ރާއްޖޭގެ ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭ ޤާނޫނީ ޙައްޤުތަކާއި، ޝަރުޢީ ނިޒާމަށް ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރު ދެނެގަނެ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ޔޫ.އެން.ޑީ.ޕީ.އިން ހިންގަވާ "ޑިޑް ޔޫ ނޯ؟" ކެމްޕެއިން، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ފަށްޓަވައިދެއްވައިފިއެވެ.

މި ކެމްޕެއިން ފަށްޓަވައިދެއްވުމުގެ ގޮތުން، މިއަދު ހަވީރު ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަޙައްދުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، އިންސާފުވެރި މުޖްތަމަޢެއް ޤާއިމް ކުރުމަށްޓަކައި، ރައްޔިތުންނަށް އެމީހުންގެ ޙައްޤުތަކަކީ ކޮބައިކަން އެނގި، އެ ޙައްޤުތައް ހޯދޭނެ ގޮތް އެނގެންޖެހޭ ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށްޓަކައި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ބޭއްވި، ވެރިކަމުގެ ތިންބާރު ވަކި ކުރެވި، މިނިވަން މީޑިއާއެއް ޤާއިމްކުރެވި، މިނިވަން މުއައްސަސާތައް އުފެއްދިފައި ވީނަމަވެސް، ރާއްޖޭގައި ޑިމޮކްރަސީ ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރިކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޑިމޮކްރަސީއަށް ދެމިއޮވެވޭނީ އެންމެންގެ ހަމަހަމަކަމާއި އަސާސީ މިނިވަންކަން ޔަޤީންކޮށްދެވޭނެ އިންސާފުވެރި މުޖްތަމަޢެއްގައިކަން ފާހަގަކުރައްވަމުން، ރައްޔިތުންގެ ޙައްޤުތައް ހަމަހަމަކަމާއެކު ހޯދޭނެ ފުރުޞަތު އޮންނަ މުޖްތަމަޢެއް ޤާއިމް ކުރުމަށްޓަކައި، މުޖްތަމަޢުގައި ހުރި ނޭދެވޭ ބައެއް އާދަކާދަތަކާއި، މުޖްތަމަޢުގައި ބައެއްކަހަލަ އިމްތިޔާޒުތައް ނައްތާލަންޖެހޭ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ޑިމޮކްރެޓިކް އިންސާފުވެރި، މުޖްތަމަޢަކީ، ތަފާތުތަކަށް އިޙްތިރާމް ކުރާ، ތަފާތަކީ މުޖްތަމަޢުގައި މުއްސަނދިކަމެއްކަމަށް ދެކޭ މުޖްތަމަޢެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގޭ މި ހޭލުންތެރިކުރުމުގެ ކެމްޕެއިންގެ ދަށުން، މާލެއާއި، ވިލިނގިލި އަދި ހުޅުމާލޭގެ ހުރިހާ ގޭގެއަށް، ވޮލަންޓިއަރުން ޒިޔާރަތްކޮށް ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ޙައްޤުތަކާއި، ރާއްޖޭގެ ޤާނޫނީ ނިޒާމާބެހޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުވައިދިނުމަށް ހަމަޖެހިފައިވެއެވެ.

"ޑިޑް ޔޫ ނޯ؟" ކެމްޕެއިނަކީ، "ޕްރޮޓެކްޓިން ހިއުމަން ރައިޓްސް އެންޑް އެކްސެސް ޓު ޖަސްޓިސް"ގެ ދަށުން، ޔޫ.އެން.ޑީ.ޕީ.ގެ އެހީގައި، ސަރުކާރާއި، ޝަރުޢީ ދާއިރާގެ މުއައްސަސާތަކުގެ ބައިވެރިވުމާއެކު ހިންގޭ ޢާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެކެވެ.

މިއަދު ހަވީރު، މާލޭ އިރުމަތީފަރާތު ރާޅުގަނޑު ސަރަޙައްދުގައި ބޭއްވުނު، މި ކެމްޕެއިން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިނާއި، ރާއްޖޭގައި ހުންނަވާ އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ އެންޑްރޫ ކޮކްސްވެސް ވާހަކަފުޅު ދެއްކެވިއެވެ. މި ކެމްޕެއިން އިފްތިތާޙް ކޮށްދެއްވުމަށްފަހު، އެ ސަރަޙައްދުގައި ހުރި މި ކެމްޕޭނުގައި ބައިވެރިވާ ބައެއް ދާއިރާތަކުގެ ސްޓޯލްތަކަށް ނައިބު ރައީސް ޒިޔާރަތް ކުރެއްވިއެވެ.