بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين ، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އަޅުގަނޑު ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް މިކުރާ ދަތުރުގައި މިއަދު މާޅޮސްމަޑުލު އުތުރުބައިގެ ވެރިކަންކުރާ ރަށް އުނގޫފާރަށް މިއައި އައުމަކީ ވަރަށް ޚާއްޞަ އުފަލެއް އަޅުގަނޑަށް ލިބިދިން ކަމެއް. ތިޔަބޭފުޅުންގެ ތެރެއިން، ހަމަގައިމުވެސް ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެފަދައިން، މީގެކުރިންވެސް ތިން ފަހަރެއްގެ މަތިން އަޅުގަނޑު އުނގޫފާރަށް ޒިޔާރަތްކޮށްފިން. އެންމެފަހުން އަޅުގަނޑަށް މިރަށަށް އާދެވުނީ މީގެ 11 އަހަރު ކުރިން، 1984 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި. އާދެ، އެފަހަރު އައީވެސް ވަރަށް ޚާއްޞަ މުނާސަބަތެއް މިތާނގައި ފާހަގަކުރެވޭތީ. އެއީ އުނގޫފާރު ސަރަޙައްދީ ހަސްފަތާލު ހުޅުވުން. އާދެ، މިއީ އަޅުގަނޑަށް މިރަށަށް ޒިޔާރަތްކުރެވޭ އަދި އެކަމުގެ އުފާ އަޅުގަނޑަށް ލިބިގަނެވޭ ހަތަރުވަނަ ފަހަރު. އަޅުގަނޑު މިއައީ ދިވެހި ސަރުކާރުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ހިފައިގެން ރާއްޖޭގެ ރައްޔިތުންނަށް ރައްދުކުރުމަށްޓަކައި. އެހެންކަމުން، މިރޭގެ މި އުފާވެރި ޖަލްސާގައި އުނގޫފާރުގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށް ސަރުކާރުގެ އިޚްލާޞްތެރި ހެޔޮއެދުންތައް އަދި އެއާއެކުގައި އަޅުގަނޑުގެ އަމިއްލަ ހެޔޮއެދުންތައްވެސް ރައްދުކުރަން.

އަޅުގަނޑު އުނގޫފާރަށް އައުމަށް ހަމަޖެހިފައިވާތީ، މިރަށުގެ ވެރިންނާއި ކޮމިޓީތަކުގެ މެންބަރުންނާއި ޢާންމު ރައްޔިތުންނާއި އަދި ސަރުކާރުގެ މުވައްޒަފުން ގުޅިވަޑައިގެން ކުރައްވާފައިވާ، ވަރަށް ބޮޑެތި މަސައްކަތްތަކެއް މިއަދު ހަވީރުވެސް އަދި މިރޭވެސް އަޅުގަނޑަށް ފެނިގެން ހިނގައްޖެ. ޝައްކެއްނެތް، އެ މަސައްކަތްތައް ތިޔަބޭފުޅުން ކުރައްވާފައިވަނީ ވަރަށް އިޚްލާޞްތެރި ހިތްޕުޅަކައިގެން، ވަރަށް އިޚްލާޞްތެރި މަޤްޞަދެއްގައި. އާދެ، އެއީ ތިޔަބޭފުޅުންގެ ހިތްޕުޅުގައި ދިވެހި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަން ހާމަކުރެއްވުން. އެހެންކަމުން، އެ އިޚްލާޞްތެރި ޝުޢޫރު އަޅުގަނޑު ބަލައިގަންނަނީ އުފަލާއެކީގައި. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑު ތަނަކަށް ޒިޔާރާތްކުރާތީ، އެތަނެއްގެ ރައްޔިތުން މާބޮޑެތި މަސައްކަތްތަކެއް ކުރުމަކީ، ނުވަތަ އެކަމަށްޓަކައި މާގިނަ ހޭދަތަކެއް ކުރުމަކީ އަޅުގަނޑު އެދޭގޮތެއް ނޫން. އެހެންނަމަވެސް، ކުރިން ދެންނެވިފަދައިން، މި މަސައްކަތްތައް އުނގޫފާރުގެ ރައްޔިތުންނާއި ވެރިން ކުރައްވާފައި މިވަނީ ވަރަށް ޚާއްޞަ ޝުޢޫރެއް ފާޅުކުރެއްވުމުގެ ގޮތުން ކަމަށްވާތީ، އެކަން އަޅުގަނޑު ޤަބޫލުކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

