الحمد لله ربَِ العالمين، وَالصّـلاة وَالسّلام علـى أشرف المرسلين. سيِّدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.
އާދެ، މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ، ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަސް. މިރޭ އަޅުގަނޑުމެން މި ހަނދާން އާކުރަނީ، މީގެ ފަސް އަހަރު ކުރިން އައި މިފަދަ ރެއެއްގައި، ހަތިޔާރުއެޅި ޢަދުއްވުންގެ ބަޔަކު، ރާއްޖެއަށް ދިން ޢުދްވާނީ ޙަމަލައިން މާތް ﷲ ދިވެހިރާއްޖެއާއި ދިވެހިރާއްޖޭގެ ރައްޔިތުން ސަލާމަތްކުރައްވައި، ރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ދެއްވި މަތިވެރި ނަޞްރާއި ކާމިޔާބީ.
އާދެ، ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި މުބާރިކްބާދީ ދެންނެވުން. އާދެ، އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން ޙިމާޔަތްކޮށް، އަޅުގަނޑުމެންގެ ޤައުމުގެ ސަލާމަތްކަން ދަމަހައްޓައި، އަޅުގަނޑުމެންގެ ސިޔާދަތާއި އިސްތިޤްލާލު ރައްކާތެރިކުރުމުގެ ހެޔޮ ތައުފީޤު ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް މާތްﷲ ދެއްވި ކަމަށްޓަކައި އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަމުން، އެ މަތިވެރި ނަޞްރާއި ކާމިޔާބީގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހުރިހާވެސް ހެޔޮއެދުންތަކެއް ފޮނުވުމަކީ މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.
އާދެ، އެރޭ އަދި އެ ރެޔާ ވިދިގެން އައި ދުވަހު، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އަޅުގަނޑުމެންނަށް ލިބުނު ނަޞްރަކީ، ހަމައެކަނި اللهُ سُبْحَانَهُ وَتَعَالَى ދެއްވި ނަޞްރެއް. ނަޞްރު ދެއްވާ ފަރާތަކީ ހަމައެކަނި އެކަލާނގެ. އަޅުގަނޑުމެންނަށް މިރޭގެ މިޖަލްސާ އިފްތިތާޙުވަމުންދިޔައިރު އިވުނު، މާތް އާޔަތެއްގެ މާނައިގައިވެސް ވަނީ، ނަޞްރަކީ ހަމައެކަނި ﷲގެ ޙަޟްރަތުން ލިބޭ އެއްޗެކޭ. ވަރަށް ބޮޑު ޙަޤީޤަތެއް. ﷲގެ ތައުފީޤާއި ﷲގެ މިންވަރުފުޅާއި ﷲގެ އިރާދަފުޅާނުލައި އެއްވެސް ބަޔަކަށް އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެ. އަދި ޚާއްޞަކޮށް، މުއުމިނުންނާއި ޣައިރު މުއުމިނުންނާ ދޭތެރޭގައި ކުރެވޭ ހަނގުރާމައެއްގައި ނަޞްރު ލިބޭނީ ހަމައެކަނި ﷲ ނަޞްރު ދެއްވި ފަރާތަކަށްކަން ކަށަވަރު. ނަޞްރު ދެއްވުމަކީ، ތެދުވެރިގޮތުގައި ޖިހާދުކުރާ މުއުމިނުންނަށް ﷲ ވަޢުދުވެވޮޑިގެންފައިވާ ކަމެއް. "يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ" (سورة محمد-٧) އެފަދައިން. މާތްﷲ ވަޙީކުރައްވަނީ، "އޭ، އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ނަޞްރު ދީފިނަމަ ތިޔަބައިމީހުންނަށް ﷲ ނަޞްރު ދެއްވާނޭ. އަދި ތިޔަބައިމީހުންގެ ފައިތިލަތައް ސާބިތުކޮށްދެއްވާނޭ." އާދެ، ﷲއަށް ނަޞްރު ދިނުމަކީ އެކަލާނގެއަށް އީމާންވުން. އެކަލާނގެ ފޮނުއްވި މާތް ހިދާޔަތުގައި ސާބިތުކަމާއެކު ތިބުން. ﷲ އެންގެވި އުޞޫލުތަކަށް ރައްކާތެރިވުން. އެކަލާނގެ ފޮނުއްވި ދީނުގައިވާ ގޮތަށް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖައްސައި، އެގޮތުގެމަތިން ކުރިއަށްދިޔުން. ހަމައެއާއެކީގައި، އަޅުގަނޑުމެންނަށް ދިމާވާ ކޮންމެ ނުރައްކަލެއްގައި، އެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި ގަދައަޅައި މަސައްކަތްކޮށް ޖިހާދުކުރުން.
އާދެ، ނަޞްރަކީ ހަމައެކަނި މުއުމިނުން ކަމުގައިވީތީ ﷲ އެއްވެސް ބަޔަކަށް ދެއްވާނެ އެއްޗެއް ނޫން. އެ މުއުމިނުންނަކީ ތެދުވެރިކަމާއެކީގައި، އީމާންކަމާއެކީގައި ޖިހާދުކޮށް، ހަނގުރާމަކޮށް، މަސައްކަތްކުރާ ބަޔަކަށް ވެއްޖިއްޔާ މެނުވީ، ނަޞްރަކީ އެ ބަޔަކަށް ލިބޭނެ އެއްޗެއް ނޫން. އެކަން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ އިސްލާމީ ތާރީޚުގެ ފަތްފުށްތައް އުކާލުމުންވެސް އެނގޭ. އަދި ދުނިޔޭގައި ކަންތައްތައް ވަމުންދާގޮތުގެ މައްޗަށް ވިސްނާލިޔަސް އަޅުގަނޑުމެންނަށް އެކަން ސާބިތުވެގެންދޭ. އެއްވެސް ބަޔަކަށް ކާމިޔާބެއް ލިބެނީ، އެބަޔަކު ކުރާ މަސައްކަތުންކަން އެއީ އަޅުގަނޑު ހިތުން، އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެން ވާނެ ކަމެއް ނޫން. އެހެންކަމުން، ނޮވެމްބަރު 3 ވަނަ ދުވަހުގެ ޢުދްވާނީ ޙަމަލާގައި، އަޅުގަނޑުމެންނަށް ﷲގެ ނަޞްރު ލިބުނީވެސް އެ ނަޞްރު ހޯދުމަށްޓަކައި، ދިވެހި ރައްޔިތުން ކުރެއްވި މަތިވެރި ޖިހާދެއްގެ ސަބަބުން ކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. ޙަޤީޤަތަކީވެސް ހަމަ އެއީ. އެދުވަހު ޖިހާދުކުރީ ރާއްޖޭގެ އެންމެހައި ރައްޔިތުން. ރާއްޖޭގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ސިޔާސީ ހޭލުންތެރިކަމެއްގެ ބޮޑުކަމުން. އަދި ރާއްޖޭގެ ރައްޔިތުންނަކީ، ޤައުމުދެކެ ލޯބިވާ، އަޅުގަނޑުމެންގެ މިނިވަންކަމަށްޓަކައި ފަޚުރުވެރިވާ ބަޔަކަށްވީތީ. ރާއްޖޭގެ ރައްޔިތުން ކުރެއްވި ޖިހާދުގެތެރޭގައި، އެ ދުވަހުގެ ޚަބަރުތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ދެއްވަމުން ގެންދެވުން ހިމެނޭ. މާލެއާއި ރާއްޖެތެރޭގައި. އަދި ސަރުކާރުން އަންގާލި ކޮންމެ ކަމަކަށް ތައްޔާރަށް ތިއްބެވިކަން، ރައްޔިތުން ވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެދުވަހު އަންގަވާފައި. އަދި މީގެއިތުރުން، އެކި ކަންތައްތައް ރާވައި ބާޣީންނަށް ޙަމަލާ ދިނުމުގެ ކަންތައްތައްވެސް މާލޭގައި، އަދި ކޮންމެވެސްވަރަކަށް ރާއްޖެތެރޭގައިވެސް ހިނގަމުންދިޔަކަން ތިޔަބޭފުޅުންވެސް ދެނެވަޑައިގަންނަވާނެ. އަދި ސަރުކާރުން ބޭނުންވި ހިނދު އެކިއެކި އޮޑިދޯނިފަހަރާއި ލާންޗުތައް އަމިއްލަ ފަރާތްތަކުން، އެއްވެސް ޚަރަދެއްނެތި ޤައުމަށްޓަކައި ތައްޔާރުކުރައްވައި، ސަރުކާރުގެ ބޭނުމަށް ދޫކުރެއްވިކަންވެސް އަޅުގަނޑުމެން ދަންނަމު. ހަމަ އެފަދައިން، ބާޣީން މާލެއަރައި، އެބައިމީހުން ބޭނުންވާ ގޮތްގޮތަށް ކަންތައްތައް ކުރަމުން ގެންދިޔައިރު، އެމީހުންނަށް އެހީތެރިކަމުގެ އެއްވެސް އަތެއް، ދިވެހި އެއްވެސް ރައްޔިތަކު ނުފޯރުވާކަންވެސް އަޅުގަނޑުމެންނަށް ވަނީ އެނގިފައި. އެހެންކަމުން، ދިވެހި ރައްޔިތުން އެދުވަހު އެ ކުރެއްވި މަތިވެރި ޖިހާދާއި، އަޅުގަނޑުމެންގެ ތެރެއަށް އަރައިގަނެގެން އުޅުނު ބާޣީންނަށް ޙަމަލާދީ، އެބައިމީހުން ބަލިކުރުމުގައި ރައްޔިތުން ޙިއްޞާކުރެއްވި މިންވަރު އެއީ، އަޅުގަނޑުމެން އަބަދުވެސް ޤަބޫލުކުރަންޖެހޭ، އަދި ދަންނަންޖެހޭނެ ކަމެއް. ހަމައެއާއެކުގައި، އަޅުގަނޑުމެންގެ ސިފައިން ކުރި، މަތިވެރި ޖިހާދަކީވެސް ދުވަހަކުވެސް އަޅުގަނޑުމެން ހަނދާންނައްތާލައިގެން ވާނެ ކަމެއް ނޫން. ވަރަށް ކުއްލިގޮތެއްގައި އެރޭގެ ޙަމަލާ އައީ. އެއްވެސް ފަރާތަކުން އެއްވެސް ކަހަލަ އިޝާރާތެއްނުވެ، ކުއްލިއަކަށް ބަޔަކުއައިސް ހަނގުރާމަވެރި ހަތިޔާރުތައް ބޭނުންކޮށްގެން ސިފައިންގެ މައި މަރުކަޒަށް ޙަމަލާދެމުން ގެންދިޔައީ. ހަމަ އެވަގުތުން ފެށިގެން ރާއްޖޭގެ ހިތްވަރުގަދަ ސިފައިން ސާބިތުކޮށްދިން ހިތްވަރާއި އަދި ފަންވަރަކީ، އަޅުގަނޑުހިތުން މިއަދު އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އެކަމާ ދޭތެރޭގައި ޝައްކެއްކުރާނެ ކަމެއް ނޫން. ވަރަށް ވަރުގަދަ ޖިހާދަކަށްފަހުގައި، ވަރަށް ވަރުގަދަ ހަނގުރާމައަކަށްފަހުގައި އަޅުގަނޑުމެންނަށް ﷲ ނަޞްރު ދެއްވީ. ނަޞްރު ދެއްވީ، ކުރިންވެސް ދެންނެވި ފަދައިން، އެކަމަށްޓަކައި ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރާއި، ދިވެހި ސިފައިން ކުރި މަތިވެރި ހިންމަތާއި މިންނަތުގެ ސަބަބުން.
