بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އަނެއްކާވެސް ތިޔަބޭފުޅުންނާ އެކީގައި، މިގޮތަށް ބައްދަލުވީމާ ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.
އާދެ، ފަށަމުން އަޅުގަނޑު ބައެއް މަޢުލޫމާތު ދަންނަވާލާފައި، ބައެއް ކަންތައްތައް ދަންނަވާލާފައި، އަޅުގަނޑު ކުރިއަށްދާނަން.
އާދެ، އަޅުގަނޑުމެން މި އަންނަނީ، މީގެ ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ދަރަނިތައް ދައްކަމުން. އެހެންވީމާ، އެގޮތުން ބަލާއިރު، މިއަދާ ހަމައަށް އައިއިރުގައި، އަޅުގަނޑުމެން ސުކޫކް ޕޭކޮށްފިން، 524 މިލިއަން ޑޮލަރު. އަދި، 400 މިލިއަންގެ ސްވޮޕް ޕޭކޮށްފިން. އަދި، މިއަދަށް ޑިއުވެފައި އޮތް، 50 މިލިއަން ޑޮލަރުގެ ލޯނުވެސް، މިއަދު އަޅުގަނޑުމެން ޕޭކޮށްފިން. 11 މޭގައި ޕޭކުރާ ގޮތަށް، މިދިޔަ ސަރުކާރުން ނަގާފައި އޮތް 50 މިލިއަން ޑޮލަރުވެސް، އަޅުގަނޑުމެން މިއަދު ހެނދުނު ސެޓްލް ކޮށްފިން. އެހެންވީމާ، ވޭތުވެދިޔަ 40 ދުވަސް ތެރޭގައި، ޖުމްލަ 974 މިލިއަން ޑޮލަރު، ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ދަރަނި، އަޅުގަނޑުމެން ދައްކައި ޚަލާޞްކޮށްފިން. މިއީ، މިދިޔަ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ދަރަނި ދަންތުރަ. މި ޑެބްޓް ޓްރެޕުން އަޅުގަނޑުމެން މިދަނީ، ރައްޔިތުން ސަލާމަތްކުރަމުން. މި ދެންނެވި ފަދައިން، 40 ދުވަސް ތެރޭގައި، 974 މިލިއަން ޑޮލަރު މިހާރު މި ދައްކައި ޚަލާޞްކުރީ. މި ދެންނެވި، އިންޑިއާގެ 50 މިލިއަން ޑޮލަރުގެ ތަފުސީލަށް ދާ ކަމަށްވަންޏާ، މިދިޔަ ސަރުކާރުން ތިން ފަހަރެއްގެމަތިން، 50 މިލިއަން ޑޮލަރު ނަގާފައިވޭ. އެއީ، 17 މާރިޗު 2019، 50 މިލިއަން، 26 ޖޫން 2019، 50 މިލިއަން، 1 އޮކްޓޫބަރު 2019، 50 މިލިއަން. ދެން، މި 150 މިލިއަން، މިދިޔަ ސަރުކާރުން ކޮންމެ އަހަރަކުވެސް އައީ ރޯލްއޯވަރ ކުރަމުން. 2020، 2021، 2022، 2023ގައިވެސް. މި ސަރުކާރު ފެށިގެން، މީގެތެރެއިން އެއް 50 މިލިއަން އަޅުގަނޑުމެން ސެޓްލްކުރިން، 7 ޖަނަވަރީ 2024ގައި. ސެޓްލްކޮށްފައި، ބާކީ 100 މިލިއަން މިއައީ، އިންޑިއާ ސަރުކާރުގައި ދަންނަވައިގެން ރޯލްއޯވަރ ކުރަމުން. އައިސް، މިއަދު ޕޭކުރަން އޮތް، މީގެތެރެއިން 50 މިލިއަން، މިއަދު މި ޕޭކުރީ. އެހެންވީމާ، ބާކީ އޮންނާނީ، އިތުރު 50. އެއީ، 17 ސެޕްޓެންބަރުގައި ޕޭކުރަން ޖެހޭނީ. އިރާދަކުރެއްވިއްޔާ، 17 ސެޕްޓެންބަރުގައި އެ 50ވެސް އަޅުގަނޑުމެން ޕޭކޮށް ނިންމާނަން. އެހެންވީމާ، މިދިޔަ ސަރުކާރުން ރައްޔިތުން ބޮލުގައި އެޅުވި ދަރަނި، 150 މިލިއަންގެ ދަންތުރައިން، އަޅުގަނޑުމެން ރައްޔިތުން ސަލާމަތްކޮށް މި ނިންމުނީ. ހަމައެފަދައިން، ސުކޫކްވެސް ޕޭކޮށް ނިންމީ.
އާދެ، މި ކަންކަން އަޅުގަނޑުމެން މި ކުރަނީ، ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި. ރައްޔިތުންގެ ބޮލުން ދަރަނި ފިލުވުމަށްޓަކައި. މިގޮތަށް ރައްޔިތުންގެ ބޮލުގައި އަޅުވާފައި ހުރި މިކަހަލަ ބޮޑެތި ދަރަނިތަކުން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތްތާނގައިވެސް، ރައްޔިތުން ސަލާމަތްކުރަމުން އަޅުގަނޑުމެން ގެންދާނަން.
އަޅުގަނޑު ހިތާމަކުރަން، ދަޢުލަތުގެ މަތީ މަގާމުތައް އަދާކުރައްވާފައި ތިއްބެވި ބޭފުޅުން، ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭގޮތަށް، އަދި ދިވެހިރާއްޖެއާ ބެހޭގޮތުން، މި ޤައުމާ ބެހޭގޮތުން، ނުރަނގަޅު ތަޞައްވުރެއް އުފެއްދުމަށްޓަކައި، ރާއްޖޭގެ އިޤްތިޞާދު ހަލާކުކުރުމަށްޓަކައި، ޙަޤީޤަތެއް ނެތް، އެއްވެސް އަސާސެއް ނެތްގޮތަށް، އެކިކަހަލަ ވާހަކަތައް ދައްކަމުންދާތީ. އަދި، ޙައިރާންވާ އަނެއް ރީޒަނަކީ، ސަބަބަކީ، އެ ބޭފުޅުންގެ ސަރުކާރުން ދަރަނިތައް ނެގީ. އަޅުގަނޑުމެން މިދަނީ ދައްކަމުން. ދެން، ދައްކާތީވެސް ކަންބޮޑުވަނީ. މިއީ، މާ ކޫލް ކަމެއް ނޫން. އަޅުގަނޑަކަށް ހިއެއްނުވޭ ކޫލް ކަމެއްހެނެއް. ދެން އެހެންނަމަވެސް، އެ ބަޔަކަށް އެނގޭނީ، އެ ބަޔަކު ވާހަކަ ދައްކާނޭ ގޮތް. ރައްޔިތުންނަށް، އަޅުގަނޑު މި ދަންނަވަނީ ވަރަށް ސާފުކޮށް. އަޅުގަނޑުމެންގެ ސަރުކާރުން، ރައްޔިތުންނަށް ކަންކަން މިދަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދެމުން.
އެހެންވީމާ، މިދިޔަ ސަރުކާރުގެ މި ދަރަނިތަކުން، އަޅުގަނޑު އިރާދަކުރެއްވިއްޔާ، ރައްޔިތުން ސަލާމަތްކޮށް ނިންމައިދޭނަން. މި ކަންކަން ކުރާއިރުގައި، މުވައްޒަފުންނަށް ދޭންޖެހޭ މުސާރަނުދީއެއް ނުބާއްވަން. މި މަހުވެސް މުސާރަ ދޭނަން. ތެލަށް ޕޭކުރަންޖެހޭ އެއްޗެއްވިއްޔާ، އެވެސް ކުރަންވީ. އެނގިވަޑައިގަންނަވާނެ، މެދުއިރުމަތީގައި ފެށިގެންދިޔަ ހަނގުރާމަ މިވަގުތަށް ވަނީ މަޑުޖެހިފައި. ދެން، އުންމީދަކީ ނިމިގެންދަނީ ކަމަށް. އޮތް ހާލަތުގައި، އަގުތައްވެސް ބޮޑު. އެހެންނަމަވެސް، ތެލަށްވެސް ޕޭކުރަން. ރައްޔިތުންނަށް އެ ބުރަ ސަރުކާރުގެ ކުންފުނިން، ނޫނީވިއްޔާ އެސް.ޓީ.އޯ.، އެސް.ޓީ.އޯ.އިން ތެޔޮ ގަތުމުގައި ދައްޗެއްނުވާގޮތަށް، އިރާދަކުރެއްވީތީ މިހާތަނަށްވެސް މިއައީ ކަންކަން ކުރަމުން. ބޭސިކް ކޮމޯޑިޓީޒަށްވެސް ޕޭކުރަން. ކާޑުގެ އެއްވެސް ބާވަތެއް، އެއްގޮތަކަށްވެސް އަގުބޮޑެއްނުވޭ. އަދި، ބޭރުގައި ތިބޭ ކިޔަވާކުދިންގެ ލާރިވެސް މި އަންނަނީ ދައްކަމުން.
ދެން، ކިޔަވާކުދިންގެ ވާހަކަ ދަންނަވާއިރުގައި، އަޅުގަނޑުމެން ފަހުން މި މިނިސްޓްރީތައް ރީކޮންސްޓިޓިއުޓް ކުރިއިރުގައި ގެނެވުނު ބަދަލާއެކީގައި، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. ޙަޤީޤަތުގައިވެސް، ވަރަށް ގިނަ ކުދިންގެ ހުރި އެކިކަހަލަ މައްސަލަތައް ޙައްލުނުކުރެވި ހުރީ. މިހާރު ގާތްގަނޑަކަށް، ހުރިހާ ކުދިންގެ މި ޕޭމަންޓްސްތަކާއި، ދެން މިހެންގޮސް ހުރި އެކިކަހަލަ ޕެންޑިންގ އިޝޫޒްތައް އެބަ ޙައްލުކޮށް ނިމޭ. އެހެންވީމާ، ކުރިއަށް އޮތްތާނގައި އިރާދަކުރެއްވިއްޔާ، އެކަހަލަ ކަމެއްވެސް ދިމާނުވާނެ.
އާދެ، އެހެންވީމާ، މިއީ މިއަދު އަޅުގަނޑު އެންމެ ބޮޑަށް ފުރަތަމަ ދަންނަވާލަން ބޭނުންވި ވާހަކައަކީ. ދެން، ޕޭކުރާ ވާހަކަ، ނޫނީވިއްޔާ މުސާރައިގެ ވާހަކަ ދައްކާއިރުގައި، ޕޭ ހާމަނައިޒޭޝަންގެ ތެރެއިންވެސް ގެއްލުންތަކެއް، ނޫނީވިއްޔާ އެންމެ އެދެވޭގޮތަށް އެކަން ކޮށްނުދެވި ތިބި މުވައްޒަފުން ތިބި. އެއީ ހަމަ ޙަޤީޤަތް. އަޅުގަނޑު ނިންމީކީ އެހެނެއްނޫން ދޮގެއްތޯ؟ އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ވީ ވަޢުދަކީ، މުސާރަ ބޮޑުކޮށްދޭނަމޭ. އެހެންނަމަވެސް، އަޅުގަނޑަށް މި ފާހަގަވީ، އެކި ސަބަބުތަކާ ހެދި، ޕޭ ކޮމިޝަނުން ޕޭ ހާމަނައިޒް ކުރިއިރުގައި، މުސާރަ ބޮޑުނުވެ، އެހެންނަމަވެސް، ކުޑަވެސްވީ ބައެއް ފަރާތްތައް ތިބިކަން އެނގިފައިވަނީ. އެހެންވީމާ، މިހާރު އެ ހުރިހާ މައްސަލައެއް، އިރާދަކުރެއްވިއްޔާ ޙައްލުކޮށް އެ ނިމެނީ. އަޅުގަނޑު މިއަދު ހެނދުނު އެންމެފަހުން މީގެ މަޢުލޫމާތު ނަގައިގެން މިއައީ، ޕޭ ކޮމިޝަންގެ ފަރާތުން. މިފަހަރު މުސާރަ ލިބޭއިރުގައި، އިރާދަކުރެއްވިއްޔާ ޖުމްލަކޮށް، ވަން އޮފް، ވަކިވަކި އިންޑިވިޖުއަލް ކޭސަސް ނުހުންނާނެ ވާހަކައެއް ނޫން. އެކަމަކު، ޖުމްލަކޮށް މިކަހަލަ ޕޭމަންޓް، މުސާރަ މައްޗަށް ނުގޮސް ތިބި ފަރާތްތަކުގެ މައްސަލަ ޙައްލުވާނެ. މީގައި ޚާއްޞަކޮށް އިންވޯލްވްވަނީ، މިސާލަކަށް، އެޗު.އާރު. ސްޓާފުން ވަރަށް ބޮޑަށް ޑިސްއެޑްވާންޓޭޖް ވެފައި ތިބި ކަމަށްވަނީ. ލީގަލް މުވައްޒަފުން، ލީގަލް ދާއިރާގައި ވަރަށް ބޮޑަށް އެކަން ދިމާވެފައި ކަމަށްވޭ. އަދި އޭގެއިތުރަށް، ކައުންސިލްތަކުގައިވެސް އެކަހަލަ ބައެއް މަގާމުތައް ހުރިކަމަށްވޭ. ދެން، މިކަހަލަ ހަމަ އިންޑިވިޖުއަލީ ބަލައިގެން، އެގޮތަށް ހުރި، މުސާރަ ބޮޑުނުވާ، މިހާރު ބައެއް ފަރާތްތަކަށް ހުރީ އެއްވަރުކޮށްދީފައި އެކަމަކު، މުސާރަ ބޮޑެއްނުވޭ. ދެން، މިއީ އެކި ޒަމާންތަކެއް ވަންދެން، އެކިގޮތަށް ހުރި ސްޓްރަކްޗަރތައް ހާމަނައިޒް ކޮށްލާއިރުގައި، ދިމާވެފައި ހުރި މައްސަލަ. އެހެންނަމަވެސް، އެ މައްސަލަތައް ޙައްލުވެ، އިރާދަކުރެއްވިއްޔާ މި މަހު މުސާރަ ދޭއިރުގައި، އަޅުގަނޑަށް މިއަދު ހެނދުނު ޔަޤީންކަން ދެއްވި ޕޭ ކޮމިޝަނުން، އެ މައްސަލަތައް ހުންނާނީ ޙައްލުވެފައޭ. މުސާރަ ހަމަ ބޮޑުވެފައި، ކުރިއަށްވުރެ މައްޗަށް ގޮސްފައި. ދެންވެސް، ދެންވެސް އެކަހަލަ ކަމެއް ދިމާވެފައި ހުރި ސްޓާފެއް ހުރެއްޖިއްޔާ، ހަމަ ޔަޤީނުންވެސް އެކަން ޙައްލުކޮށްދޭނަން.
ދެން، އެކި ދުވަސްވަރު، އެކި ދުވަސްވަރު ވަޒީފާއަށް ވަދެފައި ތިބި، އެތައް ޒަމާނެއް ވަންދެން ތިބި، އިންޑިވިޖުއަލް ކޭސަސް އެބައުޅޭ. އެ ވާހަކަ އަޅުގަނޑަށްވެސް މިއަދު ހެނދުނު ލިބުނު މަޢުލޫމާތުގައި އެބައޮތް. އެ ފަރާތްތައް މުޅި ނިޒާމުގެ އެންމެން ހާމަނައިޒްވާ، ހާމަނައިޒްވުމުގެ ތެރެއަށް ވައްދާ ކަމަށްވަންޏާ، މުޅިއެތި ބަދަލުވަނީ، މުޅި ސިސްޓަމް. އެހެންވީމާ، އެ ފަރާތްތަކަށް ވަކިވަކި ޕެކޭޖްތަކެއް، ނޫނީވިއްޔާ ވަކި ސޮލިއުޝަންތަކެއް ހޯދާނީ ޕޭ ކޮމިޝަނުން. ހޯދާފައި، އެ ފަރާތްތަކަށް ޙައްލެއް ގެނެސްދޭނަން. އެހެންވީމާ، ތިބެދާނެ ހަމަ، ބައެއް އޮފީސްތަކުގައި އެބަތިބި، ޚާއްޞަކޮށް، ބައެއް ރަށްރަށުގައި ކައުންސިލްތަކުގައި އެބަތިބި އެކަހަލަ ފަރާތްތައް. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ ޙައްލުވެގެން އެބަދޭ.
