މި ޕްރޮގްރާމް ހުށަހެޅުއްވީ، ޗީފް ގަވަރންމަންޓް ސްޕޯކްސް ޕަރސަން މުޙައްމަދު ޙުސައިން ޝަރީފް.
މުޙައްމަދު ޙުސައިން ޝަރީފް:
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
"ދަ ޕަލްސް" ގެ ފުރަތަމަ ޢަދަދަށް ތިޔަ އެންމެހައި ބޭފުޅުންނަށް މަރުޙަބާ ދަންނަވަން. "ދަ ޕަލްސް"އަކީ އެ ވަގުތެއްގައި ރައްޔިތުންގެ ވިންދު އެކަމަކާ ގުޅިފައިވާ އެއް މައުޟޫޢަކަށް، ކޮންމެވެސް އެއް ދާއިރާއަކަށް އަމާޒުކޮށްގެން، އެކަމަކާ ގުޅޭގޮތުން ރައްޔިތުންގެ ވިންދު ނުވަތަ ޕަލްސް ހުރިގޮތް އަޅުގަނޑުމެން ދެނެގަނެވޭތޯ މަސައްކަތްތަކެއް ކޮށް، އެ ހުށަހަޅައި، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކަމާ ގުޅޭގޮތުން ދެކެވަޑައިގަންނަވާ ގޮތް އެކަމުގައި ނުވަތަ އެ ދާއިރާއެއްގައި އެ މަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތައް އަދި އެ ދާއިރާއަކުން ސަރުކާރުގެ މަސައްކަތްތައް ހުރިނެތްގޮތް ވިދާޅުވެލައްވަން ފުރުޞަތަކަށް އެދިވަޑައިގެންފައިވާތީވެ، އަޅުގަނޑުމެން އެކުލަވައިލާފައިވާ ޚާއްޞަ ޕްރޮގްރާމެއް.
އާދެ، ކޮންމެ ހަފްތާއެއްވެސް ވަކި މައުޟޫޢެއް. އަދި މި ހަފްތާ އިއްތިފާޤުން މި ފުރަތަމަ ޢަދަދު މިއައީ ބައިނަލްއަޤްވާމީ ތިމާވެށީގެ ދުވަހާ ގުޅިގެން ކަމަށްވާތީވެ، ނުވަތަ އެ ދުވަހާ ފައްތަރުވާގޮތަށް ކަމަށްވާތީވެ، އަޅުގަނޑުމެން މި އިޚްތިޔާރުކުރީ، މި ހަފްތާގެ މައުޟޫޢަކީ "ތިމާވެށި" ކަމަށް.
އާދެ، މި ޕްރޮގްރާމްގައި، އިސްވެ ދެންނެވި ފަދައިން، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑުމެން މި ދެންނެވި ރައްޔިތުންގެ ޝުޢޫރުތައް އަރިސްކުރާނަން. އަދި އެ މަނިކުފާނު އެކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިލެއްވުމަށްފަހު، ދެވަނަ ބައިގައި އަޅުގަނޑު މި ފުރުޞަތު މި އަރުވަނީ، ރާއްޖޭގައި ހިންގާ ކޮންމެވެސް ޒިންމާދާރު ނޫސްވެރިޔަކަށް، ނޫހަކަށް ނުވަތަ މީޑިއާއަކަށް ރައީސާ ސީދާ އިންޓަރެކްޓްކޮށް ސުވާލެއް ދަންނަވާލަން. އެ ދާއިރާއިން އެ ބޭފުޅުން ބޭނުންފުޅުވާ އެކްސްކްލޫސިވް ޖަވާބެއް ރައީސް ދެއްވާގޮތަށް ހަމަޖެހިފައި މިއޮތީ.
އެހެންވީމާ، ފުރަތަމަ ބައިގައި، މި ދެންނެވި ބައި ދިޔުމަށްފަހު، ތިޔަބޭފުޅުންނާ މި ފުރަތަމަ ޢަދަދުގައި ބައްދަލުކުރައްވާނީ، ޔާމީން މުޙައްމަދު. އެއީ، ވަގުތު ނޫހުގެ ފަރާތުން.
އެހެންވީމާ، މި ޕްރޮގްރާމަށް އަދިވެސް އެއްފަހަރު ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން. އަދި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މިކަމަށް ވަގުތު ހުސްކޮށްދެއްވީތީ، މަނިކުފާނަށް ޚާއްޞަ ޝުކުރެއް ދަންނަވައި، ތިމާވެށީގެ ދުވަހުގެ ހެޔޮއެދުންތައް މަނިކުފާނަށް އަރިސްކުރާ ހާލުގައި، މި ދެންނެވި ރައްޔިތުންގެ ޝުޢޫރުތައް މަނިކުފާނު ބައްލަވައިލެއްވުމަށްފަހު، ކުރިއަށް ގެންދަވަން ފުރުޞަތު އަރުވަން. ޝުކުރިއްޔާ ރައީސް.
ރައްޔިތެއްގެ ޝުޢޫރު:
ތިމާވެށީގެ ގޮތުން އަޅުގަނޑުމެންގެ ރަށަށް ދިމާވެފައިވާ މައްސަލަތަކަށް ބަލާއިރު، އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވެނީ، ރަށަށް އުދައެރުމުގެ މައްސަލަ. އުދައަރާ މޫސުމެއް ކަމުގައިވާނަމަ، އޭގެ ސަބަބުން ޙަޤީޤަތުގައި ރަށުގެ ގަސްގަހާގެއްސާއި އަދި ޢާންމުން ދިރިއުޅޭ ގެތަކަށްވެސް ވަރަށް ބޮޑެތި ގެއްލުންތައް ވަމުން އަންނަކަން ފާހަގަކުރެވޭ، އެފަދަ މޫސުމެއްގައި. އެހެންކަމުން، އަޅުގަނޑުގެ ނަޒަރުގައި އެންމެ ބޮޑަށް ސަރުކާރުން އިސްކަމެއްދީގެން ޙައްލުކުރަންޖެހޭ މައްސަލައަކީ، ރަށަށް އުދައެރުމުގެ މައްސަލަ.
ރައްޔިތެއްގެ ޝުޢޫރު:
އަޅުގަނޑުގެ ސުވާލަކީ، މިތާނގައި މިއުޅޭ މަސްމަހާމެހި އަދި މި ކުޅި ޙިމާޔަތްކުރަން އިތުރަށް ކުރެވޭނީ ކޮންކަމެއްތޯއޭ؟
ރައްޔިތެއްގެ ޝުޢޫރު:
އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ، އިޢާދަކުރަނިވި މަޝްރޫޢު މިހާރު އޮތީ ކިހާހިސާބެއްގައިތޯ، ނޫނީ އެކަމުގެ ވިސްނުންފުޅަކީ ކޮބައިތޯ؟ ޝުކުރިއްޔާ!
