بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيِّد المرسلين، وعلـى آلـه وَصَحْبِـهِ أجمـعـين.
އާދެ، އަޅުގަނޑުމެން މިވޭތުކުރަމުންދާ ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި މިރޭ އަޅުގަނޑުގެ އެންމެ އުފާވެރި ވާޖިބެއްކަމުގައި ދެކެނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވެރިންނަށާއި، ސިފައިންގެ އިސް އޮފިސަރުންނަށާއި، ސިފައިންގެ އެންމެހައި އޮފިސަރުންނަށާއި، އެންސީއޯއިންނަށާއި، ޕްރައިވެޓުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތަކާއި ތަހުނިޔާ ރައްދުކުރުން.
އަޅުގަނޑުމެން މިވޭތުކުރަމުންދަނީ އަހަރުގެ މަސްތަކުގެ ތެރެއިން، اللّـه سبحـانـه وتعـالى އެންމެ ޚާއްޞަ ކުރައްވާފައިވާ، އެންމެ މާތް މައްސަރުގެ ދުވަސްތަކާއި ރޭތައް. މިމައްސަރަށް ﷲ ކަނޑައަޅުއްވާފައިވާ، ވަރަށް ޚާއްޞަ އަޅުކަމެއްވޭ. އާދެ، އެއީ އެމަހުގެ ދުވާލުގެ ވަގުތުތަކުގައި ރޯދައަށް ތިބުން. ރޯދައަށް މުސްލިމުން ތިބޭ ތިބުމާ ގުޅިގެން، ރޭގަނޑު ވަރަށް ޚާއްޞަ ނަމާދެއްވެސް މި މައްސަރުގައި އަދާކުރުމަށް ﷲ ޝަރްޢު ކުރައްވާފައިވޭ. އެއީ ތަރާވީޙު ނަމާދު.
ކޮންމެގޮތަކުން ބެލިނަމަވެސް، ރަމަޟާން މަހަކީ މުސްލިމުންނަށް ލިބޭ، ވަރަށް މަތިވެރި ފުރުޞަތެއް ކަމުގައި ނުވެނުދާނެ. އަހަރު ދުވަހުގެ ތެރޭގައި އިންސާނުންނަށް ކުރެވޭ އެކިއެކި ކުށްތަކާއި ފާފަތަކުން ތައުބާވެ އަދި ހެޔޮކަމުގެ މަގަށް ރުޖޫޢަވުމަށް ﷲ ދެއްވާ ފުރުޞަތެއް މިއީ. އާދެ، މީގެ މާނައަކީ އަހަރުގެ އެހެން ދުވަސްތަކުގައި ކުށްކުރާށެކޭ ނޫން. ނުވަތަ ފާފަކުރާށެކޭ ނޫން. އެހެންނަމަވެސް، އިންސާނުންގެ ކަންތައްތައް ހުންނަގޮތުން ދިރިއުޅުމުގެ ތެރޭގައި، އުޅޭއުޅުމުގައި ބައެއްފަހަރަށް އެފަދަ ކަންތައްތައް އޮންނަނީ ނޭނގިނަމަވެސް ކުރެވިފައި. އެހެންކަމުން، އެ ކުރެވިފައިވާ ކަންތައްތަކާ ދޭތެރޭގައި ހިތާމަކޮށް، އެކަންތައްތަކުން ތައުބާވެ އިޞްލާޙުވުމަށް ﷲ ދެއްވާ މަތިވެރި ފުރުޞަތެއް، ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް މިއީ.
އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެން އެންމެންވެސް މިމާތް މައްސަރުގެ ދުވަސްތަކާއި ރޭތައް ހެޔޮގޮތުގައި ބޭނުންކުރަމުން ގެންދިޔުން. އާދެ، ރޯދަހިފަމުން ދިޔުން. ހަމައެހެންމެ، މިމަހުގެ ތެރޭގައި އަޅުގަނޑުމެންގެ އަޚްލާޤާއި ސުލޫކާއި ޢަމަލުތައްވެސް ވަރަށް ޚާއްޞަ ގޮތެއްގައި ބެހެއްޓުން.
އާދެ، ރޯދަހިފުމުގެ ބޭނުމަކީ، ހަމައެކަނި ދުވާލުގެ ވަގުތުތަކުގައި ނުކައިނުބޮއި ތިބުމެއް ނޫން. އޭގެއިތުރުން، އަޅުގަނޑުމެން އަޚްލާޤީގޮތުންވެސް ވަރަށް މަތިވެރި މަޤާމަކަށް ދިޔުން. އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެކުވެރިކަން ބަދަހިކުރުން. އެކަކުއަނެކަކާ ދޭތެރޭގައި އިޙްސާންތެރިވުން، ރުޅިމަޑުކުރުން، ފަޤީރުންނާއި މިސްކީނުންނަށް އެހީތެރިވުމާއި، އެމީހުނަށް ޞަދަޤާތް ދިނުން، އަދި ތިމާކުރާ ކޮންމެ ކަމެއްގައިވެސް ވަރަށް މަޑުމައިތިރި، ހަމަޖެހޭ، މާތް، ރަނގަޅު އުޞޫލަކުން ޢަމަލުކުރަމުން ގެންދިޔުން. ހަމައެހެންމެ، މިމައްސަރުގެ ގިނަ ވަގުތުތައް އަޅުކަމާއި ހެޔޮ ޢަމަލުގައި ހޭދަކުރަމުން ދިޔުން.
ދުވާލު އަޅުގަނޑުމެން މިތިބެނީ ވަރަށް މަތިވެރި އަޅުކަމެއްގެ މަތީގައި. މިހެން ތިބޭ ތިބުމުގައިވެސް އަދި ރޭގަނޑު އަޅުގަނޑުމެންނަށް ލިބޭ ފުރުޞަތުތަކުގައިވެސް ގިނަގިނައިން އަޅުކަންކުރުން. އާދެ، ކީރިތި ޤުރްއާން ކިޔެވުން، ދުޢާކުރުން، އަދި ތަރާވީޙު ނަމާދުކުރުން، ތަހައްޖުދު ނަމާދުކުރުން. މިގޮތުން، އަޅުގަނޑުމެންނަށް ކުރަން، ވަގުތު ތަނަވަސްވެގެންވާ އެންމެހައި ހެޔޮ ކަންތައްތައް ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީވެސް މިފަދަ މައްސަރެއްގައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.
