بســم اللّـه الرّحمـن الرّحيــم

الحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين. سيِّدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين


މާތްﷲގެ ވާގިފުޅާއެކު، ތީމުގެ އަލުން ޢިމާރާތްކޮށް ނިމުމަށްފަހު، އެންމެ ފުރަތަމަ އަޅުގަނޑު އަދި އަޅުގަނޑުގެ އަންހެނުންނާއި ޢާއިލާ މި މަރްޙަބާ ކިޔަނީ، 3 ނޮވެމްބަރ 1988 ގައި ދިވެހި ޤައުމާއި ދިވެހިން، މިނިވަންކަމުގެ ދިފާޢުގައި ޝަހީދުވި ޢާއިލާތަކުގެ ޢިއްޒަތްތެރި މެންބަރުންނާ.

އާދެ، އެދުވަހަކީ ރާއްޖެއަށް ވަރަށް ނުރައްކާތެރި ޢުދްވާނެއް ކުރިމަތިވި ދުވަހެއް. އަޅުގަނޑުމެން އޭގެކުރިން ތީމުގޭގައި އުޅެމުންއައިސް އެރޭ އަޅުގަނޑުމެންނަށް ޖެހުނީ ތީމުގެއިން ނުކުންނަން. އެހެންކަމުން، ތީމުގެ އަލުން ޢިމާރާތްކޮށް ނިމުމަށްފަހުގައި، މި ޢިމާރާތުން އެންމެ ފުރަތަމަ މަރްޙަބާ ދެންނެވުމުގެ އުފާ އަޅުގަނޑުމެން ލިބިގަންނަ ބަޔަކީ، އެދުވަހު އަދި އޭގެފަހުންވެސް އެންމެ ހިތްދަތި ހިތާމަވެރި ޝުޢޫރުތައް އިޙްސާސްކުރަން ޖެހިފައިވާ މީހުން. އާދެ، އެއީ ތިޔަބޭފުޅުން. އެދުވަހު ޝަހީދުވި މީހުންގެ ޢާއިލާގެ މެންބަރުން.

ޝަހީދުންނަކީ اللهُ سُبْحَانَهُ وَتَعَالَى ގެ ރަޙްމަތުގައި ދިރިދެމިތިބި ބައެއް. ދެންމެ ޤާރީގެ ކިޔަވާ ވިދާޅުވުމުގައި، ޝަހީދުންނާބެހޭ އާޔަތެއް އައި. " وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتًۢا ۚ بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ.‎ فَرِحِينَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ " (آل عمران ١٦٩ - ١٧٠). މާތްﷲ ޝަހީދުންނާ ބެހޭގޮތުން ވަޙީކުރައްވަނީ، "ﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވީ މީހުންނަކީ، މަރުވެފައިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ހީނުކުރާށޭ! އެބައިމީހުންނަކީ ﷲގެ ޙަޟްރަތުން ރިޒްޤު ލިބިލިބިތިބި އަދި ދިރިތިބި ބައެކޭ. މާތްﷲ އެބައިމީހުންނަށް ދެއްވި ނިޢުމަތްތަކާއި ރަޙްމަތާއި ފަޟްލުވަންތަވެރިކަމުގެ ސަބަބުން އެބައިމީހުން އެތިބީ އުފާކޮށްކޮށޭ.'' އާދެ، މިއީ، ޝަހީދުވާ މީހުންނަށް اللهُ سُبْحَانَهُ وَتَعَالَى މިންވަރުކުރައްވާފައިވާ ގޮތް. ސުވަރުގޭގެ ދާއިމީ ނިޢުމަތް، އެކަލާނގެ މަތިވެރި ރަޙްމަތްފުޅު، އަދި އެބައިމީހުން އެ ތިބެނީ އުފާކުރާ ޙާލުގައި އެކަލާނގެ ޙަޟްރަތުން ރިޒްޤު ލިބިލިބި ތިބި، ދިރިތިބި ބައެއްގެ ގޮތުގައި.

