بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޙަސަން ރަޝީދު، ކެބިނެޓުގެ ވަޒީރުން، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ޖެނެރަލް އޮފިސަރުން، އެހެނިހެން ރޭންކްތަކުގެ އޮފިސަރުންނާއި، އެންމެހައި ފަޚްރުވެރި ދިވެހި ސިފައިން އަދި ސިފައިންގެ އާއިލާތައް؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، ސިފައިންގެ ދުވަހުގެ ތަހުނިޔާ، އެންމެހައި ފަޚްރުވެރި ދިވެހި ސިފައިންނަށް، ސިފައިންގެ ޢާއިލާތަކަށް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން އަރިސްކުރަން.
އާދެ، މި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި، ހިމާޔަތްކުރުމުގެ އެންމެ މަތިވެރި ޒިންމާ، ރެޔާއި ދުވާލު އަދާކުރައްވަމުން ގެންދަވާ ފަޚްރުވެރި ފަރާތްތަކަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ހިތުގެ އެންމެ ޝަރަފްވެރި މަގާމު ލިބިފައިވާ، ތިޔަ ލޮބުވެތި ފަޚްރުވެރި ސިފައިން. ދިވެހި ޤައުމު މި ވޭތުވެދިޔަ ދިގު މާޒީގައި، ރިޕޯޓުގައި ދެންމެ އަޅުގަނޑުމެންނަށް ފެނިގެންދިޔަ ފަދައިން، ސިފައިންގެ ދުވަސް މިއަދު ފާހަގަކުރެވުނު ނަމަވެސް އަދި ރަސްމީކޮށް ސިފައިންގެ ޙަރަކާތްތައް ފެށުނު ތާރީޚް، ވަރަށް ކައިރީގެ ތާރީޚެއްގެ ގޮތުގައި ކަނޑައެޅިފައި އޮތް ނަމަވެސް، ދިވެހި ޤައުމު މިނިވަންކަމާއެކީގައި މިއަދާ ހަމައަށް ގެނެސްދިނުމުގައި، އެތައްހާސް އަހަރެއް، ދެހާހަށްވުރެ ގިނަ އަހަރު ދިވެހި ޤައުމު، ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއެކުގައި ގެނެސްދީފައި ވަނީ، އަޅުގަނޑުމެންގެ ލޮބުވެތި ސިފައިންގެ ހިތްވަރުން، ޖިހާދު. އެހެންވީމާ، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ހިތުގައި އެންމެ ފަޚްރުވެރި ޝަރަފްވެރި މަގާމު، ދިވެހި ޤައުމުދެކެ ލޯބިވާ ކޮންމެ މީހެއްގެވެސް ހިތުގައި އޮންނަންވާނީ، ހަމަ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ފަޚްރުވެރި ސިފައިންނަށްޓަކައި. ހަމަ ޔަޤީނުންވެސް އަޅުގަނޑުގެ ހިތުގައި އޮތީ އެގޮތަށް.
އަޅުގަނޑު މި މަގާމާ ހަވާލުވެ، އެންމެ ފުރަތަމަ ދުވަހު ދިވެހި ޤައުމާ މުޚާޠަބުކޮށް ވާހަކަ ދެއްކިއިރުގައި، އެ ދެއްކި ވާހަކަ ދެއްކީ ހިތުގެ އެންމެ ފުންމިނުން، އެކަން އެގޮތުގައި އަޅުގަނޑު އަބަދުވެސް ގަބޫލުކުރާތީ. އަޅުގަނޑުމެންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ސަލާމަތްތެރިކަމާއެކީގައި ހިމާޔަތްކޮށްދީ، ދަމަހައްޓައިދެނީ ތިޔަ ލޮބުވެތި ސިފައިން. އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކުރައްވައިގެން ތިޔަ ކުރައްވާ ބުރަ މަސައްކަތުން. ޢާއިލާތައް އެ ކަޑައްތުކުރަމުން އެދާ، ތަޙައްމަލުކުރަމުންދާ ހުރިހާ ޤުރުބާނީތަކާއި، ހުރިހާ ކަމެއްގެ ނަތީޖާއަކީ، ތިޔަ ލޮބުވެތި ސިފައިންގެ ބުރަ، މިންނަތް މަސައްކަތް، ދިވެހި ރައްޔިތުންނަށް ލިބިގެންދިޔުން.
