بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وَ أصحابه أجمـعـين.

އަޅުގަނޑު މިއަދު މުލަކަތޮޅުގެ ވެރިކަންކުރާ ރަށް، މުއްޔަށް މިއައީ ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް ކުރާ ދަތުރެއްގައި. އަޅުގަނޑު ޤަޞްދުކޮށްފައިވަނީ، މިއަދު ތިން އަތޮޅެއްގެ ތިން ރަށަކަށް ޒިޔާރަތްކުރަން. އަދި އިރާދަކުރެއްވިއްޔާ، މާދަމާ އެހެން ދެ އަތޮޅެއްގެ ދެ ރަށަކަށް ޒިޔާރަތްކުރަން. އަޅުގަނޑު މިހާރު ފަށައިގެން މިއުޅޭ ދަތުރަކީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެތެރޭގެ ހުރިހާ ދިމާއަކަށް ކުރުމަށް ޤަޞްދުކޮށްފައިވާ ދަތުރެއް. އެ ދަތުރުގައި މީގެކުރިން ވަރަށްގިނަ އަތޮޅުތަކަށް މިހާރު ވަނީ ދެވިފައި.

އާދެ، ދަތުރު ރޭވިފައި އޮތްގޮތުން، ކޮންމެ ރަށެއްގައިވެސް ހޭދަކޮށްލަން ލިބެނީ ވަރަށް ކުޑަކުޑަ ވަގުތުކޮޅެއް. އަދި ކޮންމެ އަތޮޅަކުންވެސް އަޅުގަނޑަށް ޒިޔާރަތްކުރެވެނީ ވަރަށް މަދު ރަށަކަށް. އެހެންނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި، މި ދަތުރުތަކަކީ ވަރަށް މުހިންމު ދަތުރުތަކެއް. މި ދަތުރުތަކުގެ ސަބަބުން އަޅުގަނޑަށް ވަރަށް ގިނަ މަޢުލޫމާތު ލިބެމުން އެބަދޭ. އަދި ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނާނެ ފަދައިން، ކުރިންވެސް އަޅުގަނޑު ރާއްޖެތެރެއަށް ކުރަމުން ގެންދިޔަ ދަތުރުތަކުން ރާއްޖެތެރެއާބެހޭ، ވަރަށް ގިނަ މަޢުލޫމާތު އަޅުގަނޑަށް ވަނީ ލިބިފައި. އަދި އަޅުގަނޑު ނޫނަސް، ސަރުކާރުގެ އެކިއެކި ދާއިރާތައް ހިންގަވަން ތިއްބެވި ވެރިން، އާދެ، މިނިސްޓަރުންނާއި، އަދި އެކިއެކި އޮފީސް އޮފީހުގެ ވެރިންނާއި، އަދި ބައެއް އޮފީސް އޮފީހުން އެކި ކަންކަމުގައި ރާއްޖެތެރެއަށް ފޮނުއްވާ ޓީމުތަކާއި، ވަފުދުތަކުގެ ބޭފުޅުން އެ ކުރައްވާ ދަތުރުތަކުން ތަފާތު ގިނަ މަޢުލޫމާތު ސަރުކާރަށް ލިބެމުންދޭ. މިހުރިހާ މަޢުލޫމާތުތަކުގެ މައްޗަށް ބަލާފައި، ސަރުކާރުން ރާއްޖެތެރެއަށް އެކި ކަންތައްތައް ކޮށްދެމުން މިގެންދަނީ. ރާއްޖެތެރެ ތަރައްޤީކޮށް، އިޞްލާޙުކުރުމުގެ ވަރަށް ބޮޑު މަޝްރޫޢެއް، 1979 ވަނަ އަހަރުން ފެށިގެން ހިނގަމުން މިދަނީ. އެ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކަށް، ވަރަށް ގިނަ ރަށްރަށަށް ތަފާތު ކަންތައްތައް ސަރުކާރުން ކޮށްދީފައިވޭ. އަދި މިދެންނެވި މަޝްރޫޢުގެ އިތުރުން ހިންގާ އެކިއެކި މަޝްރޫޢުތަކާއި، އެކިއެކި މަސައްކަތްތަކުގެ ތެރެއިންލާފައިވެސް، ރާއްޖެތެރެއަށް ސަރުކާރުގެ އެހީތަކާއި، ޢިނާޔަތްތައް ލިބެމުންދާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.

އާދެ، އަޅުގަނޑުގެ މި ދަތުރަކީ، ހަތަރުވަނަ ރިޔާސީ ދައުރަކަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުން އަޅުގަނޑު އިންތިޚާބު ކުރެއްވިފަހުން ކުރާ ފުރަތަމަ ދަތުރު. އެހެންކަމުން، އަޅުގަނޑަށް މުލަކަތޮޅުގެ ރައްޔިތުންގެ ފަރާތުން ކުރެއްވި މަތިވެރި ތާއީދަށްޓަކައި، އަދި ޚާއްޞަކޮށް، މުލީގެ ރައްޔިތުން އަޅުގަނޑަށް އެ ދެއްވި ވަރުގަދަ އިތުބާރަށްޓަކައި، އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ އިޚްލާޞްތެރި ޝުކުރުގެ ޝުޢޫރުތައް މުލީގެ ރައްޔިތުންނަށާއި، މުލަކަތޮޅުގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ރައްދުކުރަން.

