بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިއަދު، ހައްދުންމަތީ ފޮނަދޫ ބަރާސީލު އަވަށުގެ އަންހެނުން ތައްޔާރުކުރެއްވި، މި މިސްކިތް ހުޅުވައިދިނުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަދި އެހާމެ ބޮޑު ޝަރަފެއް. މި އުފަލާއި ޝަރަފް އަޅުގަނޑަށް ދެއްވީތީ ފޮނަދޫ ބަރާސީލު އަވަށު އަންހެނުންނަށް އަދި ފޮނަދޫގެ ޢާންމު ރައްޔިތުންނަށާއި، އަތޮޅުވެރިން އަލްފާޟިލް ޢަބްދުލްޢަޒީޒު މޫސާއަށާއި، އެހެން ވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިސްކިތެއް ހުޅުވައިދިނުމަކީ ވަރަށް ޚާއްޞަ ޝަރަފެއް. އަތޮޅުވެރިންގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، މިސްކިތަކީ މާތްވެގެންވާ އިސްލާމްދީނުގެ، ވަރަށް މުހިންމު އަޅުކަމެއް އަދާކުރުމަށް ޢިމާރާތް ކުރެވޭ ތަނެއް. އެ އަޅުކަމަކީ ފަރްޟު ފަސް ނަމާދު. އެހެންކަމުން، މިފަދަ ތަނެއް ޢިމާރާތްކުރާ ބައެއްގެ ޘަވާބާއި، އެބައިމީހުންނަށް ލިބޭނޭ ދަރުމަޔާއި، ހެޔޮ ރަޙްމަތާއި ނިޢުމަތް އެއީ، އަޅުގަނޑުމެންނަށް ވަންހަނާވެގެންވާނެ ކަމެއް ނޫން. ހަމައެފަދައިން، މިފަދަ ޢިމާރާތެއް އެ ކުރާ ފަރާތަކުން ކުރުމަށްފަހު ޢިމާރާތް ހުޅުވައިދިނުން، އެހެންފަރާތަކާ ޙަވާލުކޮށްފިނަމަ، އެކަމަކީ އެފަރާތަކުން، އެ ޢިމާރާތް ހުޅުވައިދޭ ފަރާތަށްދޭ، ވަރަށްބޮޑު ޝަރަފެއްކަމުގައި ނޫނީ ނުވާނެ.

އާދެ، މިސްކިތެއް ޢިމާރާތް ކުރުމަކުން އަދި އެހިސާބުން އަޅުގަނޑުމެންގެ ކަންތައް ނިމުނީކަމަށް ބަލާކަށެއް ނުވާނެ. މިސްކިތް ޢިމާރާތްކުރެވެނީ ވަރަށް ޚާއްޞަ މަޤްޞަދެއްގައި. އެހެންކަމުން، އެ މަޤްޞަދު އެންމެ ފުރިހަމަގޮތުގައި ޙާޞިލްކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަންވާނެ. އާދެ، މިސްކިތެއް ޢިމާރާތް ކުރެވެނީ ނަމާދުކުރަން. އެހެންކަމުން، އެ މިސްކިތުގައި ނަމާދުކުރުމަކީ ހަމަ ކޮންމެހެން ބޭނުންކަމެއް. އާދެ، ގޭގައިވެސް ނަމާދު ކުރެވިދާނެ. އެހެންނަމަވެސް، މިސްކިތުގައި ޖަމާޢަތުގައި ކުރާ ނަމާދު، މީހަކު އެކަހެރިކޮށް ކުރާ ނަމާދަށްވުރެ އެތައް ގުނައަކަށް އެ ނަމާދުގެ ޘަވާބު އިތުރުވެގެންވާކަން އަޅުގަނޑުމެންނަށް އެނގޭ. އެކަން ނުދަންނަ އެކަކުވެސް އަޅުގަނޑުމެންގެ ތެރެއަކު ނުހުންނާނެ.

