بســم اللّـه الرّحمـن الرّحيــم

الحمد لله ربَِ العالمين، وَالصّـلاة وَالسّلام علـى أشرف المرسلين. سيِّدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިއަދު އަޅުގަނޑު އަނެއްކާވެސް މި ފެށީ، ރާއްޖޭގެ ބައެއް އަތޮޅުތަކަށް ކުރާ ދަތުރެއް. އެ ދަތުރުގައި އަޅުގަނޑަށް އެންމެ ފުރަތަމައަށް މި އާދެވުނީ މި ރަށަށް. އާދެ، ފެލިދެއަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށް ފެލިދުއަށް. މި ރަށަށް އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށްވެސް ބޮޑު އުފަލެއް. މި ރަށުގެ ރައްޔިތުންގެތެރެއިން، އަޅުގަނޑުހިތުން ގިނަ ބަޔަކު ހަނދާން ހުންނާނެ ފަދައިން، މީގެކުރިންވެސް އަޅުގަނޑަށްވަނީ މި ރަށަށް ޒިޔާރަތްކުރެވިފައި. އެންމެފަހުން 1990 ވަނަ އަހަރުގެ ކުރީކޮޅު އަޅުގަނޑު މި ރަށަށް އައިން. އަދި މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރުމުގެ އުފާވެސް އަޅުގަނޑަށްވަނީ ލިބިފައި. އަޅުގަނޑު ރާއްޖެތެރެއަށް މި ކުރާ ދަތުރުތަކުގެ ބޭނުން، ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ނައިބު ޑޮކްޓަރ މުޙަންމަދު ލަޠީފްގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ.

އާދެ، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއްކަމުގައި މިއަދު ދެކެނީ، އަޅުގަނޑު މި ރަށަށް އައުމުން، މި ރަށުގެ ވެރިންނާއި ރައްޔިތުން، އަދި މި އަތޮޅުގެ އަތޮޅުވެރިން އަލްފާޟިލް ޙުސައިން މޫސާ އަދި އަތޮޅުއޮފީހުގެ އެހެން ވެރިންނާއި، މި ރަށުގެ ކޮމިޓީތަކުގެ މެންބަރުންނާއި، ޢާންމު ރައްޔިތުންނާއި، އަދި އަޅުގަނޑުމެންގެ ލޮބުވެތި ކިޔަވާކުދިންގެ ފަރާތުން އަޅުގަނޑަށް މި ލިބުނު ހޫނު މަރްޙަބާއަށްޓަކައި، އެ ހުރިހާ ފަރާތްތަކަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން. ހަމަ އެއާއެކީގައި، މިދިޔަ ހުކުރުދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ޢާންމު ވޯޓުގައި، ފެލިދޫގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ދެއްވި މަތިވެރި ތާއީދާއި އެއްބާރުލުމަށްޓަކައި، އަދި މި ރަށުގެ ރައްޔިތުން އެ ސާބިތުކޮށްދެއްވި، އަޅުގަނޑު ދަންނަވާނީ އިޚްލާޞްތެރިކަމަށްޓަކައި އަޅުގަނޑު މި ރަށުގެ ހުރިހާ ރައްޔިތުންނަށް ވަރަށް އުފަލާއެކު ޝުކުރު ދަންނަވަން. މުޅި އަތޮޅުންވެސް އަޅުގަނޑަށް ވަރަށް މަތިވެރި ތާއީދެއް ވަނީ ލިބިފައި. އެހެންކަމުން، ފެލިދޫގެ ރައްޔިތުންގެ އިތުރަށް، މި އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް މި ފުރްޞަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މިއަދު މި އަތޮޅުގެ އެހެން ރަށްރަށުގެ ވެރިންވެސް މި ރަށަށް ވަޑައިގެން އެބަތިއްބެވި. އެހެންކަމުން، އަޅުގަނޑުގެ މި ދަތުރަކީ، މި އަތޮޅަށް ކުރާ ދަތުރެއްކަމުގައި އަޅުގަނޑު ދެކޭތީ، އެ ބޭފުޅުންނާ ބައްދަލުކުރުމަކީވެސް އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އަދި އެ ބޭފުޅުން މެދުވެރިކޮށް، އެ ބޭފުޅުން އެ ތަމްސީލުކުރައްވާ ރަށްރަށުގެ ރައްޔިތުންނަށް ޢާންމުކޮށް، އަދި އެ ރަށްރަށުގައި ހަމަޖެހިފައިވާ ކޮމިޓީތަކުގެ މެންބަރުންނަށާއި، ސަރުކާރުގެ މުވައްޒަފުންނަށާއި އަދި ކިޔަވާކުދިންނަށްވެސް އަޅުގަނޑުގެ ހެޔޮއެދުންތައް ފޮނުވަން.

