بســم اللّـه الرّحمـن الرّحيــم

الحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين. سيِّدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އިއްޔެ އަޅުގަނޑު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ކުރަންފެށި ދަތުރު، މިއަދު މާތްﷲގެ ވާގިފުޅާއެކީގައި މި ނިންމާލަނީ، ތިޔަބޭފުޅުންގެ ލޮބުވެތި ރަށް މަހިބަދުއަށް ޒިޔާރަތް ކުރުމަށްފަހުގައި. އާދެ، އަޅުގަނޑުގެ މި ދަތުރަކީ ވަރަށް އަވަސްގޮތަކަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރަކަށްވާތީ، އެއްވެސް ރަށެއްގައި މާގިނަ ވަގުތުތަކެއް އަޅުގަނޑަކަށް ހޭދައެއްނުކުރެވޭ. އެހެންކަމުން، މި ރަށަށް އައިސްވެސް މި ރަށުގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުމަށްފަހުގައި، މާގިނަ ވަގުތު ހޭދަނުކޮށް އަޅުގަނޑު ފުރަން އެބަޖެހޭ. އެހެންނަމަވެސް، މި ދަތުރަކީ ކިތަންމެ އަވަސްގޮތަކަށް ހަމަޖެހިގެން އަޅުގަނޑު ކުރާ ދަތުރެއް ކަމުގައިވިޔަސް، މަހިބަދުއަށް އައުމުން، މަހިބަދޫގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނީ ވަރަށްވެސް ތެދުވެރި، ވަރަށްވެސް އިޚްލާޞްތެރި މަރްޙަބާއެއް. އެހެންކަމުން، މި މުނާސަބަތުގައި މި އަތޮޅުގެ އަތޮޅުވެރިން އަލްފާޟިލް ޢަބްދުއްރަޙްމާން އަޤީލާއި އަދި އަތޮޅުއޮފީހުގެ އިސްވެރިންނާއި، މަހިބަދޫގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ޢާންމު ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މަހިބަދުއަކީ އަރިއަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށް. އާބާދީގޮތުން ބަލާއިރު، މިއަތޮޅުގައި ދެވަނައަށް އެންމެ ގިނައިން މީހުން އުޅޭ ރަށް. އަދި އެނޫން ގޮތްގޮތުންވެސް އަތޮޅުގައި އޮތް އެންމެ ފާހަގަކޮށްލެވޭ އެއް ރަށް. އެހެންކަމުން، މި ރަށަށް އައުމަކީ އަދި މިރަށަށް އައިސް މި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. މީގެކުރިން މި މަޤާމުގައި ހުރެގެން އަޅުގަނޑަށް މަހިބަދުއަށް ޒިޔާރަތްކުރެވިފައި ވަނީ ހަމައެކަނި އެންމެ ފަހަރަކު. އާދެ، އެއީ 1982 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު. އޭގެކުރިން، އަޅުގަނޑު މި މަގާމާ ޙަވާލުވުމުގެ ކުރިން 1974، 1975، އެ އަހަރުތަކުގައި އަޅުގަނޑު އަދާކުރި ވަޒީފާގެ ހައިސިއްޔަތުން، މާލެއިން ދެކުނުގައި މީހުން އުޅޭ ހުރިހާ ރަށަކަށް ކުރި ޒިޔާރަތުގައި މަހިބަދުއަށް އައި ހަނދާން އަޅުގަނޑު އެބަހުރި. އާދެ، އަޅުގަނޑު އެދޭހާ ގިނައިން އަޅުގަނޑަށް ރާއްޖެތެރެއަކަށް ޒިޔާރަތެއް ނުކުރެވޭ. ސަބަބަކީ، އަޅުގަނޑު އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ބޮޑުކަން. އަދި އެ މަސްއޫލިއްޔަތު އަދާކުރުމުގައި މާލޭގައާއި އަދި ރާއްޖެއިން ބޭރުގައި އުޅެންޖެހޭލެއް ގިނަކަން. އެކަން އެހެން އޮތުމާއެކީގައި، އަޅުގަނޑު ބޭނުންވާހާ ގިނައެއްކޮށް ރާއްޖެތެރެއަކަށް ޒިޔާރަތެއް ނުކުރެވޭ. އެހެންނަމަވެސް، އަޅުގަނޑަށް ފުރުޞަތު ލިބުނު ކޮންމެފަހަރަކު ރާއްޖެތެރެއަށް ޒިޔާރަތްކުރުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އުފަލަކަށްވަނީވެފައި. އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގެ ސަބަބުން ވަރަށް ގިނަ މަޢުލޫމާތުތަކެއް އަޅުގަނޑަށް އޮޅުންފިލާ. ރާއްޖެތެރޭގެ ރައްޔިތުން ދިރިއުޅޭގޮތާއި، އެމީހުންނަށް ދިމާވާ މައްސަލަތަކާއި، ތަރައްޤީއަށްޓަކައި އެމީހުން ކުރާ މަސައްކަތާއި އަދި އެމީހުންނަށް އެކި ގޮތްގޮތުން ސަރުކާރުގެ އެހީ ބޭނުންވެފައިވާ ކަންތައްތަކާއި، މި ކަންތައްތަކުގެ މަޢުލޫމާތު އަޅުގަނޑަށް ލިބޭ. އެހެންކަމުން، މި ދަތުރުތަކަކީ އަޅުގަނޑަށް ވަރަށް މުއްސަނދި ތަޖުރިބާއަކަށް އޮންނަނީ ވެފައި.