އާދެ، މި ވޭތުވެގެންދިޔަ ދެ އަހަރާއި ހައެއްކަ މަސް ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުރެވުނު މަސައްކަތަކީ، ތިޔަ ލޮބުވެތި ސިފައިންގެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި، އެކިއެކި ދާއިރާތަކުން މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި ކުރެވުނު ގިނަ މަސައްކަތްތަކެއް. އެއީ، އިންޑިވިޖުއަލް ހައިސިއްޔަތުން ސިފައިންގެ ޤާބިލިއްޔަތުކަން އިތުރުކުރުމާއި، އިންޑިވިޖުއަލް ހައިސިއްޔަތުން ކޮންމެ ސިފައިންގެ މީހަކަށް ލިބިދޭންޖެހޭނެ ޙައްޤުތަކާއި، އެ ޚިދުމަތް ދިނުމަށްޓަކައި ކޮށްދޭންޖެހޭނެ ކަންކަން، ވަސީލަތްތަކާއެކު ޤާއިމުކޮށްދިނުމުން ފެށިގެންގޮސް، ޢުމްރާނީ ބޮޑެތި މަސައްކަތްތަކާއެކު، ވަރުގަދަކޮށްދިނުމާއި، ފުރިހަމަކޮށްދިނުމާއި، ފުޅާކުރުމުގެ މަސައްކަތް.
އަޅުގަނޑުމެންގެ ޤައުމަކީ، އާބާދީގޮތުން ވެދާނެ އަދި ވަރަށް ކުޑަ ޤައުމަކަށް. ފަސްލައްކައެއްހާ މީހުން މިތިބީ. އެހެންނަމަވެސް، މިއީ ކުޑަ ޤައުމެއް ނޫން. މިއީ، އިންޑިޔާ ކަނޑުގެ ވަރަށް ބޮޑު ސަރަހައްދެއް. އަޅުގަނޑުމެންގެ ޤައުމުގެ ސަރަހައްދުގެ ތެރޭގައި ހިމެނިފައިވާ ބޮޑު ޤައުމެއް. ސްޓްރެޓީޖިކް ވިސްނުންތަކުން ބަލާއިރުގައިވެސް، ސްޓްރެޓީޖިކަލީ ވިސްނާއިރުގައި ކަމުގައިވިޔަސް، ހަމަ ވަރަށް މުހިންމު ދައުރެއް މި ކަނޑުގައި ހޭދަކުރަމުންދާ އަދި އަދާކުރަމުންދާ، ވަރުގަދަ ޒިންމާއެއް އޮތް، ފަޚްރުވެރި، ބޮޑު ޤައުމެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ މި ޤައުމުގެ މި ސަރަހައްދު ބެލެހެއްޓުމުގައި މިއަދާ ހަމަޔަށް އަންނަންދެން، އަޅުގަނޑުމެންނާ މި ޒިންމާ ހަވާލުވެގެން، ސިފައިންގެ ޚިދުމަތް ފުޅާކުރުމާ ހަމަޔަށް އޮތީ އެންމެ ރަނގަޅަކަށް ނޫން. އެހެންކަމުން، އެކި ދާއިރާތަކުން އަޅުގަނޑުމެންގެ ސަރަހައްދު ބެލެހެއްޓޭނެ ޤާބިލިއްޔަތު ޤާއިމުކުރުމުގެ މަސައްކަތް ފެށީ. އަމިއްލަވަންތަކަމެއް އޮވެގެން، އަމިއްލަވަންތަކަމާއެކީގައި، އަންނަން އޮތް ޖީލުތަކަށް ސިފައިންގެ ޚިދުމަތް ވަރުގަދަކުރުމުގެ ޒިންމާ، ނޫނީ މަސްއޫލިއްޔަތު އަދާކުރުމުގެ މަސައްކަތް ފެށީ. އިރާދަކުރެއްވިއްޔާ މިއީ، ކޮންޓިނިޔުސް ޕްރޮސެސްއެއްގެ ތެރެއިން، އަޅުގަނޑުމެންގެ ލަޔާޤަތާއި، ޤާބިލިއްޔަތުކަން ހުރި އެންމެ ފުރިހަމަ މިނެއްގައި އަދި އަޅުގަނޑުމެންގެ އެކުވެރި