ފެލިދުއަކީ މަސްވެރި ރަށެއް. އާދެ، މަސްވެރިކަމުގެ އެކި މަސައްކަތްތައް މި ރަށުގެ ބައެއް މީހުން ކުރަމުންގެންދޭ. އޭގެތެރޭގައި، ކަނޑުމަހުގެ މަސްވެރިކަމާއި، އަދި ފަރުމަހުގެ މަސްވެރިކަންވެސް ހިމެނޭ. ފަހަކަށްއައިސް ފަރުމަހުގެ މަސްވެރިކަމާއި ހުއިފިލަނޑާ ނެގުންފަދަ ކަންތައްތައް އެއީ ތަންކޮޅެއް ގިނައިން މުޅި ރާއްޖޭގައިވެސް ފެތުރިފައިވާ މަސައްކަތްތަކެއް. އެއީ ވަރަށް މުހިންމު މަސައްކަތްތަކެއް. މަސްވެރިކަމަކީ ހަމައެކަނި ކަނޑުމަހުގެ މަސްވެރިކަމެއްނޫން. އަޅުގަނޑުމެންގެ ރާއްޖެއަށް މިހާރު ކަނޑުމަހުގެ މަސްވެރިކަމުގެ އިތުރަށް، މަސްވެރިކަމުގެ ތަފާތު ބާވަތްތައް ވަނީ ތަޢާރުފްވެފައި. އެ ކަންތައްތައް ތަރައްޤީކޮށް ކުރިއަރުވައި، އަދި އެ މަސައްކަތްތައް ކޮށްގެން އަޅުގަނޑުމެންގެ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ވަރަށް މުހިންމު، އަދި ބޭނުން ކަމެއް.

އާދެ، މި ރަށުގެ މަސްވެރިކަން އަދި މި އަހަރު މާ ރަނގަޅު ކަމުގައިނުވިޔަސް، އަޅުގަނޑުހިތުން މި ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ އެހެން ގޮތްތައްވެސް މިހާރު ވަނީ ތަނަވަސްވެފައި. އޭގެތެރޭގައި، މި އަތޮޅުގައި ހުރި ބައެއް ރިޒޯޓުތަކަށް، މި ރަށުގެ މީހުން ވަޒީފާ އަދާކުރުމަށްޓަކައި ދިޔުން ހިމެނޭ. އަދި ރަށުގައި ތިބެގެންވެސް ޓޫރިސްޓް ވިޔަފާރިކުރުންވެސް ހިމެނޭ. ކޮންމެއަކަސް ދިރިއުޅުމަށްޓަކައި ކޮންމެވެސް ބާވަތެއްގެ މަސައްކަތެއް ކުރުމަކީ ހަމަ ކޮންމެހެންވެސް ބޭނުންކަމެއް. އަޅުގަނޑުމެންގެތެރޭގައި މަސައްކަތް ނުކޮށް މީހުން ތިބުމަކީ، އެކަމުގެ ސަބަބުން އެ ބަޔަކު އެ ދިރިއުޅޭ ރަށަކަށްވެސް އުނިކަން އަންނާނެ ކަމެއް. އަދި ޤައުމުގެ އިޤްތިޞާދަށްވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި ރަށުގެ ރައްޔިތުންނަކީ ވަރަށް ހީވާގި، މުރާލި ބައެއް. އެ މީހުން ދިރިއުޅުމުގެ ތަފާތު މަސައްކަތްތަކުގައި އުޅެނީ އަވަދިނެތި. އެއީ އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާކިޔާ ކަމެއް. ހަމަ އެފަދައިން، މި ރަށުގެ އަންހެނުންނަކީވެސް ވަރަށް ޙަރަކާތްތެރި ބައެއްކަމުގައި އަޅުގަނޑަށްވަނީ އެނގިފައި. އެ މީހުންވެސް ރަށުގެ ތަރައްޤީއަށްޓަކައި ތަފާތު މަސައްކަތްތައް މިހާރު ކުރަމުން އެބަގެންދޭ. ރަށުތެރެ ސާފުކުރުމާއި އަދި އެނޫންވެސް ކުރަން ބޭނުންވާ އެހެން މަސައްކަތްތައް ވަރަށް އެކުވެރިގޮތެއްގައި ރަށުގެ އަންހެނުން ކުރަމުންގެންދާކަން އަޅުގަނޑަށް އެނގިފައިވާތީ، އެކަންވެސް ފާހަގަކޮށް، މި ރަށުގެ އަންހެނުންނަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން ޓޫރިޒަމާ ގުޅޭ ބައެއް މަސައްކަތްތައް ކޮށްގެން، އެކަމުން އާމްދަނީއެއް ހޯދަމުން ގެންދިޔަކަމުގައިވިޔަސް، ޓޫރިޒަމްގެ މައްޗަށް ހަމައެކަނި އަޅުގަނޑުމެން އިތުބާރުކޮށްގެން ތިބޭކަށެއް ނުވާނެ. އެހެން މި ދެންނެވީ، އެކަން ބިނާވެފައި އެ އޮންނަނީ ރާއްޖެއަށް އަންނަ ޓޫރިސްޓުން އައުމުގެ މައްޗަށް ކަމަށްވާތީ. ޓޫރިސްޓުން އަންނާނީ އެކި އަހަރު އެކިވަރަށް. އަދި އެމީހުންގެ ޤައުމުތަކަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ބައެއްފަހަރަށް އެ މީހުންގެ ދަތުރުތައް މަދުކޮށްލާ. ނުވަތަ މުޅިން ހުއްޓާލާ. ގަލްފު ހަނގުރާމައިގެ ދުވަސްވަރު ރާއްޖޭގެ ޓޫރިޒަމަށް އޮތީ މިކަން އިޙްސާސްކުރަން ޖެހިފައި. ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު، އެ އަހަރު ކުއްލިއަކަށް މަދުވެގެންދިޔައީ. އެކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ޓޫރިސްޓް މަސައްކަތަށްވެސް ހީނަރުކަމެއް ލިބިފައިވޭ.

އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް ވިސްނަންޖެހޭނީ، އަޅުގަނޑުމެންގެ ރާއްޖޭގައި ކުރެވޭ ނުވަތަ ކުރެވެންހުރި މަސައްކަތްތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް. ހަމައެކަނި ޓޫރިޒަމް މަސައްކަތް ކަހަލަ މަސައްކަތްކޮށްގެން، އެކަމުން އަދި ވަގުތީ ފައިދާތަކެއް ލިބުނުކަމުގައިވިޔަސް، އެކަމަށް މުޅިން އިތުބާރުކޮށްގެން، އެހެން މަސައްކަތްތައް އެއްގޮތަކަށްވެސް ދޫކޮށްލާކަށެއް ނުވާނެ. އަޅުގަނޑުހިތުން މި ރަށުގެ ރައްޔިތުންނަށްވެސް، އަޅުގަނޑު މި ދެންނެވި އެއްޗެއްގެ މާނަ ރަނގަޅަށް ވިސްނިވަޑައިގަންނަވާނެ.

އާދެ، މި ރަށަކީ މި އަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށް. އެހެންކަމުން، ސަރުކާރުގެ ތަފާތު ރޮނގުރޮނގުން މި ރަށަށް ކަންތައްތައް ހަމަޖެހިފައި އޮވޭ. އަޅުގަނޑުމެން ޖަލްސާކުރަމުންމިދާ، ވ. އަތޮޅު ތަޢުލީމީ މަރުކަޒު މިހިރީ މި ރަށުގައި. އާދެ، އެއީ، ޝައްކެއްނެތްގޮތުގައި، މިރަށަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް. މި ރަށުގެ ކިޔަވާ ޢުމުރުގެ ހުރިހާ ކުދިންވެސް، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ތަޢުލީމީ މަރުކަޒުން ތަޢުލީމު ޙާޞިލްކުރަމުންގެންދޭ. އަދި މިހާރު ގްރޭޑް 7 އާ ހަމައަށް ކިޔަވަމުންވެސް ގެންދޭ. މުސްތަޤްބަލުގައި އިރާދަކުރެއްވިއްޔާ މި ރަށުގައިވެސް ސާނަވީ ތަޢުލީމު މާލަހެއްނުވެ، ދެވެން ފެށޭނެ. އެހެން މި ދެންނެވީ އަދި މިހާރު ތިބި ކުދިންގެ އަދަދަށް ބަލާއިރު، ގްރޭޑް 8 މި ރަށުގައި ނެތްކަމުގައިވިޔަސް، މުސްތަޤްބަލުގައި ތަންކޮޅެއް ގިނަ އަދަދަކަށް ގްރޭޑް 7 ގައި ކުދިން ތިބޭގޮތެއް ދިމާވެއްޖެނަމަ، އަދި އެ ކުދިންގެތެރޭގައި ޘާނަވީ ތަޢުލީމު ކުރިއަށްގެންދެވޭ ފެންވަރުގެ ކުދިން ތިބިކަމުގައިވާނަމަ، މުސްތަޤްބަލުގައި މި ރަށުގައިވެސް ސާނަވީ ތަޢުލީމުގެ މަރްޙަލާ އުފެދޭނެކަމާމެދަކު ޝައްކެއްނެތް.