ޝައްކެއްނެތް، ރާއްޖޭގެ ވެރިކަމުގައި ހުންނަ މީހަކު ރާއްޖެތެރެއަށް ޒިޔާރަތްކޮށް، ރާއްޖެތެރޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ ޙާލު އަޙްވާލު ބަލައި ހެދުމަކީ ވަރަށް މުހިންމު ކަމެއް. އެހެން މި ދެންނެވީ، ވެރިޔަކަށް ހުންނަ މީހަކު ޚިދުމަތްކުރަނީ މުޅި ރައްޔިތުންނަށް ކަމަށްވާތީ. އެމީހެއްގެ ވާޖިބަކީ މުޅި ރާއްޖެއަށް ޚިދުމަތްކުރުން. ރާއްޖޭގެ ކަންކޮޅުތަކުގައި ދިރިއުޅެމުންގެންދާ އެންމެންނަށް ސަރުކާރުން ޚިދުމަތްތައް ފޯރުވައިދިނުން.

އާދެ، ކޮންމެއަކަސް ރާއްޖެތެރެއަށް އަޅުގަނޑު ކުރަމުންގެންދާ ދަތުރުތައް، ފުރުޞަތު ލިބުނުވަރަކުން ކުރަމުން މިގެންދަނީ. އަދި އެ ދަތުރުތަކުން ލިބޭ މަޢުލޫމާތުގެ މައްޗަށް ބަލާފައާއި، އަދި އަޅުގަނޑު ނޫނަސް އެކިއެކި މިނިސްޓްރީތަކާ ޙަވާލުވެވަޑައިގެން ތިއްބަވާ މިނިސްޓަރުންނާއި، އޮފީސްއޮފީހުގެ ވެރިން އަދި އޮފީސްއޮފީހުން ރާއްޖެތެރެއަށް ފޮނުއްވާ އެކިއެކި ޓީމުތަކާއި ވަފުދުތައް ރާއްޖެތެރެއަށް ޒިޔާރަތްކުރައްވާފައި، އެބޭފުޅުން އެ ގެނެސްދެއްވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢެއް، 1979 ވަނަ އަހަރުން ފެށިގެން މިގެންދަނީ ހިންގަމުން. އެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ކޮންމެވެސްކަހަލަ ކަންތައްތަކެއް ސަރުކާރުން ވަނީ ކޮށްދީފައި. އާދެ، އެގޮތުން މަހިބަދުއަށް ކޮށްދެވިފައިވާ ކަންތައްތައް އަޅުގަނޑު ނުދެންނެވިޔަސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މަހިބަދޫގައި ވަރަށްފަހުން ޢިމާރާތްކުރެވުނު އަތޮޅުއޮފީސް ޢިމާރާތްކުރެވިފައި އެވަނީ ވަރަށް ޚާއްޞަ ގޮތެއްގައި. ވަރަށް ޚާއްޞަ ޑިޒައިނަކަށް. މިހާތަނަށް ރާއްޖޭގެ އެހެން އެއްވެސް އަތޮޅެއްގައި ނުހުންނަ ފެންވަރަކަށް. އަދި އަޅުގަނޑުމެން މި ޖަލްސާ ކުރަމުންދާ އަތޮޅު ތަޢުލީމީ މަރުކަޒު އެއީވެސް ދިވެހި ސަރުކާރުން ޖަޕާން ސަރުކާރުގެ އެހީ ހޯދައިގެން މަހިބަދޫގެ ރައްޔިތުންނަށް ކޮށްދީފައިވާ ޚިދުމަތެކޭ އަޅުގަނޑު އުފަލާއެކު ދަންނަވަން. ތަޢުލީމަކީ އަޅުގަނޑުމެން އެންމެ މުހިންމުކަން ދޭންޖެހިފައިވާ ވަސީލަތް ކަމަށްވާއިރު، ރާއްޖެތެރޭގައި ތަޢުލީމު ދެވޭނެ ގޮތްތައް ހޯދައިދިނުމަކީ ސަރުކާރުގެ ވާޖިބެއްކަމުގައި އޮންނަނީ ވެފައި. އެ ވާޖިބު އަދާކުރުމުގެ ގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އަތޮޅު ތަޢުލީމީ މަރުކަޒެއް އެބަހުރި. އަދި އޭގެ އިތުރުން، އަތޮޅު މަދަރުސާއެއްވެސް ހުރޭ. އަދި އޭގެވެސް އިތުރުން، ރާއްޖެތެރޭގައި އަމިއްލަ މީސްމީހުން ހިންގާ ނުވަތަ ރަށްރަށުގެ ރައްޔިތުން ހިންގާ މަކްތަބު މަދަރުސާ ސްކޫލްފަދަ ތަންތަނަށް ސަރުކާރުގެ އެހީ މެދުނުކެނޑި ލިބެމުންދޭ. އަދި އެ އެހީތައް މިގެންދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުކުރަމުން.

