بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، މިއަދުގެ ޕްރެސް ކޮންފަރެންސަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.
އަޅުގަނޑު ފަށަމުން ބައެއް ކަންކަން މިއަދު ދަންނަވާލާފައި، އިރާދަކުރެއްވިއްޔާ އުންމީދުކުރެވެނީ، ސުވާލު ކުރައްވަން ތިއްބެވި ހުރިހާ ބޭފުޅުންނަށް ފުރުޞަތު ދެވޭނެ ކަމަށް.
އެއްކަމަކަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް ބޮޑު ކަމެއްގެ ގޮތުގައި އޮތް ކަމެއް، ނަފްސާނީ އެކިކަހަލަ ބަލިތަކާ ގުޅޭ މެންޓަލް ހެލްތު ދާއިރާގެ ކަންތައްތައް. މި މައްސަލައަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑަށް ބޮޑުވަމުން އަންނަ ކަމެއް. އެކަމަށް އެކަށީގެންވާވަރަކަށް ސަރުކާރުން އަދި މުޖުތަމަޢުގެ ތެރޭގައި މިހާތަނަށް އެންމެ އެދެވޭވަރަކަށް ކަންތައްތަކެއް ނުކުރެވި އޮތް ކަމެއް ކަމުގައިވާތީ، އަޅުގަނޑުމެން މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް، މި ދާއިރާގައި ހުރި މައްސަލަތައް ޙައްލުކުރުމުގައި އެކަށީގެންވާ ކަންތައްތަކެއް، ރަނގަޅު އިޞްލާޙީ ކަންތައްތަކެއް ކުރުން.
އެނގިވަޑައިގަންނަވާނެ ފަދައިން، މިގޮތުން ބަލާއިރުގައި، އަޅުގަނޑުމެން އެއްކަމަކަށް، އާސަންދައިން ފްރީކޮށް މި ދާއިރާގެ، މެންޓަލް ހެލްތު ދާއިރާގެ ހުރިހާ ޓްރީޓްމަންޓެއް މިހާރު މިވަނީ ކަވަރކުރަން ފަށާފައި ޖަނަވަރީ ފަސްޓުން ފެށިގެން. އެވެސް ވަރަށް ބޮޑު ލުޔަކަށްވާނެ. އަތުންދާ ޚަރަދު ކުޑަވެގެންދިޔުން. ދެން އެއީ އެކަމަކު މައްސަލައެއް ދިމާވީމާ، ނޫނީވިއްޔާ ދިމާވަމުންދާއިރުގައި ދޭ ޓްރީޓްމެންޓް. އޭގެކުރިން، މައްސަލަ ދިމާވުމުގެ ކުރިން، ކުރަންޖެހޭ ކަންކަންވެސް ހުންނާނެ.
އާދެ، ކޮންމެގޮތެއްވިޔަސް، އާސަންދައިން މި ކަވަރރޭޖް ފްރީކޮށް ދޭން ފެށި ފަހުން ޖަނަވަރީ ފަސްޓުން ފެށިގެން އިރާދަކުރެއްވީތީ ވަރަށް ގިނަ ފަރާތްތަކަށް ޚިދުމަތް ދެވިއްޖެ. ޖަނަވަރީ ފަސްޓުން އެޕްރީލް މަހުގެ 23 އާ ހަމައަށް އަޅުގަނޑަށް ލިބިފައި ހުރި މަޢުލޫމާތަށް ބަލާއިރުގައި، 10,954 ޕޭޝަންޓުން، ނޫނީވިއްޔާ ފަރާތްތަކަށް މެންޓަލް ހެލްތު ދާއިރާއިން ސައިކޭޓްރިސްޓް ކޮންސަލްޓޭޝަން އަދި ސައިކޮލޮޖިކަލް ތެރަޕީ ކަވަރޭޖް ދެވިފައި އެބަވޭ. 1 ޖަނަވަރީން 24 އެޕްރީލާ ހަމައަށް. އަދި އޭގެ އިތުރަށްވެސް، އެކިއެކި އަތޮޅުތަކުގައިވެސް މިކަމާގުޅޭ އެކި ކަހަލަ ޚިދުމަތް ދިނުމުގެ މަސައްކަތްތަކެއް ކުރެވިފައި އެބަވޭ.
ދެން މި ދާއިރާއިން އެކި ކަހަލަ ޚިދުމަތްތައް ދިނުމުގެ ގޮތުން ކުރެވޭ އިތުރު ކަންކަމުގެ ތެރޭގައި، އެނގިވަޑައިގަންނަވާނެ ފަދައިން، މެންޓަލް ހެލްތު ހޮސްޕިޓަލެއް ޤާއިމުކުރުމަކީ، އަޅުގަނޑުގެ ވަޢުދުގެ ތެރޭގައިވެސް އަދި ކުރީ ސަރުކާރުން ފެށިގެންވެސް އޮންނަ ކަމެއް. އަޅުގަނޑުވެސް ކުރަން ނިންމާފައި އޮތް ކަމެއް.
ދެން މި ކަމުގައި ވާގޮތަކީ، އަޅުގަނޑުމެން ކަނޑައަޅާފައި އޮތީ، ބޭރުގެ އެހީއެއް މެދުވެރިކޮށް މިކަން ކުރަން. ދެން ބޭރުގެ ލޯނުން މިކަން ކުރުމަށްޓަކައި އަޅުގަނޑުވާނީ، ވަރަށް ގިނަ މަސައްކަތްތަކެއް މިއަދާ ހަމައަށް ކޮށްފައި. އެހެންނަމަވެސް، އަދިވެސް އެ ޕްރޮސީޖަރ ދިގުކަމުން މިއިން ލޯނެއް ހަމަޖެހިގެން މި ޕްރޮޖެކްޓް އަދި މިކަހަލަ އެއްވެސް ޕްރޮޖެކްޓެއް ފެށޭގޮތް ނުވެ ލަސްވަމުންދާތީ، އަދި މި މައްސަލަ އިތުރަށް ރާއްޖޭގައި ވަރަށްބޮޑުވެފައިވާތީއާއި، އިތުރު އެހީތެރިކަމެއް ބޭނުންވާ ހިސާބަށް ގޮސްފައިވާ ބޮޑު މައްސަލައެއް ކަމަށްވާތީ، އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްފައި، ސަރުކާރުގެ ބަޖެޓުން ސީދާ މި މެންޓަލް ހެލްތު ފެސިލިޓީ، ހޮސްޕިޓަލް، އެޅުމަށް މިހާރު މި ނިންމީ.
ދެން އެކަމަކު އޭގެ މާނައެއް ނޫން، ލޯނު ފެސިލިޓީ ލިބޭ ދުވަހަކުން، ނޫނީ ހަމަޖެހިގެން އެކަން ނުކުރާނެ ވާހަކަ. އެއަށް އަދި އަޅުގަނޑުމެން ޑިޒިޝަނެއް ނަގާނަން. އަޅުގަނޑުމެން ބޮޑަށް ބަލާނީ އެ ލޯނު، ހެލްތު ދާއިރާގެ އެހެން ކަމަކަށް ބަދަލުކުރުމަށް. އެހެންނަމަވެސް، އެ ޑިޒިޝަން އަދި ފައިނަލް ނުކޮށް، ފުރަތަމަ އަޅުގަނޑުމެން މި ނިންމީ، ސަރުކާރުގެ ބަޖެޓުން، ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ގޮތުގައި، މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި އޮތް ސްޕޭސްގެ ތެރެއިން، މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް. ދެން އޮރިޖިނަލީ ލޯނު އެހީގައި އަޅަން ނިންމާފައި އޮތް ހޮސްޕިޓަލް އަޅަން އޮތީ، ލ. އަތޮޅު ގަމުގައި. އެހެންވީމާ، އެ ޕްރޮޖެކްޓް އަދި އެ ތަނުގައި ކުރިއަށް ގެންދިޔުން އަދި އެގޮތުގައި ބާއްވާފައި، އެ ކެންސަލް ނުކޮށް، މި ދެންނެވިހެން އެއަށް ފަހުން ގޮތެއް ނިންމާނީ. މާލޭގައި މި ހޮސްޕިޓަލް އަޅަން މި ނިންމީ މިހާރު. މާލެ ސިޓީ، މި ރީޖަންގައި އެންމެ ގިނައީ މީހުންވެސް، އަދި މައްސަލަ ގިނަ ކުދިންވެސް.
އަޅުގަނޑުމެން ބަލައިލާއިރުގައި މި މައްސަލައިގައި، މި ދެންނެވީ މެންޓަލް ހެލްތު ކޮންސަލްޓޭޝަން، ޖަނަވަރީ ފަސްޓުން ފެށިގެން ޓުވެންޓީ ފޯރތު އެޕްރީލާ ހަމައަށް ނެގި ކުދިންނަށް ބަލާއިރު، ނޫނީވިއްޔާ މީހުންނަށް ބަލާއިރު މާލެއިން އެބަތިބި، 8125 ފަރާތަކުން މިދިޔަ ކުޑަ ދުވަސްކޮޅުވެސް އާސަންދައިން މި އެހީ ހޯދާފައި. އެކި ކަހަލަ ޓްރީޓްމަންޓް. އެހެންވީމާ، އެއީ ވަރަށް ބޮޑު އަދަދެއް. ޔުނިކް ޕޭޝަންޓުންނަށް ބަލާއިރުގައި ވަރަށް ބޮޑު އަދަދެއް. މުޅި އަދަދުގެވެސް ބޮޑު އިންސައްތައަކީ މާލެ ސަރަޙައްދު. އަނެއްކާ މާލެއަށް ވަރަށް ގިނަ ކަންކަމު ރައްޔިތުން ވަޑައިގަންނަވާ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާލޭގައި ހޮސްޕިޓަލް ޤާއިމުކުރުމަށް، މިހާރު ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން ފަންޑު މި ހަމަޖެއްސީ. ދެން ހަމަޖައްސާފައި، އެ ޕްރޮޖެކްޓް އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް އެ އޮންނަ ބިޑިންގ ޕްރޮސެސް، ނޫނީވިއްޔާ ޕްރޮކިއުމެންޓް ޕްރޮސެސްގެ ތެރެއިން، އަޅުގަނޑުމެން ބަޔަކާ ހަވާލުކޮށްގެން މަސައްކަތް ފަށާނަން. އެއީ ވަރަށް މުހިންމު ކަމެއް. އަދި އެކަމާ ގުޅޭ، މެންޓަލް ހެލްތާ ބެހޭ ބިލެއްވެސް މި އަހަރު މަޖިލީހަށް ފޮނުވަން އަޅުގަނޑުމެން އޮންނާނީ ކަނޑައަޅާފައި. އެހެންވީމާ، އެއީ އެކަމުގައި އަޅުގަނޑުމެން މިހާރު ކުރަން ނިންމާފައި އޮތް ކަމެއް.
ދެން މިއާ ގުޅިފައި އެބައޮތް، ބުލީ ކުރުމުގެ މައްސަލަ. މިއީ ދެން އިއްޔެއަކު މިއަދަކު ފެށިފައި އޮތް ކަމެއްނޫން. އަނެއްކާ ރާއްޖޭގައި އެކަނި އޮންނަ ކަމެއްވެސް ނޫން. މިއީ ދެން ވަރަށް ޑީޕް ރޫޓެޑް، އިންޓަރ ކަނެކްޓެޑް ގިނަ މައްސަލަތައް ހިމެނޭ ވަރަށް ނުރަނގަޅު އާދައެއް. އެންމެ ތުއްތު ކުދިންނާ ހިސާބުން ފެށިގެންގޮސް ބޮޑެތި މީހުންނާ ހަމައަށް އޮންނަ ކަމެއް. ދެން މިކަން ހުއްޓުވުމަށްޓަކައިވެސް ސަރުކާރުގެ ލެވްލެގައިވެސް ކަންތައްތަކެއް އަޅުގަނޑުމެން ކުރަން. މިހާތަނަށްވެސް ކޮށްފައިވަނީ. އަދި އިތުރު ކަންތައްތައް ކުރަން ގަސްތުވެސް ކުރަން.
އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު ޢަމަލުކުރަމުންދާ ޤާނޫނީ ނިޒާމުގެ ތެރޭގައިވެސް، ބުލީކުރުމާ ގުޅޭ ކަންކަމަށް ފިޔަވަޅު އެޅޭގޮތް ވަނީ ފަހިވެފައި. އެއީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެނެވުނު ހަވަނަ އިޞްލާޙު، އެއީ މި ސަރުކާރުން 2024ގެ ޑިސެންބަރު 17 ގައި ގެނައި ހަވަނަ އިޞްލާޙުގައި، ސައިބަރ ވައިލަންސްގެ ޢަމަލުތަކަކީ، ކުށެއްކަމަށް އޮންނާނީ ކަނޑައަޅާފައި. އޭގެތެރޭގައި، ސައިބަރ ސްޓޯކިންގގެ ޢަމަލުތައްވެސް ހިމެނޭ. އަދި މިފަދަ ޢަމަލުތައް ފުލުހުން ތަޙުޤީޤު ކުރުމަށްފަހު ދަޢުވާކުރުމަށް ޕީ.ޖީ.އަށްވެސް ހުށަހެޅުން ހަމަ ކުރިއަށްދޭ.
އޭގެއިތުރަށްވެސް، މިކަން އިތުރަށް ޤާނޫނީ ނިޒާމުގެ ތެރެއިން ހުއްޓުވުމަށްޓަކައި، އަދި ޕްރިވެންޓިވް އެކި ކަހަލަ މެޝާރޒްތައް ލުމަށްޓަކައި، އަދި މިފަދަ ޢަމަލުތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ބުލީކުރުން އެއީ ޤާނޫނީ ކުށެއްކަމަށް ކަނޑައެޅުމަށް، އެކަމާ ގުޅޭ ޚާއްޞަ ޤާނޫނެއް، އެންޓި ބުލީ ޤާނޫނެއް، ތަޢާރުފް ކުރުމަށްޓަކައި ސަރުކާރުން މިހާރު މަސައްކަތް ފަށައިފި. އެހެންވީމާ، އެ މަސައްކަތް މިހާރު އޭ.ޖީ. އޮފީހުން އެބަ ކުރިއަށްގެންދަވާ، ކަމާގުޅޭ ފަންނީ ބޭފުޅުންގެވެސް ލަފަޔާވެސް އެކީގައި. އިރާދަކުރެއްވިއްޔާ މި ބިލު އަޅުގަނޑުމެން ފަރުމާކޮށްފައި، މަޝްވަރާގެ ހުރިހާ ޕްރޮސެސްއަކާ އެކީގައި ނިންމާފައި އިރާދަކުރެއްވިއްޔާ މަޖިލީހަށް ފޮނުވާނަން، އެންޓި ބުލީ ޤާނޫނެއް.
އިރާދަކުރެއްވިއްޔާ މި ޤާނޫނު އައުންވެގެންދާނެ ވަރަށް ބޮޑު ލުޔެއް މި މައްސަލަ ޙައްލުކުރުމަށް އަޅުގަނޑުމެންނަށް ލިބިގެންދާނެ ކަމަކަށް. މި ޤާނޫނުގައި، އަޅުގަނޑުމެން އެންޓި ބުލީ ޤާނޫނުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަޔާންކުރާނަން، ވަރަށް ސާފުކޮށް ބުލީ ކުރުމުގެ ޢަމަލުތައް، އެއީ ކޮންގޮތަކަށް، ކިހިނެއް ހިނގާ، ޢަމަލުތައް ކޮންގޮތަކަށް، ކުށަކަށްވާ ކަމެއްކަން. ޤާނޫނު ހިނގާ ދާއިރާތައްވެސް ވަރަށް ސާފުކޮށް ކަނޑައެޅިގެންދާނެ. މީގެ ތެރޭގައި ސްކޫލްތަކާއި، ތަޢުލީމީ އެހެނިހެން މަރުކަޒުތަކާއި، އެ ތަންތަނުގައި ކިޔަވާ ކުދިންނާއި، މަސައްކަތްކުރާ ހުރިހާ ފަރާތްތައް، އަދި ވަޒީފާގެ މާޙައުލުގައްޔާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކާއި،އެ ތަންތަނުން ޚިދުމަތް ލިބިގަންނަ މީހުން ހިމެނޭހެން ތަފްޞީލުކޮށް އަޅުގަނޑުމެން މި ބިލުގައި ފާހަގަކުރާނަން. އެ ފަރާތްތަކުގެ ޙައްޤުތަކާއި، ޒިންމާތައް ތަފްޞީލުކޮށް ފާހަގަކުރާނަން.
ދެން ހަމަ އޮންލައިން ބުލީންވެސް އިނގޭތޯ؟ އޮންލައިން ބުލީ ކުރުން ހުއްޓުވުމަށްޓަކައިވެސް އެކަމަށް ޚާއްޞަ ބައިތަކެއް ފަރުމާކުރެވޭ ބިލުގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިމަނާނަން. ސްކޫލްތަކާއި، ތަޢުލީމީ މަރުކަޒުތަކުގައި ބުލީކުރުން ހުއްޓުވުމާ ގުޅޭ ޚާއްޞަ ސިޔާސަތުތައް އެކުލަވައިލުމަށް، ބުލީކުރާ ކުދިންނާ ދޭތެރޭގައި ފިޔަވަޅު އެޅޭނެ ޚާއްޞަ ނިޒާމެއް އެކުލަވައިލުމާއި، ގަވާއިދުން މިކަމާ ގުޅޭގޮތުން މި މައްސަލަ ސެންޓްރަލް އެޖެންސީއަކަށް ރިޕޯޓްކުރެވޭނެ ގޮތާއި، ސްކޫލްތަކާއި، ތަޢުލީމީ ނުވަތަ އުނގަންނައިދޭ ކޮންމެ މަރުކަޒެއްގައި ރަސްމީ މަންޙަޖުގެ ތެރޭގައި، މިކަމާ ގުޅޭ އެކިކަހަލަ ކަންކަން ތަފްޞީލުކޮށް ހިމެނިގެން ދިޔުމާއި، ދެން މިފަދަ ތަފްޞީލީ އިޖުރާތުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންނާނަން. ބުލީކުރުމާއި، ފުރައްސާރަކުރުން ހުއްޓުވުމަށް އަދި އެކަމަށް އެކަށީގެންވާ އަވަސްމިނެއްގައި ފިޔަވަޅުތައް އެޅުމަށް ހުރިހާ މަރުކަޒުތަކެއްގައި މެއިންޕަވަރ ޤާއިމުކުރުމަށްޓަކައި އަޅުގަނޑުމެން މި ޤާނޫނުގައި ތަފްޞީލުތައް ބަޔާންކުރެވި، އެކަން ކުރިއަށް ގެންދާނެގޮތް ހިމެނިގެންދާނެ. އަދި މިކަން ހުއްޓުވުމަށްޓަކައި، ނޫނީވިއްޔާ ޕްރިވެންޓް ކުރުމަށްޓަކައިވެސް އެކި ކަހަލަ ކަންކަން މި ބިލުގައި ހިމެނުމަށް އަޅުގަނޑުމެން ވާނީ ނިންމާފައި. ހޭލުންތެރި ކުރުވުމުގެ އެކިކަހަލަ ތަފްޞީލުތައްވެސް، މިކަމަށް މަސައްކަތް ކުރަންޖެހޭނެ މުއައްސަސާތައްވެސް. ދެން މިހެންގޮސް، އެންޓި ބުލީން އޮރިއެންޓޭޝަން ސެޝަންތަކާއި، ވަޒީފާގެ މާޙައުލާއި، ދެން މިހެންގޮސް ހުރިހާ ދާއިރާތަކެއްގައި ދަރިވަރުންނާއި، ބެލެނިވެރިންނާއި، މަސައްކަތްތެރިންގެ ޙައްޤުތަކާއި، ޒިންމާތަކާއި، މި ހުރިހާ ކަމެއް ތަފްޞީލުކޮށް ދުނިޔޭގެ އެހެން ތަންތަނުގައި މިކަމާ ގުޅޭގޮތުން އެންމެ ރަނގަޅަށް ޕްރެކްޓިސް ކުރާ ތަންތަނުގައި ހުރި ތަޖުރިބާތަކުގެ އަލީގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަމާ ގުޅޭ ބިލު ފަރުމާކުރަން ނިންމާފައި މިވަނީ.