އާދެ، 3 ނޮވެމްބަރ 1988، އެދުވަހު ޝަހީދުވި މީހުންގެ ތެރޭގައި، ޤައުމުގެ ދިފާޢުގައި ހަނގުރާމަކޮށް މަރުވި މީހުންނާއި، އެދުވަހު ކަންތައްތައް ދިމާވިގޮތުން، ޢާންމުންގެ ތެރެއިން މަރުވި މީހުން އެބަތިބި. ސިފައިންގެ 8 ބޭކަލަކު އެދުވަހުވަނީ ޝަހީދުވެފައި. އަދި ޢާންމުންގެ ތެރެއިން 11 ބޭކަލަކު އެދުވަހުވަނީ ޝަހީދުވެފައި. އޭގެތެރެއިން އެއްބައިމީހުންނަކީ މާލޭގައި ތިއްބައި ޝަހީދުވި މީހުން. އަނެއްބަޔަކީ އެދުވަހު އެ ބާޣީން އަތުލައިގަނެގެންދިޔަ ބޯޓުގައި އެމީހުން ގެންދިޔަ ރަހީނުންގެ ތެރެއިން ޝަހީދުވެދިޔަ މީހުން. މި އެންމެންނަކީ ޝަހީދުވި މީހުން. އެ އެންމެންނަށް ހުރި ދަރުމައާއި ޘަވާބުގެ ވާހަކަ ދެންމެ އަޅުގަނޑު މި ދަންނަވާލި އާޔަތުގައި ﷲ ވަޙީކުރައްވާފައި އެވަނީ. އަދި ޝަހީދުންނަކީ އަބަދުވެސް، ދުނިޔޭގައި ތިބި މީހުން އެމީހުންގެ މަތިން ހަނދާންކޮށް، އެމީހުންގެ ޛިކްރާ އާކޮށް އަދި އެމީހުން ޤައުމާއި ދީނުގެ ދިފާޢުގައި އެ ކުރި ޖިހާދުން ޢިބްރަތް ޙާޞިލްކުރަންޖެހޭނެ ބައެއް.

ބައެއް ލިޔުންތެރިން ވިދާޅުވާގޮތުގައި "ޤައުމުގެ ދިފާޢުގައި ޝަހީދުވާ މީހުންނަކީ އެ ޤައުމުގެ ފަސްގަނޑު އެމީހުންގެ ލެއިން ދިރުވާ މީހުން. ޝަހީދުންގެ ލެޔަކީ، ޤައުމީ ފަސްގަނޑު ދިރި އަދި ޤައުމީ ކާމިޔާބީއާއި ފަތަޙައާއި ނަޞްރާއި ކުރިއެރުން ދިރުވައިދޭ އެއްޗެއް.'' އެހެންވީމާ، އެއީ ދިވެހި ޤައުމުވެސް އަބަދުވެސް ހަނދާންކުރާނެ ބައެއް. 3 ނޮވެމްބަރުގެ ކުރިންވެސް ދިވެހި މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކުރުމުގެ މަގުގައި ޝަހީދުވެފައިވާ އަބްޠާލުން އަޅުގަނޑުމެންގެ ތާރީޚުގައި ފާހަގަކުރެވިފައިވޭ. އެ އަބްޠާލުންނަކީ، އެ އަބްޠާލުންގެ މަތިން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރާ ބައެއް. އެމީހުން ޤައުމަށްޓަކައި ވެފައިވާ ޤުރްބާނީގެ އަގު ވަޒަންކޮށް، އެމީހުންނަށް އަބަދުވެސް އަޅުގަނޑުމެން ޝުކުރު އަދާކުރަމުންގެންދާ ބައެއް. ހަމައެފަދައިން، 3 ނޮވެމްބަރުގައި ޝަހީދުވި މީހުންނަކީވެސް އެބައެއްގެ މަތިން ދުވަހަކުވެސް އަޅުގަނޑުމެން ހަނދާންނެތިގެންދާނެ ބައެއްނޫން. އަދި ދިވެހި ޤައުމުވެސް، ދިވެހި ރައްޔިތުންވެސް އެބައެއްގެ މަތިން ހަނދާންނެތިގެންދާނެ ބައެއްނޫން.

