بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.
އާދެ، މިއަދު ހައްދުންމަތީ މާންދޫގައި މިހުޅުވޭ ފިޝަރީޒް ކޮމްޕްލެކްސް ނުވަތަ މަސްވެރިކަމާބެހޭ ތަފާތު ޚިދުމަތްތައް، މާތްﷲގެ ވާގިފުޅާއެކީގައި ހުޅުވައިދިނުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މާންދޫގައި މިއަދު މިފާހަގަކުރެވޭ އިޙްތިފާލަކީ، މި މުހިންމު ޤައުމީ މަޝްރޫޢުގެ މަސައްކަތް ނިމި، އެ މަޝްރޫޢުގެ ޚިދުމަތް ރައްޔިތުންނަށް ލިބިދޭން ފެށުމާ ގުޅިގެން ބޭއްވޭ އިޙްތިފާލު. ޝައްކެއްނެތް، މި މަޝްރޫޢަކީ މީގެކުރިންވެސް މަސްވެރިކަން ތަރައްޤީކޮށް، ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެ ގޮތުގެމަތީން ސަރުކާރުން ހިންގާފައިވާ މަޝްރޫޢުތަކެކޭ އެއްފަދައިން، ރާއްޖޭގެ އިޤްތިޞާދަށާއި، ވަކިން ޚާއްޞަކޮށް، މަސްވެރިކަމަށާއި، މަސްވެރިންނަށާއި، މަސްވެރި ޢާއިލާތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ މަޝްރޫޢެއް.
އާދެ، އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން ދަންނަވާލަން ބޭނުންވާ އިތުރު ވާހަކައެއް އެބައޮތް. އާދެ، މިއަދު އަޅުގަނޑު މިކުރާ ދަތުރަކީ، ހަމައެކަނި މާންދޫގައި މިއަދު މިހުޅުވޭ ފިޝަރީޒް ކޮމްޕްލެކްސް ހުޅުވައިދިނުމަށް ކުރާ ދަތުރެއް ނޫން. އޭގެ އިތުރުން، މިދަތުރަކީ ހައްދުންމައްޗަށްވެސް އަޅުގަނޑު ކުރާ ދަތުރެއް. އިރާދަކުރެއްވިއްޔާ، މި އިޙްތިފާލު ނިމުމަށްފަހުގައި، ހައްދުންމަތީގެ ވެރިކަންކުރާ ރަށް ފޮނަދުއަށް ދިޔުމަށް ވަނީ ޤަޞްދުކުރެވިފައި. މިދަތުރަކީ ހައްދުންމައްޗަށް ކުރާ ދަތުރަކަށްވާތީ، ހައްދުންމަތީގެ ހުރިހާ ރައްޔިތުންނަށް، އާދެ، ހައްދުންމަތީ އަތޮޅުވެރިން އަލްފާޟިލް ޢަބްދުލްޢަޒީޒް މޫސާއާއި، އަތޮޅުވެރިޔާގެ އެހީތެރިންނާއި، ރަށްރަށުގެ ކަތީބުންނާއި، އެހެން ވެރިންނާއި މެޖިސްޓްރޭޓުންނާއި، ސަރުކާރުގެ މުވައްޒަފުންނާއި، އަދި އަޅުގަނޑުމެންގެ ލޮބުވެތި ކިޔަވާކުދިންނާއި، ހައްދުންމަތީގެ ޢާންމު ރައްޔިތުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ރައްދުކުރުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.
އަޅުގަނޑުގެ މި ދަތުރު ރޭވިފައި އޮތްގޮތަށް މިހާރުވަނީ ބަދަލެއް އައިސްފައި. އާދެ، އެއީ މޫސުން ދިމާކުރިގޮތުން ގެންނަންޖެހުނު ބަދަލެއް. މީގެ ކުރިން، ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ބައެއް ރަށްރަށަށް އަޅުގަނޑަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ނުލިބޭކަމީ، ކޮޅުނެތްކޮޅަށް އަޅުގަނޑު ހިތާމަކުރާ ކަމެއް. އެހެންކަމުން، ހައްދުންމަތީގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުމާއި އަދި އަޅުގަނޑު މިއަތޮޅަށް މިކުރާ ދަތުރުގެ މުނާސަބަތުގައި، މިއަތޮޅުގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ޝުކުރު ދަންނަވަމުން، އަޅުގަނޑަށް ފޮނަދޫ ފިޔަވައި އެހެން ރަށްރަށަށް މިދަތުރުގައި ދެވެންނެތްކަމުގެ ހިތާމަ ތިޔަ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ފާޅުކޮށް، އެކަމުގައި ކަންތައް ދިމާވިގޮތް ތިޔަބޭފުޅުން ވަޒަންކުރައްވާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން.
އާދެ، އަޅުގަނޑުމެން މިއަދު މިހުޅުވާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ، ބޭރުގެ ހިލޭ އެހީ ލިބިގެން ހިންގިފައިވާ މަޝްރޫޢެއް. މި މަޝްރޫޢަށް ގާތްގަނޑަކަށް 14 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވެފައިވޭ. މިފައިސާ އަޅުގަނޑުމެންނަށް ހިލޭ އެހީއެއްގެ ގޮތުގައި ދެއްވީ ޖަޕާނު ސަރުކާރުން. އާދެ، ޖަޕާނު ސަރުކާރަކީ ރާއްޖޭގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގައި، ހިލޭ އެހީގެގޮތުން ވަރަށްބޮޑެތި އެހީތަކެއް ވެދެއްވަމުން ގެންދަވާ ސަރުކާރެއް. މީގެ ކުރިން ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ހިނގާފައިވާ ބޮޑެތި މަޝްރޫޢުތަކަށް ބަލާއިރު، އޭގެތެރޭގައި އަޅުގަނޑުމެންގެ ތަޢުލީމު ކުރިއަށް ގެންދިޔުމަށްޓަކައި ރާއްޖެތެރޭގަޔާއި މާލޭގައި ޢިމާރާތް ކުރެވުނު މަދަރުސާތައް ފާހަގަކޮށްލެވޭ. ހަމައެފަދައިން، އަޅުގަނޑުމެންގެ މުވާޞަލާތީ ގުޅުންތައް ތަރައްޤީކުރުމަށްޓަކައި ޓެލެކޮމިއުނިކޭޝަންގެ ދާއިރާއަށް ޖަޕާނު ސަރުކާރުން ވެދެއްވާފައިވާ ދީލަތި އެހީގެ ސަބަބުން ހިންގިފައިވާ މަޝްރޫޢުތައްވެސް ފާހަގަކުރެވޭ. އަދި އަޅުގަނޑުމެންގެ އިޖްތިމާޢީ ތަޢުލީމު ކުރިއަށް ގެންދިޔުމަށާއި، ރާއްޖޭގެ ޒުވާނުންނަށް އެކިއެކި ކަންކަމުގެ ފުރުޞަތު ހޯދައިދެއްވުމުގެ ގޮތުން ޖަޕާނު ސަރުކާރުގެ އެހީގައި އަޅުގަނޑުމެން ޢިމާރާތްކޮށް ނިންމައި ހުޅުވާފައިވާ އިޖްތިމާޢީ ތަޢުލީމުދޭ މަރްކަޒު، އާދެ، ސޯޝަލް އެޑިޔުކޭޝަން ސެންޓަރުވެސް ފާހަގަކޮށްލެވޭ. އަދި އަޅުގަނޑުމެންގެ ތިމާވެށްޓަކީ، އެކަމާމެދު އަޅުގަނޑުމެން މިއަދު ކަންބޮޑުވާން ޖެހިފައިވާ ތިމާވެށްޓަކަށްވެފައި، މުސްތަޤްބަލުގައި ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ޖަޕާނު ސަރުކާރުން ވެދެއްވާ އެހީތައްވެސް ފާހަގަކޮށްލަން. އޭގެތެރޭގައި، ޚާއްޞަގޮތެއްގައި މާލޭގެ ކަނޑުތޮށިލުމުގެ މަޝްރޫޢު އަޅުގަނޑު ހަނދާންކުރަން.