އާދެ، ތަޢުލީމީ މަރުކަޒުގެ އިތުރަށް، މި ރަށުގައި މިހާރު ރަނގަޅު ފެންވަރެއްގައި ހެދިފައިވާ ޞިއްޙީ މަރުކަޒެއްވެސް ހިނގަމުން އެބަދޭ. އެއީވެސް ވަރަށް މުހިންމު ތަނެއް. މިރަށުގެ ބަލިމީހުންނަށާއި، މައިންނަށާއި، އަދި ކުޑަކުދިންނަށް، އަދި ކައިރި ރަށްރަށުގެ ބަލިމީހުންނަށްވެސް މިތަނުގެ ޚިދުމަތްދަނީ ލިބެމުން. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ޞިއްޙީ ޚިދުމަތަކީ ޤައުމެއްގެ ތަރައްޤީގައި ވަރަށް މުހިންމު ޚިދުމަތެއް. ޞިއްޙަތު ސަލާމަތުން ހުރެގެން އަޅުގަނޑުމެންނަށް ފައިދާހުރި މަސައްކަތެއް ކުރެވޭނީ. އެހެންކަމުން، ސަރުކާރުގެ ފަރާތުން ރާއްޖޭގައި ދެވެން ހުންނަ ޞިއްޙީ ޚިދުމަތްތައް، އޭގެ ދާއިރާ ފުޅާކޮށް، އޭގެ ފެންވަރު މަތިކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން ގެންދާކަން މި ރަށުގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ. އަދި ވ. އަތޮޅަކީ ކުރިންވެސް ފާހަގަކުރެވިފައިވާ ގޮތުގައި، ޞިއްޙީގޮތުން ވަރަށް ރަނގަޅު އަތޮޅެއް ކަމުގައި ދަންނަވަންޖެހޭ. އާދެ، އެއީ ރާއްޖެއަށް 1978 ވަނަ އަހަރު ފުރަތަމަ ފަހަރަށް ކޮލެރާ އައި އައުމުގައިވެސް މި އަތޮޅަކަށް އެ ނުރައްކާތެރި ބަލީގެ އަސަރެއް އައިސްފައެއްނުވޭ. އަދި އޭގެފަހުންވެސް ދިމާވާ އެކިއެކި ބޮޑެތި ރޯގާތައް، ނުރައްކާތެރި ރޯގާތައް، މި އަތޮޅަކަށް ފޯރާފައެއްނުވޭ. އަޅުގަނޑުހިތުން އެއިން ދައްކައިދެނީ، މި އަތޮޅުގެ ރައްޔިތުންނަކީ ސާފުތާހިރުކަމަށް ލޯބިކުރައްވާ އަދި ޞިއްޙީ ކަންތައްތަކަށް ސަމާލުކަން ދެއްވާ ބައެއްކަން. އާދެ، އަޅުގަނޑު އެކަމަށްޓަކައި ވަރަށް އުފާކުރަން. އަދި މި އަތޮޅުގެ ރައްޔިތުން މިހާރުވެސް އެ ގެންދަވާ އުޞޫލުން ޞިއްޙީ ކަންތައްތަކަށް ސަމާލުކަން ދެއްވައިގެން ކަންތައްތައް ކުރެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.

