بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وَصَحْبِـهِ أجمـعـين.
އަޅުގަނޑު މިއަދު އަލިފުށްޓަށް މިއައީ، ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް އަޅުގަނޑު ކުރާ، ވަރަށް ކުރުކުރު ދަތުރެއްގައި. އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާފައި ވާނޭ ފަދައިން، އަޅުގަނޑުގެ މި ދަތުރު ފެށީ އިއްޔެ. އިއްޔެ ބައެއް ރަށްރަށަށް ޒިޔާރަތްކުރި ވާހަކަ ތިޔަބޭފުޅުން ރޭޑިއޯގެ ޛަރީޢާއިން އައްސަވާފައި ވާނެ ކަމަށް އަޅުގަނޑު ހީކުރަން. މިއަދު އަލިފުށްޓަށް އައުމަށް ހަމަޖެހިފައި އޮތީ ވަރަށް ހެނދުނުގެ ވަގުތެއްގައި. އެހެންނަމަވެސް، ހަނިމާދޫން ފުރަން އުޅުނު ވަގުތުގައި އެ ތަނަށް ވަރަށް ބޯކޮށް ވާރޭވެހި، ވަރަށް ވިއްސާރަވުމުގެ ސަބަބުން އަޅުގަނޑު ފުރުން ގަޑިއެއްހާއިރު ލަސްކޮށްލަންޖެހުނީ. އެހެންކަމުން، މި ރަށަށް އާދެވުނީވެސް ތަންކޮޅެއް ލަހުން. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އަދި މިއަދު އެހެން ދެ ރަށަކަށްވެސް ދާގޮތަށް ޕްރޮގްރާމް ހަމަޖެހިފައި އޮތުމާއެކީގައި، މި ރަށުގައި އަޅުގަނޑަށް ހޭދަކޮށްލަން ލިބޭ ވަގުތުކޮޅު ކުޑަކަން، އަޅުގަނޑު ވަރަށް ހިތާމައާއެކު ފާހަގަކޮށްލަން. އެހެންނަމަވެސް، އެހެން އެ ދިމާވި ސަބަބު ތިޔަބޭފުޅުން ޤަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަން.
އާދެ، އަލިފުށްޓަށް އައުމުން، އަޅުގަނޑަށް އަލިފުށީގެ ވެރިންނާއި، ރައްޔިތުންގެ ފަރާތުން، އަދި މި އަތޮޅުގެ އަތޮޅުވެރިންގެ ފަރާތްޕުޅުން، ހަމަ އެހެންމެ، މި އަތޮޅުގެ އެހެން ރަށްރަށުގެ ވެރިންގެ ފަރާތްޕުޅުން މި ލިބުނު ހޫނު މަރުޙަބާއަށްޓަކައި، ހޫނު ތަރުޙީބަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަދި އެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ، މީގެކުރިންވެސް އަޅުގަނޑަށް ވަނީ ދެފަހަރެއްގެމަތީން މި ރަށަށް ޒިޔާރަތްކުރެވިފައި. އެއިން ކޮންމެފަހަރަކުމެ، އަލިފުށީގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބިފައި ވަނީ ވަރަށް އިޚްލާޞްތެރި، ތެދުވެރި ތަރުޙީބެއް. އެކަން އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. އަދި މިއަދުވެސް ވަރަށް އާދަޔާޚިލާފު ގޮތެއްގައި، ވަރަށް ކުއްލިގޮތެއްގައި އަޅުގަނޑަށް މި ކުރަންޖެހުނު ނުވަތަ ކުރަމުންގެންދާ ދަތުރަށް މި ރަށް ތައްޔާރުކުރައްވާފައި ވަނީ ވަރަށް ފުރިހަމަގޮތެއްގައޭ، އަޅުގަނޑަށް ދަންނަވަންޖެހޭ. ރަށުތެރެ ޒީނަތްތެރި ކުރެއްވުމާއި، މަރުޙަބާގެ ގޮތުން ކުރައްވާފައިވާ ތަފާތު ގިނަގުނަ އަދި ބޮޑެތި މަސައްކަތްތައް އަޅުގަނޑަށް ފެނި، އެކަމަށްޓަކައި ވަރަށް އުފާކުރިން.
އާދެ، އަޅުގަނޑު އުފާކުރަނީ ފަހަރެއްގައިވެސް އަޅުގަނޑު އަލިފުށްޓަށް އަންނާތީ ނުވަތަ ރާއްޖޭގެ އެހެން ރަށަކަށްނަމަވެސް ޒިޔާރަތްކުރާތީ، އެ ރަށެއްގެ ރައްޔިތުން އެކަމަށްޓަކައި މާ ބޮޑެތި މަސައްކަތްތަކެއް ކުރައްވާތީއަކީނޫން. އަޅުގަނޑު އެއްގޮތަކަށްވެސް ނޭދެން، އަޅުގަނޑު އެ ރަށަކަށް ޒިޔާރަތްކުރާތީ، އެކަމަށްޓަކައި ރަށް ތައްޔާރުކުރެއްވުމުގެ ގޮތުން ރަށުގެ ރައްޔިތުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާކަށެއް. އަދި ޚަރަދުތަކެއް ކުރައްވާކަށެއްވެސް އަޅުގަނޑު ނޭދެން. އަޅުގަނޑު އެދެނީ ރައްޔިތުން އެ ބޭކަލުންގެ މަސައްކަތުގައި އަބަދުވެސް ދެމިތިއްބެވުން. އެ ބޭކަލުންގެ ރަށަށާއި، ޤައުމުގެ ފައިދާއަށްޓަކައި. އެކަން އެހެން އޮތްކަމުގައިވިޔަސް، އަޅުގަނޑު މި ދެންނެވި މަސައްކަތްތައް މި ރަށުގެ ރައްޔިތުންވެސް ކުރައްވާފައި އެވަނީ ރައްޔިތުންގެ ހިތުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ރަމްޒެއްގެ ގޮތުން ކަމަށްވާތީ، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، މި މަންޒަރުތައް ފެނިފައި ވަރަށް ބޮޑަށް އުފާކޮށް، އަދި އަލިފުށީގެ ވެރިންނަށާއި، ކޮމިޓީތަކުގެ މެންބަރުންނަށާއި، ރައްޔިތުންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.
