بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وأصْـحَابِه أجمـعـين.
އަޅުގަނޑު މިއަދު ނިލަންދުއަށް މިއައީ ރާއްޖޭގެ ފަސް އަތޮޅަކަށް، އާދެ، މެދުރާއްޖެތެރޭގެ ފަސް އަތޮޅަކަށޭވެސް ބުނެވިދާނެ، އެއަތޮޅުތަކަށް ކުރާ ދަތުރެއްގައި އެންމެފަހުން މަޑުކޮށްލާ ރަށެއްގެ ގޮތުން. މިއަދު އަޅުގަނޑު މީގެކުރިން ނިލަންދެއަތޮޅު ދެކުނުބުރިއަށް ޒިޔާރަތްކޮށްފިން. އެއަތޮޅުގެ ވެރިކަންކުރާ ރަށް، ކުޑަހުވަދުއަށް ގޮސް، ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. އޭގެފަހުން، އަޅުގަނޑު މިއައީ ނިލަންދެއަތޮޅު އުތުރުބުރީގެ ނިލަންދުއަށް. އާދެ، މިދަތުރަކީ ހަމައެކަނި ނިލަންދުއަށް ކުރާ ދަތުރެއް ނޫން. މުޅި އަތޮޅަށް، މުޅި އަތޮޅަށް ކުރާ ދަތުރެއްގެ ގޮތުގައި، މިދަތުރު މިއަތޮޅުގެ ރައްޔިތުން ދެކެވަޑައިގަތުމަށް އަޅުގަނޑު އެދެން. މިހެން ހަދަންޖެހުނީ، އަޅުގަނޑުގެ ވަގުތު ހުރިގޮތުން، އަތޮޅުގެ ހުރިހާ ރަށަކަށް މިފަހަރު ޒިޔާރަތް ކުރެވެން ނެތުމާއެކީގައި.
އާދެ، މިއަދު އަޅުގަނޑު ނިލަންދުއަށް އަންނާތީ، މިއަތޮޅުގެ އެހެން ރަށްރަށުގެ ޢިއްޒަތްތެރި ވެރިންވެސް މިތަނަށް ވަޑައިގެން އެބަތިއްބެވި. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި މިއަދު އަޅުގަނޑު ނިލަންދުއަށް އައުމުން، ނިލަންދޫގެ ވެރިންނާއި، ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ފެނުނު އިޚްލާޞްތެރި ހޫނު މަރުޙަބާގެ ޝުޢޫރުތަކަށްޓަކައި، އެ ބޭފުޅުން އަޅުގަނޑަށް އެ ދެއްވި މަތިވެރި ތަރުޙީބަށްޓަކައި މިރަށުގެ ވެރިންނަށާއި، ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަޅުގަނޑުގެ މިޝުކުރުގައި، މި އަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިން، އަލްފާޟިލް ކުޑަ އިބްރާހީމް މަނިކު ދޮންމަނިކުވެސް ހިމަނަން. އަދި އޭނާއަށް އެހީތެރިވެދެއްވުމުގެ ގޮތުން އަތޮޅުއޮފީހުގައި ވަޒީފާ އަދާކުރައްވާ ބޭފުޅުންނާއި، އަދި ނިލަންދޫގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ޢާންމު ރައްޔިތުންނާއި، ކިޔަވާކުދިންވެސް ހިމަނަން.
އާދެ، އަޅުގަނޑު މިރަށަށް އައުމުން، މިރަށުގެ ރައްޔިތުން އަޅުގަނޑަށް ވިދާޅުވި ހޫނު މަރުޙަބާއިން، އަޅުގަނޑަށް ދޭހަވަނީ، ރައްޔިތުންގެ ހިތުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަން. ހަމައެފަދައިން، މި ދަތުރަށްޓަކައި ރަށް ތައްޔާރުކުރައްވާފައިވާލެއް ފުރިހަމަކަމާއި، ޒީނަތްތެރި ކުރައްވާފައިވާލެއް ބޮޑުކަމުންވެސް އަޅުގަނޑަށް ދޭހަވަނީ ހަމަ އެ މާނަ. އާދެ، ރައްޔިތުންގެ ހިތުގައި ސަރުކާރާ ދޭތެރޭގައި އޮތް ތެދުވެރި، އިޚްލާޞްތެރި ޝުޢޫރު. އަޅުގަނޑު ރާއްޖެތެރޭގެ އެއްވެސް ރަށަކަށްދާތީ، އެރަށުގެ ރައްޔިތުން ރަށުތެރެ ޒީނަތްތެރިކުރައްވާ، ނުވަތަ މަރުޙަބާގެ އެކިއެކި ޢިބާރާތްތައް ފެންނަގޮތަށް ބަހައްޓަވާ، ދިދަ އުފުއްލަވާ، މިކަހަލަ ބޮޑެތި މަސައްކަތްތައް ކުރާކަށް އަޅުގަނޑު ނޭދެން. އަޅުގަނޑުހިތުން ތިޔަބޭފުޅުންނަށްވެސް އެކަން އެނގިވަޑައިގަންނަވާނެ. މީގެކުރީގެ ދަތުރުތަކުގައިވެސް އެވާހަކަ ކޮންމެވެސްވަރަކަށް އަޅުގަނޑަށް ބުނެވިފައި އޮވެދާނެ. އެހެންނަމަވެސް، އެކަންތައްތައްވެސް ކުރައްވާފައި އެވަނީ ތިޔަބޭފުޅުންގެ ހިތްޕުޅުގައި އޮތް ތެދުވެރި ޝުޢޫރުތަކެއްގެ ސަބަބުން ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީ، ތިޔަބޭފުޅުންގެ މި މަސައްކަތްތައް އުފަލާއެކު އަޅުގަނޑު ބަލައިގަނެ، އެކަމަށްޓަކައި އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.