އާދެ، އެދުވަހު ޝަހީދުވެގެންދިޔަ ދިވެހިންނަކީ، އެބަޔަކަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވުން ޙައްޤު ބައެއް. އޭގެތެރޭގައި، ސިފައިންގެ މީހުންވެސް ހިމެނޭ. އަދި ޢާންމު ރައްޔިތުންގެ އެތައް ބަޔަކުވެސް ހިމެނޭ. އެ ހުރިހާ އެންމެންގެ ލޭ އެދުވަހު އެ އޮހޮރުވާލީ އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހި ފަސްގަނޑުން ޢަދުއްވުން ބޭލުމަށްޓަކައި ކުރި ޖިހާދުގައި، ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމުގެ މަގުގައި ކުރި މަސައްކަތުގައި. އެހެންކަމުން، އެ ޝަހީދުވެގެންދިޔަ މީހުންނަކީ، ރާއްޖޭގެ ތާރީޚުގައި އަބަދުވެސް ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރެވޭނެ އަބްޠާލުންތަކެއް ކަމުގައި އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަން.
އާދެ، ޝަހީދުންނަކީ މަރުވެގެންދާ ބައެއް ނޫން. އެމީހުންގެ ނަފްސުތަކާއި ފުރާނަތައް، އަދި އެމީހުންގެ ހަށިތައް އަޅުގަނޑުމެންގެ ތެރޭގައި ނެތްކަމުގައިވިޔަސް، އެބަމީހުންނަކީ ﷲގެ ޙަޟްރަތުގައި ދެމިތިބި ބައެއް. އެކަލާނގެ ނިޢުމަތް ލިބިތިބި ބައެއް. ﷲ ވަޙީކުރައްވަނީ، " وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتًۢا ۚ بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ. فَرِحِينَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ وَيَسْتَبْشِرُونَ بِٱلَّذِينَ لَمْ يَلْحَقُوا۟ بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ." (آل عمران – ١٧٠،١٦٩) ﷲ ވަޙީކުރައްވަނީ، "ﷲގެ މަގުގައި ޝަހީދުވެގެންދިޔަ، މަރުވެގެންދިޔަ މީހުންނަކީ، މަރުވެފައިވާ ބައެއްކަމުގައި ހީނުކުރާށޭ! އަދި ކިއެއްތަ! އެބައިމީހުންނަކީ، އެބައިމީހުން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟްރަތުގައި ދިރިދެމިތިބި ބައެކޭ. އެބައިމީހުންނަށް ރިޒްޤު ލިބިލިބި ހުރި ޙާލުގައޭ. އަދި އެބައިމީހުން ވަނީ، ﷲ އެބައިމީހުންނަށް ދެއްވި ފަޟްލުވަންތަވެރިކަމުން އުފަލުން ފުރިފައޭ. އަދި އެބައިމީހުންގެ ފަހަތުން، އެބައިމީހުންނާ ހަމައަށް ނައިސް ތިބި މީހުންނާމެދު އެބައިމީހުންގެ މައްޗަށް އެއްވެސް ބިރުވެރިކަމެއް ނެތޭ. އެބައިމީހުންނަކީ ހިތާމަކުރާ ބަޔަކުކަމުގައިވެސް ނުވެއޭ." އާދެ، ޝަހީދުންނަކީ މިފަދަ މާތް ބައެއް. ޝައްކެއްނެތް، އެދުވަހު، ނޮވެމްބަރު 3ގެ ޢުދުވާނީ ޙަމަލާގައި، ދިވެހީންގެ ތެރެއިން މަރުވެގެންދިޔަ އެންމެންނަކީވެސް ޝަހީދުން. އެބައިމީހުން ތިބީ، މި އާޔަތުގައި އަންގަވާފައި އެވާ ގޮތުގެމަތިން ﷲގެ ޙަޟްރަތުގައި، ﷲގެ ނިޢުމަތުގައި ރިޒްޤު ލިބިލިބި. އާދެ، އެހެންކަމުން، އެމީހުންނަށް އެ ލިބުނު މަތިވެރި ނަޞީބާ ދޭތެރޭގައި އަޅުގަނޑުމެން އުފާކުރުމަކީ އެކަށީގެންވާ ކަމެއް.
އާދެ، ޝަހީދުވެގެންދިޔަ މީހުންގެ އިތުރުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރި، ވަރަށް ގިނަ ދިވެހިން އެދުވަހު ތިބި. ވަރަށް ގިނަ ހިތްދަތި ކަންތައްތަކާ ކުރިމަތިލާންޖެހުނު ދިވެހިން ތިބި. އެ ހުރިހާ އެންމެންވެސް ޤައުމަށްޓަކައި އެދުވަހު އެވީ ޤުރްބާނީއަކީ، އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ ޤުރްބާނީއެއް. އާދެ، އޭގެތެރޭގައި އެމީހުން ހައިޖެކް ކޮށްގެން ގެންދިޔަ ބޯޓުގައި ތިއްބެވި ދިވެހި ރައްޔިތުން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭ. އޭގެތެރެއިން އެއްބައިމީހުން ޝަހީދުވެގެންދިޔައީ.
އާދެ، މިރޭ އަޅުގަނޑުމެންގެ ޖަލްސާ ފަށްޓަވައިދެއްވި ޤާރީ އަޙްމަދު ތައުފީޤުގެ ބައްޕަ، އަލްފާޟިލް ދިރިމާ ޢަބްދުއްރަޙްމާންވެސް އެދުވަހު ޝަހީދުވެގެންދިޔަ. އަދި އޭގެއިތުރުން، ދިވެހީންގެ އެތައް ބަޔަކު އެޙާދިޘާގައި ޝަހީދުވެގެންދިޔަ. އަދި އޭގެއިތުރުން، އެ ނުރައްކާތެރި ދަނޑިވަޅުގައި، ވަރަށް ދަތިޙާލުގައި ކެތްތެރިކަމާއި ސާބިތުކަމާއެކީގައި ތިއްބެވި ބޭފުޅުންކޮޅެއްވެސް އަޅުގަނޑުމެންގެ ހަނދާނަން ގެންނަންޖެހޭ. އޭގެތެރޭގައި، އަލްފާޟިލް އަހްމަދު މުޖްތަބާ އަދި އެމަނިކުފާނުގެ އަނބިކަނބަލުން، އަދި އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖްލިސްގެ ޢިއްޒަތްތެރި މެންބަރެއް ކަމުގައިވާ އަލްފާޟިލް އިސްމާޢީލް ނަޞީރު، އަޅުގަނޑުމެން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރަން. އަދި އެބޭފުޅުން އެދުވަހު ރާއްޖެއަށްޓަކައި އެ ވެވަޑައިގެންދެއްވި ޤުރްބާނީއަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށް ޝުކުރާއި ތަޢުރީފު ރައްދުކުރަން. ހަމައެފަދައިން، އެދުވަހުގެ އެ ނުރައްކާތެރި ޙާދިޘާގައި ވަރަށް ހިތްދަތި ގޮތްތަކެއް ދިމާވި އަދި ޖިސްމާނީގޮތުންވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިވަޑައިގެންނެވި އެހެން ޢިއްޒަތްތެރިޔަކު މިއަދު ހެނދުނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ހިތާމަވެރި ޚަބަރު އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އާދެ، އެއީ އަލްމަރްޙޫމް މާހޮއްކޮ ދޮހޮއްކޮ. އެހެންކަމުން، އޭނާގެ ޢާއިލާގެ ބޭފުޅުންނަށްވެސް މި ހިތާމަވެރި ޙާދިސާއާ ގުޅިގެން ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ދިވެހި ސަރުކާރުގެ ނަމުގައާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ތަޢުޒިޔާ ދެންނެވުމަށް މިފުރުޞަތުގެ ބޭނުންކުރަން.
ޝަހީދުވި މީހުންގެ ޢާއިލާތަކަށް އެހީވެދިނުމަކީ، ޝައްކެއްނެތްގޮތުގައި، ޤައުމީ ވާޖިބެއް. އެ ވާޖިބު މިހާތަނަށްވެސް އަޅުގަނޑުމެން މިއައީ އަދާކުރަމުން. އަދި، އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައިވެސް އެ ވާޖިބު އަޅުގަނޑުމެން އަދާކުރަމުން ގެންދާނަން. ޝަހީދުންގެ ޢާއިލާތަކަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ވެދެވެންހުރި ހުރިހާ އެހީތަކެއް ވަނީ ވެދެވިފައި. އަދި މިހާރުވެސް އެފަދަ އެހީތައް ވަމުން މިގެންދަނީ. އަޅުގަނޑުމެންގެ އިޚްލާޞްތެރި އެދުމަކީ، އެ ޢާއިލާތަކުގައި ހިމެނޭ އެންމެންވެސް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގައި ﷲ ލެހެއްޓެވުން. އަދި އެމީހުންނަށް ހުރިހާގޮތަކުންވެސް ތަނަވަސްކަމާއި އުފާފާގަތިކަން މިންވަރު ކުރެއްވުން.