އާދެ، މިރަށަށް ހަމަޖެހިފައިވާ ކަންތައްތަކުގެތެރޭގައި، މި ރަށުގައި ޓެލިފޯނު ބެހެއްޓުންވެސް ހިމެނޭ. އަދި ވަރަށް ޚާއްޞަ ކަމެއް އަޅުގަނޑު ފާހަގަކޮށްލާހިތްވޭ. އެއީ މި ރަށުގެ އަންހެނުންގެ ކުރިއެރުމަށްޓަކައި، އަންހެނުންގެ ކޯޕަރޭޓިވެއް އުފެދި އެތަން ހިނގަމުން އެބަދޭ. އަންހެނުންނަކީ މުޖުތަމަޢުގެ ދެބައިކުޅަ އެއްބައި. ޤައުމެއް ކުރިއަށްދާނީ، އެ ޤައުމެއްގައި ތިބޭ އަންހެނުންވެސް ކުރިއަށް ގޮސްގެން. ހަމައެކަނި ކުރިއަށްގޮސްގެނެއް ނޫން. އެމީހުން ކުރިއަށްދިޔުމުގެ އިތުރަށް، އެމީހުން ޤައުމު ބިނާކުރުމުގައި އަދާކުރަންޖެހޭ ޙިއްޞާވެސް ފުރިހަމަގޮތުގައި އަދާކޮށްގެން. އެ ފުރުޞަތު ޖެހޭނެ އަންހެނުންނަށް ލިބިދޭން. އާދެ، އަޅުގަނޑު އެހެން މި ދަންނަވަނީ، ރާއްޖެފަދަ ބައެއް ޤައުމުތަކުގައި އަދި އަންހެނުންނަށް އެކަށީގެންވާ މަޤާމް ލިބިފައިނުވާތީ. އެއީ، ކުރިއްސުރެ ކަންތައްތައް ހިނގަމުން އަންނަ ގޮތަކުން ވެފައިވާ ގޮތެއް ކަމަށްވެސްވުން އެކަށީގެންވޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަކީވެސް ކުރިއަށްދާން ބޭނުންވާ ޤައުމަކަށްވާއިރު، އަންހެނުންގެ ޙައްޤުތަކަށް ރައްކާތެރިވާންޖެހޭނެ. އަންހެނުންނަށް ކުރިއެރުމުގެ ފުރުޞަތުތައް ހޯދައިދޭންވާނެ. އަދި ޤައުމު ބިނާކުރުމުގެ މުހިންމު މަސައްކަތުގައި، އެމީހުންނަށް ފުރިހަމައަށް ޙިއްޞާކުރެވޭގޮތް، ސަރުކާރުންނާއި އަދި އެހެން ހުރިހާ ފަރާތްތަކުންވެސް ހަމަޖައްސައިދޭންވާނެ. އެގޮތުން، މިރަށުގެ އަންހެނުންގެ ފަރާތުން އެ ކުރެވޭ މަސައްކަތްތައް އަޅުގަނޑު ދެކެނީ އެއީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމުގައި. އަންހެނުންގެ ކޯޕަރޭޓިވް އުފައްދައިގެން، ހިންގައިގެން އެއިން ލިބޭ ފައިސާއިން ރަށަށް ފައިދާކުރާ ކަންތައްތަކެއް މިހާރު އެމީހުން ކުރަމުން އެބަގެންދޭ. މުސްތަޤްބަލުގައި އަދި އެ ކަންތައްތައް އިތުރަށް ތަރައްޤީވަމުންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.

ރާއްޖޭގައި ދިރިއުޅޭ އަންހެނުންނަކީ، ގިނަ ރަށްރަށުގައި ވަރަށް ފައިދާހުރި މަސައްކަތްތަކެއް ކުރަމުންދާ ބައެއް. އާދެ، ރަށުތެރެ ސާފުކުރުމާއި އަދި ރަށުތެރޭގައި ކުރަންޖެހޭ ވަރަށްގިނަ ވައްތަރުވައްތަރުގެ މަސައްކަތް ވަރަށް ގިނަ ރަށްރަށުގައި އަންހެނުން ކުރަމުންގެންދޭ. އަދި އޭގެ އިތުރުން، އާމްދަނީ ހޯދުމަށްޓަކައި ކުރާ މަސައްކަތްތައްވެސް އަންހެނުން ކުރަމުންގެންދޭ. އޭގެތެރޭގައި، ރާއްޖޭގެ ބައެއް އަތޮޅުތަކުގައި، ބައެއް ރަށްރަށުގައި އަންހެނުން ހޮޓާ ހިންގުމުގެ ކަންތައްވެސް ކުރިއަށް އެބަގެންދޭ. އަޅުގަނޑުހިތުން އެއީވެސް ވަރަށް ރަނގަޅު ކަމެއް. މ. އަތޮޅު ދިއްގަރުގައި، ތ. އަތޮޅު ހިރިލަންދޫ، ގުރައިދޫ، ވިލުފުށި، މި ތަންތާނގައިވެސް އެމީހުން، މި ދެންނެވި ގޮތަށް ހޮޓާ ހިންގަމުން ގެންދޭ. އަދި ހޮޓާ ހިންގުމުން، އެ މީހުންނަށް ލިބޭ ފައިސާއިން ރަށުގެ ތަރައްޤީއަށް ތަފާތު މަސައްކަތްތައް ކުރަމުންގެންދޭ. އެހެންވީމާ، އެގޮތަށް ރާއްޖެތެރޭގައި ދިރިއުޅެމުންދާ އަންހެނުން މަސައްކަތްކުރުމަކީ، އަޅުގަނޑުހިތުން އެމީހުން އެ ދިރިއުޅޭ ރަށުގެ ތަރައްޤީއަށްވެސް އަދި އެމީހުންގެ އަމިއްލަ އާމްދަނީ އިތުރުވުމަށްވެސް އަދި އެމީހުންގެ އަމިއްލަ ކުރިއެރުމަށްވެސް ވަރަށް ބޭނުންތެރި ކަމެއް.

