ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް އަރުވާފައިވާ އަދި ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ މައްޗަންގޮޅީ އަލިތަރި އިބްރާހީމް ރަޝާދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށާއި އޭނާ ޚިދުމަތް ކުރެއްވި އެންމެހާ މުއައްސަސާތަކުގެ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އިބްރާހީމް ރަޝާދު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރެވެ.

މި ޚަބަރު ލިބިވަޑައިގަތުމާއެކު، ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގެ އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި، އިބްރާހީމް ރަޝާދަކީ އެ ވަގުތަކު ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި، ތެދުވެރިކަމާއި، ރޭވުންތެރިކަމާއެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށާއި، އެއީ ޙިކްމަތްތެރި، ހިންގުންތެރި ޝަޚްޞިއްޔަތެއް ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި ޤައުމަށް ގެއްލިގެން އެދިޔައީ، ބޭނުންތެރި، އަގުހުރި ތަޖުރިބާކާރެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މީގެ ވިއްސަކަށް އަހަރު ކުރިން ޓެކްނޮލޮޖީގެ ވަސީލަތްތައް މިހާރަށްވުރެ މާމަދު ޒަމާނެއްގައިވެސް ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް، ރައްޔިތުންނަށްދޭ ޚިދުމަތްތައް ފަސޭހަކުރުމުގައި އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ކަމަށް ބަޔާންކުރައްވާފައި ވެއެވެ. އަދި ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި އުޞޫލުތަކާއި ހަމަތައް ހިފެހެއްޓެވުމާއި، އަމާނާތްތެރިކަމާއެކުގައި ރައްޔިތުންނާއި ވެރިންގެ އިތުބާރު، އިބްރާހީމް ރަޝާދު ހޯއްދަވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.

އަލްމަރްޙޫމް އިބްރާހީމް ރަޝާދަކީ، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ އަދި ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ފުރުއްވާފައިވާ ބައެއް އިސް މަގާމުތަކުގެ ތެރޭގައި، ފާދިއްޕޮޅު އަތޮޅުވެރިކަމާއި، ކޮޅުމަޑުލު އަތޮޅުވެރިކަން ހިމެނެއެވެ. އަދި ކޮމިޝަނަރ އޮފް އިލެކްޝަންސް ކަމުގެ މަގާމު، 6 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފުރުއްވާފައި ވެއެވެ. އޭގެފަހުން، މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް ކަމުގެ މަގާމުވެސް ފުރުއްވިއެވެ.

އަލްމަރްޙޫމް އިބްރާހީމް ރަޝާދު ޚިދުމަތް ފެއްޓެވީ، 26 ޖޫން 1961 ގައި ވުޒާރަތުއްތިޖާރާގެ ކާތިބުކަމުގެ މަގާމުންނެވެ. އޭގެފަހުން، ވުޒާރަތުލް މަޢާރިފްގެ ކާތިބުކަމާއި، ވުޒާރަތުލް މާލިއްޔާ (އ)ގެ ސެކްރެޓަރީ ކަމާއި، އެއަރޕޯޓް އޮފީހުގެ ސެކްރެޓަރީކަން ކުރައްވާފައި ވެއެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ އިނގިރޭސި ސެކްރެޓަރީ ކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިނގިރޭސި ސެކްރެޓަރީ ކަމާއި، ރޭޑިއޯ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓަރީ ކަމާއި، އެސް.ޓީ.އޯ.ގެ މެނޭޖަރު ކަމާއި، ނޯދަން ރީޖަނަލް އޮފީހުގެ ވަކީލުކަންވެސް ކުރައްވާފައި ވެއެވެ. އަދި މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އިސް މަގާމުތަކެއް އެ މަނިކުފާނު ވަނީ ފުރުއްވާފައެވެ. އެގޮތުން، ސީނިއަރ އަންޑަރ ސެކްރެޓަރީ ކަމުގެ މަގާމާއި، އެޓޮލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑުގެ ވައިސް ޗެއަރމަންގެ މަގާމާއި، ޕްރޮޖެކްޓްސް ޑިރެކްޓަރ ކަމުގެ މަގާމު ފުރުއްވާފައި ވެއެވެ. މީގެއިތުރުން ސެލެކްޓަޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓުގެ ޑިރެކްޓަރ ކަމުގެ މަގާމުވެސް އަލްމަރްޙޫމް އިބްރާހީމް ރަޝާދު އަދާކުރައްވާފައި ވެއެވެ. އަދި ޑިޕާޓްމަންޓް އޮފް އިލެކްޝަންސްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވާފައި ވެއެވެ.

4 ސެޕްޓެންބަރު 2008 ގައި އަލްމަރްޙޫމް އިބްރާހީމް ރަޝާދު ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް ކަމުގެ މަގާމުގައެވެ. އަލްމަރްޙޫމް އިބްރާހީމް ރަޝާދު އަވަހާރަވިއިރު، އަނބިކަނބަލަކާއި، ތިން އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.