އާދެ، މިފަދަ މާތް ބަރަކާތްތެރި ދުވަސްތަކެއް އަޅުގަނޑުމެންނަށް ﷲ ދެއްކެވިކަމަށްޓަކައި އެކަލާނގެ ޙަޟްރަތަށް އަޅުގަނޑުމެން ޝުކުރުކުރަންޖެހޭނެ. ޝުކުރުކުރުމަކީ ޢަމަލީގޮތުން އެކަން ހަނދާންކުރުން. އެކަލާނގެ އަންގަވާފައިވާ ގޮތުގެމަތިން ކަންތައްތައް ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރަމުން ގެންދިޔުން.
އާދެ، ބަރަކާތްތެރި ރަމަޟާން މަހަކީ، އީމާންކަމާއި ތަޤްވާގެ މައްސަރު. އެހެންކަމުން، އަޅުގަނޑުމެންގެ ހިތުގައިވާ އީމާންކަން އިތުރަށް ބަދަހިކުރެވޭތޯ މިމައްސަރުގެ ތެރޭގައި މަސައްކަތް ކުރަންޖެހޭނެ. އަޅުގަނޑުމެންގެ ތަޤްވާވެރިކަން އިތުރުކުރެވޭތޯވެސް މަސައްކަތް ކުރަންޖެހޭނެ. ތަޤްވާވެރިކަމަކީ، ﷲ އަށް ބިރުވެތިވުން. އެކަލާނގެ އަންގަވާފައިވާ އެންގެވުންތަކަށް ފަރުވާތެރިކަން ބަހައްޓައިގެން، އެއާއެއްގޮތަށް ޢަމަލުކުރަމުން ގެންދިޔުން. އެކަލާނގެ މަނާކުރައްވައި، ޙަރާމްކުރައްވާފައިވާ ކަންތައްތަކުން އެއްކިބާވެ ދުރުހެލިވުން.
އާދެ، ރޯދަ ފަރުޟު ކުރެއްވުމުގެ ޙިކްމަތެއް ކަމުގައިވެސް ﷲ ވަޙީކުރައްވާފައިވަނީ އެއީ ތަޤްވާވެރިވުން ކަމުގައި. އެހެންކަމުން، މިބަރަކާތްތެރި ފުރުޞަތުގެ ބޭނުން، އަޅުގަނޑުމެން އެންމެންވެސް ހެޔޮގޮތުގައި ކުރުމަކީ، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން އޮތް އެންމެ ރަނގަޅު އަދި އެންމެ ހެޔޮ ނަސޭހަތް.
އާދެ، މިއާ ގުޅިގެން އަދި ބައެއް ވާހަކަ ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުމެންނަކީ މުސްލިމް ޖަމާޢަތެއްގައި ދިރިއުޅޭ ބައެއް. މުސްލިމުންނަކީ، އެބައެއްގެ މެދުގައި އަބަދުވެސް އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަން އޮންނަންޖެހޭނެ ބައެއް. ހަމައެކަނި ވަކި ޤައުމެއްގެ ގޮތަކުންނެއް ނޫން. އިސްލާމީ ޤައުމުތަކުގެ މެދުގައި އޮންނަންޖެހޭނީ، ހަމަޖެހުމާއި، އެއްބާރުލުމާއި، އެކުވެރިކަން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މިއަދު ފެންނަމުންދާ މަންޒަރުތަކުން އެނގެނީ، އެއީ ދީނުގައި އަންގަވާފައިވާ ގޮތް ކަމުގައިވިޔަސް، އެގޮތަކަށް އިސްލާމީ ޤައުމުތަކަކުން ޢަމަލުކުރުމަކުން ނުދާކަން. ވަރަށް ހިތާމަހުރި ކަމެއް، ދޭދޭ ޤައުމުގެ ދޭތެރޭގައި މިބާވަތުގެ މައްސަލަތައް ޖެހެމުންދާކަން އެއީ. އަދި ބައެއް ޤައުމުތަކުގެ އެތެރޭގައި ހިނގާ ހަމަނުޖެހުންތަކުގެ ވާހަކަވެސް އަޅުގަނޑުމެންނަށް މިހާރު އަބަދުވެސް ޓީ.ވީ.ގެ ޛަރީޢާއިން ފެންނަމުންދޭ. ރޭޑިއޯއިން އެޚަބަރުތައް އަޅުގަނޑުމެނަށް އިވެމުންދޭ. ނޫސްތަކުގައިވެސް އެޚަބަރުތައް ޝާއިޢުކޮށްފައި އެބަހުރޭ.
މުސްލިމުންގެ މެދުގައި ހިނގާ ހަމަނުޖެހުންތަކުގެ ވާހަކަ، އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅައި، ހަނގުރާމަކޮށް، ލޭއޮހޮރުވައި، މިހެން ހަދާ ވާހަކަ. މިއީ ވަރަށް ހިތާމަހުރި ކަމެއް. މިސާލެއް ދަންނަވަންޏާ، އަލްޖަޒާއިރުގައި ނުވަތަ އަލްޖޭރިއާގައި މިހިނގާ ހަނގުރާމައިގައި، ހަނގުރާމައިގެ ޢަމަލުތަކުގެ ތެރޭގައި، މިވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި 30,000 މީހުން މަރުވެގެން ހިނގައްޖެ. މިއީ ކުޑަ ޢަދަދެއްތޯ؟ 30,000 މީހުން މަރުވެގެން އެދިޔައީ ބޭނުމެއްނެތް ގޮތެއްގައި، ހުއްދަ ނޫން ހަނގުރާމައެއްގެ ތެރޭގައި.
