ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން، ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.

ހައިކޮމިޝަނަށް ވަޑައިގަތުމުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްޢޫދު ޢިމާދާއި، ހައިކޮމިޝަނުގެ މުވައްޒަފުންނެވެ.

މިޒިޔާރަތުގައި، ހައިކޮމިޝަން ބައްލަވާލެއްވުމުގެ އިތުރަށް، އިލެކްޓްރޯނިކް ޕާސްޕޯޓާ، އައިޑެންޓިޓީ ކާޑު ހެދުމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވިއެވެ. އަދި މެހްމާނުން ސޮއިކުރައްވާ ފޮތުގައި، ދެކަނބަލުން ސޮއި ކުރައްވައި، ހައިކޮމިޝަނުގެ މުއައްޒަފުންނާ ބައްދަލު ކޮށްލެއްވިއެވެ.

މިޒިޔާރަތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ކަލްޗަރަލް ސެންޓަރަށް ވަޑައިގެން، ލަންކާގައި ދިރިއުޅެމުން ގެންދާ ދިވެހިންނަށް އެމަރުކަޒުން ދެމުންގެންދާ ތަފާތު ޚިދުމަތްތައް ބައްލަވާލެއްވިއެވެ.

ދިވެހިރާއްޖޭގެ ކަލްޗަރަލް ސެންޓަރ ހުންނަ ސޯސަންވިލާއަކީ، ސްރީލަންކާގައި ދިރިއުޅޭ ރައްޔިތުންނަށް ތަޢްލީމާ ސަގާފީ ޙަރަކާތްތައް ހިންގުމާ، ދިވެހިބަހާ، އިސްލާމްދީނުގެ ޢިލްމު އުނގަންނައި ދިނުމަށް ގާއިމުކުރެވިފައިވާ މުހިއްމު ތަނެކެވެ.

މި ދެޒިޔާރަތުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ދިވެހިރާއްޖެއިން ވަޑައިގެންނެވި މަތީފެންވަރުގެ ވަފުދުގެ ބޭފުޅުން، ބައިވެރިވެ ވަޑައިގަތެވެ.