ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރެވޭ އުސޫލަށް ގެނައި ބަދަލަކީ، ބޭންކުގައި ހުރި ޑޮލަރު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ގެންނެވި ބަދަލެއް ކަމަށް، ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން ވިދާޅުވެއްޖެ

ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރެވޭ އުސޫލަށް ގެނައި ބަދަލަކީ، ބޭންކުގައި ހުރި ޑޮލަރު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ގެންނެވި ބަދަލެއް ކަމުގައި، ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ''ޕްރެސަރ ވިތު ދަ ސްޕޯކްސް'' ސިލްސިލާގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ސްޕޯކްސްޕަރސަން ވިދާޅުވީ، މުޅި ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭހާއި، ތެލާއި، ރާއްޖެއިން ބޭރުގައި ކިޔަވާކުދިންގެ އެކި ކަންކަމަށް ބޭނުންވާ ޑޮލަރު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްއަށް އަޅުގަނޑުމެން އެންމެން ބަރޯސާވެފައިވާ ކަމަށެވެ. އެހެން ކަމުން ބޭންކަށް ގަންނަން ލިބޭ ޑޮލަރު ޒަރޫރީ ބޭނުންތަކަށް ބޭނުންކުރެވޭ މިންވަރު އިތުރުކުރުމާއި ކާޑު ތަކުން ކުރެވޭ ނަހަމަ މުއާމަލާތްތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުން ފިޔަވައި އިތުރު އެހެން ނިންމެވުމެއް ނިންމަވާފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރުފިޔާ އެކައުންޓް ބޭނުންކޮށްގެން ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ދުވާލަކަށް ބޭންކުން ޑޮލަރު ވިއްކާނެ އަދަދެއް ކަނޑައަޅައި، ޓީޓީ އަށް ޑޮލަރު ބޭނުންވާ ފަރާތްތަކުން ޓީޓީ ހުށަހަޅާ ގަޑިއަކީ ބޭންކުގެ ރަސްމީގަޑި ކަމުގައި ހަމަޖައްސަވާފައެވެ.

ސްޕޯކްސްޕަރސަން ވިދާޅުވީ 2026 އެޕްރީލް މަހުގެ 2 ވަނަ ދުވަހު ސަރުކާރުން ދެއްކި 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އާއި ބޭންކް އޮފް މޯލްޑިވްސް އިން މި ގެނައި ބަދަލަކާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޯކްސްޕަރސަން ވަނީ، 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރެއްވި ފަސް ރަސްމީ ދަތުރުފުޅަކަށް ހިނގާފައިވާ ޚަރަދުގެ ތަފްޞީލް ވެސް ހާމަކުރައްވާފައެވެ. އެއީ 2025 ވަނަ އަހަރު މެލޭޝިއާ، ސިންގަޕޯރ، ޤަތަރުގެ ވެރިރަށް ދޯހާ، އަދި އިނގިރޭސިވިލާތަށް ކުރެއްވި ދެ ދަތުފުޅެވެ. މީގެ އިތުރުން 2025 ވަނަ އަހަރާއި 2026 ވަނަ އަހަރުގެ މިހާތަނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިފައިވާ އާރު.ޓީ.އައި ތަކުގެ އަދަދާއި ޖަވާބުދެއްވާފައިވާ އަދުދުގެ ތަފްޞީލްވެސް ވަނީ ހިއްސާކުރައްވާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ނޫސްވެރިން ކުރެއްވި އެކި ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދެއްވިއެވެ.