بســم اللّـه الرّحمـن الرّحيــم
الحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين. سيِّدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.
އާދެ، އަޅުގަނޑު މިއަދު ތިމަރަފުށްޓަށް މިއައީ މާލެއިން ދެކުނުގެ ބައެއް އަތޮޅުތަކަށް ކުރާ ޒިޔާރަތެއްގައި. އަޅުގަނޑު ދަތުރު ފެށީ މިއަދު ހެނދުނު. މިއަދު ހެނދުނު ފަށައިގެން ފުރަތަމަ ފެލިދެއަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށް ފެލިދުއަށް އަޅުގަނޑު ދިޔައީ. އޭގެފަހުގައި، މުލަކަތޮޅުގެ އަތޮޅުވެރިކަން ކުރާރަށް، މުއްޔަށް ޒިޔާރަތްކުރީ. ތިންވަނަ ރަށަކަށް އަޅުގަނޑު މިއައީ ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށް، ތިމަރަފުށްޓަށް.
އާދެ، އަޅުގަނޑު މި ކުރާ ދަތުރަކީ، މިދިޔަ މަހުން ފެށިގެން ރާއްޖެތެރެއަށް އަޅުގަނޑު ކުރަމުން މިގެންދާ ދަތުރުތަކުގެ ސިލްސިލާގެ ބޮޅެއް. މި ދަތުރަކީ ވަރަށް ކުރުގޮތަކަށް ނުވަތަ ވަރަށް އަވަސްގޮތަކަށް ހަމަޖެހިގެން ކުރަމުންގެންދާ ދަތުރެއް. ދަތުރުގައި ބޭނުންކުރާ ވަސީލަތްވެސް، ތިޔަބޭފުޅުންނަށް ފެނިވަޑައިގެންފައި ވާނޭ ފަދައިން، ވަރަށް ތަފާތު. މީގެ ކުރީ ފަހަރުފަހަރު، ތަންކޮޅެއް ވަގުތު އޮންނަ ފަހަރުފަހަރު، އަޅުގަނޑު އައިސްފައިވާނީ ކަނޑުމަގުން. އެހެންނަމަވެސް، މިފަހަރު މިއައީ ވައިގެ މަގުން. އާދެ، އެހެން ހަދަންޖެހުނީވެސް ވަރަށް ކުޑަކުޑަ މުއްދަތެއްގެ ތެރޭގައި ރާއްޖެތެރޭގެ ހުރިހާ ދިމާއަކަށް، ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރަން އަޅުގަނޑު ގަސްތުކޮށްފައިވާތީ.
އާދެ، ތިމަރަފުށްޓަށް އައުމުން އަޅުގަނޑަށް ފެނިގެންދިޔައީ، އަޅުގަނޑު ތިމަރަފުށްޓަށް އަންނަ ކޮންމެ ފަހަރަކުވެސް ފެނިގެންދާފަދަ އުފާވެރި މަންޒަރުތަކެއް. އާދެ، ރައްޔިތުންގެ ހިތުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަން ހާމަކޮށްދޭ މަންޒަރުތަކެއް. މިރަށުގެ ވެރިންނާއި، ރައްޔިތުންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، އަދި ކިޔަވާކުދިންގެ ފަރާތުންވެސް އަޅުގަނޑަށް ތިޔަ ވިދާޅުވީ ވަރަށް ހޫނު މަރްޙަބާއެއް. އެކަމަށްޓަކައި ތިމަރަފުށީގެ ވެރިންނަށާއި، ތިމަރަފުށީ ރަށްކުރިއަރުވާ ކޮމިޓީގެ މެންބަރުންނަށާއި، އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށާއި، ސަރުކާރުގެ ވަޒީފާގައި ތިއްބެވި ބޭފުޅުންނަށާއި، ޢާންމު ރައްޔިތުންނަށާއި، އަދި ތިމަރަފުށީގެ ލޮބުވެތި ކިޔަވާކުދިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.
ހަމައެއާއެކީގައި، މި މަހުގެ 1 ވަނަ ދުވަހު އާދެ، މިދިޔަ ހުކުރުދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ޢާންމު ވޯޓުގައި ތިމަރަފުށީގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނު މަތިވެރި ތާއީދަށްޓަކައި، އަދި ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަ ކުރެއްވި ވަރުގަދަ އިތުބާރަށްޓަކައި، ތިމަރަފުށީގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ ހުރިހާ ފުންމިނަކުން ޝުކުރު ދަންނަވަން. އަޅުގަނޑުގެ މި ޝުކުރުގައި ކޮޅުމަޑުލުގެ ހުރިހާ ރައްޔިތުން ހިމަނަން. ކޮޅުމަޑުލުން އަޅުގަނޑަށް ލިބިފައި ވަނީ ވަރަށްވެސް މަތިވެރި ތާއީދެއްކަން، އެ އިންތިޚާބުގެ ނަތީޖާ އިޢުލާނުވެގެންދިޔައިރު ތިޔަބޭފުޅުންނަށް އޮންނާނީ އެނގިވަޑައިގެންފައި. އާދެ، އެކަމުން އަޅުގަނޑަށް ވިސްނޭ މާނައަކީ، ކޮޅުމަޑުލުގެ ރައްޔިތުން، ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާކަން. ސަރުކާރުން ރައްޔިތުންނަށް އިޚްލާޞްތެރިވާފަދައިން، ރައްޔިތުންވެސް ސަރުކާރަށް އިޚްލާޞްތެރިވެވަޑައިގަންނަވާކަން.