އުނގޫފާރަކީ އަޅުގަނޑަށް ފެނިފައިވާ ގޮތުގައި، ވަރަށް ހިތްހެޔޮ، ވަރަށް އެކުވެރި ރައްޔިތަކު ދިރިއުޅޭ ރަށެއް. އެހެންކަމުން، އުނގޫފާރަށް އައުމަކީ އަބަދުވެސް އަޅުގަނޑަށް ލިބޭ އުފަލެއް. އެ އުފާ މިރޭވެސް އަޅުގަނޑު އިޙްސާސްކުރަމުން މިގެންދަނީ. އުނގޫފާރަކީ ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، ވަރަށް މަސައްކަތްތެރި ރައްޔިތެއް ދިރިއުޅޭ ރަށެއް. އަދި އެ ރައްޔިތުން ސަރުކާރާ ގުޅިގެން ތަފާތު ކަންތައްތައް ހިންގައި، އެ ކަންތައްތަކުގައި ވަރަށްފޮނި ކާމިޔާބީތަކެއް ޙާޞިލްކުރަމުންގެންދާ ރަށެއް. އާދެ، އެއީ ހަމަ ޙަޤީޤަތް. މިރަށުގައި ތަރައްޤީގެ ވަރަށްގިނަ މަސައްކަތްތައް ހިނގާ. ސަރުކާރުން ކޮށްދޭ ކަންތައްތަކާއި އަދި ރައްޔިތުން އިސްނަގައިގެން ކުރާ ކަންތައްތަކާއި، ރައްޔިތުންނާ ސަރުކާރާ ގުޅިގެން ކުރާ ކަންތައްތައް އޭގެތެރޭގައި ހިމެނޭ. މިހުރިހާ ކަމެއްގެ އާޚިރު ނަތީޖާއަކަށްވަނީ ރައްޔިތުންގެ ދިރިއުޅުން ތަނަވަސްވެގެންދިޔުން. އެމީހުންނަށް ބޭނުންވާ ޚިދުމަތްތައް، އެމީހުންނަށް ލިބިދެވޭނެ ގޮތްތައް ހަމަޖެހުން. އަދި ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުންގެންދިޔުން.

އާދެ، އުނގޫފާރުގައި ހިނގާ ސަރަޙައްދީ ހަސްފަތާލަކީ، އެގޮތުން ބަލާއިރު ވަރަށް މުހިންމު ތަނެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ޞިއްޙީ ކަންތައްތައް ހުރިގޮތުން، އަޅުގަނޑުމެން މިފަދަ ހަސްފަތާލުތަކަށް ވަނީ ވަރަށްބޮޑަށް ބޭނުންވެފައި. ރާއްޖޭގެ ރައްޔިތުންނަކީ ޞިއްޙީ ރޮނގުން ބަލާއިރު އަދި މާކުރިއަރާފައިވާ ބައެއްނޫން. ރާއްޖޭގައި ވަރަށްގިނަ ބަލިތައް ފެތުރިފައިވޭ. އެހެންކަމުން، އަޅުގަނޑުމެންގެ ބަލިމީހުންނަށް ބޭސްފަރުވާ ލިބިދެވޭނެ އިންތިޒާމުތަކެއް ރާއްޖެތެރޭގައި ހަމަޖެހިފައި އޮތުމަކީވެސް ވަރަށް މުހިންމު ކަމެއް. އެގޮތުން، ސަރުކާރުން މިހާރު ރާއްޖެތެރޭގެ ހަތަރު ދިމާއެއްގައި ސަރަޙައްދީ ހަސްފަތާލު ހުޅުވައިގެން ހިންގަމުން އެބަގެންދޭ. އެ ހަސްފަތާލުތައް އިތުރަށް ތަރައްޤީކޮށް، އެތަންތަނަށް ބޭނުންވާ ޚިދުމަތްތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުކޮށް ފުޅާކުރެވޭތޯ، ވަރަށްބޮޑަށް މަސައްކަތް ކުރަމުންގެންދޭ. މިރޮނގުން އުނގޫފާރުގެ ސަރަޙައްދީ ހަސްފަތާލަށްވެސް އައިސްފައިވާ ކުރިއެރުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިހާރު ވަރަށްފަހުން މިތާނގައި އޮޕަރޭޝަން ތިއޭޓަރެއް ޤާއިމުކުރެވިއްޖެ. އެކްސްރޭ ރޫމެއް ޤާއިމުކުރެވިއްޖެ. އަދި ވަރަށް ގިނަ ބާވަތްބާވަތުގެ މެޑިކަލް ޓެސްޓުތައް ކުރެވޭގޮތަށްވެސް ހަމަޖެހިއްޖެ. އަދި ހަސްފަތާލު ބޮޑުކުރެވި، ކުރިން އެތަނަކީ 12 އެނދުގެ ހަސްފަތާލެއް ކަމަށްވީނަމަވެސް، މިހާރު އެ ހަސްފަތާލުގައި 30 އެނދު އެބަހުރި. މިގޮތުން ބަލާއިރު މިއީ ވަރަށް ޚާއްޞަ ކުރިއެރުމެއް ކަމުގައި އަޅުގަނޑު ދެކެން. ހަމައެހެންމެ، ހަސްފަތާލުގައި މަސައްކަތް ކުރައްވާނެ ޑަކްޓަރުންނާއި، ސްޓާފް ނަރުހުންނާއި އަދި އެނޫންވެސް މުވައްޒަފުން މިހާރު އެކަށީގެންވާ ޢަދަދަކަށް އެބަތިއްބެވި. އެހެންކަމުން، އެހަސްފަތާލުގެ ސަބަބުން އުނގޫފާރުގެ ރައްޔިތުންގެ ޞިއްޙީ ބޭނުންތައް ވަރަށް ރަނގަޅަށް ފުދިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. ހަސްފަތާލުން ފުރިހަމަވަމުންދާނީ ހަމައެކަނި އުނގޫފާރުގެ ރައްޔިތުންގެ ޞިއްޙީ ބޭނުންތަކެއްނޫން، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިއަތޮޅުގެ އެހެން ރަށްރަށުގެ މީހުންވެސް އެހަސްފަތާލަށް ޒިޔާރަތް ކުރަމުންގެންދޭ. އަދި ކައިރީގެ އެހެން އަތޮޅުތަކުންވެސް މީހުން އާދޭ.

