بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

މިއަދުގެ މި ރަސްމިއްޔާތަށް، މާލެއަތޮޅުގެ ވެރިކަންކުރާ ރަށް ތުލުސްދުއަށް އައިސް، އެންމެ ފުރަތަމަ އަޅުގަނޑުގެ އުފާވެރި ވާޖިބެއް ކަމުގައި ދެކެނީ، ތުލުސްދޫގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ރައްދުކުރުން. ހަމައެއާއެކުގައި، މާލެއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިން އަލްފާޟިލް މުޙަންމަދު ފާރޫޤަށާއި އަދި އަތޮޅުއޮފީހުގެ އިސްވެރިންނަށާއި، މުވައްޒަފުންނަށާއި، ހަމައެފަދައިން، ތުލުސްދޫގެ ވެރިންނާއި ތުލުސްދޫގެ ރަށް ކުރިއަރުވާ ކޮމިޓީގެ މެންބަރުންނާއި، އަންހެނުންގެ ކޮމިޓީގެ މެންބަރުންނާއި އަދި އަތޮޅު ކުރިއަރުވާ ކޮމިޓީގެ މެންބަރުންނާއި، ސަރުކާރުގެ ވަޒީފާގައި ތިއްބަވާ ތުލުސްދޫގެ މުވައްޒަފުންނާއި އަދި ތުލުސްދޫގައި މިހާރު ހިނގަމުންދާ އަމިއްލަ ފަރާތްތަކުގެ މަސައްކަތްތަކުގައި އުޅުއްވާ ވެރިންނާއި މުވައްޒަފުންނާއި އަދި ތުލުސްދޫގެ ލޮބުވެތި ކިޔަވާކުދިންނަށް މި މުނާސަބަތުގައި އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުމާއި އަދި ތަހުނިޔާ ރައްދުކުރަން.

ޝައްކެއްނެތް، މިއަދު މި އިފްތިތާޙުކުރެވެނީ ވަރަށް މުހިންމު ޚިދުމަތެއް. ޕޯސްޓުގެ ޚިދުމަތަކީ ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް ޢާންމު ރައްޔިތުންނަށް އަދާކޮށްދެވޭ އަސާސީ ޚިދުމަތެއް. އެ ޚިދުމަތުގެ ބޭނުންތެރިކަން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ވަޒަންކުރެވޭނެ. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންވެސް، އެ ޚިދުމަތުގެ މައްޗަށް ކޮންމެވެސްވަރަކަށް ބައްލަވައިލައްވާފައިވޭ. އާދެ، އިޖްތިމާޢީ ނަޒަރަކުން ބެލިޔަސް، އަދި އިޤްތިޞާދީ ނަޒަރަކުން ބެލިޔަސް، މީހުންގެ މެދުގައި ސިޓީ ހިނގުމަކީ ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ ރައްޔިތުންނަށް ވަރަށްބޮޑަށް ބޭނުންވާނެ ކަމެއްކަން އެނގޭ. ޢާއިލާގެ ގުޅުންތައް ދެމެހެއްޓުމަށާއި، އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރުމަށާއި، އިޖްތިމާޢީ ގޮތުން އެކަކު އަނެކަކާ ދޭތެރޭގައި އޮންނަންޖެހޭ ގާތްކަން ދެމެހެއްޓުމަށާއި އަދި ވިޔަފާރީގެ ގޮތުންވެސް އެކިއެކި މުޢާމަލާތު ހިންގުމުގައި އެކަކު އަނެކަކަށް ދޭން ބޭނުންވާ މަޢުލޫމާތު ދިނުމަށާއި، އަދި ޢާންމު ރައްޔިތުންވެސް، ސަރުކާރުގެ ފަރާތްތަކަށް ރައްޔިތުންގެ އެދުންތަކާއި، އިލްތިމާސްތައް ފޮނުވުމަށާއި، މިކަހަލަ ވަރަށް ގިނަ ކަންތައްތަކުގައި ސިޓީގެ ބޭނުން ހިފަންޖެހޭ. ނުވަތަ ޕޯސްޓުގެ ޛަރީޢާއިން ފޮނުވާ ލިޔުންތަކުގެ ބޭނުން ހިފަންޖެހޭ. އެހެންކަމުން، ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ ޕޯސްޓުގެ ޚިދުމަތް، އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކޮށް ކުރިއެރުވުމަކީ، އެ ޤައުމެއްގެ ސަރުކާރަކުން ވަރަށްބޮޑު އަހަންމިއްޔަތެއް ދެމުންގެންދާ ކަމެއް.

އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި މި ވޭތުވެދިޔަ އަހަރުތަކުގެތެރޭގައި ޕޯސްޓުގެ ޚިދުމަތްވަނީ ރާއްޖޭގެ ތަރައްޤީއާ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގޮސްފައި. އެކިފަހަރު އެކި ފިޔަވަޅު އެޅެމުން މިހާތަނަށްވެސް މިއައީ. ރާއްޖޭގެ ޕޯސްޓުގެ ތާރީޚަށް ބަލައިލާއިރު، ދެންމެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސް އަލްފާޟިލް އަޙްމަދު ޒާހިރު އެ ވިދާޅުވިފަދައިން، ރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ފުރަތަމަ ތަޢާރުފްކުރެވުނީ މީގެ 88 އަހަރު ކުރިން. އާދެ، 1906 ވަނަ އަހަރުގެ ތެރޭގައި. އެ އަހަރު ރާއްޖޭގައި އެންމެ ފުރަތަމަ ޕޯސްޓު އޮފީހެއް ޤާއިމުކުރެވުނީ. ޕޯސްޓުގެ ޚިދުމަތް މި ދެވެނީ، އެއަށް ކޮންމެވެސްކަހަލަ އަގެއް، އެ ޚިދުމަތްދޭ ފަރާތުން ނަގާފައި ކަމަށްވާތީ، އެ އަގު ލިބުނުކަން އަންގައިދޭ ނިޝާނެއްގެ ގޮތުން ސްޓޭމްޕޭ ކިޔާ އެއްޗެއް އެ ސިޓީގައި ތަތްކޮށްލަންޖެހެނީ. 1906 ވަނަ އަހަރު ރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ދޭން ފެށުނުއިރު، ރާއްޖޭގެ އަމިއްލަ ސްޓޭމްޕެއް ނެތް. އެހެންކަމުން، އޭރު ބޭނުންކުރީ ބޭރު ޤައުމެއްގެ ސްޓޭމްޕްގައި ރާއްޖޭގެ ނަން، އޭގެ މަތީގައި ތައްގަނޑެއްގެ ގޮތުގައި ޖަހާލައިގެން. އެހެންނަމަވެސް، ރާއްޖޭގައިވެސް ވަރަށް އަވަހަށް ސްޓޭމްޕެއް އުފެދި، ރާއްޖޭގައި ޕޯސްޓްކުރެވޭ ސިޓީތަކުގައި، ރާއްޖޭގެ އަމިއްލަ ސްޓޭމްޕް ޖެހުމުގެ އިންތިޒާމު ވަނީ ޤާއިމުކުރެވިފައި.

އާދެ، ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަކީ ކޮންމެއިރެއްގައިވެސް އެއިރެއްގެ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވަމުން ގެންދަވާފައިވާ ކަމެއް. އާދެ، އެކަން އަޅުގަނޑުމެންނަށް އެނގޭ، ރާއްޖޭގެ ޕޯސްޓް އޮފީހުގެ އެންމެ އިސް ވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ ނަންފުޅަށް ބަލައިލިޔަސް. އެންމެ ފުރަތަމަ ހުޅުވުނު ރާއްޖޭގެ ޕޯސްޓް އޮފީހުގެ ވެރިކަން ކުރައްވާފައިވަނީ އަލްފާޟިލް އަލްމަރްޙޫމް ޢަބްދުލްޙަމީދު ދީދީ، އަފަންދީ. އޭގެފަހުން، ސުމުއްވުލްއަމީރު އަލްމަރްޙޫމް އަޙްމަދު ދޮށިމޭނާ ކިލެގެފާނު. ދެން ސުމުއްވުލް އަމީރު އަލްމަރްޙޫމް މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު. އަދި ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތް އަދާކޮށްދެއްވުމުގައި އެންމެ އިސް މަޤާމެއް ފުރުއްވާފައިވާ ބޭފުޅުންގެ ތެރޭގައި، އަލްފާޟިލް އަލްމަރްޙޫމް މުޙަންމަދު އިބްރާހީމްދީދީއާއި އަދި މިހާރުވެސް ރާއްޖެއަށް ވަރަށް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅަކު ކަމުގައިވާ އަލްފާޟިލް އަޙްމަދު ޒަކީ ފަދަ ބޭފުޅުން ހިމެނޭ. މިއިން ދޭހަވާ އެއްޗަކީ ޕޯސްޓުގެ ޚިދުމަތުގެ މުހިންމުކަން. ސަރުކާރުން ކޮންމެ ދައުރެއްގައިވެސް އެކަމަށް ދެއްވަމުން ގެންދަވާފައިވާ އިސްކަން.

