بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وَأصْحَابِـهِ أجمـعـين.
އާދެ، މިއަދު މިފެށެނީ އަތޮޅުވެރިންގެ 7 ވަނަ ބައްދަލުވުން. މިބައްދަލުވުން މި ހިނގަނީ ތިލަދުންމަތީ ދެކުނުބުރީގައި. އަދި އެއަތޮޅުގެ ވަރަށް ޚާއްޞަ ރަށެއް ކަމުގައިވާ ކުޅުދުއްފުށީގައި. އެހެންކަމުން، މިއަދު އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، ރާއްޖެތެރޭގެ ތަރައްޤީގައި ވަރަށް ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުންގެންދާ ކުޅުދުއްފުށީގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑާއި އަދި ދިވެހި ސަރުކާރުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ރައްދުކުރުން. މިބައްދަލުވުމަށްޓަކައި ކުޅުދުއްފުށި ތައްޔާރުވެފައި މިވަނީ، ވަރަށް ފުރިހަމަގޮތެއްގައި. އަޅުގަނޑު މިރަށަށް އައުމުން، އަޅުގަނޑުގެ ލޮލަށް އެކަން ފެނިގެން ހިނގައްޖެ. އެކަން ވަރަށް ރަނގަޅަށް އިޙްސާސް ކުރެވިއްޖެ. އަދި މިރަށަށް އައުމުގެ ކުރިން، ޓީ.ވީ. މޯލްޑިވްސްގެ ޛަރީޢާއިން އާދެ، ކުޅުދުއްފުށިން، ޓީ.ވީ.ގެ ވަރަށް މަޝްހޫރު ބޭފުޅަކު ކަމުގައިވާ އަލްފާޟިލާ ޖަމީލާ ޢަލީ، ރޭގައި ފޮނުއްވި ރިޕޯޓަކުންވެސް މިޖަލްސާއަށް ކުޅުދުއްފުށި ތައްޔާރުވަމުންދިޔަދިޔުން ވަރަށް ރަނގަޅަށް ފެނިގެންދިޔަ.
ހަމައެއާއެކުގައި ދަންނަވަންޖެހެނީ، މިބައްދަލުވުން ކާމިޔާބު ބައްދަލުވުމަކަށް ހެއްދެވުމަށްޓަކައި، ކުޅުދުއްފުށީގެ ލޮބުވެތި ރައްޔިތުންނާއި ވެރިން ގުޅިގެން، އަދި ޚާއްޞަކޮށް، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ރަފީޤުގެ ބެއްލެވުމުގެ ދަށުން، ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް. އެހެންކަމުން، އެކުރެއްވި މަސައްކަތްތައް އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކުރައްވާނެ މަސައްކަތްތައް އަޅުގަނޑަށް އިޙްސާސް ކުރެވޭތީ، ކުޅުދުއްފުށީގެ ރައްޔިތުންނަށާއި، މިރަށުގެ ވެރިންނަށް، މިރަށުގައި ވަޒީފާ އަދާކުރައްވާ ހުރިހާ ބޭފުޅުންނަށާއި، މިރަށުގެ ކޮމިޓީތަކުގެ މެންބަރުންނަށާއި، މިރަށުގެ ކިޔަވާކުދިންނަށް، އަދި ޖުމްލަގޮތެއްގައި ދަންނަވަންޏާ، ކުޅުދުއްފުށީގެ ޢާންމު ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް އަޅުގަނޑު ދަންނަވަން.
އާދެ، އަޅުގަނޑަށް ދަންނަވަންޖެހެނީ، މިއަދު އަޅުގަނޑު ކުޅުދުއްފުށްޓަށް އައުމުން އަޅުގަނޑަށްވެސް ކޮންމެވެސްވަރެއްގެ ރެކޯޑެއް ޤާއިމުކުރެވިއްޖެ ކަމަށް. އާދެ، އެހެން މިދަންނަވަނީ، އަޅުގަނޑު ވެރިކަމާ ޙަވާލުވިފަހުން، މީގެކުރިން ރާއްޖޭގެ އެއްވެސް ރަށަކަށް 9 ފަހަރަށް ދެވިފައި ނުވާތީ. އެހެންނަމަވެސް، މިއަދު އަޅުގަނޑު ކުޅުދުއްފުށްޓަށް ޒިޔާރަތްކުރުމުން، މިއީ އަޅުގަނޑު މި މަގާމުގައި ހުރެގެން ކުޅުދުއްފުށްޓަށް ޒިޔާރަތްކުރާ 9 ވަނަ ފަހަރު. އެކަމުންވެސް ދޭހަވަނީ، ރާއްޖޭގެ ތަރައްޤީގެ މަގުގައި ކުޅުދުއްފުށި ކުޅެމުންދާ މުހިންމު ދައުރު. އެއީ އަޅުގަނޑު ވެރިކަމާ ހަވާލުވުމަށްފަހުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އެންމެ ފުރަތަމަ ކުރި ޒިޔާރަތަށްފަހުން، އާދެ، ގާތްގަނޑަކަށް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވުނު މިދެންނެވި ޒިޔާރަތަށްފަހުން، އަޅުގަނޑު ގިނައިން މި ދަތުރުކުރަނީ ތަރައްޤީގެ އެކިއެކި މަސައްކަތްތައް ބަލައިލުމަށްޓަކައި. އެހެންވީމާ، ގިނަފަހަރަކަށް އެއް ރަށަކަށް ޒިޔާރަތް ކުރެވިފައިވާނަމަ، އަޅުގަނޑު ދެކެނީ އެތަނެއްގައި، އަޅުގަނޑު ޒިޔާރަތްކުރުން ޙައްޤުވާފަދަ ކަންތައްތަކެއް ކުރެވެމުންދަނީ ކަމުގައި.
އާދެ، ކޮންމެއަކަސް، މިރެކޯޑު އަޅުގަނޑަށް މި ޤާއިމުކުރެވުނީ، މިރަށުގައި ކަމަށްވާތީ، އަޅުގަނޑު ވަރަށް އުފާކުރަން. މިއާއެކުގައި ދަންނަވާލަންޖެހެނީ، ރާއްޖެތެރޭގެ ކޮންމެ ރަށަކަށް ދިޔުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ، ވަރަށް ބޮޑު އުފަލެއް ކަމަށް. އަޅުގަނޑުގެ ވަގުތު ތަންދިން މިންވަރަކުން، އަޅުގަނޑު މިގެންދަނީ އެކަންތައް ކުރަމުން. އެހެންނަމަވެސް، ތިޔަބޭފުޅުންނަށްވެސް ވަޒަންކުރެއްވޭނެ ފަދައިން، އަޅުގަނޑު ކުރަންޖެހޭ ކަންތައްތައް ގިނަކަމާއި، އަދި ތަފާތު އެތައް ސަބަބުތަކަކާހުރެ، އަޅުގަނޑު އެދޭހާ ގިނައެއްކޮށް އަޅުގަނޑަކަށް ރާއްޖެތެރެއަކަށް ޒިޔާރަތެއް ނުކުރެވޭ. އެހެންނަމަވެސް، ކުޅުދުއްފުށްޓަށް 9 ފަހަރު ޒިޔާރަތްކުރެވުނު ކަމުގައިވިޔަސް، 8 ފަހަރު ޒިޔާރަތްކޮށްފައިވާ ބައެއް ރަށްރަށް ރާއްޖެތެރޭގައި އެބަހުރި. އާދެ، އަޅުގަނޑުގެ މި ހެޔޮއެދުންތަކުގައި ތިލަދުންމަތީ ދެކުނުބުރީގެ ހުރިހާ ރައްޔިތުން ޝާމިލްކުރަން. އަދި ޢާންމުކޮށް ރާއްޖެތެރޭގައި ދިރިއުޅޭ، ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންވެސް ޝާމިލްކުރަން.
އާދެ، މިއަދު މި އިފްތިތާޙުކުރެވޭ ބައްދަލުވުމަކީ، ތިޔަބޭފުޅުންނަށް މިހާރު ތަކުރާރުކޮށް އިވިވަޑައިގެންފައިވާ ފަދައިން، އަތޮޅުވެރިންގެ 7 ވަނަ ބައްދަލުވުން. މީގެކުރިން 6 ބައްދަލުވުމެއްވަނީ ބޭއްވިފައި. އެއިން ކޮންމެ ބައްދަލުވުމަކީ، އެއިރަކު ރާއްޖެތެރެއަށް ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭގޮތުންނާއި، އިދާރީގޮތުން ދިމާވެފައި ހުންނަ ދަތިތަކާ ބެހޭގޮތުންނާއި، އެއިރަކު ރާއްޖެއޮތް، ތަރައްޤީގެ މަރްޙަލާއަކާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވިފައިވާ ބައްދަލުވުމެއް. އެއިން ކޮންމެ ބައްދަލުވުމެއްގެވެސް ފައިދާ ރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޮޑަށް ލިބިފައިވާކަމީ ޝައްކެއްއޮތްކަމެއް ނޫން.
އާދެ، މިއަދު މިބައްދަލުވުން އިފްތިތާޙުކުރުމުގެ ގޮތުން އަޅުގަނޑު މިދައްކާ ވާހަކަކޮޅުގައި، މުހިންމު ބައެއް ނުކުތާތަކާ ދޭތެރޭގައި ކޮންމެވެސް އެއްޗެއް ދަންނަވާލެވޭތޯ އަޅުގަނޑު ބަލާނަން.