ރައްޔިތެއްގެ ޝުޢޫރު:
އަޅުގަނޑުމެންނަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ބަލާއިރު، މިއަދު އަޅުގަނޑުމެންނަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ، ކުނި ނައްތައިލުމަށް ދިމާވެފައިވާ މައްސަލަތައް ކަމުގައި އަޅުގަނޑު ގަބޫލުކުރަން، ދެކެން.
ރައްޔިތެއްގެ ޝުޢޫރު:
އަޅުގަނޑު ދެކޭގޮތުގައި، ބިން ހިއްކުމުގެ ނަމުގައި ފަޅުތަކުން ވެލި ނެގުމަކީ، ވަރަށް ބޮޑެތި އުނދަގޫ، ނޫނީވިއްޔާ ވަރަށް ބޮޑު ދުއްތުރާތަކެއް ރައްޔިތުންނަށް ކުރިމަތިވާ ކަމެއް. އޭގެތެރޭގައި، އެންވެރިކަމާއި، ފަރުމަސް ބޭނުމާ، ދެންގޮސް ވަރަށްގިނަ ކަންތައް އެބަހުރި، ރައްޔިތުންނަށް ސީދާގޮތެއްގައި ގެއްލުންވާނެ ކަންތައްތައް.
ރައްޔިތެއްގެ ޝުޢޫރު:
އަޅުގަނޑުމެންގެ މުޅި ގޮނޑުގައި މި ހުންނަ އެކިއެކި ބާވަތްތައް، ގޭގެއިން ގެންދާއިރުގައި މި ވަކިނުކޮށް ހުންނަ މައްސަލަ. މީގެތެރޭގައި، ބިއްލޫރި، އެކި ބާވަތްބާވަތުގެ ދަޅު، ޕްލާސްޓިކް. މި ތަކެއްޗަކީ ޙަޤީޤަތުގައި ކުނީގެ ތެރެއިން، ޚާއްޞަކޮށް، އެ ވަކިކުރެވިފައި ހުންނަންޖެހޭ އެއްޗެތި.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
އާދެ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ތަހުނިޔާ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އަރިސްކުރަން. އަދި ޚާއްޞަކޮށް، ތިމާވެށްޓާ ގުޅޭގޮތުން އެކިކަހަލަ މަސައްކަތްތައް ކުރާ ޖަމުޢިއްޔާ، ޖަމާޢަތްތަކާއި، މުއައްސަސާތަކަށް އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. ޙަޤީޤަތުގައި ރާއްޖެއަކީ ތިމާވެށީގެ ދާއިރާއިން ބަލައިފިއްޔާ، ދުނިޔޭގެ ނިސްބަތުން އެންމެ ނިކަމެތި، ވަލްނަރަބަލް ޤައުމުތަކޭ މި ކިޔާ ލިސްޓުގައި އެންމެ މަތީގައި ހިމެނޭ އެއް ޤައުމު. ޔޫ.އެން.ގެ މިންގަނޑުތަކުން ބަލާއިރުގައިވެސް.
ދެން ރާއްޖެ، އެހެންނަމަވެސް، އެއްގޮތަކަށްވެސް މިކަމުގައި މިއީ ގޮތްހުސްވެގެން އުޅޭ ބައެއްނޫން. އަޅުގަނޑުމެންނަކީ ވަރަށް ހިތްވަރުގަދަ ބައެއް. ޒަމާނުއްސުރެ އަޅުގަނޑުމެންނަކީ މިކަމުގައި ލީޑަރޝިޕް ނަގާ ބައެއް. އެންމެކުރިން، ރައީސް މައުމޫންގެ ވެރިކަމުގައި ފުރަތަމަ ފެށްޓުނީ. ކުދި ޤައުމުތަކުގެ މިކަމާ ގުޅޭ ވަކާލާތުކުރުމުގެ މި އިންޓަރނޭޝަނަލް ކޮންފަރެންސްވެސް ރާއްޖޭގައި ފުރަތަމަ ބޭއްވުނީ. އެހެންވީމާ، އެހިސާބުން ފެށިގެން ރާއްޖެ މި އޮންނަނީ މިހިސާބަށް.
ދެން މިއަދާ ހަމަޔަށް އައިއިރުގައި މިކަމުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ހަމަ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ރާއްޖޭގެ މި ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަށް އަދި އެއާއެކީގައި ތަރައްޤީގެ ދުވެލީގައި ރާއްޖެ ކުރިއަށް ގެންދިޔުމުގައި، ތިމާވެށި ރައްކާތެރިކޮށްގެން ގެންދިޔުމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް، ޢާންމު ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް، ޒުވާން ބޭފުޅުންނަށް. ޒުވާނުންނަކީ އެއީ އަޅުގަނޑު ވަރަށް ފާހަގަކުރަން، ތިމާވެށި ޙިމާޔަތް ކުރުމުގައި ވަރަށް ޝައުޤުވެރިކަންދޭ ބައެއް. އަޅުގަނޑު އެކަމަށް ހިތްވަރުވެސްދެން. ސްކޫލް ކުދިންނާއި، ޒުވާނުން މިކަމުގައި ދެއްވާ ސަމާލުކަން. އަދި ހަމަ ޖުމްލަކޮށް ހުރިހާ ރައްޔިތުންވެސް.
ދެން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގައި އަޅުގަނޑުމެން މި ބަލަނީ، ތިމާވެށި އެއީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެއް ގޮތުގައި ޙިމާޔަތްކުރުމަކީ، އޭގެ ޒާތުގައި އަޅުގަނޑުމެންގެ އަސާސީ ކަމެއް ގޮތުގައި ހަދަންޖެހޭ ކަމެއްގެ ގޮތުގައި. އެހެންވީމާ، މި ސަރުކާރުގެ ސިޔާސަތަކީ އެއީ.