މީގެ އިތުރުން، އަޅުގަނޑުމެންގެ ރާއްޖޭގައި ޖަޕާނުގެ ވޮލަންޓިއަރުން އާދެ، ޖޭ.އޯ.ސީ.ވީ.ގެ ބޭކަލުން ތަފާތު ޚިދުމަތްތައް އަޅުގަނޑުމެންނަށް ދެއްވަމުން ގެންދަވާ. މީގެ އިތުރުންވެސް، ފަންނީ ވަރަށްގިނަ އެހީތައް ޖަޕާނު ސަރުކާރުން އަޅުގަނޑުމެންނަށް ދަނީ ލިބެމުން. އެހެންކަމުން، މިފަދަ މުނާސަބަތެއްގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ޖަޕާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އާދެ، އޭގެތެރޭގައި ވަރަށް ޚާއްޞަ ގޮތެއްގައި ޖަޕާނުގެ އެންމެ މަތީ ވެރިޔާ ހިޒްމެޖެސްޓީ އެމްޕެރަރ އަކަހީޓޯއަށް، ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން އިޚްލާޞްތެރި އިޙްތިރާމާއި ވެދުންކުރުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ހަމައެފަދައިން، ޖަޕާނުގެ މިހާރުގެ ބޮޑުވަޒީރު ހިޒްއެކްސެލަންސީ މޮރަހީރޯ ހޮސަކާވާއަށްވެސް، އަދި އެމަނިކުފާނުގެ ކުރިން އެޤައުމުގެ ބޮޑުވަޒީރުކަން އަދާކުރައްވާފައިވާ އެހެން ބޭފުޅުންނަށްވެސް މިއަދުގެ މުނާސަބަތުގައި ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. އާދެ، ޖަޕާނުގެ އެހީ އަޅުގަނޑުމެންނަށް ލިބެމުން މިދަނީ ޖަޕާނު ސަރުކާރުގައި ހަމަޖެހިފައިވާ އިންތިޒާމެއްގެ ދަށުން، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ މެދުވެރިވެގެން. އާދެ، "ޖައިކާ" މެދުވެރިވެގެން. އެހެންކަމުން، ޖައިކާއަށްވެސް މިއަދުގެ މުނާސަބަތުގައި ޝުކުރު އަދާކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.
އާދެ، މިދެންނެވި ފަރާތްތަކުގެ އިތުރަށް، މި މަޝްރޫޢު ހިންގުމުގައި އަޅުގަނޑުމެންގެ ރާއްޖޭގެވެސް ތަފާތު ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުންވަނީ ލިބިފައި. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޝަކީބުގެ ވާހަކަފުޅުގައި އަދި އޭގެފަހުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަލްފާޟިލް ޙަސަން ޞާބިރުގެ ވާހަކަފުޅުގައިވެސް އެފަރާތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފި. އެހެންކަމުން، އެ ހުރިހާ ފަރާތްތަކެއްގެ ނަންފުޅުތައް އިތުރަށް ތަކުރާރުކުރުމަކީ، އިތުރު މާބޮޑު ބޭނުމެއް އޮތް ކަމެއްކަމަކަށް ނުދެކެން. އެހެންނަމަވެސް، އެބޭފުޅުން އެވާހަކަފުޅު ދެއްކެވީ، ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ދާއިރާގެ ފަރާތުން ކަމަށްވާތީ، ދިވެހި ސަރުކާރުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ، އެފަރާތްތަކުގެ ތެރޭގައި ޚާއްޞަ ގޮތެއްގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަލްފާޟިލް ޙަސަން ޞާބިރާއި، އެމަނިކުފާނުގެ ދަށުން މަސައްކަތް ކުރައްވާ އެމިނިސްޓްރީގެ ވެރިންނާއި، ހީވާގި މުވައްޒަފުން ހިމަނަން. ހަމައެއާއެކު، އެސް.ޓީ.އޯ.އަކީ ކުރިން މިކަމުގައި ވަރަށް ޙަރަކާތްތެރިވެވަޑައިގެން އުޅުއްވި ފަރާތެއް ކަމަށްވާތީ، އެސް.ޓީ.އޯ.ގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އޭރުވެސް އަދި މިހާރުވެސް ޢަމަލީގޮތުން މިކަން ހިންގަވާ ފަރާތަކީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، އާދެ "މިފްކޯ" ކަމަށްވާތީ، މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޝަކީބަށާއި، އަދި އެކުންފުނީގެ ހީވާގި ވެރިންނަށާއި، އިޚްލާޞްތެރި މުވައްޒަފުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.
އަޅުގަނޑުމެންނަށް ބޭރުގެ އެހީ ލިބެމުންދަނީ، ރާއްޖޭގެ ކަމާބެހޭ ފަރާތްވެސް މެދުވެރިވެގެން ކަމަށްވާތީ، އާދެ، އެއީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، ޚާއްޞަކޮށް، ބޭރުގެ އެހީއާބެހޭ ބައި އެއީ، ކުރިން އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނަކަށްވާތީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްއުސްތާޛު ފަތުޙުﷲ ޖަމީލަށާއި، އަދި ބޭރާބެހޭ އެހީގެބައި ހިންގަވަން ތިއްބެވި ވެރިންނަށާއި، އަދި މިހާރު އެ އިދާރާ ހިންގަވާ ފަރާތް ކަމުގައިވާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ޢާރިފް ޙިލްމީއަށާއި، އަދި އޭނާގެ ބެއްލެވުމުގެ ދަށުން އެކަންތައްތައް ރާއްވަވައި ހިންގަވާ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، މިމަޝްރޫޢު ކާމިޔާބުގޮތެއްގައި ހިންގި ނިމިފައިވަނީ، އަދި އިރާދަކުރެއްވިއްޔާ މި މަޝްރޫޢުގެ ބާކީއޮތްބައިވެސް ވަރަށް ކާމިޔާބުގޮތެއްގައި ހިންގުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅު މާންދޫގައި. އެހެންކަމުން، ހައްދުންމަތީގެ އަތޮޅުވެރިޔާ، އަލްފާޟިލް ޢަބްދުލްޢަޒީޒް މޫސާއަށާއި، އަތޮޅުވެރިޔާގެ ދަށުން އަތޮޅުއޮފީހުގެ ކަންތައްތައް ހިންގަވާ ބޭފުޅުންނަށާއި، އަދި ޚާއްޞަގޮތެއްގައި ފޮނަދުއާއި ގަމުގެ ވެރިންނަށާއި، އަދި ޢާންމު ރައްޔިތުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދެންނެވުމަކީވެސް އަޅުގަނޑަށް ދޫކޮށްނުލެވޭވަރުގެ ބޮޑު އުފަލެއް. މިދެންނެވި ފަރާތްތަކުގެ އިތުރަށް، މި މަސައްކަތް ހިންގެވި ފަރާތް އާދެ، ޖަޕާނުގެ ތައިސޭ ކޯޕަރޭޝަން، އެއީ އަޅުގަނޑުމެންގެ ތަރައްޤީގައި ކޮންޓްރެކްޓަރުންގެ ގޮތުގައިނަމަވެސް ވަރަށް މުހިންމު ބައެއް އަދާކުރަމުންގެންދާ ކުންފުންޏެއް. އެހެންކަމުން، އެކުންފުނީގެ ޑިރެކްޓަރ މިއަދު މިތަނަށް ވަޑައިގެން އިންނެވި، އޭނާއަށާއި އަދި އެކުންފުނީގެ މުވައްޒަފުންނަށާއި، ޖުމްލަގޮތެއްގައި ތައިސޭ ކޯޕަރޭޝަންގެ ފަރާތުން އަޅުގަނޑުމެންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި އެ ޙިއްޞާކުރާ މިންވަރަށްޓަކައި އެފަރާތަށް ޝުކުރު ދަންނަވަން. މި މަޝްރޫޢުގެ ކޮންސަލްޓަންޓުން ކަމަށްވާ ޕެސިފިކް ކޮންސަލްޓަންސް އިންޓަރނޭޝަނަލަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އެއީ އެފަރާތުގެ ބެއްލެވުމުގެ ދަށުން މި މަޝްރޫޢުގެ މަސައްކަތްތައް ހިނގާ ނިމިފައިވާތީ.