އާދެ، ރާއްޖެތެރެ ތަރައްޤީކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް. ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢެއް ރާވައިގެން ސަރުކާރުން ހިންގަމުން މިގެންދަނީ 1979 ވަނަ އަހަރުން ފެށިގެން. އަދި އެ ނަމުގައި ނޫނަސް، ތަފާތު ގިނަގުނަ މަސައްކަތްތައް ސަރުކާރުން ރާއްޖެތެރޭގައި ކުރަމުން އެބަގެންދޭ. ބޭނުމަކީ ރާއްޖެތެރެ ކުރިން އޮތް ޙާލަތުން އެހެން ޙާލަތަކަށް ބަދަލުކޮށް، ތަރައްޤީގެ މަގުގައި ރާއްޖެތެރެއަށްވެސް ކުރިއަށްދެވޭނެ މަގު ފަހިކޮށްދިނުން. މިގޮތުން މި ރަށަށް ކޮށްދެވިފައިވާ ކަންތައްތައްވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ވަރަށް ކުރިން މި ރަށުގެ ރަށުއޮފީސް ވަނީ ޢިމާރާތްކޮށްދެވިފައި. އާދެ، މިހާރަށް އެ އޮފީސް ކުޑަވެސްވެއްޖެ ކަމަށް ކަތީބުވެސް ވިދާޅުވި. އެހެންނަމަވެސް، އެއީ އަލިފުށްޓަކީ އިސްކަންދޭންޖެހޭ ރަށަކަށްވާތީ، އަޅުގަނޑު މި ދެންނެވި މަޝްރޫޢު ފެށުމުގެ އެންމެ ކުރީކޮޅުގައި އަލިފުށީގައި އޮފީހެއް ޢިމާރާތް ކޮށްދެވިފައިވަނީ ކޯޓުވެސް ހިމެނޭގޮތަށް. އޭގެއިތުރުން، މި ރަށުގައި ރަށްވެހިގެވެސް ވަނީ ޢިމާރާތްކޮށްދެވިފައި. އަދި މިސްކިތެއްވެސް ބިނާކޮށްދެވިފައި. އަދި މިހާރު އަޅުގަނޑުމެން މި ޖަލްސާ ކުރަމުންދާ މަދަރުސާ އާދެ، އަލިފުށީ ސްކޫލްވެސް މިވަނީ ޢިމާރާތްކޮށްދެވިފައި. މި ކަންތައްތަކުގެ އިތުރަށް، ރާއްޖޭގެ އިޤްތިޞާދީ، ވަރަށް މުހިންމު މަސައްކަތެއް މި ރަށުގައި ހިނގަމުން އެބަދޭ. އާދެ، އެއީ މި ރަށުގައި ހިނގަމުންދާ ބޯޓުޔާޑުގެ މަސައްކަތް.
އަލިފުށީ ބޯޓުޔާޑަކީ، 1983 ވަނަ އަހަރު އުފެދިގެން މިހާތަނަށްވެސް ވަރަށް ކާމިޔާބުކަމާއެކީގައި ހިނގަމުންދާ ތަނެއް. އެ ތަނުން ކޮށްދޭ މަސައްކަތަކީ، ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ރާއްޖޭގެ މަސްވެރިން ބޭނުންކުރާނެ ދޯނިފަހަރު ބަނދެދިނުން. އާދެ، މި ތަނުން ބަންނަ ދޯނިފަހަރަކީ ރާއްޖޭގެ މަސްވެރިންނަށް އަދި އޮޑިވެރިންނަށް ވަރަށް މަޤްބޫލު އެއްޗަކަށް މިހާރު ވަނީ ވެފައި. ޝައްކެއްނެތް، މިފަދަ ދޯނިފަހަރު ބަނދެގެން މަސައްކަތުގައި، މަސްވެރިކަމުގެ މަސައްކަތުގައި އެ ދޯނިފަހަރު ގެންގުޅުމުން، އަޅުގަނޑުމެންގެ މަސްވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ވަނީ މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އައިސްފައި. އާދެ، މިހާރުވެސް އެ މަސައްކަތް ހިނގަމުން އެބަދޭ. އެންމެ ފުރަތަމަ ބަނދެވުނު 100 ދޯނީގެ އިތުރަށް މިހާރު މަސްވެރިކަމުގެ ދެވަނަ މަޝްރޫޢުގެ ދަށުން ބަންނަ 75 ދޯނީގެތެރެއިން އެންމެފަހު 9 ދޯނި ބަނުމުގެ ނުވަތަ އެ ދޯނިތައް ހެދުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަދޭ. އަދި އެ މަސައްކަތް ނިމުނީމާ، އިރާދަކުރެއްވިއްޔާ އެހެން މަޝްރޫޢެއްގެ ދަށުން އާދެ، އެއީ ކޯސްޓަލް ފިޝަރީޒް ޕްރޮމޯޝަން ޕްރޮޖެކްޓް. އެ މަޝްރޫޢުގެ ދަށުން ބަންނަ 48 ދޯނިވެސް އަލިފުށީ ބޯޓުޔާޑުގައި ބަންނަގޮތަށް ވަނީ ހަމަޖެހިފައި.
