بســم اللّـه الرّحمـن الرّحيــم
الحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين. سيِّدنا محـمَّدٍ وَعلـى آلـه وأصـحَابِه أجمـعـين.
އަޅުގަނޑު ދެކުނުގެ ބައެއް އަތޮޅުތަކަށް މިކުރާ ދަތުރުގައި މިއަދު ނިލަންދެއަތޮޅު ދެކުނުބުރީގެ އަތޮޅުވެރިކަންކުރާ ރަށް، ކުޑަހުވަދުއަށް އައުމުން، ކުޑަހުވަދޫގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި، ވަރަށް ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑުގެ މި ޝުކުރުގައި މި އަތޮޅުގެ އަތޮޅުވެރިން އަލްފާޟިލް އިސްމާޢީލް ޢަފީފް، އަދި އަތޮޅުއޮފީހުގެ އެހެން މުވައްޒަފުން، އަތޮޅުވެރިޔާގެ އެހީތެރިން، ހަމައެފަދައިން، ކުޑަހުވަދޫގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ލޮބުވެތި ކިޔަވާކުދިން ހިމަނަން. މީގެއިތުރުން، މިރަށަށް ވަޑައިގެން ތިއްބެވި މި އަތޮޅުގެ އެހެން ރަށްރަށުގެ ވެރިންވެސް ޝާމިލްކުރަން.
އާދެ، އަޅުގަނޑުގެ މި ދަތުރަކީ، ނިލަންދެއަތޮޅު ދެކުނުބުރިއަށް ކުރާ ދަތުރެއް. އެހެންނަމަވެސް، ވަގުތުގެ ދަތިކަމުން އަޅުގަނޑަށް މި ދަތުރުގައި މި އަތޮޅުގެ އެހެން ރަށްރަށަށް ޒިޔާރަތް ކުރެވޭގޮތްނުވީ. އެހެންކަމުން، މިއަދު މި ރަށަށް ވަޑައިގެން ތިއްބެވި މި އަތޮޅުގެ އެހެން ރަށްރަށުގެ ވެރިން މެދުވެރިކޮށް، އެ ބޭފުޅުން އެ ތަމްސީލު ކުރައްވާ ރަށްރަށުގެ އެންމެހައި ރައްޔިތުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުވަން.
އާދެ، މި މަހުގެ 1 ވަނަ ދުވަހު، އާދެ، މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ޢާންމު ވޯޓުލުން އޮތް. އެދުވަހުގެ ވޯޓުގައި ކުޑަހުވަދޫގެ ރައްޔިތުން، އަދި ނިލަންދެއަތޮޅު ދެކުނުބުރީގެ ރައްޔިތުން އަޅުގަނޑަށް ކުރެއްވި މަތިވެރި ތާއީދަށްޓަކައި އަދި އަޅުގަނޑަށް ދެއްވި ފުރިހަމަ އިތުބާރަށްޓަކައި މި ރަށުގެ ލޮބުވެތި ރައްޔިތުންނަށާއި، މި އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ޝައްކެއްނެތް، ރިޔާސީ އިންތިޚާބަކީ ވަރަށް މުހިންމު ކަމެއް. ކޮންމެ ފަސްއަހަރަކުން އެއްފަހަރު އެ އިންތިޚާބު އަޅުގަނޑުމެންނާ ކުރިމަތިލަނީ. އަޅުގަނޑުމެންގެ ވާޖިބަކަށްވަނީ ކުރިއަށް އޮތް ފަސްއަހަރު ރާއްޖޭގެ ވެރިކަމާ ޙަވާލުވާނެ މީހަކު ހޮވުން. އެއީ، ޤައުމީ ވާޖިބަކަށްވާހިނދު، އެ ވާޖިބު ރާއްޖޭގެ ރައްޔިތުން އަބަދުވެސް އަދާކުރައްވަމުން ގެންދަވާފައިވަނީ ވަރަށް ފުރިހަމަގޮތެއްގައޭ، އަޅުގަނޑަށް ދަންނަވަންޖެހޭ. އެއީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ވަރަށްގިނަ އަދަދެއްގެ ނިސްބަތެއް، ވަރަށް ބޮޑު ނިސްބަތެއް އެ ޤައުމީ ވާޖިބު އަދާކުރުމުގައި ބައިވެރިވާތީ. މި އަހަރު ޚާއްޞަގޮތެއްގައި އެކަން ފާހަގަކޮށްލެވޭ. އެއިން ދައްކައިދޭ އެއްޗަކީ ރާއްޖޭގެ ރައްޔިތުންގެ ސިޔާސީ ހޭލުންތެރިކަންވެސް މިހާރު މައްޗަށް ޖެހިލާފައިވާ މިންވަރު. ޤައުމީ ވާޖިބު އަދާކުރުމުގައި ރައްޔިތުން ތިއްބެވިގޮތް. ރައްޔިތުންނަކީ އެފަދަ މުހިންމު ވާޖިބުތައް އަދާކުރެއްވުމުގައި ފަސްނުޖެހޭ ބައެއްކަން ހާމަކޮށްދޭ ކަމެއް، މި އަހަރު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ.