ޤައުމުތަކާއި، އަޅުގަނޑުމެންނާ އެކީގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކާއެކީގައި، ވަރަށް ގާތް ގުޅުމެއްގެ ތެރެއިން ފުޅާކުރާނެ ކަންކަން. މިކަންކަން މިހެން ކުރިއަށްގެންދާއިރުގައިވެސް، އަޅުގަނޑު ކުރިން ދަންނަވާލި ފަދައިން، ކޮންމެ އިންޑިވިޖުއަލް ސިފައިންގެ މީހެއްގެ ކުރިއެރުމަކީވެސް މުހިންމު ކަމެއް. ތިޔަ ލޮބުވެތި ސިފައިން ޤައުމަށް ތިޔަވަނީ ވަރުގަދަ ޤުރުބާނީއެއް. ތިޔަ ޤުރުބާނީވާއިރުގައި، އެ ޤުރުބާނީވުމުގައި، ތިޔަބޭފުޅުންގެ ތިޔަ ޚިދުމަތް ޤައުމަށްޓަކައި ދިނުމުގައި، އަޅުގަނޑުމެން ވިސްނަންޖެހޭ ކަންކަން ހުންނާނެ. އިތުރަށް ތަރްއްޤީކޮށްދޭންޖެހޭނެ ކަންކަން. އެހެންވީމާ، އެގޮތުންވެސް މިދަނީ އިރާދަކުރެއްވީތީ މަސައްކަތްތައް ކުރަމުން.
އަޅުގަނޑުމެންގެ މި ޖިއޮގްރަފިކަލީ ފެތުރިފައި އޮތް ޙަޤީޤަތުގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ ކަންކޮޅުތަކުގައި ކޮމާންޑް ސެންޓަރުތައް ހެދި، އަޅުގަނޑުމެންގެ އެކިއެކި އޭރިއާ ކޮމާންޑުތައް ހެދިފައި ހުރިއިރުގައި، އެ ތަންތަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައިވެސް މަސައްކަތްތައް ވަނީ ފެށިފައި. މި ދެންނެވީ، އުމްރާނީ ގޮތުންނާއި، ވަސީލަތުގެ ގޮތުން.
އާދެ، އަޅުގަނޑުމެން މިގޮތުން ވިސްނާއިރުގައި، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ކުރިއަށްދިޔުމުގައި މި ދެންނެވި ނަޒަރިއްޔާތުން ސިފައިން ތަރައްޤީކުރުމަށް ބަލާއިރުގައި، މި ދެންނެވިހެން ކޮންމެ އޭރިއާ ކޮމާންޑެއްގައި، އެންމެ ކައިރި ސަރަހައްދުތަކަށް ވިސްނައިގެން، ސިފައިންގެ ކޮންމެ މީހަކުގެ ޢާއިލާ، ދިރިއުޅޭ ސަރަހައްދަކީ ކޮބައިތޯ ބަލައި، އެ ސަރަހައްދެއް ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުޞަތު ޤާއިމުކޮށްދޭން އަޅުގަނޑު ގަސްދުކުރަން. އޭރުން ޢާއިލާތަކާ ކައިރިން ޤައުމަށް ޚިދުމަތްކުރުމުގެ ފަހި ފުރުޞަތު ލިބިގެންދާނެ. ޢާއިލާތައް ޤާއިމުވެފައިވާ ރަށަށް، އަތޮޅު ސަރަހައްދަށް ވިސްނައިގެން، އެ ސަރަހައްދަކާ އެންމެ ކައިރީގައި ހުރި ކޮމާންޑެއްގައި މަސައްކަތްކުރާގޮތަށް، ޑިއުޓީ އަދާކުރެވޭނެ ދާއިމީ ފުރުޞަތު ހޯދައިދިނުމަށް ގަސްދުކުރަން. އެއާއެކީގައި، ހަމަ ޔަޤީނުންވެސް ސިފައިންގެ މުޅި ފައުޖު ފުޅާކުރަންޖެހޭނެ. ވަރުގަދަކުރަންޖެހޭނެ. ބިޔަކުރަންޖެހޭ. ބޮޑުކުރަންޖެހޭ.