މިސާލަކަށް ދަންނަވަންޏާ، ކުނި މެނޭޖްކުރުމަކީ، އަޅުގަނޑުމެންގެ ތެރޭގައި ކުރީގައި ވަރަށް ބޮޑަށް އަޅައިނުލެވިފައި އޮންނަ ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެން މިހާރު މިވަނީ ހަމަ ހުރިހާ ރަށެއްގައި ކުނީގެ މެނޭޖްމަންޓް ސެންޓަރު، ނޫނީވިއްޔާ ކުނި މެނޭޖްކުރާ މަރުކަޒުތައް ހަދަން ނިންމައި، އެތައް ރަށެއްގައި މިހާރު އެ މަސައްކަތް ހަވާލުވެސް ކުރެވިގެން ކުރިއަށް އެދަނީ.
ދެން ހަމަ އެއާއެކީގައި ބަލަންޏާ، ގޮނޑުދޮށް ޙިމާޔަތްކުރުން ކަމުގައިވާނަމަވެސް، ގޮނޑުދޮށް ޙިމާޔަތްކުރުމަކީ ރާއްޖޭގައި މި މޫސުމަށް އަންނަ ބަދަލުތަކުގެ ތެރެއިން އެންމެބޮޑު ގެއްލުމެއްވާ ކަންތައް ރަށްރަށުގެ. ޤުދުރަތީގޮތުން އަންނަ ބަދަލު މިހާރު އެވަނީ، މި ދެންނެވީ މޫސުމީގޮތުން. މޫސުމީގޮތުން ރާއްޖޭގެ ރަށްރަށަކީ ބައެއްފަހަރު އެއްދިމާއަކުން ރަށް ގިރައިފިއްޔާ، އަނެއްފަރާތަކުން ވޮޑޭނެ. އެހެނެއްނޫން މިހާރު މުޅިއަކުން މިވަނީކީއެއް ދޮގެއްތޯ. އެހެންވީމާ، ހަމަ ދާއިމީގޮތެއްގައި މިދަނީ ގިރަމުން. އޭގެ ސަބަބުން، ބައެއް ރައްޔިތުންގެ ގެދޮރު މޫދަށް ވެއްޓޭ ހިސާބަށްވެސް އެބަދޭ. ވިޔަފާރިކުރާ، ލަކުޑި އޮޑިދޯނި ބަންނަ ތަންތަނާއި، މިހެން ކިޔާނެ ކަމެއްނެތް. ހަމަ އެދަނީ މޫދުގެތެރެއަށް އެ ބައިތައް. އެހެންވީމާ، ގޮނޑުދޮށް ޙިމާޔަތް ކުރަންވެސް އަޅުގަނޑުމެން މި މަސައްކަތްތަކެއް މި ކުރަނީ. ހަމަ ވަރަށްގިނަ ރަށްރަށުގައި އެއްފަހަރާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ބޮޑެތި މަޝްރޫޢުތައް ހަވާލުކުރެވިފައި.
ދެން މިކަމުގައި އެންމެބޮޑު ޗެލެންޖަކީ، ބޮޑުހިލަ ހޯދުމާ، ޚާއްޞަކޮށް މިކަހަލަ މެޓީރިއަލް ހޯދުމުގައި، މިހާރު މި ހިނގާ މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއިން ޚާއްޞަކޮށް، އަޅުގަނޑުމެންނަށް ދަތިތަކެއް ދިމާވެފައި މިވަނީ. ލަސްތަކެއްވެފައި. އެ އޯލްޓަރނޭޓިވް އެހެން ގޮތްތައް އަޅުގަނޑުމެން މިހާރު އެހެން ދިމަދިމާއިން، އެހެން ޤައުމުތަކުން ހޯދުމުގެ މަސައްކަތް ކުރަނީ.
އެހެންވީމާ، އެއީ ކުޑަ ލަސްކަމެއް އަންނަ ކަމެއް. އަޅުގަނޑު ރިޔާސީ ބަޔާނުގައި ކަނޑައަޅާފައި، ނޫނީވިއްޔާ އޭރުގައި އަޅުގަނޑު އިޢުލާނުކުރި ތާރީޚު އިޢުލާނުކުރިއިރަކު ރާއްޖެއަކަށް ނެތް އެއްވެސްވަރަކަށް ދަތިކަމެއް މި މެޓީރިއަލް ގެނައުމުގައި. ރިޔާސީ ބަޔާން އިއްވިތާ ގާތްގަނޑަކަށް ފަންސަވީހަކަށް ދުވަސް ފަހުން މެދުއިރުމަތީގެ ހަނގުރާމަ ފެށުނީ. އޭރަކު އަޅުގަނޑުމެންވެސް، ދުނިޔޭގެ އެކަކުވެސް އެއްގޮތަކަށްވެސް ހީކުރިގޮތެއް ނޫންކަންނޭނގެ، ދުނިޔެއަށް ވެގެން މިދިޔައީކީއެއް. މެދުއިރުމައްޗަށް މި ވެގެންދިޔަ ގޮތަކީ.
އެހެންވީމާ، ޕްރޮޖެކްޓްސްތަކަށް ލަސްތަކެއް، މި ދެންނެވި ކަހަލަ ލަސްތަކެއް އައިސްފި. އެހެންނަމަވެސް، އަޅުގަނޑުމެން އެ މަޑުމަޑުން ޕްލޭން ބަދަލުކޮށްގެން އަލުން އެ މަސައްކަތްތައް މި ކުރަނީ.
ދެން ހަމަ އެގޮތަށް، ގަސް އިންދުމުގެ މަޝްރޫޢު. އެއީ، އެންމެ މުހިންމު މަޝްރޫޢު. ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ގަސް އިންދުމާއި، ކުނިކޮށި ހެދުމާ، މިކަންކަމުގެ ތެރެއިންވެސް ގަސް އިންދުން. ދެން ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢެއް އެއޮތީ އަޅުގަނޑުމެން އިޢުލާނުކޮށްގެން ތަންފީޒު ކުރަން ފަށާފައި. ދެން އެންމެ މުހިންމު ކަމަކީ، ޙަޤީޤަތުގައި މިއީ ފަރުދީ ޒިންމާއެއް ގޮތުގައިވެސް ދެކުން. ރާއްޖޭގެ ހުރިހާ ރައްޔިތުން ޚާއްޞަކޮށް، ޒުވާން ކުދިންނަށް އަޅުގަނޑު ހަމަ ހިތްވަރު ދެން. އަޅުގަނޑުމެން ކަނޑައަޅަންވީ ޓާގެޓެއް، ކޮންމެ ރައްޔިތަކުވެސް މި ރާއްޖޭގެ ފެހިކަން އިތުރުކުރުމަށްޓަކައި މި ފަސް މިލިއަން ގަސް ޕްރޮގްރާމްގައި ބައިވެރިވާން އިނގޭތޯ. ދެން އެންވަޔަރަންމަންޓް މިނިސްޓްރީއާ ގުޅިވަޑައިގެން، ހަމަ އެ ފަސް މިލިއަން ގަސް އިންދާ ޕްރޮގްރާމްގެ ތެރެއަށް އެބޭފުޅުން އިންދާ ގަސް އެޑް ކުރެވޭނެ. އިތުރުކުރެވޭނެ. އެހެންވީމާ، އެއީ އަޅުގަނޑު ވަރަށް ބޮޑަށް ހިތްވަރުދޭ ކަމެއް.