ހަމައެއާއެކީގައި، މިދިޔަ ހުކުރުދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ޢާންމު ވޯޓުގައި، މި އަތޮޅުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ތިޔަ ކުރެއްވި މަތިވެރި އިތުބާރަށްޓަކައި އަދި އިޚްލާޞްތެރި ތާއީދަށްޓަކައި، މި އަތޮޅުގެ ރައްޔިތުންނަށް، އަންހެނުންނަށާއި، ފިރިހެނުންނަށް، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ހުރިހާ ފަރާތްތަކަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑަށް މި އަތޮޅުގެ ރައްޔިތުން އެ ކުރެއްވި އިތުބާރަކީ، އަދި އެ ކުރެއްވި ތާއީދަކީ، އަދި ޚާއްޞަކޮށް، ނިލަންދޫގެ ރައްޔިތުންވެސް އެ ކުރެއްވި އިތުބާރާއި، އެ ކުރެއްވި ތާއީދަކީ، މި ވޭތުވެދިޔަ ތާނގައި، މި ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި، ސަރުކާރު ހިންގަމުން އައި އުޞޫލުތަކަށް މި އަތޮޅުގެ ރައްޔިތުންނާއި، ނިލަންދޫގެ ރައްޔިތުން ކުރައްވާ ތާއީދަކާއި، ދެއްވާ އިތުބާރެއް.
އާދެ، އަޅުގަނޑުމެން މި މަސައްކަތް ކުރަމުން މިގެންދަނީ ކުރިއަށްދާން. ހުރިހާ ރޮނގަކުންވެސް އަޅުގަނޑުމެން މިހާރު މިތިބަ ފެންވަރަށްވުރެ މައްޗަށްޖެހިލާން. ޝައްކެއްނެތް، ރާއްޖެވަނީ ވަރަށް ބޮޑަށް ތަރައްޤީވާން ބޭނުންވެފައި. ރާއްޖޭގެ ކަންތައްތައް ހުރީ. އަދި ޚާއްޞަކޮށް، މީގެ 15 އަހަރު ދުވަސް ކުރިން ރާއްޖެތެރޭގެ ކަންތައްތައް ހުރީކީ އަޅުގަނޑުމެންގެތެރެއިން އެކަކުވެސް ހިތްހަމަޖެހޭފަދަ ގޮތަކަށް ނޫން. އެހެންކަމާއެކު، އަޅުގަނޑުމެން ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަމުން މިގެންދަނީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުވައިދެވޭތޯ. ހަމައެއާއެކީގައި، އަޅުގަނޑުމެންނަށް އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ތަރައްޤީވެވޭތޯ. މި މުހިންމު ބުރަ މަސައްކަތް، ސަރުކާރާއި ރައްޔިތުން ކުރަމުން އަންނަތާ ވަރަށް ގިނަ އަހަރުތަކެއްވެއްޖެ. އޭގެ ނަތީޖާވެސް މިހާރު ދަނީ ފެންނަމުން. ރާއްޖޭގެ އެކި ދިމަދިމާއިން މިހާރު ފެންނަމުންދަނީ ކުރިއެރުމުގެ ރޫޙު، ތަރައްޤީގެ ނިޝާންތައް، ޢަލާމާތްތައް. މީހުންގެ ހޭލުންތެރިކަން މިހާރު ވަނީ އެތައް ގުނައަކަށް އިތުރުވެފައި. އިޖްތިމާޢީ ހޭލުންތެރިކަން، ދީނީ ހޭލުންތެރިކަން، ޤައުމީ ހޭލުންތެރިކަން، އިޤްތިޞާދީ ހޭލުންތެރިކަން، ޞިއްޙީ ހޭލުންތެރިކަން، ތަޢުލީމީ ހޭލުންތެރިކަން، މި ހުރިހާ ކަމެއްވެސް އަޅުގަނޑުމެންގެ ތެރޭގައި މިދަނީ، އެއްދުވަހުން އަނެއް ދުވަހަށް ބަދަހިވަމުން، ތަރައްޤީވަމުން.
އާދެ، އޭގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންނަށް މިހާރު މި ފެންނަމުންދާ އުފާވެރި މަންޒަރުތައް ފެންނަމުން މިދަނީ. މިސާލެއް ދަންނަވަންޏާ، މިއަތޮޅުގައި މި ހިނގާ ތަޢުލީމީ މަރުކަޒުގެ ޙަރަކާތްތައްވެސް ހިނގަމުން މިދަނީ އެ ސަބަބަށްޓަކައި. އޭގެ ސަބަބުން، މި ތަޢުލީމީ މަރުކަޒަކީ މިހާރު އެކަށީގެންވާ ގޮތެއްގައި ހިނގަމުންދާ ތަނެއް. ގްރޭޑް 7 އާ ހަމައަށް ކިޔަވައިދެމުން ގެންދާ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. ރާއްޖެތެރޭގައި މިފެންވަރަށްވުރެވެސް މައްޗަށް ކިޔަވައިދޭ ތަންތަން މިހާރު އެބަހުރި. ގްރޭޑް 8، ގްރޭޑް 9، އަދި ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ތަޢުލީމީ މަރުކަޒުތައްވެސް ރާއްޖެތެރޭގައި ޙަރަކާތްތެރިވަމުން އެބަދޭ.