އާދެ، އަޅުގަނޑު ރާއްޖެތެރެއަށް ކުރަމުން މިގެންދާ ދަތުރުތަކުން ލިބޭ މަޢުލޫމާތުގެ އަލީގައި، ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙުކުރުމުގެ މަސައްކަތްތަކެއް ހިނގަމުންދާތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ. ޙަޤީޤަތަށް ދަންނަވަންޏާ، އެ މަސައްކަތްތައް ފެށިފައިވަނީ 1979 ވަނަ އަހަރުގެ ތެރޭގައި. އެ މަސައްކަތްތައް މެދުނުކެނޑި މިހާތަނަށް މިއައީ ހިނގަމުން. އަދި އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައިވެސް ދާނީ އެ މަސައްކަތްތައް ހިނގަމުން. އަޅުގަނޑުމެންގެ ތަނަވަސްކަމާއި، ޤާބިލިއްޔަތު އިތުރުވަމުންދިޔަ މިންވަރަކުން ރާއްޖެތެރެއަށް ސަރުކާރުން ވެދޭ އެހީތަކާއި، ޢިނާޔަތްތަކާއި، ރާއްޖެތެރެއަށް ކޮށްދޭ ކަންތައްތައްވެސް ދާނީ، އިރާދަކުރެއްވިއްޔާ އިތުރުވަމުން، ކުރިއަރަމުން.
އަޅުގަނޑަށް ތިމަރަފުށްޓަށް ޒިޔާރަތެއް ނުކުރެވޭތާ މިހާރު އެގާރަވަރަކަށް އަހަރު ވެއްޖެ. އަދި ކޮޅުމަޑުލަށް ޒިޔާރަތެއް ނުކުރެވޭތާ އަށެއްކަ އަހަރު ވެއްޖެ. އެހެންނަމަވެސް، އެކަން އެހެން އެ ދިމާވީ، އަޅުގަނޑުގެ މަސައްކަތް ހުންނަ ގޮތުންނާއި، ރާއްޖެތެރެއަށް ދަތުރުފަތުރުކޮށް އުޅުމުގެ ކަންތައްތައް ހަމަޖެހިފައިވާ ގޮތުންކަން ތިޔަބޭފުޅުން ޤަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަން. އަޅުގަނޑަށް، އަޅުގަނޑު ބޭނުންވާހާ ގިނައިން، ރާއްޖެތެރެއަށް ޒިޔާރަތް ނުކުރެވުނަސް، ރާއްޖެތެރޭގެ ޙާލު އަޙުވާލު އަޅުގަނޑު އަބަދުވެސް ގެންދަނީ ބަލަމުން. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށް ގިނަ ވަޒީރުން ރާއްޖެތެރެއަށް ދަތުރުކުރައްވާ. ވަރަށް ގިނަ އޮފީސްއޮފީހުގެ ވެރިން ދަތުރުކުރައްވާ. އަދި އެކިއެކި މިނިސްޓްރީތަކާއި އޮފީސްތަކުން ހިންގަވާ ކަންތައްތަކުގައި ވަރަށް ގިނަ ޓީމުތަކާއި، ވަފްދުތައް ރާއްޖެތެރެއަށް ޒިޔާރަތްކުރައްވާ. މި ހުރިހާ ދަތުރުތަކާއި ޒިޔާރަތްތަކުން އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ މަޢުލޫމާތު، ސަރުކާރުގެ ސަމާލުކަމަށް ގެންނަވާ. އަދި ރާއްޖެތެރެއަށް ބޭނުންވެފައިވާ ކަންތައްތައް، އެބޭފުޅުން ސަރުކާރަށް އަންގަވަމުން ގެންދަވާ. މިގޮތުން ލިބޭ މަޢުލޫމާތުގެ އަލީގައި، ކުރިންވެސް ދެންނެވި ފަދައިން، ރާއްޖެތެރެ ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ކުރަމުން މިގެންދަނީ.
އާދެ، ތިމަރަފުށްޓަކީ މަސްވެރިކަމުގެ ރަށެއް. މި ރަށުގެ މަސްވެރިކަން، އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ތެދުކަމަށްވަންޏާ ދަންނަވަންޖެހެނީ، މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހަށްވުރެ، މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަސް ރަނގަޅޭ. ކޮންމެއަކަސް މަސްވެރިކަން ރަނގަޅުވުމަކީ، އަދި އެއިން ލިބޭ އާމްދަނީ އިތުރުވަމުންދިޔުމަކީ، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ފައިދާހުރި ކަމެއް. އަދި އެ މަސައްކަތް ކުރާ މީހުންނަށާއި، އެމީހުންގެ ޢާއިލާތަކަށާއި، އެމީހުންގެ ރަށްރަށަށްވެސް އެހާމެ ފައިދާހުރި ކަމެއް. މަސްވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި، ސަރުކާރުން ތަފާތު މަޝްރޫޢުތައް ރާވައިގެން ހިންގަމުންގެންދާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އޭގެތެރެއިން ބައެއް މަޝްރޫޢުތައް ވަނީ ނިމިފައި. އަނެއްބައި މަޝްރޫޢުތައް މިހާރުވެސް ހިނގަމުން އެބަދޭ. އެ ކަންތައްތައް އެހެން ކުރަން އެ ޖެހެނީ، މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ބިންގާ ކަމަށްވާތީ.