ޝައްކެއްނެތް، ރިޔާސީ އިންތިޚާބަކީ، ފަސް އަހަރުން އެއްފަހަރު އައިކަމުގައިވިޔަސް، ވަރަށް މުހިންމު ކަމެއް. ރާއްޖޭގެ ރައްޔިތުން އިޚްތިޔާރު ކުރައްވަނީ، ކުރިއަށް އޮންނަ ފަސްއަހަރު ދުވަހު ރާއްޖޭގެ ކަންތައްތައް ހިންގުމާ ޙަވާލުވެ ހުންނާނޭ މީހަކު. އެގޮތުން، މިވޭތުވެދިޔަ ތިން ދައުރުގައިވެސް އަޅުގަނޑު މި މަޤާމަށް އިންތިޚާބު ކުރެއްވިކަމީ، ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ބޮޑުކަން ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ. އަދި، ރާއްޖެއަށް ތަފާތު ގޮތްގޮތުން ކުރިއެރުން ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ އަގު ރައްޔިތުން ވަޒަންކުރައްވާކަމުގެ ދަލީލެއް ކަމުގައިވެސް އަޅުގަނޑު ދެކެން. އެހެންކަމުން، މިފަހަރުވެސް މުޅި ރާއްޖޭގެ ރައްޔިތުން ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން އަޅުގަނޑު ހަތަރުވަނަ ދައުރަކަށް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުރުމަށް ހޮއްވަވާފައިވާތީ، މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު މިރަށަށް އައި އައުމުން ފެނިގެންދިޔައީ ވަރަށް އުފާވެރި މަންޒަރުތަކެއް. މިރަށުގެ ރައްޔިތުން، އަދި މިރަށުގެ ވެރިން، އަދި މިރަށުގެ ކޮމިޓީތަކުގެ މެންބަރުން، އަދި ކިޔަވާކުދިން، އަދި ސަރުކާރުގެ މުވައްޒަފުން، މި ހުރިހާ ފަރާތްތަކަކުން އަޅުގަނޑަށް ވިދާޅުވީ ވަރަށްވެސް ހޫނު މަރުޙަބާއެއް. އެހެންކަމުން، އެކަމަށްޓަކައިވެސް އަޅުގަނޑު ވަނީ ޝުކުރުން ފުރިފައި. އެކަމަށްޓަކައި އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ޝުކުރުގެ ޝުޢޫރުތައް، ތިޔަ ހުރިހާ ބޭފުޅުންނަށް ރައްދުކުރުމަކީވެސް، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އާދެ، މިއަދު މިތާނގައި މި ތިއްބެވީ ހަމައެކަނި މުލީގެ ވެރިންނާއި، މުލީގެ ރައްޔިތުންނެއް ނޫން. އޭގެއިތުރުން، މުލަކަތޮޅުގެ ގާތްގަނޑަކަށް ހުރިހާ ރަށެއްގެ ވެރިންވެސް މިރަށަށް ވަޑައިގެން އެބަތިއްބެވި. އަދި އެ ރަށްރަށުގެ މެޖިސްޓްރޭޓުންވެސް އެބަތިއްބެވި. އެހެންކަމުން، އެބޭފުޅުންނަށްވެސް އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ފާޅުކުރަން. އަދި އެބޭފުޅުން މެދުވެރިކޮށް، އެބޭފުޅުން އެ ތަމްސީލުކުރައްވާ ރަށްރަށުގެ ލޮބުވެތި ރައްޔިތުންނަށްވެސް އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުވަން.

އާދެ، އަޅުގަނޑުގެ މި ދަތުރަކީ، ހަމައެކަނި މިއަތޮޅުން މުއްޔަށް ކުރާ ދަތުރެއް ކަމުގައިވިޔަސް، އަޅުގަނޑު ދެކޭގޮތުގައި، މިދަތުރަކީ، މުލަކަތޮޅަށް ކުރާ ދަތުރެއް. އަޅުގަނޑުގެ ވަގުތު މިފަހަރު އޮތްގޮތުންނާއި، ޕްރޮގްރާމް ރޭވިފައިވާ ގޮތުން، އެހެން ރަށަކަށް ޒިޔާރަތް ނުކުރެވުނު ކަމުގައިވިޔަސް، މި އަތޮޅުގެ ރައްޔިތުން، އަޅުގަނޑުގެ މި ދަތުރަކީ، މި އަތޮޅަށް ކުރާ ދަތުރެއްގެ ގޮތުގައި ދެކެވަޑައިގަތުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