މިސުރުގައި މިކުރެވޭ ހަނގުރާމައިގައި، ހަނގުރާމައޭ މިދަންނަވަނީ، ހަނގުރާމައިގެ ޢަމަލުތައް ކުރާތީ. ސަރުކާރާ ދެކޮޅަށް ޢަމަލުކުރާ ބައެއް ފަރާތްތަކުން ހަރުކަށި ޖަމާޢަތްތަކުގެ މީހުން ބޭނުންކުރަނީ ހަނގުރާމައިގެ ހަތިޔާރުތައް. އެކި ވައްތަރު ވައްތަރުގެ ބަޑިއާއި، ބޮމާ މިބާވަތުގެ އެއްޗެތި ބޭނުންކޮށްގެން ޙަމަލަދެނީ. ޙަމަލަދޭ ވަކިފަރާތެއް ނެތް. އެންމެންނާވެސް ޙަމަލަދެނީ. ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ ޙަމަލަދެނީ. އެކިއެކި މިނިސްޓަރުންނާ ދިމާކޮށް، ޙަމަލަދީ އަވަހާރަކޮށްލަން މަސައްކަތްކުރޭ. ސިފައިންގެ މަތީ ފެންވަރުގެ އޮފިސަރުންނާ ޙަމަލަދީ އެތައް ބަޔަކު މިހާރުވެސް މަރާލައި، ނިންމައިފި. ސިފައިންގެ އާދައިގެ މީހުންނާވެސް ޙަމަލަދޭ. އަދި ޢާންމު ތަންތާނގައި ބޮން އެއްޗެތި ގޮއްވުމުން، ޢާންމުންގެ ވަރަށް ގިނަ ބަޔަކު މަރުވެގެން އެބަދޭ. އޭގެތެރޭގައި އަންހެނުންނާއި، މަޢުޞޫމް ކުޑަކުދިންވެސް އެބަ ހިމެނޭ.
މިއީ، ބައެއް ތަންތާނގައި ކަންތައް ހުރިގޮތް. އަދި ޕާކިސްތާނުގައި ކަންތައް ހުރިގޮތަށް ބަލާއިރު، އެއްގޮތަކުން ބަލާއިރު، މިއަށްވުރެވެސް މާ ހިތާމަހުރިކަމަށް ދަންނަވަންޖެހޭ. އެއީ، ބައެއް މީހުން މިސްކިތަށް އަރައި ނަމާދަށް ތިއްބައި، މުސްލިމުންގެ އަނެއް ޖަމާޢަތެއްގެ ބަޔަކު އަރައި، އެބައިމީހުން ގަޔަށް ބަޑިޖަހައި އެ މަރަނީ. މިއީ އެއްވެސް ޒަމާނެއްގައި، އެއްވެސް ތަނެއްގައި ހިނގައިގެން ވާނެ ޢަމަލެއް ނޫން. މިކަންތައްތަކަށް މަގުފަހިކޮށްދޭ ކަމަކީ، މުސްލިމުންގެ މެދުގައި އެކިއެކި ކަންކަމާ ދޭތެރޭ ބައިބައިވުން އުފެދުން. ޚިޔާލު ތަފާތުވުން އުފެދުން. ވަކިގޮތަކަށޭ އުޅެންޖެހޭނީ ކިޔައިގެން، ބަޔަކުމީހުން ގޮތްތަކެއް ދައްކައި، އެގޮތަށް ނޫޅޭ މީހުންނާ ދޭތެރޭގައި އެމީހުން އެކިއެކި ޢަދާވާތްތެރި، ނުރައްކާތެރި ޢަމަލު ހިންގަނީ.
އެކަމަކު ޢަޖައިބަކީ، ދީނުގައި މިކަން މިގޮތަށް އަންގަވާފައި ނުވާއިރު، މިގޮތަށް ކަންތައް ހިނގަމުންދާކަން. މިދެންނެވީ، ދީނީ ޝުޢޫރަކީ ޙަޤީޤަތުގައި ވަރަށް މާތް ޝުޢޫރެއް. އެމީހެއްގެ ހިތުގައި އުފެދޭ، ވަރަށް މަޑުމޮޅި ޝުޢޫރެއް. އެއީ އެހެން މީހުންނާ ދޭތެރޭގައި އުފެދޭ އިޙްސާންތެރިކަމާއި، ލޯބީގެ ޝުޢޫރެއް. އުޚުއްވަތްތެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ ޝުޢޫރު. މިހެން މިކަން އޮތްއިރު، ކީއްވެގެންތޯ ދީނީ ޝުޢޫރު، ދެކޮޅުވެރިކަމުގެ ޝުޢޫރަކަށް، ޢަދާވާތްތެރިކަމުގެ ޝުޢޫރަކަށް ބަދަލުވެގެންދާނީ. އޭގެ ސަބަބުން މީހުންގެ ގަޔަށްއަރައި، މީހުން މަރައި، މިހެން ހެދުމަށް މަގުފަހިކޮށްދޭ ޝުޢޫރަކަށް ވެގެންދާންވީ ކީއްވެގެންތޯ؟ އެއީ ޢަޖައިބަކީ. އާދެ، ދީނީ ޝުޢޫރަކީ މަޑުމޮޅިކަމާއި، މަޑުމައިތިރިކަމާއި، އިޚްލާޞްތެރިކަމުގެ ޝުޢޫރެއް. އެކަކުއަނެކަށް ހެޔޮއެދުމުގެ ޝުޢޫރެއް. އެހެންވީމާ، އެއްވެސް ހަމަޔަކުން ބަލާއިރު، ދީނީ ޝުޢޫރެއް ހައްދުފަހަނަޅައި ގޮސްގެނެއް ނުވާނެ. އާދެ، ދީނީ ޝުޢޫރު މީހާގެ ހިތުގައި ކިތަންމެ ގަދަވެގެންދިޔަ ކަމުގައިވިޔަސް، މިދެންނެވި ކަހަލަ ޙަމަލަތަކަށް އެޝުޢޫރު މަގުފަހިކޮށްދީގެން ނުވާނެ.
އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި އެހިސާބަށް ކަންތައްތަކެއް ނުދޭ. އެހެންނަމަވެސް، އަޅުގަނޑުމެންގެ މުޖްތަމަޢުގައިވެސް ވަކިވެގަތުމުގެ ބައެއް ކަންތައްތައް ފެންނަމުން އެބަދޭ. އަޅުގަނޑު ރޭގައި އިސްލާމީ މަރުކަޒުގައި ދެއްކި ވާހަކައިގައި މިކަމަށް އިޝާރާތް ކުރިން. ބައެއް މީސްމީހުން ވަކިގޮތަކަށް ހެދުން އަޅައިގެން އަޅުގަނޑުމެންގެ ތެރޭގައި އެބައުޅޭ. ކޮންމެވެސް އެއްޗެއް ބޮލުގައި އަޅާފައި އޭގެ ކަންގަނޑު ބުރަކަށިމައްޗަށް އެއްލާލައި އަދި އެހެން ސިފައެއް ދައްކައިގެން، ވަކި ޖަމާޢަތެއްގެ ގޮތަށް ހެދިގެން އެބައުޅޭ. މީކީ ހުއްދަވާނޭ ކަމެއްނޫން. އެއިން ވާނެގޮތަކީ، ވަކި އަމިއްލަ ޖަމާޢަތެއް އުފެދެނީ. އެޖަމާޢަތާ، ދެންތިބި އަޅުގަނޑުމެން ދިވެހި މުސްލިމުންނާ ދޭތެރޭގައި ދެން އުފެދޭނީ ދެކޮޅުވެރިކަން. ދެން އެންމެފަހުންގޮސް އެކަން ވެގެންދާނީ، ނުރައްކާތެރި ފިތުނައަކަށް. މިކަން މިހެންވުމުގެ ކުރިން އަޅުގަނޑުމެން ފިޔަވަޅު އަޅަން އެބަޖެހޭ.
އެހެންވީމާ، ސަރުކާރުން މިހާރު މި ގަސްތުކުރީ މިކަމާ ދޭތެރޭގައި އެކަށީގެންވާ ފިޔަވަޅު އަޅަން. އެއީ މަނާކަމެއް ކަމުގައި ހަމަޖައްސައި، އެގޮތަށް ޢަމަލުކުރާ މީހުންނާ ދޭތެރޭގައި ޤާނޫނީ ފިޔަވަޅު އަޅަން މިހާރުވަނީ ގަސްތުކުރެވިފައި. އެގޮތުން، އަންހެނުންގެ މޫނު ނިވާކޮށްގެން، އެއީ ވަކި މީހަކުކަން ނޭނގޭގޮތަށް މަގުމަތީގައި ހިނގައި އުޅުމާއި، ޢާންމު ތަންތާނގައި ހިނގައި އުޅުމަކީ މަނާކަމެއްކަން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން، މިހާރުވަނީ އިޢުލާނު ކުރައްވާފައި. ހަމައެހެންމެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު އިޢުލާނެއް ކޮށްފައި ވާނެ. ސަރުކާރުގެ އޮފީސްތަކަށާއި، ޢިމާރާތްތަކަށާއި ތަންތަނަށް، އެއީ ކާކުކަން ނޭނގޭގޮތަށް ހެދުންއަޅައިގެން ތިބޭ މީހުން ވަނުމަކީ މަނާކަމެއް ކަމަށް.
އާދެ، އެއީ އެތައް ސަބަބަކާހުރެ. އެންމެ ފުރަތަމަ، ސަރުކާރުގެ އޮފީހަކަށް ވަންނަ މީހަކަށް ބޭނުންވާ ކަންތައް އެއޮފީހަކުން ނުކޮށްދެވޭނެ، އެއީ ކާކުކަން އެނގިގެން ނޫނީ. ބައެއް ތަންތަނަށް މީހުން ދާނީ އެކިކަހަލަ ކަންތައްތަކާ ހަވާލުވުމަށްޓަކައި. ގޭގެ ރަޖިސްޓަރީއެއް ނުވަތަ އެހެންވެސް މުހިންމު ލިޔުމެއް، ނޫނީ ފައިސާއެއް ދައްކަން، ނޫނީ ކޮންމެވެސް އެހެން ކަމަކަށް އެދިގެން، ސިޓީއެއްލައިގެން. އެކަން ސަރުކާރުން ހަމަޖައްސައިދޭންވީ. މިއިން ކޮންމެ ކަމެއް ކޮށްދެވޭނީ، އެއީ ކާކުކަން އެނގިގެން. ކާކުކަން އެނގޭނީ، މޫނު ނިވާނުކޮށް ހުރީމާ. ހަމައެހެންމެ، ޝަރީޢަތަކަށްދިޔަސް، ޝަރީޢަތުންވެސް މީހަކާ ދޭތެރޭ ކަންތައް ކުރައްވަން އެނގިވަޑައިގަންނަވާނީ، އެއީ ކާކުކަން ރަނގަޅަށް އެނގިގެން. ތަޙްޤީޤަކަށް މީހަކު ގެނެވުނަސް، އެއީ ކާކުކަން އެނގެން އެބަޖެހޭ. ދެން އެހެން ނަޒަރަކުން ބަލާއިރު، މިކަހަލަ ޒަމާނެއްގައި އެއީ ކާކުކަން ނޭނގޭކަހަލަ މީސްމީހުން ތަންތަނަށް ވަންނަމުންދާ ކަމަށްވަންޏާ، އެއީ ސަލާމަތީގޮތުން ބަލާއިރު ނުރައްކާ ކަމަކަށް ވެދާނެ.
ރާއްޖޭގައި ވަރަށް ގިނަ ޢަދަދަކަށް ބިދޭސީންވެސް އެބައުޅޭ. އެހެންވީމާ، އަންހެނެއްގެ ހެދުން އަޅައިގެން ފިރިހެނަކުވެސް އުޅެފާނެ. ބިދޭސީއަކުވެސް އުޅެފާނެ. ކޮންމެވެސް ނުބައި ޙަރަކާތެއް ރޭވުމަށް ގަސްތުކުރާ މީހަކުވެސް، އެކަމަށް މަގުފަހިކުރުމުގެ ގޮތުން، މިދެންނެވި ގޮތްގޮތަށް ހެދުން އަޅައިގެން މަގުމަތީގައި ހިނގައި، ތަންތަނަށް ގޮސް ސަރުކާރުގެ އޮފީސްއޮފީހަށް ވަދެ ހަދާފާނެ. އެއީ އަޅުގަނޑުމެންނަށް ހުއްދަކުރެވޭނޭ ކަމެއްނޫން. އެހެންވީމާ، އެކަން މި މަނާކުރީ.