އާދެ، އަޅުގަނޑުގެ މި ދަތުރުގައި އަޅުގަނޑާ އެކީގައިވެސް ސަރުކާރުގެ މަތީ ފެންވަރުގައި އުޅުއްވާ ދެއަންހެން ބޭފުޅަކު ބައިވެރިވެވަޑައިގަންނަވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން. އޭގެތެރެއިން އެއްބޭފުޅަކީ، ހެލްތު މިނިސްޓްރީގެ ވަރަށް އިސް މަގާމެއްގައި ހުންނަވާ ބޭފުޅެއް. އާދެ، އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް ޑޮކްޓަރ ނާއިލާ އިބްރާހީމްދީދީ. އޭގެ އިތުރުން، އޭނާއަކީ އަންހެނުންގެ ބަލިތަކާބެހޭ ނުވަތަ އަންހެނުންގެ ކަންތައްތަކާބެހޭ، ރާއްޖޭގައި ހުންނެވި ވަރަށް މަޝްހޫރު ޑޮކްޓަރެއް. އޭނާ މިހާރު އެ އަދާކުރައްވާ ވަޒީފާއަކީ، ހެލްތު މިނިސްޓްރީ ހިންގުމުގައި ވަރަށް މުހިންމު ބައެއް އަދާކުރަންޖެހޭ ވަޒީފާއެއް. އޭގެތެރޭގައި، ރާއްޖެތެރެއަށް ސަރުކާރުންދޭ ޞިއްޙީ ޚިދްމަތްތައްވެސް ހިމެނޭ.

އާދެ، ކޮންމެއަކަސް އަންހެނުންގެ ކުރިއެރުމާ ދޭތެރޭގައި މިފަދަ ޖަލްސާއެއްގައި މާދިގުކޮށް ވާހަކަ ދައްކާނެ ފުރުޞަތު އަޅުގަނޑަށް ނުލިބުނު ކަމުގައިވިޔަސް، އަންހެނުންގެ ކުރިއެރުމަކީ މުޅި ޤައުމުގެ ކުރިއެރުންކަން އަޅުގަނޑުހިތުން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ. އަދި އެގޮތުގެމަތިން އަޅުގަނޑުމެން ހުރިހާ އެންމެންވެސް މަސައްކަތްކޮށް، އަންހެނުންނާ އެއްބާރުލައި، އަންހެނުންނާ އަތުގުޅާލައިގެން ރާއްޖޭގެ ތަރައްޤީއަށްޓަކައި ހިންމަތާއެކު މަސައްކަތް ކުރަމުން ގެންދަންޖެހޭނެ.

އާދެ، މި ރަށުގެ ރައްޔިތުންނަކީ ވަރަށް ހީވާގި މަސައްކަތްތެރި ބައެއް. މި ރަށުގައި ވަރަށް ގިނަ ޢަދަދަކަށް ދޯނިފަހަރު އެބަހުރި. އިންޖީނު ބެހެއްޓި ދޯނިފަހަރު. އަދި ވަރަށް އެކަށީގެންވާ ގޮތެއްގައި މަސްވެރިކަންވެސް ކުރަމުން އެބަގެންދޭ. އާދެ، ކަނޑުމަހުގެ މަސްވެރިކަން ނޫންނަމަވެސް، މި ރަށުގެ ރައްޔިތުން އެ ކުރާ މަސައްކަތަކީވެސް މަސްވެރިކަމުގެތެރޭގައި ހިމެނޭ، ވަރަށް މުހިންމު ބާވަތެއް. ފަރުމަހުގެ މަސްވެރިކަން. ކޮންމެގޮތެއްގައިވެސް މަސްވެރިކަމުގެ ތަފާތު ރޮނގުރޮނގުން އިތުރަށް މަސައްކަތްކުރަމުން ގެންދިޔުމަކީ އަޅުގަނޑުމެންގެ އިޤްތިޞާދަށް ވަރަށް ބޭނުންތެރި ކަމެއް. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ، މި ރަށަށް ބޭނުނު މަސް އާދެ، މި ރަށުގެ ދޯނިފަހަރުން ބޭނިމަސް މި އަހަރުގެ ޖަނަވަރީ މަހުން ޖުލައި މަހުގެ ނިޔަލަށް ބޭނި ޢަދަދު، މިދިޔަ އަހަރު، މުޅި އަހަރު އެކީގައި، އާދެ، މިދިޔަ އަހަރުގެ ޖަނަވަރީން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ބޭނި މަހުގެ ޢަދަދަށްވުރެ ގިނަ. އާދެ، އެއީ ވަރަށް އުފާކުރުން ޙައްޤުކަމެއް. މަސްވެރިކަން ތަރައްޤީކުރުމަކީ، އަދި އެއީ ކޮންމެ ބާވަތެއްގެ މަސްވެރިކަމެއް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ އިޤްތިޞާދަށް ނުހަނު ބޮޑަށް ފައިދާކުރާނެ ކަމެއް. އަދި އެމަސައްކަތް ކުރާ ބަޔަކަށް އިތުރު ތަނަވަސްކަމާއި، އިތުރު ހަމަޖެހުން ލިބެމުންދާނެ ކަމެއް. އާދެ، ހަމަ އެއާއެކީގައި، މި ރަށުގެ ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ރިޒޯޓުތަކުގައި މަސައްކަތްކުރަމުން ގެންދާކަމަށްވެސް އަޅުގަނޑަށް އެނގިފައިވޭ. އެއީވެސް ވަރަށް ބޭނުންތެރި މަސައްކަތެއް.