އާދެ، އެހެންވީމާ، މި މަސައްކަތް މި ފެށީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ޤައުމުގައި އެބަޖެހޭ މިހާރު މި މައްސަލައަށް ވަށައިޖެހޭ ފުރިހަމަ ޙައްލެއް ގެންނަން މަސައްކަތްކުރަން. އެހެންވީމާ، އެކަމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން. ސަރުކާރުން ވަރަށް ބޮޑަށް ބޭނުން. މިއީ ހަމައެކަނި އެންމެ ބައެއްގެ ކަމަކަށް ވެގެންނުވާނެ. މުޅި މުޖުތަމަޢުގެ ކަމެއް. ދިވެހި ހުރިހާ ރައްޔިތުންގެވެސް ޙައްޤެއް. ޒިންމާއެއް އޮތް ކަމެއް. އެހެންވީމާ، ހުރިހާ ފަރާތްތަކުން އެކުވެރިކަމާ އެކީގައި، އެއް ރޫޙެއްގައި، އެއް ނިޔަތެއްގައި، މިކަމުގައި މަސައްކަތްކުރުން ޙަޤީޤަތުގައި، ނަތީޖާ ނެރެވޭނެ ގޮތަކަށް އޮންނާނީ.
އެހެންވީމާ، އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުމެއްނުވޭ، އަޅުގަނޑުމެންގެ އެއްވެސް ތުއްތު ކުއްޖަކަށް، ނޫނީވިއްޔާ ބަލިމީހަކަށްވެސް އަދި އެއްވެސް ފަރާތަކަށް، އެއްވެސް ފަރާތަކުން ބުލީކުރުމުގެ އެއްވެސް ޢަމަލެއް ކުރިމަތިވާކަށެއް. އަދި އެކަން ކުރިމަތިވާ ފަރާތްތަކުގެ ޙައްޤުތައް ވަގުތުން ރައްކާތެރި ކުރެވޭނެ ގޮތްތައް ވާންޖެހޭ. އަދި އެކަން ކުރިމަތިވުން ހުއްޓުވުމަށްޓަކައިވެސް ކަންތައްތައް ކުރެވެންޖެހޭނެ. އެހެންވީމާ، ހުރިހާ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުން އަޅުގަނޑު ޔަޤީންކުރަން މިކަމުގައި ލިބިގެންދާނެ ކަމަށް.
އާދެ، އެއީ އަޅުގަނޑު މައިގަނޑު ގޮތެއްގައި ދަންނަވާލަން ބޭނުންވި އެއްކަމަކީ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، މިހެންހުރި ހުރިހާ ކަމަކަށް އެކަށީގެންވާ ޙައްލުތައް ގެނައުމުގެ މަސައްކަތް ކުރުމާ އެކީގައި، ހުރިހާ ދާއިރާއަކުން ރައްޔިތުންނަށް ހެޔޮ ގޮތްގޮތް ފަހިކޮށްދިނުމަށްޓަކައި. މިސާލަކަށް، އިޤްތިޞާދީ ދާއިރާއިން ބަލާކަމަށްވަންޏާ، އިރާދަކުރެއްވީތީ މިވަނީ، 21 ދުވަސް ތެރޭގައި، ޖުމްލަ 924 މިލިއަން ޑޮލަރުގެ ދަރަނި އަޅުގަނޑުމެން ދައްކާފައި. އެއީ 2 އެޕްރީލްގައި ސުކޫކް އަޅުގަނޑުމެން ޕޭކުރީ. 524 މިލިއަން ޑޮލަރު. 23 އެޕްރީލްގައި އަޅުގަނޑުމެން އިންޑިއާގެ ސްވޮޕް 400 މިލިއަން ޑޮލަރު ދެއްކީ. އެހެންވީމާ 21 ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މިވަނީ ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކާފައި. ރައްޔިތުންނަށް މީގެ އެއްވެސްކަހަލަ ޑިފޯލްޓެއް ޤައުމަށް ކުރިމަތިވިޔަނުދީ، އިރާދަކުރެއްވީތީ އަޅުގަނޑުމެން މިކަން މިވަނީ، އެއްވެސް ހަރުމުދަލެއް ވިއްކާ ނުލައި، ރަހުނަކަށް ދޫކޮށްނުލައި، އަދި އޭގެ ބަދަލުގައި ކުރިން ރަހުނުކޮށްފައި ހުރި ތަންތަން ސަލާމަތްކޮށްގެން މިކަން ކޮށްފައި. އެހެންވީމާ، އިޤްތިޞާދު ރަނގަޅު ކުރަމުން، އަޅުގަނޑުމެންގެ މި ދަރަނިތައް ދައްކަމުން، އަޅުގަނޑުމެން ކުރިއަށް މިގެންދަނީ.
އަޅުގަނޑުމެން ހަމައެކަނި ބޭރުގެ ދަރަންޏެއްނޫން ދައްކަނީއެއް. އެތެރޭގެ ދަރަނިވެސް އިރާދަކުރެއްވީތީ ދައްކަން. ސަރުކާރުން އެކި މީހުން ލައްވައި މަސައްކަތް ކުރުވާފައި ދޭންހުރި ފައިސާވެސް ދެމުން މި ގެންދަނީ. މިގޮތުން ބަލާއިރުގައި، 1 ނޮވެންބަރު 2025ން ފެށިގެން ބަލައިފިއްޔާ، 26 އެޕްރީލާ ހަމައަށް، މިދިޔަ މުއްދަތު، ގާތްގަނޑަކަށް މިދިޔަ 6 މަސްދުވަހަށް ބަލާއިރުގައި، އެކިއެކި ދިވެހި ފަރާތްތަކަށް، ލޯކަލް ވެންޑަރުންނަށް 3.3 ބިލިއަން، 3,300 މިލިއަން ރުފިޔާގެ ބިލް ޕޭކޮށްފިން އަޅުގަނޑުމެން. 3,300 މިލިއަން ރުފިޔާ އެއީ، ރައްޔިތުން ކޮށްފައި ހުރި މަސައްކަތް. އެކިއެކި ކުންފުނިތައް މެދުވެރިކޮށް، ނޫނީވިއްޔާ މިނިސްޓްރީތައް މެދުވެރިކޮށް، ކޮށްފައި ހުރި މަސައްކަތަށް 3,300 މިލިއަން ރުފިޔާގެ ބިލް އަޅުގަނޑުމެން ޕޭ ކޮށްފިން. ދެން އެއީ އެވްރެޖްކޮށް ބަލާއިރުގައި. މިއީ ހަމަ ރަފް އެވްރެޖް އިނގޭތޯ. ފިނޭންސް މިނިސްޓްރީން އަޅުގަނޑަށް ފޮނުވާފައި އޮތް މަޢުލޫމާތަށް ބަލާއިރުގައި، ކޮންމެ ހަފްތާއަކު ގާތްގަނޑަކަށް 700 ވެންޑަރުންނަށް މި ޕޭ ކުރެވެނީ. ޕޭ ކުރެވިއްޖެ މިދިޔަ ސިކްސް މަންތްސްގެ ތެރޭގައި. ދެން އަނެއްކާ މި މަހުގެ ބާކީ މި އޮތް ދުވަސްކޮޅުގެ ތެރޭގައި، އަޅުގަނޑުމެން މިހާރު ރެޑީކޮށްފައި މިހިރީ ގާތްގަނޑަކަށް 260 މިލިއަން ރުފިޔާގެ ބިލު އަނެއްކާވެސް އިތުރަށް ހަމަ ޕޭ ކުރަންހުރި ފަރާތްތަކަށް ޕޭ ކުރަން، ލޯކަލް ވެންޑަރޒް ދިވެހިންނަށް. ރާއްޖޭގެ އެކިއެކި މަސައްކަތްތައް ކުރާ، ސަރުކާރުގެ އެކި ކަހަލަ މަޝްރޫޢުތައް ނަގައިގެން މަސައްކަތްކުރާ ފަރާތްތައް މިއީ.
އެހެންވީމާ، 3,300 މިލިއަން ރުފިޔާ، ޕްލަސް، އަނެއްކާ މި ހަފްތާގައި ގާތްގަނޑަކަށް 260 މިލިއަން ރުފިޔާ މި ޕޭ ކުރެވިގެން މިދަނީ. ބޭރުގެ ދަރަނިތައްވެސް ދައްކަމުން، ކުރާ ކަންތައްތައް މިއީ. އެހެންވީމާ، އަޅުގަނޑުމެން މި ބަލަނީ ވީހާވެސް ބޮޑަކަށް ރައްޔިތުންނަށް ދަތިވާ ކަންތައްތައް، ނޫނީވިއްޔާ ރައްޔިތުންނަށް ދޭންހުރި ފައިސާވެސް ދެމުން، ރައްޔިތުންގެ ބޮލުގައި އަޅުވާފައި ކުރިން އޮތް ދަރަނިތައްވެސް ބޮލުން ނައްޓައި، ރައްޔިތުން ދަރަނިން ސަލާމަތް ކުރުމުގެ ޑެޓް ޓްރެޕުން ސަލާމަތްކުރުމުގެ މަސައްކަތްވެސް ކުރަމުން. ރައްޔިތުންނަށް ތަރައްޤީގެ މަޝްރޫޢުތައްވެސް ގެނެސްދެމުން. އަދި މި ދެންނެވިހެން އިޖުތިމާޢީ ގޮތުން ހުރި މި ކަހަލަ ނުރައްކާތެރި ކަންތައްތަކުންވެސް މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި އެންމެން ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރެވޭތޯ މިގެންދަނީ.
އާދެ، އެހެންވީމާ، އެ ވާހަކަތައް އަޅުގަނޑު ދަންނަވާލާފައި، ދެން އަޅުގަނޑު ގަސްދުކުރަނީ ލިސްޓަށް ދާން. އެހެންވީމާ، ގުރުއަތު ނެގިފައި އޮތް ލިސްޓުން، ތަރުތީބުން ފެށްޓެވުން އެދެން.
ޙަނާން އަޙްމަދު ނަޢީމް - އެމް.އެމް.ޓީ.ވީ:
އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. އެގޮތުން ފުރަތަމަ ސުވާލަކީ، ބޭސް ލިބުމުގައި މި ހުރި ދަތިތަކަށް ޙައްލެއް ގެނެސްދިނުމަށްޓަކައި މިހާރު އެބަވޭ، އޮންލައިންކޮށް ބޭހަށް އޯޑަރ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާފައި. އަދި 24 ގަޑިއިރު ޚިދުމަތްދޭ ނަންބަރެއްވެސް އެބައޮތް. އެގޮތުން، ބޭސް ލިބުމުގެ މި ދަތިތަކަށް، ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތް މި ދަނޑިވަޅުގައި، މި ގެނެވުނު ބޮޑު ބަދަލު، ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ކުރުމަށްޓަކައި، ކޮބައިތޯ ސަރުކާރުގެ މި އޮތް ޕްލޭނަކީ؟
ދެން ދެވަނަ ސުވާލަކަށް އަޅުގަނޑުގެ އޮތީ އާރު.ޑީ.ސީ.ގެ މަޝްރޫޢުތަކަށް ބޭނުންވާ ގިނަ އަދަދެއްގެ މެޝިނަރީޒް މިވަނީ މި މަހުގެ ފުރަތަމަ ހަފްތާގައި ގެނެވިގެން ގޮސްފައި. ދެން ޢުމްރާނީ ތަރައްޤީގެ ތާރީޚުގައި ފާހަގަކޮށްލަންޖެހޭ، މިއީ ދިވެހިރާއްޖޭގައި އެއްފަހަރާ މިހާ ގިނަ އަދަދެއްގެ އުޅަނދު ފަހަރާއި މެޝިނަރީޒް ގެނައި ފުރަތަމަ ފަހަރުކަން. އުޅަނދަކާއެކު މަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި، ކޮބައިތޯ ތަރައްޤީގެ މަޝްރޫޢުތަކަށް އަންނާނެ ޖުމްލަ ކުރިއެރުމަކީ؟ އަދި އެހެން ކުންފުނިތަކުގެ މަޝްރޫޢުތަކަށް މި ދުވެލި ގެނައުމުގައި ކުރެވޭ މަސައްކަތްތަކަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ބޮޑަށް ޝުކުރިއްޔާ. އާދެ، ފުރަތަމަ ސުވާލުގައި ދަންނަވާލަން އޮތީ، ސަރުކާރުން ބޭހުގެ މައްސަލަ ޙައްލުކުރުމަށްޓަކައި މިވަނީ މިހާރު މިކަމަށް ޚާއްޞަ ކުންފުންޏެއް އުފައްދާފައި. ސްޓޭޓް ފާމަސޫޓިކަލް ކޮމްޕެނީ. ނޫނީ ކުރުކޮށް، ސްޓޭޓް ފާމަރ. ސްޓޭޓް ފާމަރއިން އެދަނީ މި މައްސަލަ ޙައްލުކުރުމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ވަރަށް ބާރު ސްޕީޑްގައި ކުރަމުން. ތައްޔާރީތައް ވަމުން. ގުދަންތައް ހަދައި، ސިސްޓަމް ޤާއިމުކޮށް، ބޭސް ގެނައުން. ދެން މިހެންގޮސް ހުރިހާ ކަމެއް. ދެން އެސް.ޓީ.އޯ. އިން ކުރަމުންދިޔަ ބޭހުގެ ވިޔަފާރި، އަޅުގަނޑުމެން މަޑުމަޑުން ޓްރާންސްފަރ މިކުރަނީ ސްޓޭޓް ފާމަރއަށް. ކޮށް، އަދި އިރާދަކުރެއްވިއްޔާ އިތުރަށް ވަރުގަދަ މި ކުރަނީ. ދެން އުންމީދަކީ ވަރަށް ސްމޫތު ޕްރޮސެސްއަކުން ގޮސް، އެއްކޮށް މިކަން ޙައްލުވާނެ ކަމަށް.
ދެން އެންމެ ގިނައިން އަޅުގަނޑަށްވެސް ފާހަގަވި އެއްކަމަކީ، ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކުގެ ބޭސް ހޯދުމުގައި ހުރި ދަތިތައް. އަޅުގަނޑު ޑޯރ ޓު ޑޯރ އަށް ދާ ކޮންމެފަހަރަކުހެން ދިމާވޭ، ކޮންމެ ދުވަހަކުހެން މި ކަހަލަ ކޭސްއަކާ. އެހެންވީމާ، އެ މައްސަލަ ޙައްލުކުރުމަށް ވަރަށް އިސްކަމެއް އެބަދޭ ސްޓޭޓް ފާމަރއިން، ނިޒާމެއް ޤާއިމުކުރުމަށް. އެކިކަހަލަ ދާއިމީ ބަލިތަކަށް މަންތްލީ ބޭސް ބޭނުންވާ ފަރާތްތައް ތިބޭ. އެހެންވީމާ، އެއަށް ވަރަށް އިސްކަމެއްދެން. އަޅުގަނޑުމެން މިހާރުވާނީ ރަސްމީކޮށްވެސް ސްޓޭޓް ފާމަރއަށް އެކަމުގެ ޓާގެޓްތަކެއް ދީފައި. އިރާދަކުރެއްވިއްޔާ ރަނގަޅު ޙައްލެއް ގެނެސްދެވޭނެ.
ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ބޭހުގެ ވާހަކަ ދައްކާއިރުގައި، ދެންމެ އަޅުގަނޑު ކުރިން ފާހަގަކުރި ވެންޑަރުންނަށް ޕޭ ކުރާ ވާހަކަ. އޭގެތެރެއިން ބޮޑު އިންސައްތައަކީވެސް އެކިއެކި ފާމަސީތަކަށް ކޮށްފައި ހުރި ޕޭމަންޓްސް. އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދެން، ކޮންމެ ވީކަކު، ނޫނީވިއްޔާ މި ޕޭކުރާ ކޮންމެ ފަހަރަކު ޕޭ ކުރަން. ދެންމެ އަޅުގަނޑު މި ދަންނަވާލި 250 މިލިއަން، މިއީ ނެކްސްޓް ފިއު ޑޭޒްގެ ތެރޭގައި ޕޭ ކުރަން އޮތް 260 މިލިއަން ތެރެއިންވެސް ވަރަށް ބޮޑު އަދަދަކީ އާސަންދަ މެދުވެރިކޮށް، އެކި ފާމަސީތަކަށް ޕޭ ކުރަންހުރި ފައިސާ. އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަމެއްދެން ބޭހަށް ބޭނުންވާ އެހީތެރިކަން، ނޫނީވިއްޔާ ފައިސާ ދެއްކުމުގެ ކަންތަކުގައިވެސް.
އެހެންވީމާ، ދެންމެ ތިޔަ ވިދާޅުވިގޮތަށް، އަޅުގަނޑުމެން ސްޓޭޓް ފާމަރ ފަށާއިރު، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ގެންދެވޭނެ ގޮތަކަށް ކަންކަން ރާވާނީ. އެއީ، ހަމަ މިކަމަށް ހަންޑްރެޑް ޕަސެންޓް ފޯކަސްޑްކޮށް އުފެއްދި ކުންފުންޏެއް. މެޑިސިންއާއި، މެޑިކަލް ޑިވައިސަސް ހޯދައި، ރާއްޖޭގައި މިކަމުގެ ދަތިކަން ނާންނާނެ މިންވަރަށް މިކަން އެސްޓެބްލިޝް ކުރަން. އެހެންނޫނީ މި ވާގޮތަކީ، އެކި ޕްރައިވެޓް ފަރާތްތަކުން، ނޫނީވިއްޔާ ދެމެހެއްޓެނިވި ނޫންގޮތަކަށް މިކަން ކުރެވޭއިރުގައި، ރައްޔިތުންނަށް ލިބެންޖެހޭ ޔަޤީންކަން ނުލިބެނީ. އެހެންވީމާ، އެކަން ޙައްލުކުރެވޭނެ. ދެން ޕްރައިވެޓް ފަރާތްތަކުންވެސް މި މަސައްކަތުގައި ކުރިއަށްދެވޭނެ. އެއަކަށް އަޅުގަނޑުމެންނެއް ހުރަހެއްނާޅަން.