އާދެ، 1906 ވަނަ އަހަރު ރާއްޖޭގައި މި ފެށުނު ޚިދުމަތް ކޮންމެއިރެއްގައިވެސް އެއިރަކާ ގުޅޭގޮތުންވަނީ ކުރިއަށް ގެންދެވިފައި. އެއިންވެސް އެނގޭ އެއްޗަކީ ރާއްޖޭގެ ސަރުކާރުން އެއިރަކު ރައްޔިތުންނަށް ދެއްވެން އޮތް ޚިދުމަތެއް ވަނީ ދެއްވަމުން ގެންދަވާފައިކަން. 1906 ވަނަ އަހަރު ރާއްޖޭގައި މި ހުޅުވުނު ޕޯސްޓުގެ ޚިދުމަތް އެކިފަހަރުމަތިން ތަރައްޤީވަމުން އައިސް، ރާއްޖެތެރޭގައި ހިންގާ ޕޯސްޓް އޮފީސްތަކެއް މެދުވެރިވެގެން ރާއްޖެތެރެއަށް ޕޯސްޓުގެ ޚިދުމަތް ތަޢާރުފް ކުރެވިފައިވަނީ 1979 ވަނަ އަހަރުގެ ތެރޭގައި. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ޕޯސްޓުގެ ޚިދުމަތް 1980 ވަނަ އަހަރު ފެށި، 1983 ވަނަ އަހަރު ވަނީ ކޮންމެ އަތޮޅެއްގެ ވެރިކަންކުރާ ރަށުގައި ޕޯސްޓް އޮފީހެއް ހުޅުވިފައި. އޭގެފަހުންވެސް ރާއްޖެއަށް މި އަންނަމުންދާ ތަރައްޤީއާ ގުޅޭގޮތުން ޕޯސްޓުގެ ޚިދުމަތްވަނީ ކުރިއަރަމުން ގޮސްފައި. އޭގެތެރޭގައި، ފަހަކަށްއައިސް އެކްސްޕްރެސް މެއިލް ސަރވިސް ނުވަތަ އީ.އެމް.އެސް. ޤާއިމުކުރުން ހިމެނޭ. އަދި މި ޚިދުމަތަކީ ރާއްޖެއާއި ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން 101 ޤައުމަކާ ދޭތެރޭގައި މިއަދު އުފެދިފައިވާ އަދި ހިނގަމުންދާ ޚިދުމަތެއް. އަދި ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ޕޯސްޓުން ފައިސާ ފޮނުވުމުގެ އިންތިޒާމުވެސް ވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޤާއިމުކުރެވިފައި. އާދެ، އެއީ މަނީ އޯޑަރ ސަރވިސް ޤާއިމުކޮށްގެން. އެގޮތުން، މާލެއާއި ރާއްޖޭގެ ބައެއް އަތޮޅުތަކާ ދޭތެރޭގައި ވަރަށް ގިނަ ޢަދަދަކަށް ފައިސާގެ މުޢާމަލާތުތަކެއްވެސް ހިނގާފައިވޭ.

ޝައްކެއްނެތް، މިއީވެސް އެކަމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ވަރަށްބޮޑު ލުޔެއް ލިބިގެންދިޔަ އަދި މިހާރުވެސް ލިބެމުންދާ ކަމެއް. މާލޭގެ އެއްތަނުން އަނެއްތަނަށް ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސިޓީ ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ޕޯސްޓް އޮފީހުން ފާސްޓް ޕޯސްޓުގެ ނަމުގައި އާދެ، އަވަސް ޕޯސްޓުގެ ނަމުގައިވެސް ވަނީ ޚިދުމަތެއް ތައްޔާރުކުރައްވާފައި. އެ ޚިދުމަތް ފުރަތަމަ ފެށިފައިވަނީ މި ދެންނެވިހެން، މާލޭގެ އެއްތަނުން އަނެއްތަނަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސިޓީ ފޮނުވުމުގެ އަދި ސިޓީ ލިބިގަތުމުގެ އިންތިޒާމު ހަމަޖެއްސެވުމުގެ ގޮތުން ކަމުގައިވިޔަސް، މި ޚިދުމަތް ދާދިއަވަހަށް ރާއްޖެތެރެއަށްވެސް ވަނީ ފޯރާފައި. ރާއްޖެތެރޭގައި ހިމެނޭ ބައެއް އަތޮޅުތަކުން ވައިގެ މަގުން މާލެއަށް ފާސްޓް ޕޯސްޓުގެ ޛަރީޢާއިން މިހާރު ސިޓީ އަންނަމުންދޭ. އަދި މާލޭގެ މީހުންވެސް ނުވަތަ މާލޭގައި ދިރިއުޅޭ މީހުން ނުވަތަ ދަތުރުވަރެއްގައި މާލެއައިސް ތިބޭ މީހުންނަމަވެސް، މި ދެންނެވި އަތޮޅުތަކަށް މީހުން ފޮނުވަން ބޭނުންވާ ސިޓީތައް، ފާސްޓް ޕޯސްޓުގެ ޛަރީޢާއިން ވަރަށް އަވަހަށް ފޮނުވަމުން އެބަގެންދެވޭ. މި ޚިދުމަތްތައް މިއީ ކޮންމެހެން ރައްޔިތުންނަށް ބޭނުންވާ ކަމަށް ފެނިގެން ސަރުކާރުން ދެމުންގެންދާ ޚިދުމަތްތަކެއް.

އާދެ، ކުރިންވެސް ދެންނެވިފަދައިން، ޕޯސްޓާ ގުޅިފައިވާ އެއްޗެއް ސްޓޭމްޕް އެއީ. ސްޓޭމްޕަކީ ވަރަށް ޚާއްޞަ އެއްޗެއް. އެއީ ކޮންމެ ޤައުމެއްގައިވެސް، އެ ޤައުމެއްގެ ތާރީޚާއި، ޘަޤާފަތާއި އަދި އެ ޤައުމަކުން އިސްކަންދޭ ކަންތައްތައް ހާމަކޮށްދޭ އެއްޗެއް. މިގޮތުން ރާއްޖޭގައިވެސް ހިނގަމުންދާ މުހިންމު ކަންތައްތަކާއި އަދި ރާއްޖޭގެ ސިޔާސަތު ބިނާވެފައިވާ ގޮތާއި، ސަރުކާރުން އިސްކަންދެމުން ގެންދާ ކަންތައްތަކާއި އަދި ރާއްޖޭގެ ތާރީޚާއި ޘަޤާފަތް ހާމަކޮށްދޭ އެއްޗެއްގެ ގޮތުގައި ރާއްޖޭގެ ސްޓޭމްޕް ވަނީ ހިމެނިގެން ގޮސްފައި. އަދި ރާއްޖޭގެ ސްޓޭމްޕަކީ މިހާރު ޗާޕުކުރެވެމުންދާ ފެންވަރުގެ ގޮތުންނާއި އަދި އޭގައި އެ ކުރެހިފައި ހުންނަ ކުރެހުންތަކުގެ ގޮތުން ދުނިޔޭގައި ސްޓޭމްޕް އެއްކުރާ، ވަރަށް ގިނަ ބައެއްގެ ކުރިމަތީގައި ވަރަށް މަޤްބޫލު އެއްޗަކަށްވަނީވެފައި. އެއީވެސް ސަރުކާރަށް އާމްދަނީ ލިބޭ މަގަކަށްވެސް މިހާރުވަނީވެފައި.

ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގައި ޕޯސްޓޭޖް ސްޓޭމްޕް ޗާޕުކުރުމުގެ އިންތިޒާމެއް އަދި ހަމަޖެހިފައެއް ނެތް. އެހެންކަމުން، ބޭރުގެ ކުންފުންޏަކާ ގުޅައިގެން އެގްރީމެންޓެއް ކޮށްގެން، ރާއްޖޭގެ ސްޓޭމްޕް ޗާޕުކޮށް ހަދަނީ. އެ ކުންފުންޏަކީ ދުނިޔޭގައި މިކަމުގައި ވަރަށް އަރާހުރި، ވަރަށް މަޝްހޫރު ކުންފުންޏެއް. އެހެންވީމާ، އަޅުގަނޑުމެންގެ ޕޯސްޓޭޖް ސްޓޭމްޕްގެ ފެންވަރު އެއީ އެހެން ޤައުމުތަކާ އަޅައިބަލާއިރުވެސް އެކަށީގެންވާ ރަނގަޅު ފެންވަރެއް ކަމުގައި ފާހަގަކުރެވޭ.

ރާއްޖޭގެ ގިނަ ސްޓޭމްޕްތައް ކުރެހިފައި ހުންނަނީ ބޭރުގެ ކަމާބެހޭ މީހުންގެ އަތުން ކަމުގައިވިޔަސް، މި ދެންނެވީ ޢާންމު އުޞޫލެއްގެ ގޮތުން ބައެއް ޤައުމީ މުނާސަބަތުތަކުގައި އަދި އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ދައްކައިދޭ، ބައެއް ކަންތައްތަކުގައި، އެ ކަންތައްތައް ރަމްޒުކޮށްދިނުމުގެ ގޮތުން، އެ މުނާސަބަތުތަކުގައި ނެރެވިފައިވާ ސްޓޭމްޕް ކުރަހާފައި ވަނީ އަޅުގަނޑުމެންގެ އަމިއްލަ ފަންނާނުންކަން، މި ފުރުޞަތުގައި އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން.

އާދެ، ޕޯސްޓޭޖް ސްޓޭމްޕް އެއްކުރުމަކީވެސް ވަރަށް މުހިންމު ކަމެއް. ޚާއްޞަކޮށް، ކިޔަވާކުދިންނާއި، ޒުވާނުންނާއި އަދި ހަރުމީހުންގެ ތެރެއިންވެސް ވަރަށްގިނަ ބަޔަކު މުޅި ދުނިޔޭގައިވެސް ކުރަމުން އަންނަ ކަމެއް. އެކަމުގެ ސަބަބުން އެއް ޤައުމު އަނެއް ޤައުމަށް ތަޢާރުފްވެ، އެއްބަޔަކު ދިރިއުޅޭގޮތާއި، އެބައެއްގެ ޚިޔާލާއި ކަންތައްތައް ހުންނަގޮތް އަދި އެބައެއްގެ ތާރީޚާއި ޘަޤާފަތާއި އާދަކާދަ ހުންނަގޮތް އަނެއްބަޔަކަށް ތަޢާރުފްވަމުންދޭ. އެހެންކަމުން، މިއީ އަޅުގަނޑުމެންވެސް އެކަމާ ދޭތެރޭގައި ވިސްނައި، އަދި ރާއްޖޭގައި މިހާރުވެސް ސްޓޭމްޕް އެއްކުރާ ކުދިންނާއި މީހުން ތިބިއިރު، އެ ހޮބީ ނުވަތަ އެ ޝައުޤުވެރިކަން އުފެދޭފަދަ އެ މަސައްކަތް ކުރިއަރުވައި ތަރައްޤީކުރުމަކީވެސް މި ދެންނެވިފަދަ މުހިންމު މަޤްޞަދުތަކެއް ޙާޞިލުވެގެންދާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އެހެންކަމުން، މިހާރު މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ފަރާތުން ފިލެޓެލިކް ސޮސައިޓީއެއް އުފެއްދެވުމަށް ޚިޔާލުކުރައްވާކަން އަޅުގަނޑަށްވަނީ އެނގިފައި. އޭގެ ސަބަބުން މި ދެންނެވިފަދަ ކަންތައްތަކަށް މަގުފަހިވެގެންދާނެ. އަދި އެ ސޮސައިޓީގައި ހިމެނޭ މެންބަރުންނަށް ސްޓޭމްޕް އެއްކުރުމާއި އަދި އެހެން ޤައުމުތަކާ ބެހޭގޮތުން އެކިއެކި މަޢުލޫމާތު ލިބުމާ، މި ގޮތްގޮތުން އެކަށީގެންވާ ގޮތެއްގައި އެމީހުންގެ ހުސްވަގުތު ހޭދަކުރާނެ ގޮތްތަކެއް ހަމަޖެހިގެންދާނެ.