އާދެ، މިއަދު މާންދޫގައި މިހުޅުވޭ މަސްވެރި ބަނދަރާއި، މަސް ފިނިކުރާ ތަން ހުޅުވުމުން، މަސްވެރިކަމުގެ ދާއިރާގައި މިފެށެނީ ތަރައްޤީގެ އާ މަރުޙަލާއެއް. މިއީ ރާއްޖޭގައި ހަމައެކަނި މިކަމަށް އެއްގަމުގައި ތައްޔާރުކުރެވޭ، މަސް ފިނިކުރާ ފުރަތަމަ ތަން. އާދެ، މީގެކުރިން ފެލިވަރުގައި ވަނީ މިފަދަ ތަނެއް ތައްޔާރުކުރެވިފައި. އެހެންނަމަވެސް، ފެލިވަރުގައި އެތަން ތައްޔާރުކުރެވިފައި އެވަނީ އެތާނގައި ހުރި ކާރުޚާނާ އެތާނގައި ހުރުމާއެކީގައި، ދަޅުގައި މަސް ބަންދުކުރުމަށް ބޭނުންވާ މަސް، ރައްކާކޮށްފައި ބެހެއްޓުމަށްޓަކައި. އެއާ ޚިލާފަށް، މާންދޫގައި މިތައްޔާރުކުރެވުނު މަސް ފިނިކުރާ ތަނަކީ، އެއްގަމުގައި ހަމައެކަނި މިކަމަށްޓަކައި ތައްޔާރުކުރެވުނު އެންމެ ފުރަތަމަ ތަން. އަޅުގަނޑުމެން މިހިސާބަށް މިއައީ، މިރޮނގުގައި ތަފާތު މަރުޙަލާތަކެއް ކަޑައްތުކުރުމަށްފަހުގައި. އެންމެ ފުރަތަމަ ސަރުކާރާ ގުޅިގެން، ބޭރުގެ ބައެއް ކުންފުނިތަކުގެ ބޯޓުފަހަރު މަސްގަތުމުގެ މަސައްކަތް ކުރަމުން ގެންދިޔައީ. ދެވަނަ މަރުޙަލާއަކަށްވީ، ބޭރުގެ ކުންފުނިތަކުން ގެންގުޅުނު ބޯޓުފަހަރު ސަރުކާރަށް ގަނެގެން، ސަރުކާރުން އެކަން ކުރަމުން ގެންދިޔުން. ތިންވަނަ މަރުޙަލާއަކަށްވީ، މަސް އެއްކުރާ އާ ބޯޓުފަހަރު ސަރުކާރުން ހޯދައިގެން، މަސްވެރިންގެ އަތުން މަސް ގަތުމުގައި އެބޯޓުފަހަރު ބޭނުންކުރަމުން ގެންދިޔުން. ހަތަރުވަނައަށް، މިއަދު މިފެށޭ އާ މަރުޙަލާއަކީ، އެއްގަމުގައި މަސްފިނިކޮށް ރައްކާކުރުމަށް ބޭނުންވާ ތަންތަން އުފައްދައި އަދި އެތަންތަން ހިންގުމުގެ މަރުޙަލާ. އެހެންކަމުން، މަސްވެރިކަން ތަރައްޤީކޮށް އާލާކުރުމުގައިވެސް އެއް މަރުޙަލާ ކަޑައްތުކޮށް އަނެއް މަރުޙަލާއަކަށް ދެވޭކަމީ ޝައްކެއްނެތް، އަޅުގަނޑުމެންނަށް ކުރިއަށްދެވޭކަމުގެ ނިޝާނެއް. މި މަޝްރޫޢަކީ، އޭގެ ނަމުން ދަންނަވާނަމަ، ކޯސްޓަލް ފިޝަރީޒް ޕްރޮމޯޝަން ޕްރޮޖެކްޓަކީ، ދެކުނުގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއަށް ގެންދިޔުމުގައި ވަރަށް މުހިންމު ބައެއް އަދާކުރުމަށް ރޭވިފައިވާ މަޝްރޫޢެއް. އާދެ، މ.ފ.ދ.ތ. އަދި ލ. އަތޮޅުގެ މަސްވެރިންނަށް މިހުޅުވައިލެވޭ ފުރުޞަތަކީ، އެމީހުން ބާނާ މަސް، މިތަނަށް ވިއްކުމުގެ ފުރުޞަތު. އެކަން ރޭވިފައިވަނީ އެހެންކަމުގައިވިޔަސް، އެހެން އަތޮޅުތަކުގެ މަސްވެރިންވެސް، އެމީހުންނަށް އެއީ ފަސޭހަ ކަމަކަށްވަންޏާ، މިތަނަށް އައިސް، މަސް ވިއްކުމަކީ އެމީހުންނަށްވެސް ހުޅުވިފައިވާ ދޮރެއް. ބޭނުމަކީ ރާއްޖޭގެ ހުރިހާ މަސްވެރިންނަށް، އެބަޔަކަށް ފަސޭހަގޮތަކަށް އެބަޔަކު ދިރިއުޅުމަށްޓަކައި އެކުރާ މަސައްކަތުގެ އަގު ސަރުކާރުން ލިބިދެވޭނެ އިންތިޒާމެއް ހަމަޖެއްސުން. އާދެ، މި މަޝްރޫޢު މިހާތަނަށް ނިމުނީއަކީނޫން. މި މަޝްރޫޢުގެ ދެވަނަ ފިޔަވައްސެއްވާކަން ތިޔަބޭފުޅުންނަށް ވާނީ އެނގިވަޑައިގެންފައި. އެ ފިޔަވަހީގެ މަސައްކަތް އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ ފެށި، އަދި އިރާދަކުރެއްވިއްޔާ، 1996 ވަނަ އަހަރު ނިމޭވަރުވާނެ.
އާދެ، މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް ކުރަންޖެހޭ. ވަރަށްގިނަ ރޮނގުތަކަކުން އަޅުގަނޑުމެން ކުރިއަށްދާންޖެހޭ. އޭގެތެރެއިން އެއްކަމަކީ، މަސްވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުން. އާދެ، އެއީ މިސާލަކަށް، މާންދޫގައި މިކުރެވުނުކަހަލަ މަސައްކަތްތައް. މަސްވެރި ބަނދަރު ހެދުން. މަސްފިނިކުރާ ތަންތަން ހެދުން. މަސްގަންނަ ބޯޓުފަހަރު ހޯދުން. މިގޮތުން، މަސްވެރިކަން ކުރިއަށް ގެންގޮސް ތަރައްޤީކޮށް، އެއިން ރައްޔިތުންނަށް ލިބޭ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި ލިބިދިނުމަށްޓަކައި ކުރަންޖެހޭ އިންތިޒާމުތަކާއި، ޤާއިމްކުރަންޖެހޭ ވަސީލަތްތައް އެއީ މަސްވެރިކަން ކުރިއަށް ގެންދިޔުމުގައި މަސައްކަތް ކުރަންޖެހޭ އެއް ރޮނގު. މަސްވެރިކަން ކުރިއަށް ގެންދިޔުމުގައި މަސައްކަތް ކުރަންޖެހޭ އަނެއް ރޮނގަކީ، މަސްވެރިކަމާބެހޭ ޢާންމު ސިޔާސަތު ކަނޑައެޅުމާއި، މަސްވެރިކަމާބެހޭ ކަންތައްތައް ހިންގުން ހަރުދަނާކުރުން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރުވަނީ ރާއްޖޭގައި މަސްވެރިކަމާބެހޭ ޤާނޫނެއް ފާސްކުރެވި، އެ ޤާނޫނަށް ޢަމަލުކުރަން ފެށިފައި. އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދަކަށްވެސް މިހާރުވަނީ ޢަމަލުކުރަން ފެށިފައި.