އާދެ، މުއްޔާ ދޭތެރޭގައި ވިސްނާލާއިރު، މުއްޔަކީ މި އަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށް. އެހެންކަމުން، ސަރުކާރުގެ ތަފާތު ޚިދުމަތްތައް މިހާތަނަށްވެސް ވަނީ މިރަށަށް ލިބިފައި. އާދެ، މިރަށުގައި ސަރުކާރުގެ ފަރާތުން ހަދައިދީފައިވާ އަތޮޅުއޮފީހަކާއި، އަތޮޅުގެއެއް އެބަހުރި. އަދި މިސަރަޙައްދުގެ މީހުންނަށް ބޭނުންވާ ޞިއްޙީ ޚިދްމަތްތައް ހޯދައިދިނުމަށްޓަކައި، މިރަށުގައި ސަރަޙައްދީ ހަސްފަތާލެއްވެސް ޤާއިމުވެފައިވޭ.

އާދެ، އަޅުގަނޑު މިރަށަށް މީގެކުރިންވެސް ތިންފަހަރެއްގެ މަތިން އަތުވެއްޖައިން. އެންމެފަހުން އަޅުގަނޑަށް އާދެވުނީ، 1990 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހު. އާދެ، އެއީ މުލަކަތޮޅު ސަރަޙައްދީ ހަސްފަތާލު ހުޅުވައިދިނުމަށްޓަކައި. އެ ހަސްފަތާލުގެ ސަބަބުން، މިއަތޮޅުގެ ރައްޔިތުންނަށާއި އަދި މިއަތޮޅާ ކައިރީގައިވާ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް ރަނގަޅު ޞިއްޙީ ޚިދުމަތެއް ލިބިދިނުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އެދޭ ކަމެއް. އެ މަޤްޞަދުގައި އެ ހަސްފަތާލު ހެދިފައި އެހެރީ.

އަދި އޭގެއިތުރުން، މިއަތޮޅުގެ ތަޢުލީމީ މަރުކަޒުވެސް ހިނގަމުން މިދަނީ މިރަށުގައި. ޝައްކެއްނެތް، ތަޢުލީމަކީ ތަރައްޤީގެ އަޞްލު. ކޮންމެ ތަރައްޤީއެއްވެސް ބިނާވެފައިވަނީ ތަޢުލީމުގެ މައްޗަށް. އަޅުގަނޑުމެންގެ ރާއްޖެއަށް އަދަށްވުރެ ތަނަވަސް އަދި އުފާވެރި، އަދި ތަރައްޤީވެފައިވާ މާދަމައެއް އަޅުގަނޑުމެން ބޭނުންކަމުގައިވަނީނަމަ، އަޅުގަނޑުމެންގެ ޅަދަރިންނަށް އެކަށީގެންވާ ތަޢުލީމެއް ޚާއްޞަކޮށްދޭންޖެހޭނެ. ކަމުގެ މުހިންމުކަން ބޮޑުކަމުން، ސަރުކާރުން ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އަތޮޅު ތަޢުލީމީ މަރުކަޒެއް ޤާއިމުކޮށްފައި. އޭގެއިތުރުން، އަތޮޅު މަދަރުސާވެސް ޤާއިމުކޮށްފައި. އަދި އޭގެވެސް އިތުރުން، އެކި ރަށްރަށުގެ ރައްޔިތުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލް، މަދަރުސާ، މަކްތަބުފަދަ ތަންތަނަށް ސަރުކާރުގެ އެހީވެސް ދަނީ ލިބެމުން. ހަމައެއާއެކުގައި، އެ ތަންތާނގައި ކިޔަވައިދެއްވާނެ މުދައްރިސުންނަށް ތަމްރީނުދީ، މުދައްރިސުން އުފެއްދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންގެންދޭ.