ދެން އޭގެއިތުރަށް، ތަރައްޤީގެ މަޝްރޫޢުތައް ހިންގާއިރުގައިވެސް، އަޅުގަނޑުމެން ވަރަށް ސަމާލުކަން ދެން، ފެހިކަން އިތުރުކުރަން. މިސާލަކަށް، މާލޭގައި ކަމަށްވަންޏާ، މި ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް މި ކުރިއަށް މިދަނީ. ދާއިރުގައި އަޅުގަނޑުމެންގެ ވިސްނުމުގައި މިހިރީ ގްރީން ބެލްޓެއް ކްރިއޭޓް ކުރުން. އެހެންގޮތަކަށް ދަންނަވަންޏާ، ގަސް އިންދުން. ނޫނީވިއްޔާ ޕޮޓް، ތަންކޮޅެއް ބޮޑެތި ޕޮޓްތަކުގައި، ތަންކޮޅެއް ބޮޑެތި ގަސްޖަހާފައި، މިހެން ބަރިއަކަށް ބަހައްޓައިގެން ނަމަވެސް، ބިންމަތީ އިންދާ ގަސް ހުންނާނީ ވަކި ދުރުމިންތަކެއްގައި. ދެން އެދޭތެރެ މެދުގައި ޕޮޓްތައް ހުންނާނީ. އެކަހަލަ ގޮތަކަށް، ތަންކޮޅެއް ފެހި ބެލްޓެއް ގޮތަށް މޫނުމަތި ފެންނަން. ކުރިއަށްވުރެ ފެހި ބެލްޓެއް ގޮތަށް. ކުރީގައިވެސް ގަސްހުރި. އެހެންނަމަވެސް، އެއަށްވުރެވެސް ހިތްގައިމުކޮށް ފެންނަގޮތް ހެދުން.
އަޅުގަނޑުމެން އެންމެންގެވެސް ވެށި މިއީ ދޮގެއްތޯ. އެހެންވީމާ، މި ހުރިހާ ކަމަކީ، ހުރިހާ ފަރާތްތަކުން ބައިވެރިވާ ކަމަށްވަންޏާ ވަރަށްބޮޑު ތަފާތެއް އަންނާނެ ކަންތައްތައް އިނގޭތޯ.
ދެން އަނެއް ދާއިރާއަކީ، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ. އަޅުގަނޑުމެން ކަނޑައަޅާފައި މިވަނީ ވަރަށް އެމްބިޝަސް ޓާގެޓެއް ދޮގެއްތޯ. އެއީ، 2028ގެ ނިޔަލަށްދާއިރު، ރާއްޖޭގައި ކަރަންޓުގެ ޚަރަދު، ގާތްގަނޑަކަށް 33 ޕަސެންޓް ހަމަޖައްސާނީ އިޢާދަކުރަނިވި ހަކަތައިން ކަމަށް އަޅުގަނޑުމެން ވަނީ ކަނޑައަޅާފައި ދޮގެއްތޯ. އެހެންވީމާ، އެ އަމާޒަށް ވާޞިލްވުމަކީ، ހަމަ ވަރަށް ވަރަށް އަޅުގަނޑުމެން ބޭނުންކަމެއް. ދެން އިންޓަރނޭޝަނަލް އެކިއެކި އޭޖެންސީތަކާއި ދޭދޭގުޅުން، އަޅުގަނޑުމެންގެ ތެރޭގައި، ބައިލެޓްރަލް ގުޅުންތަކުގެ ތެރެއިންނާ މިކަމަށް މަސައްކަތް ކުރެވޭ. ޕްރައިވެޓް ސެކްޓަރއަށް އަޅުގަނޑު ވަރަށް ބޮޑަށް ގޮވާލަން، މިކަމުގައި ބައިވެރިވާން އިނގޭތޯ.
ދެން އަޅުގަނޑުމެން ހިންގަން "މަގޭ ސޯލަރ ޕްރޮޖެކްޓް" ކިޔާ ޕްރޮޖެކްޓެއްވެސް. ދެން އެއީވެސް ވަރަށް ފުޅާކުރަން ބޭނުންވާ ޕްރޮޖެކްޓެއް. އެއީވެސް މީގެތެރެއަށް ވަންނާނެ ކަމެއް.
ދެން އެހެންނަމަވެސް، އަޅުގަނޑުމެން ރަނގަޅަށް މަސައްކަތްކޮށްފިއްޔާ، މިހާރު މި ކުރެވޭ މަސައްކަތުގެ ތެރެއިން އިތުރު ހިތްވަރުލައިގެން މަސައްކަތްކޮށްފިއްޔާ، އެންމެންގެ ބައިވެރިވުމާއެކީގައި މަސައްކަތްކޮށްފިއްޔާ، 33 ޕަސެންޓަށްވުރެ މާމައްޗަށްވެސް ގެންދެވޭނެ އިނގޭތޯ. ކުރިއަށް އޮތް ދެ އަހަރާ ބައިގެ ތެރޭގައި. އެއީ، ޔަޤީންކަމެއް އިރާދަކުރެއްވިއްޔާ.
އެހެންވީމާ، ރާއްޖެއަކީ އެންވަޔަރަންމަންޓް ރެޒިލިއަންޓް ޤައުމެއް ގޮތުގައި އެންމެންވެސް ބަލައިގަންނަ އަދި މި ދާއިރާއިން ލީޑަރޝިޕް ދައްކުވައިދޭ، ސިޑްސް ޤައުމުތަކުގެ ތެރެއިންވެސް މިކަމުގެ އެންމެ ލީޑަރޝިޕް ދައްކާ ޤައުމުގެ ގޮތުގައި އަޅުގަނޑުމެން ކުރިއަށްދާން އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތް އެއީ، އަޅުގަނޑުމެންނަށް ކާމިޔާބުކުރެވޭނެ ކަމެއް. އަދި ރާއްޖޭގެ މި ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަށް މި ކުރެވޭ މަސައްކަތް ކާމިޔާބުކުރެވޭނެ. އަޅުގަނޑުމެންގެ ޓޫރިޒަމް އިންޑަސްޓްރީއާވެސް ވަރަށް ބޮޑަށް ގުޅިފައި މިވަނީ ތިމާވެށި. އަޅުގަނޑުމެންގެ މަސްވެރިކަމުގެ އިންޑަސްޓްރީއާވެސް ވަރަށް ބޮޑަށް ގުޅިފައި މިވަނީ ތިމާވެށި ޙިމާޔަތްކުރުން.
