بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيِّد المرسلين، وعلـى آلـه وَصَحْبِـهِ أجمـعـين.
އަޅުގަނޑު މާލެއިން އުތުރުގެ ބައެއް އަތޮޅުތަކަށް މިއަދު ކުރަން މިފެށި ދަތުރުގެ ދެވަނަ މަންޒިލަކަށް މިވަނީ، މިލަދުންމަޑުލު އުތުރުބައިގެ ފުނަދޫ. މިކަމަށް ފުނަދޫ ތައްޔާރުވެފައި މިއޮތީ ވަރަށް ފާހަގަކޮށްލެވޭ ފަދަ ގޮތަކަށޭ އަޅުގަނޑަށް ދަންނަވަންޖެހޭ. ރަށުތެރެ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކުރައްވާފައި. އަޅުގަނޑުމެން މި ޖަލްސާކުރާ ތަންވެސް ވަނީ ވަރަށް ރީތިކޮށް ތައްޔާރުކުރައްވާފައި. ހަމައެހެންމެ، ރަށުގެ މަގުތަކުގައި ވަރަށް ގިނަ އަދަދަކަށް މަރުޙަބާގެ ޢިބާރާތްތައް ލިޔެފައިވާ ފޮތިތައް ދަންމަވާފައި އެބަހުރި. ވަރަށް ގިނަ އަދަދަކަށް ދިދަ ނަންގަވާފައި އެބަހުރި. މިކަންކަން ފުނަދޫގެ ރައްޔިތުންނާއި ވެރިން، މިއަތޮޅުގެ އަތޮޅުވެރިންގެ ބެއްލެވުމާއި އިރުޝާދުގެ ދަށުން ކުރައްވާފައި މިވަނީ، އެ ހުރިހާ ފަރާތްތަކެއްގެ ހިތްޕުޅުގައި ސަރުކާރާ ބެހޭގޮތުން އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ބޮޑުކަމުންކަން އަޅުގަނޑަށް ވަޒަންކުރެވޭތީ، އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް، އާދެ، މިރަށުގެ ޢާންމު ރައްޔިތުންނަށާއި، މިރަށުގައި ވަޒީފާ އަދާކުރައްވާ ސަރުކާރުގެ މުވައްޒަފުންނަށް، އަތޮޅުވެރިންނަށާއި، އަތޮޅުއޮފީހުގެ އެހެން ވެރިންނަށާއި މުވައްޒަފުންނަށް، ކިޔަވާކުދިންނަށާއި، ޓީޗަރުންނަށާއި، ހުރިހާ ފަރާތްތަކަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.
އަޅުގަނޑު މިލަދުންމަޑުލު އުތުރުބައިގެ ފުނަދުއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާތީ، މިއަތޮޅުގެ ހުރިހާ ރަށެއްގެ ވެރިންނާއި މެޖިސްޓްރޭޓުންވެސް މިރަށަށް ވަޑައިގެން އެބަ ތިއްބެވި. އެހެންވީމާ، މިފުރުޞަތަކީ، އެބޭފުޅުންނާ ބައްދަލުކޮށްލުމަށްވެސް ލިބުނު ވަރަށް އުފާވެރި ފުރުޞަތެއް ކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑުގެ އެދުމަކީ، އެ ހުރިހާ ބޭފުޅުން، އެބޭފުޅުންގެ ރަށްރަށަށް ވަޑައިގެން، ސަރުކާރުގެ ހެޔޮއެދުންތަކާއި، ހެޔޮ ޝުޢޫރުތައް އަދި އަޅުގަނޑުގެ ފަރާތުންވެސް ޝުކުރާއި އިޚްލާޞްތެރި ހެޔޮދުޢާ، އެރަށްރަށުގެ ރައްޔިތުންނަށް ރައްދުކޮށްދެއްވުން.