އާދެ، މިކަންކަން މިހެން ކުރަމުން މިގެންދަނީ، ޤައުމުގެ ތަރައްޤީއަށްޓަކައި. ޤައުމުގައި ހޭލުންތެރި އަދި އެކަށީގެންވާ ތަޢުލީމު ލިބިފައި ތިބި ޒުވާނުންތަކެއް އުފެއްދުމަށްޓަކައި. އެ މުހިންމު މަޤްޞަދުގައި މިކަންތައްތައް ކުރަމުން މިގެންދަނީ. އާދެ، އަޅުގަނޑަށް ދަންނަވަންޖެހެނީ، ރާއްޖެތެރޭގެ ތަޢުލީމުގެ ކަންތައްތައްވެސް އެއްދުވަހުން އަނެއްދުވަހަށް ދަނީ ކުރިއަށޭ. އާދެ، މިހާރުވެސް ރާއްޖެތެރޭގެ 17 ތަނެއްގައި ސާނަވީ ތަޢުލީމުގެ ކުލާސްތައް ހިނގަމުން އެބަދޭ. މިއަތޮޅުގެ ތަޢުލީމީ މަރުކަޒުގައި އަދި ހުރީ ގްރޭޑް 7 އާ ހަމައަށް ކިޔަވައިދެވޭގޮތަށް ކަމުގައިވިޔަސް، މުސްތަޤްބަލުގައި މިއަތޮޅުގައިވެސް ސާނަވީ ތަޢުލީމު ފަށަންޖެހޭނެ. އެއީ، ކުރިންވެސް ދެންނެވިފަދައިން، ތަޢުލީމަކީ ތަރައްޤީގެ ބިންގާ ކަމަށްވާތީ. އަޅުގަނޑުމެންނަށް ހަމައެކަނި އިބްތިދާއީ ތަޢުލީމުން ނުވަތަ މެދުމަދަރްސީ ތަޢުލީމުން ފުއްދައިލެވެން ނެތީމާ. އަޅުގަނޑުމެންޖެހޭ އެއަށްވުރެ މައްޗަށް އަޅުގަނޑުމެންގެ ކުދިންނަށް ކިޔަވައިދޭން. އަދި އެހިސާބަކުންވެސް ނުފުދޭ. ހުރިހާ ކުދިންނަށްނޫންނަމަވެސް، ކިޔެވުމުގެ ޝައުޤުވެރިކަން ހުންނަ ކުދިންނަށް ސާނަވީ ތަޢުލީމުގެ އިތުރުންވެސް، އަޅުގަނޑުމެން އެ ކުދިން ތަޢުލީމު ޙާޞިލްކުރާނެ ފުރުޞަތުތައް ހޯދައިދޭންޖެހޭ. މިހާރުވެސް ވަރަށް ގިނަ ޢަދަދަކަށް ރާއްޖެއިން ބޭރުގައިވެސް ޔުނިވަރސިޓީތަކުގެ ކޯސްތަކުގައި ވަރަށް ގިނަ ކުދިން، ރާއްޖޭގެ ޒުވާނުން، އަންހެން ކުދިންނާއި، ފިރިހެން ކުދިން ތަޢުލީމު ޙާޞިލްކުރަމުން އެބަގެންދޭ. މުސްތަޤްބަލުގައިވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް އެއީ. އަޅުގަނޑުމެންގެ ޤައުމު މިދަނީ އެއްދުވަހުން އަނެއްދުވަހަށް ކުރިއަށް. އެ ކުރިއެރުން ދެމެހެއްޓޭނީ، އަޅުގަނޑުމެންގެ ތެރޭގައި ޤާބިލް، ހިންގުންތެރި، އަދި އެކިއެކި ހުނަރުތައް ޙާޞިލްކޮށްފައިވާ ޒުވާނުން ތިބި މިންވަރަކުން.

އާދެ، ތަޢުލީމުގެ ކަންތައްތަކުގެ އިތުރަށް، ސަރުކާރުން މުހިންމުކަންދޭ ވަރަށް ގިނަ އެހެން ކަންތައްތައްވެސް އެބަހުރި. އޭގެތެރޭގައި، ކުރިންވެސް ދަންނަވާލެވުނު ފަދައިން، ޞިއްޙީ ޚިދުމަތް އެއީ ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ޤައުމުގައި ފުރިހަމަ ޞިއްޙަތެއް ލިބިފައި ތިބި ބަޔަކު ތިބެގެން، އަޅުގަނޑުމެންނަށް އުފެއްދުންތެރި މަސައްކަތްތަކެއް ކުރަމުން ގެންދެވޭނީ. އެ އުފެއްދުންތެރިކަމުގެ މަސައްކަތް އެގޮތަށް ކޮށްގެން، އަޅުގަނޑުމެންނަށް އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން އަޅުގަނޑުމެން ބޭނުންވާ މަޤްޞަދުތައް ޙާޞިލްކުރެވޭނީ. އަދި އަޅުގަނޑުމެން އެ ދިމާއަކަށް ދަތުރުކުރަމުންމިދާ ލަނޑުދަނޑިތަކާ ހަމައަށް ދެވޭނީ. މިކަމުގައި ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ސަރުކާރަށް ލިބޭކަން އެއީ، ވަރަށް އުފާކުރުން ޙައްޤުކަމެއް. އަދި އެކަމަށްޓަކައި، ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވަން.