އާދެ، ނޮވެމްބަރު 3ގެ ޢުދްވާނީ ޙަމަލައާ ގުޅިގެން، ބައިނަލްއަޤްވާމީ ދާއިރާގައިވެސް އަޅުގަނޑުމެން މަސައްކަތްތަކެއް ކުރީމު. އަދި މިސަރަޙައްދުގައިވެސް އެކަން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަވެގެންދިޔައީ. އަޅުގަނޑުމެންނަށް އެދުވަހު އެހީތެރިވެދެއްވީ، ދެންމެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓެރީގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، އެންމެ ޚާއްޞަ އެހީއެއް ވެދިން ފަރާތަކީ އިންޑިއާ. އާދެ، އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނަށް އެދުވަހު އެ ވެދެއްވި ކުއްލި އަދި ބޭނުންތެރި މުހިންމު އެހީއާނުލައި، އަޅުގަނޑުމެންނަށް އެދުވަހު ކަންތައްތައް ގެންދިޔުން ވަރަށްވެސް ދަތިވީސް.
އާދެ، އިންޑިއާއިން އެފަދަ އެހީއެއްވެދިނުމަކީ، އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ، ފަހަރެއްގައި ވަރަށް ފަސޭހަ ކަމަކަށް ވެދާނެއޭ. އެހެންނަމަވެސް، ޙަޤީޤަތަކީ އެއެއް ނޫން. އިންޑިއާއަކީ، އަޅުގަނޑުމެންގެ ނިސްބަތުގައި ބޮޑު ޤައުމެއް. މިސަރަޙައްދުގައި އޮތް، މީހުން ގިނަ އަދި ޤާބިލިއްޔަތުވެސް ބޮޑު ޤައުމެއް. އެހެންނަމަވެސް، މިކަހަލަ ކަންތައްތަކާ ކުރިމަތިލުމުގައި، ދުނިޔޭގައި އޮތް އެންމެ ބާރުގަދަ، ބޮޑެތި ޤައުމުތައް މެނުވީ، ވަގުތުން ފިޔަވަޅުއެޅޭ ގޮތަކަށް ނެތް. އެހެންނަމަވެސް، އޭރު އިންޑިއާގެ ބޮޑުވަޒީރަކަށް ހުންނެވި މިސްޓަރ ރާޖީވް ގާނދީ، ދިވެހި ސަރުކާރުން ދެންނެވި ދެންނެވުމަކަށް، ވަރަށް ކުއްލިގޮތެއްގައި އެ އެހީ ފޮނުއްވަން ހަމަޖެއްސެވި. އެފަދަ އެހީއެއް ފޮނުވުމަކީ ފަސޭހަ ކަމަކަށްނުވި. އެއީ، އެގޮތަކަށް އިންޑިއާވެސް ތައްޔާރުވެފައި ނެތުމާ އެކީގައި. އެންމެ ފުރަތަމަ، ކަމާބެހޭ މަޢުލޫމާތުވެސް އެފަރާތަށް ލިބިފައިވަނީ ޙަޤީޤަތާ އެއްގޮތަކަށް ނޫން. ފަހުން އަޅުގަނޑު ގާތުގައި އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވި. ތިމަންނަމެންނަށް އޭރު ޚަބަރު ލިބިފައި އޮތީ، ރާއްޖެއަށް، ހަތިޔާރުއެޅި 1600 މީހުން ޙަމަލަދީ، މާލެ އަތުލައިފި ކަމަށޭ. އާދެ، ފަހުން އަޅުގަނޑުމެންނަށް އެނގުނު ގޮތުގައި، އެ ޢަދަދު އެއަށްވުރެ މާ މަދު. އެހެންވީމާ، ފުރަތަމަ އިންޑިއާ ސަރުކާރުން އުޅުއްވީ، 1600 މީހުން ބަލިކުރެވޭވަރުގެ ލަޝްކަރެއް ރާއްޖެއަށް ފޮނުވަން. ޝައްކެއްނެތް، އެ ވާނެ ވަރަށް ބޮޑު ކަމަކަށް. އިތުރު މަޢުލޫމާތު ހޯއްދެވުމުން، އެއަށްވުރެ ޢަދަދު މަދުކަމަށް އެނގިގެންދިޔައީ. އެހެންނަމަވެސް، އެ ޢަދަދަކީ 400 ކަމަށް، އެންމެފަހުންވެސް އެފަރާތަށް އެނގިފައި އޮތީ. ޙަޤީޤަތުގައި އެ ޢަދަދު މަދުނަމަވެސް، އިންޑިއާ ސަރުކާރުން ތައްޔާރުވެވަޑައިގަތީ، 400 މީހުންގެ ލަޝްކަރަކާ ކުރިމަތިލެއްވުމަށް. އަދި ރާއްޖެ އޮންނަގޮތް އެއީ، އަޅުގަނޑުމެންނަށް އެނގޭ އެއްޗެއް ކަމުގައިވިޔަސް، އަދި ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ރައްޔިތުންނަށް އެނގޭ އެއްޗެއް ކަމުގައިވިޔަސް، އިންޑިއާގެ ޢަސްކަރީ ދާއިރާތަކަށް ރާއްޖޭގެ ޖުޣްރާފިޔާ އޮންނަގޮތެއް، ރަށްތައް ހިމެނިފައިވާ ގޮތެއް، މާލެއާއި ހުޅުލެއާ ދޭތެރޭގައިވާ ދުރުމިނެއް، ނުވަތަ އަޅުގަނޑުމެންގެ ސަރަޙައްދުގެ ބޮޑުމިނެއް އެހާ ރަނގަޅަކަށް ފާހަގަވެވިފައެއް ނެތް. ފުރަތަމަ އެމީހުން ޤަޞްދުކުރީ ވައިކުޑައިން ސިފައިން ބާލަން. އެހެން ބާލާއިރުވެސް ކޮންތާކަށްތޯ ބާލާނީ، ހުޅުލެއަށްތޯ، މާލެއަށްތޯ، މިކަހަލަ ކިތަންމެ ސުވާލުތަކެއް ކުރިމަތިވި. އަދި އެފަދަ ކަމެއް ކުރުމުން، ކިހާވަރެއްގެ ގެއްލުންތަކެއް އިންޑިއާ ސިފައިންނަށް ލިބޭނެތޯ، އެއީވެސް އެބޭފުޅުން ވަޒަންކުރައްވަން ޖެހުނު ކަމެއް. މިކަންތައްތައް މިހެން ހުރުމާއެކީގައި، މި ޙަމަލާގެ ކަންތައް ނުވަތަ އިންޑިއާ ސިފައިންގެ ކަންތައް، އިންޑިއާގެ އެހީގެ ކަންތައް ރާވައި ހިންގުމަށް ގިނަ ގޮތްގޮތަށް ވިސްނައި ގިނަ ވަގުތުތަކެއް ހޭދަވި. އެހެންނަމަވެސް، އެބޭފުޅުން ޤަޞްދުކުރެއްވީ، ކޮންމެގޮތެއްގައިވެސް ރާއްޖެ ފަދަ ކުޑަ ޤައުމަކުން އިންޑިއާގެ އެހީއަށް އެދުނު ހިނދު، އެ އެހީ ވަގުތުން ވެދެއްވަން.
އާދެ، ދިވެހި ސަރުކާރުން އެހީއަށް އެދުނީ، ހަމައެކަނި އިންޑިއާ ސަރުކާރުގާތަކު ނޫން. އަޅުގަނޑުމެން ވަރަށް ގިނަ ޤައުމުތަކުން އެހީއަށް އެދުނިން. އަޅުގަނޑުމެންގެ ރަޙްމަތްތެރި ހުރިހާ ޤައުމަކަށްވެސް އެހީވެދެއްވުމުގެ ފުރުޞަތު އޮތް ކަމަށް ފެންނާތީ، އެޤައުމުތަކަށް އަޅުގަނޑުމެން އިލްތިމާސް ކުރިން. އެހެންނަމަވެސް، އެޤައުމުތަކުންވެސް ވާހަކަ ދައްކާފައި އެއްބަސްވެވުނީ، އަޅުގަނޑުމެންނާ އެންމެ ކައިރީގައި އޮތް، ޢަސްކަރީގޮތުންވެސް އެންމެ ޤާބިލިއްޔަތު ހުރި ޤައުމަކީ އިންޑިއާ ކަމަށްވާތީ، އިންޑިއާ ސިފައިންނަށް އެކަންތައް ދޫކޮށްލަން. އެހެން ހުރިހާ ޤައުމެއްގެވެސް އެއްބަސްވުމާއެކީގައި. ވީމާ، އެގޮތުން އެކަންތައްތައް ދިޔައީ. ކޮންމެއަކަސް، އިންޑިޔާ ސަރުކާރުން އަޅުގަނޑުމެންނަށް އެދުވަހު އެ ވެދެއްވި އެހީއަކީ، ރާއްޖޭގެ މިނިވަންކަމަށާއި، ދިފާޢަށްޓަކައި އެފަރާތުން ވެދެއްވި، ވަރަށްވެސް މަތިވެރި، ލާމަސީލު އެހީއެކޭ އަޅުގަނޑަށް ދަންނަވަންޖެހޭ. އެހެންކަމުން، މިފަދަ ކޮންމެ މުނާސަބަތެއްގައި، އިންޑިއާ ސަރުކާރަށާއި، އަދި އިންޑިއާގެ އެކުވެރި ރަޙްމަތްތެރި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެފަދައިން، އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަޤާމުގައި އޭރު ހުންނެވި، ރާޖީވް ގާނދީގެ ހަނދާންތައްވެސް އަޅުގަނޑުމެން ވަރަށް އިޙްތިރާމާއެކު އާކުރަން.
