بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން، އެސް.ޓީ.އޯ. ޓްރޭޑް ސެންޓަރ ހުޅުވައިދިނުމަކީ، މިއަދު އަޅުގަނޑަށް ލިބޭ، ވަރަށްބޮޑު އުފަލެއް. އާދެ، ދެންމެ މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، މި ޓްރޭޑް ސެންޓަރަކީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރުމަށްފަހުގައި ތައްޔާރުކުރެވުނު ތަނެއް. މިއީ އަޅުގަނޑު ދެކޭގޮތުގައި، ވަރަށްބޮޑު އަދި އެހާމެ ފައިދާހުރި ތަނެއް. އާދެ، މި ބުރަ މަސައްކަތް ކުރެއްވުމުގައި އަދި އެކަންތައްތައް ރާވައި ހިންގެވުމުގައި އެކި ދުވަސްވަރު އެކި ބޭފުޅުންވަނީ އުޅުއްވާފައި. އެހެންކަމުން، އެހުރިހާ ބޭފުޅުންނަށް މިއަދުގެ މުނާސަބަތުގައި، ސަރުކާރުގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

އެސް.ޓީ.އޯ. ޓްރޭޑް ސެންޓަރ ހުޅުވުމަކީ، ރާއްޖޭގެ ވިޔަފާރިއަށް ލިބޭ، ވަރަށްބޮޑު ކުރިއެރުމެއް ކަމުގައި އަޅުގަނޑު ދެކެން. އާދެ، މިތަން ޢިމާރާތް ކުރެވިފައި މިހުރިގޮތުން ވިޔަފާރި ކުރައްވާ، ވަރަށްގިނަ ފަރާތްތަކަކަށް މިތަނުގައި ވިޔަފާރި ކުރެއްވުމުގެ ފުރުޞަތު ވަނީ ލިބިވަޑައިގެންފައި. އެހެންވީމާ، ރާއްޖޭގެ ތަރައްޤީގައި އެސް.ޓީ.އޯ. ކުޅުއްވަމުންގެންދަވާ ދައުރުގެ ތެރޭގައި ހިމެނޭ ކަމެއް، ރާއްޖޭގެ ވިޔަފާރި ކުރިޔަށް ގެންދެވުމަށް މަސައްކަތް ކުރެއްވުން. އެއީ، އެސް.ޓީ.އޯ.ގެ އަމިއްލަ ވިޔަފާރީގެ އިތުރަށް، ރާއްޖޭގެ ޢާންމު ވިޔަފާރިވެރިންނަށްވެސް އެބޭފުޅުންގެ މަސައްކަތްޕުޅައިގެން ކުރިއަށް ވަޑައިގަތުމުގެ ފުރުޞަތު ހޯދައިދެއްވުމަކީ، ކުރިއްސުރެ އެސް.ޓީ.އޯ. އިން މަސައްކަތް ކުރައްވަމުން ވަޑައިގެންފައިވާ ކަމެއް. އޭގެ އެއް މިސާލު މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ހަމައެފަދައިން، އަޅުގަނޑުމެންގެ ރާއްޖެއަކީ ބިމުގެ ގޮތުން ވަރަށް ކުޑަކުޑަ ރާއްޖެއަކަށްވާތީ ބިމުގެ ދަތިކަން އަޅުގަނޑުމެންނަށް ވަނީ ވަރަށްބޮޑަށް އިޙްސާސްކުރަން ޖެހިފައި. މާލޭގައިވެސް އަދި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް އެކަން އެހެން އޮތުމާއެކު، ބިމުގެ ބޭނުން ވަރަށް ފުރިހަމަގޮތެއްގައި ކުރެވޭ ތަނެއްގެ ގޮތުގައި އެސް.ޓީ.އޯ. ޓްރޭޑް ސެންޓަރ ހިމެނިގެންދާނެ ކަމުގައި އަޅުގަނޑު ދެކެން.