އެހެންވީމާ، އަޅުގަނޑުމެންގެ އިޤްތިޞާދު ދެމެހެއްޓުމާއި، ފުޅާކުރުމާއި، ތަރައްޤީކުރުން، ޖީ.ޑީ.ޕީ. މަތިކުރުން، ހުރިހާ ކަމަކާވެސް ތިމާވެށި ގުޅިފައި މިއޮތީ. އެހެންވީމާ، ތަރައްޤީ ހާސިލުކުރުމުގައި ކްލައިމެޓް އެޑެޕްޓޭޝަން، މި ސިޔާސަތުގެ ތެރެއިން އަޅުގަނޑުމެން އެކިކަހަލަ މަޝްރޫޢުތައް ކުރިއަށް ގެންދާއިރު، ތިމާވެށްޓަކީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ފަރުވާކުޑަނުކުރާ، އަޅުގަނޑުމެންގެ ނޭވާލުމާ ގުޅިފައިވާ، އަޅުގަނޑުމެންގެ އަސާސީ ކަމެއްގެ ގޮތުގައި ދެކިގެން ކުރިއަށްދިޔުން އެއީ، އަޅުގަނޑު ދެކޭގޮތް. އަދި ހުރިހާ ރައްޔިތުންގެ ކިބައިންވެސް އެދޭގޮތް. އަދި ޚާއްޞަކޮށް، ޒުވާނުންގެ ކިބައިން އަޅުގަނޑު އެދެން، މިކަމުގައި ހުރިހާ ޒުވާނުން ބައިވެރިވާން.
ޔާމީން މުޙައްމަދު - ވަގުތު:
ވަރަށް ބޮޑަށް ޝުކުރިއްޔާ، މި ފުރުޞަތު ދެއްވި ކަމަށްޓަކައި. އަދި ޚާއްޞަކޮށް، "ވަގުތު" އަށް މިކަހަލަ ފުރުޞަތެއް ފުރަތަމަ ދެއްވި ކަމަށްޓަކައި.
އަޅުގަނޑު ފުރަތަމަ އަހާލަން ބޭނުންވަނީ، ރާއްޖޭގައި މި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސްގެ ވަޢުދެއް. އެ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވާފައި މިވަނީ 5 ޖޫން 2024 ގައި. މިއަދަށް މިވީ ދެ އަހަރު. މިހާތަނަށް އައިއިރު، ރައީސްގެ މި ޕްލެޖް ފުރިހަމަކުރުމަށް ކިހާ މަސައްކަތެއް ކުރެއްވިފައިވޭތޯ އަދި ކުރިއަށް އޮތް ތަނުގައި މިކަން ހާސިލުކުރުމަށް ކިހާ މަސައްކަތެއް ކުރައްވާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ. ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން މި ސުވާލު ޙަޤީޤަތުގައި ވަރަށް އައުލާކަން ބޮޑު ސުވާލެއް. ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމުގައި އަދި ތަރައްޤީކުރުމުގައި އެންމެ މުހިންމު އެއްކަމަކީ ގަސް އިންދުން. ފެހިކުރުން. ބައެއް މީހުން ސުވާލުކުރޭ، ރާއްޖޭގައި ކޮންތާކުހޭ ގަސް އިންދާނީ؟ ބޭރުގެ ފަރާތްތަކުން ޚާއްޞަކޮށް. އަޅުގަނޑު ރާއްޖެއިން ބޭރުގެ ބައެއް ދަތުރުތަކުގައި، ބައެއް ފަރާތްތަކާ ބައްދަލުވީމާ، ވަރަށް ޝައުޤުވެރިކަމާއެކީގައި އަޑުއަހަން ބޭނުންވާ ކަމެއް އެއީ.
ދެން ރާއްޖޭގައި ޚާއްޞަކޮށް، ބޮޑަށް ތަރައްޤީ އައިސްފައިވާ ރަށްރަށުގައި، މާލެކަހަލަ އަދި ބައެއް ސިޓީތަކާއި، ބައެއް ރަށްރަށުގައި ގަސްތައް ވަރަށްމަދު. އަދި އެހެން ބައެއް ރަށްރަށުގައިވެސް އެންމެ ފެހިކުރަން ބޭނުންވާ ސަރަޙައްދުތަކުގައި، ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން ގަހެއް ނެތް. ވަރަށް ހޫނުގަދަ. އެހެންވީމާ، ގަސް އިންދަންޖެހޭ ހަމަ ފުދޭވަރަކަށް ގިނައިން. އެހެންވީމާ، އަޅުގަނޑުމެން ފަސް މިލިއަން ގަހުގެ ވަރަށްބޮޑު ޓާގެޓެއް ކަނޑައަޅައިގެން މަސައްކަތް ފެށީ. އެއީ، ނުކުރެވޭނެ ކަމެއްނޫން. އެއީ، ހާސިލުކުރެވޭނެ ކަމެއް.
އެހެންވީމާ، ފަސް މިލިއަން ގަހުގެ ޕްރޮގްރާމަކީ، އެންމެންގެ ބައިވެރިވުމާއެކީގައި، އިންޓަރނޭޝަނަލް ފަރާތްތަކާއި، ޢާންމު ރައްޔިތުންގެ އެހީތެރިކަމާއެކީގައި އަޅުގަނޑުމެންނަށް ރަނގަޅަށް ހާސިލުކުރެވިދާނެ ޕްރޮގްރާމެއް. އަޅުގަނޑުމެންގެ އަމާޒަކީ، ހަމަ މި އަހަރުގެ ބާކީއޮތް 6 މަސްދުވަހުގެ ތެރޭގައި އަދި މި އަންނަ އަހަރާއި، ދެން އަންނަ އަހަރުގެ ތެރޭގައި، ދެ އަހަރާ ބައިގެ ތެރޭގައި، މި ޓާގެޓް ހާސިލުކުރުން. ކޮންމެ ރައްޔިތަކުވެސް، އެ ރައްޔިތަކު އަމިއްލަ އިސްނެގުމުގެ މަތިން މި ޕްރޮގްރާމްގައި ބައިވެރިވުމަކީ އަޅުގަނޑުމެން ގޮވާލާ ކަމެއް. ޒުވާން ކުދިންގެ ވަރަށްބޮޑު ޝައުޤުވެރިކަމެއް އޮންނަ ކަމެއް ޚާއްޞަކޮށް، ފެހިކުރުމަކީ، ގަސް އިންދުމަކީ. އަދި ޖުމްލަކޮށް ތިމާވެށި ޙިމާޔަތްކުރުމަކީ. އެހެންވީމާ، އަޅުގަނޑު ވަރަށް ވަރަށް ބޮޑަށް އިލްތިމާސް ކުރަން އަދި ގޮވާލަން، ހިތްވަރުދެން ޒުވާން ކުދިންނަށް، ސްކޫލް ކުދިންނާއި، ޖުމްލަކޮށް ޒުވާނުންނަށް، މި ޕްރޮގްރާމްގައި ބައިވެރިވާން.