އާދެ، ތަޢުލީމީ ގޮތުން ކުރިއަށްދިޔުމަކީ، ޝައްކެއްނެތްގޮތުގައި، ތަރައްޤީވާން ބޭނުންވާ ކޮންމެ ބަޔަކަށް އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަންތައް. ތަޢުލީމަކީ ތަރައްޤީގެ ބިންގާ، ތަރައްޤީއަށް ވާޞިލްކޮށްދޭ މައިދޮރު. އެހެންކަމުން، އަޅުގަނޑުމެންގެ ދަރިންނަށާއި ޒުވާނުންނަށް، ފައިދާހުރި ގޮތެއްގައި އެ ކުދިން ބޭނުންވާ ރޮނގު ރޮނގުން ކުރިއަށްދެވޭނެ މަގު ތަނަވަސްވެފައި އޮތުމަކީ، ޤައުމުގެ ތަރައްޤީއަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް. އާދެ، ތަޢުލީމުގެ އިތުރަށް، ސަރުކާރުގެ ފަރާތުން ރާއްޖެތެރޭގައި ހިންގާ، ތަފާތު ކަންތައްތައް އެބަހުރި. އެ ކަންތައްތަކުގެ ތަފްޞީލަށް ނުދިޔަޔަސް، ސަރުކާރުން ޞިއްޙީ ޚިދުމަތަށްދޭ އަހަންމިއްޔަތާއި، އިޤްތިޞާދީ ކުރިއެރުމަށްދޭ އަހަންމިއްޔަތު ތިޔަބޭފުޅުންނަށް ރަނގަޅަށް ވަޒަންކުރެއްވޭނެ.
އާދެ، މިރަށަކީ، ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ރަށެއް. މިރަށަކީ މިއަތޮޅުގައި އޮތް އެންމެ އާބާދީ ގިނަ ރަށް. ހަމައެއާއެކުގައި، މަސްވެރިކަމުގެ އިތުރަށް، ދަނޑުވެރިކަމުގެ މަސައްކަތްވެސް ފުދޭވަރަކަށް ކުރަމުންގެންދާ ރަށެއް. އަޅުގަނޑު މިރަށަށް އެންމެފަހުން އައި ދަތުރު އާދެ، އެއީ ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ ފަދައިން، 1991 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި. އެދުވަސްވަރަކީ މުޅި ދުނިޔެ ހަނގުރާމައަކަށްޓަކައި ތައްޔާރުވަމުންދިޔަ ދުވަސްވަރެއް. ގަލްފުގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް، ޚަބަރުތަކުން އެންމެންނަށް ޤަބޫލުކުރެވިފައިވާ، ގަލްފުގެ ހަނގުރާމަ ފެށެން ވަރަށް ކައިރިވެފައިވާ ދުވަސްވަރެއް އެއީ. އެދުވަސްވަރު ކަންތައްތައް ހުރިގޮތުން، ރާއްޖެތެރޭގައިވެސް ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބާރުއެޅި ކަމެއް. އޭގެ ނަތީޖާއެއްގެ ގޮތުން، މިރަށުގައި ވަރަށް ގިނަ ދަނޑުކޮށައި، ވަރަށް ގިނަ ބާވަތްތަކުގެ، ކާބޯތަކެތި އަޅާ ގަސްތައް އިންދަމުންދިޔަ މަންޒަރު އަޅުގަނޑުވަނީ ދެކެފައި. އެދުވަހު އެމަންޒަރު ފެނިފައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރިން. އަދި އެވާހަކަ އަޅުގަނޑުހިތުން، މިރަށުގެ ރައްޔިތުންނަށް ދަންނަވައިވެސްލިން. ޝައްކެއްނެތް، އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަކީ ވަރަށް މުހިންމު ކަމެއް. އެ މަސައްކަތަކީ، ދަނޑުވެރިކަން ކަމުގައިވިޔަސް، ނުވަތަ އެނޫން މަސައްކަތެއް ކަމުގައިވިޔަސް، އަޅުގަނޑުމެންފަދަ ކުޑަ ޤައުމަކަށް އެފަދަ މަސައްކަތްތައް ކުރިއެރުވުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއް.
އާދެ، މިހާރުވެސް މިރަށުގައި ކޮންމެވެސްވަރަކަށް ދަނޑުވެރިކަމުގެ މަސައްކަތް ކުރެވެމުންދާކަން އަޅުގަނޑަށް އެނގޭ. އަދި މޫސުމީގޮތުން ކުރާ ބައެއް ކަންތައްތައްވެސް އެބަހުރޭ. މިސާލަކަށް، ބަރަކާތްތެރި ރަމަޟާން މަހަށްޓަކައި ކަރާ ހެއްދުންފަދަ ކަންތައްތައް. އަދި އެނޫނަސް، ފަތްކެޔޮ ހެއްދުމާއި، އަދިވެސް އެހެން ބައެއް ބާވަތް ބާވަތުގެ ތަކެތި ހެއްދުން، މިރަށުގެ ރައްޔިތުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ. އެއީ ވަރަށް ބޭނުންތެރި ކަމެއް. އެ މަސައްކަތް ކޮށްގެންވެސް ރަށަށް ލިބޭ އާމްދަނީ އިތުރުވަމުންދިޔުމަކީ، ރަށުގެ ކުރިއެރުމަށް ވަރަށް ބޮޑަށް އެހީވާނެ ކަމެއް. މިގޮތުން ބަލާއިރު، މިރަށަކީ އާދެ، ނިލަންދުއަކީ، ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްތަކުގެ ތެރެއިން، އެންމެ ފުޅާ ބިންގަލެއް އިޤްތިޞާދީ ގޮތުން އޮތް ރަށްކަން ފާހަގަކޮށްލަންޖެހޭ. އެއީ، މަސްވެރިކަމުގެ މަސައްކަތާއި، ދަނޑުވެރިކަމުގެ މަސައްކަތް މިރަށުގެ ރައްޔިތުން ކުރައްވަމުން ގެންދަވާތީ.