އާދެ، މަސްވެރިކަން ފިޔަވައި އެނޫން ކަންތައްތައްވެސް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަމު. ޚާއްޞަކޮށް، ޓޫރިޒަމްގެ މަސައްކަތް. އެހެންނަމަވެސް، މަސްވެރިކަމަކީ، ޒަމާނުއްސުރެ ރާއްޖޭގެ އެންމެ ގިނަ މީހުން އެ މަސައްކަތެއް ކުރަމުންގެންދާ އަދި އެ މަސައްކަތުގެ ފައިދާ ރާއްޖޭގެ އެންމެ ގިނަ މީހުންނަށް ފޯރަމުންދާ މަސައްކަތް. އެހެންކަމުން، އެ މަސައްކަތަށް އަހަރުމެން ދޭންޖެހޭ އަހަންމިއްޔަތަކީ ވަރަށްވެސް ބޮޑު އަހަންމިއްޔަތެއް. ޓޫރިޒަމްގެ މަސައްކަތްވެސް މިހާރުދަނީ ރާއްޖޭގައި ތަރައްޤީވަމުން. އެއިން ދިވެހި ޤައުމަށާއި ސަރުކާރަށް ލިބެމުންދާ ފައިދާތައްވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން. އެހެންކަމުން، ޓޫރިޒަމް ތަރައްޤީކުރުމަކީވެސް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ ކަމެއް. އެކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި ރަށުގެ ރައްޔިތުންވެސް ދިރިއުޅުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރައްމުން ގެންދަވާ. އޭގެތެރޭގައި ބޯޓުދަތުރުކުރުމާއި، އަދި އެނޫން ކަންތައްތައްވެސް ކުރައްވާ. އެއީ ވަރަށް މުހިންމު ކަމެއް. ރައްޔިތުންގެތެރޭގައި ހިމެނޭ ހަމަ ކޮންމެ މީހަކުވެސް އެމީހެއްގެ ޞިއްޙަތާއި، ޢުމުރާއި، ޤާބިލިއްޔަތު ތަންދިންވަރަކުން ފައިދާހުރި ކޮންމެވެސް މަސައްކަތެއް ކުރަންވާނެ. އެއީ އަޅުގަނޑުމެން މިއަދު ޤަބޫލުކުރަން ޖެހިފައިވާ ޙަޤީޤަތެއް. ޤައުމަށް ލިބޭ އާމްދަނީއަކީ، ޤައުމުގެ އަފްރާދުންނަށް ލިބޭ އާމްދަނީގެ ޖުމްލަ. އެހެންކަމުން، ޤައުމުގެ އާމްދަނީ އިތުރުވާނީވެސް އަފްރާދުންގެ އާމްދަނީ އިތުރުވެގެން. އަފްރާދުން ކުރާ އުފެއްދުންތެރިކަމުގެ މަސައްކަތްތައްވެސް އިތުރުވެގެން.
މި އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ފާހަގަކުރަމުންގެންދާ އަހަރު. އޭގެ ބޭނުމަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުން. ރާއްޖޭގެ އިޤްތިޞާދީ ބިންގާ މިހާރަށްވުރެ ފުޅާކުރުން. ތަފާތު މަސައްކަތްތައް ތަޢާރުފްކޮށް، އަދި މިހާރު ކުރަމުންގެންދާ މަސައްކަތްތައްވެސް އެއަށްވުރެ ފުޅާ ދާއިރާއެއްގައި ކުރެވޭތޯ ބެލުން. އަދި ރާއްޖެއިން ބޭރަށް، ރާއްޖެއިން އެކްސްޕޯޓްކުރާ މުދާވެސް ގިނަކޮށް، އެކަމުން ރާއްޖެއަށް ލިބޭ ބޭރުފައިސާގެ އަދަދުވެސް އިތުރުވަމުންދޭތޯ ބެލުން. މިކަން މިގޮތަށް ކުރަންޖެހޭ ސަބަބަކީ، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ އިޤްތިޞާދަކީ ވަރަށް ހަނި ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދަކަށްވާތީ، އެ އިޤްތިޞާދު ފުޅާކޮށް، އެ އިޤްތިޞާދުން ޤައުމަށާއި ރައްޔިތުންނަށް ލިބޭނެ ފައިދާތައް އިތުރުކުރަމުން ގެންދިޔުމަކީ ވަރަށް ބޭނުންތެރި ކަމަކަށްވާތީ.