އާދެ، މިއަދު ރާއްޖޭގެ ޕޯސްޓުގެ ތާރީޚުގައި އަޅުގަނޑުމެން މި ފަށަނީ މުޅިން އާކަމެއް. އެއީ ރާއްޖޭގެ ހުރިހާ ރަށެއްގައި އާދެ، މީހުން އުޅޭ ކޮންމެ ރަށެއްގައި އޭޖެންސީ ޕޯސްޓް އޮފީހެއް ހުޅުވުން. މާތްﷲގެ ވާގިފުޅާ އެކީގައި މިއަދު އެ އިންތިޒާމު ރާއްޖޭގައި މި ޤާއިމުކުރެވުނީ. މިއަދުގެ ހަމަ މިވަގުތުން ފެށިގެން ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށެއްގައި އޭޖެންސީ ޕޯސްޓް އޮފީހެއް ޤާއިމުކުރެވޭނެ. އަދި އެ ޕޯސްޓް އޮފީހުގެ ޚިދުމަތް ރާއްޖޭގެ ރައްޔިތުންނަށް ލިބެމުންދާނެ. ރައްޔިތުން ދިރިއުޅެމުންދަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ކަމުގައިވިޔަސް، އެ ޚިދުމަތް އެބަޔަކަށް ލިބިގެންދާނެ.

އާދެ، ދެންމެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސްގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، ރާއްޖޭގައި މީހުން އުޅޭ ރަށްތަކުގެ ތެރެއިން 19 ރަށް ފިޔަވައި، އެހެން ހުރިހާ ރަށެއްގައި މިއަދު އޭޖެންސީ ޕޯސްޓް އޮފީސް ހުޅުވިގެން މިދަނީ. އެ ތަންތަން ހިންގެވުމާ އަމިއްލަ ފަރާތްތަކުން ޙަވާލުވެ ތިއްބަވައިގެން. އެ 19 ރަށުގައި އަދި އެފަދަ އިންތިޒާމެއް ހަމަޖެހިފައިނެތުމާއެކުގައި، އޭޖެންސީ ޕޯސްޓް އޮފީސް ހިންގަވަމުން ގެންދަވާނީ، އެ ރަށްރަށުގެ ރަށުއޮފީހުން.

ކޮންމެގޮތެއްގައިވެސް، އޭޖެންސީ ޕޯސްޓް އޮފީހުގެ ކަންތައްތައް ރާއްޖެތެރޭގައި ހިނގަމުންދާނީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ބެއްލެވުމުގެ ދަށުން އަދި ރާއްޖެތެރޭގައި އަތޮޅުއޮފީސްތަކާއި، ރަށްރަށުގެ އޮފީހުގެ ބެއްލެވުމުގެ ދަށުން. އެހެންކަމުން، އެ ޚިދުމަތަކީ ރައްޔިތުންނާއި ސަރުކާރާ ގުޅިގެން އާދެ، އަމިއްލަ ފަރާތްތަކާ ސަރުކާރާ ގުޅިގެން، ރައްޔިތުންގެ ފައިދާއަށްޓަކައި ހިންގޭ ޚިދުމަތެއްކަމުގައި ފާހަގަވެގެންދާނެ.

މި ޚިދުމަތް ތަޢާރުފްވެގެން ހިނގަމުންދާއިރު އެއީ، ރާއްޖެތެރޭގައި ތިއްބަވާ ޕޯސްޓަލް އޭޖެންޓުންނާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ދެމެދުގައި އެއްބަސްވެވޭ އެއްބަސްވުމެއްގެ ދަށުން ހިނގަމުންދާ ކަމެއްގެ ގޮތުގައި ވަނީ ހަމަޖެހިފައި. އެފަދަ އެއްބަސްވުމެއް އޮންނަންޖެހެނީ، ވަރަށް މުހިންމު ސަބަބުތަކެއް ހުރެގެން. އެއީ ޙަޤީޤަތުގައި މި ޚިދުމަތަކީ ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ ސަރުކާރުން އެ ޤައުމެއްގެ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތަކަށްވާތީ، މި ވަގުތަށް ދުނިޔޭގެ އެހެން ތަންތާނގައިވެސް މިކަން ހިނގާ އުޞޫލުން ރާއްޖޭގައިވެސް ގެންދިޔުމަކީ ބޭނުންތެރި ކަމެއްކަމުގައި ފެންނާތީ އަދި ވިޔަފާރީގެ އުޞޫލުން ޕޯސްޓުގެ ޚިދުމަތް ކުރިއަށް ގެންދިޔުމަށްޓަކައި ރާއްޖޭގައިވެސް އޭޖެންސީ ޕޯސްޓް އޮފީސްތަކެއް މި ޤާއިމުކުރެވެނީ. އެހެންނަމަވެސް، އެ ޕޯސްޓް އޮފީސްތައްވެސް ހިނގަމުން ދާންޖެހޭނީ މުޅި ދުނިޔޭގައިވެސް އެކަމަށް ހަމަޖެހިފައިވާ ނިޒާމަކާއި ޤަވާޢިދަކާ އެއްގޮތްވާގޮތުން ކަމަށްވާތީ، ޕޯސްޓަލް އޭޖެންޓުންނާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ދޭތެރޭގައި އެއްބަސްވުމެއްގައި ސޮއިކުރަންޖެހެނީ.

