بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.


އާދެ، ސްރީލަންކާގައި ދިރިއުޅުއްވާ ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުން، މިތަނަށް ވަޑައިގެން އެބަ ތިއްބެވި ވަރަށް ޢިއްޒަތްތެރި، ޚިދުމަތްތެރި، ބޭފުޅުންވެސް. ދައުލަތުގެ މަތިވެރި ޢިއްޒަތް ލިބިވަޑައިގެން ތިއްބެވި ބައެއް ބޭފުޅުން، އަދި، މަތީ މަގާމުތައް އަދާކުރައްވައި، މިހާރު ރިޓަޔަރ ކުރައްވާފައި ތިބި ބައެއް ބޭފުޅުންވެސް އެބަ ތިއްބެވި. އަޅުގަނޑަށް އެކިއެކި ބޭފުޅުން އެބަ ފެނޭ.

އާދެ، ތިޔަބޭފުޅުން ޢާއިލާތަކާއެކު ވަރަށް އަވަދިނެތި އުޅުއްވަމުންވެސް، މި ވަގުތުކޮޅު މިތަނަށް ވަޑައިގެން ހޭދަކުރައްވާކަމަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، މިތަނަށް ވަޑައިގެންނެވި ލޮބުވެތި އެންމެހައި ރައްޔިތުންނަށް، އަދި ޢާއިލާތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މި ދަތުރަކީ، މި ޤައުމުގެ ރައީސް ދެއްވި ދަޢުވަތަކަށް އަޅުގަނޑުމެން ކުރިއަށްގެންދާ، ނޫނީވިއްޔާ ކުރަމުންދާ ފުރަމާނަ ދަތުރެއް. އާދެ، އަޅުގަނޑުމެން ދެ ޤައުމަކީ، ވަރަށްވެސް ގާތް ގުޅުން އޮތް، ވަރަށް ގިނަ ޒަމާންތަކެއް ވަންދެން އެ ގާތް ގުޅުން އޮންނަމުންދާ ދެ ޤައުމު. ދިވެހި ރައްޔިތުން މީގެ އެތައް އަހަރެއް ކުރިން ފެށިގެންވެސް، އެކިއެކި ބޭނުންތަކަށް އައިސް ދިރިއުޅެމުންދާ، ނޫނީވިއްޔާ މި ޤައުމުގެ އެހީތެރިކަން ހޯދަމުންދާ ޤައުމެއް.

އާދެ، މި ދަތުރުގައިވެސް އެންމެ ބޮޑު އަސާސަކަށްވީ، މި ގުޅުން، މި ޒަމާންވީ ގުޅުން، އެ ގުޅުމުގެ މައްޗަށް ބިނާކޮށް، މި ޤައުމުގައި ދިރިއުޅުއްވާ ތިޔަބޭފުޅުން، ދިވެހި ރައްޔިތުންނަށާއި، އަދި ރާއްޖޭގައި ދިރިއުޅޭ މި ޤައުމުގެ ރައްޔިތުންނަށް ރަނގަޅު ގޮތްތައް، މިހާރަށްވުރެ ފަހިވާނެ ގޮތްތައް ފަހިކުރެވޭނެ ގޮތަކަށް، ކަންކަން ބައްޓަންކުރުމާ ބެހޭގޮތުން ވާހަކަ ދެއްކުމާއި، ދެ ޤައުމުގެ ދޭތެރޭގައި ބައިލޭޓްރަލް އެކިއެކި ގުޅުންތައް ވަރުގަދަކުރުމަށް މަސައްކަތް ކުރުން. އެއީ، ވިޔަފާރީގެ ގޮތުންނާއި، އަދި އެކިކަހަލަ އިންވެސްޓްމަންޓްތަކާއި، ތަރައްޤީގެ އެކިކަހަލަ މަޝްރޫޢުތައް ހިންގުމާއި، މިހެންގޮސް، އެކި ކަންކަން ފުރިހަމަކުރެވޭނެ ކަންކަން ބަލައި، އެއްބަސްވެވޭނެ ކަންކަން ހޯދުމަށް. އެގޮތުން، މި ދަތުރުގައި މުހިންމު އެކިއެކި ދާއިރާތަކުން ހައެއްކަ އެމް.އޯ.ޔޫ.ގައިވެސް އަޅުގަނޑުމެންނަށް ސޮއިވެސް ކުރެވިގެންދިޔަ. މިއިން ކޮންމެ ދާއިރާއަކީވެސް މި ދެންނެވި ފަދައިން، އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށް ރަނގަޅު ކަންކަން ވެގެންދާނެ ކަންކަންކަން އަޅުގަނޑު ޔަޤީންކުރަން.

