ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ދިވެހި މަހުގެ ބާވަތްތަކަށް އިނގިރޭސިވިލާތުގެ ބާޒާރުގައި ފުރުސަތުތައް ފަހިވެގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގެ އެކްސްގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، 2026މޭ 20 އިން ފެށިގެން، ކަނޑުމަހުގެ އިމްޕޯޓް ޑިއުޓީ ނުވަތަ ޓެރިފް ކަނޑާލުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި މި މުހިންމު ނިންމުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ކޮންސިއުމަރުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށާއި މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ނިންމުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މި ނިންމުމުގެ ސަބަބުން މަސްވެރިންގެ އާމްދަނީ ބޮޑުވެ، ރަށްފުށުގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި ކަނޑުމަހަށް އިނގިރޭސި ބާޒާރުގައި އޮތް ފުރުސަތުތައް އިތުރަށް ފުޅާވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ، ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތުގައި ދޮށީގެ މަސްވެރިކަން ކުރާ ގައުމެކެވެ. އަދި ޓެރިފް ކަނޑާލުމަށް އިނގިރޭސިވިލާތުން މި ނިންމި ނިންމުމަކީ ދެމެހެއްޓެނިވި ވިޔަފާރިއާއި އިގުތިސާދީ ވިލުންތެރިކަމަށް ދެޤައުމު ގުޅިގެން ކުރާ މަސައްކަތްތަކަށް ދަލީލުކޮށްދޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ ދިވެހި މަސްވެރިކަމަށާއި އިގުތިސާދީ ކުރިއެރުން ލިބޭ މި ބަދަލު ގެނައުމަށްޓަކައި މަސައްކަތްކޮށްދެއްވި އިނގިރޭސިވިލާތުގެ ސަރުކާރާއި އަދި ކަމާގުޅޭ އެންމެހާ ބައިވެރިންނަށް ޝުކުރުއަދާކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް މިދިޔަ އަހަރު ކުރެއްވި ރަސްމީ ދަތުރުފުޅުގައިވެސް މަސްވެރިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދަވާފައިވެއެވެ. މި މަޝްވަރާތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއްދެއްވި އެއް ކަމަކީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގަމުންއައި ޑިއުޓީ ކަނޑާލުމަށް ބާރުއެޅުއްވުމެވެ. ދިވެހިރާއްޖޭގެ މަހަށް ބޭރު ދުނިޔޭގައި މަގުބޫލުކަން ހޯދައި ރާއްޖެއިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މަހުގެ ބާވަތްތައް ބޭރުކުރުމަށް އެކިއެކި ފުރުސަތުތައް ހޯދައިދެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިނގިރޭސިވިލާތަކީ ދިވެހިރާއްޖެއިން ދެވަނައަށް އެންމެ ގިނައިން ކަނޑުމަސް ބޭރުކުރާ ޤައުމެވެ. އަދި އިނގިރޭސިވިލާތަށް ނުވަ ވަނައަށް އެންމެ ގިނައިން ކަނޑުމަހުގެ އުފެއްދުންތައް އެތެރެކުރަނީ ދިވެހިރާއްޖެއިންނެވެ.