މަސްވެރިކަން ތަރައްޤީކުރުމަށް ބޭނުންވާ މުހިންމު އަނެއްކަމަކީ، ނުވަތަ އެރޮނގުގައި އަޅުގަނޑުމެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ އަނެއް ރޮނގަކީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުން. އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް. އޭގެ ފައިދާ މިހާރު އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ. ރާއްޖޭގެ ކަނޑުތަކަކީ މަސްވެރިކަމުގެ މުއްސަނދިކަން اللّـه سبحـانـه وتعـالى ވަރަށް ބޮޑަށް ލައްވާފައިވާ ކަނޑުތަކެއް. އެހެންކަމުން، މި ކަނޑުތަކުން މަސްވެރިކަން ކުރުމަށްޓަކައި ބޭރުގެ ބޯޓުފަހަރު އަންނަމުންދާކަމީ އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިފައިވާ ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ޤުދުރަތުން ހަދިޔާކުރައްވާފައިވާ އެއްޗެއް އެހެންބަޔަކު ގެންދިޔުމަކީ، އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމެއްކަން ކަށަވަރު. އެހެންކަމުން، ޤާނޫނީގޮތުން އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ފަރާތުން ކުރަންޖެހޭ ކަމެއް ކަމުގައި ވަނީ ހަމަޖެހިފައި. އެ މަސައްކަތް އެ މިނިސްޓްރީން ވަރަށް ރަނގަޅަށް ކުރަމުން އެބަ ގެންދޭ. އޭގެ އިތުރުން، އަޅުގަނޑުމެންގެ އަމިއްލަ ރައްޔިތުން އަދި ޚާއްޞަކޮށް، މަސްވެރިންވެސް އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދު އަދި ސިޔާސީ ސަރަޙައްދު ރައްކާތެރިކުރުމަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއް ކުރަމުންދާކަން އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ. އަޅުގަނޑުމެންގެ މަސްވެރިން އަމިއްލައަށް އިސްނަގައިގެން ބޭރުގެ ބައެއް ބޯޓުފަހަރު އަތުލައި، ބޭރުގެ އެ ބޯޓުފަހަރު އެ ކުރާ ޤަވާޢިދާ ޚިލާފު ކަންތައްތައް ހުއްޓުވަމުން އެބަގެންދޭ. އެއީ އަޅުގަނޑުމެން ވަރަށް އުފާކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ރައްޔިތުން އެމީހުންގެ ވާޖިބު ފުރިހަމައަށް އަދާކުރާކަން އެއީ ޝައްކެއްނެތްގޮތުގައި، ޤައުމުގެ ތަރައްޤީގައި ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ މަސްވެރިން އެކަން ކުރަމުން ގެންދާއިރު، އެކަމަކު އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުރި. އެއީ، ބޭރުގެ ބޯޓުފަހަރު އެހެން އައިސް އުޅޭ އުޅުމުގައި އެ ބޯޓުފަހަރުގައި ހުރީ ކޮންކޮން އެއްޗެއްކަން، ތިބީ ކިހާ ޢަދަދެއްގެ މީހުންނެއްކަން އަޅުގަނޑުމެންނަށް ނޭނގި، އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ މަސްދޯނިފަހަރުގައި އުޅޭމީހުން އެ ބޯޓުފަހަރާ ދިމާކޮށް ގަދަކަމުން އަތުލަން މަސައްކަތް ކޮށްފިއްޔާ، ފަހަރެއްގައި ނުރައްކާތަކަކާ ކުރިމަތިލާން ޖެހިދާނެ.
އެހެންވީމާ، މިނުކުތާ އަޅުގަނޑު އެދެން ރާއްޖޭގެ މަސްވެރިން އެކަމާ ދޭތެރޭގައި ވަރަށްބޮޑަށް ވިސްނެވުން. އަދި ފަހަރެއްގައިވެސް މަސްވެރިންނަށް ގެއްލުން ލިބޭކަހަލަ ގޮތަކަށް ނުވަތަ އެއްވެސްކަހަލަ ނުރައްކަލަކަށް އެމީހުންނާ ކުރިމަތިލާން ޖެހޭފަދަ ގޮތަކަށް މިކަހަލަ ކަންތައްތައް ނުކުރެއްވުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. އެއްވެސް ދިމާއަކުން ބޯޓެއް ފެނިއްޖިއްޔާ ވަގުތުން އެކަން އަންގަވަންޖެހޭ ފަރާތަށް އާދެ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީއަށް އެންގެވީމާ، އެފަރާތުން އެމަސައްކަތް ކުރިއަށް ގެންދަވާނެ. އަދި އެފަރާތުގެ އެއްޗެއް އެހިސާބަށް ދިޔުމުގެ ކުރިންވެސް ކަންތައްތައް ކުރަންވީގޮތުގެ އިރުޝާދު އެފަރާތުން ދެއްވާނެ. އެހެންވީމާ، އެފަރާތުން ދެއްވާ އިރުޝާދަކާ އެއްގޮތްވާ ގޮތުގެމަތީން ކޮންމެ އަތޮޅެއްގައިވެސް އިސްކޮށް ތިއްބަވާ ބޭފުޅުންނާއި، އަދި މަސްވެރިންވެސް ޢަމަލުކުރައްވާ ގޮތަކަށް އޮތުމަކީ އަޅުގަނޑުހިތުން މިކަމުގައި އެންމެ ހަމަޖެހޭގޮތް.