އާދެ، މި ދެންނެވި ކަންތައްތަކުގެ އިތުރަށް، ސަރުކާރުން ކޮށްދީފައިވާ އެހެން ކަންތައްތަކެއްވެސް އެބަހުރި. އޭގެތެރޭގައި މި ރަށުގައި އަލަށް އަތޮޅުއޮފީހަކާއި، އަތޮޅުގެއެއް ޢިމާރާތްކުރުން. މި ރަށުގައި ރަށުކޯޓާއި ރަށުއޮފީސް ހިމެނޭގޮތުން އަލަށް ޢިމާރާތެއް ކޮށްދިނުން. އަދި މި ރަށުގެ ފާލަންވެސް ހަދައިދިނުން ހިމެނޭ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިހާރު
އެ ފާލަމަށް ވަނީ ކޮންމެވެސް ކަހަލަ ގެއްލުންތަކެއް ލިބިފައި. އެހެންނަމަވެސް، އެ ފާލަން މަރާމާތުކުރުމުގެ ކަންތައްވެސް ވަނީ އަޅުގަނޑުހިތުން ކުރިޔަށް އޮތްތާނގައި ކުރެވޭގޮތަށް. ހަމައެފަދައިން، ޓެލެފޯނުގެ ޚިދުމަތްވެސް ވަރަށް ކުރީކޮޅު މި ރަށަށް ލިބެން ފަށައިފި. ޓެލެފޯނުގެ ޚިދުމަތަކީ މުވާޞަލާތުގެ ގޮތުން ބަލާއިރު ތަރައްޤީއަށްޓަކައި، އަދި ޢާންމު ދިރިއުޅުމަށްޓަކައި ވަރަށް ބޭނުންތެރި ވަސީލަތެއް. ރާއްޖޭގައިވެސް އެ ވަސީލަތް ފަތުރަމުންގެންދޭ، ރާއްޖޭގެ ތަފާތު އަތޮޅުތަކަށް. އެ ވަސީލަތް ފަތުރަމުން ގެންދެވޭތޯ ސަރުކާރުން މަސައްކަތްކުރަމުން މިގެންދަނީ. އެހެންނަމަވެސް، އެކަހަލަ ކަންތައްތަކަކީ ވަރަށް އަގުބޮޑު އަދި އެކަމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަންތައްތަކެއް ކަމަށްވާތީ، އަޅުގަނޑުމެންގެ ރާއްޖޭގައި، ހުރިހާ އަތޮޅެއްގައި އަދި އެއްފަހަރާ އެކަން ވާން ނެތީ.

އާދެ، އަޅުގަނޑުމެން ހީވާގިކަމާއި މުރާލިކަމާއެކީގައި ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ގެންދާއިރު، ނުވަތަ ރަށުގެ ފައިދާއަށާއި، ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން ގެންދާއިރު، އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭ އެކުވެރިކަމަށްވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެ. އެކުވެރިކަންނެތި އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެ. އަޅުގަނޑުހިތުން މިއީ މިރަށުގެ ރައްޔިތުންވެސް ޤަބޫލުކުރައްވާނެ ޙަޤީޤަތެއް. އަދި އޭގެއިތުރުން، އަޅުގަނޑުމެންނަކީ މުސްލިމުން. މުސްލިމުންނަކީ اللهُ سُبْحَانَهُ وَتَعَالَى އަންގަވާފައިވާ ގޮތުގައި، އުޚުއްވަތްތެރި ބައެއް. އެއްބަނޑުއެއްބަފާ ބައެއް. އެހެންކަމުން، އަޅުގަނޑުމެންގެތެރޭގައި އޮންނަންޖެހޭ އެކުވެރިކަމަށާއި އަދި ތިމާގެކަމަށާއި، އެއްބަނޑުއެއްބަފާކަމަށް އަޅުގަނޑުމެންގެ އެންމެންވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެ. ކޮންމެ މީހަކުވެސް، އެ މީހެއްގެ ދާއިރާގައި އެކުވެރިކަން އާލާކުރެވޭތޯ، އެކުވެރިކަމުގެ ގުޅުންތައް ބަދަހިކުރެވޭތޯ މަސައްކަތްކުރަންވާނެ.

