بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އާދެ، އަނެއްކާވެސް ނޫސްވެރިންނާ އެކީގައި، ބައްދަލުކޮށްލަން ފުރުޞަތު ލިބިގެން ދިޔުމުން، ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.

އާދެ، މިއަދުވެސް ހަމަ އެހެންޏާވެސް އޮންނަ އުސޫލުން ކުރިއަށްގެންދާނަން. ދެން އަޅުގަނޑު މާގިނަ ވާހަކަތަކެއް މިއަދު ފެށުމުގެ ގޮތުން ދަންނަވާކަށް ނެތް. ހަމައެކަނި ދަންނަވާލަން ބޭނުންވަނީ، ކުރިންވެސް އިޢުލާނުކޮށްފައިވާ ގޮތަށް، ސަރުކާރުން ކުރިއަށް ގެންދަން ކަނޑައަޅައިފައި ހުރި ރިފޯރމް އެކި ކަހަލަ މަސައްކަތްތައް، ޤާނޫނުތަކަށް ބަދަލުގެނައުން، ނޫނީވިއްޔާ ޤާނޫނުތައް ހެދުން، މިފަދަ ކަންކަން ކުރިއަށް ގެންދާނަމޭ. އަދި އޭގެ އިތުރަށް، މަޝްރޫޢުތައްވެސް އިރާދަކުރެއްވިއްޔާ، ވީ އެންމެ ބާރު ސްޕީޑެއްގައި ހުރިހާ ކަންކަންވެސް މެދުނުކެނޑި ގެންދެވޭނެ އެންމެ ރަނގަޅަކަށް ކުރިއަށްދާނެއޭ.

ދެން މިހާރު މި ހިނގާ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، މެދުކެނޑިފައި އޮތް ނަމަވެސް، އެއާ ގުޅިގެން އަންނަ އިފެކްޓްތައް ވަރަށް ބޮޑަށް ތަފްސީލުކޮށް، ވަރަށް ތަފްސީލުކޮށް، މިނިސްޓަރުން ވަނީ ތިޔަބޭފުޅުންނާ އިއްޔެ ހިއްސާކުރައްވާފައި އޭގެ ޑީޓެއިލްސް. މިއާ ގުޅިގެން ޕްރައިވަޓައިޒް ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނަން. ޖުމުލަކޮށް ވަރަށް ރަނގަޅަށް ތަރުތީބުކޮށްގެން ކުރިއަށްދާނެ. އަޅުގަނޑު ވަކި ކަމެއް މިއަދު އެގޮތަށް ޚާއްޞަކޮށް ދަންނަވާލާކަށް ނެތް. އެހެންވީމާ، ފުރަތަމަވެސް ސުވާލުތަކަށް ފަށާނަން. އޭރުން ތިޔަބޭފުޅުންނަށް ގިނަ ވަގުތު ލިބިވަޑައިގަންނަވާނެ. އެހެންވީމާ، ގުރުއަތު ލެވުނު ތަރުތީބުން ކުރިއަށް ގެންދިޔުމަށް ދަންނަވަން.

ވަފީޤާ ޙާމިދު – ޕީ.އެސް.އެމް. ނިއުސް:

އަޅުގަނޑުގެ އެބައޮތް ދެ ސުވާލެއް. އެއީ، ރައީސް މީގެކުރިން ވިދާޅުވެފައި އެބަވޭ، ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ކުރިން މި ވޯޓަށް ބެލުމަށްފަހު، ނުވަތަ ވޯޓާ ގުޅިގެން ބައެއް ޤާނޫނުތަކަށް އިޞްލާޙު ތަކެއް ގެނައުމަށްޓަކައި ނުވަތަ ބައެއް ބަދަލުތައް ގެންނަވަން ވިސްނަވާ ވާހަކަ. ދެން މިހާރު މި ނަތީޖާއާ އެކީގައި، ކޮބައިތޯ ރައީސްގެ ވިސްނުންފުޅަކީ؟ ކޮންކަހަލަ ޤާނޫނުތަކަކަށްތޯ މި އިޞްލާޙުތައް ގެންނެވުމަށް ނިންމަވައިފައި މިވަނީ؟

ދެން އަނެއް ސުވާލަކީ، ޞިއްޙީ ދާއިރާއާ ގުޅުންހުރި ސުވާލެއް. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލެއް ތަރައްޤީކުރާ ވާހަކަ ސަރުކާރުން އިޢުލާނުކުރައްވާފައި އެބަވޭ. ކުޑަކުދިންނާއި އަންހެނުންގެ ބަލިތަކާ ގުޅުންހުރި ހޮސްޕިޓަލެއް ތަރައްޤީކުރުމަށްޓަކައި. އެހެންނަމަވެސް މިހާރު އަނެއްކާވެސް ދިގުލައިގެން ގޮސްފައި މިވަނީ. ކޮބައިތޯ އެ މަސައްކަތްތައް މި ކުރިއަށް ދާގޮތަކީ؟ ކިހާތާކު އެ މަސައްކަތްތައް ފެށޭނެކަމަށް ލަފާކުރެވޭތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ވަރަށް ބޮޑަށް ޝުކުރިއްޔާ. އާދެ، އަޅުގަނޑު އެންމެ ފަހުން އޮތް ޕްރެސްގައިވެސް ދަންނަވާލިން ޤާނޫނުތައް ހެދުން، ނޫނީވިއްޔާ ޤާނޫނުތައް ބަދަލުކުރުން، ރިފޯރމް އެޖެންޑާގެ ތެރެއިން މަސައްކަތްތައް ހިނގާނެކަމަށް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރު މި އޮންނަނީ އިތުރުވަމުންދާ ގޮތަށް. އާބާދީ ބޮޑުވާ ވަރަކަށް. އެހެންނަމަވެސް، އެކަން ނިމުމަކަށް ގެނެސް، މެންބަރުންގެ އަދަދު މިހާރަށްވުރެ މަދުކުރުމުގެ މަސައްކަތްތަކެއް ކުރާނެ ވާހަކަ އަޅުގަނޑު ދެންނެވިން. އެއީ މާކުރިންވެސް އިޢުލާނު ކޮށްފައި އޮތް ކަމެއް. އަދި އަންހެން ބޭފުޅުންނަށް ވަކި ވަރެއްގެ ކޯޓާއެއް ހަމަޖެއްސުން، ޒުވާނުންނަށް ވަކި ވަރެއްގެ ކޯޓާއެއް ހަމަޖެއްސުން، މިފަދަ ކަންތައްތަކެއް ހުށަހަޅަން ގަސްދުކުރާ ވާހަކަ. އެހެންވީމާ، އެ ކަންކަމަކަށް ބަދަލެއް ނުއެއް އާދޭ.

ދެން ހަމައެއާއެކީގައި، ޖުޑީޝަރީ ރިފޯރމް ކުރުމަށްވެސް މުހިންމު ކަންތައްތަކެއް އަޅުގަނޑުވާނީ ދަންނަވާފައި. އެނގިވަޑައިގަންނަވާނެފަދައިން، މިދިޔަ ސަރުކާރުގެ ދުވަސްވަރު ވަނީ ވަރަށް ބޮޑަށް ޖުޑީޝަރީ ތެރެއަށް ނުފޫޒު ފޯރުވާން މަސައްކަތްތަކެއް ކޮށްފައި. އެއީ، އޭގެ ކުރިން ނުކުރާ ކަންތައްތަކެއް ކުރީ. މާނައަކީ، ޖޭ.އެސް.ސީ.ގެ ދަށަށް ޖުޑީޝަރީގެ އެޑްމިނިސްޓްރޭޓިވް ޕަވަރ ގެނައީ. ޑީ.ޖޭ.އޭ. ގެނައީ. މީގެ ސަބަބުން ޙަޤީޤަތުގައި ވަރަށް ބޮޑަށް މި އޮންނަނީ ޖުޑީޝަރީގެ ތެރެއަށް ސަރުކާރުން، ނޫނީވިއްޔާ ނުސީދާގޮތުންވެސް ސަރުކާރުގެ ނުފޫޒު ފޯރުވެފައި. ފޯރުވުމުގެ ފުރުޞަތު ހޯދާފައި މިދިޔަ ސަރުކާރުން އެ ގެނައި ބަދަލާ އެކީގައި.

އަޅުގަނޑުމެން ޖުޑީޝަރީ ރިފޯރމް ކުރުމުގެ ތެރެއިން، ޖޭ.އެސް.ސީ.ގެ ކޮންޓްރޯލްގެ ދަށުގައި ޑީ.ޖޭ.އޭ. އޮންނަ އޮތުމަށް އިޞްލާޙު ގެނައުމަށް އެންމެ ފުރަތަމަ ޖުޑީޝަރީ ޤާނޫނު އޮތްއިރުގައި، ކޯޓުތަކާބެހޭ ޤާނޫނުގައި އޮތްގޮތަށް، އަދި މި ޖުޑީޝަރީގެ ކަންތައްތައް އޭރުގައި ރޭވިފައި އޮތް ގޮތަށް، ބަދަލުކުރަން ގާތްގަނޑަކަށް އެކަހަލަ ގޮތަކަށް ބަދަލުކުރުމުގެ ވިސްނުން އަޅުގަނޑުމެންގެ އެބައޮތް. އޭގެތެރޭގައި، ޖުޑީޝަލް ކައުންސިލް ކިޔާ ކައުންސިލެއް ކުރިން އޮތް. 2011 ވަނަ އަހަރު އޭރުގައި އޮތް ސަރުކާރުން، އޭރުގައިވެސް އޮތީ އެމް.ޑީ.ޕީ.ގެ ސަރުކާރެއް. އޭރުގެ ސަރުކާރުން ޖުޑީޝަލް ކައުންސިލްވެސް އޭރުވެސް ސަރުކާރުގެ ދުވަސްވަރު ޖުޑީޝަލް ކައުންސިލް އެއީ، ބާތިލުކަމެއްކަމަށް އޭރު ކުރެވުނު ޙުކުމެއްގެ ތެރެއިންހެން އަޅުގަނޑަށް ހީވަނީ އޮތީ ބާތިލުވެފައި.

ދެން ޖުޑީޝަލް ކައުންސިލަކީ އުއްތަމަ ފަނޑިޔާރާއި، ސްޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުންނާއި، ހައިކޯޓާއި، ސްޕީރިއާ ކޯޓުތަކުގެ އިސްފަނޑިޔާރުން ހިމެނޭހެން އޮންނަ ކައުންސިލެއް. ފަންނީ ދާއިރާގައި، ޓެކްނިކަލް މަޝްވަރާތަކުގެ ކަންކަން ކުރުމަށް އޮންނަ ކައުންސިލެއް. އެ ކައުންސިލް އުވާލީ. އުވިގެންދިޔަ.

ދެން ޑީ.ޖޭ.އޭ.، ނޫނީވިއްޔާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން މި އޮންނަނީ މިހާރު ޖޭ.އެސް.ސީ.ގެ ދަށުގައި. އެހެންވީމާ، ޖުޑީޝަލް ކައުންސިލް އަލުން ރީއިންސްޓޭޓް ކުރެވޭނެ ގޮތަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އަދި އޭގެ އިތުރަށް، އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާ ތަނަކަށް ޑީ.ޖޭ.އޭ. ބަދަލުވެގެން ދިޔުން. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޖަވާބުދާރީ ވާންޖެހޭނީ، ޖުޑީޝަލް ކައުންސިލަށް އަދި ސްޕްރީމް ކޯޓުގެ އިސް ފަނޑިޔާރަށް، އުއްތަމަ ފަނޑިޔާރަށް ކަމަށް ބަދަލުވުމަކީ، އަޅުގަނޑު ހިތުން ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅު ބަދަލެއް. މިހާރު މި އޮންނަނީ ޤާނޫނަށް ގެނައި ބަދަލަކާ އެކީގައި، މުޅިން އެއްކޮށް ބާރު ބަދަލުވެފައި ޖޭ.އެސް.ސީ.ގެ ދަށަށް.

އެހެންވީމާ، މިކަހަލަ އިޞްލާޙީ ރަނގަޅު ބަދަލުތަކެއް ގެންނަން ގަސްދުކުރަން. މިސާލަކަށް، މިދިޔަ ސަރުކާރުން މި ގެނައި ބަދަލުގެ ތެރޭގައި، ދަށު ކޯޓުތަކުގައިވެސް އެޑްމިނިސްޓްރޭޓަރ އެންމެ ބާރުގަދަ މީހަކަށް ހުންނާނީ. އިސް ފަނޑިޔާރެއް ނޫން. އެ ތަނުގެ އެންމެ އިސް މީހާއަކީ، އޭގެ ދަށުން ހުންނަ މީހާގެ ކޮންޓްރޯލް، ނޫނީވިއްޔާ ބާރުގެ ދަށުގައި ހުންނަ މީހަކަށް އޮތުމަކީ، ޖުޑީޝަރީގެ ތެރޭގައި އަސްލުގައި ފަންކްޝަނަލިޓީއަށް ޙަޤީޤަތުގައި ވަރަށް ބޮޑަށް އަސަރުކުރާ ކަމެއް. އެހެންވީމާ، އެޑްމިނިސްޓްރޭޓަރއަކީ އެޑްމިނިސްޓްރޭޓިވްލީ ތަން ހިންގަން ހުންނަ މީހާ. އެހެންވީމާ، ތަނުގެ އިސްވެރިއަކަށް ވާންޖެހޭނީ އިސް ފަނޑިޔާރު. ދަށު ކޯޓުތަކުގައިވެސް މިކަން ބައްލަވައިލެއްވީމާ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ރަށްރަށުގައި ހުރި ކޯޓުތަކުގައިވެސް އެކަން އޮތީ އެހެން.

އެހެންވީމާ، އިޞްލާޙީ ރަނގަޅު ބަދަލުތަކެއް ޖުޑީޝަރީއަށް އަންނަންޖެހޭ. އިޞްލާޙީ ރަނގަޅު ބަދަލުތަކެއް ޕާލަމެންޓަށް، މަޖިލީހަށް އަންނަންޖެހޭ. އެހެންވީމާ، މި ބަދަލުތައް ގެނައުމުގެ ކަންކަން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. އެހެންނަމަވެސް އަޅުގަނޑު ހިތުން، ފެންނަ ނުފެންނަ ވޯޓުން ވަރަށް ބޮޑު މެސެޖެއް ރައްޔިތުން ދެއްވާފައި މިވަނީ. އެއީ، ޤާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ، އެހާބޮޑަށް ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫން. އެހާބޮޑަށް ފޭވަރކުރާ ކަމެއް ނޫންކަން. އެހެންވީމާ، ޤާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަންޖެހޭ ކަހަލަ އިޞްލާޙެއް ކުރިއަށް އޮތް ތާނގައި ގެންނާކަށް އަޅުގަނޑުމެން ގަސްދެއް ނުކުރަން ދެނެއް. އެހެންވީމާ، އެއީ މައިގަނޑު ބަދަލަކީ.

ދެން ފޭސް 2 ގެ ހޮސްޕިޓަލް. އާދެ، މި ފަހަރު އަޅުގަނޑުގެ ރިޔާސީބަޔާނުގައި އޮންނާނެ އިޢުލާނުކޮށްފައި، ފޭސް 2 ގައި 500 އެނދުގެ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލެއް އަޅަން އަޅުގަނޑުމެން ގަސްދުކުރާ ވާހަކަ. ދެން އެކަމުގެ ފަންނީ މަސައްކަތްތައް އަދި ފަންޑިންގ އާ ގުޅޭ ކަންކަން އެބަ ހިނގާ. ރިޔާސީބަޔާނުގައި އަޅުގަނޑު ދެންނެވިހެން މި އަހަރުގެ މެދުތެރެއަށް މި ޓާގެޓް މި ކުރަނީ ހުރިހާ ކަމެއް ނިންމާލާފައި މަސައްކަތް ފެށްޓޭތޯ. ފޭސް 2ގައި ކެންސަރއަށް ޚާއްޞަ ރޭޑިއޭޝަން ޗެމްބަރ ހިމެނޭހެން ކެންސަރ ޓްރީޓްމަންޓް ފެސިލިޓީވެސް ހިމެނޭ. މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލް ހުންނަ ކޮމްޕްލެކްސްގެ ތެރޭގައި، އެ ކޮމްޕައުންޑުގެ ތެރޭގައި، އެ ފެސިލިޓީވެސް މި ޤާއިމުކުރަނީ. އެހެންވީމާ، މި މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލުގެ ތެރެއަށް ކުޑަކުދިންނާއި އަންހެނުންނާބެހޭ، ޚާއްޞަ ޑޮކްޓަރުންގެ ޔުނިޓުވެސް، ނޫނީވިއްޔާ ޑިޕާޓްމަންޓުވެސް އަންނާނެ. އެހެންވީމާ، އެ މަސައްކަތްތައް އެބަ ހިނގާ އެއާއެކީގައި.

ދެން އެއާއެކީގައި، ފޭސް 1 ގައި ހުޅުމާލޭ ހޮސްޕިޓަލް ގޯތިތެރެ، ނޫނީވިއްޔާ އެ ބިމުގައި، އަޅުގަނޑުމެން މިހާރު އޮންނާނީ އިންޑިއާގެ އެލް.އޯ.ސީ.އަށް ހުށަހަޅާފައި، އިތުރު ބޮޑު ހޮސްޕިޓަލެއް އަޅަން. ނޫނީވިއްޔާ އެ ހޮސްޕިޓަލުގައި އިތުރު ޢިމާރާތެއް އަޅަން. އެހެންވީމާ، އެ އެލް.އޯ.ސީ.ގެ ކަންކަން ނިމިގެންގޮސް ލައިން އޮފް ކުރެޑިޓްގެ ތެރެއިން އެ ޢިމާރާތްވެސް އިރާދަކުރެއްވިއްޔާ އެޅުމުގެ މަސައްކަތް ހިނގާނެކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންވީމާ، ފޭސް 2 ގެ ހޮސްޕިޓަލް މި ދެންނެވިހެން އޮތީ މިހާރު ކުރިއަށްދާ ގޮތަށް.

މުޙައްމަދު ޙަބީބް – ވިރާސީ:

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ރައީސް ނަޝީދާއި ފައްޔާޒް އިސްމާޢީލް އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެބަ އޮތް ހުށަހަޅުއްވާފައި ވަރަށް ބޮޑަށް ޤާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން. ދެން ރައީސް ނަޝީދު ވަނީ އެމް.ޑީ.ޕީ.އާއެކު އެއް މޭޒަކަށް އައިސް މަޝްވަރާ ކުރުމަށް ރައީސަށް ދަޢުވަތު ދެއްވާފައި. ސުވާލަކީ ރައީސް އެ ދަޢުވަތު ގަބޫލުކޮށް، އެމް.ޑީ.ޕީ.އާ އެއްކޮށް އެއްމޭޒެއްގައި މި މަޝްވަރާ ކުރައްވާނެތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރު ކަމެއް އެއީ. ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް ތިމަންނަމެން މި ހަވާލުކުރީއޭ. އަޅުގަނޑު އިޢުލާނު ކުރި މެނިފެސްޓޯއާއި ވަޢުދުތަކާ އެއްގޮތަށް ކަންކަން ކުރަން. އެހެންވީމާ، އަޅުގަނޑު ދާނީ ރައްޔިތުން އަޅުގަނޑާ ހަވާލުކުރި މަސައްކަތައިގެން ކުރިއަށް.

މުޙައްމަދު ޙަބީބް – ވިރާސީ:

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ދާދިފަހުން 500 މިލިއަން ރުފިޔާގެ ސުކޫކެއް ދެއްކި ވާހަކަ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ޑޮލަރު. 530 މިލިއަން ޑޮލަރު.

މުޙައްމަދު ޙަބީބް – ވިރާސީ:

އާދެ މާފުކުރައްވާ. މި ސްކޫކް ދެއްކުމަށް ޤައުމުގެ އެތެރެއިންވެސް އަދި ޤައުމުގެ ބޭރުންވެސް އެއްވެސް އިތުރު ދަރަންޏެއް ނަގާފައިވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އެއްވެސް އިތުރު ދަރަންޏެއް ނުނަގައި އަދި އެއްވެސް އިތުރު ރަހުނެއް ނުކޮށް، ކުރިން ރަހުނު ކޮށްފައި ހުރި ބޮޑެތި ބައެއް ތަންތަނާއި، ބިންތައް، ސަލާމަތްކޮށްގެން މިކަން ކުރިއަށް ގެންދިޔައީ.

މުޙައްމަދު ޙަބީބް – ވިރާސީ:

ޝުކުރިއްޔާ.