އާދެ، ދެން ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އާރު.ޓީ.އައި.، ރައީސް އޮފީހަށް ހުށަހެޅިފައި އޮތް އާރު.ޓީ.އައި.ތައް، އަޅުގަނޑު މިހާރު އެންމެފަހުން މިއަދު ހެނދުނު ނެގި އަޕްޑޭޓްގައި އެބަހުރި، މަޢުލޫމާތު އަދި، ޖަވާބު ނުދެވޭ އެއްޗެހިތައް. އަޅުގަނޑު މިހާރު ދަންނަވާފައި އޮންނާނީ، އަވަސްކުރަން. އިރާދަކުރެއްވިއްޔާ، ވަރަށް އިސްކަމެއްދީގެން، މި އޮފީހަށް ހުށަހެޅުނު ހުރިހާ ސުވާލުތަކަށް ޖަވާބުދީ ނިންމާނަން. ދެން، ނެޝަނަލް ސެކިއުރިޓީ ރީޒަނަކަށް، ޤައުމީ ސަލާމަތާ ގުޅިފައި ހުރި ކަމަކަށް ވެއްޖިއްޔާ، ކޭސް ބައި ކޭސް ބަލާފައި، އަޅުގަނޑު ސީދާ ބަލަންޖެހޭ ކަންކަން، ޤާނޫނުއަސާސީގެ ތެރެއިން، އަޅުގަނޑުމެންގެ ޒިންމާގެ ތެރެއިން ބަލަންޖެހޭ ކަންކަން ހުންނާނެ. އެ ކަންކަން ބަލާނަން، ބަލާފައި، އެނޫން ކަމެއް ނޯންނާނެ. އެހެން ހުރިހާ ކަމެއް އެއީ، ހާމަކުރާނެ ކަންކަން. ކޮންމެގޮތެއްވިޔަސް، އެއްވެސް ރައްޔިތަކު ބޭނުމެއްނުވާނެ، މި ޤައުމުގެ ސަލާމަތަށް ނުރައްކަލެއްވާކަށް. އެނޫން ހުރިހާ އާރު.ޓީ.އައި.ތައް، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ނިންމައިދޭނަން. އަދި، އެހެން މިނިސްޓްރީތަކާއި، އަދި ސަރުކާރުގެ އެހެން މުއައްސަސާތަކުގައިވެސް ދަންނަވަން، ދަންނަވާފައި އޮންނާނީ އަދި، އިތުރަށް މިއަދު، އިތުރު އެންގުމެއް އަންގާނަން، ހުރިހާ އާރު.ޓީ.އައި.ތަކަށް އަވަހަށް ޖަވާބުދީ ނިންމަން.
އާދެ، ރައްޔިތުންގެ ބައްދަލުވުންތައް، އަލުން އިރާދަކުރެއްވިއްޔާ އެބަ ފަށަން. މި އަންނަ ޖޫން މަހުން ފެށިގެން، އަޅުގަނޑު ކުރިން ގެންދިޔަގޮތަށް، ރައްޔިތުންނާ އެކީގައި ބައްދަލުވުންތަކެއް އިރާދަކުރެއްވިއްޔާ ފަށާނަން. މާލޭގައި ކަމަށްވަންޏާ، މާލޭގެ އަވަށްތަކުގެ އަވަށު ބައްދަލުވުންތަކެއް. އަޅުގަނޑު މަސައްކަތް ކުރާނީ، ވަގުތު އޮތް މިންވަރަކުން، ހަފުތާއަކު އެއް ބައްދަލުވުން ބޭއްވޭތޯ. އެއްވެސް ކަހަލަ ދަތުރެއް، ނޫނީވިއްޔާ ވަގުތު ނޯންނަ ކަހަލަ ކަމެއް ދިމާނުވާހާ ހިނދެއްގައި، ހަފުތާއަކު އެއްދުވަހު އިރާދަކުރެއްވިއްޔާ، ނޫނީވިއްޔާ ވީހާވެސް އަވަސްކޮށް، ރައްޔިތުންގެ ބައްދަލުވުންތައް ބާއްވާނަން. އަދި، ރައްޔިތުންގެ ތެރޭގައި ހިމެނޭ ސެކްޓޯރަލް ބައްދަލުވުންތައްވެސް. މިސާލަކަށް، ޓޫރިޒަމް އިންޑަސްޓްރީ ވަކިން، މަސްވެރިކަމުގެ ދާއިރާ ވަކިން، ދެން މިހެންގޮސް، ޕްރޮފެޝަންސްތަކާ ވަކިވަކިން ބައްދަލުކުރުންވެސް. އަދި، ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް، ރައްޔިތުންގެ ގާތަށްވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑު ވަޢުދުވެފައި އޮންނާނެ، ދެފަހަރު މަދުވެގެން ހުރިހާ ރަށަކަށް ދާނަމޭ. އެހެންވީމާ، އެ ދެވަނަ ބުރު މި ފަށަނީ. މިހާރު ބައެއް ރަށްރަށަށް ދެވިއްޖެ ދެފަހަރުވެސް. ދެން، އެ ރަށްރަށަށް އެހެންވީމާ، ތިންވަނަ ފަހަރު އެ ދެވެނީ. ބައެއް ރަށްތަކަށް ހަތަރު ފަހަރުވެސް ދެވިދާނެ.
އެހެންވީމާ، ރައްޔިތުންގެ ބައްދަލުވުންތައްވެސް، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ފަށަނީ. ބޭނުންވަނީ، ރައްޔިތުންނާ ގާތުން، އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާގޮތަށް، އެކަން ކުރިއަށް ގެންދަން. އެއީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޔަޤީންކަމެއް، ރައްޔިތުން އެދޭގޮތަށް، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކަންތައްތައް ގެންދިޔުމުގައި. އަދި، ސީދާ އަޅުގަނޑާ ހަމައަށް ނައިސް ހުންނަ، އެކިކަހަލަ ކަންތައްތައް ހުރޭ. އެ ކަންކަން ޙައްލުކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށްވޭ، އެކަން އެގޮތަށް ކުރުން. އެހެންވީމާ، އެއީ އަޅުގަނޑު މައިގަނޑު ގޮތެއްގައި، މިއަދު ފަށަމުން ދަންނަވާލަން ހުރި ވާހަކަތަކަކީ.
އަދިވެސް އެއްފަހަރު ދަންނަވާލަން ބޭނުންވަނީ، މި ސަރުކާރުން އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ ބޮލުގައި ކުރީގެ އެކި ސަރުކާރުތަކުން އަޅުވާފައި ހުރި ދަރަނިތަކުން، ރައްޔިތުން ސަލާމަތްކުރާނަމޭ. އެކަން މިދަނީ އިރާދަކުރެއްވީތީ ކާމިޔާބު ކުރަމުން. ސަލާމަތްކުރުމާ އެކީގައި، ރައްޔިތުންގެ ހަރުމުދާތައްވެސް ސަލާމަތްކުރަމުން މިދަނީ. ދަރުމަވަންތަ ހޮސްޕިޓަލް، މިހެންގޮސް، އެކި ތަންތަންވެސް ހުރީ ރަހުނުކޮށްފައި. އެ ތަންތަންވެސް ސަލާމަތްކުރަމުން މިދަނީ. ސްކޫލްތަކާ، މިހެންގޮސް އެކި ތަންތަން. އެހެންވީމާ، މިހެން ކޮށްފައި ހުރި، އެއްވެސް ޒިންމާދާރުކަމެއް ނެތް ކަންކަމުން، ރައްޔިތުންގެ މުދަލާއި ތަންތަން ސަލާމަތްކުރަމުން މިދަނީ. އާދެ، އެހެންވީމާ، ސުވާލުތަކަށް ދަމާ ހިންގަވާ.
އަޙްމަދު އިޔާދު - ސަން އޮންލައިން:
السَّلامُ عَلَيْكُم
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
وعَلَيْكُمُ السَّلامُ
އަޙްމަދު އިޔާދު - ސަން އޮންލައިން:
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، އިއްޔެ މަޓާޓޯ ހިމެނޭހެން، ޓޫރިޒަމްގެ ޖަމުޢިއްޔާތަކުން ގޮވައިލާފައި އެބަވޭ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާތީ ސަރުކާރުގެ އެހީތެރިކަމަށް. އެހެންވީމާ، ޓެކްސް ފަސްކޮށްދިނުމާއި، ފައިނޭންސް ހަމަޖައްސައިދިނުން ފަދަ، އެއްވެސް ކަހަލަ އެހީތެރިކަމެއް ދިނުމުގެ ވިސްނުމެއް ސަރުކާރުގެ އެބައޮތްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މިހާރު ތިޔަ މައްސަލަ އެދަނީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅޭގޮތުން އަޅުގަނޑު އުފައްދާފައި އޮތް މިނިސްޓީރިއަލް ކޮމިޓީގެ ފަރާތުން ބަލަމުން. އަދި، ކަމާގުޅޭ ސްޓޭކް ހޯލްޑަރުންނާ އެކީގައި މަޝްވަރާ ކުރަމުން. އަދި، ކުރިއަށް އޮތްތާނގައި، އިރާދަކުރެއްވިއްޔާ މީގެ ފައިނަލިޓީއަކާ ހަމައަށް ގެންދެވޭނެ ކަމެއް. އޭރުން އަޅުގަނޑުމެން އެނގޭނީ، ކޮބައިތޯ ކުރެވޭނެ ކަންކަމަކީ. އެހެންވީމާ، މިނިސްޓީރިއަލް ކޮމިޓީން އެކަމަށް މިހާރު ދަނީ މަސައްކަތް ކުރަމުން.
އަޙްމަދު އިޔާދު - ސަން އޮންލައިން:
ދެން، އަޅުގަނޑުގެ ދެވަނަ ސުވާލަކަށް މިހާރު މިއޮތީ، މީގެކުރިން ސަރުކާރުން ފަށާފައި އެބަވޭ، ޑިވެލޮޕްމަންޓް ބޭންކެއް އިނގޭތޯ. ދެން، ޑިވެލޮޕްމަންޓް ބޭންކް ފެށިއިރުގައި، އަދިވެސް މަސައްކަތް ކުރިއަށްދާ ތަނެއް ނުއެއްފެނޭ. ދެން، ބޭންކް އޮޕަރޭޓްކުރާ މަންޒަރެއްވެސް އަޅުގަނޑުމެންނަކަށް އަނެއްހެން ނުއެއްފެނޭ. އެހެންވީމާ، އެއްވެސް އިންވެސްޓަރެއް ލިބިއްޖެތޯ؟ ދެން، އެއްވެސް ނަތީޖާއެއް ހާސިލުވެއްޖެތޯ؟ ދެން، އަސްލު ކޮން ދައްޗެއްތޯ ކުރިމަތިވެގެން، މި ޑިވެލޮޕްމަންޓް ބޭންކް ނުހިނގައިގެން މިއުޅެނީ؟ އެއީ އަޅުގަނޑުގެ ދެވަނަ ސުވާލަކީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، މިހާރު ތިޔަކަމާ ބެހޭގޮތުން އަޅުގަނޑު އިތުރަށް މަޢުލޫމާތު ހޯދާލާނަން. ދެން، ތިޔަކަމާ ގުޅޭ މަސައްކަތްތަކެއް އެބަ ކުރިއަށް ގެންދޭ. ދެން، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތްތަކާ ބެހޭގޮތުން، އަޅުގަނޑު ކުރިއަށް އޮތްތާނގައި، އިރާދަކުރެއްވިއްޔާ ކަމާގުޅޭ ވުޒާރާގައި ދަންނަވާނަން، ތިޔަބޭފުޅުންނަށް މަޢުލޫމާތު ފޮނުވައިދިނުމަށް.
އަޙްމަދު އިޔާދު - ސަން އޮންލައިން:
ސީދާ ކޮން މަސައްކަތްތަކެއްތޯ ކުރިއަށްދަނީ ރައީސް؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު އަތުގައި ތިޔަ މަޢުލޫމާތު މިވަގުތު ނެތް އިނގޭތޯ. މަޢުލޫމާތު ފޯރުކޮށްދޭނަން އިރާދަކުރެއްވިއްޔާ.
ޝައިހާން ޒަރީރު - ރާއްޖެ ޓީ.ވީ:
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ކްރިމިނަލް ކޯޓުން އެބަވޭ ރޭގެ ވަގުތެއްގައި އަމުރެއް ނެރެފައި. ދެން، ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު މިއީ، ކޯޓުން އަދި ޕީ.ޖީ. އޮފީހުންވެސް މީޑިއާތަކަށް ފޮނުވާފައި މިވަނީ، ހަމަ އެއް ވަގުތެއްގައި. އެއީ، ގާތްގަނޑަކަށް ރޭ 8:15 ހާއިރު ފޮނުވާފައި މިވަނީ. ދެން، މީޑިއާތަކަށް އަމުރު ފޮނުވިއިރު، އޭގައި ސްޓޭމްޕްވެސް ޖަހާފައި ނެތްކަން ފާހަގަކުރެވޭ. އެހެންނަމަވެސް، ފަހުން ކްރިމިނަލް ކޯޓުން ވަނީ ސްޓޭމްޕް ނުޖަހާ އޮތް އެ ޕޯސްޓް ޑިލީޓްކޮށްލާފައި. އަޅުގަނޑުގެ ސުވާލަކީ، މިއީ އިއްތިފާގުން ހިނގާފައި އޮތް ކަމެއް ކަމަށް މަނިކުފާނަށް ގަބޫލުކުރެވޭތޯ؟ އަދި، މި އަމުރު ނެރެގެން، ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް. އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް، ސީދާގޮތުންވެސް، ނުސީދާގޮތުންވެސް އެއްވެސް މިންވަރެއްގައި ދައްކައިގެން ނުވާނެ ކަމަށް ބުނެ، ކްރިމިނަލް ކޯޓުން ނެރުނު މި އަމުރާ ގުޅިގެން، ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް. ޚާއްޞަކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މީގެކުރިން އެތައް ބައެއްގެ މަސައްކަތުން މި ހޯދި ޙައްޤުތައް ފަހަތަށް ދާކަމަށް. އަދި، ޚުދުމުޚުތާރު ވެރިކަމަކާ ދިމާއަށް ރާއްޖެ ދާކަމަށް، ވަރަށް ގިނަ ބަޔަކު އެބަ ފާހަގަކުރޭ. އަދި، އެކަމުގެ ކަންބޮޑުވުން އެބައޮތް. ކޮބައިތޯ މިކަމާ ގުޅިގެން މަނިކުފާނު ދެކިލައްވާ ގޮތަކީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ސީދާ ތިޔަ ކަމާ ގުޅޭގޮތުން ދަންނަވަން އޮތީ، ކޯޓުން ތިޔަ އޮތީ މިހާރު ގެގް އޯޑަރއެއް ނެރެފައި ދޮގެއްތޯ؟ ކޯޓު އަމުރެއް ނެރެފައި. އެހެންވީމާ، އެ އަމުރަށް ތަބާވުމަކީ، ދިވެހި ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް. އެހެންވީމާ، އެއީ އޭގެ ސީދާ ޖަވާބަކީ. ދެން، ޔަޤީނުންވެސް ސަރުކާރުން ކުރާ ކަންކަމެއް ނޫން، ތިން ބާރު ވަކިވެފައި އޮތް ނިޒާމަކުން، ޝަރުޢީ ދާއިރާއިން ކުރާ މަސައްކަތް، ޝަރުޢީ ދާއިރާއިން ކުރާނެ.
ދެން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކަ ދެއްކީމާ، މި ޤައުމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ފުޅާ. ތަންމިނަށް ފުޅާކޮށް އޮތީ. އަޅުގަނޑަކަށް ހިއެއްނުވޭ، މި ޤައުމަށްވުރެ ބޮޑަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ޤައުމެއް އޮންނާނެހެނެއްވެސް. އެހެންނަމަވެސް، މި ޤައުމުގެ ޙަޤީޤަތަކީ، މިއީ ސައްތައިންސައްތަ އިސްލާމީ ޤައުމެއް. މި ޤައުމުގެ ޤާނޫނުއަސާސީ ވަރަށް ސާފު. އެހެންވީމާ، މި ސަރުކާރުން އަބަދުވެސް ރޫލް އޮފް ލޯ ހިފަހައްޓާނެ. ޤާނޫނުއަސާސީގައި، ކަނޑައެޅިފައި އޮންނަ އިންތަކާއި، މިންތަކުގެ ތެރޭގައި، ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް މަސައްކަތް ކުރަންޖެހޭނީ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި، އިސްލާމްދީނުގައި މަނާކޮށްފައި ހުރި ކަންކަމެއް ނުކުރެވޭނެ. ޤާނޫނުއަސާސީއާ ޚިލާފު ކަންކަމެއް ނުކުރެވޭނެ. އެއްވެސް ފަރާތަކަށް ލިބިފައި އޮތް ޙައްޤެއް ނޫން އެއީކީއެއް. ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ، ރައްޔިތުންގެ އަބުރަށް އަރައިގަތުމުގެ ލައިސެންސެއް ނޫން. އެހެންވީމާ، އެ ލައިސެންސެއް ހިއެއްނުވޭ، އެއްވެސް ފަރާތަކަށް އޮތްހެނެއް. މުސްލިމަކަށްވީތީ އޮތް ލައިސެންސެއް ނޫން އެއީކީ. އެއްވެސް މީހެއްގެ އަބުރަކަށް އަރައެއްނުގަނެވޭނެ. އެހެންވީމާ، އެއީ ޖެނެރަލް ޖަވާބެއް. ސީދާ ސުވާލުގައި، އެއީ ގެގް އޯޑަރއެއް އޮތްކަމެއްވީމާ، އެއަކަށެއް އަޅުގަނޑަކަށް ނުދެވޭނެ، އެއްވެސް ރައްޔިތަކު އެއަކަށް އެއްޗެއް ވިދާޅުވެގެން ނުވާނެ.