ދެން އާރު.ޑީ.ސީ.ގެ ކަންތަކުގައި ތިޔަ ވިދާޅުވި. އާދެ، އާރު.ޑީ.ސީ.އަކީ ސަރުކާރުގެ ވަރަށް މުހިންމު މަޝްރޫޢުތައް ހިންގާ ކުންފުންޏެއް. ޚާއްޞަކޮށް، މަގުހެދުމާ ގުޅޭ ހުރިހާ މަޝްރޫޢުތަކެއް ގާތްގަނޑަކަށް. ދެން އާރު.ޑީ.ސީ. އަޅުގަނޑުމެންނާ ހަވާލުވީއިރު އޮތީ ވަރަށް ބޮޑަށް އިނދަޖެހިފައި. އަމިއްލަ ކެޕޭސިޓީގައި މަސައްކަތް ކުރެވޭވަރުގެ އެއްވެސްކަހަލަ ފެންވަރެއް ނެތް. ދެން އެހެންވީމާ، ސަރުކާރުން އާރު.ޑީ.ސީ.އަށް މަގުފަހިކޮށްދިނީ، މި ކަމަށް ބޭނުންވާ މެޝިނަރީޒްތައް ހޯދަން. އެހެންވީމާ، މިހާރު އެ ހޯދި ތަކެތި ބޭނުންކޮށްގެން، ވަރަށް ބާރު ސްޕީޑްގައި އިރާދަކުރެއްވިއްޔާ، ޕެރެލަލީ އެކި ރަށްރަށުގައި މަސައްކަތް ހިނގާނެ. ދެން މިކަމަށް ބޭނުންވާ ވަރަށް ގިނަ މުވައްޒަފުންވެސް އެކި ރަށްރަށުގައި މިހާރު ނަގާފައި ވަނީ. ދެން ޓްރޭނިންގ ދިނުމުގެ މަސައްކަތް، އަޅުގަނޑު އެންމެފަހުން މިދިޔަ ހަފްތާގައި އަޅުގަނޑު ބަލައިލިން އަޕްޑޭޓްސް. އެކަމަކު މިއަދު އަންނަމުން ބަލައިލެވިފައެއް ނެތް. ޓްރޭނިންގ ޕްރޮގްރާމްތައް ހިންގާނެ، މި މެޝިނަރީޒް ބޭނުންކުރާނެ ގޮތުގެ. ދެން އިކްއިޕްމަންޓްސް ފޯރުކޮށްދިން ކުންފުނީގެ ފަރާތުން މީހުން އައިސްގެން، މުވައްޒަފުން ޓްރެއިންކޮށް، ޕެރަލަލީ ގިނަ ރަށްތަކެއްގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ ބާރު ސްޕީޑްގައި.
ދެންހުރި ކުންފުނިތަކަށްވެސް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް އެބަ ހިނގާ. މިސާލަކަށް، ވެމްކޯއަށް ބޭނުންވޭ ވަރަށް ގިނަ ތަކެތި. ވޭސްޓް މެނޭޖްމަންޓް މަރުކަޒުތައް ޤާއިމުކުރުމަށް. އަދި ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތަށް. އެހެންވީމާ، ވެމްކޯއަށްވެސް މިކަހަލަ މުހިންމު މެޝިނަރީޒްއާއި އިކްއިޕްމަންޓްސް ހޯދައިދިނުމަށް، ސަރުކާރުން މިހާރު މިވަނީ މަސައްކަތްތަކެއް ފަށާފައި. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން މި ބަލަނީ ސަރުކާރުގެ އެސް.އޯ.އީ.ތަކަށް ޚާއްޞަ އިސްކަމެއްދީގެން މަސައްކަތް ކުރެވޭތޯ.
އުސައިމީން އަޙްމަދު - ސީ.އެން.އެމް:
އަޅުގަނޑުގެ ސުވާލަކީ، މިހާރު މެންޓަލް ހޮސްޕިޓަލެއް އަޅާ ވާހަކަ ވިދާޅުވެއްޖެ ދެންމެގައި. ދެން އެ މެންޓަލް ހޮސްޕިޓަލް އަޅަން ކިހާވަރެއް ޚަރަދުވާނެކަމަށް ބެލެވޭތޯ؟ ދެން ކިހާ ދުވަހެއްތެރޭ އެޅިގެންދާނެ ކަމަށް ގަބޫލުކުރެވޭތޯ؟
ދެން ދެވަނަ ސުވާލަކީ، ކުރީގެ ތެލެސީމިއާ ސެންޓަރ، އެތާ ޖީ.ޕީ. ކުލިނިކެއް އަޅާ ވާހަކަ ބުނެފައި ވަނީ. ކިހާ ހިސާބެއްގެ ތެރޭގައި، އެ މަސައްކަތް ފެށިގެންދާނެ ކަމަށް ގަބޫލުކުރެވޭތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، މެންޓަލް ހެލްތު ހޮސްޕިޓަލް. އާދެ، އަޅުގަނޑުމެން ހަދާފައި އޮތް ބޭރުގެ ލޯނުގެ އެހީގެ ބޭނުމަށް ހުށަހެޅި ޕްރޮޕޯޒަލް، އެ ޕްރޮޕޯޒަލްގެ ޓޯޓަލް އަދަދަކަށް އޮތީ 18 މިލިއަން ޑޮލަރު އިނގޭތޯ. އެކަމަކު އެއީ ބޭރުގެ ލޯނު އެހީގައި ގެންދާގޮތަށް. ލޯކަލީ ކުރަންޏާ އިރާދަކުރެއްވިއްޔާ، މިއަށްވުރެ ކުޑަވާނެ. ގާތްގަނޑަކަށް 14,000 އަކަފޫޓުގެ ބިމެއް އަޅުގަނޑުމެން މީގައި މިވަނީ ޑިޒައިންކޮށްފައި، އޯޕަން ސްޕޭސް ހުރިހާ ކަމެއް ހިމަނާފައި. ލ. އަތޮޅު ގަމުގައި އަޅަން ނިންމާފައި އޮތްތަން. ދެން މިހާރު މާލެ އޭރިއާއިން، މާލެ ސިޓީގެ ސަރަޙައްދުން އަޅުގަނޑުމެން އައިޑެންޓިފައި ކޮށްފިން ގާތްގަނޑަކަށް މިވަރުގެ ބިމެއް. ރެޑިލީ ސްޓާޓް ކުރެވިދާނެ ބިމެއް އިނގޭތޯ. އެހެންވީމާ، އަޅުގަނޑު މި ދިން ދެ ފިގަރއަކީ، ބޭރުގެ އެހީގައި އެޅުމަށްޓަކައި ނިންމާފައިވާ ޢިމާރާތް، ނޫނީވިއްޔާ ފެސިލިޓީގެ ފިގަރސްތައް. ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު. ދެން ގާތްގަނޑަކަށް 14,000 އަކަފޫޓުގެ ބިމެއްގައި. ކުދިކުދި ވޭރިއޭޝަން އަންނާނެ އިނގޭތޯ، މިކަން ލޯކަލީ ކުރާއިރުގައި. ކޮންމެހެން 18 މިލިއަން ޚަރަދެއް ނުވެސްވާނެކަންނޭނގެ. އެއަށްވުރެ ކުޑަކުރަން އަޅުގަނޑު ގައިމުވެސް މަސައްކަތް ކުރާނަން އިނގޭތޯ. ވަރަށް ބޮޑުތަނުން ކުޑަވެސް ކުރެވިދާނެހެން ހީވަނީ. އަދި 14,000 އަކަފޫޓު، ދެން އޭރިއާ އަޅުގަނޑުމެން ބަލާނީ ވީހާވެސް ތަނަވަސްކުރަން. ކޮންމެގޮތެއްވިޔަސް، މި ކަހަލަ ފެސިލިޓީއެއްގައި ޖާގަ ތަނަވަސްވާންޖެހޭނެ. އެހެންވީމާ، ގާތްގަނޑަކަށް 14,000 އަކަފޫޓުގެ ބިމެއް މިހާރު އެއޮތީ އައިޑެންޓިފައި ކުރެވިފައި. އެހެންވީމާ، އެއީ އެ ކަންތައް އޮތްގޮތް.
ދެވަނަ ސުވާލު އަޅުގަނޑަށް ނޯޓުކޮށް ނުލެވުނު. ކީކޭތޯ ވިދާޅުވީ؟
އުސައިމީން އަޙްމަދު - ސީ.އެން.އެމް:
ކުރީގެ ތެލެސީމިއާ ސެންޓަރ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ތެލެސީމިއާ ސެންޓަރ ކުރިން ހުރި ތާނގައި. އަޅުގަނޑުމެން ޖީ.ޕީ. ކުލިނިކް ހަދަން މިހާރު އެވަނީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލުން މަސައްކަތް ފަށާފައި. އެތަނުގެ އިންޓީރިއަރ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ސިވިލް ވަރކްސް މަސައްކަތްތައް. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ކުރިއަށް އޮތް ގާތްގަނޑަކަށް ތިން މަސް، ނޫނީވިއްޔާ ހަތަރު މަސް ދުވަހުގެ ތެރޭގައި، އެތަން ނިންމާފައި ހުޅުވަން. އަދި ހަމައެއާއެކީގައި، ހުޅުމާލެ ފޭސް ޓޫގައިވެސް އެބަ ތަނެއް ތައްޔާރުވޭ. އަދި ފޭސް ވަންއިންވެސް މިހާރުވަނީ އަޅުގަނޑަށް އެނގިފައި އޮތް ގޮތުން، މަޢުލޫމާތު ލިބޭ ގޮތުގައި ތަނެއް ލިބިފައި. މި ތިން ތަން ކުރިއަށް އޮތް ތްރީ، ފޯރ މަންތްސްގެ ތެރޭގައި ނިންމާފައި ހުޅުވަން އިނގޭތޯ. އެހެންވީމާ، އެހެންގޮތަކަށް ދަންނަވަންޏާ، ޖުލައި މަސް ހިސާބަށްދާއިރު، ޖުލައި، އޮގަސްޓު ހިސާބަށްދާއިރު، އުންމީދަކީ އިރާދަކުރެއްވިއްޔާ މާލެސިޓީގައި ހުންނާނެއޭ ހަތަރު ޖީ.ޕީ. މިހާރު މާފަންނުގައި ހުރި ތަން. އޭގެއިތުރަށް އަދި އިތުރު ތިން ތަން. އެއީ ހެންވޭރުގައި އަދި ހުޅުމާލޭގައި ދެ ތަން. އުންމީދަކީ ހަތަރުތަން ހުޅުވަން.
އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވާނެ. އެއީ، ކޮންމެ މީހަކު ބޭނުމެއްނުވާނެ، ސްޕެޝަލިސްޓެއް ހޯދާކަށެއް އަދި ފުރަތަމަ ފަށައިގަންނައިރަކު. ދެން އެތާނގައި ހަމައެކަނި ޖީ.ޕީ.އެއް ނޫން ހުންނާނީ. ޕަބްލިކް ހެލްތުގެ ހުރިހާ ކަމެއް މި ޕްރައިމަރީ ހެލްތު ކެއަރގެ ވަރަށް ގިނަ ކަންތައްތައްވެސް ބަލަހައްޓާނެ. އެހެންވީމާ، އެ ހުރިހާ ކަމެއް ބެލެހެއްޓޭ ތަނަކަށްވާއިރުގައި، ވަރަށް ފަސޭހަވެގެންދާނެ، ލޯކަލީ މި ތަންތަން ޤާއިމުވެގެން ދިޔައިމާ. ދެން އަޅުގަނޑުމެން ކަނޑައަޅާފައި މިވަނީ، މާލެއިން ބޭރަށްވެސް ދާގޮތަށް. މާނައަކީ، ހުރިހާ ސިޓީތަކެއްގައި. އިރާދަކުރެއްވިއްޔާ ހުރިހާ ސިޓީތަކެއްގައިވެސް މި އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ޕްލޭންގެ ތެރޭގައި މިއޮތީ ޖީ.ޕީ. ކުލިނިކް ސަރވިސް ފަށަން. ދެން އެކްސްޕެންޑް ވެގެންދާނީ ނެކްސްޓް ފޭސްގައި އާރބަން ސެންޓަރތަކަށް. ހަތް ތަނަށް. އެހެންވީމާ، އެއީ ޕްލޭނަކީ.
ޖަޒްލާ މުޙައްމަދު މޫސާ - ގާފު އޮންލައިން.:
އަޅުގަނޑުގެ ސުވާލަކީ އާރު.ޓީ.އެލް.ގެ ޚިދުމަތް ހުރިހާ އަތޮޅެއްގައި ފެށި، މުޅި ރާއްޖެއާ އެއް ވިއުގައެއް ގުޅާލެވޭނެކަމަށް ލަފާކުރެވެނީ ކިހާތާކުތޯ؟ އަދި ލަސްކަމެއް މި އަންނަނީ ކީއްވެގެންތޯ؟ ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އާރު.ޓީ.އެލް.ގެ ޚިދުމަތަކީ، ވަރަށް މުހިންމު ޚިދުމަތެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މިހާރު އުޅޭނީ ގާތްގަނޑަކަށް ހަތަރު އަތޮޅުކަންނޭނގެ ބާކީ. މީގައި އަޅުގަނޑުމެންނަށް ދިމާވާ އެއް ދައްޗަކީ، ޕޭމަންޓް ޑިލޭސްތައް އަންނަނީ. ކުންފުނިތަކާ މަސައްކަތް ހަވާލުކޮށްގެން، މަސައްކަތް ކުރާއިރުގައި، ވަގުތުން މަސައްކަތް ނިންމާލަންޏާ، ދޭންޖެހޭ ޕޭމަންޓްގައި ޑިލޭސް އެބަ އާދޭ. ދެންމެ އަޅުގަނޑު މި ފާހަގަކުރީ، ލޯކަލް ވެންޑަރުންނަށް މިހާތަނަށްވެސް ޕޭކޮށްފީމޭ، މިތައް ބިލިއަން ރުފިޔާ. ޕޭ ކުރާއިރުގައިވެސް އެންމެ އެދެވޭ ގޮތެއްގައި އޮން ޓައިމް ޕޭ ނުކުރެވޭ. އެކަން އަޅުގަނޑުމެން އެންމެންނަށްވެސް އެބަ އެނގޭ ދޮގެއްތޯ. އެހެންވީމާ، އެންމެ އަވަހަށް ޕޭ ކުރެވޭނެ ގޮތަކަށް މި ދަންނަވަނީ އޮން ޓައިމް ޕޭ ކުރެވޭނަމަ، ޙަޤީޤަތުގައި މިއަށްވުރެ އަވަހަށް ނިމިފައި އޮންނާނީ.
ދެން މިހާރު ގޮސްފައި އޮތް ހިސާބުން އެކަމަކު އިތުރު ހިކަޕެއް ނައިސް ކުރިއަށްދާނެ. އެހެންވީމާ، ނެކްސްޓް ތްރީ، ފޯރ މަންތްސް، ދެން އެންމެ ލަސްވެގެން އޮގަސްޓު މަހާ ހަމައަށް، ޖުލައި، އޮގަސްޓާ ހަމައަށްދާއިރަށް މި ބަލަނީ، ބާކީހުރި ހުރިހާ އަތޮޅެއް ކަވަރ ކޮށްލެވޭނެ ކަމަށް. ދެން އޭގެ އިތުރަށް، އަޅުގަނޑުމެން ފަށާފައިވާ އަތޮޅުތަކަށް ބޭނުންވާ ސްޕެއަރ ވެސަލްސްތައްވެސް ހޯދަން އެބަ. ބްރޭކް ޑައުންވެސް ވާނެ ދޮގެއްތޯ. އިތުރު ސްޕެއަރ ވެސަލް ހޯދުންވެސް އެބައޮތް. އެހެންވީމާ، އެއާ އެކީގައި ކުރިއަށްދާނެ. އުންމީދަކީ، ބައި އޮގަސްޓް، ލޭޓެސްޓް ބައި އޮގަސްޓް، އިރާދަކުރެއްވިއްޔާ ހުރިހާ އަތޮޅެއް ކަވަރުވުން.
މަރްޔަމް ރަޝީދާ - ތީރު މީޑިއާ:
ދައުލަތުގެ ކުންފުނިތަކުން މީޑިއާތަކަށް ސްޕޮންސަރ ދިނުމުގައި ޢަމަލުކުރާނެ ހަމަހަމަ އަދި ހާމަކަންބޮޑު އުސޫލުތަކެއް ރައީސް އޮފީހުން ކަނޑައެޅުމުގެ އެއްވެސް ވިސްނުންފުޅެއް އެބައޮތްތޯ؟ ދެން ސިޔާސީ ނުފޫޒުން އެއްކިބާވެގެން ވަޒީފާތައް ދިނުމަށް ނިންމެވިފަދައިން، މިކަންވެސް ރައްޔިތުންނަށް ގަބޫލުކުރެވޭފަދަ އުސޫލެއްގެ ދަށުން ކުރިއަށް ގެންދެވިދާނެތޯ؟ ދެން އަދި ވަކި މީޑިއާތަކަކަށް ސްޕޮންސަރ ދިނުމަށް ރައީސް އޮފީހުގެ ބައެއް ބޭފުޅުން ކުންފުނިތަކަށް އަންގާފައިވާ ކަމަށް ބުނެ ފެތުރޭ ވާހަކަތަކަކީ ތެދެއްތޯ، ދޮގެއްތޯ، ސާފުކޮށްލަދެވިދާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، މީޑިއާތަކަށް ސަރުކާރު ކުންފުނިތަކަކުން އަޞްލު ސްޕޮންސަރ ދޭކަށް ނުޖެހޭނެ އިނގޭތޯ. އެއީ ކަން ކުރަންޖެހޭނެ ގޮތެއް ނޫން. އެހެންނަމަވެސް، ސަރުކާރުން މިވަނީ، އަޅުގަނޑު ވަޢުދުވީ ވަޢުދެއް ފުއްދަން ފަށާފައި މިހާރު. ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ދޭން ފަށާފައި. ދެން އެކަން ކޮންޓިނިއުވާނެ، ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް. ދެން ކުންފުނިތަކުން އަމިއްލައަށް އެ މީހުން އިސްނަގައިގެން، އެ މީހުންގެ ޕްރޮޑަކްޓްސްތައް އިޝްތިހާރު ކުރަންވެގެން، ނޫނީވިއްޔާ އެމީހުން ކުރާ މަސައްކަތް އިޝްތިހާރު ކުރުމަށްޓަކައި، މީޑިއާތަކާ އެކީގައި އެކިކަހަލަ އެގްރީމެންޓްސްތައް ހަދައިގެން، މީޑިއާ ޕެކޭޖްތައް ނަގައިގެން ކުރިއަށް ގެންދިޔުމަކީ، އެ ކުންފުނީގެ އަމިއްލަ ރައިޓެއް. އެކަން ހަމަ ޓްރާންސްޕޭރަންޓް ގޮތަކަށް، ޕްރޮފެޝަނަލް މިންގަނޑުތަކުން ކުރިއަށް ގެންދިޔައިމާ އަޅުގަނޑު ހިތުން ރަނގަޅުވާނެ.
ދެން ސަރުކާރުން، ނޫނީ އަދި އަމުދުން ރައީސް އޮފީހުން އެކަމުގެ ތެރެއަކަށް ނުވަންނާނެ. ވަންނަ ކަމަށްވަންޏާ، އެ ވެދެވަޑައިގަންނަވާ ބޭފުޅެއްގެ މަޢުލޫމާތު އަޅުގަނޑަށް ދެއްވުން އެދެން.