އަޅުގަނޑުގެ ދަތުރު ހަމަޖެހިފައިވާ ގޮތުން، މިފަހަރު މިއަތޮޅުގެ މާގިނަ ރަށްރަށަކަށް ޒިޔާރަތްކުރެވޭކަށް ނެތް. އެހެންނަމަވެސް، އޭގެ މާނައަކީ، މިއީ މިއަތޮޅަށް ކުރާ ޒިޔާރަތެއް ނޫންކަމަށް ދެންނެވީއެއްނޫން. ޙަޤީޤަތުގައި މިއީ މިއަތޮޅަށް ކުރާ ޒިޔާރަތެއް. އެހެންނަމަވެސް، އަޅުގަނޑުގެ މަސައްކަތް ހުންނަގޮތުންނާއި އަދި ދަތުރުގައި ކުރަން ހަމަޖެހިފައި ހުންނަ ކަންތައްތަކުގެ ގޮތުން، އެކިފަހަރު އެކިގޮތަށް ދަތުރުތައް ހަމަޖެހިގެންދަނީ.
އާދެ، މިއަދު އަޅުގަނޑު މިރަށަށް ޒިޔާރަތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ސަރުކާރުގެ ޚަރަދުގައި ހަދައި މިހާރު ނިމިފައިވާ މިއަތޮޅު އަތޮޅުގޭގެ އާ ޢިމާރާތް ހުޅުވައިދިނުން. އެ ޢިމާރާތް ހުޅުވައިދިނުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނސްޓްރޭޝަން އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަށާއި، މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް މޫސާ ރަމީޒަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ފުނަދުއަކީ ވަރަށް ޚާއްޞަ ގޮތްތަކެއް ދިމާވެފައިވާ ރަށެއް. އެންމެ ކުރިން މިރަށަކީ ފަޅުރަށެއްގެ ގޮތުގައި އޮތް ރަށެއް. އެހެން އޮއްވައި، ބޮމަސްދޫގެ މީހުން ސަރުކާރުން މިރަށަށް ބަދަލުކުރެއްވީ. އޭގެފަހުން މިރަށަކީ މީހުން އުޅޭ ރަށަކަށް މިހާރު މިއޮތީވެފައި. މިރަށުގައި ކުރެވޭ ތަރައްޤީގެ މަސައްކަތްތައްވެސް މިހާރު ވަރަށް ހަލުވިކޮށް ހިނގަމުން އެބަދޭ. ތަންކޮޅެއް ކުރިން ފެށިފައިވާ މަސައްކަތްތައް ކުރިއަށް ގޮސްފައިވަނީ، ދިމާވި ބައެއް ސަބަބުތަކަކާހުރެ ތަންކޮޅެއް ލަހުން ކަމުގައިވިޔަސް، މިހާރު އަޅުގަނޑަށް ފެންނަ ފެނުމުގައި ހުރިހާ މަސައްކަތެއްވެސް މިހިނގަނީ ވަރަށް ބާރަށް، ވަރަށް ހަލުވިކޮށް. އޭގެ މިސާލެއް އަޅުގަނޑުމެންނަށް ފެންނަން މިހިރީ. އާދެ، މިއަތޮޅުގެ އަތޮޅުގޭގެ އާ ޢިމާރާތުގެ މަސައްކަތް މިރަށުގެ ވެރިންނާއި ރައްޔިތުން ނިންމަވާފައި މިވަނީ، ހަމައެކަނި 11 މަސްދުވަހުގެ ތެރޭގައި. އާދެ، ވަރަށް އަވަހަށް ނިންމަވާފައި އެވަނީ، ވަރަށް މުހިންމު ބޮޑު މަސައްކަތެއް. ހަމައެހެންމެ، މިރަށުގައި އަލަށް ހެދުނު ފާލަންވެސް ހައްދަވާފައި އެވަނީ ވަރަށް އަވަހަށް ކަމަށް އަޅުގަނޑަށް އެނގިފައިވޭ. މިކަމުން ދޭހަވަނީ، މިރަށުގެ ރައްޔިތުން ތަރައްޤީގެ މަސައްކަތްތަކުގައި އެއްބާރުލައްވަމުން ގެންދަވާ މިންވަރު. އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އަޅުގަނޑު އެދެނީ، ކުރިއަށް އޮތް ތާނގައިވެސް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ރަށްރަށުގެ ވެރިންނާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބުން. މިދެންނެވި ފަދަ ގޮތަކަށް ރަށްރަށުގެ ވެރިންނާއި ރައްޔިތުންގެ އެއްބާރުލެއްވުން ލިބިގެން އަޅުގަނޑުމެންނަށް ކަންތައްތައް ކާމިޔާބު ކުރެވޭނީ.
