بســم اللّـه الرّحمـن الرّحيــم
اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
އާދެ، މިއަދު މޯލްޑިވްސް ފިލެޓެލިކް ސޮސައިޓީ އިފްތިތާޙު ކޮށްދިނުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސް އަލްފާޟިލް އަޙްމަދު ޒާހިރަށާއި އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނެޖިންގ ޑިރެކްޓަރ، އަލްފާޟިލް މާލިކު ޢަބްދުއްރައްޒާޤަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
މިއަދުގެ މުނާސަބަތުގައި އަޅުގަނޑު މިދެންނެވި ދެ ޢިއްޒަތްތެރިންނަށް ތަހުނިޔާ ދަންނަވަން. ހަމައެއާއެކީގައި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އެހެން ވެރިންނާއި މުވައްޒަފުންނާއި އަދި މިހާރު އުފެދިފައިވާ މި ޖަމްޢިއްޔާގެ ވަގުތީ ހިންގާ ކޮމިޓީގެ ރައީސް އަލްފާޟިލް ޙަސަން އަޙްމަދު މަނިކާއި، އެ ހިންގާ ކޮމިޓީގެ ވައިސް ޗެއަރމަނުން ކަމުގައި ތިއްބެވި އަލްފާޟިލް އަޙްމަދު ޙަލީމާއި، އަލްފާޟިލް ޢަބްދުލްމަޖީދު މާހިރާއި އަދި ހިންގާ ކޮމިޓީގެ އެހެން މެންބަރުންނާއި، ހަމައެހެންމެ، ރާއްޖޭގައި ތިއްބެވި ސްޓޭމްޕް އެއްކުރުމަށް ލޯބިކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް މިއަދުގެ މުނާސަބަތުގައި އަޅުގަނޑު މަރުޙަބާ ދަންނަވަން.
އާދެ، ފިލެޓެލީ އެއީ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ޕޯސްޓޭޖް ސްޓޭމްޕާއި، ރެވެނިއު ސްޓޭމްޕާއި، އެކިއެކި ލޭބަލްފަދަ ތަކެތި ދިރާސާކޮށް، އެތަކެތި އެއްކޮށް ބެލެހެއްޓުމަށް ބޭނުންކުރާ ލަފްޒެއް. މިދެންނެވި ތަކެތީގެ ތެރެއިން އެންމެ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެނީ ޕޯސްޓޭޖް ސްޓޭމްޕް. ސްޓޭމްޕް އެއްކުރުމަކީ، ދެންމެ މާލިކު ޢަބްދުއްރައްޒާޤުގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ކުރަމުންގެންދާ ކަމެއް. އެއީ ބޭނުމެއްނެތިއެއް ނޫން. ވަރަށްބޮޑު ބޭނުމެއްގައި އެކަން ކުރަނީ. ސްޓޭމްޕް އެއްކުރުމުގެ ޛަރީޢާއިން އެމީހުންގެ މަޢުލޫމާތު މުއްސަނދިކުރުމަށްޓަކައި އެކިއެކި ޤައުމުތަކާބެހޭ، އެ ޤައުމުތަކުގެ ތާރީޚާއި، ޘަޤާފަތާއި، އާދަކާދައާއި، އެ ޤައުމުގެ ތަރައްޤީއާއި ކަންތައްތައް ހުރިގޮތުގެ މަޢުލޫމާތު އެއްކުރުމަށްޓަކައި. ހަމައެފަދައިން، އެއީ މާބޮޑު ޚަރަދެއް ނުގޮސް ކުރެވިދާނެ ކަމަކަށްވާއިރުވެސް، އޭގެ ނަތީޖާއެއްގެ ގޮތުން ބައެއްފަހަރަށް މާލީ ފައިދާތަކެއްވެސް ޙާޞިލްކުރެވިދާނެ ކަމަކަށްވާތީ.
އާދެ، އޭގެ ވަރަށް ފުރިހަމަ މިސާލެއް، ދެންމެ މާލިކު ޢަބްދުއްރައްޒާޤުގެ ވާހަކަފުޅުގައި އަޅުގަނޑުމެންނަށް އެ ވިދާޅުވެދެއްވީ. އެންމެ ދެ ސްޓޭމްޕް 2.2 މިލިޔަން ޕައުންޑަށް ވިކުނުކަމުން، އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ، މި ހޮބީއަކީ ނުވަތަ ހުސްވަގުތު ބޭނުންގޮތެއްގައި ބޭނުންކުރުމަށްޓަކައި، ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަށްޓަކައި، މިކުރާ މަސައްކަތުގެ ނަތީޖާ ބައެއްފަހަރަށް މާލީގޮތުންވެސް ވަރަށް ރަނގަޅުވެދާނެ ކަމަށް އަޅުގަނޑުމެންނަށް މިހާރު އެބަ އެނގޭ.