އާދެ، ސްރީލަންކާގެ ރައީސް އަޅުގަނޑުމެންނާ ދޭތެރޭގައި ބަހައްޓަވާ ގާތްކަމާއި، އަދި ދެއްވާ އަހަންމިއްޔަތަށް، އަޅުގަނޑުގެ ހިތުގެ ފުންމިނުން އެ މަނިކުފާނަށް ޝުކުރު ދަންނަވަން. އަދި އެ މަނިކުފާނުގެ ސަރުކާރަށްވެސް ޝުކުރު ދަންނަވަން. އޮފިޝަލް ޓޯކްސްގައި ވަރަށް މުހިންމު ކަންކަމުގައި ވާހަކަ ދެކެވުނު. އަދި އޭގެއިތުރަށްވެސް، ލިބުނު ހުރިހާ ފުރުޞަތެއްގައި ވާހަކަ ދެކެވިގެންދިޔަ.

ދެންމެ ސަފީރު ފާހަގަކުރެއްވި އެއްކަމަކީ، ވިސާގެ ކަންތައް. ޙަޤީޤަތުގައިވެސް އެއީ، އަޅުގަނޑުގެ މި ދަތުރުގައި، އަދި، މި ދަތުރާ ހަމައަށް އަންނަންދެކަށް، މިދިޔަ ދެ އަހަރެއްހާ ދުވަސް، ނޫނީ ދެ އަހަރާ ބަޔާ މި ގާތްކުރާ މުއްދަތުގައިވެސް ކުރެވުނު މުހިންމު، އެންމެ މުހިންމު އެއް ކަމަކީ. ކުރިއެރުންތަކެއްވެސް ލިބިގެން ގޮސްފައިވޭ. އެހެންނަމަވެސް، ދާއިމީ ރަނގަޅު ޙައްލެއް މިކަމުގައި ގެނައުމުގައި، ސްރީލަންކާގެ ސަރުކާރުން ވަރަށް އިސްކަންދެއްވާ. އަޅުގަނޑުމެންގެ ސަފީރު، އަޅުގަނޑުމެންގެ ހައިކޮމިޝަނާ ގުޅިގެން އަދި ފޮރިން މިނިސްޓްރީއާ ގުޅިގެން އެ މަސައްކަތް އެ ދަނީ ކުރެވެމުން.