އާދެ، ރާއްޖެއަކީ ކިތަންމެ ކުޑަ ނަމަވެސް މިނިވަން މުސްތަޤިއްލު ޤައުމެއް. ރާއްޖެއަށް އެހެން ޤައުމުތަކަށް ކުރިމަތިވާފަދަ ކަންތައްތައް ކުރިމަތިވުމަކީ ނުވެދާނެ ކަމެއްނޫން. މުސްތަޤްބަލުގައިވެސް ރާއްޖެއަށް ތަފާތު ނުރައްކާތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް. އެހެންކަމުން، އަޅުގަނޑުމެން ތިބެންޖެހޭނީ އަބަދުވެސް އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި ހޭލައި ތައްޔާރަށް. ދިމާވި ކޮންމެ ނުރައްކަލަކަށް ކެރިތިބެގެން ކުރިމަތިލާ ބައެއްގެ ގޮތުގައި.

އާދެ، މިރޭގެ މި ޙަފްލާއަކީ ޝަހީދުންގެ ޢާއިލާތަކުގެ މެންބަރުންނަށް ތީމުގެއިން މަރްޙަބާކިޔައި، އެބޭފުޅުންގެ ޝަރަފްގައި ބޭއްވޭ ކުޑަކުޑަ ޙަފްލާއެއް. ހަމައެއާއެކު، އެދުވަހު އަޅުގަނޑުމެންގެ ޤައުމުގެ ދިފާޢުގައި އެންމެ އިސްބައި އަދާކުރެއްވި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އިސްވެރިންނާއި އަދި އެދުވަހު ސިފައިންގެ ކަންތައްތައް ހިންގެވުމުގައި އެންމެ އިސްވެ ތިއްބެވި ބޭފުޅުންގެ ޝަރަފްގައި ބޭއްވޭ ޙަފްލާއެއް.

އާދެ، އެހެންކަމުން، މިރޭ އަޅުގަނޑުމެންނަށް މި ލިބެނީ ވަރަށް ބޮޑު އުފަލެއް. ތިޔަ ހުރިހާ ބޭފުޅުންނަށް މަރްޙަބާ ދަންނަވައި އަދި ތިޔަބޭފުޅުންގެ ކަންތައްތަކާ ދޭތެރޭގައި ސަރުކާރުން އަބަދުވެސް ވިސްނައި، ތިޔަބޭފުޅުންނަށް ރަނގަޅު ގޮތްތައް ހޯދައިދެވޭތޯ ބަލާނެކަމުގެ ޢަޒުމެއް ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން. ޔަޤީންކަމެއް އަރުވަން. ނޮވެމްބަރު 3 ގައި ސަރުކާރުން އެންމެ ބޮޑަށް މަސައްކަތްކުރީ ދިވެހި ރައްޔިތުން ސަލާމަތްކުރެވޭތޯ. ދިވެހި ރައްޔިތުންގެ ފުރާނަ ޙިމާޔަތްކުރެވޭތޯ. އެދުވަހު ޕްރޮގްރެސް ލައިޓްގައި އެމީހުން ގެންދިޔަ ދިވެހި ރަހީނުންގެ ފުރާނަ ސަލާމަތްކުރެވޭތޯވެސް ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރި.

އިންޑިޔާގެ ބޮޑުވަޒީރު މިސްޓަރ ރާޖީވް ގާނދީ އަޅުގަނޑާ ފޯނުން ގުޅުއްވައި، ސަރުކާރުން އެދެނީ ކޮންކަމެއްތޯ، ޕްރޮގްރެސް ލައިޓާ ބެހޭގޮތުން ސަރުކާރުން ބޭނުންވަނީ، މީހުން ސަލާމަތް ކުރަންތޯ ނުވަތަ އެ ބާޣީން އަތުލައި ހައްޔަރުކޮށްގެން އެމީހުން މާލެ ގެނެސްދޭންތޯ؟ މި ސުވާލު ކުރެއްވި. އަޅުގަނޑު ދެންނެވީ، ސަރުކާރުން އެންމެ ބޮޑަށް ބޭނުންވަނީ ދިވެހި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމޭ. ކުށްވެރިން އަތުލައި އެމީހުން ހައްޔަރުކުރުމަކީ، ދިވެހި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްފަހުގައި ސަރުކާރުން ބޭނުންވާ ކަމެކޭ.