އާދެ، އެންމެ ފުރަތަމަ އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވާ މައުޟޫޢަކީ، އަތޮޅުވެރިންގެ ދައުރު. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އަތޮޅުވެރިޔަކު އެބަ ހުންނަވާ. އެބޭފުޅަކު އެކުރައްވަންޖެހެނީ ކޮންކަމެއްތޯ، އެބޭފުޅެއްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ކޮބައިތޯ، އެބޭފުޅަކު ކަންތައްތައް ކުރައްވަންވީ އުޞޫލަކީ ކޮބައިތޯ، މިއީ އަޅުގަނޑުހިތުން މިފަދަ ބައްދަލުވުމެއްގައި އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަމަކީ.
އާދެ، އަތޮޅުވެރިންނާ ބެހޭގޮތުން، އަޅުގަނޑުމެންގެ ރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކުގައިވެސް އުޞޫލުތަކެއް ވަނީ ކަނޑައެޅިފައި. އާދެ، އޮފިޝަލް ކަންތައް ޤާނޫނު ނަންބަރު 3/68ޖ. އޮތްއިރު، އެޤާނޫނުގައި އަތޮޅުވެރިންނާ ބެހޭގޮތުން ޚާއްޞަ މަސްއޫލިއްޔަތުތަކަކާއި، ވާޖިބުތަކެއް ކަނޑައެޅިފައި އޮވޭ. އަދި ވަރަށްފަހުން ޤާނޫނު ނަންބަރު 1/68ޖ. އަށް ގެނެވުނު އިޞްލާޙާ ގުޅޭގޮތުން އެޤާނޫނުގައި ހިމެނިފައިވާ ގޮތުގެ މަތިން، ސަރުކާރުގެ ތަންތަން ހިންގާނެ ގޮތާއި، އެތަންތާނގެ ވާޖިބުތަކާއި، މަސްއޫލިއްޔަތުތަކާ، މިކަންކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަރާރެއް ނެރެފައި. އެ ޤަރާރުގައި އަތޮޅުވެރިން ކުރައްވަންޖެހޭ ކަންތައްތަކާއި، އަތޮޅުވެރިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ވަނީ ބަޔާންކުރެވިފައި. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކަތައް ދަންނަވަން ޤަޞްދުކުރަނީ، އޭގެ މައްޗަށް ނަޒަރު ހިންގާލުމާ އެކީގައި.
އާދެ، އެންމެ ފުރަތަމަ ދަންނަވަންޖެހެނީ، އަތޮޅުވެރިން އަދާކުރައްވަންޖެހޭ، ވަރަށް މުހިންމު ދެ މަސްއޫލިއްޔަތެއް އެބައޮތް ކަމަށް. އެ މަސްއޫލިއްޔަތު ބިނާވެފައި އޮންނަނީ، ދެ ކަމެއްގެ މައްޗަށް. އެއްކަމަކީ އަތޮޅުވެރިޔާއަކީ އަތޮޅުގައި ދައުލަތުގެ ފަރާތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގެވުމަށް، ދައުލަތުން އިސްކޮށްފައި ހުންނަވާ ބޭފުޅެއްކަން. ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، އަތޮޅުވެރިން މަޤާމާ ހަވާލުކުރެވެނީ، ރައީސުލްޖުމްހޫރިއްޔާ އަތޮޅުވެރިންނަށް އަރުވާ ފަތަކުން. އަތޮޅުވެރިންނަކީ، ދައުލަތުގެ އެންމެހައި ކަންތައްތައް ކޮންމެ އަތޮޅެއްގައިވެސް ހިންގަވަން ހުންނަވާ އެންމެ އިސްވެރިޔާ. ދެވަނަ ކަމަކީ، އަތޮޅުގައި އަމަންއަމާންކަން ޤާއިމުކުރުމާއި، ޞުލްޙަމަޞްލަޙަތު ދެމެހެއްޓުމާއި، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަން އާލާކޮށް ދެމެހެއްޓުން. އަތޮޅުވެރިން ކުރައްވަންޖެހޭ ކަންތައްތައް، ނުވަތަ އަތޮޅުވެރިންގެ ވާޖިބުތައް ބިނާވެފައިވަނީ، މި މުހިންމު ދެ މައިގަނޑުގެ މައްޗަށް. ތަންކޮޅެއް ތަފްޞީލްކޮށް ދަންނަވާނަމަ، އަތޮޅުވެރިން ކުރައްވަންޖެހޭ ކަންތައްތަކުގެ ތެރޭގައި، އިޤްތިޞާދީ ނަޒަރަކުން ބަލާއިރު ކުރައްވަންޖެހޭ ކަންތައްތަކެއްވެސް އެބަހުރި. އަދި، އިޖްތިމާޢީ ޚިދްމަތުގެ ގޮތުން ބަލާއިރު ކުރައްވަންޖެހޭ ކަންތައްތަކެއްވެސް އެބަހުރި. އަދި އިދާރީ ހިންގުމުގެ ގޮތުން ކުރައްވަންޖެހޭ ކަންތައްތަކެއްވެސް އެބަހުރި.
އާދެ، އިޤްތިޞާދީ ކަންތައްތަކުގެ ތެރޭގައި މަސްވެރިކަމާ ބެހޭގޮތުން، އަތޮޅުވެރިން ބައްލަވަންޖެހޭ ކަންތައްތައް ބެއްލެވުމާއި، ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް، ކުރިއެރުވުމަށްޓަކައި އަތޮޅުގައި ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުން އެއީ، އަތޮޅުވެރިޔާގެ ވާޖިބެއް ކަމުގައި، އަޅުގަނޑު ކުރިން ދެންނެވި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ހިމެނިފައިވޭ. އިޤްތިޞާދީ ގޮތުން ބަލާއިރު މުހިންމު އަނެއްކަމަކީ، ދަނޑުވެރިކަން. އާދެ، މުޅި ރާއްޖެއަށް ފެތުރިފައިވާ އިޤްތިޞާދީ މުހިންމު އަނެއް މަސައްކަތަކީ ރުއްގަސް އިންދުމާއި ދަނޑުވެރިކަން. އެހެންކަމުން، ރުއްގަސް ހެއްދުމާއި، ދަނޑުގޮވާން ކުރުމާއި، ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބައްލަވައި، އެކަންތައް ކުރެއްވުން އެއީވެސް އަތޮޅުވެރިޔާގެ ވާޖިބެއްކަމުގައި ވަނީ ހިމެނިފައި. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތަކުގެ ދާއިރާއަށް ބަލައިލާއިރުވެސް ވަރަށް މުހިންމު ކަންތައްތަކެއް ފާހަގަކުރެވޭ. އޭގެތެރެއިން އެއްކަމަކީ، އަތޮޅުގައި ތަޢުލީމު ދިނުމުގެ ކަންތައްތައް ހިންގެވުން. އަނެއްކަމަކީ، ޞިއްޙަތުގެ ކަންތައްތައް ހިންގެވުން.
އާދެ، މި ހުރިހާ ކަމެއްވެސް އަތޮޅުވެރިން ހިންގަވަންޖެހެނީ، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ހަމަޖައްސަވާފައިވާ ސިޔާސަތަކާއި އަދި ޢާންމު އުޞޫލުތަކަކާ އެއްގޮތްވާ ގޮތުގެ މަތިން. ކުރިން ދެންނެވި މަސްވެރިކަމުގެ ކަންތައްތައް ހިންގަވަންޖެހެނީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފަރާތުން އަންގަވާ ގޮތެއްގެ މަތިން. ތަޢުލީމާބެހޭ ކަންތައްތައް ހިންގަވަންޖެހެނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގަވާ ގޮތެއްގެ މަތިން. ޞިއްޙަތާބެހޭ ކަންތައްތައް ހިންގަވަންޖެހެނީ، މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއަރއިން އަންގަވާ ގޮތެއްގެ މަތިން. އަދި ރާއްޖޭގެ އަމަންއަމާންކަން ދެމެހެއްޓުމުގެ ކަންތައްތައް ހިންގަވަންޖެހެނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީން އަންގަވާ ގޮތެއްގެ މަތިން.
މިދެންނެވި ކަންތައްތަކުގެ އިތުރަށް، އަތޮޅުވެރިން ވަރަށްބޮޑު ސަމާލުކަމެއް ދެއްވަންޖެހޭ އިދާރީ ކަންތައްތަކެއްވެސް ހުރޭ. އޭގެތެރޭގައި، އަތޮޅުއޮފީސް ހިނގާނުހިނގާގޮތް ބެއްލެވުމާއި، ރަށްރަށުގެ އޮފީސްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމާއި، ރަށްރަށުގެ ވެރިންނާއި އަދި ކޮމިޓީތަކަށް އިރުޝާދު ދެއްވުން ހިމެނޭ. އަދި ވަކި ފަރާތަކާ ޙަވާލުވެފައިނުވާ، ރާއްޖެތެރެއާބެހޭ ހުރިހާ ކަމެއް ހިންގެވުންވެސް އޭގެތެރޭގައި ހިމެނޭ. ހަމައެހެންމެ، އަތޮޅުގައި ހުންނަ، ދައުލަތުގެ ބިންބިމާބެހޭ ހުރިހާ ކަމެއްވެސް އަތޮޅުވެރިން ބަލަހައްޓަވަންޖެހޭ.
އާދެ، ކުރުގޮތަކަށް މިދަންނަވާލީ، އަޅުގަނޑުމެންގެ ޤާނޫނުގައި ކުރިން ހަމަޖެހިފައިވާ އުޞޫލުތަކެއް. އަދި ޤާނޫނަށް އައި ބަދަލާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިހާރު ހަމަޖެހިފައިވާ ކަންތައްތަކެއް. މިހުރިހާ ކަމެއް އެންމެ އެދެވޭގޮތުގައި ބަލަހައްޓަވައި، އެކަންކަން ހިންގުމުގައި ދަތިވާ ކަންތައްތައް ފާހަގަކުރައްވައިގެން، އެދަތިތައް ފިލުއްވައިލައްވައި، ސަރުކާރާއި އަދި ޚާއްޞަކޮށް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކުން އިރުޝާދު ދެއްވާ ގޮތެއްގެ މަތިން، ރާއްޖޭގެ ތަރައްޤީގެ ހުރިހާ ކަމެއް ކުރިއަށް ގެންދެވުން އެއީ، އަތޮޅުވެރިންގެ އިސްތަށިފުޅުގައި އެޅިފައިވާ، ވަރަށް ބޮޑު މަސްއޫލިއްޔަތެއް.
މިދެންނެވި އަސާސީ ކަންތައްތަކުގެ އިތުރަށް، މުހިންމު ބައެއް ކަންތައްތައް އެބަހުރި. އޭގެތެރޭގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުން. ޒުވާނުން ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. ތިމާވެށި ރައްކާތެރިކޮށް، ތިމާވެށްޓަށް އިތުރު ގެއްލުމެއް ނުލިބޭފަދަ ގޮތަކަށް އަތޮޅުގެތެރޭގައި ކަންތައްތައް ރާވައިގެން ހިންގެވުން. މިފަދަ މުހިންމު ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އަދި އަޅުގަނޑުމެންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި، އެކުވެރިކަން އާލާކުރައްވައި، ބަދަހިކުރެއްވުމަކީ، އަޅުގަނޑު އެންމެކުރިން ދެންނެވިފަދައިން، އަތޮޅުވެރިން އެންމެ އިސްކަން ދެއްވަންޖެހޭ އެއް ކަންތައް. މިކަމުގައި ވަރަށް ޚާއްޞަ ނަޒަރަކުން އަޅުގަނޑުމެން ބަލައިލަންޖެހޭ. އަޅުގަނޑުމެންނަކީ، ޤައުމީގޮތުން ބަލާއިރު އެއް ރައްޔިތެއް. ދީނީގޮތުން ބަލާއިރު އެއް ދީނެއްގެ އަހުލުވެރިން. ވާހަކަދައްކާ ބަހުގެގޮތުން ބަލާއިރުވެސް އެއްބައެއް.
އެހެންވީމާ، އެކުވެރިކަމާއި، އެއްބައިވަންތަކަމަށް ބާރުއަޅާ މިހުރިހާ ކަންތައްތައް އެހެން ހުރުމާއެކުގައި، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބާރުލެއްވުން ދެމެހެއްޓެވުމާއި، އަދި އެކަން އިތުރަށް ބަދަހިކުރެއްވުމާއި، އެކަމަށް އެޅޭ އެއްވެސްކަހަލަ ހުރަހެއް އޮތްނަމަ، އެ ހުރަހެއް ނައްތައިލެއްވުމަށް މަސައްކަތް ކުރެއްވުމާއި، މިހުރިހާ ކަމަކީވެސް އަތޮޅުވެރިން އަދާކުރައްވަންޖެހޭނެ ކަމެއް.
އާދެ، ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައި އެ ވިދާޅުވެލެއްވި ނުކުތާއަކާ ބެހޭގޮތުންވެސް އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުން. އެއީ އުޞޫލެއްގެ ގޮތުން އަތޮޅުގެ ހުރިހާ ދާއިރާއެއްގެ ކަންތައްތައް އަތޮޅުވެރިންގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާ ގޮތަށް އޮތުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކޭ ވާހަކަ.
އާދެ، ކުރިންވެސް ދެންނެވި ފަދައިން، އަތޮޅުވެރިންނަކީ، އަތޮޅުގައި ހުންނަވާ، ދައުލަތުގެ އެންމެ އިސްވެރިޔާ. އެހެންކަމުން، އަތޮޅުގައި ހިނގާ ހުރިހާ ކަމެއްވެސް އެއީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ހިނގާ ކަމެއް ކަމުގައިވިޔަސް، ނުވަތަ ތަރައްޤީގެ މަޝްރޫޢެއް ކަމުގައިވިޔަސް، އަދި އެނޫން އެހެން ކަމެއް ކަމުގައިވިޔަސް، މިއިން ކޮންމެ ކަމެއްވެސް ހިނގަމުންދާންޖެހޭނީ، އަތޮޅުވެރިންނަށް އެނގިވަޑައިގަނެގެން، އަތޮޅުވެރިންގެ ބެއްލެވުމުގެ ދަށުން. އެކަން ހަމަޖެހިފައި އޮންނަގޮތަކީ މިއީ. އެހެންނަމަވެސް، ބައެއްފަހަރަށް އެކަން އެހެން ނުހިނގާކަންވެސް އަޅުގަނޑަށް އެނގޭ. އޭގެ ސަބަބުތަކެއްވެސް އެބަހުރި. އަޅުގަނޑުމެންގެ އެކިއެކި މިނިސްޓްރީތަކާ ޙަވާލުވެވަޑައިގެން ތިއްބަވާ މިނިސްޓަރުން، އަޅުގަނޑު މިދެންނެވި ނުކުތާއަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ، އަޅުގަނޑަށް ހީވާގޮތުގައި، ވަރަށް މުހިންމު ކަމެއް. އެއީ އަތޮޅުވެރިން ކަންތައްތައް ހިންގަވަން ހަމަޖެހިފައި މިއޮންނަނީ، އެކިއެކި މިނިސްޓްރީތަކުން އަންގަވާ ގޮތުގެމަތިން ކަމަށްވެފައި، އެމިނިސްޓްރީތަކުން އަންގަވާގޮތާ ޚިލާފަށް އަތޮޅުވެރިންނަށް ކަމެއް ކުރެއްވެން ނޯންނާތީ.
އެހެންވީމާ، އަޅުގަނޑު އެދެނީ، ރާއްޖޭގެ ހުރިހާ މިނިސްޓަރުންވެސް އާދެ، ހުރިހާ ވަޒީރުންވެސް، މިތާނގައި މިނިސްޓަރުންގެ ތެރެއިން ބައެއް ބޭފުޅުން އެބަ ތިއްބެވި. މިޖަލްސާގައި ވަޑައިގެން ތިއްބެވި ބޭފުޅުންނާއި، އަދި ވަޑައިގެން ނެތް ބޭފުޅުންވެސް އެބޭފުޅުންގެ ދާއިރާތަކުން ރާއްޖެތެރޭގައި ހިންގަވާ ކަންތައްތައް ހިންގެވުމުގައި، އަތޮޅުވެރިންނަށް އެނގިވަޑައިގަނެގެން، އަދި އަތޮޅުވެރިންގެ ލަފަޔާއި މަޝްވަރާވެސް ލިބިވަޑައިގަނެގެން ހިންގަވާ ގޮތަކަށް، އެބޭފުޅުން އެކަންތައްތައް ކުރިއަށް ގެންދެވުން. އެގޮތަށް ކަންތައްތައް ކުރިއަށް ގެންދެވިއްޖެނަމަ، އަޅުގަނޑު ދެކޭގޮތުގައި، ހުރިހާ ކަމެއްވެސް މިހާރަށްވުރެ މާހަލުވިކޮށް، މާއޮމާންކޮށް ކުރިއަށްދާނެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ސަރުކާރުގެ ބައެއް ދާއިރާތަކުގައި މިހާރު ކަންތައްތައް ހިނގާގޮތުންނާއި، އަދި ސަރުކާރުގެ ދެ ދާއިރާއެއްގެ ދޭތެރޭގައި މާބޮޑު ގުޅުމެއް ނެތުމުގެ ސަބަބުން، ނުކުންނަ މައްސަލަތަކެއްވެސް އެބަހުރޭ. އަޅުގަނޑު މިދެންނެވި އުޞޫލުން ކަންތައް ހިނގަމުންދާ ކަމަށްވަންޏާ، އެކަހަލަ މައްސަލަތައް ޙައްލުވެގެންދާނެ ކަމަށް އަޅުގަނޑު ދެކެން.