އާދެ، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމަށް ބޭނުންވާ، އަދި ތަރައްޤީއަށް ބޭނުންވާ، ވަރަށް މުހިންމު އެހެން ވަސީލަތެއްވެސް މިރަށުގައި ޤާއިމުވެފައިވޭ. އަޅުގަނޑު މި އިޝާރާތްކުރަނީ ޓެލެފޯނުގެ ޚިދުމަތަށް. ރާއްޖޭގެ ދެކުނުގެ އާދެ، މާލެއިން ދެކުނުގެ 7 އަތޮޅަކަށް، ޓެލެފޯނުގެ ވަސީލަތް ނުވަތަ ޚިދުމަތް ފޯރުވައިދިނުމަށްޓަކައި، ސަރުކާރުން ރާވައިގެން ހިންގާ، ނުވަތަ ހިންގާފައިވާ ނޭޝަނަލް ޓްރަންކް ނެޓްވަރކް ޕްރޮޖެކްޓްގެ ދަށުން، މި 7 އަތޮޅުވަނީ ޓެލެފޯނުގެ ޛަރީޢާއިން ގުޅިފައި. އާދެ، އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު ހިތުން އެކަމުގެ ފަސޭހައާއި، އެކަމުގެ ފައިދާ މިރަށުގެ ރައްޔިތުން އިޙްސާސް ކުރައްވަމުން ގެންދަވާނެ. އަދި މިރަށް ފިޔަވައި، މި އަތޮޅުގެ އެހެން ތިން ރަށެއްގައިވެސް ޓެލެފޯނުގެ ޚިދުމަތް ލިބެންހުރިކަން ދައްކައިދެނީ، ތަރައްޤީގެ މަގުގައި މި އަތޮޅު މިހާރު ކުރިއަށްޖެހިލާފައިވާ މިންވަރު.

އާދެ، އަޅުގަނޑުމެންގެ އިޤްތިޞާދީ މަސައްކަތްތަކުގެ ތެރެއިން، އެންމެ މުހިންމު މަސައްކަތަކީ މަސްވެރިކަން. މިރަށަކީވެސް އަޞްލުގައި މަސްވެރި ރަށެއް. މިވަގުތު މަސްވެރިކަން ތަންކޮޅެއް ދަށްވެލާފައިވީކަމުގައިވިޔަސް، އަޅުގަނޑުހިތުން މިރަށަކީވެސް، އަދި މުލަކަތޮޅަކީވެސް މަސްވެރިކަމުގެ އަތޮޅެއް. އެހެންކަމުން، އެކަމަށް އަޅުގަނޑުމެން ދޭންޖެހޭ އަހަންމިއްޔަތު އެއީ އެއްވެސް ޙާލެއްގައި ކުޑަވެގެންދާނެ އަހަންމިއްޔަތެއް ނޫން. މަސްވެރިކަން ދިރުވައި، މަސްވެރިކަން ކުރިއަށް ގެންގޮސް، މަސްވެރިކަމުން އެ މަސްވެރިކަން ކުރާ ބަޔަކަށާއި، އެ ބައެއްގެ ޢާއިލާތަކަށާއި، އަދި ޢާންމުކޮށް ރާއްޖެއަށާއި، ރާއްޖޭގެ އިޤްތިޞާދަށް އިތުރު ފައިދާތައް ހޯދައިދިނުމުގެ މަޤްޞަދުގައި، މަސްވެރިކަމާބެހޭ ތަފާތު މަޝްރޫޢުތައް ސަރުކާރުން ވަނީ ހިންގަމުން ގޮސްފައި. އަދި މިހާރުވެސް ތަފާތު މަޝްރޫޢުތައް އަދި މަސައްކަތްތައް ހިންގަމުން އެބަ ގެންދޭ. އާދެ، އަޅުގަނޑާއެކީގައި މި ދަތުރުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ނައިބު ވަޑައިގެން އެބަ އިންނެވި. އަލްފާޟިލް ޙަސަން ޞާބިރު މިހާރު އެ މަޤާމުގައި ހުންނެވީ. އޭނާއަކީ މީގެކުރިން ސަރުކާރުގެ އެހެން ދާއިރާއެއްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅަކަށްވިޔަސް، އޭނާ އެ ކުރެއްވި މަސައްކަތްތަކުގެ ސަބަބުންވެސް އޭނާއަށް މަސްވެރިކަމާބެހޭ ވަރަށް ގިނަ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ބޭފުޅެއް. އަދި، މިހާރުވެސް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ވަރަށް ހަލުވިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވަނީ، މަސްވެރިކަމުގެ ތަފާތު ފަސޭހަތައް ރާއްޖޭގެ ރައްޔިތުންނަށް ޙާޞިލްކޮށްދެއްވޭތޯ. އޭގެތެރޭގެ އެއްކަމެއް، އޮއިވާލި ކަނދުފަތި ރާއްޖޭގެ އެކި ހިސާބުތަކުގައި އެޅުން. އަޅުގަނޑުހިތުން، މިހާރު ރާއްޖޭގެ މަސްވެރިންނަށް އެކަމުގެ ފައިދާ ވަރަށް ބޮޑަށް އިޙްސާސްކުރެއްވޭ. ވަރަށް ގިނަ އަތޮޅުތަކުން އެކަމަށް އެދެމުންވެސް ގެންދޭ. ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުންވެސް އެދެމުން ގެންދޭ. އެހެންކަމުން، އެކަމަށް ސަރުކާރުން ވަރަށް ޚާއްޞަ ސަމާލުކަމެއްދީގެން، ވީ އެންމެ އަވަހަކަށް އެ ކަނދުފަތިތައް ރާއްޖޭގެ ތަފާތު ދިމަދިމާގައި ބެހެއްޓޭތޯ މަސައްކަތް ކުރަމުން މިހާރު މިގެންދަނީ.

