭގެ ކަންތައްތައް އިޞްލާޙުކޮށް، ރައްޔިތުންނަށް އުފާފާގަތިކަމާއި، އިތުރު ކުރިއެރުން، 21 ވަނަ ޤަރުނުގައި ލިބޭނީ ކިހިނެއް، ކޮން މިޞްރާބަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަންކޮށްގެންތޯ، މިއީ އަޅުގަނޑުމެން މިއަދު ވިސްނަންވީ ނުކުތާއަކީ. ޝައްކެއްނެތް، މިކަމަކީ ރާއްޖޭގެ ރައްޔިތުންވެސް އެކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަވާނެ ކަމެއް. އެކަމާ ބެހޭގޮތުން ކާމިޔާބީ ހޯއްދެވުމަށްޓަކައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމެއް. ސަރުކާރުންވެސް 2005 ވަނަ އަހަރު ރާއްޖެ އޮންނަންވާނެ ގޮތަކާބެހޭ ތަޞައްވުރެއް މިހާރުދަނީ ތައްޔާރުކުރަމުން. އަދި އެ ތަޞައްވުރު އެއީ ޙަޤީޤަތަކަށް ހެދުމަށްޓަކައި ކުރަންޖެހޭނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ ބަލައި، އެކަންތައްތައް ކުރުމަށް މަގުފަހިކުރަމުން. މިބަދަލުތައް އަޅުގަނޑުމެންގެ ތެރެއަށް އަންނައިރު، އަޅުގަނޑުމެންނަކީ ސިޔާސީގޮތުން ތަޞައްރުފް ފުދިފައިވާ، ހޭލުންތެރި ބަޔަކަށްވާންޖެހޭ. އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ކުރިއަރަމުންދާ ދިޔުމުގައި ދިމާވާ މައްސަލަތައް ގިރާކޮށް، އެއަށްވުރެ ކުރިއަށް ފިޔަވަޅުއަޅަން އެނގޭ އަދި ކެރޭ ބަޔަކަށްވާންޖެހޭ. މިހުރިހާ ކަމެއްގެ އަޞްލަކީ ރައްޔިތުން. ރައްޔިތުންގެ ވިސްނުމާއި ހޭލުންތެރިކަން ހުރި މިންވަރަކުން އަދި އެމީހުންގެ ހީވާގިކަމާއި މުރާލިކަން ހުރި މިންވަރަކުން، ޤައުމު ތަރައްޤީވާނީ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ޤަބޫލުކުރާނެ ޙަޤީޤަތެއް. ހަމައެފަދައިން، ރައްޔިތުންނާއި ސަރުކާރާ ދޭތެރޭގައި އޮންނަ ގުޅުން ހަރުދަނާވެ، އެ ގުޅުމަކީ ހުރިހާގޮތަކުންވެސް އޮމާން ގުޅުމަކަށްވެގެން ނޫނީ، ރާއްޖެފަދަ ޤައުމަކަށް ކުރިއަކަށްނުދެވޭނެ. އެ ގުޅުމަށް އެއްވެސް ކަހަލަ ކިލަނބު ކަމެއް އަތުވެއްޖެނަމަ، އެކިވައްތަރުގެ ހަމަނުޖެހުން އުފެދުމަކީ އެކަށީގެންވާ ކަމެއް. އެހެންކަމުން، އަޅުގަނޑުމެން އެންމެންވެސް މި މުހިންމު ނުކުތާތަކާ ދޭތެރޭގައި ވަރަށް ބޮޑަށް ފުންކޮށް ޚިޔާލުކޮށް، ކޮންމެ މީހަކުވެސް އެމީހެއްގެ ވާޖިބު އަދާކުރުންމަތީ ދެމިހުރުމަކީ، އަޅުގަނޑުމެންގެ ޤައުމުގެ ސަލާމަތަށާއި، ރައްކަލަށާއި، ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މާތްﷲގެ ޙަޟްރަތުން އަޅުގަނޑުމެންނަށް ހިދާޔަތާއި ތައުފީޤު ދެއްވުން އެދި ދުޢާކުރަމުން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ، އަޅުގަނޑުމެންގެ މެދުގައި އިސްލާމީ އުޚުއްވަތްތެރިކަން ޤާއިމުވެފައިވާ ރައްޔިތަކު ކަމުގައި ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އިބްތިހާލުވަމުން. ރާއްޖެއަކީ އަބަދަށްޓަކައި ޞުލްޙަވެރި، އަމާން، ޞުލްޙަމަސްލަޙަތު ހަމަޖެހިފައިވާ ޤައުމެއްކަމުގައި ލެހެއްޓެވުން އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވަމުން. އަދި ރައްޔިތުންގެ އުފާފާގަތިކަމާއި ކުރިއެރުމަށްޓަކައި ސަރުކާރާއި ރައްޔިތުން ގުޅިގެން މިކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.