ޝައިހާން ޒަރީރު - ރާއްޖެ ޓީ.ވީ:
އަޅުގަނޑުގެ ދެވަނަ ސުވާލަކީ، 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި، މަނިކުފާނު ވިދާޅުވެފައި އެބަވޭ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާރޓަރުގައި، 1000 ޑޮލަރަށް ބޮޑުކުރައްވާނެ ކަމަށް. 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާރޓަރު ނިމުނުއިރުވެސް، މަނިކުފާނު މިހާ ސާފުކޮށް، މިހާ ޔަޤީންކަމާ އެކީގައި ވިދާޅުވެފައި އޮތް ވަޢުދެއް ނުފުދި އޮތީ ކީއްވެގެންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވިއިރަކު ނޭނގެ، 2026 ވަނަ އަހަރުގެ ފެބުރުވަރީ 28ގައި މެދުއިރުމަތީގެ ހަނގުރާމައެއް ފެށޭނެ ކަމެއް. އެއީ ވީގޮތަކީ. ހަނގުރާމައާ ގުޅިގެން، އެމް.އެމް.އޭ.އިން ހިސާބު ހައްދަވާފައި، އެ ބޭފުޅުން އެ ބައްލަވަނީ، ދެން އެންމެ އަވަހަށް، ކިހާ އަވަހަކަށްތޯ އެކަމަށް އެ ބޭފުޅުންގެ ގޯއަހެޑް ދެއްވެވޭނީ. އެއީ، ވެގެންއުޅޭ ގޮތަކީ.
ޙަސްނާ އަޙްމަދު - ފަރުދުން މީޑިއާ:
السَّلامُ عَلَيْكُم
ރައީސް ދާދި ފަހުން ލަންކާއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، ލަންކާގައި ދިރިއުޅޭ ދިވެހިންތަކަކަށް، އެތަނުގެ ސިފައިން މެދުވެރިކޮށް އިންޒާރުދީ، ރައްޔިތުންނާ ބަދަލުކުރެއްވުމަށް ރައީސް ބޭއްވެވި ބައްދަލުވުމަށް ނުދިޔުމަށް އަންގާފައިވާ ކަމަށް، ބައެއް މީޑިއާތަކުގައި އެބަހުރި ރިޕޯޓްކޮށްފައި. ދެން، އެ މީޑިއާތަކުގައި ބުނެފައިވަނީ މިއީ، ސީދާ ލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރ އަންގަވައިގެން ކުރެއްވި ކަމެއް ކަމަށް. ކޮބައިތޯ މިކަމާ ދޭތެރޭގައި ވިދާޅުވާނެ އެއްޗަކީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑުވެސް ތިޔަ ވާހަކަ އަޑުއެހިން އިނގޭތޯ. އަޑުއަހައިގެން، އަޅުގަނޑުވެސް ސުވާލުކުރިން ހައިކޮމިޝަނަރއާ ސީދާ. ހައިކޮމިޝަނަރ ވިދާޅުވީ، އެމަނިކުފާނު ނާންގަވާ ކަމަށް. އަދި، އެތާނގައި ހުންނާނެ ޑިފެންސް އެޓާޗޭ އެއްވެސް އެމް.އެން.ޑީ.އެފް.ގެ. އެ ބޭފުޅާ ތްރޫކޮށްވެސް އަޅުގަނޑު ބަލައިފިން. އަދިވެސް މިކަން އެންގި ފަރާތެއް ނޭނގެ އިނގޭތޯ. އެމް.އެން.ޑީ.އެފް.ގެ ޑިފެންސް އެޓާޗޭ ހުންނާނެ، ބަލައިފިން. މިކޮޅުގެ ޕޮލިސް ލައްވައިވެސް ބަލައިފިން. މިކޮޅު ޕޮލިސްއިން އެކޮޅު ޕޮލިސްއާ ގުޅައިފި. މިކޮޅަކުންވެސް ނާންގާ. ދެން ސުވާލަކީ، އަޅުގަނޑު މިހާވަރަށް ބެލީ ކީއްކުރަންތޯ؟ އަޅުގަނޑު ބެލި ސަބަބަކީ، އަޅުގަނޑު ބޭނުމެއް ނޫން އެއްވެސް ރައްޔިތަކު، އަޅުގަނޑާ ބައްދަލުކުރަން އައުން ހުއްޓުވާކަށެއް. އަޅުގަނޑު ބޭނުންވަނީ، އެ ބޭފުޅަކު ބޭނުންވާ ކޮންމެ ވާހަކައެއް އަޅުގަނޑު ކުރިމަތީގައި އައިސް ވިދާޅުވުމުގެ ފުރުޞަތު އޮންނަން. މީގެކުރިންވެސް، އަޅުގަނޑު އަބަދުވެސް އެގޮތަށް ކަންކަން ކޮށްފައި އޮންނާނީ. މާލޭގައި ބޭއްވުނު ރައްޔިތުންގެ ބައްދަލުވުންތަކުގައިވެސް އަދި، ބައެއްފަހަރު ރަށްރަށަށް އަޅުގަނޑު ދާއިރުގައި، އިހުތިޖާޖު ކުރުން ހިނގާއިރުގައިވެސް، އަޅުގަނޑު ސީދާ އެތާ ކައިރިއަށް ދަމެއްނޫންތޯ؟ ގޮސް، ހަމަ އަޑުއަހަމެއް ނޫންތޯ؟ އަޅުގަނޑަކަށް އެއްވެސްވަރެއްގެ ކަންބޮޑުވުމެއް އޮތް ކަމެއް ނޫން. އެހެންވީމާ، އެކަން ހިނގީމާ، އެކަން ބަލަން އަޅުގަނޑުވެސް މަސައްކަތްކޮށްފައި އޮތް ކަމެއް ތިއީ. އެހެންވީމާ، އެއީ.
ޙަސްނާ އަޙްމަދު - ފަރުދުން މީޑިއާ:
ދެން، ދެވަނަ ސުވާލަކީ، ރައީސްގެ ޒަޢާމަތުގައި، ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންނަށް ވަރަށް ފަސޭހަ އިންތިޒާމުތަކެއް، މިދިޔަ އަހަރު ތެރޭގައި ފާހަގަކުރެވިފައި މިވަނީ. ދެން، މި އަހަރުވެސް، އެ ފަސޭހަތައް ރާއްޖޭގެ ޙައްޖުވެރިންނަށް ލިބިގެންދާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް އެބަ ހިނގާ ނޫންތޯ؟ މިހާރު އެންމެ މުހިންމު ކަމަކީ، މައްކާ ރޫޓް އިނީޝިއޭޓިވް. މައްކާ ރޫޓް އިނީޝިއޭޓިވްއަކީ، ސަޢޫދީ ރަސްގެފާނާއި ވަލީޢަހުދު، ދިވެހި ރައްޔިތުންނަށްޓަކައި ނިންމަވައިދެއްވި ކަމެއް. އެކަން ވަރަށް ފުރިހަމައަށް އެބަ ހިނގާ. އެއްވެސް ދަތިތަކެއް ނެތް. މިދިޔަ އަހަރެކޭ އެއްގޮތް. އަދި، މި އަހަރު އިތުރު ފަސޭހަތައްވެސް ލިބިގެންދާ ކަމަށް އެބަ މަޢުލޫމާތު ލިބޭ. މި ދެންނެވީ، ސަރުކާރުގެ ފަރާތުން، އެ ސަރުކާރާ ގުޅިގެން ކުރާ މަސައްކަތުގައި. ދިވެހިރާއްޖޭގެ ފަރާތުންދާ ހުރިހާ ޙައްޖާޖީންގެ ހުރިހާ ކަމެއް ހުރީ ވަރަށް ކުރިން ނިންމަވާފައި. އިސްލާމިކް މިނިސްޓަރ، ބައެއް ޕްރެސް ކޮންފަރެންސްތަކުގައިވެސް އެ ތަފުސީލު ދެއްވާފައިވޭ. އިރާދަކުރެއްވީތީ ވަރަށް ރަނގަޅަށް، ޙައްޖުގެ ހުރިހާ ކަމެއް ހަމަޖެހިފައި އޮތީ.
މުސްލިމާ ޙަސަން - ދިވެހި ޗެނަލް:
އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މިހާރު ރައީސް ނަޝީދު ތުހުމަތުކުރައްވާ ގޮތުގައި، ދަޢުލަތުގެ ދަރަނި ދައްކަންވެގެން ބޭންކުގައި ހުރި ރައްޔިތުންގެ ފައިސާ، ޑޮލަރު ސަރުކާރަށްދީ، ބޭނުންކޮށްފައިވާ ކަމަށް އެބަ ވިދާޅުވެފައިވޭ. މިއީ، ޙަޤީޤަތާ އެއްގޮތް ވާހަކައެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ކުރިން އަޅުގަނޑަށް ތިޔަ ސުވާލު އަންނާނެ ކަމެއް ނޭނގެ. އެކަމަކު، އަޅުގަނޑު ހިތުން ދޭން އޮތް ޖަވާބަކީ، ކުރިން އަޅުގަނޑު ދަންނަވާލި ވާހަކަ. އެއްވެސް ޙަޤީޤަތެއް ނެތް، ބޭސްލެސް ވާހަކަ، އެއްވެސް ބޭފުޅަކު ދައްކާކަށް ނުވާނެއޭ، ރާއްޖޭގެ މިނިވަންކަމާއި، ރާއްޖޭގެ ސިޔާދަތާއި، ރާއްޖޭގެ އިޤުތިޞާދާ، މި ހުރިހާ ކަމަކަށް ލޮޅުންއަރާ ކަހަލަ ވާހަކަ ދެއްކީމާ ވާނެގޮތަކީ، ބޭރުގައި ތިބޭ ފަރާތްތަކުން، އިންޓަރނޭޝަނަލް ކޮމިއުނިޓީން ހާސްވާނެ، ބަލާނެ ކަންތައްތައް، ނޫނީވިއްޔާ ރިއެކްޝަން އަންނާނެ. އަދި އަމުދުން، ޒިންމާދާރު މަގާމުތައް ކުރިން އަދާކުރައްވާފައި ތިއްބެވި ބޭފުޅުންގެ ޒިންމާ އަދި މާ ބޮޑޭ. އެހެންވީމާ، އެއީ، އަޅުގަނޑު ހިތުން މި ރާއްޖޭގައި ޑިމޮކްރަސީ ފައްކާވާން ބޭނުންވާ ކަމަށްވަންޏާ، އަމިއްލަ ނަފްސު އެބަޖެހޭ ފުރަތަމަ ފައްކާވާން. އަމިއްލަ ނަފްސު ޒިންމާދާރު ނުކުރުވާ ކަމަށްވަންޏާ، ޒިންމާދާރު ގޮތެއްގައި އަމިއްލައަށް ނޫޅުއްވޭ ކަމަށްވަންޏާ، އެއްވެސް ބޭފުޅަކު ބޭނުންފުޅުވާހާ ގޮތަކަށް، އަޅުގަނޑުމެންގެ ޤައުމަށް ގެއްލުންވާ ގޮތަށް. އެއީ، ވެދާނެ އިޤްތިޞާދަށް ގެއްލުންވުން ކަމަށްވެސް، އަދި މިނިވަންކަމަށްވެސް. ކަންކަން ކުރާކަމަށްވަންޏާ، އަޅުގަނޑުމެންގެ ޤައުމު ކުރިއަކަށް ނޫން އެދަނީކީއެއް. އަދި އަމުދުން، ޑިމޮކްރަސީގެ ވާހަކަ ދައްކަވާ ބޭފުޅުން ޖެހޭނެ، އެކަމުގައި މިސާލު ދައްކަވަން، ޒިންމާދާރުވާން. އެއީ، އަޅުގަނޑު ހިތުން، އަޅުގަނޑު އިތުރު ތަފުސީލަކަށް ދަންޏާ، ދަންނަވަން އޮތް ވާހަކައަކީ.
މުސްލިމާ ޙަސަން - ދިވެހި ޗެނަލް:
އަޅުގަނޑުގެ ދެވަނަ ސުވާލަކީ، މާދަމާ، 12 މޭއަކީ ނަރުހުންގެ ދުވަސް. ދެން، ނަރުހުންގެ ގުޅުން ހުރި ސުވާލެއް. ނަރުހުންގެ ކަންބޮޑުވުމެއް މި ކަންބޮޑުވުމަކީ. ނަރުހުންނަކީ ޤައުމަށް ވަރަށް ބޭނުންތެރި ބައެއްވެސްމެ. ދެން، ރާއްޖޭގައި ބައެއް ރަށްރަށުގައި ޞިއްޙީ ދާއިރާގައި މި ނަރުހުން އެބަޖެހޭ ހަފުތާއަކު ހަ ދުވަހު، ނުވަތަ އަށް ގަޑިއިރު ޑިއުޓީއަށް ނުކުންނަން. ސިވިލް ސަރވިސްގެ މި ވަޒީފާތަކުގައި، އޮފީހަށް ނުކުންނަން މިޖެހެނީ ފަސް ދުވަހު، ނުވަތަ ހަ ގަޑިއިރު. އިތުރުގަޑީގެ ގޮތުގައި 10 ޕަސެންޓް ހަމަވުމުން، ނަރުހުންނަށް އިތުރުގަޑީގެ ފައިސާވެސް ނުލިބޭކަމުގެ ކަންބޮޑުވުމެއް މި ލިބިގެންދަނީ. ދެން، މި ރަސްމީ ޑިއުޓީ ނިމުމުން، ބައެއް ރަށްރަށުގައި ނަރުހުން އެބަޖެހޭ 9 ގަޑިއިރާއި، 10 ގަޑިއިރުގައި ބައެއް ދުވަސްތަކުގައި ޑިއުޓީ ހޭދަކުރަން. އެކަމަކު، މި އިތުރުގަޑީގެ 10 ޕަސެންޓް ހަމަވުމުން، އިތުރުގަޑީގެ ފައިސާ ނުލިބޭކަމުގެ ކަންބޮޑުވުމެއް އަންނާތީވެ، އިތުރުގަޑީގައި މަސައްކަތްކުރަން މިޖެހެނީ، އުޖޫރައެއް ނެތިކަމުގައި އެ މީހުން އެބަ ބުނޭ. އެހެންވީމާ، ނަރުހުންގެ މި ކަންބޮޑުވުމަށް ޙައްލެއް ލިބިގެންދާނީ ކިހާ ހިސާބެއްގައިތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެންމެ އަޅުގަނޑު ޕޭ ހާމަނައިޒޭޝަންގެ ވާހަކަ ދެއްކިއިރުގައި، ޖުމްލަކޮށް އެ އިޝޫއަށް އެޑްރެސްކުރިން. މިދޭތެރެއިންވެސް ޙަޤީޤަތުގައި، ކޮންމެވެސްވަރަކަށް މައްސަލަ ޙައްލުކޮށްދެވިފައިވޭ. އެކަމަކު، އެކީގައި އަދިވެސް ޙައްލުނުވަނީ. ޕޭ ކޮމިޝަނުން މިއަދު ހެނދުނު އަޅުގަނޑަށް ދިން ޔަޤީންކަން، އަޅުގަނޑު ދެންމެ މި ދެންނެވީ. މިފަހަރު ޕޭކުރާއިރުގައި، މުސާރަ ދޭއިރުގައި، މިގޮތަށް ހުރި، ޖުމްލަކޮށް ސެކްޓޯރަލް ހުރިހާ އިޝޫޒް ޙައްލުވާނެ. އެހެންނަމަވެސް، ހުރެދާނެއޭ، އިންޑިވިޖުއަލް ކޭސަސްތަކެއް. އެއަށް ޖެހޭނީ ވަކިން އެޓެންޑްވާން. އެހެންވީމާ، ދެންމެ ތިޔަ ވިދާޅުވި ކަންތައް އަދިވެސް ޙައްލުނުވެ އޮތް ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލާނަން، މުޅި ނިޒާމު ޖިއޯޕަޑައިޒް ނުވާ ގޮތަކަށް، ކޮންމެ މީހަކުވެސް އެ ކުރާ މަސައްކަތުގެ ޙައްޤު އުޖޫރަ ލިބޭގޮތަށް، ކަންކަން ބައްޓަންކުރަން، މުސާރަ ކުރިއަށްވުރެ ބޮޑުވާން. އެހެންނަމަވެސް، އެއީ ހަމަ ޕޭ ހާމަނައިޒޭޝަންގެ އޮންނަ މަފުހޫމްގެ ތެރެއިން އެކަން ކުރަންޖެހޭނީ.