އާދެ، ކޮންމެއަކަސް އަޅުގަނޑު ވޭތުވެދިޔަ ފަނަރަ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު ހިންގަމުން ގެނައި އުޞޫލުތަކަށް ދެއްވި ތަރްޙީބެއް ކަމުގައި އަޅުގަނޑު ދެކެނީ، އަޅުގަނޑަށް މިފަހަރު ރައްޔިތުން އެކުރެއްވި މަތިވެރި ތާއީދު. އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ސަރުކާރު ހިންގުމާ އަޅުގަނޑު ޙަވާލުވީއްސުރެ ރާއްޖޭގެ ކަންތައްތައް އިޞްލާޙުކުރެވޭތޯ، ރަނގަޅުކުރެވޭތޯ، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މައްޗަށް ގެންދެވޭތޯ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށްއެޅޭތޯ މިދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުން. އެ މަސައްކަތް ކާމިޔާބުގޮތެއްގައި ކުރިއަށްދާ ކަމަށްވާނަމަ، އެކަން އެހެން އެވަނީ ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުން މިކަމުގައި ހިމެނިފައިވާތީއޭ، އަޅުގަނޑު އުފަލާއެކު ދަންނަވަން.
އާދެ، ޝައްކެއްނެތް، އަޅުގަނޑުމެންގެ ޤައުމަކީ ވަރަށް ކުޑަކުޑަ ޤައުމެއް. އަޅުގަނޑުމެންގެ އާބާދީގެ އަދަދުވެސް ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު ވަރަށް މަދު. މުއްސަނދިކަމުގެ ވަސީލަތްތައް އަޅުގަނޑުމެންނަށް ލިބިފައިވާލެއްވެސް މަދު. އެހެންކަމުން، އަޅުގަނޑުމެން ކުރިއަށްދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، އެހެން ޤައުމުތަކުގެ މީހުން ކުރަންޖެހޭ މަސައްކަތްތަކަށްވުރެ މާ ބުރަވެފައި، މާގިނަ. އެކަން އެހެން އޮތްކަމުގައިވިޔަސް، މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ރާއްޖެ ކުރިއަށް ގޮސްފައިވާ މިންވަރުން ދައްކައިދެނީ، ރާއްޖޭގެ ރައްޔިތުން ކުރިއެރުމަށްޓަކައި، ތަރައްޤީއަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ ބުރަކަމާއި އަދި އެކަމުގައި ރައްޔިތުން އެ ގެންގުޅުއްވާ އިޚްލާޞްތެރިކަން. މިއީ އަޅުގަނޑުހިތުން އެހެން ޤައުމުތަކުންވެސް ޤަބޫލުކުރާ ޙަޤީޤަތެއް. ރާއްޖެއާބެހޭ އެކިއެކި ދިރާސާތައް ކުރައްވާ، ބޭރުގެ މާހިރުންވެސް ފާހަގަކުރައްވާ ގޮތުގައި ރާއްޖޭގެ ކުރިއެރުންދަނީ ވަރަށް ހަލުވި ބާރުމިނެއްގައި ކުރިއަށް. އަޅުގަނޑުމެން ފަދަ ކުޑަ ޤައުމަކަށް އެފަދަ ހަލުވިކަމަކާއެކީގައި ކުރިއަށްދިޔުމަކީ ދަތިކަމެއް ކަމަށް އެ މާހިރުންވެސް ޤަބޫލުކުރައްވާ ފަދަ ގޮތެއްގައި. އެކަމަށްޓަކައި އަޅުގަނޑުމެން اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަންޖެހޭ. ހަމައެފަދައިން، އަޅުގަނޑުމެންނަށް، މި ވޭތުވެދިޔަ ތާނގައި މި ހޯދުނު ކާމިޔާބީތަކުން ހިތްވަރު ލިބިގެން، އަޅުގަނޑުމެންގެ ތަރައްޤީ މިހާރަށްވުރެވެސް ހަލުވިކޮށް، އަދި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ.
އާދެ، ތަރައްޤީގެ ވާހަކަ ދައްކާއިރު، ރާއްޖޭގެ ނިސްބަތުގައި މަސްވެރިކަމުގެ ވާހަކަ ނުދައްކާ ކަމަކުނުދާނެ. މަސްވެރިކަމަކީ އެންމެ ކުރިއްސުރެ ރާއްޖޭގައި ކުރެވެމުން އަންނަ އެންމެ މުހިންމު އިޤްތިޞާދީ މަސައްކަތް. މިހާރުވެސް ރާއްޖޭގައި ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތް. އެ މަސައްކަތަކީ ކުޑަހުވަދޫގެ ރައްޔިތުންވެސް ވަރަށް ޚާއްޞަ ގޮތެއްގައި ކުރައްވަމުން ގެންދަވާ މަސައްކަތެއް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި އަތޮޅުން އެންމެ މަސްވެރިކަމަށް ރަނގަޅު އެއްރަށަކީ މިއީ. ކުޑަހުވަދުއާއި މާއެނބޫދުއާ ދެރަށް އެއީ، ކަނޑުމަހުގެ މަސްވެރިކަމަށް މި އަތޮޅުގައި ފާހަގަކުރެވޭ ދެ ރަށް. އެހެންކަމުން، އެއީ އަޅުގަނޑުހިތުން އަޅުގަނޑުމެން އުފާކުރަންޖެހޭނެ ކަމެއް. މި ދެންނެވީ، ކަނޑުމަހުގެ މަސްވެރިކަން ކުރިއަށްގެންދިޔުމަކީ ރާއްޖޭގެ އިޤްތިޞާދުގެ ވަރަށް މުހިންމު ކަމަކަށްވާތީ. ހަމައެއާއެކީގައި، މަސްވެރިކަމުގެ ތަފާތު ރޮނގުތަކުން ކުރިއަށްދިޔުމަށްވެސް މަސައްކަތް ކުރަންޖެހޭނެ. ފަރުމަހުގެ މަސްވެރިކަން، ހުއިފިލަނޑާ ނެގުން، ނުވަތަ އިހި ނެގުން، މިފަދަ ތަފާތު އެހެން މަސައްކަތްތައްވެސް ރާއްޖޭގެ ރައްޔިތުން މިހާރު ކުރައްވަމުން ގެންދަވާ. އެއިން ކޮންމެ މަސައްކަތަކީވެސް މުހިންމު އިޤްތިޞާދީ މަސައްކަތެއް.
މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ތަފާތު މަޝްރޫޢުތައް ރާވައިގެން ހިންގަމުން ގެންގޮސްފައިވާކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އަދި މިހާރުވެސް އެފަދަ އާ މަޝްރޫޢުތައް ރާވައިގެން ހިންގަމުން އެބަގެންދޭ. އޮއިވާލި ކަނދުފަތިލުމުގެ މަޝްރޫޢަކީވެސް އޭގެތެރެއިން ހިމެނޭކަމެއް. އެ މަޝްރޫޢު މިހާރު ރާއްޖެތެރެއަށް އެދަނީ ފެތުރެމުން. މި އަތޮޅުގައިވެސް މީގެކުރިން ކަނދުފައްޗެއް ވަނީ ލެވިފައި. އެހެންނަމަވެސް، ކަންދިމާވިގޮތުން އެ ކަނދުފަތި މިހާރު ނެތީ. އެކަމަކު އެހިސާބުން އެ ކަންތައް ހުއްޓުނީކީ ނޫން. މި ރަށުގެ މަސްވެރިންނާއި އަދި މާއެނބޫދޫގެ މަސްވެރިން އެކަމަށް ކުރައްވާ މަސައްކަތް ސަރުކާރަށް އޮތީ އެނގިފައި. އަދި ސަރުކާރުން މިހާރު ހަމަޖައްސާފައިވާ އުޞޫލުގެމަތިން، އެ ކަނދުފަތިލުމުގެ ކަންތައްވެސް ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ މާ ލަހެއްނުވެ އެކަން ހަމަޖެހޭނެ.
އާދެ، މަސްވެރިކަން ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮންމެ ކަމެއް، ވީހާ ހަރުދަނާގޮތެއްގައި، ވީހާ ފައިދާހުރި ގޮތެއްގައި ކުރެވޭތޯ ބެލުމަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް. އަޅުގަނޑުމެންގެ ވާޖިބެއް. އެހެން މި ދެންނެވީ، މަސްވެރިކަމަކީ ރާއްޖޭގައި އިޤްތިޞާދީ ގޮތުން ކުރެވޭ އެންމެ މުހިންމު މަސައްކަތް ކަމަށްވެފައި، މަސްވެރިކަން ތަރައްޤީވި މިންވަރަކުން ރާއްޖޭގެ އިޤްތިޞާދަށްވެސް އަދި އެ މަސައްކަތްކުރާ މީހުންނަށްވެސް އޭގެ ތަނަވަސްކަން ލިބެމުންދާނެތީ.
އާދެ، މި އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ފާހަގަކުރެވޭ އަހަރު. ރާއްޖޭގެ އުފެއްދުންތެރިކަން ވަނީ އިތުރުކުރަން ބޭނުންވެފައި. ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންނަކީ ޠަބީޢީ ވަސީލަތްތައް، އިޤްތިޞާދީ ވަސީލަތްތައް މަދުން ލިބިފައިވާ ޤައުމެއް. އެހެންކަމުން، އަޅުގަނޑުމެން މި ކުރަމުންގެންދާ މަސައްކަތް އަދި އަޅުގަނޑުމެންނަށް ކުރެވެންހުރި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އިތުރަށް ކުރިއަށް ގެންގޮސްގެން ނޫނީ އަޅުގަނޑުމެންނަކަށް ކުރިއަކަށް ނުދެވޭނެ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި މި އަހަރު މި ފާހަގަކުރަނީ އެ ބޭނުން ފުއްދުމަށްޓަކައި. ރާއްޖޭގައި ކުރެވެންހުރި މަސައްކަތްތަކަކީ ކޮބައިތޯ ބަލައި އަދި މިހާރުވެސް ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކަށް އެޅޭ ހުރަސްތަކަކީ ކޮބައިތޯ ބަލައި، އެ ހުރަސްތައް ނައްތައިލުމުގެ ބޭނުމުގައި، ކުރިއަށްއޮތް ތާނގައި ސަރުކާރުންވެސް އިތުރު އެހީތަކާއި ޢިނާޔަތްތައް، އެކިއެކި މަސައްކަތްކުރާ މީސްމީހުންނަށާއި ޖަމާޢަތްތަކަށް ދީގެން، މަސައްކަތްތެރިކަން ކުރިއަށްގެންގޮސް، އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މި އަހަރު އެގޮތުގައި މި ފާހަގަކުރެވެމުންދަނީ. އަޅުގަނޑަށް ހީވާގޮތުގައި، މިބާވަތުގެ މަސައްކަތްތައް ކުރުމުން، އޭގެ ނަތީޖާ މާ ލަހެއްނުވެ، އަޅުގަނޑުމެންނަށް ފެންނާނެ.
