بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
ރާއްޖޭގެ ލޮބުވެތި ރައްޔިތުން،
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިރޭ، ދިވެހިރާއްޖޭގެ އަޑާއި ޓީ.ވީ މޯލްޑިވްސް މެދުވެރިކޮށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ އަޅުގަނޑު މި ބައްދަލުކޮށްލަނީ، މިދިޔަ ހުކުރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި، ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުން އަޅުގަނޑަށް ކުރެއްވި މަތިވެރި ތާއީދަށާއި، ދެއްވި ފުރިހަމަ އިތުބާރަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުމަށް. އާދެ، ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަ ދެއްވި ޝަރަފަކީ، މެދުކެނޑުމެއްނެތި ވޭތުވެދިޔަ 15 އަހަރު އަޅުގަނޑަށް ދެއްވަމުން ގެންދަވާފައިވާ ޝަރަފެއް. މިކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދުކުރަން. އަދި ތިޔަ ހުރިހާ ޢިއްޒަތްތެރި އަޚުންނާއި އުޚްތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.
އާދެ، ޤައުމެއްގެ ރައީސަކު އިންތިޚާބުކުރުމަކީ، އެ ޤައުމެއްގެ ރައްޔިތުން އަދާކުރަންޖެހޭ، ވަރަށް މުހިންމު ޤައުމީ ވާޖިބެއް. މި ވާޖިބު އަދާކުރުމުގައި، އެ ޤައުމެއްގެ ރައްޔިތުން ވިސްނަންޖެހޭނެ، ވަރަށް ގިނަ ރޮނގުތަކެއް ހުންނާނެ. އަދި އެބަޔަކު ޢަމަލުކުރަމުންދާ އުޞޫލުތައް ހަރުދަނާވަމުންދިޔަވަރަކަށް، އެބަޔަކު ވިސްނަންޖެހޭ ރޮނގުތައްވެސް އިތުރުވެގެންދާނެ. ހަމައެފަދައިން، ޤައުމުގެ ރައީސްކަމުގެ މަޤާމަށް އެއްފަހަރަށްވުރެ ގިނަފަހަރު އެކަކު އިންތިޚާބުކުރަމުން ގެންދިޔުމުގައި، އެމީހަކު ކުރަމުންގެންދާ މަސައްކަތްތައް ވަރަށް ހަރުދަނާގޮތެއްގައި ވަޒަންކުރެވެންވާނެ. އަޅުގަނޑު ޔަޤީންކުރާގޮތުގައި، މި ޤައުމީ މަސްއޫލިއްޔަތު ތިޔަ ލޮބުވެތި މުވާޠިނުން އުފުއްލަވާފައިވަނީ، ނުހަނު އިޚްލާޞްތެރިކަމާއެކު.
ކުރިއަށް އޮތް ފަސްއަހަރު ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް އަޅުގަނޑު ހުންނަން ފެނިވަޑައިގަންނަވާ ކަމަށް ދެއްވި ވޯޓުން ތިޔަބޭފުޅުން ދައްކަވައިދެއްވި ތަނަވަސް އަޣްލަބިއްޔަތަކީ، ވޭތުވެދިޔަ ރިޔާސީ ދައުރުތަކުގައި، ދިވެހިރާއްޖޭގެ ކަންތައްތައް ހިންގުމުގައި އަޅުގަނޑު ގެންގުޅުނު އުޞޫލުތަކަށް ދެއްވި ތަރުޙީބެއްކަމުގައި އަޅުގަނޑު ހީކުރަން. އަދި ޒަމާނާއި ތަނަށް އަންނަ ބަދަލުތައް ލާޒިމުކުރާގޮތަށް ކަންތައްތައް ކުރެވޭތޯ އަޅުގަނޑު ކުރަމުންގެންދާ މަސައްކަތަށް ދެއްވި ހިތްވަރެއްކަމުގައިވެސް އަޅުގަނޑު ޔަޤީންކުރަން.
ކުރިއަށް އޮތް ދައުރުގައިވެސް، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށާއި، އަޅުގަނޑު އެ މަޤާމުގައި އިތުރު ދައުރަކަށް ހުންނަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަނީ ހިތްހަމަޖެހުމާއެކު. ކޮންމެ މުޖްތަމަޢެއްގައިވެސް، ތަފާތު ޚިޔާލުތައް ހުރުމަކީ ޠަބީޢީ ކަމެއް. އަދި ދީމުޤްރާޠީ އުޞޫލުން ވެރިކަން ހިންގާ ތަނެއްގައި އެ ޚިޔާލުތައް ފާޅުކުރުމުގެ ފުރުޞަތުވެސް އޮންނަންވާނެ. އެހެންކަމާއެކު، އަޅުގަނޑަށް ތާއީދުކުރެއްވި ބޭފުޅުންވެސް އަދި އެނޫންގޮތަކަށް ވޯޓު ދެއްވި ބޭފުޅުންވެސް، އެބޭފުޅުންގެ ޤައުމީ ވާޖިބު އެ އަދާކުރެއްވީ، ޤައުމަށް ތެދުވެރިކަންމަތީ ތިއްބަވައިގެންކަން އަޅުގަނޑު ޤަބޫލުކުރަން.
ރިޔާސީ އިންތިޚާބާ ގުޅިގެން، އެކިއެކި އަމިއްލަ ފަރާތްތަކުން އެ ފަރާތްތަކުގެ ޝުޢޫރުތައް ފާޅުކުރެއްވުމުގެ ގޮތުން ކުރައްވާފައިވާ ކަންތައްތަކާ ބެހޭގޮތުންވެސް މި ފުރުޞަތުގައި އެއްޗެއް ދަންނަވާލާހިތްވޭ. އާދެ، ތިޔަބޭފުޅުން ތިޔަ ފާޅުކުރެއްވި ޝުޢޫރުތައް ހާމަކޮށްދިނީ، ޤައުމީ ކަންކަމުގައި ރާއްޖޭގެ ރައްޔިތުން އެއްބާރުލައްވަމުން ގެންދަވާ މިންވަރު. މިއީ، ޤައުމަށް ހެޔޮއެދޭ ކޮންމެ މީހަކުވެސް އުފާކުރާނެ ކަމެއްކަން ކަށަވަރު.
މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުމާއި ހެޔޮގޮތްތައް މިންވަރު ކުރައްވާށި! އަޅުގަނޑުމެންގެ ރާއްޖެއަށް އިތުރު ތިޔާގިކަމާއި ތަނަވަސްކަން އިރާދަކުރައްވާށި! އަޅުގަނޑުމެންގެތެރޭގައި ޞުލްޙަމަސަލަސްކަމާއި، އެއްބައިވަންތަކަމާއި، އަމާންކަން ދަމަހައްޓަވާށި! އާމީން.
والسّلام عليكم ورحمـة اللّـه وبركاته.