އަޅުގަނޑުމެންގެތެރެއިން ކޮންމެ މީހަކީ ފައިދާހުރި ކޮންމެވެސް ވައްތަރެއްގެ މަސައްކަތެއް ކުރާ މީހަކު ކަމުގައި ވާންޖެހޭނެ. އެ މަސައްކަތަކީ މަސްވެރިކަން ކަމުގައިވިޔަސް ނުވަތަ ވިޔަފާރި ކަމުގައިވިޔަސް ނުވަތަ ވަޑާންކުރުން ކަމުގައިވިޔަސް، ނުވަތަ ރޭނުން ކަމުގައިވިޔަސް ނުވަތަ ރިޒޯޓުތަކުގައި މަސައްކަތްކުރުން ކަމުގައިވިޔަސް، ނުވަތަ ބޯޓުދަތުރުކުރުން ކަމުގައިވިޔަސް ނުވަތަ ސަރުކާރުގެ ވަޒީފާ އަދާކުރުން ކަމުގައިވިޔަސް، އުފެއްދުންތެރި ކޮންމެވެސް މަސައްކަތެއް ކުރަންޖެހޭނެ. އަޅުގަނޑު އެހެން މި ދަންނަވަނީ، ރާއްޖޭގެ ގިނަ ރައްޔިތުންނަކީ މި ދެންނެވި ބާވަތުގެ ފައިދާހުރި، އުފެއްދުންތެރި މަސައްކަތްކުރާ ބަޔަކު ކަމުގައިވިޔަސް، އަޅުގަނޑުމެންގެތެރޭގައި އަދިވެސް މަސައްކަތެއް ނުކޮށް ތިބޭ މީހުންވެސް އެބަތިބި. ޚާއްޞަކޮށް، ޒުވާނުންގެތެރޭގައި އެފަދަ މީހުން ތިބިކަން ވަރަށް ހިތާމަޔާއެކު އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ. މަސައްކަތެއް ނުކޮށް ހުރުމަކީ ވަރަށް އުނިކަމެއް. އޭގެ ސަބަބުން ހަމައެކަނި އެމީހެއްގެ ޙިއްޞާ ޤައުމަށް ނުލިބިދަނީކީނޫން. އޭގެއިތުރުން، އެމީހެއްގެ ފަރާތުން ބައެއްފަހަރަށް މަޞްލަޙަތު ގެއްލޭ ކަންތައްތައް ނުވަތަ ނުރައްކާތެރި ކަންތައްވެސް ދިމާވަމުންދޭ.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، މިރަށުގެ ރައްޔިތުންގެތެރޭގައިވެސް އަދި އަރިއަތޮޅުގެ ރައްޔިތުންގެތެރޭގައިވެސް އަދި ޢާންމުކޮށް ދިވެހިރާއްޖޭގެ ރައްޔިތުންގެތެރޭގައިވެސް އުފެއްދުންތެރި މަސައްކަތެއް ނުކޮށް ހަމަ އެކަކުވެސް ނުހުރުން. އާދެ، އެމީހާއަށް އެކަށީގެންވާ ޞިއްޙަތެއް ލިބިފައިވާނަމަ، އަދި އެމީހާގެ ޢުމުރާ ގުޅޭގޮތުން މަސައްކަތެއް ކުރެވޭ ފެންވަރުގެ ނުވަތަ ލިޔާޤަތެއް ހުރި މީހެއްކަމުގައިވާނަމަ، އެ މީހަކު ޤައުމަށް ފައިދާހުރި، އަދި އެމީހެއްގެ އަމިއްލަ ނަފްސަށްވެސް ފައިދާހުރި، އެ މީހެއްގެ މުޖުތަމަޢަށް ފައިދާހުރި ކޮންމެވެސް މަސައްކަތެއް ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން.

އާދެ، މިރަށުގެ ކަންތައްތަކަށް ވިސްނާއިރު، މިރަށުގެ ރައްޔިތުން އެ މީހުން އަމިއްލައަށް ރަށުގައި ކަރަންޓުގެ ޚިދުމަތް ދެމުންގެންދޭ. އާދެ، ސަރުކާރުންވެސް ރާއްޖެތެރޭގެ ރަށްރަށަށްވެސް ކަރަންޓުގެ ޚިދުމަތްދެވޭތޯ މަސައްކަތްކުރަމުން ގެންދާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިހާރުވެސް ސަރުކާރުގެ ޚަރަދުގައި ބައެއް ރަށްރަށުގައި އިންޖީނު ހިންގައިގެން، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުން ކަރަންޓް ދޫކުރައްވަމުން ގެންދަވާ. އެހެންނަމަވެސް، އެ މަސައްކަތަކީ ވަރަށް ބޮޑެތި ޚަރަދު ހިނގާ ކަމެއް. އަދި ވިޔަފާރީގެ އުޞޫލުން ބަލާއިރު، އެއިން ފައިދާއެއްވެސް ނުވާ ކަމެއް. ރާއްޖެތެރޭގައި ކަރަންޓުގެ ޚިދުމަތް ދެއްވައިގެން، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑަށް ވަމުންދަނީ ގެއްލުން. އެއީ، ވިޔަފާރީގެ އުޞޫލުން ބަލާއިރު، އެފަދަ ތަނަކަށް ކުރެއްވޭނެ ކަމެއްނޫން. އެހެންވީމާ، އެވާ ގެއްލުން ސަރުކާރުން މިގެންދަނީ ފޫބައްދައިދެމުން. ސަރުކާރުގެ ބަޖެޓުން އެބައި އިލެކްޓްރިސިޓީ ބޯޑަށް ދައްކަމުން. އެހެންވީމާ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެފަދަ ގޮތަކަށް ގެއްލުންވަމުންދާ ކަމެއް، ސަރުކާރަށް މާގިނަ ތަންތަނަކު ނުކުރެވޭނެކަން. އަދި އަމުދުން އެކަމެއް ކުރުމަށް ވަރަށް ބޮޑު ރައުސްމާލެއް ބޭނުންވާކަހަލަ ކަންތައްތައްވެސް، ސަރުކާރުގެ ބަޖެޓުގެ ދަތިކަން ހުންނަގޮތުން، އެއްފަހަރާ މާގިނަ ތަނެއްގައެއް ނުކުރެވޭނެކަން. އެކަން އެހެން އޮތްނަމަވެސް، އިލެކްޓްރިކް ކަރަންޓަކީ، ރައްޔިތުންގެ ދިރިއުޅުމަށާއި، އެމީހުންގެ ކުރިއެރުމަށާއި، އެމީހުން ކުރާ ތަފާތު މަސައްކަތްތަކަށް އެހާބޮޑަށް ބޭނުންވެފައިވާ ވަސީލަތަކަށްވާތީ، ކޮންމެވެސް އުޞޫލަކުން ރާއްޖެތެރެއަށްވެސް ކަރަންޓުގެ ޚިދުމަތް ފެތުރޭތޯ ސަރުކާރުން މިގެންދަނީ މަސައްކަތްކުރަމުން. އޭގެތެރޭގައި، ކުރިންވެސް މި ދެންނެވި ގޮތުގެމަތިން، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ނުވަތަ ބޭރުގެ އެހީ ހޯދައިގެން ބައެއް ރަށްރަށުގައި ކަރަންޓް ލައިދިނުން ހިމެނޭ. އަދި އޭގެ އިތުރުން، އަމިއްލަ ގޮތްގޮތުން ކަރަންޓުގެ ޚިދުމަތް ހޯދާ މީހުންނަށް ރައްޔިތުންގެ ގޮތުގައި މަސައްކަތްކޮށްގެން. އެކި ރަށްރަށުގައި އިންޖީނު ބަހައްޓައިގެން، އެއިން ކަރަންޓުގެ އަލިކަން ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް، ޚާއްޞަ ޢިނާޔަތެއްގެ ގޮތުން ސަރުކާރުން ފައިސާގެ އެހީވެސް ދޭގޮތަށްވަނީ ހަމަޖެހިފައި. އަދި މި ކަންތައްތަކުގެ އިތުރުން، އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި ސަރުކާރުގެ ބަޖެޓު ތަންދިން މިންވަރަކުން ނުވަތަ ސަރުކާރުން މަސައްކަތްކޮށްގެން ބޭރުގެ އެހީ ލިބެމުންދިޔަ މިންވަރަކުން ރާއްޖެތެރެއަށް ކަރަންޓުގެ ޚިދުމަތް ފެތުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ތިޔަ ހުރިހާ ބޭފުޅުންނަށް އަރުވަން.