އެ މަނިކުފާނު އާދެ، މި ޤައުމުގެ ރައީސް، އަޅުގަނޑަށް ދެއްވި ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ މިކަމުގައި، މިހާރު ހުރި ކޮންސަރންތައް، އެއީ ކުރިން ފެށިގެން އައިސްފައި ހުރި ކަންތައްތަކެއް، މީގެ އަހަރުތަކެއް ކުރިން ފެށިގެން އައިސްފައި އޮތް ކޮންސަރންތަކެއް، އެކަންކަން ޙައްލުކުރެވިގެން ގޮސް، މުޅި މައްސަލައަށް ޙައްލެއް ގެނައުމާ ހަމައަށް މިހާރު ގެންދެވޭކަން. ގެންދެވި، އަދި، އިރާދަކުރެއްވިއްޔާ މި މައްސަލައަށް ދާއިމީ ރަނގަޅު ޙައްލެއް ގެނެސްދެވިގެންދާނެ ކަމުގެ، ވަރަށް އުންމީދީ ޖަވާބެއް ދެއްވި. ސަރުކާރުން ގެންދާނީ، އެ ބޭފުޅުންނާ އެކީގައި، އެކަންކަން ފައިނަލްކުރުމުގެ މަސައްކަތް. އެހެންވީމާ، ދާއިމީގޮތެއްގައި އިރާދަކުރެއްވިއްޔާ މި ވިސާގެ މައްސަލައަށް ޙައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި. އޮފިޝަލް ޓޯކްސް، އަދި ފަހުން ބޭއްވުނު ބައްދަލުވުންތަކުގައި، އެކިއެކި ގޮތްގޮތުން، އަޅުގަނޑުމެންނާއި، އެ މަނިކުފާނާއި، އަދި ސަރުކާރުގެ އިސްވެރިންނާ އެކީގައި ކުރެވުނު މަޝްވަރާތަކުގައި. ރޫޙަކީ އަދި އެބޭފުޅުންގެ ނިޔަތަކީ އަދި ކުރައްވާ މަސައްކަތަކީވެސް އެކަން ޙައްލުކޮށްދިނުން.

އެހެންވީމާ، މީގެ ކުރިން، މިކަން ދިމާވުމުގެ ކުރިން އޮތް ޙާލަތަށް އަދި އެއަށްވުރެވެސް ރަނގަޅަށް، އިރާދަކުރެއްވިއްޔާ މި މައްސަލަ ޙައްލުވެގެންދާނެ ކަމަށް، އަޅުގަނޑުގެ ހިތުގައި ޔަޤީންކަން އެބައޮތް މިހާރު. އަދި އެ ޔަޤީންކަން، އަޅުގަނޑު އުންމީދުކުރަނީ، އަދި، ޔަޤީންވެސް ކުރަނީ ޙަޤީޤަތުގައި، މާ ލަސްތަކެއްނުވެ، އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން އަޅުގަނޑުމެންނަށް ފެނިގެންދާނެ ކަމަށް. އެހެންވީމާ، މި ދަތުރުގެ އެންމެ ބޮޑު އައުޓްކަމެއް ގޮތުގައި، ނަތީޖާއެއް ގޮތުގައި އަޅުގަނޑު ދެކެނީ އެ ކަންތައް. އެހެންނަމަވެސް، ތިޔަބޭފުޅުންނަށް އޭގެ ފައިދާވެގެންދާނީ، މުޅިން އެކީގައި ޙައްލުވެގެން ދިޔައީމާ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންވީމާ، އެއީ އެކަން އޮތް ހިސާބު.

ދެން، އޭގެއިތުރަށްވެސް، މުހިންމު ކަންކަމުގައި މަސައްކަތް ކުރެވޭ އެބަ. އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އުންމީދެއް ލިބިގެން ގޮސްފައި މިހާރު މިވަނީ، ދެ ޤައުމުގެ ވިޔަފާރިއަށް ބަލާއިރު، އަދި އެނޫން ގޮތްގޮތުން ބަލާއިރުގައިވެސް، ރާއްޖޭގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް މިތާނގައި ހުޅުވުމަށް މިހާރު ކުރެވެމުންދާ މަސައްކަތަށް، އުންމީދީ އަލިމަގެއް ވަނީ ފެނިގެންގޮސްފައި. އިރާދަކުރެއްވީތީ، އަޅުގަނޑަށް އެކަމުގައިވެސް ވަރަށް ވަރަށް ޕޮޒިޓިވްކޮށް ޖަވާބު ލިބިފައިވޭ. ވަރަށް ޔަޤީންކަމެއް ދެއްވާފައިވާ ކަމެއް އެއީ. މާ ލަސްތަކެއްނުވެ، އިރާދަކުރެއްވިއްޔާ އެއީވެސް ހަމަޖެހިގެންދާނެ ކަމެއްކަން. އޭގެ ސަބަބުން، މި ޤައުމުގައި ދިރިއުޅޭ އަޅުގަނޑުމެންގެ ރައްޔިތުންނަށްވެސް، އަދި ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުންނަށްވެސް އޭގެ ފަސޭހަވާނެ ކަމެއް. އަދި ވިޔަފާރިތަކަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް އެއީ، ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް މިތާ ހުޅުވީމާ.