ދެން އަޅުގަނޑު ރޭގައި ދަންނަވާފައި އޮންނާނެ، މުސްލިމް އަންހެނުން މޫނު ނިވާކުރުމަކީ، ދީނުގައި އަންގަވާފައިވާ ގޮތެއް ނޫނޭ. އެއީ ހަމަ ޙަޤީޤަތެއް. އެއީ ކީރިތި ރަސޫލާގެ ޒަމާނުގައިވެސް މުސްލިމް އަންހެނުން، މޫނު ނިވާނުކޮށް އުޅުނުކަން ޞައްޙަ ޙަދީޘްތަކުން ސާބިތުވޭ. އަދި އެކަންތައް ކީރިތި ރަސޫލާ މަނާކުރައްވާފައެއް ނުވޭ. އެއީ މަނާކަމެއް ކަމުގައިވަނީނަމަ، ޝައްކެތްނެތްގޮތުގައި، އެކަލޭގެފާނު އެކަން މަނާކުރެއްވީސް. އެހެންނަމަވެސް، މަނައެއްނުކުރައްވާ. ވަރަށް މަޝްހޫރު ޙަދީޘެއްގައި އޮވޭ. "الأولى لك والثانية عليك" އޭގެ މާނައަކީ، "ހިލޭ ފިރިހެނަކު، އަންހެނަކު ފެނިގެން ފުރަތަމަ އެއަންހެންމީހާއާ ދިމާއަށް ބަލައިލާ ބަލައިލުން، އެއަކު މައްސަލައެއް ނެތޭ. އެކަމަކު ދެވަނަފަހަރަކު، އެހެން ނަޒަރަކުން ބަލައިލައިފިނަމަ، އެއީ މައްސަލައެކޭ." އެހެންވީމާ، އެ ދެވަނަފަހަރަށް ބަލައިލާ ބަލައިލުން މައްސަލައަކަށްވާނީ، އެ އަންހެންމީހާ ހުރި ސިފަ ފެނިގެން. ހަމައެކަނި ހެދުން އަޅައިގެން ފޮރުވިގެން ހުރި މީހަކާ ދިމާއަށް، ދެވަނަފަހަރު ކީއްކުރަންތޯ؟ ތިންވަނަ ފަހަރަކު، ހަތަރުވަނަ ފަހަރަކު ބެލިޔަސް، އެއީ މައްސަލައެއް ނޫން. މި ޙަދީޘްފުޅުންވެސް އެނގޭ، އެމީހުން ތިބެނީ މޫނު ނިވާކޮށްގެނެއް ނޫންކަން. އަދި ބައެއް ޙަދީޘްތަކުގައި އެބަހުރޭ، ކީރިތި ރަސޫލާ، އަންހެނުންނަށް ނަސޭހަތްދެއްވައި، އިރުޝާދު ދެއްވީމާ، ކޮންމެވެސް އަންހެނަކު ތެދުވެ، ސުވާލު ދަންނަވާ ވާހަކަ. ދެން އެ އަންހެންމީހާގެ ސިފަވެސް، އެ ޙަދީޘްފުޅުގައި ބަޔާންކޮށްފައި އެބަހުރި. އެއީ މިވެނި ސިފައަކަށް ހުރި މިވެނި ކުލައެއްގެ އަންހެނެއްކަން. އޭނާގެ މޫނުހުރީ މިވެނިގޮތަކަށޭ. އެހެން އެބަހުރޭ، ޙަދީޘްގައި. އެހެން ހުންނާނީ ކީއްވެގެންތޯ، މޫނު ނިވާކޮށްގެން ތިބޭކަމަށްވަންޏާ. ނުހުންނާނެ. އަދި ކީރިތި ޤުރްއާނުގައި އިނގޭތޯ، ކީރިތި ރަސޫލާއާ ބެހޭގޮތުން، އެކަލޭގެފާނު ކައިވެނިކުރެއްވުމާ ބެހޭގޮތުން އައިސްފައިވާ އާޔަތެއްގައިވެސް މިވާހަކަ އަޅުގަނޑުމެންނަށް ދޭހަވާގޮތަށް، މިދެންނެވީ މޫނު ނިވާކޮށްގެން ތިބުމަކީ، ދީން ލާޒިމުކުރާ ކަމެއް ނޫންކަން އެނގޭގޮތަށް އެބަހުރި.
ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މީހުންނާ ކައިވެނިކުރެއްވުމުގައި، ކީރިތި ރަސޫލާއަށް ﷲ އޮތީ ޚާއްޞަ ގޮތްގޮތް ހުއްދަކުރައްވާފައި. އެހެން މުސްލިމުންނަށް ހުއްދަ ނުކުރައްވާ ގޮތްތައް. އޭގެ ސަބަބުވެސް އެބައޮތް. އެކަލޭގެފާނު މީހުންނާ ކައިވެނިބައްލަވައިގަންނަވަނީކީ، އެހެން އިންސާނުން މީހުންނާ އިންނަ ފަދައިން، ވަކިކަހަލަ ބޭނުންތަކެއްގައެއް ނޫން. އެއަށްވުރެ މާމަތިވެރި އަޚްލާޤެއްގެ ވެރި ބޭފުޅެއް، ކީރިތި ރަސޫލާ އެއީ. އެއަށްވުރެ މާ ދީންވެރި، މާ ތަޤްވާވެރި ބޭކަލެއް. އެހެންވީމާ، އެކަލޭގެފާނު މީހުންނާ ކައިވެނިބައްލަވައިގަންނަވަނީ، އެޒަމާނުގައި ކަންތައްތައް އޮތްގޮތުން އެއީ ކުރައްވަން ރަނގަޅު ކަމެއްކަމުގައި ފެނިވަޑައިގަންނަވައިގެން.
އޭގެފަހުންވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ބައެއް ޝާހީ ޚާންދާންތަކުގައި، ޔޫރަޕްގައިވެސް އެއްޤައުމެއްގެ ޝާހީ ޚާންދާނުގެ މީހަކު، ޕްރިންސެއް ނުވަތަ އަމީރެއް، އަނެއް ޤައުމެއްގެ ޝާހީ ޚާންދާނުގެ އެފަދަ ބޭފުޅަކާ ކައިވެނިކުރުމަކީ ވަމުން އައިސްފައިވާ ކަމެއް. އެއީ ދެ ޤައުމުގެ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިކުރަން. އެއީ ދެ ޢާއިލާއެއް، އެއް ޢާއިލާއަކަށް ވެގެން، އެދޭތެރޭގައި އޮންނަ އެއްބާރުލުން އިތުރުކުރުމަށްޓަކައި، ސިޔާސީގޮތުން ހަމަޖެހުން އުފެއްދުމަށްޓަކައި ކުރަމުން އައިސްފައިވާ ކަމެއް. ހަމަ އެގޮތުގެމަތިން، ކުރީ ޒަމާނުގައި ޢަރަބީންގެ ތެރޭގައިވެސް، ޢަރަބީން ބެހިފައިވަނީ ތަފާތު ޤަބީލާތަކަކަށް. އެހެންވީމާ، ތަފާތު ޤަބީލާތަކުގެ މީހުންނާ ރަސޫލާ ކައިވެނިބައްލަވައިގަތީމާ ވާގޮތަކީ، އެހުރިހާ ޤަބީލާތަކާއި ރަސޫލާއާ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިވެ، ހުރިހާ އިސްލާމުންނަކީ އެކަތިގަނޑަކަށް ވަނީ. އެފަދަ މާތް މަޤްޞަދެއްގައި ރަސޫލާއަށް އެކަން ﷲ ހުއްދަކުރައްވާފައިވަނީ. އެހެންނަމަވެސް، އެކަންވެސް އޮތީ ވަކި ޙުދޫދެއްގައި. ﷲ މިދެންނެވި އާޔަތުގައި ވަޙީކުރައްވާފައި ވަނީ، މިއަށްވުރެ އިތުރަކަށް ކަލޭގެފާނަށް މީހުންނާ ކައިވެނިބައްލަވައިގަތުން ހުއްދަވެގެންނެއް ނުވެއޭ. އަދި އެއީ ކަލޭގެފާނަށް ފެނިވަޑައިގަންނަވާ އަންހެނުންގެ ތެރެއިން އެބައިމީހުންގެ ރީތިކަން ހުންނަ ގޮތުން ކަލޭގެފާނު ޢަޖައިބުފުޅުވާ ހިސާބަށްދިޔަކަމުގައިވިޔަސް، ކަލޭގެފާނުގެ ބައެއް އަނބިކަނބަލުން ވަރިކުރައްވާފައި، އެމީހުނާ ކައިވެނި ކުރެއްވުންވެސް ހުއްދައެއް ނުވެއޭ. އެހެން އެ އާޔަތުގައި އަންގަވާފައި މިއޮތީ.
އެހެންވީމާ ކިހިނެއްތޯ، އެމީހުންގެ ރީތިކަން ހުރިގޮތުން، އިތުރު އެކަލޭގެފާނު ޢަޖައިބުފުޅުވާ ދަރަޖައަކަށްދާނީ، އެމީހުން ތިބޭގޮތް ފެނިވަޑައިނުގަންނަވާ. އެމީހުންގެ މޫނުތައް ނިވާކޮށްގެން ތިބޭކަމަށްވަންޏާ، ރަސޫލާއަކަށް އެމީހުންގެ ސިފައެއް އެނގިވަޑައެއްނުގަންނަވާނެ. އަދި އެހެން މީހަކަށްވެސް އެމީހުންގެ ސިފައެއް ނޭނގޭނެ. އެމީހުން އެއީ ރީތި ބައެއްކަން، ހުތުރު ބައެއްކަންވެސް ނޭނގޭނެ. އެހެންވީމާ، ޤުރްއާނުގައި މިހެން އަންގަވާފައި އޮތީމަ އެބަ އެނގޭ، އެޒަމާނުގައި އެމީހުންވެސް އުޅުނީ ހަމަ ރީތިކޮށް. މިދެންނެވީ، ޢައުރަ ނިވާކުރިކަމުގައިވިޔަސް، މޫނަކީ އަންހެނުންގެ ޢައުރައެއް ނޫން. އެއްވެސް ދަންނަ ބޭކަލަކު އެހެން ވިދާޅުވެފައެއް ނެތް. އެހެންވީމާ، މޫނު ނިވާކުރާކަށް ނުޖެހޭ. މިދެންނެވި އާޔަތުންނާއި އަދި ވަރަށް ގިނަ ޙަދީޘްތަކުން އެކަން ވަރަށް ބޮޑަށް ސާފުކޮށް އެނގެން އެބައޮތް. އެހެންނަމަވެސް، އެއާ ޚިލާފަށް އަޅުގަނޑުމެންގެ ރާއްޖޭގައި، ތަންދޮރު ނުދަންނަ ބަޔަކު ވާހަކަތައް ފަތުރައިގެން، މޫނު ނިވާކޮށްގެން، ގައިގެ އެއްވެސް ތަނެއް ނުފެންނަ ގޮތަށް ބައެއް އަންހެނުން މަގުމައްޗަށް ނުކުމެއުޅެނީ. މިހެން ދެންނެވިޔަސް، އެއީ އަންހެނުން ކަމެއްވެސް ނޭނގޭ. ކިހިނެއްތޯ އެނގޭނީ. އެހާ ހަމަނުޖެހޭ ސިފަޔަކަށް މިކަން ވަމުން މިދަނީ. އެހެންވީމާ، އެކަމާ ބެހޭގޮތުން ސަރުކާރުން ފިޔަވަޅު އަޅަން މި ގަސްތުކުރީ.