އާދެ، ތިޔަބޭފުޅުންގެ ރަށަށްވެސް ކަނދުފައްޗެއް ބޭނުންވާކަން ވަނީ އެ މިނިސްޓްރީއަށް އެނގިވަޑައިގެންފައި. އަދި އެކަމަށްޓަކައި މިރަށުގެ މަސްވެރިން ވަނީ ކޮންމެވެސްވަރަކަށް ފައިސާ އެއްކޮށްފައި. މަސްވެރިންނޭ ދެންނެވިޔަސް، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި އަތޮޅުގެ ޢިއްޒަތްތެރި ބޭފުޅެއް ކަމުގައިވާ، އަލްފާޟިލް ޢަލީ ޙުސައިންގެ ދީލަތި އެހީފުޅުގެ ގޮތުން ފައިސާވަނީ ލިބިފައި. އަދި އޭނާވަނީ މީގެކުރިންވެސް، މި އަތޮޅުގެ އެހެން ދިމާއެއްގައި ކަނދުފައްޗެއް، އޭނާގެ ޚަރަދުގައި ލައްވައިދެއްވާފައި. އެހެންކަމުން، އެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެ ކަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ވިދާޅުވޭ. އަޅުގަނޑަށް އުންމީދުކުރެވޭ ގޮތުގައި، މި އަހަރު ނިމުމުގެ ކުރިން އެ ކަނދުފަތިލައި ނިމޭނެ.

އާދެ، އޭގެއިތުރުންވެސް، މިރަށުގައި މަސްވެރިކަމާބެހޭ އެހެން މަސައްކަތެއް ހިނގަމުން އެބަދޭ. އެއީ، އެސް.ޓީ.އޯ.ގެ ފަރާތުން ހިންގާ، ލޮނުމަސް ތައްޔާރުކުރާ މަރުކަޒުން އެ ކުރާ މަސައްކަތް. އެ މަސައްކަތަކީވެސް ވަރަށް ބޭނުންތެރި، ވަރަށް ފައިދާހުރި މަސައްކަތެއް. މިކަންތައްތައް މިގޮތަށް ހިނގަމުންދާތީ، އޭގެ ސަބަބުން، މިރަށަށާއި، އަދި މިއަތޮޅުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި، އިތުރު ދިރުން ލިބެމުންދާނެކަމުގައި އަޅުގަނޑު ޔަޤީންކުރަން.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، މި ރަށަކީ މިހިސާބުގަނޑުގައި ހުރި ސަރަޙައްދީ ހަސްފަތާލުހުރި ރަށް ކަމަށްވެސްވާތީ، އަދި އަތޮޅު ތަޢުލީމީ މަރުކަޒު ހުރި ރަށް ކަމަށްވެސްވާތީ، އަދި ފަހުން މިދެންނެވި ލޮނުމަސް ތައްޔާރުކުރާ މަރުކަޒު ހުރީވެސް މިރަށުގައި ކަމަށްވާތީ، ސަރަޙައްދީ ގޮތުން ވަރަށް މުހިންމު ކަމެއްދެވޭ ރަށަކަށް މިރަށް މިހާރުވަނީ ވެފައި. އެހެންކަމުން، އެ ވަސީލަތްތަކުގެ ފައިދާ ނުވަތަ ބޭނުން ހޯއްދެވުމަށްޓަކައި، މި އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުން، އަދި މިހިސާބުގަނޑުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މިރަށަށް އަންނަމުންދޭ. އެގޮތަށް އަންނަ މީހުންނަށް އެހީތެރިކަން ބެހެއްޓެވުމަކީ، އަޅުގަނޑުހިތުން ވަރަށް ބޭނުންތެރި ކަމެއް. މިހާރުވެސް މިރަށުގެ ރައްޔިތުން ވަރަށް އެހީތެރިކަން ބަހައްޓަވާކަން އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، އަދި މިހާރަށްވުރެވެސް ބޮޑަށް މުސްތަޤްބަލުގައި އެކަން ކޮށްދެއްވުމަކީ، ޝައްކެއްނެތްގޮތުގައި، މިހިސާބުގަނޑުގައި ދިރިއުޅޭ އެންމެންނަށް ވަރަށް ބޮޑު ލުޔެއް، ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެއް.