އާދެ، އެގޮތުގެމަތިން އިންޑިޔާ ސަރުކާރާއި އިންޑިޔާގެ ސިފައިން އެދުވަހު މަސައްކަތްކުރީ. އެހެންނަމަވެސް، ކަންތައްތައް ދިޔައީ އަޅުގަނޑުމެން އެއްގޮތަކަށްވެސް އެދޭ ގޮތަކަށެއްނޫން. އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުން ޝަހީދުވެގެންދިޔައީ. އެއީ، ފަހަރެއްގައިވެސް ދިވެހި ސަރުކާރުންވެސް ނުވަތަ އެއްވެސް ދިވެހި ރައްޔިތަކުވެސް އެދޭނެގޮތެއް ނޫން. އެކަމަކު އެދުވަހު ކަންތައްތައް ދިޔައީކީ އަޅުގަނޑުމެން ބޭނުންވާ ގޮތަކަށްނޫން. އެހެންކަމުން، އެހެންވެސް އެކަން ދިމާވީ. ކޮންމެއަކަސް، މި ވާހަކަ މިއީ އަޅުގަނޑު ކުރިންވެސް ޢާންމު ތަޤްރީރެއްގައި ބުނެފައިވާނެ ވާހަކައެއް. އެހެންނަމަވެސް، އަދިވެސް އެއްފަހަރު ތިޔަބޭފުޅުންގެ ހަނދުމަފުޅު އާކޮށްލުމުގެގޮތުން އެވާހަކަ މި ދަންނަވާލީ.

އާދެ، ދެން މިރޭގެ މި ކުރު ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ތީމުގެއާ ބެހޭގޮތުންވެސް ކުޑަ އެއްޗެއް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އެއީ، މިއީ ތީމުގޭގައި ބޭއްވޭ ފުރަތަމަ ޙަފްލާ ކަމަށްވާތީ، ފުރަތަމަ ބައްދަލުވުން ކަމަށްވާތީ. ތީމުގެއަކީ ސަރުކާރުގެ ޚަރަދުގައި ޢިމާރާތް ކުރެވިފައި ހުރި، ސަރުކާރުގެ ޢިމާރާތެއް. އެއީ ވަކި މީހެއްގެ ތަނެއްނޫން. ވަކި ޢާއިލާއެއްގެ ތަނެއްނޫން. ތީމުގޭގައި، އިރާދަކުރެއްވިއްޔާ ދިރިއުޅެމުން ގެންދާނީ ދިވެހި ރައްޔިތުން އިންތިޚާބުކުރާ ރައީސަކާއި، އެ ރައީސެއްގެ ޢާއިލާގެ މީހުން. އެކި ދުވަސްވަރު އެ މަގާމުތަކުގައި ތިބޭނީ އެކި މީހުން. އެހެންވީމާ، މި ޢިމާރާތަކީ މިއަދު ރާއްޖެ ކުރިއަށް އަރާފައިވާ މިންވަރުން ރާއްޖެއަށްވެސް ބޭނުންވާކަހަލަ ޢިމާރާތެއް. ސަރުކާރުން މިގެންދަނީ ރާއްޖެއަށް ކޮންމެ ރޮނގަކުންވެސް އިތުރު ކުރިއެރުމާއި ކާމިޔާބީތައް ހޯދައިދެމުން. އަޅުގަނޑުމެންގެ ވެރިކަންކުރާ ރަށް މާލޭގައި މިނޫނަސް ވަރަށްގިނަ މޮޅު ޢިމާރާތްތައް މިހާރުވަނީ ހެދިފައި. އަޅުގަނޑުމެން އެންމެންވެސް އެންމެ ޤަދަރުކުރާ އެންމެ މުހިންމު ތަނަކީ އިސްލާމީ މަރްކަޒު. އެއީވެސް މާތްﷲގެ ވާގިފުޅާއެކީގައި ވަރަށް ރީތިކޮށް، ވަރަށް ފުރިހަމަކޮށް، ރާއްޖެއަށް ރީތިނަމާއި ފަޚްރު ލިބޭފަދަ ގޮތަކަށް ޢިމާރާތް ކުރެވިފައިވާ ތަނެއް. އަދި މިނޫނަސް މާލޭގައި ސަރުކާރުގެ ފަރާތުންނާއި އަދި އަމިއްލަ އަފްރާދުން މި ޒަމާނާ ގުޅޭގޮތަށް ހަދާ، ވަރަށް ރީތި، ބޮޑެތި ޢިމާރާތްތައް މިހާރުދަނީ ހެދެމުން.