މަރްޔަމް ރަޝީދާ - ތީރު މީޑިއާ:
ދެން އަނެއް ސުވާލަކީ، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށް ގިރުމާއި، އުދައެރުމާއި، އަދި ފަރުތައް ހުދުވުންފަދަ މޫސުމީ ބޮޑެތި ނުރައްކާތަކަށް ރާއްޖެއިން މިހާރު މިދަނީ މެދުކެނޑުމެއްނެތި، އަޅުގަނޑުމެން ކުރިމަތިލަމުން. މިކަންކަމުގެ ސަބަބުން އަޅުގަނޑުމެންގެ ބިމުގެ ގާތްގަނޑަކަށް 80 ޕަސެންޓާއި، އާބާދީގެ ބޮޑު ބަޔަކަށްވަނީ ނުރައްކާވެފައި. މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި ހަކަތައާ ބެހޭ އާ ވުޒާރާއެއް މިހާރު އުފައްދަވާފައިވާއިރުގައި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތައް އަވަސްކުރުމަށާއި، ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް އަދި ދިގު މުއްދަތަކަށް އަޅުގަނޑުމެންގެ ރަށްތަކުގެ ރައްކާތެރިކަމާއި ސިޔާދަތު ކަށަވަރު ކުރުމަށްޓަކައި، 2026 ވަނަ އަހަރު ސަރުކާރުން އަޅުއްވާ ހަރުދަނާ ފިޔަވަޅުތަކަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، މޫސުމީ މައްސަލަތަކަކީ، ރާއްޖެ ކަހަލަ ކުދި ޤައުމުތަކަށް ވަރަށް ބޮޑު މައްސަލައެއް. ވީ އެޓް ދަ ރިސީވިންގ އެންޑް އަސްލު. ބޮޑެތި އެމިޓަރޒުން ކުރާ ނޭދެވޭ ކަންކަމުގެ އަސަރު ރާއްޖެކަހަލަ ކުދިކުދި ޤައުމުތަކަށް މި ކުރަނީ. ދެން ރާއްޖެއަކީ ވަރަށް ވޯކަލް ޤައުމެއް. އިންޓަރނޭޝަނަލް އެރީނާގައި މޫސުމީ ކަންތައްތަކުގައި. ސިޑްސްއަކީވެސް އެންމެ އިސް ދައުރެއް އަދާކުރާ އެއް ޤައުމު. ދެން ކޮންމެ ކޮޕް ސަމިޓެއްގައިވެސް ވަރަށް ބޮޑު ދައުރެއް އަދާކުރަން. އަދި މިހެން ހުންނަ ކޮންމެ ޕްލެޓްފޯމެއްގައިވެސް ވަރަށް މަސައްކަތް ކުރަން. ދެން ރާއްޖެ އެކަންޏަކު މިއިން އެއްވެސް ކަމެއްގައި ނަތީޖާއެއް ނުނެރެވޭނެ. ބައިލެޓެރަލީވެސް މަސައްކަތް ކުރަން އިނގޭތޯ. ހަމައެކަނި ބޮޑެތި ޖަމުޢިއްޔާތަކާ އެކީގައި އެކަންޏެއްނޫން މަސައްކަތް ކުރަނީ. ދެން މީގައި މި ބޭނުންވަނީ، ކަލެކްޓިވް އެފަރޓެއް މުޅި ގްލޯބަލް ލެވެލްއެއްގައި. ދެން ރާއްޖެއިން ރާއްޖޭގެ ދައުރު އަދާކުރަމުން ގެންދާނެ. މިއަދަކު ކުރަން ފަށައިގެން އުޅޭ ކަމެއްނޫން. މިއީ ހަމަ ކޮންމެ ސަރުކާރެއްގައިވެސް ވަރަށް އިސްކަންދޭ ކަމެއް. ރައީސް މައުމޫން ފެށްޓެވީ. އޭގެފަހުން އެންމެ ފުރަތަމަ ކުދި ޖަޒީރާތަކަށް މި މޫސުމީ މައްސަލަ ދިމާވުމާ ގުޅޭ ކޮންފަރެންސް ބޭއްވީވެސް ރާއްޖޭގައި. ރައީސް މައުމޫނުގެ ސަރުކާރުގައި. އެ ދުވަހުން ފެށިގެން އައި ކޮންމެ ސަރުކާރަކުން ވަރަށް އިސްކަމެއްދޭ ކޮންމެ ރައީސަކުވެސް. އެހެންވީމާ، އެއީ ރާއްޖޭގެ ވަރަށް މުހިންމު ސިޔާސަތެއް. އެކަން އަޅުގަނޑުމެންވެސް އެބަ ކުރިއަށް ގެންދަން. ދެން ސަރުކާރުން މަސައްކަތް ކުރާނީ މި އަޑު އުފުލުން ކުރިއަށް ގެންދިޔުމުގެ އިތުރަށް، އަޅުގަނޑުމެންގެ ފިސްކަލް ސިޗުއޭޝަން ޖާގަދޭ އެންމެ ބޮޑުމިނަކަށް އަޅުގަނޑުމެން އަމިއްލައަށް މަސައްކަތް ކުރެވޭތޯ. ޚާއްޞަކޮށް، ކްލައިމެޓް އެޑެޕްޓޭޝަން މަސައްކަތްތައް.
މާނައަކީ، މިސާލަކަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ހިންގުން. ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ކަނޑައެޅިން. ޓާގެޓެއް އޮންނާނެ ބަޔާންކޮށްފައި، މިތައް މަސް ތެރޭގައި، މިހާ ރަށެއްގެ މަސައްކަތް ނިންމާނެ ކަމަށް. ގޮނޑުދޮށް ހިމާޔަތްކުރަން އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭ، ކުރެވެން އޮތް މެކްސިމަމް ކެޕޭސިޓީއެއްގައި.
އޭގެއިތުރަށްވެސް، ވަރަށް ގިނަ ކްލައިމެޓް އެޑެޕްޓޭޝަން މަޝްރޫޢުތައް އެބަހުރި ކުރިއަށް ގެންދަން. އަޅުގަނޑުމެންގެ ތިމާވެށި ހިމާޔަތްކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނެ. ފެހިކަން އިތުރުކުރުމަށް ފަސް މިލިއަން ގަހުގެ މަޝްރޫޢެއް ފެށީ.
އޭގެއިތުރަށް، އަޅުގަނޑުމެންގެ ކުނި މެނޭޖްކުރުމުގެ މައްސަލަ ހައްލުކުރުމަށް، ކޮންމެ ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތަކެއް ޤާއިމުކުރުމުގެ މަސައްކަތް މިއޮތީ ފެށިފައި.
ދެން، އެގޮތަށް، ކޮންމެ ދާއިރާއަކުންވެސް. އަޅުގަނޑުމެން މި ބަލަނީ، އިއާދަކުރަނިވި ހަކަތަވެސް ރާއްޖޭގައި އިތުރުކުރަން ދޮގެއްތޯ؟ އެހެންވީމާ، އެކަމަށްވެސް އެބަ މަސައްކަތް ކުރެވޭ. އަދި، ރާއްޖެ މިހާރު އިތުރަށް މިއޮތީ ހުޅުވައިލާފައި އިންވެސްޓަރުންނަށްވެސް، ސޯލަރ ޕަވަރ އަދި އެހެނިހެން ރިނިއުބަލް ސޯސަސް އޮފް އެނަރޖީއަށް އިންވެސްޓް ކުރުމަށް. އަދި، ބައިލެޓްރަލީ އެކި ޤައުމުތަކާ އެކީގައިވެސް މިކަމުގައި މަސައްކަތް އެބަ ކުރަން. އަދި، އެމް.ޑީ.ބީ.ތަކާ އެކީގައިވެސް، ވަރލްޑް ބޭންކް ކަހަލަ، އެކި ޤައުމުތަކާ އެކީގައިވެސް، މި ދާއިރާއިން މަސައްކަތް އެބަ ކުރަން.
އެހެންވީމާ، ވަރަށް މަސައްކަތް އެބަ ކުރެވޭ. އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީގައި ކުރެވޭ ހުރިހާ ކަމެއްވެސް ރަނގަޅަށް، ނަތީޖާ ނެރުމާ ހަމައަށް އިރާދަކުރެއްވިއްޔާ ގެންދާނަން. އަދި އަޅުގަނޑުމެން ގްލޯބަލީ ކުދި ޤައުމުތަކުން މިއުފުލާ އަޑުގައިވެސް، އިރާދަކުރެއްވިއްޔާ ނަތީޖާ ލިބިގެންދާނެ.
ޝުކުރިއްޔާ!
މާހަތު ޙުސައިން ރަޝީދު - ސަންގު ޓީ.ވީ:
އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ، ވަޒީރުންނާ ގުޅޭގޮތުން. ވަޒީރުންނާ ގުޅޭގޮތުން އެ ނިންމުން އައިއިރު، ނުވަތަ ވަކިވުމާއި، ވަކިކުރުމާ، އެހާ ހިސާބަށް ދިޔައިރު، ރައީސް އޭގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި އޮންނާނެ، ރައްޔިތުންގެ ވިންދާ އެއްގޮތަށް، މި ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ގެންނަވާނެ ކަމަށް. އެއަށްފަހު، ދާދިފަހުން މީގެ އެއް ދުވަސް، ނުވަތަ ދެ ދުވަސްވަރު ކުރިން މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި، ޗީފް ސްޕޯކްސްޕަރސަން، މުންދު ވިދާޅުވެފައިވޭ، ޕަރފޯމް ނުކުރެވޭ ވަޒީރުންނޭ އެއީ، ނުވަތަ ޕަރފޯރމަންސްތައް ބަލަމުން ގެންދާނެ ކަމަށް. ރޭގައި ފެނިގެންދިޔަ، އޭގެތެރެއިން ދެ ބޭފުޅަކު މަގާމުތަކަކަށް ޢައްޔަން ކުރެވިގެންދިޔަ ތަން. އަޅުގަނޑުގެ ސުވާލަކީ، ޕަރފޯމް ނުކުރެވޭ ކަމަށްވާނަމަ، އެ ބޭފުޅުން އަނެއްކާ އިތުރު މަގާމުތަކަކަށް ޢައްޔަންކުރެވިގެން މިދިޔަ ސަބަބަކީ ކޮބައިތޯ؟
އަދި ހަމައެއާއެކީގައި، މިނިސްޓްރީތަކަށް މި ގެނައި ބަދަލަކީ، ޚަރަދުކުޑަކުރުމުގެ ގޮތުންނާވެސް އެކީގައި ގެނެވުނު ބަދަލެއްކަމަށްވުމާ އެކީގައި، އިތުރު ވަޒީފާތަކެއް ކަމަށްވާނަމަ، އެއީ އިތުރުވެގެންދާ ޚަރަދެއް. އެހެންވީމާ، ކޮބައިތޯ އެފަދަ ގޮތަކަށް ނިންމި ސަބަބަކީ؟ އަދި ހަމައެއާއެކީގައި، ވަކިކުރި ވަޒީރުން އެހެން މަގާމުތަކަކުންތޯ ފެނިގެންދާނީ؟ ސަބަބަކީ، މިހާރުވެސް ބައެއް ކުންފުނިތަކުގެ މަގާމުތަކެއް ހުރީ ހުހަށް ކަމަށްވުމާ އެކީގައި.
ދެވަނަ ސުވާލަކީ، މީގެ ދެތިން ދުވަސްވަރު ކުރިން، ހޯމް މިނިސްޓަރ އިޙްސާން ބައިވެރިވެވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހާމަކުރި މަޢުލޫމާތުތަކެއްގެ ސަބަބުން، އާންމުންގެ ތެރޭގައި ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އައި ސޯޝަލް މީޑިއާގައިވެސް، ހަމައެކަނި އާންމުން އެކަންޏެއްވެސް ނޫން. އެފަދަ އެކިއެކި ކަންތައްތައް ތަހައްމަލުކުރަމުންދާ ފަރާތްތައް، ނުވަތަ އެފަދަ މަޢުލޫމާތުތައް ޙިއްޞާކުރުމަށްޓަކައި ގުޅާ ފަރާތްތަކުގެ ކަންބޮޑުވުންތަކެއް އައި. ޕަރސަނަލް އިންފޮމޭޝަންސްތަކެކޭ ޢާންމުވެގެން އެދަނީ. އެ ޢާންމުކުރިއިރުގައި، މީގެކުރީގައި ހިނގާފައި ހުރި ކަންތައްތަކަށް ބަލާއިރު، ސީ.ސީ.ޓީ.ވީ. ޢާންމުކުރުމާއި، ނޫސްވެރިންނާ ސީދާ ކްލޯސް ޑޯރއެއްގައި ސީ.ސީ.ޓީ.ވީ. ދެއްކުމާ، މިކަހަލަ ކަންތައްތަކެއްވެސް ފެނިގެން ގޮސްފި. އަޅުގަނޑުގެ ސުވާލަކީ، ރައީސް އެއްވެސްވަރަކަށް ގަބޫލުފުޅުކުރައްވަންތޯ، ބައެއްގެ އެފަދަ ޒާތީ މަޢުލޫމާތުތަކެއް ހާމަކަންބޮޑު ގޮތެއްގައި، ޢާންމުކުރުމަކީ އެންމެ ރަނގަޅު ގޮތެއްތޯ؟ ސަބަބަކީ، މިއީ އެންމެ ފުރަތަމަ ކަމަކަށް ނުވާތީވެ. މީގެކުރިންވެސް ހަމަ މިފަދަ ގޮތަކަށް މަޢުލޫމާތުތަކެއް ހާމަވެފައި ހުރުމުގެ ސަބަބުން.
ޝުކުރިއްޔާ!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް ރަނގަޅު، މުހިންމު ދެ މައުޟޫޢެއްގައި ތިޔަ ސުވާލު ކުރެވެނީ.
އާދެ، ސިޔާސީ މަގާމުތަކުން މީހުން މަދުކޮށް، ސަރުކާރުގެ ޚަރަދު ކުޑަކުރުމަކީ، އަޅުގަނޑު ސާފުކޮށް މި އަންނަނީ ދަންނަވަމުން މި ވާހަކަ އިނގޭތޯ. އެގޮތަށް އެކަން ކުރިއަށް ގެންދަން ނިންމައިގެން. ދެން، އިއްޔެގައި، ނޫނީވިއްޔާ މިއަދު މަޢުލޫމާތު ތިޔަ ލިބިލައްވާފައި އޮތް ތިން މަގާމު. މިހާރު މީގައި މި ވާގޮތަކީ، ސަރުކާރުގެ ބައެއް މަގާމުތައް މިހިރީ ހުސްކޮށް. އެމްބެސެޑަރުން ޢައްޔަންކުރުމުގެ މަގާމުތައް، ނޫނީ ހައިކޮމިޝަނަރުންނަށް މީހުން ޢައްޔަންކުރުމުގެ މަގާމުތައް. ދެތިން ހަތަރު ހައިކޮމިޝަނަރުންގެ މަގާމަށް އެބަޖެހޭ މީހުން ޢައްޔަންކުރަން. ދެން، ޑިޕްލޮމެޓިކް ޕްރޮސީޖަރ، ޕްރޮޓޮކޯލް އޮންނަގޮތުން، ވަކި ޕްރޮސެސްއެއް އޮވޭ ކޮމްޕްލީޓް ކުރަން. އެ ހުށަހެޅޭ ޤައުމު، ނޫނީވިއްޔާ ޢައްޔަންކުރަން އަޅުގަނޑުމެން މި ހުށަހަޅާ ޤައުމުން އެ މީހަކު ގަބޫލުކުރުން، އެގްރީމޯ ދިނުން، މަޖިލީހުން ފާސްކުރުން، މިކަހަލަ ގިނަ ޕްރޮސީޖަރަކުން ގޮސް، އެމްބެސެޑަރއަކަށް، ނޫނީވިއްޔާ ހައިކޮމިޝަނަރއަކަށް ވެވެނީ. އެހެންވީމާ، އެގޮތުން، ތިން ޤައުމަކަށް ހައިކޮމިޝަނަރުން ގޮތުގައި ފޮނުވުމަށް، އެ ތިން ބޭފުޅުން މިހާރު އެ ޢައްޔަންކުރެވިފައިވާ މަގާމަށް އެވަނީ ޢައްޔަންކުރެވިފައި. އެއީކީއެއް އިތުރު މަގާމުތަކެއް ނޫން. އެޑިޝަނަލް އެއްވެސް މަގާމެއް ނޫން. ހުސްވެފައި ހުރި، ނޫނީވިއްޔާ ޢައްޔަންކުރަންހުރި ޕޮޒިޝަންސްތަކަކަށް މީހުން ލަނީ މި.
ސަރުކާރުގެ ޕޮލިޓިކަލް އެޕޮއިންޓީޒުންގެ އަދަދު މަދުކުރުމަށް، އަދި ސަރުކާރުގެ ޚަރަދުކުޑަކުރުމަށް ނިންމި ނިންމުން، ހަމަ ވަރަށް ސްޓްރިކްޓްލީ ތަންފީޒު ކުރެވިގެންދާނެ. މިނިސްޓްރީތައް މަދުކުރުން އެއީ، އޭގެ ފުރަތަމަ ސްޓެޕް. މިނިސްޓަރުންގެ ބައެއް ޒިންމާތައް އިތުރުކޮށްފައި، މިނިސްޓަރުންގެ އަދަދު މަދުކޮށް، މިނިސްޓްރީތައް މަދުކުރީ، އޭގެ ފެށުމެއް ގޮތުގައި. މިހާރު އެބަ ހިނގާ ކޮންމެ ދުވަހަކު، އިދާރީ ވަރަށް ގިނަ މަސައްކަތްތައް. 15 މިނިސްޓްރީއަށް މިހާރު މަދުކުރެވިފައި އޮތްއިރުގައި، ކުރީގައި 20 މިނިސްޓްރީ. އެހެންވީމާ، ފަސް މިނިސްޓްރީ މަދުވެގެން މިދިޔައީ. އެހެންވީމާ، މިއިން ކޮންމެ މިނިސްޓްރީއެއްގައި ތިބޭނެ، ޕޮލިޓިކަލް އެޕޮއިންޓީޒުންގެ އަދަދު ކަނޑައަޅައި، މުޅި ސަރުކާރުގެ މިނިސްޓްރީތަކުގައި ތިބި ޕޮލިޓިކަލް އެޕޮއިންޓީޒުން މަދުކުރުމުގެ ޕްރޮސެސް އެބަ ހިނގާ މިހާރު އިނގޭތޯ. ހަމަ އެ ދުވަހުން ފެށިގެން ނުހުއްޓި، ކޮންމެ ދުވަހަކު ހިނގާ ކަމެއް. އިންކްލޫޑިންގ ވީކްއެންޑްސް ހަމަ އެބަ ހިނގާ އިނގޭތޯ. ރައީސް އޮފީސް ތެރޭގައި އެ މަސައްކަތް ބާރަށް އެބަ ހިނގާ. އެ ޕްރޮސެސް ނިމުނީމަ، މީގެތެރެއިން ވަރަށް ގިނަ ބޭފުޅުން ދޫކޮށްލެވޭނެ. ވަޒީފާ އުވިގެންދާނެ. އެހެންވީމާ، އެ ޕްރޮސެސް ނިމި، އިރާދަކުރެއްވިއްޔާ އެ ތަފުޞީލުތައް، ކޮންމެ މިނިސްޓްރީއެއްގައި ކިތައް މަގާމުތޯ، ކިތައް މީހުންތޯ ތިބީ، މި ހުރިހާ ތަފުޞީލެއް، އިރާދަކުރެއްވިއްޔާ ނިމުނުހާ އަވަހަކަށް، އަޅުގަނޑުމެން އިޢުލާނު ކުރަމުންދާނަން. އެހެންވީމާ، ސަރުކާރުގެ ސައިޒް ކުޑަކުރުމުގެ މަސައްކަތް އެބަ ހިނގާ. ދެން ޕަރފޯމަންސް ބޭސްޑްކޮށް، ޖުމްލަކޮށް މުވައްޒަފުންގެ އަދަދު މަދުކުރުން، އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. ކުރީ ދުވަހުވެސް އަޅުގަނޑު ދެންނެވިން. ވަޒީފާއަށް ވަގުތަށް، އޮން ޓައިމް ހާޒިރުވުމާއި، ގަޑިއަށް ހާޒިރުވުމުގެ އިތުރަށް، ހާޒިރީ، އިން ޖެނެރަލް ރަނގަޅަށް ހުރުމާއި، ހަވާލުކުރެވޭ މަސައްކަތް ރަނގަޅަށް ކުރުމާ، މިފަދަ އެތައް ކަމަކަށް އަޅުގަނޑުމެން އެބަ ބަލަން. ހަވާލުކުރެވޭ ޒިންމާތައް އަދާކުރަމުންދާ ގޮތް.