އަލިފުށްޓަކީ ވަރަށް މަސައްކަތްތެރި، މުރާލި ބަޔަކު ދިރިއުޅޭ ރަށެއްކަން އަޅުގަނޑުހިތުން، ރާއްޖޭގެ އެންމެންވެސް ދަނޭ. ޚާއްޞަކޮށް، އަލިފުށީ ވަޑިންނަކީ މުޅި ރާއްޖެއަށް މިހާރު މަޝްހޫރުވެފައިވާ ބައެއް. މި ދެންނެވި ބޯޓުޔާޑުގައި މަސައްކަތްކުރާ މީހުންގެތެރެއިން އެންމެގިނައީ އަލިފުށީގެ މީހުންކަން އަޅުގަނޑަށް އެނގޭ. އަދި އެ ބުރަ އަދި މުހިންމު މަސައްކަތުގެ އިތުރަށް، އަލިފުށީގައި ތަފާތު އެހެން މަސައްކަތްތަކެއްވެސް ކުރެވޭ. ވަޑާންކުރުމުގެ މަސައްކަތް. ރޭނުމުގެ މަސައްކަތް. މިހެންގޮސް ދިރިއުޅުމަށްޓަކައި ކުރަން ބޭނުންވާ، ވަރަށް ގިނަ މަސައްކަތް އަލިފުށީގެ ރައްޔިތުން ވަރަށް ހީވާގިކަމާއެކު ކުރައްވަމުން އެބަ ގެންދަވާ. އޭގެ އިތުރުން، ދަނޑުވެރިކަމުގެ މަސައްކަތްވެސް ކުރައްވަމުން އެބަ ގެންދަވާ.
އާދެ، އަޅުގަނޑު މިއަދު އައިސް ރަށުގެ ކަންތައްތައް އޮޅުންފިލުވައިލުމުގެ ގޮތުން، ރަށުގެ ބައެއް އަންހެން ބޭފުޅުންނާ ބައްދަލުކޮށްލައި ދެއްކި ވާހަކައެއްގައި، އެ ބޭފުޅުން ވިދާޅުވީ، ދަނޑުވެރިކަމުގެ މަސައްކަތްވެސް މިހާރު ކުރެވެމުންދާ ކަމަށް. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އެއީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ބިންގާ އެއީ، ވަރަށް ހަނި ދާއިރާއެއްގައި އެޅިފައިވާ ބިންގަލަކަށްވާތީ، އެ ބިންގާ ފުޅާކުރުމަކީ ރާއްޖޭގެ ކުރިއެރުމަށްޓަކައި ވަރަށް މުހިންމު، ވަރަށް ބޭނުންތެރި ކަމަކަށްވާތީ. އެގޮތުން، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކުރެވެން ހުންނަ ހުރިހާ މަސައްކަތެއް ކުރުމަށް އަޅުގަނޑުމެން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެ.
ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މި އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ފާހަގަކުރަމުންދާ އަހަރު. ބޭނުމަކީ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުން. ރާއްޖޭގެ މަސައްކަތްތެރިކަން ކުރިއެރުވުން. ރާއްޖެއިން އެކްސްޕޯޓްކުރާ މުދާވެސް އިތުރުކުރުން. އަދި އެ ހުރިހާ ކަމެއްގެ ސަބަބުން އަޅުގަނޑުމެންގެ އިޤްތިޞާދު މިހާރަށްވުރެ ތަނަވަސްކުރުން.
އާދެ، ރާއްޖެތެރޭގެ ރައްޔިތުންނަށް ބޭނުންވާ، ވަރަށް ގިނަ ކަންތައްތައް އެބަހުރި. އޭގެތެރޭގައި އެންމެ ގިނައިން މިހާރު ރާއްޖެތެރޭގެ ރައްޔިތުން ބޭނުންވެގެން ސަރުކާރަށް ހުށަހަޅާ މައްސަލައަކީ ފަޅު ފުންކުރުމުގެ މައްސަލައާއި، ކަރަންޓުގެ މައްސަލަ. ރާއްޖޭގެ ވަރަށް ގިނަ ރަށަކީ ފަޅުގެގޮތުން ދަތި ރަށްރަށް. އެ މީހުންނަށް އަމިއްލައަށް އެ ފަޅު ކޮނެވޭވަރަށްވުރެ އެކަން ވަނީ މާ ބުރަ މަސައްކަތަކަށް. އެހެންކަމުން، ސަރުކާރުން މިދަނީ ރާއްޖޭގެ ރަށްރަށުގެ ފަޅު ފުންކޮށްދެމުން. ވަރަށް ބޮޑު ޚަރަދުކޮށްގެން އެކަން ކުރަމުން މިގެންދަނީ. މިހާރުވެސް އެއްފަހަރާ 9 ރަށެއްގައި އެ މަސައްކަތް ހިނގަމުން އެބަދޭ. އަދި މީގެކުރިން ވަރަށް ގިނަ ރަށްރަށުގައި އެ މަސައްކަތްކޮށް ވަނީ ނިމިފައި.