ހަމައެއާއެކީގައި ދަންނަވާލަންޖެހެނީ، އަތޮޅުގައިވާ، ސަރުކާރުގެ ތަފާތު ދާއިރާތަކުގެ އޮފީސްތަކުގެ މެދުގަޔާއި، މުވައްޒަފުންގެ މެދުގައި އޮންނަންވާ ގުޅުން، އެއީވެސް ހަމަ ކޮންމެހެން އޮންނަންޖެހޭނެ ގުޅުމެކޭ. އެގުޅުން އެއީ، ވަރަށް ބަދަހި، ވަރަށް ވަރުގަދަ ގުޅުމަކަށްވާންޖެހޭނެ. ސަރުކާރުގެ ހުރިހާ ދާއިރާއެއްގެވެސް ބޭނުމަކީ، އަދި މަޤްޞަދަކީ، އަދި މަޤްޞަދަކަށްވާންވާނީ، ތަރައްޤީގެ މަގުގައި ރައްޔިތުންނަށް ކުރިއަށްދެވޭނެ މަގުތައް ހޯދައިދިނުން. ތަރައްޤީއަށް މަގުފަހިކޮށްދިނުން. އަޅުގަނޑުމެންގެ ކަންތައްތައް އަޅުގަނޑުމެންނަށް ތަރައްޤީކުރެވޭނީ، ހުރިހާ ދާއިރާތަކެއް އެކުވެގެން، އެއްބާރުލައިގެން މަސައްކަތްކޮށްގެން. އެހެންވީމާ، މިނުކުތާއަކީ އަޅުގަނޑުހިތުން ތިޔަބޭފުޅުންވެސް އެކަމާ ދޭތެރޭގައި ވަރަށް ރަނގަޅަށް ވިސްނަވާނެ، އަދި ޤަބޫލުކުރައްވާނެ ނުކުތާއެއް.
އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް، ކަންތައްތައް ހިނގަމުންދާންޖެހޭނީ އެއް އުޞޫލަކުން. ރާއްޖެއަކީ އެއް ޤައުމެއް. ތަފާތު އަތޮޅުތަކުގައި އަޅުގަނޑުމެން ދިރިއުޅެމުން ގެންދިޔަކަމުގައިވިޔަސް، އަޅުގަނޑުމެންނަކީ އެއް ރައްޔިތެއް. ރާއްޖޭގައި ޤާއިމުވެފައިވަނީ އެއް ސަރުކާރު. ރާއްޖޭގައި ހިނގަނީ އެއް ޤާނޫނުއަސާސީ. އަދި އެއް ޤާނޫނުތަކެއް. އެ ޤާނޫނުތަކުގެ ދަށުން ހެދެމުންދާ ގަވާއިދުތައް އެއީ، ހުރިހާ އަތޮޅަކަށްވެސް ހިނގަންޖެހޭނެ ގަވާއިދުތަކެއް. އެހެންވީމާ، މިއީވެސް އަތޮޅުވެރިން ވަރަށް ބޮޑަށް ވިސްނަވަންޖެހޭނެ ނުކުތާއެއް ކަމުގައި އަޅުގަނޑު ދެކެން.
ވީމާ، އެއްވެސް އަތޮޅަކަށް ވަކިގޮތަކަށް، އެހެން އަތޮޅުތަކާ ތަފާތުގޮތަކަށް ކަމެއް ނުކުރެއްވޭނެ. އަދި އެއްވެސް ކަމަކާ ބެހޭގޮތުން މައްސަލައެއް ދިމާވެއްޖެނަމަ، އެމައްސަލައެއް ޙައްލުކުރުމަށް އަތޮޅުވެރިންނަށް ފެނިވަޑައިގަންނަވާ ގޮތެއް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީއަކަށް ފޮނުއްވުމުން، އެ މިނިސްޓްރީއަކުން ދެއްވާ އިރުޝާދެއްގެ ދަށުން، އެ އިރުޝާދަކާ އެއްގޮތްވާ ގޮތުގެމަތިން އެކަމެއް ގެންދެވީމާ އެނިމުނީ. އޭރުން ވަރަށް އޮމާންކޮށް، ވަރަށް ހަމަޖެހުމާއެކީގައި، ދޭދޭ އަތޮޅުގެ ދެމެދުގައި އެއްވެސްކަހަލަ ޚިލާފެއް ނުއުފެދޭކަހަލަ ގޮތަކަށް، ކަންތައްތައް ހިނގަމުންދާނެ ކަމަށް އަޅުގަނޑު ދެކެން.
އާދެ، ދެން އަތޮޅުވެރިން ކަންތައްތައް ހިންގަވާއިރު ގެންގުޅުއްވަންޖެހޭ ބައެއް އުޞޫލުތަކާ ބެހޭގޮތުންވެސް، އަދި އެއްޗެއް ދަންނަވާލަން އަޅުގަނޑު ބޭނުންވޭ. އޭގެތެރެއިން އެއްކަމަކީ، އަތޮޅުވެރިންނަކީ، ރައްޔިތުންނާ ގުޅުން ބަހައްޓަވައިގެން، ރައްޔިތުންގެ އެއްބާރުލުން ހޯއްދަވައިގެން، މަސައްކަތް ކުރައްވާ ބޭފުޅަކަށްވުން. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް މިނުކުތާ ހާމަކުރައްވައިފި. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއެރީ މިކަމުގެ މުހިންމުކަން ބޮޑުކަމުން އަޅުގަނޑުވެސް އެކަމާ ބެހޭގޮތުން އެއްޗެއް ދަންނަވާލާނަމޭ.
އާދެ، ރައްޔިތުން ގޮވައިގެން ކަންތައް ކުރެއްވުމަކީ، ކޮންމެ ކަމެއް ކުރެއްވުމުގައިވެސް އެންމެ މުހިންމު، އެންމެ ރަނގަޅު އުޞޫލު. އެކަމެއް ކާމިޔާބުވުމުގެވެސް އެންމެބޮޑު ސިއްރު. ރައްޔިތުންނަށް ކަންތައްތައް ވިސްނަވައިދެއްވައިގެން، ރައްޔިތުންގެ އެކުވެރިކަމާއި އެއްބާރުލެއްވުން ހޯއްދަވައިގެން، ކަންތައްތައް ކުރެއްވުން. ހަމައެކަނި ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމެއް ނޫން. އޭގެއިތުރަށް، ރަށްރަށުގެ ވެރިންގެ އެއްބާރުލެއްވުންވެސް ހޯއްދަވަންވާނެ. ކޮމިޓީތަކުގެ މެންބަރުންގެ އެއްބާރުލެއްވުންވެސް ހޯއްދަވަންވާނެ. އަދި އަތޮޅުގައި ޤާއިމުވެފައިވާ ސަރުކާރުގެ އެހެން ދާއިރާތަކުގެ އޮފީސްތަކުގެ ބޭފުޅުންގެވެސް އެއްބާރުލެއްވުން ހޯއްދަވަންވާނެ. އަދި މީގެއިތުރުން، އަޅުގަނޑަށް ހީވަނީ ރާއްޖެތެރޭގައި ގިނަދުވަހު ސަރުކާރުގެ ޚިދްމަތުގައި އުޅުއްވާފައިވާ، ނުވަތަ ސަރުކާރުގެ ޚިދްމަތުގައި އުޅުއްވަމުން ގެންދަވާ، ވަރަށް ހަރުދަނާ، ކަމުވޮށިގެންވާ ބޭބޭފުޅުން އެބަތިއްބެވިހެން. މިދެންނެވީ މިހާރު ޚިދުމަތުގައި ނޫޅުއްވި ކަމުގައިވިޔަސް، ރައްޔިތުންގެ ކަންކަމާއިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވާފައިވާ ތަޖްރިބާހުރި، އަދި ރާއްޖޭގެ ރައްޔިތުން ޤަދަރުކުރާ ބޭބޭފުޅުންގެ ވާހަކަ. އެހެންވީމާ، އެބޭބޭފުޅުންގެ މަޝްވަރާއާއި ލަފާ ހޯއްދެވުމަކީވެސް، އަޅުގަނޑު ހިތުން އަތޮޅުގެ ކަންތައްތައް އެދެވޭގޮތެއްގައި ކުރިއަށް ގެންދެވުމުގައި ވަރަށް ރަނގަޅު އުޞޫލެއް.
އާދެ، މީހުން ގޮވައިގެން ކަންތައް ކުރަން އެނގުމަކީ، އެބަޔަކާ ޙަވާލުވެ ހުންނަ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެއް. ނުވަތަ އެއީ އެމީހެއްގައި ހުންނަންޖެހޭނެ ޤާބިލިއްޔަތެއް. އަޅުގަނޑު މިދެންނެވީ، ވަކި އަތޮޅުވެރިންގެ ވާހަކައެއް ނޫން. ކޮންމެ ވެރިއެއްގައިވެސް ހުންނަންޖެހޭނެ ޤާބިލިއްޔަތެއްގެ ވާހަކަ. މީހުން ގޮވައިގެން އުޅެންޖެހިފައިވާ ކޮންމެ މީހަކުވެސް، ރައީސުލްޖުމްހޫރިއްޔާވެސް، މިނިސްޓަރުންވެސް، އޮފީސް އޮފީހުގެ ވެރިންވެސް، އަދި އަތޮޅުވެރިންވެސް، ރަށްރަށުގެ ވެރިންވެސް، އަދި މިހެންގޮސް އެކިއެކި ޖަމާޢަތްތަކުގެ ވެރިންވެސް، އަދި ޢާއިލާތަކުގެ ވެރިންވެސް، މިއިން ކޮންމެ މީހަކީ، އެމީހަކު އެ އެކުލެވޭ ޖަމާޢަތެއްގެ ދެންތިބި އަފްރާދުންގެ ރުހުމާއި އެއްބާރުލުން ހޯދައިގެން ކަންތައް ކުރަންޖެހޭނެ މީހެއް. މިނުކުތާ އަޅުގަނޑުމެން ވަރަށް ބޮޑަށް ގަބޫލުކުރަންޖެހޭނެހެން އަޅުގަނޑަށް ހީވަނީ. ކުރިންވެސް ދެންނެވި ފަދައިން، ކަމެއް ކާމިޔާބުވާނީ، އެކަމެއްގައި ޝާމިލްވާ އެންމެންގެ ރުހުމާއި އެއްބާރުލުން ލިބިގެން.