އާދެ، ސިޓީ ރައްދުކޮށްދިނުމަކީ މުހިންމު ކަމަކަށްވާއިރު، އެކަމާ ޙަވާލުވެ ތިބޭ ބަޔަކު އެކަން، ވަރަށް ފުރިހަމަ ތެދުވެރިކަމަކާއި އަމާނާތްތެރިކަމަކާއެކީގައި ކުރަންޖެހޭނެކަމީ، ޝައްކެއް އޮތް ކަމެއްނޫން. އާދެ، އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އެހެން މީހުންނަށް ފޮނުވާ ސިޓީގައި ހުންނާނީ، އެސިޓީ ލިބޭ ފަރާތަކަށް އެމީހަކު ދޭން ބޭނުންވާ މަޢުލޫމާތު، އެ ސިޓީ ލިބޭ ފަރާތަކަށް އަންގަން ބޭނުންވާ ކަންތައްތައް. އެކަންކަމަކީ އަޅުގަނޑުމެންގެ އަމިއްލަ ސިއްރު. އެއީ އެހެން ބަޔަކަށް އެނގިގެން ވާނެ އެއްޗެއްނޫން. އެހެންކަމުން، އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައިވެސް، މީހުންގެ މެދުގައި ހިނގާ މުވާޞަލާތީ ގުޅުންތަކަކީ، ޙުރްމަތްތެރިވެގެންވާ އެއްޗެއް ކަމުގައި ވަނީ ބަޔާންކޮށްފައި. ޤާނޫނުއަސާސީގެ 12 ވަނަ މާއްދާގައި ބުނަނީ، މީހުންގެ މެދުގައި ހިނގާ ސިޓީތަކާއި، ޓެލެފޯން، ޓެލެގްރާމް، ވަޔަރލެސްފަދަ ޚަބަރު ނަގައި، އަހައި، ބަލައި، ފާޅުކޮށް ހެދުމަކީ، ޤާނޫނުގައި ބަޔާންވެގެންވާ، ވަކި ޙާލެއްގައި މެނުވީ ކޮށްގެންވާނެ ކަމެއްނޫނޭ. އެއީ މިފަދަ މުވާޞަލާތީ ގުޅުންތަކުގެ ވާސިޠާއިން އެކަކު އަނެކަކަށް ނުވަތަ އެއްބަޔަކު އަނެއްބަޔަކަށް އަންގާ އެންގުންތަކަކީ ނުވަތަ ދޭ މަޢުލޫމާތުތަކަކީ، އެބައެއްގެ އަމިއްލަ ސިއްރު. އެ ސިއްރުތަކަކީ ދައުލަތުންވެސް އަދި މި ޚިދުމަތް ހިންގާ ކޮންމެ ފަރާތަކުންވެސް ރައްކާތެރިވާންޖެހޭނެ ސިއްރުތަކެއް. އެހެންކަމުން، މި ދެންނެވިފަދަ އެގްރީމެންޓެއް އޮންނަންޖެހެނީ. އެގްރީމެންޓްގެ ދަށުން ކަންތައް ކުރަންވާގޮތް ޕޯސްޓަލް އޭޖެންޓުންނަށް ރަނގަޅަށް އެނގި، އެމީހުންގެ ވާޖިބާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭނީ، އެފަދަ އެއްބަސްވުމެއް އޮވެގެން ކަމަށްވާތީ، އެ އެއްބަސްވުން އެގޮތަށް ހަމަޖެހިފައި ވަނީ.

