بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وَصَحْبِـهِ أجمعـين.

މިއަދު އަޅުގަނޑު ތިޔަބޭފުޅުންގެ ލޮބުވެތި ރަށް، ދިއްދުއަށް މިއައީ ވަރަށް ޚާއްޞަ، ވަރަށް އުފާވެރި ބޭނުމެއްގައި. އާދެ، އެ އުފާވެރި އަދި ޚާއްޞަ ބޭނުމަކީ، ސަރުކާރުގެ ޚަރަދުގައި މި ރަށުގައި ޢިމާރާތްކުރެވުނު ޕަވަރހައުސްގެ ނުވަތަ އިންޖީނުގޭގެ ޢިމާރާތާއި އަދި އެ އިންޖީނުތަކާ ނުލައި އެއްވެސް ތަނެއްގައި ކަރަންޓުގެ ޚިދުމަތް ނުލިބޭނެ އިންޖީނުތައް މިރަށަށް ގެނެސް، މިރަށުގައި ބަހައްޓައި، އެ ޚިދުމަތް ރައްޔިތުންނަށް ލިބޭގޮތަކަށް ތަނަވަސްކޮށްދިނުން. އާދެ، ދެންމެ މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަލްފާޟިލް ޢަބްދުﷲ ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، މި މަޝްރޫޢުގެ ފެށުން އޮތީވެސް ނުވަތަ ހިނގާފައިވަނީވެސް ހަމަ މިރަށުގައި، ނުވަތަ މި އަތޮޅުގައި. އެއީ 1992 ވަނަ އަހަރު، އަޅުގަނޑު ތިލަދުންމަތީ އުތުރުބުރިއަށް ކުރި ޒިޔާރަތުގައި މިރަށަށް އައިސް، މިރަށުގެ ކަންތައްތައް ބަލައި ހަދާލިއިރު، މިރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދިވަޑައިގަންނަވާ ކަމަކީ، މިރަށުގައި ސަރުކާރުގެ ފަރާތުން ކަރަންޓްލައިދިނުން ކަމަށްވާތީ، އެދުވަހު ހަމަޖެއްސުނީ ސަރުކާރުގެ ޚަރަދުގައި މި ރަށުގައި ކަރަންޓްލައިދިނުމަށް. އާދެ، އެ މަސައްކަތްވަނީ ސަރުކާރުގެ ކަމާބެހޭ ދާއިރާއާ ޙަވާލުކުރެވިފައި. އެއީ މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑު ނުވަތަ އެމް.އީ.ބީ.

އެމް.އީ.ބީ. އިން މި މަސައްކަތާ ޙަވާލުވެވަޑައިގެން، ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާރުވަނީ އެ މަސައްކަތް ނިންމަވާފައި. އާދެ، އެންމެ އެއްއަހަރާއި ތިންމަސް ދުވަހުގެ ތެރޭގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިގެން، މިއަދު ތިޔަބޭފުޅުންނަށް ކަރަންޓް ލިބިވަޑައިގަންނަވާ ގޮތަށް، އެ މަސައްކަތް މިހާރު މިހިރީ ނިމިފައި. އާދެ، މި މަސައްކަތުގައި ސަރުކާރުގެ ހޭދަ ވަރަށް ބޮޑު. މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، ގާތްގަނޑަކަށް 7.8 މިލިއަން ރުފިޔާ ނުވަތަ 78 ލައްކަ ރުފިޔާ ވަނީ މިހާތަނަށް މިކަމަށް ޚަރަދުވެފައި. އަދި މުސްތަޤްބަލަށް ބަލާއިރު، އިންޖީނުގެ ހިންގުމަށާއި، އަދި އެތާ ތިބޭ މީހުންގެ މުސާރައަށާއި، އެ އިންޖީނުތައް މަރާމާތުކުރުމަށާއި، މިހެންގޮސް ކުރަންޖެހޭ ވަރަށް ގިނަ ޚަރަދުތަކެއްވެސް ހުންނާނެ.