އާދެ، މިކަމާ ގުޅިގެން އަޅުގަނޑުގެ ހިތަށް އަންނަނީ ތަންކޮޅެއް ކުރީގެ، ވަރަށް މަޝްހޫރު ބޭފުޅަކު ވިދާޅުވެފައިވާ ބަސްފުޅެއް. معاوية بن أبى سفيان ތިޔަ ހުރިހާ ބޭފުޅުންވެސް ދެނެވަޑައިގަންނަވާނެ، އާދެ، އިސްލާމީ ޚަލީފާއެއް. އޭނާ ވިދާޅުވެފައިވާ ބަސްފުޅެއްގައިވޭ "إِذَاكَانَ بَيْنِى وبَيْنَ النَّاسِ شَعْرَةٌ مَاانْقَطَعَتْ، إِذَا شَدُّوا أَرْخَيْتُ وَإِذَا أَرْخَوْا شَدَدْتُّ" އެވިދާޅުވަނީ. "ތިމަންނަޔާ މީސްތަކުންނާ ދޭތެރޭގައިވަނީ، އިސްތަށްޓެއްފަދަ ހިމަހިމަ ރޮދިފަށެއް ކަމުގައިވިޔަސް، އެރޮދިފަށް ކެނޑިގެންދިޔަކަ ނުދޭނަމޭ. އެއީ އެބައިމީހުން އެރޮދިފަށަށް ވާންކޮށްލައިފިނަމަ، ތިމަން ކުޑަކޮށް ދޫޖައްސަވާލައްވާނަމޭ. އެއަށް ދުލެއް ދެއްވާނަމޭ. އެބައިމީހުން ދޫކުރާކަމުގައިވަންޏާ، ތިމަން ތަންކޮޅެއް ބާރަށް ދަންމަވައިލައްވާނަމޭ." އަޅުގަނޑަށް ހީވަނީ މިއީ އަޅުގަނޑުމެންގެ އެންމެންގެ ހިތުގައިވެސް ބާއްވަންވީ، ވަރަށް މުހިންމު ޝިޢާރެއްހެން. ރައްޔިތުން ގޮވައިގެން އުޅޭއިރު، ވީހާ އޮމާންކޮށް، ރައްޔިތުންގެ އެކުވެރިކަމާއި، ލޯތްބާއި، އިޚްލާޞްތެރިކަން ލިބޭފަދަ ގޮތަކަށް ކަންތައް ކުރެވޭތޯ ބެލުން. އަޅުގަނޑުގެ އަމިއްލަ ނަފްސަށްވެސް މިނަސޭހަތް އަޅުގަނޑު ދެން. މިހާރުވެސް މިދެނީ. އަދި މިނިސްޓަރުންނަށްވެސް މިނަސޭހަތް އިޚްލާޞްތެރިކަމާއެކު އަރުވަން. އަދި އަތޮޅުވެރިންނަށްވެސް، ރަށްރަށުގެ ވެރިންނަށްވެސް، ހުރިހާ ބޭފުޅުންނަށްވެސް މިނަސޭހަތް އަރުވަން. އެބޭފުޅަކު އެ ޙަވާލުވެވަޑައިގެން ހުންނެވި ކަމެއް ކުރައްވާއިރު، އެބޭފުޅެއްގެ ދަށުގައި ތިބޭ މީހުންނާ ވާހަކަ ދައްކަވައިގެން، އެމީހުންގެ މަޝްވަރާ ހޯއްދަވައިގެން، އެމީހުންގެ އެހީތެރިކަން ލިބިވަޑައިގަނެގެން، ކަންތައްތައް ކުރިއަށް ގެންދަވާށޭ. އާދެ، އޭރުން މިހާރު ދިމާވަމުންދާ، ވަރަށް ގިނަ މައްސަލަތަކެއް ޙައްލުވެގެންދާނެ ކަމަށް އަޅުގަނޑު ދެކެން.
އާދެ، އަތޮޅުވެރިން އަދިވެސް ވިސްނަވަންޖެހޭ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑަށް ފާހަގަކުރެވޭ އެހެން ކަމެއްވެސް އެބައޮތް. އެއީ ކަންތައްތައް ވަމުންދާނެ ގޮތް ކުރިއަށް ލަފާކުރެއްވުން. ކިހިނެއްކަން މިވެނި ކަމެއް މުސްތަޤްބަލުގައި ވެގެންދާނީ. ކޮންކަހަލަ ބަދަލުތަކެއްކަން އެކަމަކަށް އަންނާނީ. ދުރާލާ ވިސްނަވައިގެން އެކަމަށް ތައްޔާރުވެވަޑައިގަންނަވާ ކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ ތަރައްޤީގެ މަގުގައި ކުރިއަށް ވަޑައިގަތުމަކީ، މާ ދަތިފުޅުވާ ކަމަކަށް ނުވާނެހެން. އަޅުގަނޑުމެންގެ ޙަޔާތުގެ ކޮންމެ ކަމެއްވެސް މިއަންނަނީ ބަދަލުވަމުން. އިޖްތިމާޢީ ޙަޔާތުގެ ކަންތައްތައްވެސް އެއްދުވަހުން އަނެއް ދުވަހަށް މިއަންނަނީ ބަދަލުވަމުން. އަދި ހަމައެހެން، އިޤްތިޞާދީ ޙަޔާތުގެ ކަންތައްތައްވެސް މިއަންނަނީ ބަދަލުވަމުން. އަދި ޢާންމު ދިރިއުޅުމުގެ ކަންތައްތައްވެސް މިއަންނަނީ ބަދަލުވަމުން. މިހުރިހާ ކަމެއް ބަދަލުވަމުން އަންނައިރު، ކޮންމެވެސްވަރަކަށް މުސްތަޤްބަލަށް ދުރުމިއެޅުމަކީ، އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. މައްސަލައެއް އައިސް ކުރިމަތިވީމާ، އެކަމެއް ޙައްލުކުރުމަށްޓަކައި ދުއްވައިގަތުމުގެ ބަދަލުގައި، ކުރިއްސުރެ ވިސްނައިގެން، އެކަމެއް އެހެންވެއްޖިއްޔާ ހަދާނެ ގޮތެއް ރާވާފައި އޮވެއްޖެ ކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ ކެތްތެރިކަމާއެކީގައި އެކަމެއް ޙައްލުކުރުމަށް ފަސޭހަވާނެހެން.
އާދެ، ދެން އަޅުގަނޑުގެ ވާހަކައިގައިވެސް، އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން ވިދާޅުވި ބައެއް ނުކުތާތަކަށް ކުޑަކޮށް ބާރުއަޅަން ބޭނުން. އެއީ އަތޮޅުވެރިންގެ ވާޖިބު އަދާކުރެއްވުމުގައި، ވީހާ ބޮޑަކަށް ޙަރަކާތްތެރިވެވަޑައިގަތުން. އަތޮޅުގެ ރަށްތަކަށް ވީހާ ގިނައެއްކޮށް ޒިޔާރަތްކުރެއްވުން. މިހާރުވެސް ގިނަ އަތޮޅުވެރިން ވަރަށް ޙަރަކާތްތެރިކަމާއި މުރާލިފުޅުކަމާއެކީގައި ވަރަށް ގިނަގިނައިން އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރައްވާކަން އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، ބައެއް އަތޮޅުވެރިންނަށް އެއީ ކުޑަކޮށް ދަތިފުޅުވާ ކަމަކަށްވެފައިވެސް އޮވެދާނެ.
އެހެންވީމާ، އަޅުގަނޑު މިދަންނަވާލަނީ، އެއީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް. އަތޮޅުވެރިން ހަމަ ކޮންމެ ރަށަކަށްވެސް ވަޑައިގެން، އެރަށުގައި ހުރި ކަންތައްތައް ބައްލަވައި، ކަންތައްތައް ހިނގާނުހިނގާގޮތް ބައްލަވައި، އިޞްލާޙު ކުރައްވަން ޖެހިފައިވާ ކަމެއް އޮތްކަމަށްވަންޏާ، އެކަމެއް އިޞްލާޙު ކުރައްވައި، އިރުޝާދެއް ދެއްވަންޖެހޭ ކަހަލަ ކަމެއް އޮތްނަމަ، އެ އިރުޝާދެއް ދެއްވައި، މިކަންތައްތައް މީހުންނަށް ވިސްނައިދެއްވައިގެން، ކުރިއަށް ގެންދެވުން އެއީ ވަރަށް މުހިންމު ކަމެއް. އަދި ރާއްޖެތެރޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބައެއް މައްސަލަތަކަކީ، ސީދާ އަތޮޅުވެރިންނަށް ނޫނީ ޙައްލުނުކުރެއްވޭފަދަ ކަންތައްތައް. އެހެންވީމާ، އެއަތޮޅުގައި މީހުން އުޅޭ ކޮންމެ ރަށަކަށް އަތޮޅުވެރިން ވަޑައިގެން، އެރަށުގައި ހުރި މިބާވަތުގެ މައްސަލަތައް ބައްލަވައި، އެއަށް ޙައްލެއް ގެންނެވިއްޔާ ނޫނީ، އެކަންކަމަކަށް ޙައްލެއް ނާންނާނެ.