މިސްކިތަކީ، އެންމެ ޚާއްޞަ ގޮތެއްގައި، ނަމާދު ޤާއިމުކުރުމަށް ޢިމާރާތްކުރެވޭ ތަނެއް ކަމުގައިވިޔަސް، އިސްލާމީ ޙަޟާރަތަށް ބަލާއިރު މިސްކިތަކީ ވަރަށް މުހިންމު އެހެން މަޤްޞަދުތަކެއްވެސް ޙާޞިލްކުރެވޭ ތަނެއް. އާދެ، މިސްކިތަކީ މުޖްތަމަޢުގެ އެންމެ މުހިންމު މަރްކަޒު. އެ ޖަމާޢަތުގައި ހިމެނޭ މީހުން އެންމެ ޤަދަރުކުރާ ތަން. އެކި ކަންކަމުގައި އެމީހުން އައިސް ބައްދަލުކޮށް ވާހަކަދައްކާހަދާ އުޅޭ ތަންވެސްމެ. ވަރަށް ކުރިއްސުރެ އަދި މިހާރާޖެހެންދެންވެސް، އިސްލާމީ ބައެއް ޤައުމުތަކުގައި މިސްކިތް ބޭނުންކުރެވޭ، ވަރަށް ޚާއްޞަ ކަމެއް، ތަޢުލީމު އުނގަނައިދިނުން. ޚާއްޞަކޮށް، ދީނީ ތަޢުލީމު. ޤުރްއާން ކިޔަވައިދިނުމާއި، ޤުރްއާން ދަސްކޮށްދިނުމާއި، ތަފްސީރު ޢިލްމާއި، ޙަދީޘް ޢިލްމާއި، ފިޤްހު ޢިލްމާއި އަދި މިނޫންވެސް ބޭނުންތެރި ހުރިހާ ޢިލްމުތަކެއް ކިޔަވައިދޭ މަރްކަޒެއް ކަމުގައި، ކުރިއްސުރެ އަދި މިހާރާޖެހެންދެންވެސް އިސްލާމީ ވަރަށް ގިނަ ޤައުމުތަކުގައި، މިސްކިތް ވަނީ ހަމަޖެހިފައި.

އާދެ، އަޅުގަނޑުމެން އެންމެންވެސް އަހާފަދައިން، މިހާތަނަށް މެދުނުކެނޑި ހިނގަމުންދާ އެންމެ މަޝްހޫރު އަދި އެންމެ ގިނަ ދުވަސްވީ އިސްލާމީ ޔުނިވަރސިޓީއަކީ އަލްއަޒްހަރު. މިޞްރުގެ އަލްޖާމިޢުލް އަޒްހަރު. އެއީވެސް މިސްކިތެއް. ހިޖްރައިން 1361 ވަނަ އަހަރު ޢިމާރާތްކޮށް ނިމުނު އެ މިސްކިތަކީ އޭރުއްސުރެ ފެށިގެން މިހާތަނާޖެހެންދެން އާދެ، 1000 އަހަރަށްވުރެ ދިގު މުއްދަތުގައި ތަޢުލީމު ޙާޞިލްކޮށްދެމުންގެންދާ، ވަރަށް ޚާއްޞަ މަރްކަޒެއް. އެހެންވީމާ، މިސްކިތުގެ ބޭނުން އަޅުގަނޑުމެންނަށް އެބަ އެނގޭ. އެ ބޭނުންތައް ފުރިހަމަގޮތުގައި ހިފުމަކީ އަޅުގަނޑުމެންގެ ވާޖިބެއް.

ކޮންމެއަކަސް، މިއަދު އެމިސްކިތެއް ހުޅުވައިދިނުމުގެ ޝަރަފް އަޅުގަނޑަށް މި ލިބޭ މިސްކިތަކީ، މިރަށު ބަރާސީލު އަވަށު އަންހެނުންގެ ޚަރަދުގައި، އެ އަވަށުގެ ފިރިހެނުންގެ މަސައްކަތުން އަދި ރަށުއޮފީހާއި ސަރުކާރުގެވެސް އެހީއާއެކީގައި ޢިމާރާތް ކުރެވިފައިވާ މިސްކިތެއް. އެހެންކަމުން، އެފަދަ ބުރަ މަސައްކަތެއް ކުރެއްވީތީ، މިއަވަށުގެ އަންހެނުންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. އަދި އެ އަންހެނުން އެ ކުރި މަސައްކަތުގައި ހެޔޮހިތުން ބައިވެރިވެލެއްވީތީ، މިއަވަށުގެ ފިރިހެނުންނަށްވެސް ހަމަ އެފަދަ ޝުކުރެއް އަޅުގަނޑު ދަންނަވަން. މިފަދަ ކޮންމެ މަސައްކަތެއްގައި ސަރުކާރަށް ވެވުނުވަރަކުން ބައިވެރިވަމުން މިގެންދަނީ.

