ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕަކީ ކޮންމެ އަހަރަކުވެސް މީގެފަހުން، އޮކްސްފަރޑް ޔުނިވަރސިޓީއަށް ދެވޭ ސްކޮލަރޝިޕެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިނގިރޭސިވިލާތުގައި ހުންނަވައިގެން، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިތާބުގައި، ކޮންމެ އަހަރަކުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މި ސްކޮލަރޝިޕާ ގުޅޭގޮތުން ގެންގުޅުއްވާ އާ ވިސްނުންފުޅު ހާމަކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ސްކޮލަރޝިޕަށް ރާއްޖެއިން ހޮވޭ ކުއްޖާ، ހޮވުމުގެ ކަންތައްތައް ގެންދާނީ ހަމަ ސީދާ އެ ޔުނިވަރސިޓީގެ ފަރާތުން ކަމަށާއި، އެގޮތަށް އެކަން ގެންދިޔުމުން، އިންޞާފާއެކު އެކަން ކުރެވި، ސީދާ އެންމެ ޙައްޤު ކުއްޖާއަށް އެ ސްކޮލަރޝިޕް ދިނުމުގެ މަގުފަހިވެގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވަމުން، މި ދަތުރުފުޅުގައި ރާއްޖެއަށް އެކި ބާވަތްބާވަތުގެ އިންވެސްޓްމަންޓްތައް ފަހިކުރުމަށްޓަކައި ތަފާތު އެކިއެކި ބޭބޭފުޅުންނާއި، ކުންފުނިތަކާއި، އަދި އެކި ފަރާތްތަކާ މަޝްވަރާތައް ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް އެޅިފައިވާ ހުރަސްތަކާ އަދި ދިވެހިރާއްޖެ ތަރައްޤީ ކުރުމަށް ދެން އިތުރަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުންވެސް މި ދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެކަން ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، އަޅުގަނޑުމެންގެ އެންމެބޮޑު މަޤްޞަދަކަށް ވާންޖެހޭނީ، ކޮންމެ މީހަކީ އެމީހާގެ އަމިއްލަ ދެފައި މައްޗަށް ތެދުވެ އޭނާގެ ހަލާލު މަސައްކަތުން އޭނާގެ އަނބިދަރީން ބެލެހެއްޓޭ މީހަކަށް ހެދުން ކަމަށް ވިދާޅުވިއެވެ. އަދި އެމީހަކީ، ސަރުކާރަށް ނުވަތަ އެހެންވެސް ކޮންމެވެސް ފަރާތަކަށް ބަރޯސާ ކޮށްގެން ނޫން ގޮތަކަށް އެމީހެއްގެ ޙަޔާތް ރޭވެން ނެތް މީހަކަށް ވަނީނަމަ އެއީ، އިންސާނީ އުނިކަމެއް ކަމަށާއި، އެކަމުން ދިވެހިން ސަލާމަތްވުމަކީ އަދި ސަލާމަތްވެވޭނޭ އިންތިޒާމުތަކެއް ރޭވުމަކީ ވަރަށްބޮޑު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، އަމިއްލަ، ޕްރައިވެޓް ސެކްޓަރުގެ ވަޒީފާތައް އިތުރު ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށާއި، އެކަން ކުރުމަށް މަގުފަހިވާ ގޮތަށް، އަދި އަމިއްލަފަރާތްތަކަށް ލޯނު ފަހިވާ ގޮތަށް، މިފަހަރުގެ ބަޖެޓުގައި ޖާގަލިބިފައި އޮންނާނެ ކަމުގައި ވިދާޅުވިއެވެ. އެހެންވީމާ، އެލޯނުތައް މެދުވެރި ކޮށްގެން އިންޑަސްޓްރީގެ އެކިއެކި ޞިނާޢަތްތައް ކުރިއަރުވައި، ޢާންމު މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯއްދަވައިދެއްވުމަކީ، މިފަހަރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާ ބަޖެޓުގެ އެންމެބޮޑު އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އަޅުގަނޑުމެންގެ ސީދާ އަމާޒަކީ ކުރިއަށް މިއޮތް 2011ވަނަ އަހަރުގެ ތެރޭގައި މަދުވެގެން ވިހިހާސް ވަޒީފާ އުފެއްދެވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.