އާދެ، މިރަށަކީ ކުރިން ދެންނެވިފަދަ ގޮތްތަކެއް ދިމާވެފައިވާ ރަށެއް ކަމުގައިވިޔަސް، މިރަށަކީ މިލަދުންމަޑުލު އުތުރުބައިގެ ވެރިކަން ހިންގާ ރަށްކަމަށްވާތީ، ސަރުކާރުން ވަރަށް ޚާއްޞަ ޢިނާޔަތެއް މިރަށަށްވެސް ދޭ. އެގޮތުން ވަރަށް ގިނަ ކަންތައްތައް މިރަށުގައި މިހާރުވެސް ކުރެވިފައި އެބަހުރި. ރަށުގެ ރަށުއޮފީސް ވަނީ ޢިމާރާތްކޮށްދެވިފައި. ހެލްތު ސެންޓަރެއް ވަނީ ހަދައިދެވިފައި. މަދަރުސާ ވަނީ ޢިމާރާތްކުރެވިފައި. ލައިބްރަރީއެއް ވަނީ އުފައްދައިދެވިފައި. އަދި ވަރަށްފަހުން އޮއިވާލި ކަނދުފައްޗެއްވެސް ވަނީ ހަރުކުރެވިފައި. އެ ކަނދުފަތި އެއީވެސް ވަރަށް ކާމިޔާބު ކަނދުފައްޗެއް ކަމުގައި، އަތޮޅުވެރިން އަޅުގަނޑު ގާތުގައި ވިދާޅުވެފައި އެބައޮތް. އަދި މިރަށުގެ ފާލަންވެސް މިހާރު އެވަނީ ހަދައިދެވިފައި. ދެން މިހާރު، މިއަދު އަޅުގަނޑުމެން އެކަމަކަށްޓަކައި މިތަނަށް އެއްވެ މިތިބަ އަތޮޅުގޭގެ އާ ޢިމާރާތް ހުޅުވުން، އެ ޢިމާރާތްވެސް އެހެރީ ނިމިފައި. އާދެ، މިދެންނެވި ކަންތައްތައް ކުރުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީއާއި އެއްބާރުލެއްވުން ވަނީ ލިބިފައި. ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ވަރަށް ގިނަ ކަންތައްތަކެއް ކުރެވިފައި އެބަހުރި. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެވާހަކަ ވިދާޅުވެއްޖެ. ސަރުކާރުގެ އެހީގެ އިތުރުން، ރައްޔިތުންގެ މަސައްކަތްވެސް މިކަންކަމުގައި ހިމެނިފައި ވަނީ ވަރަށްމަތީ ދަރަޖައަކަށް. އެހެންވީމާ، އެކަންވެސް މިފަދަ މުނާސަބަތެއްގައި ފާހަގަކޮށްލަންޖެހޭނެ. ހަމައެހެންމެ، ބޭރުގެ ބައެއް ފަރާތްތަކުގެ އެހީވެސް އަޅުގަނޑުމެންގެ ރާއްޖެތެރޭގެ ތަރައްޤީގެ އެކި ކަންތައްތަކުގައި ލިބެމުންދާކަންވެސް އަޅުގަނޑުމެން ދަންނަންޖެހޭނެ. އާދެ، ވީ.އެސް.އޯ.ގެ އެހީވެސް މިރަށަށް ލިބިފައިވޭ. އެހެންވީމާ، އަޅުގަނޑުމެންނަށް އެހީވެދެއްވާ ހުރިހާ ފަރާތްތަކަކަށް ޝުކުރު ދަންނަވާ ޙާލުގައި، އަޅުގަނޑުމެން ތަރައްޤީގެ ރޮނގުގައި އިތުރު މަސައްކަތްތަކެއް ކުރަން މަޖުބޫރުވޭ.
ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެއަކީ ވަރަށް ކުޑަ ޤައުމެއް. ރާއްޖޭގައި ދިރިއުޅޭ މީހުންގެ އަދަދުވެސް ވަރަށްމަދު. އަޅުގަނޑުމެންނަށް ލިބިފައިވާ މުއްސަނދިކަމުގެ ވަސީލަތްތައްވެސް އެހާމެ މަދު. އެހެންކަމުން، ކުރިއަށްދިޔުމުގައި ރާއްޖެއަށް ދިމާވާ، ވަރަށްގިނަ ދަތިތަކެއް އެބަހުރި. އެ ދަތިތައް ގިރާކޮށް، އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް ރާއްޖޭގެ ކަންތައްތައް ތަރައްޤީކުރެވޭނީ، ވަރަށްބޮޑެތި މަސައްކަތްތަކެއް އަޅުގަނޑުމެން ކޮށްގެން. އެ މަސައްކަތްތަކުގައި ވެރިންނާއި، ރައްޔިތުންނާއި، އަމިއްލަ ފަރާތްތަކާ ވަރަށްބޮޑަށް ގުޅެންޖެހޭ.
އާދެ، ކޮންމެއަކަސް، މިއަދު މި އަތޮޅުގެ އަތޮޅުގޭގެ އާ ޢިމާރާތް ހުޅުވައިދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެކަމަށްޓަކައި މިއަދު ފުނަދުއަށް އައިސް، ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި ވަރަށް އުފާކޮށް، މި މުނާސަބަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ދެ ކަމެއްގެ ވާހަކަ ދަންނަވާލާނަން. އެއްކަމަކީ، ޢާއިލާގެ ހަމަޖެހުމުގެ ވާހަކަ. އަޅުގަނޑުމެންގެ މުޖްތަމަޢުގެ ބިންގަލަކީ ޢާއިލާތައް. ކޮންމެ މުޖްތަމަޢެއްގެ ބިންގަލަކީވެސް ޢާއިލާތައް. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އެއްވެސް ޢިމާރާތެއް ފުރިހަމަވެފައެއް ނުހުންނާނެ، އެ ޢިމާރާތުގެ ބިންގާ ވަރުގަދައަށް ރަނގަޅަށް އެޅި ފުރިހަމަވެފައި ހުރެގެންނޫނީ. އެހެންވީމާ، މުޖްތަމަޢުގެ ކުރިއެރުމާއި، ތަރައްޤީއާއި، ހަމަޖެހުން އޮތީ މުޖްތަމަޢުގެ ބިންގާ ކަމުގައިވާ، ޢާއިލާގެ ހަމަޖެހުމާއި، ޢާއިލާގެ ބަދަހި ގުޅުންތަކުގެ މައްޗަށް ބިނާވެފައި. އެކަމަކީ އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ޢާއިލާތައް ރޫޅެމުންދާލެއް އަވަސްކަން އެއީ އެންމެންވެސް ދަންނަ ކަމެއް. އެކަމަށްޓަކައި އަޅުގަނޑުމެން ލަދުގަންނަންޖެހޭވަރުގެވެސް ކަމެއް. އެއީ، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު، ރާއްޖޭގައި ކުރެވޭ ވަރީގެ އަދަދު މާގިނަ. ތަފާތު މައްސަލަތައް ދިމާވެގެން ދެމަފިރިންނަށް އެކުގައި ނޫޅެވިގެން ވަކިވާންޖެހޭތަން، މާފަސޭހައިން ރާއްޖޭގައި އަންނަކަމަށް ފެނޭ. އެހެންނަމަވެސް، އެކަން އެހެން އެވަނީ، އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި، ދީނުގައި އެކަންކަން ހަމަޖައްސަވާފައިވާ ގޮތް އަޅުގަނޑުމެންނަށް ނޭނގޭތީ. ދީނުގައި ކައިވެންޏާއި ވަރިޔާ ބެހޭގޮތުން ކަނޑައަޅުއްވާފައިވާ މަތިވެރި އުޞޫލުތައް އަޅުގަނޑުމެންނަށް ނުވިސްނޭތީ. ކައިވެންޏަކީ ވަރަށް މަތިވެރި ޢަޤްދެއް. އެއީ، ދާއިމަށް ކުރެވޭ ކަމެއް.
ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަދި ތިޔައިގެ ތެރެއިން ދީނީ މަޢުލޫމާތު ހޯއްދަވާފައިވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ކައިވެނި ކުރާއިރު، ކައިވެނިކުރާ ދެމީހުންގެ ހިތުގައި، މީއީ ދާއިމަށް، އަބަދަށް ކުރެވޭ ކައިވެންޏެއް ކަމުގައި އޮންނަންޖެހޭނެ. އެއީ ވަގުތީކަމެއް ކަމުގައި އޮވެއްޖެނަމަ، ނުވަތަ އެކައިވެނީގެ ޞީޣާގައި، އެއީ ވަގުތީ ކަމެއްކަމަށް ބުނެވިއްޖެނަމަ، އެކައިވެނި ވާނީ ބާޠިލު ކައިވެންޏަކަށް. އެހެންވީމާ، ކައިވެނި ކުރެވެނީ އަބަދަށް ދެމިހުންނަގޮތަށް ދެމަފިރިޔަކު ނިޔަތްގަނެގެން. އެހެންކަމުން، އެ ނިޔަތް ޙާޞިލްކުރެވޭތޯ މަސައްކަތް ކުރަންޖެހޭނެ. ދެމަފިރިން އުޅެންތިބިއްޔާ، ﷲ އެ ދެމަފިރިންގެ ދެމެދުގެ ކަންތައްތައް އިޞްލާޙު ކުރައްވާނެ. އަދި އުފެދޭ ކޮންމެ ހަމަނުޖެހުމެއް ނިމިގެންދާނީ ހަމަޖެހުމަކަށްވެގެން. އެހެންނަމަވެސް، އެއާ ޚިލާފަށް އަޅުގަނޑުމެންނަށް ދީނުގައި ދެއްވާފައިވާ ހުއްދަތައް، މިސާލަކަށް، ވަރިކުރުމުގެ ހުއްދަ، އަޅުގަނޑުމެން ބޭނުންކުރަމުން ގެންދަނީ ދީނުގައި ކަނޑައަޅުއްވާފައިވާ މަތިވެރި އުޞޫލާ ޚިލާފަށް ކަމަށްވަންޏާ، ކައިވެންޏެއް ދެމިއެއްނޯންނާނެ. މީހުން، މީހުނާ އިންނަނިއްޔަކީ ހަމަ ބޭނުންވީމާ އިންނަގޮތަކަށް ނޫން. ދީނުގައި އެކަން ހަމަޖައްސަވާފައި އޮންނަނިއްޔަކީ، ބޭނުންވާއިރަށް މީހަކާ އިނދެފައި، ބޭނުންވީމާ ވަރިކޮށްލާފައި، މިހެންއުޅޭގޮތަކަށް ނޫން. ކޮންމެ ކަމަކަށްވެސް ވަރަށް މަތިވެރި އުޞޫލުތަކަކާއި ހަމަތަކެއް އޮވޭ. ކޮންމެ ކަމެއްވެސް ކުރަންޖެހެނީ ވަކި ހަމަތަކެއްގެ މަތިން. އެކަމަކީ ނަމާދުކުރުން ކަމުގައިވިޔަސް، ޒަކާތްދިނުން ކަމުގައިވިޔަސް ނުވަތަ މީހުންގެ މެދުގައި ހެޔޮ ކަންތަކަށް އަމުރުކުރުން ކަމުގައިވިޔަސް، ނުބައި ކަންތަކުން މީހުން އެއްކިބާކުރަން މަސައްކަތްކުރުން ކަމުގައިވިޔަސް، ނުވަތަ އެކަމަކީ ކައިވެންޏެއް ކުރުން ކަމުގައިވެސް، ނުވަތަ މަޖުބޫރުވެގެން ދެމަފިރިން ވަކިވާ ވަކިވުމެއް ކަމުގައިވިޔަސް، މިއިން ކޮންމެ ކަމެއްގައިވެސް ވަރަށް މަތިވެރި ހަމަތަކެއް ދީނުގައި ލައްވާފައިވޭ. އެ ހަމަތައް އަޅުގަނޑުމެން ދަންނަންޖެހޭނެ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ އެ ހަމަތަކުގެމަތިން.