އާދެ، މި ރަށަކީ އާދެ، ތިމަރަފުށްޓަކީ ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ނާއިބު ޑޮކްޓަރ މުޙަންމަދު ލަޠީފް އެ ވިދާޅުވިފަދައިން، ކޮޅުމަޑުލުގައި އެންމެ ގިނަ އަދަދަކަށް މީހުން އުޅޭ ރަށް. އެހެންކަމުން، މި ރަށަށް ސަރުކާރުގެ ޢިނާޔަތްތައް ވަނީ ލިބިފައި. އަދި މިހާރުވެސް ދަނީ ލިބެމުން. އޭގެތެރެއިން އެންމެ މުހިންމު އެއްކަމެއް، މި އަތޮޅުގައި ސަރުކާރުގެ ފަރާތުން ހިންގާ އަތޮޅު ތަޢުލީމީ މަރްކަޒު މި ރަށުގައި ހިނގަމުންދާކަން. އާދެ، މި ތަޢުލީމީ މަރުކަޒަކީ މީގެ ތޭރަވަރަކަށް އަހަރު ކުރިން ޢިމާރާތްކޮށް ނިމި ތަޢުލީމު ދެވެމުންދާ ތަނެއް. މިތާނގައި މިހާރުވެސް 500 އާ ގާތްކުރާ ޢަދަދަކަށް ކުދިން ތަޢުލީމު ޙާޞިލްކުރަމުން ގެންދާކަން އަޅުގަނޑަށް އެނގޭ. ކުދިންނަށް ތަޢުލީމު ޙާޞިލްކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ، ރާއްޖޭގެ ކުރިއެރުމަށްޓަކައި އަދި މުސްތަޤްބަލުގެ ފައިދާއަށްޓަކައި ވަރަށް ބޭނުންތެރި ކަމެއްކަން، އަޅުގަނޑެކޭ އެއްފަދައިން، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. މި ރަށުގައި މި ހުރި ތަޢުލީމީ މަރްކަޒު އެއްދުވަހުން އަނެއްދުވަހަށް ކުރިއަށްގޮސް މިހާރު ވަނީ ޘާނަވީ ތަޢުލީމުގެ މަރްޙަލާއަށްވެސް ވާޞިލްވެފައި. އާދެ، ގްރޭޑް 8 ގައި ކިޔަވައިދެމުން މިހާރު އެބަ ގެންދެވޭ. އިރާދަކުރެއްވިއްޔާ މާލަހެއްނުވެ، ގްރޭޑް 9 ވެސް ފެށޭނެ. ޝައްކެއްނެތް، ރާއްޖެތެރޭގައި ހުރި ތަޢުލީމީ މަރުކަޒުތަކުގައިވެސް ޘާނަވީ ތަޢުލީމު ނުވަތަ ސެކެންޑްރީ އެޑިޔުކޭޝަންގެ މަރްޙަލާ އެ ތަންތަނަށް ތަޢާރުފްވެ، އެ މަރްޙަލާގެ ގްރޭޑްތައް އުފެދެމުންދިޔުމަކީ ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ވަރަށްބޭނުން ކަމެއް. އަޅުގަނޑުމެންނަށް ކުރިއަށްދެވޭނީ ތަޢުލީމު ޙާޞިލްކޮށްގެން. މިއަދުގެ ދުނިޔޭގައި ތަރައްޤީއަކީ ތަޢުލީމުގެ މައްޗަށް ބިނާވެފައިވާ ކަމެއް. އެހެންކަމުން، އަޅުގަނޑުމެންނަކީވެސް ކުރިއަރަން ބޭނުންވާ ޤައުމަކަށްވަނީނަމަ، އަޅުގަނޑުމެންވެސް ޖެހޭނީ ތަޢުލީމަށް އެކަށީގެންވާ ސަމާލުކަމެއް ދޭން. އުފަލާއެކު އަޅުގަނޑަށް ދަންނަވަންޖެހެނީ، އެ ސަމާލުކަން ދިވެހި ރައްޔިތުން ތަޢުލީމަށް ދެއްވަމުންނޭ ގެންދަވަނީ. އަދި ސަރުކާރުން މި ކުރާ މަސައްކަތްތަކުގައި ރާއްޖޭގެ ރައްޔިތުން ވަރަށް ފުރިހަމަ ޙިއްޞާއެއް އަދާކުރައްވަމުންނޭ ގެންދަވަނީ.
އާދެ، ރާއްޖެތެރެއަށް ބޭނުންވެފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ، ފަޅުގެ ދަތިކަން ފޯރާފައިވާ ރަށްރަށުގެ އެ ދަތިކަން ޙައްލުކުރުން. ނުވަތަ އެ ދަތިކަން ފިލުވައިލުން. މިއީ ވަރަށް ބޮޑު މަސައްކަތެއް. ވަރަށް ގިނަ ޚަރަދު ހިނގާ ކަމެއް. އާދެ، ތިމަރަފުށީގެ ފަޅު ފުންކުރުމުގެ މަސައްކަތް ކޮށްދެވިފައިވާކަން އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކޮށްލަން. އެއްލައްކަ ތިރީސް ހަހާސް އަކަފޫޓަށްވުރެ ބޮޑު ސަރަޙައްދެއް މިހާރުވަނީ ފުންކުރެވިފައި. ޝައްކެއްނެތް އެއީ، ރަށަށް ލިބިގެންދިޔަ ވަރަށް ބޮޑު ދިރުމެއް. ވަރަށް ބޮޑު ކުރިއެރުމެއް. ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު ފަސޭހައެއް. އެހެންނަމަވެސް، އެ ކަމަކީ އެހާބޮޑު ޚަރަދެއް ހިނގާ އަދި އެހާ ދިގު މުއްދަތެއް ބޭނުންވާ ކަމަކަށްވާތީ، އަޅުގަނޑުމެންގެ ރާއްޖޭގައި އެ ކަންތައް ކުރެވެނީ މަޑުމަޑުން. އަޅުގަނޑުމެންގެ ބަޖެޓުގެ ތަނަވަސްކަން ނުވަތަ ނުތަނަވަސްކަން ހުރި މިންވަރުން އެކަން އެހެން ގެންދަންޖެހެނީ. މިހާރުވެސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އެ މަސައްކަތްވަނީ ސަރުކާރުން ކޮށްދީފައި. އަދި މިހާރުވެސް އިތުރު ރަށްރަށުގައި ކޮށްދެމުން މިގެންދަނީ. އެކަމަކު، އެކަމުގެ ބާވަތުން ގިނަ ދުވަސް ބޭނުންވަނީ އެ ކަންތައްތައް ފުރިހަމަކުރުމަށް. މި ރަށުގައި އެ މަސައްކަތް ކުރަމުންގެންދާތާވެސް ދެ އަހަރާ ދުވަސްކޮޅެއްވީފަހުން، އެ މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައި އެވަނީ.