ދެން، މިނިސްޓަރުން ގޮތުގައި ތިއްބެވި ބޭފުޅުން ވަކިކުރުމުގައިވެސް، ހަމަ ޕަރފޯމަންސަކީ އެއް ކަންތައް. އަދި، އެހެން ކަންތައްތައްވެސް އަޅުގަނޑުމެން ބަލާފައި ހުންނާނީ. އަޅުގަނޑު ބޭނުންވީ، ސަރުކާރުގެ ސައިޒް ކުޑަކުރަން. ކޮންމެ ބޭފުޅަކު ވަކިކުރީކީ ޕަރފޯމަންސް ދަށްވެގެނެއް ނޫން. ހަމަ ވަރަށް ރަނގަޅަށް މަސައްކަތް ކުރެއްވި ބޭފުޅުންވެސް އެބަ ތިއްބެވި އިނގޭތޯ. ވަރަށް ޚިދުމަތްތެރި، ރަނގަޅަށް މަސައްކަތްކުރެއްވި. އެހެންނަމަވެސް، ސަރުކާރުގެ ސައިޒް ކުޑަކޮށް، ސަރުކާރު މަސައްކަތް ކުރަމުންދާގޮތް ބަދަލުކުރުމަށް، ނޫނީވިއްޔާ މަސައްކަތްކުރާ ސިސްޓަމް ބަދަލުކުރުމަށްޓަކައި، އަޅުގަނޑު ނިންމި ބަދަލުތަކެއް އެއީ. އެހެންވީމާ، ކޮންމެ ކޮންމެ ބޭފުޅަކީ، މަސައްކަތަށް ފަރުވާކުޑަވެގެން، ނޫނީވިއްޔާ މަސައްކަތް ނުކުރައްވައިގެން، ވަޒީފާއިން ވަކިކުރި ބޭފުޅެއް ނޫން. ނޫނީވިއްޔާ ވަޒީފާއިން އެ ބޭފުޅަކު ރިޒައިން ކުރީކީ ނޫން. އެއީއެއް ނޫން، އެއިން ކޮންމެ ބޭފުޅަކު ވަކިވެފައިވާ ރީޒަންއަކީ.
ދެން، އެމްބަސީތަކަށް، ނޫނީ ހައިކޮމިޝަންތަކަށް، ބޭފުޅުން ޢައްޔަންކުރުމަށްޓަކައި، އެއްފަހަރާ އެއް ދުވަހަކު ކުއްލިއަކަށް، މިވެނި ޤައުމެއްގެ އެމްބެސެޑަރެއްގެ ގޮތަކަށް ޢައްޔަނެއް ނުކުރެވޭ. އެހެންވީމާ، އެމްބެސެޑަރ އެޓް ލާރޖްގެ މަގާމަށް ޢައްޔަންކޮށްފައި، ދެން އެގްރިމޯ ލިބުނީމަ، ނޫނީވިއްޔާ އެ ޤައުމުގެ ފަރާތުން ގޯ އަ ހެޑް ލިބުނީމަ، ދެން ޢައްޔަންކުރުން ކުރިއަށް ގެންދެވޭނީ. އެއީކީ އިތުރު މަގާމުތަކެއް ނޫން. އިތުރެއްނުވާނެ. މި ސަރުކާރުގެ ސިޔާސީ މަގާމުތައް މަދުވެގެންދާނީ، މި ދެންނެވިހެން، ވަރަށް ބޮޑުތަނުން އިރާދަކުރެއްވިއްޔާ، މި ދެންނެވި އިދާރީ މަސައްކަތްތައް ނިމޭއިރުގައި. ޕޮލިޓިކަލް އެޕޮއިންޓީޒުންގެ އަދަދު ވަރަށް ކުޑަވެގެންދާނެ. އެހެންވީމާ، އެ ޕްރޮސެސް އެގޮތަށް އެބަ ހިނގާ. އެއެއް ބަދަލެއްނުވޭ.
ދެން، ޕަރސަނަލް އިންފޮމޭޝަން ޝެއަރކުރުމުގެ ކަންތައް. އަޅުގަނޑު ގަބޫލުކުރާގޮތުގައި، މުޅި މުޖުތަމަޢު އެއް ވިސްނުމެއްގައި، އެއް ރޫޙެއްގައި ހިނގަންޏާ، ޕަރސަނަލް އިންފޮމޭޝަން އެއްވެސްވަރަކަށް ޝެއަރކުރަން އެވާ މަޖުބޫރުވުންވެސް، މަޖުބޫރެއް ނުވާނެ. މި ދަންނަވާ ވާހަކައަކީ، މިހާތަނަށް ސަރުކާރުގެ، ދެންމެ ތިޔަ ފާހަގަކުރެއްވި ދެ ކޭސްގައި ކަމަށްވަންޏާ، މަޖުބޫރީ ހާލަތަކަށް ދިޔައީ، ކޮންމެވެސްވަރެއްގެ މަޢުލޫމާތުކޮޅެއް ދޭން. އެކަމަކު، އެއީކީވެސް ރަނގަޅު ކަމެއް ނޫން. އެވެސް ނުދީ ވާނެގޮތް ވާންޖެހޭނެ. އަޅުގަނޑުމެންގެ ތެރެއިން އެ އަންނަ ޑިމާންޑް އަންނަނީ، ގޯސްކޮށް ކަމެއްކޮށްފައޭ މި އޮންނަނީ ކޮންމެވެސް މީހަކު. އެކަމާ ހަވާލުވެފައި ހުރި މީހާ، ނޫނީވިއްޔާ އޭނާގެ ދަށުން މަސައްކަތްކުރި މީހާ. ކޮންމެވެސް މީހަކު ގޯސް ހަދައިފި. ފުރަތަމަވެސް ގޯސް ހެދިކަމަށް މި ނިންމަނީ. ނިންމީމަ ވާގޮތަކީ، އަޅުގަނޑު މި ކިޔައިދެނީ. އެއްވެސް މީހަކު ޑިފެންޑެއް ނުވެސް ކުރާނަން. މިއީ އަންޑަރސްޓޭންޑް ކޮށްދޭންވެގެން. އެ މަސައްކަތް ކުރަން ހުންނަ ކުއްޖާ، ނޫނީ އާދައިގެ ވަޒީފާގައި ހުންނަ ކުއްޖާ، އޭނާ ގޯހެއްނަހަދާ ކަމަށްވަންޏާ، އޭނާ ވަރަށް ބޮޑު ޕްރެޝަރަކަށް އެބަދޭ. ދެން، އޭނާގެ ޢާއިލާ އޭގެ ސަބަބުން ނުރައްކަލަކަށްވެސް އެބަދޭ. މިކަހަލަ ސިޗުއޭޝަން އެބަދޭ. އެ އޭންގަލުންވެސް ބަލަންޖެހޭ. އެހެންވީމާ، މިކަހަލަ ވަރަށް އުނދަގޫ ސިޗުއޭޝަނަކަށް ދޭ، އަޅުގަނޑުމެންގެ ތެރޭގައި، އެއް ވިސްނުމެއް ނެތީމާ. އެންމެންގެވެސް ވިސްނުން އެބަ ހުންނަންޖެހޭ، ކޮންމެ މީހެއްގެވެސް ރައިޓްތަކެއް އެބަ އޮންނަކަން، ޙައްޤުތަކެއް އޮންނަކަން، އެއީ ޙިމާޔަތްކުރަންޖެހޭ އެއްޗެއްކަން. ތިމަންނަގެ ޙައްޤު ހިމާޔަތްކުރަންޖެހޭ ގޮތަށް. ތިމަންނަގެ ސިއްރުތައްވެސް ސިއްރުވާންޖެހޭނެކަން. އެގޮތަށް، އެމީހާގެވެސް ސިއްރުވާންޖެހޭނެކަން.
އެހެންވީމާ، އެކުއްޖާގެ ކޭސްގައި އެ ދުވަހު، އަޞްލުގައި ހަމަ އެއްވެސް މަޢުލޫމާތެއް ނުދީ ވާންޖެހޭ ކަމެއް. އެކަމަކު، އެކަމުގައި މަސައްކަތްކުރި ފަރާތްތަކަށް ހަމަ އެއައި އިލްޒާމުތަކާއި، ސޯޝަލް މީޑިއާގައި ޚާއްޞަކޮށް، ފަތުރަމުންދިޔަ ގިނަ ވާހަކަތަކުގެ ސަބަބުން، އެކަމުގައި އުޅުއްވި ބޭފުޅުން ހަމަ ލިމިޓެޑް މަޢުލޫމާތުކޮޅެއް ދެއްވީ. އެކަމަކު، އަޞްލު ދީގެން ނުވާނެ. އިންޓަރނޭޝަނަލް މިންގަނޑުތަކުގައި ކަމުދާކަމެއް ނޫން އެއީކީއެއް. މި ޕްރޮފެޝަންގައި މަސައްކަތް ކުރައްވާ ބޭފުޅުންވެސް ގަބޫލުކުރައްވާ ކަމެއް ނޫން. އަދި އަޅުގަނޑުވެސް ގަބޫލެއްނުކުރަން އެކަން އެގޮތަށް ކުރަންޖެހޭނެ ކަމަކަށް. އެ މަޢުލޫމާތު ދީގެންވާނެ ކަމަކަށް. އެކަމަކު، އެ ދޭންޖެހުނު މިންވަރަކުން ދިނީވެސް، ނޫނީވިއްޔާ އެ ދޭން މަޖުބޫރުވީވެސް، އެ ޕްރެޝަރ ވަރަށް ބޮޑަށް އައިސްގެން. އައީމަ ވީގޮތަކީ، މިހާރު އެކަމުގައި މަސައްކަތްކުރި ޕޮލިހުންގެ ތެރޭގައި، ނޫނީވިއްޔާ އެކަމުގައި އުޅުއްވި މުވައްޒަފުންވެސް އެތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގައި. އެ މީހުންގެ ކުދިވެރިން ސްކޫލަށް ދިޔުމާ، މި ހުރިހާ ކަމެއްގައި، އެ ކުދިންނަށްވެސް ވަރަށް ބޮޑު ބިރުވެރިކަމެއް އައިސްފައި އޮތީ.
އެހެންވީމާ، މިކަހަލަ ވަރަށް ގިނަ ނޭދެވޭ ހާލަތަކަށް މިދަނީ، އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަންޖެހޭ އެއް ވިސްނުމެއް ނެތީމާ. އެންމެންގެވެސް ޙައްޤު އެއްވަރުކަން. ކޮންމެ މީހެއްގެވެސް އޮތީ، ތިމަންނައަށްވެސް އޮތްވަރުގެ ޙައްޤެއްކަން. ތިމަންނަގެ ޙައްޤު މާބޮޑެއް ނޫންކަން އަނެކަކަށްވުރެ. ތިމަންނަގެ އަބުރު އަނެއްމީހާއާވެސް އެއްވަރަކަށްކަން އޮތީ، ހިމާޔަތް ވާންޖެހޭކަން. އެހެންވީމާ، އެކަން އަޅުގަނޑުމެންގެ ތެރޭގައި ގަބޫލުކުރި ދުވަހަކުން، މިކަހަލަ ކަންކަން އެވޮއިޑް ވެގެންދާނީ. މިއީ، ވަރަށް ބޮޑަށް ސީރިއަސްކޮށް ވިސްނަންޖެހޭ ކަމެއް. މިއީ، ވަކި މީހަކަށް ޚާއްޞަ ވާހަކައެއް ނޫން. ނޫސްވެރިން، ތިޔަބޭފުޅުންވެސް، އަދި ޢާންމު ރައްޔިތުންވެސް، އަދި ޖުމުލަކޮށް އެންމެންވެސް ވިސްނަންޖެހޭ ކަމެކޭ. އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އޮތީ، ހަމަ ސޭމް ރައިޓްސްކަން، އަޅުގަނޑުމެން ކޮންމެ މީހަކުވެސް އެބަޖެހޭކަން، އަނެކާއާމެދުގައި ވިސްނަން، އެއްވަރަކަށް. އެ އެކަކު އަނެކަކަށް އަޅައިލުން އަންނަ ދުވަހަކުން، އަޅުގަނޑުމެންގެ މުޖުތަމަޢު ރަނގަޅުވާނީ.
ދެން، އަޅުގަނޑު މިތާ ލެކްޗަރެއް، ނޫނީވިއްޔާ މިކަމުގައި ތަފްޞީލުތަކެއް، ތަޤްރީރެއް ގޮތަށް ދޭކަށް ބޭނުމެއް ނޫން. ދީނީ ހަމަތަކުން ބެއްޔަސް، އެކަން އޮތް ގޮތް އެއީ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ ވިސްނަން. ރަސޫލާ صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَގެ ޙަދީޘްގައިވެސް އެ އޮންނަނީ، "މުސްލިމަކީ އޭނާގެ އަތާއި ދުލުގެ ނުބައިކަމުން އަނެއް މުސްލިމާ ސަލާމަތްވެގެންވާ މީހާއޭ." ސަލާމަތްވެގެންވާ މީހާއޭ، އަތާއި ދުލުގެ ނުބައިކަމުން. އެހެންވީމާ، ތިމަންނަގެ އަތުން ކުރެވޭ ކަމަކުން، ނޫނީވިއްޔާ ތިމަންނަގެ ދުލުން ބުނެވޭ އެއްޗަކުން، އަނެއް މުސްލިމަކަށް އެއްވެސް ކަހަލަ ނުރައްކަލެއް އައިސްފިއްޔާ، ތިމަންނަ ދީނީގޮތުންވެސް އެއޮތީ މައްސަލަޖެހިފައި. އެހެންވީމާ، މިއީ ވިސްނަންޖެހޭ ކަންކަން. ސަތޭކަ ޕަސެންޓް އިސްލާމީ ޤައުމެއް.
އެހެންވީމާ، އެ ހާލަތަށް އަޅުގަނޑުމެންގެ ޤައުމު، އަޅުގަނޑުމެން ގެންދާކަމަށްވަންޏާ، އަޅުގަނޑުމެންގެ އަތުން ފައިން ގޯސް ހެދޭނެ. އެ ދުވަހު އެ ޑީޓެއިލް ދޭން ބޭނުންވެގެނެއް ނޫން ދީނީކީއެއް. އަނެއްކާ ކުރިއަށް އޮތްތާނގައި، އަޅުގަނޑު އޮންނާނީ މިހާރު އަންގާފައި، އެވަރަށްވެސް، ކިތަންމެ ޕްރެޝަރަށް ދިޔަޔަސް ނުދޭށޭ ޑީޓެއިލް. އޭގެ ސަބަބުން ސްޕައިރަލް ވަނީ، ވަރަށް ނުރައްކާތެރި ކަމެއް. އޭގެ ސަބަބުން ވަރަށް ގިނަ ކޯލްސްތައް އައި އެ ކޭސްގައި، ނޫނީވިއްޔާ އެ ސިޗުއޭޝަންގައި ތިބި އެތައް ކުދިންނެއް، އެ ލައިނަށް ގުޅައިގެން ހެލްޕް ހޯދި. ސްޕައިރަލްވި. އަދި ތިޔަބޭފުޅުންނާ، އެކި ބޭފުޅުން މި ވާހަކަތައް، އެއްކަލަ ކީކޭތޯ ދަންނަވާނީ، ސަސްޕިޝަސް ވާގޮތަކަށް ދެއްކުނީމަ، ވާގޮތަކީ، ނުބައި ނިޔަތުގެ ކަމަކަށް ނުވެދާނެ. ދެއްކުނީމާ، އެއްކަލަ ހިތްވަރު ލިބެނީ އަނެއްކާވެސް. އަޅުގަނޑު އަނެއްކާ މިހެން ވާހަކަދައްކަންވެސް އެބަ ބިރުގަނޭ އަޞްލު. މީގެ ސަބަބުންވެސް ބަޔަކު އަނެއްކާވެސް، އިތުރަށް މިކަމުގައި ވިސްނަފާނެތީވެ. އެހެންވީމާ، ވަރަށް ވިސްނަންޖެހޭ ކަމެއް މިއީ. ވަރަށް ވަރަށް ޑެލިކޭޓް ސިޗުއޭޝަނެއް މިއީ އަޞްލުގައި.
އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އެންމެންގެ ޙައްޤު އެއްވަރަކަށް އޮތްކަން ގަބޫލުކުރާ ބަޔަކަށްވާން. އެކަމަކު، އަޅުގަނޑުމެންނަށް މި ވާގޮތަކީ، ގޮސިޕް ފެތުރުން ވަރަށް ބޮޑަށް މި އޮންނަނީ، ވައިލްޑް ފަޔަރހެން ފެތުރޭ. ފެތުރިގެންދާއިރުގައި، އެތައް ބައެއްގެ ޢާއިލާތައް އެބަ ހަލާކުވޭ. އެތައް ދަރިންނެއްގެ ޙައްޤުތައް އެބަ ގެއްލޭ. ކޮބައިތޯ، އެ މީހުންގެ އެ ޙައްޤު ގެއްލުނީމަ، އަޅުގަނޑުމެންނަށް އޭގައި ކޮށްދެވުނު ކަމަކީ؟ އެހެންވީމާ، އެގޮތަށް ވިސްނާ ދުވަހަކުން، އަޅުގަނޑުމެންގެ ކަންކަން ރަނގަޅުވާނީ. ޑިފެންޑް ކުރަނީކީ ނޫން. ކަންވީގޮތް މި ދެންނެވީ.