އާދެ، ކުރިންވެސް ދެންނެވި ފަދައިން، އަތޮޅުވެރިންނަކީ ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދެއްވައި، ސަރުކާރުގެ ސިޔާސަތު ހިންގެވުމަށް ހުންނެވި ބޭފުޅެއްކަން، އަބަދުވެސް ހަނދުމަފުޅު ބަހައްޓަވަންޖެހޭނެ. އަދި އަޅުގަނޑުމެންގެ ރާއްޖެއަކީ، ސަތޭކައިންސަތޭކަ މުސްލިމް ޤައުމެއްކަމާއި، އަޅުގަނޑުމެން އެންމެން ތަބާވާ ދީނަކީ، މާތްވެގެންވާ އިސްލާމްދީންކަން. އެ ދީން އަޅުގަނޑުމެންގެ މައްޗަށް ލާޒިމުކުރާ ކަންތައްތަކެއް އެބަހުރިކަމާއި، އެ ދީން އަޅުގަނޑުމެންގެ މައްޗަށް މަނާކުރާ ކަންތައްތަކެއް އެބަހުރިކަން. މިކަންކަންވެސް އަޅުގަނޑުމެންގެ ވިސްނުމުގައި އަބަދުވެސް ބަހައްޓަންޖެހޭނެ. އަޅުގަނޑުމެން ކަންތައްތައް ކުރަންވާނީ، އެ އުޞޫލުތަކާ އެއްގޮތަށް. އަދި އަޅުގަނޑުހިތުން އަތޮޅުވެރިން ވެވަޑައިގަންނަވަންޖެހޭނީ ނަމޫނާއަކަށް. ދީނީގޮތުންވެސް، އަދި އަޚްލާޤީ ގޮތުންވެސް، މީހަކު ފާޑުކިޔާނެ ކަމެއް އަތޮޅުވެރިން ކުރައްވާނެއެކޭ އަޅުގަނޑުގެ ހިތަކަށްވެސްނާރާ. އެކަހަލަ ކަމެއް ކުރެއްވުމަކީ، އޭގެ ސަބަބުން އަތޮޅުވެރިޔާއަށް އެކަމުގެ ހުތުރު ރައްދުވުމުގެ އިތުރުން، ސަރުކާރަށްވެސް އެކަމުގެ ހުތުރު ރައްދުވާނެ ކަމެއް. އެހެންވީމާ، އަތޮޅުވެރިންގެ އުޅުއްވުމާއި، އަޚްލާޤާއި، ސުލޫކާއި، އަދި ދީނީ ކަންތައްތަކަށް ފަރުވާތެރިކަން ބެހެއްޓެވުމާއި، މިކަންކަން މިއީ އެންމެންނަށް އެނގެންޖެހޭނެ ކަންތައްތައް. އޭރުން އެއީ ނަމޫނާއެއް ކަމުގައި ދެކިގެން، އެހެން މީހުން އެގޮތަށް ޢަމަލުކުރާނީ. މީހުންނަށް ތަންދޮރު އޮޅުންފިލުވައިދިނުމުގައި، މީހުންނަށް ކަންތައްތައް ދަސްކޮށްދިނުމުގައި، އެންމެމޮޅު ގޮތަކީ ނަމޫނާ ދެއްކުން ކަމުގައި، ވަރަށް ގިނަ ޢިލްމުވެރިން ވިދާޅުވޭ. މާތް ރަސޫލާއަކީ އަޅުގަނޑުމެންނަށް ﷲ ފޮނުއްވި އެންމެ ރިވެތި ނަމޫނާ. "لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ" (الأحزاب: 21) ހަމަކަށަވަރުން ތިޔަބައިމީހުންނަށް ދެއްވި ރިވެތި ނަމޫނާއެއްކަމުގައި ރަސޫލުﷲގެފާނު ވެވަޑައިގަތެވެ." އެހެންވީމާ، އެއީ އަޅުގަނޑުމެން މަގު ހޯދަންވީ ދިމާއަކީ. އަޅުގަނޑުމެން އިރުޝާދު ލިބިގަންނަންވީ ފަރާތަކީ ދީނުގެ ފަރާތް. ﷲއާއި، އެކަލާނގެ ފޮނުއްވި މާތް ރަސޫލާ. އެހެންވީމާ، އެފަރާތުން އަޅުގަނޑުމެންނަށް އައިސްފައިވާ އިރުޝާދުތަކުގެ އަލީގައި، އަޅުގަނޑުމެން ކަންތައްތައް ކުރަމުން ގެންދިޔުމަކީ، ވަރަށް މުހިންމު ކަމެއް. އަދި ޚާއްޞަކޮށް، ރައްޔިތުންގެ ކަންކަމާ ޙަވާލުވެ ހުންނަ މީހަކުނަމަ، އެގޮތުގެމަތިން އެކަންތައްތައް ގެންދިޔުމަކީ، އަޅުގަނޑަށް ދަންނަވަންޖެހެނީ ހަމަ ލާޒިމު ކަމެކޭ.
އާދެ، މިހާރު ވަރަށް ގިނައިން ދެކެވޭ ވާހަކައެއް، ބަޖެޓުގެ ވާހަކަ. ބަޖެޓް ޑެފިސިޓްވާ ވާހަކަ. އެހެންވީމާ، ކަންތައްތައް ނުކުރެވޭ ވާހަކަ. އެއާ ދޭތެރޭގައިވެސް ކޮންމެވެސް އެއްޗެއް ދަންނަވާލުމަކީ، ނެތް ކަމެއް ނޫންހެން އަޅުގަނޑަށް ހީވަނީ. ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައި ވިދާޅުވެލެއްވި، 1978 ގައި އަޅުގަނޑު ރައީސްކަމާ ޙަވާލުވެގެން، އެންމެ ފުރަތަމަ ހުށަހެޅި ބަޖެޓުގެ ވާހަކަ. އެއީ، އޭނާ ވިދާޅުވިކަހަލަ ކުޑަކުޑަ ބަޖެޓެއް. ތިރީހަކަށް، ސާޅީހަކަށް މިލިއަން ރުފިޔާގެ ބަޖެޓެއް. މިހާރުގެ ބަޖެޓް ދެހާސް މިލިޔަނަށްވުރެ އިތުރު. އެއިން ދައްކައިދެނީ، ރާއްޖެއަށް މިއައި ބަދަލު. ރާއްޖެއަށް އައި ތަރައްޤީ. ރާއްޖެއަށް ލިބިފައިވާ ކުރިއެރުން.
އާދެ، ދެން އަންނަ ސުވާލަކީ، ބަޖެޓް ޑެފިސިޓްވަނީ ކީއްވެތޯއޭ؟ އޭގެ ޖަވާބު ވަރަށް ސާދާ. ބަޖެޓް ޑެފިސިޓްވަނީ، ތަރައްޤީގެ މަސައްކަތް ކުރާތީ. އެއީ ސަބަބަކީ. މާލޭގައިވެސް، ރާއްޖެތެރޭގައިވެސް، ސްކޫލް، މަދަރުސާފަދަ ތަންތަން ޢިމާރާތް ކުރަމުން މިގެންދަނީ. ސަރުކާރުގެ އޮފީސްއޮފީހަށް ބޭނުންވާ ޢިމާރާތްތައް ހަދަމުން މިގެންދަނީ. ރާއްޖެތެރޭގައިވެސް އަތޮޅުއޮފީސް، އަތޮޅުގެ، ރަށުއޮފީސް، ރަށުކޯޓު، ސްކޫލްތައް ހަދަމުން މިގެންދަނީ. އެއަރޕޯޓްތައް މިހަދަނީ. އެއްތަނަކީ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް. މިހާރު އޭގެއިތުރުން، ރާއްޖެތެރޭގައިވެސް ސަރަޙައްދީ ވައިގެ ބަނދަރުތަކެއް އެބަހުރި. ރަށްރަށުގެ ފަޅު ކޮންނަމުން މިގެންދަނީ. ކުޅުދުއްފުށީގެ ފަޅުވެސް މިއޮތީ އިރާދަކުރެއްވީތީ ކޮނެވިފައި. އަދި އެނޫންވެސް ވަރަށް ގިނަ ރަށްރަށުގެ ފަޅު ކޮންނަމުން މިގެންދަނީ. ރަށްރަށަށް ކަރަންޓުގެ ޚިދްމަތް ދެމުން މިގެންދަނީ. އާދެ، އަޅުގަނޑުވެސް އެއްބަސް، ރައްޔިތުން ބޭނުންވާހާ ހަލުވިކޮށެއް، އަދި ސަރުކާރުންވެސް ބޭނުންވާހާ އަވަހަކަށެއް، އެކަންކަމެއް ނުގެންދެވޭ. އެއީ ޚަރަދުގެ ބޮޑުކަމުން. އެހެންނަމަވެސް، މިހާރުވެސް ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކަރަންޓުގެ ޚިދްމަތްދީފައިވާ 6 ރަށެއް ރާއްޖެތެރޭގައި އެބައޮތް. ޖުމްލަ 10 ރަށް އޮތްތާނގެ ތެރެއިން 6 ރަށް އެއީ ހަމަ ސަރުކާރުގެ އަމިއްލަ ފައިސާއިން ޚަރަދުކޮށްގެން ކަރަންޓްލައިދީފައިވާ 6 ރަށް. މިކަހަލަ ވަރަށްގިނަ ކަންތައްތަކެއް ހިނގަމުން މިދަނީ. އެއީ ތަރައްޤީގެ މަސައްކަތް. އެމަސައްކަތްތައް އެހެން ހިނގަމުންދާތީ، ޚަރަދު ބޮޑުވަނީ. ކިތަންމެވަރަކަށް ހިފެހެއްޓިޔަސް، ޚަރަދު ކުޑަކުރެވޭނީ، ތަރައްޤީގެ މަގުގައި ކުރިއަށްދާ ކަމަށްވަންޏާ، ވަކި މިންވަރަކަށް. އެއަށްވުރެ ބޮޑަކަށް ނުހިފެހެއްޓޭނެ.