އާދެ، މިއަތޮޅުގެ އަތޮޅުވެރިކަމުގައި މިހާރު އެ ހުންނެވީ، މީގެކުރިން އަތޮޅުވެރިކަން ކުރައްވާފައިވާ ބޭފުޅެއް ނޫން. އެހެންނަމަވެސް، އޭނާއަކީ ސަރުކާރުގައި ވަރަށް ގިނަ ދުވަސް ވަންދެން އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް. އަލްފާޟިލް އަޙްމަދު ޢަލީމަނިކު. އޭނާ މިއަތޮޅަށް ވަޑައިގެންނެވި ފަހުންވެސް، އަޅުގަނޑުހިތުން މިއަތޮޅުގެ ކަންތައްތަކައިގެން ވަރަށް ބޮޑަށް އެބަ އުޅުއްވާ. އަދި އޭނާއަކީ، ތަޢުލީމު ލިބިވަޑައިގެންފައިވާ، ޤާބިލް ޒުވާނެއް. މިފަދަ ބޭފުޅުން ރާއްޖޭގެ އަތޮޅުތަކުގެ އެންމެ އިސް މަޤާމުގައި ތިއްބެވުމަކީ، އަޅުގަނޑުހިތުން ރާއްޖޭގެ ތަރައްޤީގެ ދުވެއްޔަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމެއް. މިއަތޮޅު ފިޔަވައި، އެހެން އަތޮޅުތަކުގައިވެސް މިހާރު މިފަދަ ޒުވާނުން، ޤާބިލް ބޭފުޅުން، ތަޢުލީމު ލިބިވަޑައިގެންފައިވާ ބޭފުޅުން އެބަތިއްބެވި. އަޅުގަނޑު މި މަސައްކަތް ކުރަނީ، ގިނަ އަތޮޅުތަކަށް އެ އުޞޫލު ގެންދެވޭތޯ. ނުވަތަ ގިނަ އަތޮޅުތަކުގައި އެފަދަ ބޭފުޅުން ބައިތިއްބޭތޯ. ކޮންމެއަކަސް، އަޅުގަނޑު މިއަދު މިރަށަށް އައުމުން، އަލްފާޟިލް އަޙްމަދު ޢަލީމަނިކުގެ ފަރާތްޕުޅުންވެސް ލިބުނު ހޫނު ތަރުޙީބަށްޓަކައި، އޭނާއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި، އޭނާ މިއަތޮޅުގެ ތަރައްޤީއަށްޓަކައި ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، އެކަމަށްޓަކައިވެސް އޭނާއަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންގެ ދިރިއުޅުން އެއްދުވަހުން އަނެއްދުވަހަށް ކުރިއަށް ގެންގޮސް، އަޅުގަނޑުމެންގެ ބޭނުންތައް މިހާރު ފުއްދަމުންގެންދާ ފެންވަރަށްވުރެ ރަނގަޅު ފެންވަރެއްގައި ފުއްދުމުގެ ބޭނުމުގައި، އަދި އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ތަރައްޤީވުމުގެ ބޭނުމުގައި، ތަފާތު މަސައްކަތްތައް ރާއްޖޭގެ ރައްޔިތުން ކުރައްވަމުން ގެންދަވާ ވަގުތެއްގައި، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި، އެއްބާރުލެއްވުމަކީވެސް ވަރަށް ބޮޑަށް އެކަމާދޭތެރޭގައި އެންމެންވެސް ވިސްނަންޖެހޭ ކަމެއް.

