މަޢުލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ ވުޒާރާތަކުން އިސްވެ މަޢުލޫމާތު ހާމަކޮށް، އެ ޤާނޫނު ފުރިހަމައަށް ތަންފީޒުކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރެއްވީ ސޯޝަލް މީޑިއާގެ އެކްސްގައި މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ.

އެމަނިކުފާނުގެ މެސެޖުގައި މިއީ، މަޢުލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤުގެ ޤާނޫނު 2014ގައި ވުޖޫދުވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ހުރިހާ ވުޒާރާތަކުން އަމިއްލައަށް އިސްނަގައިގެން މައުލޫމާތު އާންމުކުރަންޖެހޭ މިންގަނޑަށް ސައްތައިންސައްތަ އަމަލުކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގެ އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ، ކުރިން އާންމުނުކުރާ ވަރަށް ގިނަ މަޢުލޫމާތު މިހާރު އާންމުކުރެވިފައިވާ ކަމަށާއި، މިއީ، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ވެއްޓެއް ޤާއިމްކޮށް، ދައުލަތުގެ އިދާރާތައް ޒިންމާދާރުކުރުވުމުގައި ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އަދި، ޓްރާންސްޕޭރަންސީ އަކީ ހަމައެކަނި ސިޔާސަތުގެ އަމާޒެއް ނޫންކަމަށާއި އެއީ ރައްޔިތުންގެ އިތުބާރާއި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމުގެ އަސާސެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވި ގޮތުގައި މަޢުލޫމާތު ލިބިގަތުމަކީ ހާމަކަންބޮޑު، ޒިންމާދާރު، ރައްޔިތުންނާއި ގުޅިފައިވާ ސަރުކާރެއްގެ ތަނބެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިކާމިޔާބީއަށް ވާޞިލުވުމުގައި ޙަރަކާތްތެރިވި އިދާރާތަކާއި މުވައްޒަފުންގެ މަސައްކަތަށް މަރުހަބާ ވިދާޅުވިއެވެ. މީގެ އިތުރުން، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ތެރެއިން އާންމުންނަށް މައުލޫމާތު ލިބޭނެ ގޮތް ފުޅާކުރުމާއި، ވެރިކަން ހިންގުމާއި ނިންމުންތައް ނިންމުމުގައި މަދަނީ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންގެންދާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމާއި ޖަވާބުދާރީވުން ކުރިއެރުވުމަށް ސަރުކާރުން އަބަދުވެސް އިސްކަންދެއްވާނޭ ކަމަށާއި ހާމަކަންބޮޑު، ރައްޔިތުންނާއި ގުޅިފައިވާ ސަރުކާރެއް ހިންގެވުމަށް އިސްކަންދެއްވާކަމަށް ވިދާޅުވަމުންނެވެ.