މުޙައްމަދު މުޒައްޔިން ނާޒިމް – ދައުރު:

ޝުކުރިއްޔާ ރައީސް. ރައީސް ޕްރެސް ނުބޭއްވި މިދިޔަ ދެތިން ހަފްތާ ތެރޭގައި، ވަރަށް ބޮޑު ކަންބޮޑުވުމެއް ފާޅުކުރެއްވި ދެ ކަމެއް، އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ. އެއީ، އެމް.އޭ.ސީ.އެލުން ގިނަ އަދަދެއްގެ މުވައްޒަފުން، 85 މުވައްޒަފުން ވަރަށް ބޮޑު މުސާރައިގައި ތިބިކަމަށް ބުނެ ލިސްޓެއް ލީކްވި. ގާތްގަނޑަކަށް 2.1 މިލިއަން ރުފިޔާއަށް އެބައަރާ މުސާރައަށް އެކަނި މަހު މުސާރައަށް. ބައެއް މީހުންނަށް 50,000 ން، 30,000 ން، 20,000 ން އެބަހުރި. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި މި މީހުންނަކީ މަސައްކަތެއް ނުކޮށް، ވަޒީފާއަށްވެސް ނުނިކުންނަ މީހުންކަމަށް އެބަބުނޭ.

ދެވަނަ ކަމަކަށް އެމް.ޓީ.ސީ.ސީ.ގެ މާލޭ ޓެކްސީ އެޕް ހެދުމުގައި 13 މިލިއަން ރުފިޔާ ޚަރަދުވިކަމަށް އެބަބުނޭ. ބަޔަކަށް ބިޑުނުކޮށް ދިން ކަމަށް ބުނޭ. މިކަމާ ގުޅޭގޮތުން އަޅުގަނޑުމެން މަސައްކަތް ކުރިން އެމް.އޭ.ސީ.އެލް.ވެސް އަދި އެމް.ޓީ.ސީ.ސީ.ގެވެސް ވެރިންނަށް ގުޅައި ޖަވާބެއް ހޯދުމަށް. މިއަދާ ހަމައަށް އައިއިރުވެސް އޭގެ އެއްވެސް ޖަވާބެއް ނުލިބޭ. އެބޭފުޅުންގެ ޢަމަލުތައް މި ހުންނަނީ އެ ތުހުމަތުތަކަށް އިތުރަށް ބާރުލިބޭ ގޮތަށް. އަޅުގަނޑު ގަބޫލުކުރަނީ، ރައީސްގެ ސަމާލުކަމަށް މި ދެ މައްސަލަވެސް އައިސްފައި ކަމަށް އޮންނާނީ. ކޮބައިތޯ ރައީސްގެ ކޮމެންޓަކީ މިކަމާ ގުޅޭގޮތުން. މިފަދަ ބޮޑުކަމެއް ހިނގާފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ. ޕްރެސް ނުބޭއްވި ދިޔައީކީ ނޫން. މިހާރު ޕްރެސް ބާއްވަން މި އޮންނަނީ ބަންދު ދުވަސްތައް، ނޫނީވިއްޔާ ދަތުރެއް މިކަހަލަ ކަމެއް، ނޫނީވިއްޔާ އެއްވެސް ގޮތަކުން އެވޮއިޑް ނުކުރެވޭކަހަލަ ކަމެއް ދިމާވެއްޖިއްޔާ ނޫނިއްޔާ. ދެން މިދިޔަ ދުވަސްތަކުގައި ގިނައިން ނުބޭއްވިގޮސްފައި އޮތް. މިދިޔަ ހަފްތާ ފިޔަވައި، ބަންދުދުވަސްތަކާއި ދެން އަޅުގަނޑު ޢުމްރާގައިވީ ހަފްތާއާ މިކަހަލަ ގޮތަކަށް ދިޔައީ. މިދިޔަ ހަފްތާގައިވެސް އަޅުގަނޑަށް ޕްރެސް ބޭއްވޭ ކަހަލަ ގޮތަކަށް ނޫން ކަންތައްތައް އަޅުގަނޑުގެ ފަރާތުން ދިމާވެފައި އޮތީކީ. އަޅުގަނޑަށް ނުބޭއްވޭގޮތަށް ދިމާވީ. އެހެންވީމާ، ނުބޭއްވުނީ.

ދެން އެމް.އޭ.ސީ.އެލް. އެކަންޏެއްނޫން، ޖުމްލަކޮށް ހުރިހާ އެސް.އޯ.އީ. ތަކުގައިވެސް މުވައްޒަފުންގެ އަދަދު މަދުކުރުމަށް މިހާރު އެ އޮތީ ފިނޭންސް މިނިސްޓަރ ޕީ.ސީ.ބީ.އަށް އަންގާފައި. ޕަރފޯމަންސް ބޭސްޑްކޮށް ބައްލަވާފައި، މަސައްކަތުގެ ފަރުވާތެރިކަން ހުރި ވަރާއި، ނޫނީވިއްޔާ ވަޒީފާއަށް ގަޑިއަށް ނިކުމޭތޯ، ހާޒިރީއާ މި ހުރިހާ ކަމަކަށް ބަލައި، އަދި ކުންފުނީގެ ހިންގުމަށް ބަލައި، މި ހުރިހާ ކަމަކަށް ބަލައި، މުވައްޒަފުންގެ އަދަދު މަދުކުރަން މިހާރު އެވަނީ އަންގާފައި. އަދި އެއާގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް ސްޓްރީމްޑައުން ކުރުމަށްޓަކައި، މުވައްޒަފުންގެ އަދަދު މަދުކުރުމަށް، މިހާރު އެވަނީ ކުންފުނިތަކުގައި މަސައްކަތްތަކެއް ފެށިފައި. އެހެންވީމާ، އޭގެތެރެއިން އަޅުގަނޑު ގަބޫލުކުރަނީ، ވަރަށް ގިނަ އިޞްލާޙީ ބަދަލުތަކެއް، ހެޔޮބަދަލުތަކެއް އަންނާނެ ކަމަށް. ދެން ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ކުންފުނިތަކުގައި އޮންނަ އިޖުރާޢަތްތަކާ އެއްގޮތަށް އެ ހުރިހާކަމެއް ގެންދާނީ.

ދެން މާލޭ ސިޓީ ޓެކްސީ، މާލޭ ޓެކްސީ ސަރވިސްގެ އެޕް. އާދެ، އަޅުގަނޑަށްވެސް ލިބުނު މަޢުލޫމާތެއް މި އެޕް ރަނގަޅަކަށް ފަންކްޝަނެއް ނުކުރެއޭ، ނޫނީވިއްޔާ އޭގައި ގިނަ މައްސަލަތަކެއް ހުރި ވާހަކަ. އަޅުގަނޑުމެން އޮންނާނީ، ރައީސް އޮފީހުން އޮންނާނީ އަންގާފައި އެމް.ޓީ.ސީ.ސީ.އަށް، އަދި އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީއަށް، މިކަން ރަނގަޅަށް ބައްލަވައި އެއްވެސްކަހަލަ ކަމެއް ނުރަނގަޅުކޮށް ހިނގާކަމެއްވަންޏާ ހަމަ ވަގުތުން އެކަމަކަށް އެޓެންޑުވެ ފިޔަވަޅުތައް އެޅުމަށް މަސައްކަތްތައް ކުރުމަށް.

އެހެންވީމާ، ކޮންމެގޮތެއްވިޔަސް، ޤާނޫނާއި ގަވާއިދާ ޚިލާފަށް ނޫނީވިއްޔާ އެއްވެސް ކަހަލަ އުސޫލަކުން ބޭރުން ކަމެއް ކުރުމަކަށް ސަރުކާރުންނެއް އެއްވެސް ވަރަކަށް ފުރުޞަތެއް ނުދޭނަން. އަދި އެކަހަލަ ކަމެއް ކުރާބައެއް ވެއްޖިއްޔާ، ހަމަ އެކަމަށް އެބަޔަކަށް އަޅަންޖެހޭ ފިޔަވަޅެއްވެސް އަޅަން، އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ބާރު އަޅާނަން. އެހެންވީމާ، އެއީކީއެއް ޓޮލަރޭޓް ކުރާނެކަމެއް ނޫން، ނުރަނގަޅު ކަމެއް ހިނގަންޏާ. އެހެނެއްނޫން، އެޕްލިކޭޝަން ނެހެދިގެން ލަސްވެގެން، ނޫނީވިއްޔާ އެހެންކަމެއްވެގެން، ރައްޔިތުންނަށް ޓެކްސީ ސަރވިސް ބުކް ނުކުރެވި، މިކަހަލަ ކަމެއް ދިމާވުމަކީ އެއްގޮތަކަށްވެސް ވެގެން ނުވާނެ ކަމެއްކަން އަޅުގަނޑު އޮންނާނީ ދަންނަވާފައި.

ދެން އަޅުގަނޑު ހިތުން ދެ ހަފްތާއެއްހާ ދުވަސް ފްރީކޮށް ދުއްވުމުގެ ފުރުޞަތުވެސް އެ ބޭފުޅުން ދެއްވި. ދެން މިހާރު ވެބް މެދުވެރިކޮށް، އެޕްލިކޭޝަން މި ދެންނެވީ ބުކް ކުރުމުގެ މަސައްކަތް އެބަކުރެވޭ. ދެން އެއާއެކީގައި، ސީދާ އެޕެއް ހެދުމުގެ މަސައްކަތް ހިނގާކަންވެސް އަޅުގަނޑަށް އެނގިފައި އޮތީ ނުރަސްމީކޮށް. އެހެންވީމާ، އަޅުގަނޑުމެން ބަލާނަން ޓްރާންސްޕޯޓް މިނިސްޓްރީ މެދުވެރިކޮށް، މިކަން ވީހާވެސް އަވަހަކަށް ރަނގަޅުކޮށް ގެންދެވޭނެ ގޮތެއް. ގައިމުވެސް އެއްވެސް ފަރާތަކަށް ޤާނޫނާއި ގަވާއިދާ ޚިލާފަށް، ނޫނީވިއްޔާ އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވައި، ނުރަނގަޅު ކަމެއް ކުރުމަކީ އަޅުގަނޑުމެން ފުރުޞަތުދޭނެ ކަމެއްނޫން.

މުޙައްމަދު މުޒައްޔިން – ދައުރު:

މީ ޓެކްސީ މައްސަލައިގައި ރައީސް ވިދާޅުވެއްޖެ ބަލާނެކަމަށް. މިހާރު ގާތްގަނޑަކަށް ދެ ހަފްތާ މިވީ. މިހާތަނަށް އައިއިރު ފާހަގަކުރެވިފައިވޭތޯ އެގޮތަށްކަން، ޚިޔާނާތުންކަން އެކަން ގޮސްފައި އޮތީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ނޫން. އަޅުގަނޑާ ހަމައަކަށް ނާދޭ އެކަހަލަ ކަމެއް.

މުޙައްމަދު މުޒައްޔިން – ދައުރު:

އެމް.އޭ.ސީ.އެލް. ކަންތަކުގައި، އެ ލިސްޓުގައި އެ ބުނާގޮތަށް މުވައްޒަފުންނަށް ބޮޑެތި އަދަދުން މަސައްކަތެއްނުކޮށް މުސާރަދެމުންތޯ ދަނީ؟ ރައީސް ކަށަވަރު ކުރެއްވިންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ނޫން. އަޅުގަނޑާ ހަމައަކަށް ތިކަހަލަ ލިސްޓެއްވެސް ނާދޭ. އަޅުގަނޑުމެން އޮންނާނީ، ޖުމްލަކޮށް ހުރިހާ އެސް.އޯ.އީ.ތަކަށް މިހާރު ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އަންގާފައި، މުވައްޒަފުންގެ އަދަދު މަދުކުރަން. ތިންބައިކުޅަ އެއްބައި މަދުކުރަން. ކުރެވެން ހުރި ހުރިހާ ތަނެއްގައި. މަދުކުރާއިރުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑުކޮށް މުސާރަލިބޭ ފަރާތްތައް ކަމުގައިވިޔަސް، ނޫނީވިއްޔާ މި ދެންނެވިހެން ޕާރފޯމަންސް ބޭސްކޮށް، ތަނަށް ބޭނުން ނުކުރެވޭ މީހުން ކަމަށްވަންޏާ، ނޫނީވިއްޔާ ތަނުގައި އޮންނަ މިންގަނޑުތަކާ ޚިލާފަށް ހުރި ކަމެއްކަމުގައިވަންޏާ ރަނގަޅު ކުރަން. އެހެންވީމާ، ހުރިހާ އެސް.އޯ.އީ. ތަކުގެ ތެރޭގައި މި ދެންނެވި މަސައްކަތް ހިނގާނެ.

މުޙައްމަދު މުޒައްޔިން – ދައުރު:

އަޅުގަނޑުގެ ދެވަނަ ސުވަލަކީ ރައީސް، ރައީސް ދެންމެ ޕީ.އެސް.އެމް. އިން ކުރި ސުވާލުގެ ޖަވާބު ދެއްވަމުން ވިދާޅުވި، ރިފަރެންޑަމްގެ ވޯޓުގެ ނަތީޖާ އައިގޮތުން ރައީސަށްވެސް ގަބޫލު ކުރެއްވޭކަމަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަކީ، ރައްޔިތުން އެހާ ރުހޭކަމެއް ނޫން ކަމަށް. ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙުގެ ތެރޭގައި ހިމެނޭ އަތޮޅު ކައުންސިލްތައް އުވާލުންވެސް. އަދި ރައީސް ވިދާޅުވެއްޖެ، ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވޭ، ރައްޔިތުންގެ ވިންދާ އެއްގޮތަށް އިޞްލާޙީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް. މި އިޞްލާޙީ ބަދަލުތަކުގެ ތެރޭގައި ޤާނޫނުއަސާސީއަށް އެ ގެނައި އަތޮޅު ކައުންސިލްތައް އުވާލުމަށް އެގެނައި އިޞްލާޙު ބަދަލުކުރުމާއި، އަދި މިނޫންވެސް މީޑިއާތައް ކޮންޓްރޯލް ކުރުމަށް އުފެއްދި، ކޮންޓްރޯލް ކޮމިޝަން އުވާލުމާއި، މިކަހަލަ އިޞްލާޙީ ފިޔަވަޅުތައް ހިމެނޭނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑަކަށް އެނގިފައެއް ނެތް ކޮންޓްރޯލް ކޮމިޝަން ކިޔާ ކޮމިޝަނެއް އޮތް ކަމެއް އިނގޭތޯ. ދެން ރައްޔިތުންގެ ވިންދާ އެއްގޮތަށް ނޫން ގޮތަކަށް ނުކުރަން. މިހާރު އަޅުގަނޑު ހިތުން ރާއްޖޭގައި ވޯޓެއް ނެގިއަސް، މީޑިއާތަކުން މަސައްކަތްކުރަންޖެހޭނީ ޤާނޫނާއި ގަވާއިދާ އެއްގޮތައްކަން، ދެފުށްފެންނަ ގޮތެއްގައިކަން، ފަސް ކާފު ހަމަވާގޮތައްކަން ޚަބަރުތައް ލިޔަން ޖެހޭނީ، މިކަން ރައްޔިތުން ގަބޫލުކުރައްވާނެ.

އަދި ތިން ވަނަ ސުވާލު ތިޔަ ކުރެއްވީ. ތިންވަނަ ސުވާލު ތިޔަ ކުރެއްވީ. ދެން އަތޮޅު ކައުންސިލްތަކާ ބެހޭ ވޯޓެއް ނުނަގަން. ކޮންމެ ގޮތެއްވިޔަސް ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ނޫނީ ސަރުކާރުން މަސައްކަތެއް ނުކުރަން. ދެން މިއަދާ ހަމައަށް އައިއިރުގައި މި ގެނައި އިޞްލާޙީ ބަދަލުތައްވެސް މިއީ ހަމަ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އެކަމުގައި ސީދާގޮތުން ވޯޓެއް ނަގައިގެން ނޫނަސް ލިބިފައި ހުރި ކަންކަން.

އާދެ، ރާއްޖެ ޓީ.ވީ.

ލައިޝާ އަޙްމަދު ޒަކީ – ރާއްޖެ ޓީ.ވީ.:

ދެން ވަރަށް ރަނގަޅު ނޫސްވެރިން ފޮލޯއަޕް ސުވާލުގައި، ދެންމެ މުޒައްޔިންވެސް ފޮލޯއަޕް ސުވާލު ކުރެއްވި އިރުގައި މައިކުގެ އަޑު ކަނޑުއްވައިލެއްވީމާ އެގޮތަށް ނުހެއްދެވިއްޔާ ވަރަށް ރަނގަޅު.

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، އެންމެ ފަހުން ޕީ.އެން.ސީ.އިން ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވެފައި އެބަވޭ، މި އިންތިޚާބުގެ ނަތީޖާއަށް ބަލައިލާއިރުގައި، ރާއްޖޭގެ މެޖޯރިޓީ ރައްޔިތުންގެ ވިސްނުންހުރީ ޤައުމާއި ދީން އިސްކުރުމުގެ ވިސްނުމުގައި ކަމަށް. ރައީސް ވިދާޅުވީ ޕީ.އެން.ސީ.ގެ ފިކުރަކީ، ދީނީ ފިކުރަކީ ޕީ.އެން.ސީ.ގެ ފިކުރު ކަމަށް ދޭހަވާ ގޮތަށް. ރައީސްއަށް އެހެން ވިދާޅުވެވޭނެތޯ؟ އިންތިޚާބުގެ ނަތީޖާއަށް ބަލައިލާއިރުގައި ޕީ.އެން.ސީ.އަށް ވޯޓުދިން މީހުންނަކީ ދީނީ ފިކުރުގެ މީހުންނޭ. އެހެންކަމަށްވާނަމަ އެ ވޯޓު ނުދޭ މީހުންނަކީ ދީނާ ދުރު ފިކުރެއް ނުވަތަ އެނޫން ފިކުރެއްގެ ބައެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު އެހެން ދެންނެވިންތޯ؟

ލައިޝާ އަޙްމަދު ޒަކީ – ރާއްޖެ ޓީ.ވީ.:

އާދެ. ރައީސް ސީދާ ވިދާޅުވެފައި ވަނީ އެގޮތަށް. ''އިންތިޚާބުގެ ނަތީޖާއަށް ބަލައިލާއިރު ރާއްޖޭގެ މެޖޯރިޓީ ރައްޔިތުންގެ ވިސްނުން އިރާދަކުރެއްވީތީ ހުރީ ޤައުމު އިސްކުރުމުގެ، ދީން އިސްކުރުމުގެ ވިސްނުމުގައޭ.'' ދެން އެގޮތަށް ޕީ.އެން.ސީ. ފިކުރަކީ ދީނީ ފިކުރޭ ދޭހަވާގޮތަށް ރައީސް ވިދާޅުވީ. އެހެންވީމާ، ރައީސް ގަބޫލުފުޅު ކުރައްވަންތޯ، އެހެން ވިދާޅުވެވޭނެ ކަމަށް؟ އެ ޙައްޤު ރައީސަށް އެބައޮތްތޯ ވަކި ބަޔަކީ ދީނީ ފިކުރުގެ ބަޔެކޭ، ދެން ތިބީ އެނޫން ފިކުރެއްގެ ބަޔެކޭ ދޭހަވާކަހަލަ ގޮތަކަށް ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ ވާހަކަ ދެއްކެވުން އެންމެ ރަނގަޅުވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އައުޓް އޮފް ކޮންޓެކްސްޓުން ނެންގެވީމާ ވަރަށް ގިނަ މާނަ ނެންގެވޭނެ އިނގޭތޯ. އައުޓް އޮފް ކޮންޓެކްސްޓުން ނެގިދާނެ ވަރަށް ނުބައި މާނަ. ތިކަހަލަ މާނަ ނެންގެވޭނެ. އަޅުގަނޑު ކުރީރޭ ރަސްދޫގައި ދެއްކި ވާހަކައަށް ކަންނޭނގެ ތިޔަ އިޝާރާތް ކުރެއްވީ. މުޅި މައުޟޫޢުގައި އަޅުގަނޑު ދެއްކި ވާހަކައަށް ބަލާއިރުގައި އަޅުގަނޑު ދެއްކީ ކޮން ވާހަކައެއްކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. އެއީ، ދިވެހި ރައްޔިތުންތަކެއް އެއީ މުސްލިމުންނޫން ކަމަށް، އިސްލާމުންނޫން ކަމަށް، ބަޔާންކުރާ އެއްވެސް ވާހަކައެއް ނުދައްކަން އަޅުގަނޑެއް އިނގޭތޯ.