އާދެ، މިހާ ކުރު މުއްދަތެއްގެ ތެރޭގައި މި މަސައްކަތް މި ނިމުނީ، ދިއްދޫގެ ލޮބުވެތި ރައްޔިތުންގެ އެއްބާރުލެއްވުން ލިބިގެން. މި އަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިން އަލްފާޟިލް މުޙައްމަދު މޫސާއާއި އަދި ދިއްދޫގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ޢާންމު ރައްޔިތުން މި މަސައްކަތުގައި ވަރަށް އެކުވެރިކަމާއި، އެއްބާރުލެއްވުމާއެކީގައި ވަރަށް ބުރަކޮށް އުޅުއްވައިގެން، ސަރުކާރުން މިކުރި މަސައްކަތް މިހާ ކާމިޔާބުގޮތެއްގައި، މިހާ ކުރު މުއްދަތެއްގެ ތެރޭގައި މި ނިމުނީ.

އެހެންވީމާ، އަޅުގަނޑު ތަފްޞީލުކޮށް ނުދެންނެވިޔަސް، މިރަށުގެ ރައްޔިތުން ކުރައްވާފައިވާ މަސައްކަތްތައް އަޅުގަނޑަށް އެނގޭ. އަޅުގަނޑާ ހަމައަށް އެ މަޢުލޫމާތު ވަނީ ލިބިފައި. އެހެންވީމާ، ރައްޔިތުން ހިތްހެޔޮކަމާއި އިޚްލާޞްތެރިކަމާއެކީގައި އެ ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، ދިއްދޫގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. ޝައްކެއްނެތް، މިފަދަ ކޮންމެ މަސައްކަތެއް ކާމިޔާބުވާނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން. އާދެ، އޭގެތެރެއިން އެންމެ މުހިންމު ބައެއް އަދާކުރާ ފަރާތަކީ ރައްޔިތުން. ދިއްދޫގެ ރައްޔިތުން ހިލޭސާބަހަށް ކުރެއްވި، ރައްޔިތުންގެ މަސައްކަތް. ދިއްދޫގެ ވެރިންނާއި، މި އަތޮޅުގެ ވެރިން މިކަމަށް ބެހެއްޓެވި ޝައުޤުވެރިކަމާއި، ޚާއްޞަ ސަމާލުކަން އަދި ސަރުކާރުގެ ކަމާބެހޭ ފަރާތުގެ ވެރިންނާއި، މުވައްޒަފުން މިކަމަށް ބެހެއްޓެވި ސަމާލުކަން. މި ހުރިހާ ކަމެއް ވަރަށް އެދެވޭގޮތެއްގައި ގުޅިލާމެހިގެން، އަޅުގަނޑުމެން މިއަދު މި ދެކޭ ފޮނި ނަތީޖާ އަޅުގަނޑުމެންނާ ހަމައަށް އައިސްފައި މިވަނީ. އެހެންވީމާ، މިދެންނެވި ހުރިހާ ފަރާތަކަށްވެސް އަދި ޚާއްޞަކޮށް، މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަލްފާޟިލް ޢަބްދުﷲ ޔާމީނަށާއި، އަދި އެމް.އީ.ބީ.ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ސަޢީދަށާއި، އަދި އެމް.އީ.ބީ.ގެ ހީވާގި ވެރިންނާއި މުވައްޒަފުންނަށް އަދި ދިއްދޫގެ އިންޖީނުގޭގެ މުވައްޒަފުންނަށާއި، ވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަނީ، އެބޭފުޅުން އެ ކުރެއްވި ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރަމުން.

އާދެ، މިއަދު އަޅުގަނޑު މިރަށަށް އައުމަށް ހަމަޖެހިފައިވާތީ، ރަށް މިވަނީ ވަރަށް ރީތިގޮތެއްގައި ޒީނަތްތެރިކުރައްވާފައި. ވަރަށް ފުރިހަމައަށް ތައްޔާރުކުރައްވާފައި. އާދެ، އަޅުގަނޑު ކުރިންވެސް ދަންނަވަމުން ގެންދަން، އަޅުގަނޑު އެއްވެސް ރަށަކަށް ޒިޔާރަތްކުރާތީ، އެ ރަށުގެ ރައްޔިތުން ބުރަ އުފުއްލަވައިގެން މަސައްކަތްތައް ކުރެއްވުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫނޭ. އެހެން ދެންނެވިނަމަވެސް، ރައްޔިތުންގެ ހިތުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައި އޮންނަ އިޚްލާޞްތެރިކަމެއްގެ ސަބަބުން، އެ މަސައްކަތްތައް ރައްޔިތުން ގެންދަވަނީ ކުރައްވަމުން. އެހެންކަމުން، އެ ރޫޙުގައި ދިއްދޫގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ޢާންމު ރައްޔިތުން ކުރައްވާފައި މިވާ، ރަށުތެރެ ޒީނަތްތެރިކޮށް ތައްޔާރުކުރުމުގެ މަސައްކަތްތައް، އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ބަލައިގަނެ، ތިޔަ ހުރިހާ ބޭފުޅުންނަށް އެކަމުގެ އުފަލުގައި ޝުކުރު ދަންނަވަން.