ހަމައެފަދައިން، ރާއްޖެތެރެއަށް ބޭނުންވާ އަނެއްކަމަކީ ކަރަންޓުގެ ފަސޭހަ. ކަރަންޓުގެ އަލިކަން، އޭގެ ޚިދުމަތް. އާދެ، އެއީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށްވެސް ވަރަށް ބޭނުންވާ އެއްޗެއް. އަދި އަޅުގަނޑުމެންގެ ކުރިއެރުމާއި ތަރައްޤީއަށްވެސް ހަމަ އެހާބޮޑަށް ބޭނުންވާ އެއްޗެއް. އެކަން އޮތީވެސް ފަޅުފުންކުރުމާ ދާދި އެއްގޮތަށޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. އެކަމަކީވެސް ވަރަށް ބޮޑު ޚަރަދު ހިނގާ ކަމެއް. އަދި ސަރުކާރުން ކަރަންޓުގެ ވަސީލަތް ރާއްޖެތެރެއަށް ފޯރުވައިދެމުން މިގެންދަނީ އެމް.އީ.ބީ. ނުވަތަ މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ މަސައްކަތެއްގެ ގޮތުގައި. މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑަކީ ރައުސްމާލު ވަކިކޮށްގެން ވިޔަފާރީގެ އުޞޫލުން ހިންގާ ތަނެއް. އެތަނުން ކަންތައްތައް ކުރެވޭނީ ވިޔަފާރީގެ އުޞޫލުން. ފައިދާއެއްވާ ގޮތަށް. އެއާ ޚިލާފަށް ކަންތައްތައް ކުރުމަކީ އެފަދަ ތަނަކަށް ކުރެއްވޭނެ ކަމަކަށް ނުވާނެ. އެކަން އެހެން އޮތްނަމަވެސް، ކަރަންޓުގެ އަލިކަމާއި ހޫނުކަމުގެ އަދި އެއިން އެ ލިބޭ ހަކަތައިގެ ބޭނުންތެރިކަން ބޮޑުކަމުން ޚިދުމަތެއްގެ ގޮތުގައި ރާއްޖެތެރޭގެ ބައެއް ތަންތާނގައި ސަރުކާރުގެ ފަރާތުން މިހާރު މިގެންދަނީ ކަރަންޓްލައިދެމުން. މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑަށް ވަމުންދާ ގެއްލުން ސަރުކާރުގެ ބަޖެޓުން އޮންނަނީ ފޫބައްދައިދޭން ޖެހިފައި. އެކަން އެހެން އޮތުމާއެކީގައި، ތިޔަބޭފުޅުންނަށް ރަނގަޅަށް ވިސްނިވަޑައިގަންނަވާނެ، އެކަމަކީވެސް ވަކި އުޞޫލަކުން ވަކި ހަމަތަކެއްގެ މަތިން ސަރުކާރުން ކުރަމުން ގެންދެވޭނެ ކަމެއްކަން. އާދެ، އަޅުގަނޑަށްވެސް އެނގޭ، ތިމަރަފުށީގެ ރައްޔިތުންވެސް ކަރަންޓަށް ވަނީ ވަރަށް ބޮޑަށް ބޭނުންވެވަޑައިގެންފައި. ރާއްޖޭގެ އެހެން ރަށްތައްވެސް ހަމަ އެފަދަ. އެހެންނަމަވެސް، މުސްތަޤްބަލަށް ރޭވޭ މަޝްރޫޢުތަކުގައި ތިމަރަފުށިވެސް ހިމެނޭނެ. އަދި މިހާރުވެސް ވަނީ ހިމެނިފައި. އަދި އެނޫން ރަށްރަށްވެސް ހިމެނިފައިވޭ. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަނީ މުސްތަޤްބަލުގައި އެ ކަންތައްތައް ކޮންމެވެސް އުޞޫލަކުން ފުރިހަމަވެގެންދާނެ ކަމަށް. މިހެން ދެންނެވި ނަމަވެސް، އެކަން ހަމަޖެހޭނީ މިވެނި ތާރީޚެއްގައޭ، އެހެން މި ވަގުތު ދެންނެވުމަކީ ވަރަށްދަތި ކަމެއް.