އާދެ، މިހާރު ތިޔަބޭފުޅުންވެސް އައްސަވާފައިވާނޭ ފަދައިން، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަމުގައި ވަނީ ކުންފުންޏެއް އުފެއްދިފައި. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް އެ ވާހަކަ ބަޔާންކުރައްވައިފި. އެހެން ހަދަންޖެހޭ ސަބަބުވެސް އޭނާ ވިދާޅުވެދެއްވައިފި. އެއީ މިކަމަކީވެސް ޚަރަދުތަކެއް ހިނގާ ކަމަކަށްވާތީ، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ކަމަކަށްވުރެން މިއީ އޭގެ ޒާތުގައި އެއިން ފައިދާއެއް ނެރެވޭ އަދި ވިޔަފާރީގެ އުޞޫލުން ހިނގާ ކަމަކަށްވުމަކީ ބޭނުންތެރި ކަމެއް ކަމަށް ފެންނާތީ، އެގޮތަށް ސަރުކާރުންވެސް ހަމަޖެއްސީ. އެހެންކަމުން، އަޅުގަނޑު އުންމީދުކުރަނީ، މުސްތަޤްބަލުގައި ޕޯސްޓުގެ ޚިދުމަތް އިތުރަށް ކުރިއަށްގޮސް އަދި ޕޯސްޓުގެ ޚިދުމަތާބެހޭ އިތުރު ކަންތައްތައް ރާއްޖެއަށްވެސް ތަޢާރުފްވެ، އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކާއި، ލުއިތައް ލިބެމުންދާނެ ކަމަށް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ރާއްޖޭގެ މުވާޞަލާތީ ކަންތައްތައް ހަރުދަނާ ކުރައްވައި، ތަރައްޤީ ކުރައްވައި، އެ ޚިދުމަތްތައް ރައްޔިތުންނަށް ވާޞިލްކޮށްދެއްވާ ފަރާތެއް ކަމުގައިވާ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސްގެ ވެރިންނަށް އަދި އެ މިނިސްޓްރީގެ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސް އަލްފާޟިލް އަޙްމަދު ޒާހިރު، ރާއްޖޭގެ މުވާޞަލާތާ ބެހޭ ކަންތައްތައް އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީކުރައްވައި، ކުރިއަށް ގެންދެވުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން އެބަގެންދަވާ. އެހެންކަމުން، ވަރަށް ޚާއްޞަގޮތެއްގައި، އެ މަނިކުފާނު އެ ކުރައްވާ ޚިދުމަތުގެ އަގުވަޒަންކޮށް، އަޅުގަނޑު އެ މަނިކުފާނަށް ޝުކުރު ދަންނަވަން.

ހަމައެއާއެކީގައި، މިއަދު އަޅުގަނޑުމެން މި ވާހަކަ ދައްކަނީ ޕޯސްޓުގެ ޚިދުމަތާ ބެހޭގޮތުން ކަމަށްވާތީ، އެ މިނިސްޓްރީގެ ދަށުން އުފެދިފައިވާ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މާލިކް ޢަބްދުއްރައްޒާޤަށާއި އަދި އެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަށާއި، އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އެބޭފުޅުން އެ ކުރައްވާ އަގުހުރި އަދި އަގުބޮޑު މަސައްކަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަށް އިތުރު ޚިދުމަތްތަކެއް ލިބެމުންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އިރާދަކުރެއްވީތީ އަޅުގަނޑުގެ ހިތުގައި އެބައޮތް. ސަރުކާރުގެ ބޭނުމަކީ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުން. އެކަމަށް އުފެދިފައި އޮންނަ ތަނެއް ސަރުކާރަކީ.

އެހެންވީމާ، ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކުންވެސް ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަކީ، އަޅުގަނޑުމެންގެ ރާއްޖެއަށް މި އަންނަ ބަދަލުތަކާއި ތަރައްޤީތަކާ ގުޅިގެން ތަރައްޤީވަމުން، ފަސޭހަވަމުން އަންނަންޖެހޭނެ ކަމެއްކަމުގައި އަޅުގަނޑު ދެކެން. ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ އެއީ. އެގޮތުން ދަންނަވަންޏާ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އުފެދިފައި އެވަނީ ރާއްޖެތެރޭގައި ސަރުކާރުގެ ފަރާތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި އަދި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައްކޮށް، ސަރުކާރާ ރައްޔިތުންނާ ގުޅުވައިދޭ މިނިސްޓްރީއެއްގެ ގޮތުގައި. އަދި ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުވައިދޭ މިނިސްޓްރީއެއްގެ ގޮތުގައި. އެ މަސައްކަތް މިއަދު ކުރައްވަމުން ގެންދަވަނީ، އެންމެ އިސްވެރިއެއްގެ ގޮތުގައި މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން. އޭނާ އެކަން ކުރައްވަމުން ގެންދަވަނީ ވަރަށް އިޚްލާޞްތެރިކަމާ އެކީގައިކަން އަޅުގަނޑަށް އެނގޭ. އެހެންކަމުން، އެމަނިކުފާނަށާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް މި ފުރުޞަތުގައި ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