ހިންގުން ހަރުދަނާ ކުރުމުގައި ސަރުކާރުން ތަފާތު އެތައް ކަމެއްވެސް މިހާރުވަނީ ކޮށްފައި. އާދެ، އޭގެތެރެއިން އެއްކަމެއް، އެކަމަށް ކަނޑައެޅިފައިވާ ޚާއްޞަ މިނިސްޓްރީއެއް އޮތުން. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ. އެ މިނިސްޓްރީގެ މަސައްކަތަކީ، މަސްވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން. އަދި ކުރިންވެސް ދެންނެވި ފަދައިން، ޤާނޫނު ހިންގުމާއި، އެކަމަށް ބޭނުންވާ ޤަވާޢިދުތައް ހަދައި ހިންގުން. އެ މިނިސްޓްރީން އެކަންތައް ކުރައްވަނީ އެ މިނިސްޓްރީގެ ދަށުން އުފެދިފައިވާ ބޯޑެއްގެ ލަފަޔާއި މަޝްވަރާގެ މަތިން. އެއީ، ފިޝަރީޒް އެޑްވައިޒަރީ ބޯޑު. އެ ބޯޑަކީ ސަރުކާރުގެ ތަފާތު ފަރާތްތަކުގެ މަންދޫބުން އެކުލެވިގެންވާ ބޯޑެއް. ބޭނުމަކީ، ރާއްޖެއަށް އެންމެ ފައިދާހުރި ގޮތެއްގައި ރާއްޖޭގެ މަސްވެރިކަން ކުރިއަށް ގެންދާނީ ކޮންކޮން އުޞޫލުތަކެއްގެ މަތިންތޯ ބަލައި، އެ އުޞޫލުތައް ކަނޑައެޅުން. އެހެންވީމާ، އެ ބޯޑުން އެ ކުރާ މަސައްކަތަކީވެސް އަޅުގަނޑުމެންގެ މަސްވެރިކަމަށް ނުހަނު ބޭނުންތެރި މަސައްކަތެއް. އަދި މިހާރު އިތުރު ކޮމިޓީއެއްވެސް ހަމަޖެހިފައިވޭ. އެއީ މަހުގެ އަގު ހަމަޖެއްސުމާބެހޭ ރިޔާސީ ކޮމިޓީ. އެ ކޮމިޓީއަކީ އެ ކޮމިޓީގެ ބައްދަލުވުންތަކުގައި، ސަރުކާރުން މަސް ގަންނަ އަގާ ދޭތެރޭގައި ވިސްނަވައި، ބާޒާރަށް އަންނަ ބަދަލުތަކާއި، މަހުގެ އަގަށް އަންނަ ބަދަލުތަކާއި، އަދި ސަރުކާރަށް އެއިން ލިބޭ އާމްދަނީއާއި، ކުރަންޖެހޭ ޚަރަދާއި، މިހުރިހާ ކަމަކަށް ބައްލަވާފައި އެވަގުތަކަށް އެންމެ އެކަށީގެންވާ ރަނގަޅު އަގެއް ހަމަޖެއްސުމަށްޓަކައި އުފެދިފައިވާ ކޮމިޓީއެއް.
މިދެންނެވި ކަންތައްތަކުގެ އިތުރަށް، މަސްވެރިކަމުގެ ތަރައްޤީގައި ވަރަށް މުހިންމު ބައެއް އަދާކުރާ އަނެއްކަމަކީ، އެކަމަށް ބޭނުންވާ މީހުން ތަމްރީނުކުރުން. ޝައްކެއްނެތް، ކޮންމެ މަސައްކަތެއްވެސް ކުރެވޭނީ، އެކަމަށް ޤާބިލް މީހުންތަކެއް އުފެއްދިގެން. އެކަމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރުވެރިކަން ލިބިފައިވާ ބަޔަކު އެކަމުގައި ޙަރަކާތްތެރިވެގެން. މިރޮނގުންވެސް ވަރަށްގިނަ މަސައްކަތްތަކެއް މިހާރު ކުރެވެމުން އެބަދޭ. މި ފުރުޞަތުގައި އަޅުގަނޑު ދަންނަވާލާހިތްވަނީ، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުގައި މަސްވެރިކަމާ ދޭތެރޭގައި އިތުރު ޝައުޤުވެރިކަމެއް އުފެދިގެން، ޒުވާނުން މިކަމުގައި ޙަރަކާތްތެރިވަމުން ގެންދިޔުމަކީ ވަރަށް ބޭނުންތެރި ކަމެކޭ. އެއީ، ޝައްކެއްނެތްގޮތުގައި، ޤައުމުގެ ތަރައްޤީގެ ތަޅުދަނޑި އޮތީ ޒުވާނުންގެ އަތްމަތީގައި. އެ ތަޅުދަނޑީގެ ބޭނުން، ހެޔޮގޮތުގައި ބޭނުންކޮށްގެން، އެ ތަޅުދަނޑިން ހުޅުވޭ ޚަޒާނާތަކަށް ވާޞިލްވެވޭނީ ޒުވާނުންގެ ހަރުދަނާކަމާއި ވިސްނުމާއި، އެމީހުންގެ ޚިދުމަތް ލިބިގެން.
އާދެ، މަސްވެރިކަމުގެ ފައިދާ ޢާންމު ރައްޔިތުންނަށް ވީހާ ފުޅާ ދާއިރާއެއްގައި ލިބިދިނުމަށްޓަކައިވެސް ސަރުކާރުން ވަރަށްގިނަ މަސައްކަތްތައް ކުރަމުންގެންދޭ. އޭގެތެރެއިން އެއްކަމެއް، މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުން. ތަފާތު މަޝްރޫޢުތަކުގެ ދަށުން މި މަސައްކަތް ސަރުކާރުން ވަނީ މިހާތަނަށްވެސް ކޮށްފައި. މިހާރުވެސް ކުރެވެމުންދަނީ. އަދި އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައިވެސް މިކަން ކުރެވެމުންދާނެ. ހަމައެފަދައިން، ދޯނިފަހަރު ބަނދެފައި، ދިގު މުއްދަތަކަށް، ދިގު މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާގޮތަށް މަސްވެރިންނާ ދޯނިފަހަރު ހަވާލުކުރެވެމުން ގެންދެވޭ. އެއީވެސް މަސްވެރިކަމުގެ ފައިދާ ވީހާ ގިނަބަޔަކަށް ޝާމިލްކުރެވޭތޯ ސަރުކާރުން ކުރަމުންގެންދާ ކަމެއް. ހަމައެފަދައިން، ކުރިން ސަރުކާރުން އެކަނި އެކްސްޕޯޓް ކުރަމުން އައި މަހުގެ ބާވަތްތައް، ސަރުކާރަށް ކޮންމެވެސްވަރެއްގެ ގެއްލުމެއް ލިބުނުކަމުގައިވިޔަސް، އަމިއްލަ ފަރާތްތަކަށްވެސް އެކްސްޕޯޓް ކުރެވޭގޮތަށް ހަމަޖެއްސުން އެއީވެސް މިދެންނެވި ރޮނގުގައި ސަރުކާރުން ކޮށްފައިވާ ކަމެއް.
އާދެ، އެނގިވަޑައިގަންނަވާނެ، މީގެ ކުރިން އެސް.ޓީ.އޯ.އިން އެކްސްޕޯޓް ކުރަމުންދިޔަ ޚާއްޞަ ބާވަތްތަކެއްގެ އެކްސްޕޯޓް ކުރާ މުދާ މިހާރުވަނީ އަމިއްލަ ފަރާތްތަކުންވެސް އެކްސްޕޯޓް ކުރާގޮތަށް ހުޅުވާލެވިފައި. އެކަމުގެ ސަބަބުން، އެސް.ޓީ.އޯ. އަށް ލިބޭ ފައިދާ ވަނީ ވަރަށް ބޮޑުތަން ކުޑަވެފައި. އަދި ސަރުކާރަށް ލިބޭ އާމްދަނީވެސް ވަނީ މަދުވެފައި. އެހެންނަމަވެސް، އޭގެ މުޤާބިލުގައި އެފައިސާ ނުވަތަ އެ އާމްދަނީ އެ ލިބެނީ ރައްޔިތުންގެ ތެރޭގައި ހިމެނޭ ބަޔަކަށް ކަމަށްވާތީ، މަސްވެރިކަމުގެ ރޮނގުން ޤައުމަށް ލިބޭ ފައިދާ އިތުރަށް ފުޅާކުރުމަށްޓަކައި އެ ފިޔަވަޅު ސަރުކާރުން ވަނީ އަޅާފައި.