ހަމައެއާއެކީގައި، މިއަދު އަޅުގަނޑުމެން ލޯންޗްކުރިން، ފަސްމީރު ޕްރޮޑަކްޓް. އެއީވެސް ދެމެހެއްޓެނިވި ގޮތެއްގައި، މިތަނުގައި ކުރިއަށް ގެންދެވޭނެ، ފުޅާކުރެވޭނެ ވިޔަފާރިއަކަށް ހެދިގެންދިޔުމުގެ އުންމީދުވެސް، ޔަޤީންކަމަކަށް ވެގެންދިޔުމުގެ މަގުމަތީގައި މިހާރު އޮތް ކަމެއްކަންވެސް، އަޅުގަނޑުމެންނަށް މި ދަތުރުން އެނގިގެން ގޮސްފި.

މައިގަނޑު މި ތިން ކަންތަކަށް ވަރަށް ފޯކަސް ކުރެވިގެން، މަސައްކަތް ކުރެވިގެންދިޔަ. ވިސާ ކަންތައް، ބޭންކް ބްރާންޗް، އަދި، މިފްކޯގެ ޕްރެޒެންސް. އެހެންވީމާ، މި ތިން ކަންތަކާއި، އަދި އޭގެއިތުރަށް، ވަރަށް ގިނަ ކަންކަމުގައި، އެކި ދާއިރާތަކުން، މިސާލަކަށް، މެޑިކަލް ދާއިރާއިން ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ އިންޓަރންޝިޕް ކަންތަކުގައިވެސް މަޝްވަރާކުރެވުނު. ތަޢުލީމީ ދާއިރާއިން އެކިކަހަލަ ފުރުޞަތުތައް. މިފަހަރު ސޮއިކުރެވުނު އެމް.އޯ.ޔޫ.އަކީވެސް އެކަމާ ބެހޭ ކަމެއް. މިހެންގޮސް، އެކިއެކި ދާއިރާތަކުން މަޝްވަރާކުރެވި، އެއްބަސްވުންތަކަށް އާދެވިފައި އޮތް ދަތުރެއް ގޮތުގައި އަޅުގަނޑު ފާހަގަކުރަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މީގެ ނަތީޖާ ރަނގަޅުވާނެ. އަޅުގަނޑުމެން ފޮރިން މިނިސްޓްރީ، އަދި އަޅުގަނޑުމެންގެ މިޝަން މިކޮޅުން މަސައްކަތް ކުރަމުންދާނީ، މިއިން ކޮންމެ ދާއިރާއަކުން އެދެވޭ ޙައްލު ގެނެސްދިނުމަށް.