އާދެ، ކުރިންވެސް އަޅުގަނޑު ދަންނަވާލި ފަދައިން، މި ނޮވެމްބަރު 3ގެ ޙާދިޘާއަކީ، އޭގެ ސަބަބުން ބޭރު ދުނިޔޭގައިވެސް ކަންތައްތަކެއް ހިނގައިދިޔަ، ނުވަތަ ހިނގަމުންދާ ޙާދިޘާއެއް. ކުދި ޤައުމުތަކުގެ ސަލާމަތާބެހޭ މައްސަލަ، ދުނިޔޭގެ ސަމާލުކަމަށް އެންމެ ބޮޑަށް ގެނެސްދިނީ މި ޙާދިޘާ. އޭގެ ނަތީޖާއެއްގެ ގޮތުން، ދެންމެ އަލްފާޟިލް ޞަލާޙް ޝިހާބުގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، އ.ދ. މަޖްލިސްގެތެރޭގައިވެސް ބަޙުޘްކުރެވި، ޚިޔާލު ބަދަލުކުރެވި، މަސައްކަތްތަކެއް ކުރަން ފެށިފައި ވަނީ. އަޅުގަނޑުމެންގެ ރާއްޖޭގެ ފަރާތުން ހުށަހެޅި ދެ ޤަރާރެއް ވަނީ އ.ދ. މަޖިލީހުން ފާސްކުރައްވާފައި. ރާއްޖޭގެ ފަރާތުން ހުށަހަޅައިގެން ފާސްވެފައިވާ ހަމައެކަނި ދެ ޤަރާރަކީ މިއީ ކަމުގައިވެސް ދަންނަވަންޖެހޭ. ކޮންމެއަކަސް، އެ ދެ ޤަރާރު އެގޮތަށް ފާސްވެފައި އެވަނީ، ދިވެހިރާއްޖެއަށް އެދުވަހު އެ ދިމާވި ނުރައްކާތެރި ޙާދިޘާއާ ގުޅިގެން، ދުނިޔޭގެ އެހެން ކުދި ޤައުމުތަކަށްވެސް، މިފަދަ ނުރައްކާތެރި ޢުދްވާނީ ޙަމަލަތައް ދިމާވެދާނެތީ، އެކަމަށް ހުރަސްއެޅުމުގެ ގޮތުން. އެފަދަ ކަމެއް ދިމާވެއްޖެ ބަޔަކު އެހީއަށް އެދޭނީ ކިހިނެއްތޯ، އެ އެހީ ހޯދާނީ ކޮންގޮތަކުންތޯ، ކޮން ފަރާތަކުންތޯ އެހީވެދޭނީ، އަދި ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން އެކަމަށް އިޢުތިރާޟު ނުކުރާފަދަ ގޮތެއްގައި، ވަގުތުން ފުރިހަމައަށް އެހީވެދެވޭނީ ކޮން އުޞޫލަކުންތޯ ބެލުމުގެ މަސައްކަތްތައް އ.ދ. މަޖްލިސްގައި، އޭރުއްސުރެ ހިނގަމުން މިދަނީ. އަދިވެސް އެ މަސައްކަތް ދަނީ ކުރިއަށް. ކުރިއަށް އޮތް އަހަރުތަކުގައިވެސް އަޅުގަނޑުހިތުން އ.ދ. މަޖްލިސްގައި މި މައްސަލައާމެދު ބަޙުޘްކުރެވި، ގޮތްތަކެއް ހަމަޖެހިގެންދާނެ.
އާދެ، މިފަދަ ކަންތައްތައް މިހެން މެދުވެރިވާއިރު، އަނެއްކާވެސް ދަންނަވަންޖެހެނީ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅަކު އެ ވިދާޅުވި ފަދައިން، އަޅުގަނޑުމެންގެ ދާޚިލީ ކަންތައްތަކާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަންޖެހޭ. އަޅުގަނޑުމެންގެ މެދުގައި އޮންނަ ސީޔާސީ ހަމަޖެހުމާއި، ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި، އެއްބާރުލުން އެއީ ވަރަށް ބޮޑަށް އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަމެއް. ނޮވެމްބަރު 3ގެ ޙާދިޘާއާ ދޭތެރޭގައި ވިސްނާލިޔަސް، އަޅުގަނޑުމެންނަށް އެނގޭ، އޭގެތެރޭގައި، ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ބަޔަކު ބައިވެރިވިކަން. އެބައެއްގެ އެހީއާއި، އެބައެއްގެ މަދަދާއެކީގައި ބޭރުބަޔަކަށް ރާއްޖެއަށް ޙަމަލާދެވުނީ. އެހެންވީމާ، އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ ނުކުތާއެއް. ޤައުމުގެ ދާޚިލީ ކަންތައްތައް ހަމަޖެހިފައި އޮންނަ ގޮތް، ޤައުމުގެ އެއްބައިވަންތަކަން، މިކަންކަމަށް ބުރޫއަރާގޮތަކަށް އެއްވެސް ފަރާތަކުން ޢަމަލުކުރަމުންދާ ކަމުގައިވަނީނަމަ، މުސްތަޤްބަލުގައިވެސް މިފަދަ ނުރައްކާތެރި ދުވަސްތަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހިދާނެ. އެއީ، އަޅުގަނޑުމެން ފަހަރެއްގައިވެސް ހަނދާންނައްތާލައިގެން ވާނެ ކަމެއް ނޫން. އަޅުގަނޑުމެންނަކީ ކުޑަކުޑަ ޤައުމެއް. އަޅުގަނޑުމެންނަކީ އަބަދުވެސް އަޅުގަނޑުމެން ތަކުރާރުކޮށް ހަނދާންކުރާ ފަދައިން، އެއްދީނެއްގެ އަހުލުވެރިން. އެއްބަހަކުން ވާހަކަދައްކާ ބައެއް. އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ ދީނީ، ނުވަތަ މަޛްހަބީ ޚިލާފެއް އުފެދިފައެއް ނެތް. ބަހުގެ މައްސަލަތަކެއްވެސް ނެތް. އެހެންކަމުން، އަޅުގަނޑުމެން މިތިބީ ވަރަށްވެސް ނަޞީބުވެރިގޮތަކަށޭ ދަންނަވަންޖެހޭ. އެ ނަޞީބު އަޅުގަނޑުމެން ދަމަހައްޓަންޖެހޭނެ. ޙިމާޔަތްކުރަންޖެހޭނެ. އެހެން ނަހަދައިފިނަމަ، އަޅުގަނޑުމެންނަށް މިފަދަ އެހެން ކަންތައްތައްވެސް ކުރިމަތިވެގެންދިޔުމަކީ އެކަށީގެންވާ ކަމެއް. އެއީ، ދުނިޔޭގައި މިހާރު ކަންތައްތައް ވަމުންދާ ގޮތުން، ބޭރުގެ ނުފޫޒުތައް، ކުދި ޤައުމުތަކުގެ މައްޗަށް ފޯރުމަކީ ވަރަށް ކައިރީގައި އޮންނަ ކަމެއް. ވަކިން ޚާއްޞަކޮށް، އެޤައުމުތަކުގައި ތިބޭ، ބައެއްކަހަލަ ފަރާތްތަކުން، ބޭރުގެ ފަރާތްތަކާ ގުޅައި، އެފަރާތްތަކުގެ އެހީ ހޯދަން މަސައްކަތް ކޮށްފިނަމަ، ބޭރުގެ ފަރާތްތަކުން އެފަދަ ނުފޫޒުތައް ކުދި ޤައުމުތަކަށް ފޯރުމަކީ، ވަރަށް ކައިރީގައި އޮންނާނެ ކަމެއް. އެކަން ދަނީވެސް ވަމުން. ދުނިޔޭގައި ހިނގަމުންދާ ކަންތައްތަކުން އެކަން އަޅުގަނޑުމެންނަށް ތަޖުރިބާވެސް ކުރެވޭ.
އާދެ، މި އަހަރަކީ، ރާއްޖޭގެ ރިޔާސީ އިންތިޚާބު ބޭއްވުނު އަހަރު. ރާއްޖޭގައި ރިޔާސީ އިންތިޚާބު ބޭއްވޭ ކޮންމެ އަހަރަކުވެސް، ކޮންމެވެސް ކަހަލަ ނޭދެވޭ ކަންތައްތަކެއް މިހާތަނަށް ވަނީ ހިނގަމުން އައިސްފައި. މިއަހަރު ފެށުނުއިރުވެސް، މިފަދަ ކަމެއް ހިނގާފާނެތީ، އެކަމަށް ދިވެހި ރައްޔިތުންގެ ސަމާލުކަން ހޯދުމަށްޓަކައި، ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، އަޅުގަނޑު ވާނީ ރައްޔިތުންގެ މަޖްލިސް މިއަހަރަށް ހުޅުވުނު ދުވަހު، އަޅުގަނޑު ދެއްކި ވާހަކައިގައި އެކަން ފާހަގަކޮށްފައި. އާދެ، އެދުވަހު އަޅުގަނޑު ދެއްކި ވާހަކައިގައި، އަޅުގަނޑު ގެނައި ޢިބާރާތްކޮޅެއް ދަންނަވާލުމަކީ، މުނާސިބު ނޫން ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. އާދެ، އެދުވަހުގެ ޕްރެޒިޑެންޝަލް އެޑްރެސްގައި އަޅުގަނޑު ދަންނަވާފައި ވާނީ މިދަންނަވާ ގޮތަށް.