ފަޅުގެ ދަތިކަމަކީވެސް ރާއްޖެތެރޭގެ ވަރަށް ގިނަ ރަށްރަށަށް އިޙްސާސްކުރަން ޖެހިފައިވާ ދަތިކަމެއް. އަޅުގަނޑުމެންގެ ރާއްޖެއަކީ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެއް. އެއް ޖަޒީރާއަކުން އަނެއް ޖަޒީރާއަކަށް ދަތުރުކުރަން މި ޖެހެނީ ޢާންމުގޮތެއްގައި ކަނޑުމަގުން. އެކަން އެހެންއޮތީމާ، ލަފާ ފުރުމުގެ މުހިންމުކަން އެއީ، އިތުރަށް އެއާ ދޭތެރޭގައި އެއްޗެއް ބުނަންޖެހޭނެ ކަމެއްނޫން. ލަފާފުރުމަށް އެންމެ ބޮޑަށް ދަތިވާކަމަކީ ފަޅުގެ ދަތިކަން. ނުވަތަ ނެރުގެ ދަތިކަން. އެހެންކަމުން، އެ ދަތި ފިލުވައިދެވޭތޯވެސް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންގެންދާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިހާރުވެސް ވަރަށް ގިނަ ރަށްރަށުގެ ފަޅު، ސަރުކާރުގެ ޚަރަދުގައި ވަނީ ފުންކޮށްދީފައި. މިނިސްޓްރީ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރުގެ ފަރާތުން، އެ މަސައްކަތް ކުރައްވަމުން ގެންދަވަނީ. އެއްފަހަރާ މިހާރުވެސް 10 ސެޓް، މަސައްކަތް ކުރަމުން އެބަގެންދޭ، ތަފާތު ރަށްރަށުގައި. އޭގެތެރެއިން، އެއްސެޓް މަސައްކަތް ކުރަނީ ތިނަދޫގެ ޗަސްބިން ހިއްކުމަށް، ނުވަތަ އެތަނަށް ވެލިއަޅައިދިނުމަށް. އަނެއް 9 ސެޓް މަސައްކަތް ކުރަމުން އެގެންދަނީ، އެކި ރަށްރަށުގެ ފަޅު ފުންކުރުމަށް. އެ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް. ވަރަށް ގިނަ ދުވަސް ބޭނުންވާ މަސައްކަތެއް. އެހާ ޚަރަދުވެސް ބޮޑު ކަމެއް. އެހެންވީމާ، އެއީވެސް އަޅުގަނޑުމެން ބޭނުންވާހާ ހަލުވިކޮށެއް ގެންދެވޭނެ ކަމެއްނޫން. އެހެންނަމަވެސް، ކުރިންވެސް ދެންނެވިފަދައިން، މިހާރުވެސް 10 ސެޓް މަސައްކަތްކުރަމުން އެގެންދަނީ އެގޮތަށް. އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައި، ހަމަޖެހޭ ވަކި އުޞޫލަކުން އަދި އިސްކަންދޭ ތަރުތީބެއް ހަމަޖެހިގެން، އެ ތަރުތީބެއްގައިވާ ގޮތުގެމަތިން، ފަޅުގެ ދަތިކަން އިޙްސާސްކުރަން ޖެހިފައިވާ ރަށްރަށަށް، އެ ރަށްރަށުގެ ފަޅު ފުންކުރުމުގެ މަސައްކަތް ސަރުކާރުން ކޮށްދެމުން ގެންދާނެ.