ދެން، މިއަދު އަޅުގަނޑު ދިޔައިން ހައިކޮމިޝަނަށް، އަދި ސޯސަންވިލާއަށްވެސް. މައިގަނޑު ގޮތެއްގައި، ކަލްޗަރަލް ސެންޓަރގައި، ނޫނީ ސޯސަންވިލާގައި މިހިރަ ކަންކަން އަޅުގަނޑު ވަރަށް ގާތުން ބެލިން. އަދި އެއީ، އެކަށީގެންވާ ގޮތަކަށް ހުރި ތަނެއް ނޫންކަން އަޅުގަނޑަށް ފެނިގެންދިޔަ. ވަރަށް ގިނަ ކަންކަން ރަނގަޅުކުރަން، އަދި ރަނގަޅުކުރަން އަޅުގަނޑު ބޭނުންވާ ކަންތައްތަކެއް އަޅުގަނޑަށް ފާހަގަވެގެންދިޔަ. އެއީ، އިމާރާތުގެ ޙާލަތު ކަމުގައިވިޔަސް، އަދި އެކިކަހަލަ ފުރުޞަތުތައް، ފެސިލިޓީޒް ޤާއިމުކޮށްދިނުން ކަމުގައިވިޔަސް. އިމާރާތުގެ ފެންވަރު ހުރީ ވަރަށް ދަށް ފެންވަރެއްގައި. ދެން، ހައިކޮމިޝަނުންވެސް މަސައްކަތް ކުރަމުންދިޔަ ކަމެއްކަން އެނގޭ. ދާކަމެއްކަންވެސް އެނގޭ. އަޅުގަނޑުމެން އެކަމަށްވެސް އިރާދަކުރެއްވިއްޔާ، ތަނުގެ މެއިންޓެނަންސް، ނޫނީވިއްޔާ ތަނަށް ރަނގަޅު ޙައްލެއް ގެނައުމަށްޓަކައި ކުރަންހުރި ކަންކަމާއި، އަދި ކުޅިވަރު ކުޅުމަށް މިހާރު ހުރި ފެސިލިޓީޒްތަކަށް ބެލިކަމުގައިވިޔަސް، އެކަމަށްވެސް ރަނގަޅު ޙައްލެއް ގެނެސްދިނުމާއި، ކްލާސްރޫމްތައް ހުރި ތަންތަނަށްވެސް އެބަޖެހޭ ރަނގަޅު ޙައްލުތަކެއް ގެންނަން.

އެހެންވީމާ، އަޅުގަނޑަށް ފާހަގަކުރެވުނު ވަރަށް ގިނަ ކަންކަން އެބަހުރި. އެހެންވީމާ، އެ އިމާރާތް، ނޫނީވިއްޔާ އެ ފެސިލިޓީ، އެ މަރުކަޒު އެއީ، މިތަނުގައި މި ދިރިއުޅޭ ޢާއިލާތަކަށް، ރައްޔިތުންނަށް އެންމެ ފުރިހަމަ ތަނަކަށް ހަދައިދިނުމުގެ މަސައްކަތް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާލެގޮސް، ވަރަށް އިސްކަމެއްދީގެން ފަށާނަން. އެއްކަމެއް ގޮތުގައި، އިންޑޯ މަލްޓި ޕަރޕަސް ކުޅިވަރު ސެންޓަރެއް، މިހާރު އޮތް ތަނުގެ ޖާގަ ބޭނުންކޮށްގެން ހެދުމަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑު ގަސްދުކުރަން. ރާއްޖޭގެ އެކި ރަށްރަށުގައި، މިތާނގައި ދިރިއުޅޭ ރައްޔިތުންނަށްވުރެ މާ މަދު ރައްޔިތުން އުޅޭ ރަށްރަށުގައި، އެބަ ހަދަން މިކަހަލަ މަރުކަޒުތައް. އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތައް. އެހެންވީމާ، އެކަހަލަ މަރުކަޒެއް ހެދުމުގެ ވިސްނުން އަޅުގަނޑުގެ އެބަހުރި މިހާރު، މާލެގޮސް އެ މަސައްކަތް ފެށުން. އަދި އޭގެއިތުރަށްވެސް، މި ދެންނެވި ފަދައިން، އެކިކަހަލަ މަސައްކަތްތައް، ތަން ރަނގަޅުކުރުމަށް، ޚިދުމަތްތައް ވަރުގަދަކުރުމަށް.

އެހެންވީމާ، ސަރުކާރުގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން، އިސްކަމެއްދީގެން، އެކިކަހަލަ، މި ދެންނެވި ކަންކަން ކުރަން ގަސްދުކުރަން. އަދި އޭގެއިތުރަށްވެސް، މިހާރު ހައިކޮމިޝަނުން ދޭ ޚިދުމަތް، އިތުރަށް ވަރުގަދަކުރުމަށްޓަކައި ކުރެވޭނެ ކަންކަންވެސް، ހައިކޮމިޝަނަރާއި އަދި ފޮރިން މިނިސްޓަރާ މަޝްވަރާކުރެވިގެން، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަންކަމުގައި، މިހާރަށްވުރެވެސް ޚިދުމަތްތައް ރަނގަޅުކުރަން އަޅުގަނޑުމެން މަސައްކަތް ކުރާނަން.