އެހެންވީމާ، ކުރިއަށް އޮތްތާނގައިވެސް، އަޅުގަނޑުމެން ވާން އެބަޖެހޭ، މިކަހަލަ ކަމެއް ދިމާވީމާ، ފުރަތަމަ ޕަބްލިކަށް ނުކުންނަން ނަހަދާ، މިހާރު ނޫސްވެރިން ކުރައްވަންޖެހޭނެ ކަމެއް، އެކަން ބެއްލެވުން. އެހެންވީމާ، ތިޔަބޭފުޅުން މިސާލަކަށް، މިކަހަލަ ކަމެއް ދިމާވާ ދުވަހަކުން، އިންޓަރނަލީ މިސާލަކަށް، ފުލުސް އިދާރާ، ނޫނީވިއްޔާ އެހެން މުއައްސަސާއެއް، އެކަމެއް ދިމާވި ތަނަކަށް ގުޅައިގެން، ނޫނީވިއްޔާ އެތަނަށް ގޮސްގެން މަޢުލޫމާތު ހޯދައި، މީގެ ސެންސިޓިވިޓީއަށް ބަލައިގެން، ބޭރަށް ނުނެރެ، އިހަށް ބަލަން ހިނގާށޭ. އޭރުންނޭ މިކަހަލަ ކަންކަން، މި ދެންނެވި ސިޗުއޭޝަންތައް އެވޮއިޑްކުރެވޭނީ. އޭރުން ދެން މިސާލަކަށް، ގޯސް ހެދީއޯ، ލެޓްސް ސޭ، ގޯސް ހެދި ސިނާރިއޯ، އޮތީ މުއައްސަސާއިން ގޯސްހަދާފައި މިސާލަކަށް. އެހެން ވެއްޖިއްޔާ، ދެން އޮންނާނެތާ، ޤާނޫނުގައި، ނޫނީވިއްޔާ ނިޒާމުގައި އެ މީހަކާ ދޭތެރޭގައި ފިޔަވަޅުއަޅާނެ ގޮތް. އޭރުން، އެ ނިޒާމުން ހިނގާށޭ ދާން. ޕަބްލިކަށް ނުކުތީމާ، މިގޮތަށް، ވަލްނަރަބަލް ސިޗުއޭޝަންގައި ތިބޭ ކުދިންނަށް ހިތްވަރު ލިބެނީ އެ ލައިން ކްރޮސްކުރަން. ދެން، އަޅުގަނޑަށް މިވަރަށް މި ވާހަކަ ދެއްކޭނީ. އަޅުގަނޑުމެން ވާންޖެހޭނެ ވަރަށް ޒިންމާދާރު ބަޔަކަށް. އޭރުން އިރާދަކުރެއްވިއްޔާ، މި ޤައުމުގައި މިކަހަލަ ހިތާމަވެރި ހާދިސާތައް އެވޮއިޑް ކުރެވޭނީ. ދެން، ސަރުކާރުން މަސައްކަތް މި ކުރަނީ، އިރާދަކުރެއްވިއްޔާ ހުރިހާ ބޭފުޅުންގެ އެހީތެރިކަމާ އެކީގައި، ޓޯޓަލް ސޮލިއުޝަނެއް ގެނެވޭތޯ. އެއީ، ޓްރީޓްމަންޓް ވައިސް ގެނެވޭނެ ސޮލިއުޝަންތަކާއި، މުޖުތަމަޢުގައި ހުރި ކަންކަން ޙައްލުކުރުމުގައި ގެނެވޭނެ ސޮލިއުޝަންތަކާ.
އެހެންވީމާ، ދެންމެ އަޅުގަނޑު ޕްރެސް ކޮންފަރެންސް ފަށަމުން ދެންނެވި ފަދައިން، ޚިދުމަތް ދިނުމުގައި އިތުރަށް ފުޅާކުރުމާއި، މުއައްސަސާތައް ޤާއިމުކޮށްދިނުން، ހޮސްޕިޓަލްތައް އެޅުމާއި، މިކަންކަން ކުރުމާ، މިފަދަ އެތައް ކަމެއް މި ކުރަނީ. މިއީ، އެންމެން ގުޅިގެން ކުރެވޭނެ ކަމެއް އިނގޭތޯ. އެހެންވީމާ، އެންމެން ގުޅިގެން މަސައްކަތްކުރަމާ ހިންގަވާ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.
ދެން، އެ ސުވާލަށް ޖަވާބުދިނުމަށްޓަކައި ވަރަށް ގިނައިރު ހޭދަވެއްޖެ. ދެން، އަޅުގަނޑު ބަލާނަން، ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަތު ދެވޭތޯ.
އާދެ، ނެކްސްޓް.
މުޙައްމަދު މުޒައްޔިން ނާޒިމް - ދައުރު:
ޝުކުރިއްޔާ ރައީސް.
އަޅުގަނޑު މިއަދު ސުވާލަށް ދިޔުމުގެ ކުރިން އަހާލަން ބޭނުންވޭ، އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސްގެ ސަމާލުކަމަށް ގެނައިން، އެމް.އޭ.ސީ.އެލް. އިން މަސައްކަތެއް ނުކޮށް، ބަޔަކަށް މުސާރަ ދެމުންދާ ކަމަށް ބުނާ ވާހަކައާއި، އަދި އެމް.ޓީ.ސީ.ސީ. ޓެކްސީ އެޕްގެ މައްސަލައިގައި، ރައީސް އެ ދުވަހު ވިދާޅުވީ، ރައީސްގެ ސަމާލުކަމަށް އައިސްފައި ނެތްކަމަށް. ނޫސްވެރިން ރައީސްގެ ސަމާލުކަމަށް އެ ދުވަހު އެ މައްސަލަ ގެނައުމުން، މިހާރު އޭގެ އަޕްޑޭޓެއް އެބައޮތްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު ވާނީ ތިކަން ބަލަން ދެފަރާތަށްވެސް ދަންނަވާފައި. އަދި، އޭގެފަހުން ނުލިބޭ އަޕްޑޭޓެއް.
މުޙައްމަދު މުޒައްޔިން ނާޒިމް - ދައުރު:
އާދެ، މިއަދު އަޅުގަނޑުގެ ސުވާލަކީ ރައީސް، 20 ނޮވެންބަރު 2024 ގައި، ޤާނޫނުއަސާސީއަށް މި ގެނައި ހަވަނަ އިޞްލާޙުގެ ދަށުން، ޕާޓީން މަޖިލީސް މެންބަރަކު ކަނޑާލުމުން، އަދި އޭނާ އަމިއްލައަށް ވަކިވުމުން، އެ މެންބަރެއްގެ ގޮނޑި ގެއްލޭގޮތަށް އިޞްލާޙު ގެނައި. ރައީސް އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި، މި ރެފަރެންޑަމް ވޯޓުގައި ރައްޔިތުން ދިން އެއް މެސެޖެކޭ އެއީ، ޤާނޫނުއަސާސީއަށް އެގޮތަށް ކުއްލި ކުއްލިއަށް ބަދަލު ގެނައުމަކީ، ރައްޔިތުން އެހާ އެދޭ ކަމެއް ނޫން ކަމަށް. މި އިޞްލާޙު، ހަވަނަ އިޞްލާޙުވެސް މިއީ، އެއް ދުވަސް ތެރޭގައި ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙެއް. މި އިޞްލާޙާ ގުޅޭގޮތުންވެސް ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި. މި އިޞްލާޙުގައިވާ ގޮތުން، މިހާރު ޕާޓީން، ސިޔާސީ ޕާޓީއަކުން ބޭނުންވެއްޖެ ހިނދެއްގައި، ރައްޔިތުން އިންތިޚާބުކުރާ މަންދޫބު ކަނޑާލުމުގެ ފުރުޞަތު އެބައޮތް. މިދިޔަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އެ ދުވަހު ވިދާޅުވީ، ޕާޓީއަކުން ބޭނުންވާއިރެއްގައި، އެގޮތަށް ޕާޓީން ކަނޑާލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނޭ. މިވީހާތަނަށް، ޤާނޫނަށްވެސް އެއްވެސް އިޞްލާޙެއް ނެތް. ކޮބައިތޯ މިހާރު ރައީސްގެ ސްޓޭންޑަކީ؟ މި ހަވަނަ އިޞްލާޙު އަނބުރާ އިއާދަކުރުމުގެ ވިސްނުމެއް އެބަ ގެންގުޅުއްވަންތޯ؟ ނޫނީވިއްޔާ ޕާޓީން އެ މަޖިލިސް މެންބަރަކު ބޭނުންވާއިރަށް ކަނޑާލުމުން، އެގޮތަށް މަޖިލިސް މެންބަރުކަން ގެއްލޭގޮތަށް އޮތުން، ރައީސް މިހާރު އަދިވެސް ތާއީދުކުރަންތޯ؟ ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ތިޔަ މައްސަލައަކީ، މިހާރު ކޯޓުގައި ހިނގަމުންދާ މައްސަލައެއްވީމާ، އެކަމުގައި އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނެތިން މި ވަގުތަކު.
މުޙައްމަދު މުޒައްޔިން ނާޒިމް - ދައުރު:
ރައީސް، މިދިޔަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ޕާޓީން ބޭނުންވާއިރަކަށް ކަނޑާލުމުން، އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް. ޤާނޫނުއަސާސީއަށް އެ ބަދަލު ގެންނަން ހުށަހަޅުއްވާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މިހާރު ކޯޓުގައި ހިނގަމުންދާ މައްސަލައެއްވީމާ، އަޅުގަނޑު ތިކަމަށް އެއްޗެއް ދަންނަވާކަށް ނެތިން.
މުޙައްމަދު މުޒައްޔިން ނާޒިމް - ދައުރު:
އަޅުގަނޑުގެ ދެވަނަ ސުވާލަކީ ރައީސް، ސުވާލަށް ހުޅުވައިލުމުގެ ކުރިން، ރައީސް ދަރަންޏާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ، 21 ދުވަސް ތެރޭގައި، 924 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް. ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު. 2 އެޕްރީލްގައި، 524 މިލިއަން ޑޮލަރު، އެއީ ސުކޫކް ޕޭމަންޓް. ދެން، 23 އެޕްރީލްގައި 400 މިލިއަން ޑޮލަރު، އާރު.ބީ.އައި. ކަރެންސީ ސްވޮޕް ފެސިލިޓީ. މި ދަރަނި ދެއްކުމުގައި، އެއްވެސްވަރަކަށް އިތުރު ދަރަންޏެއް ނަގާފައިވާނެތޯ، މި ދަރަނި ދެއްކުމަށްޓަކައި؟ އަދި، ކަރެންސީ ސްވޮޕްގައި އެއްވެސްވަރަކަށް އިންޓްރެސްޓެއް އަރާފައިވޭތޯ؟ ޖުމްލަ ކިހާވަރެއްތޯ ދައްކާފައިވަނީ؟ މި ދެ ދަރަނި ދެއްކުމަށްވެސް، ދައުލަތުގެ ރިޒަރވުން ނަގައިގެންތޯ ދައްކަވަނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ތިޔަ އިންޓްރެސްޓް ރޭޓާއި، ތިޔަ ޑީޓެއިލްސް ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑު އަތަކު ނެތް މި ގަޑީގައި އިނގޭތޯ. އަޅުގަނޑަށް ނޭނގޭ މަޢުލޫމާތެއްވީމާ، ފިނޭންސް މިނިސްޓްރީ، އަދި ޚާއްޞަކޮށް، އެމް.އެމް.އޭ.އިން އަޅުގަނޑުމެން ސާފުކޮށްލާފައި، އަޅުގަނޑު ދަންނަވާނަން، މިކޮޅުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓަށް، ތިޔަ މަޢުލޫމާތު ސާފުކޮށް ފޯރުކޮށްލައިދިނުމަށް.
އިންޑިއާގެ ސްވޮޕްގެ އައި.އެން.އާރު. ތަރޓީ ބިލިއަންގެ ސްވޮޕެއް އެބައޮވޭ. މިހާރު އަޅުގަނޑުމެން އެކްޓިވޭޓް ކޮށްފައި އިނގޭތޯ. އަޅުގަނޑުމެންގެ ގްރޮސް ރިޒަރވް ވަކިވަރަކަށް ބެހެއްޓުމަކީ މުހިންމު ކަމަކަށްވާތީ، އަޅުގަނޑުމެން އެދުނީ. އެދިގެން، އެ ސްވޮޕް އެވަނީ އެކްޓިވޭޓް ކޮށްފައި. އެކަމަކު، އަޅުގަނޑުމެން ފޯރ ހަންޑްރެޑް މިލިއަން މިވަނީ އަނބުރާ ދައްކާފައި. ދެން، އަޅުގަނޑުމެން ކަލްކިއުލޭޓް ކޮށްފައި، އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ، އިންޑިއާއިން އެ ފޯރުކޮށްދޭން ހުށަހަޅާފައި، އޭރުގައި އޮތް އެ ފެސިލިޓީގެ ބޭނުންހިފުން މުހިންމު ކަމަށް، އަޅުގަނޑުމެންގެ އިޤްތިޞާދީ ހާލަތަށް ބަލާއިރުގައި. ދެން، ކުރިން ވިދާޅުވި، އެ ޑީޓެއިލްސްތައް، އިންޓްރެސްޓް ރޭޓް ކަހަލަ ޑީޓެއިލްސް، އަޅުގަނޑު ދަންނަވާލާނަން، މަޢުލޫމާތު ހޯދާލާފައި ފޮނުވައިލަދޭށޭ އިނގޭތޯ.
ޢާއިޝަތު މަލްޝާ - ޖަވިޔަނި ނިއުސް:
އަޅުގަނޑު އެބައޮތް ދެ ސުވާލެއް. ފުރަތަމަ ސުވާލަކީ، މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ ފެނަކައިގެ ދަށުން ހިންގަމުންދިޔަ ބައެއް އަތޮޅުތަކުގެ ޚިދުމަތްތައް އެކީގައި ސްޓެލްކޯއަށް ބަދަލުކޮށްފައި. މި ބަދަލުގެ މައިގަނޑު ބޭނުމަކީ ކޮބައިތޯ؟ އަދި ސަރުކާރުގެ ވިސްނުމަކީ، ފެނަކަ ކުޑަކޮށްލުންތޯ؟
ހަމައެއާއެކު، މަނިކުފާނު ވެރިކަމުގެ ކުރީކޮޅުގައި ގެންގުޅުއްވި ވިސްނުންފުޅެއް އެއީ، ބައެއް ކުންފުނިތައް އެއްކޮށްލުމާއި، ސަރުކާރު ކުންފުނިތަކުގެ އަދަދު މަދުކުރުން. އޭގެތެރެއިން ދެ ކުންފުންޏެއްވަރު މިހާރު ވަނީ އެއްކޮށްލާފައި. އިތުރު ކުންފުނިތައް އެއްކޮށްލުމުގެ، ނުވަތަ އުވާލުމުގެ ވިސްނުންފުޅެއް އެބައޮތްތޯ؟
ދެން، ދެވަނަ ސުވާލަކީ، މި ފެށޭ މަހުގެ ކުރީކޮޅު، މަނިކުފާނު ލަންކާއަށް ވަޑައިގަންނަވާނެ ކަމަށް، އެ ޤައުމުގެ ނޫސްތަކުގައިވޭ ރިޕޯޓްކޮށްފައި. ލަންކާގެ މީޑިއާތަކުން ބުނެފައިވޭ، މަސްވެރިކަމާ ގުޅޭ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާތައް ހިނގަމުންދާ ކަމަށް. ލަންކާއަށް ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައިވޭތޯ މި ފެށޭ މަހު؟
ޝުކުރިއްޔާ!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ޝުކުރިއްޔާ!
ފެނަކަ އާދެ، ފެނަކަ ކުޑަކުރަން ބޭނުންނުވަންޏާ، މަދެއް ނުކުރާނެތާ، އެ މީހުންގެ ދަށުގައި ހުރި ތަންތަނެއް. ފެނަކައަކީ ވަރަށް ބޮޑަށް ދަރާފައި އޮތް ކުންފުންޏެއް އެއީ، އަޅުގަނޑުމެންނާ ހަވާލުވީއިރުގައިވެސް ދޮގެއްތޯ؟ އެންމެ ބޮޑަށް ދަރާފައި އޮތް ކުންފުނި އެއީ. އަނެއްކާ އޯޑިޓް ރިޕޯޓްވެސް ވަރަށް ގޯސްކޮށް އޮތީ، އޭރުގެ ސަރުކާރުން ކޮށްފައި ހުރި ކަންކަން އައިސްފައި. އެހެންވީމާ، ފެނަކަ ސަލާމަތްކުރާ ކަމަށްވަންޏާ، އެއީ ވަޔަބަލް ކޮމްޕެނީއަކަށް ހަދަންޏާ، އެބަޖެހޭ ޚަރަދުކުރާވަރު ކުޑަކުރަން. ދެން އެހެންވީމާ، އަޅުގަނޑުމެން ނިންމީ، ސްޓެލްކޯއާއި، ފެނަކައާ ދެ ކުންފުނީގެ ދޭތެރޭގައި، ބައެއް އިޚްތިޞާޞްތަކަށް ބަދަލުތަކެއް ގެންނަން. އެހެންވީމާ، މާލޭގެ އުތުރުން ބައެއް އަތޮޅުތަކާއި، ދެކުނުން ބައެއް އަތޮޅުތައް، ސްޓެލްކޯގެ މިހާރުގެ ސްކޯޕްގެ ތެރެއަށް މި އިތުރުކުރީ. ކުރީމާ، ފެނަކައަށް އެބަ މަދުވޭ، ޚަރަދުކުރަންޖެހޭ ހިސާބުތައް. ފަންސަވީހަކަށް ރަށް އަޅުގަނޑަށް ހީވަނީ. މަދުވީމާ، އެ ކުންފުންޏަށް މިހާރު ފައިދާވާ ތަންތަނުން، ނޫނީވިއްޔާ އާމްދަނީ ގިނައިން ލިބޭ ތަންތަނުން ލިބޭ ކަމަށްވަންޏާ، ކުރަންޖެހޭ ޚަރަދު ކުޑަވީމާ، އޯވަރޯލްކޮށް ޕްރޮފިޓަކާ ހަމައަށް، ނޫނީވިއްޔާ ބްރޭކް އީވެންއަކަށް ދާންވެސް ފަސޭހަވާނެ ދޮގެއްތޯ؟ އެހެންވީމާ، ދެން ވަރަށް ކްރޫޑްކޮށް މި ދަންނަވާލީ. މާނައަކީ ކުންފުނި ރަނގަޅު ހިސާބަކަށް ގެންދިޔުމަށް އެޅި ފިޔަވަޅެކޭ މިއީ. ދެން، މުވައްޒަފުންވެސް މަދުވާނެ. ކުރީ ދުވަހުގެ ޕްރެސްގައި ދަންނަވާލިން ދޮގެއްތޯ؟ އެވްރެޖްކޮށް، ތަރޓީ ތްރީ ޕަސެންޓް ރިޑަކްޝަނަކަށް، މި ހުރިހާ ކުންފުންޏަކަށް ވާނީ މިހާރު، ޕީ.ސީ.ބީ.އިން އަންގާފައިކަން، އެކަން ކުރެވެންހުރި ހުރިހާ ކުންފުންޏަކުން ކުރަން. އޭގެތެރޭގައި، ފެނަކަ ވާނީ އެއް ކުންފުންޏަކަށް. ގިނަ މުވައްޒަފުން ތިބި ތަންތަނުން ކޮންމެގޮތެއްވިޔަސް، އެ އަދަދު ހާސިލުކުރަން ފަސޭހަވާނެ. އެކަން އެގޮތަށް ދާނެ. އެހެންވީމާ، ސްޓެލްކޯއަށް މި އިތުރުކުރެވުނީ، މާލެ ކައިރިން، ނޫނީ މެދުރާއްޖެތެރޭގެ އިތުރު ދެތިން އަތޮޅު.
އެހެންވީމާ، ރިފޯމް ޕްރޮސެސްގެ ތެރެއިން، އެސް.އޯ.އީ. ރިފޯމްގެ ތެރެއިން ހިނގާ ކަމެއް އެއީ. އިތުރު ރިފޯމްތައް އެބައޮތްތޯ؟ އާދެ، އެބައޮތް، އިތުރަށް އަދި ކުރިއަށް އޮތްތާނގައި، ބައެއް ކުންފުނިތައް މަރޖް ކުރެވިގެންދާނެ. ބައެއް ކުންފުނިތައް އުވާލެވިގެންދާނެ. އެ ޕްރޮސެސް ކުރިއަށްދާވަރަކުން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މީޑިއާއަށް ޙިއްޞާ ކުރަމުންދާނަން. ބޭނުމަކީ، ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، އެފިޝަންޓް ކުރުން.