އާދެ، މި ރަށުގެ ރައްޔިތުންނަކީ އުފެއްދުންތެރި މަސައްކަތްތަކެއް ކުރައްވާ ބައެއް. ރަށުގެ ތަރައްޤީއަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ. އޭގެތެރޭގައި ރަށުގެ ރައްޔިތުން، އެމީހުން އަމިއްލައަށް އެއްކުރި ފައިސާއިން، އެމީހުންގެ އަމިއްލަ މަސައްކަތުން، ޞިއްޙީ މަރްކަޒެއް ވަނީ ޢިމާރާތްކޮށްފައި. އަދި އެތަނަށް ސަރުކާރުގެ ފަރާތުން ޑޮކްޓަރަކު ގެނެސްދިނުމަށްވެސް ވަނީ އެދިވަޑައިގެންފައި. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މިހާރު ސަރުކާރުން ހަމަޖައްސާފައިވާ ގޮތް. އެއީ، ސަރަޙައްދީ ހަސްފަތާލު ނުހުންނަ އަތޮޅުތަކުގައި ދެހާސް މީހުންނަށްވުރެ ގިނައިން މީހުން އުޅޭ ރަށްރަށަށް ޑަކްޓަރުން ގެނެސްދިނުމުގެ އުޞޫލު. އާދެ، އެއީ ގިނަ ޢަދަދަކަށް ޚިދުމަތްދެވޭގޮތަކަށް އެކަން ކުރުން އެއީ ހަމަޖެހޭގޮތަކަށްވާނެތީ، އެގޮތަށް މިވަގުތު ހަމަޖައްސާފައި ވަނީ. އެ އުޞޫލުން ބަލާއިރު، ތިމަރަފުށްޓަކީވެސް ދެހާސް މީހުން ދިރިއުޅޭ ރަށެއް. ދެހާހަށްވުރެ ގިނައިން މީހުން ދިރިއުޅޭ ރަށެއް. އެހެންވީމާ، މި ރަށަށްވެސް އިރާދަކުރެއްވިއްޔާ ޑޮކްޓަރެއްގެ ޚިދުމަތް ލިބޭގޮތަށްވަނީ ހަމަޖެހިފައި. ހަމައެކަނި ޑަކްޓަރެއްގެ ޚިދުމަތް ލިބޭގޮތަށް އޮތުމަކުން އަދި އަޅުގަނޑުމެންގެ ޞިއްޙީ ޙާލަތު، އަޅުގަނޑުމެން ބޭނުންވާ ހިސާބަކަށް ނުގެންދެވޭނެ.
އޭގެ އިތުރުން، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި. އަޅުގަނޑުމެންގެ ޞިއްޙީ ހޭލުންތެރިކަން ވާނެ އިތުރުވާން. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކަންތައް ކުރަންވީ ކިހިނެއްތޯ، ޞިއްޙީ ނަޒަރަކުން ބަލާއިރު ވާނެ ދަސްކުރަން. އަޅުގަނޑުމެން ކާބޯތަކެތި ގެންގުޅެންވީ އުޞޫލާއި، ކާންވީ ތަކެއްޗާއި އަދި އަޅުގަނޑުމެންގެ ޅަދަރިން ތަރުބިއްޔަތު ކުރުމުގައި ބަލަންޖެހޭ ޞިއްޙީ އުޞޫލުތަކާއި، އަޅުގަނޑުމެންގެ ތެރެއިން މީހަކު ބަލިވެއްޖެނަމަ، ފަރުވާކުރަންވީގޮތާއި އަދި ބަލިބަލިން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި، މި ހުރިހާ ކަމެއް ވާނެ އަޅުގަނޑުމެން ދަސްކުރަން. ކުޑަކުދިންނަށްޖެހޭ ތަފާތު ބަލިތަކުން ކުޑަކުދިން ދިފާޢުކުރުމަށްޓަކައި ވެކްސިނޭޝަން ޕްރޮގްރާމެއްވެސް ސަރުކާރުން ހިންގާ. އާދެ، އެއީ ވަރަށް މުހިންމު ޕްރޮގްރާމެއް. އަދި އެނޫނަސް ބަލިބަލިން ދިފާޢުވުމަށްޓަކައި ރޭޑިއޯއާއި ޓީ.ވީ. މެދުވެރިކޮށް ސަރުކާރުން އަބަދުވެސް ރައްޔިތުންނަށް ތަފާތު އިރްޝާދުތައް ދެމުންގެންދޭ. އެ އިރްޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އޭރުން އަޅުގަނޑުމެން ބޭނުންވާގޮތަށް އަޅުގަނޑުމެންނަށް ފުރިހަމަ ޞިއްޙަތަކައިގެން، ދުނިޔޭގައި އުޅެމުންގެންދެވޭނީ.