ދެން އަޅުގަނޑު ދަންނަވަން ބޭނުންވާ ނުކުތާއަކީ، ރާއްޖެތެރެއަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓް 1993 އާއި 1994 އާ އަޅައިބަލާއިރު ކިހިނެއްބާވައޭ ވަނީ. އަޅުގަނޑުހިތުން ތިޔައިގެތެރެއިން ގިނަބޭފުޅުންނަށް ހީފުޅުވާނީ، މިހާރު އެއިވޭ އަޑުތައް ގިނަކަމުން، ރާއްޖެތެރެއަށް 1993 ވަނަ އަހަރަށް ސަރުކާރުން ލަފާކުރި ބަޖެޓަށްވުރެ، 1994 ވަނަ އަހަރަށް ރާއްޖެތެރެއަށް ސަރުކާރުން ލަފާކުރި ބަޖެޓް ކުޑަވާނެ ކަމަށް. ގިނަބޭފުޅުން ހީފުޅުކުރައްވާނީ އެހެން. އެހެންނަމަވެސް، ޢަދަދުތަކަށް ބަލައިލީމާ އެނގެނީ އެއީ، ޙަޤީޤަތެއް ނޫންކަން. 1993 ވަނަ އަހަރަށް ރާއްޖެތެރެއަށް ލަފާކުރި ބަޖެޓުގެ ޖުމްލައަކީ، 484 މިލިޔަން ރުފިޔާ. 1994 ވަނަ އަހަރަށް ރާއްޖެތެރެއަށް ލަފާކުރި ބަޖެޓުގެ ޖުމްލައަކީ، 627 މިލިޔަން ރުފިޔާ. ސަތޭކައަކުން 29.5 އިތުރު ބަޖެޓެއް. އެހެންވީމާ، ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ކިތަންމެ ފިޔަވަޅުތަކެއް އެޅިޔަސް، އެކަމުގެ އަސަރު ރާއްޖެތެރެއަކަށް އެހާބޮޑަކަށް ނުކުރާނެ. އިރާދަކުރެއްވިއްޔާ ރާއްޖެތެރޭގެ ކަންތައްތައް ހަމަ ކުރިއަށްދާނެ. ހަމަ ހަލުވިކަމާއެކު ކުރިއަށްދާނެ. އެކަމަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ. ފައިސާގެ ދަތިކަންވެސް، އަޅުގަނޑުމެންގެ ހިތަށް މިއަރާހާ ބޮޑަކަށް ރާއްޖެތެރެއަކަށް ނެތް. އެހެންނަމަވެސް، ޚަރަދު ކުޑަކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ތަރައްޤީގެ މަސައްކަތްތައް އެހާ ހަލުވިމިނެއްގައި ކުރިއަށްދާއިރު، އެކަމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުކަމާއެކީގައި، އެހެން ގޮތްގޮތުން ޚަރަދު ކުޑަކުރެވޭތޯ ބެލުމަކީ، ވަރަށްބޮޑަށް ބަލަންޖެހޭނެ ކަމެއް.
އެހެންވީމާ، ވަރަށް ގިނަ މިނިސްޓްރީތަކުގައިވެސް އަޅުގަނޑު އަބަދުވެސް ދަންނަވަމުން މިގެންދަނީ، އެބޭފުޅުން ކުރައްވާ ކަންތައްތަކުގެ ޚަރަދުވެސް ވީހާ ކުޑަކުރެއްވޭތޯ ބައްލަވާށޭ. މިސާލަކަށް، މިކަހަލަ ޖަލްސާއެއް ބޭއްވުމުގެ ޚަރަދުވެސް ވީވަރަކުން ކުޑަކުރެއްވޭތޯ ބައްލަވާށޭ. ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދުވެސް ވީވަރަކުން މަދުކުރެއްވޭތޯ ބައްލަވާށޭ. ހަމަ ކޮންމެހެން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ބޭފުޅުން ފިޔަވައި، އެހެން މީހުން ކޮންމެހެން ބައިވެރިކުރުމުގެ ބޭނުމެއްނެތޭ. އަދި މިކަހަލަ ކަމަކާ ގުޅިގެންވެސް މާގިނަ ބޭކާރު ޚަރަދުތަކެއް ކުރުމުގެ ބޭނުމެއްނެތޭ. މިހާރު ރާއްޖެތެރެއަށް ދަތުރުފަތުރުކުރުމަކީވެސް ވަރަށްބޮޑު ޚަރަދެއް. އެހެންވީމާ، މިކަހަލަ ޖަލްސާއެއް ބާއްވަން މާލެއިން ސަތޭކައަށްވުރެ ގިނަބޭފުޅުން މިރަށަށް ވަޑައިގަންނަވާއިރު، ވަރަށްބޮޑު ޚަރަދެއް ހިނގާނެ. ނުކޮށްފަރުޖެހޭކަށްވެސް ނެތް. އެހެންނަމަވެސް، ކުރަންޖެހުނު ޚަރަދެއް ނަމަވެސް، ވަރަށް މުށްބާރުކޮށްގެން، ވަރަށް ހިފަހައްޓައިގެން ކުރިއްޔާ ނޫނީ، އަޅުގަނޑުމެން ބޭނުންވާ ތަރައްޤީގެ ކަންތައްތަކަށް ލާރިއެއް ނުހުންނާނެ. އެހެންވީމާ، އެއީ ހުރިހާ ބޭފުޅުންގެ އަރިހުންވެސް އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އެބޭފުޅުން ހިންގަވާ ކަންތައްތަކުގައިވެސް، ވީވަރަކުން ބައްލަވައިގެން ޚަރަދު ކުޑަކުރެއްވޭތޯ މަސައްކަތް ކުރެއްވުން.
އަޅުގަނޑުމެންގެ އޮފީހުން ކުރާ ކަންތައްތައްވެސް ހަމަ ޚަރަދު ކުޑަކުރެވޭތޯ ބަލަމުން މިގެންދަނީ. މިސާލެއްގެ ގޮތުން ދަންނަވާލަން، ޖުލައި 26ގެ ޕާޓީގެ ވާހަކަ. އެއީ ކޮންމެ އަހަރަކުވެސް ރައީސް އޮފީހުން ބާއްވާ ބައްދަލުވުމެއް. ވަރަށް މުހިންމު ބައްދަލުވުމެއް. އަދި އެއީ އެބައްދަލުވުމަށް ބޭރުގެ ޢިއްޒަތްތެރިންވެސް ވަޑައިގަންނަވާ، އެމްބެސެޑަރުން ވަޑައިގަންނަވާ، ރާއްޖޭގެވެސް ހުރިހާ ޢިއްޒަތްތެރިންނާއި، ކަމުވޮށިގެންވާ ވަރަށްގިނަ ބޭފުޅުންނާއި، އަދި ސަރުކާރުގެ މުވައްޒަފުންނާއި، ޢާންމު ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ބައިވެރިވެވަޑައިގަންނަވާ ގޮތަށް އޮންނަ ބައްދަލުވުމެއް. އެކަމުގެ ޚަރަދުވެސް 1993 އާއި 1994 އާ އަޅައިބަލާއިރު، 1994 ގައި ހިނގި ޚަރަދު ވަރަށްބޮޑުތަން ކުޑައޭ އަޅުގަނޑު މިދަންނަވަނީ، ހަމަ އުފަލާއެކީގައި. ވަރަށް ބޮޑުތަން ކުޑަކުރެވުނު.
އެހެންވީމާ، އެގޮތަށް ވިސްނަވައިގެން ކަންތައް ކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއް. އެއް އަހަރު ކުރެއްވި ޚަރަދެއް، އަނެއް އަހަރު ކުރައްވާކަށް ލާޒިމެއް ނޫން. ދެން އަންނަ އަހަރު، ކުރީ އަހަރަށްވުރެ ޚަރަދު ކުޑަކުރައްވައިގެންވެސް ހަމަ ގެންދެވިދާނެ. މިފަހަރު، ޕާޓީގައި ހުރި އެއްޗެހިތައް މަދުކަން އެއްވެސް ބޭފުޅަކަށް ފާހަގަކުރެއްވުނުހެނެއް ހިޔެއްނުވޭ. އަޅުގަނޑުހިތުން ހަމަ ފުދޭވަރަކަށް ހުރި. އަދި ވައްތަރުތައް މަދުކަން ފާހަގަކުރެއްވުނުހެނެއްވެސް ހިޔެއްނުވޭ. އެހެންނަމަވެސް، ހުރި ވައްތަރުތައްވެސް މަދުވާނެ. ހިނގި ޚަރަދު ވަރަށް ބޮޑުތަން ކުޑަވާނެ. ކުއްލިއަކަށް ދަންނަވާކަށް، އެ ޢަދަދުތަކެއް އަޅުގަނޑު ހަނދާނެއް ނެތް. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ މުޙަންމަދު ޙުސައިން ކޮންމެވެސްވަރަކަށް ހަނދުމަފުޅު ހުންނާނެހެން. އަޅުގަނޑު ގާތުގައި މުޙަންމަދު ޙުސައިން ވިދާޅުވި، މިހާބޮޑުތަން މިއަހަރު ޚަރަދު ކުޑަކުރެވިއްޖެއޭ. އަޅުގަނޑު ވަރަށްއުފާވި.
