بســم اللّـه الرّحمـن الرّحيــم
އަޅުގަނޑު ދެކޭގޮތުގައި، މިއަދާއި، މާދަމައާއި އަދި މިމަހު 22 ވަނަ ދުވަހު ރާއްޖޭގައި މި ކުރެވޭ މަސައްކަތަކީ، ވަރަށް ބޭނުންތެރި މަސައްކަތެއް. އެއީ އެކި ގޮތްގޮތުން އަޅުގަނޑުމެންގެ ތިމާވެށި ސާފުކުރުމުގެ މަސައްކަތް. މިހާރު އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭފަދައިން، ތިމާވެށްޓަކީ މުޅި ޤައުމުގެ ސަލާމަތާއި އަދި ތަރައްޤީއަށްޓަކައި ވަރަށް ބޮޑަށް ރައްކާތެރިވާންޖެހޭ އެއްޗެއް. އަޅުގަނޑުމެންގެ ދިރިއުޅުން މި ހުންނަ ގޮތުން، އަޅުގަނޑުމެންގެ ތިމާވެށްޓަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދޭ. ވަރަށް ގިނަ ތަންތަން ހަޑިވެ، އެކަންތައްތައް އެހެން ދިމާވުމުގެ ސަބަބުން، އަޅުގަނޑުމެންގެ ކުރިއެރުމަށްވެސް ވަރަށް ބޮޑު ހުރަސްތަކެއް އެޅޭ. އަދި މިނިވަން، ކުރިއަރަމުންދާ ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަށްޓަކައި، ތިމާވެށްޓަށް ދޭންޖެހޭ ސަމާލުކަން ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން.
އަޅުގަނޑުމެންގެ ތިމާވެށްޓަށް ދިމާވާ އެންމެ ބޮޑު އެއް ނުރައްކަލަކީ ނުސާފުވުން. މި ދެންނެވީ، މިސާލަކަށް މޫދަށާއި، ގޮނޑުދޮށްތަކަށާއި، ކަނޑުކަނޑަށާއި، ފަރުފަރަށް އަޅުގަނޑުމެންނަށް އުކާލެވޭ އެއްޗެތި ގިނަވަމުންދިޔުން. އެކި ވައްތަރުވައްތަރުގެ ކުނިބުންޏާއި، ޕްލާސްޓިކް ކޮތަޅާއި، ދަގަނޑާއި ދެން އޭތިމީތި އުކަމުން މިގެންދަނީ. އެހެންވީމާ، އަޅުގަނޑުމެންނަށް ވިސްނެންވެއްޖެ، ކަނޑަކީ ނުވަތަ މޫދަކީ އަޅުގަނޑުމެން ކުނިއުކަން އޮތް ތަނެއް ނޫންކަން. މިގޮތަށް އަޅުގަނޑުމެންނަށް އެކަން ކުރެވެމުންދާތީ، ވަރަށްގިނަ ގެއްލުންތަކާވެސް ކުރިމަތިލާން އެބަޖެހޭ. ރާއްޖޭގެ ތަރައްޤީއަށް އެންމެ ޙިއްޞާކުރާ ދެ ކަމަކީ މަސްވެރިކަމާއި، ޓޫރިޒަމް. މަސްވެރިކަމަށްވެސް މީގެ ސަބަބުން، މި ދެންނެވީ، ތިމާވެށި ނުސާފުވުމުގެ ސަބަބުން، އަޅުގަނޑުމެންގެ މޫދުތަކާއި، ކަނޑުކަނޑާއި، ފަރުފަރު ނުސާފުވުމުގެ ސަބަބުން ވަރަށް ނޭދެވޭ އަސަރެއް ކުރާނެ. އަދި އަޅުގަނޑުމެންގެ ޓޫރިޒަމަށްވެސް، އަޅުގަނޑުމެންގެ ގޮނޑުދޮށްތަކާއި، މޫދާއި ފަރުފަރު ނުސާފުވުމުގެ ސަބަބުން ވަރަށް ނުބައި އަސަރުތަކެއް ކުރޭ. އަދި އަޅުގަނޑުމެންގެ ޢާންމު ޞިއްޙަތަށްވެސް. މިހެން ދަންނަވަންޏާ، އަޅުގަނޑުމެންގެ އެއްވެސް ކަމެއް ނެތް، ތިމާވެށި ނުސާފުވުމުގެ ސަބަބުން އަޅުގަނޑުމެންނަށް އޭގެ އަސަރު ނުފޯރާ. އެހެންވީމާ، މި ހުރިހާ ކަމެއް ރަނގަޅުކުރުމަށްޓަކައި، މިކަހަލަ މުނާސަބަތުތަކުގެ ބޭނުންކޮށްގެން، އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަކީ ވަރަށް ބޭނުންތެރި، ވަރަށް މުހިންމު ކަމެއް.