އާދެ، ޕޯސްޓޭޖް ސްޓޭމްޕް އެއްކުރުމުގެ މަސައްކަތްކުރާ ވަރަށްގިނަ މީހުން ދުނިޔޭގައި އެބަތިބި. ޚާއްޞަކޮށް، ކިޔަވާކުދިންނާއި ޒުވާނުންގެ ތެރޭގައި. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ، ސްޓޭމްޕް އެއްކުރުމަކީ އެއްގޮތަކަށްވެސް ވަކި ޢުމުރަކަށް، ވަކި ބަޔަކަށް އޮތް ކަމެއްނޫނޭ. ކޮންމެ ކަމެއްވެސް ފެށެނީ ޢުމުރުގެ ކޮންމެވެސް ދުވަސްވަރަކުން ކަމަށްވާތީ، ގިނަ މީހުންނަށް އެކިއެކި ފައިދާހުރި ކަންތައްތައް ފެށެނީ އެމީހުންގެ ޒުވާން ދުވަސްވަރުގައި ކަމަށްވާތީ، އެގޮތަށް މިކަންވެސް ފާހަގަވެފައި އޮންނަނީ. އެހެންނަމަވެސް، ސްޓޭމްޕް އެއްކުރުމަކީ ހަމަ ކޮންމެ ޢުމުރެއްގެ ބަޔަކަށްވެސް، ކޮންމެ ތަނެއްގައި ދިރިއުޅޭ ބަޔަކަށްވެސް ކުރެވިދާނެ ކަމެއް. ހަމައެހެންމެ، ސްޓޭމްޕް އެއްކުރުމުގެ ހޮބީގެ ތެރެއިންލާފައި އަޅުގަނޑުމެންގެ ރަޙްމަތްތެރިކަމުގެ ދާއިރާވެސް ވަރަށްބޮޑަށް ފުޅާކުރެވިދާނެ.
އާދެ، ޕެން ފްރެންޑުން ދުނިޔޭގެ އެތަންމިތާނގައި ތިބޭ. އެއީ އެމީހުން ބައްދަލުނުވި ކަމުގައިވިޔަސް އެކަކު އަނެކަކަށް ސިޓީ ފޮނުވައި، އެއްޤައުމެއްގައި ދިރިއުޅޭ ބަޔަކު، ދިރިއުޅޭގޮތް އަނެކަކަށް އަންގައިދީ، އެމީހުންގެ އާދަކާދައާއި ކަންތައްތައް ހުންނަގޮތް ކިޔައިދީ، މިގޮތުން މަޢުލޫމާތުވެސް މުއްސަނދިކުރުމާ އެކީގައި، ބައިނަލްއަޤްވާމީ ގޮތުން ރަޙްމަތްތެރިކަންވެސް ބަދަހިކުރެވޭ ކަމެއް، މި ހޮބީއަކީ. ރާއްޖޭގައި މިހާތަނަށް މާބޮޑަށް މިކަން ކުރިއަށް ގޮސްފައި ނެތް ކަމުގައިވިޔަސް، އަޅުގަނޑު ދަންނަވާނީ، ރާއްޖޭގައިވެސް ފުދޭވަރަކަށް، ސްޓޭމްޕް އެއްކުރުމުގެ ލޯބި ހުންނަ މީހުން އެބަތިއްބޭ. އަދި އެމީހުން އެމަސައްކަތް ކުރަމުންވެސް ގެންދެއޭ. މިފަދަ ޖަމްޢިއްޔާއެއްގައި ބައިވެރިވުމުގެ ސަބަބުން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ރަޙްމަތްތެރިކަން، އެކުވެރިކަން އިތުރަށް އާލާކުރެވިދާނެ. މާލޭގައި ތިބޭ ކިޔަވާކުދިންނާއި، ރާއްޖެތެރޭގައި ތިބޭ ކިޔަވާކުދިންނާ ދެމެދުގައި، ކުރިންވެސް ދެންނެވި ފަދައިން، ޤަލަމުގެ ރަޙްމަތްތެރިކަމެއް އުފެއްދިދާނެ. އަދި އެ ރަޙްމަތްތެރިކަމުގެ ތެރެއިންލާފައި އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކުރެވިދާނެ.