އަޅުގަނޑު ގަބޫލުވެސް ކުރާ ކަމެއްވެސް ނޫން، އެއްވެސް ދިވެހި ރައްޔިތަކީ މުސްލިމެއް ނޫންކަމަށް ވާނެ ކަމަކަށް. ރާއްޖެ މިއީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް. ހަމަ ދީން އެންމެ އިސްކަމެއްދޭ، ނޫނީވިއްޔާ ދީނަކީ ހަމަ ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގައި ބިންވަޅު ނެގިފައިވާ ވަރަށް މުހިންމު، އަޅުގަނޑުމެންގެ އައިޑެންޓިޓީގެ ބައެއް. އެހެންވީމާ، އެއަކާ ޚިލާފަކަށް އަޅުގަނޑު ނުދައްކަން ވާހަކައެއް. މުޅި މައުޟޫޢުގައި ދެއްކި ވާހަކައަށް ބެއްލެވީމާ އެނގިވަޑައިގަންނަވާނެ އަޅުގަނޑު ދެއްކި ވާހަކައިގައި ދެންނެވިން، ފެންނަ ނުފެންނަ ވޯޓެއް ނެގިއިރުގައި އަޅުގަނޑު ބެލީ އެއީ، ޙަޤީޤަތުގައި ޤައުމަށް އެންމެ ރަނގަޅު ގޮތޭ. ޗެކް އެންޑް ބެލެންސް ނިޒާމެއް ގެނެވޭނެ ގޮތޭ.

އަޅުގަނޑު ރިފަރކުރިން އިންތިޚާބުގެ ކުރިން ބޭއްވި ކުލޯޒިންގ ސްޕީޗުގައި އަޅުގަނޑު ދެއްކި ވާހަކައަށް. އަނބުރާ ވަޑައިގެން ބައްލަވާލައްވާށޭ، ވަރަށް ކުރުކުރުކޮށް އަޅުގަނޑު ބަޔާން ކުރީމޭ، ހުރިހާ ޕޮއިންޓެއް އެއްކޮށް. ވަރަށް ކުރުކޮށް އަޅުގަނޑު އެވާހަކަ ދެއްކީ އެދުވަހު ނިންމާލަމުން. ކުލޯޒިންގ ސްޕީޗުގައި ކެމްޕޭނުގެ. ވަރަށް ކުރުކޮށް ހުރިހާ ޕޮއިންޓެއް ބަޔާންކުރީމޭ. އެއީ ރާއްޖޭގެ ރައްޔިތުންނަށް މި ޤައުމުގައި އެންމެ ރަނގަޅުގޮތޭ، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުން. އެ ފައިދާތައް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި އެކަން އެކަށީގެންވާ ގޮތަކަށް ކިޔައިދިނުމުގެ މަސައްކަތް ކުރެވިފައެއް ނެތޭ. އަޅުގަނޑުމެންނޭ މި ދެންނެވީ ޕީ.އެން.ސީ. ޕާޓީގެ ފަރާތުން. އެކަށީގެންވާ ވަރަކަށް އެކަން ނުކުރެވި އޮތީމާ، ރައްޔިތުންނަށް ގަބޫލުކުރެވުނީ، އިދިކޮޅުން ދެއްކި ދޮގުވާހަކަތަކޭ. އެހެންވީމާ، ކޮންފިއުޝަނެއްގެ ތެރޭގައޭ އަޅުގަނޑުމެން ތިބީ. މި ހުރިހާ ވާހަކައެއް ހަމަ ދެއްކިން. އެހެންވީމާ، މި ކޮންޓެކްސްޓުގައި ދެއްކި ވާހަކައެއް އެއީ. އެއްގޮތަކަށްވެސް އެއްވެސް ލޮބުވެތި ދިވެހި ރައްޔިތެއް އެއީ މުސްލިމެއް ނޫން ކަމަށް ބަޔާންކުރުމުގެ އެއްވެސް ވާހަކައެއް ނުދައްކަން.

ލައިޝާ އަޙްމަދު ޒަކީ – ރާއްޖެ ޓީ.ވީ.:

އާދެ، އަޅުގަނޑަށް ވެސް ރައީސް ވިދާޅުވި ބަސް ވަރަށް ރަނގަޅަށް ހަމަ އަޑުއަހައި، ނޯޓުވެސް ކޮށްލިން އޮޅުމެއްއަރާފާނެތީވެ. ދީން އިސްކުރުމުގެ ވިސްނުމާ އެއްގޮތަށޭ ވޯޓު ދެއްވީ. އެގޮތަށް ވިދާޅުވީ. ދެން ދީނީ މިންގަނޑުން ބޭރު، އަޚުލާޤީ ފެންވަރު ދަށް ޢަމަލު ހިންގާތަނޭ އިދިކޮޅު ފަރާތްތަކުން ފެންނަނީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ބައްލަވާ މަގުމަތިން ފެންނަ ކަންތައްތައް.

ލައިޝާ އަޙްމަދު ޒަކީ – ރާއްޖެ ޓީ.ވީ.:

މުޒާހަރާ ދޮގެއްތޯ ކުރައްވަނީ. ދެން ރައީސް ތިޔަ ވިދާޅުވަނީ މުޒާހަރާ ކުރެއްވުމަކީ އަޚްލާޤީ މިންގަނޑުން ބޭރުކަމެކޭތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ނޫން ނޫން ނޫން. އެގެއިން އައުޓް އޮފް ކޮންޓެކްސްޓް ތިޔަ ނަންގަވަނީ. މުޒާހަރާ ކުރުމަކީ ޤާނޫނުއަސާސީއިން ލިބިފައި އޮތް ޙައްޤެއް. އެބައޮތް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން. އެވެސް އޮވެއޭ ޙުދޫދުތަކެއް ކަނޑައަޅާފައި. ޤާނޫނާއި ގަވާއިދުގައި އެބައޮތް އެކަން ކުރެވޭނެ ގޮތް. އަނެއްކާ މި ސަރުކާރުން މިވަނީ އެއްވެ އުޅުމަށް އެމް.ޑީ.ޕީ. ސަރުކާރުގައި ދީފައި އޮތް ފުރުޞަތަށްވުރެ ފަސްގުނަ އިތުރަށް ފުރުޞަތުވެސް ދީފައި. މާނައަކީ، ފަސްތަނެއް އިތުރުވެސް ކޮށްފިން އެއްވުމަށް. އެހެންނަމަވެސް އެ ތަންތަނަކަށް އެއް ނުވޭ. ދެން މީހުންނަށް އުނދަގޫވާ ގޮތަށް މަގުމަތީގައި ހިނގާފައިވެސް މިސާލަކަށް ދަނީ. މައްސަލައެއް ނެތް. އެކަމަކު އޭގެ އިތުރަށް، ހަޑިހުތުރު ބަސްތައް ބޭނުންކުރުން. ދީނާ ޚިލާފު ކަމެއް. ހަޑި ހުތުރު ޢަމަލުތައް ކުރުން. ދީނާ ޚިލާފު ކަމެއް. ދެން އެއީ އަޅުގަނޑު ހިތުން ކޮންމެ ލޮބުވެތި ރައްޔިތަކުވެސް ފާހަގަކުރައްވާނެ ކަމެއް. އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އެބައޮތް ޙައްޤުތަކެއް. އެކަމަކު އެ ޙައްޤުތައް އެހެންމީހުންގެ ޙައްޤުތަކަށް އަރައިގަންނަ ހިސާބުން ޖެހޭނެ ލިމިޓް ކުރަން.

ލައިޝާ އަޙްމަދު ޒަކީ – ރާއްޖެ ޓީ.ވީ.:

އާދެ، ފަހަރުގައި ހަމަ އަޅުގަނޑަށް އޮޅުންއެރީ ކަމަށް ވެދާނެ. އެހެންވީމާ، ރައީސް ސާފުކޮށްލަ ދެއްވަފާނަންތޯ ރައީސް ވިދާޅުވި ބަސްފުޅު. ވޯޓު ދެއްވި ރައްޔިތުންނަކީ، ދީން އިސްކުރުމުގެ ވިސްނުމުގެ ރައްޔިތުންނޭ. އެހެންކަމަށްވާނަމަ ވޯޓު ނުދެއްވި ރައްޔިތުންނަކީ އެ ބަސްފުޅު ރައީސް ސާފުކޮށްލަ ދެއްވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު މިހާރު ތިއަށް ޖަވާބުދީފިން އިނގޭތޯ. ޖަވާބު ދީފިން އަޅުގަނޑު.

ލައިޝާ އަޙްމަދު – ރާއްޖެ ޓީ.ވީ.:

އަޅުގަނޑުގެ ދެވަނަ ސުވާލަކީ ރިފަރެންޑަމް ވޯޓާ ގުޅޭގޮތުން ދެންމެ ރައީސްވެސް ދެންމެ ފާހަގަކުރައްވައިފި، ރަނގަޅަށް ކިޔައި ނުދެވިގެން ކަމަށް ޙަޤީޤަތުގައި ކެމްޕެއިން ޓީމުތަކަށްވެސް ރަނގަޅަށް އެ ކިޔައި ނުދެވިގެން ކަމަށް. މާލޭގެ ކެމްޕެއިނަށް ބަލައިލާއިރުގައި ހަމަ އެންމެ ލީޑުކޮށް ރައީސްވެސް ހަމަ އުޅުއްވި ހުރިހާ ޑޯރ ޓު ޑޯރ ހަރަކާތެއްގައި. ލީޑުކުރައްވައި މާލޭގެ ކެމްޕެއިންގައިވެސް. މާލެއަށް ބަލައިލާއިރުގައިވެސް ރިފަރެންޑަމް ވޯޓުގައި ގިނަ މީހުން ނޫނެކޭ ބުނެފައި މިވަނީ. އެހެންވީމާ، ރައީސްއަށްވެސް އެ ކިޔައި ނުދެއްވުނީތޯ ރިފަރެންޑަމް ވޯޓުގެ؟ އެއީ ރައީސަށްވެސް އެކަށީގެންވާ ގޮތެއްގައި ކިޔައި ނުދެއްވިގެން ލިބުނު ނާކާމިޔާބީ އެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ނޫން. މިއީ ދެން އެންމެން ގުޅިގެން ޓީމެއްގެ ގޮތުގައި ކުރެވޭނެ މަސައްކަތެއް. ދެން މީގައި ހަމަ ޙަޤީޤަތުގައި އިންތިޚާބު ނިންމާލާފައި އަޅުގަނޑު ފުރަތަމަ ހަމަ އެރޭ ކުރި ޓްވީޓްގައިވެސް ދެންނެވިން، އަދި އޭގެފަހުން ޢަމަލީގޮތުންވެސް ސާބިތު މި ކޮށްދެނީ، ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓޭ. ވަރަށް ގިނަ ކަންތައްތަކެއް ސަރުކާރުން އިޞްލާޙު ކުރަންޖެހޭ. އެހެންވީމާ، އެ ކަންކަން އިޞްލާޙު ކުރުމައިގެން އަޅުގަނޑު ދެން ދާނީ ކުރިއަށޭ. އެހެންވީމާ، ސީދާ ރިފަރެންޑަމްގެ އެ ސުވާލު، އާއެކޭ ސުވާލަށް، އަޅުގަނޑު އާއެކޭއަށް ޖަވާބު ދިނުމަށް އެ ސުވާލުގެ އެކްސްޕްލެނޭޝަން، ނޫނީވިއްޔާ މަސައްކަތް ކުރުން އަޅުގަނޑުމެންނަށް ރަނގަޅަކަށް ނެތޭ ކުރެވިފައެއް އެ ކިޔައިދިނުމަށް. އެއީ އަޅުގަނޑުމެންގެ ކެމްޕެއިން ޓީމަށް، ނޫނީވިއްޔާ ޕީ.އެން.ސީ.ގެ ކެމްޕެއިން ޓީމަށް އަޅުގަނޑު ދެންނެވި ވާހަކައެއް.

ދެން އެހެންނަމަވެސް، އެއާ ގުޅިގެން ރައްޔިތުން މިއޮތީ ގާތްގަނޑަކަށް 70 ޕަސެންޓް އެއަށް ނޫނެކޭ ވިދާޅުވެފައި. އެހެންވީމާ، އެއާއެކީގައި އަޅުގަނޑު ވަރަށް ރަނގަޅަށް މިކަމާމެދު ވިސްނީމާ އަޅުގަނޑަށް ވަރަށް ސާފު، އެގޮތަށް އެކަން ނިމިގެން ދިޔުމުން އޭގެ ޖަވާބަކީ ޙަޤީޤަތުގައި، ސަރުކާރުން ކަންތައްތައް ކުރާގޮތްކަމުގައިވިޔަސް އަދި އަޅުގަނޑު ކަންކަން ކުރާގޮތަށްވެސް، އިޞްލާޙުތަކެއް ގެންނަންޖެހެއޭ. ދެން އަޅުގަނޑަކީ ރައްޔިތުން ހޮވާފައިހުރި މީހެއް. ރައްޔިތުންގެ ވިންދާއި އިޙްސާސާ އެއްގޮތަށް ނޫނިއްޔާ އަޅުގަނޑު ބޭނުމެއްނޫން އެއްވެސް ކަމެއް ކުރާކަށެއް. ފެށިގެން މިއަދާ ހަމައަށް އައިއިރުގައިވެސް އަޅުގަނޑު މަސައްކަތް ކުރަމުން މި އަންނަނީ ހަމަ ވީވަރަކުން ރައްޔިތުންނާ ވަރަށް ގާތުން. ދެން ރައްޔިތުންގެ ގާތުން ވަރަށް ކަންކަން އަޑުވެސް އަހައިފިން. އަހާނަން އަދި ކުރިއަށް އޮތް ތަނުގައިވެސް. ދެން އެ އިވޭ އަޑުތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ގެންނަންޖެހޭ އިޞްލާޙީ ބަދަލުތައްވިޔަސް، އަދި އެ ކުރަންޖެހޭ ކަންކަންވިޔަސް ކުރުމުގައި އަޅުގަނޑުމެން އިސްކަންދެނީ.

އެހެންވީމާ، މި ނަތީޖާއިން މި ދޭހަކޮށްދެނީ ރައްޔިތުންގެ ތެރޭގައި އެބަހުއްޓޭ ބައިވަރު ކަންބޮޑުވުން ތަކެއް. ގުޑް ގަވަރނަންސްގެ ތެރެއިން ކުރަންޖެހޭ ކަންކަންވެސް އެބަހުރި. އަދި އޭގެ އިތުރަށް ވަރަށް ގިނަ ކަންކަން އެބަހުރި. އެހެންވީމާ، މި ކަންކަން ރަނގަޅު ކުރުމުގައި އަޅުގަނޑު މިހާރު ކުރިއަށް މިދަނީ އިނގޭތޯ.

އާދެ، މިހާރު އަޅުގަނޑު ހިތުން ދެ ސުވާލު ކުރެވިއްޖެހެން އަޅުގަނޑަށް ހީވަނީ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮންނަ ގޮތުގައި ފޮލޯއަޕް ސުވާލާ އެކުގައި ދެ ސުވާލު ކުރަން މި އޮންނަނީ އިނގޭތޯ.

މުޙައްމަދު ޖިނާން ޙުސައިން ޖަބީން – އެކި އެމް.ވީ.:

އަޅުގަނޑުގެ އެބައޮތް ދެ ސުވާލެއް. ފުރަތަމަ ސުވަލަކީ ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ފަށްޓަވާފައިވާއިރު މުވައްޒަފުންގެ އަދަދު 30 ޕަސެންޓަށް މަދުކުރަން ސަރުކާރުން ވިސްނަވާފައި އެބަވޭ. އެއީ، ސިޔާސީ މުވައްޒަފުންތޯ ނޫނީ ސިވިލް ސަރވެންޓުންތޯ؟ ދެން އަދި ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން 13,000 މީހުންގެ ވަޒީފާ ގެއްލޭނެކަމަށްވެސް ބައެއް ނޫސްތަކުގައި އެބަވޭ ރިޕޯޓުކޮށްފައި. މިއީ ކިހާވަރެއްގެ ޙަޤީޤަތެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

13,000، އެ އަދަދު އައިގޮތެއް ނޭނގެ. އިއްޔެ ފިނޭންސް މިނިސްޓަރ ވިދާޅުވި ދޮގެއްތޯ މުޅި އެސް.އޯ.އީ. ތައް އެއްކޮށް ގާތްގަނޑަކަށް އަންދާޒާ ކުރެވެނީ، އަޅުގަނޑު ހިތުން ވިދާޅުވީ 42 ހާސް ކަންނޭނގެ މުވައްޒަފުން އުޅޭ ކަމަށް. ހުރިހާ އެސް.އޯ.އީ. ތަކުގައި. ދެން އޭގެތެރެއިން މި ކޮންމެ އެސް.އޯ.އީ. އަކުންވެސް ގާތްގަނޑަކަށް ތާރޓީ ތްރީ ޕަސެންޓް ރިޑަކްޝަނެއް ހަދާށޭ. ދެން އެއީ ޕަރފޯމަންސް ބޭސްކޮށްއާ ދެން އެކަހަލަ ހަމަ މެރިޓް ބޭސްކޮށް ބަލަންޖެހޭ ކަންކަން ބަލާފައި. ދެން ބައެއް އެސް.އޯ.އީ. ތައް ހުންނާނެ ތާރޓީ ތްރީ ޕަސެންޓް އުނި ނުކުރެވޭނެ. އެ ތަނުގެ މިސާލަކަށް ހަމަ ހުސް ތިބީ ޓެކްނިކަލް މީހުން އެ ކުންފުނި ހިންގުމުގެ، އެވަރު މަދުކޮށްފިއްޔާމު ނުހިންގޭނެވަރު ތަންތަން. އެހެންވީމާ، އެއީ ޖުމްލަކޮށް.

ދެން ސަރުކާރުންވެސް އަޅުގަނޑުމެންވެސް މިހާރު މި ގެންދަނީ ޕަރފޯމަންސް ބޭސްކޮށް ހަމަ ބަލަމުން ސަރުކާރުގެ މިނިސްޓްރީތަކުގައި ތިބި ސިޔާސީގޮތުން ޢައްޔަންކޮށްފައި ތިބި މުވައްޒަފުންގެ ޕަރފޯމަންސް. ޙަޤީޤަތުގައި ހަޔެއްކަ މަސްދުވަސްވެއްޖެ މިކަމާ ގުޅޭގޮތުން ބަލަމުންދާތާ. ދެން އެއްކުރާ މަޢުލޫމާތުގެ ތެރޭގައި ހާޒިރީ، ގަޑިއަށް އައުން، ހާޒިރުވާ ދުވަސްތައް، ހަވާލުކުރާ މަސައްކަތްތައް ކުރުން. މިފަދަ ވަރަށް ގިނަ ކަންތައްތަކެއް އެބަ ބަލަން. ބަލާފައި އެ ކަންކަމުގެ އަލީގައި ސަރުކާރުގެ މިނިސްޓްރީތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދުވެސް އެ ޕަރފޯމެންސް ބޭސް އެނަލިސިސްއަކަށް ބަލާފައި އަޅުގަނޑުމެން ހަމަ މަދުކުރާނަން. އެ މަސައްކަތްތަކަށް ބޭނުންނުވާ، ނޫނީވިއްޔާ އެ މަސައްކަތުގައި ފަރުވާކުޑަކުރާ މީހުންނަކީ ކޮބައިތޯ ބަލައި، އަދަދުތައް މަދުކުރަމުން ގެންދާނަން. އެއީ، ސިވިލް ސަރވިސްގެ މުވައްޒަފުންނެއް ނޫން.