އެހެންވީމާ، އުނގޫފާރަކީ އެގޮތުން ބަލާއިރުވެސް ވަރަށް ގިނައިން މީހުން ޒިޔާރަތް ކުރަންޖެހޭ ރަށެއް. ވަރަށް ހިތްފަސޭހަ ރަށެއް. އުނގޫފާރުގެ ރައްޔިތުންނަކީ، ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން، ވަރަށް ހިތްހެޔޮ ބައެއް. އެހެންކަމުން، ބޭރުން މިރަށަށް އެ އަންނަ މެހުމާނުންނަށް އުނގޫފާރުގެ ރައްޔިތުން ވަރަށްބޮޑަށް ކަމޭހިތްތަވައި، އެމީހުންގެ ޚިދުމަތްތަކުގައި އުޅުއްވާކަން އަޅުގަނޑަށް އެނގިފައިވާތީ، އެކަމަށްޓަކައިވެސް އުނގޫފާރުގެ ރައްޔިތުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އާދެ. ޝައްކެއްނެތް، މިފަދަ ޚިދުމަތުގެ މަރުކަޒުތައް ރާއްޖެތެރޭގައި ޤާއިމުކުރެވޭ ތަންތާނގެ ރައްޔިތުންގެ ކިބައިގައި ވަރަށް ބޮޑެތި ޒިންމާތަކެއްވޭ. ވަރަށްމަތީ ވާޖިބުތަކެއްވޭ. އެއީ އެތަންތާނގެ ޚިދުމަތްތަކަށް އެދިގެން އަންނަ، ހަމަ އެމީހުންގެ އެހެން އަޚުންނާއި އުޚްތުންނަށް ވީއެންމެ ރަނގަޅަކަށް ކަންތައްތައް ކޮށްދެމުން ގެންދިޔުން. ދެންމެ އަޅުގަނޑު އިޝާރާތްކުރި ފަދައިން، އުނގޫފާރުގެ ރައްޔިތުން އެކަން ކުރައްވަމުން ގެންދަވަނީ ވަރަށްވެސް ރަނގަޅަށް. ވީމާ، އަޅުގަނޑުމެންގެ ގާތަށް މިއަންނަ މެހުމާނުންނަށް، މެހުމާންދާރީ އަދާކުރުމުގެ ކަންތައް، ވީއެންމެ ރަނގަޅަކަށް ކުރެވޭތޯ މިހާރަށްވުރެވެސް ބޮޑަށް މުސްތަޤްބަލުގައި ވިސްނަންޖެހޭނެ. މިދެންނެވި މެހުމާނުންނަކީ އަޅުގަނޑުމެންގެ އެހީތެރިކަމަށް ބޭނުންވެފައި ތިބެގެން އަންނަ ބައެއް. އަޅުގަނޑުމެންގެ ހެޔޮއެދުމުގެ ހުރިހާވެސް ޝުޢޫރުތަކެއް ވާންޖެހޭނީ އެމީހުންނާއެކީގައި. އެހެންވީމާ، މި ނުކުތާއަކީ އަޅުގަނޑުހިތުން އުނގޫފާރުގެ ރައްޔިތުން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރައްވާނެ ނުކުތާއެއް.