އާދެ، އަތޮޅުވެރިންގެ ވާހަކަފުޅުގައި ވިދާޅުވީ މިއީ ކުވައިތެއް ނޫނޭ. ސުޢޫދީ ޢަރަބިއްޔާއެއް ނޫނޭ. ވަރަށް ބޮޑު ތެދުފުޅެއް. އަޅުގަނޑުމެންނަކީ އެކަހަލަ، އެ ވިދާޅުވި ޤައުމުތައް ފަދަ ޤުދްރަތީ މުއްސަނދިކަމުގެ ވަސީލަތްތައް ލިބިފައިވާ ޤައުމެއް ނޫން. އަޅުގަނޑުމެންގެ ރާއްޖެއަކު ތެލުގެ މުއްސަނދިކަމެއް ނެތް، ނުވަތަ އެނޫންވެސް އެކަހަލަ ޤުދްރަތީ އެހެން ވަސީލަތެއްގެ މާބޮޑު މުއްސަނދިކަމެއް ނެތް. އަޅުގަނޑު އެހެން މިދެންނެވީ، އިރާދަކުރެއްވީތީ މަހުގެ މުއްސަނދިކަން އޮތުމާއެކީގައި. އެހެންނަމަވެސް، އެހެން ޤައުމުތައް ވަރަށް ހަލުވިކަމާއެކީގައި ކުރިއަށްދިޔުމަށް އެ ބޭނުންކުރާފަދަ ޤުދްރަތީ މުއްސަނދިކަމުގެ މާ މުހިންމު ވަސީލަތްތަކެއް ރާއްޖެއަކު ނެތް. އަޅުގަނޑު ދަންނަވާނީ، އެކަން އެހެން އޮތް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށް ބޮޑު އެހެން މުއްސަނދިކަމެއް އެބައޮތޭ. އެ މުއްސަނދިކަމަކީ ކޮބައިތޯ؟ އެއީ ދިވެހި ރައްޔިތުންގެ މުއްސަނދިކަން. މި ދެންނެވީ، ރައްޔިތުންގެ އާބާދީ ގިނަ ވާހަކައެއްނޫން. ރައްޔިތުންގެ އިޚްލާޞްތެރިކަމުގެ މުއްސަނދިކަން. ރައްޔިތުންގެ އެއްބާރުލެއްވުމުގެ މުއްސަނދިކަން. ރައްޔިތުން ކަންކަމަށް ބަހައްޓަވާ ޝައުޤުވެރިކަމުގެ މުއްސަނދިކަން. އެ މުއްސަނދިކަން ﷲގެ ރަޙްމަތްފުޅުން އަޅުގަނޑުމެންނަށް މިވަނީ، ވަރަށް ފުރިހަމަ ދަރަޖައަކަށް ލިބިފައި. ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި، މިގޮތަށް ރައްޔިތުން ހިލޭ ސާބަހަށް މަސައްކަތްކޮށްގެން ކަމެއް ނިމިފައެއް ނޯންނާނެ. މިއީ އަޅުގަނޑު ހަމަ ކެރިހުރެގެން ދަންނަވާ ވާހަކައެއް. ރައްޔިތުންނަށް ފައިދާ ލިބޭ ކަންކަމުގައިވެސް، އެހެން ތަންތާނގައި ރައްޔިތުން މަސައްކަތް ކުރަނީ އަގަށް. އެމީހުން މަސައްކަތް ކޮށްދެނީ އެމީހުންނަށް ލިބޭ ކޮންމެވެސް އެއްޗެއްގެ މުޤާބިލުގައި. އަދި އެކަމުގެ ފައިދާ ލިބިގަންނަން ތިބީ އެމީހުން ކަމުގައިވިޔަސް، ދުނިޔޭގައި މިހާރު ކަންތައްތައް ހުންނަގޮތުން، މިދެންނެވި ގޮތަށް ކަންތައްތައް ވަމުންދަނީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި، އަދި ޚާއްޞަކޮށް، ރާއްޖެތެރޭގައި މަދަރުސާއެއް އެޅިޔަސް، އިންޖީނުގެއެއް އެޅިޔަސް، ނުވަތަ ހަސްފަތާލެއް އެޅިޔަސް، ޞިއްޙީ މަރުކަޒެއް އެޅިޔަސް، މިސްކިތެއް ޢިމާރާތްކުރިޔަސް އަދި އެނޫން އެހެން ކޮންމެ މަސައްކަތެއް ކުރިޔަސް، ރައްޔިތުންގެ ޙިއްޞާ ވަރަށް ބޮޑު. ހިލޭ ސާބަހަށް ރައްޔިތުން ކުރައްވާ މަސައްކަތްތަކެއް، އޭގެ ތެރޭގައި ހިމެނިގެން، އަޅުގަނޑުމެންގެ މަސައްކަތްތައް ކާމިޔާބުވަމުން މިދަނީ. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައި ޤުދްރަތީ މުއްސަނދިކަމުގެ މާބޮޑު ވަސީލަތެއް ނެތްކަމުގައިވިޔަސް، އަޅުގަނޑުމެންގެ ރައްޔިތުންގެ ކިބައިގައި މި ހުރި މާތް ސިފަ، ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުމުގެ ސިފަ، ނުވަތަ އެމީހުންނަށް ފައިދާއެއްވާ ކަންކަމުގައި އެމީހުން ފުރިހަމަކަމާއެކީގައި އެއްބާރުލުމުގެ ސިފަ، އެއީ އަޅުގަނޑު ދަންނަވާނީ ޤުދްރަތީ ވަސީލަތްތަކުގެ މުއްސަނދިކަމަށްވުރެ މާ ބޮޑު، މާ މުހިންމު މުއްސަނދިކަމެއް ކަމުގައި. އެހެންވީމާ، އެކަން އެގޮތަށް އޮތުމުގެ ސަބަބުން އަޅުގަނޑުމެންނަށް ރާއްޖެތެރޭގައި އެކިއެކި ކަންތައްތައް ކާމިޔާބުކުރެވެމުން މިދަނީ.