އެހެންވީމާ، އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ، މިކަމަށް ތިޔަބޭފުޅުންގެ ސަމާލުކަން ދެއްވުން. ކައިވެނި ރޫޅުނީމާ، ނުވަތަ ދެމަފިރިން ވަކިވީމާ، ދެން އެވާގޮތާ ދޭތެރޭގައި ވިސްނެވުން. ކުޑަކުދިންނަށްޖެހޭ ޙާލާމެދު ވިސްނެވުން. އާދެ، ދެމަފިރިން ވަކިވާއިރު، ތިންހަތަރު ފަސްކުދިން ލިބިފައި، ނުވަތަ އެއަށްވުރެ ގިނަ އަދަދަކަށްވެސް ކުދިން ލިބިފައި ތިބެދާނެ. އެކުދިންނަށްވާނެގޮތާ ދޭތެރޭގައި ވިސްނަންޖެހޭ. އަޅުގަނޑުމެންގެ ޅަކުދިންނަކީ، ނޭދެވޭގޮތެއްގައި ތަރުބިޔަތު ވެގެންދާނެ ކުދިބަޔަކަށް ހަދާކަށް، އަދި އެކުދިންނަށް ނިކަމެތިކަމެއް ޖައްސާކަށް އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ބޭނުމެއްނުވާނެ. ހަމަ ކޮންމެ މީހަކުވެސް، ކޮންމެ ބައްޕަޔަކުވެސް، ކޮންމެ މަންމަޔަކުވެސް ބޭނުންވާނީ، އެމީހެއްގެ ކުދިން ވީހާ ރަނގަޅަށް ތަރުބިޔަތުކޮށް، އެ ކުދިންނަކީ ރަށަށާއި ޤައުމަށް ފައިދާކުރަނިވި ބައެއްގެ ގޮތުގައި ބޮޑުވެގެން އަންނަ ކުދިން ކަމުގައިވުމަށް. އަދި އެ ކުދިން ބޮޑުވެގެން، އެ ކުދިންގެ ފަރާތުން އެ ކުދިންގެ އަމިއްލަ ރަށަށާއި ޤައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރެވެމުންދިޔުމަށް. އަދި އެ ކުދިންނަކީ އުފާވެރި، ހަމަޖެހޭ ޙަޔާތެއް ވޭތުކުރަމުން ގެންދާނެ ބަޔަކަށްވުމަށް. މިއީ ކޮންމެ ބައްޕައެއްގެވެސް، ކޮންމެ މަންމައެއްގެވެސް އެންމެ ލޮބުވެތި އުންމީދު. އެކަން އެހެން އޮއްވައި، ދިމާވާ މައްސަލައެއްގައި ދެމަފިރިން ވަކިވާ ވަކިވުން އެއީ، ވަރަށް ނޭދެވޭ ކަމެއް. އޭގެ އަސަރު މުޖްތަމަޢަށް ވަރަށް ބޮޑަށް ކުރަމުންދާނެ ކަމެއް.