އެހެންވީމާ، އެއީ، ސަބަބެއް ކަމުގައިވާތީވެ، އަޅުގަނޑު ވާނީ ސިފައިންގެ ފައުޖަށް ޒުވާނުން އިތުރުކުރުމަށް ވަރަށް އިސްކަމެއްދީގެން މި އަހަރުގެ ބަޖެޓުގެ ތެރެއިން ބަޖެޓުވެސް ހަމަޖައްސާފައި. އެއީ، މާލެ އޭރިއާ ކޮމާންޑް އަދި ހުރިހާ ސަރަހައްދެއްގައި އެކަށީގެންވާ އަދަދަކަށް، ދާއިމީ ގޮތެއްގައި ސިފައިން ޑިއުޓީ އަދާކުރާގޮތަށް ބަދަލުކުރުމުގެ ނިޔަތުގައި. އާދެ، މީގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމަށް ގަބޫލުކުރަން. ޢާއިލާތަކާ ވީހާވެސް ގިނަގިނައިން ބައްދަލުވާނެގޮތަށް ސިފައިންނަށް ޚިދުމަތްކުރެވޭނެ ގޮތް ވެގެންދިޔުމަކީ ހަމަ ޔަޤީނުންވެސް، އޭގެ ނަފާ ފުރިހަމަގޮތުގައި އަމިއްލަ ނަފްސަށް، އަދި ޤައުމަށް ލިބިގެންދާނެ ކަމެއް.
އާދެ، މީގެ އިތުރުންވެސް ވިސްނާއިރުގައި، މިއަދާ ހަމަޔަށް އައިއިރުގައި، ސިފައިންގެ އެކިއެކި ގަވާއިދުތަކާއި، އަދި ޤާނޫނާއި، އުޞޫލުތައް ހުރިގޮތުން، ކަންކަން އަދި އިތުރަށް ރަނގަޅުކޮށްލަންޖެހޭ، ބަދަލުކޮށްލަންޖެހޭ ކަންކަން ހުރިކަންވެސް ފާހަގަކުރަން. އާދެ، މިހާރު ގަވާއިދު އޮންނަ ގޮތުން، އެއް ރޭންކެއްގައި ވަކިވަރަކަށް އަހަރު ހަމަވެއްޖިއްޔާ، ރޭންކް ބަދަލުނުވެ، ވަކިވަރަކަށް ހުރެއްޖިއްޔާ، މި ޖެހެނީ ޚިދުމަތުން ދުރަށްދާން. މިކަހަލަ ލިމިޓޭޝަންސްތަކެއް އެބަހުރި. އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިއީ އެންމެ ޢަދުލުވެރި ގޮތެއްނޫން. އަދި އެ ސިފައިންގެ ޚިދުމަތްތެރިޔާއަށްވެސް އެންމެ ޢަދުލުވެރިގޮތެއް ނޫން. ޤައުމަށްވެސް އެންމެ ރަނގަޅުގޮތެއް ނޫން. އެހެންވީމާ، ސިފައިންގެ ޚިދުމަތުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކީގައި ޚިދުމަތް ކުރަމުންދާ ސިފައިންގެ މީހުންނަށް، އަދި ރޭންކްގައި ވަކި މުއްދަތެއްވިޔަސް، އަދި ލިމިޓޭޝަން މިހާރު އޮތް ގަވާއިދުގެ ތެރެއިން ހަމަވާގޮތަށް އޮތްއޮތުން، އެއީ ބަދަލުކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަން. އިރާދަކުރެއްވިއްޔާ އެގޮތަށް ބަދަލުކޮށްދީ، ސިފައިންގެ ޚިދުމަތުގައި ދެމިހުރެވޭނެގޮތް ހަދަން ގަސްދުކުރަން. އެގޮތަށް އިރާދަކުރެއްވިއްޔާ ބަދަލުކޮށްދޭނަން.