އާދެ، ބޭރު ޤައުމުތަކުގެ ދަތުރުތައް، ޚާއްޞަކޮށް ސްޓޭޓް ވިޒިޓްސްއަކީ، ޑިޕްލޮމެޓިކް ވަކި ޕްރޮޓޮކޯލެއް އޮންނަ ކަމެއް. ސްޓޭޓް ވިޒިޓެއްގައިވިއްޔާ މި އޮންނަނީ، ދެ ޤައުމުގެ ފޮރިން މިނިސްޓްރީން މި ކަނޑައަޅަނީ، އެއް ދުވަހެއް، އެއް ގަޑިއެއްގައި، ދެ ޤައުމުން މި އިޢުލާނުކުރަނީ، ގަބޫލުކޮށްފައި އޮންނަ، އެގްރީވެފައި އޮންނަ ޓެކްސްޓެއް. މިވެނި ޤައުމެއްގައި، މިވެނި ޤައުމެއްގެ ވެރިޔަކު ސްޓޭޓް ވިޒިޓެއްގައި ދަތުރުކުރަން ނިންމައިފިއޭ. މި ދަތުރުގައި އޮތީ މިވެނި ކަމެކޭ ކިޔާފައި އޮންނަ ބަޔާނެއް. އެހެންވީމާ، ސްޓޭޓް ވިޒިޓަކާ ގުޅޭގޮތުން އޮންނަ ޕްރޮސީޖަރއިން، އެކަން އަޅުގަނޑުމެންނަށް އިޢުލާނުކުރެވޭނީ. އެހެންވީމާ، އިތުރު ތަފްޞީލެއް ނެތް ދެވޭކަށް. ވަރަށް ބޮޑަށް ސޮރީ. އޭގެ މަޢުލޫމާތު ނުދޭކަށް ނޫން އެކަމަކު.
އާދެ، ނެކްސްޓް.
އަޒާން ބިން މޫސާ އާދަމް - ފިޔަ އޮންލައިން:
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ދުނިޔޭގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފާހަގަކުރާ މާލީ ދަތިތަކުން އަރައިގަތުމަށް، ސަރުކާރުން އަޅުއްވަމުން ގެންދަނީ ކޮން ފިޔަވަޅުތަކެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ޚަރަދު ކުޑަކުރަންވެގެން މިހާރު، މި މިނިސްޓްރީތަކާއި ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް ފަށާފައިވާ މަސައްކަތް، އެންމެ ބޮޑު އެއް ކަންތައް. އެއިން އެންމެ ބޮޑު އިމްޕެކްޓެއް އަންނާނީ. ދެން އޭގެއިތުރަށް، ފިނޭންސް މިނިސްޓަރ އިޢުލާނުކޮށްފިކަންނޭނގެ، ދަތުރުތައް މަދުކުރުމާއި، ދެން، މިހެންގޮސް ހުރި ބައެއް ޚަރަދުތައް ކުޑަކުރުން. އަޅުގަނޑުމެންގެ ތެރޭގައި ޑިސްކަސް ކުރެވޭ، ވަރަށް ގިނަ އެހެން ކަންތައްތައްވެސް އިނގޭތޯ. ބޭރުގެ ބައެއް ޤައުމުތަކުގައި، މިސާލަކަށް، މުވައްޒަފުން މަސައްކަތްކުރާ ދުވަސްތައް އެބަ މަދުކުރޭ، ގަޑި މަދުކުރޭ. އެވެސް އަޅުގަނޑުމެން އެބަ ހިސާބު ޖަހަންދެން، ނޫނީވިއްޔާ މި ކަލްކިއުލޭޝަން އެބަ ހައްދަވާ. މިހާރު އޭގައި ހުރީ، ކޮބައިތޯ ޕްރޯޒް އެންޑް ކޯންސްއަކީ. މިސާލަކަށް، ކޮންމެ ދުވަހެއްގެ އެއްގަޑިއިރު މަދުކުރީ މިސާލަކަށް، ނޫނީވިއްޔާ އެއް ދުވަސް ބަންދުކުރީ. އޭގައި ހުރީ ފައިދާތޯ، ގެއްލުންތޯ ޚަރަދުވައިސް، އެފިޝެންސީ ވައިސް، ނަތީޖާ ވައިސް، ދޮގެއްތޯ. މިހިރަ ކަންކަން ބަލަންޖެހޭނީ. ސޯ އިޓްސް އެން އޮންގޮއިންގ ޕްރޮސެސް.
އަޒާން ބިން މޫސާ އާދަމް - ފިޔަ އޮންލައިން:
އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން މުވައްޒަފުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ޒުވާނުންނަށް ވަޒީފާގައި ފުރުޞަތު ފަހިކޮށްދިނުމާއި، ޤައުމީ ތަރައްޤީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭނަކީ ކޮބައިތޯ؟ ޝުކުރިއްޔާ!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ކުރީ ދުވަހު އަޅުގަނޑު ދަންނަވާލިން، ގާތްގަނޑަކަށް، މިހާރު ސީދާ އަދަދެއް ނޭނގެ، ޓޫ ފިފްޓީ ވަރަކަށް މިލިއަން ރުފިޔާގެ އެސް.އެމް.އީ ޑިޖިޓަލް ލޯން ފެސިލިޓީޒް ދޮގެއްތޯ. ކުދި، އަދި އެންމެ ކުދި، އަދި މެދުފަންތީގެ، މީޑިއަމް، ސްމޯލް އަދި މައިކްރޯ ސައިޒްގެ ވިޔަފާރިތައް ކުރުމަށްޓަކައި މިދޭ ލޯނުތަކެއް ދިނުމުގެ މަސައްކަތް އަދި އިތުރު ލޯނުތަކެއްގެ ވާހަކަ. މީގެ ބޭނުމަކީ، ޒުވާނުންނަށް ޚާއްޞަކޮށް އަދި ޖުމްލަކޮށް ހުރިހާ ފަރާތްތަކަށް، ޕްރައިވެޓް ސެކްޓަރ ތެރޭގައި މަސައްކަތްކުރުމުގެ ޖާގަ ފުޅާކުރުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި، އެކަހަލަ އިތުރު ކަންކަން ކުރިއަށްދާނެ. އެކިކަހަލަ ވިޔަފާރިތަކުގެ ތެރެއަށް ވަނުމަށް. އަދި އޭގެ އިތުރަށް، ސަރުކާރުގެ ނޫނިއްޔާ ސްޓޭޓް ލެވެލްގެ މިހިރަ އެކިކަންކަމުގެ ތެރޭގައި، ބަސްބުނުމުގެ ފުރުޞަތުވެސް އިތުރުކުރަން އަޅުގަނޑުގެ ސިޔާސަތު މިއޮތީ ދޮގެއްތޯ. އޭގެތެރޭގައި މިސާލަކަށް، މަޖިލީހުގައި ކުރިއަށް އޮތްތާނގައި ޤާނޫނަށް ގެނެވޭ ބަދަލަކުން ޒުވާނުންނަށް ވަކި އިންސައްތައެއް އެމް.ޕީސް.އިން ގޮތުގައިވުމަށް ފުރުޞަތު ދިނުން، މިސާލަކަށް ދޮގެއްތޯ. ހަމަ އެފަދައިން، އަންހެން ބޭފުޅުންނަށްވެސް ވަކި އިންސައްތައެއް ކަނޑައެޅުން. މިކަހަލަ ކަންތައްތަކެއް މިހިރީ އަޅުގަނޑު ހުށަހަޅާފައި، ނޫނިއްޔާ އެކަމުގެ މަޝްވަރާއަށް މިވަނީ ހުޅުވާލާފައި މިހާރު. އަޅުގަނޑު ބޭނުންވަނީ ޒުވާނުންނަށް ޤައުމުގެ ކަންކަން ބައްޓަންކުރުމުގައި، ހުރިހާ ލެވެލެއްގައި ފުރުޞަތު އިތުރުވެގެންދިޔުން. އަންހެން ބޭފުޅުންނަށް ހުރިހާ ލެވެލެއްގައި މިފަދަ ފުރުޞަތު އިތުރުވެގެންދިޔުން. އިރާދަކުރެއްވިއްޔާ އެމަގުން ކުރިއަށް ގެންދާނަން. އާދެ!
މުޙައްމަދު އަޚްތަރު - ހުވަދޫ މީޑިއާ:
السَّلاَمُ عليكم.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
وَعَلَيْكُمُ السَّلاَمُ.
މުޙައްމަދު އަޚްތަރު - ހުވަދޫ މީޑިއާ:
އަޅުގަނޑުގެ ސުވާލަކީ، ދުނިޔޭގައި މިހާރު ކުރެވެމުންދާ ހަނގުރާމައާ ގުޅިގެން، ތެލުގެ އަގުތަކަށް ދިމާވާ މައްސަލަތަކެއް އެބަހުރި އިނގޭތޯ. އަދި އެކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއްވެސް ކުރައްވާ. އެހެންނަމަވެސް، މިވާގޮތަކީ، އަތޮޅުގެ ބައެއް ރަށްތަކުގައި، މުޅި ރާއްޖޭގެ އެހެން ރަށްތަކުގައި އެފް.އެސް.އެމް.ގެ އެ ޝެޑްތައް ބެހެއްޓި، އެތަންތަނުން ޕެޓްރޯލް އަދި ޑީސަލް ވިއްކަމުންދާއިރު، އެ ބައުޒަރުތައް ނުހުންނަ ރަށްތަކުގައި، ޢާންމު ފަރާތްތަކަށް ތެޔޮ ލިބުމުގެ ދަތިތަކެއް އެބަހުރޭ. އެހެންވުމުގެ ސަބަބުން މިވާގޮތަކީ، ޢާންމު ރައްޔިތުން ޕްރައިވެޓްކޮށް ހިންގާ ތަންތަނުން ވަރަށް ބޮޑު އަގުގައި، ޚާއްޞަކޮށް، ލޯންޗްފަހަރުތަކަށް ތެޔޮ ދެނީ އިނގޭތޯ. އޭގެ ސަބަބުން އެ ދަތުރުތަކުގެ އަގު ވަރަށް ބޮޑުތަނުން އަރައިގެން އެބަދޭ. މިސާލަކަށް، ތިން މިނިޓް ދަތުރަކަށް، މާލެ އަންނަންވެގެން ކުރާ ދަތުރަކަށް، ތިން މިނިޓް ދަތުރަކަށް އެބަ ނަގާ 700 ރުފިޔާ ބޮލަކަށް ނުވަތަ ދަތުރަކަށް. އޭގެ ސަބަބުން މާލެގޮސް އަންނަ މީހާ އަތުން އެބަދޭ 1400 ރުފިޔާ. ހަމައެކަނި6 މިނިޓުގެ ދަތުރަކަށް އިނގޭތޯ. އަދި އަގުތައްވެސް އުޅެނީ 38 ރުފިޔާއަށް ލީޓަރެއް އެ ބޭފުޅުންނަށް ލިބޭކަހަލަ ގޮތަކަށް، ނޫނީ 36 ރުފިޔާއަށް ލިބޭ، ވަރަށް ބޮޑު އަގެއް ދޮގެއްތޯ އެއީ. އެހެންވީމާ، އެއްވެސް ކަހަލަ ވިސްނުމެއް އެބައޮތްތޯއޭ، ބައުޒަރުތަކެއް ގެންގޮސްގެން ސަރުކާރުން އެކަމަށް ހައްލެއް ގެނެސްދެވޭނެ ގޮތެއް އޮތްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ސަރުކާރުން ވިސްނަނީ ވީހާވެސް އަގުހެޔޮކޮށް ޢާންމު ރައްޔިތުންނަށް ތެޔޮ ލިބޭނެ ގޮތްގޮތް ހަދަން. އެސް.ޓީ.އޯ.އިން، އެއްކަމަކަށް އަޅުގަނޑުގެ ވަޢުދެއް ދޮގެއްތޯ، ކޮންމެ އަތޮޅެއްގައި އެސް.ޓީ.އޯ. ރޭޓުގައި ތެޔޮ ލިބޭނެ ފިއުލް ސްޓޭޝަންސް ޤާއިމްކުރުން. އެ މަސައްކަތް އެދަނީ ކުރިއަށް ދޮގެއްތޯ. މިހާރު ބައެއް އަތޮޅުތަކުގައި އެވަނީ ޤާއިމުކުރެވިފައި. އަދި އިރާދަކުރެއްވިއްޔާ ބާކީހުރި ހުރިހާ އަތޮޅެއްގައިވެސް، އެޓް ލީސްޓް އެއްރަށުގައި މި ޤާއިމުކުރަނީ. ބައެއް އަތޮޅުތަކުގައި މަސްވެރިކަމަށް ވިސްނައިގެން، ހުންނާނެ އިތުރު ރަށްރަށްވެސް ހިމަނާފައި. ދެން އެހެންވީމާ، ކޮންމެ އަތޮޅެއްގައި، އެސް.ޓީ.އޯ.ގެ ތެޔޮ ވިއްކޭނެ. ދެން އަދި އޭގެ އިތުރަށް، ފުޅާކުރެވެން ހުރި ގޮތްގޮތް ހޯދައި، އެސް.ޓީ.އޯ.ގެ ކެޕޭސިޓީ، ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރެވެންޖެހޭ. ކުރެވިގެން އެސް.ޓީ.އޯ.އަކީ އަޅުގަނޑުމެންގެ މެއިން އެންމެ މައި ފަރާތަކީ މިކަމުގައި. ތެލުގެ ސެކިއުރިޓީ ޤާއިމުކުރުމުގައި. ދެން ވަރަށް ތަފްޞީލު ލެވެލެއްގައި މިކަމާގުޅޭ މަސައްކަތްތައް އިރާދަކުރެއްވިއްޔާ އެބަ ކުރިއަށް ގެންދަން. އަޅުގަނޑުމެންގެ އަމާޒަކީ، މިކަމުގައި ރަނގަޅު ހައްލެއް ގެނެސްދިނުން. މަސްވެރިންނަށްވެސް ޚާއްޞަކޮށް، އަދި އެހެން ފަރާތްތަކަށްވެސް، ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށްވެސް ތި ވިދާޅުވިހެން، ކަނޑު ދަތުރުފަތުރު ކުރުމުގައި ވަރަށް އަގުބޮޑު ޕްރައިވެޓް ކުންފުނިތަކުން ކުރާ ދަތުރުތައް. އެއީއެ ފަރާތްތަކަށް ތެޔޮލިބޭ އަގުވީމަ. އެހެންވީމާ، އިތުރު ގޮތްތައް އެބަ ބަލަން. ދެން މިހަފްތާގައި ކްރައިސިސް ކޮމިޓީ، މިނިސްޓީރިއަލް ކޮމިޓީގެ ޕްރެސް، ކުރިން އޮންނަ ގޮތަށް ސަންޑޭގައި ނުބޭއްވި މިދިޔައީ. އެ ބޭފުޅުން ނިންމަވާފައި މިއޮތީ މިހަފްތާގައި ބާކީ މިއޮތް ދުވަސްތަކުގެ ތެރެއިން ކޮންމެވެސް އެއްދުވަހެއްގައި، ބުދަ ދުވަހުހެން އަޅުގަނޑަށް ހީވަނީ ބާއްވަވާނީ. ބާއްވަވާއިރުގައި އިރާދަކުރެއްވިއްޔާ، މި މައުޟޫއުގެ އިތުރު ތަފްޞީލު އެ ބޭފުޅުން ދެއްވާނެ. އެ ވީކްލީ ޕްރެސް. މިނިސްޓީރިއަލް ވީކްލީ ޕްރެސް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެގޮތަށް ކަންތައްތައް ދާނީ.
މުޙައްމަދު އަޚްތަރު - ހުވަދޫ މީޑިއާ:
ދެންއަނެއްހެން ވަގުތުވެސް ނެތުމާއެކު، އަޅުގަނޑުވެސް އިތުރު ސުވާލެއް ނުއެއްނެތް. ޝުކުރިއްޔާ އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، 11 ޖެހީ. ދެން އެހެންނަމަވެސް، އަޅުގަނޑު އަދިވެސް ކުޑަކޮށް ކުރިއަށް ގެންދާނަން. އެއް ސުވާލެއްގައި އަޅުގަނޑަށް ވަރަށް ގިނައިރު ޖަވާބުދޭން ދިޔައީމައާ އެކީގައި، އަޅުގަނޑަށް ހީވަނީ ރަނގަޅުކަންނޭނގެ އިތުރު ވަގުތުކޮޅެއް ދިނުން.
ފާޠިމަތު ޢާޠިފާ ޙުސައިން - ހަލީ ނިއުސް:
السَّلَامُ عَلَيْكُمْ.
އަޅުގަނޑުގެ ސުވާލަކީ، ކޮލަމްބޯގައި ތާށިވެފައި އެހުރި ޝިޕްމެންޓްތަކެއް ކްލިއަރ ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް، އޭރުވެސް އެތާނގައި ހުރި ކޮންޓެއިނަރުތަކެއް އަދިވެސް ރާއްޖެވަނީ ގެނެވޭގޮތް ނުވެފައި. މިކަމަށް އެދެވޭ ޖަވާބެއް ޝިޕިންގ އެޖެންޓުންނަށް ދެވިފައެއްނުވޭ. ވުމާއެކު، ރާއްޖެ ނުގެނެވިހުރި ޝިޕްމެންޓްތައް ނުގެނެވި ލަސްވާ ސަބަބަކީ ކޮބައިތޯ؟ ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ތީގެ މަޢުލޫމާތު އަޅުގަނޑު ހޯދާލާނަން އިނގޭތޯ. އަޅުގަނޑަށް އެންމެފަހުން ލިބުނު މަޢުލޫމާތުގައި، މިހާރު ޝިޕްމެންޓްތައް ކްލިއަރ ކޮށްފައިވަނީ. އެހެންނަމަވެސް، ކްލިއަރ ނުވާކަމަށްވަންޏާ ހަމަ ޔަޤީނުންވެސް ތި ހައްލުކުރަންޖެހޭނެ ކަމެއް. ބަލާނަން އިނގޭތޯ.