އާދެ، ތަރައްޤީގެ މަގުގައި ރާއްޖެ ކުރިއަށް މިދަނީ ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅަމުން. ވަރަށް ގިނަ ރޮނގުރޮނގުން ރާއްޖެ މިހާރު ވަނީ، މީގެ 16 އަހަރުގެ ކުރިޔާ އަޅައިބަލާއިރު، ވަރަށް ގިނަ މަރްޙަލާތަކެއް ކަޑައްތުކޮށް، ވަރަށް ބޮޑަށް ކުރިއަށް ގޮސްފައި. އިޤްތިޞާދީ ގޮތުން ބަލާއިރުވެސް، އިޖްތިމާޢީ ގޮތުން ބަލާއިރުވެސް ރާއްޖެ ވަނީ ކުރިއަށް ގޮސްފައި. އަދި ރައްޔިތުންގެ ޢާންމު ދިރިއުޅުން، އެއީ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ ތަމްސީލުކޮށްދޭ އެއްޗަކަށްވާއިރު، ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ބަލައިލާއިރުވެސް ކުރިއަށްވުރެ މިހާރު ރައްޔިތުންގެ ޢާންމު ދިރިއުޅުން މާ ތަނަވަސްކަން ބޮޑުކަމަށް އަޅުގަނޑުހިތުން އަޅުގަނޑެކޭ އެއްފަދައިން، ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެ. އަޅުގަނޑުމެންގެ އެންމެ މުހިންމު މަސައްކަތްތަކަކީ މަސްވެރިކަމާއި، ޓޫރިޒަމާއި، ދަނޑުވެރިކަމާއި، ވިޔަފާރިއާއި އަދި ރާއްޖޭގައި ކުރެވޭ ތަފާތު އެހެން މަސައްކަތްތައް. މި މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ، ދަނީ އިތުރުވަމުން. މުޅި ޤައުމަށް ލިބޭ މުއްސަނދިކަންވެސް ދަނީ އިތުރުވަމުން.

އުނގޫފާރަކީ މަސްވެރިކަމުގެ ރަށެއް. އަޅުގަނޑު މިރަށަށް މިއަދު ހަވީރު އައިއައުމުގައިވެސް އެކަންވަނީ ފާހަގަކުރެވިފައި. އަޅުގަނޑަށް މަރްޙަބާ ވިދާޅުވުމުގެ ގޮތުން ތައްޔާރުކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، މަސްވެރިކަން ރަމްޒުކޮށްދޭ ކިތަންމެ ކަމެއް އަޅުގަނޑަށް ފެނިފައިވޭ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އެއީ މަސްވެރިކަމަކީ ރާއްޖޭގެ ތަރައްޤީގައި ވަރަށްބޮޑު ޙިއްޞާއެއް އަދާކުރާ ކަމެއް. އެމަސައްކަތް ކުރިއަރުވައި، އެއިން ލިބެންހުރި އާމްދަނީއެއް ހޯދުމަކީ އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް. އަދި ކުރެވެންޖެހޭނެވެސް ކަމެއް.