އާދެ، މިއަދު އަޅުގަނޑު މާގިނަ ވާހަކަތަކެއް ދައްކާކަށެއް ނެތިން. އެއީ، ވަގުތުވެސް ލަސްވަމުންދާތީ، އަދި މިއަދުގެ ޕްރޮގްރާމް މިހާތަނަށް އަދި ނުއެއްނިމޭ. އަޅުގަނޑު ޤަޞްދުކޮށްފައި އޮތީ ﷲގެ ވާގިފުޅާއެކީގައި މިއަދު އެނބުރި މާލެދާން. އަޅުގަނޑުގެ މަސައްކަތް ހުރިގޮތުން ދާންޖެހެނީ. އެހެންވީމާ، މި ޖަލްސާވެސް މާ ދިގުނުކުރުމަށްޓަކައި އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަނީ. ކުރުކޮށްލަމުންވެސް އަދިވެސް އެއްފަހަރު، މި އަތޮޅުގެ އަތޮޅުވެރިންނަށާއި، އަތޮޅުގެ އިސް ބޭފުޅުންނަށާއި، އަދި ޚާއްޞަކޮށް، ދިއްދޫގެ ވެރިންނަށާއި، ދިއްދޫގެ ލޮބުވެތި ރައްޔިތުންނަށް އަދި މިތަނަށް ވަޑައިގެން ތިއްބެވި، މި އަތޮޅުގެ އެހެން ރަށްރަށުގެ ވެރިންނަށާއި، މުވައްޒަފުންނަށް އަދި އެހެން ރަށްރަށުގެ މަންދޫބުންނަށް، ސަރުކާރުގެ ހެޔޮއެދުންތައް ރައްދުކުރަމުން، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން އަދި އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައި اللّـه سبحـانـه وتعـالىގެ ހެޔޮ ތައުފީޤާއި ބަރަކާތް ލެއްވުން އެދި ދުޢާކުރަމުން އަޅުގަނޑު ވަކިވެލަނީ.

والسّـلام عليـكم ورحـمة اللّـه وبـركاتـه.