އާދެ، ތިޔަބޭފުޅުންގެ ރަށާ ބެހޭގޮތުން އިތުރަށް އަޅުގަނޑަކަށް މިކަމާ ބެހޭގޮތުން އެއްޗެއް ދަންނަވާކަށް މިވަގުތަކު ނޭނގެ. އެއީ ކުރިންވެސް ދެންނެވިފަދައިން، އެކަމަށް ހަމަޖެހިފައި އޮންނަ އުޞޫލަކުން އިސްކަންދޭ ތަރުތީބަކުން އެކަން ކުރަމުން ގެންދަންޖެހެނީ. އެއްރަށެއް ނިމޭއިރަށް، އަނެއް ރަށަކަށް ދާން އޮންނަނީ ކުރިއްސުރެ ހަމަޖެހިފައި. ހުރިހާ ސެޓްތަކެއްވެސް އެގޮތުގެމަތިން ހުރީ ހަމަޖެހިފައި. އެހެންނަމަވެސް، އަޅުގަނޑުވެސް ބޭނުން މަހިބަދުއަށްވެސް އެކަން ހަމަޖެހެން. އަދި މަހިބަދޫ ފިޔަވައި، މި އަތޮޅުގެ އެހެން ރަށްރަށަށްވެސް އަދި މުޅި ރާއްޖޭގެ އެހެން ރަށްރަށަށްވެސް އެކަން ހަމަޖެހިގެންދާން. އެހެންނަމަވެސް، އެބާވަތުގެ ކަމެއް ކުރެވެން އަންނަނީ ވަކި މިންވަރަކަށް ކަމަށްވާތީ، ވަކިކަހަލަ ތަރުތީބެއްވެސް ހަދަން އޮންނަނީ މަޖުބޫރުވެފައި.

އާދެ، އަޅުގަނޑުމެންގެ އިޖްތިމާޢީ ޚިދުމަތްތަކުގެތެރެއިން ވަރަށް މުހިންމު ޚިދުމަތެއް، ޞިއްޙީ ޚިދުމަތް. ޞިއްޙީ ޚިދުމަތުގެ ދާއިރާ ފުޅާކޮށް، ތަނަވަސްކޮށް، އެ ޚިދުމަތް ރާއްޖޭގެ މީހުންނަށް ލިބިދެވޭތޯ ސަރުކާރުން ތަފާތު މަސައްކަތްތައް ކުރަމުންގެންދޭ. އޭގެތެރޭގައި، ތިޔަބޭފުޅުންގެ މި ރަށުގައި އާދެ، މަހިބަދޫގައި މި އަހަރު ހުޅުވުނު ޞިއްޙީ މަރުކަޒުވެސް ހިމެނޭ. އާދެ، ޞިއްޙީ މަރުކަޒެއް ހުރުމަކީ ވަރަށް ބޭނުންތެރި ކަމެއް. އަދި އެ މަރުކަޒުގައި ޚިދުމަތްކުރާނެ މީހުން ތިބުމަކީވެސް އެހާމެ މުހިންމު ކަމެއް. ރާއްޖޭގެ ބައެއް ތަންތާނގައި މިހާރު ވަނީ ރީޖަނަލް ހޮސްޕިޓަލްވެސް ޢިމާރާތްކުރެވިފައި. އަދި އެ ހޮސްޕިޓަލްތަކުގެ ޚިދުމަތް އެހިސާބުގަނޑުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ދަނީ ލިބެމުން. އެކަމަކީވެސް ވަކި އުޞޫލަކުން ގެންދެވޭނެ ކަމެއް. ވަރަށް ޚަރަދުބޮޑު ކަމެއް. އެހެންވީމާ، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ސަރުކާރަކުން ރީޖަނަލް ހޮސްޕިޓަލްތަކެއްވެސް ނުހިންގޭނެ. އެކަން އަޅުގަނޑުހިތުން ތިޔަބޭފުޅުންނަށްވެސް ޤަބޫލުފުޅު ކުރެއްވޭނެ.

ރީޖަނަލް ހޮސްޕިޓަލްތަކުގެ ޚިދުމަތް ލިބެން ނުހުންނަ އަތޮޅުތަކަށް، އެ އަތޮޅުތަކުގައި ހުންނަ ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތް ލިބޭގޮތަށް ވަނީ ހަމަޖެހިފައި. އަދި އެ ޞިއްޙީ މަރުކަޒުތަކުން ލިބެން ހުންނަ ޚިދުމަތްތަކުގެ ފެންވަރުވެސް މަތިކުރުމަށް ސަރުކާރުން މިގެންދަނީ މަސައްކަތްކުރަމުން. އޭގެތެރޭގައި، ވަކި އުޞޫލަކުން ހަމަޖެހޭ ރަށްރަށަށް ޑަކްޓަރުންގެ ޚިދުމަތް ލިބޭގޮތަށްވެސް މިހާރު ވަނީ ހަމަޖެހިފައި.