އަޅުގަނޑު މިހެން މި ދެންނެވީ، މި ރަށުގައިވެސް ބައެއްފަހަރަށް ހިސާބަކަށް ބައެއްކަހަލަ މައްސަލަ ނުކުންނަމުންދާކަން އެނގިފައިވާތީ. އެހެންވީމާ، އެ ކަންތައްތައް އެގޮތަށް ހުރުމަކީ ރަށުގެ ކުރިއެރުމަށް އެޅޭ ވަރަށްބޮޑު ހުރަހަކަށްވާނެ. އަޅުގަނޑުގެ ނަޞޭޙަތަކީ އަދި އިލްތިމާސަކީ، މިރަށުގެ ރައްޔިތުން އެކުވެރި ބައެއް ކަމުގައިވުން. ރައްޔިތުންގެމެދުގައި އެއްވެސްކަހަލަ ހަމަނުޖެހުމެއް ނުވަތަ ދެކޮޅުވެރިކަމެއް އުފެދޭގޮތް ނުވުން. ރަށުގެ ތަރައްޤީއަށްޓަކައި، ރަށުގެ ކުރިއެރުމަށްޓަކައި، ރައްޔިތުންގެ މަންފާއަށްޓަކައި ތަފާތު މަސައްކަތްތައް އަޅުގަނޑުމެން ކުރަމުންގެންދާއިރު، އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ، އެކުވެރި ބައެއްގެ ގޮތުގައި ތިބެގެން އެ މަސައްކަތްތައް ކުރަމުން ގެންދިޔުން.

އާދެ، މި ރޮނގުން މާދިގު ވާހަކައެއް ނުދެއްކިޔަސް އަޅުގަނޑުހިތުން، އަޅުގަނޑު ތިޔަބޭފުޅުންނަށް މި އަރުވާ ނަޞޭޙަތް ނުވަތަ ތިޔަބޭފުޅުންގެ ކަންފަތްޕުޅަށް މި އިއްވާ އިރްޝާދުގެ ބަސްކޮޅު، އޭގެ މާނަ ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް ވިސްނިވަޑައިގަންނަވާނެ. އަދި އެއާ އެއްގޮތަށް ޢަމަލުކުރެއްވުމަކީ އެއްވެސް ޙާލެއްގައި ތިޔަބޭފުޅުންނަށް ދަތިފުޅުވާ ކަމަކަށް ނުވާނެ. އާދެ، އަޅުގަނޑުގެ ވާހަކަ ދެން މާ ދިގުކުރާކަށް ގަޞްދެއްނުކުރަން. މި ރަށަށް އައުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އަދި މި ރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ދެއްވި ތަރުޙީބަކީ ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރާ ކަމެއް.

އާދެ، އަޅުގަނޑުގެ ދަތުރު ހަމަޖެހިފައިވާ ގޮތުން މިފަހަރު މި އަތޮޅުގެ، ހަމައެކަނި މި ރަށަށް އަޅުގަނޑަށް ޒިޔާރަތްކުރެވެން އޮތީ. އެހެންކަމުން، މި އަތޮޅުގެ އަތޮޅުވެރިން އަލްފާޟިލް ޙުސައިން މޫސާއަށާއި އަދި އަތޮޅުއޮފީސް ހިންގަވަން ތިއްބެވި އެހެން ވެރިންނަށާއި އަދި މި އަތޮޅުގެ އެހެން ރަށްރަށުގެ ވެރިންނާއި، މެޖިސްޓްރޭޓުންނާއި، އަދި އެހެންވެސް ބޭފުޅުން މެދުވެރިކޮށް، އެ ބޭފުޅުންނަށާއި އަދި އެ ބޭފުޅުން އެ ތަމްސީލުކުރައްވާ ރަށްރަށުގެ ރައްޔިތުންނަށް އަޅުގަނޑުގެ ހެޔޮއެދުންތައް ފޮނުވަން. އަދި އެ ރަށްރަށުގެ ރައްޔިތުންވެސް ރަށުގެ ތަރައްޤީއަށްޓަކައި އެ ކުރައްވަމުން ގެންދަވާ މަސައްކަތްތައް އަޅުގަނޑު ފާހަގަކުރާ ވާހަކަ ދަންނަވާލަން. އަދި އެހެން ރަށްރަށުގެ ވެރިން މެދުވެރިކޮށް، ސަރުކާރުގެ އިޚްލާޞްތެރި ހެޔޮއެދުންތަކާއި އަދި އެ ރަށްރަށުގެ ރައްޔިތުން އެ ކުރައްވާ މަސައްކަތްތަކުގެ އަގު، ސަރުކާރުން ވަޒަންކުރާކަން އެ ރަށުގެ ރައްޔިތުންނަށް ރައްދުކޮށްދެއްވުން އަޅުގަނޑު އެދެން.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ތެދުމަގު ދެއްކެވުން. އަދި މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެންގެ ޤައުމައިގެން ކުރިއަށްދިޔުމުގައި އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވުން. އަދި ސަރުކާރާއި ރައްޔިތުން މި ކުރާ ބުރަ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލައްވައި، އެކަމުގެ ފައިދާ އަޅުގަނޑުމެންނަށް ދެއްކެވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.