އާދެ، އެހެންވީމާ، މިއަހަރުގެ ފަހުކޮޅު ރާއްޖޭގައި ޤައުމީ ފެންވަރުގައި ބޭއްވޭ ޖަލްސާއެއްގެ ވާހަކަ މިހާރު ތިޔަބޭފުޅުންނަށް ވާނީ އެނގިވަޑައިގެންފައި. މިއަހަރުގެ ޕްރެޒިޑެންޝަލް އެޑްރެސްގައި އެވާހަކަ އަޅުގަނޑު ވާނީ ދަންނަވާފައި. އަދި އެނޫން ގޮތްގޮތުންވެސް އެކަން އެނގިވަޑައިގެންފައި އޮތުން އެކަށީގެންވޭ. އެއީ ސަރުކާރުން ތައްޔާރުކުރާ، ވަރަށް ބޮޑު ޖަލްސާއެއް. އެ ޖަލްސާއަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން، ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ބައްދަލުވުމެއްގައި މަޝްވަރާ ކުރެވިގެން، ޢާއިލާގެ ގުޅުންތައް އިތުރަށް ބަދަހިކުރާނެ ގޮތްތައް ރާވައި، ޢާއިލާގެ ރޫޅުންތައް މަދުކުރެވޭނެ ގޮތްތައް ހަމަޖައްސައި، މިކަންކަމާ ދޭތެރޭގައި ވިސްނައި ފިކުރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެކަށައެޅުން، އެއީ މި ދެންނެވި ޖަލްސާގެ އެންމެ މުހިންމު މަސައްކަތް. އެފަދަ މަސައްކަތެއް ކޮށްގެން، އެމަސައްކަތުގެ ނަތީޖާއާ ގުޅޭގޮތަކަށް މުސްތަޤްބަލުގައި އަޅުގަނޑުމެން ކަންތައްތައް ކުރަމުންގެންދާ ކަމަށްވަންޏާ ޝައްކެއްނެތް، މިހާރު އަޅުގަނޑުމެން މި އުޅެމުންގެންދާ ދަތި ނުވަތަ ނުތަނަވަސް ގޮތްތަކަށްވުރެ މާ ފަސޭހަ، މާ ހިތްހަމަޖެހޭ ގޮތްތަކަކަށް އަޅުގަނޑުމެންގެ ދިރިއުޅުން ބަދަލުވެގެންދާނެ.
އާދެ، ދެން އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވާ އަނެއް މައުޟޫޢަކީ، އަޅުގަނޑުމެންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް އާލާކުރަން ބޭނުންވާ ވާހަކަ. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން، މުއުމިނުން، މުސްލިމުން. ﷲ ވަޙީކުރައްވަނީ "إِنَّمَا الْمُؤْمِنُونَ إِخْوَةٌ" "ހަމަކަށަވަރުން އެންމެހާ މުއުމިނުންނީ އަޚުންތަކެކޭ." އެއީ، އަޅުގަނޑުމެން އަމިއްލައަށް ބުނާ އެއްޗެއްނޫން. އެއީ، އަޅުގަނޑުމެންނަށްވުރެ މާމަތީ ފަރާތަކުން، އާދެ، އަޅުގަނޑުމެން ހެއްދެވި ފަރާތުން އަންގަވާފައިވާ އެންގެވުމެއް. އެ އެންގެވުމަށް އަޅުގަނޑުމެން ތަބާވާންޖެހޭނެ. އަޅުގަނޑުމެންނަކީ އަޚުންތަކެއްކަމަށް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ. ދީނީ އުޚުއްވަތްތެރި ކަމުގެ ގުޅުމަކީ ލޭގެ އުޚުއްވަތްތެރިކަމުގެ ގުޅުމަށްވުރެ މާ ވަރުގަދަ ބާރެއް. އެހެންކަމުން، މުސްލިމުންގެ މެދުގައި އެއްވެސް ސަބަބަކާހުރެ ބައިބައިވުމެއް އުފެދިގެންނެއް ނުވާނެ. ބައިބައިވުން އުފައްދަން ބަޔަކު އުޅޭކަމަށްވަންޏާ، އަޅުގަނޑުމެން އެކަންތައް ހުއްޓުވަންޖެހޭނެ.