ހަމައެހެންމެ، ރާއްޖޭގައި ތިބޭ ކިޔަވާކުދިންނާއި، ޒުވާނުން އަދި އެހެން މީހުންވެސް ދުނިޔޭގެ އެތަންމިތާނގައި ތިބޭ މީހުންނާ ޤަލަމުގެ ރަޙްމަތްތެރިކަމުގެ ގޮތުން ގުޅައި އަދި މަޢުލޫމާތު ބަދަލުކޮށް ހެދުމަކީވެސް ވަރަށް ބޭނުންތެރި ކަމެއްކަމުގައި ވެގެން ހިނގައިދާނެ. އާދެ، މިފަދަ ވަރަށްގިނަ މުހިންމު މަޤްޞަދުތަކެއް އެކުލެވިފައިވާ ކަމެއް، ސްޓޭމްޕް އެއްކުރުމަކީ. އެހެންވީމާ، ރާއްޖޭގައިވެސް އެފަދަ ޙަރަކާތެއް އުފެދުނުކަން އެއީ، އަޅުގަނޑު ވަރަށްބޮޑަށް އުފާކުރާ ކަމެއް. ރާއްޖޭގައި އަދި ކަންތައްތައް ހުރިގޮތުން، ގިނަ ކަންތައްތަކުގައި ސަރުކާރުން އިސްނަގަން ޖެހުނުކަމުގައިވިޔަސް، މިއީކީ ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ކަމެއްނޫން. ޙަޤީޤަތުގައި ޢާންމު ރައްޔިތުންގެ ކަމެއް. އަފްރާދުންގެ ކަމެއް.
އެހެންވީމާ، އަޅުގަނޑު އެދެނީ، މިއަދު މި އުފެދުނު މޯލްޑިވްސް ފިލެޓެލިކް ސޮސައިޓީގައި ވަރަށްގިނަ ޢަދަދަކަށް މެންބަރުން ބައިވެރިވެދެއްވުން. ޚާއްޞަކޮށް، ކިޔަވާކުދިންނާއި ޒުވާނުން. އަދި އެނޫން ޢުމުރުތަކުގެ މީހުންވެސް. މިފަދަ މުހިންމު އަދި ބޭނުންތެރި ހޮބީއެއްގެ ސަބަބުން އަޅުގަނޑުމެންނަށް ކުރެވިދާނެ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އަދި އަޅުގަނޑުމެންނަށް އޭގެ ތެރެއިންލާފައި ހޯދިދާނެ ފައިދާތަކަކާއި ކާމިޔާބީތަކެއްވެސް އެބަހުރި.
އާދެ، ރާއްޖޭގެ ސްޓޭމްޕްގެ ތާރީޚަށް އަލްފާޟިލް ޙަސަން އަޙްމަދު މަނިކު ބައްލަވާލަދެއްވައިފި. އޭނާގެ ވާހަކަފުޅުން އަޅުގަނޑުމެންނަށް އެނގުނު ގޮތުގައި، ރާއްޖެއަކީ މިނިވަން ޤައުމުތަކުގެ ތެރޭގައި ހިމެނޭ ކުޑަ ޤައުމެއް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ސްޓޭމްޕްގެ ތާރީޚުވެސް މާކުރެއްނޫން. އާދެ، މީގެ 88 އަހަރު ކުރިއްސުރެ ފެށިގެން އެތާރީޚު ހިނގަމުން މިއަންނަނީ. އަދި ކޮންމެ ކަމެއްވެސް ފެށޭއިރު، އޭގެ އެންމެ ކުރީކޮޅުގައި އެބަޔަކު ބޭނުންވާ ހިސާބަކަށް ނުދެވުނު ކަމުގައިވިޔަސް، ފަހުން އެކަން ތަރައްޤީވެގެން އަންނައިރު، އެބަޔަކު އެދޭ މަރްޙަލާތަކާ ހަމަޔަށް އެބަދެވޭ. އެގޮތުން ރާއްޖޭގެ ސްޓޭމްޕްގެ ތާރީޚަށް ބަލާއިރުވެސް، އޭގެ ފެށުން އޮތީ ވަރަށް ކުޑަކުޑަގޮތެއްގައި ކަމުގައިވިޔަސް، ފަހުންއައިސް މިހާރު އަޅުގަނޑުމެންނަށް މިރޮނގުންވެސް ވަނީ އެކަށީގެންވާ ކާމިޔާބީތަކެއް ހޯދިފައި. އެހެން އަޅުގަނޑު މިދަންނަވަނީ، ރާއްޖޭގެ ސްޓޭމްޕަކީ މިހާރަކަށް އައިސް ވަރަށް ރީތިކޮށް ޑިޒައިން ކުރެވިފައި، ވަރަށް ރީތިކޮށް ކުރެހިފައި ހުންނަ އަދި ވަރަށް ރަނގަޅު ފެންވަރެއްގައި ޗާޕުކުރެވިފައި ހުންނަ ސްޓޭމްޕަކަށްވާތީ.