"ކަން މިހެން އޮތްއިރު، މިއަހަރަކީ އަޅުގަނޑުމެން ވަކިން ޚާއްޞަގޮތެއްގައި، މިކަމާމެދު ވިސްނަންޖެހިފައިވާ އަހަރެއްކަމުގައި އަޅުގަނޑު މިދަންނަވާލަނީ، ވޭތުވެދިޔަ ތާނގެ ތަޖުރިބާގެ މައްޗަށް ބުރަވެހުރެގެން. ޤައުމާއި، ރައްޔިތުންނަށް އިޚްލާޞްތެރިކަންމަތީ ދެމިހުރެ. އާދެ، މިއަހަރަކީ ރާއްޖޭގެ ރިޔާސަތުގެ އާ ދައުރަކަށް މީހަކު ހޮވަންޖެހޭ ރިޔާސީ އިންތިޚާބުގެ އަހަރު. މީގެކުރިން މިއިންތިޚާބު ބޭއްވުނު ދެއަހަރުވެސް، އާދެ، 1983 ވަނަ އަހަރާއި، 1988 ވަނަ އަހަރުވެސް، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ކޮންމެވެސް ކަހަލަ ނޭދެވޭ ކަންތައްތަކެއް ހިނގާފައިވާކަން، އަޅުގަނޑުމެންނަށް ޖެހެނީ ހިތާމަޔާއެކުނަމަވެސް ޤަބޫލުކުރަން. އެއިން ކޮންމެފަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ދެއްކެވި އިޚްލާޞްތެރި، ވަފާތެރި، އަދި ހަރުދަނާ ސާބިތުކަން، ރާއްޖޭގެ ތާރީޚުގައި އަބަދުވެސް ރައްޔިތުން ހަނދާންކުރާނެ.
އެހެންވީމާ، މިފަހަރުވެސް އެ ދެފަހަރު ހިނގި ކަހަލަ ކަމެއް ހިނގިޔަ ނުދިނުމަށްޓަކައި، އެކަމާމެދު އަޅައިނުލައި ތިބުމަށްވުރެ ރައްކާތެރިކަން ބޮޑީ، އެފަދަ ކަންކަމާމެދު ހޭލުންތެރިވެގެން ތިބުން ކަމުގައި އަޅުގަނޑު ދެކެން. އަދި އެފަދަ ކަންތައްތައް ހިނގާނެ އެއްވެސް ފުރުޞަތެއް ނުދިނުން ކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވޭ. ހަމަ މިފުރުޞަތުގައި، ރައްޔިތުންގެ ވަކީލުން ކަމުގައިވާ ތިޔަ ޢިއްޒަތްތެރި މެންބަރުން މެދުވެރިކޮށް، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށްވެސް އަޅުގަނޑު ގޮވާލާނީ، އަޅުގަނޑުމެންގެތެރޭގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމާއި، އެއްބަނޑުއެއްބަފާ ކަމަށް ކުޑަވެސް ބުރުލެއް އެރިޔަނުދެއްވުމަށް. ޤައުމުގެ މަޞްލަޙަތާއި، ރައްޔިތުންގެ ފައިދާ އަމިއްލައަށް ވިސްނައި ވަޒަންކުރާ ބަޔަކުކަމުގައި އަޅުގަނޑުމެން އެންމެންވެސް ވުމަށް."
އާދެ، މިދެންނެވި ޢިބާރާތްކޮޅަކީ، މިއަހަރުގެ ޕްރެޒިޑެންޝަލް އެޑްރެސްގައި އަޅުގަނޑު ދަންނަވާލާފައިވާ ޢިބާރާތްކޮޅެއް. އެއީ، އަޅުގަނޑުމެންގެ ތާރީޚަށް ބަލާއިރު، މިފަދަ އަހަރުތަކުގައި، މިކަހަލަ ކަންތައް ވަމުން ގޮސްފައިވާތީ. އެހެންނަމަވެސް، ހިތާމައާއެކު ދަންނަވަންޖެހެނީ، މިފަދަ ގޮތަކަށް ވާހަކަ ދެއްކުމަށްފަހުގައިވެސް ކަންތައްތައް ހިނގައިދިޔައީކީ އަޅުގަނޑުމެން އެދޭގޮތަކަށް ނޫން. އަޅުގަނޑުމެންގެތެރޭގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ބަޔަކު ކަންތައްތަކެއް ރާވައި ހިންގިކަން މިހާރު ދިވެހި ރައްޔިތުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ.
އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މިފަދަ ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެއަށް ނުރައްކާތަކެއް އަތުވެދާނެކަމާދޭތެރޭގައި، އަޅުގަނޑުމެން ތިބެންޖެހޭނީ ލޯ ހުޅުވައިގެންނޭ. އެއީ، އަމިއްލަ އެދުން ކުރިއަށް ނެރޭ ބަޔަކު، އެބަޔަކުގެ އެ އެދުން ޙާޞިލްކުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއޭ. އަޅުގަނޑުމެންގެ ތާރީޚުން އެކަން އެނގެން އެބައޮތް. ދުނިޔޭގައި ކަންތައްތައް ވަމުންދާގޮތަށް ވިސްނާއިރު، އެކަން ރަނގަޅަށް ފެންނަން އެބަހުރި. އެހެންވީމާ، އަޅުގަނޑުމެންވެސް އަބަދުވެސް ޖެހޭނީ ސަމާލުވެ ތިބެން. ލޯހުޅުވައިގެން ތިބެން. އެކަހަލަ އެއްވެސް ކަމަކަށް އަޅުގަނޑުމެން ފުރުޞަތު ދީގެންނުވާނެ. އަޅުގަނޑުމެންގެ ޤައުމަކީ ވަރަށް ކުޑަކުޑަ އަދި ވަރަށް ބަލިކަށިގޮތެއްގައި، ބޭރުގެ ނުރައްކާތަކަށް ހުށަހެޅިފައިވާ ޤައުމެއް. އެކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ. އެކަމާމެދު ދިވެހި ރައްޔިތުންވެސް އަދި ދިވެހި ރައްޔިތުންނަށް ހެޔޮއެދޭ ފަރާތްތަކުންވެސް، އަޅުގަނޑުހިތުން، ވިސްނައި ފިޔަވަޅުތައް އަޅަންޖެހޭނެ.
ކުދި ޤައުމުތަކުގެ ސަލާމަތާ ބެހޭގޮތުން، ބައިނަލްއަޤްވާމީ ގޮތުން ފިޔަވަޅުތަކެއް އެޅުނުކަމުގައިވިޔަސް، އެޤައުމުތަކުގެ އަމިއްލަ ސަލާމަތަށްޓަކައި މަސައްކަތް ކުރަންޖެހޭނެ އެންމެ އިސް ފަރާތަކީ ހަމަ އެޤައުމުތައް. ދިވެހިރާއްޖޭގެ ދިފާޢުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރަންޖެހޭނީ ދިވެހި ރައްޔިތުން. މިއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް. ބޭރުގެ އެހީއެއް ލިބޭނެކަމަށް އަޅުގަނޑުމެން ބަލައިގެން ތިބޭކަށެއް ނުވާނެ. އަދި، އެ ލިބުނު ނަމަވެސް، އެ އެހީ ލިބެންޖެހޭނީ ފުރަތަމަ އަޅުގަނޑުމެންގެ އަމިއްލަ ދިފާޢުގައި އަޅުގަނޑުމެން އަޅާ ފިޔަވަޅެއް ހަރުދަނާކުރުމުގެ ގޮތުން، އެއަށް ލިބޭ އިތުރު ބާރެއްގެ ގޮތުން.
އެހެންވީމާ، ނޮވެމްބަރު 3ގެ ޙާދިޘާއިން ޢިބްރަތް ލިބިގަނެގެން، މިދިޔަ ފަސް އަހަރު ދުވަހުގެތެރޭގައި ސަރުކާރުން މަސައްކަތް ކުރަމުން އައިސްފައި މިވަނީ، އަޅުގަނޑުމެންގެ ދިފާޢީ ބާރުތައް ގަދަކުރެވޭތޯ. އާދެ، އެއީ ކުޑަކަމެއް ނޫން. ވަރަށް ބޮޑު ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ތަނަވަސްކަން ހުރިގޮތުންނާއި، ޤާބިލިއްޔަތު ހުރިގޮތުން ރާއްޖޭގައި، އެކަށީގެންވާ ޢަދަދަކަށް ތަމްރީނު ލިބިފައިވާ، އެކަށީގެންވާ ފެންވަރަކަށް ތަމްރީނު ލިބިފައިވާ ސިފައިން ބޭތިއްބުމަކީ ވަރަށް ބޮޑު ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ކުރެވެން އޮތް ވަރަކަށް އެކަންތައްތައް މިއަންނަނީ ކުރަމުން. ސިފައިންގެ ތެރެއަށް އިތުރަށް މީހުން ވައްދައި އަދި ސިފައިންގެ އަތުގައި އޭރުހުރި ހަތިޔާރަށްވުރެ ރަނގަޅު ފެންވަރެއްގެ ހަތިޔާރު އެމީހުންނަށް ހޯދައިދީ، އަދި އެ ހަތިޔާރުގެ ބޭނުންކުރަން ދަސްކޮށްދީ، ސިފައިންނާބެހޭ އެކިއެކި ތަމްރީނުތައް އެމީހުންނަށް ކޮށްދެވެމުން ގޮސްފައިވޭ. އޭގެތެރޭގައި، ރާއްޖޭގައި ކުރެވޭ ތަމްރީނުތަކާއި، ރާއްޖެއިން ބޭރުގައި ކުރެވޭ ތަމްރީނުތައް ހިމެނޭ.