މުޙައްމަދު އަޚްތަރު - ހުވަދޫ މީޑިއާ:
السَّلامُ عَلَيْكُم
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
وعَلَيْكُمُ السَّلامُ
މުޙައްމަދު އަޚްތަރު - ހުވަދޫ މީޑިއާ:
އަޅުގަނޑުގެ ސުވާލަކީ، މިއީ ޑޮލަރުގެ ވާހަކަތަކެއް އިނގޭތޯ. ސުވާލަކީ، ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން އެބަ ކުރައްވާ، ރައްޔިތުންނަށް ފަސޭހައިން ޑޮލަރު ލިބޭގޮތަށް ހެދުމަށްޓަކައި. އެގޮތުން، ރާއްޖެއިން ބޭރުން ކުރާ އެކި ކަންކަމަށްވެސް ސަރުކާރުން އެބަހުރޭ ކަންތައްތަކެއް މަގުފަހިކޮށްފައި. އެހެންނަމަވެސް، މި ބްލެކް މާކެޓުގެ ވާހަކަ އަދިވެސް އޮތީ ހަމަ އެއްގޮތަކަށް. ބައެއް ފަރާތްތަކަށް އެ ޒަރޫރަތްތައް ފުރިހަމަކުރުމަށްޓަކައި، އެ ޑޮލަރު ހޯދަންޖެހޭ ވަގުތު، އަދިވެސް އޮތީ ހަމަ އެކިއެކި ދިމާއިން އަގު ބޮޑުކޮށް. މިކަމުން، ރައްޔިތުންނަށް ދޭން އޮތް އުފާވެރި ޚަބަރަކީ ކޮބައިތޯއޭ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ތިޔައީ އަޅުގަނޑުމެން މަސައްކަތް ކުރަމުންދާ ކަމެއް، އެންމެ އެދެވޭ ޙައްލެއް ގެނައުމަށްޓަކައި. އިރާދަކުރެއްވިއްޔާ އުންމީދަކީ، އަޅުގަނޑުމެން އިޤްތިޞާދު ރަނގަޅުކުރުމަށްޓަކައި މި ކުރެވޭ މަސައްކަތާ އެކީގައި، ބޭރު ފައިސާގެ މައްސަލައަށް، ޑޮލަރުގެ މައްސަލައެއް ޙައްލެއް ގެނެވޭނެ ކަމަށް.
މުޙައްމަދު އަޚްތަރު - ހުވަދޫ މީޑިއާ:
އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ދެންމެ އަޅުގަނޑަށް ލިބުނު މެސެޖެއްގައި އޮތް ސުވާލެއް. ރާއްޖޭގައި އެކިއެކި ސަރަޙައްދުތަކުގައި އެތްލެޓިކްސްގެ ވަރަށް ގިނަ ޙަރަކާތްތަކެއް، ވަރަށް ކާމިޔާބުކަމާއެކު ކުރަމުން އެބަދޭ އިނގޭތޯ. މިގޮތުން، ސަރުކާރުންވެސް ދަނީ، އެތްލެޓިކްސްގައި އެ އުޅޭ ކުދިންނަށް، އެކި ކަންކަން މަގުފަހިވެސް ކޮށްދެމުން. އެހެންނަމަވެސް، ބައެއް ރަށްރަށުގައި ސިންތެޓިކް ޓްރެކް އެއްޗެހި ނެތްކަން ފާހަގަކުރަން. އެހެންނަމަވެސް، އެކަން ކުރުމަކީ، މުޅި ރާއްޖޭގައި ކުރުމަކީ ފަސޭހަ ކަމެއްވެސް ނޫން. އެހެންނަމަވެސް، ތިނަދޫ ކަހަލަ ސިޓީތަކުގައި މިކަން އެބަ ކުރެވެންޖެހޭ. އެ ބޭފުޅުންގެ ވަރަށް ބޮޑު ރިކްއެސްޓެއް. މިކަމަށް އެ ބޭފުޅުންނަށް ސަރުކާރުން ދޭން އޮތް އުފާވެރި މެސެޖަކީ ކޮބައިތޯ، ވަރަށް ގިނައިން ކުރާ ސުވާލެއް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ހުރިހާ ސިޓީތަކެއްގައި ސިންތެޓިކް ޓްރެކްސް ހަދާގޮތަށް އޮންނާނީ ނިންމާފައި. އިރާދަކުރެއްވިއްޔާ، މި އަހަރު ތެރޭގައި މި މަސައްކަތް ފަށަން ނިންމާފައި އޮތް ކަމެއް އެއީ. ދެން، ފެށޭނެ ޑޭޓެއް މިގަޑީގައި ދަންނަވައިނުލެވުނަސް، މި އަހަރު ތެރޭގައި، ހުރިހާ ސިޓީއެއްގައި އެ ޕްރޮޖެކްޓް ކުރިއަށްދާނެ. ސިންތެޓިކް ޓްރެކް.
ދެން، ކޮން ބޭފުޅެއްތޯ؟
މަރްޔަމް ރަޝީދާ - ތީރު މީޑިއާ:
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ލަފާކުރާ ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން، ފަތުރުވެރިން އަންނަ މިންވަރު މަދުވެ، ތެލުގެ އަގު އުފުލުމުގެ ނަތީޖާއެއްގެ ގޮތުން، 2025 ވަނަ އަހަރު، ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން، 5.4 އިންސައްތައިގައި ހުރުމަށްފަހު، 2026 ވަނަ އަހަރު، އެކެއް އިންސައްތައަށް ދަށަށްދާނެ. މީގެ ސަބަބުން، ރާއްޖޭގެ ރިޒަރވަށާއި، ބަޖެޓަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމާއި، ހަކަތައިގެ އަގު އުފުލުމުން ލިބޭ ގެއްލުން ކުޑަކުރުމަށް، ސަރުކާރުން އަޅަމުންދާ ކުރު މުއްދަތުގެ ފިޔަވަޅުތަކަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑުމެން މިދަނީ، ތިޔަ ވިދާޅުވި ކަންކަމަށް އެޑްރެސްކުރުމަށްޓަކައި، ކެބިނެޓުގެ ކަމާބެހޭ މިނިސްޓްރީއާއި، ކޮމިޓީން އެކި ކަންކަން ދިރާސާކޮށް އަދި، ތިޔަބޭފުޅުންނާވެސް އެ ކަންކަން ޙިއްޞާކުރަމުން އެބަދޭ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، ވަރަށް ޔަޤީންކަން އެބައޮތް، މި އަހަރު ނިމޭއިރުގައި، އަޅުގަނޑުމެންގެ އިޤްތިޞާދު ވަރަށް ބޮޑުތަނުން، އަޅުގަނޑުމެން އެންމެ ޓާގެޓްކުރި ލެވެލާ ހަމައަށް ގްރޯތް ނުގެނެވިދާނެ. އެހެންނަމަވެސް، އެއަށްވުރެ ދެންމެ ތިޔަ ވިދާޅުވި، އޭ.ޑީ.ޕީ.ގެ ލެވެލަކަށް ނުދާނެ. ޓޫރިސްޓް އެރައިވަލްވެސް އިރާދަކުރެއްވިއްޔާ މިހާރު އެދަނީ، ވަރަށް ބޮޑުތަނުން އަނބުރާ ޓްރެކަށް އެޅެމުން. އަދި އޭގެއިތުރަށްވެސް، އިކޮނޮމީ ޑައިވަރސިފައި ކުރުމަށް ކުރެވޭ އެކި ކަންކަން، އަނެއްކާވެސް ވަރަށް ބާރު ސްޕީޑުގައި، ސްޕީޑް ގެއިންކޮށްފައި މިއޮތީ މިހާރު. އެހެންވީމާ، އިރާދަކުރެއްވިއްޔާ ވަރަށް ބޮޑުތަނުން ރަނގަޅު ކުރެވޭނެ. މި އަހަރު ނިމޭއިރުގައި، އަޅުގަނޑުމެންގެ ފިގަރސް އިރާދަކުރެއްވިއްޔާ ހުންނާނީ، ވަރަށް ރަނގަޅަށް.
މަރްޔަމް ރަޝީދާ - ތީރު މީޑިއާ:
ދެވަނަ ސުވާލަކީ، 500 މިލިއަން ޑޮލަރުގެ ސުކޫކް، ކާމިޔާބުކަމާއެކު އަނބުރާ ދައްކާފައިވީނަމަވެސް، ރާއްޖޭގެ ދަރަނި އަދިވެސް ހުރީ ޖީ.ޑީ.ޕީ. ނިސްބަތުން، 120 އާއި، 130 އިންސައްތައިގެ މަތީގައި. ދަރަނި ދެއްކުމުގެ ގާބިލުކަން ދެމެހެއްޓުމަށް، އަލަށް ޢަމަލުކުރަންފެށި، ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން، އަމިއްލަ އިންވެސްޓްމަންޓެއް އިތުރުކުރުމަށް، ސަރުކާރުން ގެންގުޅުއްވާ ޕްލޭނަކީ ކޮބައިތޯ؟ އަދި، ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާނުވެ، ޑިޖިޓަލް ޚިދުމަތްތަކާއި، މަސްވެރިކަމާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން، އިޤްތިޞާދު ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ތަފުސީލުކޮށް، ވަރަށް ގިނަ ވާހަކަތައް ދައްކަންޖެހިދާނެ ކަމެއް ތިއީ. ކަމާބެހޭ ވުޒާރާގެ ޕްރެސް ކޮންފަރެންސްގައި ތިއަށް ވަޑައިގަންނަވާނެ. ދެންމެ ތިޔަ ފާހަގަކުރެއްވީ، ޙަޤީޤަތުގައިވެސް އިޤްތިޞާދު ޑައިވަރސިފައި ކުރުމަށް، ފުޅާކުރުމަށް ކުރެވޭ މަސައްކަތްތައް ހިނގާ މައިގަނޑު ދާއިރާތައް. މަސްވެރިކަމުގެ ދާއިރާ، ޑިޖިޓަލް އިކޮނޮމީ، ރިނިއުބަލް އެނަރޖީގެ ދާއިރާ، އަދި އެގްރިކަލްޗަރަލް އިންވެސްޓްމަންޓްތައް. އަދި އޭގެއިތުރަށްވެސް، ޓޫރިޒަމްގެވެސް، ވިޒިޓަރ އިކޮނޮމީ ކޮންސެޕްޓްގައި، ޓޫރިޒަމް ފުޅާކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައްވެސް. އަދި އޭގެއިތުރަށްވެސް، އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދީ ހަކަތަ އިތުރަށް ވަރުގަދަކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް، މައިގަނޑު ގޮތެއްގައި ކަވަރކުރާ ދާއިރާތައް އެއީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ ހުރިހާ ދާއިރާތަކުން، އަޅުގަނޑުމެންގެ މަސައްކަތްތައް ދަނީ ވަރަށް ރަނގަޅަށް ތަރުތީބު ކުރެވިގެން.
މުޙައްމަދު ޖިނާން ޙުސައިން ޖަބީން - އެކި އެމް.ވީ:
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް، މޭ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލައާ ގުޅިގެން، އެ ދުވަސްވަރު ނަޝީދުގެ ޢާއިލާއާއި އަދި، ގާތް ފަރާތްތަކުން އޭރުގެ ރައީސް ޞާލިޙާއި، ކެބިނެޓުގެ ބައެއް ވަޒީރުންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ މައްސަލަ، މި ސަރުކާރުން ބަލާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު އަބަދުވެސް ދަންނަވަމުން އަންނަ ވާހަކައެއް، މި ސަރުކާރަކީ ޢަދުލު އިންޞާފު ގާއިމުކުރާ ސަރުކާރެކޭ. އަޅުގަނޑުމެން އެއްވެސް ފަރާތަކަށް، ސިޔާސީގޮތުންނެއް އުނދަގުލެއްވެސް ނުކުރާނަން. ސިޔާސީގޮތުންނެއް މީހަކު ތަފާތެއްވެސް ނުކުރާނަން. އެހެންވީމާ، ރިޔާސީ އިންތިޚާބު ތެރޭގައިވެސް އަޅުގަނޑު ދެންނެވިން، ދެންމެ ތިޔަ ވިދާޅުވި ހާދިސާގައި، ކަންތައް ހިނގާފައި އޮތްގޮތް ބަލާނެ ކަމަށް. އެހެންވީމާ، އެކަން އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން. އެހެންވީމާ، އެއްގޮތަކަށްވެސް އަޅުގަނޑުމެންނެއް ފަހަތަކަށް ޖެހޭނެ ކަމެއް ނޫން އެއީކީއެއް. ހަމަ ޔަޤީނުންވެސް، އަޅުގަނޑުމެންގެ ސަރުކާރުގައި، ވަރަށް އިސްކަމެއްދީގެން، ބަލަމުންދާ ކަމެއް ތިޔައީ.
މުޙައްމަދު ޖިނާން ޙުސައިން ޖަބީން - އެކި އެމް.ވީ:
ދެން، އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައި. ނަމަވެސް، ކުންފުނިތަކުން މި އަހަރުގެ އަޟްޙާ ޢީދު، ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާއިރު، ބައެއް ކުންފުނިތަކުގެ މާލީ ޙާލަތު އެހާ ރަނގަޅު ނޫންކަމަށް މަޢުލޫމާތު ލިބޭ. މިކަމުގައި ކުރިއަށްދާން ނިންމަވާފައި ވަނީ ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަދި އެއްފަހަރު، ތަފުސީލު ކޮށްދެއްވާ.
މުޙައްމަދު ޖިނާން ޙުސައިން ޖަބީން - އެކި އެމް.ވީ:
ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައި. ނަމަވެސް، ކުންފުނިތަކުން މި އަހަރު އަޟްޙާ ޢީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާއިރު، ބައެއް ކުންފުނިތަކުގެ މާލީ ޙާލަތު އެހާ ރަނގަޅު ނޫން ކަމަށް މަޢުލޫމާތު ލިބޭ. މިކަމުގައި ކުރިއަށްދާން ނިންމަވާފައިވަނީ ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޟްޙާ ޢީދު ފާހަގަކުރުމުގައި މި ސަރުކާރުގެ ފަރާތުން ކުރާ ޚަރަދުތައް ވަރަށް ކުޑަވާނެ. ސަރުކާރުން އާންމުކޮށް ބައެއް ރަށްތަކުގައި ހިންގާނެ، ޢީދުގެ އެކިކަހަލަ ކުޅިވަރު ހަރަކާތްތައް. މިފަހަރު އެކަހަލަ ހަރަކާތްތަކެއް ވަކި ރަށްތަކެއްގައި ސަރުކާރުން ނުއެއް ހިންގާނެ. ދެން، ކުންފުނިތަކުންވެސް ޚަރަދު ކުޑަކުރުމަށް މިހާރު އެއޮތީ އަޅުގަނޑުމެން އަންގާފައި. ޕީ.ސީ.ބީ.އިންވެސް އެއޮތީ އެކަމަށް އަމުރުކޮށްފައި، އިންސްޓްރަކްޝަންތަކެއް ފޮނުވާފައި. އެހެންވީމާ، ޕީ.ސީ.ބީ.ގެ އެންގުމާ އެއްގޮތަށް، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ކުންފުނިތަކުންވެސް މިފަހަރު ޚަރަދު ކުޑަކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ. އޭގެތެރޭގައި، ހަމައެކަނި ކުޅިވަރުތަކެއް ނޫން. މުވައްޒަފުންގެ އަދަދު މަދުކުރުމާއި، މިހެންގޮސް، ކުންފުނިތަކުގައި ހަރަކާތްތައް އިތުރަށް ސްޓްރީމްލައިން ކުރުމަށްޓަކައި، އެފިޝަންޓް ކުރުމަށްޓަކައި، އެ ގެނެވޭ ބަދަލުތައް އެބަ ގެނެވޭ މިހާރު.
ރިޟްވާން މޫސާ - އަސްލު ޓީ.ވީ:
މަނިކުފާނު ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ރަނގަޅު.
