بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
السّـلام عليـكم ورحـمة اللّـه.
އަޅުގަނޑު، މިއަދު، ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސް މެދުވެރިކޮށް، ތިޔަބޭފުޅުންނާ މިބައްދަލުކޮށްލީ، "ދިވެހި ރައްޔިތުންގެ ދީނީއެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ބިލް" ރައްޔިތުންގެ މަޖިލީހުން ފާސްވެ، ޤާނޫނީ ހަމަތަކުގެމަތިން މިއަދު ތަޞްދީޤު ކުރުމަށްފަހު، މިޤާނޫނާ ބެހޭގޮތުން އެއްޗެއް ދަންނަވާލުމުގެ ބޭނުމުގައި.
ތިޔަ އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުން ޤަބޫލުކުރައްވާނެ ފަދައިން، މާތްވެގެންވާ އިސްލާމްދީނަކީ، އަޅުގަނޑުމެންގެ އިއްޔެއާއި، މިއަދާއި، މާދަމާގެ ސަލާމަތްކަން، އެދީނުގެ ތެދުމަގުގައި ސާބިތުވެތިބުމުގެ މައްޗަށް ބިނާވެގެންވާ މާތް ދީން. އެހެންކަމުން، އިސްލާމްދީނުގެ މަތިވެރި ޢަޤީދާއަށާއި އުޞޫލުތަކަށް އަޅުގަނޑުމެން އަބަދުވެސް ޙުރްމަތްތެރިކޮށްހިތަންޖެހޭނެ. ހަމައެފަދައިން، ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ޤައުމީ އަދި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، އަޅުގަނޑުމެންގެ މެދުގައި މި އޮންނަ ޞުލްޙަވެރިކަމާއި އަމާންކަން ޙިމާޔަތްކުރުމަށް އަޅުގަނޑުމެން އަބަދުވެސް ސަމާލުކަން ދޭންޖެހޭނެ. އަޅުގަނޑުމެންގެ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ކަމެއް ދިވެހި މުޖްތަމަޢުގައި ފެތުރެމުންދާނަމަ، އެކަމެއް ހުއްޓުވުމަށް އަޅުގަނޑުމެން އެންމެން ތެދުވެރިކަމާއެކު އެއްބާރުލައި، މަސައްކަތްކުރަމުން ގެންދަންޖެހޭނެ.
އަޅުގަނޑު މިއަދު މި ތަޞްދީޤުކުރި ބިލަކީ، ތިޔަ އެންމެ އަޚުންނާއި އުޚްތުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލެއް. މިބިލް ފާސްވީ، ރައްޔިތުންގެ މަޖިލީހުގައި، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ވަރަށް ތަނަވަސްކޮށް ޚިޔާލު ފާޅުކުރައްވައި، އެބޭފުޅުންނަށް ފެނިވަޑައިގެންނެވި އިޞްލާޙުތަކެއް އެބިލަށް ގެންނެވުމަށްފަހުގައި. މިބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ފޮނުވި ސިޓީއަކުން، ބިލް ހުށަހަޅަން ޖެހުނު ސަބަބުތައް އެ ޢިއްޒަތްތެރި މަޖިލީހަށްވާނީ ހާމަކޮށްދީފައި. މިދެންނެވި ސިޓީވާނީ، ނޫސްތަކާއި، ދިވެހިރާއްޖޭގެ އަޑާއި، ޓީ.ވީ.ގެ ޛަރީޢާއިން ޢާންމުކޮށް ޝާއިޢުކުރެވިފައި.
ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ކަންތައްތައް ހުއްޓުވުމަށް، ސަރުކާރުން ކުރަމުން ގެންގޮސްފައިވާ މަސައްކަތްތަކުގެ ކޮންމެވެސް މިންވަރެއް، އެ ސިޓީން ތިޔަބޭފުޅުންނަށް ވާނީ އެނގިވަޑައިގެންފައި. އަދި މިފަދަ ބިލެއް ހުށަހަޅަންޖެހުނީ، ދީނީގޮތުން ޚިލާފު އުފެދޭފަދަ ކަންތައްތައް ހުއްޓުވުމަށް، ސަރުކާރުން ކުރަމުންގެންދިޔަ ގިނަގުނަ މަސައްކަތްތަކަށާއި، ކުރަމުންދިޔަ އިލްތިމާސްތަކަށް އިޖާބަނުދީ، އެކަންކަން ކުރިޔަށްގެންދާ ބަޔަކު އުޅޭތީ، މިފަދަ ޤާނޫނެއް ހަދަންޖެހިގެންކަންވެސް، އެ ސިޓީން ތިޔަބޭފުޅުންނަށް ވާނީ އެނގިވަޑައިގެންފައި.
ރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުން؛
މިއަދު ތަޞްދީޤު ކުރެވުނު ދިވެހި ރައްޔިތުންގެ ދީނީއެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަކީ، ހެޔޮ ނަސޭހަތް ދިނުން މަނާކުރާ ޤާނޫނެއް ނޫން.
މިކަން އޮތީ މިހެންކަމުގައިވިޔަސް، ޙަޤީޤަތަށް ނުބަލާ ބައެއް މީހުން، މިމައްސަލައިގައި ތަފާތުގޮތަކަށް ވާހަކަދައްކާ ހެދުމަކީ އެކަށީގެންވާ ކަމެއް. ތިޔަބޭފުޅުން އެކަމަށް ސަމާލުވެވަޑައިގެން ތިއްބެވުމަކީ، އަޅުގަނޑު އެދޭ ކަމެއް. މި ޤާނޫނުގެ ބޭނުމަކީ، ބަޔަކު ކުށްވެރިކުރުމެއް ނޫން. މި ޤާނޫނުގެ ހަމައެކަނި މަޤްޞަދަކީ، ދީނުގެ މަތިވެރި ހަމަތަކާއި އުޞޫލުތައް ރައްކާތެރިކުރުމާއި، އަޅުގަނޑުމެންގެ މުޖްތަމަޢަށް ކުރިމަތިވެދާނެ، ވަރަށް ބޮޑު ނުރައްކަލަކުން ރައްޔިތުން ސަލާމަތްކުރުން.
މިޤާނޫނު ފާސްވިޔަސް، ސަރުކާރުން މިހާރުވެސް ޢަމަލުކުރަމުންދާ ގޮތުގެމަތިން، މިކަމުގައިވެސް އިސްކަންދޭނީ، ކުށްކުރާ މީހުންނަށް ނަސޭހަތްދީ، ވިސްނައިދިނުމުގެ މައްޗަށް. ހުރިހާ ކަމެއްގައިވެސް މިގޮތަށް ޢަމަލުކުރަމުން މިގެންދަނީ، މީހުން ކުށްވެރިކޮށް އަދަބުދިނުމަކީ ސަރުކާރުގެ މަޤްޞަދަކަށް ނުވާތީ. އެހެންކަމުން، މިޤާނޫނު ފާސްވުމަކުން ރައްޔިތުންނަށް ކުރިމަތިވާނެ އެއްވެސް ދައްޗެއް ނޯންނާނެ. އަދި އިސްލާމްދީނާއި، ރާއްޖޭގެ ޤާނޫނު ހުއްދަކުރާ ދާއިރާގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެޅޭ ހުރަހެއްވެސް ނޯންނާނެ.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގައި ހިމެނިފައިވާ ލުއިފަސޭހަކަމާއި ސަމާޙަތަކީ، މާތްﷲ އަޅުގަނޑުމެންނަށް ލައްވާފައިވާ، ވަރަށްބޮޑު ރަޙްމަތެއް. އަޅުގަނޑުމެން އަބަދުވެސް އެ މަތިވެރި ރަޙްމަތަށްޓަކައި، ﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން ޖެހޭނެ. އަދި ކޮންމެ ކަމެއްގައިވެސް، އެންމެ އިސްކަންދޭންޖެހޭނީ، ދީނުގައި އަންގަވާފައިވާ ފަދައިން، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކޮށް ދެމެހެއްޓުމުގެ މައްޗަށްކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ. އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ހުރިހާ ފަރާތަކުންވެސް ސަރުކާރާ އެހީތެރިވެދެއްވައި، އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން ނުއުފެދޭނެ ގޮތެއްގެ މަތިން ޢަމަލުކުރައްވަމުން ގެންދެވުން.
اللَّهُ تَبَارَكَ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވާށި! އިސްލާމްދީނުގެ ހަރުދަނާ ބިންގަލުގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު ދެއްވާށި! އަދި ރާއްޖެއަކީ، އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތު ޤާއިމުވެފައި އޮތުމުގެ ހެޔޮނަސީބު ލިބިފައިވާ ޤައުމެއްގެ ގޮތުގައި ލަހައްޓަވާށި! آمين.
والسّـلام عليـكم ورحـمة اللّـه وبـركاتـه.