އާދެ، މިފަދަ ކޮންމެ ކަމެއްގައި ރައްޔިތުން ސަރުކާރާ އެއްބާރުލައްވައިގެން ކުރިއަށް ވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެއް. އެއީ ސަރުކާރުން ތަފާތު މަޝްރޫޢުތައް ރޭވިޔަސް އަދި އެކިއެކި މަސައްކަތްތައް ކުރުމުގައި ގިނަ ޚަރަދުތަކެއް ކުރިކަމުގައިވިޔަސް، އޭގެ ފައިދާ ފެންނާނީ ރައްޔިތުން އެކަމުގައި އެއްބާރުލައްވައިގެން ކުރިއަށް ވަޑައިގަތީމާ ކަމަށްވާތީ. އަޅުގަނޑުހިތުން މިހާތަނަށްވެސް ރާއްޖޭގެ ރައްޔިތުން ދައްކަވާފައިވަނީ އެހީތެރިކަމާއި އެއްބާރުލެއްވުމުގެ ވަރަށް ރީތި މިސާލެއް. ކުރިއަށް އޮތް ތާނގައިވެސް ހަމަ އެގޮތަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ލިބޭކަމަށްވަންޏާ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން އުންމީދުކުރާ ލަނޑުދަނޑިތަކާ ހަމައަށް ވާޞިލްވެވޭނެ.
އާދެ، ކުޑަހުވަދުއަކީ މި އަތޮޅުގެ ވެރިކަންކުރާ ރަށް. އަދި މި އަތޮޅުގައި އެންމެ ގިނައިން މީހުންވެސް އުޅޭ ރަށް. އެހެންކަމަށްވުމާއެކު، މީގެކުރިންވެސް ސަރުކާރުން މި ރަށަށް އެކިއެކި ކަންތައްތައް ކޮށްދީފައިވޭ. އޭގެތެރޭގައި، އަޅުގަނޑުމެން މި ޖަލްސާކުރާ، އަތޮޅު ތަޢުލީމީ މަރުކަޒު މި ރަށުގައި އުފެއްދުން ހިމެނޭ. މިތަން ޢިމާރާތްކޮށް ނިމިފައިވަނީ މީގެ 9 އަހަރު ކުރިން، 1984 ވަނަ އަހަރުގެ ތެރޭގައި. އޭގެފަހުން މިތާނގައި މެދުކެނޑުމެއްނެތި ކިޔަވައިދެމުން މި ގެންދެވެނީ. އަދި މިހާރު މިތާނގައި ސާނަވީ ތަޢުލީމުގެ މަރްޙަލާވެސްވަނީ އުފެދިފައި. ގްރޭޑް 8 ގައި ކިޔަވާކުދިންވެސް އެބަތިބި. ޝައްކެއްނެތް، ތަޢުލީމަކީ ތަރައްޤީގެ އެންމެ ފުރަތަމަ ހަރުފަތް. އެ ހަރުފަތް ގިރާކޮށްގެންނޫނީ ތަރައްޤީގެ އެހެން ހަރުފަތްތަކާ ހަމައަށް އަޅުގަނޑުމެންނަކަށް ވާޞިލެއްނުވޭނެ. އެކަން އެހެން އޮތުމާއެކީ ތަޢުލީމުގެ ކަންތައްތަކަށް ސަރުކާރުން އެހާބޮޑު އަހަންމިއްޔަތެއް ދެމުން މިގެންދަނީ. ވަރަށް ގިނަ އަދަދަކަށް ފައިސާ ޚަރަދުކޮށް، މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ތަޢުލީމީ މަރުކަޒުތަކާއި، އަތޮޅު މަދަރުސާތައް ބިނާކޮށް އަދި އެނޫން ގޮތްގޮތުންވެސް ތަޢުލީމީ ދާއިރާއަށް ތަފާތު ޢިނާޔަތްތަކާއި އެހީތައްވަމުން މިގެންދަނީ. އަޅުގަނޑުހިތުން ރާއްޖޭގެ ރައްޔިތުންނަށް ތަޢުލީމުގެ ބޭނުންތެރިކަން ކިތަންމެ ރަނގަޅަކަށްވެސް މިހާރު އިޙްސާސްކުރެއްވޭ. ކޮންމެ ރަށެއްގައިވެސް ކޮންމެވެސް ފެންވަރެއްގެ މަދަރުސާއެއް ނުވަތަ މަކްތަބެއް ނުވަތަ ސްކޫލެއް ހިނގަމުންދޭ. އަދި ކުރިންވެސް ދެންނެވިފަދައިން، އަތޮޅު ފެންވަރުގައި ސަރުކާރުން ހިންގާ އެއް މަދަރުސާއަށްވުރެ ނުވަތަ އެއް ސްކޫލަށްވުރެ ގިނަ ސްކޫލް ނުވަތަ ގިނަ މަދަރުސާ ހިނގަމުން އެބަދޭ. އަދި މިހާރު ރާއްޖެތެރޭގައި ސާނަވީ ތަޢުލީމުގެ އާދެ، ސެކެންޑްރީ އެޑިޔުކޭޝަންގެ 17 ތަން ހުރިކަންވެސް އަޅުގަނޑުމެންނަށް އެއީ އުފަލެއްކަމުގައި ފާހަގަކުރެވޭ ކަމެއް. ޝައްކެއްނެތް، ތަޢުލީމަކީ ވަކި މަރްޙަލާއަކާ ޖެހެންދެން ކުރިއަށް ގެންގޮސްފައި ހުއްޓައިލަންވީ ކަމެއްނޫން. އޭގެ ކުރިއަށް އޮތް، އޭގެ މައްޗަށް ހުރި މަރްޙަލާތަކަށްވެސް ދާންޖެހޭނެ. އެގޮތުން އެންމެ ފުރަތަމަ ފަށާ ތަޢުލީމުގެ ކްލާސްތައް ރާއްޖޭގައި، ޚާއްޞަކޮށް ރާއްޖެތެރޭގައި ހިންގުނީ. އޭގެފަހުން މެދުމަދަރްސީ ތަޢުލީމުގެ އަހަރުތައް. މިހާރު ސާނަވީ ތަޢުލީމުގެ މަރްޙަލާވެސް މިއޮތީ ފެށިފައި. އަޅުގަނޑުގެ އުންމީދަކީ މުޅި ރާއްޖޭގައިވެސް ސާނަވީ ތަޢުލީމު ފެތުރިގެންދިޔުން. މިހާރު މިހުރި 17 މަރްކަޒުގެ އިތުރަށް، އިތުރު ތަންތާނގައިވެސް އެ ތަޢުލީމު ދެވޭނެގޮތް ހަމަޖެހިގެން ދިޔުން. އާދެ، އެއީ ހަމައެކަނި ސަރުކާރުން ކުރަންއޮތް ކަމެއްނޫން. ސަރުކާރުން އެކަން ކުރާއިރު އެކަމަށްޓަކައި ބޭނުންވޭ، ޢާންމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން. އަދި ސްކޫލްތައް ހިންގަވާ ފަރާތްތަކުގެ އެއްބާރުލެއްވުންވެސް ބޭނުންވޭ. އަދި ކިޔަވާކުދިންގެ އެއްބާރުލުންވެސް ވަރަށް ބޮޑަށް ބޭނުންވޭ. އާދެ، އަޅުގަނޑު އެހެން މި ދެންނެވީ، ބައެއް ތަންތާނގައި ގްރޭޑް 7 އާ ހަމަޔަށް ހުއްޓިފައި އެބަހުރޭ، ތަޢުލީމު ދިނުން. ސަބަބަކަށްވަނީ، އެއަށްވުރެ މަތީފެންވަރުގެ ކުދިން ނެތުން. އެއީ ކުދިންނަށް ދިމާވާ ބައެއް ދަތިތައް ހުރެގެން ވާގޮތެއްކަމަށްވެސް ވެދާނެ. އެހެންނަމަވެސް، ކުދިން ކިޔެވުމަށް ޝައުޤުވެރިކަމާއެކު މަސައްކަތްކުރާ ކަމުގައިވަންޏާ އަޅުގަނޑު ހިތުން މަތީ ތަޢުލީމަށް ދެވޭ ފެންވަރުގެ ކުދިންވެސް ހަމަ ކޮންމެ ރަށެއްގައިވެސް އުފެދޭނެ.