މުޅި ދުނިޔޭގައިވެސް މި ދުވަސް އެބަ ފާހަގަކުރެވޭ، ދުނިޔެ ސާފުކުރުމުގެ ދުވަސް. މިއީ މުޅި ދުނިޔޭގައި އެގޮތަށް ފާހަގަކުރެވޭ ދެވަނަ އަހަރު. އަޅުގަނޑުމެންވެސް ޤައުމީ ފެންވަރެއްގައި ފާހަގަކުރާ ދެވަނަ އަހަރު. އެހެންވީމާ، މާލޭގައިވެސް އަދި ރާއްޖެތެރޭގައިވެސް، މި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް ސާބަސް ދެން. އަޅުގަނޑު އެ ފަރާތްތަކަށް ދަންނަވަން ބޭނުންވާ ވާހަކައަކީ، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަކީ ވަރަށް މުހިންމު، ވަރަށް ބޭނުންތެރި މަސައްކަތެކޭ. އެހެންވީމާ، އެ މަސައްކަތް، މިއަދުވެސް އަދި މާދަމާވެސް އަދި މި ހަފްތާގައި، ދެން ހަމަޖެހޭ ދުވަހަކުންވެސް ވަރަށް ފުރިހަމަކޮށް، ވަރަށް ރަނގަޅަށް ކޮށްދެއްވާށޭ. އެ މަސައްކަތަކީ ހަމައެކަނި އެއްދުވަހަކުން ދެދުވަހަކުން ނުވަތަ ތިން ދުވަހަކުން ވާނެ މަސައްކަތެއް ނޫނޭ. އެހެންވީމާ، އަޅުގަނޑުމެންގެ ދިރިއުޅުމަށް މިކަމުން އަންނަންޖެހޭ ބަދަލުތައް ގެންނަމާތޯއޭ؟ އަޅުގަނޑުމެން ކޮންމެ މީހަކުވެސް، އަދި ކޮންމެ ޢާއިލާއަކުންވެސް، އަދި ކޮންމެ ރަށެއްގެ ރައްޔިތުންވެސް ވަރަށް ބޮޑަށް ވިސްނަންވެއްޖެ ނޫންތޯއޭ، އަޅުގަނޑުމެންގެ ތިމާވެށި ސާފުތާހިރު ތިމާވެށްޓެއްގެ ގޮތުގައި، ރައްކާތެރި ތިމާވެށްޓެއްގެ ގޮތުގައި ބޭއްވޭތޯ. އެހެންވީމާ އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ކުރަންޖެހޭ މަސައްކަތެއް، ހަމައެކަނި މިހަފްތާގައި ކުރުމުގެ ބަދަލުގައި އަބަދުވެސް ކުރަމާތޯއޭ؟ އެހެން އަޅުގަނޑުމެން އެ މަސައްކަތް ކޮށްފިއްޔާ، އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި ރާއްޖޭގެ ތިމާވެށްޓަކީ، ހަމަ ރައްކާތެރި އަދި ހުރިހާގޮތަކުންވެސް ސާފުތާހިރު އަދި އަޅުގަނޑުމެންނަށް އޭގެ ފައިދާ އެންމެ އެދެވޭގޮތުގައި ކުރެވޭނެ ތިމާވެށްޓަކަށްވާނެއޭ.
އެހެންވީމާ، އަޅުގަނޑު އެ ހުރިހާ ފަރާތްތަކަށް، މި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އޭގެތެރޭގައި، ސަރުކާރުގެ ފަރާތްތަކާއި އަދި ސަރުކާރުގެ ފަރާތްތަކުގެ އިތުރަށް، އަމިއްލަ ބައެއް ޖަމާޢަތްތަކުން، މިސާލަކަށް "ވެށި" މިކަމުގައި ވަރަށް ޚާއްޞަ ޙިއްޞާއެއް އެބަ ކުރައްވާ. އަދި އެނޫންވެސް އަމިއްލަ ބައެއް ޖަމާޢަތްތަކުން "އެލް.ޓީ.ޔޫ"، "މޯލްޑައިވާރސް" މިފަރާތްތަކުން، މިއަދު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މި މަސައްކަތުގައި ވަރަށް އެކަށީގެންވާ ގޮތެއްގައި ކުރިއަށް އެބަ ވަޑައިގަންނަވާ. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެ ފަރާތްތަކުން އެ ކުރައްވާ މަސައްކަތް، ސަރުކާރުގެ ފަރާތުން ވަޒަންކުރާ ވާހަކަވެސް ދަންނަވާލަން. އަދި އެކަހަލަ އަމިއްލަ ޖަމާޢަތްތަކާއި، ސަރުކާރާއި އަދި ޢާންމު ރައްޔިތުންނާ ގުޅިގެން މި ކުރާ މަސައްކަތުގެ ފައިދާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މުޅި ރާއްޖެއަށް ފެންނަމުންދާނެ.
ޝުކުރިއްޔާ އިނގޭތޯ.
والسّـلام عليـكم ورحـمة اللّـه وبـركاتـه.