އާދެ، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެން ޖެހޭނެ، ހަމަ ކޮންމެ މީހަކުވެސް ޤައުމު ބިނާކުރުމުގެ މަސައްކަތުގައި ބައިވެރިވާން. އެ މަސައްކަތަކީ ކިތަންމެ މުހިންމު، ކިތަންމެ ކުޑަ މަސައްކަތަކަށްވިޔަސް، ކިތަންމެ ބޮޑު މަސައްކަތަކަށްވިޔަސް، ކޮންމެ މީހަކުވެސް އެމީހެއްގެ ޙިއްޞާ ފުރިހަމައަށް އަދާކުރަންވާނެ. އޭރުން ޤައުމު ކުރިއަށްދާނީ. އެއްވެސް މީހަކު އެމީހެއްގެ ވާޖިބަށް ޙުރްމަތްތެރިކޮށް ނުހިތާނަމަ، އެކަން އޮންނާނީ ނުވެފައި. އެމީހެއްގެ ޙިއްޞާ އޮންނާނީ ޤައުމަށް ނުލިބި.

އާދެ، އަޅުގަނޑުގެ ވާހަކަ މާ ދިގުކުރާކަށް ނެތިން. އަޅުގަނޑު އެދެނީ، މަހިބަދޫގެ ރައްޔިތުންނަށް ހުރިހާގޮތަކުންވެސް އަދަށްވުރެ އުފާވެރި ބާއްޖަވެރި މާދަމައެއް ﷲ ދެއްކެވުން. އަޅުގަނޑުމެންގެ މެދުގައި މިއޮތް އިސްލާމީ އުޚުއްވަތްތެރިކަން އެއްދުވަހުން އަނެއްދުވަހަށް ބަދަހިވެގެންދިޔުން. ދިވެހިރާއްޖެއަކީ އަމަންއަމާންކަން ލިބިގެންވާ، ޞުލްޙަމަޞްލަޙަތު ޤާއިމުވެފައިވާ، އެކުވެރި އެއްބައިވަންތަ ރައްޔިތެއް ދިރިއުޅޭ ޤައުމެއް ކަމުގައި އަބަދަށްޓަކައި ﷲ ލެއްވުން. ހަމައެފަދައިން، އަޅުގަނޑުމެން ކުރަމުންގެންދާ މަސައްކަތުގައި އެކަލާނގެ ބަރަކާތްލައްވައި، އެ މަސައްކަތްތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް ދެއްކެވުން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، މި އަތޮޅުގެ ރައްޔިތުންގެ ފަރާތުން، އާދެ، އެއީ އެހެން މި ދެންނެވީ، މި ދަތުރަކީ ހަމައެކަނި މަހިބަދުއަށް ކުރެވުނު ދަތުރެއް ކަމުގައިވިޔަސް، އަޅުގަނޑު ދެކޭގޮތުގައި އެއީ، އަރިއަތޮޅަށް ކުރެވުނު ދަތުރެއް. އަޅުގަނޑުގެ ވަގުތު ހުރިގޮތުން އެހެން ރަށަކަށް ނުދެވުނު ކަމުގައިވިޔަސް، އަޅުގަނޑު ދެކޭހިތްވަނީ އެއީ މުޅިއަތޮޅަށް ކުރި ދަތުރެއްގެ ގޮތުގައި. އެހެންކަމުން، އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އެދެނީ ކުރިއެރުމާއި ތަރައްޤީ. އަދި އަޅުގަނޑުމެންގެ މަސައްކަތްތަކުގައި އުޅުއްވާ ބޭފުޅުން އެ ކުރައްވާ މަސައްކަތްތަކުގެ އަގު ސަރުކާރުން ވަޒަންކުރާ ވާހަކަ ދަންނަވާލުމަށްވެސް މި ފުރުޞަތުގެ ބޭނުންކުރަން.

އާދެ، ރާއްޖެތެރެ ތަރައްޤީކުރުމުގެ ކަންތައްތައް، އަދި ރާއްޖެތެރެ ހިންގުމުގެ ކަންތަކާ މިހާރު ޙަވާލުވެވަޑައިގެން ހުންނެވި އިސްވެރިޔަކީ، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ނާއިބު ޑޮކްޓަރ މުޙަންމަދު ލަޠީފް. އޭނާވެސް އެ ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތްތައް، އަޅުގަނޑެކޭ އެއްފަދައިން، ތިޔަ ހުރިހާ ބޭފުޅުންވެސް ދެނެވަޑައިގަންނަވާނެ. އެހެންކަމުން، މި ފުރުޞަތުގައި އޭނާއަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދެންނެވުމަށް އަޅުގަނޑު އަވަސްވެގަންނަން. އަދި ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައި ކުރެވެމުންދާ އެންމެ ޒަމާންވީ، އެންމެ މުހިންމު އަދި އެ މަސައްކަތެއްގެ ފައިދާ އެންމެ ގިނަ ބަޔަކަށް ކުރާ މަސައްކަތަކީ މަސްވެރިކަން. އާދެ، މަސްވެރިކަމުގެ ގޮތުން ސަރުކާރުގެ ފަރާތުން ކުރާ އެކިއެކި މުހިންމު މަސައްކަތްތައް ކުރަމުންގެންދަނީ އެސް.ޓީ.އޯ.ގެ ފަރާތުން. އަދި އެސް.ޓީ.އޯ.ގެ އެފް.ޕީ.އައި.ޑީ.ގެ ފަރާތުން. އެހެންކަމުން، އަޅުގަނޑާއެކީގައި މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އެފް.ޕީ.އައި.ޑީ.ގެ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޝަކީބަށްވެސް، އޭނާ ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރެއްވުމަށް އެ ކުރައްވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުމުގެ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމުން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން، ޤައުމާއިގެން ކުރިއަށްދާ ބަޔަކު ކަމުގައި ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އިބްތިހާލުކުރަމުން. އަދި ދިވެހިރާއްޖެއަށް ތަނަވަސްކަމާއި ފާގަތިކަމާއި އަމަންއަމާންކަން މިންވަރުކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވަމުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.