އާދެ، ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށްދާއިރު، އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ އައިސްފައި ހުންނަ ރީތި އާދަކާދަތަކާއި، އަޅުގަނޑުމެންގައި ހުރި މާތް އަޚްލާޤީ ސިފަތައް، އެއީ ބަދަލުވެގެންދާނެ ނުވަތަ ބަދަލުވެގެންދާންވާނެ އެއްޗެއްނޫންކަމަށް އަޅުގަނޑުމެން ވިސްނަންޖެހޭނެ. ދިރިއުޅުން މިދަނީ ބަދަލުވަމުން. ތަރައްޤީގެ ކަންތައްތައް އަޅުގަނޑުމެންގެ ތެރެއަށް އައުމުން، އަޅުގަނޑުމެން ދިރިއުޅެމުން ގެންދާގޮތް އެއްދުވަހުން އަނެއްދުވަހަށް މިދަނީ ބަދަލުވަމުން. އެހެންނަމަވެސް، އަޅުގަނޑުމެންގައި ޒަމާނުއްސުރެ ހުންނަ މާތް ސިފަތަކާއި، ރީތި އާދަކާދަތައް، އެއީ ބަދަލުވާންޖެހޭނެ އެއްޗެއްނޫން. އެކަންކަން ބަދަލުވެގެނެއް ނުވާނެ. އަޅުގަނޑުމެން ދިވެހިންގައި ޒަމާނުއްސުރެ މިހުންނަ ރީތި ސިފަތަކާއި އަދި އަޅުގަނޑުމެން މިގެންގުޅޭ މާތް އާދަކާދަތަކަކީ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ކަންތައްތަކެއް. އެހެންވީމާ، އެކަންކަމަށް އަޅުގަނޑުމެން ރައްކާތެރިވާންޖެހޭނެ.

އާދެ، ދިވެހިންނަކީ ޒަމާނުއްސުރެ، ނިކަމެތިންނަށް އެހީތެރިވާ ބައެއް. މުސްކުޅިންނަށް ކަމޭހިތާ ބައެއް. ކުޑަކުދިންނަށް އޯގާވެރިވާ ބައެއް. އެއްބަޔަކު އަނެއްބަޔަކަށް އިޙްސާންތެރިވާ ބައެއް. އަދި މެހުމާނުންނަށް ކަމޭހިތާ ބައެއްވެސްމެ. އެހެންވީމާ މިހެން ހުންނަ، ރީތި ކަންތައްތަކަށާއި، ރީތި އާދަކާދަތަކަށާއި، ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި މިހުންނަ މާތް ސިފަތަކަށް އަޅުގަނޑުމެން ވަރަށްބޮޑަށް ރައްކާތެރިވާންވާނެ. އަދި އެކަންތައްތައް ތަރައްޤީކުރަންވެސް ވާނެ. އަޅުގަނޑުމެންގެ ދިރިއުޅުމަށް މިއަންނަ ބަދަލުތަކުގެ ސަބަބުން މިދެންނެވި، މާތް ރީތި އާދަކާދަތަކަށާއި، މާތް އަޚްލާޤީ ސިފަތަކަށް ފަހަރެއްގައިވެސް އެއްވެސް ކަހަލަ ބަދަލެއް އަޔަދީގެނެއްނުވާނެ.

އަޅުގަނޑަށް މިވާހަކަ ދަންނަވާލަން މިޖެހެނީ، މިހާރަކަށްއައިސް އަޅުގަނޑުމެންގެ ތެރޭގައި މިކަންތައްތައް ހިސާބަކަށްނަމަވެސް ބަދަލުވަމުންދާތަން ފެންނާތީ. ކުރިން މިދެންނެވި ކަންތައްތައް އާދެ، ނިކަމެތިންނަށް އޯގާވެރިވުމާއި، ކުޑަކުދިންނަށް އޯގާވެރިވުމާއި، މުސްކުޅިންނަށް ކަމޭހިތުމާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙްސާންތެރިވުމާއި، މެހުމާނުންނަށްވެސް ޙުރްމަތްތެރިކޮށްހިތުމާއި، އެމީހުންގެ ބޭނުންތައް ފުއްދައިދިނުމާއި، މި ރީތި އާދަތައް މިހާރު ކޮންމެވެސްވަރަކަށް ބަދަލުވަމުން އެބަދޭ. އެއަކީ ރަނގަޅުގޮތެއް ނޫން. އެކަންކަން އަޅުގަނޑުމެން ދަމަހައްޓަންވާނެ. ކުރިންވެސް ދެންނެވި ފަދައިން، އެއީ އިސްލާމީ މާތް އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ކަންތައްތަކެއް ކަމަށްވާތީ، އަޅުގަނޑުމެން އެހުރިހާ ކަމަކަށް ރައްކާތެރިވާންޖެހޭނެ.