އެހެންވީމާ، އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ހަމަ ހުރިހާ އެންމެންވެސް މިގޮތަށް އުޅެމާތޯއޭ. ލިބޭ އެއްޗަކުން ފުއްދައިގެން އުޅެވޭތޯ ބަލަމާތޯއޭ. އެގޮތަށް ކަންތައް ކޮށްގެން ނޫނީ، އަޅުގަނޑުމެންނަކަށް ކުރިއަކަށްދެވޭކަށް ނެތޭ. ކުރިއަށްދާން މަޖްބޫރު. މިސާލެއް ދަންނަވަންޏާ، ތަޢުލީމީ މަރްކަޒު. ކިތައްފަހަރުތޯ ކުޅުދުއްފުށީ ތަޢުލީމީ މަރްކަޒަށް ކްލާސްބަރި މި އިތުރުކުރެވެނީ. ކުދިންނަށް ކިޔަވައިދޭ ކަމަށްވަންޏާ، ކުރަން މަޖްބޫރު. ހަމަ އެކަމެއް ކުރަންޖެހޭނެ. ހަމައެކަނި މިރަށަކު ނޫން. ރާއްޖެތެރޭގެ ދެންހުރި ރަށްތަކުގެ ސްކޫލްތަކަށްވެސް ހަމަ އަބަދު އޮންނަނީ ކްލާސްރޫމްތައް އިތުރުކުރަންޖެހިފައި. ނުކޮށެއްވާކަށް ނެތް. އަޅުގަނޑުމެންގެ ޞިއްޙީ ކަންތައްތައްވެސް، ހަމަ ހަރުދަނާކުރަން އެބަޖެހޭ. މިރަށުގައި ސަރަޙައްދީ ހަސްފަތާލެއް ހިނގަމުން އެބަދޭ، އަދި ހަސްފަތާލެއް ހެދުމުގެ އާ މަޝްރޫޢެއްވެސް އެބައޮތް. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު މިރަށަށް އައިސް، އެ ހަސްފަތާލުގެ ބިންގާ އަޅައިދިނުމުގެ ޝަރަފް އަޅުގަނޑަށް ވަނީ ލިބިފައި. އެކަންވެސް އެބަ ކުރަންޖެހޭ. އަޅުގަނޑުމެން ފުރަތަމަ ހީކުރީ ބޭރުގެ އެހީއެއް ލިބޭނެކަމަށް. އެކަމަކު މިހާތަނަކަށްވެސް، ބޭރުގެ އެހީއެއް ނުލިބުނު. އެހެންވީމާ، މިހާރުން މިހާރަށްވެސް ސަރުކާރުން އެކަން ކުރަން އެބަޖެހޭ. ކަންތައްތައް މިހިރީ މިގޮތަށް. ފަޅު ފުންކުރުމުގެ ކަންތައްތައްވެސް، ނުކޮށްވާކަށެއް ނެތް. ކަރަންޓުގެ ކަންތައްތައްވެސް، ނުކޮށްވާކަށް ނެތް. އަނދިރީގައި މިހާރަކު ތިބެވޭކަށް ނެތް. މިކަންތައްތައް ކުރަން އެބަޖެހޭ. އަޅުގަނޑުމެން މިކަންތައްތައް ކުރަން ބޭނުންވާހާ ފައިސާއެއް، ބޭރަކުން ނުލިބޭ. ތަންކޮޅެއް ކުރިން، މީގެ ފަނަރަވަރަކަށް އަހަރު ކުރިން، ތަންކޮޅެއް ފަސޭހައިން ބޭރުގެ އެހީ ލިބެމުންދިޔަ. އެއީ ދުނިޔޭގެ އިޤްތިޞާދީ ނިޒާމުވެސް އޭރު އޮތްގޮތުން. ދުނިޔޭގެ ތިޔާގިކަމަށް ބަލާއިރު، ނުވަތަ އެ އެހީ ދޭ ޤައުމުތަކަށް ލިބިފައިވާ ކުރިއެރުންތަކަށް ބަލާއިރު، އެމީހުންނަށް މާދަތިކަމަކަށް އޭރަކުނުވޭ. އެކަމަކު މިހާރު އެންމެންވެސް އުޅެނީ ވަރަށް ދަތިހާލެއްގައި. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކަށްވެސް، މިހާރު މި އިޙްސާސްކުރަން ޖެހެނީ އިޤްތިޞާދީ ދަތިތަކެއް. އެހެންވީމާ، އެމީހުންނަކަށްވެސް ނޯވޭ އަޅުގަނޑުމެންނަށް ބޭނުންވާހާވަރަކަށް އެހީވެވޭކަށެއް. މިކަންތައްތައް މިހެން ހުރުމާއެކީގައި، އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވެ، އަޅުގަނޑުމެންނަށް ކުރެވުނު ކަމެއް ކޮށްގެން، އެކަމުން ފުއްދާލައިގެން ތިބެންޖެހޭގޮތްވެސް އެބަ ދިމާވޭ.
އާދެ، އަޅުގަނޑުގެ ވާހަކަ ވަރަށް ދިގުވެސްވެއްޖެ. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއެރީ މިކަމާ ބެހޭގޮތުންވެސް، ކޮންމެވެސް އެއްޗެއް ދަންނަވާލާނަމޭ. މިއަދު ޕްރޮގްރާމް އަދި ކުރިއަށް އޮތީ. އަޅުގަނޑު އަދި އެހެން ރަށަކަށް ޒިޔާރަތްކުރަންވެސް އެބަޖެހޭ. އެހެންވީމާ، ދެން މިހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، ކުޅުދުއްފުށީގެ ރައްޔިތުންނަށާއި، މިރަށުގެ ވެރިންނަށާއި، އަދި ރަށުގެ މަސްއޫލު ހުރިހާ ފަރާތްތަކަކަށް، އާދެ، ކޯޓުގެ މެޖިސްޓްރޭޓުންނާއި، ތަޢުލީމީ މަރްކަޒުގެ ހެޑްމާސްޓަރާއި، ދެންވެސް ތިއްބެވި ހުރިހާ ބޭފުޅުންވެސް ހިމެނޭގޮތުން، ރަށްކުރިއަރުވާ ކޮމިޓީގެ މެންބަރުންނާއި، އަންހެނުންގެ ކޮމިޓީގެ މެންބަރުންނާއި، ޢާންމު ރައްޔިތުންނާއި، ކިޔަވާކުދިންނާއި، މިހުރިހާ އެންމެން ހިމެނޭގޮތުން، އަޅުގަނޑު އަދިވެސް އެއްފަހަރު ކުޅުދުއްފުށީގެ ރައްޔިތުންނަށް ޝުކުރު ދަންނަވަން. ހަމަ އެއާއެކީގައި ހދ. އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށްވެސް ޝުކުރު ދަންނަވައި، އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުވަން. އަދި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ އެންމެ މުހިންމު ފަރާތް ކަމަށްވާ، ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ އަތޮޅުވެރިންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރި ހެޔޮއެދުންތައް ރައްދުކުރަމުން، އަދި އެބޭފުޅުންގެ މިބައްދަލުވުމަކީ، ކާމިޔާބު ބައްދަލުވުމެއް ކަމުގައި ލެއްވުން އެދި ﷲގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން.
އަޅުގަނޑުގެ އެންމެ ޚާއްޞަ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވާފައިވާ އިސްލާމްދީނުގެ މަތިވެރި ނިޢުމަތް ދެމެހެއްޓެވުން. އެދީނުގެ ތެދުމަގުގައި އަޅުގަނޑުމެންގެ ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަދި މުޅިރާއްޖޭގެ ތަރައްޤީއަށްޓަކައި، ދިވެހި ސަރުކާރާއި ރައްޔިތުން ކުރަމުން މިގެންދާ، ބުރަ މަސައްކަތްތަކުގައި، އެކަލާނގެ ތައުފީޤާއި ވާގިވެރިކަން މިންވަރު ކުރެއްވުން. ރާއްޖެއަށް އަބަދުވެސް ހެޔޮގޮތް މެދުވެރިކުރައްވައި، ރާއްޖެއަކީ އަބަދަށްޓަކައި މިނިވަން، މުސްތަޤިއްލު އަދި އެޤައުމެއްގެ ރައްޔިތުންގެ މެދުގައި އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތު ޤާއިމުވެފައިވާ، އެކުވެރި ރައްޔިތެއް ދިރިއުޅޭ ޤައުމެއް ކަމުގައި ލެއްވުން.
والسّلام عليكم ورحمـة اللّـه وَبَرَكاتُهُ.