އާދެ، މަސްވެރިކަން ތަރައްޤީކުރުމާ ބެހޭގޮތުން އަޅުގަނޑުމެން ވިސްނާއިރު، އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދުގައި ބޭނުންނުކުރެވި އޮތްބައި، ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭތޯވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭ. މަސްވެރިކަމުގެ އާ ހުނަރުތަކެއް އަޅުގަނޑުމެން ވެއްޖެ ދަސްކުރަން. މަސްވެރިކަމުގެ އާ ގޮތްތަކަކަށް އަޅުގަނޑުމެން ވެއްޖެ ތައްޔާރުވާން. އާދެ، މިވާހަކަތައް މިއީ އަޅުގަނޑު ރިޔާސީ ހަތަރުވަނަ ދައުރަކަށް ކުރިމަތިލުމާ ގުޅިގެން، އާދެ، ހަތަރުވަނަ ދައުރަށް ހުވާކުރުމާ ގުޅިގެން، ޤައުމާ މުޚާޠަބުކޮށް އަޅުގަނޑު ދެއްކި ވާހަކައިގައިވެސް އަޅުގަނޑު އިޝާރާތް ކޮށްފައި ވާނެ ކަންތައްތަކެއް. އެވާހަކައިގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި އުފެއްދުންތެރިކަން އިތުރުކުރުމަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ވާހަކަ އަޅުގަނޑު ވާނީ ދަންނަވާލާފައި. އަދި އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދުން ބޭނުންނުކުރެވި އޮންނަ ބައި، ބޭނުންކުރުމަށްޓަކައި އާ ގޮތްތަކެއް ހޯދަންޖެހޭނެކަމާއި، ދޮށީގެ މަސްވެރިކަމުގެ އިތުރަށް، މަސްބޭނުމުގެ ނުވަތަ މަސްހިފުމުގެ އާ ގޮތްތައް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފްވާންވެއްޖެކަމާއި، ދުނިޔޭގެ އެހެން ތަންތާނގައިވެސް ކަންތައް ކޮށްއުޅޭގޮތަށް އެކިބާވަތުގެ މަސްމަހާއި، ކަނޑުން ލިބެން ހުންނަ ބައެއް ތަކެތި ގިނަކުރުމުގެ ތަޖުރިބާވެސް އަޅުގަނޑުމެން ކުރަންވެއްޖެ ކަމަށް ވާނީ ދަންނަވާލެވިފައި. އާދެ، މިކަންކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން މިހާރު ގެންދަވަނީ ދިރާސާތަކެއް ކުރައްވަމުން. އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް މަސްވެރިކަމުގެ އާ ރޮނގުތަކެއް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބޭނެ.
އާދެ، އޭގެފަހުން މިދިޔަ އަހަރު މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ބޭއްވުނު އިޙްތިފާލުގައި ވާހަކަ ދައްކަމުން، ދެކުނުގެ މަސްވެރިކަމަށް ދިމާވެފައިވާ މައްސަލައެއްގެ ވާހަކަވެސް އޮންނާނީ ދަންނަވާލާފައި. އަޅުގަނޑުހިތުން އެވާހަކަ އަދި އެއްފަހަރު ދަންނަވާލުމަކީ ނެތްކަމެއްނޫން.
އާދެ، އެއީ، ހުވަދޫ ކަނޑުގެ މެދެއްހާ ހިސާބުގައި އޮންނަ "ދެރަހާ" ކިޔާ ހިސާބު، އެއީ މަސްވެރިކަން ވަރަށް ރަނގަޅަށް ކުރެވޭ ހިސާބެއްކަމުގައި މަސްވެރިން ވަނީ ފާހަގަކޮށްފައި. އެހެންނަމަވެސް، މިހާރަކަށްއައިސް ދެރަހާ މަތިން މަސް ނުފެންނަ ވާހަކަ ވަރަށް ގިނައިން އެބައިވޭ. ސަބަބެއް ކަމަށްވަނީ، އެސަރަޙައްދުގައި އެކަށީގެންނުވާ މިންވަރަކަށް މިޔަރުގެ މަސްވެރިކަން ކުރުމާއި، އަދި އުރަހަ ކަނޑާފައި މިޔަރު އުކާލުން ކަމަށްވެސްވޭ. އެހެންވުމުގެ ސަބަބުން، މަސްއައިން ދެރަވާކަމަށް މަސްވެރިން ބުނަނީ. ޝައްކެއްނެތް، މިކަހަލަ ކަންތައްތައް މިއީ މަސްވެރިކަމަށް ގެއްލުން ލިބޭ ކަންތައްތައް. އަދި އެކަންތައްތައް މަސްވެރިން ކުރުމަކީ އެއްވެސް ޙާލެއްގައި އެކަން ވާންވީ ގޮތެއް ނޫން. އެހެންވީމާ، އެވާހަކަ ވާނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑު ދެއްކި ވާހަކައިގައި ދަންނަވާލާފައި. އަދިވެސް އެއްފަހަރު އަޅުގަނޑު އެވާހަކަ މިދަންނަވާލަނީ، މިކަމަށް މަސްވެރިން އިތުރު ސަމާލުކަމެއް ވެދެއްވައިގެން، ރާއްޖޭގެ މަސްވެރިކަން ދެރަނުވާ ގޮތެއްގެ މަތީން މަސައްކަތް ކުރައްވަމުން ގެންދިޔުމަށް ބާރުއެޅުއްވުމުގެ ގޮތުން. އާދެ، މިކަންތައްތަކާ ޚިލާފަށް، މިދެންނެވި ގޮތަށް ކަންތައްކުރާ މީހުންނާ ބެހޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ފިޔަވަޅު އަޅުއްވާނެކަންވެސް މިހާރުވަނީ އިޢުލާނުކުރައްވާފައި.
އާދެ، މަސްވެރިކަން، އެއީ އަޅުގަނޑުމެންގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއްބައި. އެކަމާދޭތެރޭގައި ޝައްކުކުރާނެ އެއްވެސް ދިވެއްސަކު ނުހުންނާނެ. އެހެންކަމުން، މިއަދުގެ ވާހަކަކޮޅު ނިންމާލެވެން އަންނަނީ، މަސްވެރިންނަށް ކުރާ އިލްތިމާސެއްގެ އަޑުވެސް ތިޔަބޭފުޅުންނާ ހަމަޔަށް އުފުލާލާފައި.
އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި އަދި ޚާއްޞަކޮށް، މަސްވެރިންނަށްވެސް އެނގޭނެ ފަދައިން، މިފަދަ ބޮޑެތި މަޝްރޫޢުތައް މި ހިންގެނީ، އަދި އެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ އެކިއެކި ޢިމާރާތްތައް ތައްޔާރުކޮށް، ބަނދަރު ހަދައި، އެތަންތަނަށް ބޭނުންވާ މެޝީނަރީއާއި އިކްވިޕްމެންޓް ގެނެސް، އަދި އެކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި މި ހިންގެނީ ވަރަށް ބޮޑެތި ޚަރަދުތަކެއް ކޮށްގެން. އެ ޚަރަދުތަކުގެ އެއްބަޔަކީ، ބޭރުގެ ހިލޭ އެހީން ނުވަތަ ބޭރުގެ ލޯނުން ލިބޭ އެއްޗަކަށްވިޔަސް، އެއީ، އަޅުގަނޑުމެން އެކަމާ ދޭތެރޭގައި، ވިސްނަންޖެހޭހާ ބޮޑު ޚަރަދުތަކެއް. މި ޚަރަދުތަކަކީ އަނބުރާ ލިބެންޖެހޭނެ އެއްޗެއް. މިތަންތަނަށް ކުރެވޭ ޚަރަދަކީ، މިކަމުން އެ ބޭނުންކުރެވޭ ބޭނުމުން، އަނބުރާ ލިބޭ އެއްޗަކަށް ނުވަންޏާ، އިޤްތިސާދީ ގޮތުން މިއީ ކުރެވޭވަރުގެ ކަމަކަށް ނުވާނެ. މިހެން ދަންނަވާއިރު އަޅުގަނޑަށް އެނގޭ، ވަރަށް ގިނަ ތަފާތު މަޝްރޫޢުތައް މިހާރު ހިންގިފައިވާކަން.