ޝައްކެއްނެތް، އިސްލާމްދީނަކީ ހުރިހާ ކަމެއްގައި އެންމެ ސާފުސީދާ ތެދުމަގު ދެއްކެވުމަށްޓަކައި ﷲ ބާވައިލައްވާފައިވާ ދީނެއް. އަޅުގަނޑުމެންގެ އިޖްތިމާޢީ ކަންތައްތަކުގައިވެސް ސިޔާސީ ކަންތައްތަކުގައިވެސް، އިޤްތިޞާދީ ކަންތައްތަކުގައިވެސް، އަދި އެނޫން ކަންތައްތަކުގައިވެސް، އަޅުގަނޑުމެން ތަބަޢަވާންޖެހެނީ އިސްލާމްދީނުގެ އުޞޫލުތަކަށް. އެ އުޞޫލުތައް އެއީ މިހުރިހާ ކަމެއްގެ އެންމެ މަތިވެރި ހަމަތައް ކަނޑައަޅުއްވާފައިވާ އުޞޫލުތައްކަން، އެއީ އެއްވެސް ޝައްކެއްނެތި އެނގެން އޮތް ކަމެއް. އެހެންކަމުން، އަޅުގަނޑުމެންގެ ތެރޭގައި ހުންނަ ރީތި އާދަކާދަތަކާއި، ރީތި ސިފަތަކަށް ރައްކާތެރިވެ، އަޅުގަނޑުމެންގެ ޙަޔާތަށް އަންނަ، އެހެން ބަދަލުތަކާ އެއްގޮތަށް، އެކަންކަމަށް ބަދަލުއަޔަނުދިނުމަށް އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންޖެހޭނެ.

އާދެ، އަޅުގަނޑުގެ މި ދަތުރަކީ، ކުރިންވެސް ދެންނެވި ފަދައިން، ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް ކުރަމުންގެންދާ ދަތުރެއް. ދަތުރުގެ ބޭނުމަކީ، އެންމެ ކުރިއްސުރެ ފަށައިގެންވެސް އަޅުގަނޑު މި ދަތުރުތައް ކުރަމުންގެންދާ ބޭނުން. އެއީ، ރާއްޖެތެރޭގައި ދިރިއުޅޭ، ރާއްޖޭގެ ރައްޔިތުންނާ ބައްދަލުކޮށްލުން. އެމީހުންގެ ޙާލުއަޙްވާލު ބަލައިލުން. އެމީހުން ދިރިއުޅުމަށް ކުރާ މަސައްކަތްތަކުގެ ކަންތައްތައް ހުރިނެތްގޮތާއި، ސަރުކާރުން އެމީހުންނަށް އެކިކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ކުރެވެން އޮންނާނީ ކޮންކޮން ކަންކަމެއްތޯ ބެލުން. އަދި މިގޮތްގޮތުން އަޅުގަނޑުގެ މަޢުލޫމާތު އިތުރުކޮށް، ސަރުކާރުން ރައްޔިތުންނަށް ވެދޭ އެހީތަކާއި، ކޮށްދޭ ފަސޭހަތައް އިތުރުވަމުންދާނެ ގޮތެއްގެ މަތިން ކަންތައްތައް ރޭވުން. އިރާދަކުރެއްވީތީ އެ މަޤްޞަދު ކޮންމެވެސްވަރަކަށް މިދަނީ ޙާޞިލްވަމުން. އެންމެ ފުރަތަމަ އަޅުގަނޑު ރާއްޖެތެރެއަށް ޒިޔާރަތްކުރަން ފެށިއިރު، ރާއްޖެތެރޭގެ ޙާލަތު އޮތްގޮތާއި، އިރާދަކުރެއްވީތީ މިހާރު ޙާލަތު ބަދަލުވެގެން ގޮސްފައި މިވާ ގޮތާ ދޭތެރޭގައި ހުރި ބޮޑުތަފާތު ތިޔަބޭފުޅުން ރަނގަޅަށް ހަނދުމަފުޅު ހުންނާނެ.