އާދެ، ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވި ފަދައިން، މިސްކިތް ހިޔާކުރުމުގައި ސަރުކާރުގެ އެހީއެއް ވަނީ ހިމެނިފައި. އަޅުގަނޑުހިތުން އަޅުގަނޑުމެން ފަދަ ރާއްޖެއަކަށް ކަންތައްތައް ކުރެވޭނީ އެކަހަލަ ގޮތަކަށް. އެއީ ރައްޔިތުންނާއި ސަރުކާރާ ބައިވެރިވެގެން. އަދި ރައްޔިތުންގެ އިތުރަށް، ތަނަވަސްކަން ލިބިފައިވާ އަމިއްލަ މީސްމީހުންވެސް ބައިވެރިވެގެން. ރާއްޖޭގައި މިހާރު ވަރަށްގިނަ، މާލޭގައިވެސް ކޮންމެވެސްވަރަކަށް އެބަހުރި، އަމިއްލަ މީސްމީހުންގެ ޚަރަދުގައި ޢިމާރާތްކުރާ މިސްކިތްތައް. އެއީ ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ ކަމެއް. އަމިއްލަ މީސްމީހުންނާއި، ޢާންމު ރައްޔިތުން ޤައުމުގެ ފައިދާއަށްޓަކައި، އަދި އެބަޔަކު ދިރިއުޅޭ ރަށުގެ ތަރައްޤީއަށްޓަކައި، ރަށުގެ ކުރިއެރުމަށްޓަކައި މިފަދަ މަސައްކަތްތައް ކުރަމުންގެންދާކަން. ޝައްކެއްނެތް، އެފަދަ މަސައްކަތްތައް އެގޮތަށް ކުރެވެމުންދާ ކަމުގައިވަނީނަމަ، އަޅުގަނޑުމެންގެ ރާއްޖެ އެއްދުވަހުން އަނެއްދުވަހަށް ދާނީ ކުރިއަށް.

އާދެ، މިއަދުގެ މި މުނާސަބަތަކީ، މާ ދިގުކޮށް ވާހަކަދައްކާގޮތަށް ރޭވިފައިވާ މުނާސަބަތެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދިވެސް އެއްޗެއް ދަންނަވާލާނަން. އާދެ، އަތޮޅުވެރިންގެ ވާހަކަފުޅުގައި ވިދާޅުވި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންގެންދާ ވާހަކަ. އާދެ، އެއީ ދެން ތެދުފުޅެއް. ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރޭ. ދީނީ އެކިއެކި ޕްރޮގްރާމްތައް ރޭޑިޔޯގެ ޛަރީޢާއިން ފޮނުވާ. ޓެލެވިޜަންގެ ޛަރީޢާއިން ފޮނުވާ. އަދި ސަރުކާރުގެ ޚަރަދުގައި ނެރޭ ބައެއް ނޫސް މަޖައްލާތައް، ހަމައެކަނި ދީނީ ހޭލުންތެރިކަން އުފެއްދުމާ ބެހޭ މަޢުލޫމާތާއި މަޒުމޫނުތައް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ޢަދަދަކަށް ޝާއިޢުކުރެވޭ. ވަރަށް ގިނަ ޢަދަދަކަށް ނޫންނަމަވެސް ފުދޭވަރަކަށް އެބަހުރި. އަދި ސަރުކާރުގެ ޚަރަދުގައި، ދީނީ ތަޢުލީމު ޙާޞިލްކުރުމަށްޓަކައި ރާއްޖެއިން ބޭރަށް މީހުން ފޮނުވައިގެން، އެމީހުން ދީނީ ތަޢުލީމު ޙާޞިލްކުރުމަށްފަހު ރާއްޖެއަށް އައިސް، ރާއްޖޭގެ ދަރިންނަށް ކިޔަވައިދީ އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ރޫޙު އާލާކޮށް، ދީނީ ކަންތައްތައް އޮޅުންފިލުވައިދީ، މިކަހަލަ މަސައްކަތްތައް ކުރަމުން އެބަގެންދޭ. މިކަންތައްތައް މިހެން