ރައްޔިތުންގެ ބައްދަލުވުންތަކުގެ ދެވަނަ ބުރު، މިއަންނަ ޖޫން މަހުން ފެށިގެން ފައްޓަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބައްދަލުވުންތައް ފައްޓަވަނީ ރައްޔިތުންނާ ގާތުން އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތަށް، އެކަން ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އެގޮތުން ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ ވިސްނުމާއެއްގޮތަށް ކަންތައްތައް ގެންދިއުމުގައި ސީދާ އެމަނިކުފާނާއި ހަމައަށް ނާންނަ ބައެއް ކަންކަން ހުންނަ ކަމަށާއި އެގޮތުން އެކަންކަން ޙައްލުކުރެއްވުމުގެ ވަރަށްބޮޑު ބާރަކަށް މި ބައްދަލުކުރެއްވުންތައް ވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިންވެސް ގެންދެވިހެން، ފައްޓަވާ ރައްޔިތުންގެ ބައްދަލުވުންތަކުގައި، މާލޭގައި ކަމަށްވާނަމަ، މާލޭގެ އަވަށްތަކުގެ އަވަށު ބައްދަލުވުންތަކެއް، ވަގުތުއޮތް މިންވަރަކުން، ކޮންމެ ހަފުތާއަކު އެއް ބައްދަލުވުން ބޭއްވޭތޯ މަސައްކަތްކުރައްވާނެކަމުގައެވެ. އެގޮތުން އެއްވެސް ކަހަލަ ދަތުރެއް ނުވަތަ ވަގުތުގެ ދަތިކަމެއް މެދުވެރިނުވާހާހިނދަކު ހަފުތާއަކު އެއްފަހަރު ނުވަތަ އެއަށްވުރެ އަވަހަށްވެސް މިބައްދަލުކުރެއްވުންތައް ބޭއްވޭތޯ މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެތެރޭގައި، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އެކިއެކި ޕްރޮފެޝަންތަކުގެ ބައިބަޔާއެކު ވަކިވަކީން ބާއްވަވާ ބައްދަލުކުރެއްވުންތަކާއި އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށްރަށަށް ޒިޔާރަތްކުރެއްވުން ހިމެނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައްޔިތުންގެ ބައްދަލުވުންތަކުގެ ފުރަތަމަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ޒިޔާރަތްކުރައްވާ، އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ޙާލުބައްލަވާ އެކިއެކި ދާއިރާތަކުގައި ހުރި ދަތިކަންކަމާގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ރައްޔިތުންގެ ބައްދަލުވުންތަކުގެ ފުރަތަމަ ބުރުގައި ހިމެނިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި މުއްދަތުގައި ޒިޔާރަތްކުރެއްވިއިރު، 63 ރަށަކަށް އެމަނިކުފާނު ވަނީ 2 ފަހަރަށް ޒިޔާރަތްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާއެކު ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުކުރެއްވުންތަކުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ސަރުކާރުގެ ކުންފުނިތަކުގެ ޚަރަދުކުޑަކުރުމަށް ޕީސީބީން އަންގާފައިވާ އެންގުމާއި އެއްގޮތަށް އަދި ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ކަންކަން ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އޭގެތެރޭގައި މުވައްޒަފުން މަދުކުރުމާއި ކުންފުނިތަކުގެ ހަރަކާތްތައް އިތުރަށް ސްޓްރީމްލައިންކޮށް އެފިޝަންޓްކުރުމަށް ގެނެވޭ ބަދަލުތައް ހިމެނޭކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.