މުޙައްމަދު ޖިނާން ޙުސައިން ޖަބީން – އެކި އެމް.ވީ.:

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، އިދިކޮޅު އެކި ފަރާތްތަކުން ރައްޔިތުންގެ ޙައްޤުގައި ކަމަށް ބުނެ، މާލެ ތެރޭގައި ހަމަޖެހުން ނަގާލައި، ބޭއަދަބީ އެތައް މަންޒަރާއި، އަޑުތައް ބްރޯޑްކާސްޓްކޮށް، ދަތުރުފަތުރަށްވެސް ދަތިވާނެ ގޮތަށް، ވަރަށް ދަތިވާނެ ގޮތަށް ޢަމަލުތައް ހިންގަމުން އެބަދޭ. ދެން، މިހާރު މިކަމާ ގުޅިގެން، ކަމާބެހޭ އިދާރާތަކުން މިކަމަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ވިސްނަވަންތޯ؟ ކުޑަކުދިންނާއި، ކިޔަވާކުދިން ގިނަ ސަރަޙައްދުތަކުގައި ވަކިން ޚާއްޞަކޮށް، މި ބޭފުޅުން މިގޮތަށް ޢަމަލުކުރަމުން ގެންދަވާތީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ދެން، ޙަޤީޤަތުގައި ޤާނޫނާއި ގަވާއިދާ އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް ޢަމަލުކުރަންވާނީ. މަގުމަތީގައި މުޒާހަރާކޮށް ހެދީމާ، ވަރަށް ގިނަ ރައްޔިތުންނަށް އެބަ އުނދަގޫވޭ. ރަނގަޅު ވާހަކަފުޅެއް ތިޔަ ވިދާޅުވީ. ވިޔަފާރިތަކަށްވެސް ވަރަށް އުނދަގޫވޭ. ދެން، އެ ހުރިހާ ކަމަކަށް ވިސްނައިގެން، ކޮންމެ މީހެއްގެވެސް އޮންނަ ޑިމޮކްރެޓިކް ރައިޓްގެ ބޭނުން ހިފުން ރަނގަޅުވާނެ. ދެން، ވަކިތަނަކަށް އެއްވެ ޚިޔާލުފާޅުކުރުމަށް އެއްވެސް ހުރަހެއް ނެތް. ފަސްވަރަކަށް ސަރަޙައްދު މިހާރު މާލޭގައި އޮންނާނީ. ކުރީގައި އޮންނާނީ، ކާނިވާ ސަރަޙައްދު އެކަނި. މިހާރު އޭގެ އިތުރަށް، އިތުރު ތަންތަން އެވަނީ މި ސަރުކާރުން އިތުރުވެސްކޮށްފައި. އެ ތަންތަނަށް އެއްވެ، ކިތަންމެ ވަރަކަށްވެސް ހަމަ ތިއްބެވޭނެ. ރޭގަނޑުވެސް، ދުވާލުވެސް، ހަމަ 24 ގަޑިއިރުވެސް ތިއްބެވިދާނެ. ދެން، ކޮންމެގޮތެއްވިޔަސް، ކޮންމެ ތަނެއްގައި ވާހަކަދެއްކިޔަސް، ޤާނޫނުތަކާއި، ޤާނޫނުއަސާސީއާއި، އިސްލާމީ ޙުދޫދުތަކުގެ ތެރެއިން، އަޅުގަނޑުމެންގެ ޢަމަލުތަކާއި، އަޅުގަނޑުމެން ގެ ބަހުރުވަ ހުންނަންޖެހޭނީ. އެކަކު އަނެކަކަށް ކުރަންޖެހޭ ރެސްޕެކްޓް ކުރަންޖެހޭނެ. އަޅުގަނޑު ހިތުން އެއީ ކަންނޭނގެ ރައްޔިތުން ބޭނުންވާ ގޮތަކީ. އަޅުގަނޑުމެން އެންމެންގެވެސް އެބައޮތް ޙައްޤުތަކެއް. ޚިޔާލުފާޅުކުރުމުގެ ޙައްޤު އެބައޮތް، އަދި، އެއްވެ އުޅުމުގެ ޙައްޤު އެބައޮތް. އެ ޙައްޤުގެ ބޭނުންހިފަންވީ، އަޅުގަނޑުމެންގެ ޙުދޫދުތަކުގެ ތެރޭގައި. އެއީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި، ޤާނޫނުއަސާސީގެ ޙުދޫދުތަކުގެ ތެރެއިން. ދެން، އެއާ ޚިލާފަށްދާ ކަންކަމުގައި، ރައްޔިތުންގެ ތާއީދެއް ޙަޤީޤަތުގައި އެކަމަކަށް އޮތްކަމަކަށް ނުފެނޭ.

ދެން، ފިޔަވަޅުއެޅުން. އަޅުގަނޑުމެން ވަރަށް ބޮޑަށް، ލިމިޓެޑްކޮށް މި ގެންދަނީ، ފިޔަވަޅުނާޅާ، ކިރިޔާވެސް ވާންއޮތީވިއްޔާ ފުރުޞަތު ދެމުން މިދަނީ. ފެނިވަޑައިގަންނަވާނެ އެކަން. ހަމައެކަނި މިސާލަކަށް، ފުލުހަކަށް އަނިޔާކުރުން، ނޫނީވީއްޔާ ބެރިކޭޑެއް ފަޅާލާފައި ނުކުތުން. މިކަހަލަ އެއްގޮތަކަށްވެސް ޓޮލެރޭޓް ނުކުރެވޭ ކަންކަން. އެގޮތަށް ހަދައިފިއްޔާ، މުއައްސަސާ ތެރޭގައި، މި ދެންނެވީ، ފުލުހުންގެ މުއައްސަސާ ތެރޭގައިވެސް، ޙަޤީޤަތުގައި އެ މުއައްސަސާގެ އިންޓެގްރިޓީއަށްވެސް އެބަ ހުރަސްއެޅޭ. ވަކި ބަޔަކު މިސާލަކަށް، ހަމަ ކަނޑައެޅިގެން މުޠްލަޤަށް، ފުލުހުންގެ ގަވާއިދުތަކުގެ ތެރޭގައި، ނޫނީވިއްޔާ މިންގަނޑުގައި ލިޔެވިފައި އޮންނަ ކަންކަމާ ޚިލާފަށް ކަންކަން ދާއިރުގައިވެސް ފިޔަވަޅުނާޅައިފިއްޔާ، މުއައްސަސާގެ އަގުވެސް އެބަ ވެއްޓޭ. އެހެންވީމާ، މިއީވެސް އަޅުގަނޑުމެން ބަލަންޖެހޭ ކަންކަން.

އެހެންވީމާ، ހުރިހާ ފަރާތްތަކަށްވެސް އެބައޮތް، މަރުޙަބާ ކިޔަން ހަމަ. އެބޭފުޅަކު ބޭނުންވާ ޚިޔާލެއް ފާޅުކުރައްވަންވީ ހަމަ. އެއްވާން ހުރި ތަންތަނުގައި އެއްވެވަޑައިގެން ތިއްބަވަންވީ ޚިޔާލުފާޅުކުރުމުގައި. އަދި، ކޮންމެތަނަކަށް އެއްވިކަމުގައިވިޔަސް، އެކަމެއްގައި، އެ މީހާގެ ކިބައިން ފެންނަ ކަންކަން އެއީ، ޢަމަލުން ފެންނަ ކަންކަން ހުންނަންވާނީ، އެންމެންނަށްވެސް ބަލައިގަނެވޭ ގޮތަށޭ. އަޅުގަނޑުމެން މިއަދާހަމައަށް އައިރުގައި، އެއްވެސް ފަރާތަކަށް ސިޔާސީގޮތުންނޭ ވިސްނާފައި، ފިޔަވަޅެއްވެސް ނާޅަމެއްނޫންތޯ؟ މިއަދާހަމައަށް އައިއިރުގައި، ދެ އަހަރާ ބައި ވީއިރުގައި، ނުހުންނާނެ ޖަލުގައެއް އެއްވެސް ސިޔާސީ ލީޑަރެއް. އަދި، ސިޔާސީ ގޮތުންނޭ ކިޔާފައި ހައްޔަރުކުރި އެކަކުވެސް ނުހުންނާނެ. ފުލުހުންގެ އިދާރާއަކަށްވެސް، މިއަދާހަމައަށް އައިއިރުގައި، ސިޔާސީ މީހަކަށްވެގެން ގެންދިޔަ މީހަކު ނުހުންނާނެ. އެކަމަކު އެހެންނެއްނޫނެއްނޫންތޯ، މިއަދާހަމައަށް އައިއިރުގައި، މީގެ ކުރީގެ ދައުރުތަކުގައި، މި ދައުރާ ހަމައާޖެހެންދެން ކިހިނެއްތޯ؟ ހުރިހާ ވެރިން ތިބީ ޖަލުގައޭ. އެއް ދައުރެއް ދިޔަ، އިދިކޮޅު ހުރިހާ ވެރިން ޖަލުގައި. ވެރިންނާއި، ވެރިންގެ ދަރިންނާއި، ދެން، ދަރިންގެ ރައްޓެހިންނާ، އެންމެން ތިބީ ޖަލުގައި. ދެން، ޖެހިގެން އައި ދައުރުގައިވެސް، އެކަހަލަ ގޮތަކަށް ދިޔަ. އެހެންވީމާ، އެ ޒަމާން ނިމިއްޖެ. އަޅުގަނޑު ވަޢުދުވިން، އެގޮތަކަށް މި ޤައުމުގައި ކަންކަން ހިނގާކަށް ފުރުޞަތެއް ނުދޭނަމޭ. އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫނޭ އެއީކީއެއް. އަޅުގަނޑު ބޭނުމޭ، މި ޤައުމަށް ހަމަޖެހުން އަންނަން. މި ޤައުމުގައި މި އޮންނަ، ނެވަރ އެންޑިންގ ވިޝިއަސް ސައިކަލް އޮފް ވެންޖަސް، ނިމުމަކަށް ގެންނަން ބޭނުމޭ. އަޅުގަނޑު އެކަން ނިމުމަކަށް ގެނެސްފިން. ނިމުމަކަށް ގެނައީމަ، ސިޔާސީ ފަރާތްތަކަށް ބޭނުންގޮތަކަށް އެ އުޅެވެނީ. ދެން، ރައްޔިތުން ނިންމާނީ، އެ އުޅޭއުޅުން އެއީ، ތިމަންނަމެން ބަލައިގަންނާނެ ގޮތެއްތޯ، ނޫންތޯ.

މަރްޔަމް ރަޝީދާ – ތީރު މީޑިއާ:

އަޅުގަނޑުގެ ސުވާލަކީ، މެދުއިރުމަތީގެ މިހާރުގެ ނުތަނަވަސްކަމުގެ ތެރޭގައި، ރާއްޖެ އޮންނާނީ ޢަރަބި އަދި އިސްލާމީ ޤައުމުތަކާ އެކީގައި، އެއް ބްލޮކެއްގެ ގޮތުގައި ކަމަށް މަނިކުފާނު ވަނީ އާންމުކޮށް، ވިދާޅުވެފައި. އެހެންނަމަވެސް، ފަހުގެ ޑިޕްލޮމެޓިކް ކަންކަމާ ގުޅިގެން، އެމެރިކާއާއި، އެހެނިހެން ޒަމާންވީ ބައިވެރިންނާ އޮންނަ ގުޅުމާމެދު ވަނީ ސުވާލު އުފެދިފައި. ވަކި ފަރާތަކަށް ނުޖެހުމާ، ހުރިހާ ޤައުމަކާއެކު އެކުވެރިކަން ބޭއްވުމުގެ ޒަމާންވީ އުސޫލު ދަމަހައްޓަމުން، މި ސިޔާސީ މިސްރާބުން ދިވެހިރާއްޖޭގެ ޤައުމީ މަޞްލަޙަތު ހިމާޔަތްކުރެވޭނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ވަރަށް ސާފު ދޮގެއްތޯ؟ އަޅުގަނޑުމެންގެ ފޮރިން ޕޮލިސީ، އެންމެ ކުރުކޮށް ދަންނަވަންޏާ، "މޯލްޑިވްސް ފަސްޓް ޕޮލިސީ"، އެހެންނޫންތޯ؟ ދިވެހި ރައްޔިތުންނަށް ފައިދާހުރި ގޮތް އަޅުގަނޑަށް އެންމެ މުހިންމީ. ދެން، ދިވެހި ރައްޔިތުންނަށް ފައިދާހުރި ގޮތް އޮތީ ކޮން ގޮތަކަށްތޯ ބަލާއިރުގައި، ދިވެހި ރައްޔިތުންނަކީ، މާތްވެގެންވާ އިސްލާމްދީނަށް ތަބާވެގެން ތިބި، ސައްތައިން ސައްތަ އިސްލާމީ ބައެއް. މިތާކު ނެތް އެހެން ދީނަކަށް ތަބާވާ މީހެއް. އެހެން ދީނެއް ބޭނުންވާ މީހެއްވެސް މިތާކު ނެތް. އެހެންވީމާ، އަޅުގަނޑުމެން އިސްކުރާނީވެސް ޢަރަބި އިސްލާމީ ޤައުމުތައް، ނޫނީވިއްޔާ އިސްލާމީ ޤައުމުތަކުގެ ފަރާތުން، އެ ފަރާތްތަކަށް ކަމެއް ކުރިމަތިވީމާ، އަޅުގަނޑުމެން އެ ފަރާތްތަކާ ގާތަށް ދާނަން. ވަރަށް ހަމަ އެކުވެރިކަމާ އެކީގައި، އެއްބަނޑުއެއްބަފާކޮށް މި ތިބީ. އަބަދުވެސް ތިބޭގޮތް އެއީ. ދެން، އަޅުގަނޑުމެންގެ ނެއިބަރޒް، އަޅުގަނޑުމެންނަށް އިކޮނޮމިކަލީ އެހީތެރިކަންދޭ، ޑިވެލޮޕްމަންޓް އެހީތެރިކަންދޭ ޕާޓްނަރޒް، މި ހުރިހާ އެންމެންނަކީ އަޅުގަނޑުމެންނާ ވަރަށް ގާތްގުޅުން އޮތް ފަރާތްތައް. ދެން، އެއްވެސް ޤައުމަކަށް ހަމަލަދޭން، އެއްވެސް ޤައުމެއް ނެތިކޮށްލަން، އެގޮތަށް އަޅުގަނޑުމެން ވާހަކަދެއްކުމެއް ނޫން. އަޅުގަނޑު ކުރިން ދުވަހެއްގެ ޕްރެސްގައި ދެއްކި ވާހަކަވެސް ހަމަ، ދެން، ވަރަށް ދެރަ އަޅުގަނޑުމެންގެ ތެރޭގައި އެކި ގޮތްގޮތަށް ވާހަކަތައް ދެކެވިގެން ހިނގައްޖެ، އަޅުގަނޑު އެ ދެންނެވި އެއްޗަކާ ގުޅިގެން. އެހެންނަމަވެސް، އަޅުގަނޑުގެ މުޅި ވާހަކައިގެ މަފްހޫމަކީ، ދިވެހިރާއްޖެއިން، ދިވެހި ޤައުމުން އިސްކުރާނީ، އަޅުގަނޑުމެންގެ މަސްލަހަތޭ. ދިވެހިރާއްޖެއަކީ، ސައްތައިންސައްތަ އިސްލާމީ ޤައުމެކޭ. އެހެންވީމާ، އިސްލާމީ ޤައުމުތަކަށް ދިމާވާ ކަންކަމުގައި، އަޅުގަނޑުމެން ތިބޭނީ ވަރަށް ވަރުގަދަކަމާއެކީގައި، އިސްލާމީ ޤައުމުތަކާ އެކީގައޭ. އެއްވެސް ގޮތަކަށް ހަނގުރާމަތަކަކީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫނޭ. މުޅި ދުނިޔޭގެ މަސްލަހަތަށްވެސް ރަނގަޅު ކަމެއް ނޫން، ހަނގުރާމަކޮށް، ޤައުމުތައް ސުންނާފަތިކުރަމުން ދިޔުމަކީ. އަދި، އެއްވެސް ޤައުމަކަށް ހަމަލާދިނުމަކީވެސް އަޅުގަނޑުމެން ގަބޫލުކުރާ ކަމެއްނޫން. އެކަމަކު، އޭގެ މާނައެއްނޫން، މުސްލިމުންނަށް އަނިޔާވެގެންދާއިރުގައި، އަޅުގަނޑުމެން މަޑުމަޑުން ތިބުމަކީއެއް. އެހެންވީމާ، އެގޮތުން އަޅުގަނޑުމެން މަސައްކަތްކުރާ ވާހަކަ ދެންނެވީ.

ޢަލީ ޔާމިން – ވަން އޮންލައިން:

ތިލަމާލެ ބުރިޖަކީ، ރައީސްގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށްވެސް ވަރަށް މުހިންމު މަޝްރޫޢެއް. މި ކަނެކްޓިވިޓީ އަވަސްވާން، ރައްޔިތުން އެބަ ބޭނުންވޭ. ދެން، ކޮބައިތޯ މިހާރު މި ބުރިޖު ހުޅުވޭނެ ކަމަށް ލަފާކުރެވޭ ތާރީޚަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ތިލަމާލޭ ބުރިޖު މިއީ، އިންޑިއާގެ ލޯނު އެހީއެއްގެ ދަށުން ހިނގާ މަޝްރޫޢެއް. ދެން، ޙަޤީޤަތުގައި ވަރަށް ލަސް ދާލެއް. ދެން އެކަމަކު، ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއްވިއްޔާ ކޮށްދެން. ދެން މިދޭތެރެއިން، މުއްދަތު އިތުރުކޮށްދޭންވެސް ވަރަށް ބޮޑަށް އެދިގެން، އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލާފައި، އަނެއްކާވެސް އިތުރަށް މުއްދަތުވެސް ދީފިން އިނގޭތޯ. ހަމަ ޔަޤީނުންވެސް އަޅުގަނޑު ހިތްހަމައެއްނުޖެހޭ ދާ ސްޕީޑާ ދޭތެރޭގައެއް. ހިތެއް ނުބުނޭ އެއްގޮތަކަށްވެސް އެ ޕްރޮޖެކްޓް ދާ ސްޕީޑް ކަމުދާ ރައްޔިތަކު ހުންނާނެއެކޭވެސް. ދެން އެހެންނަމަވެސް، އެ ޕްރޮޖެކްޓް އެބަ ހިނގާ. ދެން، ސަރުކާރުން ކޮށްދޭންޖެހޭ ކަމެއްވިއްޔާ ކޮށްދެން އެބަ.

ދެން، އަޅުގަނޑު މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ޑޭޓެއް ދިނިން. އެކަމަކު، އެ ޑޭޓް ދިމައެއް ނުވޭ. އަޅުގަނޑުމެން ކުރާނެކަމެއް ނެތް އެއަކު. ދެން، މިފަހަރު ރިޔާސީ ބަޔާނުގައި ނުވެސް ގެންނަން އެބައި އެހެންވީމާ. ދެން، އެ ޕްރޮޖެކްޓް ނިމުނީމާ، އަޅުގަނޑުމެން ވަރަށް އުފާކުރާނަން. ދެން އެކަމަކު، ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް ކޮށްދެމުން މިދަނީ. މިހާރު ދީފައި އޮތް ޑޭޓް އެބަދޭ، 2027އަށް. ކުރިން އޮތީ 2026، މި އަހަރު.

ޢަލީ ޔާމިން – ވަން އޮންލައިން:

ދެވަނަ ސުވާލަކީ، ރަސްދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި، ނިމިދިޔަ ވޯޓުގެ ނަތީޖާއިން ވަރަށް ގިނަ ކަންކަން ބުނެދިން ކަމަށް. ދެން އެއާއެކު، ބައެއް ކަންކަން ރަނގަޅުކުރައްވާނެ ކަމުގައިވެސް ވިދާޅުވި. އަޅުގަނޑުމެންނަށް ފެނިއްޖެ ކެބިނެޓަށް ބޮޑު ބަދަލެއް އައިތަންވެސް. ކޮބައިތޯ ތިޔަ ވިދާޅުވާ ކަންކަމަކީ؟ ކޮބައިތޯ ވޯޓުން ބުނެދިން ނަތީޖާއަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު ހިތުން ވަރަށް ބޮޑަށް ރައްޔިތުން އެކްސްޕެކްޓް ކުރައްވާ، ދެން، މައިގަނޑު ގޮތެއްގައި، ވީހާވެސް ކުޑަ ސަރުކާރެއް ހިންގުން، ގުޑް ގަވަރނަންސްގެ ހުރިހާ ސިފަތަކެއް ފެނިގެންދިޔުމަށް. މީހުން ހަޔަރ ކުރުމުގައިވެސް، މެރިޓް ބޭސްކޮށް ހަޔަރ ކުރެވިގެންދިޔުން. ވަރަށް ދެފުށް ފެންނަގޮތަކަށް، ހަމަހަމަ ފުރުޞަތު ލިބޭގޮތަކަށް ވަޒީފާތަކަށް މީހުން ނެގުން. ދެން މިހެންގޮސް، ވީހާވެސް ރަނގަޅަށް ހިންގުމުގެ ނިޒާމު ވަރުގަދަކުރުން މީގެތެރޭގައި ހިމެނޭ ކަންނޭނގެ އެއްކަމަކަށް. ދެން، ޚަރަދުތައް ވީހާވެސް ކުޑަކުރުން. މިކަހަލަ މުހިންމު ކަންތައްތަކެއް ކުރުން އަޅުގަނޑު ގަބޫލުކުރަނީ.