ދެން ހަމައެއާއެކީގައި، އެކިކަހަލަ ޖަމުޢިއްޔާ، ޖަމާޢަތްތައް މި ދާއިރާގައި ހަރަކާތްތެރިވޭ. އެ ފަރާތްތަކުންވެސް މީގައި ބައިވެރިވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. ސަރުކާރުން ބަޖެޓުގެ ތެރެއިން ޚަރަދުކޮށްގެން މި މަޝްރޫޢަށް މި އަހަރު ގަސް އިންދުމަށް ވަނީ މަސައްކަތްތައް ކުރުމަށް ރޭވިފައި. އެ މަސައްކަތް އެބަ ހިނގާ. އަދި މި އަންނަ އަހަރަށްވެސް އެގޮތަށް މިއޮތީ. ދެން އަންނަ އަހަރަށްވެސް އޮންނާނީ ޕްލޭންކޮށްފައި. އެހެންވީމާ، ގަސް އިންދުމުގެ މަޝްރޫޢު، ފެހިކުރުމުގެ މަޝްރޫޢަކީ، އަޅުގަނޑުމެން ވަރަށް ވަރަށް އިސްކަންދޭ ކަމެއް. އަދި ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައިވެސް ވަރަށް އިސްކަންދޭ ކަމެއް.
ބައެއްފަހަރު ބައެއް މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގައި، ކޮންމެވެސްވަރަކަށް ގަސް ނަގަންޖެހޭ ފަހަރު އާދޭ. އެކަމަކު އޭގެ ބަދަލުގައި އެއަށްވުރެ އެތައް ގުނައެއް ގިނައިން ގަސް އިންދުމަށް އަޅުގަނޑުމެން ސަމާލުކަންދެން.
އެނގިވަޑައިގަންނަވާނޭ ފަދައިން، މި ދޭތެރެއިން މިސާލަކަށް، ވިލިމާލޭގައި ހައުސިންގ ޕްރޮޖެކްޓް ހިންގުމުގައި އަޅުގަނޑުމެން ވަރަށް އިސްކަންދީފައި އެއޮތީ، އެ ތަނުގައި ހުރި ބޮޑެތި ގަސްތައް ނުނަގާވޭތޯ. އެހެންވީމާ، މިހާރު ޕްރޮޖެކްޓް ހިންގާ ސަރަޙައްދަށްވެސް އެވަނީ ކޮންމެވެސްވަރަކަށް ބަދަލުތަކެއް ގެނެސްފައި. ނޫނީވިއްޔާ ކޮންމެވެސްގޮތަކަށް އަޅުގަނޑުމެން އެޖަސްޓްމަންޓްތައް ހަދާފައި. އެއީ، އަޅުގަނޑުމެން ބޭނުން، ވިލިމާލެއަކީ އަބަދުވެސް ފެހިތަނެއްވީމަ، ފެހިކޮށް ބާއްވަން. އަދި އަމުދުން މާލެ ކައިރީގައި އެފަދަ ތަނެއް އޮތުން ވަރަށް މުހިންމު. ޒަމާނުއްސުރެ އޮތް މި ރީތި، ހިތްގައިމު މާޙައުލު އޮންނަން ބޭނުން. އަދި ތަރައްޤީވެސް އަންނަން ބޭނުން.
އެހެންވީމާ، ތަރައްޤީއާއި ތިމާވެށްޓަކީ އެކުއެކުގައި ގުޅިލާމެހިގެން، އެއްކަމަކުން އަނެއް ކަމަކަށް ފައިދާކުރާގޮތުގައި ދާކަމަކަށްވާން އެބަޖެހޭ. ވަށާޖެހެން އެބަޖެހޭ. ތިމާވެށްޓާއި ތަރައްޤީއަކީ އެކުގައި ގެންދެވެންޖެހޭނެ ކަންތައް. ތިމާވެށިވެސް ޙިމާޔަތްކުރެވި، ތަރައްޤީވެސް ހާސިލުކުރެވެންޖެހޭނެ.
އެހެންވީމާ، އެގޮތަށް ވިލިމާލޭގައިވެސް އިރާދަކުރެއްވިއްޔާ މަޝްރޫޢުތައް ކުރިއަށްދާނީ. ވިލިމާލޭގައި ހޮސްޕިޓަލެއް އަޅާ. ވަރަށްބޮޑު ހޮސްޕިޓަލެއް. ކޮންމެވެސްވަރަކަށް ގަސްތައް ނަގާނެ. އެހެންނަމަވެސް، އޭގެ ބަދަލުގައި އިތުރު ގަސްޖަހާނެ. އަދި އެހެން ބައެއް ރަށްރަށުގައިވެސް މަޝްރޫޢުތައް ގެންދާއިރުގައި، ވަގުތީގޮތުން އަންނަ ބަދަލެއްގެ ބަދަލު، އެއަށްވުރެ މާރަނގަޅަށް ފެހިކުރުމުގެ ތެރެއިން ހާސިލުކުރުމަކީ ސަރުކާރުގެ ސިޔާސަތު.
އެނގިވަޑައިގަންނަވާނޭ ފަދައިން، ބޮޑުތަކުރުފާނު މަގު ހެދުމުގެ ތެރެއިން، ޖެހިފައި ހުރި ގަސްތައް އަޅުގަނޑުމެން އެބަ ނަގަން. އެހެން ތަންތާނގައި އެކަމަކު އެ ގަސްތައް އެބަ އިންދަން އިނގޭތޯ. މިހާރު އެ ނަގާ ގަސްތައް ގެންގޮސް ރަސްފަންނު، ދެންގޮސް އެކި ތަންތާނގައި، ހުޅުމާލޭގެ އެކި ތަންތާނގައި އެ އިންދަނީ. ދެން ބޮޑުތަކުރުފާނު މަގުގައި ހަމަ އެއްކޮޅުން އަނެއްކޮޅަށް ކުރިއަށްވުރެ ފެހިކުރުމަށް އިރާދަކުރެއްވިއްޔާ އޮތީ ޕްލޭން ކުރެވިފައި.