އާދެ، ފެލިވަރުގައި މަސް ބަންދުކުރާ ކާރުޚާނާ ތައްޔާރުކުރުމަށާއި، އެތާނގައި މަސް ފިނިކުރާ ތަން ހެދުމަށާއި، އަދި އެތާނގެ ބަނދަރު ހެދުމަށާއި، އެތަނަށް ބޭނުންވާ ތަފާތު މެޝިނަރީއާއި އިކްވިޕްމެންޓް ހޯދުމަށާއި، އަދި މާންދޫގައި މިހާރު މިހިނގާ މަޝްރޫޢަށްޓަކައި މި ދެންނެވިފަދަ ކަންތައްތައް ކުރުމަށް ހިނގާ ޚަރަދާއި، އަދި މިހާރު ފެށިފައިވާ ކޫއްޑޫގެ މަޝްރޫޢު ހިންގުމަށްވެސް ބޭނުންވާ ޚަރަދާއި، އަދި މަސް އެއްކުރާ ބޯޓުފަހަރު ގަތުމާއި، އަދި މިނޫންވެސް، މަސް ގަނެ ރައްކާކޮށް، މާކެޓް ކުރުމަށްޓަކައި ކުރަންޖެހޭ ޚަރަދުތަކާއި، މިއީ، ވަރަށްބޮޑެތި ޚަރަދުތަކެއް. އެހެންވީމާ، މި ޚަރަދުތައް އަޅުގަނޑުމެންނަށް ފޫބެއްދޭނީ އެކަށީގެންވާ ވަރަށް މަސް ލިބިގެން.
މިތަނުގައި މިހާރު މިއަދު މި ހުޅުވެނީ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، 300 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭކަހަލަ، މަސް ފިނިކުރާ ތަނެއް. އަދި މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން މާންދޫގައި 700 ޓަނުގެ މަސް ފިނިކޮށް ބެހެއްޓޭވަރުގެ ތަނެއް ހެދޭނެ، އިރާދަކުރެއްވިއްޔާ. މީގެ އިތުރުން، ކޫއްޑޫގައި 1500 ޓަނުގެ މަސް ފިނިކޮށްފައި ބެހެއްޓޭވަރުގެ ތަނެއް އެބަ ހެދޭ. އަދި މިހާރު ފެލިވަރުގައި އެބަހުރި، 750 ޓަނުގެ މަސް ރައްކާކުރެވޭވަރުގެ ތަން ހެދިފައި. މީގެ އިތުރުން، މަސް އެއްކުރާ ބޯޓުފަހަރާއި އަދި މަދަރ ވެސެލްސްއާއި އަދި މިނޫންވެސް ތަފާތު އެއްޗެތި ހޯދަން އެބަޖެހޭ. އަދި މިކަންކަން ހިންގުމަށް ބޭނުންވާ ޚަރަދާއި، މުވައްޒަފުންގެ މުސާރައާއި، މިހެންގޮސް އަޅުގަނޑުމެންނަށް މިހާރު މިހެން ތިބެފައި، ވިސްނާލަންވެސް ނޭނގޭހާ ގިނަ ޚަރަދު މިކަންކަމަށް ހިނގާ. މިއީ، އިޤްތިޞާދީ ގޮތުން ދެކޮޅުޖެހޭ ކަމެއްކަމުގައި ވާނީ އަޅުގަނޑުމެންގެ މަސްވެރިކަމުން މިޚަރަދުތައް ފޫބެދޭވަރުވެގެން.
އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ރާއްޖޭގެ މަސްވެރިން މިކަން ރަނގަޅަށް ދެނެތިބެގެން، މަސްވެރިކަން ކުރުމުގައި އިތުރަށް ޙަރަކާތްތެރިވެގެން، މިތަންތަނަށް ބޭނުންވާވަރަށް މަސް ހޯދައިދިނުން. އޭރުން އަޅުގަނޑުމެންނަށް މިކުރެވޭ ޚަރަދު ފޫބެދޭނީ، ދެކޮޅުޖެހޭ އެއްޗަކަށްވާނީ، ދެމެހެއްޓެނިވި ގޮތުގައި މިފަދަ ކަންތައްތައް ކުރެވޭނީ. ކުރިންވެސް ދެންނެވި ފަދައިން، މިހާރު ރާއްޖޭގައި ވަރަށް ގިނަ ޢަދަދަކަށް މަސް ފިނިކޮށްފައި ބެހެއްޓޭވަރުގެ ތަންތަން މިދަނީ ހެދެމުން. އަދި އޭގެ އިތުރަށް، ބޯޓުފަހަރަށްވެސް މަސް ގަންނަމުންދަނީ. މިކަންތައްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވޭނީ، އެ ހުރިހާ ތަނަކަށް ފުދޭވަރަށް މަސް ލިބިގެން. އާދެ، މަސް ހޯދުމަށްޓަކައި، މަސްދޯނިފަހަރު އިތުރަށް ބަނދެ، މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުމުގެ ކަންތައްތައް ސަރުކާރުން ކުރަމުންގެންދާނެ. ކުރިއަށް ހުރި މަޝްރޫޢުތަކުގައިވެސް އެބައި ހިމެނިފައިވޭ. އެހެންވީމާ، އެކަންތައްތައް އެހެން އޮތުމާއެކީގައި، އިތުރަށް ބޭނުންވަނީ މަސްވެރިންގެ ހިތްވަރު. އެއީ ޝައްކެއްނެތް، ލިބޭނެ އެއްޗެއް.
ހަމަ އެފަދައިން، އަދި ކުޑަކުޑަ އެއްވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. މިއަދަކީ ދުނިޔޭގެ ޞިއްޙަތު ދުވަސް. އަޅުގަނޑުމެންގެ ޞިއްޙަތާ ދޭތެރޭގައި އަޅުގަނޑުމެން ޚިޔާލުކޮށް، އަޅުގަނޑުމެންގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ޢަޒުމް ކަނޑައެޅުމަށް، ވަރަށް މުހިންމު ދުވަހެއް މިއަދު މިއީ. ޚާއްޞަކޮށް، ރާއްޖޭގެ މަސްވެރިންނަކީ ފުރިހަމަ ޞިއްޙަތެއްގައި ތިބެގެން ނޫނީ، އެމީހުންގެ މަސައްކަތް ފުރިހަމައަށް އަދާނުކުރެވޭނެ ބައެއް. އެހެންވީމާ، އެމީހުންވެސް ދިރިއުޅޭ އުޅުމުގައި، އެމީހުންގެ ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމާއި، ބަލިތަކުން ރައްކާތެރިވުމާއި، އަދި ބަލިވެއްޖެނަމަ ބޭސްކުރުމާއި، އަދި ޢާންމުގޮތެއްގައި ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ބޭނުންވާ ކަންތައްތައް ދެނެގަނެ، އެކަންތައްތައް ކުރުމާއި، މިއީ ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއް.