މުސްލިމާ ޙަސަން – ދިވެހި ޗެނަލް:

އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، 500 މުވައްޒަފުން ވަޒީފާއިން ވަކިކުރާ ވާހަކަ ދެކެވިފައި ވަނިކޮށް، ސްޕޯކްސް ޕަރސަން ވިދާޅުވި، ވަޒީފާއިން ވަކިކުރަނީ ނޫންކަމަށް. އެހެންނަމަވެސް، މި ކުންފުނިތަކުގެ 33 އިންސައްތަ މުވައްޒަފުން ކެނޑުމަށް މިހާރު ވަނީ ނިންމާފައި. މިއީ ކޮން ގޮތަކަށް ނިންމެވި ނިންމެވުމެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ހަމަ ދެންމެ މި ދެންނެވީ، ގާތްގަނޑަކަށް އެ ޖަވާބު އިނގޭތޯ. ވީހާވެސް ސަރުކާރުގެ ސައިޒު ކުޑަކުރުން. ސަރުކާރުގެ ތެރޭގައި ހިމެނޭ ކުންފުނިތައް، 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވާހަކަ މިދައްކަނީ.

ދެން، ޕަރފޯމަންސް ބޭސްކޮށް ބަލާފައި، އެމީހާގެ ޚިދުމަތް ލިބޭ މިންވަރު، އޭނާ މަސައްކަތަށް ފަރުވާތެރިވާ މިންވަރު، މިކަހަލަ ކަންކަން ބަލާފައި، މުވައްޒަފުންގެ އަދަދު މަދުކުރުން. ދެން، ވަކި އަދަދެއް، 500، ނޫނީވިއްޔާ 200، ނޫނީވިއްޔާ 1000، އެގޮތަށް އަދަދެއް ކަނޑައަޅާފައި، އެއީ ޓާގެޓެއް ނޫން. ދެން، ޕަސެންޓޭޖް ވައިސް އަޅުގަނޑުމެން މި ކަނޑައެޅީ، ރަފްލީ އެއީ، ތިންބައިކުޅަ އެއްބައި ކުޑަކުރުމޭ. ދެން އެހެންނަމަވެސް، ކޭސް ބައި ކޭސް، އެ ކުންފުންޏެއްގެ މަސައްކަތާއި، އެތަނުގައި ތިބި މުވައްޒަފުންގެ އަދަދާއި، އެ މުވައްޒަފުން ކުރާ ކަންކަމަށް ބަލާފައި، އެ ތަނެއްގެ އަދަދު ނިންމާނީ. މިސާލަކަށް، ވަރަށް ގިނަ މުވައްޒަފުން އަޅުގަނޑުމެންގެ ސަރުކާރު އައިއިރުގައިވެސް ތިބި ތަނެއް ފެނަކައަކީ. އެތަނުން ހަމަ ޔަޤީނުންވެސް، ވަރަށް ފަސޭހައިން 33 ޕަސެންޓް އެޗީވް ވާނެހެން އަޅުގަނޑަށް ހީވަނީ.

މުސްލިމާ ޙަސަން – ދިވެހި ޗެނަލް:

ދާދިފަހުން އިންތިޚާބާ ދިމާކޮށް، ވަރަށް ގިނަ ފަރާތްތަކަށް ވަޒީފާތަކެއް ދެވިގެން ދިޔަތަން ފެނިގެންދިޔަ. އެފަދަ ފަރާތްތައް ވަޒީފާއިން ވަކިވެގެންދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދެން، އެއްވެސް ފަރާތަކަށް، ކެމްޕެއިނަކާ ގުޅިގެން، ނޫނީވިއްޔާ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން، ދެން މި ޤައުމުގައި ނިމުމަކަށް އަންނަންޖެހޭ ކަމަށް، ރައްޔިތުން މިއޮތީ ބުނެފައި. އެހެންވީމާ، އަޅުގަނޑުވެސް ދާނީ އެގޮތަށް ދެން އިނގޭތޯ. ދެންމެ މި ދެންނެވިހެން، އިޢުލާނު ކުރެވިގެން، ކުރިމަތިލައިގެން، އެ މީހާގެ ސީ.ވީ.އަށް ބަލައި، މެރިޓް ބޭސްކޮށް ނޫނީވިއްޔާ، ދެން އެއްވެސް އެސް.އޯ.އީ.އަކުންވެސް، މިނިސްޓްރީ އަކުންވެސް، މުވައްޒަފަކު ނަގައިގެން ނުވާނެ. އެ އުސޫލު އަޅުގަނޑުމެން ދެން މި ސަރުކާރުން ކުރިއަށް ގެންދާނީ. އަދި، ނުގަވާއިދުން، ގަވާއިދާ ޚިލާފަށް މީހަކު، އެއްވެސް މީހަކަށް ވަޒީފާއެއް ދީފިނަމަ، އެ މީހަކު ވަޒީފާއިން ވަކިކުރަންވެސް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި. ދެން، އަޅުގަނޑުމެންވެސް ޢަމަލުކުރާނީ އެގޮތަށް. ސަރުކާރުންވެސް.

މުސްލިމާ ޙަސަން – ދިވެހި ޗެނަލް:

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ޙައްޖުގެ އަޅުކަން ވަރަށް ކައިރިވެފައިވާ މި ދަނޑިވަޅުގައި އެބަ ހިތަށްއަރާ، ޙައްޖާ ގުޅޭ ސުވާލެއް ކޮށްލާނަމޭ. އެގޮތުން، ޙައްޖަށް ދިޔުމަށްޓަކައި މިހާރު ނަން ނޯޓް ކުރިކަމުގައިވީނަމަވެސް، 2040 ވަނަ އަހަރާ ހަމައަށް ޙައްޖަށް ދެވޭނެކަމަށް، ޙައްޖު ކޯޕަރޭޝަނުން އެބަ ބުނޭ. ދެން، އެކަމަށް އަވަސް ފިޔަވަޅެއް، ނުވަތަ އެކަން ޙައްލުކުރެވޭނެ ގޮތެއް އެބަ ވިސްނަމުތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑުމެން މި އަންނަނީ ވަރަށް ގާތުން، ސަޢޫދީ ސަރުކާރާ އެކީގައި މަސައްކަތް ކުރަމުން ދޮގެއްތޯ. ސަޢޫދީ ޢަރަބިއްޔާއަކީ، ލޮބުވެތި ދިވެހި ރައްޔިތުންނަށް ޙައްޖުގެ ކަންކަމުގައި، ވަރަށް ބޮޑު އެހީތެރިކަމެއްދޭ ޤައުމެއް ދޮގެއްތޯ؟ ސަޢޫދީ ރަސްގެފާނާއި، ވަލީޢަހުދު ލޮބުވެތި ދިވެހި ރައްޔިތުންނަށް، ވަރަށް ވަރަށް އިސްކަންދެއްވާ. "މައްކާ ރޫޓް އިނިޝިއޭޓިވް" އެއީ އޭގެ އެއް މިސާލު. ދެން، އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަޤީންކަމެއް ދެއްވާފައިވޭ، ކޯޓާ އިތުރުކުރުމުގެ ފުރުޞަތު ޤައުމުތަކަށް ދޭއިރުގައި، ދިވެހި ރައްޔިތުންނާއި، ދިވެހިރާއްޖެއަށް ވަރަށް އިސްކަމެއްދެއްވާނެ ކަމަށް. އެހެންވީމާ، އެ ވާހަކަ ދެކެވެމުންދަނީ.

އަޝްވާޤް ފައުޒީ – ރަސް އޮންލައިން:

އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، 4000 ފްލެޓް ލިބުނު ބައެއް ފަރާތްތަކުން އެބަ ފާހަގަކުރޭ، ފެން މީޓަރު ހަރުކުރުމުގައި ލަސްތަކެއް އެބައުޅޭ ކަމަށް ދޮގެއްތޯ؟ ދެން، ފެން މީޓަރު ހަރުނުކޮށް، ޖެހިޖެހިގެން ތިން މަހުގެ ބިލުވެސް އެބަ އާދޭ ކަމަށް އެބޭފުޅުން އެބަ ވިދާޅުވޭ. ދެން އެހެންވީމާ، އެ ބިލުތައް ޕޭކުރުމުގައި، މާލީ ދަތިތަކެއް އުޅޭކަމަށް އެބޭފުޅުން ފާހަގަކުރޭ. ދެން، އެކަން ޙައްލުކުރުމަށް ކޮންމެވެސް ކަހަލަ ފިޔަވަޅެއްއަޅުއްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ޙަޤީޤަތުގައި، އަޅުގަނޑަށް ތިޔަ ކަމެއް ނޭނގޭ އިނގޭތޯ. ތިޔަ ވިދާޅުވީ. ދެން، އަޅުގަނޑު ޕްރެސް ކޮންފަރެންސް ނިންމާފައި، ކަމާބެހޭ ބޭފުޅުންނާ ވާހަކަދައްކައިލާނަން. ދެން އެއީ، އިދާރީގޮތުން، މިސާލަކަށް އެފް.ޑީ.ސީ.އިން ކަމެއް ނުވެގެން އުޅެނީތޯ، އެފް.ޑީ.ސީ.އާއި، އެމް.ޑަބްލިޔު.އެސް.ސީ.އާ ދޭތެރޭގައި އުޅޭ އިޝޫއެއްތޯ، ފިނޭންސް މިނިސްޓްރީ ތެރެއިން އަޅުގަނޑު ބަލާނަން އިނގޭތޯ. ބަލާފައި ގެނެވޭނެ ޙައްލެއްވިއްޔާ ގެނެސްދޭން މަސައްކަތް ކުރާނަން.

އަޝްވާޤް ފައުޒީ – ރަސް އޮންލައިން:

އާދެ، އަޅުގަނޑުގެ ދެވަނަ ސުވާލަކީ، މިއުޒިކް ދާއިރާގައި ޙަރަކާތްތެރިވާ ފަންނާނުންނަށް، ބޭންކިންގ ނިޒާމުގެ ތެރެއިން މާލީ އެހީ ލޯނުތައް ހޯދުމުގައި ވަރަށް ދަތިތަކެއް އުޅޭ ކަމަށް އެބޭފުޅުން ފާހަގަކުރޭ ދޮގެއްތޯ. ދެން، އެބޭފުޅުންނަކީ، ރަސްމީކޮށް ވަޒީފާގައި ނޫޅޭ ބޭފުޅުން ކަމަށް ބަލައި، އެބޭފުޅުންނަށް ލޯނުތައް ދިނުމަށް ދެކޮޅުހަދާ ކަމަށް ފާހަގަކުރާ ކަމަށް އެބޭފުޅުން ބުނޭ. މިކަން ޙައްލުކުރުމަށް އެއްވެސް މަޝްވަރާއެއް ކުރައްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

މިހާރު، އެސް.އެމް.އީ. ޑިޖިޓަލް، ބީ.އެމް.އެލް.ގެ ދަށުން އުފެދިގެން ދިޔަފަހުން، އެކިއެކި ފަންނާނުންނަށްވެސް ފުރުޞަތުތައް ލިބެމުން އެބަދޭ. ކޮންޓެންޓް ކްރިއޭޓަރުންނަށްވެސް ޚާއްޞަ ލޯނުތަކެއް ދޫކުރަން ފަށާފައި ވެއްޖެ. އެހެންވީމާ، އެކި ސެކްޓަރ ތަކަށް، ކުދިކުދި، އަދި މެދުފަންތީގެ ލޯނުތައް ދޫކުރުމުގެ ސިޔާސަތެއް އަޅުގަނޑުމެންގެ މި އޮތީ. ކުރިއަށް އޮތްތާނގައި އަޅުގަނޑު ބަލާނަން، ކިހިނެއްތޯ މިހާރު ޖުމްލަކޮށް އާޓިސްޓުންނަށް، އެކިއެކި ފަންނުވެރިންނަށް މި ފުރުޞަތުތައް ދިނުން އޮތީ. ދެން، ސަރުކާރުގެ ސީދާ ބަޖެޓުންވެސް، ދެން އެއީކީ މިއުޒިކް ކުޅޭ ފަރާތްތަކެއް ނޫން، އާޓިސްޓުންނަށް، ކުރަހާ ފަރާތްތަކަށް ޚާއްޞަ ގްރާންޓެއް ދިނުންވެސް އެބައޮތް. އެހެންވީމާ، ފަންނުތައް، އެކިކަހަލަ އަރޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް، އެކިކަހަލަ ލޯނުތަކާއި، ގްރާންޓް ދިނުމަކީ ސަރުކާރުގެ ސިޔާސަތު.

އާމިނަތު ޔުމްނާ – ފަރުދުން މީޑިއާ:

ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވާ، މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި އެބައޮތް، ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ބަދަލުކުރައްވާނެ ކަމަށް. އެއަށްފަހު، ވަޒީރުންގެ މަޖިލީހަށް ބޮޑު ބަދަލެއް ގެންނަވައި، ވަޒީރުންގެ މަޖިލިސް ވަރަށް ބޮޑަށް ކުޑަކުރައްވައިފި. ދެން ހުރީ ކޮން ބަދަލުތަކެއްތޯ، ރައީސްގެ ވިސްނުންފުޅުގައި، ސަރުކާރަށް ގެނައުމަށް ވިސްނަވާފައި؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

މިހާރު މިވަނީ، 5 މިނިސްޓްރީއެއް މަދުކުރެވި، 15އަށް ކުޑަކުރެވިފައި. ދެން، ހަމައެކަނި ނަންބަރ އޮފް މިނިސްޓަރޒް މަދުކުރިޔަސް، ސަރުކާރު ކުޑައެއް ނުވާނެ. އެހެންވީމާ، ސަރުކާރު ކުޑަކުރުމުގެ މަސައްކަތްތަކެއް މިހާރު މި ކުރެވެނީ. ކުރާއިރުގައި، ޢައްޔަންކޮށްފައި ތިބި ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން، ކުރިން ހަމަ ތަކުރާރު މިކުރަނީ، އެއް ޖަވާބެއް އިނގޭތޯ، ޕަރފޯމަންސް ބޭސްޑްކޮށް ބަލާފައި، ވީ އެންމެ ގިނަ ފަރާތްތަކެއް ރިލީޒްކޮށްލުމުގެ މަސައްކަތްތަކެއް މި ހިނގަނީ. ދެން ހަމައެއާއެކީގައި، ކުންފުނިތަކުގައިވެސް ތިބި މުވައްޒަފުންގެ ތެރެއިން، ޕަރފޯމަންސް ބޭސްޑްކޮށް ބަލާފައި، ހަމަ ޓާގެޓަކީ 33 ޕަސެންޓް ކުޑަކުރުން. ދެން، ސަރުކާރުގެ ޕޮލިޓިކަލް މަގާމުތަކުގައި އެކަހަލަ ޕަސެންޓޭޖެއް އޮތީކީ ނޫން. އެކަމަކު، ހަމަ ވީ އެންމެ ކުޑައެއް ކުރުން، ޕަރފޯމަންސް ބޭސްޑްކޮށް ބަލާފައި. ދެން، ކުރިއަށްތާނގައި، ހަޔަރިންގ ދާންޖެހޭނީ ކޮންމެގޮތެއްވިޔަސް، ޚާއްޞަކޮށް ކުންފުނިތަކުގައި ދާންޖެހޭނީ، އިޢުލާނުކުރެވިގެން. އެއްވެސް ވަރަކަށް ސިޔާސީ ރޫޓަކުން، ނޫނީ ސިޔާސީ ވިސްނުމެއްގައި، ވަކި މީހަކު ބުނެގެން ޢައްޔަންކުރާނެ މީހަކު ހުރެގެން ނުވާނެ، އެއްވެސް މަގާމަކަށް މީގެފަހުން، އެއްވެސް ކުންފުންޏަކަށް. އެހެންނަމަވެސް، މިނިސްޓްރީތަކަށް 115 ވަނަ މާއްދާގެ ދަށުން އޮންނަ ފުރުޞަތު، އަޅުގަނޑަށް އަބަދުވެސް އޮންނާނެ. އެހެންނަމަވެސް، އަޅުގަނޑުވެސް ކުރިއަށް އޮތްތާނގައި އިތުރަށް ބަލާނަން، އެމީހާގެ މެރިޓް ބޭސް. ތަޢުލީމީ ފެންވަރު، ތަޖުރިބާއަށް. އަޅުގަނޑުގެ ވިސްނުމުގައި ކުރިއަށް އޮތްތާނގައި ނެތް އެއްގޮތަކަށްވެސް މިސާލަކަށް، ސްޓޭޓް މިނިސްޓަރަކަށް މީހަކު ކޮންމެހެން ލާންޖެހިއްޖިއްޔާ، ލާންޖެހޭ ފަހަރެއްގައިވެސް، އެ މީހާ އަތުގައި، މަދުވެގެން މާސްޓަރޒް ޑިގްރީއެއް އޮތްތޯ ބެލުން. ޑެޕިއުޓީ މިނިސްޓަރަކަށް ކޮންމެހެން އެ ތަނަކަށް ބޭނުންވާ މީހަކު ލާންޖެހޭ ހާލަތެއްގައިވެސް، އެ މީހާ އަތުގައި އެކަމާ ބެހޭ ދާއިރާއިން ޑިގްރީއެއް އޮތްތޯ ބެލުން. މިކަހަލަ ރަފް މިންގަނޑެއް، އަޅުގަނޑު ގެންގުޅެން ވިސްނާފައި މިއޮތީ.

އައިމިނަތު ޔުމްނާ – ފަރުދުން މީޑިއާ:

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، މަނިކުފާނުގެ ވާދަވެރިން ދައްކާ ވާހަކައެއް، މަޝްރޫޢުތައް ނުހިނގާ ވާހަކަ. ޚާއްޞަކޮށް، އިންތިޚާބު ނިމުމުން، މަޝްރޫޢުތައް ހުއްޓިފައި ހުންނަ ވާހަކަ. ޙަޤީޤަތުގައިވެސް މިކަން އޮތީ މިހެންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ހުއްޓިފައި އޮތްނަމަ، ކުރިން ނުހިނގާ މަޝްރޫޢުތައް ހިނގާކަށްވެސް ނުފަށާނެ ނޫންތޯ؟ މިހާރު ބައްލަވާ، ގާދިއްފުށިން އަޅުގަނޑުމެންނާ ހަތަރު ވޯޓުން ކަންނޭނގެ ބަލިވީ. ބަލިވި ދުވަސް ނޫން އަނެއް ދުވަހު އެއޮތީ، ބިން ހިއްކަން ފަށާފައި. ފަށައިގެން ގޮސް ނިމިއްޖެ. އެހެންވީމާ، އެ ވާހަކަ ދިމައެއް ނުވެއެއްނު؟

ޝެރިން އަޙްމަދު - ހަލީ ނިއުސް:

އަޅުގަނޑުގެ ސުވާލަކީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި، ވެރިކަންކުރާ ޕީ.އެން.ސީ.އިން ގިނަ ރަށްތަކުން މިވަނީ، މެޖޯރިޓީ ލިބިފައި. އެހެންނަމަވެސް، ރާއްޖޭގެ ފަސް ސިޓީން، ޕީ.އެން.ސީ.އަށް މެޖޯރިޓީ ލިބިފައެއް ނުވޭ. ސުވާލަކީ، ސިޓީތަކުން ޕީ.އެން.ސީ.އަށް މެޖޯރިޓީ ނުލިބުނު މައިގަނޑު ސަބަބަކީ ކޮބައިތޯ؟ ދެން، ސިޓީތަކުން ތާއީދު ހޯއްދެވުމަށް، ޚާއްޞަ ޕްލޭނެއް އެކުލަވާލަން ގަސްދުކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު އަސްލުގައި ޙަޤީޤަތުގައި ވަރަށް ޝުކުރު ދަންނަވަން ހުރިހާ ސިޓީތަކަށް. އަޅުގަނޑު ގަބޫލުކުރަނީ، އެގޮތަށް އެބޭފުޅުން ނިންމެވި ނިންމެވުން އެއީ، ކަންކަން ރަނގަޅުކުރުމަށްޓަކައި އެބޭފުޅުން ދެއްވި ފުރުޞަތެއް ގޮތުގައި އިނގޭތޯ. އަދި، ހަމަ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، އަޅުގަނޑުމެންނަށް ތާއީދުކޮށް، މެޖޯރިޓީ ދެއްވި ރަށްތަކަށްވެސް އިނގޭތޯ. ހަމަ ވަރަށް އުފާކުރަން އެކަމަށް. މި އިންތިޚާބުގައި މިއޮތީ ކާމިޔާބީއާއި، ނާކާމިޔާބީއާ، ދެބައި އެކީގައި އަޅުގަނޑުމެންނަށް އައިސްފައި. ވަރަށް ކާމިޔާބީ ލިބިފައި އެބަހުރި. ދުވަހަކު ޕީ.އެން.ސީ.އަށް، ނޫނީވިއްޔާ މި ފިކުރަށް ދުވަހަކު ވޯޓެއް ނުލިބޭ ރަށްރަށް އެކީގައި އެބަހުރި، އަޅުގަނޑުމެންނަށް ވޯޓުދީފައި. އެކަހަލަ ކާމިޔާބީތައްވެސް އެބަހުރި. ދެން، ފަސް ސިޓީން މި ދެންނެވިހެން، ވަރަށް ބޮޑު ނާކާމިޔާބެއް މި ލިބުނީ. އެހެންނަމަވެސް، އަޅުގަނޑު އެ ނަގަނީ ވަރަށް ޕޮޒިޓިވްކޮށް، ވަރަށް ޕޮޒިޓިވްކޮށް. މިސާލަކަށް، މާލެއަށް ބަލައިފިއްޔާ، އަޅުގަނޑަށް ވަރަށް ވަރަށް ރަނގަޅަށް އެނގޭ ތަނެއް މާލެއަކީ ދޮގެއްތޯ. އަޅުގަނޑު އެކި ހައިސިއްޔަތުން މާލޭގައި މަސައްކަތް ކޮށްފިން. އެހެންވީމާ، މާލޭގެ ރައްޔިތުން ބޭނުންވެލައްވާ ކަންކަން ކުރުމުގައި، އަޅުގަނޑު އިތުރު ހިތްވަރެއްލައިގެން މަސައްކަތް ކުރާނަން، އިނގޭތޯ. ޚާއްޞަކޮށް، ބޯހިޔާވަހިކަމުގެ މަސައްކަތްތައް. ދެން، ވަގުތުނެތީމައާ އެކީގައި، ރިޕީޓެއް ނުކުރާނަން. މިސާލަކަށް، މަގުތަކާ ގުޅޭގޮތުން މިހިރަ ހުރިހާ ކަމެއް، އެވްރީތިންގ އިންކްލޫޑެޑް. ޕާކިންގ އިން، ދެން ގޮސް ހުރިހާ ކަމެއް. ދެން، މިހެންގޮސް ވަރަށް ގިނަ ކަންކަން.