ރިޟްވާން މޫސާ - އަސްލު ޓީ.ވީ:
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މަނިކުފާނުގެ މި ވެރިކަމުގައި، ބޯހިޔާވަހިކަމުގެ ވަރަށް ގިނަ މަޝްރޫޢުތައް ކުރިއަށް އެބަ ގެންދޭ. ދެން، ސިފައިންނަށްވެސް ފްލެޓުތަކެއްގެ ވާހަކަ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވައިފި، އިހަށްރޭގައި. ދެން އަދި، މީގެއިތުރުން، ސިފައިންނަށް އަދި އިތުރަށްވެސް ފްލެޓުތަކެއް ދޭނެ ވާހަކަ ދައްކަވައިފި. އަޅުގަނޑުގެ ސުވާލަކީ، ނިމިދިޔަ ސަރުކާރުގައި، ކަރެކްޝަން ސަރވިސްއަށް ދޭން، ނިމިދިޔަ ސަރުކާރުން ނިންމާފައި އެބަވޭ، 100 ފްލެޓެއްގެ ވާހަކަ، ޑީ.ޕީ.އާރު.އެސް.ގެ މުވައްޒަފުންނަށް. އެއީ، ހައުސިންގ މިނިސްޓްރީން ޑޮކިއުމަންޓަކާ އެކީގައި، ރަސްމީ ލިޔުން އެ ފަރާތްތަކަށް ދީފައި ހުރި ލިޔުންތައް، އަޅުގަނޑަށްވެސް އެބަހުރި، އޭގެ ބައެއް ލިޔުންތައްވެސް ލިބިފައި. މަނިކުފާނުގެ އެއްވެސް ވިސްނުންފުޅެއް، ނުވަތަ އެއްވެސް ކަހަލަ އުސޫލެއް އެބައޮތްތޯ، މި ސަރުކާރުން އެ ބޭފުޅުންނަށް ފްލެޓުތައް ދިނުމުގައި. މިހެން މި ދެންނެވީ، މި ސަރުކާރުގެ ހޯމް މިނިސްޓަރ، އަޅުގަނޑު ހަނދާންވާ ގޮތުން. ހޯމް މިނިސްޓަރުވެސް ޑީ.ޕީ.އާރު.އެސް.ގެ މުވައްޒަފުންނާ ވަކިން ބައްދަލުކުރައްވާފައިވެސް، އިސް ފަރާތްތަކާ ބައްދަލުކުރައްވާފައިވެސް އެބަހުރި ވިދާޅުވެފައި، އެ 100 ފްލެޓު މިހާރު ހަމަޖެހިފައިވާ ވާހަކަ. އަދި، އެ 100 ފްލެޓު ހޯދައިދެއްވާނެ ވާހަކަވެސް އެބަހުރި ވިދާޅުވެފައި.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ނިމިދިޔަ ސަރުކާރުން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ދީފައިނޫންތޯ ދިޔައީ؟ ލިޔުމުންނާއި، ކަނޑުންނާއި، ޖައްވުންނާއި، ފަޒާއިންނާ. އަޅުގަނޑުމެން އެގޮތަކަށް ނުދޭނަން. އަޅުގަނޑުމެން ދޭނީ، އިމާރާތް ކޮށްފައި، ނޫނީވިއްޔާ ބިން ހިއްކާފައި. މިހާރު ހުޅުވައިލާފައި އޮތް ސްކީމްގެ ތެރޭގައި ފްލެޓް އެޅުމަށް އެއޮތީ މިހާރު އެކި ފަރާތްތަކާ ހަވާލުކުރެވިފައި. ބިންވެސް އެބަ ހިއްކަން ގޯތި ދޭން. އޭގެތެރޭގައި އޮންނާނެ ކަނޑައަޅާފައި، ކަރެކްޝަންސް ސަރވިސްއަށްވެސް ވަކި އަދަދެއް. ކުރީގައި މި ދޭން ނިންމާފައި އޮތް އަދަދު، އަދި އެއަށްވުރެ ގިނަވެސް ކުރަން ނިންމާފައި. އަދި އެގޮތަށް، ސަރުކާރުގެ، ދައުލަތުގެ އެކިއެކި މުއައްސަސާތަކަށްވެސް އެއޮތީ ވަކި އަދަދުތަކެއް ކަނޑައަޅާފައި.
އެހެންވީމާ، އަޅުގަނޑުމެން މިގެންދަނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އެންމެ އަސާސީ ޙައްޤުގެ ގޮތުގައި، އަޅުގަނޑު ގަބޫލުކުރާ ކަންތައް، ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ކުރަމުން. މިދިޔަ ސަރުކާރުން ކުރިކަމަކީ، އިންތިޚާބާ ކައިރިކޮށްފައި، އެކިކަހަލަ، މިކަހަލަ، ވަޢުދުތައްވެފައި، ރައްޔިތުންގެ އަނދުން އެޅުވީ. ދެން، އެ އަނދުނެއް މާބޮޑަކަށް ނުއެއްހުރިތާ ދޮގެއްތޯ؟ އެހެންވީމާ، މިހާރު އަޅުގަނޑުމެން މިގެންދަނީ، އެ ހުރިހާ ތަނެއް އިމާރާތް ކުރަމުން. ބިން ހިއްކަންޖެހޭ ތަންތަން، ކަނޑުފަޅު ހިއްކަންޖެހޭ ތަންތަން ހިއްކާވެސް ނިންމަމުން، ފްލެޓް އެޅުމުގެ މަޝްރޫޢުތައްވެސް ހިންގަމުން. އެހެންވީމާ، ޢަމަލީގޮތުން ނަތީޖާއިން، ކަރެކްޝަން ސަރވިސްއަށްވެސް ބޯހިޔާވަހިކަން ދޭނަން އަޅުގަނޑުމެން.
ރިޟްވާން މޫސާ - އަސްލު ޓީ.ވީ:
ރައީސް، ކުރީގެ ސަރުކާރުން ދީފައި އޮންނަ ލިޔުން، އިނގޭތޯ. ފްލެޓް ލިބުނުކަމުގެ ލިޔުން، ނުވަތަ ބިން ލިބުނުކަމުގެ ލިޔުން، އެއަށް ކިހިނެއްތޯ ހަދާނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު މި ދެންނެވީ ނޫންތޯއޭ، މި ސަރުކާރުން ރައްޔިތުންނަށް، އަޅުގަނޑުގެ މައިގަނޑު ވަޢުދެއް އޮންނާނެ، އެއްވެސް ސަރުކާރަކުން ބޯހިޔާވަހިކަން ދޭން ވަޢުދެއްވެފައި، ނޫނީވިއްޔާ ދޭނެކަމަށް ބުނެފައި އޮވެއްޖިއްޔާ، އޭތި ކޮންޓިނިއު ކުރާނަމޭ. އެގޮތަށް ނޫންތޯ 4000 ފްލެޓު، އެފް.ޑީ.ސީ.ވެސް، އަޅުގަނޑުމެން ހަމަ ކުރީގެ ލިސްޓަށް ނޫންތޯ ނިންމީ. އެހެންވީމާ، އެކަންވެސް ހިނގާނެ. ހަމަ އެގޮތަށް އަޅުގަނޑުމެން ކަސްޓަމްސްއަށްވެސް އެއޮތީ ހަމަޖައްސައިދީފައި.
ރިޟްވާން މޫސާ - އަސްލު ޓީ.ވީ:
ދެން، އަޅުގަނޑުގެ ދެވަނަ ސުވާލަކީ، މި ރާއްޖެއަކީ އުފެއްދުންތެރި ޤައުމެއް ނޫން. އިމްޕޯޓް، އެކްސްޕޯޓަށް ބަރޯސާވާ ޤައުމެއް ބޮޑަށް. ރާއްޖޭގައި އާއްމުގޮތެއްގައި، މަސައްކަތްތެރިންނަކީވެސް، ރާއްޖެއިން ގެނެސްގެން، ބޭރުގެ ފަރާތްތައް ބޮޑަށް މަސައްކަތްތަކުގެ ދާއިރާގައި މި ހަރަކާތްތެރިވަމުންދަނީވެސް. މަނިކުފާނު މި ބިދޭސީ މަސައްކަތްތެރިންގެ ވާހަކަ ތަންކޮޅެއް ބޮޑަށް ފާހަގަކުރައްވާކަންވެސް އަޅުގަނޑަށް ހަމަ ގަބޫލުކުރެވޭ. ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް މި އަންނަނީ، ގަވާއިދާ އެއްގޮތަށް. ޚާއްޞަގޮތެއްގައި، ރާއްޖޭގައި، ދެން އަޅުގަނޑަށްވެސް ގަބޫލުކުރެވޭ، ރާއްޖޭގައި ފުދޭވަރަކަށް ބިދޭސީން ގިނަކަންވެސް އިނގޭތޯ. އެހެންނަމަވެސް، އަޅުގަނޑުމެންގެ މި ކޮންސަރނަކީ، ބިދޭސީ ފަރާތްތައް ރާއްޖެއަށް މި އަންނަނީ ގަވާއިދާ އެއްގޮތަށް، ޤާނޫނާ އެއްގޮތަށް. ރާއްޖެއަށް އައިސްފައި، އެނގޭ މަޢުލޫމާތުތަކަށް ބަލާއިރުގައި، ބިދޭސީ ފަރާތްތަކަށް މި ލިބޭ، މި ދިމާވާ ދަތިތައް، ނުވަތަ ގޮންޖެހުންތަކަށް ބަލާއިރުގައި، ޚާއްޞަގޮތެއްގައި، އެ ފަރާތްތަކާ ދޭތެރޭގައި ބަސްބުނާ މީހުން ވަރަށް މަދު. އަޅުގަނޑު ހަމަ އެ ވާހަކަ ރައީސާ ހަމަ ޙިއްޞާކޮށްލާހިތްވަނީ، ބިދޭސީ ފަރާތްތައް ރާއްޖެއަށް ގެނެސްފައި، އެ މީހުން ލައްވައި މަސައްކަތްކޮށްފައި، އެ މީހުންގެ މުސާރަނުދީ، އެ ފައިސާ ލިބޭނެގޮތެއް އެ މީހުންނަށް ނުއެއްއޮވޭ. ދެން މި އަޑުއިވެނީ، އެހެން ދިމާއަކަށް އެ މީހުން، ކޮންމެގޮތެއްވިޔަސް، ރާއްޖޭގައި ހުންނަ ކަމަށްވަންޏާ، މަޖުބޫރުވާނެ މަސައްކަތެއް ކުރަން. އެހެން ދިމާއަކަށް މަސައްކަތުގައި ދާން މިޖެހެނީ. އެ ދާ ދިމާއަކުން ވިސާ ފީ ނުދެއްކުމާ، މިކަހަލަ ކަންތައްތަކެއްގެ ތެރެއިން، އެ މީހުން ޤާނޫނީ އިމުން ބޭރުން މިދަނީ ޚާއްޞަ ގޮތެއްގައި. ސަރުކާރުގެ އެއްވެސް ވިސްނުމެއް އެބައޮތްތޯ، މީގެކުރީގައި ނިމިދިޔަ ސަރުކާރުން ފެނުނު، އެކަހަލަ ކޮންމެވެސް ކަހަލަ ސިފައެއްގެ މަންޒަރެއް. ބިދޭސީންނަށް ރެގިއުލަރައިޒްކޮށް، އެ މީހުންނަށް އަލުން ފުރުޞަތުތަކެއް ދިން މަންޒަރުތަކެއް ފެނިގެންދިޔަ. ވަރަށް ހަނިކޮށްވިޔަސްވެސް ފެނިގެންދިޔަ. މި ސަރުކާރުން އެބައޮތްތޯ، މި ބިދޭސީ މަސައްކަތްތެރެއިންނަށް ޚާއްޞަގޮތެއްގައި، އެހީތެރިވެދޭނެ ގޮތެއް. އެއީ، ޙަޤީޤަތުގައި ބިދޭސީން ވަރަށް ގިނަ އަދަދަކަށް ޑީޕޯޓްކުރާ، ނޫނީ ވަރަށް ގިނަ އަދަދަކަށް ގަވާއިދާ ޚިލާފަށް ތިބި ފަރާތްތަކެއްގެ ވާހަކަ އަޅުގަނޑުމެން، އެކިއެކި ނޫސްތަކުންނާއި ތަންތަނުގައި އެބަ ދައްކަމުންގެންދޭ. މިކަމަށް އެބައޮތްތޯ، މި މަސައްކަތްތެރިންގެ ޙައްޤުގައި ކޮށްދޭނެ ކަމެއް އެބައޮތްތޯ؟ ނުވަތަ އެ މަސައްކަތްތެރިން ރާއްޖެއަށް މި ގެންނަނީ، ކޮންމެވެސް ދިވެއްސެއް މެދުވެރިކޮށް. ކޮންމެވެސް ވިޔަފާރިއެއްގެ ނަންމަތީ މި ގެންނަނީ. އެ ފަރާތްތައް ހޯދައި، އެ ފަރާތްތަކަށް އޮތް ގޮތަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ރާއްޖޭގައި އުޅޭ ބޭރުމީހުންގެ، މަސައްކަތްތެރިންގެ ކަންކަން ރަނގަޅުކުރުމަށް މި ސަރުކާރުން މި ކުރާވަރުގެ މަސައްކަތެއް ދުވަހަކުވެސް ރާއްޖޭގައި ނެތް ކޮށްފައެއް. އަޅުގަނޑުމެން ސަރުކާރާ ހަވާލުވީއިރުގައި، ރާއްޖޭގައި އުޅޭ މަސައްކަތްކުރާ ބޭރުމީހުންގެ މަޢުލޫމާތު އެއީ، ކޮންބައެއްކަން އެނގޭވަރު އޮތީ އެންމެ 13 ޕަސެންޓް. މިކިޔަނީ، މި ސަރުކާރު ފެށުނުއިރުގައި، މީގެކުރިން ކޮންޒަމާނަކުން ފެށިގެންތޯ ރާއްޖެއަށް ބޭރު މީހުން އަންނަން ފެށީ؟ 13 ޕަސެންޓް މީހުންގެ ޑޭޓާހުރީ މިތާނގައި. ކޮންކަމެއް ސަރުކާރުތަކުން ކުރީ؟ އަޅުގަނޑުމެން މިހާރު އެކަން 98 ޕަސެންޓަށް ގެންގޮސްފިން، ދެ އަހަރާ ބައި ތެރޭގައި. 10 އިނގިލީގެ ނިޝާން، ރާއްޖޭގައި މިހާރު މަސައްކަތްކުރާ ބޭރު މީހުންގެ ތެރެއިން، 98 އިންސައްތަ މީހުންގެ 10 އިނގިލީގެ ނިޝާނާ އެކީގައި، އެ މީހުންނަކީ ކޮންބައެއްކަން އެނގޭނެ މިހާރު ރާއްޖޭގައި.
އެހެންވީމާ، ތިޔަ ވިދާޅުވާ އެއްޗެއް ދެކޮޅެއްނުޖެހޭ ނޫންތޯ. އަޅުގަނޑުމެން މި ގެންދަނީކީ، ކޮންމެހެން އެ މީހުންނަށް އަދަބުދިނުމުގެ އޮޕަރޭޝަނެއް ނޫން. މި ކުރަނގި އޮޕަރޭޝަނަކީ، ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ހިމާޔަތްކޮށްދޭ އޮޕަރޭޝަނެއް. ޙައްޤު ހިމާޔަތްކުރެވޭނީ އުޅޭތަނެއް، ކާކުކަން އެނގިގެނެއްނު؟ މި ރާއްޖޭގައި ކުރީގައި އޮތީ، މުޅިން އިންސާނީ ކަރާމާތް ގެއްލޭގޮތަށް، މިކަން ކޮށްފައި އޮތީ ބަޔަކު މީހުން، އެ މީހުންގެ އަމިއްލަ ފައިދާއަށޭ ދެންނެވޭނީ، ދޮގެއްތޯ؟ އެކަހަލަ ކަންތައްތަކެއް ކޮށްފައި ހުރީ. ޒިންމާދާރުކަމެއް ނެތީ. މިހާރު އިރާދަކުރެއްވީތީ މިއޮތީ، 98 އިންސައްތަ މީހުންނަކީ ކޮންބައެއްކަން އެނގެން.
އެހެންވީމާ، އެ ފަރާތްތަކުގެ، ދެން ރެގިއުލަރައިޒް ކުރުމުގެ މަސައްކަތްތައްވެސް އެގެންދަނީ ވަރަށް ބާރު ސްޕީޑްގައި. ދެން، މީގެތެރެއިން ޑީޕޯޓް ކުރަންޖެހޭ ފަރާތްތައް ޑީޕޯޓްވެސް މި ކުރަނީ. މި ޤައުމުގެ އެންމެ ބޮޑު އެއް މައްސަލައަކީ، މިތާނގައި މަސައްކަތްކުރާ، ނުގަވާއިދުން މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ. އެހެންވީމާ، އެ މައްސަލަ ޙައްލުކުރުމަށްޓަކައި، މި ކުރެވޭ މަސައްކަތް މިގެންދަނީ ވަށާޖެހޭ ގޮތެއްގައި. އެހެންވީމާ، އިރާދަކުރެއްވީތީ އެކަމުގައި އަޅުގަނޑުމެން ނަތީޖާ ހާސިލުކުރަމުން މިގެންދަނީ.