ދެން މިގޮތަށޭ އަޅުގަނޑުމެންގެ މި ޕްރޮގްރާމް ރޭވިފައި މިއޮތީ. ނޫނީވިއްޔާ އަޅުގަނޑުމެން މިކަންކަން، ފެހިކުރުމުގެ ކަންކަން ގެންދާގޮތަކީ. މި ފަސް އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އެ ޕްރޮގްރާމް ހާސިލުކުރެވޭނެ. ނަތީޖާ އެކަމަކު، އެންމެންގެ ފުރިހަމަ އެއްބާރުލުން ލިބިގެން އެކަން ވާނީ.
ޔާމީން މުޙައްމަދު - ވަގުތު:
ފަހު ސުވާލެއްގެ ގޮތުން އަހާލާނަން. ކުނި މެނޭޖް ކުރުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުތައް މި ސަރުކާރުން އެބަ ކުރިއަށްގެންދޭ. ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢަށް ބަލައިލާއިރުގައި، 60 އަށްވުރެ ގިނަ މަޝްރޫޢު މިހާރުވެސް ކުރިއަށް އެބަދޭ. ހަމައެއާއެކީގައި، 135 ރަށުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް އެބަ ޤާއިމުކުރޭ ހަމަ މި ސަރުކާރުން. މި ދައްކަނީ މި ރާއްޖޭގެ ރަށްރަށުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ރަށްރަށުގެ ވާހަކަ. މި ގޮނޑުދޮށް ޙިމާޔަތްކުރުމާއި، މި ރަށްރަށުގައި ކުނި މެނޭޖްކުރުން ފަދަ މަޝްރޫޢުތައް، މީގެކުރިން އުފެދުނު ސަރުކާރުތަކަށް ނުވީ ކީއްވެކަމަށްތޯ ގަބޫލުކުރައްވަނީ؟ އަދި ރައްޔިތުންނަށް އިޚްލާޞްތެރިކަންނެތީތޯ އެކަމުގައި.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެ އިޚްލާޞްތެރި ކަމަށްވުރެ ބޮޑަށް، އެއަށްވުރެ އެހެން ކަންކަމަށް އިސްކަންދެވިފައި ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ދެން އެއްވެސް ސަރުކާރަކުން ގަސްދުގައި ރާއްޖޭގެ ތިމާވެށި ހަލާކުރަން މަސައްކަތްކުރި ކަމަކަށް އަޅުގަނޑަކަށް ދެންނެވޭކަށް ނޯންނާނެ. ދެން ދިވެހި ރައްޔިތުން ހޮވާފައި ހުރި ސަރުކާރުތައް. އެހެންނަމަވެސް، އެއަށް އިސްކަން ނުދެވިފައި އެއޮތީ. އަޅުގަނޑު ވަރަށް އިސްކަންދެން. އަޅުގަނޑު ބޭނުންވަނީ މި ފަސް އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި، ޒަމާނީ ފެންވަރުގެ ކުނިކޮށިތައް ހުންނަން. ހުރިހާ ރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރެވިފައި އޮންނަން. އެއާއެކީގައި، ގަސް އިންދުމުގެ، މި ދެންނެވިހެން ފެހިކުރުމުގެ ބޮޑު މަޝްރޫޢު ކާމިޔާބުކަމާއެކީ ނިންމަން. ހަމައެއާއެކީގައި، އެންމެ މަދުވެގެން 33 ޕަސެންޓް ޓާގެޓް ރިނިއުބަލް އެނަރޖީ، ނޫނީވިއްޔާ އިޢާދަކުރަނިވި ހަކަތައިގެ ޓާގެޓްވެސް ހާސިލުކުރަން.
ދެން އެއާއެކީގައި، އަޅުގަނޑުމެން އެބަ ހިންގަން، ބިން ހިއްކުމުގެ މަޝްރޫޢުތައްވެސް. މިއީ ދެން ޚާއްޞަކޮށް، ޒުވާންކުދިންގެ ތެރޭގައި ވަރަށް ކޮންޓްރޮވަރޝަލް ވާ ކަމެއް. އަޅުގަނޑާވެސް ބައެއް ކުދިން ސުވާލުކޮށް ހަދާފައި ހުރި ކަމެއް. ބިން ހިއްކުމަކީ، ކުރިން އަޅުގަނޑު ދެންނެވި ގޮތަށް، ތަރައްޤީގެ ބޭނުމަށް ކުރާ ކަމެއް. ތަރައްޤީއާ އެކީގައި އެކަމަކު ތިމާވެށި ޙިމާޔަތްވާންޖެހޭ. އެހެންވީމާ، އަޅުގަނޑުމެން މިސާލަކަށް، ރަސްމާލެ ހިއްކާއިރުގައި، އަޅުގަނޑުމެން އެބަ ހިންގަން، މުރަކަ އާލާކުރުމުގެ ޕްރޮގްރާމްތައް، ނޫނީވިއްޔާ އެހެން ތަނެއްގައި މުރަކަ އިންދުމާ، ދެން މިހެންގޮސް، ތަރައްޤީއާއި ތިމާވެށްޓާ އެކުއެކީގައި ގުޅިލާމެހިގެންދާނެ ގޮތަކަށް އަޅުގަނޑުމެން ގެންދަން ބޭނުންވަނީ. އެއީ، އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލް އަޅުގަނޑުމެން މި ބައްޓަންކުރަނީ. ބައްޓަންކުރާއިރުގައި އަޅުގަނޑުމެންގެ މި ނާޒުކު ތިމާވެށި ޙިމާޔަތްކުރެވި އަދި ދުނިޔޭގެ އެހެން ޤައުމުތަކުން އެކަމަކަށްޓަކައި އަޅުގަނޑުމެންގެ ކިބައިން މިސާލު ލިބިގަންނަ ކަމަކަށްވާން އަޅުގަނޑު ބޭނުންވަނީ.