ރާއްޖެއަށް މިއައި ކުރިއެރުމަކީ ޝައްކެއްނެތް، ހަމައެކަނި ސަރުކާރުން ކުރާ މަސައްކަތުން އަންނަ ކުރިއެރުމެއް ނޫން. ސަރުކާރުން ކުރާ މަސައްކަތުގެ އިތުރުން، ރައްޔިތުން އެކަމުގައި އެއްބާރުލައްވައިގެން ކަންތައްތައް ކާމިޔާބު ކުރެއްވުމަށްޓަކައި، ރައްޔިތުން ކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް މިދަނީ ފެންނަމުން. މަސްވެރިކަން ތަރައްޤީކުރުންވެސް، ޓޫރިޒަމް ތަރައްޤީކުރުންވެސް އަދި އެނޫން ކަންތައްތައް ކޮށްގެންވެސް އަޅުގަނޑުމެންގެ އިޖްތިމާޢީ ޙާލަތު އެއްދުވަހުން އަނެއްދުވަހަށް މައްޗަށް ޖެހެމުން، އަދި އަޅުގަނޑުމެންގެ އިޤްތިޞާދީ ފުދުންތެރިކަންވެސް އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވަމުންދާ ދިޔުން، އެއީ ރައްޔިތުންނާއި ސަރުކާރާ ގުޅިގެން މިކުރާ މަސައްކަތްތަކުގެ މޭވާ. އޭގެ ހެޔޮނަތީޖާ.

އެހެންވީމާ، މިފަދަ މަސައްކަތްތައް އަބަދުވެސް އަޅުގަނޑުމެން ކުރަންޖެހޭނެ. އަދި ކޮންމެކަމެއް ކުރާއިރުވެސް ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮންނަންވާނެ. އަދި ރައްޔިތުންނާއި ސަރުކާރާ ދޭތެރޭގައިވެސް އިޚްލާޞްތެރިކަމާއި އެއްބާރުލުން އޮންނަންވާނެ. އެއީ އެފަދަ އެއްބާރުލުމެއް ނުވަތަ އިޚްލާޞްތެރިކަމެއްނެތި، އެއްވެސް ކަމެއް ކާމިޔާބު ނުވާނެތީ. އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ހަމަހިމޭން ރާއްޖެއެއް. ވަރަށް އެކުވެރި، އެއްބާރުލާ ރައްޔިތަކު ދިރިއުޅޭ ރާއްޖެއެއް. އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ، ވަރަށް މަތިވެރި ނަޞީބެއް. އެ ނަޞީބުގެ މަތިން އަޅުގަނޑުމެން ހަނދާންނައްތާލައިގެނެއް ނުވާނެ. އަދި އެ ނަޞީބު ދެމެހެއްޓޭތޯ ވަރަށްބޮޑަށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ. ހަމަ ކޮންމެ މީހަކުވެސް އަޅުގަނޑުމެންގެ މެދުގައި މިއޮންނަ ހަމަޖެހުމާއި، އެކުވެރިކަމާއި، ރަޙްމަތްތެރިކަމާއި، އެއްބާރުލުން ދެމެހެއްޓޭތޯ އަދި އެކަންކަން ބަދަހިކުރެވޭތޯ، އެމީހެއްގެ ދާއިރާގައި އެމީހަކަށް ކުރެވެން އޮތް މިންވަރަކަށް މަސައްކަތް ކުރަންވާނެ. އެންމެން އެގޮތަށް މަސައްކަތް ކޮށްފިނަމަ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ހަމަޖެހުމާއި އުފާފާގަތިކަން މާތްﷲގެ ވާގިފުޅާއެކު ދެމިއޮންނާނެ.

އާދެ، އަޅުގަނޑުގެ ވާހަކަ ދެން މާ ދިގުކުރާކަށް ނެތިން. އުނގޫފާރަށް އައިސް، އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް މި ފުރުޞަތު ލިބުނުކަމަށްޓަކައި، އަދިވެސް އެއްފަހަރު اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް އަދި ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ކުރިއަށްދިޔުމުގެ ހެޔޮތައުފީޤު ދެއްވުން. އަޅުގަނޑުމެން އެންމެންނަށް ރަނގަޅު ވިސްނުން ދެއްވުން. ހެޔޮގޮތުގައި ޢަމަލުކުރުމުގެ ވާގި އަޅުގަނޑުމެންނަށް މިންވަރުކުރެއްވުން. ހަމައެހެންމެ، ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތްތަކާއި އަދި ރައްޔިތުންގެ ދިރިއުޅުން ތަރައްޤީ ކުރުމަށްޓަކައި އެމީހުން އަމިއްލައަށް ކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލެއްވުން. ދިވެހިރާއްޖެއަށް އަމާން އަދި ބާއްޖަވެރި މުސްތަޤްބަލެއް ދެއްކެވުން.

والسّـلام عليـكم ورحـمة اللّـه وبركاته.