އަދި މީގެ އިތުރަށްވެސް، ސިފައިންގެ ރިޓަޔަރމެންޓް ގަވާއިދަށް އިތުރު އިޞްލާޙުތައްވެސް ގެންނަން އެބަޖެހޭކަން ގަބޫލުކުރަން. އެއީ، 30 އަހަރަށްވުރެ ގިނަ ދުވަސްވެގެން ދާއިރުގައި، 30 އަހަރުވިޔަސް، 35 އަހަރުވިޔަސް، ތަފާތެއް ނެތް، ރިޓަޔަރމެންޓްގައި މިހާރު ލިބޭ އަދަދަށް ބަލާއިރުގައި، ބެނިފިޓަށް ބަލާއިރުގައި. މިއީ ބަދަލުކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރަން. އެހެންވީމާ، ސިފައިންގެ ރިޓަޔަރމެންޓް ގަވާއިދު، މި ދެންނެވި ގޮތަށް، ޚިދުމަތްކުރި އަހަރުގެ ނިސްބަތުން، އެ ލިބޭ ބެނިފިޓް ކަނޑައަޅާގޮތަށް އިރާދަކުރެއްވިއްޔާ ގަވާއިދު އިޞްލާޙުކުރަންވެސް ގަސްދުކުރަން. އާދެ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިއީ މިއަދާ ހަމަޔަށް އައިއިރުގައިވެސް، ނޫނީ އަޅުގަނޑުމެން މިކަމާ ތިޔަބޭފުޅުންގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ޒިންމާއާ ހަވާލުވެގެން އައިއިރުގައިވެސް، ރަނގަޅުވެފައި ހުންނަން ޖެހޭނެ ކަންތައް. އާދެ، މިފަދަ އެތައް ކަމެއް އަޅުގަނޑު ގަސްދުކުރަނީ، ކުރިއަށްއޮތްތާނގައި އަދި އިތުރަށްވެސް ރަނގަޅުކުރަން.
ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް އަސާސީ ޙައްޤު. އެއީ ދިވެއްސަކަށްވީތީ އަޅުގަނޑު ގަބޫލުކުރަނީ، އެންމެ އަސާސީ އެއް ޙައްޤު ގޮތުގައި އޮންނަންޖެހޭނެކަން. އެހެންވީމާ، މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެއްގެ ގޮތުގައި ތަރައްޤީގެ މައިދާނުގައި، އިޖުތިމާޢީ މައިދާނުގައި، އެންމެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ކަނޑައެޅީވެސް އެ ސިޔާސަތު. ޤައުމު ދިފާޢުކުރުމާއި، މިނިވަންކަން ހިމާޔަތްކުރުމަށްފަހު، ދިވެހި ކޮންމެ ރައްޔިތަކަށް އެންމެ މުހިންމު ޙައްޤަކީ އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމުގައި އަޅުގަނޑު ވާނީ ކަނޑައަޅާފައި. މިގޮތުން ބަލާއިރު، ދިވެހި ރައްޔިތުންގެ ހިތުގައި އެންމެ މަތިވެރި ޝަރަފުވެރި މަގާމު އޮންނަންޖެހޭ ފަރާތް، ދިވެހި ސިފައިންނަށް މި ޙައްޤު ފުރިހަމަވެގެންދާންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.
އާދެ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރޭގައި، މިހާރުވެސް ޕްރޮގްރާމްތަކުގެ ތެރޭގައި މިހާރު ހުޅުވާލާފައި އޮތް ޕްރޮގްރާމްގައިވެސް ވަކި އަދަދެއް، ވަކި ކޯޓާއެއް ކަނޑައެޅިފައި ވާނެ. އެއީ، އެންމެ އެދެވޭ އަދަދަކަށް ހަމަ ޔަގީނުންވެސް ނުވާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތަނުގައި، މި އަދަދު އިތުރުކުރާނަން. އިތުރުކޮށް، އަސާސީ ބޯހިޔާވަހިކަން ލިބިގެންދާ ސިފައިންގެ އަދަދު، ސަރުކާރުގެ ހައުސިންގ ސްކީމްތަކުގެ ތެރެއިން، ކުރިއަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ އިތުރުކޮށްދޭނެ ކަމުގެ ޔަޤީންކަން، ތިޔަ ލޮބުވެތި ސިފައިންނަށް އަޅުގަނޑު އަރުވަން.