ކުރަމުންދާއިރު، އަޅުގަނޑުމެން ވިސްނާލަންޖެހޭނެ، އިސްލާމްދީނުގެ ޙަޤީޤަތަކީ ކޮބައިކަން. އިސްލާމްދީނުގެ ޖައުހަރަކީ ކޮބައިކަން. އާދެ، އިސްލާމްދީނަކީ، މީގެ ކުރީގެ ބައެއް ތަޤްރީރުތަކުގައި އަޅުގަނޑު ބުނެފައިވާ ފަދައިން މެދުމިންކަމުގެ ދީނެއް. އިސްލާމްދީނަކީ އޯގާވެރިކަމުގެ ދީނެއް. ރަޙްމަތުގެ ދީނެއް. އިޙްސާންތެރިކަމުގެ ދީނެއް. އެކުވެރިކަމުގެ ދީނެއް. އެއްބާރުލުމުގެ ދީނެއް. މީހުން ބައިބައިކުރުމާއި، ފިތުނަ އުފެއްދުމާއި، މީހުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަކީ، އެ ދީނުގައިވާ ގޮތެއް ނޫން. އެކަން އަޅުގަނޑުމެން ވަރަށް ރަނގަޅަށް ދަންނަންޖެހޭނެ. ދީނުގެ ނަމުގައި، މީހުންގެ މެދުގައި ޚިލާފު އުފެދޭކަހަލަ ވާހަކަތައް ދައްކައި، އެގޮތްގޮތަށް ޢަމަލުކުރާ މީހުން، އެ ކުރަނީ ވަރަށް ބޮޑު ކުށެއް. އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ ދީނީގޮތުން އެއްބަނޑުއެއްބަފާ، އެއްބައިވަންތަ ޤައުމެއް. އަޅުގަނޑުމެންގެ ފައިދާއާއި ތަރައްޤީއާއި ސަލާމަތްކަން އޮތީ އެގޮތުގެ މަތީގައި އަޅުގަނޑުމެން ދިރިދެމިތިބެގެން. އަޅުގަނޑުމެންގެ މެދުގައި ފިތުނަ އުފައްދައި، ބައިބައިވުން އުފައްދައި، އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކީ އަނެއް ބަޔަކާ ދޭތެރޭގައި، އެބައެއްގެ ހިތުގައި ރުޅިވެރިކަމާއި ޙަސަދަވެރިކަން އޮންނަ ބަޔަކު ކަމުގައި ވެއްޖެނަމ،ަ އެކަމުގެ ތެރޭގައި ހިމެނިގެންދާނީ މުޅި ޤައުމުގެ ހަލާކު. އެހެންވީމާ، އަޅުގަނޑުމެން އެ ނުކުތާއަށް ވަރަށް ބޮޑަށް ވިސްނަންޖެހޭ. އަޅުގަނޑުމެން ސަރުކާރުން ކޮންމެ ކަމެއްވެސް ރާވައި ހިންގަމުން މިގެންދަނީ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފުނުވާ ގޮތުގެމަތިން. ސަރުކާރުގެ ކޮންމެ ކަމެއްގެ ސިޔާސަތުވެސް ރޭވިފައި އޮންނަނީ އެހެން. ކުދިންނަށް ކިޔަވައިދެނީވެސް އެގޮތަށް. އެހެންވީމާ، ސަރުކާރުން އެގެންދާ އުޞޫލާ ޚިލާފަށް ދީނީ ކަންކަމުގައި އެކިއެކި ފަތުވާދީ، މީހުންގެ މެދުގައި ބައިބައިވުން އުފެދޭކަހަލަ ވާހަކަތައް ދައްކައި ހެދުމަކީ، އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއް ނޫން. އަދި އެކަހަލަ ކަންތައްތައް ކުރާ ބަޔަކަށް، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބަޔަކު ތާއީދުކޮށްގެންވެސް ނުވާނެ. މިހާ ސާފުކޮށް މިކަން އެނގެންއޮތްއިރު، އެފަދަ މީސްމީހުން އެކަހަލަ ކަންތައް ހިންގާކަން އެއީ ވަރަށް ހިތާމަހުރި ކަމެއް.