އާދެ، މިއަދުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިޢާރަކީ، އަޅުގަނޑުހިތުން "އަނގައިގެ ޞިއްޙަތު ބެލެހެއްޓުން". އަނގަޔަކީ އިންސާނާގެ ހަށިގަނޑުގެ ވަރަށް މުހިންމު ބައެއް، ތަފާތު ބަލިތައްވެސް ޖެހޭ ތަނެއް، ޚާއްޞަކޮށް، އަނގައިގެ ކެންސަރަކީ ވަރަށް ނުރައްކާތެރި ބައްޔެއް. ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް ޖެހޭވެސް ބައްޔެއް. އެހެންވީމާ، އެކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ފިކުރުކޮށް، އަޅުގަނޑުމެންގެ ކެއުމުގެ އާދަޔާއި، އެހެން އާދަތައްވެސް ބަހައްޓަންޖެހޭނީ، މިދެންނެވިފަދަ ބަލިތަކުން ރައްކާތެރިވެވޭފަދަ ގޮތަކަށް. އަޅުގަނޑު މިވާހަކަ މިދަންނަވާލަނީ، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ގެންގުޅޭ އާދައެއްގެ ސަބަބުން އަނގައިގެ ކެންސަރަށް ވާޞިލްކޮށްދީފާނެ ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނާތީ. އާދެ، އެއީ، ދުފާއިރު ދުންފަތުގެ ބޭނުންކުރުން. އެއީ، ވަރަށް ނުރައްކާތެރި ކަމެއްކަމުގައި ހުރިހާ ޑޮކްޓަރުންވެސް ބުނޭ. އޭގެ ސަބަބުން ހިރުގަނޑަށް ނުވަތަ ކޮލަށް، ނުވަތަ ދުލަށް، ކެންސަރުޖެހުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ބުނޭ. އެހެންވީމާ، އަޅުގަނޑުމެން ދުފުން ބޭނުންކުރި ކަމުގައިވިޔަސް، އެއާއެކީގައި އެއްގޮތަކަށްވެސް ދުންފަތް ނުލުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް އަޅުގަނޑުމެން ދޭން އެބަޖެހޭ. ޢާންމުކޮށް ދަންނަވަންޏާ، ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، ނުރައްކާތެރި އެކިއެކި ބަލިބަލި އިންސާނާއަށް ޖައްސައިދޭ ކަމެއް ކަމުގައި މިހާރުވަނީ ސާބިތުވެފައި. އެއީ ސިނގިރޭޓް ބުއިން ކަމުގައިވިޔަސް، ބިޑި ބުއިން ކަމުގައިވިޔަސް، ދުން ބުއިން ކަމުގައިވިޔަސް ނުވަތަ އެހެންގޮތަކުން ނަމަވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، ޞިއްޙަތަށް ގެއްލުންހުރި ކަމެއްކަމުގައި މިހާރުވަނީ އެންމެންވެސް ޤަބޫލުކޮށްފައި. އަދި ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް މި އާދަ ކުޑަކުރުމަށް ނުވަތަ ނައްތައިލުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިފަދަ މަސައްކަތްތަކެއް މިހާރު ވަނީ ކުރަން ޖެހިފައި. އެއީ، ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ވަރަށް ބޮޑުބައެއް ޒުވާނުން އެއީ. ޒުވާނުންނާއި ޅަކުދީން، އެކުދިންނަށް މިފަދަ އާދަތަކެއް ދަސްވެއްޖެނަމަ، މުސްތަޤްބަލުގައި އެކުދީންގެ ޞިއްޙަތަށް ވަރަށް ބޮޑު ނުރައްކާތަކެއް ކުރިމަތިވެދާނެ. އެހެންކަމަށްވެއްޖިއްޔާ، އެ ނުރައްކާތައް އެ ކުރިމަތިވަނީ ހަމަ އަޅުގަނޑުންގެ ރާއްޖެއަށް. މިއީ އަޅުގަނޑުހިތުން މިއަދުގެ ޒުވާނުންނާއި، ހަރުމީހުންނާއި، މައިންބަފައިންނާއި، ބެލެނިވެރިންނާއި، އެންމެންވެސް ވަރަށް ބޮޑަށް ވިސްނަންވެއްޖެ ކަމެއް.
އެހެންވީމާ، މިއަދަކީ ދުނިޔޭގެ ޞިއްޙަތު ދުވަސް ކަމަށްވާތީ، މިވާހަކަ އަޅުގަނޑު މިދަންނަވާލީ. އަޅުގަނޑުގެ ބޭނުމަކީ ހަމައެކަނި ރައްޔިތުންގެ ޞިއްޙަތު ސަލާމަތުން ހުރުން. އަދި އެމީހުންގެ ޞިއްޙަތު ސަލާމަތުން ހުރެގެން ނޫނީ ޤައުމަށް ފައިދާހުރި މަސައްކަތެއް ނުކުރެވޭނެ ކަމަށްވާތީ. އަދި އެމީހެއްގެ އަމިއްލަ ނަފްސަށްވެސް، އެމީހެއްގެ ޢާއިލާއަށްވެސް ފައިދާހުރި މަސައްކަތެއް ކުރެވޭނީ، ޞިއްޙަތު ސަލާމަތުން ހުރެގެން ކަމަށްވާތީ، އެނުކުތާއަށް ބާރުއެޅުން.
އާދެ، އަޅުގަނޑުގެ މިވާހަކަކޮޅުގެ ތެރޭގައި، މުލަކުއަތޮޅު މަޑިފުށީގެ ރައްޔިތުންގެ ވާހަކަވެސް ދަންނަވާލަން އެބަޖެހޭ. އާދެ، އެމީހުންނަކީ، ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓުމަށްޓަކައި، ވަރަށްބޮޑު މަސައްކަތެއް މިހާރު ކޮށްފައިވާ ބައެއް. މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން، އެރަށުގައި އެއްގޮތަކަށްވެސް ދުންފަތުގެ އިސްތިޢުމާލެއް ނުކުރޭ. އެއީ އެމީހުން އަމިއްލައަށް ރާވައިގެން ހިންގި ކަމެއް. މަޑިފުށީގެ ރައްޔިތުން، އޭރު އެމީހުން އަތުގައި ހުރި ހުރިހާ އެއްޗެހި ނައްތާލީ. އޭގެފަހުން، ދުންފަތުގެ އެއްވެސްކަހަލަ ބާވަތެއް އެމީހުންގެ ރަށަކަށް އެތެރެކުރިޔަކަ ނުދޭ. އަދި އެއްވެސް މީހަކު ބޭނުމެއްވެސް ނުކުރޭ. އަޅުގަނޑުހިތުން މަޑިފުށީގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް އެދައްކަވައިދެއްވީ ވަރަށް ރީތި ނަމޫނާއެއް. އަޅުގަނޑުމެންގެ ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުންވެސް އެ ނަމޫނާއާ އެއްގޮތަށް ޢަމަލުކުރުމަކީ މުސްތަޤްބަލުގައި އަޅުގަނޑުހިތުން ވަރަށް އެދެވޭ ކަމެއް.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަލްފާޟިލް ޙަސަން ޞާބިރު އެކުރެއްވި އިޚްލާޞްތެރި ދުޢާތަކަށް އާމީން ކިޔަމުން. އާދެ، އަޅުގަނޑުގެވެސް ދުޢާއަކީ، اللّـه سبحـانـه وتعـالى ދިވެހިރާއްޖެއަށް އަމަންއަމާންކަމާއި، ތަރައްޤީއާއި، ބާއްޖަވެރިކަން މިންވަރު ކުރެއްވުން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބިގެން، ﷲ ރުހިވޮޑިގެންވާ މަގުގައި ފައިތިލަ ސާބިތުކުރާ ބަޔަކު ކަމުގައި ލެއްވުން. އަދި އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ފައިދާ އަޅުގަނޑުމެންގެ ތަރައްޤީގައި ފެނިގެންދާނެ ގޮތެއްގެ މަތީން ކަންތައްތައް ތަދުބީރު ކޮށްދެއްވުން. ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ ބުރަ މަސައްކަތްތަކުގައި ހެޔޮ ތައުފީޤު ލައްވައި، އެމަސައްކަތްތަކުގެ ފޮނި ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނެ ގޮތް މިންވަރު ކުރެއްވުން.
والسّـلام عليـكم ورحـمة اللّـه وبـركاتـه.