އަޅުގަނޑު މިރޭ މިވާހަކަ މިދަންނަވާލި ބޭނުމަކީ، މިކަމަކީ ރާއްޖޭގެ ޤާނޫނާއި ގަވާއިދު ހިފަހައްޓަން އެންމެ އިސްކޮށް ތިބޭ ސިފައިންނަށް ވަރަށް ރަނގަޅަށް އެނގެންޖެހޭ ކަމަކަށްވާންޖެހޭނެތީ. އެހެންވީމާ، ތިޔަބޭފުޅުންގެ ވާޖިބަކަށްވާންވާނީ، ޤައުމުގައި ހަމަޖެހުން އިތުރަށް ބަދަހިކުރެވޭތޯ މަސައްކަތް ކުރެއްވުން. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބައިބައިވުމާއި، ވަކިވެގަތުމަށް ފުރުޞަތު ނުދެއްވުން. ސަރުކާރުން އަންގާ އެންގުންތަކާ ޚިލާފުވާ، ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވާ މީހުންނާ ދޭތެރޭގައި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުން. އެހެންވީމާ، ސިފައިންގެ ކޮންމެ މީހަކަށްވެސް މިކަހަލަ ކަމެއް ފެނިއްޖިއްޔާ، އެމީހަކު ޖެހޭނެ އެކަން މަނާކުރަން. ކަމާބެހޭ ފަރާތަށް އަންގަންޖެހޭނެ. އަންގައިގެން އެފަރާތުން އެބަޔަކާ ދޭތެރޭގައި ފިޔަވަޅު އަޅުއްވަންޖެހޭނެ. އެކަހަލަ ގޮތަކަށް ކަންތައް ގެންގޮސްގެން ނޫނީ، އަޅުގަނޑުމެންގެ މިރާއްޖޭގައި މިއޮތް ހަމަޖެހުމާއި އަމަންއަމާންކަން ދެމިއެއްނޯންނާނެ.
އަޅުގަނޑުމެންގެ ހުރިހާ ކުރިއެރުމުގެ ސިއްރަކީވެސް އަޅުގަނޑުމެންގެ މިއޮންނަ ސިޔާސީ ހަމަޖެހުން. އަޅުގަނޑުމެންގެ މިއޮންނަ އެކުވެރިކަން، އަމަންއަމާންކަން. ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ބިދޭސީއަކުވެސް އެންމެ ފުރަތަމަ ބުނާ ވާހަކައަކީ މިއީ ހާދަ ޞުލްޙަވެރި ތަނެކޭ. ހާދަ އަމާން ތަނެކޭ. ރާއްޖޭގައި ވަޒީފާ އަދާކޮށްފައި ބޭރަށްގޮސްވެސް، ފަހުން ލިޔެފައިވެސް އެވާހަކަ އެބަ ބުނޭ. ޔޫ.އެން.ޑީ.ޕީ.ގައި ހުންނެވި ބޭކަލެއް، ރާއްޖޭގައި ގާތްގަނޑަކަށް ހައެއްކަމަސް ޚިދުމަތް ކުރައްވާފައި އޭނާ ދުރުވީ. އިހަކަށްދުވަހު ރާއްޖެއަށް އޭނާ ޒިޔާރަތްކުރައްވާފައި އަޅުގަނޑަށް ފޮނުއްވި ސިޓީއެއްގައި އޭނާ ލިޔުއްވާފައި މިއޮންނަނީ، ރާއްޖެހާ އަމަންއަމާންކަން ބޮޑު، ޞުލްޙަވެރި ތަނެއް ތިމަންނަ ދުވަހަކުވެސް ނުދެކެމޭ. އެހެންވީމާ، އަބަދުވެސް ރާއްޖެއަށް ޒިޔާރަތްކުރާހިތްވެއޭ. ރާއްޖޭގައި ތިމަން އުޅުނު ދުވަސްތަކަކީ، ތިމަންނަގެ ޙަޔާތުގެ އެންމެ އުފާވެރި ދުވަސްތަކޭ. އަދި ރާއްޖެ ކުރިއަރަމުންދާވަރު ދެކެވަޑައިގެން، އޭނާ އެކަމާ އުފާކުރައްވާ ކަމަށްވެސް ލިޔުއްވާފައި އޮތް.
އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ޞުލްޙަވެރިކަމާއި ހަމަޖެހުން ވާނޭ އަޅުގަނޑުމެން ހިފަހައްޓަން. އެއީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެއް. އެ އަމާންކަމާއި، އެ ޞުލްޙަމަޞްލަޙަތު އަޅުގަނޑުމެންގެ ދަރިންނަށް އަޅުގަނޑުމެން ވާޞިލްކޮށްދޭންޖެހޭނެ. އަދި އަޅުގަނޑުމެންގެ ހުރިހާ ކުރިއެރުމެއްގެ ބިންގަލަކީވެސް އެއީ ކަމަށްވާތީ، އަޅުގަނޑުމެން ކުރިއަރަމުންދާ ކުރިއެރުން އެގޮތުގެމަތިން ހިފެހެއްޓުމަށްޓަކައިވެސް އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ހަމަޖެހުމާއި ޞުލްޙަމަޞްލަޙަތު ހިފަހައްޓަންޖެހޭނެ.
ޓޫރިޒަމްގެ ދާއިރާއިން އަޅުގަނޑުމެން ކުރިއަށް މިދަނީ، ވިޔަފާރި ކުރިއަށްދަނީ. މިހާރު ރާއްޖެއަކީ އިރާދަކުރެއްވީތީ މިހިސާބުގަނޑުގެ ޤައުމުތަކުގައި ހަމަ ފާހަގަކޮށްލެވޭ ޤައުމެއް. ރާއްޖެ ކިތަންމެ ކުޑަކަމުގައިވިޔަސް، އަދި ރާއްޖޭގައި އަމިއްލަ މުއްސަނދިކަން މާ ފާހަގަކުރެވޭވަރަކަށް ނެތްކަމުގައިވިޔަސް، އަޅުގަނޑުމެން ކުރިއަރަމުންދާ ކުރިއެރުމަކީ، ދުނިޔޭގެ ހުރިހާ ތަނަކުންވެސް ދެކޭ ކަމެއް. ބޭރުގެ ފަރާތްތަކުންވެސް އެމީހުން ހުށަހަޅާ ރިޕޯޓްތަކުގައިވެސް އެވާހަކަ ލިޔަމުން ގެންދޭ. މިކުރިއެރުން އަޅުގަނޑުމެންނަށް ﷲގެ ވާގިފުޅާއެކު ލިބެވެނީ، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ހަމަޖެހުމުގެ ސަބަބުން. އެއާ ޚިލާފަށް، ރާއްޖެއަކީ މީހުން މަރާ، ތަންތާނގައި ބޮން ގޮއްވާ، ޓެރަރިޒަމްގެ ޙަރަކާތްތައް ހިންގާ ތަނަކަށްވަންޏާ ކިހިނެއްތޯ ވާނީ؟ ކޮންބަޔަކުތޯ ރާއްޖެ އަންނާނީ؟ ޓޫރިސްޓުންނަށް އަންނާކަށް ނުކެރޭނެ. ބިރުގަންނާނެ. މިސުރުގައިވެސް އެކަން ދިމާވި އިނގޭތޯ!