އާދެ، އެ މަސައްކަތަކީ އެހާބޮޑު އަދި އެހާ ޚަރަދުވެސް ހިނގާ ކަމަކަށްވާތީ އެއްފަހަރާ 9 ރަށުގައި އެ މަސައްކަތް ކުރެވުނުކަމުގައިވިޔަސް، އެއަށްވުރެ ގިނަ ތަންތާނގައި އެ މަސައްކަތް ހިންގުމުގެ ޤާބިލިއްޔަތެއް ސަރުކާރަކަށް ލިބިފައެއްނުވޭ. އަޅުގަނޑަށް އެނގޭ، މި ރަށުގެ ރައްޔިތުންވެސް މި ރަށުގެ ފަޅު ފުންކުރަން އެދިވަޑައިގަންނަވާކަން. ވަކި އުޞޫލެއްގެމަތިން އިސްކަންދޭ ރަށްތަކެއް ހޮވާލެވިގެން، އެ މަސައްކަތް ކުރެވެމުން އެދަނީ. އެހެންވީމާ، ފަޅުގެ ދަތިކަން އިޙްސާސްކުރަން ޖެހިފައިވާ ހުރިހާ ރަށަކަށްވެސް މުސްތަޤްބަލުގައި އެ ދަތިކަން ފިލާނެ ގޮތެއްގެމަތިން އިރާދަކުރެއްވިއްޔާ އެ ރަށެއްގެ ފަޅު ސަރުކާރުން ފުންކޮށްދޭނެ. އެހެންނަމަވެސް، އެއީ ކިހާ އަވަހަކަށްކަން، ކިހާ ލަހަކުންކަން އެއީ، މި ވަގުތު އަޅުގަނޑަށް ދަންނަވަން ދަތި އެއްޗެއް. އެހެން މި ދެންނެވީ، ރަށެއްގެ ފަޅު ފުންކުރުމުގެ މަސައްކަތް ފެށިއްޖެނަމަ، ކުރިން ހީކުރެވޭވަރަށްވުރެ މާ ދިގު މުއްދަތަކަށް އެ މަސައްކަތް ދެމިގެންދާތީ. ކޮންމެ ރަށެއްގައިވެސް ވަރަށް ގިނަ ދުވަސްވަންދެން އެ މަސައްކަތްކުރާ ސެޓް ގެންގުޅެންޖެހޭ. އެހެންވުމުގެ ސަބަބުން، ސަރުކާރުން ކުރިން ރާވާފައި އޮންނަ ޕްރޮގްރާމާ އެއްގޮތަށް ކަންތައްތައް ދިޔުމަކީ ވަރަށް މަދުންވާ ކަމެއް.
އާދެ، ދެންއޮތީ ކަރަންޓުގެ މައްސަލަ. ކަރަންޓުގެ ޚިދުމަތަކީ ވަރަށް ބޭނުންތެރި ޚިދުމަތެއް. ރާއްޖޭގެ ކޮންމެ ރަށަކަށްވެސް އެ ޚިދުމަތް ވަނީ ބޭނުންވެފައި. އެހެންކަމުން، ސަރުކާރުގެ ތަނަވަސްކަން ހުރި މިންވަރަކުން އެކަންވެސް ކޮށްދެމުން މިގެންދަނީ. މިހާރުވެސް ރާއްޖޭގެ އެތައް ރަށެއްގައި ސަރުކާރުގެ ފަރާތުން އިންޖީނު ބަހައްޓައިގެން، ސައުވީސް ގަޑިއިރުގެ ކަރަންޓް، އެ ރަށްރަށުގެ ރައްޔިތުންނަށް ދެމުންގެންދޭ. އެހެންނަމަވެސް، ރާއްޖެތެރޭގައި ސަރުކާރުން މި ހިންގާ ކަރަންޓުގެ ކަންތައްތަކަކީ، ފައިސާގެ ގޮތުން ބަލާއިރު ގެއްލުންވަމުންދާ ކަމެއް. މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑަށް ފައިދާވަނީ ހަމައެކަނި މާލެއިން. އެ ބޯޑުގެ ފަރާތުން ރާއްޖޭގައި އެ ދެއްވަމުން ގެންދަވާ ކަރަންޓުގެ ޚިދުމަތުގެ ސަބަބުން އެ ބޯޑަށް ރާއްޖޭގެ ހުރިހާ ރަށަކުންވެސް ވަނީ ގެއްލުން.
މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑަކީ ކެޕިޓަލް ވަކިކުރި އަދި ވިޔަފާރީގެ ގޮތުގައި ހިނގަމުންދާ ތަނަކަށްވާއިރު، ގެއްލުންވާގޮތަކަށް އެކަން ގެންދިޔުމަކީ އެ ބޯޑަށްވެސް ކުރެއްވޭނެ ކަމެއްނޫން. އެހެންވީމާ، ސަރުކާރުގެ ބަޖެޓުން އެ ބައި ފޫބައްދައިދެމުން މިގެންދަނީ. ރާއްޖެތެރެއަށް ކަރަންޓުގެ ޚިދުމަތް ދިނީމާ އެވާ ގެއްލުން ސަރުކާރުގެ ބަޖެޓުން މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑަށް ހަމަޖައްސައިދެމުން މިގެންދަނީ. އެކަން އެހެން އޮތުމާއެކީގައި، އެއީވެސް ވަކި މިންވަރަކަށް ކުރެވޭނެ ކަމެއްކަން ތިޔަބޭފުޅުންނަށް ޤަބޫލުކުރެއްވޭނެ. އެކަން އެހެންއޮތީމާ ސަރުކާރުން ބޭނުންވާހާ ހަލުވިކޮށް ރާއްޖެތެރޭގެ ރަށްރަށަށް ކަރަންޓްލުމުގެ ކަންތައްތައް ނުދަނީ. އެހެން ދެންނެވި ކަމުގައިވިޔަސް، މިހާރުވެސް ބައެއް ރަށްރަށުގައި އެ މަސައްކަތް އެބަ ހިނގާ. އަދި މުސްތަޤްބަލުގައި އިރާދަކުރެއްވިއްޔާ އެހެން ރަށްރަށުގައިވެސް ފެށޭނެ. މިކަން ކުރަމުންގެންދަނީ ހަމައެކަނި ސަރުކާރުގެ ޚަރަދުގައެއްނޫން. ސަރުކާރުގެ ޚަރަދުގައި ވަރަށް ގިނަ ކަންތައްތައް ކުރޭމެ. އެހެންނަމަވެސް، އޭގެ އިތުރުން، ބޭރުގެ ބައެއް ޖަމާޢަތްތަކުގެ ނުވަތަ ބައެއް ޤައުމުތަކުގެ އެހީވެސް ހޯދައިގެން، އެ ކަންތައްތައް ކުރަމުން މިގެންދަނީ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އަލިފުށީ ވަޑިންގެ ޖަމްޢިއްޔާއިން ރަށަށް ކަރަންޓްލުމުގެ މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. ބޭނުންވާ ކަންތައްތައް ތައްޔާރުކުރައްވަމުން ގެންދަވަނީ. އެކަމަށްޓަކައި ވަރަށް ބޮޑެތި ޚަރަދުވެސް އެބަ ކުރައްވާ. ދެން އެ ޖަމްޢިއްޔާގެ ފަރާތުންނާއި އަދި އަލިފުށީގެ ރައްޔިތުންގެ ފަރާތުންވެސް އެދިވަޑައިގަންނަވަނީ، ސަރުކާރުން މި ރަށުގައި ކަރަންޓްލުމަށްޓަކައި ކޮންމެވެސްވަރެއްގެ ލޯނެއް ލިބޭނެގޮތް ހަމަޖައްސައިދިނުން. އާދެ، އެކަމާދޭތެރޭގައި ވިސްނާފައި ދަންނަވަންޖެހެނީ، އިރާދަކުރެއްވިއްޔާ އެއީ އެއްވެސް މައްސަލައަކަށް ނުވާނެއޭ. ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ލޯނު ވަރަށް އަވަހަށް ލިބޭގޮތަށް ނުވަތަ އެލޯނުގެ ގެރެންޓީ ސަރުކާރުން ދޭގޮތަށް ވަނީ ހަމަޖެހިފައޭ.
އާދެ، މި ދެންނެވި ކަންތައްތަކުގެ އިތުރަށް، އެސް.ޓީ.އޯ.ގެ ފަރާތުން މި ރަށުގައި ތެޔޮތާނގީއެއް ބެހެއްޓެވުމުގެ ކަންތައްވެސް އެބަ ކުރިއަށްގެންދަވާ. އޭރުންވެސް މިރަށުގެ ރައްޔިތުންނަށްވެސް އަދި މި ހިސާބުގަނޑުގެ އެހެން ރަށްރަށުގެ މަސްވެރިންނަށްވެސް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ. ޝައްކެއްނެތް، އަޅުގަނޑުމެންގެ މަސްވެރިކަން މިހާރު ބިނާވެފައިވަނީ ކުރިއާ ތަފާތުގޮތަކަށް. އަޅުގަނޑުމެން މުޅިން މިގެންގުޅެނީ އިންޖީނު ދޯނި. އަދި ޚާއްޞަކޮށް، ކުރިންވެސް ދެންނެވިފަދައިން، ދެވަނަ ޖީލުގެ ދޯނި އެއީ އެންމެންގެ ކުރިމަތީގައިވެސް ވަރަށް މަޤްބޫލު އެއްޗަކަށް ވެއްޖެ. އެހެންކަމުން، މަސްވެރިކަމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ތެޔޮވެސް ލިބިގެން. އެކަން އެހެން އޮތުމާއެކީގައި، ސަރުކާރުން ރާއްޖޭގެ އެތަންމިތާނގައި އެސް.ޓީ.އޯ.ގެ ފަރާތުން ތެޔޮތާނގީ ބަހައްޓައި، އެ ތެލުގެ ދަތިކަންވެސް މިހާރު އިޙްސާސް ކުރަންޖެހޭގޮތަށް، މަސްވެރިންނަށާއި، އޮޑިވެރިންނަށާއި، ދޯނިފަހަރު ގެންގުޅޭ މީހުންނަށް އިޙްސާސްކުރަން ނުޖެހޭގޮތަކަށް ރޭވޭތޯ ބަލަމުން އެގެންދަނީ.