މިވާހަކަ ދަންނަވަންޖެހެނީ، ރާއްޖޭގައި ދީނީ ކަންކަމާ ދޭތެރޭގައި ކޮންމެވެސްވަރަކަށް ޚިލާފު އުފެދޭގޮތް ދިމާވަމުންދާތީ. އަދި އޭގެ ސަބަބުން މުޖްތަމަޢުގައި ހަމަނުޖެހުން އުފެދެމުންދާތީ. އަޅުގަނޑުމެން ފަދަ ސަތޭކައިންސަތޭކަ މުސްލިމް ޤައުމެއްގައި މިގޮތަށް ކަންތައްތައް ހިނގައިގެނެއް ނުވާނެ. އަޅުގަނޑުމެން ވާންޖެހޭނީ، ﷲ އަޅުގަނޑުމެން ލައްވާފައިވާ ފަދައިން، އެއްބަނޑުއެއްބަފާ ބަޔަކަށް. އަޅުގަނޑުމެންގެ ގުޅުންތަކާއި، އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް އޮންނަންޖެހޭނީ އެކަމަކަށް ﷲ އެ ކަނޑައަޅުއްވައި އަންގަވާފައިވާ ގޮތެއްގެމަތިން ކުރިއަށްދާގޮތަށް. އެހެންވީމާ، އެ ނުކުތާއާ ދޭތެރޭގައިވެސް ފުނަދޫގެ ރައްޔިތުންނާއި، އަދި މިއަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންވެސް ވަރަށްބޮޑަށް ވިސްނެވުމަށް އަޅުގަނޑު އެދެން. އަދި މިކަންކަމަށް ސަމާލުވެވަޑައިގެން ތިއްބަވައިގެން، އަޅުގަނޑުމެންނަކީ އުޚުއްވަތްތެރި، އެއްބަނޑުއެއްބަފާ، ހަމަޖެހޭ ބަޔެއްގެ ގޮތުގައި ދިރިއުޅެމުން ދިޔުމަށްޓަކައި، ކޮންމެ މީހަކުވެސް، އެމީހަކު އަދާކުރަންޖެހޭ ވާޖިބެއް އިޚްލާޞްތެރިކަމާއެކު އަދާކުރަމުން ގެންދިޔުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް.
އާދެ، މިއަދުގެ މިޖަލްސާގެ ފަހުން އަޅުގަނޑު މިރަށުން ފުރައިގެން މިއަތޮޅުގެ އެހެން ރަށަކަށްވެސް ޒިޔާރަތްކުރަން ހަމަޖެހިފައިވޭ. އެއީ މިއަތޮޅުގެ ކޮމަންޑުއަށް. އެހެންވީމާ، މިތާނގައި މާގިނަ ވަގުތުތަކެއް ހޭދަކުރެވެން ނެތުމާއެކީގައި އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނީ. އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަމުންވެސް، މިރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން، އަދި މިއަތޮޅުގެ އަތޮޅުވެރިންނާއި، އަތޮޅުއޮފީހުގެ މުވައްޒަފުންނާއި، އަދި މިއަތޮޅުގައި ހިމެނޭ ސަރުކާރު މުވައްޒަފުންގެ ފަރާތުން، އަދި ކޮމިޓީތަކުގެ ފަރާތުންނާއި، މިރަށުގެ މަދަރުސާ ކުދިންނާއި، މިރަށުގައި ވަޒީފާ އަދާކުރައްވާ ހުރިހާ ފަރާތްތަކަކުން އަޅުގަނޑަށް ތިޔަ ވިދާޅުވި، ވަރަށް ހޫނު މަރުޙަބާއަށްޓަކައި އެ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވުން. އަޅުގަނޑުމެންގެ ރާއްޖެއަކީ އެކުވެރި ރައްޔިތަކު ދިރިއުޅޭ، އަމަންއަމާންކަމުން ފުރިފައިވާ، މަޞްލަޙަތު ހަމަޖެހިފައިވާ ޤައުމެއް ކަމުގައި އެކަލާނގެ ލެއްވުން. އަދި އަޅުގަނޑުމެންގެ ތަރައްޤީގެ މަސައްކަތުގައި އެކަލާނގެ ތައުފީޤާއި ބަރަކާތްލެއްވުން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން، ހުރިހާ ކަމެއްވެސް ވަރުގަދަ ޢަޒުމަކާ އެކީގައި ކުރިއަށްގެންދާ ބަޔަކު ކަމުގައި އެކަލާނގެ މިންވަރު ކުރެއްވުން.
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، މިއަދު އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބޭ ކަމަކާ ކުރިމަތިލާނަން. އާދެ، އެއީ މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން މިލަދުންމަޑުލު އުތުރުބައިގެ ފުނަދޫގައި މިއަތޮޅުގެ އަތޮޅުގޭގެ އާ ޢިމާރާތް ހުޅުވައިދިނުން. "بســم اللّـه الرّحمـن الرّحيــم"