ރާއްޖޭގައި، ރާއްޖޭގެ އެންމެ އިސް ވެރިކަމުގައި ހުންނަ މީހަކު ހުރުން އެކަށީގެންވާ ފެންވަރުގެ ތަނެއް މިހާތަނަކަށް ހެދިފައެއް ނެތް. މިވަގުތު އަޅުގަނޑުމެން މި ދިރިއުޅެމުން ގެންދަނީ މުލީއާގޭގައި. އެހެންނަމަވެސް، މުލީއާގެއަކީ މި ޤަރުނުގެ ކުރީކޮޅު ހެދިފައިވާ ޢިމާރާތެއް. އެ ޢިމާރާތް ހެދިފައި ހުރީކީ ބަޔަކުމީހުން ދިރިއުޅެމުންދާ ގޮތަކަށެއްނޫން. އެހެންކަމުން، ތަފާތު ދައުރުތަކުގައި އެތާނގައި ކުރެވެމުން އައީ ތަފާތު މަސައްކަތްތައް. ސަރުކާރުގެ ބައެއް އޮފީސްތައްވެސް އެތާނގައި ހިންގަމުން ގެންގޮސްފައިވޭ. އަދި ރައްޔިތުންގެ މަޖްލިސްވެސް އެތާނގައި ކޮންމެވެސް އެއްދުވަސްވަރެއްގައި ކުރަމުންގެންދިޔަ.

އެހެންވީމާ، މިވަގުތު ރާއްޖެ ތަރައްޤީވެފައިވާ މިންވަރުން، ޤައުމުގެ ވެރިކަމުގައި ހުންނަ މީހަކު އަދި އެމީހާގެ ޢާއިލާ ދިރިއުޅޭނެ ތަނެއް ހުރުމަކީ އަޅުގަނޑުމެން ދިވެހި ޤައުމަށް ލިބޭ ފަޚްރަކަށްވާނެ. ބޭރުގެ ޢިއްޒަތްތެރިޔަކު މާލެވަޑައިގަންނަވާ ފަހަރަކުންވެސް އެބޭފުޅަކަށް މަރްޙަބާ ދަންނަވާ ހެދޭވަރުގެ ތަނެއް މިވަގުތު ރާއްޖޭގައި ހުރުމަކީ ކޮންމެހެން ބޭނުން ކަމެއް. ރާއްޖެއަކީ މިނިވަން ޤައުމެއްގެ ގޮތުގައި މިހާރު މިދަނީ ބައިނަލްއަޤްވާމީ ދާއިރާގައި ޙަރަކާތްތެރިވަމުން. އެކަން އެހެން އޮތްއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި މިފަދަ ތަންތަން ހުރުމަކީ މިވަގުތަށް ކޮންމެހެން ބޭނުންވެފައިވާ ކަމެއް. އެހެންވީމާ، އެވާހަކަ އަޅުގަނޑު މި ދަންނަވާލީ. މިއީ ސަރުކާރުގެ ޢިމާރާތެއް. ސަރުކާރުގެ ތަނެއް. އެހެން ޢިބާރާތަކުން ދަންނަވަންޏާ، ރައްޔިތުންގެ ތަނެއް. މިތަން މުސްތަޤްބަލުގައި ހުންނާނީ، އިރާދަކުރެއްވިއްޔާ ހަމަ ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް.

އާދެ، އެވާހަކަ ދަންނަވާލުމަށްފަހުގައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު މަރްޙަބާ ދަންނަވަން. އަދި ތިޔަ ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތަށް އެދެން. ތިޔަބޭފުޅުންގެ އުންމީދުތަކާއި، ތިޔަބޭފުޅުންގެ ބޭނުންފުޅުވާ ކަންތައްތައް މާތްﷲ ޙާޞިލްކޮށްދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން. ދިވެހިރާއްޖެއަށް ފާގަތި މުސްތަޤްބަލަކާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު އަދި ސިޔާދަތު ދެމެހެއްޓުމުގެ ތައުފީޤު ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ދެއްވުން އެދި އަޅުގަނޑު އެކަލާނގެ ޙަޟްރަތުގައި އިބްތިހާލުވަން.

والسّلام عليكم ورحمـة اللّـه وَبَرَكاتُهُ.