އާދެ، ކޮންމެއަކަސް ކުރިންވެސް ދެންނެވި ފަދައިން، މި މުނާސަބަތަކީ މާދިގު ވާހަކަތަކެއް ދައްކާގޮތަށް ހަމަޖެހިފައިވާ މުނާސަބަތެއް ނޫން. އެހެންނަމަވެސް، އާދެ، އަބަދުވެސް އެހެންނަމަވެސްއޭ، މި ދަންނަވަން ޖެހެނީ. އަދިވެސް ކުޑަކުޑަ އެއްވާހަކަ ދަންނަވާލާނަން. އާދެ، އެއީ ދެންމެ އަތޮޅުވެރިންގެ ވާހަކައިގައި އެ ވިދާޅުވި ފަދައިން، މިއީ މިހާރުގެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން މިއަތޮޅަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު، އޭނާ އެމަގާމާ ޙަވާލުވެވަޑައިގަތުމަށްފަހުގައި. އޭގެކުރިން އަޅުގަނޑާ އެކީގައި އޭނާ ވަނީ ހައްދުންމައްޗަށް ޒިޔާރަތް ކުރައްވާފައި. ހުރިހާ ރަށަކަށް ވަޑައިގެންފައި. އަދި ހައްދުންމަތީ އެކަންޏެއް ނޫން. ރާއްޖޭގެ، މީހުން އުޅޭ ހުރިހާ ރަށަކަށްވެސް އަޅުގަނޑާއެކީ ވަނީ ދަތުރުކުރައްވާފައި. އޭނާއަކީ އޭނާ އެހުންނެވި މަޤާމަށް، ވަރަށް އެކަށީގެންވާ، ވަރަށް ޤާބިލް ބޭފުޅެކޭ އަޅުގަނޑަށް ދަންނަވަންޖެހޭ. އޭނާއަކީ ރާއްޖެތެރެއިން އުފެދިގެންއައި، ރާއްޖެތެރޭގެ ދަރިއެއް. މަތީ ތަޢުލީމު ޙާޞިލްކުރައްވައިގެން ހުންނެވި ޒުވާނެއް. ރާއްޖެތެރޭގެ ކަންތައްތަކާއި، ރާއްޖެތެރޭގެ މައްސަލަތަކާއި، މީހުންގެ އުންމީދުތަކާއި، މިހުރިހާ ކަމެއް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ، އިޙްސާސް ކުރައްވާ ބޭފުޅެއް. އެހެންވީމާ، އޭނާގެ ބެއްލެވުމުގެ ދަށުން ރާއްޖޭގައި ތަރައްޤީގެ މަސައްކަތްތައް ހިނގަމުންދާނީ ވަރަށް އެކަށީގެންވާ ހަލުވި ބާރުމިނެއްގައި ކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވޭ. ހަމައެއާއެކު، ދަންނަވާލަން ޖެހެނީ މިހާރު މި އަތޮޅުގެ އަތޮޅުވެރިއަކަށް މިހުންނެވި އަލްފާޟިލް ޢަބްދުލްޢަޒީޒު މޫސާއަކީވެސް ވަރަށް އިޚްލާޞްތެރި ޒުވާނެކޭ. އެހެން ދާއިރާތަކެއްގައި ސަރުކާރަށް ގިނަ ދުވަހު ޚިދްމަތް ކުރައްވާފައިވާ، ވަރަށް ޤާބިލް ބޭފުޅެކޭ އަޅުގަނޑަށް ދަންނަވަންޖެހޭ. އަދި އަޅުގަނޑު ދަންނަވާލި ދަންނަވާލުމަކަށް އަތޮޅުވެރިކަން ޤަބޫލުކުރައްވައި އަދި މިއަތޮޅުގެ އަތޮޅުވެރިކަމަށް އޭނާ ކުރިމަތިލެއްވިކަން އެއީ، އަޅުގަނޑު ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށް، އޭނާއަށް ޝުކުރު ދަންނަވާ ކަމެއް.

މިވާހަކަކޮޅު މިހެން ދަންނަވާލުމާއެކީގައި، ހައްދުންމަތީ ފޮނަދޫ ބަރާސީލު އަވަށު އަންހެނުންގެ ޚަރަދުގައި އަދި ފިރިހެނުންގެ އެހީއާއެކީގައި، މި ޢިމާރާތް ކުރެވުނު އާ މިސްކިތް، މަސްޖިދުއްޒަހްރާ ހުޅުވައިދިނުމުގެ އުފަލާއި ޝަރަފް މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން އަޅުގަނޑު ލިބިގަންނަން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.