އާދެ، ހަމައެއާއެކީގައި، އަޅުގަނޑުމެންގެ އިޖްތިމާޢީ ރޫޙުވެސް ވަރަށް ވަރުގަދަ ކުރަންޖެހޭނެ. އަޅުގަނޑުމެންނަކީ އެކުވެރި ބަޔަކަށްވާންޖެހޭނެ. އަޅުގަނޑުމެންގެމެދުގައި ފިތުނަފަސާދައަށް ނުވަތަ މަޞްލަޙަތު ގެއްލޭފަދަ ކަންތައްތަކަށް ޖާގަދީގެނެއް ނުވާނެ. ޚާއްޞަކޮށް، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ، މިކަން ވަރަށް ބޮޑަށް ހަނދާންކުރަންޖެހޭނެ. މުސްލިމުންނަކީ އަޅުގަނޑު ނުދެންނެވިޔަސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި اللهُ سُبْحَانَهُ وَتَعَالَى ލައްވާފައިވާ ބައެއް. އެހެންކަމުން، މުސްލިމުންގެ މެދުގައި އޮންނަންޖެހޭނީ އުޚުއްވަތްތެރިކަން، ތިމާގެކަން، އެއްބަނޑުއެއްބަފާކަން. މި އުޞޫލު ދެމެހެއްޓުމަކީ ރަށުގެ ތަރައްޤީއަށް ބަލާއިރުވެސް އަދި މުޅި ޤައުމުގެ ތަރައްޤީއަށް ބަލާއިރުވެސް ވަރަށް މުހިންމު ކަމެއް. އެކުވެރިކަމާއި އެއްބާރުލުން އާލާކޮށް ބަދަހިކުރުމަކީ، ވަކި މިވެނި ފަރާތެއްގެ ވާޖިބެކޭ އަޅުގަނޑަކަށް ދެންނެވޭކަށް ނެތް. އެއީ، އެންމެންގެވެސް ވާޖިބެއް. ކޮންމެ ފަރުދަކުވެސް، އެމީހެއްގެ ބާރުފޯރާ ހިސާބުގައި ނުވަތަ އެމީހަކު ދިރިއުޅެމުންގެންދާ ދާއިރާއެއްގެތެރޭގައި އެކުވެރިކަމާއި، އެއްބާރުލުން ބަދަހިކުރެވޭތޯ ބަލަމުން ގެންދިޔުމަކީ އެމީހެއްގެ ވާޖިބެއް. ހަމައެކަނި އެއީ ވެރިކަމުގެ ފަރާތުގެ ވާޖިބެއްނޫން. ނުވަތަ ކޮމިޓީތަކުގެ މެންބަރުންގެ ވާޖިބެއްނޫން. ކޮންމެ ފަރުދެއްގެވެސް ވާޖިބު. މިކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވިއްޖެނަމަ، ޝައްކެއްނެތް، އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ، އެކުވެރި ބަޔަކަށްވާނެ.
އާދެ، ރަށުގެ އަންހެނުން ތަފާތު ކަންތައްތަކުގައި ޙަރަކާތްތެރިވާކަން އަޅުގަނޑަށް އެނގޭ. އަންހެނުންނަކީ މުޖުތަމަޢުގެ ދެބައިކުޅައެއްބައި. އަންހެނުންގެ އުފެއްދުންތެރި މަސައްކަތްތައް އެދެވޭގޮތެއްގައި ކުރެވިގެން ޤައުމު ކުރިއަށްދާނީ. މިއީވެސް އަޅުގަނޑުމެން ޤަބޫލުކުރަން ޖެހިފައިވާ ޙަޤީޤަތެއް. ދުނިޔޭގައި އެއްވެސް ޤައުމެއް ކުރިއަށްގޮސްފައެއް ނެތް، އަންހެނުން ޤައުމު ބިނާކުރުމުގެ މަސައްކަތުގައި ފުރިހަމައަށް ޙިއްޞާނުވެ، ނުވަތަ ފުރިހަމައަށް ބައިވެރިނުވެ. އަންހެނުން އެކިއެކި މަސައްކަތްތަކުގައި ބައިވެރިވުމަކީ، ފަހަރެއްގައިވެސް އަޅުގަނޑުމެންގެ ދީން މަނާކުރާ ކަމެއްނޫން. ދީނުގައި، ދީނީ އުޞޫލުތަކަށް ރައްކާތެރިވެ ތިބެ، އަންހެނުންވެސް މަސައްކަތުގައި ބައިވެރިވުމަކީ ހުއްދަ ކަމެއް. ހަމައެކަނި ހުއްދަ ކަމެއް ނޫން، އެއީ ދީން ބާރުވެސްއަޅުއްވާ ކަމެއް. އެހެންވީމާ، އަޅުގަނޑުމެންގެ އަންހެނުންވެސް ރަށުގެ ތަރައްޤީއަށްޓަކައި ތަފާތު މަސައްކަތްތައް ކުރުމަކީ ބޭނުންތެރި ކަމެއް. އެމީހުންގެ ޙިއްޞާކުރުންނެތި އަޅުގަނޑުމެން ބޭނުންވާ ހަލުވިކަމަކާއެކީގައި އަޅުގަނޑުމެންނަކަށް ކުރިޔަކަށް ނުދެވޭނެ.
އާދެ، މި އަތޮޅުގެ ބައެއް ރަށްރަށުގެ އަންހެނުން ތަފާތު ގިނަ މަސައްކަތްތައް ކުރައްވާކަން އަޅުގަނޑަށް އޮތީ އެނގިފައި. ގުރައިދޫ، ވިލުފުށި، ހިރިލަންދޫ، މިފަދަ ތަންތާނގައި އަންހެނުން ހޮޓާވެސް ހިންގާ. އަދި އެއިން އެކަށީގެންވާ އާމްދަނީއެއް ހޯދާ. ޝައްކެއްނެތް، އެއީ ވަރަށް ރަނގަޅު ކަމެއް. ވަރަށް ފައިދާހުރި ކަމެއް. އަދި ފަހަރެއްގައި ތިމަރަފުށީގައިވެސް އެކަން އެގޮތަށް ހިނގާކަމަށް ވެދާނެ. އަދި ހިނގިކަމުގައިވިޔަސް، އަދި މިވަގުތު ނުހިނގާ އޮތްކަމުގައިވިޔަސް، އަޅުގަނޑު ދަންނަވަން މިއުޅެނީ ތަފާތު މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދައި، ރަށުގެ ތަރައްޤީއަށްޓަކައި އެ އާމްދަނީ ޚަރަދުކުރެވޭގޮތަށް އަންހެނުން ޙަރަކާތްތެރިވުމަކީވެސް ވަރަށް ބޭނުންތެރި ކަމެކޭ.