އާދެ، ޤައުމެއް ކުރިއަށްދާނީ، އެޤައުމެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އޮވެގެން. އެއްބާރުލުން އޮވެގެން. އެބައެއްގެ މެދުގައި މިދެންނެވިފަދަ އެކުވެރިކަމަކާއި، އެއްބާރުލުން ނެތިއްޖެނަމަ، އެބަޔަކީ އެއްވެސް ކަމެއް ކާމިޔާބުކުރެވޭނެ ބައެއްނޫން. ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވީތީ، އަޅުގަނޑުމެން މި ނުކުތާއަށް އިތުރު ސަމާލުކަން ދޭންޖެހޭ. މުސްލިމުންނަކީ އެއްބަނޑުއެއްބަފާ މީހުން. އުޚުއްވަތްތެރި ބައެއް. މުސްލިމުންގެ މެދުގައި އެއްވެސްކަހަލަ ދެކޮޅުވެރިކަމަކަށް ނުވަތަ ފިތުނަޔަކަށް ތަނެއް އޮވެގެނެއް ނުވާނެ. މާތްވެގެންވާ އިސްލާމްދީނުގެ އިރުޝާދުތައް، އަޅުގަނޑުމެން އެ އިރުޝާދުތަކަށް ތަބަޢަވަމުންދާ ކަމުގައިވަންޏާ، އަބަދުވެސް އަޅުގަނޑުމެންގެ މެދުގައި އޮންނާނީ ހަމަޖެހުން. މަޞްލަޙަތުވެސް އޮންނާނީ ރައްކާތެރި ކުރެވިފައި. އަމަންއަމާންކަންވެސް އޮންނާނީ ޤާއިމުކުރެވިފައި. އަދި އަޅުގަނޑުމެން ކުރާ މަސައްކަތްތައްވެސް ކާމިޔާބުވަމުންދާނެ. އެހެންކަމުން، އެ ނުކުތާއަށްވެސް މުލީގެ ރައްޔިތުންވެސް އަދި މުލަކަތޮޅުގެ ޢާންމު ރައްޔިތުންވެސް، އިތުރު އަހަންމިއްޔަތެއް ދެއްވުމަކީ އަޅުގަނޑު އެދޭ ކަމެއް. ހަމައެކަނި މިރަށުގެ ރައްޔިތުންނެއް ނޫން. އަދި މިއަތޮޅުގެ ރައްޔިތުންނެއްވެސް ނޫން. އޭގެއިތުރުން، މުޅިރާއްޖޭގެ ރައްޔިތުންވެސް. މުޅިރާއްޖޭގެ ރައްޔިތުންނަކީވެސް މުސްލިމުން. އަދި އެއް ބަހަކުން ވާހަކަ ދައްކާ، އެއް އަޞްލަކުން އައިސްފައިވާ ބައެއް. އެހެންކަމުން، މި ކަންތައްތައް މިހެންހުރުމާ އެކީގައި، އަޅުގަނޑުމެންނަކީ އަބަދުވެސް އެއްބައެއްވަންތަކަމުގެ ޝުޢޫރުތައް ޙިއްޞާކުރާ، އެއްބައެއްވަންތަކަން ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރާ ބަޔަކު ކަމުގައި ވާންޖެހޭނެ.

އާދެ. އާޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދިވެސް މިއަތޮޅުގެ ވަރަށް ޢިއްޒަތްތެރި އެހެން ބޭފުޅެއްގެ ވާހަކަ ދަންނަވާލަން އަޅުގަނޑު ބޭނުން. އާދެ، އެ ބޭފުޅަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމުގައި ހުންނެވި އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން. އޭނާއަކީ ދިއްގަރުގެ ބޭފުޅެއް. އޭނާއަކީ، ސަރުކާރަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. ކަންދިމާވިގޮތުން، މިދަތުރުގައި އޭނާއަށް ބައިވެރިވެވަޑައިނުގެންނެވުނު ކަމުގައިވިޔަސް، އޭނާ އެ ކުރައްވާ ޚިދުމަތް ފާހަގަކޮށްލުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އުފަލެއް. ޙަޤީޤަތަށް ދަންނަވަންޏާ، މި ދަތުރުގައި ވަޑައިގަންނަވާ ބޭފުޅުން ހަމަޖެހިގެންދިޔައިރު، އޭނާވެސް ދަތުރުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި އޮތީ ހަމަޖެހިފައި. އެހެންނަމަވެސް، ދިމާވި ކުއްލި ސަބަބެއް މެދުވެރިވެގެން، އޭނާއަށް ވަޑައިގެންނެވޭގޮތްނުވީ. ކޮންމެއަކަސް، އޭނާ އެ ކުރައްވާ ޚިދުމަތްވެސް އަޅުގަނޑު ފާހަގަކުރަން. އަދި އަތޮޅުގެ އެހެން ރައްޔިތުން ކުރައްވާ ޚިދުމަތްތައްވެސް ފާހަގަކުރަން. މި ހުރިހާ ކަމެއް ފާހަގަކޮށް، މި އަތޮޅުގެ ރައްޔިތުންނަށް އަދިވެސް އެއްފަހަރު، އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުމާއި، އަދި އަޅުގަނޑުގެ ޝުކުރު ރައްދުކުރަން.

ކުރިންވެސް ދަންނަވާލެވިފައިވާނެ ފަދައިން، މިއަދު އަދި މިރަށުން ފުރައިގެން އެހެން އަތޮޅަކަށްވެސް ދިޔުމަށް ހަމަޖެހިފައިވާތީ، އަޅުގަނޑުގެ ވާހަކަކޮޅު މިހިސާބަށް ކުރުކޮށްލަނީ. އަޅުގަނޑު އެދެނީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވުން. އެކަލާނގެ ނިޢުމަތެއް ކަމުގައި ފޮނުއްވާފައިވާ، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަބަދުވެސް އަޅުގަނޑުމެންނަކީ އަމަންއަމާންކަމަށް ލޯބިކުރާ، ޞުލްޙަމަސަލަސްކަން ޤާއިމުކުރާ، އުޚުއްވަތްތެރި ބައެއް ކަމުގައި ލެއްވުން. އަދި އަޅުގަނޑުމެން ތަރައްޤީގެ މަގުގައި މި ކުރަމުންދާ ބުރަ މަސައްކަތްތަކުގައި، އެކަލާނގެ ބަރަކާތް ލެއްވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.