އާދެ، މި ދެންނެވި ކަންތައްތަކުގެވެސް އިތުރަށް، ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ތަރައްޤީގެ ކަންތައްތަކުގައި ލޯނު ދޫކުރައްވަމުން އެބަ ގެންދަވާ. ރާއްޖެތެރޭގައިވެސް އެކަން ފެށިގެން ހިނގަމުން އެބަދޭ. ފާދިއްޕޮޅު ނައިފަރުގައި ހިނގަމުންދާ ބޭންކް އޮފް މޯލްޑިވްސްގެ ގޮފިން ނ، ރ، ބ، ޅ، މި ހަތަރު އަތޮޅުގެ ރައްޔިތުންގެތެރެއިން އިޤްތިޞާދީ އެކިއެކި މަސައްކަތްތައް ފަށްޓަވަން ބޭނުންވާ ފަރާތްތަކަށް ލޯނު ދޫކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައި. އަދި އެކަން ހިނގަމުންވެސް އެބަދޭ. އަޅުގަނޑު އެންމެފަހުން ބަލައިލި ބަލައިލުމުން އެނގުނީ، ނައިފަރުގައި ހިނގަމުންދާ ބޭންކް އޮފް މޯލްޑިވްސްގެ ގޮފިން މިހާރު 12.5 މިލިޔަން ރުފިޔާގެ ލޯނު ވަނީ ދޫކުރައްވާފައި ކަމަށް. އާދެ، އެފަދަ ލޯނު އެ ދޫކުރައްވަނީ، މީހުން އަމިއްލައަށް އެކިއެކި ކުދިކުދި މަސައްކަތް ފަށައިގެން ކުރިއަށް ގެންދިޔުމަށް އެހީވެދިނުމުގެ ގޮތުން. އަނެއްކާ އެ ލޯނަކީ ތަންކޮޅެއް ފަސޭހަ ޝަރުޠުތަކެއް އެކުލެވިގެންވާ ލޯނެއް. އެހެންވީމާ، އެ ލޯނު ނަގައިގެން، އެބަޔަކު އެ ބޭނުންވާ މަސައްކަތް ކުރިއަށް ގެންދިޔުމުގައި މާބޮޑު ދައްޗަކާ ކުރިމަތިލާކަށެއް ނުޖެހޭނެ.
އާދެ، އަޅުގަނޑުމެންގެ ރާއްޖެ ކުރިއަށްދާދިޔުމުގައި، އަޅުގަނޑުމެން މުހިންމުކަން ދޭންޖެހޭ، ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. އޭގެތެރޭގައި އެންމެ މުހިންމު އެއްކަމަކީ، ރާއްޖޭގެ ދަރިންނަށް އެކަށީގެންވާ ފެންވަރެއްގައި ތަޢުލީމު ޙާޞިލްކޮށްދިނުމުގެ ކަންތައް ކުރިއަށް ގެންދިޔުން. މި އަތޮޅުގައިވެސް އަތޮޅު ތަޢުލީމީ މަރުކަޒެއް އެބަ ހިނގާ. އަދި އަތޮޅު މަދަރުސާއެއްވެސް ހިނގަމުން އެބަދޭ. އަދި ގާތްގަނޑަކަށް ހަމަ ކޮންމެ ރަށެއްގައި ރަނގަޅު ފެންވަރެއްގައި މަދަރުސާއެއް ނުވަތަ ސްކޫލެއް ހިނގަމުން އެބަދޭ. މި އަތޮޅުގެ މި ރަށުގައި އާދެ، އަލިފުށީގައިވެސް މި އަލިފުށީ ސްކޫލް ހިނގަމުން އެދަނީ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ވަރަށް އަވަހަށް ގްރޭޑް 6 ވެސް ފެށޭނެ. އަދި މި ސްކޫލަށް ހެޑްމާސްޓަރަކުވެސް ފޮނުއްވައިދެއްވާގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސަވާފައި. ރާއްޖެތެރޭގައި ހިނގަމުންދާ ތަޢުލީމީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން.
އާދެ، އެންމެ ފުރަތަމަ ކިޔަވައިދެވެން ފެށުނީ ހަމައެކަނި އިބްތިދާއީ ތަޢުލީމުގެ މަރްޙަލާގެ ނިމުމާ ހަމައަށް. ގްރޭޑް 5 އާ ހަމަޔަށް. އޭގެފަހުން ބައެއް ތަންތާނގައި މެދު މަދަރުސީ ތަޢުލީމުގެ ދެއަހަރު، 6، 7 ފެށިގެން ހިނގަމުންދަނީ. އަދި އޭގެއިތުރުން، މިހާރު ގްރޭޑް 8ން ފެށިގެން 8، 9، 10 ވެސް، ރާއްޖެތެރޭގައިވެސް ހިނގަމުން އެބަދޭ. އެއީ ޘާނަވީ ތަޢުލީމުގެ އަހަރުތައް. ޘާނަވީ ތަޢުލީމު މިހާރު ރާއްޖެތެރޭގައި 17 ތަނެއްގައި ކުރިއަށް އެބަދޭ. އޭގެތެރެއިން 4 ތަނެއްގައި ގްރޭޑް 10އާ ހަމައަށް އެބަ ކިޔަވައިދެވޭ. 8 ތަނެއްގައި ގްރޭޑް 9 އާ ހަމައަށް ކިޔަވައިދެވޭ. ދެން ކުރިންވެސް ދެންނެވި 17 ތަނުގައި ގްރޭޑް 8 ހިނގަމުން އެބަދޭ.