އާދެ، އެ މިނިސްޓްރީގެ ދަށުން ރާއްޖެތެރޭގައި ކަންތައްތައް ހިންގަވަން ތިއްބަވަނީ ކޮންމެ އަތޮޅެއްގައިވެސް އެންމެ އިސްވެރިއެއްގެ ގޮތުގައި އެ އަތޮޅެއްގެ އަތޮޅުވެރިޔާ. އަތޮޅުވެރިންނަކީ ވަރަށް މުހިންމު ވާޖިބުތަކެއް އަދާކުރެއްވުމަށްޓަކައި ސީދާ ރައީސުލްޖުމްހޫރިއްޔާގެ ފަތަކުން އިސްކުރެވޭ ބައެއް. އެބޭފުޅުން، އެބޭފުޅުންގެ ވާޖިބު ފުރިހަމަގޮތުގައި އަދާކޮށްދެއްވައިފިނަމަ، ރާއްޖެތެރެވެސް ވަރަށް ހަލުވިކަމާއެކު ތަރައްޤީވެގެންދާނެ. އެހެންކަމުން، އެ މަޤާމަށް އަޅުގަނޑުމެންނަށް ބޭނުންވާ ބޭފުޅުންނަކީ، އެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އެންމެ ފުރިހަމަގޮތުގައި އަދާކޮށްދެއްވޭފަދަ ތަޢުލީމާއި ތަޖުރިބާއާއި ޤާބިލްކަން ހުރި ބޭފުޅުން. އެފަދަ ބޭފުޅުންތަކެއް މިހާރު އަތޮޅުވެރިންގެ މަޤާމުގައި ތިއްބަވައިގެން ރާއްޖެތެރެއަށް ޚިދުމަތްތަކެއް ކުރައްވަމުން އެބަގެންދަވާ. އެހެންނަމަވެސް، އެ މަޤާމަކީ މި ވަގުތަށް، ކަމަށް އެކަށީގެންވާ ބޭފުޅުން ލިބުންދަތި މަޤާމެކޭ އަޅުގަނޑަށް ދަންނަވަން މަޖުބޫރު. އެއީ އަޅުގަނޑު އެދޭގޮތަށް، އެންމެ ފުރިހަމަގޮތުގައި ރާއްޖެތެރޭގެ ކަންތައްތައް ހަލުވިކަމާއެކީގައި ތަރައްޤީވުމަށް އެޅޭ އެއް ހުރަހަކަށްވެފައި އޮންނަނީ، މި ދެންނެވިފަދަ ތަޢުލީމާއި ތަޖުރިބާހުރި އަދި ތެދުވެރިކަމާއި އަމާނާތްތެރިކަންވެސް ހުރި ޤާބިލް ބޭފުޅުން، އަތޮޅުތަކުގެ އަތޮޅުވެރިންގެ މަޤާމަށް ނުލިބޭތީ. އެހެންވީމާ، އެ ނުކުތާ އަޅުގަނޑު ހިތުން ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ފާހަގަކުރެއްވުން އަޅުގަނޑު އެދެން. އަދި ރައްޔިތުންގެ ތެރެއިން އެފަދަ ޤާބިލިއްޔަތު ހުރި ބޭފުޅުން އަދި ސަރުކާރުން އެބޭފުޅުންނަށް ދަންނަވާލީމާ އެކަމަށް ކުރިމަތިލައްވާގޮތްވުމަކީ ޝައްކެއްނެތްގޮތުގައި، ރާއްޖެތެރޭގެ ކުރިއެރުމަށް ވަރަށް ބޮޑު ފަހިކަމެއް ލިބިގެންދާނެ ކަމެއް. އެހެންކަމުން، އެ ނުކުތާވެސް މިއަދު އަޅުގަނޑު ދަންނަވާލާހިތްވީ. ސަރުކާރުން މަސައްކަތްކުރަމުން މިގެންދަނީ ރާއްޖެތެރޭގެ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުކޮށް، އިޞްލާޙުކޮށް، ތަރައްޤީކޮށް، އަދި ސަރުކާރުން ރައްޔިތުންނަށް ލިބިދޭންޖެހޭ ޚިދުމަތްތައްވެސް، އޭގެ ދާއިރާ ވީހާ ފުޅާކޮށް، ވީހާ ހަލުވިކޮށް، ފަސޭހަކޮށް ރައްޔިތުންނަށް ލިބިދެވޭނެ ގޮތެއް ހޯދޭތޯ. އެގޮތުގައި ސަރުކާރަށް އެހީވެދެއްވަން ތިއްބަވާ އެންމެ މުހިންމު އެއްބަޔަކީ އަތޮޅުތަކުގެ އަތޮޅުވެރިން.

އާދެ، ކޮންމެއަކަސް މި އަތޮޅުގެ އަތޮޅުވެރިންނަކީ އާދެ، އަލްފާޟިލް މުޙަންމަދު ފާރޫޤަކީ، އަޅުގަނޑު މި ދެންނެވި ސިފަތައްހުރި ބޭފުޅެއް. އެހެންކަމުން، އޭނާ އެ މަޤާމުގައި ހުންނަވައިގެން މި އަތޮޅަށް ކޮށްދެއްވާ ޚިދުމަތްތައް ފާހަގަކޮށް، އޭނާއަށްވެސް މި ފުރުޞަތުގައި ޝުކުރު ދެންނެވުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ތުލުސްދޫގައި އެކިއެކި އުފެއްދުންތެރި މަސައްކަތްތައް ހިންގަވާ ފަރާތްތަކަށްވެސް ޝުކުރު ދަންނަވަން. އެފަރާތްތަކުން އެ ހިންގަވާ މަސައްކަތްތަކުގެ ސަބަބުން ތުލުސްދޫގެ މީހުންނަށް ވަޒީފާ ލިބި އަދި ތުލުސްދުއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ލިބެމުން އެބަދޭ. އަޅުގަނޑު އެދެނީ، އެފަދަ ހުރިހާ ފަރާތްތަކަކުންވެސް އެކުރައްވާ މަސައްކަތްތަކުގެ ސަބަބުން މުޅި ޤައުމަށްވެސް ފައިދާކުރުން. އަދި ތުލުސްދުއަށްވެސް ފައިދާކުރުން. އެހެންކަމުން، އެ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަމުން އަދި ތުލުސްދޫގެ ލޮބުވެތި ރައްޔިތުންނަށް އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރި ޝުކުރަކާއި މުބާރަކްބާދީއެއް ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّـلام عليـكم ورحـمة اللّـه وبـركاتـه