އާދެ، އަޅުގަނޑު މި ދެންނެވި ކަންތައްތައް ނޫނަސް، ރައްޔިތުން ކުރައްވާ މަސައްކަތްތައްވެސް އެބަހުރި. އަދި ސަރުކާރުން އެކަންކަމަށްޓަކައި އެކިއެކި ޢިނާޔަތްތައް ވެދޭ ކަންތައްތައްވެސް އެބަހުރި. އަޅުގަނޑުގެ ދަތުރު ހަމަޖެހިފައިވާ ގޮތުން، އެ ހުރިހާ ކަމަކަށް އަލިއަޅުވާލާނެ ވަގުތެއް މިއަދަކު ނެތް. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު މިހިސާބުން ނިންމާލިކަމުގައިވިޔަސް އަދި ކުޑަ އެއްޗެއް ދަންނަވާލާހިތްވޭ.
އާދެ، އަޅުގަނޑުގެ މި ދަތުރުގައި، މި އަތޮޅުގެ ވަރަށް ޢިއްޒަތްތެރި ދެބޭފުޅަކު އެބަ ބައިވެރިވެވަޑައިގަންނަވާ. އެއްބޭފުޅަކީ، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ނައިބު ޑޮކްޓަރ މުޙަންމަދު ލަޠީފް. އޭނާއަކީ މިހާރު ސަރުކާރުގެ، އަތޮޅުތަކާބެހޭ ދާއިރާ ހިންގަވަން ހުންނެވި އެންމެ އިސްވެރިޔާ. އާދެ، އެ މިނިސްޓްރީއަކީ މިވަގުތު ރައީސުލްޖުމްހޫރިއްޔާގެ ބެލުމުގެ ދަށުން ހިނގަމުންދާ މިނިސްޓްރީއެއް. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އެ މިނިސްޓްރީ ހިންގަވަމުން ގެންދަވަނީ ޑޮކްޓަރ މުޙަންމަދު ލަޠީފް. އޭނާއަކީ ސަރުކާރަށް ވަރަށް ވަފާތެރިކަމާއި، އިޚްލާޞްތެރިކަމާ އެކީގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް. އަދި ހަމައެހެންމެ، އަޅުގަނޑާއެކީގައި މި ދަތުރުގައި އެބަ ބައިވެރިވެވަޑައިގެންދެއްވާ މިރަށުގެ ޢިއްޒަތްތެރި ދަރިއެއްވެސް، އާދެ، އަލްފާޟިލް މުޙަންމަދު ޞާދިޤް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚިދުމަތް ކުރައްވާ ބޭފުޅެއް. ވަރަށް އިޚްލާޞްތެރި ޚިދުމަތްތެރިއެއް. ވަރަށް ގިނަ ދުވަސްވަންދެން، އެއްވެސް ތަފާތުވުމެއްނެތި ސަރުކާރަށް ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅެއް. އާދެ، އެބޭފުޅުންގެ ޚިދުމަތްވެސް، އެ ދެބޭފުޅުންގެ ޚިދުމަތް އަޅުގަނޑު ފާހަގަކޮށް، އެ ދެބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.
އާދެ، ހަމައެއާއެކީގައި، މިއަތޮޅުގެ އަތޮޅުވެރިން އަލްފާޟިލް އިބްރާހީމް މަނިކު ދޮންމަނިކަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އެއީ، އޭނާއަކީ 8 އަހަރަށްވުރެ ދިގު މުއްދަތެއްވަންދެން، މިހާރުވެސް މި އަތޮޅު ހިންގަވަމުން ގެނަދަވާފައިވާ ބޭފުޅަކަށްވާތީ، އޭނާގެ އިޚްލާޞްތެރި ޚިދުމަތްވެސް ދަނީ ސަރުކާރަށް ލިބެމުން. އެހެންކަމުން، މި ފުރުޞަތުގައި އޭނާ އެ ކުރައްވާ ޚިދުމަތަށާއި އަދި މިއަދު އަޅުގަނޑު މި އަތޮޅަށް އައުމުން، އަޅުގަނޑަށް މަރުޙަބާ ވިދާޅުވުމުގައި، އޭނާ އެކަން އެ ގެންދެވި ފުރިހަމަކަމަށްޓަކައި އޭނާއަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އާދެ އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވުން. ހެޔޮގޮތްތައް އިރާދަކުރެއްވުން. އެކަލާނގެ މުޅި އިންސާނިއްޔަތަށް ރަޙްމަތެއް ކަމުގައި ފޮނުއްވާފައިވާ މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަދި އަޅުގަނޑުމެންނަކީ އަބަދުވެސް އެކުވެރި، އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ލެއްވުން. އަޅުގަނޑުމެންގެމެދުގައި އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓެވުން، އަޅުގަނޑުމެން ކުރަމުންގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލައްވައި، އެ މަސައްކަތްތަކުގެ ފައިދާ އަޅުގަނޑުމެންނަށް ދެއްކެވުން.
والسّـلام عليـكم ورحـمة اللّـه وبـركاتـه.