ރާއްޖޭގައި، ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި އެ މަސައްކަތް ކުރެވޭ. ސިފައިންގެ ތެރެއަށް ވަންނަ މީހުންނަށް ދޭންޖެހޭ، އެންމެ އަސާސީ ތަމްރީނުތައް ދެވެނީ އެތާނގައި. އޭގެފަހުގައި ވަރަށް ގިނަ ޢަދަދެއްގެ މީހުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީނު ހޯދޭ. އަދި ބޭރު ޤައުމުތަކުގެ ޢަސްކަރީ ޓީމުތައް ރާއްޖެއަށް ގެނެސްގެން، އެފަދަ ތަމްރީނުތައް އިތުރަށް ދެވެމުން ގެންދެވޭ. މިދެންނެވި ގޮތުން، އެމެރިކާގެ ސިފައިންގެ ޓީމުތައްވެސް ރާއްޖެއަށް އައިސްފައިވޭ. އިނގިރޭސިވިލާތުގެ ސިފައިންގެ ޓީމުތައްވެސް ރާއްޖެއަށް އައިސްފައިވޭ. އަދި އަޅުގަނޑުމެން އެ ތަމްރީނުތައް ހޯދުމަށްޓަކައި އެ ޤައުމުތަކަށް ސިފައިންވަނީ ފޮނުވާފައި، އެކި ރޮނގު ރޮނގުން ޚާއްޞަވުމަށްޓަކައި. އަޅުގަނޑުމެންގެ އެހީތެރި ހުރިހާ ޤައުމަކަށްހެން، އެތަންތަނުން ލިބެންހުރި ސިފައިންގެ ތަމްރީނުތައް ހޯދުމަށްޓަކައި، އަޅުގަނޑުމެން މީހުން ފޮނުވަމުން ގެންދަމު. މިކަންކަމުގެ ބޭނުމަކީ، އަޅުގަނޑުމެންގެ ސިފައިންގައި ހުންނަ ޤާބިލިއްޔަތު އިތުރުކުރުން. އެމީހުންގެ ހުޝިޔާރުކަން އިތުރުކުރުން. އެމީހުންނަކީ ދިމާވާ ކޮންމެ ނުރައްކަލަކަށް ކުރިމަތިލުމަށް ކެރޭ، އަދި ކުރިމަތިލާނެގޮތް އެނގޭ ބަޔަކުކަމުގައި ހެދުން. ސަރުކާރަށް މިމަސައްކަތް ކުރެވެން އޮތް އެންމެ ބޮޑަކަށް، މިހާތަނަށް ވަނީ ކުރަމުން އައިސްފައި. އަދި މިހާރުވެސް އެމަސައްކަތްތައް މިގެންދަނީ ކުރަމުން. އެއީ ހަމައެކަނި ޢަސްކަރީގޮތުން ކުރަންޖެހޭ ކަންތައްތަކެއް ނޫން. ޢަސްކަރީގޮތުން ކުރަންޖެހޭ ކަންތައްތަކުގެ އިތުރަށް، ސިފައިންނަށް ބޭނުންވާ ތަފާތު ކަންތައްތަކެއް ހުރޭ. މިސާލަކަށް، ކޮމިއުނިކޭޝަންސްގެ ކަންތައްތައް. މިހާރު ސިފައިންގެ ތެރޭގައި އެބަތިބި ކޮމިއުނިކޭޝަންސްގެ ކަންތައްތައް ހަމަ އެންމެ މިޒަމާނުގެ ގޮތަށް ދަސްކޮށްފައި ތިބި މީހުން. އެމީހުން އަމިއްލައަށް އެކަންތައްތައް ކުރަނީ. އެއީ އެފަދަ ދަނޑިވަޅުތަކުގައި ވަރަށް މުހިންމު ކަމެއް. އަދި ޓްރާންސްޕޯޓާ ބެހޭ ކަންތައްތައް. ރާއްޖެ މިއޮންނަނީ ވަކިވަކި ޖަޒީރާތަކެއްގެ ގޮތުގައި. އެއް ރަށަކުން، އަނެއް ރަށަކަށް ދާންޖެހެނީ ލާންޗެއްގައި، ކަނޑުގައި ދުއްވާ އެއްޗެއްގައި. އެހެންވީމާ، އެފަދަ ވަސީލަތްތައްވެސް އަޅުގަނޑުމެންގެތެރޭގައި ހުންނަންޖެހޭ. އަދި، އެތަކެތި ބަލަހައްޓައި މަރާމާތުކުރަން ދަންނަ މީހުންވެސް ތިބެންޖެހޭ. އަދި އެތަކެތި ދުއްވަން އެނގޭ، އޭގައި ޙަރަކާތްތެރިވާންޖެހޭ ބަޔަކުވެސް ތިބެންޖެހޭ. އަދި އެއްގަމުގައި ދުއްވާ އެއްޗެހިވެސް ވަރަށް ގިނަ ޢަދަދަކަށް ގެންގުޅެންޖެހޭ. އެހެންކަމުން، އެމަސައްކަތް ކުރަން ދަންނަ މީހުންވެސް އުފައްދަންޖެހޭ. އެހެންވީމާ، މިހުރިހާ ރޮނގަކުން ސިފައިންނަށް އިތުރު ތަމްރީނުދީ، ސިފައިންގެ ފެންވަރު މަތިކުރުމަށްޓަކައި މިވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި، ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. އަދި އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައިވެސް ކުރަމުން ގެންދެވޭނެ. ހަމައެފަދައިން، އަޅުގަނޑުމެންގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމަށްޓަކައިވެސް ވަރަށް ގިނަ ފިޔަވަޅުތައް އެޅިފައި އެބަހުރި. މިސާލެއް ދަންނަވަންޏާ، މިހިސާބުގަނޑު ބެލެހެއްޓުމަށްޓަކައި، ސައުވީސް ގަޑިއިރުވަންދެން، ދުވާލަކު ސައުވީސް ގަޑިއިރު އެ ބެލެހެއްޓުމުގެ މަސައްކަތުގައި ތިބޭ، ސިފައިންގެ މީހުން އެބަތިބި. ކޯސްޓްގާޑް ޙަރަކާތްތެރިވާނެ، ހަމަ ސައުވީސް ގަޑިއިރުގެތެރޭގައި. އަބަދު މި ތިބެނީ ބަލަބަލާ. އަޅުގަނޑުމެންނަށް ލިބުނު މިންވަރަކުން ވޭލަރުވެސް ހޯދައި، އަޅުގަނޑުމެންގެ ރާއްޖެއާ އެކަށީގެންވާ ދުރުމިނެއްގައި އަބަދުވެސް ސަރަޙައްދު ބަލަމުންގެންދެވޭ. އެއްވެސް ދިމާއަކުން ކަނޑުންނަމަވެސް އަދި އެނޫންގޮތަކުން، ވައިގެމަގުންނަމަވެސް، ރާއްޖެއާ ދިމާއަށް އެއްޗެއް ދަތުރުކުރަންޏާ، އެ އެއްޗެއް ފާހަގަވާގޮތަކަށް، ކޮންމެވެސްވަރަކަށް އެ މަސައްކަތްވެސް ކުރެވޭ. ވައިގެ މަގުންވެސް ސަރވޭލަންސް މަސައްކަތް ކުރަމުން ގެންދެވޭ. އެހެންނަމަވެސް، މިކަންތައްތައް އަދި މިކުރެވެނީކީ އަޅުގަނޑުމެން އެންމެ އެދޭ ފެންވަރަކަށޭ އަޅުގަނޑު ނުދަންނަވާނަން. އެހެންނަމަވެސް، ކުރިޔާ އަޅައިބަލާއިރު، އިރާދަކުރެއްވީތީ ކުރިއަށްވުރެ މާބޮޑުތަން ރަނގަޅު ފެންވަރަކަށް، މިހާރު މިކަންތައްތައް ކުރެވެމުން އެބަ ގެންދެވޭ. އެހެންނަމަވެސް، މިކަމަށް އެޅޭ ހުރަސްތަކެއްވެސް އެބަހުރި. އޭގެތެރެއިން އެންމެ ބޮޑު ހުރަހަކީ، ސިފައިންގެ ޢަދަދު މަދުކަން. ބައެއް ބޭފުޅުން ހީފުޅުކުރައްވާނެ، ސިފައިންގެތެރޭގައި ވަރަށް ގިނަ މީހުން ތިބެއޭ. ދެން ކީއްވެބާއޭ ސިފައިން މަދޭ އެ ބުނަނީ. އެކަމަކު، ޙަޤީޤަތުގައި އަޅުގަނޑުމެން ބޭނުންވާވަރަކަށް ސިފައިންގެތެރެއަކު މީހުންނެއް ނެތް.
ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރުވެސް، އަދި އެހެން ޤައުމުތަކުގެ އާބާދީއާއި، އެ ތަންތާނގެ ސިފައިންގެ ޢަދަދާ އަޅައިބަލާއިރުވެސް، އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީއަށް ބޭނުންވާ ޢަދަދަށް، އަޅުގަނޑުމެންގެ ރާއްޖޭގައި، ސިފައިން ނެތްކަން ފާހަގަކުރެވޭ. އަދި، އަޅުގަނޑުމެންގެ ސިފައިންގެތެރޭގައި، ޙަޤީޤަތުގައި ޢަސްކަރީ ނޫން މަސައްކަތްކުރާ އެތައްބަޔަކުވެސް އެބަތިބި. މިސާލަކަށް، ފުލުހުން. އެއީ ކޮންމެހެން މިލިޓްރީ ކަންތައްތަކުގައި އުޅެންޖެހޭ ބައެއްނޫން. ވަކި ވާޖިބުތަކެއް އަދާކުރަން ތިބޭ ބައެއް. އެހެންނަމަވެސް، ފުލުހުންވެސް ހިމަނައިގެން، އަޅުގަނޑުމެން ސިފައިންނޭ މިކިޔާ މީހުންގެ ޖުމުލަ ޢަދަދުވެސް ރާއްޖެއަށް ބޭނުންވާވަރަށްވުރެ މާ މަދު. އެހެންކަމުން، ސިފައިންގެ ފަރާތުން ރައްޔިތުންނަށް ލިބެންޖެހޭ، ވަރަށް ގިނަ ކަންތައްތައް، ޚިދުމަތްތައް ނުދެވި އެބަހުރި. މިސާލެއް ދަންނަވަންޏާ، ޓްރެފިކް މައްސަލަތައް. އެވެސް މާލޭގައި ގައިމުވެސް މިހާރު ވަރަށް ބޮޑު މައްސަލައަކަށް އޮންނަނީ ވެފައި. އެކަމެއްވެސް އަޅުގަނޑުމެންނަށް ކޮށްދޭންޖެހޭ ފެންވަރަކަށް ކޮށެއްނުދެވޭ. މާލޭގައި ހިނގާ ނޭދެވޭ ކަންތައްތައް ހުއްޓުވައި، ޑްރަގުގެ ކަންތައްތަކާއި އަދި އެނޫންވެސް ޤަވާޢިދާ ޚިލާފު، ޤާނޫނާ ޚިލާފު ކަންތައްތައް ހުއްޓުވުމަށް ބޭނުންވާ ޢަދަދަކަށްވެސް ސިފައިންނެއް ނެތް. އަދި އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވާތީ، އަޅުގަނޑުމެންގެ ކޯސްޓްގާޑް ވަރުގަދަކުރަން ޖެހިފައިވާ ހިނދެއްގައި، އަދި ކޯސްޓްގާޑަކީ ކޮންމެ ވަގުތެއްގައި، ކޮންމެ ދިމާއަކަށްވެސް ޙަރަކާތްތެރިވެވޭފަދަ ޤާބިލިއްޔަތެއް ލިބިފައިވާ ބަޔަކަށްވާންޖެހޭ ހިނދެއްގައި، އަޅުގަނޑުމެންގެ ކޯސްޓްގާޑުގައި ހިމެނޭ އެތައް އުޅަނދެއް، މީހުން ނެތުމުގެ ސަބަބުން ޙަރަކާތްތެރި ނުވެފައި އެބަހުރި. އެ އުޅަނދުތައް މަރާމާތުކުރަންޖެހޭ ފެންވަރަށް މަރާމާތުނުކުރެވި އަދި އެ މެއިންޓެއިން ކުރާ، ނުވަތަ ޙަރަކާތްތެރިވާނެ މީހުން ނެތުމުން ހުއްޓިފައި އެބަހުރި. އަދި ސިފައިންނަކީ، ވަރަށް ޚާއްޞަ މަސައްކަތެއް ކުރާ ބަޔަކަށްވާތީ، އެމީހުންގެ ތެރެއަށް އާދައިގެ މަސައްކަތްކުރާ މީހުން، ޢާންމު ފަރާތްތައް ވެއްދުމަކީ އެދެވޭ ކަމަކަށް ނުވާތީ، ވަރަށް ގިނަ އެހެން ކަންތައްތައްވެސް ސިފައިން ގެންދަނީ ކުރަމުން.