މަސްވެރިކަމުގެ ނަޒަރުން ބަލާއިރު، މިރަށަކީ މިއަތޮޅުގައި އޮތް އެންމެ ރަނގަޅު ރަށްކަމުގައިވެސް ދެންނެވިދާނެ. އާދެ، ދާދިފަހުން ސަރުކާރުގެ ފަރާތުން މިހިސާބުގަނޑުގައި ކަނދުފައްޗެއް ލުމުގެ ނަތީޖާއެއްގެ ގޮތުން، މިރަށުގެ މަސްވެރިކަން މިހާރު ވަނީ ކުރިއަށްވުރެ މާބޮޑުތަން ރަނގަޅުވެފައި ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވޭ. އާދެ، އެއީ ވަރަށް އުފާކުރުން އެކަށީގެންވާ ކަމެއް. އެ މަސައްކަތް ތަރައްޤީކޮށް، އެ މަސައްކަތުން ލިބެންހުރި އެންމެ މަތީ އާމްދަނީއެއް ހޯދޭތޯ ބެލުމަކީ، އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމަށްޓަކައިވެސް، އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދަށްޓަކައިވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ރާއްޖެތެރެއަށް ދިމާވާ، ވަރަށް ގިނަ ދަތިތައް އެބަހުރި. އެ ދަތިތައް ޙައްލުކޮށްދެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ. އެގޮތުން، މިރަށަށްވެސް ބައެއް ކަންތައްތައް މިހާރުވެސް ވަނީ ކޮށްދެވިފައި. މިރަށުގައި ތަޢުލީމީ މަރުކަޒެއް ޢިމާރާތްކޮށް، އެ މަރުކަޒުގައި ތަޢުލީމުދެވޭ އުޞޫލު ހަމަޖައްސައި، އެކަންތައްތައް ކުރިއަށްދިޔުން. އަދި މިރަށުގައި، މިރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ހުކުރު މިސްކިތެއްވެސް ސަރުކާރުންވަނީ ޢިމާރާތް ކޮށްދީފައި. ކުރިންހުރި އާސާރީ މިސްކިތްވެސް ވަނީ މަރާމާތުކޮށްދީފައި. އަދި މިރަށުގެ ރަށުއޮފީސްވެސް މަރާމާތުކުރަން ފުރަތަމަ ފެށީ. އެހެންނަމަވެސް، އެ މަރާމާތުކޮށް ނިމުނުއިރު، މުޅިން އާ އޮފީހަކަށް އެހެރީ ބަދަލުވެފައި. ރަށުއޮފީހާއި، ރަށުކޯޓު ހިމެނޭ ޢިމާރާތް. އެގޮތުން، މިރަށަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަށްވެސް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭކަން މިރަށުގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ.
އާދެ، ކަރަންޓުގެ މައްސަލައަކީ، ރާއްޖެތެރޭގެ ރައްޔިތުން ވަރަށް ބޮޑަށް އެކަމާމެދު ވިސްނަވާ، އަދި ޙައްލެއް ބޭނުންވެފައިވާ މައްސަލައެއް. ކަރަންޓަކީ، އަދި އެއިން ލިބޭ އަލިކަމަކީ، އަދި އެއިން އެ ލިބޭ ހަކަތައަކީ، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމަށްވެސް ވަރަށް ބޭނުންތެރި އެއްޗެއް. އަދި އަޅުގަނޑުމެންގެ އިޤްތިޞާދީ މަސައްކަތްތައް ކުރިއަށްގެންދަންވެސް ވަރަށް ބޭނުންތެރި ކަމެއް، ވަރަށް ބޭނުންތެރި އެއްޗެއް. އެކަން އެހެންއޮތުމާއެކީގައި، ރާއްޖޭގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ކަރަންޓަށް ބޭނުންވެފައި. ސަރުކާރުން އެ މަސައްކަތް ކޮށްދެވޭތޯ ބަލަމުން އެބަ ގެންދޭ. އެހެންނަމަވެސް، އެއީ ވަރަށް އަގުބޮޑު ވަސީލަތެއް. ސަރުކާރުން އެކަން ކުރަންވެއްޖެނަމަ، ހުރިހާ ރަށަކަށް އެއްފަހަރަކާ އެކަމެއް ކޮށެއް ނުދެވޭނެ. އަޅުގަނޑު ހިތުން، އެކަން ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެ. އެހެންކަމުން، ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، އެކަން ކުރެވެންހުރި ގޮތަކަށް، އަދި އެކަން ކުރުމުގައި އެންމެ ހަމަޖެހޭ ރަނގަޅު އުޞޫލެއް ބަލައިގެން، އެކަން ކުރަމުންގެންދާ ގޮތަކަށް. މިގޮތުން، ރާއްޖެތެރޭގައި 8 ރަށަކަށް މިހާރު ސަރުކާރުގެ ކަރަންޓުގެ ޚިދުމަތް ލިބެމުންދޭ. އިތުރު 3 ރަށެއްގައި މަސައްކަތް ކުރެވެމުން އެބަދޭ. އަދި ބޭރުގެ އެހީ ހޯދައިގެންވެސް އެހެން ރަށްރަށަށް ކަރަންޓްލައިދެވޭތޯ ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅަމުން އެބަގެންދޭ. މިރަށުގެ ރައްޔިތުންވެސް، ރައްޔިތުންގެ އަމިއްލަ ޚަރަދުގައި މިރަށަށް ކަރަންޓުގެ ޚިދުމަތް ލިބިދެވޭތޯ މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އަޅުގަނޑަށް އެނގިފައިވާގޮތުގައި، ކޮންމެވެސްވަރަކަށް ވަނީ ފައިސާވެސް އެއްކުރައްވާފައި.