ހަމައެއާއެކީގައި، އަޅުގަނޑުމެންގެ މައިގަނޑު ދެ އިންޑަސްޓްރީވެސް ޙިމާޔަތްވާންޖެހޭ. މިސާލަކަށް، މަސްވެރިކަމަށް ވަރަށްބޮޑު ކަމެއް އެންވެރިކަމަކީ ދޮގެއްތޯ. އެންވެރިކަމަށް އަސަރުކުރޭ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން. އެހެންނަމަވެސް، އެންވެރިކަން ނުގެއްލޭނެ ގޮތަކަށް އިޢާދަކުރެވޭނެ ޕްރޮގްރާމް ހިންގުމަކީ، ސަރުކާރުގެ ޕޮލިސީ. އެކަމަށްވެސް އަޅުގަނޑުމެން މަސައްކަތްތައް އެބަ ކުރަމޭ.
އެހެންވީމާ، ތިމާވެށި ޙިމާޔަތްކުރުމުގެ ވާހަކަ އަޅުގަނޑު ދައްކަނީ، މި ސަރުކާރުން ދައްކަނީ ވަރަށް ޕްރެކްޓިކަލްކޮށް، ނަތީޖާ ނެރެވޭގޮތަށް ވަށާޖެހޭގޮތަށޭ. މީގެކުރީގައި އެ ސަމާލުކަން އެގޮތަށް ދެވިފައި ނެތީއޭ. ހަމައެކަނި ތަރައްޤީގެ މަސައްކަތްތަކަށް، ނޫނީވިއްޔާ ތިމާވެށި ޙިމާޔަތްކުރުމުގެ އެއްބައި
މި ކުރިއަށް ގެންދެވެނީ. އެ ވަށާޖެހޭގޮތަކަށް އެކަން ކުރެވިފައި ނެތީމަ، އެކަން އެއޮތީ ނުވެފައި. ދެން އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ މި އަހަރާއި އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ޓާގެޓް ހާސިލުކުރާނަން. ކުރިން ދެންނެވި ގޮތަށް، ކުނި މެނޭޖްކުރުން ކަމުގައިވިޔަސް އަދި ގޮނޑުދޮށް ޙިމާޔަތްކުރުން ކަމުގައިވިޔަސް، މި ހުރިހާ މަޝްރޫޢުތަކެއް ނިންމާލެވޭނެ.
ދެން ޗެލެންޖަސްތައް ހުންނާނެ. އަޅުގަނޑުމެން ބޭރު ޤައުމުތަކުގައި މި ބާއްވާ ބައްދަލުވުންތަކުގައި، އަޅުގަނޑު ބައްދަލުކުރާ ފަރާތްތަކުގައި ވަރަށް ގިނައިން، މިސާލަކަށް، "ސިޑްސް"ގެ މި ކޮންފަރެންސްގައި އަދި ޔޫ.އެން.ގެ ބައްދަލުވުންތަކުގައި، ޔޫ.އެން.ޖީ.އޭ.ގައި މިސާލަކަށް، އަދި އެހެން ތަންތަނުގައިވެސް، އަޅުގަނޑުމެން ވަރަށް ވަކާލާތު ކުރަން ރާއްޖެ ޚާއްޞަކޮށް އަދި ޖުމްލަކޮށް ކުދި ޖަޒީރާ ޤައުމުތަކަށް ފައިސާގެ އެހީތެރިކަން ހޯދައިދިނުމާ ގުޅޭގޮތުން. ބޭރުގެ އެހެން ބޮޑެތި ޤައުމުތަކުން އެންވަޔަރަންމަންޓް ހަލާކުކުރުމަށް، ނޫނީ ހަލާކުވާގޮތަށް ކުރަމުންދާ ކަންކަމަށް، އޭގެ ރިސީވިންގ އެންޑްގައި، ނޫނީވިއްޔާ ގެއްލުންވާ ފަރާތްތަކުގެ ތެރޭގައި މި ތިބެނީ ރާއްޖެކަހަލަ ޤައުމުތަކެއް. ރާއްޖެއަކުން އެކަމަކު އެމިޓެއް ނުކުރޭ. ރާއްޖޭގެ އެމިޓްކުރަނީ 0.003 ޕަސެންޓް. އެކަމަކު ރާއްޖެ މިއޮތީ އެންމެ ގެއްލުންވާ ޤައުމުތަކުގެ ތެރޭގައި. އެހެންވީމާ، އެހީވާށޭ. ކޮޕްގައިވެސް އެ ވާހަކަ ދެކެވުނު. އެހެންނަމަވެސް، އެކަމެއް ނުހިނގާ. އެއީކީ ކޮންމެހެން ރާއްޖެއަށް އެކަނި ކަންކަން ނުވަނީކީނޫން. އޭގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ މި ޑެބްޓަށްވެސް ބޮޑު އަސަރެއް ކޮށްފައި މި އޮންނަނީ.
އެހެންވީމާ، މިކަންކަމުން އަރައިގަތުމުގައިވެސް އަޅުގަނޑުމެން ވަރަށް އިސްކަމެއްދެން. މިހާރު މި ސަރުކާރުން، މިވޭތުވެދިޔަ ދެ ސަރުކާރަށް ބަލައިލިޔަސްވެސް ހަމަ އެތައް ގުނައެއް އިތުރަށް މިވަނީ ބޭރުގެ އެކްސްޓަރނަލް ޑެބްޓްވެސް އަދާކޮށްފައި. އަދާކުރަމުން، ތަރައްޤީ ހާސިލުކުރަމުން، އަޅުގަނޑުމެންގެ ތިމާވެށި ޙިމާޔަތްކުރަމުން، މިގޮތަށް ވަށާޖެހޭގޮތަކަށް މިދަނީ.
ޔާމީން މުޙައްމަދު - ވަގުތު:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.
މުޙައްމަދު ޙުސައިން ޝަރީފް:
"ދަ ޕަލްސް"ގެ ފުރަތަމަ އެޕިސޯޑް ބެއްލެވީތީ، ތިޔަ އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވަން. ކަމުދިޔަ ކަމުގައިވަންޏާ ލައިކެއް ދެއްވާތި. އަދި ޝެއަރ ކުރެއްވުމަށް ހުރިހާ ބޭފުޅުންނަށް ދަޢުވަތުއަރުވަން.
ރައްޔިތުންގެ ވިންދާ ގުޅުންހުރި، އާ މައުޟޫޢަކާ އެކުގައި، "ދަ ޕަލްސް"ގެ ދެވަނަ އެޕިސޯޑާ އެކުގައި، އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ތިޔަބޭފުޅުންނާ ބައްދަލުކުރާނަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.