އާދެ، ވަރަށް ކުޑަކުޑަ ސަރަޙައްދެއްގައި ވަރަށް ގިނަ ޢަދަދަކަށް ފިހާރަ ތައްޔާރުކުރެވި، އޭގެ އިތުރަށް، އޮފީސްތައް ތައްޔާރުކުރެވި، އެ ހުރިހާ ކަމެއް މިހާ ކުޑަ ސަރަޙައްދެއްގެ ތެރޭގައި ހިނގަމުން ދިޔުމުން، އަޅުގަނޑުމެންގެ ބިމުގެ ދަތިކަމަށް ކޮންމެވެސްވަރެއްގެ ޙައްލެއް ގެނައުމަށް މިކަމުން އަލިމަގެއް ފެނިގެންދާ ކަމަށް އަޅުގަނޑަށް ދެންނެވިދާނެ. ހަމައެއާއެކީގައި، މާލެއަކީ ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމަށްވީތީ، މާލޭގައި މިފަދަ ބޮޑެތި ޢިމާރާތްތައް ހެދިފައި ހުރުމަކީ، ޝައްކެއްނެތް، މުޅި ޤައުމަށް ލިބޭ ރީތިކަމެއް. އެގޮތުން ބަލާއިރުވެސް، މިބޮޑު ޢިމާރާތް ތައްޔާރުކުރެވި އަދި ވަރަށް ރީތި ނިޡާމެއްގެމަތިން ފިހާރަތައް އެތާނގައި ހިމެނި، ފިހާރަތަކުގެ މަސައްކަތާއި އަދި އޮފީސްތަކުގެ މަސައްކަތް ހިނގަމުންދިޔުން، އެއީވެސް މާލެއަށް މިވަގުތު ވަރަށްބޮޑަށް ބޭނުންތެރިވެފައިވާ ކަމެއްކަމުގައި އަޅުގަނޑަށް ލަފާކުރެވޭ.

އާދެ، މިހުރިހާ ކަމެއް މިހެން ހުރުމާއެކީގައި، އެސް.ޓީ.އޯ. ޓްރޭޑް ސެންޓަރ މިއަދު ހުޅުވުމަކީ، މިދެންނެވި ގޮތްގޮތުން ޤައުމަށް ފައިދާހުރި ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން. އެހެންކަމުން، ކުރިންވެސް ދެންނެވި ފަދައިން، މި މަސައްކަތުގައި ކުރިއްސުރެ ފަށައިގެން އުޅުއްވައިދެއްވި ހުރިހާ ބޭފުޅުންނަށާއި އަދި މިހާރު އެސް.ޓީ.އޯ. ހިނގަމުންދަނީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ބެއްލެވުމުގެ ދަށުން ކަމުގައިވާތީ، އެ މިނިސްޓްރީ ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި، މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަލްފާޟިލް ޢަބްދުﷲ ޔާމީނަށާއި، އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު މަނިކަށާއި އަދި އެސް.ޓީ.އޯ.ގެ އެހެން ޑިރެކްޓަރުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި، ހުރިހާ މުވައްޒަފުންނަށް މިއަދުގެ މުނާސަބަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކީގައި މުބާރަކްބާދީ ދަންނަވަމުން، އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ، އެސް.ޓީ.އޯ. ޓްރޭޑް ސެންޓަރ ހުޅުވުމުގެ ސަބަބުން، ރާއްޖޭގެ ވިޔަފާރިވެރިންނަށް އިތުރު ކުރިއެރުން ލިބެމުންދާނެ ކަމަށް އަޅުގަނޑަށް ޔަޤީންކުރެވޭތީ، މިތާނގައި ފިހާރަ ހިންގަވާ ހުރިހާ ފަރާތްތަކަށްވެސް މިއަދުގެ މުނާސަބަތުގައި، އަޅުގަނޑުގެ ހެޔޮއެދުންތައް ފޮނުވަން. އެބޭފުޅުން އެ ކުރައްވާ މަސައްކަތުން އަދި ޢާންމުކޮށް، ރާއްޖޭގެ ވިޔަފާރިވެރިން ކުރައްވާ މަސައްކަތުން ރާއްޖޭގެ އިޤްތިޞާދަށް އިތުރު ފައިދާތަކެއް ވަމުންދާނެކަން އަޅުގަނޑަށް ޔަޤީންކުރެވޭތީ، އެކަމާވެސް ވަރަށްބޮޑަށް އުފާކޮށް، ރާއްޖޭގެ ވިޔަފާރި ހިންގަވާ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑުގެ ތަޢުރީފާއި ސާބަސް ރައްދުކުރަން.

އާދެ، މިއަދުގެ މި ބައްދަލުވުމަކީ، މާ ދިގުކޮށް ވާހަކަ ދައްކަން ހަމަޖެހިފައިވާ ބައްދަލުވުމެއް ނޫން. އެހެންކަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މި ބޮޑު ޢިމާރާތް ތައްޔާރުކޮށް ނިންމައި ހުޅުވުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވިކަމަށްޓަކައި، اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަމުން. އަދި އެސް.ޓީ.އޯ. ޓްރޭޑް ސެންޓަރުގައި ހިމެނިފައިވާ އެކިއެކި ވަސީލަތްތަކުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަން ލިބި، ރާއްޖެއަށް ވިޔަފާރީގެ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ކުރިއެރުންތައް ޙާޞިލްވާނެމަގު އެކަލާނގެ ފަހިކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން.

والسّـلام عليـكم ورحـمة اللّـه وبركاته.