ސަރުކާރުން މިހާރު ހަމަޖައްސާފައިވާ އުޞޫލަކީ، ރައްޔިތުން އަމިއްލައަށް އެ މަސައްކަތް ފަށައިގެން، ނުވަތަ އެކަމަށް ބޭނުންވާ ޚަރަދުގެ ބައެއް ޖަމާކުރީމާ، ސަރުކާރުން ހިތްވަރުދިނުމުގެ ގޮތުން ފައިސާވެސް ހަމަޖައްސައިދޭގޮތަށް. އެގޮތުން، މިރަށަށް މިހާރު މިރަށުގެ ރައްޔިތުންގެ ޢަދަދާ ގުޅޭވަރަކަށް ސަރުކާރުން ވަނީ މިރަށާ ފައިސާ ޙަވާލުކޮށްފައި. އިރާދަކުރެއްވިއްޔާ، އެ ފައިސާވެސް ލިބުނީމާ، މިރަށުގެ ރައްޔިތުންނަށް މިކަމައިގެން ކުރިއަށް ވަޑައިގަތުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ.
އާދެ، އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީގައި ކުރަންޖެހިފައިވާ މަސައްކަތްތައް ގިނަކަމުން، އެކަންތައްތައް ކުރަމުން މިގެންދަނީ ހަމައެކަނި ސަރުކާރުގެ ބަޖެޓަކުން ނޫން. އޭގެއިތުރުން، ބޭރުގެ އެކިއެކި އެކުވެރި ޤައުމުތަކުގެ އެހީ ހޯދައިގެން، އަދި ބައެއް ޖަމާޢަތްތަކުގެ އެހީވެސް ހޯދައިގެން، އެކަންތައްތައް ކުރަމުން މިގެންދަނީ. މިގޮތުން، ބައެއް އަތޮޅުތަކުގައި އައި.އޭ.ޑީ. ޕްރޮޖެކްޓޭ ކިޔާ މަޝްރޫޢެއް ހިނގަމުން އެބަދޭ. ވަރަށް ކުރިއްސުރެ ބައެއް އަތޮޅުތަކުގައި އެފަދަ މަޝްރޫޢުތައް ވަނީ ހިންގިފައި. މިހާރުވެސް ބައެއް އަތޮޅުތަކުގައި އެބަ ހިންގޭ. އެގޮތުން، ފ. އަތޮޅާއި، ދ. އަތޮޅާއި، ދެއަތޮޅު ހިމެނޭގޮތުން، އެފަދަ މަޝްރޫޢެއްގެ މަސައްކަތް މިހާރު މިދަނީ ހިނގަމުން. އޭގެ ސަބަބުންވެސް ރައްޔިތުންނަށް ލިބޭ ފަސޭހަތައް ވަރަށް ގިނަ. އާދެ، އެ މަޝްރޫޢުގެ ދަށުން ނެރުގޮއްވުމުގެ މަސައްކަތްވެސް ވަރަށް ގިނަ އަތޮޅުތަކަށް ވަނީ ހަމަޖެހިފައި.
އަޅުގަނޑު ބަލައިލި ބަލައިލުމުންވެސް އެނގުނީ، މިހާތަނަށް ރާއްޖޭގެ ރަށްރަށުގެ ތެރެއިން، 85 ރަށެއްގެ ނެރު ވަނީ މިދެންނެވި ގޮތުން ގޮއްވައިދެވިފައިކަން. އާދެ، އޭގެތެރޭގައި، ހަމައެކަނި ސަރުކާރުގެ ބަޖެޓުން ޚަރަދަކޮށްގެން، 31 ރަށުގެ ނެރު ގޮއްވައިދެވިފައި އެބައޮތް. ދެންހުރި ރަށްރަށަކީ، އެކިއެކި ޖަމާޢަތްތަކުގެ އެހީ ލިބިގެން، ބައެއްފަހަރަށް ހަމައެކަނި އެ ޖަމާޢަތްތަކުން ދޭ އެއްޗެއް ބޭނުންކޮށްގެން، ނުވަތަ އެ ޖަމާޢަތްތަކާއި، ސަރުކާރާއި، އަދި އެ ހިސާބުގަނޑުގެ އެ އަތޮޅުތަކުގެ ރައްޔިތުންނާ ގުޅިގެން ކުރެވޭ މަސައްކަތެއް. މިގޮތުން، ޔޫ.އެން.ޑީ.ޕީ.ގެ އެހީވެސް ވަނީ ސަރުކާރަށް ލިބިފައި. އަދި ރައްޔިތުންނަށް ލިބިފައި. ވީ.އެސް.އޯ.ގެ އެހީ ރެޑްބާނާ، ފޯރރޫޓް، އައި.އެލް.އޯ.، މިކަހަލަ ޖަމާޢަތްތަކުގެ އެހީ ލިބިގެން މި ކަންތައްތައް ކުރެވެމުން މިދަނީ. އެހެންކަމުން، މިފުރްޞަތުގައި، ރާއްޖެއަށް އެހީވެދެއްވާ ހުރިހާ ފަރާތްތަކަކަށް، އާދެ، އެކުވެރި ޤައުމުތަކަށާއި، އަދި ކުރިންވެސް މިދެންނެވިފަދަ ޖަމާޢަތްތަކަށް، ސަރުކާރުގެ ނަމުގައާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރު ދަންނަވަން.