ދެން، މާލޭ ވާހަކަ ވިދާޅުވީމާ، ސުވާލެއް ނުއެއް ކުރައްވާ، އެހެންނަމަވެސް، މިއަށް ޖަވާބެއްދިނުމުގެ ގޮތުން، އިތުރަށް ބާރެއްއަޅާލުމުގެ ގޮތުން ދަންނަވާލާނަން، މިސާލަކަށް، މާލޭ ބޭރުމަގުގައި މިއޮތް މަސް މާރުކޭޓް ސަރަޙައްދު. އަޅުގަނޑުމެންގެ ކޮންސްޓްރަކްޝަން މިނިސްޓްރީން އެ މަގު ހަދަން ފަށައިގެން ގޮސް، ތިޔަބޭފުޅުން މިހާރުވެސް ވަޑައިގެން ބައްލަވާލައްވާ ޕްރެސް ނިންމާލައްވާފައި، ބޮޑުތަކުރުފާނު މަގު ފުޅާކުރަމުންގޮސް، އެތާނގައި ހުންނަ ލޯކަލް މާރުކޭޓް، މިހާރު މަސް މާރުކޭޓް އަޅަން ނިންމާފައި އޮތްތަން. އެތަނުގައި ނޯންނާނެ ޕޭވްމަންޓެއް. އެކަމަކު، އޭގެ މިކޮޅުގައިވެސް، އެކޮޅުގައިވެސް ޕޭވްމަންޓް އޮންނާނެ. ޕޭވްމަންޓް ނެތީ ކީއްވެގެންތޯ؟ މާލޭ ސިޓީ ކައުންސިލުން، އަޅުގަނޑުމެން ބުނެ ބުނެވެސް އެތަން ހުސްކޮށް ނުދިނީ، ބޭނުންވާ ފުޅާމިނަށް. މިހާރު އެތަނުގައި ބައެއް ގޮޅިތައް ނަގާފައި، ރޫޅާލައިދޭން އަޅުގަނޑުމެން އެދުނީ. މުޅިތަން ނަގާކަށްވެސް ނޫން. އެދި އެދިވެސް އެތަން ހުސްކޮށް ނުދިނީ. ހުސްކޮށް ނުދިނީ، އަޅުގަނޑުމެންނަށް އެތަން ނިމުނަ ނުދޭންކަން، ދެން، ނުރަސްމީކޮށް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ކައުންސިލަރުންގެ ކިބައިން އެނގިފައި އޮތީ. އެހެންވީމާ، އެތަން އެއޮތީ، އަޅުގަނޑުމެން ސީދާގޮސްފައި، އިމާރާތުގެ ބުޑާހަމައަށް ތާރުއަޅާ ނިންމާލާފައި، މަގުގެ ފުޅާމިން ހޯދާފައި. އެކަމަކު، ޕޭވްމަންޓެއް ނޯންނާނެ. މި ދަންނަވަން އުޅޭ އެއްޗަކީ، އެއޮތީ މިސާލެކޭ ފެންނަން، މާލޭގެ ސިޓީ ކައުންސިލުން، ސަރުކާރަށް އެއްބާރުލުން ނުދިނުމުގެ މިސާލެކޭ، އެތާނގެ ޕޭވްމަންޓް ނެތްނެތުން އެއީ.

ދެން، އެތަނުގައި އަޅާ މަސް މާރުކޭޓް. އަޅުގަނޑުމެން މިހާރު އެއޮތީ، ބީ.އެމް.އެލް.ގެ ފައިނޭންސް ސެކިއޯ ކޮށްގެން ބަޔަކާ ހަވާލުކޮށްފައި. އެ މަސް މާރުކޭޓް އަޅަންވެސް، އަޅުގަނޑުމެން އެތަން ހުސްކޮށްދޭން އެދިގެން، ހުސްނުކޮށްގެން، އެންމެފަހުން އަޅުގަނޑުމެން މިމަހުގެ 18 އަށް ޑެޑްލައިނެއް ދިނީ. ދީގެން، އެތަން ހުސްނުކޮށްފިއްޔާ، ޤާނޫނުގައި އޮންނާނެ، މިހާރު ކައުންސިލްތަކުން އެއްބާރުލުން ނުދީފިއްޔާ، އެތަނެއް ކަމާބެހޭ މިނިސްޓްރީއަށް ނަގައިގެންވެސް، މަސައްކަތްކުރެވޭ ގޮތަށް. އެ ކްލޯސް އެކްޓިވޭޓްކުރާނެ ކަމުގެ އިންޒާރު ދިނީމާ، މިހާރު އެތަން އެ ހުސްކުރަނީ. އެހެންވީމާ، އެގޮތަށް މާލޭގައި ކުރިއަށް އޮތްތާނގައި ކަންކަން ކުރަންޖެހޭނީ އަޅުގަނޑު ހިތުން.

އަޙްމަދު ޝާބިން – ނުކުތާ އޮންލައިން:

އަޅުގަނޑު ކުރިން ރައީސަށް ދަންނަވާލި ސުވާލެއް މިއީ، ރިނިއުބަލް އެނަރޖީގެ ވާހަކަ ދޮގެއްތޯ؟ ދެން، މިހާރު ތެލުގެ ކްރައިސިސްއެއް ދުނިޔެއަށް އައިސްފައި މިއޮތީ ކޮންމެގޮތެއްވިޔަސް، ހަނގުރާމައިގެ ސަބަބުން. ދެން، ސަރުކާރުން މިދަނީ، ސަބްސިޑީއާއި، ވަކިވަކި ސިނާއަތްތަކަށް ދޭންޖެހޭ ލާރިއާއި، މާލީ އެހީތެރިކަން ޕްރިއޮރަޓައިޒްކޮށް ހަދަމުން. ކޮންމެގޮތެއްވިޔަސް، އަޅުގަނޑުމެންނަށް ކޮމަންސެންސްއިން އެނގޭ އެއްޗަކީ، ރިސޯސަސްއަކީ ފައިނައިޓް އެއްޗެއްކަން މިބުނީ، ލިމިޓްވެގެން ދާނެކަން. އެހެންވެ، ގާތްގަނޑަކަށް ރާއްޖޭގެ ހަކަތައިގެ ބޮޑު ޕަސެންޓޭޖެއް، ރައީސް ވިދާޅުވެފައި އޮތީ، ތެލަށް ބަރޯސާވެފައޭ. އެހެންވީމާ، މި ބަރޯސާ ކުޑަކުރުމަށް، ނޫނީވިއްޔާ މި ދަންނަވާ ރިނިއުބަލް ރިސޯސް ވިޔަސް، އަދި އިތުރު ކަމެއްވިޔަސް، ހަކަތަ ހޯދުމަށް މިހާރު ސަރުކާރުން އޮތް ޕްލޭނެއް، އޭރުގެ ސުވާލަށް ރައީސް ވިދާޅެއްނުވޭ ވަކި ސްޕެސިފިކް ޕްލޭނެއް އޮތް ވާހަކައެއް. އެހެންވީމާ، އެއަށް އިތުރު އަޕްޑޭޓެއް އެބަ އޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދެން، މައިގަނޑު ޕްލޭނަކީ، ތަރޓީ ތްރީ ޕަސެންޓް ޓާގެޓް އެޗީވްކުރުން. އިލެކްޓްރިސިޓީ ޑިމާންޑްގެ، ނޫނީވިއްޔާ މިކުރާ ޚަރަދުގެ ތަރޓީތްރީ ޕަސެންޓަކީ، ރިނިއުބަލް ސޯސަސްއިން ސޯސްކުރާ އެއްޗަކަށް ހެދުން. އެއީ، މައިގަނޑު ޓާގެޓް ޕްލޭނަކީ. ދެން، އެއާއެއްގޮތަށް، ޚާއްޞަކޮށް ސޯލަރ ޕަވަރއަށް އިންވެސްޓް ކުރުމުގެ ފަހި ފުރުޞަތުތައް ދިނުމުގެ މަސައްކަތްތައް އެބަ ހިނގާ. ދެން، މާލެއަތޮޅުގެ، މާލޭ ކައިރީގައި އޮތް ފަޅެއް މިހާރު އެއޮތީ އެކަމަށް ސެކިއޯ ކޮށްފައި. ފިނޭންސް މިނިސްޓްރީން އެކަމާ ގުޅޭ މަސައްކަތްތައް އެބަ ކުރިއަށް ގެންދޭ، އިންޓްރެސްޓެޑް ޕަރޓީޒަށް ހުޅުވާލައިގެން. ފިނޭންސްއޭ މި ދެންނެވީ، އެއީ ސަރުކާރުގެ ބަޖެޓުން ވަރަށް ބޮޑު އެއްޗެއް ސޭވްކުރެވިގެންދާނެ މިކަމާ ގުޅިގެން. ފިނޭންސްގެ ޕްރޮޖެކްޓެއް ގޮތުގައި. ދެން، ކަމާބެހޭ އެނަރޖީ މިނިސްޓްރީގެ ޓެކްނިކަލް ސަޕޯޓާ އެކީގައި. އެއީ، އެއް މަޝްރޫޢު. ދެން، މިހާރު ލައިސެންސެއް ދެވިގެން ހިނގާ މަޝްރޫޢެއް އެބައޮތް، މާލެއަތޮޅުގެ ފަޅެއް ދެވިގެން، ފްލޯޓިންގ ސޯލަރ ސިޓީއެއް.

ދެން، އޭގެއިތުރަށްވެސް އަޅުގަނޑުމެން ޗައިނާގެ ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކޮށްގެން ސޮއިކުރި އެމް.އޯ.އީ.އެއްގެ ދަށުން، ޑީޓެއިލްޑް އެގްރީމަންޓަކަށް އެބަދޭ، އަޅުގަނޑު ހަނދާންވަނީ، އަށާވީހަކަށް ރަށުގައި، ފުލީ ސޯލަރއަށް ބަދަލުކުރުމުގެ މަސައްކަތްތަކެއް. އެހެންވީމާ، ސޯލަރ ޕަވަރ ދެން މެއިންލީ. ޖުމްލަކޮށް، ރިނިއުބަލް ސޯސަސްއަށް ދިޔުމަކީ، އަޅުގަނޑުމެންގެ ވަރަށް ބޮޑު އިސްކަމެއްދޭނެ ކަމެއް. ކުރިއަށް އޮތްތާނގައި އަދި ވަރަށް ބޮޑަށް.

އަޙްމަދު ޝާބިން – ނުކުތާ އޮންލައިން:

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ރައީސްގެ މެނިފެސްޓޯގައިވެސް އޮތްކަމެއް އެއީ، ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރުން. މިހާރު ވަރަށް ބޮޑަށް އެއްތަނަކަށް ބަރޯސާވެފައި ހުރީ. ދެން، އަޅުގަނޑުމެންނަށް ފްލައިޓްތައް ކެންސަލްވުމާއި، މެދުއިރުމަތީގެ މި ހަމަނުޖެހުމުގެ ސަބަބުން، ވަރަށް ބޮޑަށް އަސަރުކުރިކަން. ރާއްޖޭގައި ނާޒުކުކަން އެބަހުރި. ދެން، ރައީސް މިހާރު އުފައްދަވާފައި ހުރި ކްރައިސިސް ކޮމިޓީއާ، މި ތަންތަނުންވެސް އަނެއްހެން، ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކޮށް، އަދި އިތުރަށް ވަރުގަދަކުރަން، އިތުރު އެއްވެސް ކަހަލަ ޕްލޭނެއް ހުރިކަން ފާހަގަނުކުރާތީވެ، އެހެންވެ އިތުރު ޕްލޭނެއް އޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އަޅުގަނޑުމެން ތެރޭގައި ކެބިނެޓް ލެވެލްގައި ވަރަށް ޑީޓެއިލްކޮށް ޑިސްކަސްކުރާ ކަމެއް ތިއީ. ދެން، ވިޒިޓަރ އިކޮނޮމީ ކޮންސެޕްޓްގައި، އިތުރު ދިމަދިމާއަށް ޓޫރިޒަމް ފުޅާކުރުން. އެއީ، އިތުރަށް އަޅުގަނޑުމެން މަސައްކަތްކުރާނެ ކަމެއް އެއް ކަމަކަށް.

ދެން، އަޅުގަނޑުމެންގެ ރިއަލް އެސްޓޭޓް އިންޑަސްޓްރީ ވަރަށް ބޮޑަށް ފުޅާކުރުން. ބޭރުގެ ފަރާތްތައް ރާއްޖެ އައިސް، އިންވެސްޓް ކުރުން. އިންޓަރނޭޝަނަލް ވަރަށް ބޮޑެތި އިންވެސްޓަރުން އެބައުޅޭ އެ ދާއިރާގައި. ދެން މިހެންގޮސް، ވަރަށް ގިނަ ކަންކަމަށް އިތުރަށް މަސައްކަތް ކުރެވިގެންދާނެ. ދެން، ކުރިއަށްހުރި މިނިސްޓީރިއަލް ލެވަލް ޕްރެސް ކޮންފަރެންސްތަކުގައި، އަޅުގަނޑު ހިތުން އެބޭފުޅުން މިއިން ބައެއް ކަންކަން ދާނީ ކިޔައިދެމުން.

ރިޟްވާން މޫސާ – އަސްލު ޓީ.ވީ:

ކިހިނެއްތޯ މަނިކުފާނު؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ރަނގަޅު އިރާދަކުރެއްވީތީ.

ރިޟްވާން މޫސާ – އަސްލު ޓީ.ވީ:

އެހެން ބޭފުޅުންވެސް ސުވާލު ކުރައްވައިފި. 33 ޕަރސެންޓް މުވައްޒަފުން ސަރުކާރުން ވަކިކުރާ ވާހަކަ. ދެން ކޮންމެވެސް ވަރަކަށް އަލި އަޅުވައިލާނަން ސުވާލުކުރުމުގެ ކުރިޔަށް. މެދުއިރުމަތީގެ ހަނގުރާމަ މި ފެށީ ފެބްރުވަރީ 28ގައި. ދެން އަޅުގަނޑު އިއްޔެވެސް ތަކުރާރުކޮށް މި ސުވާލުކޮށްފިން ފިނޭންސް މިނިސްޓަރާވެސް. ހަނގުރާމަ ފެށިގެން ޚަރަދުތަކެއް ކުޑަކުރާ ވާހަކަ މި ދައްކަނީ. ހަނގުރާމަ ފެށުނު ފަހުން ހަނގުރާމައިގައި މި ދާ ޑިއުރޭޝަންގެ ތެރޭގައި، ޓޫރިޒަމްގެ ކަންތައްތައް ރަނގަޅުވަމުން އަންނަކަން މިނިސްޓަރ ފާހަގަކުރައްވާ. އަދި ރާއްޖެ އިޤްތިޞާދުވެސް ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވާ. ދެން އަދި މަސްވެރިންނަށް ލިބޭ ތެޔޮވެސް ލިބޭނެ ކަމަށް މިނިސްޓަރ ފާހަގަކުރައްވާ. ދެން މިކަހަލަ ވަރަށް ޕޮޒިޓިވްޓީ ހައިގޮތަށް ކަންކަން ކުރިޔަށް ދާކަމަށް ވަރަށް ބޮޑަށް މިނިސްޓަރުންގެ ވާހަކަފުޅުތަކުން އެބަ އެނގޭ. އަދި މިއާއެކު މިއައީ އިންތިޚާބެއް. ލޯކަލް ކައުންސިލް އިންތިޚާބެއް. ރައްޔިތުން ބޭނުންވެގެން ކުރާ ސުވާލެއް އަޅުގަނޑުގެ މި ސުވާލަކީ. މަނިކުފާނު ވާހަކައިގައި އަބަދުވެސް ފާހަގަކުރައްވާ އެބަ، ރައްޔިތުން ބޭނުންފުޅުވެލައްވާ ގޮތަކަށް ވެރިކަން ތިމަންނަ ކުރިއަށް ގެންދާނަމޭ. ރައްޔިތުން ބޭނުންވާ ގޮތް ނޫން އިތުރު ގޮތަކަށް ވެރިކަމެއް ކުރިޔަކަށް ނުގެންދާނަމޭ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން. މިއީ މިކަމަކީ ރައްޔިތުން ބޭނުންވެގެން ކުރާކަމެއްތޯ؟ މިއީ ވަރަށް ގިނަ ބައެއްގެ ޙައްޤުތަކާ ގުޅުންހުރި ކަންކަން މިއީ ޙަޤީޤަތުގައި. ވަޒީފާ ދެއްވާފައި، ވަޒީފާތަކުން މީހުން ވަކިކުރުން މިކަމަކީ. މިކަމަކީ ޚަރަދު ކުޑަކުރުމުގެ ގޮތުން ކުރާ ކަމެއްތޯ ނުވަތަ ރައްޔިތުން ބޭނުންވެގެން ކުރާ ކަމެއްތޯ؟ ކޮބައިތޯ މިކަމުގައި މަނިކުފާނު ދެއްވާ ޖަވާބަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އަޅުގަނޑު ހިތުން ތިއަށް ޖަވާބު ދެވިއްޖެ. ރައްޔިތުން ބޭނުންވޭ ކުޑަ ސަރުކާރެއް ހިންގަން. މި ޚަރަދު ކުޑަކުރަން. ދެން އަޅުގަނޑުމެން ސަރުކާރުގެ މަގާމުތަކުން، ވަޒީފާތަކުން ބައެއް ފަރާތްތައް ރިލީޒް ކުރިކަމުގައިވިޔަސް، އޯލްޓަރނޭޓިވް ރޫޓްސް، ގޮތްތަކެއް އެބަ ހޯދައިދެން އެފަރާތްތަކަށް އާމްދަނީ ހޯދޭނެ. މިސާލަކަށް އެސް.އެމް.އީ. ޑިޖިޓަލްއިން އިތުރަށް ކުރިޔަށް އޮތްތާނގައި އެކި ކަހަލަ ކުދި ލޯނުތައް، މައިކްރޯ ސްމޯލް، އަދި މީޑިއަމް އެކި ކަހަލަ އިންވެސްޓްމަންޓްތަކަށް ލޯނު ދޫކުރުން އިތުރުވެސް ކުރާނެ. ޕްރައިވެޓް ސެކްޓަރ ތެރެއަށް ދިއުމުގައި އިތުރު އިންސެންޓިވްތައް ލިބިގެންދާނެ. އެހެންވީމާ، ހަމައެކަނި ސައިޒް ކުޑަކުރުމުގެ ޚަރަދު ކުޑަކުރަނީކީއެއް ނޫނޭ. ޚަރަދު ކުޑަކުރުމާއެކީގައި ވަށައިޖެހޭ ސިޔާސަތެކޭ މި ގެންގުޅެނީ. ޕްރައިވެޓް ސެކްޓަރގެ ފުރުޞަތުތައް ފަހިކުރެވިގެން ދިޔުން. މިހާރު ވަރަށް ގިނަ މަޝްރޫޢުތައް މިހިރީ ސަރުކާރުން އެކިއެކި މޮޑެލްތަކުގެ ތެރެއިން، އެކި ޕްރައިވެޓް ސެކްޓަރ ކުންފުނިތަކަށް ދީފައި. ބީ.އެމް.އެލް.ގެ ކޮންޓްރެކްޓް ފައިނޭންސިންގ މޮޑެލްގެ ތެރެއިންވެސް ގާތްގަނޑަކަށް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢުތައް އެހެރީ ހަވާލުކޮށްފައި. ހައުސިންގ ޕްރޮޖެކްޓްތައްވެސް، ގާތްގަނޑަކަށް 4000އެއްހާ ހައުސިންގ ޔުނިޓް އެވަނީ މުޅިން ޕްރައިވެޓް ސެކްޓަރއަށް ދެވިފައި. މި ކޮންމެ މަޝްރޫޢެއްގެ ޗެއިންގެ ތެރޭގައި، ލޮޖިސްޓިކް ޗެއިންގެ ތެރޭގައި، އެޑްމިނިސްޓްރޭޓިވް ޗެއިންގެ ތެރޭގައި ވަރަށް ގިނަ ޕްރައިވެޓް ސެކްޓަރ ކުންފުނިތައް އަންނާނެ. މިހުރިހާ ތަނަކަށްވެސް ވަޒީފާއަށް މީހުން ބޭނުންވާނެ. އަދި އަމިއްލައަށް ވަޒީފާ ފަށަންވެސް މި ދެންނެވިހެން ޚާއްޞަކޮށް އެސް.އެމް.އީ. ޑިޖިޓަލްގެ ތެރެއިން، ބީ.އެމް.އެލް.ގެ ތެރެއިން ވަރަށް ގިނަ ފުރުޞަތުތައް ކުރިޔަށް އޮތްތާނގައި ލިބޭނެ. އަދި އަންހެނުންނަށް ޚާއްޞަ ލޯނުތައް މި އަހަރުގެ ތެރޭގައި ދޭން ހުރި ލޯނުތައްވެސް އަވަހަށް ދޫކުރުމުގެ މަސައްކަތްވެސް އަންހެން އެންޓަރޕްރިނަރސް އުފެއްދުމަށް ދޭން ހުރި ލޯނުތައްވެސް ދިނުމުގެ މަސައްކަތް ހިނގާނެ. ދެން ހަމައެއާއެކީގައި، ވަށާޖެހޭ ސިޔާސަތެއްވީމާ މިއާ ވަރަށް ގުޅިފައި އޮންނާނެ ހައުސިންގ. ހައުސިންގއަށް އެފޯރޑެބްލް ކުރުމަށްޓަކައި ބޭންކް ތެރެއިން އަޅުގަނޑުމެން މިވަނީ ވަރަށް ބޮޑެތި ފުރުޞަތުތަކެއް، އިކުއިޓީ ކުޑަކޮށްދީ ކަންކަންވެސް ކޮށްދީފައި. އެހެންވީމާ، އަދި އޭގެ އިތުރަށް މިހާރު މަޖިލީހުގައި އެއޮތީ ޕެންޝަން ޤާނޫނަށްވެސް އިޞްލާޙްތަކެއް ހައުސިންގއަށް ފުރުޞަތުތައް ފަހިވާ ކަހަލަ އިޞްލާޙްތަކެއްލާފައި. އެހެންވީމާ، މިކަންކަން ފާސްވެގެން ދިޔައީމަވެސް ބޯހިޔާވަހިކަމުގެވެސް އިތުރު ލުއިތަކެއް މި އަންނަނީ. އެހެންވީމާ، ވަޒީފާ ލިބޭނެ ފުރުޞަތުތަކާއި، ބޯހިޔާވަހިކަމުން ފުރުޞަތުތައް ފަހިކުރުމާއެކީގައި، ސަރުކާރުގެ މަގާމުތަކުން، ސަރުކާރުގެ ވަޒީފާތަކުގައި، ސަރުކާރުގެ އެސް.އޯ.އީ.ތަކުގައި ވަޒީފާތަކުގެ ތިބި މީހުން އަދަދު މި މަދުވަނީ. އެހެންވީމާ، އެއީ ވަށާޖެހޭ އިޞްލާޙެއް.

ރިޟްވާން މޫސާ – އަސްލު ޓީ.ވީ:

ދެން ހަމައެއާއެކު އިންތިޚާބަށް، އިންތިޚާބު ދުވަސްވަރާ ދިމާކޮށް ވަޒީފާތަކެއް ލިބުނީމާ، އިންތިޚާބު ނިމިގެން އައިމާ، ވަޒީފާތަކެއް އުނިވީމާ، އެ ސުވާލުތައް ރައްޔިތުން އެބަ ކުރައްވާ. ސުވާލަކީ ޙަޤީޤަތުގައި ރައްޔިތުން ބޭނުންވެގެންތޯ ނުވަތަ މަނިކުފާނު ބޭނުންވެގެންތޯއޭ އެކަން އެގޮތަށް ކުރެއްވީ ވަޒީފާތައް ދިނުމުގައި، މިއަދު ވަޒީފާތަކުން ވަކިކުރުމުގައި؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ސުވާލުގެ ޖަވާބަކީ، ކޮންމެގޮތެއްވިޔަސް ރައްޔިތުން ބޭނުންވާގޮތް އަޅުގަނޑު އިސްކުރަމޭ. އެހެންވީމާ، ރައްޔިތުން ބޭނުންވެލައްވަނީ ސަރުކާރު ހިންގާ ގޮތް އިސްލާހުކުރަން. ނުރަނގަޅުކޮށް ކުރެވިފައި ހުރި ކަންތައްތައްވިއްޔާ ރަނގަޅުކުރަން. އަޅުގަނޑަކީ ނުރަނގަޅުކޮށް ކުރެވޭ ކަމެއްވިއްޔާ އެކަން ގަބޫލުކޮށް، އެކަމެއް ރަނގަޅުކުރުމަށް ފަސްޖެހޭނެ މީހެއް ނޫން. އަޅުގަނޑު ހަމަ ޙަޤީޤަތުގައިވެސް އިސްކުރަނީ ރައްޔިތުން ބޭނުންވާގޮތަށް ކަންކަންކުރުން ކަމުގައިވާތީ، އަދި އަޅުގަނޑަކީ، ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރާ މީހަކަށް ވާތީ، އަޅުގަނޑު ބޭނުންވަނީ ވީހާވެސް ރަނގަޅު އިސްލާހީ ބަދަލުތަކެއް، ދެކޮޅުޖެހޭގޮތަށް، ވަށާޖެހޭގޮތަށް ގެންނަން. މި ދެންނެވި ފަދައިން، މި ލޯނުތައް ދޭއިރުގައިވެސް، މި ދެނީކީ ކުދިކުދި އަދަދުތަކެއް ނޫން. މުޅި ޖުމްލަކޮށް އެސް.އެމް.އީ. ޕޯޓްފޯލިއޯއިންވެސް 250 ނުވަތަ 50 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނުދޭނެ. އެހެންވީމާ، ވަރަށް ގިނަ ފަހި ފުރުޞަތުތައް ލިބިގެންދާނެ މި ބަދަލުތަކާ އެކީގައި.

ރިޟްވާން މޫސާ – އަސްލު ޓީ.ވީ:

ދެން މަނިކުފާނު އުމްރާގެ ދަތުރަށްފަހު، މުލީއާގޭގައި އުއްތަމަ ފަނޑިޔާރާ ބައްދަލުކޮށްލި ވާހަކަ އަޅުގަނޑުމެންނަށް ހަބަރު ލިބިފައިވަނީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

މިހާރު ތީގައި އެބައޮތޭ ވަރަށް ހެއްވާކަމެއް. އަޅުގަނޑަށް ނޭނގި ކިހިނެއް އަޅުގަނޑާ ބައްދަލުކުރާނީ. އަޅުގަނޑަށް އެނގިފައެއް ނެތް އަޅުގަނޑު ބައްދަލުކުރި ކަމެއް. ގައިމުވެސް އަޅުގަނޑަށް ބައްދަލުކުރާކަށް އުއްތަމަ ފަނޑިޔާރު ވަޑައެއްނުގަންނަވާ މުލީއާގެއަކަށް. މުލީއާގެއިން އަޅުގަނޑާ ބައްދަލުނުކުރެވި، ބައްދަލުކުރައްވަން ވަޑައިގެންފިއްޔާ ވަރަށް ބޮޑު މައްސަލައެއް އެއީ.

ރިޟްވާން މޫސާ – އަސްލު ޓީ.ވީ:

އެހެންވީމާ، އޭގެ ޖަވާބަކީ ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އެހެންވީމާ، ތަނެއްގައި ލިޔާހާ ވާހަކައެއް ތެދަކަށް ނުވާނެއްނޫންތޯ؟ މިހާރު މިއޭ މި ވާގޮތަކީ. ނޫސްވެރިން ހަމަ ތަނަކުން އިވޭ ވާހަކައެއް، މި ގޮސިޕް ފަތުރާކަށް ނޫން.

ރިޟްވާން މޫސާ – އަސްލު ޓީ.ވީ:

ނޫން. ނޫން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ގޮސިޕަކީ ނޫސްވެރިކަން ކަމަށް ބަލައިގެންފިއްޔާ ރާއްޖޭގައި ނޫސްވެރިކަން އެއްގޮތަކަށްވެސް ކުރިޔަކަށް ނުދާނެ. އެއީ ގޮސިޕް. ގައިމުވެސް ތެދެއް ނެތް ވާހަކައެއް އެއީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑެއް ގައިމުވެސް މުލީއާގެ ތެރެއަކު އަދި ސަރުކާރުގެ އެއްވެސް ބޭފުޅަކުވެސް، ހަމަ ޔަޤީނުންވެސް އުއްތަމަފަނޑިޔާރާ ބައްދަލުކޮށްފައެއް ނެތް.

މަރްޔަމް އިސްއާދާ – ޗެނަލް 13:

السلام عليكم ރައީސް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

وَعَلَيْكُمُ السَّلاَمُ

މަރްޔަމް އިސްއާދާ – ޗެނަލް 13:

އަޅުގަނޑު، އަޅުގަނޑުގެ ސުވާލަށް ޖެހިލުމުގެ ކުރިން، ހަމަ ޕީ.އެސް.އެމް.އިން އެއްސެވި ސުވާލަށް ރައީސް ޖަވާބުދެއްވަމުން މި ވިދާޅުވި ވިދާޅުވުން، ނުވަތަ ދެއްވި ޖަވާބާ ގުޅިގެން އަޅުގަނޑު ހިތުގައި އަދިވެސް ހަމަ އޮޅުންއަރާތީވެ، އެއްޗެއް ސާފުކޮށްލަން އަޅުގަނޑު ބޭނުންވަނީ. ޕީ.އެސް.އެމް.ގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވެއްޖެ، ދެން ޤާނޫނުއަސާސީ އިޞްލާޙު ގެނައުމުގެ ވިސްނުމެއް ނެތްކަމަށް. އަދިވެސް އޮޅުންއަރާތީ ހަމަ މި އަހާލަނީ، ޖޭ.އެސް.ސީ. ކޮމްޕޮޒިޝަން އަދި މަޖިލިސް މެންބަރުންގެ އަދަދު ހިފެހެއްޓުމުގެ އިޞްލާޙު މި ނުގެންނާނެތޯ. އެއީ އެކަންކަން ކުރެވެން މިއޮތީ ދިވެހިރާއްޖޭގެ ފެހި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެސްގެންކަމަށް އަޅުގަނޑަށް ލިބިހުރި މަޢުލޫމާތުން އެނގެން އޮތުމުން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ޖުމްލަކޮށް އަޅުގަނޑު މިދެންނެވީ ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ ރައްޔިތުން ބަލައިގަންނަ، ނޫނިއްޔާ އެހާ ތަރުހީބުދޭ ކަމެއް ނޫންކަމޭ މިފަހަރު މި ފެނިގެން މި ދިޔައީ. އެހެންވީމާ، ކުރިޔަށް އޮތްތާނގައި އަޅުގަނޑު މަޝްވަރާކުރާނަން، އަޅުގަނޑުމެންގެ އެޓަރނީ ޖެނެރަލްއާ އަދި ކަމާބެހޭ ބޭފުޅުންނާ އެކީގައި. އެއީ ކޮންމެގޮތެއްވިޔަސް، އަޅުގަނޑު އިޢުލާނުކޮށްފައި އެޖެންޑާގައި އޮތްކަމެއް ޖޭ.އެސް.ސީ.ގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ. އެހެންވީމާ، ކޮންމެހެން ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަކީ، އޭގެތެރޭގައި އިސްތިސްނާވާންޖެހޭނެ ކަންކަންކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެކަމަކު ޖުމްލަކޮށް އަޅުގަނޑަށް މި ގަބޫލުކުރެވެނީ، ހަމަ ޖުމްލަގޮތެއްގައި ރައްޔިތުންގެ ވިސްނުމަކު ނެތް ޤާނޫނުއަސާސީ އިޞްލާޙުކުރުން އެއީ، ތާއީދުކުރާ ކަމެއްކަމަކަށެއް. އެހެންނަމަވެސް، އަޅުގަނޑު މާކުރިން އިޢުލާންކޮށްފައި އޮތްކަމެއް ރިޔާސީ ބަޔާނުގައިވެސް، މިއީ ޖޭ.އެސް.ސީ އިޞްލާހުކުރުން ނޫނިއްޔާ ކޮމްޕޮޒިޝަން ބަދަލުކުރުން. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން އެކަން ކުރެވޭނެ މަގެއް ހޯދައި، ހަމަ އެގޮތަކަށް ކުރިޔަށްދާން.

މަރްޔަމް އިސްއާދާ – ޗެނަލް 13:

ދެން އެ ވަޢުދު އެހެންވިއްޖެއްޔާ ފުއްދާނަމޭތޯ ވިދާޅުވަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ އެއީ އަޅުގަނޑުގެ ހަމަ ވިސްނުމަކީ.

މަރްޔަމް އިސްއާދާ – ޗެނަލް 13:

އެހެންވީމާ، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުންތޯ!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އެހެންވީމާ، އެކަން ކުރެވޭނެގޮތެއް، ހަމަ ކޮންމެގޮތެއްވިޔަސް ޖުމްލަކޮށް އެނގުނު އެއްޗަކީ ޤާނޫނުއަސާސީ އިޞްލާޙު ކުރުމަކީ ރައްޔިތުން ތާއީދުކުރާކަމެއް ނޫންކަން. އެހެންވީމާ، އޯވަރއޯލްކޮށް ޤާނޫނުއަސާސީ އިޞްލާޙުކޮށްގެން ގިނަ ބަދަލުތަކެއް ގެނައުމަކީ އަޅުގަނޑު ކުރާނެ ކަމެއްނޫނޭ. އެހެންނަމަވެސް، މާކުރިން ވަރަށް ކްލިއަރ ކަޓްކޮށް އަޅުގަނޑު ބުނެފައި އޮންނާނެ ޖޭ.އެސް.ސީ. އިޞްލާޙުކުރާނެ ކަމަށް. އެހެންވީމާ، އެކަމަށް އަޅުގަނޑު ގޮތްތަކެއް ހޯދަން ގަސްދުކުރަން.

މަރްޔަމް އިސްއާދާ – ޗެނަލް 13:

އަޅުގަނޑުގެ ސުވާލަކީ، ރައީސް ދެން ހަމަ ވަރަށް ބޮޑަށް ވިދާޅުވޭ، މަނިކުފާނު ފަލަސްޠީނަށް އިސްރާއީލުން އެ ދެމުންގެންދާ ހަމަލާތަކާ ދެކޮޅު ކަމަށް. ދިވެހި ސަރުކާރު ހަމަ އަބަދުވެސް ދެމި އޮންނާނީ ފަލަސްޠީނާއެކު ކަމަށް. އަދި އަޅުގަނޑު ހަމަ ކުރީ ދުވަހެއްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވި، އިސްރާއީލަކީ ހަމަ ސީދާ ނިރުބަވެރި ޤައުމެކޭ، ނިރުބަވެރި ހަމަލާތަކެކޭ އެ ދެމުން ގެންދަނީ. އަޅުގަނޑުގެ ސުވާލަކީ، އިސްރާއީލަށް އެހީވަމުންދާ ކުންފުނިތައް ބޭން ކުރަން ދިވެހި ސަރުކާރުގެ ވިސްނުމުގައި އެބަހުރިތޯ. އެއީ، ބައެއް އެހެން ޤައުމުތަކުން އެފަދަ ފިޔަވަޅުތައް އަޅާފައިވާތީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު ހިތުން ދިވެހި ސަރުކާރަށްވުރެ ބޮޑަށް އިޒްރޭލުން އެދޭ ހަމަލާތަކާއި އަނިޔާއާ ދެކޮޅަށް ކަންކުރި ބަޔަކު މަދުވާނެ. ނެތެކޭއެއް ނޫން. އަޅުގަނޑުމެން މިވަނީ އެ ޤައުމުގެ ޕާސްޕޯޓް ހިފައިގެން ރާއްޖެއަށް ނޭރޭގޮތް ހަދާފައި. ދެން އަދި އެއާއެކު، ފަލަސްޠީން ރައްޔިތުންނަށްޓަކައި ދިވެހި ކޮންމެ ރައްޔިތަކުވެސް، ދިވެހި ލޭ ހިނގާ ކޮންމެ ރައްޔިތަކު މި ހުރީ ސަތޭކަ ސަތޭކަ ފަލަސްޠީން ރައްޔިތުންނާ އެކީގައި. އަޅުގަނޑުމެންގެ ތެރޭގައި އެއާ ޚިޔާލު ތަފާތު އެކަކުވެސް ނުހުންނާނެ. އެހެންވީމާ، މި ސަރުކާރުވެސް މިއޮތީ 100 ޕަރސެންޓް ފަލަސްޠީން ރައްޔިތުންނާ އެކީގައި. ދެން އިތުރަށް ދެން އަޅާނީ ކޮން ފިޔަވަޅުތަކެއްތޯ. އެއީ އަޅުގަނޑުމެން ތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ނިންމާނެ ކަންކަން. އެހެންވީމާ، އޭގައި އަޅުގަނޑުމެން ވަރަށް އޯޕެން މައިންޑެޑް. އެހެންވީމާ، އަވަސްކޮށްލެއްވީމާ ރަނގަޅުވާނެ. މިހާރު އެއް މިނިޓް ހުރީ.

މަރްޔަމް އިސްއާދާ – ޗެނަލް 13:

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، އޮކްޓޫބަރު 2024 ގައި އިންޑިއާއިން ދިވެހިރާއްޖޭގެ ސަރުކާރަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕުގެ ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށް، ދިވެހި ސަރުކާރުން އެދިފައިވާކަމަށް އިންޑިއާގެ ދެ ނޫހެއްގައި އެބަވޭ ރިޕޯޓުކޮށްފައި. ދިވެހި ސަރުކާރުން މިގޮތަށް ވާނެތޯ އެދިފައި؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑުމެން ތިކަންކަމުގައި އިންޑިއާ ސަރުކާރާއެކީގައި އަޅުގަނޑުމެންނާ ވަރަށް ގާތް ސަރުކާރެއް، ވަރަށް ގާތް ޤައުމެއްވީމާ އަބަދުވެސް މަޝްވަރާ ކުރަމުންދަން. އަޅުގަނޑުމެންނަށް މިހާތަނަށްވެސް ދަތިވެފައި ހުރިއިރު ކޮންމެފަހަރަކު އަޅުގަނޑުމެންނަށް އެހީތެރިކަންދީފައިވާ ޤައުމެއް އިންޑިއާ އަކީ. އެހެންވީމާ، އިންޑިއާއާ އެކީގައި އަޅުގަނޑުމެން ދާނީ ކުރިޔަށް މިއޮތްތާވެސް ގާތް ގުޅުން ބާއްވަމުން، މަޝްވަރާކުރަމުން.

