މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ ޙަގީގަތެއްނޫން ކަމަށް ބުނެ އެޙިޔާލުފެތުރުމަށް ކެމްޕެއިންކުރަމުންދާ ފަރާތްތަކަށް މާލީއެހީދޭ ތެޔޮ ކުންފުނިތަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަމަށް ފާޑުވިދާޅުވައި ވާހަކަފުޅުދެއްކެވީ، އެކިއެކި މައުޟޫޢުތަކަށް ބަހުޘްކުރުމަށް އުފައްދާފައިވާ ޖަމްޢިއްޔާތަކުގެ ތެރެއިން އެންމެ ދުވަސްވީ އަދި އެންމެ ޝަރަފްވެރި އެއް ޖަމްޢިއްޔާ ކަމުގައިވާ އޮކްފަރޑް ޔޫނިއަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ކްލައިމެޓްގޭޓް" ގެ މައްސަލައާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާބެހޭގޮތުން ހޭލުންތެރިކަން އުފައްދަން މަސައްކަތްކުރައްވަމުންގެންދަވާ އައި.ޕީ.ސީ.ސީ.ގެ ޗެއަރމަން ޑޮކްޓަރ ޕަޗޯރީއާއި، އެމެރިކާގެ ކުރީގެ ނައިބުރައީސް އަލްގޯފަދަ ބޭފުޅުންގެ އަގުވައްޓާލުމަށް ބަޔަކު މަސައްކަތްކުރާތަން ފެންނަމުންދާ ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، މިފަދަ ހަމަލާތަކުގެ ފަހަތުގައ ބަލިކަށިކަމެއްވެސް އެމަނިކުފާނަށް އިޙްސާސްކުރެއްވޭ ކަމަށާއި، މިފަދަ ބުބައި މަޢްލޫމާތު ފަތުރާ ކެމްޕެއިންތަކަކީ "މަރުވަމުންއަންނަ" ތެލުގެ ވިޔަފާރީގެ "ވޭނީ ހަޅޭކެއް" ކަމުގައި ސިފަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅު މިމޭރުމުން ކުރިއަށް ގެންދަވަމުން، ތެލާއި ދެލީގެ ސިނާޢަތަކީ ނިމެމުން އަންނަ ސިނާޢަތްތަކެއް ކަމަށާއި، ދުނިޔޭގެ އިޤްޞާދުގައި އެ ސިނާޢަތްތަކުގެ ބާރު މިހާރުދަނީ ފަނޑުވަމުން ކަމުގައި ވިދާޅުވިއެވެ. އަދި، ދާދިއަވަހަށް ދުނިޔޭގެ ސިޔާސީ ލީޑަރުން ހޭފުޅުލައްވައި، ދުނިޔޭގެ ޖައްވަށް ވިހަގޭހާއި އެހެނިހެން ނުސާފުތަކެތި ބޭރުކުރުން ހުއްޓުވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ދެލިނަގާ ކުންފުނިތަކުން ދެލިނެގުން ކުރިއަށް ގެންދާނެ ކަމަށާއި، ތެޔޮނަގ ކުންފުނިތަކުން ތެޔޮ ނަގަމުންދާނެ ކަމުގައި ވިދާޅުވަމުން، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ބާރުއަޅާ ފަރާތްތަކަށް މިފަދަ ކުންފުނިތަކުން ތަފާތު ހަމަލާތައް ދިނުމަކީ ހައިރާންވާންވީ ކަމެއްނޫންކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އޮތް ގޮންޖެހުމަކީ ފޮސިލް ފިއުލްއަށް ކެމްޕެއިންކުރާ ފަރާތްތަކުން އެބައިމީހުންނާއެކީ ދުނިޔޭގެ ތިމާވެށިވެސް ހަލާކުވެދިޔުން ހުއްޓުވުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު އަޑުއެހުމަށްގޮސް ތިބި ކިޔަވާޚުދިންނާ މުޙާތަބުކުރައްވަމުން، ފޮސިލްފިއުލް އިންޑަސްޓްރީގެ ދަޅަތަކަށް ތަބާނުވުމަށް ގޮވާލެއްވިއެވެ. އަދި، އިޔާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީއަކީ ސިނާޢީ އިންޤިލާބަށްފަހު ދުނިޔެ ވިދުވާލި އެންމެ ވަރުގަދަ ގޮވުންކަމުގައި ވިދާޅުވެ، މުސްތަޤްބަލު ހިޔާރުކޮށް، މާދަމައިގެ އިޤްތިޞާދާ ގުޅުމަށް ދަރިވަރުންނަށް ގޮވލެއްވިއެވެ.