އެހެންވީމާ، އެގޮތުންވެސް ސަރުކާރުން މިގެންދަނީ ރާއްޖެތެރެއަށް ބޭނުންވާ ތަޢުލީމުގެ ކަންތައްތައް، އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކުރެވޭތޯ ބަލަމުން. މި ދެންނެވި ކަންތައްތަކުގެ އިތުރަށް، އަމިއްލަގޮތުން ހިންގާ ސްކޫލް، މަދަރުސާ، މަކްތަބުފަދަ ތަންތަނަށް ސަރުކާރުން ތަފާތު އެހީތައް ވަމުންގެންދޭ. އޭގެތެރޭގައި، ފައިސާގެގޮތުން ދޭ އެހީއާއި، ޓީޗަރުންގެގޮތުން ދޭ އެހީއާއި، ނުވަތަ ޢިމާރާތުގެގޮތުން، ޢިމާރާތް ކުރުމަށް އެހީވެދިނުމުގެ ގޮތުން ދޭ އެހީއާއި، މިކަހަލަ ކިތަންމެ އެހީތަކެއް ހިމެނޭ. އަދި ވަކި މުއްދަތަކަށްވުރެ އާދެ، ފަސްއަހަރަށްވުރެ ގިނަދުވަހު މެދުނުކެނޑި ހިނގާފައިވާ އަމިއްލަ މަކްތަބު، މަދަރުސާ، ސްކޫލްފަދަ ތަންތަނަށް ސަރުކާރުންދޭ އެހީ އިތުރުކުރި ވާހަކަ ތިޔަބޭފުޅުން މިހާރު ވާނީ އައްސަވާފައި. މި ކަންތައްތައް މިހެން މިގެންދަނީ ކުރިންވެސް ދެންނެވިފަދައިން، ތަޢުލީމަކީ ވަރަށް މުހިންމު ޚިދުމަތަކަށްވާތީ.
ދެން އަޅުގަނޑުމެން ވިސްނާލަންޖެހޭ އަނެއްކަމަކީ ޞިއްޙީ ޚިދުމަތް. އެ ޚިދުމަތްވެސް އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކުރެވޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރަމުން ގެންދޭ. އެގޮތުން، ރާއްޖެތެރޭގައި މިހާރު ހަތަރު ދިމާއެއްގައި ރީޖަނަލް ހޮސްޕިޓަލް ނުވަތަ ސަރަޙައްދީ ހަސްފަތާލު ހިނގަމުން އެބަދޭ. އޭގެތެރެއިން އެއް އަތޮޅެއް މި އަތޮޅު މިއީ. އާދެ، މާޅޮސްމަޑުލު އުތުރުބުރީގައި، އުނގޫފާރުގައި ރީޖަނަލް ހޮސްޕިޓަލެއް ހިނގަމުން އެބަދޭ. އޭގެއިތުރުން، މި އަތޮޅުގެ އެހެން ރަށްރަށުގައިވެސް ޞިއްޙީ މަރުކަޒުތައްވެސް ހިނގަމުންދޭ. މި ރަށުގައި އާދެ، އަލިފުށީގައި އެފަދަ މަރުކަޒެއް ނެތުމާއެކުގައި، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އަލިފުށީގެ ރައްޔިތުން މަސައްކަތް ކުރައްވައިގެން އަދި ޚަރަދުކުރައްވައިގެން މިހާރު ހެލްތު ޕޯސްޓެއް ޢިމާރާތްކުރެއްވުމުގެ މަސައްކަތް އެބަ ކުރިއަށްގެންދަވާ. ޝައްކެއްނެތް، އެ މަސައްކަތަކީވެސް ވަރަށް މުހިންމު އަދި ރަށަށް ވަރަށް ފައިދާހުރި މަސައްކަތެއް. އެފަދަ މަސައްކަތްތައް ޖަމާޢަތުގެ ފަރާތުން ކުރައްވާކަން އެއީ ސަރުކަރުން ވަރަށްބޮޑަށް ފާހަގަކޮށް، އެކަމަށްޓަކައި އެ ޖަމާޢަތްތަކަށް ޝުކުރުވެރިވާ ކަމެއް.
އާދެ، އިޖްތިމާޢީ ޚިދުމަތްތަކުގެ އިތުރަށް، އިޤްތިޞާދީ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގެ މުހިންމުކަންވެސް ވަރަށް ބޮޑު. އެގޮތުން ކުރިންވެސް އަޅުގަނޑު އިޝާރާތްކުރި ފަދައިން، މަސްވެރިކަމަކީ ރާއްޖޭގައި ވަރަށް މުހިންމުކަންދެވޭ އަދި ވަރަށް މުހިންމުކަން ދޭންޖެހޭނެ މަސައްކަތެއް. ރާއްޖޭގެ ރައްޔިތުން ޒަމާނުއްސުރެ ކުރަމުން އައި އެންމެ ބުރަ، އެންމެ މުހިންމު މަސައްކަތް އެއީ. އެ މަސައްކަތް މިހާރުވެސް ވަރަށް ރަނގަޅަށް ރާއްޖޭގައި ކުރެވެމުން އެބަދޭ. އަދި އެ މަސައްކަތުގެ ފެންވަރުވެސް މިހާރު ކުރިއާ އަޅައިބަލާއިރު، މާބޮޑު ތަން މައްޗަށްގޮސް، އަދި ތަފާތު ރޮނގުރޮނގުގައި އެ މަސައްކަތް ކުރެވެމުން އެބަދޭ. އެހެން މި ދެންނެވީ، ކުރިން އަޅުގަނޑުމެން ނުކުރާ ބާވަތުގެ މަސައްކަތްތައް މިހާރު މަސްވެރިކަމުގެ ތެރޭގައި ހިމެނިގެން، އެ މަސައްކަތްތަކުން އެކަށީގެންވާ އާމްދަނީ ހޯދަމުން އެބަދޭ، އެ މަސައްކަތްކުރާ މީހުން. މިސާލަކަށް، އިހި ނެގުމުގެ މަސައްކަތް. ހުއިފިލަނޑާ ނެގުމުގެ މަސައްކަތް. ރާއްޖޭގެ ބައެއް އަތޮޅުތަކުގައި އެ މަސައްކަތްކޮށް، އެ ކުރާ މީހުންނަށް ވަރަށް ބޮޑެތި އާމްދަނީތައް ލިބެމުން މިހާރު އެބަދޭ. ކޮންމެއަކަސް އެކަހަލަ މަސައްކަތް ތަރައްޤީކޮށް، މަސައްކަތުގެ ދާއިރާ ފުޅާކުރުމަކީ، އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލަށްޓަކައި ވަރަށް މުހިންމު ކަމެއް.