މިއަދު ރަސްމީކޮށް ފެށިގެންދިޔައީ، އައި.ޑީ.ކާޑު އަދި އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތްވެސް. އަދި އޭގެއިތުރަށްވެސް، ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، މިހާ ގިނަ ރައްޔިތުން ދިރިއުޅޭ ތަނަކަށްވާއިރުގައި، އެންމެ ރަނގަޅަށް ކަންކަން ބައްޓަންކުރެވޭތޯ.

އާދެ، އަޅުގަނޑު މާގިނަ ވާހަކަތަކެއް އިތުރަށް ނުދައްކައި، ޖުމްލަކޮށް ދަންނަވަން ބޭނުންވަނީ، އަޅުގަނޑުގެ މަޤްޞަދަކީ އަދި އިރާދަކުރެއްވިއްޔާ ނެރެން ޤަޞްދުކުރާ، އަދި ނެރޭނެ ނަތީޖާއަކީ، މި ޤައުމުގައި ދިރިއުޅޭ، އަޅުގަނޑުމެންގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމުގައި، މި ޤައުމުގެ ސަރުކާރާ ގުޅިގެން، އަދި، އަޅުގަނޑުމެން އަމިއްލައަށް ސީދާ ކުރެވެންހުރި ކަންކަން، އިރާދަކުރެއްވިއްޔާ ކުރާނެކަމުގެ ޔަޤީންކަން. އަދި، އިރާދަކުރެއްވިއްޔާ ނަތީޖާވެސް ނެރެދޭނެ ކަމުގެ ޔަޤީންކަން. އަދި އޭގެއިތުރަށް، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި، މި ޤައުމުގެ ސަރުކާރާ ގުޅިގެން، ހުރިހާ ދާއިރާއަކުންވެސް ކުރިއެރުންތައް ގެނެސްދިނުމުގެ މަސައްކަތްތައް، ކާމިޔާބުވެގެންދާނެ ކަމުގެ އުންމީދާއި، އަދި އެ ޔަޤީންކަން.

ހުރިހާ ބޭފުޅުން ވަޑައިގެންނެވީތީ، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ބައްދަލުވުމުގައި، މި ބައި ނިމުނީމާވެސް، ވީ އެންމެ ގިނަ ވަގުތެއް، އެހެން ޤައުމުތަކަށް އަޅުގަނޑު ކުރާ ދަތުރުތަކުގައިވެސް، ރައްޔިތުންނާ ބައްދަލުކުރުމަށް މިހެން ބާއްވާ ބައްދަލުވުންތަކުގައި، އަޅުގަނޑު ވަގުތު ދިންގޮތަށް، އަޅުގަނޑު ބަލާނަން، ވީ އެންމެ ގިނަ ވަގުތެއް، ވަކިން އަޅުގަނޑާ ބައްދަލުކޮށްލަން ބޭނުންވާ ފަރާތްތަކަށް، ޢާއިލާތަކަށް އެ ފުރުޞަތު އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަގުތު އޮތް އެންމެ ބޮޑަކަށް ދޭން، މިބައި ނިމުމަށްފަހު. އެހެންވީމާ، އެ ވާހަކަވެސް ދަންނަވާލާފައި، އަދިވެސް އެއްފަހަރު ތިޔަބޭފުޅުން ވަޑައިގެންނެވީތީ، ވަރަށް ބޮޑަށް އުފާކުރަން، އަދި ޝުކުރު ދަންނަވަމުން، އަޅުގަނޑު ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ޤައުމަށް އުފާފާގަތިކަން މިންވަރު ކުރެއްވުން. އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.