އާދެ، ތަޢުލީމުގެ އިތުރަށް، ސަރުކާރުން ކޮށްދޭ، ވަރަށް ގިނަ ކަންތައް އެބަހުރި. މި ރަށުގައިވެސް އެކަހަލަ ވަރަށް ގިނަ ކަންތައްތައް ކުރެވިފައި އެބަހުރި. މިރަށުގެ ރަށުއޮފީސް ޢިމާރާތް ކޮށްދިނުން. އަދި ދާދިފަހުން މި ރަށުގައި ރަނގަޅު ފެންވަރަކަށް ޞިއްޙީ މަރުކަޒެއްވެސް ޢިމާރާތްކުރެވި، އެ މަރުކަޒު މިހާރުވަނީ ހުޅުވިފައި. އާދެ، އެއީ، ޞިއްޙީ މަރުކަޒުތައް ރަނގަޅު ފެންވަރެއްގައި ހެދުމަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫޢެއްގެ ދަށުން ކުރެވިފައިވާ މަސައްކަތެއް. އެއީވެސް ވަރަށް މުހިންމު ޚިދުމަތެއް. ޞިއްޙީ ޚިދުމަތަކީ ރާއްޖޭގެ ރައްޔިތުންނަށް ތަޢުލީމެކޭ އެއްފަދައިން ބޭނުންވެފައިވާ ޚިދުމަތެއް. ހަމައެފަދައިން، މިސްކިތް ޢިމާރާތްކުރުންވެސް މި ރަށުގައި ކޮންމެވެސްވަރަކަށް ހިނގާފައި އެބަހުރި، ސަރުކާރުގެ އެހީގައި. އަދި ފާލަން މަރާމާތު ކުރުމާއި، ފާލަން ހެދުމުގެ ކަންތައްތައްވެސް ހިނގާ. އަދި ޚާއްޞަކޮށް ފާހަގަކޮށްލެވޭ ކަމަކީ، މާލެއިން ދެކުނުގެ 7 އަތޮޅެއްގައި ތެލެފޯނުގެ ޚިދުމަތް ދިނުމަށްޓަކައި ސަރުކާރުން ރާވައިގެން ހިންގާ ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން، އާދެ، އެއީ ނޭޝަނަލް ޓްރަންކް ނެޓްވަރކްގެ ޕްރޮޖެކްޓްގެ ދަށުން ޓެލެފޯނުގެ ޚިދުމަތް މި އަތޮޅަށްވެސް ލިބޭނެ. މި ރަށުގައިވެސް ޓެލެފޯނުގެ ޚިދުމަތް ލިބެން އެބަހުރި. މި ކަންތައްތައް މިހެން ކުރުމުގެ ބޭނުމަކީ، ރައްޔިތުންގެ ދިރިއުޅުން އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީކުރުން. އެމީހުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުން އަދި އެމީހުންނަށް ލިބެންޖެހޭ ފަސޭހަތައް އެމީހުންނަށް ލިބިދިނުން.
އާދެ، މި އަތޮޅުގެ މީހުންނަށް ދިމާވާ، ނުވަތަ މިހާރު ދިމާވެފައިވާ މައްސަލައެއްގެ ވާހަކަވެސް، މިދިޔަ ޖުލައި 26ގެ މުނާސަބަތުގައި އަތޮޅުގެ ފަރާތުން އަޅުގަނޑާ ބައްދަލުކުރައްވަން ވަޑައިގެން ވަފްދުގެ ބޭފުޅުން ވިދާޅުވި. އެއީ އެންދެރީގެ މަސައްކަތްކުރާ މީހުންނަށް، އެ މަސައްކަތުގެ ބަދަލުގައި އެހެން މަސައްކަތެއް ދަސްކޮށްދިނުން. މިހާރު ގަވާއިދު ހަމަޖެހިފައިވާ ގޮތުން، އެންދެރީގެ މަސައްކަތަކީ، ކުރިން ކުރިގޮތަށް ކުރެވެން އޮތް މަސައްކަތެއް ނޫން. އެހެންވީމާ، އެކަމަކީ މި އަތޮޅުގެ ބައެއް ރަށްރަށުގެ މީހުންނަށް، ރައްޔިތުންނަށް ދިމާވެފައިވާ ދައްޗެއްކަމަށް ޤަބޫލުކުރަންޖެހޭ. އެ ދަތި ފިލުވައިލުމަށްޓަކައި، އިރާދަކުރެއްވިއްޔާ ސަރުކާރުން މަސައްކަތްކުރަމުން ގެންދާނެ. ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ މެދުގައި މިހާރު މަޝްވަރާ ކުރުމަށްފަހުގައި، މި އަތޮޅަށް އެންގިފައިވަނީ އޭގެ ބަދަލުގައި ކުރެވެންހުރި މަސައްކަތްތައް ވިދާޅުވުމަށް. ނުވަތަ އެއީ ކޮން މަސައްކަތްތަކެއްތޯ އަންގަވައިދެއްވުމަށް. އޭރުން އެ މަސައްކަތްތައް ސަރުކާރުގެ ފަރާތުންވެސް އެކަމަށް އެހީތެރިކަން ބަހައްޓައިގެން މީހުންނަށް ދަސްކޮށްދީ، ނުވަތަ ކުރިއަށް ގެންދިޔުމުގެ ކަންތައްތައް ކުރުމަށްޓަކައި. އާދެ، އެއީ އަޅުގަނޑުހިތުން ވަރަށް ބޭނުންތެރި ކަމެއް.