ރިޟްވާން މޫސާ - އަސްލު ޓީ.ވީ:
ރައީސް، އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވިގެން މިދަނީ ޙަޤީޤަތުގައިވެސް، މި ބިދޭސީން ރާއްޖެ ގެންނަ ފަރާތްތައް. ވިޔަފާރިތަކަށް ޚާއްޞަ ގޮތެއްގައި. ދެން، އެކި ގޮތްގޮތުން، އެކިއެކި ބޭބޭފުޅުން ރާއްޖެއަށް ބިދޭސީން މި ގެންނަނީ. އެ މީހުންގެ އިހުމާލެއް ކަމަށް އަޅުގަނޑު ބޮޑަށް ގަބޫލު މި ކުރަނީ ބިދޭސީ މީހުންނަށް. ޙަޤީޤަތުގައި، އެންމެ ދެރަ އިހުސާސްކުރަން މި ޖެހެނީ، ޙަޤީޤަތުގައި ފަހު ވަގުތުގައި، ބިދޭސީ މީހާ. ދެން، އަޅުގަނޑަށް ވަރަށް ބޮޑަށް ހަމަ ވަރަށް ގިނައިން އަޑުއިވޭ ވާހަކަތަކެއް، ވަރަށް ގިނައިން ނޫސްތަކުގައި ގެންނަ ވާހަކަތަކެއް، ބިދޭސީންގެ ވާހަކަތަކަކީ ޙަޤީޤަތުގައި. އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ، ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެންނަ ފަރާތްތަކަށް، ސަރުކާރުން ކޮބައިތޯއޭ، ސަރުކާރުން މި ފަރާތްތައް ހޯދާނެތޯއޭ، ނުވަތަ މި ފަރާތްތަކާ ދޭތެރޭގައި ޢަމަލުކުރާނެގޮތަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، މިހާރުވެސް މި ގެންދަނީ އެފަދަ އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅުއަޅަމުން. އަދި، ފަހުން ޤާނޫނު އިޞްލާޙު ކުރެވިގެން އައިއިރުގައި، އެ ފުރުޞަތު އިތުރަށް ފުޅާވެސްވެފައިވޭ. އެހެންވީމާ، އަޅުގަނޑުމެން އެއް ކަމަކަށް، އެފަދަ ފަރާތްތައް ޖޫރިމަނާވެސް އެބަ ކުރަން. ވަރަށް ބޮޑަށް މައްސަލަ ޙައްލުވެސް ވެއްޖެ މިހާރު އޭގެ ސަބަބުން. މި ޤައުމުގައި އޮތް ބިދޭސީންގެ މައްސަލަ، ނުގަވާއިދުން މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ، އިރާދަކުރެއްވިއްޔާ ވަރަށް ދާއިމީ، ވަރަށް ކޮމްޕްރިހެންސިވް ޙައްލެއް، އިރާދަކުރެއްވިއްޔާ ގެނެވެމުން މިދަނީ.
މަރްޔަމް ވަޙީދާ - ސައުވީސް އޮންލައިން:
އަޅުގަނޑުގެ ސުވާލަކީ، ނިމިދިޔަ އެމް.ޑީ.ޕީ. ސަރުކާރުގައި، ދައުލަތުގެ މަޝްރޫޢުތަކަށް ކުންފުނިތައް މެދުވެރިކޮށް، ބޮޑެތި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް އޯޑިޓް ރިޕޯޓުތަކުންވެސް ފެނިފައި ވަނީ. އެހެންވީމާ، މި މައްސަލަތަކާ ގުޅިގެން، އެދެވޭ ފެންވަރެއްގެ ތަޙުޤީޤެއް ހިންގައި އަދި، މި މައްސަލަތައް ޝަރީޢަތާ ހިސާބަށް ނުގެންދަވަނީ ކީއްވެގެންތޯއޭ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަސައްކަތެއްވިއްޔާ، ބަރާބަރަށް ކުރިއަށް އެބަ ގެންދަން. މިނިވަން މުއައްސަސާތައް ހުންނާނެ، އެ ފަރާތްތަކުން، އެ ފަރާތްތަކުގެ ޒިންމާ އަދާކުރާނީ. އެހެންވީމާ، ސަރުކާރުން ހަމަ އެއްވެސް ފަރާތަކަށް ތަފާތުނުކޮށް، އިންވެސްޓިގޭޓް ކުރަންޖެހޭ ކަމެއްވިއްޔާ، ޕޮލިހުންގެ ފަރާތުން އިންވެސްޓިގޭޓް ކުރާނެ. ދެން، މިނިވަން މުއައްސަސާތަކުން، އެ ފަރާތްތަކުގެ ޒިންމާ އަދާކުރަންވާނީ.
އަޒާން ބިން މޫސާ އާދަމް - ފިޔަ އޮންލައިން:
السَّلامُ عَلَيْكُم
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މާލެ ސަރަޙައްދުގައި ތޮއްޖެހުން ކުޑަކުރުމަށްޓަކައި، އަތޮޅުތެރޭގައި އާބާދީ ބޮޑު ސަރަޙައްދުތަކުގައި، އަރބަން ސެންޓަރުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނީ ކިހާތާކުތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މިހާރު ފެށިގެން ކުރިއަށްދާ ކަމެއް. އަޅުގަނޑުމެން ސަރުކާރު ފެށިގެން އައި ހިސާބުން ފެށިގެންވެސް، ފުރަތަމަ އަޅުގަނޑު މެނިފެސްޓޯ އިޢުލާނުކުރީވެސް، އަރބަން ސެންޓަރުތައް ކަނޑައަޅާނެ ތަންތަން އިޢުލާނުކޮށްގެން. ސަރުކާރުގެ މިދިޔަ އަހަރުގެ ބަޖެޓުގައިވެސް، އަދި މި އަހަރުގެ ބަޖެޓުގެ ތެރެއިންވެސް، އެ ސަރަޙައްދުތަކަށް އެ ގެންދަނީ، އެކިކަހަލަ މަޝްރޫޢުތައް އަމާޒު ކުރެވިގެން ހިންގަމުން. އެހެންވީމާ، އެ މަސައްކަތް ހަމަ އެބަ ހިނގާ.
އަޒާން ބިން މޫސާ އާދަމް - ފިޔަ އޮންލައިން:
ދެވަނަ ސުވާލަކީ، މި ދައުރު ތެރޭގައި، ރަސްމާލޭ މަޝްރޫޢު ބިން ހިއްކައި ނިންމާ، އެ ތަނުގައި މީހުން އާބާދުވެ، ދިރިއުޅެން ފެށޭނެ މިންވަރާ ބެހޭގޮތުން، ސަރުކާރުގެ ތަޞައްވުރަކީ ކޮބައިތޯ؟ ޝުކުރިއްޔާ!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ރަސްމާލޭގެ ބިން ހިއްކުމުގެ މިހާރު ބޮޑު އިންސައްތައެއް ވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދަކީ، ވަރަށް އަވަހަށް މުޅި ބިންވެސް ހިއްކައި ނިންމަން. ދެން، މާސްޓަރ ޕްލޭންގެ މަސައްކަތްތައްވެސް އެބަ ހިނގާ. ދެން، އެތަނުގައި އިންވެސްޓް ކުރާނެ ފަރާތްތައް ހޯދުމުގެ މަސައްކަތްވެސް އެބަ ކުރިއަށް ގެންދަން. އެއީ، ރައްޔިތުންނަށް ދޭ ބޯހިޔާވަހިކަމުގެ ޢަމަލީ ނަތީޖާއެއް ފެންނާނީ، އެތަނުގައި އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި، އަދި ތަނުގެ އޯލް ރައުންޑް ތަރައްޤީގެ މަސައްކަތްތަކެއް ފެށިގެން. އެހެންވީމާ، ޝައުޤުވެރިކަން ފާޅުކުރަމުންދާ ވަރަށް ގިނަ ފަރާތްތައް އެބައުޅޭ. ދުނިޔޭގެ މިކަހަލަ ކަންކަމުގައި އެންމެ ފުންނާބު އުސް، އަދި ބޮޑެތި އިންވެސްޓަރުންގެ މުޢާމަލާތްތައް އެބަ ހިނގާ. އުންމީދަކީ، އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ކަހަލަ، އީކޯ ސިޓީއަކަށް، ސްމާޓް ސިޓީއެއްގެ ގޮތުގައި، ރަސްމާލެ ޑިވެލޮޕް ކުރެވިގެންދާނެ ކަމަށް.
މަރްޔަމް އިސްޢާދާ އިސްމާޢީލް - ޗެނަލް 13:
السَّلامُ عَلَيْكُم
އަޅުގަނޑުވެސް އެބައޮތް ދެ ސުވާލެއް. ފުރަތަމަ ސުވާލަކީ، ރައީސް ދެންމެ، އަޅުގަނޑު ހަނދާންވަނީ ހުވަދޫ އޮންލައިނުން ކުރި ސުވާލަށް ދެއްވި ޖަވާބުގައި ވިދާޅުވެފައިވޭ، ޑޮލަރު މައްސަލައަށް ޙައްލު ހޯދުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނޭ ސަރުކާރުން. ދެން، ރައްޔިތުން ބުނަމުން މިދަނީ، ދުވަހަކުވެސް އޮންލައިން އޯޑަރތަކުންވެސް މިހާ ދަތިކަމެއް މި ޑޮލަރުގައި ދިމައެއްނުވެއޭ. ދެން، ރައީސް ގަބޫލުފުޅު ކުރައްވަންތޯ، ސަރުކާރަށް ގާތްގަނޑަކަށް ތިން އަހަރުވާން މިދަނީ، ސަރުކާރުގެ ޕޮލިސީ މިކަމުގައި ފެއިލްވެފައިވާކަން؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ނުވޭ ފެއިލްއެއް! ފެއިލް ނުވެ، ކާމިޔާބުވެފައިވަނީ ވަރަށް ބޮޑަށް. އެކަން އެހެން މި ދަންނަވާ ސަބަބަކީ، މިހާ ބޮޑަކަށް އޮންލައިން ވިޔަފާރި ހިނގި ޒަމާނެއްވެސް ނެތް. އެހެންވީމާ.
މަރްޔަމް އިސްޢާދާ އިސްމާޢީލް - ޗެނަލް 13:
ދެވަނަ ސުވާލަކީ ރައީސް، ރާއްޖޭގައި ރިއަލް އެސްޓޭޓް ހަމަތަކުން ބިން ގަންނަ ފަރާތްތަކަށް، އިންވެސްޓަރ ވިސާ ޕްރޮގްރާމެއް ހިންގާގޮތަށް ވަނީ ނިންމާފައި ކަމަށް، މި ސަރުކާރުގެ އިޤްތިޞާދީ ވަޒީރު ދާދި ފަހުން އާންމުކޮށް ހާމަކުރައްވާފައިވޭ. މިއީ، މިދިޔަ އަހަރު އޮތް މޯލްޑިވްސް ސިންގަޕޯރ ބިޒްނަސް ފޯރަމުގައިވެސް، ސަރުކާރުން އިޢުލާންކުރެއްވި ކަމެއް. އަދި، ފަތުރުވެރިކަމުގެ ދާއިރާގެ ބޭރުން، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓް ހުޅުވާލުމަކީ، ސަރުކާރުން ބޭނުންފުޅުވާ ކަމެއްކަމަށް، މަނިކުފާނުގެ ހައުސިންގ މިނިސްޓަރު ކަމުގައިވެސް ވިދާޅުވެފައިވޭ. ދިވެހި ސަރުކާރުން ހެންލީ އެންޑް ޕާޓްނަރޒްއާއެކު ވެފައިވާ ޕޮލިސީ ޑިޒައިން އެއްބަސްވުމެއްގައި، މިއީ ސީދާ ރިއަލް އެސްޓޭޓް ބިންގަތުމާ ގުޅިފައިވާ ޕްރޮގްރާމެއްކަން، އެ ކުންފުނިން މީޑިއާގައި ކަށަވަރުކޮށްދީފައިވޭ އިނގޭތޯ. މިކަމަކީ، ރަސްމާލެ މަޝްރޫޢާ ގުޅުންހުރި ކަމަކަށްވާނަމަ، ރަސްމާލޭގެ ފުރަތަމަ ޕްލޭންގައި ހިމެނޭ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކަށް ވާނީ ކިހިނެއްތޯ؟ އަދި، ސަރުކާރުން ވިއްކުމަށް ރާވާފައި ވަނީ ރާއްޖޭގެ ކޮން ސަރަޙައްދުތަކަކުން، ކިހާ ބިމެއްތޯ؟ ހަމައެއާއެކު، ބޭރުގެ ފަރާތްތަކަށް ދާއިމީކޮށް ބިން މިލްކުކުރުން ޤާނޫނުއަސާސީން މިހާރު މަނާކުރާއިރު، ބޭރުގެ ފަރާތްތަކަށް ރިއަލް އެސްޓޭޓް މިލްކު ކުރެވޭނެ މަގު، ރަސްމީކޮށް ފަހިކޮށްދިނުމަށްޓަކައި ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނައުމަށް ސަރުކާރުން ވިސްނަވަންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ތިޔަ ސުވާލުގައި އޮތީ ހުސް ދޮގު ވާހަކަ. ތީގައި ނެތް ރަނގަޅު އެއްވެސް ވާހަކައެއް. ސުވާލުގެ އިންފޮމޭޝަން ވަރަށް ހަމަ ހުރީ ބޭސްލެސް އެލިގޭޝަންސް. އެއްކަމަކަށް، ރަސްމާލޭގައި އަޅުގަނޑުމެން ނުވެސްއުޅެން، ބޭރުގެ ރިއަލް އެސްޓޭޓް ފަރާތަކަށް، ދެންމެ ތިޔަ ވިދާޅުވިހެން، ހެންލީ އެންޑް ޕާޓްނަރޒް، ނޫނީ އެހެން ބަޔަކަށްވިޔަސް. އެތަނުގައި އަޅުގަނޑުމެން ނިންމާފައި މިއޮތީ، ބޯހިޔާވަހިކަމުގެ މަންޒިލެއްގެ ގޮތުގައި. ދެން، އޭގެ ވަށައިގެން އެއީ، ޓޯޓަލް ސޮލިއުޝަނެއްގެ ގޮތުގައި، އެތަނަށް އިޤްތިޞާދީ މަސައްކަތްތަކާއި ތަންތަން އަންނާނީ. ބިން މިލްކުވާ ގޮތަކަށް، ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތް ހަދާކަށްވެސް ނޫޅެން. ރާއްޖޭގެ ޤާނޫނުއަސާސީގައި ހުއްދަކަމެއް ނޫން އެއީކީއެއް. ރާއްޖޭގެ ޤާނޫނުއަސާސީގެ ލިމިޓޭޝަންގެ ތެރެއިން، ރާއްޖޭގައި ރިއަލް އެސްޓޭޓްވެސް ކުރިއަށް ގެންދެވޭނީ، އަދި އެހެން އިޤްތިޞާދުތައްވެސް ކުރިއަށް ގެންދެވޭނީ. އެހެންވީމާ، ރާއްޖޭގެ ޤާނޫނުއަސާސީގައި އޮތް މިންވަރަށް، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި ކުރަންހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
މާހަތު ޙުސައިން ރަޝީދު - ސަންގު ޓީ.ވީ:
ޝުކުރިއްޔާ ރައީސް.
އަޅުގަނޑުގެވެސް ދެ ސުވާލު. ފުރަތަމަ ސުވާލަކީ، ރައީސް މި ފާހަގަކުރެވެނީ، ދުންފަތާ ދެކޮޅަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ، އެކަމުގެ ޗެމްޕިއަންކަންވެސް ހޯއްދަވާފައިވާ ބޭފުޅެއްގެ ގޮތުގައި. ވޭޕް މަނާކުރުމާއި، ދުންފަތާ ދެކޮޅަށް މި އެޅުއްވި ފިޔަވަޅުތަކާއި، އަދި ހަމައެއާއެކީގައި، ޖެނެރޭޝަނަލް ބޭންއާ އެކީގައި، ޑަބްލިޔޫ.އެޗް.އޯ.ގެ ރިކޮގްނައިޒްޑް އެވޯޑެއްވެސް ލިބިވަޑައިގެންފައި އެބަވޭ. އަޅުގަނޑުމެންނަށް، ސަންގަށް ވަރަށް އިތުބާރުހުރި މަސްދަރުތަކުން މަޢުލޫމާތުތަކެއް ލިބިފައި އެބަވޭ. ސިނގިރޭޓްގެ މި ޑިއުޓީއަށް ލުޔެއް ދިނުމަށްޓަކައި ނިންމާފައިވާ ކަމަށް. އަދި، ބަންޑާރަ ނައިބުގެ އޮފީހުން، އެކަމުގެ މަސައްކަތްތަކެއްވެސް ކުރަމުންދާ ކަމަށް.
