ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފުރަމާނަ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަންނަވައިފިއެވެ.

ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓް (ބީ.އައި.އޭ) އިން އެ ދެކަނބަލުންނަށް އިސްތިގުބާލުކުރެއްވީ، ސްރީލަންކާގެ ބޮޑުވަޒީރު، ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި، ސްރީލަންކާގެ ސަގާފީ ހަރަކާތެއް ހިމެނޭހެން، މަރުޙަބާ ވިދާޅުވުމުގެ ހަރަކާތްތަކެއް، ބީ.އައި.އޭ ގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މިހިނގާ މޭ މަހުގެ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.