ދެން ރާއްޖެތެރެއަށް ދިމާވާ ނުވަތަ ދިމާވެފައިވާ، ވަރަށް ބޮޑު ދެ ދައްޗެއްގެ ވާހަކަވެސް އަޅުގަނޑު ދަންނަވާލާހިތްވޭ. އެއްކަމަކީ ފަޅުގެ ދަތިކަން. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަކީ ފަޅު ތިލަ، ލަފާފުރުން ދަތި ރަށްރަށް. އެހެންކަމުން، ފަޅުފުންކޮށްދިނުމަށް ރާއްޖެތެރޭގެ ރައްޔިތުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވަމުން ގެންދަވާ. އެ މަސައްކަތަކީ ސަރުކާރަށް މިހާރު ކުރެވެންހުރި އެންމެ ބާރުމިނެއްގައި ކުރަމުންގެންދާ މަސައްކަތެއް. މިހާރުވެސް ވަނީ ސަރުކާރުން 18 ރަށެއްގެ ފަޅު ފުންކޮށްދީފައި. އޭގެތެރޭގައި، މީހުންއުޅޭ 10 ރަށް ހިމެނޭ. ދެންހުރި ރަށްރަށަކީ، ސަރުކާރުގެ އެކިއެކި މުހިންމު ބޭނުންތަކަށް އަދި ޓޫރިޒަމްގެ ދާއިރާގެ ބޭނުންތަކަށް ފަޅުފުންކޮށްދެވިފައިވާ ރަށްރަށް. ކޮންމެއަކަސް 18 ރަށެއްގެ ފަޅު މިހާރުވަނީ ފުންކޮށްދެވިފައި. އަދި އިތުރު 9 ރަށެއްގައި އެ މަސައްކަތް މިހާރު ހިނގަމުންވެސް އެބަދޭ. އެ މަސައްކަތް ރޭވިގެން ހިނގަމުން މިދަނީ ކޮންމެވެސް އުޞޫލަކުން. އިސްކަން ދޭންޖެހޭ ތަރުތީބެއް ބަލައިގެން، އެ ތަރުތީބަކާ އެއްގޮތްވާގޮތުގެ މަތިން. އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދެވޭނެ. ކުޑަހުވަދުއަކީވެސް ފަޅުފުންކޮށްދިނުމުގެ މަޝްރޫޢުގައި ހިމެނިފައިވާ ރަށެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި މި ރަށަށްވެސް އެކަންތައް ކޮށްދެވޭނެ.
ދެން އޮތީ އިލެކްޓްރިސިޓީގެ ވާހަކަ. ކަރަންޓުގެ ވާހަކަ. އާދެ، ކަރަންޓުގެ އަލިކަމާއި، ކަރަންޓުގެ ހޫނުކަމާއި، ފިނިކަމާއި، އަދި އެއިން ލިބިދޭ ބާރު. އެއީ ދިރިއުޅުމަށްޓަކައި، ޢާންމު ދިރިއުޅުމަށްޓަކައި، އަދި ދިރިއުޅުން ތަރައްޤީކުރުމަށްޓަކައި ވަރަށް ބޭނުންތެރި އެއްޗެއް. ވަރަށް މުހިންމު ވަސީލަތެއް. އެއީވެސް ރާއްޖެތެރޭގެ ރައްޔިތުން ވަރަށްބޮޑަށް އެދިވަޑައިގަންނަވަމުން ގެންދަވާ ކަމެއް. އެކަންވެސް އޮތީ ކުރިން ދެންނެވި އުސޫލުން. އެއީވެސް ވަރަށް ޚަރަދުބޮޑު ކަމެއް. އެހެންވީމާ، އެކަން ކުރެވެންއޮތީވެސް ވަކި ހަމަތަކެއްގެމަތިން، ވަކި ރަށްރަށަށް އިސްކަންދީގެން. މިހާރުވެސް ސަރުކާރުން 8 ރަށެއްގައި ކަރަންޓްލައިދީގެން، ސަރުކާރުގެ ފަރާތުން އެ ކަރަންޓުގެ ފައިދާ ނުވަތަ އެ ކަރަންޓުގެ ފަސޭހަ، އެ ރަށްރަށުގެ ރައްޔިތުންނަށް ހޯދައިދީފައިވޭ. މީގެއިތުރުން، 3 ރަށެއްގައި މިހާރު އެ މަސައްކަތް ކުރެވެމުންވެސް އެބަދޭ. އަދި ސަރުކާރުގެ ބަޖެޓުގެ ދަތިކަން ހުރިގޮތުން މިފަދަ ޚަރަދުބޮޑު މަސައްކަތެއް ކުރުމަކީ މާ ފަސޭހަ ކަމަކަށްނުވާތީ، ބޭރުގެ އެހީވެސް ހޯދައިގެން އެ ކަންތައް ކުރިއަށް ގެންދެވޭތޯ ބަލަމުން މިގެންދަނީ. ބޭރުގެ އެހީ ލިބިގެންވެސް މިހާރު ބައެއް ރަށްރަށުގައި ކަރަންޓްލައިދެވޭގޮތަށް ވަނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ ލަހެއްނުވެ އެ ކަންތައްތައް ފެށޭނެ.
އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެންނާއި އަދި ބޭރު ޤައުމުތަކާ ގުޅައިގެން، ރާއްޖެއަށް ހެޔޮއެދޭ ފަރާތްތަކުގެ އެހީވެސް ހޯދައިގެން ރާއްޖެތެރެއަށް ކަރަންޓުގެ ޚިދުމަތް ފޯރުވައިދިނުމަކީވެސް ސަރުކާރުން ވަރަށްބޮޑަށް ސަމާލުކަމެއްދޭ ކަމެކޭ. އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް އެ ޚިދުމަތް ލިބޭގޮތް ހަމަޖެހޭނެ. އެހެންނަމަވެސް، މިވެނި ރަށަކަށް އެކަން ހަމަޖެހޭނީ މިވެނި ތާރީޚެއްގައޭ އެހެން ދެންނެވުމަކީ މާފަސޭހަ ކަމަކަށްނުވޭ. އެއީ، މަސައްކަތް ފެށުމަށްފަހުގައި އޭގައި ހުންނަ އެތައް ދަތިތަކެއް ހުންނަގޮތުން، ކުރިން ޚިޔާލު ކުރެވިފައިވާ ވަރަށްވުރެ މާ ދިގުލައިގެން މައްސަލަދާތީ. މިސާލެއް ދަންނަވަންޏާ، ފަޅުފުންކުރުމުގެ މަޝްރޫޢު.