އަޅުގަނޑުގެ ސުވާލަކީ، ދުންފަތާ ގުޅޭ އެއްވެސް ކަހަލަ ލުޔެއް ދިނުމަށް، ސަރުކާރުން ނިންމާފައިވޭތޯ؟ ނިންމާފައި ނުވާކަމަށްވާނަމަ، ސަރުކާރުން މި ދައުރުގެ އެއްވެސް ތަނެއްގައި، ސަރުކާރުން މިހާތަނަށް މި އަޅާފައި މިވާ ފިޔަވަޅުތައް، މިކަމާ ގުޅޭގޮތުން ވޭޕް ކަމަށްވިޔަސް، ޖެނެރޭޝަނަލް ބޭން ކަމަށްވިޔަސް، އެކަމުގެ ތެރޭގައި، އެއްވެސް ކަހަލަ ލުޔެއް ދިނުމަށް ނިންމާފައިވާނެތޯ؟ ނުވަތަ ނިންމަފާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެންމެ މުހިންމު ކަމަކީ، އަޅުގަނޑުމެން މިހާރު ނިންމާފައި މި އޮތް ޕޮލިސީ، އިރާދަކުރެއްވިއްޔާ އެގޮތުގައި ކުރިއަށް ގެންދިޔުން. އެގޮތަށް ކުރިއަށް ގެންދާނަން. އެއީ، ރާއްޖޭގެ ރައްޔިތުންގެ ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި، މި ސަރުކާރުގެ ޕޮލިސީއަކީ، ވަށާޖެހޭ ޞިއްޙީ ނިޒާމެއް. އޭގެ މާނައަކީ، ޕްރިވެންޓިވް ހެލްތް ކެއަރއާއި، ކިއުރޭޓިވް ހެލްތް ކެއަރއާ، އެކުއެކުގައި ކުރިއަށް ގެންދިޔުން. ޕްރިވެންޓިވް ހެލްތް ކެއަރއަށް ވަރަށް މުހިންމު، ދުންފަތު އިސްތިޢުމާލު ކުރުމުގެ އެކިކަހަލަ ކަންކަމުން ރައްޔިތުން ދުރުކުރުވުން. އެހެންވީމާ، އެ ސިޔާސަތަކަށް، އެ ޕޮލިސީއަކަށް އެއްވެސް ބަދަލެއް މި ސަރުކާރަކުން ނުގެންނާނެ.
އެގޮތުން، އެއްކަމަކަށް އަޅުގަނޑުމެން ނިންމީ، ވޭޕް މަނާކުރަން، ވޭޕްގެ ޛަރީޢާއިންވެސް، ޑުރަގުގެ އެކިކަހަލަ ކަންކަންވެސް ފެތުރެން ފަށާފައި އޮތް ކަމަކަށްވާތީއާ އެކީގައި. ދެން ހަމައެއާއެކީގައި، ޖެނެރޭޝަނަލް ބޭން ގެނައީވެސް، އަލަށް ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ޒުވާނުން ފެށުން ހުއްޓުވުމަށްޓަކައި. ކަމެއްގެ ތެރެއަށް ނުދަނީސް ހުއްޓުވަން ފަސޭހަވާނެ. މާނައަކީ، ދޮރުތައް ބަންދުކުރަން ފަސޭހަވާނެ. އެގޮތުން، އަޅުގަނޑުމެން މި ރާއްޖޭގައި، ޖެނެރޭޝަނަލް ބޭންއެއް މިއޮތީ ތަޢާރުފުކޮށްފައި.
އެހެންވީމާ، އެ ޑައިރެކްޝަނަކަށް އެއްވެސް ބަދަލެއް މި ސަރުކާރަކުން ނުގެންނާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ހަމަ މަޝްވަރާކުރަމުން، އަބަދުވެސް ރިވިއު ކުރަމުންދާ ކަމެއް، މި މަގުސަދު ހާސިލުކުރުމުގައި ނަތީޖާ ކިހާވަރަކަށްތޯ ނެރެވެނީ. މަގުސަދު ހާސިލުކުރުމަކީ ކޮބައިތޯ؟ މަގުސަދު ހާސިލުކުރުމަކީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުން، ރައްޔިތުން ދުރުކުރުވުމުގެ މަގުސަދު. އެ ޑޭޓާ ކިހިނެއްތޯ ދައްކަނީ، އެ ރިވިއު ކުރުމުގެ ކަންތައްތައް ރެގިއުލަރކޮށް، އަބަދުވެސް ހިނގާނެ ކަމެއް އެއީ. މިސާލަކަށް، ދުންފަތުގެ އަގުބޮޑުކުރުމުގެ ސަބަބުން، ނުރަނގަޅު އާދަތަކަށް ރައްޔިތުންދޭތޯ؟ ނުރަނގަޅު އާދައަކީ، މިސާލަކަށް، ފިލްޓަރު ނުލައި ހުންނަ އެކި ކަހަލަ ބިޑި، ނޫނީ އެކަހަލަ ގޮތްގޮތަށް ޓޮބޭކޯ ކޮންޒަމްޕްޝަން ހިނގާތޯ؟ ހިނގާ ކަމަށްވަންޏާ، އެއިން އަޅުގަނޑުމެން ބޭނުންވާ މަގުސަދު އެބަ ހާސިލުވޭތޯ؟ ދުންފަތުގެ އަގު ބޮޑުކުރުމުގެ ސަބަބުން، ސިނގިރޭޓްގެ އަގުބޮޑުކުރުމުގެ ސަބަބުން ދެން، އެ ކަންކަމުގެ އާދަ، ދެވިހިފާފައި ތިބި ރައްޔިތުން އެކަމުން ކިހާވަރަކަށްތޯ ދުރުވީ، ދުރުވަނީ. އެ ޑޭޓޭޓާ އަބަދުވެސް ކަލެކްޓް ކުރަން. އަދި، އެކަމާ ބެހޭ ރިވިއުތައް އަބަދުވެސް ހިނގާ. ދެން، އެކަމުގެ ރިވިއުތައް ހިނގާ. އަދި، ޑަބްލިޔޫ.އެޗް.އޯ.އާ އެކީގައިވެސް އަޅުގަނޑުމެން މަޝްވަރާތައް ކުރާނަން. މިކަހަލަ ކޮންސަލްޓޭޝަންތަކެއް ހިނގާ. އެކަމަކު އެއީ، އަޅުގަނޑުމެން މި ދަންނަވާ، ދެންމެ މި ދެންނެވި ފަދައިން، އަޅުގަނޑުމެންގެ މި މައިގަނޑު ޕޮލިސީ އިތުރަށް ސްޓްރެންތެން ކުރުމަށްޓަކައި ކުރެވޭ މަސައްކަތް.
ދެން ހަމައެއާއެކީގައި، އިތުރަށް ހޭލުންތެރިކުރުވުމުގެ މަސައްކަތް އެބަ ރާވައި، ތަންފީޒު ކުރަން. ކުރިއަށް އޮތްތާނގައިވެސް، އަޅުގަނޑުމެން މިހާރުވެސް މަޝްވަރާ ކުރެވޭ ކަންކަން، ކެބިނެޓުގައިވެސް މަޝްވަރާ ކުރެވޭ ކަންކަން، އިތުރަށް ދުންފަތުގެ އިސްތިޢުމާލު ކުރުމުން، ރައްޔިތުން ދުރުކުރުވުމަށް، ހޭލުންތެރިކުރުމަށާއި، އިންސެންޓިވައިޒް ކުރުމަށްޓަކައި، ކޮން ކަންކަމެއްތޯ ކުރެވޭނީ؟ މީގެތެރޭގައި، މިސާލަކަށް އަމިއްލަ މަދަނީ ޖަމުޢިއްޔާ، ޖަމާޢަތްތައް އެމްޕަވަރ ކުރެވެނީ ކިހާވަރަކަށްތޯ؟ ކްލަބް ޖަމުޢިއްޔާތައް އެމްޕަވަރ ކުރެވޭނީ ކިހާވަރަކަށްތޯ؟ އާންމު ރައްޔިތުންނަށް ހޭލުންތެރިކަން ފޯރުކޮށްދީގެން، އެކަން އަމިއްލައަށް ކުއިޓް ކުރަން، އަމިއްލައަށް ސްމޯކިންގ ކުއިޓް ކުރުން އިތުރުކުރުމަށްޓަކައި. އެހެންވީމާ، މިކަހަލަ ލެވެލެއްގައި، ވަރަށް ފުޅާ އެޕްރޯޗެއް މިކަމުގައި އެބަ ގެންގުޅެން. އެހެންވީމާ، ކުރިއަށް އޮތްތާނގައި، އަޅުގަނޑުމެން މި މަޝްވަރާ އިތުރަށް ވަރުގަދަވެސް ކުރާނަން. ކެބިނެޓް ލެވެލްގައި، އަދި ސްޓޭކް ހޯލްޑަރުން ތެރޭގައިވެސް މަޝްވަރާ ކުރެވޭނެ. ކޮށްފައި، މި ދެންނެވި މަގުސަދު ހާސިލުކުރުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އައިޑެންޓިފައި ކުރެވި، އެ ކަންކަން ޙިއްޞާކުރާނަން. މިވަގުތަކު ނެތް ތިޔަ ކަހަލަ އެއްވެސް ކަމެއް.
މާހަތު ޙުސައިން ރަޝީދު - ސަންގު ޓީ.ވީ:
ސިނގިރޭޓުގެ ޑިއުޓީ އެހެންވީމާ ކުޑަކުރާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މިވަގުތު، މި ދެންނެވީ ޖަވާބު.
މާހަތު ޙުސައިން ރަޝީދު - ސަންގު ޓީ.ވީ:
އާދެ، ދެވަނަ ސުވާލު. ސިޔާސީ މުވައްޒަފުންނާ ގުޅޭގޮތުން. ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭގޮތުން ވާހަކަދައްކާއިރު، ކައުންސިލް އިންތިޚާބުގެ ނަތީޖާއަށްފަހު، އެޕްރީލް މަހުގެ 4 ވަނަ ދުވަހު ރައީސް ޓްވީޓެއް ކުރެއްވުމަށްފަހު ވިދާޅުވެފައި ވާނެ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުމުގެ ތެރެއަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް. ސިޔާސީ މުވައްޒަފުން މަދުކުރުމާއި، މިކަހަލަ މަސައްކަތްތަކެއް ކުރުމާ ގުޅޭގޮތުން. އޭގެކުރީގައިވެސް ހަމަ ސިޔާސީ މުވައްޒަފުންތައް މަދުކުރުމާ ގުޅޭގޮތުން ވާހަކަތަކެއް ދެކެވިފައި އެބަހުރި. 5 އެޕްރީލް، ނުވަތަ 4 އެޕްރީލްގެ ކުރިއަށް، 17 ނޮވެންބަރު 2023ން ފެށިގެން އައިސް، އެ ތާރީޚާ ހަމައަށް، 4 އެޕްރީލާ ހަމައަށް، ދަޢުލަތުގެ ސިއްކަޖެހި ނިޝާނުގައި، މަނިކުފާނު ސޮއިކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން، 115 ވަނަ މާއްދާގެ (ޅ)ގެ ދަށުން، މަނިކުފާނަށް ލިބިގެންވާ ބާރުގެ ދަށުން، ސޮއިކުރެއްވުމަށްފަހު، ކިތައް ސިޔާސީ މަގާމުތައް އުފައްދަވާފައިވާނެތޯ؟ މަނިކުފާނު ސޮއިކުރެއްވުމަށްފަހު، މިނިސްޓްރީތަކުންނެއް ނޫންކަންނޭނގެ ސިޔާސީ މަގާމުތަކެއް މިދެނީ. ރައީސް ސޮއިކުރެއްވުމަށްފަހު މިދެނީ. އެހެންވީމާ، ރައީސް ސޮއިކުރެއްވުމަށްފަހު، ކިތައް ސިޓީގައި އެގޮތަށް ދައުލަތުގެ ނިޝާން އަރުވާފައިވާނެތޯ؟ އެއާއެކީގައި، މި އެޕްރީލް މަހުގެ 4 ވަނަ ދުވަހަށްފަހު، މިއަދާ ހަމައަށް މި އައިއިރު، ސިޔާސީ މަގާމުތަކުން ކިހާ އަދަދެއްގެ މުވައްޒަފުން މަދުކުރެވިފައިވާނެތޯ؟ މަދުކުރުމަށް ނިންމާފައިވާ އަދަދުތަކެއް ނޫން، ނުވަތަ ކުރިއަށް ރޭވިފައި ހުރި އަދަދުތަކެއް ނޫން، މިހާތަނަށް އައިއިރު، މިވީ ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި، ކިހާ އަދަދެއް މަދުކުރެވިފައިވާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ސީދާ އަދަދު އަޅުގަނޑު އަތުގައި މިވަގުތަކު ނުއެއްނެތް. ދެން، މީހުން ވަޒީފާތަކުން ވަކިކުރުމަކީ ޕްރޮސެސްއެއްގެ ތެރެއިން ކުރިއަށް ގެންދެވޭނެ ކަމެއް. ކުރިން މިތާ އޮތް ޕްރެސް ކޮންފަރެންސެއްގައި އަޅުގަނޑު ދެންނެވިން، އެފަރާތްތަކުގެ ބޭސިސްއެއް އޮންނަންވާނެއޭ. ބޭސިސްއަކީ، ޕަރފޯމަންސް. ޕަރފޯމަންސް ބޭސްޑް އެނަލިސިސްއެއްގެ ތެރެއިން، އަޅުގަނޑުމެން މުވައްޒަފުންގެ އަދަދު، ސިޔާސީ މަގާމުތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރާނަމޭ. އެހެންވީމާ، މަސައްކަތްތައް ފެށިގެން، ހަމަ ވަރަށް ބާރަށް އެބަ ހިނގާ. ކުރިން، އެންމެފަހުން އޮތް ޕްރެސްގައި އަޅުގަނޑު ދަންނަވާލިން، ހަމަ އެވްރީ ސިންގަލް ޑޭ، އިންކްލޫޑިންގ ވީކްއެންޑްސް، އަޅުގަނޑުމެން އެ މަސައްކަތް އެބަ ކުރިއަށް ގެންދަމޭ. އެހެންވީމާ، ކުރިއަށް އޮތް، މާ ގިނަ ދުވަހެއް ދެން ނުވާނެ. އަޅުގަނޑުމެން މީގައި ޑިޒިޝަނަކަށް އަންނާނެ. ކިހާވަރަކަށްތޯ، ކޮން ބައެއްތޯ، މި ދެންނެވި ޕަރފޯމަންސް ބޭސްޑް ރިވިއުގެ ތެރެއިން ދޫކޮށްލެވޭނީ. އެކަން ކުރިއަށް ގެންދާނަން.
ދެން، އަޅުގަނޑު ސޮއިކޮށްފައި، މަގާމު ދެނީ ހަމައެކަނި މިނިސްޓަރުންނާއި، މިނިސްޓަރު ފެންވަރުގެ ބޭފުޅުންނާއި، ސްޓޭޓް މިނިސްޓަރުންގެ އެކަނި. ދެން ތިބި ބޭފުޅުން ސޮއިކުރާނީ، ރައީސް އޮފީހުގައި އޮންނަ އުސޫލުގެ ތެރެއިން، އެކަމުގައި ހުއްދަ އޮންނަ އެހެން ފަރާތްތައް. އެހެންވިޔަސްވެސް، އަޅުގަނޑު އަތުގައި މިވަގުތަކު މަޢުލޫމާތު ނުއެއްނެތް.
މަރްޔަމް މާހީ - މެންދުރު ޓީ.ވީ:
އަޅުގަނޑުގެ ސުވާލަކީ، ރައީސް ރިޔާސީ ކެމްޕެއިންގައި ލ. އަތޮޅަށް ވަޑައިގެން، ލ. އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އަޅުއްވާނެކަމުގެ ވަޢުދުވެވަޑައިގެންނެވި. ދެން، މިދިޔަ އަހަރު ރައީސް އެންމެ ފުރަތަމަ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވި، އަދި މިހާތަނަށް ފައިނަލް ޑިޒިޝަނެއް ނެގިފައި ނެތޭ، ވަކި ސަރަޙައްދެއްގައި ނޫނީ، ވަކި ރަށެއްގައި ކަމެއް އެއަރޕޯޓް އަޅާނީކީއެއް. ދެން، އަޅުގަނޑުގެ ސުވާލަކީ، މި ޑިޒިޝަންގެ އަޕްޑޭޓަކީ ކޮބައިތޯ؟ ދެން، ލަސްވަމުން މިދަނީ ކީއްވެގެންތޯއޭ؟ ދެން، އަޕްޑޭޓެއް ނެތްކަމުގައިވާނަމަ، ކޮންއިރަކުންތޯއޭ އަޅުގަނޑުމެންނަށް އަޕްޑޭޓެއް ލިބިގެންދާނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، މިއީ ވަރަށް ވާދަވެރިކަމެއް އިނގޭތޯ ލ. އަތޮޅުގައި. އަޅުގަނޑު ކޮންމެފަހަރަކު ދާއިރުގައި، މިކަމަށް ވާދަކުރައްވާ ރަށްރަށުން ވަރަށް ބޮޑަށް ކެމްޕެއިން ކުރައްވާ ކަމެއް. ބައެއްފަހަރު އަޅުގަނޑު އަރާއިރުގައި ހުންނާނެ ގިޑިގެ ހަދާލާފައި، މަތިންދާ ބޯޓު ކުރަހާލާފައި. ބައެއްފަހަރު ބޯޑިންގ ޓިކެޓްވެސް ލިބޭ އިނގޭތޯ. މިގޮތަށް ހިނގާ ކަމެއް މިއީ. ބިކޯޒް، އެއީ ރަށަށް އަންނަ ތަރައްޤީ، އެ ރަށަކުން ބޭނުންވާނެ ދޮގެއްތޯ؟ ޕޮޒިޓިވްކޮށް. އަޅުގަނޑު މިކަން ހަމަ ވަރަށް ވަރަށް ޕޮޒިޓިވްކޮށް ނަގަނީ. ދެން، ކެމްޕެއިންތަކުގައިވެސް އަޅުގަނޑު ދަންނަވާފައި އޮންނާނެ ދިރާސާކުރަން، މީގެ ޕްރޯޒް އެންޑް ކޮންސް ބަލައި، ޙަޤީޤަތުގައިވެސް ހަމަ ޓެކްނިކަލީ ސައުންޑް ޑިޒިޝަނެކޭ މީގައި އަޅުގަނޑު ނަގާނީ. އެއީ، މައިގަނޑު ތިން ރަށަކުން މިއަށް ވާދަކުރަނީ. އެ ތިން ރަށުން މާވަށާއި، ހިތަދުއާއި، އިސްދުއާ ތިން ރަށުން ވާދަކުރާއިރުގައި، މި ތިން ރަށުގައިވެސް އެބަހުރި، ޕޮޒިޓިވްސް އެންޑް ނެގެޓިވްސް، ދެވަނަ އެއަރޕޯޓެއް އަޅާކަމަށްވަންޏާ. އަޅަންޖެހޭ ޔަޤީނުންވެސް. އެ ރަށުގެ ޖިއޮގްރަފީ އޮތްގޮތުން، ހަމައެކަނި ކައްދޫގެ އެއަރޕޯޓަކުންނެއް، އަޅުގަނޑުމެންގެ މިހާރު މި ގެންގުޅޭ، 30 މިނިޓުގެ ޓްރެވަލް ޓައިމިންގއަށް ބަލާއިރުގައި، ބޭނުންވާނެ އެއަރޕޯޓެއް. ދެން އެހެންވީމާ، އެކަން އެބަ ކުރިއަށް ގެންދޭ. އަނެއްކާ، މިފަހަރުގެ ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ދެންނެވިން، މި އަހަރު ތެރޭގައި، ދެވަނަ އެއަރޕޯޓުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަމޭ. އެހެންވީމާ، މާގިނަ ދުވަހެއްނުވެ، އަޅުގަނޑުމެން ފައިނަލްކުރާނަން ރަށް.