އާދެ، ފަޅުގެ މައްސަލައަކީވެސް ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ މައްސަލައެއް. ފަޅުގެ ދަތިކަން ހުންނަ ގޮތުން ލަފާފުރުން ދަތިވާތީ، އެކަމަކީ ކުރިއެރުމަށް ހުރަސްއަޅާ ކަމަކަށް އޮންނަނީ ވަރަށް ގިނަ ރަށްރަށުގެ ނިސްބަތުގައި ވެފައި. އެކަން ޙައްލުކުރެވޭތޯވެސް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އޭގެތެރޭގައި، ވަރަށް ގިނަ ރަށްރަށުގެ ފަޅު ފުންކޮށްދިނުން ހިމެނޭ. މިހާރުވެސް ވަރަށް ގިނަ ރަށްރަށުގައި އެ މަސައްކަތްވަނީ ކޮށް ނިމިފައި. އަދި އަނެއްބައި ރަށްރަށުގައި އެ މަސައްކަތް ކުރެވެމުން އެބަދޭ. އެހެންނަމަވެސް، އެ މަސައްކަތަކީ ވަރަށް ދިގު މުއްދަތެއް ބޭނުންވާ، އަދި އެހާމެ ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާތީ، އެކަންވެސް ސަރުކާރުން ކޮށްދެވެން އޮންނަނީ ވަކި ނިޒާމަކުން، ވަކި ހަމަތަކެއްގެ މަތިން ބަލައިގެން، އިސްކަންދޭ ރަށްތަކެއް ހޮވައިގެން، އެރަށްތަކަށް ފުރަތަމަ އެކަންތައް ކޮށްދޭގޮތަށް.
އާދެ، އެހެންވީމާ، އަޅުގަނޑުމެން އެދޭހާ ހަލުވިކޮށް އެކަމެއް ކުރިއަކަށް ނުދޭ. އެހެން ރަށެއްގައި ވާހަކަ ދައްކަމުން އަޅުގަނޑަށް އިޝާރާތް ކުރެވިފައިވާނެ މިމައްސަލައަށް. އާދެ، އެއީ އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީގެ 3 ވަނަ މަޝްރޫޢުގެ ދަށުން، އެއީ 1991 ވަނަ އަހަރުން ފެށިގެން، 1993ގެ ނިޔަލަށް މިހިންގާ ތަރައްޤީގެ މަޝްރޫޢުގެ ދަށުން، 37 ރަށެއްގެ ފަޅު ފުންކުރާގޮތަށް އޮތީ ރޭވިފައި. އެހެންނަމަވެސް، އެ މަސައްކަތް ދާލެއް ލަސްކަމުން، މިދެންނެވީ އެ މަސައްކަތުގެ ބޮޑުކަމާއި، އެކަންތައް ކުރުމަށް ދިމާވާ ދަތިތަކުގެ ގިނަކަމުން، އަދި އެއަށް ހިނގާ ޚަރަދުވެސް ބޮޑުކަމުން، އަޅުގަނޑުމެން އުންމީދުކުރިހާ އަވަހަކަށް އެ ކަންތައްތަކެއް ނުގެންދެވޭ. އެހެންކަމުން، މިދެންނެވި 37 ރަށުގެ ތެރެއިން، މުޅިން ނިމިފައި ވަނީ ހަމައެކަނި 18 ރަށް. އެހެން 9 ރަށެއްގެ އެ މަސައްކަތް ދަނީ ހިނގަމުން. އަދި އިތުރު 10 ރަށް އެބައޮތް، އަދި އެއްވެސްގޮތަކުން އެ މަސައްކަތް ނުފެށި އޮތް. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، އެކަމަކީ އެހާވެސް ބުރަ ކަމެކޭ. އެހާ ގިނަދުވަސް ބޭނުންވާ ކަމެކޭ. އެހާ ބޮޑެތި ޚަރަދު ހިނގާ ކަމެކޭ. އެހެންވީމާ، ރާއްޖެތެރޭގެ ރައްޔިތުންވެސް ވާނެއޭ އެކަން އިޙްސާސް ކުރައްވަން، އެކަން ގަބޫލުކުރައްވަން. ސަރުކާރުން އެއްގޮތަކަށްވެސް ފަހަކަށްނުޖެހޭ އެކަހަލަ ކަންތައް ކުރުމުގައި. ސަރުކާރުގެ ބަޖެޓް ތަންދިންވަރަކުން، ނުވަތަ އަޅުގަނޑުމެންގެ ޤާބިލިއްޔަތު ހުރި މިންވަރަކުން، އެފަދަ ބުރަ މަސައްކަތްތައްވެސް ކުރަމުން ގެންދެވޭތޯ މިބަލަނީ. އަޅުގަނޑުހިތުން ރާއްޖެތެރޭގެ ރައްޔިތުން އެކަން ވަޒަންކުރައްވާނެ.