އާދެ، އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން، ރާއްޖޭގެ ރައްޔިތުން ކުރައްވާ ބޮޑެތި އިޤްތިޞާދީ މަސައްކަތްތައް. އާދެ، މި ދެންނެވި މަސްވެރިކަމުގެ މަސައްކަތުގެ އިތުރަށް، ޓޫރިޒަމްގެ މަސައްކަތްވެސް ވަނީ މިހާރު ވަރަށް ބޮޑަށް ތަރައްޤީވެފައި. އެ މަސައްކަތަކީވެސް ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރަމުންދާ މަސައްކަތެއް. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ބޭރުފައިސާ އެތެރެވަމުންދަނީ ޓޫރިޒަމްގެ މަސައްކަތުން. އެހެންކަމުން، އެއީވެސް މުސްތަޤްބަލުގައި އަޅުގަނޑުމެން އިތުރަށް ފުޅާކޮށް، އިތުރަށް ހަރުދަނާކޮށް، އިތުރަށް ކުރިއަށްގެންދަން ޖެހިފައިވާ މަސައްކަތެއް. ވަކި އުޞޫލެއްގެ މަތިން ރާއްޖެތެރެއަށް ޓޫރިޒަމްގެ މަސައްކަތް ގެންދާގޮތަށްވެސް ސަރުކާރުން ވަނީ ގަސްތުކޮށްފައި. އެހެން މި ދެންނެވީ، ކުރާ އެއް މަސައްކަތަކުން، ކުރާ އެހެން މަސައްކަތަކަށް އުނިކަމެއް ލިބޭގޮތްވުމަކީ އެއްގޮތަކަށްވެސް އެދެވޭ ކަމަކަށްނުވާތީ، އަޅުގަނޑުމެން ޓޫރިޒަމްގެ މަސައްކަތް ރާއްޖެތެރެއަށް ގެންދަންވާނީ، އެއިން މަސްވެރިކަމަށް އުނިކަމެއް ނުލިބޭ ގޮތެއްގެ މަތިން. ދެ މަސައްކަތް އެއްފަހަރާ ކުރިއަށްގެންދެވޭ އުޞޫލަކަށް ވިސްނައިގެން. އެހެންވީމާ، އެރޮނގުން ވިސްނައިގެން، ސަރުކާރުން ރާއްޖެތެރެއަށްވެސް ޓޫރިޒަމްގެ މަސައްކަތް ގެންދަން ޚިޔާލުކޮށްފައިވާ ވާހަކަ އަޅުގަނޑު ދަންނަވާލަން.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު މާ ދިގުކުރެވޭކަށް ނެތް. ކުރިންވެސް ދެންނެވިފަދައިން، އަދިވެސް އެހެން ދެރަށަކަށް މިއަދު ޒިޔާރަތްކުރަން ޕްރޮގްރާމްގައި ހަމަޖެހިފައިވޭ. އަދި ވިއްސާރަ ދުވަހަކަށްވެސްވުމާއެކީގައި، ވަގުތުގެ ދަތިކަން އިތުރަށް އިޙްސާސްކުރަން އެބަޖެހޭ. އެހެންކަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، އަލިފުށީގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި، ވަރަށްވެސް އިޚްލާޞްތެރި، ތެދުވެރި މަރުޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ހަމަ އެއާއެކީގައި، މި އަތޮޅުގެ އެހެން ރަށްރަށުގެ ވެރިންނާއި، މެޖިސްޓްރޭޓުން ވަޑައިގެން ތިއްބެވީތީ، އެ ބޭފުޅުންނަށް އަޅުގަނޑުވެސް މަރުޙަބާ ދަންނަވައި، އަދި އެ ބޭފުޅުން މެދުވެރިކޮށް، މި އަތޮޅުގެ، މާޅޮސްމަޑުލު އުތުރުބުރީގެ ހުރިހާ ރަށެއްގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ އަދި ސަރުކާރުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުވަން.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ކުރިއަށްދިޔުމުގެ ތައުފީޤު ދެއްވުން. އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ، އުޚުއްވަތްތެރި، އެކުވެރި ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ ފިތުނައަކަށް، ބައިބައިވުމަކަށް ތަން ނުދެއްވުން. އަދި ސަރުކާރާއި ރައްޔިތުން ތަރައްޤީގެ މަގުގައި ކުރަމުންގެންދާ ބުރަ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލައްވައި، އެ މަސައްކަތްތަކުގެ ފައިދާ އަޅުގަނޑުމެންނަށް ދެއްކެވުން.
والسّـلام عليـكم ورحـمة اللّـه وبـركاتـه.