މިސުރުގައި މިހިނގާ ހާދިޘާތަކުގެ ތެރެއިން މިދިޔަ އަހަރު މިސުރަށް އައި ޓޫރިސްޓުންގެ ޢަދަދު، ކުރީ އަހަރަށްވުރެން 30 ޕަސެންޓް މަދުކަމަށްވަނީ. ނާންނާނެ ނޫންތޯ، އެމީހުންނާ ބަޔަކު ދިމާކޮށް، އެމީހުންގެ ގަޔަށް ބަޑިޖަހައި، ނުވަތަ އެމީހުން ދަތުރުކުރާ ބަސް އެއްޗިއްސަށް ޙަމަލަދޭ ކަމުގައިވަންޏާ. ވަރަށް ބޮޑު ތަނެއް މަދުވެގެންދާނެ. ލިބޭ އާމްދަނީވެސް އެހާބޮޑުތަން މަދުވެގެންދާނެ. އަދި އެތަނަކަށް އަދި މީހުންދިޔަކަމުގައިވިޔަސް، އަޅުގަނޑުމެންގެ ރާއްޖެ ފަދަ ތަނެއްގައި އެންމެ ޙާދިޘާއެއް ހިނގިޔަސް ދެން ނާންނާނެ.
އެހެންވީމާ، އަޅުގަނޑު މިދަންނަވާލީ، އަޅުގަނޑުމެން ޖެހޭނެއޭ، އަޅުގަނޑުމެންގެ މިއޮތް އަމަންއަމާންކަން ހިފަހައްޓަން. މިއޮތް އެކުވެރިކަމާއި، މިއޮތް ރީތި އޮމާން ޖައްވު، އޭގެ އެންމެ އެދެވޭގޮތުގައި ހިފަހައްޓަން. އެއީ އަޅުގަނޑުމެންގެ ވާޖިބެއް. އަދި ޚާއްޞަކޮށް، ސިފައިންނަކީ އެކަހަލަ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެ ތިބޭ ބަޔަކަށްވާތީ، އެމީހުންގެ ވަރަށް ބޮޑު ވާޖިބެކޭ. އެވާހަކަ އަޅުގަނޑު މިރޭ ދަންނަވާލަން ކޮންމެހެން ބޭނުންވީ.
އާދެ، ދެން މިފަހަރު މިކަހަލަ ބައްދަލުވުމެއް ހަމަޖެހުނީތީ، އަޅުގަނޑުވެސް ވަރަށް އުފާކުރަން. ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބުނީތީ. މިފަހަރު ކަންދިމާވިގޮތުން، ރަމަޟާންމަހު މީގެ ކުރިން މިތަނަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބުނުކަމުގައިނުވިޔަސް، މިރޭ މިފުރުޞަތު ލިބުނީތީ ވަރަށް ބޮޑަށް އުފާކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑުގެ ހެޔޮއެދުންތައް ރައްދުކުރަން.
އަޅުގަނޑު އެދެނީ، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތް އަޅުގަނޑުމެންނަށް ރަނގަޅަށް އޮޅުންފިލައިގެން، އެގޮތުގައި އަޅުގަނޑުމެން ސާބިތުވެ ތިބުން. ދީނުގެ ކަންތައްތައް އެނގޭ މީހުން ދައްކާ ވާހަކައަށް ތަބަޢަވުމުގެ ތައުފީޤު މާތް ﷲ ދެއްވުން. އެއީ، ދީނުގެ ކަންތައްތަކަކީ، އެކަމުގެ ޢިލްމު ލިބިހުރި މީހަކަށް ނޫނީ ބަޔާންކުރެވޭނެ ކަންތައްތަކެއް ނޫން. ކޮންމެ ކޮންމެ މީހަކަށް ދީނުގައިވާ ކަންތައްތަކެއް ނޭނގޭނެ. އަދި ގިނައިން މިކަހަލަ ވާހަކަ ދައްކާ މީހުންނަކީ އެއްގޮތަކަށްވެސް ތަޢުލީމު ޙާޞިލްކޮށްގެން ތިބޭ ބައެއް ނޫން. ހަމައެކަނި ދީނީ ތަޢުލީމެއްވެސް ނޫން، ދުންޔަވީ ތަޢުލީމުވެސް ޙާޞިލްކޮށްގެން ތިބޭ ބައެއް ނޫން. ބައެއްކަހަލަ ލިޔުންތަކުގައި ހުއްޓާ ފެނިގެން އެމީހުނަށް ޤަބޫލުކުރެވެނީ. އެހެންވީމާ، އެކަހަލަ މީސްމީހުން އެދައްކާ ވާހަކައަށް އަޅުގަނޑުމެން ހެއްލިގެނެއް ނުވާނެ. އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނީ ދީނުގައިވާ ގޮތަށް، ޤުރްއާނާއި ސުންނަތުގެ އަލީގައި، ދީނުގައި އަންގަވާފައިވާ އުޞޫލުތައް އަޅުގަނޑުމެނަށް ބަޔާންކޮށްދޭ މީހުން ދައްކާ ވާހަކަ.
އެހެންވީމާ، އަޅުގަނޑުމެންނަކީ އިސްލާމްދީނުގައި ކަންތައްތައް އޮތްގޮތް ރަނގަޅަށް އޮޅުންފިލައިގެން، އެގޮތާ އެއްގޮތަށް ޢަމަލުކުރަމުންދާ ބަޔަކު ކަމުގައި، މާތް ﷲ ލެއްވުން އެދި ދުޢާކުރަމުން އަދި މިބަރަކާތްތެރި ރަމަޟާން މަހުގެ މާތްކަމާއި، ޘަވާބާއި ދަރުމަ އަޅުގަނޑުމެން އެންމެންނަށް އެކަލާނގެ މިންވަރު ކުރެއްވުން އެދި ދުޢާކުރަމުން އަޅުގަނޑު ވަކިވެލާނަން.
والسّـلام عليـكم ورحـمة اللّـه وبركاته.