އާދެ ރާއްޖޭގެ ޤައުމީ ތަރައްޤީގެ މިހާރު މި ހިނގާ ބުރުގައި، 1991 ވަނަ އަހަރުން ފެށިގެން 1993ވަނަ އަހަރުގެ ނިޔަލަށް މިހިނގާ 3 އަހަރު ދުވަހުގެ ތެރޭގައި 37 ރަށް ނުވަތަ 38 ރަށުގެފަޅު ފުންކޮށްދޭގޮތަށް އޮތީ ރޭވިފައި. އެހެންނަމަވެސް، ކުރިންވެސް ދެންނެވިފަދައިން، މަސައްކަތް ހިނގާ ނިމުނީ 18 ރަށެއްގައި. އިތުރު 9 ރަށެއްގައި އެބަ ހިނގާ. އެހެންވީމާ، އަޅުގަނޑުމެން ކުރިން އެ ޚިޔާލުކުރި ރަށްތަކުގެ ތެރެއިން 10 ރަށް ނުވަތަ 11 ރަށް އަދި އޮތީ އޮތްގޮތަށް. އެހެން މި ދެންނެވީ އެ މަސައްކަތުގެ ބުރަކަމާއި، ޚަރދުބޮޑުކަމާއި، އެ މަސައްކަތް ކުރަން ފެށީމާ ދިމާވާ ދަތިތަކެއްގެ ސަބަބުން، ކުރިން ރޭވިފައި އޮންނަގޮތަށް އެ މަސައްކަތް ނުގެންދެވޭތީ. އެކަން އެހެން އޮތުމާއެކީގައި، އަޅުގަނޑު މި ދެންނެވީ ވަކި މިވެނި ތާރީޚެއްގައި މިވެނި ރަށަކަށް ފަޅުފުންކޮށްދޭނަމޭ ނުވަތަ ކަރަންޓުގެ ޚިދުމަތްދޭނަމޭ އެހެން ބުނުމަކީ ފަސޭހަކަމަކަށްނުވާނެއޭ. އަޅުގަނޑުހިތުން މި ރަށުގެ ރައްޔިތުން އެގޮތް ގަބޫލުކުރައްވާނެ.
އާދެ، މިއަދުގެ ޕްރޮގްރާމް ހަމަޖެހިފައިވާ ގޮތުން، އަޅުގަނޑު އަދި އިތުރު އެހެން ރަށަކަށްވެސް ދާން ހަމަޖެހިފައި އެބައޮތް. އެހެންކަމާއެކީގައި، މި ރަށުގައި މާގިނަ ވަގުތުތަކެއް ހޭދަކުރެވޭކަށް ނެތް. އަދި އަމުދުން މި ޖަލްސާގައި. އެއީ އޭގެ ބޭރުންވެސް ބައެއް ކަންތައްތައް ކުރާގޮތަށް ހަމަޖެހިފައި އޮތުމާއެކީގައި. އެހެންކަމުން، އަޅުގަނޑުގެ ވާހަކަކޮޅު ދެން މާ ދިގުކުރާކަށް ނެތިން. އަޅުގަނޑު އަދިވެސް އެއްފަހަރު، ކުޑަހުވަދޫގެ ރައްޔިތުންނަށާއި، ކޮމިޓީތަކުގެ މެންބަރުންނަށާއި ވެރިންނަށް، އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، އަދި މިދިޔަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް ތިޔަބޭފުޅުން ތިކުރެއްވި މަތިވެރި ތާއީދަށްޓަކައި ޝުކުރު ދަންނަވަން. ހަމައެފަދައިން، ދ. އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް، އެ ރަށްރަށުގެ ވެރިން މެދުވެރިކޮށް، އަޅުގަނޑުގެ ޝުކުރު ރައްދުކުރަން.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް އަބަދުވެސް ތެދުމަގު ދެއްކެވުން. އަޅުގަނޑުމެންނަށް ހެޔޮގޮތްތައް މިންވަރުކުރެއްވުން. އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވުން. އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީ ދުނިޔެއާއި އާޚިރަތުގެ ނިޢުމަތާއި ބާއްޖަވެރިކަން ލިބޭފަދަ ގޮތަކަށް ކުރާ ކަމެއް ކަމުގައި އެކަލާނގެ އިރާދަކުރެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަދި ދިވެހި ރައްޔިތުންނަކީ މުރާލި، ހީވާގި، އިޚްލާޞްތެރި އަދި އެމީހުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮންނަ، އަމަންއަމާންކަމާއި، ޞުލްޙަމަޞްލަޙަތަށް ލޯބިކުރާ ބަޔަކުކަމުގައި ލެއްވުން. ދިވެހި ސަރުކާރާއި ރައްޔިތުން ތަރައްޤީގެ މަގުގައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލައްވައި، އެކަމުގެ ފައިދާ އަޅުގަނޑުމެންނަށް ދެއްކެވުން.
والسّـلام عليـكم ورحـمة اللّـه وبـركاتـه.