ކުރިންވެސް ދެންނެވި ފަދައިން، ޓްރާންސްޕޯޓާބެހޭ ހުރިހާ ކަމެއް، އުޅަނދުތައް ބެލެހެއްޓުމާއި، އަދި މޯޓަރ ޓްރާންސްޕޯޓް ބައެއްވެސް އޮވޭ. ސިފައިންގެ ތެރޭގައި ހުންނަ އެކިއެކި ވެހިކަލްތައް މަރާމާތުކުރުމާއި، މިކަންތައްވެސް ކުރަނީ ހަމަ އެތާ އެތެރޭގައި. ޢިމާރާތް ކުރުމުގެ ފަންނު ދަސްކޮށްފައި ތިބި މީހުންވެސް އެބަތިބި. އެކިއެކި ރޮނގު ރޮނގުން، އިންޖިނިއަރިންގގެ ތަމްރީނު، އިންޖިނޭރުކަމުގެ ތަމްރީނު ހޯދާފައި ތިބި މީހުން ސިފައިންގެތެރޭގައި އެބަތިބި. އަދި އަލިފާނުގެ ހުރިހާ ކަމެއް ބަލަހައްޓަނީވެސް ސިފައިންކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެހެން ތަންތާނގައި އެއީ ކޮންމެހެން ސިފައިން ކުރާ ކަމެއް ނޫން. އެކަމަށް އޮންނާނެ ވަކި ބައެއް. އެކަމަކު ރާއްޖޭގައި އެއީ ހަމަ ސިފައިން ކުރާ ކަމެއް. ފަޔަރ ސަރވިސްއެއް އުފެއްދިފައި ވަނީ، ކުރިއަށްވުރެ ރަނގަޅު ފެންވަރަކަށް. ބޭނުންވާ ވެހިކަލްތަކާއި، އިކްވިޕްމަންޓްތައް ވަނީ ހޯދިފައި. އަދި ކުއްލި ޙާދިޘާތަކަށް ޙަރަކާތްތެރިވާނެ ގޮތުގައި ތިބޭ ބައެއް މިހާރު ވަނީ ތައްޔާރުކުރެވިފައި. އެމީހުންވެސް އަބަދު، ސައުވީސް ގަޑިއިރު ތިބެނީ ސަމާލުކަންމަތީ. އެވެސް ހަމަ ސިފައިންގެ، ވަރަށް ބޮޑު ބައެއް. އަދި މިނޫނަސް ތަފާތު މަސައްކަތްތަކުގައި އުޅެންޖެހޭ، ތަފާތު ކަންތައްތައް ސިފައިންގެތެރޭގައި މިހާރު ހިނގަމުންދޭ. އެކަންކަމަށް ބޭނުންވާވަރާ ގާތަށްވެސް މީހުން ނެތުމުގެ ސަބަބުން، އެއިން އެއްވެސް ކަމެއް ފުރިހަމަކޮށެއް ނުކުރެވޭ. ނަތީޖާއަކަށް ވަނީ، އަޅުގަނޑުމެންނަށް ކަމެއް ދިމާވާހިނދު، އެކަމަކާ ކުރިމަތިލާނެ ފުރިހަމަ ޤާބިލިއްޔަތު ލިބިފައި ނެތުން.
ރާއްޖޭގައި ސިފައިން މި ތިބެނީ ހަމައެކަނި ބޭރުން އަންނަ ޙަމަލައަކަށްޓަކައި، ރާއްޖެ ދިފާޢުކުރުމަކަށް ނޫން. ޙަޤީޤަތުގައި ޤައުމަށް ނުވަތަ ރައްޔިތުންނަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި އެންމެ އިސްކޮށް އުޅޭ ބައެއްގެ ގޮތުގައި. ކަނޑުގެ ޙާދިޘާއެއް ދިމާވިޔަސް ޙަރަކާތްތެރިވާން ތިބީ ހަމަ ސިފައިން. ކޯސްޓްގާޑުގެ މީހުން. އެކިއެކި ދޯނިފަހަރަށް ޖެހޭ މައްސަލަތަކުގައި، ވަގުތުން ކޯސްޓްގާޑުގެ ލާންޗުފަހަރު ގޮސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަރަށް ގިނަ ޢަދަދަކަށް ކުރެވެމުންދޭ. ޚާއްޞަކޮށް، ވިއްސާރަ މޫސުމުގައި. އަދި ކުރިންވެސް ދެންނެވި ފަދައިން، އަލިފާނުގެ ޙާދިޘާއެއް ހިނގިނަމަވެސް، ހަމަ ސިފައިން ވަގުތުން ޙަރަކާތްތެރިވެ، އެ މަސައްކަތް ކުރަމުން ގެންދޭ. އެކަންތައްތަކުގެ އިތުރަށް، ޞިއްޙީގޮތުން މީހަކަށް ކުއްލި ނުރައްކަލެއް ދިމާވިޔަސް، ކޮންމެ ތަނެއްގައި ހުއްޓަސް، އެމީހަކު ގެނެސްދިނުމުގެ ކަންތައްވެސް ހަމަ ސިފައިން ކުރަމުން ގެންދަނީ. ޚާއްޞަކޮށް، މާބަނޑު މީހުން. މާބަނޑު މީހުންނަށް ދިމާވާ ކުއްލި ކަންތައްތަކުގައި، ޕަބްލިކް ހެލްތުން އަންގަވާލައްވައިފި ކޮންމެ ވަގުތެއްގައި ސިފައިންގެ ލާންޗެއް ގޮސް، އެމީހަކު އެ ހުރި ރަށަކުން އެބަ ގެންނަންޖެހޭ، ކޮންމެ ދަންވަރެއްގައިވެސް. އަދި މިނޫން ކިތަންމެ ކަންތައްތަކެއްވެސް ސިފައިން ކުރަންޖެހޭ. މިހާ ބޮޑެތި ކަންތައްތައް ކުރާ ބައެއްގެ ތެރޭގައި، އެކަށީގެންވާ ޢަދަދަކަށް މީހުން ނެތުމަކީ ވަރަށްވެސް ދެރަކަމެއް، އުނިކަމެއް. އެހެންވީމާ ވާގޮތަކީ، ސިފައިންގެ ތެރޭގައި އުޅޭ މީހުންނަށް މަސައްކަތްވެސް ބުރަވަނީ. އެމީހުންނަށް ލިބެންޖެހޭވަރަށް އަރާމު ލިބޭނެ ވަގުތުވެސް ނުލިބެނީ. އަބަދު ޑިއުޓީގައި އުޅެންޖެހެނީ. މިހެންވީމާ، މަސައްކަތަށް ފޫހިވުމާއި، އެމަސައްކަތް ނުކުރެވުން އެއީ، ހަމަ އޮންނާނީ ވަރަށް ގާތުގައި. އެހެންނަމަވެސް ސިފައިން ހިތްހަމަޖެއްސުމަށްޓަކައިވެސް، ސިފައިންގެ ތެރޭގައި ގިނަ ކަންތައްތަކެއް ކުރެވެމުންދޭ. އޭގެތެރޭގައި ރިކްރިއޭޝަން އާދެ، މުނިފޫހިފިލުވުމުގެ ކަންތައްތައްވެސް ދޭ. ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ވަނީ މިހާރު ހޯދައިދެވިފައި. އަދި އަމިއްލައަށް މަޢުލޫމާތު އިތުރުކޮށް، ތަރައްޤީވާން ބޭނުންވާ މީހުންނަށް ލައިބްރަރީގެ ޚިދުމަތްވެސް މިހާރު ސިފައިންގެ ތެރޭގައި ލިބެންހުރޭ. މި ހުރިހާ ކަމެއްގެ އިތުރަށް، މެޑިކަލް ސަރވިސްވެސް މިހާރު އޮންނާނެ. ސިފައިންގެ ތެރެއިން ބަލިވާ މީހުންނަށް ބޭސްކޮށްދިނުމާ، މިކަންތައްތައް ކުރުމަށްޓަކައި.
އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މިހުރިހާ ކަމެއް މިގޮތަށް ކުރަންޖެހިފައިވާއިރެއްގައި އަދި ވަރަށް ޚާއްޞަ މަސައްކަތެއްވެސް ސިފައިންނާ ޙަވާލުވެފައިވާއިރެއްގައި، އެއީ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ސަލާމަތްކުރަން، ދިފާޢުކުރަން. މިފަދައިރެއްގައި މީހުން މަދުކަމަކީ ވަރަށްދެރަ ކަމެކޭ. އެހެންނަމަވެސް، އެކަމަށްޓަކައި މަސައްކަތްކުރިޔަސް މާބޮޑު ކާމިޔާބެއް ނުވެއޮތް ކަމެއްކަމުގައި އެކަން ދަންނަވަންޖެހޭ. އެއީ ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، ޖީ.ސީ.އީ. ނިންމާ ކުދިން، ތަޢުލީމީ ކުދިން ސިފައިންގެ ތެރެއަށް ވެއްދުމަށްޓަކައި، ސިފައިންގެ ތެރޭގައި ކުރެވެންހުރި މަސައްކަތްތަކާއި އަދި ކުރިއަށް ދެވެންހުރި ރޮނގު ރޮނގު ބަޔާންކޮށްދީ، އަންގައިދިނުމަށްޓަކައި އިސްކަންދަރު ސްކޫލްގައި ސިފައިން ޚާއްޞަ ޕްރޮގްރާމެއް ހިންގި. އަދި މިއަހަރުވެސް ޖީ.ސީ.އީ. ނަގާފައި ތިބި، އަދި ސަރުކާރުގެ ވަޒީފާއަށް ނުވަދެ ނުވަތަ އެކިއެކި ކަންކަމަށް ނުގޮސް ތިބި ކުދިންނާއި، އެ ކުދިންގެ ބެލެނިވެރިން ގެނެސްގެން، ސިފައިންގެ އޮފިސަރުން ވާހަކަ ދައްކަވާ ހައްދަވައި، ވަރަށް ގިނަ މަސައްކަތްވެސް ވަނީ ކުރައްވާފައި. އެހެންނަމަވެސް، އެކަމުގެ ނަތީޖާވެސް މާ އެދެވޭގޮތެއްގައި ލިބުނެކޭ ދެންނެވޭކަށް ނެތް.
އަޅުގަނޑުގެ ވާހަކައަކީ، ޤައުމުގެ ސަލާމަތްކަން ރައްކާތެރިކުރުމަށްޓަކައި އަދި ޤައުމަށް ދިމާވާ ބޮޑެތި ނުރައްކާތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ޤައުމުގެ މިނިވަންކަން ދިފާޢުކުރުމަށްޓަކައި ކޮންމެވެސް ބަޔަކު ތިބެންޖެހޭނޭ. އަދި އެ ތިބޭ ބަޔަކީ، އެވަގުތަކަށް އެ ދިމާވާ ކަންތައްތަކާ ކުރިމަތިލުމުގެ ޤާބިލިއްޔަތު ހުރި ބަޔަކަށްވެސް ވާންޖެހޭނެއޭ. ޢަދަދުގެ ގޮތުންވެސް އަދި އެމީހުންނަށް ލިބޭ ތަމްރީނުތަކުގެ ގޮތުންވެސް އަދި އެމީހުންނަށް ދެވިފައިވާ ހޭލުންތެރިކަމުގެ ގޮތުންވެސް، އެފަދަ ބަޔަކު އެކަށީގެންވާ ޢަދަދަކަށް ނެތި، އެއްވެސް ޤައުމަކަށް މިއަދުގެ ދުނިޔޭގައި ހިތްހަމަޖައްސާލައިގެން އަމާންކަމާއެކީގައެއް ނޯވެވޭނެއޭ. މިޙަޤީޤަތް އަޅުގަނޑުމެން ޖެހޭނޭ ޤަބޫލުކުރަން.
އެހެންވީމާ، އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ޒުވާނުންގެ ތެރެއިންވެސް މިކަމަށް ޝައުޤުވެރިކަން ހުންނަ މީހުން އެކަމަށް ކުރިމަތިލާން. އެމީހުން އެ ކުރިމަތިލަނީ ޤައުމީ ވަރަށް ބޮޑު ވާޖިބެއް އަދާކުރުމަށްކަން އެމީހުން ދަންނަންޖެހޭނެ. ކޮންމެވެސް އެއްބަޔަކު އެމަސައްކަތް ކުރާތީ، އަޅުގަނޑުމެން އެހެން މީހުން އަރާމުގައި ނިދަން މިލިބެނީ. ނުވަތަ އަމިއްލަ އާދައިގެ ވަޒީފާތަކުގައި އާމްދަނީ ހޯދުމުގެ މަސައްކަތުގައި އަޅުގަނޑުމެންނަށް ދިރި މިތިބެވެނީ. ހަމައެފަދައިން، ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓިފައިވާތީ، އަޅުގަނޑުމެންނަށް އިޤްތިޞާދީ އެއްވެސް މަސައްކަތެއްވެސް
މި ކުރެވެނީ. އަޅުގަނޑުމެން އަތަށް ލާރި މިއަރަނީ. ޓޫރިޒަމް ކުރިއަށްދަނީ. ރާއްޖޭގެ ވިޔަފާރި ކުރިއަށްދަނީ. ހައްތާވެސް އެ ޤައުމުގެ ތެރޭގައި ހަމަހިމޭންކަމާއި، އަމަންއަމާންކަމާއި ސަލާމަތްކަން ދެމިއޮންނާތީ. އެއިން ކަމެއް ނެތިގެން ހިނގައްޖެނަމަ، ހަމަ ހުރިހާ ކަމެއްދާނީ ސުމަކަށް. އިޤްތިޞާދީ ކުރިއެރުމެއްވެސް ނޯންނާނެ. ޓޫރިޒަމެއްވެސް ނޯންނާނެ. ވިޔަފާރިއެއްވެސް ނޯންނާނެ. އެހެންވީމާ، މިއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ.
އާދެ، ކޮންމެއަކަސް މިފަދަ މުނާސަބަތެއްގައި މިވާހަކަ ދެއްކުމަކީ، އަޅުގަނޑުހިތުން ހަމަ އެންމެ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެން މިރޭ މިފާހަގަކުރަނީ އަޅުގަނޑުމެންނަށް ﷲ ދެއްވި މަތިވެރި ނަޞްރެއް. އެކަމަށްޓަކައި އަޅުގަނޑުމެން މި އުފާފާޅުކުރަނީ. އަޅުގަނޑުމެން އެންމެންވެސް އެދެނީ ރާއްޖެއަށް އެފަދަ ކަމެއް ކުރިމަތިނުވުން. އަދި ކުރިމަތިވެއްޖެ ހިނދެއްގައި، އެކަމަކާ ކުރިމަތިލާނެ ޤާބިލިއްޔަތު އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައި އޮތުން. އަޅުގަނޑުމެންގެ ރާއްޖެއަކީ، އަމަންއަމާންކަން ލިބިފައިވާ، ޞުލްޙަމަޞްލަޙަތު ޤާއިމުވެފައިވާ ޤައުމެއް ކަމުގައި ހެދުމަށް އަޅުގަނޑުމެން އެންމެންވެސް އެދެނީ. އެގޮތުގައި އަޅުގަނޑުމެން މަސައްކަތް މިކުރަނީ. އެހެންވީމާ، މިފަދަ މުނާސަބަތެއްގައި، ޤައުމުގެ ސަލާމަތާބެހޭ ކަންތައްތަކާއި، ޤައުމުގެ ދިފާޢާބެހޭ ކަންތައްތަކުގެ ވާހަކަ ކޮންމެވެސްވަރަކަށް ދައްކައި، އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ޚިޔާލުކޮށް، މުސްތަޤްބަލަށްޓަކައި މަސައްކަތްތަކެއް ކުރަންވެއްޖެ ކަމުގައި އަޅުގަނޑު ދެކެން.
އާދެ، އަޅުގަނޑުގެ ވާހަކަ ވަރަށް ދިގުވެއްޖެ. އެހެންކަމުން، އަޅުގަނޑު ޤަޞްދުކުރަނީ މިހިސާބުން ވާހަކަ ނިންމާލަން.
އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު ދެއްވުން. އަޅުގަނޑުމެންނަށް އެކި ކަންކަމާ ކުރިމަތިލާނެ ހެޔޮ ވިސްނުމާއި ޤާބިލިއްޔަތު ދެއްވުން. އަޅުގަނޑުމެންނަށް ކުރިމަތިވާ ބޭރުގެ އެކިއެކި ނުރައްކާތަކުގެ މައްޗަށް އަޅުގަނޑުމެންނަށް އަބަދުވެސް ނަޞްރު ދެއްވުން. ހަމައެފަދައިން، އަޅުގަނޑުމެންގެ ތެރޭގައި ހުންނަ އަމިއްލަ އެދުމާއި، އަމިއްލަ މަޞްލަޙަތުގެ މައްޗަށްވެސް އަޅުގަނޑުމެންނަށް ނަޞްރު ދެއްވުން.
އާދެ، ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ފަދައިން، އެންމެ ބޮޑު ޖިހާދަކީ ނަފްސުގެ ޖިހާދު. ތިމާގެ އެތެރޭގައި އެނބުރޭ އެދުންވެރިކަމުގެ މައްޗަށް، އެކިއެކި އެދުންތަކުގެ މައްޗަށް ތިމާގެ ބާރު ހިންގުމަށްޓަކައި ކުރާ ޖިހާދު. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ މާތްﷲ އަޅުގަނޑުމެންނަށް އެ ޖިހާދުގައި އާދެ، އަޅުގަނޑުމެންގެ ނަފްސުގެތެރޭގައި ކުރަންޖެހޭ ޖިހާދުގައިވެސް މަތިވެރި ނަޞްރެއް ދެއްވުން. އަދި ރާއްޖެއަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކުން ރާއްޖެ ސަލާމަތްކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް އަބަދުވެސް ނަޞްރު ދެއްވުން. އަދި ރާއްޖެއަކީ އަމަންއަމާންކަން ލިބިފައިވާ، ޞުލްޙަމަޞްލަޙަތު ޤާއިމުވެފައިވާ، އެކުވެރި އުޚުއްވަތްތެރި، އެއްބަޔަކު އަނެއް ބަޔަކުދެކެ ލޯބިވާ، އެހީތެރިވާ ރައްޔިތެއް ދިރިއުޅޭ ޤައުމެއް ކަމުގައި ލެއްވުން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.