އާދެ، މިރަށުގެ ރައްޔިތުންނަކީ، އެކުވެރި ބައެއްކަންވެސް އަޅުގަނޑަށް އޮތީ އެނގިފައި. އާދެ، މިރަށުގައި ދެ ކްލަބް ހިނގަމުންދިޔަ ކަމުގައިވިޔަސް، އެ ކްލަބްތަކުގެ މެދުގައި އޮތީ ވަރަށް އެކުވެރި ގުޅުމެއް. އެއީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އެހެން މިދެންނެވީ، ރާއްޖޭގެ ބައެއް ރަށްރަށުގައި އެއް ކްލަބަށްވުރެ ގިނަ ކްލަބް ހިނގަމުން ދިޔުމުން، ތަފާތު މައްސަލަތައް ނުކުމެފައި އެބަހުރި. މިހާރުވެސް ބައެއް ރަށްރަށުގައި އެކަހަލަ ކަންތައް ހިނގާ. އެއީ، އެއްގޮތަކަށްވެސް އަޅުގަނޑުމެން ބޭނުންކަމެއް ނޫން. އެއްވެސް ކަމެއްގެ ސަބަބުން މަޞްލަޙަތު ގެއްލޭގޮތްވުން، ނުވަތަ ރައްޔިތުންގެ މެދުގައި ހަމަނުޖެހޭގޮތްވުން. އެއީ އެއްވެސް މީހަކު އެދޭނެގޮތެއް ނޫން. ޚާއްޞަކޮށް، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ. މުސްލިމުންނަކީ އުޚުއްވަތްތެރި ބައެއް، އެކުވެރި ބައެއް. ﷲ އަންގަވާފައިވަނީ، މުސްލިމުންނަކީ އަޚުންތަކެކޭ، އެއްބަނޑުއެއްބަފާ ބައެކޭ. އެހެންވީމާ، އަދި އެހެން ޖަމާޢަތެއްގެ ތެރޭގައި ދެކޮޅުވެރިކަމެއް ނުވަތަ ފިތުނަވެރިކަމެއް އުފެދުނު ކަމުގައިވިޔަސް، އަދި އެކަމުގެ ސަބަބުން ބޮޑެތި ހަމަނުޖެހުންތައް އުފެދި، ލޭއޮހޮރުވުން ކަހަލަ ހިތާމަހުރި ކަންތައްތައް ވަމުންދިޔަ ކަމުގައިވިޔަސް، އަޅުގަނޑުމެން ފަދަ އިސްލާމީ ޖަމާޢަތެއްގައި އެފަދަ ކަމެއް ވެގެނެއްނުވާނެ. އެއްގޮތަކަށްވެސް އެކަހަލަ ކަމަކަށް އަޅުގަނޑުމެން ތަންދީގެނެއްވެސް ނުވާނެ. އެއީ، އެހެން ދީންދީނުގައި ބާރުއަޅުއްވާފައި ނުވާ މިންވަރަށް، މާތްވެގެންވާ އިސްލާމްދީނުގައި އެކުވެރިކަމަށާއި، އުޚުއްވަތްތެރި ކަމަށާއި، އެއްބަނޑުއެއްބަފާ ކަމަށް ބާރުއަޅުއްވާފައިވާތީ. އެއީ، އަޅުގަނޑުމެންގެ ނަޞީބެއް، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވިކަން. އެހެންކަމުން، އެ ނަޞީބަށް ރައްކާތެރިވުމަށްޓަކައި ﷲގެ ނިޢުމަތަށް ޝުކުރުކުރަންޖެހޭނެ. ނިޢުމަތަށް ޝުކުރުކުރުމަކީ، ޢަމަލީގޮތުން އެކަމެއް ގެންދަން ﷲ އަންގަވާފައިވާ އުޞޫލުން ގެންދިޔުން. އެހެންކަމުން، މި ނުކުތާއަށް އަޅުގަނޑުހިތުން ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަވާނެ. މިހާރުވެސް ވިސްނަވަމުން ގެންދަވަނީ.
މިރަށުގައި ކޮންމެހެން މިވާހަކަ މާ ދިގުކޮށް ދެއްކުމުގެ ބޭނުމެއްނެތް. އެއީ، ކުރިންވެސް ދެންނެވި ފަދައިން، މިރަށުގެ ރައްޔިތުންނަކީ ވަރަށް އެކުވެރި، އަދި އެއްބާރުލުމުގެ ރޫޙު، އެބައެއްގެ ތެރޭގައި އުފެދިފައިވާ، އަދި ބަދަހިވަމުންދާ ބަޔަކަށްވާތީ. ކޮންމެއަކަސް، އެމައުޟޫޢަކީވެސް މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ވަޒަންކުރަންޖެހޭނެ، އަދި އިޙްޞާސްކުރަންޖެހޭނެ، އަދި ފިކުރުކުރަންޖެހޭނެ މައުޟޫއަކަށްވާތީ، އެވާހަކަވެސް އަޅުގަނޑު ދަންނަވާލީ.