އާދެ، ގަޑި ހަމަ ގާތްގަނޑަކަށް ޖެހިއްޖެ އެކަމަކުވެސް އިތުރު ބޭފުޅަކު. ވަރަށް ކުރުކުރުކޮށް ދާކަމަށްވަންޏާ އަޅުގަނޑު ބޭނުން ބާކީ ތިން ބޭފުޅުން ތިބީ. ނިންމާލެވޭތޯ ބަލަން. ވީހާވެސް ކުރުކުރު ސުވާލު އަންނަންޏާ. ގަޑި ހަމަވެއްޖެ އެކަމަކު.

އާމިނަތު ޝަފާ – އެމް.އެމް.ޓީ.ވީ.:

ސަރުކާރުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ނިމިދިޔަ ހަފުތާގެ ތެރޭގައި މިވަނީ ވުޒާރާތައް އެކުލެވިގެންވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައި. ކުރިން ވުޒާރާތަކުގެ ދަށުން ހިންގަމުން އައި ބޮޑެތި މެންޑޭޓްތައް އެހެން ވުޒާރާތަކެއްގެ ދަށަށް ދިއުމާ އެކީގައި، އެ އިދާރާތަކަށް ދެވޭ އަހަންމިއްޔަތު ކުޑަވެ، ދާއިރާތަކަށް ހީނަރުކަން އައުމަކީ، އަޅުގަނޑުމެންނަށް މީގެ ކުރީގައިވެސް ސަރުކާރުތަކުން ފެނުނު މަންޒަރެއް. މި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އަދި ރައްޔިތުންގެވެސް ކަންބޮޑުވުމެއް އޮތްކަމަކަށް މިކަން ވެގެން ދާއިރުގައި، މި މަގުން ކަން ނުހިނގާނެ ގޮތެއް ކަށަވަރުކުރުމަށްޓަކައި، އަދި ވުޒާރާތަކުގެ ހިންގުންތެރިކަން އެންމެ މަތީފެންވަރުގައި ދެމެހެއްޓުމަށްޓަކައި ކޮބައިތޯ މަނިކުފާނުގެ ތަޞައްވުރަކީ އަދި ވިސްނުންފުޅަކީ. އަދި ސަރުކާރުން ރާވާފައިވާ ކަންކަމަކީ ކޮބާތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ތިޔަ ކަންބޮޑުވުން އަޅުގަނޑާ ހަމައަށް އައިސްފައި އެބައޮތް. ކޮންމެ މިނިސްޓްރީއެއްގެ މަސައްކަތްތައް އެތުރި ގޮތަށް ބަލާއިރުގައި، އޭގައި ލޮޖިކަލީ ގުޅިގެންދާ ވަރަށް ގިނަ ގޮތްތައް ފެނިވަޑައިގަންނަވާނެ. ސިނަރޖީތައް އުފެދިގެންދާ ގޮތް. އެއް މިނިސްޓްރީއެއްގެ ތެރެއަށް އެހެން މިނިސްޓްރީއެއްގެ އެއްބައި، ނޫނީ ދެ މިނިސްޓްރީއެއް އެކުވެގެން ދިޔުމުން އެ އަންނަ ކޮމްޕްލިމެންޓްރީ އިފެކްޓް، އަދި ހަމައެއާއެކީގައި އަންނަ ފައިދާތައް. އެހެންވީމާ، ކުރިޔަށް އޮތްތާނގައި އިރާދަކުރެއްވިއްޔާ ވަރަށް އެފިޝެންޓްކޮށް، ވަރަށް ބާރަށް، ވަރަށް ރަނގަޅަށް އިރާދަކުރެއްވިއްޔާ އެ ކޮންމެ މިނިސްޓްރީއެއްގެ ސެކްޓަރތަކުގެ ތެރެއިން ޚިދުމަތް ލިބިގެންދާނެ.

އަޙްމަދު އިޔާދު – ސަން އޮންލައިން.:

السلام عليكم ރައީސް. އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ ކުންފުނިތަކުގައި ތިބި މުވައްޒަފުން އަދަދު މަދުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށައިފައިވާއިރުގައި، މިދިޔަ ކައުންސިލް އިންތިޚާބާ ގުޅުވައިގެންވެސް ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން އެތައް ސަތޭކަ މުވައްޒަފުންނެއް، ހަމަ ސީދާ ރައީސް އޮފީހުގެ އެޕްރޫވަލްއާއެކު ނެގިކަމުގެ މަޢުލޫމާތު ލިބިފައިވޭ. އަދި ބައެއް ކުންފުނިތަކުގައި އެއްވެސް މަސައްކަތެއްނުކޮށް ތިބެގެން، ހަމައެކަނި މުސާރަ ނަގާ މުވައްޒަފުންވެސް އެބަތިބިކަމަށް މަޢުލޫމާތު ލިބޭ. ދެން އެފަދައިން މުސާރަލިބޭ ބައެއް ފަރާތްތަކުންވެސް ހަމަ ކަށަވަރުކޮށްދޭ ތެދު ޚަބަރެއްކަން. ދެން ރައީސް ސާފުކޮށްދެއްވަފާނަންތޯ އެއީ ކިހިނެއް ހިނގާފައި އޮތްކަމެއްކަން ދެން ނުވަތަ ސީދާ ރައީސަށް އެނގިގެން ހިނގާފައި އޮތްކަމެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ހަމަ ކުރިން ޕްރެސްގައިވެސް ދެންނެވިން، ވަރަށް ގިނަ މަޝްރޫޢުތައް ކުންފުނިތަކުގައި އެބަހުއްޓޭ. ދެން މަޝްރޫޢުތައް ހިންގަން ރަށްރަށުން ހަމަ ކޮންމެގޮތެއްވިޔަސް މުވައްޒަފުން ނަގަން ޖެހޭނެ. އަޅުގަނޑު ރަށްރަށަށް ދަތުރުތައް ކުރިއިރުގައި ފާހަގަވީ، ބައެއް ރަށްރަށުގައި މަޝްރޫޢުތައް ހިންގަން އެ ރަށަކުން މުވައްޒަފުން ނުލިބިގެން، ތަންކޮޅެއް އާބާދީ ކުދި ރަށްރަށުން، މުވައްޒަފުން ނުލިބިގެން ޖެހިގެން އޮތްރަށުން މީހުން ނަގަންވެސް އިޢުލާނުކޮށްގެން އުޅެންވެސް ޖެހުނު. އެއީ ކޮންމެގޮތެއްވިޔަސް، ލޯކަލީ އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުން، މުވައްޒަފުންގެ ގޮތުގައި، މަސައްކަތްތެރިންގެ ގޮތުގައި ނަގައިގެން މަސައްކަތް ކުރިއްޔާ އަގުވެސް ހެޔޮވާނީ. އެކޮމޮޑޭޝަން ދިނުމުގައި މިސާލަކަށް ދޮގެއްތޯ. އެހެންވީމާ، ވަރަށް ގިނަ މަޝްރޫޢުތަކެއް އެބަހުރި. މަޝްރޫޢުތައް ހިންގަން މުވައްޒަފުން ބޭނުންވާނެ. ދެން އޭގެ އިތުރަށް ބޭކާރުކޮށް ތިއްބެވިއްޔާ، މިހާރު މިދިން 33 ޕަރސެންޓް ޓާގެޓްގެ ތެރެއިން ހަމަ ޕަރފޯމަންސް ބޭސްކޮށް ބަލާފައި ދޫކޮށްލުމުގެ ސިޔާސަތެއް ގެންގުޅޭނީ އިތުރަށް ތިބިއްޔާ. ބޭކާރުކޮށް، މި ދެންނެވީ މަސައްކަތެއް ނުކޮށް، ކުންފުންޏަށް ފައިދާނުވާ ގޮތަކަށް ތިބިއްޔާ.

އަޙްމަދު އިޔާދު – ސަން އޮންލައިން.:

ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކަށް، މިހާރު ރައީސް މިއަދު އަދި ރައީސް އޮފީހުންވެސް މި ވިދާޅުވެފައި އެބައޮތް، ކެބިނެޓް މި އެކުލަވާލީ ރައްޔިތުންގެ ވިންދާ އެއްގޮތަށްކަމަށް. ދެން އަލަށް ޢައްޔަންކުރި ވަޒީރުންގެ ތެރޭގައި އެބަ ހިމެނޭ، އާޓްސް އެންޑް ކަލްޗަރ މިނިސްޓްރީއަށް ޢައްޔަންކުރެއްވި ހީނާ ވަލީދު. ދެން ހީނާ، އެންސްޕާގައި ހުންނެވިއިރުވެސް ތުހުމަތުތަކެއް އަމާޒުވި. އެގޮތުން އޮފީސް ހިންގުމަށް ބޮޑު އަގުގައި އެމް.އެމް.ޓީ.ވީ. އިމާރާތް ކުއްޔަށްނެގި ތުހުމަތާއި، ދެން މިފަހުން ހަ އަހަރުގެ ތުއްތުކުއްޖަކު ނިޔާވި މައްސަލައިގައި އެންސްޕާގެ އިހުމާލު އޮތްކަމަށްވެސް އެ ތުހުމަތުވެސް އެބައޮތް. ދެން އަނެއްކޮޅުން މި އެންވަޔަރަންމަންޓް މިނިސްޓަރކަމަށް ޢައްޔަން ކުރެއްވި އަލީ ޝަރީފް. މީގެ ކުރިން، ސޯޝަލް މީޑިއާގައި ކޮށްފައިވާ ހުތުރު ބަސްމަގުގެ ޕޯސްޓްތައްވެސް އަމާޒުވެ، އާންމުންގެވެސް ހަމަ ފާޑުކިޔުން އަމާޒުވެފައި އޮތް މައްސަލައެއް އެއީ. އެހެންވީމާ، އަޅުގަނޑު އަހާލަން ބޭނުންވަނީ، ކޮންގޮތަކުން ކޮން އުސޫލަކުން ބަލައިފައިތޯ މި އަސްލު ވަޒީރުން މި ޢައްޔަން ކުރައްވަނީ؟ އެހެންވީމާ، މިއީ ރައްޔިތުންގެ ވިންދާ އެއްގޮތަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަދުލުވެރިވާންޖެހޭނެ. އަޅުގަނޑުމެން މީހަކަށް ތުހުމަތެއް ކުރުމަކީ އަދި ޙަޤީޤަތަކަށް އެކަންވާންޖެހޭ ސަބަބެއް ނޫން. ތުހުމަތު ކުރެވިދާނެ ހަމަ ބޭނުން ވާހަކައެއް ހަދައިގެންވެސް. ހަމަ ހުސް ދޮގުހަދައިގެންވެސް ތުހުމަތެއް ކުރެވޭނެ. ދެންމެ ހީނާއާ ބެހޭގޮތުން ތިޔަ ވިދާޅުވި ވާހަކަތައް، އެކަމާގުޅޭ ފަރާތްތަކުން ބައްލަވާފައި ވިދާޅުވި، ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަން އެއީ. ދެން ޢަލީ ޝަރީފް. ޢަލީ ޝަރީފަކީ، ޢަލީ ޝަރީފް ޢައްޔަން ކުރެވުނު މިނިސްޓްރީގެ ދާއިރާގައި، އެ ދާއިރާގައި ޢަލީ ޝަރީފަށްވުރެ ތަޢުލީމީ ގޮތުންވެސް، ތަޖުރިބާގެ ގޮތުންވެސް ތަރޯ ބޭފުޅެއް، މޮޅު ބޭފުޅެއް ނުހުންނާނެ. އެކަން ހަމަ މެރިޓް ބޭސްކޮށް ބެއްލެވީމަ އެންމެން އެއްބަސްވާނެ. އެހެންވީމާ، އަޅުގަނޑު ބެލީ ހަމަ ވަރަށް ޓެކްނިކަލް، ވަރަށް މޮޅު ބޭފުޅަކު އެ ދާއިރާއަށް ޢައްޔަން ކުރަން.

އާމިނަތު މާޝާ – ދަ ޕްރެސް.:

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ މި ޒަމާނުގައި، އާރޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭ.އައި. މިވަގުތު ދުނިޔޭގައި އެންމެ ހަލުވި ސްޕީޑްގައި ކުރިއަރަމުންދާ ޓެކްނޮލޮޖީއެއް މިއީ. މި ޓެކްނޮލޮޖީ ބޭނުންތެރިގޮތެއްގައި ގިނަބަޔަކު ހިފަމުންދިޔަ ނަމަވެސް، އޭ.އައި.ގެ ބޭނުން ނަހަމަގޮތެއްގައި ބޭނުންކޮށް، މީހުންގެ އަގު ވައްޓާލުމާއި، ގަނާކޮށް، ފުރައްސާރަކުރުމަށް މަގުފަހިވާގޮތަށް ކަންކަން އެބަކުރޭ. ދެން ރާއްޖެ 2.0ގެ މިސްރާބު މިހުރީ ޒަމާނީ ޓެކްނޮލޮޖީއާ ވަރަށް ގާތަށް ދާއިރުގައި، ޓެކްނޮލޮޖީގެ ބޭނުން މިފަދަ ނަހަމަގޮތެއްގައި ހިފުމަކީ ވަރަށް ކަންބޮޑުވާކަމެއް. ދެން މިހެންކަމުން، މި ސަރުކާރުން އެއްވެސް ވަރަކަށް ވިސްނައި މަޝްވަރާކުރަންތޯ ރާއްޖޭގައި އޭ.އައި. ކޮންޓްރޯލް ކުރަން ނުވަތަ ނަހަމަގޮތުގައި މި ބޭނުންކުރާ މިންވަރު ދަށްކުރުމަށް ގަވާއިދެއް ނޫނީ ޤާނޫނެއް އެކުލަވާލަން އަދި އޭ.އައި. އާ ބެހޭ ޤާނޫނީ އޮނިގަނޑެއް ނަހަދަނީ ކީއްވެތޯ؟

ދެން ދެވަނަ ސުވާލަކީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންގެ އުޅުމާއި އަޚުލާޤަށް އަންނަ ބަދަލުތަކާހުރެ، ޔޫރަޕްގެ ޤާނޫނީ އިމުގެ ތެރެއިން ވަކި އުމުރުފުރާތަކަކަށް ސޯޝަލް މީޑިއާ މިވަނީ ބޭން ކޮށްފައި. މީގެ ނަތީޖާވެސް ރަނގަޅުކަމަށް ކޭސް ސްޓަޑީޒްތަކުންވެސް އެބަ ދައްކާ. ރާއްޖޭގައި އެފަދަ ސިޔާސަތެއް ތަންފީޒުކުރުމުގެ ވިސްނުން ނުގެންގުޅެނީ ކީއްވެގެންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

މޯލްޑިވްސް 2.0ގެ ތެރެއިން މިހާރު މި ހިނގާ މަޖިލިސް ދައުރަށް ތިން ބިލެއް ހުށަހަޅަން އެބަ ވަރަށް މަސައްކަތްކުރަން. ދެން ރިޔާސީ ބަޔާނުގައި އެ ވާހަކަ ދެންނެވިން. ދެން އެ ތިން ބިލު ވީހާވެސް އަވަހަކަށް ހުށަހަޅާނަން. އޭގެ އިތުރަށް އޭ.އައި. ބިލެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން. އޭގެ ތެރޭގައި އެ ބިލު ހިމަނައިގެން ހުށަހެޅުން ނޫނީ އިތުރު ބިލެއްގެ ގޮތަށްވެސް މަޖިލީހަށް ވަރަށް އަވަހަށް އާރޓިފިޝަލް އިންޓެލިޖެންސްއާ ބެހޭ، އޭ.އައި. ބިލެއް ދާނެ. އެއީ ކޮންމެގޮތެއްވިޔަސް، ޑިޖިޓަލައިޒޭޝަންގެ ތެރެއަށް ދާއިރުގައި، އަޅުގަނޑުމެން ސަފުގެ އެންމެ ކުރީގައި ތިބޭކަމަށްވަންޏާ އެމްބްރޭސް ކުރަންޖެހޭނެ ކަމެއް އޭ.އައި. އަކީ. އެހެންވެ އޭ.އައި. އެމްބްރޭސް ކުރާއިރު އޭ.އައި. އަކީ ޤާނޫނީ ނިޒާމެއްގެ ތެރެއަށް ވަދެގެންދާ، ރެގިއުލޭޓް ކުރެވޭ ނޫނިއްޔާ އެއާ ގުޅޭކަންކަން ބަޔާންކުރެވިފައި ހުންނަ ކަމަކަށް ވާންޖެހޭނެ. ދެން ސޯޝަލް މީޑިއާ އާ ގުޅިގެން ތިޔަ ވިދާޅުވި ކުޑަކުދިންނާއި ޒުވާނުންނާއި، މިއީ ޙަޤީޤަތުގައި އަޅުގަނޑުމެން ތެރޭގައި ވަރަށް ފުޅާ ދާއިރާއެއްގައި މުޅި މުޖުތަމަޢުގައި ވާހަކަ ދެއްކެންޖެހޭ މައްސަލައެއް. އަޅުގަނޑުމެންގެ ތެރޭގައި ޕަބްލިކް ޑިބޭޓަކަށް ދާންޖެހޭ މިކަމުގައި ކުރިޔަށް ދާނެގޮތެއް ހޯދަން. ސަރުކާރުން ވަރަށް ގާތުން އަޑު އަހާނަން.

އުސެއިމީން އަޙްމަދު –ސީ.އެން.އެމް.:

السلام عليكم.

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އަޕްޑޭޓެއް ދެވިދާނެތޯ؟ ދެން ދެވަނަ ސުވާލަކީ، ތެލުގެ ރިޒަރވް ވަރުގަދަ ކުރުމަށް ސަރުކާރުން ކުރަން ރައީސް އިޢުލާންކުރެއްވި މަސައްކަތް ފެށިގެން ދާނީ ކިހާ ހިސާބެއްގަތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

މަސައްކަތް ދެ ކަންތައްވެސް ފެށިފައި ވަނީ. ވިޔަފާރި ބަނދަރު މި އަންނަ އަހަރު ނޮވެންބަރު 11 ގައި އިރާދަކުރެއްވިއްޔާ ތިލަފުށީގައި ހުޅުވާނަން. އެއީ، ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވި ވާހަކައެއް. ދެން މިހާރު އޭގެ އެއް ފޭސްގެ މަސައްކަތް ހިނގަނީ. އިންޓަރނޭޝަނަލް ކީ ވޯލްއެއް ހެދުމުގެ މަސައްކަތް. ދެން އެއާ ގުޅިގެން ދެންހުރި ފޭސްތައް، ތިން ފޭސްއެއްގެ ތެރެއިން ގޮސް މި އަންނަ އަހަރުގެ ނޮވެންބަރު 11އަކީ އިރާދަކުރެއްވިއްޔާ މާލޭގެ މި އޮތް ވިޔަފާރީގެ ބަނދަރު ތިލަފުށީގައި ހުޅުވޭ ދުވަސް. ދެން ތެލުގެ ރިޒަރވް. މަސައްކަތްތައް ފެށިއްޖެ. އެއާ ގުޅިގެން އިއްޔެގެ ކެބިނެޓްގައިވެސް، އަޅުގަނޑުމެން ވަރަށް ފުޅާދާއިރާގައި މަޝްވަރާ ކުރިން. ކަމާބެހޭ ޤާނޫނުގެ ތެރެއިން އެބަހުރި އަދި ހަދަންޖެހޭ ގަވާއިދުތަކާއި ސްޓެންޑަރޑްތައްވެސް. އެއާ ގުޅިގެން ހެދޭ ސްޓެންޑަރޑްތަކާއި ގަވާއިދުތަކުގެ ތެރެއިން، ޕްރައިވެޓް ސެކްޓަރ ކުންފުނިތަކުގެ ބައިވެރިވުން އިތުރުކުރެވޭނެގޮތާއި، ދެންގޮސް މިކަހަލަ ވަރަށް ގިނަ ކަންކަން ކުރިޔަށް އޮތްތާނގައި، މި ވީކްލީ ބާއްވާ ޕްރެސް، މިނިސްޓަރސް މިކަމާބެހޭ ކޮމިޓީން ބާއްވާ ޕްރެސްގެ ތެރެއިން މި ޑީޓެއިލްސްތައް އަންނާނެ އިރާދަކުރެއްވިއްޔާ.

އާދެ ހުރިހާ ބޭފުޅުންނަށް ފުރުޞަތުދީ އިރާދަކުރެއްވީތީ މި ނިމިގެން ދިޔައީ. އަޅުގަނޑު އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

والسّـلام عليـكم