ހަމައެއާއެކީގައި، ބަނޑޭރިކޮށި ސަރަހައްދަކީ، ޒަމާންތަކެއްވެއްޖެ އެހެން އޮންނަ، ސަރަހައްދެއް. ޑިވެލޮޕެއް ނުކުރެވޭ. ހަމަ ކޮންމެ ސަރުކާރެއްގައިވެސް އެ ވާހަކަ ދެކެވޭ. އަޅައިނުލާކަމަށް ވެފައި އޮންނަ ކަމެއް. ނަމަވެސް، އެކަން ބަދަލުކުރަން އަޅުގަނޑު ވާނީ ނިންމާފައި. އެގޮތުން، މިހާރު ކަމާބެހޭ ވުޒާރާއިން ހައުސިންގ މިނިސްޓްރީން މަސައްކަތްތަކެއް ވަނީ ފަށާފައި. އާދެ، އެ ތަނަކީ، މި ސަރވިސްގައި ދެމިހުރިހާހިނދަކު، ކަނޑައެޅިފައި އޮންނަ ވަކި އުޞޫލަކުން، މިހާރުވެސް ބޯހިޔާވަހިކަން ލިބޭ ތަނަކަށްވާއިރުގައި، ތަނުގެ ބޭނުންހިފޭ ސިފައިންނާއި ޢާއިލާތައް މަދު، އަދި ފެންވަރު ދަށް. މި ހުރިހާގޮތަކުންވެސް ހުރީ ރަނގަޅަކަށް ނޫން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މުޅި ބަނޑޭރިކޮށި ސަރަހައްދު އެކީގައި ހިމެނޭގޮތަށް، ޒަމާނީ ހައުސިންގ ސްކީމެއް، ހައުސިންގ ޕްރޮޖެކްޓެއް ހިންގަން އަޅުގަނޑުމެން މި އުންމީދު ކުރަނީ. އަދި މިހާރު ކުރެވޭ މަސައްކަތް ޢަމަލީ ސްޓޭޖަކަށް މި އަހަރު ތެރޭގައި ގެންދެވޭނެ ކަމަށް. ގެންދެވި، ނޫނީ އެންމެ ލަސްވެގެން މި އަންނަ އަހަރުގެ ކުރީކޮޅާ ހަމައަށްދާއިރަށް، ކުރިއަށް އޮތް އަށެއްކަ މަސްދުވަސް ތެރޭގައި އަޅުގަނޑުމެންގެ ޓާގެޓަކީ، ޢަމަލީގޮތުން އެ ސަރަހައްދުގައި، ބޮޑު ހައުސިންގ ޕްރޮޖެކްޓެއް، ސިފައިންނާއި އަދި ފުލުހުންނަށް އަދި ޢާއިލާތަކަށް އޭގެ އެންމެ ނަފާ ލިބޭނެގޮތަށް، ސަރވިސްގައި ތިބޭއިރުގައި ކަނޑައެޅިފައި އޮންނަ އުޞޫލުން ހައުސިންގ ކަނޑައެޅިގެންދާނެ ގޮތަށް އިރާދަކުރެއްވިއްޔާ، ބޮޑު ހައުސިންގ ޕްރޮޖެކްޓެއް ހިންގުން. އިރާދަކުރެއްވިއްޔާ އެކަން ފަށާނަން.