މަރްޔަމް ވަފާ - ޕީ.އެސް.އެމް. ނިއުސް:
އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. ސަރުކާރުގެ ހިންގުމަށް ރައީސް ގެންނެވި ބަދަލާއެކީގައި، މިހާރު ސިޓީ މިނިސްޓްރީއެއް ނުއެއްނެތް. ދެން ލާމަރުކަޒީ ނިޒާމަކީ، މި ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ ނިޒާމެއްގެ ގޮތުގައި، ރައީސް އެކިފަހަރު ހަމަ ތަކުރާރު ކުރައްވާފައިވޭ. އެހެންކަމަށްވުމާއެކުގައި، މިހާރު ލާމަރުކަޒީ ނިޒާމު ހިންގުމުގެ ޒިންމާ ނަންގަވާނީ ކޮން ވުޒާރާއަކުންތޯ؟
ދެން އަނެއް މައްސަލައަކީ، ރައީސްވެސް ފާހަގަކުރައްވައިފި، ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ނަފްސާނީ ޞިއްޙަތުގެ މައްސަލަ މިހާރު މިއޮތީ އައިސްފައި. ދެން ހޮސްޕިޓަލެއް ގެންނަވާނެކަން ރައީސް ތިވަނީ ވިދާޅުވެފައި. އެހެންނަމަވެސް، އެއީ ވަރަށް ގިނަ މުއްދަތު ދޮގެއްތޯ. އެހެންނަމަވެސް، މިހާރު މައްސަލަ އޮތް ހިސާބުން އަވަސް ހައްލެއް އެބަ ބޭނުންވޭ. އަޅުގަނޑުމެންގެ ތެރޭގައި އެޑްމިޓްކޮށްގެން ފަރުވާދޭން ބޭނުންފުޅުވާ ނުވަތަ އެ ލެވެލްގައި ތިއްބެވި ބޭފުޅުން ތިބުމާއެކީގައި، މިވަގުތުން މިވަގުތަށް މިކަމުގައި ޙައްލެއް ގެނައުމަށްޓަކައި ކޮބައިތޯ ކުރައްވާނެ ކަންތައްތަކަކީ؟ އަދި ހަމައެއާއެކީގައި، އިންސާނީ އެހީ ވަސީލަތްވެސް ވަރަށް ބޮޑަށް ފުޅާކުރަންޖެހޭ ދާއިރާއެއް ކަމަށްވަނީ. ކިހާވަރެއްގެ ސަމާލުކަމެއް މި ދާއިރާއަށް ދެއްވާނަންތޯ؟ ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ލާމަރުކަޒީ ނިޒާމުގައި ޒިންމާވާ މިނިސްޓަރަކަށް މިހާރު އެލް.ޖީ.އޭ.ގެ ރައީސްގެ މަޤާމަށް، އެލް.ޖީ.އޭ.ގެ އިންޗާރޖަކަށް، ނޫނިއްޔާ މަޖިލީހަށް ޒިންމާވާ، މަޖިލީހަށް ޖަވާބުދާރީވާންޖެހޭ މިނިސްޓަރު ގޮތުގައި އަޅުގަނޑުމެން ކަނޑައަޅާފައި މިވަނީ ފިނޭންސް މިނިސްޓަރ އިނގޭތޯ. އެއީ އެންމެ ސެންޓްރަލީ ހުރިހާ ކަމަކަށް ކޮމަންވާ މިނިސްޓަރަކީ ފިނޭންސް މިނިސްޓަރވީމަ. ދެން އެލް.ޖީ.އޭ.އަކީ ޤާނޫނުގައި ކަނޑައަޅާފައި އޮންނަ ބޮޑީ. ލާމަރުކަޒީ ނިޒާމު އެޑްމިނިސްޓަރ ކުރަން. އެހެންވީމާ، އެލް.ޖީ.އޭ.އިން އެލް.ޖީ.އޭ.ގެ ޒިންމާ އަދާކުރަމުން ކުރިއަށްގެންދާނެ. އެހެންވީމާ، އެލް.ޖީ.އޭ.ގެ ޗެއަރމަނެއްގެ ގޮތުގައި، ނޫނިއްޔާ މިނިސްޓަރެއްގެ ގޮތުގައި ހުންނަވާނީ ފިނޭންސް މިނިސްޓަރ އިނގޭތޯ.
ދެން މެންޓަލް ހެލްތް ދާއިރާއިން އާދެ، ތި ވިދާޅުވިހެން އަޅުގަނޑުމެން މިއަދު އިމާރާތް އަޅަން ފެށިޔަސް، ހަމަ އީޒިލީ އަހަރެއްހާ ދުވަސް އެންމެ އަވަހަށްވެސް ނަގާނެ އެތަން ނިންމަން ދޮގެއްތޯ. އެންމެ އަވަހަށްވެސް. އެ ނިމެންދެންވެސް އަޅުގަނޑުމެންގެ ވިސްނުމަކީ، މިހާރު ހުރި ފެސިލިޓީޒްތަކުގައި އިތުރަށް ހިއުމަން ރިސޯސް ކެޕޭސިޓީ އިތުރުކުރެވޭނެ ގޮތްތައް ބެލުން. މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް، އަދި އެކިއެކި ރީޖަނަލް ހޮސްޕިޓަލްތަކާއި، ޓާޝަރީ ހޮސްޕިޓަލްތަކުގައި، އެކިކަހަލަ ތެރަޕީ ދޭނެ ފަރާތްތަކާއި އަދި މި ހުރިހާ ފަރާތްތަކެއް އިތުރުކުރެވޭނެ ގޮތްތައް ބަލަން. ދެން ގައިމުވެސް ޚަރަދުގެ ގޮތުން ބަލައިފިއްޔާ، އާސަންދައިން މިހާރު ހުރިހާ ކަމެއް ކަވަރ އެބަކުރެވޭ. އަދި އިތުރަށްވެސް އަޅުގަނޑު މި ދެންނެވިހެން ބަލާނީ، ކުރިއަށް އޮތްތާނގައި މި ހޮސްޕިޓަލް އެޅި ނިމެންދެންވެސް އަޅުގަނޑުމެންގެ މިހިރަ ހުރިހާ ހޮސްޕިޓަލްތަކެއްގައި ވީހާވެސް ބޮޑަކަށް ޚިދުމަތް ދެވޭނެ ގޮތް ވަރުގަދަކުރަން. އަދި މެންޓަލް ހެލްތް ލައިންވެސް އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތައް ބެލުން. އަދި އެ ލައިން ބެލެހެއްޓޭ ޕްރޮޓޮކޯލްވެސް ވަރުގަދަކުރުން. އަދި އަންނަ ކޭސަސްތައް ބެލޭނެގޮތާއި، އެއާ ގުޅިގެން ކްރޮސް އެޖެންސީކޮށް މި ކުރަންޖެހޭ ކަންކަންވެސް އިތުރަށް ކޯޑިނޭޓް ކުރުން. ވަރަށް ގިނަ ކަންތައްތަކެއް ހަމަ ޕޮޒިޓިވް އީޖާބީ ގޮތަކަށް ބަލައިފިއްޔާ އެބަހުރި ރަނގަޅަށް ކުރެވޭނެ. އެހެންވީމާ، އެގޮތަށް ކުރިއަށް ގެންދާނަން. އަދި އެބަހުރިކަންނޭނގެ ތިން މިނިޓް.
މުޙައްމަދު ފަޒްލޫން - އަސްލު ޓީ.ވީ:
އަޅުގަނޑުގެވެސް ހަމަ ދެ ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ، ހެލްތް މިނިސްޓަރ އެބަވޭ ވިދާޅުވެފައި، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި، ބޭސް ސްޓޮކަށް ބަލައިގެން ޑޮކްޓަރުން ބޭސް ސިޓީ ލިޔެދެއްވަން ޖެހޭނެކަމަށް. އަޅުގަނޑުގެ ސުވާލަކީ، މީގެ ކުރީގައި ބޭސް ސިޓީ ލިޔަނީ ބޭހުގެ ސްޓޮކް ނުބަލާތޯއޭ؟ ދެން އަޅުގަނޑަށްވެސް ފާހަގަކުރެވުނު ކަމެއް، ދެން ބައެއް ރައްޔިތުންވެސް ފާހަގަކުރާ ކަމެއް މިއީ، ސްޓޮކްގައި ނެތް ބައެއް ބޭސްތައް ލިޔެދިނީމަ، ސިޓީ ހިފައިގެން އެބަ ދާންޖެހޭ އެއްތަނުން އަނެއް ތަނުން. ދެން މި ސަރުކާރުގައި ވަރަށް އިސް އަހައްމިއްޔަތެއް ދޭ ކަމެއް އެއީ ކޮލިޓީ ބޭސް ރާއްޖެ އެތެރެކުރެވޭނެ ގޮތް. އަދި ހަމައެއާއެކީގައި، މި ޢާންމުކޮށް ބޭނުންވާ ބޭސްތައް. ރައީސްވެސް މިވަނީ ކުންފުންޏެއް އުފައްދަވާފައި ދާދިފަހުން. އެ ކުންފުނި މެދުވެރިކޮށް ލިބޭނެގޮތް ހެދުން. ކޮބައިތޯއޭ ކުރިއަށް އޮތްތާނގައި އެކަން ކުރައްވާނެ ގޮތަކީ؟
ދެން މިއަދު ފެށިއްޖެ ވަރަށް މުހިންމު ސަމިޓެއް. މޯލްޑިވްސް 2.0. ރައީސްގެ ސިޔާސަތެއް ވަރަށް މުހިންމު. މި ސަމިޓާ އެކުގައި މޯލްޑިވްސް 2.0 ޑިޖިޓަލައިޒް ވެގެންދިޔުމަށް ލިބިގެންދާނެ ބާރުތަކަކީ ކޮބައިތޯ؟ ލާމަރުކަޒީ ނިޒާމު ހަރުދަނާވުމާއި، މިފަދަ އެކިއެކި ދާއިރާތައް، މޯލްޑިވްސް 2.0ގެ ދަށުން ކުރިއަރައިގެން ދިޔުމަށް މަނިކުފާނުގެ ސިޔާސަތުތަކުގެ ދަށުން ކޮބައިތޯއޭ ކުރިއަށްދާނެ ކަންތައްތަކަކީ؟ ޝުކުރިއްޔާ!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، މޯލްޑިވްސް 2.0 ވާހަކަ ދައްކަންޏާ ނުނިމޭނެ އެއްގަޑިއިރުންވެސް. މޯލްޑިވްސް 2.0ގެ ސުވާލަށް ޖަވާބުދީފައި ކުރިއަށްދާނަން. ނޭޝަނަލް ހެލްތް ރެކޯޑްސް ސިސްޓަމެއް ޑިޖިޓަލައިޒް ކުރެވޭނެ. ދެން މިހެންގޮސް، މެންޓަލް ހެލްތް ދާއިރާއިން ކުރެވުނު ސުވާލުގެ ޖަވާބުގައިވެސް، ޑިޖިޓަލައިޒް ކުރެވި، މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް ނަމުގައި އަޅުގަނޑުމެން ޤާއިމުކުރަން އުޅޭ ކްރޮސް ޑިސިޕްލިނަރީ ޑޭޓާބޭސް ވެގެންދާނެ، ވަރަށް ބޮޑަށް އެކަމުގައިވެސް ކުރިއެރުން ލިބޭނެ ކަމަކަށް. އެހެންވީމާ، މޯލްޑިވްސް 2.0 އަކީ އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު މައިލްސްޓޯންއަކަށް ވާނެ، ރަނގަޅު ޚިދުމަތް ދިނުމުގައި. ރިއަލް ޓައިމްކޮށް ބޭހުގެ ސްޓޮކް އެނގޭނެ ނިޒާމެއް ޤާއިމުކުރުން، މީގެ އެންމެ މުހިންމު އެއްކަމަކީ. ޑޮކްޓަރުންނަށް އެމީހުންގެ ކޮމްޕިއުޓަރުން، ކުރިމަތީގައި ހުންނަ ސްކްރީނުން ފެންނާނެ. އެކަމަކު މޯލްޑިވްސް 2.0ގެ ތެރެއިން ޚާއްޞަކޮށް މިކަންވާނެ. ރިއަލް ޓައިމްކޮށް އެނގޭނެ. ޖެނެރިކް މެޑިސިންތައް ހުރިގޮތް. ހުރި ތަންތަން. އެވެއިލެބިލިޓީ. އެގޮތަށް އިރާދަކުރެއްވިއްޔާ އެކަން ކުރެވޭތޯ މި ބަލަނީ. އަދި އެއް ބޭފުޅަކު. 11:13 މިހާރު. އަޅުގަނޑު 15 އަށް ނިންމާލަންވެގެން.
މުސްލިމާ ޙަސަން - ދިވެހި ޗެނަލް:
ދެން އަޅުގަނޑުގެ ހަމަ ސުވާލުތަކަށް ޖަވާބުވެސް ލިބިއްޖެ. އެހެންނަމަވެސް، އަޅުގަނޑުގެހިތަށް އެރި ދެންމެ ނޫސްވެރިޔަކު ކުރި ސުވާލާ ގުޅިގެން މި ސުވާލެއް ކޮށްލާނަމޭ. އެގޮތުން ކޮންމެ މީހެއްގެ އަބުރަކީވެސް ޙުރްމަތްތެރިވެގެންވާ އެއްޗެއް. އަޅުގަނޑު ދެކޭގޮތުގައި ޚާއްޞަކޮށް، ޤައުމުގެ ވަލިއްޔުލްއަމްރުގެ ހަމަ އަބުރުފުޅުގެ ޙުރްމަތްތެރިކަން ބޮޑު. ނަމަވެސް، އިދިކޮޅުން ފެންނަނީ ވަރަށް ނާތަހުޒީބު ޢަމަލުތައް ހިންގަމުންދާ ތަން. މިފަދަ ނާތަހުޒީބު ޢަމަލުތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު އެޅުމަކީ ކޮންމެހެން މިހާރު މުހިންމު ކަމަކަށްވެއްޖެ. ދެން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ހުޅުވިފައި އޮތް މި ޒަމާނުގައި، ބޮޑުވަމުން އަންނަ ކުދިންނަށް ދަސްވަމުންދަނީ ވަރަށް ގޯސް މަންޒަރުތަކެއް. މުޖްތަމަޢުގެ އިޖުތިމާޢީ ފޭރާން ޙަޤީޤަތުގައިވެސް ވީދިފައިވާއިރުގައި، ޖީލުތަކުގެ މުސްތަޤްބަލަށްޓަކައިވެސް މިކަމަށް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އެބަ ގަބޫލުކުރެވޭ. މިކަންކަން ހުއްޓުވުމަށް ކޮންކޮން ކަންތައްތަކެއްތޯ ކުރައްވަނީ؟ މިހެން މި ފާހަގަކުރީ ރައީސްވެސް ވިދާޅުވެއްޖެ، ބުލީ ހުއްޓުވުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާ ކަމަށް. އަދި ޤާނޫނެއްވެސް މިކަމަށް ކަނޑައެޅުމަށް ވަނީ ނިންމާފައި. އެހެންވީމާ، ކިހާ ހިސާބެއްގައި މި ޤާނޫނު އެކުލަވައިލައި ނިންމައިލެވިދާނެތޯއޭ؟ މިހެން މި ފާހަގަކުރީ، ސޯޝަލް މީޑިއާގައި ފެންނަ މަންޒަރުތަކުން އަޅުގަނޑު ޚާއްޞަކޮށް ގެޔަށް ދިޔައީމާ، އަޅުގަނޑުގެ ވަރަށް ކުޑަކުޑަ ކުއްޖެއް ހުރޭ. އެ ދަރިފުޅު އެބަ ކިޔާ ކީއްވެގެންތޯއޭ، ފާޑެއްގެ އެއްޗެއް މަގުމަތީގައި ދަމަމުން އެގެންދަނީ. އެހެންވީމާ، އަޅުގަނޑު ހިތަށްއަރާ، ކީއްވެތޯއޭ އެ ސުވާލު އަޅުގަނޑާ އަމާޒުވާއިރު، އަޅުގަނޑުމެން ނޫސްވެރިންގެ ގޮތުގައި ތިބެ، މިގޮތަށް ޖަވާބު ލިބި އަދި މިކަމަށް ރަނގަޅު ފިޔަވަޅުތަކެއް އެޅިގެންދާތަން ފެންނަން ބޭނުންވާތީވެ. ޝުކުރިއްޔާ!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން ޤާނޫނެއް ނޫން ހުރިހާ އެއްޗެއްގެ ހައްލަކީ. ޤާނޫނު މަދެއްނޫން ރާއްޖޭގައި. ސެލްފް ރެސްޕޮންސިބިލިޓީޒް ވަރަށް ބޮޑު އަޞްލު ޙަޤީޤަތުގައި. ދެން ސެލްފް ރެސްޕޮންސިބިލިޓީއަށް ބަލާއިރުގައި، މުސްލިމަކަށްވީތީވެސް ރެސްޕޮންސިބިލިޓީޒް ކުޑައެއްނޫން. ވަރަށް ގިނަ ވާހަކަ ކުރުކޮށްލާފައި މި ދެންނެވީ އިނގޭތޯ. މުއައްސަސާތަކުން ކުރަންހުރި ކަންކަންވެސް އެބަހުރި. ޤާނޫނުތަކުގެ ތެރެއިން ޤާނޫނުގެ ދަށުން އުފެދިފައި ހުރި މުއައްސަސާތައްވެސް އެބަހުރި. ދެން އެހެންވީމާ، މީގައި މިއޮތީ އެންމެންގެވެސް ރެސްޕޮންސިބިލިޓީ އެންމެން އަދާކުރުން ޙަޤީޤަތުގައި.
ދެން އަޅުގަނޑު އިޢުލާނުކުރިން ދޮގެއްތޯ، ޤައުމީ އިޙްތިރާމް އަދާކުރުމުގެ ޕްރޮގްރާމެއްގެ ވާހަކަ. އެ މަސައްކަތް އިދާރީ ލެވެލްގައި ވަރަށް ބާރަށް އެބަ ހިނގާ. ދެން މިކަމަކީ، ހަމަ އަޅުގަނޑު އެދެން، ނޫސްވެރިންގެ ކިބައިންވެސް، ނޫސްވެރިންނާއި، ސިޔާސީ ޕާޓީތަކާއި، ހަމަ އެކްރޮސް ދަ ބޯޑް ހުރިހާ އެންމެން، އެން.ޖީ.އޯ.ތައް، ހުރިހާ އެންމެން ބައިވެރިވެގެން ހިނގާށޭ، މި ޕްރޮގްރާމް ވަރަށް ސަކްސެސްފުލް އެއްޗަކަށް ހަދަން. އެންމެންގެވެސް ޕްރޮގްރާމަކަށް ހަދަން. އެ ޕްރޮގްރާމުން ނުކުންނަ ނަތީޖާއަކަށްވާން ހިނގާށޭ، އަޅުގަނޑުމެން ކޮންމެ މީހަކީވެސް އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށްވެސް އިޙްތިރާމްކޮށްފައި، ކައިރީގައި ހުރި އަޅުގަނޑުމެންގެ އަޚާއަށްވެސް، އުޚްތާއަށްވެސް އިޙްތިރާމް އަދާކުރާ މީހަކަށް ހަދަމާ. ކުޑަކުޑަ މުޖްތަމަޢެއް މިއީ. ފަސް ލައްކަ މީހުން. ވަރަށް ކުޑަ އާބާދީއެއް ދޮގެއްތޯ. އެއް ދީނަކަށް ނިސްބަތްވާ، އެއް ބަހަކުން ވާހަކަ ދައްކާ، އެއް އޮރިޖިނެއްގެ، އެއްބައެއްވަންތަ، އެއްބައިވަންތަ ބައެއް. ކީއްވެ މިކަން ނުވާންވީ. އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ.
އާދެ، ނިންމާލުމުގެ ކުރިން، ދެފަރާތަށް ވަރަށް ބޮޑަށް މާފު އިނގޭތޯ. އެކަމަކު އަޅުގަނޑުގެ ޝެޑިއުލް އޮތްގޮތުން ނިންމާލަން އެބަޖެހޭ. ޕްރެސް ފްރީޑަމް ޑޭ އަންނައިރުގައި، މިއީ އެންމެފަހު ޕްރެސްއަށްކަންނޭގެ ވާނީ، މި އަންނަ ވީކްގައި އަޅުގަނޑު ހިއެއްނުވޭ ރާއްޖޭގައި އެ ވަގުތު ހުންނާނެހެނެއް. މިހާރު އޮތްގޮތުން. އެހެންވީމާ، ހުރިހާ މީޑިއާތަކަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. އަޅުގަނޑު އެދެނީ ހަމަ ކުރިއަށް އޮތްތަނުގައި ހަމަ މިއަށްވުރެވެސް ގާތްކޮށް އަޅުގަނޑުމެން މަސައްކަތްކޮށް، ރައްޔިތުންނަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކަންކަން އޮޅުންފިލައިދެވޭނެ ގޮތްވެގެން ދިޔުން. ވަރަށް ބޮޑަށް ޝުކުރިއްޔާ!
والسّـلام عليـكم.