އާދެ، އަޅުގަނޑުގެ ޕްރޮގްރާމް ހަމަޖެހިފައިވާ ގޮތުން، މާ ލަހެއްނުވެ މިރަށުންވެސް ފުރަންޖެހޭ. އަޅުގަނޑު މި ފުރަނީ މިރަށަށް އާދެވުނުކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރަމުން. އާދެ، މީގެކުރިންވެސް އަޅުގަނޑު ނިލަންދުއަށްވަނީ ޒިޔާރަތްކޮށްފައި، ތިންފަހަރެއްގެ މަތިން. ތިޔަބޭފުޅުން އެކަން ހަނދުމަފުޅު ހުންނާނެ. އެންމެފަހުން އަޅުގަނޑަށް އާދެވިފައި ވަނީ، 1991 ވަނަ އަހަރު. ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުގެ އުންމީދަކީ، އަދިވެސް މިފަދަ ފުރުޞަތުތައް ލިބެމުންދިޔުން. ރާއްޖެތެރެއަށް ދިޔުމަކީ، އަދި ރާއްޖެތެރޭގެ ރައްޔިތުންނާ ބައްދަލުކުރުމަކީ، އަޅުގަނޑަށް އަބަދުވެސް ވަރަށް ބޮޑު އުފަލެއް އިޙްޞާސްކުރެވޭ ކަމެއް. ހަމައެކަނި ރާއްޖެތެރޭގެ ރައްޔިތުންނާ ބައްދަލުކުރުމެއް ނޫން، މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަކީވެސް އަޅުގަނޑަށް ލިބޭ، ވަރަށް ބޮޑު އުފަލެއް. އެހެންނަމަވެސް، މާލޭގެ ރައްޔިތުންނާ މިފަދަ ގޮތަކަށް ބައްދަލުކުރުމަކީ މާ ފަސޭހަ ކަމަކަށް ނުވާތީ، އެހެން ނެހެދެނީ. މިދެންނެވީ، ރާއްޖެތެރޭގެ ރަށެއްގައިވިއްޔާ، އެ ރަށެއްގައި ތިބި އެންމެންނާ އެއް ޖަލްސާއަކުން، އެއް ހޯލެއްގެ ތެރޭގައި ބައްދަލުކުރެވޭ ތަން އެބައާދޭ. މާލޭގައި އެކަން އެހެނެއް ނުވާނެ. އެހެންވީމާ، މާލޭގައި އަޅުގަނޑު ރައްޔިތުންނާ ބައްދަލުކުރަމުން މިގެންދަނީ، އެކިއެކި އަވަށް އަވަށަށް ޒިޔާރަތްކޮށް، އަވަށް އަވަށުގައި ކުރިއަށް ތިއްބެވި ބޭފުޅުންނާ ބައްދަލުކޮށްލާ ކޮށްލުމެއްގެ ގޮތުގައި. ކޮންމެއަކަސް، ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ޙާލުއަޙުވާލު ބަލައި، ރައްޔިތުންނަށް ދިމާވާ ދަތިތައްވެސް އޮޅުންފިލުވައި، އެކަންކަމުގައި ސަރުކާރުން ވެދެވެން އޮންނަ އެހީތައް ވެދިނުމަކީ، އަޅުގަނޑަށް އަބަދުވެސް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުން އަޅުގަނޑު މިމަޤާމަށް އިންތިޚާބު ކުރައްވާފައިވަނީވެސް އެކަމަށްޓަކައި. އެ ޚިދުމަތް އަޅުގަނޑުގެ ފަރާތުން ރައްޔިތުން ބޭނުންފުޅުވާތީ.
އެހެންވީމާ، އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މި ވަކިވެލަނީ، ތިޔަބޭފުޅުންގެ ފަރާތުން އަޅުގަނޑަށް ލިބުނު ތަރުޙީބަށްޓަކައި، އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަމުން. ހަމައެއާއެކީގައި، މިއަދު މިތަނަށް ވަޑައިގެން ތިއްބެވި މި އަތޮޅުގެ އެހެން ރަށްރަށުގެ ވެރިން މެދުވެރިކޮށް، އެ ރަށްރަށުގެ އަހުލުވެރިންނަށްވެސް އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ރައްދުކުރަމުން. އަދި ތިޔަބޭފުޅުންގެ ނިލަންދުއަށް އަދި މި އަތޮޅަށް، އަދި ޢާންމުކޮށް ރާއްޖެއަށް އަދަށްވުރެ ތަނަވަސް، ބާއްޖަވެރި މާދަމާއަކަށް އެދި ދުޢާކުރަމުން. މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި، ﷲގެ ޙަޟްރަތުގައި ދަންނަވަމުން. އަދި އަޅުގަނޑުމެންނަކީ، އަމަންއަމާންކަމަށް ލޯބިކުރާ، ޞުލްޙަމަޞްލަޙަތު ހަމަޖެހިފައިވާ ބަޔަކަށްވުމުގެ ތައުފީޤުވެސް އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވުން އެދި ދުޢާކުރަމުން. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލައްވައި، އޭގެ ފައިދާ އަޅުގަނޑުމެންނަށް ދެއްކެވުމަށް އެދި، އެކަލާނގެ ޙަޟްރަތުގައި އިބްތިހާލު ކުރަމުން.
والسّـلام عليـكم ورحـمة اللّـه وبـركاتـه.