އާދެ، ވަގުތީގޮތުން ކޮންމެވެސް އެހެން ތަނަކަށް އެ ސިފައިން، ނޫނީ ޢާއިލާތައް ބަދަލުކުރުމަކީ، އޭގެ ޑީޓެއިލްގެ ތެރޭގައި އަންނާނެ ކަންތައް. އާދެ، މިފަދަ ގިނަ ކަންކަމަކީ، އަޅުގަނޑު ގަބޫލުކުރަނީ މުހިންމު ކަންތައްތައް ކަމަށް. ހަމައެއާއެކީގައި، ޚިދުމަތުގައި ބޭނުންވާ ޓްރޭނިންގ ފޯރުކޮށްދިނުމަށްޓަކައި މިކަންކަމަށްވެސް ބޭނުންވާނެ މަގުފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއްވަނީ ފެށިފައި. ގިރިފުށީގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ހިންގަން އަޅުގަނޑުމެން ކަނޑައެޅި މަޝްރޫޢު، އެކިއެކި ސަބަބުތަކާ ހެދި ބިންހިއްކުމާއި، މިކަމާ ގުޅިފައި ހުރި މަސައްކަތްތައް އަދި ނުފެށުނު ނަމަވެސް، މިހާރު އެވަނީ ފެށުމާ ހަމަޔަށް ދެވިފައި. އެތަން ތަރައްޤީވެގެން ދިޔައީމަ، މާލޭ ސަރަހައްދުގެ އެންމެ ބޮޑު ޓްރޭނިންގ މަރުކަޒު އިތުރަށް ފުޅާކުރެވިގެން އެދިޔައީ. ކެޕޭސިޓީ ބޮޑުކުރެވިގެން އެބަދޭ. އެއާއެކީގައި، އުތުރުގައި އަދި ދެކުނުގައި، ޚާއްޞަކޮށް، އައްޑޫސިޓީގައި ޓްރޭނިންގ ފެސިލިޓީ އިތުރަށް ވަރުގަދަކުރެވިގެން ދަނީ.
ހަމައެއާއެކު، ރާއްޖެއިން ބޭރުންވެސް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް، އެކުވެރި ޤައުމުތަކާ އެކީގައި ކުރެވޭ މަސައްކަތް އިތުރަށް ފުޅާކުރުމަށްވެސް މަސައްކަތް ފެށިފައި މިވަނީ. އާދެ، މިފަދަ ތަފާތު ގިނަ ކަންކަމާއެކީގައި އިރާދަކުރެއްވިއްޔާ، ސިފައިންނާއި، ސިފައިންގެ ޢާއިލާތަކަށް ޙައްޤު މިންވަރު އަދި އެއަށްވުރެވެސް އިތުރަށް ހޯދައިދިނުމަކީ، އަޅުގަނޑުގެ ފަޚްރު، އަޅުގަނޑުގެ ޒިންމާ. އަޅުގަނޑުގެ މަސްއޫލިއްޔަތު ކަމުގައި ދެކިގެން މި ކުރާ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބުކުރާނަން.
ހުރިހާ ސިފައިންނަށް އަދި ޢާއިލާތަކަށް އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީ، މިދެންނެވި ކޮންމެ ކަމެއް އެއީ، ވަރަށްބޮޑު ސަމާލުކަންދީގެން އަޅުގަނޑުމެން ކުރިއަށް ގެންދާނެ، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއެކީގައި ކުރިއަށް ގެންދާނެ ކަންތައްތައްކަން. އަދި އެއާއެކީގައި، މި އަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑު އިޢުލާނުކުރި މުހިންމު މަޝްރޫޢުތައްވެސް ފެށުން އެބައޮތް. އަޅުގަނޑު ހަމަ އެ ތަފްޞީލުތަކަށް ނުދިޔައީ. މި ކޮށީގައި ކުރަންހުރި މަސައްކަތްވެސް އެބަހުރި. އިމާރާތްކުރުމުގެ ބޮޑު، ބިޔަ މަޝްރޫޢެއް އެބައޮތް. މިފަދަ މުހިންމު މަޝްރޫޢުތައް އެބަހުރި. އިރާދަކުރެއްވިއްޔާ އެކަންކަންވެސް އޮތީ ކުރިއަށްގެންދާގޮތަށް. ރިޔާސީ ބަޔާނުގައި އަޅުގަނޑު އިޢުލާނުކުރި ކޮންމެ ކަމަކީ، އެކަންތައް ކުރުމަށް ކަނޑައަޅައިގެން އިޢުލާނު ކުރެވިގެންދިޔަ ކަންތައްތައް.
އާދެ، އަދިވެސް އެއްފަހަރު، ހުރިހާ ސިފައިންނަށާއި އަދި ޢާއިލާތަކަށް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރާއި މަރުޙަބާ ދަންނަވަން.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ ތާއަބަދުމެ اللّـه سبحـانـه وتعـالى ލެހެއްޓެވުން. އަޅުގަނޑުމެންގެ ޤައުމު އުފާފާގަތިކަންމަތީގައި މިންވަރުކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.