އަޅުގަނޑު މިޞްރުގައި ކިޔަވަން ހުރި ދުވަސްވަރު އާދެ، 1960ގެ އަހަރުތަކުގެ ތެރޭގައި މިކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުފަލެއް ގެނެސްދިން ކަމެއް ކަމުގައިވި. އެއީ ރާއްޖޭގެ ސްޓޭމްޕްގެ ރީތިކަމުން. އަޅުގަނޑުމެންނަށް ލިބޭ ސިޓީތަކުގައި ހުންނަ ސްޓޭމްޕްތައް ރީތިކަމުން އަޅުގަނޑުމެން، އަޅުގަނޑުމެންގެ ރައްޓެހި މިޞްރު ކުދިންނަށް އެ ދައްކާ ހަދަމު. އަދި އެކުދިންވެސް އޭގެ ރީތިކަމުގެ ވާހަކަ ދައްކާ، ސްޓޭމްޕް ބޭނުންވެގެން ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑުމެންގެ ކިބައިން ސްޓޭމްޕަށް އެދެމުންވެސް ގެންދޭ.
އާދެ، އަޅުގަނޑު ދަންނަވާނީ، މިޞްރަކީ ރާއްޖެއަށްވުރެ ހުރިހާ ގޮތަކުންވެސް މާ ކުރިއަރާފައިވާ ޤައުމެއް ކަމުގައިވިޔަސް، ހަމަގައިމުވެސް އަޅުގަނޑުމެންގެ ސްޓޭމްޕް، މިޞްރުގެ ސްޓޭމްޕަށްވުރެ މާރީއްޗޭ. އެކަން އޭރުވެސް އެމީހުންނަށްވެސް ފާހަގަކުރެވުނު. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މިރޮނގުން އަޅުގަނޑުމެންނަށް މިހާރުވަނީ ކޮންމެވެސްވަރެއްގެ ކާމިޔާބީތަކެއް ހޯދިފައޭ. އެހެންވީމާ، މިރޮނގުން އިތުރަށް ކުރިއަށްދިޔުމަކީ ވަރަށް ބޭނުންތެރި ކަމެކޭ.
އާދެ، ރާއްޖޭގެ ސްޓޭމްޕް ޑިޒައިންކޮށް، އެ ޗާޕްކުރާ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ ފަންނާނުންވެސް އޭގެތެރޭގައި ހިމެނިފައިވާކަން ވަރަށް އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލަން. ޚާއްޞަކޮށް، އަލްފާޟިލް މައިޒާން ޙަސަންމަނިކު، އަލްފާޟިލް އަޙްމަދު ޢައްބާސް، އަލްފާޟިލް އަޙްމަދު ނަޖާޙު، އަލްފާޟިލް އިބްރާހީމް ޢަބްދުލްޢަޒީޒު ފަދަ ބޭފުޅުންގެ ފަންނީ އުފެއްދުންތެރިކަން، އަޅުގަނޑުމެންގެ ބައެއް ސްޓޭމްޕްތަކުން އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އެއީ، އަޅުގަނޑުމެންގެ ރާއްޖެއަށް ލިބޭ ވަރަށްވެސް ރީތި ނަމެއް.
އާދެ މިރޮނގުން ދެން މާދިގު ވާހަކަތަކެއް ދައްކާކަށް އަޅުގަނޑު ނެތިން. މި ކުރު ވާހަކަކޮޅާއެކީގައި، މޯލްޑިވްސް ފިލެޓެލިކް ސޮސައިޓީ އިފްތިތާޙުކޮށްދިނުމުގެ ޝަރަފް މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑު ލިބިގަންނަން.
والسّـلام عليـكم ورحـمة اللّـه وبركاته.