އާދެ، މިހާރު ގަޑިން 11 ޖެހީ. ދެން އެހެންނަމަވެސް، ހަތަރު ފަރާތަކުން އަދިވެސް ސުވާލުކުރެވެން އޮތީމާ، އަޅުގަނޑު ބަލާނަން، ކުރުކުރު ސުވާލުކުރެވޭ ކަމަށްވަންޏާ، ހުރިހާ ފަރާތްތައް ކަވަރކޮށްލެވޭތޯ.
ޝިފްނާ އަޙްމަދު - ޕީ.އެސް.އެމް:
އާދެ، ރައީސް ވިދާޅުވެއްޖެ، 40 ދުވަސް ތެރޭގައި 974 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށް. މިހާ ކުރު މުއްދަތެއްގެ ތެރޭގައި، ބޮޑެތި އަދަދުތަކުން ދަރަނި ދެއްކުނީ، ސަރުކާރުގެ މާލީ ސިޔާސަތަށް ކޮންކަހަލަ ބަދަލުތަކެއް ގެންނަވައިގެންތޯ؟ އަދި، އެކަމަށްޓަކައި، ބޭރުގެ އެއްވެސް އެހީއެއް ލިބިވަޑައިގެންފައިވޭތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑުމެން ބޭރުގެ އެހީ ހޯދަން. އެހެންނަމަވެސް، ކުރީގައި ނަގާކަހަލަ ބޮޑެތި އިންޓްރެސްޓް ރޭޓުގައި، ދައުލަތަށް ނުކަތާވަރުގެ ލޯނުތަކެއް ނުނަގަން. އަދި، އަޅުގަނޑުމެންގެ ހަރުމުދަލެއް ރަހުނެއް ނުކުރަން. ޑައުންވަރޑް ޓްރެންޑެއްގައި ހުންނާނީ، އަޅުގަނޑުމެންގެ މިހާރު މި ދަރަނީގެ ކަންތައްތައް މެނޭޖްކުރުން. ދެން، ޚަރަދު ކުޑަކުރުމާއި، އަދި މިކަމަށް ފޯކަސްޑްކޮށް އަޅުގަނޑުމެން ފައިސާ ރައްކާކުރުން. މިސާލަކަށް، އެސް.ޑީ.އެފް.ގައި ފައިސާ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު، އަދި މިގޮތަށް އަޅުގަނޑުމެން އެކިކަހަލަ މަސައްކަތްތައް ކުރިއަށް މި ގެންދިޔައީ. އެހެންވީމާ، ވަށާޖެހޭ އިޤްތިޞާދީ ސިޔާސަތެއްގެ ތެރެއިން ހާސިލުކުރެވޭ ނަތީޖާ މިއީ. ރައްޔިތުން އިސްކޮށްގެން މަސައްކަތް ކުރާތީ. ރައްޔިތުންނަށް އެންމެ ލާބަޔާއި މަންފާ ހުރިގޮތަކީ ކޮބައިކަން އަޅުގަނޑުމެން ބަލާތީވެ، އެ ނަތީޖާ ނެރެވެނީ.
ޝިފްނާ އަޙްމަދު - ޕީ.އެސް.އެމް:
އާދެ، ސަރުކާރަށް ފާޑުވިދާޅުވާ ބައެއް ބޭފުޅުން އެބަ ތުހުމަތުކުރައްވާ، ދައުލަތުގެ ރިޒަރވް ދެ ޑިޖިޓަށް ދަށްވެފައިވާ ކަމަށް. މިއީ، ކިހާވަރެއްގެ ޙަޤީޤަތެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެމް.އެމް.އޭ.އިން ރިޒަރވްގެ މަޢުލޫމާތު ޙިއްޞާކުރާނީ. އަޅުގަނޑު އަތަކު މިވަގުތަކު ނެތް. ގައިމުވެސް، އަޅުގަނޑުމެންގެ ޤައުމު ބަނގުރޫޓުވާނެ ފުރުޞަތެއް އަޅުގަނޑުމެން ނުއެއްދޭނެ. އަޅުގަނޑުމެންގެ ޤައުމުގައި، އަޅުގަނޑު ކުރިން ދެންނެވި ފަދައިން، އަޅުގަނޑުމެންގެ ފިއުލް ބިލް، އަޅުގަނޑުމެންގެ ބޭސިކް ކޮމޯޑިޓީޒް، ބޭރުގައި ކިޔަވަން ތިބި ކުދިންގެ ފައިސާ، މުވައްޒަފުންގެ މުސާރަ، މިއިން އެއްވެސް ކަމެއް ހުއްޓޭނެ ކަހަލަ ކަމެއް ނުކުރާނެ އަޅުގަނޑުމެންނެއް.
ޢައިމިނަތު ޝަފާ - އެމް.އެމް.ޓީ.ވީ:
މަނިކުފާނު ވިދާޅުވެއްޖެ، 40 ދުވަހުގެ ތެރޭގައި، 900 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށް. ދެން، މިފަހުން ރައީސް މިވަނީ، އަވަށްޓެރި ލަންކާއަށް ޒިޔާރަތްކުރައްވާފައި. ދެން، މި ރަސްމީ ދަތުރުފުޅެއް ކުރައްވާފައި. މި ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ބޭއްވިގެންދިޔަ ބިޒްނަސް ފޯރަމްގައި އެބަވޭ ބައިވެރިވެވަޑައިގެންފައި. ދެން، މި ދަރަނި ޚަލާޞްކުރެއްވުމަކީ، އިންވެސްޓަރުންގެ ޔަޤީންކަން ކިހާވަރަކަށް ލިބިގެންދިޔަ ކަމެއްތޯ؟ އަދި، މީގެކުރިން މަނިކުފާނު ބައިވެރިވެވަޑައިގެންނެވި ބައެއް ބިޒްނަސް ފޯރަމްތަކާ އެކީގައި، ބައެއް މަޝްރޫޢުތައް ރާއްޖެ އައިސް، މިހާރު ޢަމަލީ މަސައްކަތް ކުރަމުންދާއިރުގައި، މިފަހަރު ލަންކާގައި މި ބޭއްވި ބިޒްނަސް ފޯރަމްގެ ތެރެއިން ހުޅުވިގެންދިޔަ މުހިންމު ފުރުޞަތުތަކަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މިއީ އިންވެސްޓަރުން ވަރަށް ބޮޑަށް ބަލާ ކަމެއް، ކިހާވަރަކަށްތޯ އެ ޤައުމެއް ދަރާފައި އޮތީ. އެހެންވީމާ، ވަރަށް ވަރަށް ޕޮޒިޓިވްކޮށް ނަގާ ކަމެއް އެއީ. ދެން، މި ލަންކާގެ ބިޒްނަސް ފޯރަމް ވެގެންދިޔައީ ވަރަށް ރަނގަޅު ބިޒްނަސް ފޯރަމަކަށް. އިން ޓަރމްސް އޮފް، އަޅުގަނޑުމެންނަށް މި ޤައުމުގެ އިންވެސްޓް ކުރާނެ އިތުރު ފަރާތްތައް، ލަންކާގެ އިންވެސްޓަރުން، އަދި ލަންކާ ބޭސްޑް އިންވެސްޓަރުންގެ ޝައުޤުވެރިކަން ފާޅުކުރެވިގެންދިޔަ. ސީރިއަސް ޑިސްކަޝަންސް ހިނގި، ބިޒްނަސް ފޯރަމަކަށް ވެގެންދިޔަ. ދެން، ލަންކާގެ ވިޔަފާރިވެރިންނަކީ މިހާރުވެސް ރާއްޖޭގައި ވަރަށް ބޮޑަށް އިންވެސްޓްކޮށްގެން ތިބި ފަރާތްތަކެއް، މިސާލަކަށް، ޓޫރިޒަމްގެ ދާއިރާގައި. ކުރިއަށް އޮތްތަނުގައި، އިރާދަކުރެއްވިއްޔާ ދެ ޤައުމުގައި އޮތް ގާތް ގުޅުމުގެ އަސަރު، އެކަމަށް ކުރާނެ ޕޮޒިޓިވް ގޮތެއްގައި.
ޢައިމިނަތު ޝަފާ - އެމް.އެމް.ޓީ.ވީ:
އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ނިމިދިޔަ އިންތިޚާބަށްފަހުގައި، އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން، އަންނަ އާދީއްތަ ދުވަހު ތާވަލުކުރެވިފައިވާއިރުގައި، އާ ކައުންސިލުތައް އުފެދިގެންދާއިރުގައި، ސަރުކާރުގެ މަސައްކަތްތަކުގައި ކައުންސިލްތައް ވާނީ، ހަމަ ވަރަށް މުހިންމު ފަށަލައަކަށް. ދެން، ޚާއްޞަކޮށް، މި ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢުތައް ތަންފީޒުކުރުމުގައި، ކައުންސިލުތަކުގެ ދައުރު ނުހަނު ފުޅާއިރުގައި، މިދިޔަ ދުވަސްތަކުގައި ކައުންސިލުތަކަށް މި ގެނެވުނު ބަދަލުތަކާ އެކީގައި ކޮބައިތޯ، އާ ކައުންސިލުތަކާ އެކީގައި ސަރުކާރުގެ އުއްމީދަކީ އަދި، މަނިކުފާނު ކުރައްވާނެ އިލްތިމާސަކީ، މިފަހަރު މި ހޮވުނު ކައުންސިލުތަކުން؟ ޝުކުރިއްޔާ!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅުގަނޑުގެ އުއްމީދަކީ ޕްރޮފެޝަނަލީ މަސައްކަތްކުރާނެ ކަމަށް. ސިޔާސީގޮތުން އެ މީހަކު ނިސްބަތްވާ ޕާޓީއަކީ، ރައްޔިތުންނަށް ޚިދުމަތްދިނުމުގައި، ސަރުކާރާއެކީ މަސައްކަތް ކުރުމުގައި ފެކްޓަރއަކަށް ނަހައްދަވާނެ ކަމަށް. އެއީ އަޅުގަނޑުގެ އިލްތިމާސަކީވެސް، އަދި އުންމީދަކީވެސް. ނިސްބަތްވާ ޕާޓީއަކީ އެއީ، މި ފެކްޓަރއަކަށް ވެއްޖިއްޔާ، ރައްޔިތުންނަށް އެންމެ ބާރު ސްޕީޑުގައި، އެންމެ އެދެވޭ ގޮތަށް ޚިދުމަތް ދިނުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެ. އަމުދުން، މި ދެންނެވީ، އިދިކޮޅަށް މަސައްކަތް ކުރުމުގެ ފިކުރެއް ކަމުގައިވަންޏާ. އެއްކޮޅަށް މަސައްކަތް ކުރަންޏާ ހަމަ ވަރަށް ރަނގަޅު.
މަރްޔަމް މިލްޒަމް މަސްޢޫދު - އެތެރެފުށް އެމް.ވީ:
އަޅުގަނޑުގެ ސުވާލަކީ، ކެބިނެޓަށް މި ގެނައި ބަދަލާއެކު، މިހާރު ފެންނަ ނަތީޖާ ރަނގަޅުތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މަސައްކަތްތައް ހަލުވިވެ، މަސައްކަތްތަކުގެ އެފިޝެންސީ ރަނގަޅު.
އަޙްމަދު ސަދޫފް - ނުކުތާ:
އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. އެންމެ ފުރަތަމަ ސުވާލަކީ، އިސްރަށްވެހިންގެ ނާދީގެ މަޝްރޫޢުތައް، ދެން އެހެން އަތޮޅުތަކަކަށް، ރަށްތަކަކަށް ގާއިމުކުރުމުގެ ވިސްނުންފުޅެއް އެބަ ގެންގުޅުއްވަންތޯ؟ ކޮބައިތޯ ތަޞައްވުރަކީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އިސްރަށްވެހިންގެ ނާދީ ހެދުން އެބައޮތް ސިޓީތަކުގައި. އަދި އެއަށްފަހު، އަރބަން ސެންޓަރުތަކަށް.
އަޙްމަދު ސަދޫފް - ނުކުތާ:
ދެން، ތިނަދޫ، ކާޑެއްދޫ ބުރިޖުގެ އަޕްޑޭޓެއް އަޅުގަނޑު އަހާލަން ބޭނުންވަނީ. އެންމެ ފުރަތަމަ މަޖިލިސް އިންތިޚާބުގެ ކެމްޕެއިނަށް، ރައީސް ތިނަދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި، ތިނަދޫގައި އެއަރޕޯޓެއް އަޅަން ނިންމެވީ. ފަހުން، ރައީސް އޮފީހުގައި ބޭއްވި ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި އަޅުގަނޑު ސުވާލުކުރީމާ ރައީސް ވިދާޅުވީ، މިހާރު ނިންމާފައި އޮތީ، ތިނަދުއާއި، ކާޑެއްދުއާ ދޭތެރެއިން އެއަރޕޯޓެއް އެޅުމަށްފަހު، ކާޑެއްދޫ އިންޓަރނޭޝަނަލް ކުރުމަށް ކަމަށް. ކޮބައިތޯ މިހާރު ވިސްނުމަކީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ތިނަދުއާއި، ކާޑެއްދުއާ ދޭތެރޭގައި ބުރިޖު އަޅާފައި، ކާޑެއްދޫ އިންޓަރނޭޝަނަލް ކުރުމަށް، އެއީ ޕްލޭނަކީ. ދެން، އެކަމުގެ މަސައްކަތްތައް، އެންމެ އެދެވޭގޮތަކަށް އަދި އަޅުގަނޑުމެންނަށް ފައިނަލް ނުކުރެވި މިދަނީ. އެހެންނަމަވެސް، ވަރަށް މަސައްކަތް އެބަ ކުރަން އަވަސްކުރަން.
އަޙްމަދު ސަދޫފް - ނުކުތާ:
ދެން، ހަމަ އެއާ ރިލޭޑެޓްކޮށް، ކާޑެއްދޫ ވިލާ އަތުން އަތުލުމުގެ މަސައްކަތްތައް ކޮބައިތޯ މިހާރު؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން، އޭގެތެރޭގައި އެބައި ދަނީ. ދެން، އަތުލުމަށްވުރެ ބޮޑަށް އެގްރީމަންޓަކަށް ދާނީ ދޮގެއްތޯ؟
އަޙްމަދު ސަދޫފް - ނުކުތާ:
އެކަން ވާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެ މަސައްކަތް ކުރަމުން މިދަނީ.
އާދެ، ހުރިހާ ބޭފުޅުންގެ ސުވާލުތަކަށް މިހާރު ޖަވާބުދީ މި ނިންމާލެވުނީ. އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ބޭފުޅުން ވަޑައިގެން، މި ނިއުސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވިކަމަށްޓަކައި، ނޫސްވެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
والسّـلام عليـكم ورحـمة اللّـه وبـركاتـه.